އަޙްޝަން ނަޢީމް ވ. އިލެކްޝަންސް ކޮމިޝަން، މުޙައްމަދު ނަޒީޙު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2026/HC-I-SH/1
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހައިކޯޓުގެ އަޣްލަބިއްޔަތުން ނިންމީ، K2.1 ފޮށީގެ ސުވާލު އުފެދުނު ތިން ވޯޓު ކަރުދާހަކީ ސިއްރުކަން ކަށަވަރުނުވާ ކަރުދާސްކަމަށް ބަލައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ބާޠިލުކޮށް، ނަތީޖާ އިޞްލާޙުކުރުމަށެވެ.
- ވާޤިޢާ
- 4 އެޕްރީލް 2026 ގައި މ. ވޭވަށު ކައުންސިލްގެ މެންބަރުކަމަށް އަޙުޝަން ނަޢީމާއި މުޙައްމަދު ނަޒީޙް ވާދަކުރިއެވެ. ތިން ވޯޓު ކަރުދާހުގައި ކަޅު ތިކި ހުރިކަމަށް ބުނެ ނަޒީޙް ޝަކުވާކުރިއެވެ. ނަތީޖާގައި އަޙުޝަނަށް 121، ނަޒީޙަށް 119 ވޯޓު ލިބުނެވެ. ނަޒީޙް އިންތިޚާބު ބާޠިލުކުރުމަށް އެދި ހައިކޯޓަށް ދިޔައެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވޯޓު ކަރުދާސް ޗާޕުކުރުމުގައި ޖެހުނުކަމަށް ބުނާ ދެލިތިކި ހުރި ތިން ވޯޓު ކަރުދާސް، އަސްލު ނުބަލާ ފޮޓޯތަކަށް ބަލައިގެން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ބާޠިލު ކަމަށް ހައިކޯޓުން ކަނޑައެޅުން ޞައްޙަތޯ؛ އަދި އިންތިޚާބު ބާޠިލުކުރުމަށް އެދުނު މައްސަލައެއްގައި ވޯޓު ކަރުދާސް ބާޠިލުކޮށް ނަތީޖާ އިޞްލާޙުކުރުމަށް އެންގުމަކީ ޚަޞްމަކު އެދިފައިނުވާ ފަރުވާއެއް ދިނުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އަޙުޝަން ބުނީ ތިކިތަކަކީ ޗާޕުކުރުމުގައި ޖެހުނު ދެލިކަމަށް ނޮވެލްޓީއާއި ކޮމިޝަނުން ބުނާއިރު ހައިކޯޓުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާ ރަނގަޅަށް ތަޠުބީޤުނުކޮށް، އެދިފައިނުވާ ފަރުވާ ދީ، ފަނޑިޔާރު ފަންނީ ރައުޔެއް ދިން ކަމަށެވެ. ނަޒީޙް ބުނީ ފާހަގަތައް ޖެހުނީ އިއްތިފާޤަކުން ނޫންކަމަށާއި ހައިކޯޓުން ދިނީ ކުޑަ ބަދަލު ފަރުވާއެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޗާޕުކުރުމުގައި ޖެހޭ ލިޔުމާއި ކުރެހުމަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ވޯޓު ބާޠިލުވާ ސަބަބެއް ނޫނެވެ. ހެއްކާބެހޭ ޤާނޫނުގެ 58 ވަނަ މާއްދާއަށް ބަލާއިރު އަސްލު ކަރުދާސް ނުބަލާ، ކަށަވަރުނުވާ ފޮޓޯއަށް ބިނާކުރުން ރަނގަޅެއް ނޫނެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާއާ ޚިލާފަށް ހައިކޯޓުން ދިނީ އެދިފައިނުވާ ފަރުވާއެކެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)؛ ދެފަރާތުން އެދުނު ޝަރީޢަތުގެ ޚަރަދު ނަގައިނުދެވުނު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރަށް ބަލާއިރު، ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެކެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސް ޗާޕުކުރާއިރު ލިޔެފައިވާ ލިޔުންތަކާއި ކުރަހާފައިވާ ނުވަތަ ކުރެހިފައިވާ ކުރެހުންތަކަކީ ބާޠިލު ވޯޓެއްގެ ގޮތުގައި ގުނޭނެ ސަބަބެއް ނޫނެވެ.
HN2 ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ޖަހާފައިވަނީ ނޫކުލައިން ކަމަށްވެ، ކަރުދާހުގައި ހުރިކަމަށް ބުނާ ތިކިތައް ހުރީ ވޯޓުލާ މަރުކަޒަށް ވެއްދުން މަނާކޮށްފައިވާ ކަޅު ކުލައިން ކަމަށްވާއިރު، އެކަމުގެ ޝަކުވާއެއް އެއްވެސް ފަރާތަކުން ކޮށްފައިނުވާނަމަ، އެ ތިކިތަކަކީ ވޯޓުލީ މީހާ އަމިއްލައަށް ޤަޞްދުގައި ކޮށްފައިވާ ކަމެއްގެ ނަތީޖާކަމަށް ޤަބޫލެއް ނުކުރެވޭނެއެވެ.
HN3 ލިޔުމެއްގައިވާ ކަމެއް ސާބިތުކުރެވޭނީ ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި، އެބަހީ އެ ލިޔުމުގެ އަސްލު ހުށަހަޅައިގެންނެވެ. ވޯޓު ކަރުދާސްތަކުގައި ހުރި ތިކިތަކާމެދު ސުވާލު އުފެދިފައިވާ ޙާލަތުގައި އެކަން ކަށަވަރުކުރެވޭނީ އެ ކަރުދާސްތަކުގެ އަސްލު ކޯޓަށް ގެނެސް ބަލައި ދިރާސާކޮށްގެންނެވެ. އަސްލާ އެއްގޮތްކަން ކަށަވަރުނުވާ ފޮޓޯތަކަކަށް ބަލައިގެން، އަސްލު ވޯޓު ކަރުދާސްތަކުގައި އޭގެ ސިއްރުކަން ގެއްލޭފަދަ ތިކިތަކެއް ހުރިކަމަށް ބެލިދާނެ ޝަރުޢީ ޤާނޫނީ ހަމައެއް ނެތެވެ.
HN4 އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ޚަޞްމަކު އެދިފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް، ނުވަތަ ޚަޞްމަކު އެދުނު ފަރުވާގެ އިތުރުން އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެން ނުވާނެއެވެ. ދަޢުވާގައި އެދިފައިނުވާ ބަދަލެއް ނަގައިދިނުމަކީ ޝަރީޢަތްކުރުމުގެ އުޞޫލުތަކާ މުޅިން ޚިލާފު ކަމެކެވެ. އަދި ޝަރީޢަތުގައި ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމަކީ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރެއް ނޫނެވެ.
HN5 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްގައި ވޯޓުގެ ސިއްރުކަން ގެއްލޭކަމަށް ބުނެ ހުށަހަޅާ ޝަކުވާއަކީ 65 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއަށް ވަދެދާނެ ކަމެއް ނަމަ، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ނިންމުމެއް ނިންމާއިރު ފަނޑިޔާރު ރުޖޫޢަވާންޖެހޭނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) އަށެވެ. އެއީ އިންތިޚާބު ބާޠިލުކޮށް އަލުން އިންތިޚާބު ބޭއްވުމަށް އަމުރުކުރުމެވެ. އިންތިޚާބު ބާޠިލުކުރުމަށް އެދުނު މައްސަލައެއްގައި، ވޯޓު ކަރުދާސްތައް ބާޠިލުކަމަށް ކަނޑައަޅައި ރަސްމީ ނަތީޖާ އިޞްލާޙުކޮށް އަލުން އިޢުލާންކުރުމަށް އެންގުމަކީ އެ ނައްޞުތަކާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ކަމެކެވެ.
HN6 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުން ވޯޓު ކަރުދާހެއްގައި ދެލިބުރާފައި ހުރެގެން އެ ވޯޓެއް ޞައްޙަ ނުވާނެކަމަށް ދެކޭ ފަރާތަކަށް އިލެކްޝަންސް ކޮމިޝަނަށާއި ކޯޓުތަކަށް ހުށަހެޅުމުގެ ފުރުޞަތު ލިބިދީފައިވާއިރު، ވޯޓު ކަރުދާސްތަކުގައި ހުންނަ ހުރިހާ ކުނޑި ނުވަތަ ދެލި ތިކިތައް ނައްތާލުމަކީ މުސްތަޙީލު ކަމެއް ކަމަށްވާތީ، ޗާޕު ދެލި ތިކި ހުންނަ ހުރިހާ ވޯޓު ކަރުދާހެއްގައި ލާފައިވާ ވޯޓު ބާޠިލުކަމަށް ކަނޑައަޅާނަމަ، އެއީ ކުރިމަގުގައި ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް ޗާޕު ދެލި ޖެހިފައި ހުންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާޠިލު ވޯޓެއް ކަމުގައި ކަނޑައެޅުމަށް ހުޅުވޭ ދޮރެއް ކަމުގައި ވެ، މުޅި އިންތިޚާބީ ނިޒާމަށް އިޢާދަ ނުކުރެވޭވަރުގެ ގެއްލުމާއި ނޭދެވޭ އަސަރެއް ކޮށްފާނެއެވެ.
HN7 މައްސަލައެއްގައި ޙުކުމް ބިނާވާނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކާއި ޤަރީނާ ވަޒަންކޮށް، އެ ހެކިތަކާއި ޤަރީނާތަކުން ފަނޑިޔާރަށް ނެރެވޭ ނަތީޖާގެ މައްޗަށެވެ. ހުށަހެޅުނު ހެކިތައް ވަޒަންކޮށް ވޯޓު ކަރުދާސްތަކަކީ ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާގޮތަށް ހުރި ކަރުދާސްތަކެއް ކަމަށް ފަނޑިޔާރަށް ބުރަވެވުމަކީ ދެލިތިކި ހުރުމަށް މެދުވެރިވި ސަބަބާ ގުޅޭގޮތުން ދީފައިވާ ފަންނީ ރައުޔެއް ނޫނެވެ. އަދި އެއީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއް ނޫނެވެ.
HN8 ޝަރީޢަތުގެ ޚަރަދަކީ ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓަށް ނަގައިދެވޭ ޚަރަދެކެވެ. ނަގައިދިނުމަށް އެދޭ ޚަރަދުގެ ތަފްޞީލާއި، އެ މިންވަރު ޚަރަދުވެފައިވާކަން އަންގައިދޭ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ، ކާމިޔާބުވި ފަރާތަށްވެސް ޚަރަދު ނަގައިނުދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝަފީޢު، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު ޝިފާޢު، ޢަލީ ރިޝާ އިސްމާޢީލް، އެޑްވޮކޭޓް ލޯ ފަރމް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
- ޢާލިޔާ ޙަނީފް
- ބެންޗު
- ޢަބްދުﷲ ޙަމީދު (ރިޔާސަތު)، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- ޢަބްދުﷲ ޙަމީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2026] SC 18 2026/SC-A/19 ޝަރީޢަތް ނިމުނުގޮތް އަޙްޝަން ނަޢީމް ވ. އިލެކްޝަންސް ކޮމިޝަން އަދި އިތުރު ފަރާތެއް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޙުސައިން ޝަހީދު ފަނޑިޔާރު މުޙައްމަދު ސަލީމް ނިމުނު ތާރީޚު 11 ޖޫން 2026 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2026/HC-I-SH/1 އިސްތިއުނާފުކުރާ ފަރާތް އަޙްޝަން ނަޢީމް، ޕެންޒީމާގެ، މ. ވޭވަށް ޤާނޫނީ ވަކީލު: 1. އަލްއުސްތާދު ޙުސްނުއްސުޢޫދު، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ 2. އަލްއުސްތާދު މުޙައްމަދު ޝަފީޢު، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ އިސްތިއުނާފު ރައްދުވާ ފަރާތް 1. އިލެކްޝަންސް ކޮމިޝަން ބަދަލުގައި: ޑިރެކްޓަރ އަލްއުސްތާދާ ޢާލިޔާ ޙަނީފް 2. މުޙައްމަދު ނަޒީޙު ޤާނޫނީ ވަކީލު: 1. އަލްއުސްތާދު އަޙްމަދު ޝިފާޢު، އެޑްވޮކޭޓް ލޯ ފަރމް އެލް.އެލް.ޕީ 2. އަލްއުސްތާދު ޢަލީ ރިޝާ އިސްމާޢީލް، އެޑްވޮކޭޓް ލޯ ފަރމް އެލް.އެލް.ޕީ އަޙުޝަން ނަޢީމް ވ. އިލެކްޝަންސް ކޮމިޝަން އަދި އިތުރު ފަރާތެއް
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު (ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދުކުރައްވާފައި)
ތަޢާރަފް
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މ. ވޭވަށް ޕެންޒީމާގެ އަޙުޝަން ނަޢީމް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ އިލެކްޝަން ކޮމިޝަންއާއި، މ. ވޭވަށް، ސީޑްރީމް، މުޙައްމަދު ނަޒީޙް އެވެ.
ކަންހިނގާދިޔަ ގޮތުގެ ޚުލާސާ
2އަޙުޝަން ނަޢީމާއި، މުޙައްމަދު ނަޒީޙަކީ، 4 އެޕްރީލް 2026 ގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި މ. އަތޮޅު ވޭވަށު ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލި ދެ ކެންޑިޑޭޓުންނެވެ.
3މ. ވޭވަށުގައި ބެހެއްޓުނު ވޯޓު ފޮއްޓެއް ކަމުގައިވާ K2.1 ފޮށީގެ ވޯޓު އެ މަރުކަޒުގައި ގުނަމުންދިޔައިރު، (ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ނޫން، އިތުރު ނިޝާންތަކެއް ޖަހާފައި ހުރި) ބާޠިލު ވޯޓުކަމަށް ޝައްކުކުރެވޭ 02 ވޯޓު ކަރުދާސް، ޞައްޙަކަމަށް ކަނޑައަޅާފައިވާ ގޮތާމެދު ސުވާލުއުފެދޭތީއާއި، އެ ޝަކުވާ 5 އެޕްރީލް 2026 ގައި އިލެކްޝަންސް ކޮމިޝަނަށް މުޙައްމަދު ނަޒީޙްގެ ފަރާތުން ހުށަހެޅިއެވެ. އެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މުޙައްމަދު ނަޒީޙާ ވާދަކުރި ކެނޑިޑޭޓާ ދެމެދުގައި ވަނީ 2 (ދޭއް) ވޯޓުގެ ތަފާތެވެ.
4މ. ވޭވަށުގައި ބެހެއްޓުނު ނަންބަރު K2.1 ވޯޓު ފޮށީގެ 12 ވޯޓު ކަރުދާހަކާ ގުޅިގެން މުޙައްމަދު ނަޒީޙްގެ ފަރާތުން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ޝަކުވާ ހުށަހެޅިކަމަށާއި، މިއިން އެއްވެސް ކަރުދާހަކާ ގުޅިގެން ވޯޓުލާ މަރުކަޒަށް ޝަކުވާ ހުށަހަޅާފައިނުވާކަން ވޯޓުލާ މަރުކަޒުގެ، ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމަށާއި، އެ ރިޕޯޓަކީ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށްފައިވާ ރިޕޯޓެއްކަމަށް އިލެކްޝަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
5މުޙައްމަދު ނަޒީޙްގެ ފަރާތުން ހުށަހެޅި ޝަކުވާއާ ގުޅިގެން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމީ، K2.1 ވޯޓު ފޮށީގެ ވޯޓު ގުނުމާމެދު ކޮށްފައިވާ ޝަކުވާތައް ބެލިއިރު، ވޯޓު ފޮށީގެ ކަރުދާސްތައް ގުނައިގެން މެނުވީ މ. ވޭވަށު ކައުންސިލްގެ މެންބަރުންގެ ވޯޓު ކަށަވަރު ނުކުރެވޭނެތީ، ނަންބަރު K2.1 ވޯޓު ފޮށީގެ ޚާއްޞަ ސެކިއުރިޓީ އުރަ ކަނޑައި، ވޯޓު ގުނައި އަލުން ނަތީޖާ ކަނޑައެޅުމަށެވެ.
6ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމީ، ސުވާލު އުފެދުނު ވޯޓުތަކަކީ ޞައްޙަ ވޯޓުތަކެއް ކަމަށް ވޯޓު ފޮށީގެ ވެރިޔާ ނިންމި ނިންމުން ބަދަލު ނުކުރުމަށެވެ.
7ވޯޓު އަލުން ގުނިއިރު، ނަންބަރު K2.1 ވޯޓު ފޮށީގެ ކަރުދާސްތަކުގެ ތެރެއިން ބާޠިލު ވޯޓުކަމަށް ޝައްކުކުރެވޭ 03 ވޯޓު ކަރުދާސް ޞައްޙަކަމަށް ކަނޑައަޅާފައިވާކަމަށް މުޙައްމަދު ނަޒީޙްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
8އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމުން، މުޙައްމަދު ނަޒީޙްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ވާދަކުރި ކެނޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބު ބާޠިލްކޮށް އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
9މުޙައްމަދު ނަޒީޙްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފައިވަނީ، 04 އޭޕްރީލް 2026 ގައި ބޭއްވި "މ. ވޭވަށު ކައުންސިލް މެންބަރު" ކަމުގެ އިންތިޚާބުގައި، މ. ވޭވަށު ސްކޫލްގައި ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ރަސްމީ ނަތީޖާ އިޢުލާންކުރުމުގައި މި މައްސަލައިގައި ސުވާލު އުފައްދާފައިވާ ތިން ވޯޓު ކަރުދާސް ޞައްޙަ ކަމަށް ނިންމި ނިންމުން ބާޠިލް ކަމަށް ކަނޑައަޅައި، އެ ތިން ވޯޓު ކަރުދާސް ވަކިކޮށް ދެނެގަނެވޭ ފަދަ ފާހަގައެއް ހުރިކަން އެނގެން އޮތުމުން، އެ ވޯޓުތަކުގެ ސިއްރުކަން ކަށަވަރުކުރެވިފައި ނުވާތީ، އެ ވޯޓު ކަރުދާސްތަކަކީ ބާޠިލް ކަރުދާސްތަކެއް ކަމަށް ކަނޑައަޅައި، K2.1 ވޯޓު ފޮށީގެ ރަސްމީ ނަތީޖާ ބުނެވިދިޔަ ގޮތުގެ މަތިން އިޞްލާޙުކޮށް އަލުން އިޢުލާންކުރުމަށް އަންގައެވެ. އެ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށެވެ.
9.1 މި މައްސަލައިގައި ހިމެނޭ ވޯޓު ކަރުދާސްތަކުގައި ފާހަގައެއް ހުރިކަން ސާފުކޮށް އެނގޭއިރު، އަދި އެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެއްބަސްވާއިރު، އެއީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި ޖެހިފައިވާ ފާހަގައެއްކަން އެކަށީގެންވާ ހަމައަކުން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައިނުވާކަން.
9.2 ވޯޓު ކަރުދާހުގައި އެ ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގައެއް ނުވަތަ ނިޝާނެއް އޮތުމަކީ، އެ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމެއް ކަމާއި، ބަހުސްގެ ބޭނުމަށް އެއީ ޕްރިންޓްކުރުމުގައި ދިމާވެފައިވާ ކަމެއް ކަމުގައި ވިޔަސް، އެފަދަ ނިޝާނެއް ހުރުމުން ވޯޓުގެ ސިއްރުކަން ގެއްލޭނަމަ، އެ ކަމުގައި ވަކި ތަފާތެއް ގެންގުޅެންޖެހޭ ކަމަށް ނުދެކޭކަން.
9.3 މި މައްސަލާގައި ހުށަހެޅިފައިވާ، ދުރުން ނަގާފައިވާ ފޮޓޯތަކުން ވެސް އެ ފާހަގަތައް ހުރިކަން ދެނެގަނެވެން އޮތުމާއި، ވޯޓު ގުނަމުންދިޔަ ވަގުތު އެ ތަނުގައި ތިބި ފަރާތްތަކަށް އެ ފާހަގަތައް ފާހަގަކުރެވި ޝަކުވާ ހުށަހަޅާފައިވުމާއި، ހުށަހެޅުނު ޝަކުވާއާ ގުޅިގެން، ވޯޓު ކަރުދާސްތަކުގައި ހުރި ފާހަގަތަކުގެ ސަބަބުން، ވޯޓު ކަރުދާސްތަކުގެ ތެރޭގައި ޞައްޙަ ވޯޓުކަން ނުވަތަ ބާޠިލް ވޯޓުކަން ކަށަވަރު ނުކުރެވޭ ވޯޓު ކަރުދާސް ހުރިކަމަށް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކަނޑައަޅާފައިވުމާއި، އެ ފަދަ ފާހަގައެއް ހުރިތޯ ކަށަވަރުކުރުމުގެ ގޮތުން، ވޯޓު ފޮށި އަލުން ގުނުމަށް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމާފައިވުމާއި، މި ކަންކަމަށް ބަލާއިރު، މައްސަލައިގައި ހިމެނޭ 3 (ތިނެއް) ވޯޓު ކަރުދާހުގައި ހުރި ފާހަގަތަކަކީ، މަތިމަތިން ބެލުމުން ވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭ ފަދަ ފާހަގަތަކެއް ކަމުގައި ޤަބޫލުކުރެވޭކަމާއި، އެހެންކަމުން، އެ ވޯޓުތަކަކީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 7ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭ ގޮތަށް ހުރި ވޯޓުތަކެއް ނޫންކަން ދެނެގަނެވޭކަން.
9.4 ވޯޓު ކަރުދާހުގައި ވަކި މިވެނި ފާހަގައެއް އޮންނާނެކަމަށް ބުނުމުގެ ފުރުސަތު އޮވެ، އެ ފާހަގައަކީ ދުރުން ބަލަން ތިބޭ ފަރާތްތަކަށް މަތިމަތިން ބެލުމުންވެސް ފާހަގަވާން އޮންނާނެފަދަ ފާހަގައެއްނަމަ، އެ ވޯޓު ކަރުދާހަކީ ވަކިކޮށް ދެނެގަނެވޭނެފަދަ ފާހަގައެއް އޮތް، އަދި ސިއްރުކަން ކަށަވަރުނުވާ ކަރުދާހެއްކަން.
9.5 ޕްރިންޓްކުރުމުގެ ތެރޭގައި ވެސް، އެ ކަރުދާސް ވަކިކޮށް ދެނެގަނެވޭ ފަދަ ފާހަގައެއް ހުރިނަމަ، އެއީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ (ހ) ގެ 5ވަނަ ނަންބަރަށް ޤިޔާސްކޮށް ބަލާއިރު، މުޅި ޤާނޫނުގެ މައިގަނޑު އެއް މަޤްޞަދު އަދި އެ މާއްދާގެ މަޤްޞަދު ހާސިލުނުވާނެ ގޮތަށް، ސިއްރުކަން ކަށަވަރު ނުކުރެވޭގޮތަށް ހުރި ވޯޓު ކަރުދާސްތަކެއްކަން ދެނެގަނެވޭހިނދު، މި މައްސަލާގައި ހިމެނޭ 3 (ތިނެއް) ވޯޓު ކަރުދާހަކީ ބާޠިލް ވޯޓުގެ ގޮތުގައި ގުނަންޖެހޭ ކަރުދާސްތަކެއް ކަމަށް ދެކޭކަން.
9.6 ވަކިވަކި ވޯޓު ބާޠިލްވުމުގެ ޙާލަތަކީ، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 65ވަނަ މާއްދާގެ (ހ) ގެ ދަށުން މުޅި އިންތިޚާބު ނުވަތަ އެ ސަރަހައްދެއްގެ އިންތިޚާބު ބާޠިލްކުރަންޖެހޭ ފަދަ ކަމެއް ކަމުގައި ބަލައިގެންފައިވާ ކަމެއްނޫންކަމާއި، އެހެންކަމުން މި މައްސަލާގައި މުޅި އިންތިޚާބު ނުވަތަ އެ ސަރަހައްދުގެ އިންތިޚާބު ބާޠިލްކަމަށް ކަނޑައަޅަންޖެހޭ ފަދަ ކަމެއް ހުށަހެޅިފައިނުވާތީ، އިންތިޚާބު ބާޠިލްކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމާއި، މި މައްސަލާގައި ގޮތް ނިންމޭނީ، މި މައްސަލާގައި ހިމެނޭ 03 (ތިނެއް) ވޯޓު ކަރުދާހުގެ ޞައްޙަ ނުވަތަ ބާޠިލްކަމާމެދު އެކަނިކަން.
10އިސްވެ ބަޔާން މި ކުރެވުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ އަޣްލަބިއްޔަތު ރައުޔު ބިނާކޮށްފައިވާ ސަބަބުތަކެވެ. އަޤައްލިއްޔާ ރައުޔުގައި ބަޔާންކުރަނީ، ސުވާލު އުފައްދާ ވޯޓު ކަރުދާސްތަކުގައި ހުރި ދެލިތިކިތަކަކީ، ވޯޓުލީ ފަރާތުން ޖަހާފައިވާ ފާހަގައެއްކަން ނުވަތަ އެ ފަރާތުން ލިޔެފައިވާ ލިޔުމެއްކަން ނުވަތަ އެ ފަރާތުން ކުރަހާފައިވާ ކުރެހުމެއްކަން ފާހަގަކުރެވިފައި ނުވާކަމަށާއި، އެއާ ޚިލާފަށް އެ ކަރުދާސްތަކުގައި ހުރިކަމަށް ބުނާ ދެލިތިކިތަކަކީ ކަރުދާސް ޗާޕްކުރުމުގެ ތެރޭގައި ޖެހިފައިވާ ދެލިތަކެއް ކަމަށް ބުނާ ބުނުމަށް ބުރަވެވޭކަމަށެވެ. އަދި މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ނުކުރާ ދެލިތިކިތައް ވެސް އެ ކަރުދާސްތަކުގައި ހުރުމާއި، ދެލިތިކިތަކުގެ އަދަދާއި، ހުރި ތަންތަނާއި، ދެލީގެ ކުލަ ފާޅުވާން ހުރި ގޮތުގެ އިތުރުން، މިފަހަރުގެ އިންތިޚާބުގައި ޗާޕުކުރެވުނު ވޯޓު ކަރުދާސްތަކުގައި ދެލިތިކިތައް ހުރުމުގެ ފުރުސަތު އޮތްކަމަށް ނޮވެލްޓީއާއި އިލެކްޝަންސް ކޮމިޝަނުން ބުނާ މިންވަރަށް ބަލާއިރު، މި ވޯޓު ކަރުދާސްތަކުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމަށް ނުބެލެވޭކަމަށެވެ.
11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާގެ ނިންމުން އަޙުޝަން ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އަޙުޝަން ނަޢީމްގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ގޮތުން ހުށަހެޅި
12.1 ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56ވަނަ (ހ) ގެ (5) ގެ ނައްޞާއި ރޫޙާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، މި މައްސަލައިގައި ހިމެނޭ 3 (ތިނެއް) ވޯޓު ކަރުދާސްކޮޅު ހައިކޯޓުން ބާޠިލްކުރީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ޙަވާލާދީ ކަމަށާއި، އެ މާއްދާ ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަކަށްނޫން ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުން ބާޠިލުކުރި 3 (ތިނެއް) ވޯޓު ކަރުދާހުގައި، އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުލީ މީހަކު އަމިއްލައަށް އެއްވެސް ފާހަގައެއް ޖަހާފައި ނުވާކަން ސާބިތުވާކަމަށާއި، އެ 3 (ތިނެއް) ކަރުދާސްކޮޅުގައި ހުރި ތިކިތަކަކީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި އަރާފައި ހުންނަ ޗާޕު ދެލީގެ ތިކިތަކެއް ކަމަށް ވޯޓު ކަރުދާސް ޗާޕުކުރި ފަރާތްކަމަށްވާ ނޮވެލްޓީން ބުނެފައިވާކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަނުން ވެސް އެކަން ކަށަވަރުކޮށްދީފައިވާކަމަށާއި، އަދި މި ތިކިތައް ހުރީ ކަޅުކުލައިން ކަމަށްވާއިރު، ވޯޓު ލާ މަރުކަޒުގައި ބޭނުންކުރީ ނޫކުލައިގެ ގަލަންކަން ވެސް ސާބިތުވާކަމަށާއި، މިކަން މިހެން އޮތް އިރު މި ނޫން ގޮތަކަށް މި ކަން ހައިކޯޓުގެ އަޣުލަބިއްޔަތު ފަނޑިޔާރުންނަށް ފެނުނު ގޮތެއް ބުނެދެވިފައިނުވާ ކަމަށާއި، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙުން، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ (ހ) ގެ ނަންބަރުތަކުގެ ތެރެއަށް (5) އިތުރުކުރީ ވޯޓުގެ ސިއްރުކަން ގެއްލުވާލައި އެ މީހާ ވޯޓުލީގޮތް ވަކި ފަރާތަކަށް އެންގުމަށް އެ ކަން ކުރާކަން ފާހަގަކުރެވިގެން އެ ކަން ހުއްޓުވުމަށް ކަމަށާއި، މ. ވޭވަށުގައި ބެހެއްޓުނު K2.1 ފޮށީގައި މި ފަދަ ގޮތަކަށް ވޯޓުލީ އެއްވެސް މީހަކު ކަންކޮށްފައިނުވާ ކަމަށެވެ.
12.2 ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ލިބިދީފައިވަނީ ދަޢުވާކުރާ ފަރާތުން އެދިފައިނުވާ ފަރުވާއެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ޤަޟިއްޔާގެ ޙުކުމުގެ 43ވަނަ ޕެރެގްރާފާއި، ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39ވަނަ މާއްދާގައި ބުނެފައިވަނީ ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ނަގައިދިނުމުގެ ބާރު ކޯޓުތަކަށް ނެތް ކަމަށާއި، ނަމަވެސް މި މައްސަލައިގައި ހައިކޯޓުގައި ދަޢުވާކުރި ފަރާތުން އެދިފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 64ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިންތިޚާބު ބާތިލުކޮށްދިނުމަށް ކަމަށާއި، އެ ކަން އެ ގޮތަށް ކުރެވޭނެ ޙާލަތެއް ނެތް ކަމަށް ހައިކޯޓުން ކަނޑައެޅި ކަމަށާއި، ނަމަވެސް މީގެ އިތުރުން، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56ވަނަ (ހ) ގެ (5) ގެ ދަށުން މައްސަލައިގައި ހިމެނޭ 3 (ތިނެއް) ވޯޓު ކަރުދާސްކޮޅު ބާޠިލުކަމަށް ވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ކަމަށާއި، އެއީ ދަޢުވާކުރާ ފަރާތުން ހައިކޯޓުން ހޯދަން އެދުނު ފަރުވާއެއް ނޫން ކަމަށެވެ.
12.3 ތިންވަނަ ނުކުތާއަކީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ 4 އެޕްރީލް 2026 ގައި ދިވެހިރާއްޖޭގައި ބޭއްވި އެންމެހާ ކައުންސިލުތަކުގެ އިންތިޚާބުތަކުގެ ޞައްޙަކަމަށް އަސަރުކުރާ ފަދަ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، މި މައްސަލައިގައި ހިމެނޭ 3 (ތިނެއް) ވޯޓު ކަރުދާސްކޮޅުގައި ހުރި ތިކިތަކަކީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި އަރާފައި ހުންނަ ޗާޕު ދެލީގެ ތިކިތަކެއް ކަމަށް ވޯޓުކަރުދާސް ޗާޕުކުރި ފަރާތްކަމަށްވާ ނޮވެލްޓީންނާއި، އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައިވާއިރު، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ބެހެއްޓުނު ހުރިހާ ވޯޓު ފޮށިތަކަށް ލީ ވޯޓުތަކުގައި ޗާޕު ދެލި ބުރާފައި ހުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، ވީމާ މި ގޮތަށް ދެލިބުރާފައި ހުރި ހުރިހާ ކަރުދާހުގައި ލާފައިވާ ވޯޓު ބާތިލުކުރާނަމަ، މުޅި ރާއްޖޭގެ އެކި ފޮށިތަކުގެ ނަތީޖާއަށް ބަދަލު އަންނާނެ ކަމަށާއި، ވީމާ މި ފަދަ ނަތީޖާއެއް ނިކުންނަ ގޮތަށް ހައިކޯޓުން ޙުކުމްކޮށްފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 64ވަނަ މާއްދާއާއި، 56ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
12.4 ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރުމުގައި، ވާޤިޢާއެއްގެ މައްޗަށް ފަނޑިޔާރު ފަންނީ ހެކިބަހެއް ދޭގޮތަށް ރައުޔެއް ބަޔާންކޮށްފައި އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، ޝަރީޢަތްކުރުމުގެ ހަމަތަކަށް ބަލާއިރު ޚަބީރަކު ދޭ ހެކިބަހެއް ގޮތަށް ވާޤިޢާއެއް ކަށަވަރުކޮށްދިނުމަކީ ފަނޑިޔާރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެ ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ޖެހޭނީ މިނިވަން ޚަބީރެއްގެ ރައުޔު ހޯދަން ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ 48ވަނަ ޕެރެގްރާފުގައި ބުނެފައިވަނީ ”މި މައްސަލައިގައި ހިމެނޭ 3 ވޯޓު ކަރުދާހުގައި ހުރި ފާހަގަތަކަކީ، މަތިމަތީން ބެލުމުންވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމަށް އަހުރެންނަށް ގަބޫލުކުރެވެއެވެ.“ މިފަދައިން ކަމަށާއި، އެ ކަމުގެ މާހިރުންނާއި، ޗާޕުކުރާ ފަރާތުން ބުނެފައިވާ އެއްޗަކާއި ފަނޑިޔާރުގެ އެކްސްޕާޓް އޮފީނިއަންއާ ފުށުއަރާ ކަމަށާއި، މިޙާލަތުގައި އެކްސްޕާޓް އޮފީނިއަންއެއް ދޭނީ ފަނޑިޔާރުކަމަށް ވެގެންނުވާނެ ކަމަށާއި، އެ ވާހަކަ ބުނަންވާނީ މިނިވަން އެހެން އެކްސްޕާޓެއް ކަމަށާއި، އެހެން ނޫންނަމަ ފަނޑިޔާރު ވަކިފަރާތަކަށް ބުރަވެފައިވާ ކަމަށް ދޭހަވާނެ ކަމަށެވެ.
13އިސްވެ ބަޔާންކުރެވުނު ފަދައިން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށްފަހު، އަޙުޝަން ނަޢީމްގެ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، މ. ވޭވަށުގެ ކައުންސިލަށް މެންބަރުން ހޮވުމަށް 4 އެޕްރީލް 2026 ގައި ބޭއްވުނު އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން އިއްވާފައިވާ ދާއިމީ ނަތީޖާއަކީ ޞައްޙަ ނަތީޖާއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ޖެހުމުގެ ސަބަބުން ޚަރަދުވެފައިވާ ޖުމްލަ 300،000ރ (ތިންލައްކަ ރުފިޔާ) އަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އިސްތިއުނާފުކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށް އަޙްޝަން ނަޢީމްގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ޖަވާބު
14އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ:
14.1 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 17ވަނަ މާއްދާގެ އަލީގައި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު ގެ 56ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ "ބާޠިލު ވޯޓު" މާނަކުރަން ބަލާއިރު، އެ މާއްދާގެ މަޤްޞަދަކީ ވޯޓު ކަރުދާސް ތައްޔާރުކުރާއިރު ނުވަތަ ޗާޕުކުރާއިރު ލިޔެފައިވާ ލިޔުންތަކާއި ކުރަހާފައިވާ ނުވަތަ ކުރެހިފައިވާ ކުރެހުންތައް ފިޔަވައި ވޯޓުލާން ދާ މީހާ، އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓު ދޭ މީހާ އިތުރު ލިޔުމެއް، ކުރެހުމެއް، ފާހަގައެއް ޖަހާފައިވާ ވޯޓުކަން އެނގޭކަމަށާއި، މި މާއްދާގެ މަޤްޞަދަކީވެސް ވޯޓު ލާން ދާމީހާ ވޯޓު ކަރުދާހުގައި އިތުރު ލިޔުންތަކާއި ކުރެހުންތަކާއި ފާހަގަތައް ޖެހުން ހުއްޓުވުން ކަން، މި މާއްދާއަށް ބެލުމުން އެނގޭކަމަށާއި، މި މައްސަލާގައި ސުވާލު އުފައްދާފައިވާ ތިން ވޯޓު ކަރުދާހުގައި ހުރިކަމަށް ބުނާ ދެލިތިކިތަކަކީ ވޯޓު ލާން ދިޔަ މީހާ ޖަހާފައިވާ ދެލިތިކިތަކެއްކަން ސާބިތުވާން ނެތް އިރު، އެ ވޯޓު ކަރުދާސް ބާޠިލުކަމަށް ހައިކޯޓުން ނިންމާފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ ރޫޙާ ޚިލާފަށް ކަމަށެވެ. އަދި އެ ކަރުދާސްތަކުގައި ހުރި ދެލިތިކިތަކާ ގުޅިގެން ވޯޓު ކަރުދާސް ބާޠިލުކުރާ ޙާލަތުގައި ބާޠިލުކުރަންވާނީ ހަމައެކަނި އެ 3 ކަރުދާހެއް ނޫން ކަމަށާއި، ދެވަނަ ފަހަރަށް ވޯޓު ފޮށި ގުނިއިރު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަރުދާހުގައިވެސް ތިކިހުރިކަން ފާހަގަކުރެވުނު ނަމަވެސް މިއިން އެއްވެސް ކަރުދާހެއް ބާޠިލުކޮށްފައި ނުވާކަމަށެވެ.
14.2 އަދި ބަހުސްގެ ބޭނުމަށް މި މައްސަލައިގައި ސުވާލު އުފައްދާފައިވާ ތިން ވޯޓު ކަރުދާސް ޞައްޙަ ކަމަށް ނިންމި ނިންމުން ބާޠިލު ކަމަށް ކޯޓުން ކަނޑައަޅާ ޙާލަތުގައިވެސް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި އެ މާއްދާގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެ ކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، ޝަރީޢަތުން ނިންމަންވާނީ އެ ސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އިންތިޚާބު އަލުން ބޭއްވުމަށްކަން އެނގޭކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރި މައްޗަށް ހުށަނޭޅޭ ކަމެއްގެ މައްޗަށް ގޮތެއް ކަނޑައެޅުން ނުވަތަ ނޭދޭ ޙައްލެއް އެ ކޯޓުން ފޯރުކޮށްދިނުމަކީ އިންސާފު ޤާއިމުކުރުމުގެ ޠަބީޢަތާ މުޅިން ޚިލާފުކަމެއްކަމަށް ބަޔާންކޮށްފައިވާކަމަށާއި، މިމައްސަލާގައި ހައިކޯޓުން ގޮތެއް ނިންމެވުމުގައި ފަނޑިޔާރުން ކަނޑައަޅާފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިނުވާ ފަރުވާއެއް ނަގައިދިނުން ކަމަށްވާތީ، މިއީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން އެނގޭކަމަށެވެ.
14.3 އަދި މި މައްސަލައިގައި ސުވާލު އުފައްދާފައިވާ 3 ވޯޓު ކަރުދާހުގައި ހުރި ތިކިތައް ހުރީ ކަޅު ކުލައިން ކަމަށްވެފައި، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންކޮށްފައިވަނީ ނޫކުލައިގެ ގަލަމެއްކަމަށްވާއިރު، މިކަން ސާބިތުކުރުމަށް އެ ވޯޓު ކަރުދާސްތައް ޝަރީޢަތުގެ މަޖިލީހަށް ގެނެވުމުގެ ފުރުޞަތު އޮތްނަމަވެސް ކޯޓުން އެ ކަރުދާސްތަކަށް ބެލުމެއްނެތި ހަމައެކަނި ފޮޓޯއަކަށް ބަލައިގެން، އަދި މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ވޯޓު ކަރުދާސް ޗާޕުކުރި ފަރާތުގެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމަކާ ނުލައި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ އިންތިޚާބީ ނިޒާމް ހިނގާގޮތުގެ މައިގަނޑު އަސާސްތަކާ ފުށުއަރާނެ ނަތީޖާއެއް ނިކުމެދާނެ ގޮތެއްގެ މަތިން ކަމަށާއި، އިންތިޚާބުގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާގޮތަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ 3 ވޯޓު ކަރުދާހުގައި ދީފައިވާ ވޯޓަކީ ސިއްރުކަން ކަށަވަރުކުރެވޭގޮތަށް ހުރި ވޯޓުތަކެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވީ ނަމަވެސް، ވޯޓު ކަރުދާސްތަކުގައި ހުންނަ ހުރިހާ ކުނޑި ނުވަތަ ދެލި ތިކިތައް އެއްކޮށް ނައްތާލުމަކީ މުސްތަޙީލުކަމެއް ކަމަށާއި، މި ގޮތަށް ތިކި ހުރި ހުރިހާ ވޯޓު ކަރުދާހެއްގައި ލާފައިވާ ވޯޓު ބާޠިލްކަމަށް ކަނޑައަޅާނަމަ އެއީ މުޅި ”ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026“ ގެ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނާނެކަމެއް ކަމަށާއި، އަދި މިއީ، މުޅި އިންތިޚާބީ ނިޒާމު ބައްޓަންކުރުމުގައި އިއާދަ ނުކުރެވޭވަރުގެ ގެއްލުމާއި ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި، ވޯޓުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދިފައިވާ ވޯޓު ކަރުދާހަކީ ޕްރިންޓްކުރުމުގައި އަރާފައިވާ ”ތިކި“ ތަކެއް ކަމަށްވާއިރު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ (ނ) ގައި ބާޠިލް ވޯޓެއް ކަމަށް، ކަނޑައެޅުމުގައި ޚިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާޠިލް ވޯޓެއްކަން ނުވަތަ ބާޠިލްވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެ މަރުކަޒަކަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކޮށްފައިވާ އިސް މީހާކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާއި، މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-I-SH-5 އަދި 2021/HC-I-SH/6 ޤަޟިއްޔާތަކުގައި ބާޠިލު ވޯޓެއްކަން ނުވަތަ ބާޠިލު ވޯޓެއް ނޫންކަން ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ވޯޓުލާ މަރުކަޒަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަނުކޮށްފައިވާ އިސްމީހާއަށް ކަމަށް ބަޔާންކޮށްފައިވާއިރު، ހައިކޯޓުން ކޮށްފައިވާ ޙުކުމްތަކާ ތަޢާރުޟުވާގޮތަށް މި މައްސަލައިގައި ހައިކޯޓުން 3 ވޯޓު ކަރުދާހެއް ބާޠިލުކޮށްފައި ވުމަކީ އިންތިޚާބީ ނިޒާމަށް އޮޅުން އަރާނެކަމެއް ކަމަށެވެ.
14.4 އަދި މި މައްސަލާގައި ހިމެނޭ 3 ވޯޓު ކަރުދާސް ކޮޅުގައި ހުރީ ޕްރިންޓްކުރުމުގެ ތެރޭގައި ޖެހިފައިހުރި ދެލި ތިކި ތަކެއްކަން ސާބިތުކުރުމަށް، ސުވާލު އުފައްދާފައިވާ 3 ވޯޓު ކަރުދާސްކޮޅު ހުށަހެޅުމުގެ ފުރުޞަތަކަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެދުމުން ކޯޓުން އެ ފުރުޞަތު ދީފައިނުވާކަމަށާއި، އަދި މި އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރި ފަރާތުގެ ސިޓީ ހުށަހެޅުމަށް ފުރުޞަތު ދިނުމަށްފަހު، އެ ސިޓީ ހުށަހެޅުމުން، އެ ސިޓީގައިވާ ކަންކަމަށް ރިޢާޔަތްކުރުމަކާ ނުލައި ހައިކޯޓުން ނިންމި ނިންމުމަކީ ޢަދުލުވެރި ނިންމުމެއް ނޫން ކަމަށެވެ.
14.5 އަދި އިލެކްޝަންސް ކޮމިޝަނަށް މި މައްސަލަ ރައްދުވީނަމަވެސް، މި މައްސަލައިގައި ކޮމިޝަންގެ އިހުމާލެއް އޮވެގެން ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއްކޮށްފައިނުވާއިރު، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް 300،000ރ (ތިންލައްކަ ރުފިޔާ) އިލެކްޝަންސް ކޮމިޝަނުން ދައްކަންޖެހޭކަމަށް ނުދެކޭ ކަމަށެވެ.
15މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާގައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ (ހ) ގެ 5ވަނަ ނަންބަރުގައި ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާޠިލްވާނެކަމަށް ކަނޑައެޅުމުގައި، ވޯޓު ކަރުދާސް ތައްޔާރުކުރާއިރު ނުވަތަ ޗާޕުކުރާއިރު ހުންނަ ދެލިތިކިތައް ހިމެނޭނެ ކަމަށް ނިންމާފައިވަނީ އެ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާގައި، 04 އޭޕްރީލް 2026 ގައި ބޭއްވި "މ. ވޭވަށް ކައުންސިލް މެންބަރު“ ކަމުގެ އިންތިޚާބުގައި މ. ވޭވަށު ސްކޫލުގައި ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ސުވާލު އުފައްދާފައިވާ ތިން ވޯޓު ކަރުދާހަކީ ބާޠިލް 3 ވޯޓު ކަރުދާސް ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މުޙައްމަދު ނަޒީޙްގެ ފަރާތުން ހުށަހެޅި ޖަވާބު
16އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި މުޙައްމަދު ނަޒީޙްގެ ފަރާތުން ބުނެފައިވަނީ:
16.1 ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސްގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައި އޮތީ "ދެލިތިކިތަކެއް ހުރުމަށް މެދުވެރިވެދާނެ މައިގަނޑު ދެސަބަބެކެވެ." މިފަދައިން ކަމަށާއި، އެ ޢިބާރާތުގައި "ވެދާނޭ" ކަމެއްކަމުގައި އޮތުމުން ދޭހަކޮށްދެނީ އެކަން އެހެން ވުމަކީ ހަމައެކަނި އިޙްތިމާލެއް (possibility) ނުވަތަ ވެދާނެކަމެއް ކަމަށާއި، އަދި ހަމަ ސީދާ މި 3 (ތިނެއް) ކަރުދާސްކޮޅުގައި އެ ހުރި ތިކި ނުވަތަ ނިޝާންތަކަކީ ވޯޓު ކަރުދާސް ޗާޕްކުރުމުގެ ތެރެއިން ޖެހިފައި ހުރި ތިކިތަކެއް ނުވަތަ ފާހަގަތަކެއްކަން އެ ސިޓީގައި މުޠުލަޤަށް ބަޔާންކޮށްފައެއްވެސް ނެތް ކަމަށާއި، އެ ސިޓީގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި، ޗާޕުކުރުމުގެ މަރުޙަލާގައި ކަރުދާހުގައި އެ ފަދަ ދެލިތިކިތަކެއް ޖެހުނު ކަމުގައިވިޔަސް، ޒަމާނީ މެޝިންތަކުގެ އެހީގައި އެ ކަމަށް ވަގުތުން ފަރުވާދެވި، އެ މައްސަލަ ޙައްލުކުރެވޭކަމަށާއި، މީގެ އިތުރުން، ޗާޕުކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނާ ކަރުދާސްތައް ޙަވާލުކުރުމުން އެ ކޮމިޝަނުން ވެސް ކަރުދާސްތައް ޗެކްކުރާ ކަމަށާއި، އަދި ބަލައިނުގަނެވޭ މިންވަރަށް މައްސަލައެއް ހުރިނަމަ އެ ކަރުދާސްތައް އަލުން ޗާޕުކުރުމަށް އަންގާނެ ކަމަށާއި، ނަމަވެސް މި މައްސަލައިގައި ހިމެނޭ ކަރުދާސްތަކާމެދު އެ ފަދަ އެންގުމެއް އަންގާފައެއް ނުވާކަމަށާއި، ވޯޓުލާންދާ މީހާ ނުވަތަ މީހުން ވޯޓިންގ ބޫތަށް އެހެން ކުލަތަކުގެ ގަލަން ވައްދާފައިވާކަން ނުވަތަ ނޫންކަން، އިލެކްޝަންސް ކޮމިޝަނަށް ހައިކޯޓު މަރުޙަލާގައިވެސް ސާބިތުކޮށްދެވިފައި ނުވާކަމަށާއި، އެހެންކަމުން ކޮންމެ ފަރާތަކުން ކޮންމެ ކުލައެއްގެ ގަލަމަކުންވެސް މި ތިކިތައް ޖެހުމުގެ އިހުތިމާލު އެބަ އޮތް ކަމަށާއި، މި ތިން ކަރުދާހުގައި ހެޔޮ ފާހަގައިގެ އިތުރުން ތިކި ފާހަގަތަކެއް ނުވަތަ ތިކިތަކެއް ހުރިކަމަކަށް އިލެކްޝަންސް ކޮމިޝަނުންވެސް އަދި އިސްތިއުނާފުކުރާ ފަރާތުންވެސް އިންކާރުކޮށްފައި ނުވާކަމަށާއި، އަދި ހައިކޯޓު މަރުޙަލާގައި މި ތިން ކަރުދާހުގައި ތިކި ހުރިކަމަށް ވެފައިވާ އިޢުތިރާފަކީ، ކޮންމެ ގޮތަކަށް ޖެހުނު ތިކިތަކެއްނަމަވެސް ހެޔޮ ފާހަގައިގެ އިތުރުން ޖަހާފައިވާ ތިކިތަކެއްކަމަށްވާ އިޢުތިރާފެއް ކަމަށާއި، އެ ތައް ހާސް ކަރުދާހެއްގެ ތެރެއިން ހަމައެކަނި ވަކި ފޮށްޓެއްގެ މަދު ވޯޓު ކަރުދާސްކޮޅެއްގައި، އަދި ވަކި ކެންޑިޑޭޓަކަށް ވޯޓުލާފައިވާ ކަރުދާސްތަކެއްގައި އެ ކަނި މި ފަދަ ފާހަގަތަކެއް ހުރުމަކީ އެއީ އިއްތިފާޤަކުން ނުވަތަ ޗާޕު މެޝިނުން ދިމާވި މައްސަލައެއްކަމަށް ޤަބޫލުކުރުމުގެ ޖާގަ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ނެތްކަމަށާއި، އަދި އެ ފަދަ ނިޝާނެއް ހުރި ކަރުދާހެއް އޮތް ޙާލަތެއްގައި ވެސް ވޯޓު ފޮށީގެ އޮފިޝަލުންނަށް ތިބޭ ފަރާތަކުން ވޯޓުލާ މީހަކަށް ދޫކުރާނެކަމާމެދުގައި ސުވާލު އުފެދޭ ކަމަށާއި، މި ފަދަ ތިކިތަކެއް ހުރި ވޯޓު ކަރުދާހެއްގެ ސިއްރުކަމާމެދު ހައިކޯޓުގެ ފަނޑިޔާރުގެ ބެންޗުން އިލެކްޝަންސް ކޮމިޝަނާ ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމުގައިވެސް، މިފަދަ ވޯޓުކަރުދާހެއްގެ ޞައްޙަކަން ކަށަވަރުވާނެކަން ޔަޤީންވާ ފަދަ ޖަވާބެއް އިލެކްޝަންސް ކޮމިޝަނަށް ދެވިފައި ނުވާކަމަށާއި، ވޯޓުލާ މީހާ ވޯޓުލުމަށްފަހު، އޭނަ ފާހަގަ ޖެހި ކަރުދާހުގައި، ތިކިހުރިކަމަށް އެހެންމީހެއްގެ ކައިރީގައި ނުބުނާނެކަމުގެ ޔަޤީންކަމެއްވެސް އިލެކްޝަނުން ދީފައެއް ނުވާކަމަށެވެ.
16.2 އަދި މި އިންތިޚާބުގައި މުޅި ރާއްޖޭގައި ބެހެއްޓުނު ހުރިހާ ވޯޓު ފޮށްޓެއްގެ ހުރިހާ ކަރުދާހެއްގައި އެ ދެލިތިކި ހުރުމުގެ ފުރުޞަތު ބޮޑުކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، މިއީ އެއްވެސް ހެއްކެއް ނުވަތަ އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކައެއް ކަމުގައި ޤަބޫލުނުކުރެވޭ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ވަކި ފޮށްޓެއްގެ 03 (ތިނެއް) ކަރުދާސްކޮޅެއްގައި ފިޔަވައި އެހެން އެއްވެސް ކަރުދާހެއްގައި މިފަދަ ފާހަގައެއް ނުވަތަ ދެލިތިއްކެއް ހުރިކަން އެއްވެސް ފަރާތަކުން ފާހަގަކޮށް، ޝަކުވާ ހުށަހަޅާފައިނުވާއިރު، މިއީ މުޅި އިންތިޚާބު ބާޠިލުވާނެކަމަށް ބުނެވޭނޭ ޤާނޫނީ ޙުއްޖަތެއް އޮތް ކަމަކަށް ނުދެކޭ ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ވަކި ދާއިރާއެއްގެ ވަކި ފޮށްޓަކާ ގުޅޭގޮތުން ހުށަހެޅުނު ޚާއްޞަ ވާޤިޢާތަކަކާއި، ހެކިތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ނިންމުމުގެ ސަބަބުން، މައްސަލަ ހުށަހެޅިފައިނުވާ އެހެން ދާއިރާތަކުގެ އިންތިޚާބުގެ ނަތީޖާއަށް ނުވަތަ މުޅި ރާއްޖޭގައި ބޭއްވުނު އިންތިޚާބުގެ ޞައްޙަކަމަށް ޤާނޫނީ ގޮތުން އެއްވެސް އަސަރެއްކުރާނެ ކަމުގެ ޤާނޫނީ ޙުއްޖަތެއް އިސްތިޢުނާފުކުރާ ފަރާތުން ފާހަގަކޮށްފައި ނުވާކަމަށާއި، މީގެ އިތުރުން، ވޯޓުފޮށީގެ ވެރިޔާއަށް ވޯޓު ކަރުދާހުގެ ޞައްޙަކަން ނުވަތަ ބާޠިލްކަން ކަނޑައެޅުމަށް ލިބިފައިވާ ބާރަކީ އެ ފަރާތަށް ލިބޭ މުތުލަޤު ބާރެއްނޫންކަމަށާއި، އަދި އެއީ އެންމެ ފަހުގެ ނިންމުން ކަމަކަށް އެއްވެސް ޤާނޫނެއްގެ އެއްވެސް މާއްދާއެއްގައި ކަނޑައަޅާފައި ނުވާކަމަށާއި، ވޯޓުފޮށީގެ ވެރިޔާ، ވޯޓު ކަރުދާހުގެ ޞައްޙަކަން ނުވަތަ ބާޠިލްކަން ކަނޑައަޅާ ގޮތަކާމެދު ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭ ކެނޑިޑޭޓުންނަށް، ޝަކުވާކުރުމުގެ އިޖުރާއަތު އިންތިޚާބާ ބެހޭ ޢާންމު ޤާނޫނުގައި ތަރުތީބުވެފައިވަނީ މި މުހިންމު ޤާނޫނީ ސަބަބަށްޓަކައި ކަމަށެވެ.
16.3 އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްގައި ބަޔާންކޮށްފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ވޯޓު ކަރުދާސްތައް ބެއްލެވުމަށްފަހު، އެ ކަރުދާސްތަކުގައިވާ ނިޝާންތަކުގެ ބާވަތާއި ސިފަޔަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުކުރާ ތަޢައްޞުބުން އެއްކިބާވެހުރެ ހެކި ވަޒަންކުރުމުގެ ޒިންމާގެ ތެރެއިން ނެރެފައިވާ ޤާނޫނީ ނިންމެވުމެއް ކަމަށާއި، އާދައިގެ މީހަކަށްވެސް ބަލައިލުމުން ފެންނަން ހުރި ނިޝާނެއް ފެނުމުން، އެ ނިޝާނުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ އެއްވެސް އޮޅުމެއްނެތި، ޤާނޫނީ މިންގަނޑުން ހެކި ވަޒަންކުރުން ކަމަށާއި، ވީމާ، މި މައްސަލައިގައި ފަނޑިޔާރު ދެއްވާފައިވާ ރައުޔަކީ އިސްތިއުނާފުކުރާ ފަރާތުން ސިފަކުރާ ފަދަ ޚަބީރެއްގެ "ފަންނީ ހެކިބަހެއް" ނޫންކަމާއި، އެއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، މައްސަލައިގައި ހުށަހެޅިފައިވާ މާއްދީ ހެކިތަކަށް ރިޢާޔަތްކޮށް، ހެކި ވަޒަންކުރުމުގެ ޞައްޙަ ޤާނޫނީ އުޞޫލުތަކުގެ ތެރެއިން، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް އަދި ޢާންމު ބުއްދީގެ ހަމަތަކުން ނެރެފައިވާ ފުރިހަމަ ޤާނޫނީ ނިންމުމެއްކަމަށެވެ.
16.4 އަދި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު ގެ 64ވަނަ މާއްދާގެ (ހ) އާއި، (ށ) ގެ ދަށުން އިންތިޚާބު ބާޠިލްކޮށްދިނުމަށް ކަމަށާއި، އެހެން ނަމަވެސް، މި މައްސަލައިގައި އެދުނު ފަރުވާ (މުޅި އިންތިޚާބު ބާޠިލުކުރުން) ދިވެހިރާއްޖޭގެ ހައިކޯޓުން ނުދިން ކަމުގައިވިޔަސް، މައްސަލައިގެ ތެރެއިން ސާބިތުވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އިންސާފު ޤާއިމުކުރުމަށްޓަކައި އެއަށްވުރެ ކުޑަ ފަރުވާއެއް ކަނޑައެޅުމަކީ ފަނޑިޔާރުންނަށް ލިބިގެންވާ ޤާނޫނީ އަދި ޝަރުޢީ އިޚްތިޔާރެއްކަމުގައި ޤަބޫލުކުރާ ކަމަށާއި، އެ ގޮތުން، ހައިކޯޓުން ކަނޑައަޅާފައިވާ ފަރުވާއަކީ، އެ ކޯޓަށް ލިބިގެންވާ އަސާސީ ބާރުގެ (Inherent Jurisdiction) ތެރެއިން، މައްސަލައިގެ ވާޤިޢާތަކާއި، ހެކިތަކަށް ރިޢާޔަތްކޮށް، ދަޢުވާކުރާ ފަރާތުން އެދުނު ބޮޑު ފަރުވާގެ ބަދަލުގައި ދިން ބަދަލު ފަރުވާއެއް (Lesser / Alternative Relief) ކަމުގައި ޤަބޫލުކުރާ ކަމަށާއި، އެހެންކަމުން، އެއީ މުޙައްމަދު ނަޒީޙްގެ ފަރާތުން ސީދާ ލިޔުމުން އެދިފައިނުވާ ފަރުވާއެއް ކަމުގައި ވިޔަސް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހައިކޯޓަށް އެ އިޚްތިޔާރު ލިބިގެންވާކަމަށް ދެކޭކަމަށެވެ.
17މި މައްސަލާގައި މުޙައްމަދު ނަޒީޙްގެ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށާއި، އަދި މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތުން ޚަރަދުވެފައިވާ ޖުމްލަ 350,000.00ރ. (ތިންލައްކަ ފަންސާސްހާސް ރުފިޔާ) އަކީ އިސްތިއުނާފުކުރި ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުމަށެވެ.
ސުވާލު އުފެދިފައިވާ ވޯޓު ކަރުދާސްތަކުގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުން
18މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ (ހ) ގެ (5) ގެ ނައްޞާއި ރޫޙާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާތީ، އެ މާއްދާއަށް ނަޒަރުކޮށްލާނަމެވެ.
19ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ 56ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛
ބާޠިލު ވޯޓު 56. (ހ) ވޯޓުގުނުމުގައި ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާޠިލު ވޯޓެކެވެ.
1. މި ޤާނޫނުގެ 36ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު.
2. އެއްވެސް ފާހަގައެއް ޖަހާފައިނުވާ ވޯޓު.
3. ޤާނޫނާ ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.
4. ވޯޓު ދޭ މީހާ ވޯޓު ދިނީ ވަކި ކެންޑިޑޭޓަކަށް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު.
5. މި ޤާނޫނުގެ 51ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު.
6. އަދި މިނޫންވެސް، އެ އިންތިޚާބަކާގުޅޭ ޚާއްޞަ ޤާނޫނެއްގައި ބާޠިލް ވޯޓުކަމަށް ކަނޑައަޅާފައިވާ ވޯޓު.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބާޠިލް ވޯޓެއްކަމަށް ކަނޑައެޅުމުގައި ވޯޓުގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާކުރުމުގެ ޙައްޤު ވޯޓުގުނާ ތާނގައި ޙާޟިރުވެހުރި ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުގެ މަންދޫބަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބާޠިލް ވޯޓެއްކަމަށް، ކަނޑައެޅުމުގައި ޚިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާޠިލް ވޯޓެއްކަން ނުވަތަ ބާޠިލްވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެ މަރުކަޒަކަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކޮށްފައިވާ އިސް މީހާއެވެ. އަދި މި ގޮތުން އެ ކަމާމެދު ޝަކުވާ އުފުލި ފަރާތާއި އެކަން ނިންމިގޮތް މި ޤާނޫނުގެ 58ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ހިމަނަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ނ) ގައިވާ ގޮތުގެމަތިން ބާޠިލް ވޯޓުކަމަށް ކަނޑައަޅާފައިވާ ވޯޓުތައް، މި ޤާނޫނުގެ 55ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން އެ މަރުކަޒެއްގައި ކަންހިނގާގޮތް ބެލުމަށް ތިބި ބަޔަކަށް ދައްކަންވާނެއެވެ.
(ބ) ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގައެއް ޖަހާފައިވާނަމަ، އެއީ ޞައްޙަ ވޯޓެއް ކަމުގައި ބަލަންވާނެއެވެ.
(ހ) ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގަ ފުރިހަމަކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮންނަ އޮތުމަކުން އެ ވޯޓު ބާޠިލު ނުވާނެއެވެ.
މި ފަދައިންނެވެ.
20އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ޝަކުވާ ބިނާވެފައިވަނީ، 04 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވޭވަށު ސްކޫލުގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓު ގުނުމުގައި ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާސް އިލެކްޝަންސް ކޮމިޝަނުން ޞައްޙަކަމަށް ކަނޑައެޅި ކަނޑައެޅުމުގެ މައްޗަށެވެ.
21HN1އިސްވެ ބަޔާންކުރެވުނު އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާއަށް ބަލާއިރު، ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ކޮންމެ ވޯޓަކީ، ބާޠިލު ވޯޓެއް ކަން އެނގެއެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސް ޗާޕުކުރާއިރު، ލިޔެފައިވާ ލިޔުންތަކާއި ކުރަހާފައިވާ ނުވަތަ ކުރެހިފައިވާ ކުރެހުންތަކަކީ ބާޠިލު ވޯޓެއްގެ ގޮތުގައި ގުނޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.
22މި މައްސަލައިގައި ހިމެނޭ ވޯޓު ކަރުދާސްތަކުގައި ވޯޓުލުމުގެ ގޮތުން ޖަހާފައިވާ ރަނގަޅު ފާހަގައިގެ އިތުރުން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި ޖެހިފައިވާ ތިކިތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، ވޯޓު ކަރުދާސް ޗާޕުކުރި ނޮވެލްޓީ ޕްރިންޓަރސް އިން ވެސް ހަމަ އެ ފަދައިން ބުނެ ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީއެއް ހުށަހަޅާފައިވެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅި މުޙައްމަދު ނަޒީޙްގެ ފަރާތުން ބުނެފައިވަނީ، ސުވާލު އުފެދިފައިވާ ކަރުދާސްތަކުގައި ވަނީ ވޯޓު ދިން ފަރާތުން ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން، ކޮންމެވެސް ގޮތަކުން ޤަސްދުގައި ޖަހާފައިވާ ފާހަގަތަކެއް ކަމަށެވެ.
23HN2ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ 33ވަނަ މާއްދާގައި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ 44ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޯޓުލުމަށްޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު ނޫކުލައިގެ ދެލިހުރި އާދައިގެ ގަލަމެއް ފިޔަވައި އެހެން އެއްޗެއް، ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެކަމަށާއި، އަދި ފޯނާއި އަތްދަބަހާއި އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވޭ ފަދަ ތަކެއްޗާއި ފައިލް ފަދަ، ކެންޑިޑޭޓުންގެ ޙައްޤުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލެވޭ އެއްވެސް ވަސީލަތެއް ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
24މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ވޯޓުކަރުދާސްތަކުގެ ފޮޓޯއަށް ބަލާއިރު، އެ ފޮޓޯތަކުގައިވާ 03 ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ޖަހާފައިވަނީ ނޫކުލައިންނެވެ. އެ ކަރުދާސްތަކުގައި ހުރިކަމަށް ބުނާ ތިކިތައް ނުވަތަ ފާހަގަތައް ހުރީ ކަޅު ކުލައިންނެވެ. އަދި ވޯޓުލާ މަރުކަޒަށް ވެއްދުން މަނާކޮށްފައިވާ ކަޅު ކުލައިގެ ގަލަން ފަދަ އެއްޗެއް ވައްދައިގެން އެ ކަމުގެ ޝަކުވާއެއް އެއްވެސް ފަރާތަކުން ކޮށްފައިވާކަން އެނގެން ނެތެވެ. އެހެންކަމުން މި މައްސަލައިގައި ވާހަކަ ދެކެވޭ ތިން ކަރުދާސްކޮޅުގައި ހުރި ތިކިތަކަކީ ނުވަތަ ފާހަގައަކީ ވޯޓުލީ މީހާ އަމިއްލައަށް ގަސްތުގައި ކޮށްފައިވާ ކަމެއްގެ ނަތީޖާކަމަށް ގަބޫލު ނުކުރެވޭއިރު، މުޙައްމަދު ނަޒީޙްގެ ފަރާތުން ބުނެފައިވާފަދައިން ސުވާލު އުފެދިފައިވާ ކަރުދާސްތަކުގައި ވަނީ ވޯޓު ދިން ފަރާތުން ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން، ކޮންމެވެސް ގޮތަކުން ޤަސްދުގައި ޖަހާފައިވާ ފާހަގަތަކެއް ކަމަށް ބުރަވެވޭ ފަދަ ހެއްކެއް ދެއްކިފައި ނެތެވެ.
25HN3މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވަނީ، ސުވާލު އުފެދިފައިވާ ވޯޓު ކަރުދާސްތަކުގެ ފޮޓޯއެވެ. އެއީ، K2.1 ވޯޓު ފޮށީގެ ވޯޓު ގުނުމާމެދު ކޮށްފައިވާ ޝަކުވާތައް ބެލިއިރު، ވޯޓު ފޮށީގެ ކަރުދާސްތައް ގުނައިގެން މެނުވީ މ. ވޭވަށު ކައުންސިލްގެ މެންބަރުންގެ ވޯޓު ކަށަވަރު ނުކުރެވޭނެ ކަމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމުމާ ގުޅިގެން، އެ ވޯޓު ފޮށީގެ ޚާއްޞަ ސެކިއުރިޓީ އުރަ ކަނޑައި، ނަތީޖާ ކަނޑައެޅުމަށްޓަކައި އަލުން ވޯޓު ގުނަމުންދިޔައިރު ނަގާފައިވާ ފޮޓޯތަކެކެވެ. އެ ފޮޓޯތަކަކީ އަސްލާ އެއްގޮތް ފޮޓޯތަކެއްކަން ޤާނޫނީ ގޮތުން ކަށަވަރުވާ ފޮޓޯތަކެއްނޫނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައި ނިންމާފައިވަނީ އެ ފޮޓޯތަކަށް ރިޢާޔަތްކޮށެވެ.
26ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ 45ވަނަ ޕެރެގްރާފުގައި، މި މައްސަލާގައި ހިމެނޭ ވޯޓު ކަރުދާސްތަކުގައި ފާހަގައެއް ހުރިކަން ސާފުކޮށް އެނގޭކަމަށާއި، އެއީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި ޖެހިފައިވާ ފާހަގައެއްކަން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ.
27ހެއްކާބެހޭ ޤާނޫނު ގައި ހެކި ދަރަޖަކޮށްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ދަރަޖައިގެ ކިތާބީ ހެއްކަކީ، ކިތާބީ ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާ ލިޔުމެއްގެ އަސްލެވެ. އަދި އެ ޤާނޫނު ގައި ބަޔާންކުރާ އިސްތިސްނާ ޙާލަތްތަކުގައި މެނުވީ، ލިޔުމެއްގައިވާ އެއްވެސް އެއްޗެއް ސާބިތުކުރެވޭނީ، ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި ހުށަހަޅައިގެންނެވެ. މި މައްސަލައަށް ބަލާއިރު ފުރަތަމަ ދަރަޖައިގެ ހެއްކަކީ ސުވާލު އުފެދިފައިވާ ވޯޓުކަރުދާސްތަކުގެ އަސްލުކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގައި، ސެކިއުރިޓީ އުރަ ކަނޑައި ވޯޓު ކަރުދާސްތަކުގެ އަސްލު ޝަރީޢަތަށް ހުށަހެޅުމުގެ ފުރުސަތަކަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވެއެވެ. އަދި އެ ކަމަށް ކޯޓުގެ ލިޔުމެއް ނުވަތަ އަމުރެއް ދެއްވުމަށްވެސް އެދިފައިވާކަން އެނގެން އޮވެއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން އިލެކްޝަންސް ކޮމިޝަނުގެ އެދުމަށް އިޖާބަދީފައިނުވެއެވެ.
28ވޯޓު ކަރުދާސްތަކުގެ ފޮޓޯތަކުގައި ފެންނަން ހުރި ތިކިތައް ނުވަތަ ފާހަގަތަކާމެދު ސުވާލު އުފެދިފައިވާ މި ޙާލަތުގައި، އެ ކަން ޔަޤީންކޮށް އިތުރަށް ކަށަވަރުކުރެވޭނީ އެ ވޯޓު ކަރުދާސްތަކުގެ އަސްލު ދިވެހިރާއްޖޭގެ ހައިކޯޓަށް ގެނެސް، ޝަރީޢަތުން އޭގެ އަސްލު ބަލައި ދިރާސާކޮށްގެންނެވެ. އެއާ ޚިލާފަށް ސުވާލު އުފެދިފައިވާ ވޯޓު ކަރުދާސްތަކުގެ އަސްލާ އެއްގޮތްކަންވެސް ކަށަވަރުނުވާ ފޮޓޯތަކަކަށް ބަލައިގެން، އަސްލު ވޯޓު ކަރުދާސްތަކުގައި އޭގެ ސިއްރުކަން ގެއްލޭފަދަ ތިކިތަކެއް ހުރިކަމަށް ޝަރުޢީ ޤާނޫނީ ގޮތުން ބެލިދާނެ ހަމައެއް އޮތްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން، މުޙައްމަދު ނަޒީޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޮޓޯތަކުގެ މައްޗަށް ބިނާކޮށް، މި މައްސަލައިގައި ވާހަކަދެކެވޭ ވޯޓު ކަރުދާސްތަކަކީ ބާޠިލު ވޯޓުކަރުދާސްތަކެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅު ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ނުފެނެއެވެ.
މައްސަލައިގައި އެދިފައިނުވާ ފަރުވާއެއް ނަގައިދީފައިވުން
29މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ލިބިދީފައިވަނީ މައްސަލައިގައި ދަޢުވާކުރާ ފަރާތުން އެދިފައިނުވާ ފަރުވާއެއް ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އަޙުޝަން ނަޢީމުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
30HN5އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅި މުޙައްމަދު ނަޒީޙްގެ ފަރާތުން އެ ކޯޓަށް ހުށަހެޅި ފޯމަށް ބަލާއިރު، އެ ފަރާތުން އެދިފައިވަނީ، 04 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވޯޓު ފޮށި ނަންބަރު K2.1 މ. ވޭވަރު ސްކޫލުގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓު ކަރުދާސްތަކުގެ ތެރެއިން މި ދަޢުވާގައި ބަޔާންކޮށްފައިވާ ތިން ވޯޓު ކަރުދާސް ޞައްޙަކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 26ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ވޯޓުލުމުގެ ޙައްޤަށް އުނިކަން އަންނަ ގޮތަށް ކަމަށާއި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 2ވަނަ މާއްދާއިން ތަޞައްވަރުކުރާ މަޤްޞަދާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު)ގެ 65ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލް އިންތިޚާބުގައި "ވޭވަށު ކައުންސިލް މެންބަރުކަމަށް" ވާދަކުރި ކެނޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ނަތީޖާ ބާޠިލްކޮށް މި އިންތިޚާބު އަލުން ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށްކަން އެނގެން އޮވެއެވެ. އަދި ސުވާލު އުފެދުނު ވޯޓު ކަރުދާސްތަކަކީ ބާޠިލް ވޯޓު ކަރުދާސްތަކެއް ކަމަށް ކަނޑައަޅައިދިނުމަށް މުޙައްމަދު ނަޒީޙްގެ ފަރާތުން އެދިފައިނުވާކަން އެއީ ސާފުކޮށް އެނގެން އޮތް ޚިލާފެއްނެތް ކަމެކެވެ.
31އިސްތިއުނާފުކުރެވޭ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ، 04 އޭޕްރީލް 2026 ގައި ބޭއްވި "މ. ވޭވަށް ކައުންސިލް މެންބަރު" ކަމުގެ އިންތިޚާބުގައި މ. ވޭވަށު ސްކޫލުގައި ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ރަސްމީ ނަތީޖާ އިޢުލާންކުރުމުގައި މި މައްސަލައިގައި ސުވާލު އުފައްދާފައިވާ ތިން ވޯޓު ކަރުދާސް ޞައްޙަކަމަށް ނިންމި ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، އަދި މި މައްސަލައިގައި ހިމެނޭ 03 (ތިނެއް) ވޯޓު ކަރުދާހަކީ، އެ ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭނެ ފަދަ ފާހަގައެއް ހުރި ކަރުދާސްތަކެއްކަން އެނގެން އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، އެ ވޯޓުތަކުގެ ސިއްރުކަން ކަށަވަރުކުރެވިފައި ނުވުމުގެ މައްޗަށް، ބާޠިލު ވޯޓު ކަރުދާސްތަކެއް ކަމުގައި ކަނޑައަޅައި، އަދި 04 އޭޕްރީލް 2026 ގައި ބޭއްވި "މ.ވޭވަށް ކައުންސިލް މެންބަރު" ކަމުގެ އިންތިޚާބުގައި މ.ވޭވަށު ސްކޫލުގައި ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ރަސްމީ ނަތީޖާ ބުނެވިދިޔަ ގޮތުގެ މަތީން އިޞްލާޙްކޮށް އަލުން އިޢުލާންކުރުމަށް އަންގައިކަން އެނގެން އޮންނައިރު، އިންތިޚާބު ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުން އިއްތިފާޤުވާކަން އެނގެއެވެ.
32HN4އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ޚަޞްމަކު އެދިފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް، ނުވަތަ ޚަޞްމަކު އެދުނު ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެންނުވާނެ ކަމަށާއި، އަދި ދަޢުވާއިން ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ ތެރެއިން އަނެއް ޚަޞްމު ދިނުމަށް އެއްބަސްވެފައިވާ މިންވަރަށްވުރެ ކުޑަ މިންވަރަކަށް ބަދަލު ނަގައިދިނުމަށް ކަނޑައަޅައިގެން ނުވާނެކަމަށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
33ހަމަ އެހެންމެ، ދަޢުވާގައި އެދިފައިނުވާ ބަދަލެއް ނަގައިދިނުމަކީ ޝަރީޢަތްކުރުމުގެ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، ޝަރީޢަތުގައި ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމަކީ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރެއް ނޫންކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/49 (ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން)) ޤަޟިއްޔާ ފަދަ އެތައް ޤަޟިއްޔާއެއްގައި ކަނޑައަޅާފައިވެއެވެ.
34އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު ގެ 65ވަނަ މާއްދާގެ (ހ) އަށް ބަލާއިރު އެ އަކުރުގައި ބަޔާންކޮށްފައިވަނީ،
އިންތިޚާބު ބާޠިލުކުރުން 65. (ހ) އިންތިޚާބެއްގެ ރަސްމީ ނަތީޖާ މި ޤާނޫނުގައިވާ ގޮތުގެމަތިން އިޢުލާންކޮށްފައިވަނިކޮށް، މި ޤާނޫނުގެ 64ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި ތިރީގައިމިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެ ކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެ ސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަންވާނެއެވެ.
1. އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން.
2. އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން.
3. މި ޤާނޫނާއި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ޢަމަލުކުރުން.
މި ފަދައިންނެވެ.
3504 އޭޕްރީލް 2026 ގައި ބޭއްވި "މ.ވޭވަށް ކައުންސިލް މެންބަރު" ކަމުގެ އިންތިޚާބުގައި މ.ވޭވަށު ސްކޫލުގައި ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރި އިރު، މުޙައްމަދު ނަޒީޙަށް ލިބިފައިވަނީ 119 (އެއްސަތޭކަ އޮނަވިހި) ވޯޓެވެ. އަދި އަޙްޝަން ނަޢީމަށް ލިބިފައިވަނީ 121 (އެއްސަތޭކަ އެކާވީސް) ވޯޓެވެ. މި ނަތީޖާއަށް ބަލާއިރު، އިންތިޚާބު ކާމިޔާބުވެފައިވަނީ 02 ވޯޓުގެ ތަފާތުން އަޙްޝަން ނަޢީމަށެވެ. އެހެން ނަމަވެސް މުޙައްމަދު ނަޒީޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލައިގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިހުގެ އަޣްލަބިއްޔަތުން އެ މައްސަލައިގައި ސުވާލު އުފައްދާފައިވާ 03 (ތިނެއް) ވޯޓު ކަރުދާހަކީ ބާޠިލު ވޯޓުކަމުގައި ކަނޑައެޅުމުގެ ސަބަބުން އެ އިންތިޚާބުގެ ރަސްމީ ނަތީޖާގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ނަތީޖާއަށް ބަދަލު އައިސްފައިވެއެވެ. އެ ގޮތުން ހައިކޯޓުގެ ޙުކުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަސްމީ ނަތީޖާ އިޞްލާޙުކުރުމުން މުޙައްމަދު ނަޒީޙަށް ލިބިފައިވަނީ 119 (އެއްސަތޭކަ އޮނަވިހި) ވޯޓެވެ. އަދި އަޙްޝަން ނަޢީމަށް ލިބިފައިވަނީ 118 (އެއްސަތޭކަ އަށާރަ) ވޯޓެވެ. ނަތީޖާއެއްގެ ގޮތުން ކުރިން އިންތިޚާބު ކާމިޔާބުވެފައިވާ ފަރާތުގެ ގޮތުގައި ކަނޑައެޅިފައިވާ ފަރާތަށް އިންތިޚާބު ނާކާމިޔާބުވީއެވެ. އަދި ކުރިން ނާކާމިޔާބުވި ފަރާތަށް އިންތިޚާބު ކާމިޔާބުވިކަމުގައި ނިންމުނީއެވެ.
36މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅި ފަރާތުގެ މައިގަނޑު ޝަކުވާއަކީ، ބައެއް ވޯޓު ކަރުދާސްތަކުގައި ދެލިތިކި ހުރުމެވެ. އަދި އޭގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލުމެވެ. އަދި އޭގެ ޒަރީޢާއިން އެ މީހަކު ވޯޓު ލީ ގޮތް ވަކި ފަރާތަކަށް އެންގުމުގެ ފުރުސަތު އޮތުމެވެ. އަދި އެ ވޯޓުތަކަކީ ބާޠިލު ވޯޓުތަކެއް ކަމަށް ކަނޑައަޅަންޖެހޭ ވޯޓުތަކަށްވާއިރު، ޞައްޙަ ވޯޓުގެ ގޮތުގައި ގުނުމެވެ. މިއީ، ބުނެވިދިޔަ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު ގެ 65ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުމާއި، އިންތިޚާބު ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުގެ ޢަމަލެއް ހިންގާފައިވާކަމަށް ބެލެވިދާނެ ކަންކަމެވެ. އަދި މިއީ ޤާނޫނާވެސް ޚިލާފު ކަންކަމެވެ. މިހާލަތުގައި، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ ނިންމުމެއް ޝަރީޢަތުން ނިންމާއިރު، ފަނޑިޔާރު ރުޖޫޢަވާންޖެހޭނީ، ޤާނޫނުއަސާސީގެ 142ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 65ވަނަ މާއްދާގެ (ހ) އަށް ކަމަށް ދެކެމެވެ. އެއީ އިންތިޚާބު ބާޠިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް އަމުރުކުރުމެވެ.
37އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި، މި މައްސަލާގައި ހިމެނޭ 03 (ތިނެއް) ވޯޓު ކަރުދާހަކީ ބާޠިލް ވޯޓު ކަރުދާސްތަކެއް ކަމަށް ކަނޑައަޅައި، 04 އޭޕްރީލް 2026 ގައި ބޭއްވި "މ.ވޭވަށް ކައުންސިލް މެންބަރު" ކަމުގެ އިންތިޚާބުގައި މ.ވޭވަށު ސްކޫލުގައި ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ރަސްމީ ނަތީޖާ އިޞްލާޙްކޮށް އަލުން އިޢުލާންކުރުމަށް އަންގައި ޙުކުމްކޮށްފައިވަނީ، އިސްވެ ބަޔާންކުރެވުނު ޤާނޫނީ ނައްޞުތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމުގައި ދެކެމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ މުޅި އިންތިޚާބަށް އަސަރުކުރާނެ ފަދަ ނިންމުމެއްތޯ؟
38މި މައްސަލައިގައި ހިމެނޭ 03 (ތިނެއް) ވޯޓު ކަރުދާސްކޮޅުގައި ހުރި ތިކިތަކަކީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި އަރާފައި ހުންނަ ޗާޕު ދެލީގެ ތިކިތަކެއް ކަމަށް ވޯޓުކަރުދާސް ޗާޕުކުރި ފަރާތްކަމަށްވާ ނޮވެލްޓީ އިންނާއި އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައިވާއިރު، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ބެހެއްޓުނު ހުރިހާ ވޯޓު ފޮށިތަކަށް ލީ ވޯޓުތަކުގައި ޗާޕު ދެލި ބުރާފައި ހުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، ވީމާ މިގޮތަށް ދެލިބުރާފައި ހުރި، ހުރިހާ ކަރުދާހުގައި ލާފައިވާ ވޯޓު ބާތިލުކުރާނަމަ، މުޅި ރާއްޖޭގެ އެކި ފޮށިތަކުގެ ނަތީޖާއަށް ބަދަލު އަންނާނެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
39ވޯޓު ކަރުދާސްތަކުގައި ހުންނަ ހުރިހާ ކުނޑި ނުވަތަ ދެލި ތިކިތައް އެއްކޮށް ނައްތާލުމަކީ މުސްތަޙީލުކަމެއް ކަމަށާއި، މި ގޮތަށް ތިކި ހުރި ހުރިހާ ވޯޓު ކަރުދާހެއްގައި ލާފައިވާ ވޯޓު ބާޠިލްކަމަށް ކަނޑައަޅާނަމަ އެއީ މުޅި އިންތިޚާބީ ނިޒާމު ބައްޓަންކުރުމުގައި އިޢާދަ ނުކުރެވޭ ވަރުގެ ގެއްލުމާއި ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި، ވޯޓުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދިފައިވާ ވޯޓު ކަރުދާހަކީ ޕްރިންޓްކުރުމުގައި އަރާފައިވާ ”ތިކި“ ތަކެއް ކަމަށްވާއިރު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ (ނ) ގައި ބާޠިލް ވޯޓެއް ކަމަށް، ކަނޑައެޅުމުގައި ޚިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާޠިލް ވޯޓެއްކަން ނުވަތަ ބާޠިލްވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެ މަރުކަޒަކަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކޮށްފައިވާ އިސް މީހާކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
40HN6އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 63ވަނަ މާއްދާގައި އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ފަރާތްތައް ބަޔާންކޮށްފައިވެއެވެ. ވޯޓު ކަރުދާހެއްގައި ދެލިބުރާފައި ހުރެގެން އެ ވޯޓެއް ޞައްޙަ ނުވާނެކަމަށް އެއިން ފަރާތަކުން ދެކޭނަމަ، އިލެކްޝަންސް ކޮމިޝަނަށް، އަދި އޭގެ ފަހުގައި ޝަރުޢީ ކޯޓުތަކަށް ހުށަހެޅުމުގެ ފުރުސަތު އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުން ލިބިދީފައިވެއެވެ.
41ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު މައްސަލައަކީ، ސުވާލު އުފެދުނު 03 (ތިނެއް) ވޯޓު ކަރުދާސް ޞައްޙަކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށްބުނެ، މ. ވޭވަށު ކައުންސިލްގެ މެންބަރަކު ހޮވުމަށް ބޭއްވުނު އިންތިޚާބުގެ ނަތީޖާ ބާޠިލްކޮށް އިންތިޚާބު އަލުން ބާއްވައިދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމުގައި ވީނަމަވެސް އަދި އެއީ، މުޅި 2026 އޭޕްރީލް 04 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގެ ހުރިހާ ވޯޓު ފޮށްޓަކާ ގުޅިގެން ހުށަހެޅުނު މައްސަލައަކަށް ނުވިނަމަވެސް، ވޯޓު ކަރުދާސްތަކުގައި ހުންނަ ހުރިހާ ކުނޑި ނުވަތަ ދެލި ތިކިތައް އެއްކޮށް ނައްތާލުމަކީ މުސްތަޙީލުކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނާއި ޗާޕްކުރުމުގެ ޚިދުމަތް ދިން ފަރާތްކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް އިން ބުނެފައިވާއިރު، އެ ގޮތަށް ތިކި ހުންނަ ހުރިހާ ވޯޓު ކަރުދާހެއްގައި ލާފައިވާ ވޯޓު ބާޠިލްކަމަށް ކަނޑައަޅާނަމަ އެއީ، ކުރިމަގުގައި ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް ޗާޕް ދެލި ޖެހިފައި ހުންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާޠިލު ވޯޓެއް ކަމުގައި ކަނޑައެޅުމަށް ހުޅުވޭ ދޮރެކެވެ. އަދި އެ ކަމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމު ބައްޓަންކުރުމުގައި އިއާދަ ނުކުރެވޭވަރުގެ ގެއްލުމާއި ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.
ވާޤިޢާއެއްގެ މައްޗަށް ފަނޑިޔާރު ފަންނީ ހެކިބަހެއް ދޭގޮތަށް ރައުޔެއް ބަޔާންކުރައްވާފައިވާކަމަށް ބުނާ ނުކުތާ
42ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ 48ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވަނީ، ”..... މި މައްސަލައިގައި ހިމެނޭ 3 (ތިނެއް) ވޯޓު ކަރުދާހުގައި ހުރި ފާހަގަތަކަކީ، މަތިމަތިން ބެލުމުންވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.“ މި ފަދައިންނެވެ.
43މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމާފައިވާ އެއް ނުކުތާއަކީ، ސުވާލު އުފެދުނު ވޯޓު ކަރުދާސްތަކަކީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56ވަނަ މާއްދާގެ (ހ) ގެ 5ވަނަ ނަންބަރަށް ރިޢާޔަތްކުރާއިރު، އެ މާއްދާގެ މަޤްޞަދު ޙާޞިލްނުވާގޮތަށް، އަދި ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާގޮތަށް ހުރި ވޯޓު ކަރުދާސްތަކެއްތޯ ނުވަތަ ނޫންތޯއެވެ.
44HN7މައްސަލައެއްގައި ޙުކުމް ބިނާވާނީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކާއި ޤަރީނާ ވަޒަންކޮށް، އެ ހެކިތަކާއި ޤަރީނާތަކުން ފަނޑިޔާރަށް ނެރެވޭ ނަތީޖާގެ މައްޗަށެވެ. ހައިކޯޓަށް ހުށަހެޅުނު ހެކިތައް ވަޒަންކުރުމުގައި ފާހަގަކުރެވުނު 4 (ހަތަރެއް) ކަމެއް، ހައިކޯޓުގެ ރިޕޯޓުގެ 37ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވެއެވެ. އެ ރިޕޯޓުގެ 38ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންކަމަކީ، ބުނެވިދިޔަ ނުކުތާއާމެދު ގޮތެއް ނިންމުމަށްޓަކައި އެ ކޯޓަށް ހުށަހެޅި ހެކިތައް ވަޒަންކުރި ކުރުމުން ފަނޑިޔާރަށް ނެރެވިފައިވާ ނަތީޖާއެވެ. އެއީ، ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކުރާއިރު، ސުވާލު އުފެދުނު ވޯޓު ކަރުދާސްތަކަކީ ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާގޮތަށް ހުރި ވޯޓު ކަރުދާސްތަކެއް ކަމަށް ފަނޑިޔާރަށް ބުރަވެވޭ ކަމެވެ. މިއީ، ވޯޓު ކަރުދާސްތަކުގައި ދެލިތިކިތަކެއް ހުރުމަށް މެދުވެރިވި ސަބަބާ ގުޅޭގޮތުން ފަނޑިޔާރު ދީފައިވާ ފަންނީ ރައުޔަކަށް ނުވާއިރު، އެއީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ.
މައްސަލަ ނިންމަން ފެންނަގޮތް
45އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަން ފެނެއެވެ.
އިސްތިއުނާފުކުރަން ޖެހުމުގެ ސަބަބުން ހިނގާފައިވާ ޚަރަދު ނަގައިދިނުމާ ގުޅޭ
46މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ޖެހުމުގެ ސަބަބުން ޚަރަދުވެފައިވާ ޖުމްލަ 300،000ރ (ތިންލައްކަ ރުފިޔާ) އަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އަޙުޝަން ނަޢީމަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުމަށް އަޙުޝަން ނަޢީމްގެ ފަރާތުން އެދިފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ މުޙައްމަދު ނަޒީޙްގެ ފަރާތުން ވެސް، މި މައްސަލައާ ގުޅިގެން ޚަރަދުވެފައިވާ ޖުމްލަ 350,000.00ރ. (ތިންލައްކަ ފަންސާސްހާސް ރުފިޔާ) އަކީ އިސްތިއުނާފުކުރި ފަރާތުން، މުޙައްމަދު ނަޒީޙަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.
47HN8ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އަޙުޝަން ނަޢީމްގެ ފަރާތުން މި މައްސަލައިގައި އެދިފައިވީނަމަވެސް، އަޙުޝަން ނަޢީމްގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ 300،000ރ (ތިންލައްކަ ރުފިޔާ) ގެ ތަފްޞީލެއް ބަޔާންކޮށްފައެއްނުވެއެވެ. އަދި އެ މިންވަރު ޚަރަދުވެފައިވާކަން އަންގައިދޭ ލިޔުމެއްވެސް ހުށަހަޅާފައި ނުވެއެވެ. އެހެންކަމުން، މި ހިނދުގައި އަޙުޝަން ނަޢީމްގެ ފަރާތުން އެދިފައިވާ ޝަރީޢަތުގެ ޚަރަދު ނަގައިދެވިދާނެ ކަމަކަށް ނުދެކެމެވެ.
48ޝަރީޢަތުގެ ޚަރަދަކީ ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓަށް ނަގައިދެވޭ ޚަރަދެއްކަން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270ވަނަ މާއްދާއިން އެނގޭއިރު، މި މައްސަލައިގެ ނަތީޖާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލްވުން ކަމަށްވާތީ، މުޙައްމަދު ނަޒީޙަކީ މައްސަލަ ނާކާމިޔާބުވި ފަރާތެވެ. އެހެންކަމުން މުޙައްމަދު ނަޒީޙު ނަގައިދިނުމަށް އެދިފައިވާ ޚަރަދު ނަގައިދޭންޖެހޭ ތަނެއް އޮތްކަމަށް ނުފެނެއެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
49މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
50މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/1 ޤަޟިއްޔާގެ ޙުކުމް ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ޢަބްދުﷲ ޙަމީދު (ރިޔާސަތު)
ޙުސައިން ޝަހީދު
މުޙައްމަދު ސަލީމް
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A216923
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A217054
- އިލެކްޝަންސް ކޮމިޝަނުގެ NECB/LCE-WDC/2026/062 ނަންބަރު ޝަކުވާ/މައްސަލައިގެ ޖަވާބު
- އިބިމ
- ފޮށި ނަންބަރު K2.1 ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކެނޑި ގޮތުގެ ރިޕޯޓް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2026/HC-I-SH/1 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- 2021/SC-A/49
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 4/2011
- ޤާނޫނު ނަންބަރު 11/2008
- 2013/SC-A/44
- ޤާނޫނު ނަންބަރު 13/2010
- ޤާނޫނު ނަންބަރު 13/2010
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2022
- ޤާނޫނު ނަންބަރު 11/2022
- ހެއްކާބެހޭ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ހައިކޯޓުގައި 05 މެއި 2026 ގައި ބޭއްވި ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުގެ ބަޔާން (ސ. 81-88)
- މުޙައްމަދު ނަޒީޙްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ ފޯމު، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި 05 މެއި 2026 ގައި ބޭއްވި ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުގެ ބަޔާން (ޞ. 88-7)
- ޤާނޫނު ނަންބަރު 32/2021
- [2022] SC 64
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- މި މާއްދާގައި ބަޔާންކޮށްފައިވަނީ، "ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރާންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ." މިފަދައިންނެވެ.
- މި އަކުރުގައި ބަޔާންކޮށްފައިވަނީ، "ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ." މިފަދައިންނެވެ.
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 11/2008
- ޤާނޫނު ނަންބަރު 32/2021
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 63 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 64 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ 33 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 58 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 270 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
- 2021/SC-A/49 [2022] SC 64 (ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން))
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.