ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 86 · 2020/SC-A/95ސުޕްރީމް ކޯޓު · 6 ސެޕްޓެމްބަރު 2021

އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުހިއްޔާ ޙަސަން އަށް މީހުން

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 ސެޕްޓެމްބަރު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

`އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުހިއްޔާ ޙަސަން އަދި އިތުރު އަށް މީހުން

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތައާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/291 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތް ހަމަނުޖެހިގެން އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ބެލި މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވަނީ، ފާޠިމަތު ފަތުޙިއްޔާ ޙަސަން ، އާމިނަތު ތެރީޝާ ޙަސަން ، ޢާއިޝަތު ރައުފިއްޔާ ޙަސަން ، މުޙައްމަދު ޙަނީފް ޙަސަން ، ޢާޠިފާ ޙަސަން ، މ. ތިލައައްސޭރި، މާލެ، ސަންފާ ޢީސާ ، މ. ތިލައައްސޭރި، މާލެ، އަސްފާއު ޙަސަން ، މ. ތިލައައްސޭރި، މާލެ، މޫސާ ޟަމީރު ޙަސަން އަދި މ. ތިލައައްސޭރި، މާލެ، މަރްޔަމް ފެޒްލީން (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް" ކަމަށް ބުނެފައިވާ) ގެ މައްޗަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެސްޓޭޓް" ކަމަށް ބުނެފައިވާ) އާއި މ. ތިލައައްސޭރި ޙަސަން ޔޫސުފްއާ ދެމެދު 29 ޖުލައި 2008 ގައި އެގްރީމަންޓެއްގައި (މީގެ ފަހުން "އެގްރީމަންޓް" ކަމަށް ބުނެފައިވާ) ސޮއިކުރިއެވެ.

އެގްރީމަންޓުގެ ސުރުޚީގެ ގޮތުގައި ލިޔެފައިވަނީ އެ އެގްރީމަންޓަކީ މ. ތިލައައްސޭރި އެވެ ކިޔާ ގޯތީގައި އިމާރާތްކުރުމަށް ފައިސާ އިންތިޒާމުކުރުމާއި، ދިގުމުއްދަތަކަށް އިމާރާތުގެ ބައެއް އެސްޓޭޓް އިންޓަރނޭޝަނަލްއަށް ދިނުމަށް ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެގްރީމަންޓެއް ކަމަށެވެ. އެގްރީމަނޓުގެ 1.1 ވަނަ މާއްދާގައި ބުނެފައިވަނީ އެ އެއްބަސްވުމަކީ ކުރެހުމާ އެއްގޮތަށް ގޯތީގައި 10 ފަންގިފިލާގެ އިމާރާތެއް ކުރުމަށް ބޭނުންވާ ފައިސާ ޖަދުވަލު 1 އަދި 2 ގައިވާ ގޮތުގެ މަތިން ބޭންކު މެދުވެރިކޮށް ހަމަޖެއްސުމަށާއި، މ. ތިލައައްސޭރީގައި އިމާރާތްކުރާ 10 ފަންގިފިލާގެ އިމާރާތުން 2 ފަންގިފިލާ، ކުއްޔެއް ނުނަގައި 18 އަހަރު ދުވަހުގެ މުއްދަތަށް އެސްޓޭޓް އަށް ދިނުމާމެދު ޙަސަން ޔޫސުފްއާއި އެސްޓޭޓްއާ ދެމެދު ވެވިފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގްރީމަންޓުގެ 1.2 ވަނަ މާއްދާގައި ބުނެފައިވަނީ އެސްޓޭޓް އަކީ މި ޕްރޮޖެކްޓުގެ ޑިވެލޮޕަރ ކަމަށެވެ.

އެގްރީމަނޓުގެ 3.1 ވަނަ މާއްދާ ބުނާގޮތުން މ. ތިލައައްސޭރީގައި ހަދާ 10 ފަންގިފިލާގެ އިމާރާތުގެ އެންމެހައި މަސައްކަތް ނިންމަން ހިނގާނެ ޚަރަދެއްގެ ގޮތުގައި ދެފަރާތުން ލަފާކުރާ އަދަދަކީ 18 މިލިއަން ރުފިޔާއެވެ.

އެގްރީމަންޓުގެ 3.2 ގައިވާ ގޮތުން އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ބޭންކު މެދުވެރިކޮށް ހޯދުމަށް، ގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީ ބޭންކުގައި ރަހުނުކުރާނީ ގޯތީގެ ވެރިފަރާތުންނެވެ. މީގެ އިތުރުން ބޭންކުގައި ބަހައްޓަންޖެހޭ ފައިސާ ބަހައްޓާނީ ނުވަތަ ފައިސާގެ ގެރެންޓީ ދިނުމުގެ ޒިންމާ ނަގާނީ އެސްޓޭޓްއިންނެވެ. އަދި މި މާއްދާގައި އިތުރަށް ބުނެފައިވާ ގޮތުން ލޯނުގެ ގޮތުގައި ނަގާ ފައިސާ ބަލަހައްޓާންވާނީ ޙަސަން ޔޫސުފްއާއި އެސްޓޭޓްއިން ސޮއިކުރާ އެކައުންޓެއްގެ ދަށުންނެވެ. މި ގޮތުން އެސްޓޭޓުން ޚަރަދުކުރާ ފައިސާ ލޯނުގެ ފައިސާ ލިބޭ މިންވަރަކުން އެސްޓޭޓްއަށް ދައްކައި ޚަލާސްކުރުމަށް ޙަސަން ޔޫސުފް އެއްބަސްވެފައި ވެއެވެ.

އެގްރީމަންޓުގެ 3.3 ބުނާގޮތުން އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ބޭންކުން ހޯދުމަށް ހޭދަވާ މުއްދަތުގައި، މަސައްކަތް އަވަސްކުރުމުގެ ގޮތުން މަސައްކަތްކުރިއަށް ގެންދިއުމަށް ހޭދަވާ ފައިސާ ޖަދުވަލު 1 ގައިވާ ގޮތުގެ މަތިން ހޭދަކުރާނީ އެސްޓޭޓްއިންނެވެ. މިގޮތުން ހޭދަކުރާ ފައިސާ ބޭންކު ލޯނު ލިބުމުން އެސްޓޭޓް އަށް ދިނުމަށް ޙަސަން ޔޫސުފް އެއްބަސްވެފައިވެއެވެ.

އެގްރީމަންޓުގެ 3.4 ގައި ބުނެފައިވާ ގޮތުން އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް އައްޔަންކުރާ ކޮންޓްރެކްޓަރު އައްޔަންކުރާނީ ޙަސަން ޔޫސުފްއާއި އެސްޓޭޓް އިން ވާހަކަދައްކައިގެން ނެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި މަސައްކަތުގެ ފެންވަރު ބެލުމަށް ފަންނީ މީހުން އައްޔަންކުރާނީ ގޯތީގެ ވެރިފަރާތުންނެވެ. މިގޮތުން އައްޔަންކުރާ މީހުންގެ ލަފަޔާއި އިރުޝާދު ހޯދައި ކުރާ އިމާރާތުގެ މަސައްކަތް ބަލަހައްޓާނީ ގޭގެ ވެރިފަރާތާއި އެސްޓޭޓް އިންނެވެ.

އެގްރީމަންޓުގެ 3.5 ވަނަ މާއްދާ ބުނާގޮތުން އިމާރާތްކުރުމަށް ގޭގެ ވެރިފަރާތުން ނަގާ ލޯނު ބޭންކުން ކަނޑައަޅާ އުސޫލަކުން ދައްކައި ޚަލާސްކުރާނީ އެގްރީމަންޓުގެ ދަށުން ހަދާ އިމާރާތުގެ 10 ފަންގިފިލާގެ ތެރެއިން އެސްޓޭޓްއަށް ދިނުމަށް އެއްބަސްވެފައިވާ ފަންގިފިލާތައް ފިޔަވައި އެހެން ފަންގިފިލާތައް ކުއްޔަށް ދީގެން ގޭގެ ވެރިފަރާތުންނެވެ. މިގޮތުން ލޯނު އަދާކުރުމުގައި ގޭގެ ވެރިފަރާތަށް ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ އެކަން އެސްޓޭޓް އަށް އެންގުމަށާއި އެކަން އެގޮތަށް އެސްޓޭޓްއަށް އެންގުމުން ލޯނު އަދާކުރުމުގައި އެހީވުމަށް އެސްޓޭޓް އިން 3.6 ވަނަ މާއްދާގައި އެއްބަސް ވެފައިވެއެވެ.

އެގްރީމަންޓުގެ 3.7 ވަނަ މާއްދާގައިވާ ގޮތުން އެގްރީމަންޓުގައި ސޮއިކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިމާރާތް ހުސްކޮށް ކޮންޓްރެކްޓަރާއި ތަން ހަވާލުކުރުމަށް ގޭގެ ވެރިފަރާތުން އެއްބަސްވެއެވެ. އަދި މި މުއްދަތުގައި އިމާރާތާއި ގޯތި ހުސްކޮށް ކޮންޓްރެކްޓަރާއި ތަން ހަވާލުނުކުރެވިއްޖެ ނަމަ މިކަމުގެ ސަބަބުން ވާ ގެއްލުމުގެ ބަދަލު ގޭގެ ވެރިފަރާތުން އެސްޓޭޓްއަށް ދޭން ޖެހެއެވެ.

އެގްރީމަންޓުގެ 4.1 ވަނަ މާއްދާގައި ބުނެފައިވަނީ އިމާރާތުގައި ހަދާ 10 ފަންގިފިލާގެ މަސައްކަތްތައް ފުރިހަމަކުރުމަށް އެސްޓޭޓުން ކުރާ މަސައްކަތާއި ހޭދައިގެ މުގާބިލުގެ ގޮތުގައި އިމާރާތުގެ 10 ފަންގިފިލާގެ ތެރެއިން 9 ވަނަ ފަންގިފިލާއާއި 10 ވަނަ ފަންގިފިލާ، 18 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔެއް ނުނަގައި އެސްޓޭޓް އަށް ދިނުމަށް ގޭގެ ވެރިފަރާތުން އެއްބަސްވާ ކަމަށެވެ. އަދި އެގްރީމަންޓުގެ 4.2 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެސްޓޭޓް އަށް ދޭ 2 ފަންގިފިލާގެ 18 އަހަރުގެ މުއްދަތަކީ 1 މާޗް 2010 އިން ފެށިގެން 1 ފެބްރުއަރީ 2028 ގެ ނިޔަލަށެވެ.

އެގްރީމަންޓުގެ 5.1 ވަނަ މާއްދާގައި ބުނެފައިވަނީ މި އެގްރީމަންޓު ބާތިލުކުރުމަށް ގޭގެ ވެރިފަރާތުން ބޭނުންވެއްޖެ ނަމަ އެގްރީމަންޓުގެ 1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޭގެ ވެރިފަރާތުން އެސްޓޭޓްއަށް ދީފައިވާ 2 ފަންގިފިލާ އެކުގައި ކުއްޔަށްދީގެން ކުލީގެ ގޮތުގައި އެސްޓޭޓްއަށް ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ ފައިސާ (އެގްރީމަންޓު ބާތިލުކުރަން ގޭގެ ވެރިފަރާތުން ބޭނުންވިއިރު މުއްދަތު ހަމަނުވެ އޮތް ދުވަސްތަކަށް އެކުގައި) އެކީ އެއްފަހަރާ އެސްޓޭޓްއަށް ދިނުމަށްފަހު އެގްރީމަންޓު ބާތިލުކުރެވިދާނެ ކަމަށެވެ. އިތުރަށް އެ މާއްދާގައި ބުނެފައިވަނީ އެ ގޮތުން ބަދަލު ދިނުމުގައި ބަލާނީ އެއިރެއްގެ މާކެޓް ރޭޓަށް ކަމަށެވެ. އަދި އެގްރީމަންޓު އެއްވެސް ސަބަބަކާހުރެ ބާތިލުކުރުމަށް އެސްޓޭޓް އިން ބޭނުންވެއްޖެ ނަމަ މ. ތިލައައްސޭރީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 10 ފަންގިފިލާގެ އިމާރާތްކުރުމަށް ނުވަތަ އެކަމާގުޅޭ މަސައްކަތްތަކަށް އެހާ ހިސާބަށް ކޮށްފައިވާ ޚަރަދާއި ފައިސާ އަދި އެސްޓޭޓް އަށް އެގްރީމަންޓުގައި ކަނޑައެޅިފައިވާ މުއްދަތަށް ދެވޭ 2 ފަންގިފިލާ ހޯދުމަށް ދައުވާނުކުރެވޭނެއެވެ.

ޖީ.އީ.އޯ ކޮންސްޓްރަކްޝަންސް އެންޑް އެންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އާއި ޙަސަން ޔޫސުފްއާ ދެމެދުގައި 23 އޮގްސްޓް 2008 ގައި ސޮއިކުރެވުނު އެއްބަސްވުމަކުން (އިމާރާތްކުރުމުގެ އެއްބަސްވުން) މ. ތިލައައްސޭރީގައި އެގްރީމަންޓުގެ ދަށުން ހަދަން އެއްބަސްވެފައިވާ އިމާރާތް ހެދުމުގެ މަސައްކަތް ޖީ.އީ.އޯ ކޮންސްޓްރަކްޝަންސް އެންޑް އެންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރެވިފައި ވެއެވެ. މިބުނެވުނު އިމާރާތްކުރުމުގެ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން އިމާރާތްކުރުމުގެ މަސައްކަތަށް ކަނޑައެޅިފައިވާ އަގު އިމާރާތްކުރުމުގެ އެއްބަސްވުމުގެ އެނެކްސް 3 ގެ ޕޭމަންޓް ޝެޑިއުލްގައިވާ ގޮތުގެ މަތީން ކޮންޓްރެކްޓަރު ހުށަހަޅާ އިންވޮއިސްގައިވާ މުއްދަތުގައި ކޮންޓްރެކްޓަރަށް ދެއްކުމަކީ ޙަސަން ޔޫސުފްގެ މަސްއޫލިއްޔަތެކެވެ.

އެސްޓޭޓް އާއި ޙަސަން ޔޫސުފްއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމަންޓާ ގުޅިގެން އުފެދުނު ޚުސޫމަތާ ގުޅިގެން ސިވިލް ކޯޓުން ބެލި ފުރަތަމަ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ 2349/Cv-C/2011 ގަޒިއްޔާގައެވެ. ސިވިލް ކޯޓުގެ 2349/Cv-C/2011 ގަޒިއްޔާގެ ހުކުމާމެދު އެސްޓޭޓް އިން ހިތް ހަމަނުޖެހިގެން އެ ގަޒިއްޔާގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ހިންގާފައިވަނީ އެކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގައެވެ. ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާ ނިމުމުން ހައިކޯޓުގެ އެ ގަޒިއްޔާގެ ހުކުމާ ހަވާލާދީ އެސްޓޭޓްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މި ދައުވާ ސިވިލް ކޯޓުގައި ބަލާފައިވަނީ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައެވެ. ސިވިލް ކޯޓުން ނިންމި ނަންބަރު 2002/Cv-C/2017 ގަޒިއްޔާ ގެ ހުކުމާމެދު ހިތް ހަމަނުޖެހިގެން އެސްޓޭޓުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ގަޒިއްޔާ އިސްތިއުނާފުކުރުމުން ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2018/HC-A/291ގަޒިއްޔާގައެވެ. މިއީ ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާ

އެސްޓޭޓް އާއި ޙަސަން ޔޫސުފްއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމަންޓާއި އެސްޓޭޓް ޚިލާފުވެފައިވާކަމަށް ބުނެ އެ އެގްރީމަންޓް ބާތިލުކުރުމަށް ޙަސަން ޔޫސުފްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރިއެވެ. ޙަސަން ޔޫސުފްގެ މި ދައުވާ ސިވިލް ކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގައެވެ.

ޙަސަން ޔޫސުފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެސްޓޭޓުން އެގްރީމަންޓާ ޚިލާފުވެފައިވާ ކަމަށް ބުނެ ޝަކުވާކޮށްފައިވަނީ ދެކަމެއްގެ މައްޗަށެވެ. އެއީ:

(ހ) ކޮންޓްރެކްޓަރު ފޮނުވާފައިވާ އިންވޮއިސްއަށް ފައިސާ ދައްކާފައިނުވާތީ ކޮންޓްރެކްޓަރު މަސައްކަތް ހުއްޓާލާފައި ގޮސްފައިވުން؛ އަދި

(ށ) އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ބޭންކުމެދުވެރިކޮށް ހޯދުމުގެ ކަންތައް އެސްޓޭޓުން އިންތިޒާމުކޮށްފައި ނުވުން.

ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ (1) އެސްޓޭޓުން ކޮންޓްރެކްޓަރުގެ އިންވޮއިސްއަށް ފައިސާ ދައްކާފައި ނުވާތީއާއި (2) އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ބޭންކުން ހޯދުމުގެ މަސައްކަތް އެސްޓޭޓުން ކޮށްފައި ނެތުމުން އެސްޓޭޓުން އެގްރީމަންޓާއި ޚިލާފުވެފައިވާތީވެ އެ އެގްރީމަންޓު ބާތިލުވެފައިވާ ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، އެގްރީމަންޓު ބާތިލުވުމުގެ ސަބަބުން އެގްރީމަންޓުގެ 5.1 ވަނަ މާއްދާގައި ބަޔާންވެގެންވާ އުސޫލާއެއްގޮތްވާ ގޮތުގެ މަތިން އެއްބަސްވުން ބާތިލުކުރާ ނަމަ ދެފަރާތުގެ ހައްގުތައް ކަނޑައެޅިފައިވާ ގޮތަށް، މ. ތިލައައްސޭރި އެވެ ކިޔާ ގޯތީގައި އިމާރާތްކުރުމަށް އެސްޓޭޓުން މަސައްކަތެއް އަދި ޚަރަދެއް ކޮށްފައިވީ ނަމަވެސް، އެކަމުގެ ބަދަލު ލިބިދޭނެ ތަނެއް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ 2012/HC-A/243ގަޒިއްޔާ

އެސްޓޭޓް އިން ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައެވެ. ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެސްޓޭޓުން ހުށަހެޅީ އަންނަނިވި ނުކުތާތަކެވެ.

(ހ) މުޅި އިމާރާތް ހެދުމަށް ޚަރަދުކުރުމަކީ އެސްޓޭޓްގެ ޒިއްމާއެއްކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ދެފަރާތުގެ ދެމެދުގައިވާ ކޮންޓްރެކްޓާ ޚިލާފަށް ކަމުގައިވުން.

(ށ) ބޭންކު މެދުވެރިކޮށް ލޯނު ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަންޖެހެނީ އެސްޓޭޓުން ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ދެފަރާތުގެ ދެމެދުގައިވާ ކޮންޓްރެކްޓާ ޚިލާފަށް ކަމުގައިވުން.

(ނ) އެސްޓޭޓްގެ ފަރާތުން މަސައްކަތެއް ނުވަތަ ޚަރަދެއްކޮށްފައިވީ ނަމަވެސް ބަދަލު ނަގައި ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާ ޚިލާފަށް ކަމުގައިވުން.

މި މައްސަލައިގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ މ. ތިލައައްސޭރީގައި 10 ބުރީގެ އިމާރާތް އަޅަން ފައުންޑޭޝަން އަޅައި، ގްރައުންޑް ފްލޯއާއި ފަސްޓް ފްލޯގެ މަސައްކަތް ނިންމައި، ސެކަންޑް ފްލޯގެ ޝީޓު އަޅައި ނިމިފައިވާ ކަމަށާއި އެ މަސައްކަތް ކޮށްފައިވަނީ އެސްޓޭޓްގެ އަމިއްލަ ޚަރަދުގައި ކަމަށާއި، އެ މަސައްކަތަށް އެސްޓޭޓުން 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި އެއީ އިމާރާތުގެ މަސައްކަތުގެ %33 ކަމަށާއި އިމާރާތުގެ މަސައްކަތް ހުއްޓިފައިވަނީ މ. ތިލައައްސޭރި އެވެ ކިޔާ އިމާރާތާއި ގޯތި ބޭންކުގައި ރަހުނުކުރުމަށް ޙަސަން ޔޫސުފް އިންކާރު ކުރުމުގެ ސަބަބުން ކަމަށާއި އަދި އޭގެ ފަހުން އިމާރާތުގެ މައްޗަށް ޙަސަން ޔޫސުފް އަތްގަދަކޮށް އެސްޓޭޓްގެ އިޒުނަ ހޯދުމަކާއި ނުލައި އިމާރާތުގެ ތާރޑް ފްލޯގެ ޝީޓް އަޅާފައިވާ ކަމަށާއި ގޭގެ ވެރިފަރާތުން އެގްރީމަންޓު ބާތިލުކުރަން ބޭނުންވާ ނަމަ، އެސްޓޭޓްގެ މަދަނީ ހައްގުތައް ލިބިދިނުމަށްފަހު އެގްރީމަންޓު ނިމުމަކަށް ގެންނަން އެދޭކަމަށް އެސްޓޭޓުން ސިވިލް ކޯޓުގައި ބުނެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ބޭންކުން ހޯދަންޖެހޭ ލޯނު ނެގުމަށްޓަކައި އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ ތަކެތި އެއްވެސް ޝަރުތެއް ނެތި ޙަސަން ޔޫސުފްގެ ފަރާތުން ހުށަހެޅުމަށް ތިބިކަމަށާއި، އަދި އިމާރާތުގެ ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ފައިސާގެ އިންވޮއިސް އެސްޓޭޓްއަށް ފޮނުވައިގެން ލިބިފައިނުވާތީ އެފައިސާ ދެއްކުމަށް އެދިފައިވާނެ ކަމަށާއި، އިމާރާތަށް އެސްޓޭޓުން 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި، ނަމަވެސް އިމާރާތުގެ މަސައްކަތް އެގްރީމަންޓުގައި ބުނެފައިވާ ގޮތަށް 18 މަސް ދުވަހުގެ ތެރޭގައި ނިންމޭނެ ގޮތަށް ފައިސާގެ އިންތިޒާމު ބޭންކު މެދުވެރިކޮށް ހަމަޖައްސާފައި ނުވުމާއި، ކޮންޓްރެކްޓަރު ކޮށްފައިވާ މަސައްކަތަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައި ދިނުމަށް އިންކާރުކޮށްފައިވާ ކަމަށާއި، އިމާރާތްކުރުމަށް ގޭގެ ވެރިފަރާތަށް ބޭނުންވާ ފައިސާ ހޯދައި ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށާއި، އެސްޓޭޓުން އިމާރާތަށް ކޮށްފައިވާ ޚަރަދު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވަނީ ބޭންކު ލޯނު ހަމަޖެހުމުން އަދި ލޯނުގެ ފައިސާ ލިބޭ މިންވަރަކުން ކަމުގައިވާތީވެ، ލޯނުގެ ފައިސާ ނުލިބެނީސް ގޭގެ ވެރިފަރާތުން އެފައިސާ އެސްޓޭޓްއަށް ދައްކަންޖެހޭނެ ކަމަށް ނުދެކޭ ކަމަށާއި، ލޯނު ހޯދުމަށް ހުށަހަޅާ އެޕްލިކޭޝަންގެ މަސައްކަތް ނުކޮށް ލޯނު ހޯދުމަކީ ގޯތީގެ ވެރިފަރާތުގެ ޒިއްމާއެއް ކަމުގައި ހަދަން އެސްޓޭޓުން މަސައްކަތްކުރުމަކީ އެގްރީމަންޓާ ޚިލާފު ކަމެއް ކަމަށާއި، ބޭންކު މެދުވެރިކޮށް ލޯނުގެ ފައިސާ ހޯދުމަށް ގޯތީގެ ވެރިފަރާތުން އިންކާރުކޮށްފައި ނުވާނެ ކަމަށާއި، އަދި އެކަން ހަމަޖައްސައިދޭން ޖެހޭ ފަރާތަކީ އެސްޓޭޓް ކަމަށްވެފައި އެކަން ހަމަނުޖެއްސުމުން އެކަން ހަމަޖައްސައި ދިނުމަށް އެދި ސިޓީ ފޮނުވާފައިވީ ނަމަވެސް އެއްވެސް ޖަވާބެއް ނުދޭކަމަށް ޙަސަން ޔޫސުފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ބުނެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ފާހަގަކުރެވޭ ކަމަށް ބަޔާންކޮށް، ސިވިލް ކޯޓުން ނިންމާފައިވާ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާއިން ބާތިލުކުރިއެވެ. މީގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގައި އެސްޓޭޓްއާއި ޙަސަން ޔޫސުފްއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމަންޓުވެސް ހައިކޯޓުން ބާތިލުކޮށްފައި ވެއެވެ.

އެސްޓޭޓްއާއި ޙަސަން ޔޫސުފްއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމަންޓު ހައިކޯޓުން ބާތިލުކުރި ސަބަބެއް ކަމަށް ހައިކޯޓުގެ 2012/HC-A/243ގަޒިއްޔާގައި ބުނެފައިވަނީ:

"ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދިފައިވަނީ މ. ތިލައައްސޭރި ޙަސަން ޔޫސުފުގެ ފަރާތުންކަން އެނގޭއިރު، ޙަސަން ޔޫސުފްގެ ފަރާތުން އެދިފައިވާ ގޮތަށް އެއްބަސްވުން ބާތިލުކުރާ ނަމަ، އެސްޓޭޓްގެ ހައްގު ލިބިދިނުމަށް އެސްޓޭޓްގެ ފަރާތުން ބުނެފައިވާތީ، މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުން އިތުރަށް ދެމެހެއްޓުމަށް އެއެއްބަސްވުމުގެ ބައިވެރިން ކަމުގައިވާ މ. ތިލައައްސޭރި ޙަސަން ޔޫސުފް އާއި އެސްޓޭޓް އިންޓަނެޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭނުން ނުވާކަން އެނގޭ ހިނދު، މި ހާލަތުގައި ދެ ފަރާތަށް އެންމެ މަސްލަހަތު ބޮޑު، އަދްލުވެރި ގޮތަކީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުން ކަމަށް ގަބޫލުކުރެވޭތީ" ކަމަށެވެ.

މީގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައިވަނީ އެގްރީމަންޓު ބާތިލުކުރަން ހުށަހަޅާފައިވަނީ ޙަސަން ޔޫސުފް ކަމަށް ވުމާއެކު، (1) އިމާރާތް ހެދުމަށް އެސްޓޭޓްގެ ފަރާތުން 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާ ޚަރަދުކޮށްފައިވާކަން ސާބިތުވާތީވެ، އެފައިސާއަކީ ޙަސަން ޔޫސުފްގެ ފަރާތުން އެސްޓޭޓްއަށް ރައްދުކުރަންޖެހޭނެ ފައިސާއެއް ކަމަށާއި، (2) އެގްރީމަންޓުގެ ދަށުން ޙަސަން ޔޫސުފް އަށާއި އެސްޓޭޓްއަށް އިތުރު ހައްގެއް ލިބެންޖެހޭ ކަމަށް އެ ދެފަރާތުން ދެކޭ ނަމަ، އެކަމެއް ކަމާބެހޭ ދަށުކޯޓަށް ހުށަހަޅައިގެން ކުރިއަށް ދިއުމުގެ ހައްގު ދެފަރާތަށް ލިބިގެންވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނަންބަރު 2012/HC-A/243ގަޒިއްޔާ ނިންމާފައިވަނީ 24 ޖޫން 2014 ގައެވެ. އަދި އެ ގަޒިއްޔާ ނިމުނު ފަހުން ޙަސަން ޔޫސުފް ނިޔާވެފައި ވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާ

ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގެ ހުކުމުން ޙަސަން ޔޫސުފްއާއި އެސްޓޭޓްއާ ދެމެދުގައި ސޮއިކޮށްފައިވާ އެގްރީމަންޓު ބާތިލުކުރުމާ ގުޅިގެން އެ އެގްރީމަންޓުގެ ދަށުން އެސްޓޭޓް އަށް ލިބެންޖެހޭ ކަމަށް އެސްޓޭޓުން ދެކޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެސްޓޭޓުން ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މި ދައުވާ ސިވިލް ކޯޓުގައި ބަލާފައިވަނީ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައެވެ. ސިވިލް ކޯޓުގެ މި ގަޒިއްޔާގައި އެސްޓޭޓުން ހޯދުމަށް އެދިފައިވާ ބަދަލުގެ ފައިސާ އަކީ ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެގްރީމަނޓުގެ 5.1 ވަނަ މާއްދާގެ ދަށުން ހޯދުމަށް އެދިފައިވާ ބަދަލެވެ.

އެގްރީމަންޓުގެ 5.1 ވަނަ މާއްދާގައި ބުނެފައިވަނީ މި އެގްރީމަންޓު ބާތިލުކުރުމަށް ގޭގެ ވެރިފަރާތުން ބޭނުންވެއްޖެ ނަމަ އެގްރީމަންޓުގެ 1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޭގެ ވެރިފަރާތުން އެސްޓޭޓްއަށް ދީފައިވާ 2 ފަންގިފިލާ އެކުގައި ކުއްޔަށްދީގެން ކުލީގެ ގޮތުގައި އެސްޓޭޓްއަށް ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ ފައިސާ (އެގްރީމަންޓު ބާތިލުކުރަން ގޭގެ ވެރިފަރާތުން ބޭނުންވިއިރު މުއްދަތު ހަމަނުވެ އޮތް ދުވަސްތަކަށް އެކުގައި) އެކީ އެއްފަހަރާ އެސްޓޭޓްއަށް ދިނުމަށްފަހު އެގްރީމަންޓު ބާތިލުކުރެވިދާނެ ކަމަށެވެ. އިތުރަށް އެ މާއްދާގައި ބުނެފައިވަނީ މިގޮތުން ބަދަލު ދިނުމުގައި ބަލާނީ އެއިރެއްގެ މާކެޓް ރޭޓަށް ކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގެ ހުކުމުގައި ސިވިލް ކޯޓުން ކަނޑައެޅީ އެސްޓޭޓްއިން ދައުވާކުޅަ ފައިސާއަކީ ޝަރީއަތުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށެވެ. އެސްޓޭޓްއިން ދައުވާކުޅަ ފައިސާ ނަގައި ނުދެވޭނެ ސަބަބެއް ކަމަށް އެ ގަޒިއްޔާގެ ހުކުމުގައި ސިވިލް ކޯޓުން ބުނެފައިވަނީ އިމާރާތުން ދެ ފަންގިފިލާ އެސްޓޭޓަށް ދިނުމަށް އެއްބަސްވެފައިވަނީ އިމާރާތުގެ ހުރިހައި މަސައްކަތްތަކެއް ފުރިހަމަ ކުރުމަށް އެސްޓޭޓް އިން ކުރާ މަސައްކަތާއި ހޭދައިގެ ބަދަލުގައި ކަމަށްވާތީ އާއި، އެގްރީމަންޓު ބާތިލުކޮށްފައިވަނީ އެގްރީމަންޓުގެ މަގްސަދު ހާސިލުކުރުމުގެ ކުރިން ކަމަށްވާތީވެ، އެގްރީމަންޓު ބާތިލުކޮށްފައިވަނީ އެއްބަސްވުމުގެ 5.1 ވަނަ މާއްދާގެ ދަށުން ކަމަށް ޝަރީއަތަށް ބުރަނުވެވޭތީ ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ 2018/HC-A/291ގަޒިއްޔާ

ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަކީ ގާނޫނީ ގޮތުން ރަނގަޅު ހުކުމެއް ނޫން ކަމަށްބުނެ އެސްޓޭޓްގެ ފަރާތުން ސިވިލް ކޯޓުގެ މި ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި އިސްތިއުނާފުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2018/HC-A/291 ގަޒިއްޔާގައެވެ. މިއީ ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާއެވެ.

ހައިކޯޓުގެ ނަންބަރު 2018/HC-A/291ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފުގެ މައްސަލަ

ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން މި ބަލާ އިސްތިއުނާފުގެ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/291ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ބުނެ އެސްޓޭޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައެވެ. ހައިކޯޓުގެ ނަންބަރު 2018/HC-A/291 ގަޒިއްޔާގެ ހުކުމާއި އެ އިސްތިއުނާފުގެ މައްސަލަ ބިނާވެފައިވާ ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ނޫންކަމަށް ބުނެ އެސްޓޭޓްގެ ފަރާތުން 4 އިސްތިއުނާފީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ. އެ ނުކުތާ ތަކަކީ:

(ހ) މ. ތިލައައްސޭރީގައި ހަދަން އެއްބަސްވެފައިވާ އިމާރާތް ފުރިހަމަކުރުމަކީ އެސްޓޭޓް އިން އަދާކުރަންޖެހޭ އިލްތިޒާމެއް ކަމަށް ބަލައިގެން އެ އަސާސްގެ މައްޗަށް ހުކުމްކޮށްފައިވާއިރު، އެއީ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ އެސްޓޭޓްގެ އިލްތިޒާމެއް ނޫންކަން.

(ށ) ގާނޫނުއަސާސީގެ 143 (ރ) އާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވުން.

(ނ) ދެފަރާތުގެ ދެމދުގައި ސޮއިކޮށްފައިވާ އެގްރީމަންޓުގެ ހަގީގީ ބޭނުމާއި އެއްބަސްވުމުގެ ބައިވެރިންގެ ތަސައްވުރަށާއި ނިޔަތަށް ރިއާޔަތްނުކޮށް މައްސަލަ ނިންމާފައިވުން.

(ރ) އެއްބަސްވުމުގެ ބައިވެރިއަކަށް ބޭއިންސާފު މުއްސަނދިކަމެއް ލިބިދީ މައްސަލަ ނިންމާފައިވުން.

ދެފަރާތުގެ ހަރިޖެހުން

އެސްޓޭޓްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު 2018/HC-A/291ގަޒިއްޔާގެ ހުކުމާއި އެ އިސްތިއުނާފުގެ މައްސަލަ ބިނާވެފައިވާ ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެގްރީމަންޓާއި ޚިލާފުވީ ފަރާތަކީ އެސްޓޭޓް ކަމަށް ބަލައިގެން އެ އަސާސްގެ މައްޗަށް ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގައި ކޮށްފައިވާ ހުކުމުގައި އެގޮތަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެގޮތުން ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ " ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދިފައިވަނީ މ. ތިލައައްސޭރި ޙަސަން ޔޫސުފުގެ ފަރާތުންކަން އެނގޭއިރު، ޙަސަން ޔޫސުފްގެ ފަރާތުން އެދިފައިވާ ގޮތަށް އެއްބަސްވުން ބާތިލުކުރާ ނަމަ، އެސްޓޭޓްގެ ހައްގު ލިބިދިނުމަށް އެސްޓޭޓްގެ ފަރާތުން ބުނެފައިވާތީ، މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުން އިތުރަށް ދެމެހެއްޓުމަށް އެއެއްބަސްވުމުގެ ބައިވެރިން ކަމުގައިވާ މ. ތިލައައްސޭރި ޙަސަން ޔޫސުފް އާއި އެސްޓޭޓް އިންޓަނެޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭނުން ނުވާކަން އެނގޭ ހިނދު، މި ހާލަތުގައި ދެ ފަރާތަށް އެންމެ މަސްލަހަތު ބޮޑު، އަދުލުވެރި ގޮތަކީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުން ކަމަށް ގަބޫލުކުރެވޭތީ" މިގޮތަށް ކަމަށާއި، އެހެން ކަމުން ކޮންޓްރެކްޓު ނިމުމަކަށް އައިސްފައިވަނީ އެސްޓޭޓް އިން ކޮންޓްރެކްޓާ ޚިލާފުވެގެން ކަމަށް ހައިކޯޓުގެ ނަންބަރު 2018/HC-A/291ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައި ނުވާކަމަށާއި ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގެ ހުކުމުން ސިވިލް ކޯޓުން ނިންމާފައިވާ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގެ ހުކުމް ބާތިލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މ. ތިލައައްސޭރީގައި އިމާރާތް ހެދުމާބެހޭ އެގްރީމަންޓުގައިވާ ގޮތުން މ. ތިލައައްސޭރީގައި ހަދާ 10 ބުރި އިމާރާތް ހަދައި ފުރިހަމަ ކުރުމަކީ އެސްޓޭޓް ގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމެއް ނޫންކަމަށާއި، އެގޮތަށް އެގްރީމަންޓުގެ އެއްވެސް މާއްދާއެއްގައި ބުނެފައިނެތް ކަމަށެވެ. އިތުރަށް، އެސްޓޭޓްގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުން ހައިކޯޓުން ބާތިލުކުރުމާ ހަމައަށްވެސް އެގްރީމަންޓުގެ ދަށުން އެސްޓޭޓުން އަދާކުރަންޖެހޭ އިލްތިޒާމުތައް ހެޔޮ ނިޔަތުގައި އަދާކުރަމުން ގެންގޮސްފައިވާ ކަމަށެވެ.

އެސްޓޭޓްގެ ފަރާތުން ބުނެފައިވަނީ އެގްރީމަންޓުގެ ދަށުން އެސްޓޭޓުން އަދާކުރަންޖެހޭ މައިގަނޑު އިލްތިޒާމަކީ އިމާރާތްކުރަން ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިލްތިޒާމުތައް އަދާކުރުން ކަމަށެވެ. އަދި މިގޮތުން މ. ތިލައައްސޭރީގައި ހަދާ އިމާރާތަށް ބޭންކުން ލޯނު ހޯދުމަށް ހޭދަވާ މުއްދަތުގައި މަސައްކަތް އަވަސްކުރުމުގެ ގޮތުން މަސައްކަތް ކުރިއަށް ގެންދިއުމަށް ހޭދަވާ ފައިސާ، އެގްރީމަންޓުގެ ޖަދުވަލުގެ 1 ގައިވާ ގޮތުގެ މަތިން ދައްކާނީ އެސްޓޭޓުން ކަމަށް އެގްރީމެންޓުގެ 3.3 ވަނަ މާއްދާގައި ބުނެފައިވާތީ، އެ މާއްދާގެ ދަށުން އެސްޓޭޓުން އެކު ޖުމްލަ 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެސްޓޭޓުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެސްޓޭޓުން ބުނެފައިވަނީ އިސްވެ ބަޔާންކުރި 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާ އެގްރީމަންޓުގެ 3.3 ގައި ވާ ގޮތަށް ޚަރަދު ކުރުމުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި އެސްޓޭޓުން އިލްތިޒާމު އުފުލަންޖެހޭ ދެކަމެއް އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ބޭންކުން ހޯދުމަށް ބަހައްޓަންޖެހޭ ފައިސާ ބެހެއްޓުން ނުވަތަ ފައިސާގެ ގަރަންޓީ ދިނުމުގެ އިލްތިޒާމް އެގްރީމަންޓުގެ 3.2 ގައިވާ ގޮތުގެ މަތިން އަދާކުރުމާއި ބުނެވުނު އިމާރާތްކުރުމަށް ނަގާ ލޯނު ބޭންކުން ކަނޑައަޅާ ގޮތަށް އަނބުރާ ދެއްކުމުގައި ގޭގެ ވެރިފަރާތަށް ދިމާވާ ދަތިތަކާ ގުޅިގެން ދެފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެން އެފަރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި މި ދެ ކަންތަކެވެ. ނަމަވެސް ބުނެވުނު ލޯނު ބޭންކުން ނެގުމުގައި އެގްރީމަންޓުގެ 3 ވަނަ މާއްދާގެ ދަށުން އިމާރާތުގެ ވެރިފަރާތުން ކުރަންޖެހޭ ކަންތައްތައް ކަމުގައިވާ ލޯނަށް އެދި ބޭންކަށް ހުށަހެޅުމާއި އިމާރާތުގެ ރަޖިސްޓަރީ ބޭންކުގައި ރަހުނުކުރުމުން ޙަސަން ޔޫސުފްގެ ފަރާތުން މަނާވެގަތުމުގެ ސަބަބުން އިމާރާތުގެ މަސައްކަތް އެގްރީމަންޓުގައިވާ ގޮތަށް ފުރިހަމަކުރުމަށް ހުރަސް އެޅުނު ކަމަށް އެސްޓޭޓްގެ ފަރާތުން ބުނެފައިވެއެވެ.

އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުން ބާތިލުކުރުމަށް ޙަސަން ޔޫސުފް އެދޭތީ ކަމާއި، އެއްބަސްވުން ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި ބާތިލުކޮށްފައިވަނީ އެސްޓޭޓުން އެގްރީމަންޓާ ޚިލާފުވެގެން ނޫންކަން ހައިކޯޓުގެ އެ ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެސްޓޭޓުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައި ވެއެވެ.

އިސްތިއުނާފުކުރާ އެސްޓޭޓުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ޙަސަން ޔޫސުފް ގެ ވާރިސުންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގައި އެސްޓޭޓުން އެގްރީމަންޓާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެގްރީމަންޓު ބާތިލުކޮށްފައިވާ ކަމަށާއި، ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ 20 ވަނަ ސަފްހާގެ ދެވަނަ ޕެރެގްރާފުގައި ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގައި ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރި ކުރުމަށް ހައިކޯޓުން ތާއީދުކުރާ ކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ޙަސަން ޔޫސުފް ގެ ވާރިސުންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ބާތިލުކުރެވިފައިވާ އެގްރީމަންޓެއްގެ ދަށުން އިތުރު ހައްގުތަކެއް އުފަން ނުވާނޭ ކަމަށާއި، އެގޮތުން ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާ އިން ބާތިލުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އުފެދޭނެ ހައްގެއް އޮތްކަމަށް ނުދެކޭ ކަމަށެވެ. އަދި ބާތިލުކަމެއްގެ މައްޗަށް ތަރައްތުބުވާނީވެސް ބާތިލު އެއްޗެއް ކަމަށް ބުނެފައި ވެއެވެ.

އިތުރަށް، އިސްތިއުނާފު ރައްދުވާ ޙަސަން ޔޫސުފް ގެ ވާރިސުންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާއިން އިސްތިއުނާފުކުރާ ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދީފައިވާ 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާ އިސްތިއުނާފުކުރާ ފަރާތުން އެސްޓޭޓަށް ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރަށް އިސްތިއުނާފު ރައްދުވާ ޙަސަން ޔޫސުފް ގެ ވާރިސުންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާއިން ބާތިލުކޮށްފައިވާ އެގްރީމަންޓެއްގެ ދަށުން އިތުރަށް ހައްގެއް ލިބެން ޖެހޭ ކަމަށް ދެކޭނަމަ އެކަމެއްގެ މައްސަލަ ކަމާބެހޭ ކޯޓަށް ކުރިއަށް ގެންދިއުމުގެ ހައްގު އޮތް ކަމަށް ބަޔާންކޮށްފައިވާތީ އެކަމުގެ ނަތީޖާއެއްގެ ގޮތުން އިސްތިއުނާފުކުރާ އެސްޓޭޓްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް އެސްޓޭޓްއަށް އިތުރު ހައްގެއް އޮތް ކަމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި ކަނޑައަޅާފައި ނުވާ ކަމަށެވެ.

އިސްތިއުނާފު ރައްދުވާ ޙަސަން ޔޫސުފް ގެ ވާރިސުންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާއިން ބަލާފައިވާ މައްސަލައަކީ އެކަންކަމާމެދު ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގައި ގޮތް ކަނޑައަޅާފައިވާ މައްސަލައަކަށް ވުމާއި އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގެ ހުކުމާއެއްގޮތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެސްޓޭޓް އަށް ފައިސާ ނަގައިދީ، އެ ގޮތުން ނަގައިދިން 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާގެ ގެއްލުމުގެ ބަދަލު އިސްތިއުނާފު ރައްދުވާ ޙަސަން ޔޫސުފް ގެ ފަރާތުން އެސްޓޭޓްއަށް ދައްކާފައިވާތީވެ، މި ކޮންޓްރެކްޓުގެ ދަށުން އިތުރަށް ބަދަލު ދިނުމާމެދު ޝަރީއަތުން އަލުން ގޮތެއް ކަނޑައެޅުމަކީ އެއް ވާގިއާއެއްގެ މައްޗަށް ދެވަނަ ފަހަރަށް ނިޔާއެއް އިއްވުން ކަމަށް ވެގެންދާ ކަމަށެވެ.

އިސްތިއުނާފު ރައްދުވާ ޙަސަން ޔޫސުފް ގެ ވާރިސުންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ސައްހަ އެއްބަސްވުމެއް އޮތް ކަމަށް ބެލި ނަމަވެސް އިމާރާތުން ދެ ފްލޯ އެސްޓޭޓްއަށް ދޭންޖެހޭނެ ކަމަށް މާނަކުރެވޭނީ މ. ތިލައައްސޭރީގައި 10 ބުރި އިމާރާތެއް ތަރައްގީކޮށްފައި ހުރި ނަމައެވެ. އެފަދަ އިމާރާތް ވުޖޫދުގައި ހުރި ނަމައެވެ. ނަމަވެސް އެފަދަ އިމާރާތެއް ވުޖޫދުގައި ނެތެވެ.

ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތައް

އިސްތިއުނާފުކުރަން ހުށަހެޅިފައިވާ ނުކުތާތަކާއި ސުޕްރީމް ކޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާތަކަކީ:-

(ހ)

ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގެ ނަތީޖާ

އަކީ ކޮބައިތޯ.

(ށ) ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާއިން ޙަސަން ޔޫސުފްގެ ފަރާތުން އެސްޓޭޓްއަށް 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާ ދައްކާފައިވާތީވެ، އޭގެ އިތުރުން އެގްރީމަންޓުގެ 5.1 ވަނަ މާއްދާގައި ބަޔާންކުރާ 2 ފަންގިފިލާ ނުވަތަ ދެ ފަންގިފިލާއިން 18 އަހަރު ދުވަހުގެ ތެރޭގައި ލިބޭނޭ އާމްދަނީ ހޯދުމަށް އެސްޓޭޓްއަށް ދައުވާކުރެވިދާނެތޯ.

(ނ) އެގްރީމަންޓުގެ 5.1 ވަނަ މާއްދާގައި ބަޔާންކުރާ 2 ފަންގިފިލާ ނުވަތަ ދެ ފަންގިފިލާއިން 18 އަހަރު ދުވަހުގެ ތެރޭގައި އެސްޓޭޓް އަށް ލިބޭނޭ އާމްދަނީ ހޯދުމަށް އެސްޓޭޓްއަށް ދައުވާކުރެވިދާނެ ކަމަށް ނިންމާނަމަ އެ ގެއްލުމުގެ ބަދަލު ހިސާބުކޮށް ކަނޑައަޅާނީ ކިހިނެތްތޯ.

ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގެ ނަތީޖާ

ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާ ގައި ބަލާފައިވާ މައްސަލައަކީ އެސްޓޭޓް އާއި ޙަސަން ޔޫސުފްއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމަންޓާއި އެސްޓޭޓް ޚިލާފުވެފައިވާކަމަށް ބުނެ އެ އެގްރީމަންޓް ބާތިލުކުރުމަށް ޙަސަން ޔޫސުފްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރުމުން ބެލި މައްސަލައެކެވެ. އެ ގަޒިއްޔާގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެސްޓޭޓުން އެގްރީމަންޓާ ޚިލާފުވެފައިވާ ކަމަށް ސާބިތުވާތީވެ، އެގްރީމަންޓު ބާތިލުވެފައިވާ ކަމަށެވެ. ސިވިލް ކޯޓުގެ ގަޒިއްޔާ ނިމުމުން އެ ގަޒިއްޔާގެ ހުކުމާމެދު ހިތްހަމަ ނުޖެހޭތީވެ، އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން އެސްޓޭޓުގެ ފަރާތުން އިސްތިއުނާފީ ގަޒިއްޔާގައި (ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާ) އެދިފައިވަނީ އެސްޓޭޓް އިން އެގްރީމަންޓާ ޚިލާފުނުވާ ކަމަށް ހައިކޯޓުން ކަނޑައަޅައި ދިނުމަށެވެ. ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާ ބާތިލުކޮށްފައިވީ ނަމަވެސް، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެސްޓޭޓުން އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅި ނުކުތާ ގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނެތެވެ. އިސްތިއުނާފުކުރާ އެސްޓޭޓުން ހައިކޯޓަށް ހުށަހެޅި ނުކުތާ އަށް ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި ހައިކޯޓުން ކުޅަ ހުކުމުގައި ބުނެފައިވަނީ "ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދިފައިވަނީ މ. ތިލައައްސޭރި ޙަސަން ޔޫސުފުގެ ފަރާތުންކަން އެނގޭއިރު، ޙަސަން ޔޫސުފްގެ ފަރާތުން އެދިފައިވާ ގޮތަށް އެއްބަސްވުން ބާތިލުކުރާ ނަމަ، އެސްޓޭޓްގެ ހައްގު ލިބިދިނުމަށް އެސްޓޭޓްގެ ފަރާތުން ބުނެފައިވާތީ، މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުން އިތުރަށް ދެމެހެއްޓުމަށް އެއެއްބަސްވުމުގެ ބައިވެރިން ކަމުގައިވާ މ. ތިލައައްސޭރި ޙަސަން ޔޫސުފް އާއި އެސްޓޭޓް އިންޓަނެޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭނުން ނުވާކަން އެނގޭ ހިނދު، މި ހާލަތުގައި ދެ ފަރާތަށް އެންމެ މަސްލަހަތު ބޮޑު، އަދުލުވެރި ގޮތަކީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުން ކަމަށް ގަބޫލުކުރެވޭތީ" އެގޮތަށް ނިންމީ ކަމަށެވެ. އެގްރީމަންޓެއް ބާތިލުކުރުމަކީ ދެ ފަރާތަށް އެންމެ މަސްލަހަތު ބޮޑު އަދި އަދުލުވެރި ގޮތްކަމަށް ކޯޓަށް ފެނިގެން ކޮންޓްރެކްޓެއް ބާތިލުކުރުމަށް ނިންމުމަކީ ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. ދެފަރާތެއްގެ ދެމެދުގައި ސޮއިކުރެވިފައިވާ ކޮންޓްރެކްޓެއް ނިމުމަކަށް އަންނާނެ ގޮތްތައް ކޮންޓްރެކްޓާބެހޭ ގާނޫނުގައާއި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާއިރު އެގްރީމަންޓެއް ބާތިލުކުރުމަކީ ދެ ފަރާތަށް އެންމެ މަސްލަހަތު ބޮޑު އަދި އަދުލުވެރި ގޮތްކަމަށް ކޯޓަށް ފެނިގެން ކޮންޓްރެކްޓެއް ނިމުމަކަށް ގެނައުން ހުއްދަވެގެން ނުވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގެ ހުކުމުގައި އެސްޓޭޓުން އެގްރީމަންޓާ ޚިލާފުވެފައިވާ ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގައި ބާތިލުކޮށްފައިވާތީވެ، އެސްޓޭޓުން އެގްރީމަންޓާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި ބަޔާންކުރާ އެއްވެސް ޝަރުއީ ނިންމުމެއް ނެތެވެ. އެހެނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ޅ) ގައި ހައިކޯޓުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ޝަރުއީ އުސޫލުތަކާ ޚިލާފަށް ކަމަށް އެ މައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ކަމަށެވެ. ވީމާ އެސްޓޭޓުން އެގްރީމަންޓާ ޚިލާފުވެފައިވާ ކަމަށް ބެލެވޭނެ ޝަރުއީ ހަމައެއް ނެތެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި އެކޯޓުން ހުކުމްކޮށްފައިވަނީ އިސްތިއުނާފުކުރަން އެކޯޓުގެ ކުރިމައްޗަށް އެސްޓޭޓުން ހުށަހެޅި ނުކުތާގެ މައްޗަށް ކަމަށް ކަމަށް ނުވި ނަމަވެސް، އަދި އެގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 2349/Cv-C/2011 ގަޒިއްޔާގެ ހުކުމް ބާތިލުކޮށްފައިވީ ނަމަވެސް، އެގަޒިއްޔާގައި ހިމެނޭ އެއްވެސް ޚަސްމަކު އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެއް ނެތެވެ. އެހެން ކަމުން އެ ހުކުމްގެ މައްޗަށް ދެ ޚަސްމުން ރުހި ގަބޫލުވީ ކަމަށް މާނަކުރެވިދާނެއެވެ. އެހެން ކަމަށް މާނަކުރާނަމަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ކަނޑައަޅާފައިވާ ގޮތުގެ މަތިން އެގްރީމަންޓުގެ ދެބައިވެރިންކުރެ ކޮންމެ ފަރާތަކަށްވެސް އެގްރީމަންޓުގެ ދަށުން ހައްގެއް ލިބިގެންވާކަމަށް ދެކޭނަމަ އަލުން ދަށުކޯޓަށް އެ ހައްގެއް ހޯދުމަށް ދައުވާ ހުށަހެޅިދާނެ ކަމަށް އޮތް އޮތުމުގެ މައްޗަށް ބިނާކޮށްގެން އެސްޓޭޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާ ބަލަންވާނީ ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގެ ހުކުމުގެ ތަރަހައިގެ ތެރޭގައި ކަމަށް ދެކެމެވެ. ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާ އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައި ނެތުމުން އެ ގަޒިއްޔާ އަކީ ފައިސަލާކުރަނިވި ހުކުމެއްގެ ބާރު ލިބިގެންވާ ޝަރުއީ ނިންމުމެއް ކަމަށްވުމާއެކު އެގަޒިއްޔާގައި އެގްރީމަންޓާބެހޭ ގޮތުން ފައިސަލާކޮށް ގޮތެއް ކަނޑައެޅިފައިވާ ކަމެއްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައި ޝަރީއަތްކޮށް ގޮތެއް ކަނޑައަޅައިގެންނުވާނެއެވެ. އެހެންކަމުން މިހާލަތުގައި އެގްރީމަންޓާ ޚިލާފުވެފައިވަނީ ކޮންފަރާތަކުންކަން ކަނޑައެޅުމަކީ މި ކޯޓުގެ ކުރިމަތީގައި މިވަގުތު އޮތް ސުވާލެއް ނޫނެވެ.

ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާ ނިންމާފައިވަނީ ކޮން އަސާސެއްގެ މައްޗަށް؟

ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާގެ މައްޗަށް ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި، ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ "ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދިފައިވަނީ މ. ތިލައައްސޭރި ޙަސަން ޔޫސުފްގެ ފަރާތުންކަން އެނގޭއިރު، ޙަސަން ޔޫސުފްގެ ފަރާތުން އެދިފައިވާ ގޮތަށް އެއްބަސްވުން ބާތިލުކުރާ ނަމަ، އެސްޓޭޓްގެ ހައްގު ލިބިދިނުމަށް އެސްޓޭޓްގެ ފަރާތުން ބުނެފައިވާތީ، މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުން އިތުރަށް ދެމެހެއްޓުމަށް އެއެއްބަސްވުމުގެ ބައިވެރިން ކަމުގައިވާ މ. ތިލައައްސޭރި ޙަސަން ޔޫސުފް އާއި އެސްޓޭޓް އިންޓަނެޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭނުން ނުވާކަން އެނގޭ ހިނދު، މި ހާލަތުގައި ދެ ފަރާތަށް އެންމެ މަސްލަހަތު ބޮޑު، އަދުލުވެރި ގޮތަކީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުން ކަމަށް ގަބޫލުކުރެވޭތީ" ކަމަށެވެ. ހައިކޯޓުގެ ހުކުމުގެ މި ޕެރެގްރާފަށް ބެލުމުން އެނގެނީ ހައިކޯޓަށް މިގަޒިއްޔާގައި ހުށަހެޅުނު އިސްތިއުނާފުގެ ދައުވާ މައުލޫއީ ގޮތުން ބެލުމުގެ ބަދަލުގައި، ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ދެފަރާތުން މައްސަލަ ހައްލުކުރަން ހުށަހަޅާ ގޮތުގެ މައްޗަށް ބިނާކޮށް ޝަރީއަތުގެ ކުރިމަތީގައި މައްސަލަ ނިންމަން އެއްބަސްވެފައިވާ އެއްބަސްވުމުގެ މައްޗަށް ބަލައި ސެޓްލްމެންޓުގެ އުސޫލުން ކަމަށް ގަބޫލުކުރެވެއެވެ.

ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާ ނިންމާފައިވަނީ އެ ގަޒިއްޔާގައި އިސްތިއުނާފުކުރަން ހުށަހެޅި ނުކުތާއެއްގެ މައްޗަށް ކަމަށް ނުވިނަމަވެސް، ދެ ޚަސްމުންކުރެ ޚަސްމަކު އެ ގަޒިއްޔާގެ ހުކުމް އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާތީވެ، އެ ގަޒިއްޔާއަކީ މިހާރު ފައިސަލާކުރަނިވި ހުކުމެއްގެ ބާރުލިބިގެންވާ އަދި އެ ގަޒިއްޔާގައި ހިމެނޭ ދެ ޚަސްމުންމެ ބޯލަނބަންޖެހޭ ހުކުމެކެވެ. އަދި އެހެންކަމުން އެއީ މި ކޯޓުންވެސް މިހާރު ނަގަހައްޓަންޖެހޭ ހުކުމެކެވެ.

ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ އިސްތިއުނާފުކުރެވުނު ނުކުތާގެ މައްޗަށް ކަމަށް ނުވެފައި، އަދި މިހުކުމް ކޮށްފައިވަނީ ދެފަރާތުން އެގްރީމަންޓު އުވާލަން ބޭނުންވެގެން އެގޮތަށް ކޯޓުގައި އެދިފައިވާތީ ކަމަށް ހުކުމުގެ އިބާރާތުން އެނގެއެވެ. އެގޮތުން އެ ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ އެގްރީމަންޓު އުވާލަން ފުރަތަމަ އެދިފައިވަނީ ޙަސަން ޔޫސުފް ގެ ފަރާތުން ކަމަށާއި، އަދި އެގޮތަށް އެގްރީމަންޓު އުވާލަން އެސްޓޭޓުން ވެސް އެއްބަސްވާކަމަށާއި، ނަމަވެސް އެއްބަސްވުން އުވާލަން އެއްބަސްވުމުގައި އެސްޓޭޓުން ޝަރުތެއް ކުރިމަތިކޮށްފައިވާ ކަމަށާއި އެ ޝަރުތަކީ އެއްބަސްވުން ބާތިލުކުރާ ނަމަ އެސްޓޭޓްގެ ހައްގު ލިބިދިނުމަށް އެސްޓޭޓުން އެދޭކަމަށް ބުނެފައިވާ ބުނުންކަން ހައިކޯޓުގެ ހުކުމުން އެނގެއެވެ. ހައިކޯޓުގެ ގަޒިއްޔާގައި އެސްޓޭޓުން ހޯދަން އެދޭ ހައްގަކީ ކޮބައިކަން ބަޔާންކޮށްފައި ނެތެވެ. އެގޮތުން ހައިކޯޓުން މައްސަލަ ނިންމި ހިސާބަށް އެސްޓޭޓުން އިމާރާތް ހެދުމަށް ޚަރަދުކޮށްފައިވާ 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާ އެ ގަޒިއްޔާގައި ހައިކޯޓުން ނަގައިދިނުމަށްފަހު އިތުރަށް ހައިކޯޓުން ބުނެފައިވަނީ އިތުރު ހައްގެއް އެސްޓޭޓަށް ނުވަތަ ޙަސަން ޔޫސުފަށް ލިބެންޖެހޭކަމަށް ދެފަރާތުންކުރެ ފަރާތަކަށް ފެންނަނަމަ އެ ހައްގެއް ހޯދުމަށް ދައުވާކުރުމުގެ ހައްގު ދެފަރާތަށް ލިބިގެންވާ ކަމަށެވެ. މީގެ މާނައަކީ ހައިކޯޓުގެ ހުކުމަކީ ސެޓްލްމެންޓް އެއްބަސްވުމެއް ކަމަށް ބެލިނަމަވެސް އެ ސެޓްލްމެންޓަކީ ފުލް ސެޓްލްމެންޓެއް ނޫންކަމާއި އެ ސެޓްލްމެންޓުގެ ބޭރުން އެގްރީމަންޓުގެ ދަށުން އިތުރު ހައްގެއް އެއްވެސް ފަރާތަކަށް ލިބެންޖެހޭކަމަށް ދެކޭނަމަ އެ ހައްގެއް ހޯދުމަށް ހައިކޯޓުން ދޮރުހުޅުވައިދީފައިވާ ކަމެވެ. ގޭގެ ވެރިފަރާތުން އެދިގެން އެގްރީމަންޓުގެ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމަންޓު އުވާލަން ބޭނުންވާނަމަ އަމަލުކުރަންޖެހޭ ގޮތް އެގްރީމަންޓުގެ 5.1 ގެ ދަށުން އެސްޓޭޓަށް ދިނުމަށް އެއްބަސްވެފައިވާ ދެ ފަންގިފިލާގެ އިޝޫ ގެ މައްޗަށް ހައިކޯޓުގެ ހުކުމުގައި ވާހަކަދެއްކުމަށްފަހު އެ އިޝޫގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައެޅުމެއް ނެތި އެއިޝޫގައި ދަށުކޯޓުން ގޮތެއް ނިންމުމަށް ހައިކޯޓުގެ ހުކުމުން ގަސްތުގައި ދޫކޮށްލާފައިވާކަން ދޭހަވެއެވެ. އަދި އެމަގުސަދު ހާސިލުކުރުމަށާއި ހައިކޯޓުގެ އެ ހުކުމުން ވަކި ނަތީޖާއެއް ނެރުމުގެ މަގްސަދުގައި އެގްރީމަންޓުގެ 5.1 ވަނަ މާއްދާއަށް ބާރު ދިނުމުގެ ގޮތުން "އެގްރީމަންޓު އުވާލަން ފުރަތަމަ އެދިފައިވަނީ ޙަސަން ޔޫސުފް ގެ ފަރާތުން" ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ އެސްޓޭޓްއަށް އެގްރީމަންޓުގެ 5.1 ވަނަ މާއްދާގެ ދަށުން ބަދަލު ލިބިދިނުމަށް ފުރުސަތު ހުޅުވާލުމަށް ކަމަށް ދޭހަކުރެވެއެވެ.

އެގްރީމަންޓުގެ 5.1 ގައި ބަޔާންކުރާ 2 ފަންގިފިލާގެ މަންފާ އެސްޓޭޓްއަށް ލިބޭނެތަ؟

އެގްރީމަންޓުގެ 5.1 ވަނަ މާއްދާގައި ބުނެފައިވަނީ މި އެގްރީމަންޓު ބާތިލުކުރުމަށް ގޭގެ ވެރިފަރާތުން ބޭނުންވެއްޖެ ނަމަ އެގްރީމަންޓުގެ 1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޭގެ ވެރިފަރާތުން އެސްޓޭޓްއަށް ދީފައިވާ 2 ފަންގިފިލާ އެކުގައި ކުއްޔަށްދީގެން ކުލީގެ ގޮތުގައި އެސްޓޭޓްއަށް ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ ފައިސާ (އެގްރީމަންޓު ބާތިލުކުރަން ގޭގެ ވެރިފަރާތުން ބޭނުންވިއިރު މުއްދަތު ހަމަނުވެ އޮތް ދުވަސްތަކަށް އެކުގައި) އެކީ އެއްފަހަރާ އެސްޓޭޓްއަށް ދިނުމަށްފަހު އެގްރީމަންޓު ބާތިލުކުރެވިދާނެ ކަމަށެވެ. މަތީގައި ބަޔާންކުރި ފަދައިން ހައިކޯޓުން މި ނުކުތާ ގެ މައްޗަށް ގޮތެއް ނިންމުމުގެ ބަދަލުގައި އެކޯޓުން މިނުކުތާގެ މައްޗަށް ގޮތެއް ނިންމުމަށްޓަކައި ދަށުކޯޓަށް މައްސަލަ ހުށަހެޅުމަށް އެސްޓޭޓަށް ފުރުސަތު ދީފައި ވެއެވެ. އެފުރުސަތު އެގޮތަށް ހައިކޯޓުން އެސްޓޭޓްއަށް ދީފައިވަނީ ގޭގެ ވެރިފަރާތުން އެގްރީމަންޓު ބާތިލުކުރަން ހުށަހެޅި ހުށަހެޅުމަށް އެސްޓޭޓުން އެއްބަސްވެފައިވަނީ އެ އެގްރީމަންޓުގެ ދަށުން އެސްޓޭޓްއަށް ލިބެންޖެހޭ ހައްގުތައް ލިބޭ މަތިން އެގްރީމަންޓު އުވާލަން އެއްބަސްވެފައިވާތީ ކަމަށް ހައިކޯޓުގެ ހުކުމުން ދޭހަވެއެވެ. އަދި ކުރިންވެސް ބަޔާންކުރި ފަދައިން އެގްރީމަންޓުގެ 5.1 ވަނަ މާއްދާއަށް ބާރު ދިނުމުގެ ގޮތުން "އެގްރީމަންޓު އުވާލަން ފުރަތަމަ އެދިފައިވަނީ ޙަސަން ޔޫސުފް ގެ ފަރާތުން" ކަމަށް ހައިކޯޓުގެ ހުކުމުގައި ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި ކޮށްފައިވާ ހުކުމުގެ ދަށުން އެގްރީމަންޓުގެ 5.1 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެސްޓޭޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައެވެ. ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގެ ހުކުމުގައި ސިވިލް ކޯޓުން ކަނޑައެޅީ އެސްޓޭޓްއިން ދައުވާކުޅަ ފައިސާއަކީ ޝަރީއަތުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށެވެ. އެސްޓޭޓްއިން ދައުވާކުޅަ ފައިސާ ނަގައި ނުދެވޭނެ ސަބަބެއް ކަމަށް އެ ގަޒިއްޔާގެ ހުކުމުގައި ސިވިލް ކޯޓުން ބުނެފައިވަނީ އިމާރާތުން ދެ ފަންގިފިލާ އެސްޓޭޓަށް ދިނުމަށް އެއްބަސްވެފައިވަނީ އިމާރާތުގެ ހުރިހައި މަސައްކަތްތަކެއް ފުރިހަމަ ކުރުމަށް އެސްޓޭޓް އިން ކުރާ މަސައްކަތާއި ހޭދައިގެ ބަދަލުގައި ކަމަށްވާތީ އާއި، އެގްރީމަންޓު ބާތިލުކޮށްފައިވަނީ އެގްރީމަންޓުގެ މަގްސަދު ހާސިލުކުރުމުގެ ކުރިން ކަމަށްވާތީވެ، އެގްރީމަންޓު ބާތިލުކޮށްފައިވަނީ އެއްބަސްވުމުގެ 5.1 ވަނަ މާއްދާގެ ދަށުން ކަމަށް ޝަރީއަތަށް ބުރަނުވެވޭތީ ކަމަށެވެ.

ސިވިލް ކޯޓުގެ 2002/Cv-C/2017 ގަޒިއްޔާ ނިމުނު ގޮތާމެދު ހިތް ހަމަ ނުޖެހިގެން އެސްޓޭޓްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އެ މައްސަލަ ބެލި ހައިކޯޓުގެ ނަންބަރު 2018/HC-A/291 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ނަންބަރު 2018/HC-A/291ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ މ. ތިލައައްސޭރީގައި ޢިމާރާތްކުރާ 10 ފަންގިފިލާގެ މަސައްކަތްތައް ފުރިހަމަކުރުމަށް އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކުރާ މަސައްކަތާއި ހޭދައިގެ ބަދަލުގެ ގޮތުގައި، 09 ވަނަ ފަންގިފިލާ އާއި 10 ވަނަ ފަންގިފިލާއިން އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް 18 އަހަރު ދުވަހުގެ މުއްދަތަށް އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް އެގްރީމަންޓުގެ 4.1 ގައި ބަޔާންކޮށްފައިވާކަމަށާއި، މުޅި އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ މަގުސަދަކީ މ.ތިލައައްސޭރި އެވެކިޔާ ބަންޑާރަ ގޯތީގައި ޢިމާރާތްކުރުމަށް އެއްބަސްވެފައިވާ 10 ފަންގިފިލާގެ މަސައްކަތް ފުރިހަމަކުރުންކަމަށާއި، އެ މަސައްކަތް ފުރިހަމަކުރުމުން އެއްބަސްވުމާ އެއްގޮތަށް އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެ ކުންފުނީގެ ފަރާތުން ކޮށްފައިވާ މަސައްކަތާއި ހޭދައިގެ ބަދަލުގެ ގޮތުގައި އެ ޢިމާރާތުގެ 09 ވަނަ ފަންގިފިލާ އާއި 10 ވަނަ ފަންގިފިލާ އިން އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް 18 އަހަރު ދުވަހުގެ މުއްދަތަށް ދިނުންކަން އެނގޭ ކަމަށެވެ. މީގެ އިތުރަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 4.1 މާއްދާގައި ބަޔާންކޮށްފައިވާ، 9 ވަނަ ފަންގިފިލާ އަދި 10 ވަނަ ފަންގިފިލާ ހޯދުމަށާއި އަދި އެ ފަންގިފިލާތައް ނުލިބުމުން ކަމަށްބުނެ، ގެއްލުމުގެ ބަދަލު ހޯދުމަށް އިސްތިއުނާފުކުރާ ފަރާތުން އެދޭއިރު، އަލްމަރުޙޫމް ޙަސަން ޔޫސުފާއި އިސްތިއުނާކުރާ ފަރާތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ 5.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުގެ އެއްވެސް ފުރުސަތެއް އުފަންވެ، އެކަމުގެ މަހައްލު ގާއިމުވާނީ، މ. ތިލައައްސޭރި ގޯތީގައި 10 ފަންގިފިލާގެ އިމާރާތެއް ބިނާކޮށްފައިވާ ނަމަ ކަމާއި، އެއްބަސްވުމުގެ ދަށުން މ. ތިލައައްސޭރި ގޯތީގައި 10 ފަންގިފިލާގެ އިމާރާތް ނިމިފައިނުވާކަމާއި، އެހެންކަމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ ގެ (ރ) ގައި ބަޔާންކުރާ ޝަރުތުތައް މި އެއްބަސްވުން ބާތިލްކުރުމާހަމައަށް ފުރިހަމަވެފައިނުވާތީ، އެމާއްދާއިން ހާސިލުކުރަން ބޭނުންވި ނަތީޖާ މި އެއްބަސްވުމުގެ ދަށުން ހާސިލްވެފައިވާކަމަށް ބެލެވިގެން ނުވާނެ ކަމަށާއި، އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި މ. ތިލައައްސޭރި ޙަސަން ޔޫސުފާއި ދެ ފަރާތަށްވެސް އެންމެ މަސްލަހަތު ބޮޑު، އަދުލުވެރި ގޮތަކީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުންކަމަށް ޝަރީއަތަށް ގަބޫލު ކުރެވިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި އެ އެއްބަސްވުން ބާތިލްކަމަށް ކަނޑައަޅާފައިވާތީ ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގެ ހުކުމުގައި އެއްބަސްވުން ބާޠިލް ކުރެވިފައިވަނީ އެއްބަސްވުމުގެ 5.1 ވަނަ މާއްދާގެ ދަށުން ކަމަށް ޝަރީއަތަށް ބުރެވެވެން ނެތްކަމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ މި ގަޒިއްޔާއިން އިސްތިއުނާފު މިކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/291 ގަޒިއްޔާގެ ހުކުމުގައި ޙަސަން ޔޫސުފާއި އިސްތިއުނާކުރާ ފަރާތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ 5.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުގެ އެއްވެސް ފުރުސަތެއް އުފަންވެ، އެކަމުގެ މަހައްލު ގާއިމުވާނީ، މ. ތިލައައްސޭރި ގޯތީގައި 10 ފަންގިފިލާގެ އިމާރާތެއް ބިނާކޮށްފައިވާ ނަމަ ކަމަށާއި އެ އިމާރާތް ނިމިފައިނުވާކަމަށް ބުނެފައިވާއިރު، އެ އިމާރާތް އެގްރީމަންޓުގައި ބުނެފައިވާ ގޮތަށް ނިމުމުގެ ފުރުސަތު ނެތިގެން ގޮސްފައިވަނީ ކިހިނެތް ކަމާއި، ކުރިން ހައިކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގައި ދެފަރާތުގެ ދެމެދުގައި އޮތް ކޮންޓްރެކްޓު ހައިކޯޓުގެ ހުކުމަކުން ބާތިލުކުރި ގޮތަށާއި، ބާތިލުކުރުމުގައި ދެފަރާތުގެ ހައްގުތައް އެ ގަޒިއްޔާއިން ތަރުތީބުކޮށްފައިވާ ގޮތަށް ހައިކޯޓުގެ ނަންބަރު 2018/HC-A/291 ގަޒިއްޔާގެ ހުކުމުގައި ރިއާޔަތްކޮށްފައިވާ ކަމަށް ގަބޫލުނުކުރެވެއެވެ. މިހެން މި ބަޔާންކުރި ސަބަބަކީ ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާ ހައިކޯޓުން ނިންމި އިރު އެ ނިންމުން އޮތީ އެގަޒިއްޔާގައި އިސްތިއުނާފުކުރެވުނު ނުކުތާގެ މައްޗަށް ނޫންކަމުން އެ ހުކުމް އޮތީ ކޯޓުގެ ހުކުމެއް ގަރާރުކުރެވިފައި އޮތް ގޮތަށްވުރެ ބޮޑަށް ދެފަރާތުގެ ދެމެދުގައި އޮތް އެގްރީމަންޓު ބާތިލުކުރަން ދެފަރާތުން އެދި ހުށަހެޅިގޮތަށް އެގްރީމަންޓު ބާތިލުކުރުމުގެ ސެޓްލްމެންޓް އެއްބަސްވުމެއްގެ ގޮތުގައެވެ. އެގޮތުން އެ ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ އެގްރީމަންޓު އުވާލަން ފުރަތަމަ އެދިފައިވަނީ ޙަސަން ޔޫސުފް ގެ ފަރާތުން ކަމަށާއި، އަދި އެގޮތަށް އެގްރީމަންޓު އުވާލަން އެސްޓޭޓުން ވެސް އެއްބަސްވާކަމަށާއި، ނަމަވެސް އެއްބަސްވުން އުވާލަން އެއްބަސްވުމުގައި އެސްޓޭޓުން ޝަރުތެއް ކުރިމަތިކޮށްފައިވާ ކަމަށާއި އެ ޝަރުތަކީ އެއްބަސްވުން ބާތިލުކުރާ ނަމަ އެސްޓޭޓްގެ ހައްގު ލިބި ދިނުމަށް އެސްޓޭޓުން އެދޭކަމަށް ބުނެފައިވާ ބުނުން ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގެ މުޅި އަސާސަކީ އެ ގަޒިއްޔާގެ ތެރޭގައި ދެ ފަރާތުން ވެފައިވާ ކަމަށް ބުނާ މި އެއްބަސްވުމެވެ. މި އެއްބަސްވުން ބާތިލުކުރުމަށް އެސްޓޭޓުން އެއްބަސްވެފައިވަނީ އެސްޓޭޓުގެ ހައްގުތައް (އެބަހީ އެގްރީމަންޓުގެ 5.1 ވަނަ މާއްދާގައި ބުނެފައިވާ ހައްގު އިސްތިސްނާ ނުކޮށް) ލިބޭނަމަ އެވެ. އެގްރީމަންޓުގެ 5.1 ވަނަ މާއްދާގެ މަންފާ އެސްޓޭޓް އަށް ގެއްލޭނެ ހަމަ އެކަނި ހާލަތްތައް ކަމަށް އަހުރެންނަށް ގަބޫލުކުރެވެނީ (1) އެސްޓޭޓުން ކޮންޓްރެކްޓާ ޚިލާފުވާ ހާލަތު، ނުވަތަ (2) އެސްޓޭޓުން އަމިއްލައަށް އެދިގެން ކޮންޓްރެކްޓު ބާތިލުކުރާ ހާލަތު، ނުވަތަ (3) އެގްރީމަންޓުގެ 5.1 ވަނަ މާއްދާގެ މަންފާ އެސްޓޭޓްއިން އަމިއްލަ ރުހުމުގައި ދޫކޮށްލާ ހާލަތު، މިއެވެ. މިއިން އެއްވެސް ހާލަތެއް މެދުވެރިވެފައި ނުވާތީ އާއި އެގްރީމަންޓު އުވާލަން އެންމެ ފުރަތަމަ ހުށަހަޅާފައިވާ ފަރާތަކީ ގޭގެ ވެރިފަރާތްކަމަށްވާ ޙަސަން ޔޫސުފް ކަމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/243 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައިވާތީވެ، އެގްރީމަންޓުގެ 5.1 ވަނަ މާއްދާގެ މަންފާ އެސްޓޭޓް އަށް ލިބޭނެ ކަމަށް އަހުރެންނަށް ގަބޫލުކުރެވެއެވެ.

އެގްރީމަންޓުގެ 5.1 ގެ ދަށުން ބަދަލު ނަގައިދޭނޭ އުސޫލު

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމަންޓު ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން އެގްރީމަންޓުގެ 5.1 ވަނަ މާއްދާގެ ދަށުން އެސްޓޭޓް އަށް ލިބެންވާ ބަދަލު ފައިސާއިން ހޯދުމަށް އެސްޓޭޓުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ކުރިންވެސް ބަޔާންކުރި ފަދައިން އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައެވެ.

އެގްރީމަންޓުގެ މުޅި މުއްދަތު ހަމަވުމުގެ ކުރިން ގޭގެ ވެރިފަރާތުން ބޭނުންވެގެން އެގްރީމަންޓު އުވާލެވޭނެ ހަމައެކަނި ގޮތަކީ އެގްރީމަންޓުގެ 5.1 ވަނަ މާއްދާ ބުނާގޮތުން އެއެއްބަސްވުމުގެ ދަށުން ގޭގެ ވެރިފަރާތުން އެސްޓޭޓަށް ދޭ 2 ފަންގިފިލާ އެކުގައި ކުއްޔަށް ދީގެން އެސްޓޭޓްއަށް ލިބޭނެކަމަށް ލަފާކުރާ ޖުމްލަ ފައިސާ އެކީ އެއްފަހަރާ އެސްޓޭޓްއަށް ދީގެންނެވެ.

މި އެގްރީމަންޓު ބާތިލުކުރީ ގޭގެ ވެރިފަރާތް ކަމަށްވާ ޙަސަން ޔޫސުފް އެދިގެން ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

އެސްޓޭޓްގެ ފަރާތުން ބުނެފައިވަނީ މ. ތިލައައްސޭރީގައި 10 ބުރީގެ ފައުންޑޭޝަނެއް އަޅައި ގްރައުންޑް އަދި ފަސްޓް ފްލޯ ގެ ސްޓްރަކްޗަރ ނިންމާފައިވަނީ އެސްޓޭޓުން ޚަރަދުކޮށްގެން ކަމަށާއި މިހާރު އެ ފްލޯތައް ކުއްޔަށްދީގެން ޙަސަން ޔޫސުފްގެ ވާރިސުންނަށް ފައިސާ ލިބެނީވެސް އަދި އެތަނުގައި ދިރިއުޅެނީވެސް އެސްޓޭޓުން އެތަނަށް ޚަރަދުކޮށް އެހާވަރަށް އެތަން ހަދާފައި ވުމުން ކަމަށެވެ.

އެސްޓޭޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގެ ޝަރީއަތުގައި އެސްޓޭޓްގެ ފަރާތުން ބުނެފައިވަނީ ގޭގެ ވެރިފަރާތުން އެސްޓޭޓް އަށް ދިނުމަށް އެއްބަސްވެފައިވާ އިމާރާތުގެ 9 ވަނަ ބުރިއާއި 10 ވަނަ ބުރީގައި ހަދަން ހަމަޖެހިފައިވަނީ ކޮންމެ ބުރިއެއްގައި 2 ކޮޓަރީގެ 3 އެޕާޓްމަންޓު ކަމަށާއި ދެ ކޮޓަރީގެ އާދައިގެ އެޕާޓްމެންޓެއް މާކެޓްގައި ލިބެންހުރި އެންމެ ދަށް ކުއްޔަކީ މަހަކު 16 ހާސް ރުފިޔާއަށް ކަމަށް ބަލައި، އެއްބަސްވުމުގެ ދަށުން 18 އަހަރު ދުވަހުގެ މުއްދަތަށް އެސްޓޭޓް އަށް ލިބެންޖެހޭ 2 ފްލޯގައި ހެދޭ 2 ކޮޓަރީގެ 6 އެޕާޓްމެންޓަށް 18 އަހަރުގެ މުއްދަތަށް ކުއްޔަށް ދީގެން ލިބޭނޭ ފައިސާގެ އަދަދުކަމަށްވާ އެކުޖުމްލަ 20,736,000 (ވިހި މިލިއަން ހަތްސަތޭކަ ތިރީސް ހަހާސް) ރުފިޔާ ހޯދަން އެދޭ ކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގެ ހުކުމުގައި ފާހަގަކޮށްފައިވާ ފަދައިން މި އަދަދަކީ ތިލައައްސޭރީގައި 10 ބުރީގެ އިމާރާތެއް ހެދޭނެކަމަށް ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެގްރީމަންޓުގައި އެސްޓިމޭޓްކޮށްފައިވާ 18 މިލިއަން ރުފިޔާއަށްވުރެވެސް ބޮޑު އަދަދެކެވެ.

ބަދަލުގެ އަދަދު ހިސާބުކުރުމާއި ޑިސްކައުންޓްކުރުން

ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގެ ބާވަތްތައް އެކުވެނިވެ، އެ މުއާމަލާތްތަކުގައި ހިމެނޭ ފައިސާގެ އަދަދުތައް ބޮޑުވެފައިވީ ނަމަވެސް ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން ޚާއްސަގޮތެއްގައި ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން މައުސޫމު ފަރާތަށް (ކޮންޓްރެކްޓާ ޚިލާފުވީ ފަރާތް ނޫން އަނެއް ފަރާތް) ކޯޓުތަކުން ނަގައިދެވޭ ގެއްލުމުގެ ބަދަލު ހިސާބުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކެއް ނެތުމުގެ ސަބަބުން އަދުލުވެރި ނޫން އަދަދުތަކެއް ނަގައިދެވިފައިވެއެވެ. ބައެއް މައްސަލަތަކުގައި އިންތިހާއަށް ބޮޑުކޮށް ބަދަލުތަކެއް ނަގައިދީފައިވާއިރު ހަމަ އެބާވަތުގެ މައްސަލަތަކުގައި ބައެއް ފަހަރު ނަގައިދޭ ބަދަލުގެ މިންވަރަކީ އަދުލުވެރިކަމެއް ނެތް މާކުޑަ އަދަދަކަށް ވެފައިވެއެވެ. އަދި ބައެއް މައްސަލަތަކުގައި ބަދަލުގެ އަދަދު ހިސާބުކުރަން ދަތިވުމުން ބަދަލު ނަގައިނުދީ ވެސް ހުރެއެވެ. މީގެ ސަބަބުން، މައްސަލަތައް ކޯޓުން ނިންމާނެ ގޮތް އަންދާޒާކުރުމަކީ ފަސޭހަކަމެއް ކަމަށް ނުވެއެވެ. މީގެ ތެރެއިން ފާހަގަކުރެވޭ އެއްބާވަތުގެ ގެއްލުމުގެ ބަދަލަކީ ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް މުސްތަގުބަލުގައި ކޮންޓްރެކްޓުން ލިބޭނެ ފައިދާ އެވެ.

ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް މުސްތަގުބަލުގައި ކޮންޓްރެކްޓުން ލިބޭނެ ފައިދާ ހިސާބުކުރުމުގައި ނަގައިދެވޭ ބަދަލުގެ މިންވަރު އިންތިހާއަށް ބޮޑުވާތީވެ، އެކަން ހައްލުކުރުމަށް ކޯޓުތަކުން އަމަލުކުރެވިދާނެ އެއް ގޮތަކީ، ގެއްލުމުގެ ބަދަލާބެހޭ ގޮތުން ކޮންޓްރެކްޓުގައި ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެފައިނުވާނަމަ، މުސްތަގުބަލުގައި ލިބޭނެ ފައިދާ ނުވަތަ މުސްތަގުބަލުގައި ލިބޭނެ ފައިސާގައި މިވަގުތު ހުންނާނޭ އަގު ހިސާބުކޮށްގެން ބެލުމެވެ. މި ގޮތަށް، މުސްތަގުބަލުގައި ލިބޭނޭ ފައިސާގައި މި ވަގުތު ހުންނާނޭ އަގު ހޯދަނީ މުސްތަގުބަލުގައި ލިބޭނެ ފައިސާގެ އަގު ޑިސްކައުންޓްކޮށްގެންނެވެ. ނަމަވެސް މިގޮތަށް މުސްތަގުބަލުގައި ލިބޭނޭ ފައިސާގެ އަގު ޑިސްކައުންޓު ކުރުމަށް ބޭނުންކުރާނެ އެންމެ އެކަށީގެންވާ ރޭޓެއް އިޚްތިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޑިސްކައުންޓު ރޭޓްގެ އެއް ޕަސެންޓް ދަށްވުމުން ނުވަތަ އިތުރުވުމުން ފައިސާގެ މިވަގުތުގެ އަގު ހިސާބު ކުރުމުގައި އެތައް މިލިއަން ރުފިޔާއެއް ގެއްލިގެން ހިނގައިދާނެއެވެ. ނުވަތަ އިތުރުވެގެން ހިނގައިދާނެއެވެ. އަދުލުވެރި ޑިސްކައުންޓް ރޭޓެއް ކަނޑައެޅުމުގައި ފަންނީ މާހިރުންގެ ލަފާ ހޯދުމަކީ އެއްގޮތެވެ. ނަމަވެސް އެކި ފަންނީ މާހިރުން ޑިސްކައުންޓް ރޭޓެއް ކަނޑައެޅުމުގައި ރިއާޔަތްކުރާނީ އެކި ކަންކަމަށް ކަމުގައިވާތީ ރޭޓަކާބެހޭ ގޮތުން ވަކި އެއް ނަތީޖާއެއް ނިކުތުމަކީ ވަރަށް ނާދިރުކަމަކަށް ވާނެތީވެ، ޑިސްކައުންޓް ރޭޓް ކަނޑައެޅުން އިޚްތިޔާރަށް ދޫކޮށްލުމުގެ ބަދަލުގައި އެ ރޭޓަކީ ކޮބައިކަން ދުރާލައި ކަނޑައެޅިފައި އޮވެއްޖެ ނަމަ، އެ ރޭޓު ތައައްސަފީގޮތުން ބޭނުންކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި ކަނޑައެޅިފައިވާ މާކެޓް ޕެގެއް ނުވަތަ އިންޓްރެސްޓް ރޭޓެއް ބޭނުންކުރާ ނަމަ ހުރިހާ މައްސަލައެއްގައި އެއް އުސޫލެއް ބޭނުންކުރެވި، އޭގެ ސަބަބުން ބޭއިންސާފުވުން ކުޑަކުރެވޭނެ ކަމަށް ގަބޫލުކުރެވެއެވެ.

ފައިސާގެ މިވަގުތުގެ އަގު

ކޮންޓްރެކްޓާ ޚިލާފުވުމުގެ މައްސަލަތަކުގައި ކޮންޓްރެކްޓުގެ ބައިވެރިންގެ ތެރެއިން މައުސޫމު ފަރާތަށް، އެ ފަރާތަށް މުސްތަގުބަލުގައި ލިބޭނެ ކަމަށް އަންދާޒާކުރެވޭ ފައިދާގެ ގެއްލުމުގެ ބަދަލު ގަނޑުކޮށް ނަގައިދެއެވެ. މިސާލަކަށް، ކުރިއަށް އޮތް 50 އަހަރު ދުވަހުގެ ތެރޭގައި މައުސޫމު ފަރާތަށް ކޮންމެ އަހަރަކު ފައިދާގެ ގޮތުގައި ލިބޭނެ މިންވަރު އެއްކުރުމަށްފަހު 50 އަހަރުގެ ތެރޭގައި ލިބޭނެ ފައިސާގެ މިންވަރު އެއް އަދަދަކުން ދިނުމަށް ކޯޓުން އަމުރުކުރެއެވެ. މި ފައިސާ ޑިސްކައުންޓުކުރުމެއް ނެތި މައުސޫމު ފަރާތަށް އެއްފަހަރާ ދީފި ނަމަ، އަދި އޭނާ އެފައިސާ އިންވެސްޓްކޮށްފި ނަމަ އޭނާއަށް ލިބިދެވުނު ފައިސާގެ މިންވަރަކީ ކޮންޓްރެކްޓުގެ ދަށުން ލިބޭނޭ ފައިސާގެ އަދަދަށްވުރެ ބޮޑު އަދަދަކަށް ވެގެން ދާނެއެވެ. މިސާލަކަށް އަހުމަދުއަށް ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު ލިބޭނެ ފައިދާގެ މިންވަރަކީ 1 މިލިއަން ރުފިޔާކަމަށްވާ ނަމަ، އޭނާއަށް 10 އަހަރު ދުވަހުގެ ތެރޭގައި ލިބޭނީ 10 މިލިއަން ރުފިޔާކަމަށް ބަލައިގެން މި ވަގުތު އަހުމަދުއަށް 10 މިލިއަން ރުފިޔާ ކޯޓުގެ ހުކުމުން ނަގައިދީ، އެ 10 މިލިއަން ރުފިޔާ 10 އަހަރުވަންދެން %3 ގެ ރޭޓުގައި ބޭންކްގެ އިންވެސްޓްމަންޓު އެކައުންޓުގައި ބަހައްޓައިފި ނަމަ، އެ އެކައުންޓުގައި އެ 10 މިލިއަން ރުފިޔާ ހުރި ގޮތަށް ހުންނާނެއެވެ. އަދި އެ ފައިސާގެ މައްޗަށް އަހަރަކު %3 ގެ ފައިސާ އިތުރުވާނެއެވެ. އެހެންކަމުން 10 އަހަރު ދުވަހުގެ ތެރޭގައި ލިބޭނޭ 10 މިލިއަންގެ ފައިދާ މިވަގުތު ނަގައިދިނުމާއެކު، އެ ފައިސާއިން އާމްދަނީ ލިބޭނެ މަގެއް މައުސޫމު ފަރާތުން ހޯދުމުން އެ ފަރާތަށް ލިބޭ ބަދަލުގެ މިންވަރު މާބޮޑުވާނެ އެވެ. މިއީ އަދުލުވެރި ގެއްލުމުގެ ބަދަލު ނަގައިދނިމުގެ މަގުސަދާ ފުށުއަރާ އުސޫލެކެވެ. އަނެއް ފަރާތުން ބޭނުންވާނީ ފައިސާގެ އަދަދެއް ދިނުމަށްފަހު އެހިސާބުން އެކަކު އަނެކަކާ މުޅިން ވަކިވެ އެކަމުން އަތް ދޫކޮށް އަލުން އާ ފެށުމަކުން ފަށައިގަތުމަށެވެ. އެހެންކަމުން މީގައި ދެފަރާތަށްމެ އަދުލުވެރި ގޮތެއް ކޯޓުން ހޯދައި ދޭން ޖެހެއެވެ.

އޭގެ ތެރެއިން އެއް ހައްލަކީ މުސްތަގުބަލުގައި ލިބޭނެ ފައިދާގެ މި ވަގުތުގެ އަގު ހޯދުމެވެ. އޭގެ މާނައަކީ މި ވަގުތު ދޭ ފައިސާގެ އަދަދު މި ވަގުތު އޮތް އިންވެސްޓްމެންޓްގެ ހާލަތުގައި ބޮޑުވެ މައުސޫމު ފަރާތަށް މުސްތަގުބަލުގައި ހަމަ ބަދަލު ލިބިގެން ދިއުމެވެ. އެހެންކަމުން މުސްތަގުބަލުގައި ލިބޭނެ ފައިދާއެއް ނުވަތަ ފައިސާއެއް މިހާރު ނަގައިދޭނަމަ ދޭންވާނީ ތިރީގައިމިވާ ގޮތަށް ޑިސްކައުންޓް ކުރެވިގެންނެވެ. އެގޮތަށް މި ކަނޑައަޅަނީ މިއަދު ލިބޭ އެއް ޑޮލަރުގެ އަގު މީގެ ދެ އަހަރުފަހުން ލިބޭ އެއް ޑޮލަރުގެ އަގަށްވުރެ ދަށްވާނެތީއެވެ.

މަތީގައިވާ ފޯމިއުލާގައި ހިމެނޭ ކަންކަމުގެ ތެރެއިން އެންމެ މުހިންމީ އެންމެ އެކަށީގެންވާ ޑިސްކައުންޓް ރޭޓެއް ކަނޑައެޅުމެވެ. މަތީގައި ބަޔާންކުރި ފަދައިން ކޮންމެ މައްސަލައެއްގައި ވަކި އިންޓްރެސްޓްރޭޓެއް އެ މައްސަލައިގައި ހިމެނޭ ބަދަލު ކަނޑައެޅުމުގައި ބޭނުންކުރުމުގެ އިޚްތިޔާރު ދެވޭނަމަ އެކަމުގެ ސަބަބުން އެކި މައްސަލަތަކުގައި ތަފާތު ގޮތްތަކަށް އަމަލުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ލޯނު ދޫކުރުމުގައި އެވަގުތަކު ގެންގުޅޭ އެވްރެޖް ރޭޓުން ޑިސްކައުންޓުކުރުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ބުރަވެވެއެވެ.

މުސްތަގުބަލުގައި ލިބޭނޭ ފައިދާ ޑިސްކައުންޓު ކުރުމުގެ އުސޫލު މި މައްސަލައަށް ތަތުބީގުކުރުން

ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެސްޓޭޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގެ ޝަރީއަތުގައި އެސްޓޭޓްގެ ފަރާތުން ބުނެފައިވަނީ ގޭގެ ވެރިފަރާތުން އެސްޓޭޓް އަށް ދިނުމަށް އެއްބަސްވެފައިވާ އިމާރާތުގެ 9 ވަނަ ބުރިއާއި 10 ވަނަ ބުރީގައި ހަދަން ހަމަޖެހިފައިވަނީ ކޮންމެ ބުރިއެއްގައި 2 ކޮޓަރީގެ 3 އެޕާޓްމަންޓު ކަމަށާއި ދެ ކޮޓަރީގެ އާދައިގެ އެޕާޓްމެންޓެއް މިހާރުގެ މާކެޓް ހާލަތުގައި ލިބެންހުރި އެންމެ ދަށް ކުއްޔަކީ މަހަކު 16 ހާސް ރުފިޔާއަށް ކަމަށް ބަލައި، އެއްބަސްވުމުގެ ދަށުން 18 އަހަރު ދުވަހުގެ މުއްދަތަށް އެސްޓޭޓްއަށް ލިބެންޖެހޭ 2 ފްލޯގައި ހެދޭ 2 ކޮޓަރީގެ 6 އެޕާޓްމެންޓު 18 އަހަރުގެ މުއްދަތަށް ކުއްޔަށް ދީގެން ލިބޭނޭ ފައިސާގެ އަދަދުކަމަށްވާ 20,736,000 (ވިހި މިލިއަން ހަތްސަތޭކަ ތިރީސް ހަހާސް) ރުފިޔާ ހޯދަން އެދޭ ކަމަށެވެ.

އިމާރާތުގެ 9 ވަނަ ބުރިއާއި 10 ވަނަ ބުރީގައި ހަދާ ދެ ކޮޓަރީގެ 6 އެޕާޓްމެންޓުގެ ތެރެއިން ކޮންމެ އެޕާޓްމެންޓަކަށް މިހާރުގެ މާކެޓުގައި އެންމެ ދަށްވެގެން 16,000 (ސޯޅަހާސް) ރުފިޔާ ލިބޭނެ ކަމަށް އެސްޓޭޓުން ކޮށްފައިވާ އަންދާޒާއަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އިންކާރުކޮށްފައެއް ނުވެއެވެ. އެ އެޕާޓްމަންޓުތައް ކުއްޔަށްދެވޭނެ ކަމަށް އެސްޓޭޓުން ލަފާކޮށްފައިވާ ކުލީގެ ރޭޓުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލުގައި ބަޔާންކޮށްފައިވާ އުސޫލުން 2 ކޮޓަރީގެ 6 އެޕާޓްމެންޓަށް 18 އަހަރުގެ މުއްދަތަށް ކުއްޔަށް ދީގެން ލިބޭނޭ އާމްދަނީ ކަމުގައި ބެލެވެނީ 17,280,000.00 (ސަތާރަ މިލިއަން ދެލައްކަ އަށްޑިހަހާސް) ރުފިޔާއެވެ. އެހެންކަމުން އެ އަދަދު ތިރީގައިވާ ތާވަލުގައިވާ ރޭޓުން 18 އަހަރުގެ މުއްދަތުގެ ތެރޭގައި %10 ގެ ރޭޓުން ޑިސްކައުންޓު ކުރުމުން ބާކީ އޮންނާނީ 7,873,356 (ހަތްމިލިއަން އަށްލައްކަ ހަތްދިހަތިން ހާސް ތިންސަތޭކަ ފަންސާސް ހައެއް) ރުފިޔާއެވެ. މި އަދަދުގެ ތެރެއިން މިކޯޓުން ކުރިން ނިންމާފައިވާ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގެ ހުކުމުގެ 87 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން އިމާރާތުގެ ދެބުރި ހެދުމަށް ހިނގާނޭ ޚަރަދާއި ހައިކޯޓުގެ ހުކުމުގެ ދަށުން ކުރިން ނަގައިދީފައިވާ 3,379,127.00 (ތިން މިލިޔަން ތިންލައްކަ ހަތްދިހަނުވަހާސް އެއްސަތޭކަ ހަތާވީސް) ރުފިޔާ އުނިކުރުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެސްޓޭޓް އަށް މިހާރު ނަގައިދޭންޖެހޭ އަދަދަކީ މުޅިއެކު 756,229 (ހަތްލައްކަ ފަންސާސް ހަހާސް ދުއިސައްތަ ނަވާވީސް) ރުފިޔާއެވެ.

Number of floors 2

Total number of apartment 6

Total floor area 4200

Per SQF construction rate (self-development) 890.00

Expected yearly rental income 960,000.00

Right to use period (in years) 18

Expected rental income over 18 years 17,280,000.00

Refunded amount based on HC judgment 3,379,127.00

Expected construction cost 3,738,000.00

Discounting rate 10%

Year Rental Income (A) Discounting factor (B) Present Value (A x B)

Year 1 960,000.00 0.9091 872,727.27

Year 2 960,000.00 0.8264 793,388.43

Year 3 960,000.00 0.7513 721,262.21

Year 4 960,000.00 0.6830 655,692.92

Year 5 960,000.00 0.6209 596,084.47

Year 6 960,000.00 0.5645 541,894.97

Year 7 960,000.00 0.5132 492,631.79

Year 8 960,000.00 0.4665 447,847.09

Year 9 960,000.00 0.4241 407,133.71

Year 10 960,000.00 0.3855 370,121.56

Year 11 960,000.00 0.3505 336,474.14

Year 12 960,000.00 0.3186 305,885.59

Year 13 960,000.00 0.2897 278,077.80

Year 14 960,000.00 0.2633 252,798.00

Year 15 960,000.00 0.2394 229,816.37

Year 16 960,000.00 0.2176 208,923.97

Year 17 960,000.00 0.1978 189,930.88

Year 18 960,000.00 0.1799 172,664.44

Present value of future rental income 7,873,356

Less amount refunded based on HC judgment (3,379,127)

Less expected construction cost (3,738,000)

Amount that need to be compensated 756,229

Assumptions

1- Estate should incur construction cost to earn the rental income

2- Estate’s initial investment refunded based on HC judgment

3- It is estimated that there will be some idle periods throughout the 18 years. Therefore, as a provision for idling period and required maintenance cost, it is estimated that, on average, rent will be generated for 10 months each year

4- Estate will be able to generate rental income 10 months a year for next 18 years

5- It is estimated that Estate will be able to rent 6 apartments (2 rooms) for a monthly rental of MVR 16,000 each

Methodology

Estate will be able to generate yearly rental income of MVR 1,152,000 over the next 18 years. This expected rental income need to be discounted to determine the present value of future income. Future income has been discounted at the rate of 10%. Under normal circumstance, Estate is entitled to get the present value of future income. However, since Estate has already received the initial investment he made from the owner that need to be deducted. Furthermore, to earn the future rental income, Estate should incur construction cost to construct 6 apartments. Therefore, that need to be deducted as well. After making necessary deductions related to amount being refunded and expected construction cost, Estate is entitled to get MVR 756,229 as a compensation

ސުޕްރީމް ކޯޓުގެ މި ގަޒިއްޔާއިން އިސްތިއުނާފު މި ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/291 ގަޒިއްޔާގެ ހުކުމުގައި ޙަސަން ޔޫސުފާއި އިސްތިއުނާކުރާ ފަރާތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ 5.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުގެ އެއްވެސް ފުރުސަތެއް އުފަންވެ، އެކަމުގެ މަހައްލު ގާއިމުވާނީ، މ. ތިލައައްސޭރި ގޯތީގައި 10 ފަންގިފިލާގެ އިމާރާތެއް ބިނާކޮށްފައިވާ ނަމަ ކަމަށާއި އެ އިމާރާތް ނިމިފައިނުވާތީ އެއްބަސްވުމުގެ 5.1 ވަނަ މާއްދާގައި ދެފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމުގެ މަންފާ އެސްޓޭޓް އަށް ނުލިބޭނެ ކަމަށް ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/291 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި ދެފަރާތުގެ ދެމެދުގައި އޮތް ކޮންޓްރެކްޓު ބާތިލުކުރި ގޮތަށާއި، އެގަޒިޔާއިން ދެފަރާތުގެ ދެމެދުގައި އޮތް އެގްރީމަންޓު ބާތިލުކުރުމުގައި ދެފަރާތުގެ ހައްގުތައް ތަރުތީބުކޮށްފައިވާ ގޮތަށް ރިއާޔަތްކޮށްގެން ކަމަށްނުވާތީވެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/291ގަޒިއްޔާގެ ހުކުމާއި ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގެ ހުކުމް ބާތިލުކުރަން ޖެހޭ ކަމަށް ދެކެމެވެ. އަދި މި ރައުޔުގެ 45 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޙަސަން ޔޫސުފްގެ އެދުމުގެ މަތީން ހައިކޯޓުން އެގްރީމަންޓު ބާތިލުކޮށްފައިވާތީވެ، އެގްރީމަންޓުގެ 5.1 ވަނަ މާއްދާގެ ދަށުން އަލްމަރްހޫމް ޙަސަން ޔޫސުފްގެ ވާރިސުންގެ ތެރެއިން މ. ތިލައައްސޭރީގެ ބިމާއި އިމާރާތުން ބައިލިބޭ ވާރިސުންގެ ފަރާތުން އެސްޓޭޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރަކީ 756,229 (ހަތްލައްކަ ފަންސާސް ހަހާސް ދުއިސައްތަ ނަވާވީސް) ރުފިޔާ ކަމަށް ދެކެމެވެ.

މި މައްސަލައިގައި އެސްޓޭޓުން ދެ ފްލޯ ކުއްޔަށް ދީގެން ލިބޭނެ ފައިދާ ކަމަށް އަންދާޒާކުރެވުނު އަދަދުގެ މިހާރުގެ އަގު ބެލުމަށްޓަކައި 18 އަހަރު ދުވަހުގެ ތެރޭގައި %10 ރޭޓުން ޑިސްކައުންޓުކުރުމުން ލިބުނު އަދަދުން، އިމާރާތުގެ ދެބުރި ހެދުމުގެ އަގާއި އިނިޝަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ލާފައިވާ ފައިސާ އުނިކޮށްފައިވަނީ ދެފަރާތުން އެގްރީމަންޓުގައި މ. ތިލައައްސޭރީގައި ހަދަން އެއްބަސްވެފައިވާ އިމާރާތް ހެދިފައިނުވާތީއާއި އެ އިމާރާތުގެ މަސައްކަތުން ނިމިފައިވާ މިންވަރަކީ %33 ގެ މަސައްކަތް ކަމުގައިވާތީވެ، އެގްރީމަންޓުގެ 5.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިމާރާތުގެ 9 ވަނަ ބުރިއާއި 10 ވަނަ ބުރި އެސްޓޭޓަށް ލިބޭނީ އެތަން ހެދުމަށް ޚަރަދުކޮށްގެން ކަމަށްވާތީ އާއި އެ އިމާރާތް ހެދުމަށް ނަގަންޖެހޭ ބޭންކު ލޯނުނެގުމަށް ލާންޖެހޭ ފައިސާލުމާއި ގަރަންޓީ ދިނުމަކީ އެސްޓޭޓްގެ މަސްއޫލިއްޔަތަކަށް ވާތީއެވެ.

މަތީގައި ބަޔާންކުރެވުނު ގެއްލުމުގެ މިންވަރު ސުޕްރީމް ކޯޓުން ހިސާބުކޮށްފައިވަނީ ވަރަށް ގިނަ ކަންކަން ސުޕްރީމް ކޯޓުން އަންދާޒާކޮށްގެންނެވެ. ގެއްލުމުގެ ބަދަލުގެ މިންވަރު ސުޕްރީމް ކޯޓުން އަންދާޒާކޮށް ހިސާބުކުރުމުގެ ބަދަލުގައި އާއްމު އުސޫލެއްގެ ގޮތުން އެކަންކުރަންވާނީ މައްސަލައިގެ ވާގިއާތަކާބެހޭ ގޮތުން ވާހަކަދެކެވި ހެކި ހުށަހަޅައިގެން ޝަރީއަތްކުރުމުގެ މަރުހަލާގައެވެ. އަދި އެކަން ކުރަންވާނީ ޚަބީރުންގެ ރައުޔުގެ މައްޗަށް ބިނާކޮށްގެންނެވެ. މައްސަލައެއްގައި ގެއްލުމުގެ ބަދަލު ހިސާބުކުރަން ޖެހޭ ކަމަށް ސުޕްރީމް ކޯޓަށް ފެނިއްޖެނަމަ ސުޕްރީމް ކޯޓުން އެކަން ކުރުމުގެ ބަދަލުގައި އާއްމުގޮތެއްގައި އެކަންކުރަނީ މައްސަލައިގެ ޝަރީއަތްކުރާ ކޯޓަށް މައްސަލަ ތަހުވީލުކޮށްގެން އެކޯޓު މެދުވެރިކޮށްގެންނެވެ. މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ މިންވަރު އިސްތިސްނާއީ ގޮތެއްގައި ސުޕްރީމް ކޯޓުން ހިސާބުކޮށް ކަނޑައަޅާފައިވަނީ މި މިއްސަލައިގައި ކަންވެފައިވާ ގޮތުން އަދުލުއިންސާފަށް ރުޖޫއަވެވެން މިހާރު އޮތް އެންމެ ގާތްގޮތަކީ މިގޮތް ކަމަށް ގަބޫލުކުރެވޭތީއެވެ. އެގޮތަކީ، މި މައްސަލައަކީ 2008 ވަނަ އަހަރުގެ ޖުލައި މަހު ދެފަރާތުގެ ކޮންޓްރެކްޓަކާ ގުޅޭ މައްސަލައެއް ކަމަށްވާއިރު، އެއަށްފަހު 13 އަހަރު ހޭދަވެގެން ދިޔައިރުވެސް ދެފަރާތުގެ ޚުސޫމަތަށް ނިމުމެއް އައިސްފައި ނެތް ހިނދު ގެއްލުމުގެ ބަދަލު ހިސާބުކުރުމަށް ދަށުކޯޓަށް ނުވަތަ ހައިކޯޓަށް މި މައްސަލަ އަލުން ތަހުވީލުކޮށްފިނަމަ، އިތުރު އަހަރުތަކެއް ވަންދެން މި މައްސަލަ ކޮޅެއްގައި ނުޖެހި ނުނިމި ގިނަދުވަސް ހޭދަވެގެން ހިނގައިދާނެތީ އެކަމަށް މަގު ފަހިވިޔަ ނުދިނުމެވެ. މައްސަލަ ތަހުވީލުކުރެވި ގެއްލުމުގެ ބަދަލުގެ އަދަދާ މެދު ދަށުކޯޓުން ގޮތެއް ނުނިމި އޮންނަ މުއްދަތުގައި އެ ގޭގެ މައްސަލަ ވަކިކޮޅެއްގައި ނުޖެހި އޮތުމުން އެ އިމާރާތް ހަދައިގެން ޙަސަން ޔޫސުފްގެ ވާރިސުން އެ އިމާރާތް ބޭނުންކުރުމަށް ހުރަސް އެޅި ދެފަރާތަށްވެސް މާލީ ގެއްލުންތަކެއް ވެގެންދާނެއެވެ. ޙަސަން ޔޫސުފްގެ ވާރިސުންނަށް އެންމެ މަސްލަހަތު ހުރި ގޮތަކަށްވާނީ ގެއްލުމުގެ ބަދަލުގެ މައްސަލަ ނިމި، މުޅިން އާ ފެށުމަކުން ފެށުމަށް ވީހާއަވަހަކަށް ފުރުސަތު ލިބި އިމާރާތް ވީހާއަވަހަކަށް ބޭނުންކުރެވޭނެ ގޮތް ވުމެވެ. އަދި ގެއްލުމުގެ ބަދަލު ވީހާ އަވަހަކަށް ލިބުމަކީ އެސްޓޭޓަށްވެސް އެންމެ މަސްލަހަތުހުރި ގޮތެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން:

(1) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/291 ގަޒިއްޔާގެ ހުކުމާއި ސިވިލް ކޯޓުގެ ނަންބަރު 2002/Cv-C/2017 ގަޒިއްޔާގެ ހުކުމް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.

(2) އެސްޓޭޓް އާއި ޙަސަން ޔޫސުފް އާއި ދެމެދުގައި ސޮއިކޮށްފައިވާ އެގްރީމަންޓު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/243ގަޒިއްޔާގައި ނިމުމަކަށް ގެނެސްފައިވަނީ ޙަސަން ޔޫސުފް އެދިފައިވާތީ ކަމުގައި ބަޔާންކޮށްފައިވާތީވެ، އެގްރީމަންޓުގެ 5.1 ވަނަ މާއްދާގެ ދަށުން އެސްޓޭޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރަކީ 756,229 (ހަތްލައްކަ ފަންސާސް ހަހާސް ދުއިސައްތަ ނަވާވީސް) ރުފިޔާ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، މިއަދުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ޙަސަން ޔޫސުފްގެ ވާރިސުންގެ ފަރާތުން މި ފައިސާ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ދެއްކުމަށްޓަކައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އަންގަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދު އަޙްމަދު މުޢުތަޞިމް ޢަދުނާންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ