—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2017/SC-A/28
އިސްތިއުނާފު ކުރާ ފަރާތް:
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0259/2012 )
އިސްތިއުނާފު ރައްދުވާ ފަރާތް:
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު (C-221/97
މައްސަލައިގެ ބާވަތް:
ފައިސާ ހޯދުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
13 ޖުލައި 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:
12 އޮކްޓޯބަރ 2017ނިމުނު ތާރީޚު:
05 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2014/HC-A/142
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
02 މެއި 2014ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
27 އޮކްޓޯބަރ 2016ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު (C-0259/2012) (މީގެފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު ) (C-221/97މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް"( އާއި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ބ.އަތޮޅު ކިހާދުއްފަރު ރިސޯޓު (ސަބްލީޒްއެއްގެ ގޮތުގައި) ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން (މީގެފަހުން "ސަބްލީޒް އެގްރީމަންޓް"( ނިމުމަކަށް ގެނެސް ތަން ހުސްކުރަން އަންގާފައިވަނީ ޤާނޫނާ އެއްގޮތަކަން ނުވަތަ ނޫންކަމާއި، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލީގެ ފައިސާއާއި ޖޫރިމަނާ ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަމެވެ.
އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ސަބްލީޒް އެގްރީމަންޓާއި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާތީ، ސަބްލީޒް އެގްރީމަންޓުގެ 15 ވަނަ މާއްދާއާ ޙާވާލާދީ، އެ އެއްބަސްވުމުގެ 29 ވަނަ މާއްދާގެ ދަށުން ކިހާދުއްފަރު ރިސޯޓު ހުސްކޮށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޙަވާލުކުރުމަށް އަމުރުކޮށްދިނުމަށާއި، އަދި މިގޮތަށް ޙަވާލުކުރެވޭ ހިނދުގައި ސަބްލީޒް އެގްރީމަންޓުގެ 09 ވަނަ މާއްދާއާ ޙަވާލާދީ 31 ވަނަ މާއްދާގެ ދަށުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ބޭނުމަށް އެރަށަށް ގެންގޮސްފައިވާ އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް އެ ރަށުން ނުގެންދެވޭނެކަމަށް އެ ފަރާތަށް އެންގުމަށާއި، ސަބްލީޒް އެގްރީމަންޓު ވެވުނު ތާރީޚުން ފެށިގެން 24 ޑިސެންބަރު 2016 ވަނަ ދުވަހުގެ ނިޔަލަށް ހިސާބުކުރެވިފައިވާ ނުދައްކާވާ ޖޫރިމަނާ އާއި ކުލި ނަގާދިނުމަށާއި، ސަބްލީޒް އެގްރީމަންޓުގެ 14 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ސަބްލީޒް އެގްރީމެންޓު ވެވުނު ތާރީޚުން ފެށިގެން 17 ޑިސެންބަރު 2016 ވަނަ ދުވަހުގެ ނިޔަލަށް ހިސާބުކުރެވި ނުދައްކާވާ ޖޫރިމަނާ އާއި، މި މައްސަލައިގެ ނިޙާއީ ޙުކުމެއް ކުރެވުމާއި ހަމައަށް ހިނގާ މުއްދަތަށް ކުއްޔާއި ޖޫރިމަނާ އެކީ އެއްފަހަރާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ބ.އަތޮޅު ކިހާދުއްފަރު ރިސޯޓު ކުއްޔަށް ދިނުމަށްޓަކައި 12 ސެޕްޓެންބަރު 2012 ގައި ސޮއިކުރެވުނު ސަބްލީޒް އެގްރީމަންޓުގެ 08 ވަނަ މާއްދާ އާއި 11 ވަނަ މާއްދާއާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޚިލާފުވެފައިވާ ކަމަށްބުނެ، އެ ރިސޯޓު ހުސްކޮށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރުމަށް 21 ޑިސެންބަރު 2016 ގައި ފޮނުވާފައިވާ ނޯޓިސްއަކީ، 12 ސެޕްޓެންބަރު 2012 ގައި ސޮއިކުރެވުނު ސަބްލީޒް އެގްރީމަންޓާއި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޚިލާފުވެފައިވާތީ، އެ އެގްރީމެންޓުގެ 15 ވަނަ މާއްދާގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ފޮނުވާފައިވާ ނޯޓިސް އެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތުމާއެކު، 12 ސެޕްޓެންބަރު 2012 ގައި ސޮއިކޮށްފައިވާ ސަބްލީޒް އެގްރީމަންޓަކީ ބުނެވިދިޔަ އެގްރީމަންޓުގެ 15 ވަނަ މާއްދާގެ ދަށުން ނިމުމަކަށް ގެނެވިފައިވާ އެގްރީމަންޓެއް ކަމަށްވާއިރު، ބުނެވިދިޔަ އެގްރީމަންޓުގެ 29 ވަނަ މާއްދާގެ ދަށުން އެއްބަސްވުމާއި އެއްގޮތަށް ކިހާދުއްފަރު ރިސޯޓު ހުސްކޮށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންގާފައިވާ އެންގުމާއި އެއްގޮތަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ރިސޯޓު ޙަވާލުކޮށްފައި ނުވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންއޮތުމާއިއެކު، ކިހާދުއްފަރު ރިސޯޓު ކުއްޔަށްދިނުމަށްޓަކައި 12 ސެޕްޓެންބަރު 2012 ގައި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުން ނިމުމަކަށް އައިސްފައިވާތީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ރުހުމެއްނެތި ކިހާދުއްފަރު ރިސޯޓު ބޭނުންކުރުމުގެ އެއްވެސް ޙައްޤެއް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ލިބިގެން ނުވާކަމަށްޓަކައި، 16 ފެބްރުވަރީ 2017 ވަނަ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކިހާދުއްފަރު ރިސޯޓުގައި ހުރި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ތަކެއްޗާއިއެކު އެ ރިސޯޓު ހުސްކޮށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެ ރިސޯޓު ޙަވާލުކުރުމަށާއި، ސަބްލީޒް އެގްރީމަންޓުގެ 09 ވަނަ މާއްދާ އާއި ޙަވާލާދީ އެގްރީމަންޓުގެ 31 ވަނަ މާއްދާގެ ދަށުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ބޭނުމަށް އެ ރިސޯޓަށް ގެންގޮސްފައިވާ އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް (އުފުލޭ އަދި ނުއުފުލޭ މުދާ ހިމެނޭގޮތަށް) ނުގެންދެވޭކަން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް އަންގައި، ސަބްލީޒް އެގްރީމަންޓުގެ 08 ވަނަ މާއްދާގެ ދަށުން 01 އޮކްޓޫބަރު 2016 އަށް ދައްކަންޖެހޭ ކުލީގެ ތެރެއިން ނުދައްކާވާ US$450,000/00 (ހަތަރުލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އާއި، ސަބްލީޒް އެގްރީމަންޓް ވެވުނު ތާރީޚުން ފެށީގެން ކުލި ދައްކަން ކަނޑައެޅިފައިވާ މުއްދަތުގައި ކުލި ނުދެއްކުމުގެ ސަބަބުން 24 ޑިސެންބަރު 2016 އާއި ހަމައަށް ސަބްލީޒް އެގްރީމަންޓުގެ 15 ވަނަ މާއްދާގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި ދައްކަންޖެހޭ US$905,950/07 (ނުވަލައްކަ ފަސްހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު ހަތެއް ސެންޓް) އާއި ސަބްލީޒް އެގްރިމަންޓް ވެވުނު ތާރީޚުން ފެށިގެން ސަރުކާރަށް ދައްކަންޖެހޭ ކުލި ((Government Lease Rent އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ޤަވާޢިދުން ދައްކާފައިނުވާތީ، ސަބްލީޒް އެގްރީމަންޓުގެ 14 ވަނަ މާއްދާގެ ދަށުން ޖޫރިމަނާގެ ގޮތުގައި 17 ޑިސެންބަރު 2016 ވަނަ ދުވާހާއި ހަމައަށް ދައްކަންޖެހޭ US$71,250/00 (ހަތްދިހަ އެއްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) އާއެކު ޖުމްލަ US$1,427,200/07 (އެއްމިލިއަން ހަތަރުލައްކަ ހަތާވީސްހާސް ދުއިސައްތަ އެމެރިކާ ޑޮލަރު ހަތެއް ސެންޓް) އަކީ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށެވެ. އަދި އެޙުކުމުގައި، ދެންނެވުނު ފައިސާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 16 ފެބްރުވަރީ 2017 އިން ފެށިގެން މަދުވެގެން އެ މަހަކަށް ޖެހޭވަރު އެ މަހަކު ދައްކަމުންގޮސް މީލާދި ސަނަތުން 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ފައިސާ ދެއްކުމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފައިވެއެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) (މީގެފަހުން "ސްޓޭޓް ބޭންކް އޮފް އިންޑިޔާ"( އިން ނަގާފައިވާ ލޯނަކަށް ދައްކަންޖެހޭ ފައިސާ އަދާކުރުމުގެ ގޮތުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކިހާދުއްފަރު ރިސޯޓުގެ ކުލީގެ ގޮތުގައި އަތަމާ މެރިން އިންޓަރނޭޝަނަލްއަށް ދައްކަންޖެހޭ ކުލި، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދެއްކުމަށް އެއްބަސްވެ، މިތިން ފަރާތުގެ މެދުގައި 02 އޮކްޓޫބަރު 2012 ގައި ސޮއިކުރެވިފައިވާ ޓްރައިޕާޓައިޓް އެގްރީމަންޓުގެ ދަށުން 2016 ވަނަ އަހަރުގެ ފަހު ކުއާޓާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން US$453,108/30 (ހަތަރުލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ އަށެއް އެމެރިކާ ޑޮލަރު ތިރީސް ސެންޓް) އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައްކާފައިނުވާކަމަށް އެ ބޭންކުންވެސް ބުނާއިރު، އެ ފައިސާ ދައްކާފައިވާކަން ސާބިތުވާފަދަ ކާފީ ހެއްކެއް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިނުވާކަން؛
ސަބްލީޒް އެގްރީމަންޓުގެ 08 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން 01 އޮކްޓޫބަރު 2016 ގައި ދައްކަންޖެހޭ ލީޒް ރެންޓު (މީގެ ފަހުން "ސަބްލީޒް ރެންޓް") ގެ ތެރެއިން US$450,000/- (ހަތަރުލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ނުދައްކާވާކަމަށް ބުނުމާއި ގުޅިގެން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ އަތަމާ މެރިން އިންޓަރނޭޝަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކި ފަހަރު މަތިން ރިސޯޓަށް ގޮސްފައިވާ ފަރާތްތަކަށް ދީފައިވާ ޚިދުމަތްތަކަށް ލިބެންވާ ފައިސާތަކެއް ނުލިބިވާކަމާށައި، މި ފައިސާއިން 2016 ވަނަ އަހަރުގެ ފަހު ކުއާޓާގެ ސަބްލީޒް ރެންޓް އަޅާކެނޑުމުން ސަބްލީޒް ރެންޓް ދެއްކިފައިވާ ކަމަށެވެ. އެހެން ނަމަވެސް، ސަބްލީޒް އެގްރީމަންޓުގެ 28.8 ވަނަ މާއްދާއަށް ބަލާއިރު ރިސޯޓު ކުއްޔަށްދިން ފަރާތުން ބޭނުންވާ ކޮންމެ ޚިދުމަތެއް ވާންޖެހޭނީ ރީޒަނަބަލް ޚިދުމަތްތަކެއްކަން އެނގޭކަމާއި، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނުލިބޭކަމަށް ބުނެފައިވާ ފައިސާއަކީ 2013 ވަނަ އަހަރުން ފެށިގެން ދީފައިވާ ޚިދުމަތްތަކަކަށް ހަދާފައިވާ އިންވޮއިސްތަކަކަށް ނުލިބިވާ ފައިސާތަކެއް ކަމަށް އެ ފަރާތުން ބުނެފައިވާއިރު، އެ ޚިދުމަތްތައް ދެވިފައިވަނީ އެ ފަރާތުން ދައްކަންޖެހޭ ސަބްލީޒް ރެންޓްގެ ތެރެއިން އުނިކުރާ ގޮތަށްކަން ސާބިތުވާފަދަ ކާފީ ހެއްކެއް ހުށަހަޅާފައި ނުވާކަން؛
ސަބްލީޒް އެގްރީމަންޓުގައި ބަޔާންވެފައިވާ ގޮތަށް ދައްކަންޖެހޭ ސަބްލީޒް ރެންޓާއި، ގަވަރމަންޓް ލީޒް ރެންޓް (މީގެ ފަހުން "ގަވަރމަންޓް ލީޒް ރެންޓް") ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާ މިހާތަނަށް އަތަމާ މެރިން އިންޓަރނޭޝަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނަގާފައި ނުވުމުން، އެ ޙައްޤު އެ ފަރާތަށް ގެއްލިގެން ދާނެކަމަށް ބެލޭނެ ޤާނޫނީ ހަމައެއް ނެތުމާއެކު، މި ދެ ފަރާތުގެ މެދުގައި ކިހާދުއްފަރު ރިސޯޓު ކުއްޔަށް ދިނުމަށްޓަކައި 12 ސެޕްޓެންބަރު 2016 ގައި ކުރެވުނު ސަބްލީޒް އެގްރީމަންޓުގައި ސޮއިކުރި ތާރީޚުން ފެށިގެން ކުލި (ސަބްލީޒް ރެންޓް) ދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން 24 ޑިސެންބަރު 2016 އާއި ހަމައަށް ސަބްލީޒް އެގްރީމެންޓުގެ 15 ވަނަ މާއްދާގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި ދައްކަންޖެހޭ US$905,950/07 (ނުވަލައްކަ ފަސްހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު ހަތެއް ސެންޓް) އާއި ސަބްލީޒް އެގްރީމަންޓް ވެވުނު ތާރީޚުން ފެށިގެން ސަރުކާރަށް ދައްކަންޖެހޭ ގަވަރމަންޓް ލީޒް ރެންޓް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ޤަވާޢިދުން ދައްކާފައިނުވާތީ، ސަބްލީޒް އެގްރީމެންޓުގެ 14 ވަނަ މާއްދާގެ ދަށުން ޖޫރިމަނާގެ ގޮތުގައި 17 ޑިސެންބަރު 2016 ވަނަ ދުވާހާއި ހަމައަށް US$71,250/00 (ހަތްދިހަ އެއްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) ދައްކަންޖެހި ނުދައްކާވާކަން ސާބިތުވާކަން؛
ދެ ފަރާތުގެ މެދުގައިވާ ސަބްލީސް އެގްރީމަންޓް ނިމުމަކަށް ގެނެވި އެގްރީމަންޓުގެ ދަށުން ކުއްޔަށް ދެވިފައިވާ ރިސޯޓު އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމާ ހަމައަށް ހިނގާ މުއްދަތަކީވެސް، އެއްބަސްވުމުގެ 08 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި 15 ވަނަ މާއްދާގައިވާ ގޮތުގެމަތީން ކުއްޔާއި ޖޫރިމަނާ އަރަމުންދާނެ ދުވަސްތަކެއްކަން އެނގޭކަން؛
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނު އަދާކުރުމުގެ ގޮތުން މުސްތަޤުބަލުގައި ދައްކަންޖެހޭ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދެއްކުމަށް ޓްރައިޕާޓައިޓް އެގްރީމަންޓްގައި އެއްބެސްވެފައިވާނަމަވެސް، އެ ޓްރައިޕާޓައިޓް އެގްރީމެންޓަކީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑާދެމެދު ސޮއިކުރެވުނު ސަބްލީޒް އެގްރީމަންޓްގެ ބައެއް ނޫންކަމާއި، ސަބްލީޒް އެގްރީމަންޓާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޚިލާފުވެއްޖެ ޙާލަތެއްގައި ސަބްލީޒް އެގްރީމަންޓުގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެއްބަސްވުން ބާޠިލުކުރުމަށް ލިބިދޭ ޙައްޤަށް ހުރަސްއެޅޭ ފަދަ ޤާނޫނީ ބަނދެވުމެއް އޮތް އެއްބަސްވުމެއް ނޫންކަން؛ އަދި
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން 21 ޑިސެންބަރު 2016 ގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ޓާރމިނޭޝަން ނޯޓިސްއަކީ ސަބްލީޒް އެގްރީމަންޓުގެ 15 ވަނަ މާއްދާގެ ދަށުން އެ ފަރާތަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ފޮނުވާފައިވާ ނޯޓިސްއެއްކަން އެނގެން އޮތުމާއެކު، އެ ނޯޓިސްގައި ބަޔާންވެގެންވާ ގޮތުގެމަތިން ސަބްލީޒް އެގްރީމަންޓުގެ 15 ވަނަ މާއްދާގެ ދަށުން ޤާނޫނީގޮތުން އެގްރީމަންޓް ނިމުމަކަށް އައިސްފައިވާތީ، ސަބްލީޒް އެގްރީމަންޓުގެ 29 ވަނަ މާއްދާގެ ދަށުން އެއްބަސްވުމާއި އެއްގޮތަށް ކިހާދުއްފަރު ރިސޯޓު ހުސްކޮށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަކީ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ލާޒިމުކަމެއްކަން.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާއިން ބަލާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑަޅައި، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ސަބްލީޒް އެގްރީމަންޓުގެ ދަށުން ދައްކަންޖެހޭ ސަބްލީޒް ރެންޓާއި ގަވަރމެންޓް ލީޒް ރެންޓް ދެއްކުމަށް އެއްބަސްވެފައިވާ ގޮތަށް ޤަވާޢިދުން ދައްކާފައިނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އެއްވެސް ފައިސާއެއް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ނަގާފައި ނުވިނަމަވެސް، ސަބްލީޒް އެގްރީމެންޓުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ މާފުކޮށްދީފައިވާ ފައިސާއެއްކަން ނުވަތަ ސަބްލީޒް އެގްރީމަންޓުގެ 14 ވަނަ މާއްދާ އާއި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ މާއްދާއަށް އަމަލު ނުކުރަން ދެ ފަރާތުން އެއްބަސްވެފައިވާކަން އެނގެން ނެތްކަން؛
2016 ވަނަ އަހަރުގެ ފަހު ކުއާޓާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން US$453,108/30 (ހަތަރުލައްކަ ފަންސާސްތިންހާސް އެއްސަތޭކަ އަށެއް ޕޮއިންޓް އެމެރިކާ ޑޮލަރު ތިރީސް ސެންޓު) އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައްކާފައި ނުވާކަމަށް އެ ބޭންކުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާއިރު، އެކަން ނަފީކުރެވޭފަދަ އެއްވެސް ހެއްކެއް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިނުވާކަން؛ އަދި
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ޓަރމިނޭޝަން ނޯޓިސްއަކީ ސަބްލީޒް އެގްރީމަންޓުގެ 15 ވަނަ މާއްދާގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ފޮނުވާފައިވާ ނޯޓިސްއެއްކަމާއި، އެ ނޯޓިސްގައި ބަޔާންވެގެންވާގޮތުގެ މަތިން ސަބްލީޒް އެގްރީމަންޓުގެ 15 ވަނަ މާއްދާއާ ޙަވާލާދީ އެގްރީމަންޓް ނިމުމަކަށް އައިސްފައިވާތީ، އެ އެގްރީމަންޓުގެ 29 ވަނަ މާއްދާގެ ދަށުން އެއްބަސްވުމާ އެއްގޮތަށް ކިހާދުއްފަރު ރިސޯޓް ހުސްކޮށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަކީ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްކަމެއްކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 09 (ނުވައެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ ހިމެނޭގޮތުން، 02 އޮކްޓޫބަރު 2012 ގައި ސޮއިކުރެވުނު "އެސައިންމަންޓް އެގްރީމަންޓް އިން ރެސްޕެކްޓް އޮފް ސަބްލީޒް ރެންޓް ފްރޮމް ބ.ކިހާދުއްފަރު" (މީގެ ފަހުން "ރެންޓް އެސައިންމަންޓް އެގްރީމަންޓް") ގެ ދަށުން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން 21 ޑިސެންބަރު 2016 ގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ޓާރމިނޭޝަން ނޯޓިސްއަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އެނގުމެއްނެތި، އަދި އެ ބޭންކުގެ ހުއްދަ ނެތި ސަބްލީޒް އެގްރީމަންޓް ބާޠިލު ނުކުރެވޭނެކަމަށް އޮންނަ އިލްތިޒާމާއި ޚިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށްވާއިރު، އެ ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ޓަރމިނޭޝަން ނޯޓިސްއަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އެނގުމެއް ނެތި، އެސައިމެންޓް އެގްރީމަންޓުގެ 2.1 ވަނަ މާއްދާގެ (iv) އާ ޚިލާފަށް ފޮނުވާފައިވާ ނޯޓިސްއެއް ކަމުގައިވާތީ، އެ ނޯޓިސްއަކީ އުފެދުމުގައި ބާޠިލް ނޯޓިސްއެއް ކަމަށާއި، އެ ނޯޓިސްގެ ދަށުން އުފަންވާ އެންމެހައި ކަމެއް ބާޠިލްވާނެ ކަމަށާއި، ރެންޓް އެސައިންމަންޓް އެގްރީމަންޓަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އަދި މި މައްސަލައިގައި ހިމެނޭ ތިން ފަރާތުގެ (އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑު އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ) މެދުގައި ބަނދެވޭ އަދި އެ މައްޗަށް ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ހިނގާ އެއްބަސްވުމެއް ކަމުގައިވާއިރު، އެ އެއްބަސްވުމުގައިވާ ކަންކަމަށް ޢަމަލުކުރަން ނުޖެހޭކަމަށް ކޯޓުން ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، ވަކި އިޖުރާއަތްތަކެއް ފުރިހަމަކޮށްފައި ޝަރުޢީ މަރުޙާލާއަށް އައުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން އިސްތިޤްރާރުވެފައިވާ ކަމަކަށްވާއިރު، އެ އުޞޫލު މި މައްސަލައަށް ތަޠްބީޤުކުރާއިރު، ރެންޓް އެސައިންމަންޓް އެގްރީމަންޓުގައި އޮތް އިލްތިމާޒް އެ އެގްރީމަންޓުގެ ތިން ބައިވެރިންގެ ތެރެއިން ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދޫކޮށްލާފައި ނުވާއިރު، ސަބްލީޒް އެގްރީމަންޓާއި ގުޅިގެން ވުޖޫދުވެފައިވާ ޤާނޫނީގޮތުން ޞައްޙަ އެގްރީމަންޓަކަށް ޢަމަލުނުކުރުމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ދަމަހައްޓަން ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައިވާ ޤާނޫނީ ޙުއްޖަތެއް ސާފުނުވާ ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، ސަބްލީޒް އެގްރީމަންޓުގެ ދަށުން ދޭ ޓަރމިނޭޝަން ނޯޓިސް އަށް ޢަމަލުކުރަންޖެހޭނީ ނުވަތަ އެއްބަސްވުން ބާޠިލުވާނީ، އެ ނޯޓިސް ލިބޭތާ 14 (ސާދަ) ދުވަސް ފަހުންކަމަށް ސަބްލީޒް އެގްރީމަންޓުގެ 29 ވަނަ މާއްދާގައި ޞަރީޙަ ނައްސުން ބަޔާންކޮށްފައި ވީނަމަވެސް، ޓަރމިނޭޝަން ނޯޓިސް ފޮނުވި ދުވަހު (26 ޑިސެންބަރު 2016) ގައި، އެ އެއްބަސްވުން ބާޠިލްވެއްޖެކަމަށް އެ ނޯޓިސްގެ ފަހު ޕެރެގްރާފުގައި ބަޔާންކޮށްފައިވުމުން، އެ ނޯޓަކީ ޓަރމިނޭޝަން ނޯޓިސް ފޮނުވުމުގެ އިޖުރާޢަތާއި ޚިލާފު ނޯޓިހެއްކަމުން އެއަށް ޢަމަލުކުރަން ނުޖެހޭނެ ކަމަށާއި، އިޖުރާއަތުތައް ފުރިހަމަ ނުވާނަމަ، އެ ނިންމާ ނިންމުން ޞައްޙަ ނުވާނެކަން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާ އާއި ނަންބަރު 2017/SC-C/11 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ފަސްވަނަ ސަބަބަކީ، ސަބްލީޒް އެގްރީމަންޓް ވެވުނު ތާރީޚުން ފެށިގެން ވޭތެވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަބްލީޒް ކުލި ދެއްކުން ލަސްވެފައިވާ ފަހަރުތަކަށް، ސަބްލީޒް އެގްރީމަންޓުގެ 15 ވަނަ މާއްދާ އާއި 10 ވަނަ މާއްދާގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި US$905,950/07 (ނުވަލައްކަ ފަސްހާސް ނުވަސެތޭކަ ފަންސާސް އެމެރިކާ ޑޮލަރު ހަތެއް ސެންޓް) އަދި US$71,250/- (ހަތްދިހައެއްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) ރެޓްރޮސްޕެކްޓިވްކޮށް ޗާޖު ކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ހަވަނަ ސަބަބަކީ، ގިނަ އަހަރުތަކެއް ވަންދެން ދެފަރާތުން ޢަމަލުކުރިގޮތަށް ބަލާއިރު، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއް ކުއާޓާރގެ ފައިސާދެއްކުމަށްފަހު، އެ ކުއާޓަރއަށް ލިކުއިޑޭޓެޑް ޑެމޭޖެސް ހޯދުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އެދިފައި ނުވާހިނދު، އަދި އަނެއް ކުއާޓަރގެ ކުލި ދައްކަންޖެހޭ ދުވަސް އައިސް އެ ކުއާޓާރގެ ކުލި ބަލައިގަންނަ ހިސާބުން ބަލަންޖެހޭނީ އޭގެކުރިން ދައްކަންއޮތް ޖޫރިމަނާ ދޫކޮށްލައި ލުޔެއްދިނީ ކަމަށް ކަމަށާއި، އަދި ލިކުއިޑޭޓެޑް ޑެމޭޖެސް ނުވަތަ ޖޫރިމަނާ ނަގަން އެދޭނަމަ، އެކަން ވާނީ ދެން އަންނަ ކުއާޓަރގެ ކުރިން (އެގްރީމެންޓުގައި ބަޔާންކޮށްފައިވާ މުއްދަތުގައި) އަންގަން ކަމަށެވެ. އަދި މިއީ ސަބްލީޒް އެގްރީމަންޓުގެ 23 ވަނަ މާއްދާގައި އޮތް "ވެއިވަރ" އޮޕަރޭޓްކުރާ ގޮތްކަމަށާއި، އެކަމަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާ ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ހަތްވަނަ ސަބަބަކީ، ސިވިލް ކޯޓުގައި މައްސަލަ ކުރިޔަށް ދިޔައިރު ހުށަހެޅުނު އިންވޮއިސްތަކަށް ނުލިބިވާ ފައިސާތަކަކީ ސަބްލީޒް އެގްރީމަންޓުގެ 25.8 ވަނަ މާއްދާގެ ބޭރުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ޚިދުމަތްތަކަކަށް ފޮނުވާފައިވާ އިންވޮއިސްތަކެއް ކަމަށް ބަޔާންކޮށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ އެއްވެސް އީމެއިލްއަކަށް އަދި ލިޔެކިޔުމަކަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވުމުން، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ޙައްޤުތައް ގެއްލިގެން ގޮސްފައިވާ ކަމަށާއި، އަދި އެ ޚިދުމަތްތައް ދީފައިވާކަމާމެދު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައި ނުވާއިރު، އެ ހުރިހާ ޚިދުމަތެއް ހިލޭ ސާބަހަށް ދޭންޖެހޭ ޤާނޫނީ ހަމައެއްވެސް އެފަރާތުން ހުށަހަޅާފައި ނުވާ ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
އަށްވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ކުރިޔަށް ދިޔައިރު، ސިވިލް ކޯޓުގެ އެ ޤަޟިއްޔާގެ އިސްތިއުނާފުތަކެއް (ދިވެހިރާއްޖޭގެ ހައިކޯޓު އިތުރު ދެ ޤަޟިއްޔާއަކުން) އިސްތިއުނާފު ރައްދުވާ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ހުށަހަޅައިގެން ވަކިވަކިން ކުރިޔަށް ގެންދިޔުމަކީ އެކަމުގެ ސަބަބުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ޙައްޤުތަކެއް ގެއްލި ތަފާތު ޙުކުމްތަކެއް އައުމުގެ ފުރުޞަތު އޮތް ކަމެއް ކަމުގަވާއިރު، އަދި އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގް އާ ޚިލާފުކަމެއް ކަމުގައިވާއިރު އެކަމަށް ރިޢާޔަތްނުކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ސަބަބެވެ.ނުވަވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން 27 ފެބްރުވަރީ 2017 ގައި ނެރެފައިވާ އަމުރާއި، ސިވިލް ކޯޓުގެ ނަންބަރު 208/CV-C/2017 ޤަޟިއްޔާގެ ޙުކުމުގައި ކިހާދުއްފަރު ރިސޯޓު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެރަށަށް އަރައި ގަދަކަމުން އެ ރަށް އަތުލާފައިވާއިރު، އެ ރަށުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ އެތައް މިލިޔަން ޑޮލަރުގެ މުދަލާއި ތަކެތި ހުރިކަމާއި، އެއިން އެއްވެސް އެއްޗެއް އެ ކުންފުންޏަށް އަނބުރާ ރައްދުކޮށްފައި ނުވާތީ، އެ ތަކެއްޗަށް ބަދަލު ލިބިދޭންޖެހޭ ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައިގަނޑު 6 (ހައެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/30 ޤަޟިއްޔާގެ ޙުކުމުގައި އިސްތިއުނާފީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޙުޞޫމާތެއްގައި ހިމެނޭ އެއްފަރާތުން އެ ޚުޞޫމާތް ބިނާވާ ދަށުކޯޓުގެ ޙުކުމް އަމިއްލަ އިޙްތިޔާރުގައި އަމަލުކޮށް ނިންމާފައިވާނަމަ، އެ ޚުޞޫމާތެއް ޝަރުއީ ކޯޓެއްގައި ހިންގުމުގެ މަޤްޞަދު ނެތިދާނެކަމާއި، އަދި މިއީ ދަޢުވާގެ އަސާސީ އުންޞުރުކަމަށްވާ ދަޢުވާގެ މަޙައްލު (Subject Matter) ނިމުމަކަށް އަންނަ ޙާލަތެއް ކަމުން، މިފަދަ ޙާލަތްތަކުގައި އެފަދަ އިސްތިއުނާފީ ދަޢުވާއަކާމެދު ޤަޟާއީ ނަޒަރުން ގޮތެއް ކަނޑައަޅަން ޖެހޭކަމަށް ނުފެންނަ ކަމަށް ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާގެ ޙުކުމުން އެއްބަސްވުން ނިމުމަކަށް ގެނެވި ރިސޯޓު ޙަވާލުކުރެވޭ ހިނދުގައި، ރިސޯޓުގައި ހުރި އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ ބޭނުމަށް ގެނެސްފައިވާ އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް (އުފުލޭ އަދި ނުއުފުލޭ މުދާ ހިމެނޭގޮތުން) ނުގެންދެވޭނެކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އަދި އެއީ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން އިންވެންޓްރީގެ ދަށަށް ވަންނަ އެއްޗެހި ކަމުގައި ވީނަމަވެސް، ހެޔޮނިޔަތުގައި މި ޚުޞޫމާތް ނިމުމަކަށް ގެނައުމަށް އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް US$250,000/- (ދެލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަދި އެއްބަސްވުމުގެ 16 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ބުކިންގްތަކަށް ކޮމްޕެންސޭޓް ކުރުމުގެ ގޮތުން US$750,000/- (ހަތްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ލިބިދީ، މި އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވާ މުޤާބިލް ފުރިހަމަކޮށްފައިވާތީ، މިއީ ޤަޟާޢީ ނަޒަރުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާދެމެދު 27 ފެބްރުއަރީ 2017 ގައި ސެޓްލްމަންޓް އެގްރީމަންޓް (މީގެ ފަހުން "ސެޓްލްމަންޓް އެގްރީމަންޓް") އެއްގައި ސޮއިކޮށްފައިވާހިނދު، އެ އެއްބަސްވުމުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސޮއި ކޮށްފައިވަނީ ބިރުދައްކައިގެން ކަމަށްބުނި ނަމަވެސް، އެފަދަ ކަމެއް ހިނގިކަން ސާބިތުކޮށްދެވޭ މިންވަރުގެ އެއްވެސް ހެއްކެއް، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓަށް އަދި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވާ ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ސްޓޭޓް ބޭންކް އޮގް އިންޑިޔާ އާއި މައްސަލައިގައި ހިމެނޭ ތިން ބައިވެރިން ހިމެނިގެންވެފައިވާ ރެންޓް އެސައިންމަންޓް އެއްބަސްވުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނަގާފައިވާ ޓާރމް ލޯނަކަށް ފައިސާދެއްކުމުގެ އިދާރީ އިންތިޒާމްތައް ފަސޭހަކަމާއެކު ހަމަޖެއްސުމަށްޓަކައި ވެވިފައިވާ އެއްބަސްވުމެއް ކަމާއި، އެ އެއްބަސްވުމާއި އެއްގޮތަށް ކުލި ނުދައްކައިގެން އެ ބޭންކުގެ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް އަންގާފައިވާއިރު، މި ދަޢުވާގައި ހިމެނޭ ކުލި ނުދައްކާކަމަށް އިސްތިއުނާފުކުރާ ފަރާތުންވެސް އިންކާރުކޮށްފައި ނުވެއެވެ. އެހެންކަމުން، ސަބްލީޒް އެގްރީމަންޓް ނިމުމަކަށް ގެނެސްފައިވަނީ އެ ރެންޓް އެސައިންމަންޓް އެއްބަސްވުމާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން ކުލި ދައްކާފައި ނުވާތީ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ޚިދުމަތްތަކަކަށް ދައްކަންޖެހޭ ފައިސާގެ މިންވަރަކީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ކުލި އަޅާކެނޑުމުގެ އުޞޫލުގެ ދަށުން ދައްކާފައިވާކަމަށްބުނެ ހުށަހަޅާ ޙުއްޖަތެއް ކަމުގައިވީނަމަވެސް، ދެފަރާތުގެ ދެމެދުގައި ވެފައިވާ ސަބްލީޒް އެގްރިމަންޓުގެ 25.8 ގެ ދަށުން އިސްތިއުނާފުރައްދުވާ ފަރާތުން ކިހާދުއްފަރު ރިސޯޓުގެ ފެސިލީޓީތައް ބޭނުންކުރުމަށް އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެފަދަ ޚިދުމަތްތަކަށް އަގެއް ހޯދުމަށްވާ ޤާނޫނީ އަސާސެއް މި އެގްރީމަންޓުގައި ނެތްކަމަށާއި، އަދި އެ ޚިދުމަތްތަކަށް އަގު ހޯދިދާނެކަމަށް ބެލިނަމަވެސް، ނުވަތަ އިސްތިއުނާފުކުރާ ފަރާތުން ޚިދުމަތްތައް ބޭނުންކޮށްފައިވަނީ ބަޔާންކުރެވުނު 25.8 ވަނަ މާއްދާގެ ދަށުން ބިލްކުރެވިދާނެ ޙާލަތެއްކަމަށް ބެލިނަމަވެސް، މިއީ ކުއްޔާއި ގުޅޭ ޚުޞޫމާތެއް ނޫންކަމާއި، އަދި މި ފައިސާ ކުލިން އުނިކުރެވޭނެކަމަށް ކަނޑައެޅުމަކީ އިސްތިއުނާފުކުރާ ފަރާތަށް އެކަނި (unilaterally) ކުރެވިދާނެކަމަށް ނޫންކަމަށް ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، ސަބްލީޒް އެގްރީމަންޓުގެ 36 ވަނަ މާއްދާގެ ޓައިޓަލްގައި "ވެއިވަރ" މިގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް ޙަޤީގަތުގައި މި މާއްދާގެ ކޮންޓެންޓަށް ބެލުމުން މިއީ ކޮންޓްރެކްޓް ލޯގެ ޖޫރިސްޕްރޫޑެންސްގައި ޢާއްމުކޮށް މާނަކުރެވޭ "ނޮންވެއިވަރ ކްލޯޒް" އެއްކަން އެނގޭކަމަށް ބުނެ ހުށަހެޅިނުކުތާއެވެ.
ހަވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ މައްސަލަތައް އެކީގައި ކުރިޔަށް ގެންގޮސްފައިނުވަނީ އެގޮތަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ މި މައްސަލައާ ގުޅިގެން ބޭއްވުނު ދެވަނަ އަޑުއެހުމުގައި ކަމަށްވެފައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ ސީޣާގެ އެއްބަޔާއިމެދު އެއްވެސް ގޮތެއް ޝަރީޢަތުން ކަނޑައަޅާފައިނުވާތީ ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، މިއީ މަޢުޟޫޢުގައި ތަފާތު ދެ މައްސަލައެއް ކަމުގައި ދެކިގެން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާ އިސްތިއުނާފުކުރެވުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބަލަމުންދާ މިމައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް އެދި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ހުށަހެޅުމުން، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް މިމައްސަލައިގެ ތެރެއަށް ތަދައްޚުލުވުމުގެ ފުރުޞަތު ދެވިފައިވެއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް އެދި، ހުށަހަޅާފައިވާ މައިގަނޑު ސަބަބުތައް ތިރީގައި މިވަނީއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ސިވިލް ކޯޓުގެ ނަންބަރު208/Cv-C/2017 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެކޯޓުގެ ނަންބަރު 2017/HC-A/226 ޤަޟިއްޔާގެ ޙުކުމްކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެމައްސަލަ ރަޖިސްޓަރީ ކޮށްފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގއަށް ރިޢާޔަތްކޮށް، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ހުށަހެޅި އިސްތިއުނާފު މައްސަލައިގައި (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/226 ޤަޟިއްޔާ) ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ގޮތެއް ނިންމާފައިނުވުމުގެ އިތުރުން، އެ މައްސަލައަކީ އިތުރަށް ބަލައި ކުރިއަށް ގެންދެވިދާނެ ޤަޟިއްޔާއެއް ނޫންކަމުގައި ކަނޑައަޅާފައިވުން؛ އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާ އިން ހިންގުނު އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުކުރި މައްސަލަ، އެކޯޓަށް އިސްތިއުނާފުކުރެވުނުއިރު، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އެނގިފައިނެތުން.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ތަދައްޚުލުވުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި، މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
ރެންޓް އެސައިންމަންޓް އެގްރީމަންޓުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ނާންގައި، އަދި ބޭންކުގެ ރުހުން ހޯދުމެއް ނެތި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ސަބްލީޒް އެގްރީމަންޓް ބާޠިލު ނުކުރެވޭނެ ކަމުގައި ބަޔާންކޮށްފައިވާއިރު، އަދި އެ އެއްބަސްވުމުގައިވާ ފަދައިން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އެންގުމަކާއި ނުލައި އަދި ބޭންކުގެ ރުހުން ނުހޯދާ ފޮނުވާފައިވާ ޓަރމިނޭޝަން ނޯޓިސްއަކީ ރެންޓް އެސައިންމަންޓް އެގްރީމަންޓާއި ޚިލާފަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޢަމަލެއްކަމުން، އެނޯޓިހަކީ ޞައްޚަ ނޯޓިސްއެއް ކަމަށް ނުވާނެކަމަށް ކަނޑައަޅާދިނުން އެދިފައިވާހިނދު، އެކަން ޤާނޫނީ ހަމަތަކުން ބަލާފައި ނުވުން؛
ރެންޓް އެސައިންމަންޓް އެގްރީމަންޓަކީ އެ އެއްބަސްވުމުގެ ތިން ބައިވެރިން އެއްބަސްވެފައިވާ ގޮތުގައި، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަބްލީޒް އެގްރީމަންޓާއި ޚިލާފުވާ ޙާލަތުގައި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ސަބްލީޒް އެގްރީމަންޓްގެ ދަށުން އެ (ސަބްލީޒް) އެއްބަސްވުން ބާޠިލުކުރުމަށް ލިބޭ ޙައްޤަށް ހުރަސްއެޅޭފަދަ ޤާނޫނީ ބަނދެވުމެއް އޮތް އެއްބަސްވުމެއް ނޫންކަމުގައި ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު އާއި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަން؛
ރިސޯޓު ޕްރޮޖެކްޓްތަކާއި ގުޅިގެން ބޭންކުން ދޫކުރާ ލޯނުތަކުގެ ސެކިއުރިޓީގެ ގޮތުގައި، ސަބްލީޒްއާއި ގުޅިގެން ދަންކަންޖެހޭ ކުލި ލިބިގަތުމަށް ބޭންކުތަކުން ޢާންމުކޮށް ރެންޓް އެސައިންމަންޓް އެއްބަސްވުންތައް ބޭނުންކުރާހިނދު، އަދި މިފަދަ އެއްބަސްވުންތަކުގެ ބައިވެރިން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ޤަބޫލުވެ ސޮއިކުރަނީ އަމިއްލަ އިޚްތިޔާރުގައި ނަމަވެސް، ސިވިލް ކޯޓުގެ ޙުކުމުން އެފަދަ އެއްބަސްވުންތައް ބަލައިނުގަތުމުގެ ނަތީޖާއަކީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާފަދަ މާލީ އިދާރާތަކުން ލޯނުތަކާއި ގުޅިގެން ކުރާ (ރެންޓް އެސައިންމަންޓް އެގްރީމަންޓްފަދަ) އެއްބަސްވުންތަކުގެ ބާރު ކެނޑި، ބޭންކުން ލޯނު ދޫކުރުން ހުއްޓާލަން މަޖުބޫރު ކުރުވުންކަން؛ އަދި
ސަބްލީޒް އެގްރީމަންޓްގެ ދަށުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަބްލީޒް ރެންޓްގެ ގޮތުގައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ، ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ސީދާ ދެއްކުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އަދި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ނަމަވެސް، ސިވިލް ކޯޓުގެ ޙުކުމުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ކަމަށް ސާބިތުވި US$1,427,200/07 (އެއްމިލިއަން ހަތަރުލައްކަ ހަތާވީސްހާސް ދުއިސައްތަ އެމެރިކާ ޑޮލަރު ހަތެއް ސެންޓް) ފައިސާ ދެއްކުމަށް އަންގާފައިވަނީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ކަމުގައިވާނަމަވެސް، އެފައިސާއަކީ ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ލިބެންޖެހޭ ފައިސާކަން.
މައްސަލައާގުޅޭ އެއްބަސްވުންތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށްއެދި ހުށަހަޅާފައި މިވަނީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑާމެދު ވެފައިވާ ސަބްލީޒް އެގްރީމަންޓާއި، އެ ދެ ފަރާތް (އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަދި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާއާމެދު ވެފައިވާ ރެންޓް އެސައިންމަންޓް އެއްބަސްވުމާއި ގުޅޭ ހުސޫމާތްތަކަކާއި ގުޅިގެންނެވެ.
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަބްލީޒް އެގްރީމަންޓްގެ 8، 9 14 އަދި 15 ވަނަ މާއްދާއަށް ޙަވާލާދީ، އެ އެއްބަސްވުން ބާޠިލުވެއްޖެ ކަމުގައި ބަޔާންކުރާއިރު، ސަބްލީޒް އެގްރީމަންޓްގައި ސޮއިކުރުމަށްފަހު، ސަބްލީޒް ރެންޓްގެ ގޮތުގައި ލިބޭ ފައިސާ ސްޓޭޓް ބޭންކް އޮފް އިނޑިޔާއަށް ދެއްކުމާއި ގުޅޭގޮތުން ސޮއިކޮށްފައިވާ ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ ސަބަބުން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެފަދައިން އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު ލިބިގެންވާކަމުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނުދެކެއެވެ.
އެހެންކަމުން، ސަބްލީޒް އެގްރީމަންޓް ބާޠިލުކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ކުރިން، ބަޔާންކުރެވުނު ދެ އެއްބަސްވުމުގައި ހުރި ކަމާބެހޭ މާއްދާތަކަށާއި، އެ ދެ އެއްބަސްވުން ސޮއިކުރުމުގެ ނަތީޖާއަށް ބަލަންޖެހޭ ކަމުގައި ދެކެމެވެ.
ސަބްލީޒް އެގްރީމަންޓްގައި ހުރި ކަމާބެހޭ މާއްދާތައް
މި މައްސަލައިގައި ހިމެނޭ ސަބްލީޒް އެގްރީމަންޓަކީ، ރިސޯޓެއް ތަރަޢްޤީކުރުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބ. ކިހާދުއްފަރު، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ސަބްލީޒް އުޞޫލުން ކުއްޔަށް ދިނުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މުއްދަތަކީ ބ.ކިހާދުއްފަރު އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރާ ދުވަހުން ފެށިގެން 30 އޭޕްރީލް 2025 އަށެވެ.
ސަބްލީޒް އެގްރީމަންޓްގައި ބަޔާންކުރާ ކުއްޔެއް ނުދައްކައިގެން އެއްބަސްވުން ބާޠިލުކުރުމާއި ގުޅޭ މާއްދާތައް، މި މައްސަލައިގެ ބޭނުމަށްޓަކައި ތަފްސީލުކުރަމެވެ.
ގަވަރމަންޓް ލީޒް ރެންޓްގެ ގޮތުގައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ، ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވުމުގެ 14 (ސާދަ) ދުވަސް ކުރިން، އެޑްވާންސްކޮށް، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭނެކަމާއި، އެ ގޮތުން ގަވަރމަންޓް ލީޒް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދާއި، ފައިސާ ދައްކަންޖެހޭ ތާރީޚުތައް ބަޔާންކޮށްފައިވާކަން؛
ސަބްލީޒް ރެންޓް ދައްކަންޖެހޭ ދުވަސްތަކާއި، އެއިން ކޮންމެ ދުވަހެއްގައި ހަމަވަނީ ކޮން މުއްދަތަކަށް ނިސްބަތްވާ ސަބްލީޒް ރެންޓްކަމާއި، ސަބްލީޒް ރެންޓްގެ ގޮތުގައި އެއިން ކޮންމެ މުއްދަތެއްގައި ދައްކަން އެއްބަސްވެފައިވާ ފައިސާގެ ޢަދަދު ބަޔާންކޮށްފައިވާކަން؛
ސަބްލީޒް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭނީ އެޑްވާންސްކޮށް، އެއްބަސްވުމުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތާރީޚުގައި ނުވަތަ އޭގެ ކުރިންކަން؛
ސަބްލީޒް އެގްރީމަންޓްގެ ދަށުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަންވާނީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ލިޔުމުން އަންގާ ބޭންކް އެކައުންޓަކަށް ކަން؛
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް އެގްރީމަންޓްގެ 10 ވަނަ މާއްދާގައިވާ ގޮތަށް ގަވަރމަންޓް ލީޒް ރެންޓް ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންޖެހި ނުދައްކާވާ ކޮންމެ ދުވަހަކަށް ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި، ދައްކަންޖެހި ނުދައްކާވާ އަދަދުގެ 0.5% (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ މިންވަރެއް ދައްކަންޖެހޭނެ ކަމަށާއި، ގަވަރމަންޓް ލީޒް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައުލަތަށް ދައްކަންޖެހޭ ދުވަސް ހަމަވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ގަވަރމަންޓް ލީޒް ރެންޓާއި އެފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓަޑް ޑެމެޖަސް ނުދައްކައިފިނަމަ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ސަބްލީޒް އެގްރީމަންޓް ބާޠިލުކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމް ނުވަތަ ކޯޓެއްގެ މެދުވެރިވުމެއް ނެތި، ރިސޯޓު ވަގުތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ބާރުގެދަށަށް ގެންގޮސް، އެކަން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސަމާލުކަމަށް ގެނައުމުގެ އިޚްތިޔާރު ލިބިގެންވާކަމާއި، މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޙާލަތެއް މެދުވެރިވެއްޖެނަމަ، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ރިސޯޓުން އެފަރާތުގެ މުވައްޒަފުން ބާލާ، ރިސޯޓު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރަންވާނެކަން؛
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް އެގްރީމަންޓްގެ 8 ވަނަ މާއްދާގައިވާ ގޮތަށް ސަބްލީޒް ރެންޓް ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންޖެހި ނުދައްކާވާ ކޮންމެ މަހަކަށް (ފައިސާ ނުދައްކާ އިތުރުވާ ކޮންމެ ދުވަހަކަށް މި ހިސާބު ކުރާ ގޮތަށް) ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި، ދައްކަންޖެހި ނުދައްކާވާ އަދަދުގެ 0.5% (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ މިންވަރެއް ދައްކަންޖެހޭނެ ކަމަށާއި، ސަބްލީޒް ރެންޓް ދައްކަންޖެހޭ ދުވަސް ހަމަވުމަށްފަހު 75 (ހަތްދިހަ ފަހެއް) ދުވަހުގެ ތެރޭގައި ސަބްލީޒް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި ސަބްލީޒް ރެންޓް ދެއްކުން ލަސްވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓަޑް ޑެމެޖަސް ނުދައްކައިފިނަމަ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ސަބްލީޒް އެގްރީމަންޓް ބާޠިލުކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމް ނުވަތަ ކޯޓެއްގެ މެދުވެރިވުމެއް ނެތި، ރިސޯޓު ވަގުތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ބާރުގެދަށަށް ގެންގޮސް، އެކަން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސަމާލުކަމަށް ގެނައުމުގެ އިޚްތިޔާރު ލިބިގެންވާކަމާއި، މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޙާލަތެއް މެދުވެރިވެއްޖެނަމަ، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ރިސޯޓުން އެފަރާތުގެ މުވައްޒަފުން ބާލާ، ރިސޯޓު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރަންވާނެކަން؛ އަދި
ސަބްލީޒް އެގްރީމަންޓުގެ 14 ނުވަތަ 15 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ނިންމައިފިނަމަ، އެއްބަސްވުން ބާޠިލުކުރަން ސަބަބު ބަޔާންކޮށް ނޯޓިސް އޮފް ޓަރމިނޭޝަން އެއް ފޮނުވުމުގެ އިޚްތިޔާރު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމާއި، ދެފަރާތަށް ސުލްހަވެރި ހައްލެއް ނުހޯދިއްޖެނަމަ، އެ ނޯޓިސް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ސަބްލީޒް އެގްރީމަންޓް ބާޠިލުވާނެކަން.
ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ ކަމާގުޅޭ މާއްދާތައް
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ސަބްލީޒް އެގްރީމަންޓްގެ ދަށުން ލިބޭ ޙައްޤުތަކަށް ބުރޫ ނާރާނެ ފަދައަކުން، ރިސޯޓު ތަރައްޤީކުރުމުގެ ބޭނުމަށްޓަކައި، ރިސޯޓު ނުވަތަ އެތަނުގައި ހުރި މުދާ ސެކިއުރިޓީގެ ގޮތުގައި ބެހެއްޓުމަށްފަހު ރަހުނު އެއްބަސްވުމެއްގެ ދަށުން ލޯނު ފައިސާ ހޯދުމުގެ އިޚްތިޔާރު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވެއެވެ. އެހެންކަމާއެކު، 2 އޮކްޓޫބަރު 2012 ގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރެންޓް އެސައިންމަންޓް އެގްރީމަންޓްގައި ސޮއިކޮށް، އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވެއެވެ.
ރެންޓް އެސައިންމަންޓް އެގްރީމަންޓަށް ބެލުމުން، އެ އެއްބަސްވުމަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ނަންބަރު ADV/127 (28 މާރިޗު 2010) ސެންކްޝަން ސިޓީން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ US$14,000,000/- (ސާދަ މިލިއަން އެމެރިކާ ޑޮލަރު) ގެ ޓަރމް ލޯން (މީގެ ފަހުން "ލޯނު") އަކާއި ގުޅިގެން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމާއި، އެ ލޯނާއި ގުޅިގެން ބ.ކިހާދުއްފަރުގެ ހެޑްލީސް ޙައްޤުތައް ރަހުނުކޮށް އެކަން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރެކޯޑުކޮށްފައިވާކަމާއި، ބަޔާންކުރެވުނު ސެންކްޝަން ސިޓީގެ ދަށުން ބ.ކިހާދުއްފަރު ސަބްލީޒް އުޞޫލުން ކުއްޔަށް ދެވިއްޖެނަމަ، އެތަނުން ސަބްލީޒް ރެންޓްގެ ގޮތުގައި ދައްކާ ކުލި ލިބިގަތުމުގެ ޙައްޤު ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ލިބިގެންވާކަން އެނގެއެވެ.
ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ ދަށުން، ސަބްލީޒް އެގްރީމަންޓާއި ގުޅިގެން އަންނަނިވި ކަންކަމަށް އެއްބަސްވުމުގެ ބައިވެރިން ރުހި ޤަބޫލުވެފައިވާކަން އެނގެން އޮވެއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ސެންކްޝަން ސިޓީފައިވާ ފަދައިން ލޯނު އަނބުރާ ދެއްކުމުގެ ގޮތުން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ބ.ކިހާދުއްފަރުގެ ސަބްލީޒް ރެންޓްގެ ގޮތުގައި ލިބޭ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އަސައިންކުރުމަށް (ކުލީގެ ފައިސާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސީދާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައްކާގޮތަށް) އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މުތުލަޤަށް، އަނބުރާ ނުގެނެވޭ ފަދައިން، އަދި ޝަރުޠަކާއި ނުލައި އެއްބަސްވެފައިވާކަން؛
ރެންޓް އެސައިންމަންޓް އެގްރީމަންޓް ދެމިއޮތްހާ ދުވަހަކު، އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށާއި، ސަބްލީޒް ރެންޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ލިބޭ ގޮތް ހެދުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާކަން؛
ރެންޓް އެސައިންމަންޓް އެގްރީމަންޓް ދެމިއޮތްހާ ދުވަހަކު، ސަބްލީޒް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ސަބްލީޒް އެގްރީމަންޓްގެ 13 ވަނަ މާއްދާއަށް ޙަވާލާދީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ (ބަޔާންކޮށްފައިވާ) އެކައުންޓަށް ޖަމާކުރަން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާކަން؛
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަށަވަރުކަން ދީފައިވާ ކަންކަމުގެ ތެރޭގައި (އެހެނިހެން ކަންކަން ހިމެނޭގޮތުން) ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އަންގައި، އެ ބޭންކުގެ ހުއްދަ ހޯދުމަކާއި ނުލައި، ސަބްލީޒް އެގްރީމަންޓް ބާޠިލުނުކުރާނެކަމުގައި ބަޔާންކޮށްފައިވާކަން؛
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަށަވަރުކަން ދީފައިވާ ކަންކަމަކީ ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ މުއްދަތުގައި، އަދި ކުރިމަތިވާ އެކިކަންކަމާއި ގުޅިގެންވެސް، ތެދު އަދި ޞައްޙަ ކަންކަމުގެ ގޮތުގައި ދަމަހައްޓާނެ ކަންތައްތަކެއް ކަމުގައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކަށަވަރުކޮށްދޭކަން؛
ސެންކްޝަން ސިޓީގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އެއްވެސް ފައިސާއެއް ދައްކަން އޮތްނަމަ، ސަބްލީޒް އެގްރީމަންޓްގެ މުއްދަތުގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން އެނޫން ގޮތަކަށް ލިޔުމުން އެއްބަސްނުވާނަމަ، ސަބްލީޒް ރެންޓްގެ ގޮތުގައި ލިބޭ އެއްވެސް ފައިސާއެއް (އެއްކޮށް ނުވަތަ އޭގެން ބައެއް ނަމަވެސް) ރެންޓް އެސައިންމަންޓް އެއްބަސްވުމުގެ ދަށުން ޖަމާކުރާ އެކައުންޓުން ނުނަގާނެކަމަށް، އަދި އެނޫންގޮތަކަށްވެސް އެފަރާތަށް ޙައްޤުވާކަމަށް ބުނެ ނަގަން ނޫޅޭނެކަމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވެފައިވާކަން؛ އަދި
ސަބްލީޒް އެގްރީމަންޓް ވުޖޫދުގައިވާނަމަ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން (ސެންކްޝަން ސިޓީގެ ދަށުން) ލިބެންޖެހޭ ފައިސާ ހޯދުމަށް އޮތް ޙައްޤަށް ބުރޫ ނާރާނެ ފަދައިން، ރެންޓް އެސައިންމަންޓް އެގްރީމަންޓްގައިވާ ފަދައިން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ސަބްލީޒް ރެންޓް ނުދައްކައިފިނަމަ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ކިބައިން އެ (ސަބްލީޒް ރެންޓް) ފައިސާ ހޯދުމަށް ސީދާ މަސައްކަތް ކުރެވިދާނެކަން.
ދެ އެއްބަސްވުން ވަނީ ގުޅި ލާމެހިފައިތޯ؟
ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު، އަދި މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވުނުއިރު، ސަބްލީޒް އެގްރީމަންޓާގުޅޭ ނުކުތާތަކުގެ އިތުރުން، ރެންޓް އެސައިންމަންޓް އެގްރީމަންޓާގުޅޭ ނުކުތާތައް ފާހަގަކޮށް، މި ދެ އެއްބަސްވުމަކީ އެކުގައި ކިޔަންޖެހޭ ދެ އެއްބަސްވުންކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާކަމުން، އެކަމުގެ މައްޗަށް ބަލާއިރު، މި ދެ އެއްބަސްވުން ވުޖޫދުވެފައިވަނީ ކިހިނެއްކަން ބެލުން މުހިންމެވެ.
ޓޫރިސްޓް ރިސޯޓެއް ތަރަޢްޤީކޮށް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ބ. ކިހާދުއްފަރު ކުއްޔަށް ދޫކުރި އެއްބަސްވުމުގެ (މީގެ ފަހުން "ހެޑްލީޒް އެގްރީމަންޓް") ދަށުން، އަދި ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ދެވޭ އެއްބަސްވުންތަކަށް ކަމާބެހޭ ޤާނޫނާއި ޤަވާޢިދުތަކުގެ ދަށުން ލިބޭ ޙައްޤުތައް، ބަޔާންކުރެވުނު ހެޑްލީޒް އެގްރީމަންޓްގައި ސޮއިކުރުމުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވެއެވެ. އެ ޙައްޤުތަކުގެ ތެރޭގައި ބ. ކިހާދުއްފަރު ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން ނުވަތަ ސަބްލީޒް ކުރުމާއި، މޯގޭޖްކުރުން ހިމެނެއެވެ.
އެކިއެކި އެއްބަސްވުންތަކުގައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފައިވާ ތާރީޚްތަކާއި ތަރުތީބަށް ބެލުމުން، ސަބްލީޒް އެގްރީމަންޓްގައި ސޮއިކުރެވުނު އިރުވެސް، ހެޑްލީޒް އެގްރީމަންޓްގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ބ. ކިހާދުއްފަރު ކުއްޔަށްދޫކުރުމާއި ގުޅިގެން، އެއެއްބަސްވުމުގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ޙައްޤުތައް ރަހުނުކޮށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން US$14,000,000/- (ސާދަ މިލިއަން އެމެރިކާ ޑޮލަރު) ގެ ޓަރމް ލޯނެއް ނަގާ، އެ ލޯނު ނެގުމުގެ ޝަރުޠެއްގެ ގޮތުން، ބ.ކިހާދުއްފަރު ސަބްލީޒް އުޞޫލުން ކުއްޔަށް ދެވިއްޖެނަމަ، އެތަނުން ސަބްލީޒް ރެންޓްގެ ގޮތުގައި ދައްކާ ކުލި ލިބިގަތުމުގެ ޙައްޤު ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ލިބިދިނުމުގެ އިލްތިޒާމަށް ރުހި ޤަބޫލުވެފައިވާކަން އެނގެއެވެ. މިއީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލޯނު އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމެއްގެ ގޮތުގައި ދެކި، ސަބަލީޒް އެގްރީމަންޓްގައި ސޮއިކުރިއިރު، އެ އެއްބަސްވުމުގައި، ރަހުނު އެއްބަސްވުމެއްގެ ދަށުން ލޯނު ފައިސާ ހޯދުމުގެ އިޚްތިޔާރު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމުގައި ބަޔާންކުރާ މާއްދާއެއް ހިމަނާފައިވާ ސަބަބު ކަމުގައި ބެލެވެއެވެ. އެއީ، ރެންޓް އެސައިންމަންޓް އެގްރީމަންޓްގައި ސޮއިކޮށްފައިވަނީ (ލޯނު އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމު ފުރިހަމަކުރުމަށްޓަކައި) ސަބްލީޒް އެގްރީމަންޓްގައި ސޮއިކުރިތާ 20 (ވިހި) ދުވަސް ފަހުން ކަމުގައިވާތީއެވެ.
މިހެންކަމުން، ހެޑްލީޒް އެގްރީމަންޓްގެ ދަށުން ބ. ކިހާދުއްފަރުގެ މައްޗަށް އޮތް ޙައްޤުތައް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރަހުނުކުރުމަށްފަހު، އެކަމުގެ މުޤާބިލުގައި ކުރުމަށް އެއްބަސްވެފައިވާ ކަންކަމުގެ ތެރެއިން، ރަށް ސަބްލީޒްކޮށްގެން ލިބޭ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސީދާ ބޭންކަށް ދެއްކުމާބެހޭ އެއްބަސްވުމެއްގައި އެ ތިން ފަރާތުން ސޮއިކުރުމުގެ ނަތީޖާއަކީ، ސަބްލީޒް އެގްރީމަންޓްގެ ދަށުން ކުލި ލިބިގަތުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިފައި އޮތް ޙައްޤު، އެފަރާތުން އެއްބަސްވެފައިވާ ފަދައިން ޤައިދުވުމެވެ. އަދި، ސަބްލީޒް ރެންޓާއި ގުޅޭގޮތުން ރެންޓް އެސައިންމަންޓް އެގްރީމަންޓްގައި ހުރި ކަންކަން، ސަބްލީޒް އެގްރީމަންޓްގައި ހަމަ އެކަންކަމާއި ގުޅިގެން ހުރި މާއްދާތަކުގެ މައްޗަށް އިސްވުމެވެ. މިއީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކޮންޓްރެކްޓް ކުރުމާއި އަޤުދުކުރުމަށް މިނިވަންކަމުގެ ތެރެއިން، އެކުންފުނިން ޢަމަލުކުރުމަށް އެއްބަސްވެފައިވާ ގޮތްކަން ލިޔެކިޔުމުން އެނގެން އޮވެއެވެ.
ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުން
ސަބްލީޒް އެގްރީމަންޓް ބާޠިލުކޮށްފައިވަނީ އެއްބަސްވެފައިވާ ގޮތާއި ޚިލާފަށްކަމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ބުނާ ދެ ސަބަބެއް ފާހަގަވެއެވެ. އެއީ، ސަބްލީޒް އެގްރީމަންޓް ބާޠިލުކޮށްފައިވަނީ ރެންޓް އެސައިންމަންޓް އެގްރީމަންޓާއި ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބާއި، ސަބްލީޒް އެގްރީމަންޓް ބާޠިލުކޮށްފައިވާ އިޖުރާއަތާއި ގުޅޭ ސަބަބެވެ. އެހެންކަމުން، އެ ދެ ނުކުތާއަށް ވަކިން އަލިއަޅުވާލާނަމެވެ.
މި ރައުޔުގެ 16.1، 16.2، 16.5، 16.6 އަދި 16.7 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވާ، ސަބްލީޒް އެގްރީމަންޓްގެ މާއްދާތަކަށް ބެލުމުން، ގަވަރމަންޓް ލީޒް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ދުވަސް ހަމަވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުވަތަ ސަބްލީޒް ރެންޓް ދައްކަންޖެހޭ ދުވަސް ހަމަވުމަށްފަހު 75 (ހަތްދިހަ ފަހެއް) ދުވަހުގެ ތެރޭގައި، ގަވަރމަންޓް ލީޒް ރެންޓް ނުވަތަ ސަބްލީޒް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ކުއްޔާއި، އެއްބަސްވުމުގެ 14 އަދި / ނުވަތަ 15 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ލިކުއިޑޭޓަޑް ޑެމެޖަސް ނުދައްކައިފިނަމަ، މިނިސްޓްރީ އޮފް ޓޫރިޒަމް ނުވަތަ ކޯޓެއްގެ މެދުވެރިވުމެއް ނެތި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމާއި، އެޙާލަތުގައި، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އެފަރާތުގެ މުވައްޒަފުން ރިސޯޓުން ބާލާ، ރިސޯޓު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރަންޖެހޭކަން ސާފުކޮށް އެނގެއެވެ.
އެހެންނަމަވެސް، ސަބްލީޒް އެގްރީމަންޓްގެ 29 ވަނަ މާއްދާގެ ދަށުން، އެއްބަސްވުން ބާޠިލުކޮށް ނޯޓިސް އޮފް ޓަރމިނޭޝަންއެއް ދޭއިރު، އުފެދިފައިވާ މައްސަލައަށް 14 (ސާދަ) ދުވަހުގެ ތެރޭގައި ޙައްލެއް ނުލިބިއްޖެނަމަ، އެއްބަސްވުން ބާތިލުވާނީ އެ 14 (ސާދަ) ދުވަހުގެ ފަހުން ކަމުގައި ބަޔާންކޮށްފައި އޮތުމުން، ސަބްލީޒް އެގްރީމަންޓްގެ 29 ވަނަ މާއްދާއާއި، އެ އެއްބަސްވުމުގެ 14 އަދި 15 ވަނަ މާއްދާއާއި ކޮންމެވެސް މިންވަރެއްގެ ފުށުއެރުންތަކެއް ހުރިކަމުގައި ބެލުމުގެ ފުރުޞަތު އޮވެއެވެ. އެހެނީ، ސަބްލީޒް އެގްރީމަންޓްގެ 14 އަދި 15 ވަނަ މާއްދާގައިވާ ގޮތުންނަމަ، އެ މާއްދާ ތަކުގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމުން އެ އެއްބަސްވުން ބާޠިލުކޮށް، ބ.ކިހާދުއްފަރުގެ އަތުގެ ވެރިކަން ހޯދުމުގެ އިޚްތިޔާރު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާހިނދު، ސަބްލީޒް އެގްރީމަންޓްގެ 29 ވަނަ މާއްދާގައި، އެއްބަސްވުން ބާޠިލުކޮށް ނޯޓިސް އޮފް ޓަރމިނޭޝަންއެއް ދޭއިރު، އެއްބަސްވުން ބާޠިލުވާނީ މައްސަލަ ޙައްލުކުރަން 14 (ސާދަ) ދުވަހުގެ މުހުލަތެއް ދީފައިކަމުގައި އޮވެއެވެ.
މިފަދަ ފުށުއެރުމެއް، ބުނެވުނު މާއްދާތަކުގެ މެދުގައިވާކަމަށް ފެނުނުނަމަވެސް، ސަބްލީޒް އެގްރީމަންޓްގެ 29 ވަނަ މާއްދާގައި ޓަރމިނޭޝަން ނޯޓިސް ފޮނުވުމާއިގުޅޭ ކަންކަން ބަޔާންކުރުމުގައި، ސަބްލީޒް އެގްރީމަންޓްގެ 14 އަދި 15 ވަނަ މާއްދާއަށް ޙަވާލާދީފައިވުމުން، ސަބްލީޒް އެގްރީމަންޓްގެ 14 އަދި 15 ވަނަ މާއްދާގައި ބަޔާންކުރަނީ އެއްބަސްވުން ބާޠިލުކުރުމަށް މެދުވެރިކުރުވާ ޙާލަތު (termination event) ކަމަށާއި، ސަބްލީޒް އެގްރީމަންޓްގެ 29 ވަނަ މާއްދާގައި ބަޔާންކުރަނީ އެއްބަސްވުން ބާޠިލުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު (termination process) ކަމުގައި އަހުރެންދެކެމެވެ. އަދި މިހެންކަމުން، އެއްބަސްވުން ބާޠިލުކުރުމަށް މެދުވެރިކުރުވާ ޙާލަތުގައި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ޖެހޭނީ އެއްބަސްވުން ބާޠިލުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރާށެވެ.
ރެންޓް އެސައިންމަންޓް އެގްރީމަންޓްގައި ސޮއިކުރުމުގެ ނަތީޖާއެއްގެ ގޮތުން، ސަބްލީޒް އެގްރީމަންޓްގައި ބަޔާންކުރާފަދަ އެއްބަސްވުން ބާޠިލުކުރުމަށް މެދުވެރިކުރުވާ ޙާލަތެއް މެދުވެރިވި ކަމުގައިވާނަމަވެސް، ސަބްލީޒް އެގްރީމަންޓްގެ ދަށުން އެއްބަސްވުން ބާޠިލުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުގެ ބޭރުން، އިތުރު އިޖުރާއަތެއް ފުރިހަމަ ކުރުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވެއެވެ. އެއީ، ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބޭނުންވާނަމަ، އެކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އަންގައި، ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމުގެ ހުއްދަ ބޭންކުން ހޯދުމެވެ. އެހެންކަމާއެކު، ސަބްލީޒް އެގްރީމަންޓް ބާޠިލުކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ސަބްލީޒް އެގްރީމަންޓްގެ 29 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ އިތުރުން، ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ 2.1 ވަނަ މާއްދާގެ (iv) ގައި ބަޔާންކުރާ އިޖުރާއަތުވެސް ފުރިހަމަވާނެޖެހޭ ކަމުގައި އަހުރެން ދެކެމެވެ. އެހެނީ ސަބްލީޒް އެގްރީމަންޓާއި ރެންޓް އެސައިންމަންޓް އެގްރީމަންޓުގައި އެއްކަމަކާ ބެހޭގޮތުން ދެގޮތަކަށް ބަޔާންކޮށްފައިވާނަމަ، ނުވަތަ ސަބްލީޒް އެގްރީމަންޓުގައި ބަޔާންކުރާ އިޖުރާއަތަކަށް ރެންޓް އެސައިންމަންޓް އެގްރީމަންޓުން އުނިއިތުރު ގެނަސްފައިވާނަމަ، އެއީ، ސަބްލީޒް އެގްރީމަންޓުގެ ބައިވެރިން ސަބްލީޒް އެގްރީމަންޓުގައި ޢަމަލުކުރުމަށް (ސަބްލީޒް އެގްރީމަންޓުގެ 48 ވަނަ މާއްދާގައި) އެއްބަސްވެފައިވާގޮތަށް (ރެންޓް އެސައިންމަންޓް އެގްރީމަންޓު މެދުވެރިކޮށް) ލިޔުމުން އެއްބަސްވި ބަދަލުގެނައުންކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
އިސްވެ ބަޔާންކުރެވުނު އިޖުރާއަތު ފުރިހަމަވުމުގެ ނަތީޖާއަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް ނުވަތަ ކޯޓެއްގެ މެދުވެރިވުމެއް ނެތި، ސަބްލީޒް އެގްރީމަންޓް ބާޠިލުވުމެވެ. އަދި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އެފަރާތުގެ މުވައްޒަފުން ރިސޯޓުން ބާލާ، ރިސޯޓު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރަންޖެހުމެވެ.
މި ރައުޔުގެ 20 ވަނަ ޕެރެގްރާފުން 23 ވަނަ ޕެރެގްރާފުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމުން، ރެންޓް އެސައިންމަންޓް އެގްރީމަންޓްގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އަންގައި، އެ ބޭންކުގެ ހުއްދަ ހޯދުމަކާއި ނުލައި، ސަބްލީޒް އެގްރީމަންޓް ބާޠިލުނުކުރާނެ ކަމަށާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރެންޓް އެސައިންމަންޓް އެގްރީމަންޓްގައި ކަށަވަރުކަން ދީފައިވާ ކަންކަމަކީ އެ އެއްބަސްވުމުގެ މުއްދަތުގައި، އަދި ކުރިމަތިވާ އެކިކަންކަމާއި ގުޅިގެންވެސް، ތެދު އަދި ޞައްޙަ ކަންކަމުގެ ގޮތުގައި ދަމަހައްޓާނެ ކަންތައްތަކެއް ކަމުގައި ކަށަވަރުކޮށްދީ އިޤުރާރުވެފައިވުމުން، ސަބްލީޒް އެގްރީމަންޓާއި ޙަވާލާދީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޓަރމިނޭޝަން ނޯޓިސްއެއް ފޮނުވޭނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ އެނގުމާއި ފެނުމުގެ ތެރެއިން، އެ ބޭންކުގެ ހުއްދައާއެކުގައި ކަމުގައި އަހުރެން ދެކެމެވެ. މިކަމަށް އިތުރު ބާރުވެރިކަމެއް ލިބެނީ ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ ދަށުން ސަބްލީޒް ރެންޓްގެ މައްޗަށް ޙައްޤު އޮންނަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ކަމަށްވާތީއާއި، އަދި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަބްލީޒް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލަސްތަކެއް ވެފައިވާކަން އެނގެން އޮންނައިރު، މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމުގައި (އަދި ސިވިލް ކޯޓުގައި މައްސަލަ ހިނގި އިރުވެސް) ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން އެ ބޭންކުގެ ރުހުން ނުހޯދާ ފޮނުވާފައިވާ ޓަރމިނޭޝަން ނޯޓިސްއަކީ ރެންޓް އެސައިންމަންޓް އެގްރީމަންޓާއި ޚިލާފަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޢަމަލެއްކަމުގައި ބަޔާންކުރުމާއެކު، އެނޯޓިސްއަކީ ޞައްޚަ ނޯޓިސްއެއް ނޫންކަމުގައި ކަނޑައަޅާދިނުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން އެދިފައިވުމުންނެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ބަހުން، އެފަރާތުން ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމަށް ހުއްދައެއް ދީފައިނުވާކަން އެނގެން އޮތުމުގެ އިތުރުން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެ ބޭންކުން އެފަދަ ހުއްދައެއް ދީފައި ނުވަނީ އެކަށީގެން ނުވާ ސަބަބުތަކެއް މަތިކޮށް (unreasonable) ކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން ހެކި ހުށަހަޅާފައި ނުވެއެވެ.
މިމައްސަލައިގެ ޝަރީޢަތުގައި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުން ބާޠިލުކުރުމަށް އެދޭކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އަންގާފައިވާ ކަމަށާއި، އެކަމާއި ހުޅިގެން ބައްދަލުވުން ބޭއްވުމަށް ދަޢުވަތު ފޮނުވާފައިވާ ކަމުގައާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ވަކިގޮތަކަށް ބުރަވެ ޖަވާބު ދީފައި ނުވާކަމަށް (indecisive response) އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބުނާއިރު، އެފަދައިން އެކަން ހިނގިކަން އެނގެން ނެތްކަން ފާހަގަވެއެވެ. މި ނުކުތާއާއި ވިދިގެން ދެން އުފެދޭ ސުވާލަކީ، ސަބްލީޒް އެގްރީމަންޓް ބާޠިލުކުރަން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެދޭކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އެނގިތިބެމެ، އެ ރުހުން އެކަށީގެންނުވާ ގޮތަކަށް ހިފެހެއްޓީތޯ (unreasonably withheld) އެވެ. ލޯނު ދޫކުރާ ފަރާތްތަކުން އެފަރާތުގައި ރަހުނު ކޮށްފައިވާ މުދަލާއި ގުޅިގެން މުޢާމަލާތްކުރާނެ ގޮތްތައް ބަޔާންކޮށް ނުވަތަ އެފަދައިން ކުރެވޭނެ މުޢާމަލާތްތަކުގެ ދާއިރާ ހަނިކޮށް ހެދުމަކީ ޢާންމު އުޞޫލުން ކުރާކަމެކެވެ. އެހެންނަމަވެސް، އެފަދަ މާލީ އިދާރާއަކުން ދޭންޖެހޭ ހުއްދައެއް ހިފަހައްޓާފައިވަނީ އެކަށީގެންވާ ގޮތަށްކަން ނުވަތަ ނޫންކަން ބެލުމުގައި ބަލާ ކަންތަކެއް ހުންނަ ހިނދު، މިމައްސަލައިގެ ތެރެއިން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން، ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ރުހުން ދީފައިނުވަނީ އެކަށިގެންނުވާ ފަދައަކުންކަމުގައި ކަނޑައެޅޭނެ މިންވަރުގެ ހެކި ހުރިކަމުގައި އަހުރެން ނުދެކެމެވެ.
މިނުކުތާއާއި ގުޅިގެން އިތުރަށް އުފެދޭ ސުވާލަކީ، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް އެގްރީމަންޓްގައިވާ ފަދައިން ސަބްލީޒް ރެންޓް ދައްކާފައި ނުވާ، އެފަރާތުން ސަބްލީޒް އެގްރީމަންޓާއި ޚިލާފުވެ، އެޚިލާފުވުން މަތީ ދެމިހުންނަ ޙާލަތުގައިވެސް، ސަބްލީޒް އެގްރީމަންޓް ބާޠިލުކުރެވޭނީ ރެންޓް އެސައިންމަންޓް އެގްރީމަންޓްގައިވާ ގޮތުގެ މަތިން ކަމުގައި ބުނެވިދާނެތޯއެވެ. ސަބްލީޒް އެގްރީމަންޓާއި ރެންޓް އެސައިންމަންޓް އެގްރީމަންޓް އެއްކޮށް ކިޔުމުން، ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ ދަށުން ސަބްލީޒް ރެންޓްގެ މަންފާ ލިބޭ ފަރާތަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ ކަމުގައިވެފައި، އެބޭންކަށް ނާންގާ އަދި ރުހުން ހޯދުމެއްނެތި ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމަކީ ރެންޓް އެސައިންމަންޓް އެގްރީމަންޓާއި ޚިލާފަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޢަމަލެއްކަމުގައިވާތީ ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމަށް ފޮނުވި ޓަރމިނޭޝަން ނޯޓިސްއަކީ ޞައްޚަ ނޯޓިސްއެއް ނޫންކަމުގައި ކަނޑައަޅާދިނުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން އެދިފައިވުމުން، ސަބްލީޒް ރެންޓްގެ މަންފާ އެފަރާތަކަށް ލިބެންޖެހޭ ފަރާތުންވެސް ބޭނުންވަނީ، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް އެގްރީމަންޓްގައިވާ ފަދައިން ސަބްލީޒް ރެންޓް ދައްކާފައި ނުވާ ހިނދުވެސް ސަބްލީޒް އެގްރީމަންޓް ދަމަހައްޓަން ކަމުގައިވުމުނާއި، ރެންޓް އެސައިންމަންޓް އެގްރީމަންޓްގައި ބަޔާންކޮށްފައިވާ ފަދައިން ސަބްލީޒް އެގްރީމަންޓް ބާޠިލުކުރަން އެދި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ހުށަހެޅިކަން (އެ ކުންފުނިން ބުނާ ބުނުމަކުން ނޫންގޮތަކަށް) އެނގެން ނެތުމުން، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް ރެންޓް ދައްކާފައި ނުވުމަކީ، ބުނެވުނު އެހެން ކަންކަމުގެ މައްޗަށް ބެލުމެއް ނެތި، ހަމަ އެކަނި އެ ޙަޤީޤަތުގެ މައްޗަށް ބިނާކޮށް، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި ބުނަން ދައްޗެވެ.
މީގެ އިތުރުން، އަދާލާތުގެ ޙައްލުތަކަކީ (equitable remedies) އަކީ އެއްބަސްވެފައިވާ ގޮތާއި ޚިލާފުވާ ފަރާތްތަކަށް އެއިގެ މަންފާ ލިއްބައިދޭ ޙައްލުތަކެއް ނޫންކަމީ ދިވެހިރާއްޖޭގައިވެސް ޤާއިމުވެފައިވާ ޤާނޫނީ އުޞޫލެއްކަމުގައިވާތީ، އަދާލާތުގެ ޙައްލަކަށް ބެލުމުގެ ބަދަލުގައި، މިޙާލަތުގައި ބަލަނެޖެހޭނީ އެއްބަސްވުމުގެ ބައިވެރިން ކަންކުރުމަށް އެއްބަސްވެފައިވާ ގޮތުގެ މައްޗަށްކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
އެހެންކަމާއެކު، ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމުގެ ކުރިން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ހުއްދަ ހޯދާފައިވާކަން އެނގެން ނެތުމުންނާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި އެދިފައިވާނަމަ ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ސަބްލީޒް އެގްރީމަންޓް ބާޠިލުކުރުމުގެ ރުހުން ދީފައިނުވަނީ އެކަށީގެން ނުވާ ސަބަބުތަކެއް މަތިކޮށް (unreasonable) ކަމުގައި ބަލާނެ އަސާސެއް ނެތުމުންނާއި، ސަބްލީޒް އެގްރީމަންޓް ބާޠީލުކޮށްފައިވަނީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެ އެއްބަސްވުން ބާޠިލުކުރުމުގައި ފުރިހަމަކުރުމަށް އެއްބަސްވެފައިވާ އިޖުރާއަތުގެ ދަށުން ކަމުގައި ބެލެވޭނެ ހަމައެއް ނެތުމުން، އަދި (އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ސަބްލީޒް އެގްރީމަންޓްގެ ދަށުން ލިބިގެންވާ ޙައްޤުތައް ގައިދުވާ ފަދައިން ސޮއިކޮށްފައިވާ) ރެންޓް އެސައިންމަންޓް އެގްރީމަންޓުގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އުފުލަން އެއްބަސްވި އެހެނިހެން އިލްތިޒާމުތަކާއި ޚިލާފަށްކަމުން، ޓަރމިނޭޝަން ނޯޓިސްގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް އެގްރީމަންޓް ބާޠިލުކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނީ އުޞޫލުތަކުގެ އިމުގެ ތެރެއިން ކަމުގައި ބަލާނެ ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ލިކުއިޑޭޓެޑް ޑެމޭޖެސް ހޯދުމަށް އެދިފައި އޮތް އޮތުން
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަބްލީޒް ރެންޓް ދެއްކުން ލަސްވެފައިވާ ފަހަރުތަކަށް، ސަބްލީޒް އެގްރީމެންޓުގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި ފައިސާހޯދުމަށް ރެޓްރޮސްޕެކްޓިވްކޮށް ޗާޖު ކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށްކަން ނުވަތަ ނޫންކަން ބެލުމުގެ ގޮތުން، ސަބްލީޒް އެގްރީމަންޓްގައި ލިކުއިޑޭޓަޑް ޑެމޭޖަސްއާ ގުޅިގެން ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް ބަލާއިރު، އެކަން ބަޔާންކޮށްފައިވަނީ ސަބްލީޒް އެގްރީމަންޓްގެ 14 ވަނަ މާއްދާ އަދި 15 ވަނަ މާއްދާގައި ކަން އެނގެން އޮވެއެވެ.
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ބަޔާންކުރާ ގޮތުގައި، ލަހުން ނަމަވެސް ސަބްލީޒް ރެންޓްގެ ފައިސާ ދެއްކުމުން، އޭރު ލިކުއިޑޭޓަޑް ޑެމޭޖެސް ހޯދުމަށް އެދިފައިނުވާތީ، ދެއްކި ކުއްޔާއި ގުޅުވާ އަރާފައިވާ ލިކުއިޑޭޓަޑް ޑެމޭޖެސްގެ މިންވަރުތައް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މަޢާފުކުރީ ކަމުގައި ނުވަތަ ވެއިވެކުރީ ކަމުގައި ބަލަންޖެހެއެވެ. މި ނުކުތާއާ ގުޅިގެން، އެ ފައިސާ ދެއްކުމާ ގުޅިގެން ލުޔެއް ދީފައި ނުވާނެ ކަމުގައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.
ސަބްލީޒް އެގްރީމަންޓްގެ ދަށުން އެއްބަސްވުމުގެ ބައިވެރިއަކަށް މަންފާއެއް ލިބޭ ކޮންޑިޝަންއެއްގެ ބޭނުން ހިފުން ނުވަތަ އެފަދައިން ކަންކުރުން ދޫކޮށްލުމަކީ އެކަމުގެ މައްޗަށް އެފަރާތުން އެއްބަސްވުމުގެ އަނެއް ބައިވެރިއާއަށް ލުޔެއް ދިނީކަމުގައި ބަލައި، އެއަށް ފަހު، އެޙައްޤުގެ ބޭނުން ނުކުރެވޭނެ ކަމުގައި ނުބެލޭނެ ސަބަބެއް ނޫންކަން، އަދި ސަބްލީޒް އެގްރީމަންޓާއި، އެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކޮށްފައި އޮތް އޮތުމާއި، ކުއްޔަށް ދޫކޮށްފައިވާ ޝަރުޠުތަކަށް އެއްވެސް ބަދަލެއް ގެނެވޭވީ ލިޔުމުން، އަދި އެ ލިޔުމުގައި އެއްބަސްވުމުގެ ދެ ބައިވެރިން ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތްތަކަކުން ސޮއިކޮށްގެންކަން ސަބްލީޒް އެގްރީމަންޓުން ވަރަށް ސާފުކޮށް އެނގެން އޮންނާތީ، އެ އެއްބަސްވުމުގެ 8 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންކުރާ ކުލި ދެއްކުން ލަސްވުމުގެ ސަބަބުން ދައްކަންޖެހޭ ކަމަށް، އެ ސަބްލީޒް އެގްރީމަންޓްގެ 14 ނުވަތަ 15 ވަނަ މާއްދާގައި ބުނާ ލިކުއިޑޭޓަޑް ޑެމެޖެސް ދެއްކުމަށް ކުރިން އެދިފައިނުވުމުގެ ސަބަބުން، ނުވަތަ ކުލި ބަލައިގަތުމަށްފަހު ލިކުއިޑޭޓަޑް ޑެމެޖެސްއަށް އެދިފައި ނުވުމުން، ފަހުގެ ތާރީޚެއްގައި އެ ފައިސާ ހޯދުމަށް އެދުމުގެ ފުރުޞަތު ގެއްލިއްޖެ ކަމުގައި ނުވަތަ އެ ޙައްޤު ދޫކޮށްލީކަމުގައި ބެލޭނެ ޤާނޫނީ އަސާސެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ޚިދުމަތަށް ނުލިބިވާ ފައިސާ
ސަބްލީޒް އެގްރިމަންޓުގެ 25.8 ވަނަ މާއްދާގެ ބޭރުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ޚިދުމަތްތަކަކަށް ފޮނުވާފައިވާ އިންވޮއިސްތަކަށް ފައިސާ ލިބިފައި ނުވާއިރު، އަދި އެ ޚިދުމަތްތަކަކީ ހިލޭ ސާބަހަށް ދޭންޖެހޭ ޚިދުމަތްތަކެއް ބަލާނެ ޤާނޫނީ ހަމައެއް ނެތް އިރު، އެ ނުކުތާގެ މައްޗަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ އެއްވެސް އީމެއިލްއަކަށް އަދި ލިޔެކިޔުމަކަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވުމުން، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ޙައްޤުތައް ގެއްލިގެން ގޮސްފައިވާ ކަމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެއެވެ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބަޔާންކުރާ ގޮތުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ޙަވާލާދީފައިވާ ޚިދުމަތްތަކަކީ ސަބްލީޒް އެގްރިމަންޓުގެ 25.8 ވަނަ މާއްދާގެ ހުދޫދުގެ ތެރެއިން ދީފައިވާ ޚިދުމަތްތަކެކެވެ.
ސަބްލީޒް އެގްރިމަންޓަށް ބެލުމުން، އެކަށީގެންވާ މިންވަރަކަށް (reasonably)، އެއްވެސް އަގަކާއި ނުލައި ރިސޯޓުގެ ފެސިލިޓީތައް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ބޭނުންކުރެވޭނެކަމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤަބޫލުކުރާކަމުގައި އެ އެއްބަސްވުމުގެ 'ޕްރޮމިސަސް އެންޑް ވޮރަންޓީޒް' މި ސުރުޚީގެ ދަށުގައި ހިމެނިފައިވާކަން އެނގެން އޮވެއެވެ. އެހެންކަމުން، އެއްވެސް އަގަކާއި ނުލައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ރިސޯޓުގެ ފެސިލިޓީތައް ބޭނުންކުރުމުގެ ފުރުޞަތު އޮތްކަން އެނގެން އޮވެއެވެ. އެހެންކަމުން އެ މާއްދާގެ ދަށުން އެ ޚިދުމަތްތައް ފޯރުކޮށްދީފައިވަނީ އެކަށީގެންވާ މިންވަރަކަށްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހެއެވެ. އަދި އެކަށީގެންވާ މިންވަރަކީ ކޮބައިކަން ކަނޑައެޅުމުގައި ދެފަރާތުން އެ ނުކުތާއާމެދު ދެކޭ ގޮތާއި، ދެފަރާތުގެ މެދުގައި ކުރެވިފައިވާ މުޢާމަލާތްތައް ބަލައި ގޮތެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 208/CV-C/2017 ޤަޟިއްޔާ ހިނގަމުން ދިޔައިރު، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޚަރަދުތަކާއި ގުޅޭ ވާހަކަތައް ދައްކާ، ލިޔެކިޔުން ހުށަހަޅާފައިވާއިރު، އެ ޤަޟިއްޔާގައި އަދި އެ ޤަޟިއްޔާ އިސްތިއުނާފު ކުރެވުމުން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ޤަޟިއްޔާގައިވެސް ދެންނެވުނު ކަންކަމުގެ މައްޗަށް ބަލާފައި ނުވުމުން، މިމައުޟޫޢުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން މައްސަލައެއް ހުށަހަޅައިފިނަމަ، ވަކި މައްސަލައެއް ގޮތުގައި ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
މީގެ އިތުރުން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ރިސޯޓުގެ ފެސިލިޓީތައް ބޭނުންކޮށް، އެކަމަށް ދިޔަ ޚަރަދުކަމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ބުނާ ޚަރަދުތައް، އެފަރާތުން ސަބްލީޒް އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ ސަބްލީޒް ރެންޓްއިން އުނިކުރުމަށް ހުށަހަޅާ، އެގޮތުގެ މަތިން ހިސާބުކޮށްފައިވާ ހިސާބުކުރުމަށް ބަލާއިރު، ރެންޓް އެސައިންމަންޓް އެގްރީމަންޓްގެ 1.3 ވަނަ މާއްދާއަށާއި، 3.1 ވަނަ މާއްދާއަށާއި، ސަބްލީޒް އެގްރީމަންޓްގެ 8 ވަނަ މާއްދާއަށާއި، 36 ވަނަ މާއްދާއަށާއި، 48 ވަނަ މާއްދާއަށް ނަޒަރުކުރުމުން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ރިސޯޓުގެ ފެސިލިޓީތައް ބޭނުންކުރުމުގެ ސަބަބުން ހިނގާފައިވާ ޚަރަދުތަކަކީ ސަބްލީޒް ރެންޓުން އަޅާ ކެނޑޭނެ ޢަދަދެއްކަމުގައި ބެލެވޭނެ ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
އެއް މައުޟޫޢުއަކާއި ގުޅިގެން ހުށަހެޅޭ ތަފާތު މައްސަލަތައް ބެލުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އެކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާ ކުރިޔަށް ދިޔައިރު، ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފުތަކެއް (ދިވެހިރާއްޖޭގެ ހައިކޯޓު އިތުރު ދެ ޤަޟިއްޔާއަކުން) އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ހުށަހަޅައިގެން ވަކިވަކިން ކުރިޔަށް ގެންދިޔަ ކަމުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެއެވެ. އަދި މިކަން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ޖަވާބުންނާއި، މިހިނގާ މައްސަލައަށް ތަދައްޚުލުވުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ހުށަހަޅާފައިވާ ހުށަހެޅުމުން ވެސް އެނގެއެވެ.
ޢާންމު އުޞޫލަކީ ކޮންމެ މައްސަލައެއްވެސް ވަކި މައްސަލައެއްގެ ގޮތުގައި ބެލުންކަމުގައިވާހިނދު، ދުނިޔޭގެ އެހެން ޤައުމުތަކުގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، އެއް ޙާދިޘާއަކާއި ގުޅިގެން ހުށަހެޅޭ ތަފާތު މައްސަލަތައް އެއްކޮށް ހިނގުމުގެ އުޞޫލެއް، އެ ޤައުމުތަކުގެ މަދަނީ އިޖްރާއަތުގެ ތެރެއިން ހަމަޖެހިފައި އޮންނަކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖެއަށް ބަލާއިރު، އަދި މިކަމާއި ގުޅޭ ލިޔެވިފައިވާ މަދަނީ އިޖްރާއަތެއް މިހާތަނަށް ނެތްހިނދު، މިފަދަ މައްސަލަތައް ވަކިވަކިން ބެލުމަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކުރެ ފަރާތެއްގެ ޙައްޤަކަށް ނޭދެވޭ އަސަރުކުރުމުގެ އިޙްތިމާލު އޮތްކަމެއް ކަމުގައިވާތީ، އެއް ޙާދިޘާއަކާއި ގުޅިގެން ހުށަހެޅޭ ތަފާތު މައްސަލަތައް، ނުވަތަ އެއް ޤަޟިއްޔާއެއް ތަފާތު ފަރާތްތަކުން އިސްތިއުނާފު ކުރާ މައްސަލަތައް، ވަކިން ޚާއްޞަކޮށް މައްސަލައިގެ ބައިވެރިއަކު އެފަދައިން އެދޭ ޙާލަތްތަކުގައި، އެކުގައި ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު އަދި އިންސާފުވެރި ގޮތް ކަމުގައި އަހުރެން ދެކެމެވެ.
ލިބިފައިވާ ގެއްލުމުގެ ބަދަލު
ދިވެހިރާއްޖޭގެ ހައިކޯޓުން 27 ފެބްރުވަރީ 2017 ގައި ނެރެފައިވާ އަމުރާއި، ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި ކިހާދުއްފަރު ރިސޯޓު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެރަށަށް އަރައި ގަދަކަމުން އެ ރަށް އަތުލާފައިވާކަމަށް އަދި އެކަމުގެ ސަބަބުން އެކުންފުންޏަށް އެތަކެއް ގެއްލުމެއް ވެފައިވާކަމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ބުނާއިރު، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން 27 ފެބްރުއަރީ 2017 ގައި ސެޓްލްމަންޓް އެގްރިމަންޓް އެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެ ޙުކުމް ތަންފީޒުކޮށްފައިވަނީ ބުނެވުނު އެއްބަސްވުމުގެ ދަށުންކަމުގައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. ހަމަ މިއާއެކު، ސެޓްލްމަންޓް އެގްރީމަންޓްގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފައިވަނީ މަޖުބޫރުކޮށްގެން ކަމުގައި އެކުންފުނިން ބުނާއިރު، އެކަމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އިންކާރުކުރެއެވެ.
ބުނެވުނު ސެޓްލްމަންޓް އެގްރީމަންޓަކީ މައްސަލައިގެ މައުޟޫޢުއާއި ސީދާ ގުޅޭ އެއްބަސްވުމެއް ކަމުގައިވާ ނަމަވެސް، އެ އެއްބަސްވުމަކީ ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ކުރުމަށް ފަހުގެ ތާރީޚެއްގެ އެއްބަސްވުމެއް ކަމުގައިވާތީ، އަދި އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަތީޖާއަށް އަސަރުފޯރުވާނެ އެއްބަސްވުމެއް ކަމުގައި ނުވާތީ، އެ އެއްބަސްވުމުގެ ޞައްޙަކަމާއި، އެ އެއްބަސްވުމާއި ގުޅޭ އެނޫން ކަންކަމުގެ މައްޗަށް، ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރެވުމުން، އެ އިސްތިއުނާފީ މައްސަލައިގެ ތެރެއިން ބެލޭނެކަމުގައި ނުދެކެމެވެ. އެހެނީ، އެއީ މައްސަލަ ދަށުކޯޓުގައި ބެލިއިރު އެކަމުގެ މައްޗަށް ރިޢާޔަތްކުރުމުގެ ފުރުޞަތު ނެތް އެއްބަސްވުމެއް ކަމުގައިވާތީއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލަންޖެހޭނީ ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާގައި ހުށަހެޅިފައިވާ އަދި އެކަންކަމުގެ މައްޗަށް ގޮތް ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށް ކަމުގައިވާތީއެވެ.
ބުނެވުނު ސަބަބުތަކަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާގައި ސެޓްލްމަންޓް އެގްރީމަންޓަށް ރިޢާޔަތްކޮށްފައި ނުވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ. އަދި ސެޓްލްމަންޓް އެގްރީމަންޓާއި ގުޅިގެން އޭގެ ބައިވެރިއަކު ނުވަތަ އެ އެއްބަސްވުމުގެ ސަބަބުން އެފަރާތެއްގެ ޙައްޤަކަށް ސީދާ އަސަރުކޮށްފައިވާ ތިންވަނަ ފަރާތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެކަން ވަކި މައްސަލައެއް ގޮތުގައި ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައިވެސް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ތާއީދުކުރައްވާފައި)މި ގަޒިއްޔާގައި ޚުސޫމަތު އުފެދިފައިވާ އެއްބަސްވުމަކީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބ. ކިހާދުއްފަރު، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ސަބްލީޒް ކުރުމަށްޓަކައި 12 ސެޕްޓެންބަރު 2012 ގައި ސޮއިކުރެވުނު ސަބްލީޒް އެގްރީމަންޓެވެ. އެ ސަބްލީޒް އެގްރީމަންޓުގެ މުއްދަތަކީ ބ.ކިހާދުއްފަރު އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރާ ދުވަހުން ފެށިގެން 30 އޭޕްރީލް 2025 އަށެވެ.
ސަބްލީޒް އެގްރީމަންޓުގައި ބުނެފައިވަނީ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަންވާނީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ލިޔުމުން އަންގާ ބޭންކް އެކައުންޓަކަށް ކަމަށެވެ.
މި ބަޔާންކުރެވުނު ސަބްލީޒް އެގްރީމަންޓްގެ 8 ވަނަ މާއްދާގައިވާ ގޮތުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް ރެންޓު ދައްކަންޖެހޭ ދުވަސް ހަމަވުމަށްފަހު 75 ދުވަހުގެ ތެރޭގައި ސަބްލީޒް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި ސަބްލީޒް ރެންޓް ދެއްކުން ލަސްވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓަޑް ޑެމެޖަސް ނުދައްކައިފިނަމަ، ސަބްލީޒް އެގްރީމަންޓް ބާތިލުކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމް ނުވަތަ ކޯޓެއްގެ މެދުވެރިވުމެއް ނެތި، ރިސޯޓު ވަގުތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ބާރުގެދަށަށް ގެންގޮސް، އެކަން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސަމާލުކަމަށް ގެނައުމުގެ އިޚްތިޔާރު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވެއެވެ.
ސަބްލީޒް އެގްރީމަންޓުގެ 14 ނުވަތަ 15 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ނިންމައިފިނަމަ، ސަބަބު ބަޔާންކޮށް އެއްބަސްވުން ބާތިލުކުރަން ނޯޓިސް އޮފް ޓަރމިނޭޝަން އެއް ފޮނުވުމުގެ އިޚްތިޔާރު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވެއެވެ. އެ ނޯޓިސްގެ މުއްދަތުގައި ދެފަރާތަށް ސުލްހަވެރި ހައްލެއް ނުހޯދިއްޖެނަމަ، އެ ނޯޓިސް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ސަބްލީޒް އެގްރީމަންޓް ނިމޭނެކަމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ.
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް އަށް ބ. ކިހާދުއްފަރު ސަބްލީޒް ކުރުމުގެ ކުރިން، ސަރުކާރުން ރަށް ކުއްޔަށް ހިފުމުގެ އެގްރީމަންޓްގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ހައްގުތައް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ރަހުނުކޮށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން US$14,000,000/- (ސާދަ މިލިއަން ޔޫއެސް ޑޮލަރު) ގެ ޓަރމް ލޯނެއް ނަގާފައިވެއެވެ. އެ ލޯނު ނެގުމުގެ ޝަރުތެއްގެ ގޮތުން، ބ.ކިހާދުއްފަރު ސަބްލީޒް ކުރެވިއްޖެ ނަމަ، ސަބްލީޒް ރެންޓްގެ ގޮތުގައި ލިބޭ ކުލި ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އެސައިންކުރުމަށް (ދިނުމަށް) އަތަމާއިން އެއްބަސްވެފައިވެއެވެ.
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ބ. ކިހާދުއްފަރު ސަބްލީޒް ކުރުމާއެކު، ސަބްލީޒް އެގްރިމަންޓުގެ ދަށުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އަތަމާއަށް ދައްކަންޖެހޭ ކުލި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސީދާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދެއްކުމާބެހޭ ގޮތުން މި ތިންފަރާތުގެ މެދުގައި 02 އޮކްޓޫބަރު 2012 ގައި "އެސައިންމަންޓް އެގްރީމަންޓް އިން ރެސްޕެކްޓް އޮފް ސަބްލީޒް ރެންޓް ފްރޮމް ބ.ކިހާދުއްފަރު" (މީގެ ފަހުން "ރެންޓް އެސައިންމަންޓް އެގްރީމަންޓް") ގެ ނަމުގައިވާ އެއްބަސްވުމެއް ވެވުނެވެ.
ރެންޓް އެސައިންމަންޓް އެގްރީމަންޓް ދެމިއޮތްހާ ދުވަހަކު، ސަބްލީޒް ރެންޓްގެ ގޮތުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ ރެންޓުގެ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ (އައްޔަންވެގެންވާ) އެކައުންޓަށް ޖަމާކުރަން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވެއެވެ.
ރެންޓް އެސައިންމަންޓް އެގްރީމަންޓުގައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާޔަށް ވައުދުވެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އަންގައި، އެ ބޭންކުގެ ހުއްދަ ހޯދުމަކާއި ނުލައި، ސަބްލީޒް އެގްރީމަންޓް ބާތިލުނުކުރާނެ ކަމަށެވެ.
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކިހާދުއްފަރު ރިސޯޓުގެ ކުލީގެ ގޮތުގައި އަތަމާ މެރިން އިންޓަރނޭޝަނަލްއަށް ދައްކަންޖެހޭ ކުލި، ރެންޓް އެސައިންމަންޓް އެގްރީމަންޓުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދެއްކުމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވެ ސޮއިކޮށްފައި ވަނިކޮށް، ސަބްލީޒް ރެންޓުގެ ގޮތުގައި 2016 ވަނަ އަހަރުގެ ފަހު ކުއާޓާއަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން US$453,108/30 (ހަތަރުލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ އަށެއް އެމެރިކާ ޑޮލަރު ތިރީސް ސެންޓް) އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައްކާފައިނުވާކަމަށް ސްޓޭޓް ބޭންކުން ބުނެފައިވެއެވެ. އެ ފައިސާ ދައްކާފައިވާކަން ސާބިތުވާފަދަ ކާފީ ހެއްކެއް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރިއަތުގެ އެއްވެސް މަރުހަލާއެއްގައި ހުށަހަޅާފައިނުވެއެވެ.
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކިހާދުއްފަރު ރިސޯޓުގެ ސަބްލީޒް ރެންޓުގެ ގޮތުގައި އަތަމާ މެރިން އިންޓަރނޭޝަނަލްއަށް ދައްކަންޖެހޭ ކުލި، ރެންޓް އެސައިންމަންޓް އެގްރީމަންޓުގައި ބުނެފައިވާ ގޮތުގެ މަތިން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައްކާފައި ނެތުމުން، 12 ސެޕްޓެމްބަރު 2012 ގައި ސޮއިކުރެވުނު ސަބްލީޒް އެގްރީމަންޓުގެ 08 ވަނަ މާއްދާ އާއި 11 ވަނަ މާއްދާއާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޚިލާފުވެފައިވާ ކަމަށް ބުނެ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ސަބްލީޒް އެގްރީމަންޓު ނިމުމަކަށް ގެނެސްފައިވެއެވެ.
ސަބްލީޒް އެގްރިމަންޓް ޓާރމިނޭޓްކުރުން ސައްހަތޯ
ކޮންޓްރެކްޓުގެ ބައިވެރިޔަކު ކޮންޓްރެކްޓާ ޚިލާފުވުމުން އެ ކޮންޓްރެކްޓު ނިމުމަކަށް އައީ ކަމަށް ނިންމައި އެ ކޮންޓްރެޓުގެ ދަށުން ކުރިއަށް އޮތްތަނުގައި އަދާކުރަންޖެހޭ އިލްތިޒާމުތަކުން ވީއްލިއްޖެ ކަމަށް ނިންމުމުގެ އިޚްތިޔާރު ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތަށް ލިބިގެންވެއެވެ. އަދި އެ ހިނދުން ފެށިގެން އެގްރީމަންޓުގެ ދަށުން އެގްރީމަންޓާ ޚިލާފުވީ ފަރާތުން ކުރިއަށް އޮތްތަނުގައި އަދާކުރަންޖެހޭ އިލްތިޒާމްތައް ވެސް ނިމުމަކަށް އައީ އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކޮށްފައިވާ ކިހާދުއްފަރު ސަބްލީޒް ކުރުމުގެ އެގްރިމަންޓު ބާތިލުކުރުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ޓާރމިނޭޝަން ނޯޓިސްއަކީ ރެންޓް އެސައިންމަންޓް އެގްރީމަންޓުގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ހޯދަންޖެހޭ ހުއްދަ ނުހޯދައި ފޮނުވާފައިވާ ޓާރމިނޭޝަން ނޯޓިސް އެއްކަމަށް ވާތީވެ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް އެގްރީމަންޓް ބާތިލު ކޮށްފައިވަނީ ސައްހަމަގުން ނޫންކަމަށެވެ. އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި އިސްތިއުނާފުގެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ވެސް ބުނެފައިވަނީ ސަބްލީޒް އެގްރީމަންޓު ބާތިލުކުރީ ރެންޓް އެސައިންމަންޓް އެގްރިމަންޓުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށް ނުވާތީވެ، ސަބްލީޒް އެގްރީމަންޓު ބާތިލުކުރިކުރުން ސައްހަނޫން ކަމަށެވެ.
މި ގަޒިއްޔާގައި ޝަރީއަތުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއާ ދެމެދުގައި ސޮއިކުރެވިފައިވާ ސަބްލީޒް އެގްރީމަންޓުގެ ދަށުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން ދައްކަންޖެހޭ ކުލި އެގްރިމަންޓުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ނުދައްކައި ސަބްލީޒް އެގްރީމަންޓުގެ އަސާސީ ޝަރުތަކާ ޚިލާފުވުމަށްފަހު، އެ ޚިލާފުވުން ދިފާއުކުރުމަށާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ސަބްލީޒް އެގްރީމެންޓު ބާތިލުކުރިކުރުން ސައްހަނޫންކަމަށް ހުށަހަޅާ ހުއްޖަތެއްގެ ގޮތުގައި، ރެންޓް އެސައިންމެންޓު އެގްރީމަންޓުގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް އަދާކުރުމަށް އެއްބަސްވެފައިވާ ވައުދެއް އަދާކޮށްފައި ނެތުމަކީ އެ ވާގިއާގެ މައްޗަށް ބިނާކޮށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއަށް ޝަރިއަތުގައި ދަފްއެއް ކުރިމަތިކުރެވިދާނެ ކަމެއް ތޯއެވެ.
ރެންޓް އެސައިންމަންޓް އެގްރީމަންޓުގެ މަގްސަދަކީ ކޮބައިތޯ ބަލާއިރު ރެންޓް އެސައިންމަންޓަކީ ސަބްލީޒް އެގްރިމަންޓް ކުރުމުގެ ކުރިން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 14 މިލިއަން ޑޮލަރުގެ ޓާރމް ލޯނުގެ ހިމާޔަތުގައި، އެރަށް ކުއްޔަށް ދެވިއްޖެ ނަމަ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކަށް ހުށަހެޅުމަށް އެއްބަސްވެފައިވާ ސެކިއުރިޓީއެކެވެ. އެއީ ސަބްލީޒް އެގްރީމެންޓުގެ ބައެއް ނޫނެވެ. އެހެންކަމުން ރެންޓް އެސައިންމަންޓް އެގްރިމަންޓަކީ އޭގެ ޒާތުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އެއްވެސް ހައްގެއް އުފައްދާ އެގްރިމަންޓެއް ނޫނެވެ. އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އެކައުންޓަކަށް ކުލި ޖަމާކުރުން ލާޒިމުވަނީ ސަބްލީޒް އެގްރީމަންޓްގެ 13 ވަނަ މާއްދާގެ ދަށުން އެކަން އެގޮތަށްކުރުމަށް ލާޒިމުކުރާތީއެވެ. ރެންޓް އެސައިންމަންޓް އެގްރިމަންޓުގެ ދަށުން އެ އިލްތިޒާމް އުފެދިގެން ނޫނެވެ. ވީމާ ސަބްލީޒް އެގްރިމަންޓާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން ޚިލާފުވުމަށްފަހު، އެ ރެންޓް އެސައިންމެންޓް އެގްރިމަންޓްގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަނުކޮށް އޮތް އޮތުމަކީ ނުވަތަ ސަބްލީޒް އެގްރީމެންޓު ބާތިލުކުރުމުގެ ކުރިން ބޭންކުގެ ހުއްދަ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ހޯދަން އޮތް އޮތުމަކީ، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން އެ މައްޗަށް ބަރޯސާވެ، އެ ސަބަބަށްޓަކައި ސަބްލީޒް އެގްރިމަންޓު ބާތިލުނުކުރެވޭނެ ކަމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން ބުނެ ދަފްއެއް ކުރިމަތިކުރެވިދާނެ ކަމެއްކަމަށް އަހުރެންނަށް ގަބޫލުނުކުރެވެއެވެ.
ސަބްލީޒް އެގްރީމެންޓު ބާތިލުވުމަށްވެސް، އަދި ރެންޓް އެސައިންމެންޓް އެގްރީމަންޓުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އެކައުންޓަށް ކުލި ޖަމާނުވުމަށް ވެސް މެދުވެރިވެފައިވަނީ އެއް ސަބަބެކެވެ. އެއީ ސަބްލީޒް އެގްރިމެންޓުގެ ދަށުން ދައްކަންޖެހޭ ކުލި އެގްރިމަންޓާ އެއްގޮތަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ދައްކާފައި ނެތުމެވެ. ރެންޓް އެސައިންމެންޓް އެގްރީމަންޓުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އެކައުންޓަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން ޖަމާކުރަންޖެހޭ ކުލި ގަވާއިދުން ޖަމާކޮށްފައިނުވާތީ ބޭންކުގެ ފަރާތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ސަމާލުކަމަށް އެކަން ގެނެސްފައިވެއެވެ. އެހެންކަމުން ރެންޓް އެސައިންމެންޓް އެގްރިމަންޓުގެ ދަށުން ބޭންކުން ނަގަންޖެހޭ ހުއްދަ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނަގާފައި ނެތުމަކީ، ސަބްލީޒް އެގްރިމަންޓު ބާތިލުކުރުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް އެ ސަބްލީޒް އެގްރީމަންޓުގެ ދަށުން ލިބިފައިވާ ހައްގަށް ހުރަސް އެޅޭ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން ބޭންކަށް ސަބްލީޒް ރެންޓު ޖަމާނުކުރާނަމަ، ބޭންކުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ދޫކޮށްފައިވާ ޓަރމްލޯނުވެސް ޑިފޯލްޓުވެގެންދާތީވެ، ސަބްލީޒް ރެންޓު ލިބިގަތުމަކީ ނުވަތަ އަމިއްލަ އަށް އެރަށް ހިންގައި އާމްދަނީ ލިބި ބޭންކުން ނަގާފައިވާ ލޯނު އަނބުރާ ދެއްކޭނެ ގޮތެއް ހޯދުމަކީ ބޭންކުގެ މަސްލަހަތުވެސް އެކަމުގައި ހިމެނޭގޮތުން، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާ ހައްގަކަށް ވާކަމެވެ.
ސަބްލީޒް އެގްރިމަންޓު ބާތިލުކުރުމުގެ ކުރިން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކުން ނަގަންޖެހޭ ހުއްދަ ނަގާފައި ނެތުމަކީ ރެންޓް އެސައިންމަންޓް އެގްރީމަންޓާ ޚިލާފަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ކޮށްފައިވާ ކަމެއް ކަމަށް ބެލިއަސް، އެ ޚިލާފުވުމަކީ އެކަމުގެ ބަދަލު ހޯދުމަށް ބޭންކުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރެވިދާނެ ވަކި މައްސަލައެކެވެ. ރެންޓް އެސައިންމެންޓް އެގްރީމަންޓުގައިވާ ގޮތުގެ މަތިން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކުން ނަގަންޖެހޭ ހުއްދަ ނަގާފައި ނެތް ނަމަވެސް، ދެފަރާތުން ވަނީ މި ކަމާބެހޭ ގޮތުން މުއާމަލާތުކޮށް އަދި ކަން އޮތްގޮތް ބޭންކުގެ ސަމާލުކަމަށް އައިސްފައެވެ. ރެންޓް އެސައިންމެންޓް އެގްރިމަންޓަކީ އަތަމާއިން ބޭންކަށް ހުށަހަޅާފައިވާ ސެކިއުރިޓީ ބަންޑެލީގެ ތެރޭގައިވާ ސެކިއުރިޓީތަކުގެ ތެރެއިން އެއް ސެކިއުރިޓީ ކަމަށްވާތީވެ، އެ ޓާރމް ލޯންއާ ގުޅިގެން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ބޭންކަށް ހުށަހަޅާފައިވާ އެހެނިހެން ސެކިއުރިޓީތައް ގެއްލިގެން ގޮސްފައިނުވާތީވެ އެ ލޯނުގެ ފައިސާ އަނބުރާ ލިބިގަންނަން ފުދޭނޭ މިންވަރުގެ ސެކިއުރިޓީ ބޭންކުގެ ކިބައިގައި ހުރުމުން، ސަބްލީޒް އެގްރިމަންޓު ބާތިލުކުރުމުގެ ކުރިން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކުން ނަގަންޖެހޭ ހުއްދަ ނަގާފައި ނެތްނަމަވެސް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ބޭންކަށް ދައްކަންޖެހިދާނެ ގެއްލުމުގެ ބަދަލު ވެގެންދާނީވެސް ހަމައެކަނި ރަމްޒީ ބަދަލަކަށެވެ.
ކުރިންވެސް ފާހަގަކުރި ފަދައިން، ސަބްލީޒް އެގްރިމަންޓު ބާތިލުކުރުމުގެ ކުރިން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކުން ނަގަންޖެހޭ ހުއްދަ ނުނަގައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ރެންޓް އެސައިންމަންޓް އެގްރީމަންޓާ ޚިލާފުވެފައިވާ ކަމަށް ބެލިއަސް އެ ޚިލާފަކީ އެ ޚިލާފުގެ ސަބަބުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއަށް އެއްވެސް ހައްގެއް އުފެދޭކަމެއް ނޫނެވެ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ރެންޓް އެސައިންމަންޓް އެގްރީމަންޓާ ޚިލާފަށް ބޭންކުގެ ހުއްދަ ނުހޯދައި ސަބްލީޒް އެގްރީމަންޓު ބާތިލުކުރި ކަމަށް ބެލިނަމަވެސް، އެކަމަކީ ގެއްލުމުގެ ބަދަލުހޯދުމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމެއް ނޫނެވެ. އެ ޚިލާފާ ގުޅިގެން އެކަމުގެ ބަދަލު ހޯދުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުވާކުރަންޏާ އެކަން ކުރެވޭނީ ބޭންކަށެވެ. އެހެންކަމުން މިހާލަތުގައި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހައްގެއް ނުއުފެދޭ އެއްބަސްވުމެއްގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ކުރަންޖެހޭ ކަމަކާ ޚިލާފަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ކަމެއް ކޮށްފައިވާ ކަމަށް ބުނެ އެ ކަމުގެ މަންފާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއަށް ލިބޭގޮތަށް، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން ސަބްލީޒް އެގްރީމަންޓާ ޚިލާފުވި ޚިލާފުވުން ދިފާއުކުރުމަށް ހުއްދަ ދިނުމަކީ ނުވަތަ އެގޮތަށް ސަބްލީޒް އެގްރީމަންޓު މާނަކުރުމަކީ ނުވަތަ ފުރުސަތު ދިނުމަކީ އަދާލަތުގެ އުސޫލެއް ނޫނެވެ. އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން ކުލި ނުދައްކައި ސަބްލީޒް އެގްރީމަންޓާ ޚިލާފުވުމުން އެކަމުގެ ގެއްލުން ލިބެނީ ސަބްލީސް އެގްރިމަންޓުގެ އަނެއް ބައިވެރިޔާއަށެވެ. އެ ޚިލާފުވުމަކީ އޭގެ ގާނޫނީ ނަތީޖާއެއް ނެތް ކަމެއްކަމަށް ބަލައި، އެ އެ ޚިލާފުގެ ޒިއްމާ އުފުލުމުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް ބަރީއަވާން ފުރުސަތު ދިނުމަކީވެސް އަދާލަތުގެ އުސޫލެއް ނޫނެވެ. ސަބްލީޒް އެގްރީމަންޓާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން ޚިލާފު ވެއްޖެކަން ރެންޓް އެސައިންމެންޓް އެގްރީމެންޓުގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކަށް އަންގައި ސަބްލީޒް އެގްރިމަންޓު ބާތިލުކުރަން ހުށަހެޅުމުން، މަގުބޫލު ސަބަބެއްނެތި އެ ހުއްދަ ނުދީ ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެން ނުވެއެވެ. އަދި އެ ހުއްދަ ނުދީ ބޭންކުން ހިފެހެއްޓުމުން އާޚިރުގައި ގެއްލުންވާ ފަރާތަކީވެސް ލޯނުގެ ފައިސާ އަނބުރާ ނުލިބުމުގެ ސަބަބުން ބޭންކު ކަމުގައިވާތީ އާއި އެ ލޯނާ ގުޅިގެން ބޭންކުގެ އަތުގައި އިތުރު ސެކިއުރިޓީ ހުރުމުން، ސަބްލީޒް އެގްރިމަންޓު ބާތިލުކުރުމުގެ ކުރިން ރެންޓް އެސައިންމަންޓް އެގްރީމަންޓުގެ ދަށުން އަތަމާއިން ހުއްދަ ހޯދާފައި ނުވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ސަބްލީޒް އެގްރިމަންޓު ބާތިލުކުރަން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް ހުރަސް އަޅާކަމެއް ނޫނެވެ.
ކޮންޓްރެކްޓާބެހޭ ގާނޫނުގެ މަގްސަދަކީ އަގްދީ ވައުދަކަށް ބަރޯސާވުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް މެދުވެރިވިޔަ ނުދިނުމާއި އެއްވެސް ފަރާތަކަށް ބޭއިންސާފު މުއްސަނދިކަމެއް ލިބުނަ ނުދިނުމެވެ. އެހެންކަމުން މި ބަޔާންކުރި ސަބަބުތަކަށްޓަކައި، ޓަރމިނޭޝަން ނޯޓިސްގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް އެގްރީމަންޓް ބާތިލުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށްބަލާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
މީހަކު އަދާކުރުމަށް އެއްބަސްވެފައިވާ އިލްތިޒާމުތަކަކީ އެއްވެސް ހާލެއްގައި ދެފެންދޭތެރޭގައި ހުންނަ އިލްތިޒާމްތަކެއް ނޫނެވެ. ކޮންމެ އިލްތިޒާމަކީވެސް ކަނޑައެޅިފައިވާ ވަކި ޚާއްސަ ފަރާތަކަށް ރައްދުވާ ގޮތަށް ހުންނަ އިލްތިޒާމެކެވެ. ކޮންމެ ވައުދެއްވެސް ރައްދުވާނީ އެ ވައުދެއް މުޚާތަބުކޮށްފައިވާ ފަރާތަށެވެ. މިއީ އިލްތިޒާމްތަކުގެ އާއްމު ސިފައެވެ. މީހަކު ކުރާ ހުވައެއް ނަމަ އެ ހުވައެއް މުޚާތަބްވަނީ އަމިއްލަ ނަފްސަށް ކަމުން އެ ވައުދުގައި ހިމެނޭ އިލްތިޒާމް ރައްދުވާނީ ހުވާކުރާ މީހާއަށެވެ. ވައުދެއްނަމަ އެ ވައުދުގައި ހިމެނޭ އިލްތިޒާމް ރައްދުވާނީ އެ ވައުދު މުޚާތަބްކޮށްފައިވާ ފަރާތަށެވެ. އެއީ ހަމައެކަނި އެ ދެފަރާތުގެ ދެމެދުގައި އޮންނަ އިލްތިޒާމެކެވެ. މި ގަޒިއްޔާގައި ހިމެނޭ މައްސަލައިގައި ބޭންކުގެ ހުއްދަ ނަގާނެ ކަމަށް ރެންޓް އެސައިންމަންޓް އެގްރީމަންޓުގައި ވެފައި އޮތް ވައުދަކީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ބޭންކަށް ވެފައިވާ ވައުދެކެވެ. އެ ވައުދު ރައްދުވާ ފަރާތަކީ ބޭންކެވެ. އެއީ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް އަށް ރައްދުވާ ވައުދެއް ނޫނެވެ. އަދި އެ އެގްރިމަންޓުގައި ހިމެނޭ އަނެއް ދެފަރާތުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއަށް އަދާކުރަންޖެހޭ އިލްތިޒާމްއެއް އުފެދިފައި ނެތެވެ. ވީމާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ސަބްލީޒް އެގްރީމަންޓު ބާތިލުކުރީ، ސަބްލީޒް އެގްރިމަންޓު ބާތިލުކުރުމުގެ ކުރިން ރެންޓް އެސައިންމަންޓް އެގްރީމަންޓުގެ ދަށުން އަތަމާގެ ފަރާތުން ބޭންކު ހުއްދަ ނުހޯދައިކަމަށް ބުނެ ސަބްލީޒް އެގްރީމެންޓާ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއިން ޚިލާފުވުމުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން ސަބްލީޒް އެގްރީމަންޓު ބާތިލުކުރީ ސައްހަގޮތަކަށް ނޫންކަމަށް މާނަކުރުމަށް އެހެން ދެފަރާތެއްގެ ދެމެދުގައިވާ ވައުދެއްގެ ބޭނުން ހިފުމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއަށް ފުރުސަތު ލިބޭނޭ ހަމައެއް ނެތެވެ. ވައުދެއް ތަންފީޒުކުރުމުގައި ވައުދުރައްދުވާ ފަރާތާއި ވައުދު ރައްދުނުވާފަރާތުގެ މަގާމު ފަރަގުވާނެ ކަމީ އާއްމު ބުއްދީގެ ހަމައިން މާކުރިއްސުރެ ގަބޫލުކުރެވިފައި އޮންނަ ހަމައެކެވެ. އެއްވެސް ގާނޫނީ ނިޒާމެއްގައި ކޮންމެކޮންމެ މީހަކަށް ވައުދެއް ތަންފީޒުކުރުމަށް ނޭދެވޭނެއެވެ. ސަބަބަކީ އެ ވައުދަކަށް ބަރޯސާވެވޭނީ ހަމައެކަނި އެ ވައުދު ރައްދުވާ ފަރާތަށް ކަމަށްވާތީއެވެ. ވައުދުވާ ފަރާތުގެ ވާޖިބު އޮންނާނީ ހަމައެކަނި ވައުދު ރައްދުވާ ފަރާތަށެވެ. ވައުދުވާ ފަރާތުގެ ވާޖިބު އޮންނާނީ ހަމައެކަނި ވައުދު ރައްދުވާ ފަރާތަށް ކަމަށް ގަބޫލުކުރެވިފައިވަނީ ވައުދުވާ ފަރާތުގެ އިލްތިޒާމްގެ ދާއިރާގެ މައްޗަށް ނުވަތަ އެ އިލްތިޒާމުގެ ރިވެލީގެ މައްޗަށް ވައުދުވާ ފަރާތުގެ ކޮންޓްރޯލް ބޭއްވުމަށެވެ. އެ ކޮންޓްރޯލް އެގޮތުގައި ބޭއްވޭނީ ވައުދުވާ ފަރާތުގެ އިލްތިޒާމް ހަމައެކަނި ވައުދު ރައްދުވާ ފަރާތަށް ޚާއްސަ ވެފައި އޮތުމުންނެވެ.
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް އިން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ ކުލި ބޭންކަށް ދައްކާނެ ކަމަށް އެއްބަސްވެފައި އޮތް އޮތުމަކީ އޭގެ ޒާތުގައި ތިންވަނަ ފަރާތަކުން ވަކިގޮތަކަށް ކަންކުރާނެކަމަށް ބަޔާންކޮށް ވެފައިވާ ވޮލަންޓަރީ އަންޑަރޓޭކިންގ އެކެވެ. އެ އަންޑަރޓޭކިންގ ރައްދުވަނީ ބޭންކަށާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ކަމަށް ވީނަމަވެސް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ އެ އަންޑަރޓޭކިންގ ގެ މުގާބިލުގައި އެއްވެސް ފަރާތަކުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއަށް އެއްޗެއް ދީފައި ނެތެވެ. މީގެ އިތުރުން އެ އަންޑަރޓޭކިންގ އަކީ އައު އަންޑަރޓޭކިންގ އެއްވެސް ނޫނެވެ. އެ އަންޑަރޓޭކިންއަކީ ސަބްލީޒް އެގްރީމަންޓުގެ 13 ވަނަ މާއްދާގެ ދަށުން މާކުރިން ވުޖޫދުގައި އޮތް އަންޑަރޓޭކިންގ އެކެވެ. ހަމައެކަނިވެފައި އޮތް ކަމަކީ ސަބްލީޒް އެގްރީމަންޓުގެ 13 ވަނަ މާއްދާގެ ދަށުން މާކުރިން ވުޖޫދުގައި އޮތް އަންޑަރޓޭކިންގ ރެންޓް އެސައިންމަންޓް އެގްރީމަންޓުގައި ރިއެފަރމްކޮށްފައި އޮތުމެވެ. އެހެންކަމުން، ރެންޓް އެސައިންމެންޓް އެގްރީމަންޓްއިން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްއަށް ތަންފީޒުކުރެވޭނޭ އެއްވެސް ހައްގެއް އުފެދިފައި ނެތެވެ.
ލިކުއިޑޭޓެޑް ޑެމެޖަސް
އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން ސަބްލީޒް އެގްރީމަންޓްގެ 8 ވަނަ މާއްދާގައިވާ ގޮތަށް ސަބްލީޒް ރެންޓް ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންޖެހި ނުދައްކާވާ ކޮންމެ މަހަކަށް (ފައިސާ ނުދައްކާ އިތުރުވާ ކޮންމެ ދުވަހަކަށް މި ހިސާބު ކުރާ ގޮތަށް) ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި، ދައްކަންޖެހި ނުދައްކާވާ އަދަދުގެ 0.5% (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ މިންވަރެއް ދައްކަންޖެހޭނެ ކަމަށް ސަބްލީޒް އެގްރިމަންޓުގައި ބުނެފައިވެއެވެ.
ސަބްލީޒް އެގްރީމަންޓު ބާތިލުކުރުމުގެ އިވެންޓުގެ ކުރިންވެސް އެކިފަހަރުތަކުގައި ދައްކަންޖެހޭ ރެންޓު އިންސްޓޯލްމަންޓު ދައްކަންޖެހޭ ތާރީޚު ފަހަނައަޅައި ގޮސްފައިވެއެވެ. އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ، ލަހުންނަމަވެސް ސަބްލީޒް ރެންޓްގެ ފައިސާ ދެއްކުމުން، އޭރު ލިކުއިޑޭޓަޑް ޑެމެޖެސް ހޯދުމަށް އެދިފައިނުވާތީ، ދެއްކި ކުއްޔާއި ގުޅުވައި އަރާފައިވާ ލިކުއިޑޭޓަޑް ޑެމެޖެސްގެ މިންވަރުތައް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މައާފުކުރީ ކަމަށް ބެލެވޭނެ ކަމަށެވެ. ނުވަތަ އެފައިސާ ލިބިގަތުމުގެ ހައްގު ދޫކޮށްލީކަމަށް ބެލެވޭނެ ކަމަށެވެ. މި ފައިސާ ދެއްކުމާ ގުޅިގެން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ ކުރީ ފަހަރުތަކުގެ ލަސްވުމަށް އަރާފައިވާ ފައިސާ ދޫކޮށްލާފައި ނުވާނެ ކަމަށެވެ.
ކޮންޓްރެކްޓެއްގެ ބައިވެރިން އެ ކޮންޓްރެކްޓުގެ ދަށުން ކުރިއަށް އޮތްތަނުގައި އަދާކުރަންޖެހޭ އިލްތިޒާމްތަކުން ވީއްލުނު ނަމަވެސް ކޮންޓްރެކްޓުގެ ބައިވެރިން ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތަކުން ވީއްލުމުގެ ކުރިން އެ ކޮންޓްރެކްޓުގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް އުފެދިފައިވާ ހައްގުތައް ކޮންޓްރެކްޓުގެ އެއްވެސް ބައިވެރިއަކާ ވަކިވެގެން ނުދާނެއެވެ. ކޮންޓްރެކްޓު ދެމިއޮތް މުއްދަތުގައި ހިނގާފައިވާ ޚިލާފުތަކަށް ދައުވާކުރުމުގެ ހައްގުވެސް އުނިއިތުރެއް ނެތި ކޮންޓްރެކްޓުގެ ބައިވެރިންގެ ކިބައިގައި ދެމިއޮންނާނެއެވެ. އެހެންކަމުން، ސަބްލީޒް އެގްރީމަންޓު ބާތިލުކުރުމުގެ އިވެންޓުގެ ކުރިން އެކިފަހަރުތަކުގައި ދައްކަންޖެހޭ ރެންޓު އިންސްޓޯލްމަންޓު ދައްކަންޖެހޭ ތާރީޚު ފަހަނައަޅައި ދިއުމުގެ ސަބަބުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ހައްގުވާ 'ލަސްވުމުން ދޭންޖެހޭ ބަދަލު' ހޯދުމުގެ ހައްގު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވެއެވެ. އަދި 'ލަސްވުމުން ދޭންޖެހޭ ބަދަލު' އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްލާފައިވާ ކަމަށް ބެލެވިދާނޭ އެއްވެސް ހެއްކެއް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައި ނެތެވެ.
ޚިދުމަތަށް ނުލިބިވާ ފައިސާ
ސަބްލީޒް އެގްރިމަންޓުގެ 25.8 ވަނަ މާއްދާގެ ބޭރުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ޚިދުމަތްތަކަކަށް ފޮނުވާފައިވާ އިންވޮއިސްތަކަށް ފައިސާ ލިބިފައިވާ ކަމަށާއި، އަދި އެ ޚިދުމަތްތަކަކީ ހިލޭ ސާބަހަށް ދޭންޖެހޭ ޚިދުމަތްތަކެއް ބަލާނެ ޤާނޫނީ ހަމައެއް ނެތް ކަމަށާއި، އެ ނުކުތާގެ މައްޗަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ އެއްވެސް އީމެއިލްއަކަށް އަދި ލިޔެކިޔުމަކަށް ހައިކޯޓުންނާއި ދަށުކޯޓުން ރިއާޔަތް ކޮށްފައިނުވާތީވެ، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ޙައްޤުތައް ގެއްލިގެން ގޮސްފައިވާ ކަމަށް އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ.
އިސްވެ ދިޔަ 69 ޕެރެގްރާފުގައި ބަޔާންކުރި ފަދައިން ކޮންޓްރެކްޓެއްގެ ބައިވެރިން އެ ކޮންޓްރެކްޓުގެ ދަށުން ކުރިއަށް އޮތްތަނުގައި އަދާކުރަންޖެހޭ އިލްތިޒާމްތަކުން ވީއްލުނު ނަމަވެސް ކޮންޓްރެކްޓުގެ ބައިވެރިން ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތަކުން ވީއްލުމުގެ ކުރިން އެ ކޮންޓްރެކްޓުގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް އުފެދިފައިވާ ހައްގުތައް ކޮންޓްރެކްޓުގެ އެއްވެސް ބައިވެރިއަކާ ވަކިވެގެން ނުދާނެއެވެ.
އާއްމުކޮށް ކޮންޓްރެކްޓެއްގައި ހުންނަ އިލްތިޒާމްތަކަކީ އެއް އިލްތިޒާމް އަނެއް އިލްތިޒާމުގެ މައްޗަށް ބިނާވެފައިވާ އިލްތިޒާމްތަކެއް ކަމަށްވީނަމަވެސް، ބައެއް ފަހަރު އެއް ކޮންޓްރެކްޓުގައި ބަޔާންވެފައި ހުންނަ އިލްތިޒާމް ތަކަކީ އެއް އިލްތިޒާމް އަނެއް އިލްތިޒާމުގެ މައްޗަށް ބިނާނުވާ މިނިވަން އިލްތިޒާމްތަކެއް ކަމުގައި ވެއެވެ. އޭގެ މާނައަކީ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ވެފައިވާ ވައުދާއެއްގޮތަށް އަމަލުނުކުރުމަކީ ތިމަންނަ އެކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމަކުން ބަރީއަވުމަށް ނުވަތަ އެކަން ނުކޮށް ދޫކޮށްލުމަށްޓަކައި ދެއްކޭނެ އުޒުރެއް ނޫނެވެ. މީގެ އަނެއްކޮޅުވެސް ބަލައިލަމާ ހިނގާށެވެ. ކޮންޓްރެކްޓެއްގެ ދަށުން އަހަރެން އަދާކުރަންޖެހޭ ކަމެއް ނުކޮށް އޮތްނަމަވެސް ކޮންޓްރެކްޓުގެ ދަށުން އަނެއް ފަރާތުން އަހުރެންނަށް އަދާކުރަންޖެހޭ ހައްގެއް ތަންފީޒުކުރުމަށް އަހަރެންނަށް ދައުވާކުރެވިދާނެއެވެ. އެ ހައްގު އަހަރެންގެ އަތުން ގެއްލިގެން ނުދާނެއެވެ.
ސަބްލީޒް އެގްރިމަންޓަށް ބެލުމުން، އެކަށީގެންވާ މިންވަރަކަށް އެއްވެސް އަގަކާއި ނުލައި ރިސޯޓުގެ ފެސިލިޓީތައް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ބޭނުންކުރެވޭނެކަމަށް ސަބްލީޒް އެގްރިމަންޓުގައި ބަޔާންކޮށްފައިވެއެވެ. އެއްވެސް އަގަކާއި ނުލައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ރިސޯޓުގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށް ސަބްލީޒް އެގްރިމަންޓުގައި ބަޔާންކޮށްފައިވާތީވެ، އެ މާއްދާގެ ދަށުން އެ ޚިދުމަތްތައް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ބޭނުންކޮށްފައިވަނީ އެކަށީގެންވާ މިންވަރަކަށްކަން ނުވަތަ ނޫންކަން ބަލަންޖެހޭ ކަމަށް ގަބޫލުކުރެވެއެވެ. އަދި އެކަށީގެންވާ މިންވަރަކީ ކޮބައިކަން ކަނޑައެޅުމުގައި ދެފަރާތުން އެ ނުކުތާއާމެދު ދެކޭ ގޮތާއި، ދެފަރާތުގެ މެދުގައި ކުރެވިފައިވާ މުއާމަލާތްތައް ބަލައި ގޮތެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ވާއިރު، ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ގަޒިއްޔާ ހިނގަމުން ދިޔައިރު، އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޚަރަދުތަކާއި ގުޅޭ ވާހަކަތައް ދައްކައި، ލިޔެކިޔުން ހުށަހަޅާފައި ވާއިރު، އެ ގަޒިއްޔާގައި އަދި އެ ގަޒިއްޔާ އިސްތިއުނާފު ކުރެވުމުން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ގަޒިއްޔާގައިވެސް އެކަންކަމުގެ މައްޗަށް ބަލައި ގޮތެއް ކަނޑައަޅާފައި ނެތުމުން، މި ކަމާބެހޭ ގޮތުން އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑުން މައްސަލައެއް ދަށުކޯޓަށް ހުށަހަޅައިފިނަމަ، ވަކި މައްސަލައެއް ގޮތުގައި އެ މައްސަލަ ދަށުކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވެފައިވާ ވިދާޅުވުމަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (މީގެ ފަހުން "އެސް.ބީ.އައި") ގެ ބަހެއް ނެތި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު (މީގެ ފަހުން "އަތަމާ މެރިން") އާއި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑު (މީގެ ފަހުން "އެޗް.އެމް ލޫލޫ") އާ ދެމެދު ވެފައިވާ ސަބްލީސް އެގްރިމެންޓު ބާޠިލު ކުރެވިދާނެތޯ ޝަރީޢަތަށް ކުރިމަތިކޮށްފައިވާ ސުވާލާ މެދު، އަހުރެންނަށް ތާއީދު ކުރެވެނީ ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރަޢުޔަށެވެ.
އެސައިންމަންޓާ ގުޅޭ ޢާންމު އުޞޫލުތަކަށް ބަލާނަމަ، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެސައިން ކުރެވޭނީ އެއްބަސްވުމުގެ ދަށުން ލިބޭ މަންފާއެވެ. އެއްބަސްވުމުގެ ދަށުން އުފެދޭ އިލްތިޒާމްތައް ތިންވަނަ ފަރާތަކަށް ބަދަލުކުރާނަމަ އެއްބަސްވުން އޭގެ ޒާތުގައި ވާނީ ނޮވޭޝަންއަކަށެވެ.
ސުވާލަކީ، ހުށަހެޅިފައިވާ މައްސަލައިގައިވާ ފަދައިން، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމެއް ބާޠިލު ކުރުމުގެ ހުއްދަ ހޯދަންޖެހޭނެކަމަށް އެސައިންމަންޓް އެގްރިމެންޓެއްގެ ދަށުން ތިންވަނަ ފަރާތަކަށް ކަނޑައެޅިފައިވާއިރު، ތިންވަނަ ފަރާތުން، އެބަހީ އެސައިނީ، ޝާމިލު ނުވާ އެއްބަސްވުމެއް ބާޠިލުކުރުމުގެ ހުއްދަ ނުދީ ހިފެހެއްޓިދާނެތޯއެވެ.
ފަނޑިޔާރު ޙުސްނުއް ސުޢޫދު ފާހަގަކުރައްވާފައިވާ ކަންކަމަށް ތާއީދު ކުރުމާއެކު، އޭގެ އިތުރުން އަންނަނިވި ކަންކަން އަހުރެން ފާހަގަކުރަމެވެ.
މި މައްސަލައިގައި، ސަބްލީސް އެގްރިމެންޓުގައިވާ ގޮތުގެ މަތިން، އެޗް.އެމް. ލޫލޫއަށް އެއްބަސްވުން ބާޠިލުކުރާކަމުގެ ނޯޓިސް އަތަމާ މެރިން އިން ފޮނުވީ 21 ޑިސެންބަރު 2016 ގައެވެ. ސަބްލީސް އެގްރިމެންޓުގެ 29 ވަނަ މާއްދާގެ ދަށުން ޓަރމިނޭޝަން ނޯޓިސް ފޮނުވާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަސް ފަހުން ދެފަރާތު ދެމެދު މައްސަލަ ޙައްލު ނުކުރެވިއްޖެނަމަ، އެގްރިމެންޓު ބާޠިލުވާނެކަމަށް ކަނޑައަޅާފައިވެއެވެ.
މި 14 (ސާދަ) ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން އެސް.ބީ.އައި އިން 3 ޖެނުއަރީ 2017 ގައި އަތަމާ މެރިންއަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީގައި އެޗް.އެމް.ލޫލޫ އާއި އަތަމާ މެރިންއާ ދެމެދު ކިހާދުއްފަރު ރިސޯޓު ސަބްލީސް ކުރުމާބެހޭ އެގްރީމެންޓު ބާޠިލު ކުރަން ނޯޓިސް އޮފް ޓަރމިނޭޝަން ފޮނުވާފައިވާތީ، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި މައްސަލަ ޙައްލުކުރުމަށްޓަކައި ބައްދަލުވުމަކަށް ދަޢުވަތު ދީފައިވެއެވެ. މި ސިޓީއާ ގުޅިގެން މައްސަލައިގެ ޚަޞްމުން އެއްވެސް ފިޔަވަޅެއް އެޅި ކަމެއް ނުވަތަ ނޫންކަމެއް ޝަރީޢަތުގައި އެފަރާތްތަކުގެ ޤާނޫނީ ވަކީލުންނަށް ބުނެދެވިފައިނުވެއެވެ.
އިސްވެ ބުނެވުނު 14 (ސާދަ) ދުވަހުގެ މުއްދަތު ފާއިތުވުމުން، ކިހާދުއްފަރު ރިސޯޓު އަތަމާ މެރިންއާ ޙަވާލުކުރުމަށާއި އަދި ސަބްލީސް އެގްރިމެންޓުގެ ދަށުން އެޗް.އެމް.ލޫލޫ އިން ދައްކަންޖެހޭ ފައިސާ ހޯދުމަށް ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާއިން 10 ޖެނުއަރީ 2017 ގައި އަތަމާ މެރިން އިން އެޗް.އެމް.ލޫލޫ ގެ މައްޗަށް ދަޢުވާކުރިއެވެ. އަދި މި މައްސަލައަށް އެސް.ބީ.އައި އިން ތަދައްޚުލުވިއެވެ.
ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާގައި ގޮތެއް ކަނޑައެޅުމުގެ ތެރޭގައި، ސަބްލީސް އެގްރިމެންޓު ބާޠިލު ކޮށްފައިވަނީ ދެފަރާތު ދެމެދު ވެވެނު ސަބްލީސް އެގްރިމެންޓާއި، އަދި އެސް.ބީ.އައި ހިމެނޭ ގޮތަށް ތިން ފަރާތު މެދު ވެވުނު އެސައިންމަންޓް އެގްރިމެންޓާ އެއްގޮތަށްތޯ ދަށު ކޯޓުގައި މައުޟޫޢީ ގޮތުން ބަލާފައިވެއެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް އެސް.ބީ.އައި އިން ފާހަގަކޮށްފައިވާ ފަދައިން، ސިވިލް ކޯޓުގައިވެސް މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އެސައިންމަންޓް އެގްރިމެންޓުގެ ދަށުން ސަބްލީސް އެގްރިމެންޓު ބާޠިލުކުރެވޭނީ އެސް.ބީ.އައި ގެ ހުއްދަ ހޯދައިގެން ކަމުން، އެ އިޖުރާއަތާ އެއްގޮތްވާގޮތުގެ މަތިން އަތަމާ މެރިންގެ ފަރާތުން ޢަމަލުކޮށްފައިނުވާތީ، ސަބްލީސް އެގްރިމެންޓާ ގުޅޭ ކަންކަން ކޯޓަށް ހުށަހަޅާއިރު އެސައިންމަންޓް އެގްރިމެންޓުގައިވާ ކަންތައްތަކަށް އަތަމާ މެރިން އިންވެސް އަދި އެޗް.އެމް ލޫލޫ އިންވެސް ހުރުމަތްތެރިކޮށް ހިތަންވާނެކަމަށެވެ.
އެސައިނީގެ ހައިސިއްޔަތުން އެސް.ބީ.އައި އިން ސަބްލީސް އެގްރިމެންޓު ބާޠިލުކުރުމަށް އިއުތިރާޒުކުރާ ސަބަބަކީ ހަމައެކަނި އެސައިންމަންޓް އެގްރިމެންޓުގައި ސަބްލީސް އެގްރިމެންޓު ބާޠިލުކުރަން އެސް.ބީ.އައި ގެ ރުހުން ހޯދަންޖެހޭކަމަށް އޮންނަ އޮތުމެވެ.
އެސައިނީއަކަށްވެސް އެސައިންމަންޓު އެގްރިމެންޓެއްގެ ދަށުން، އެހެން އެއްބަސްވުމެއް ބާޠިލުކުރުމަށް ހުއްދަ ހޯދުމުގެ ނުވަތަ ރުހުން ހޯދުމުގެ ބާރު ލިބިދެވިފައި އޮތްނަމަވެސް، އެކަމެއް އެކަށީގެންވާ ސަބަބެއް ނެތި ހިފެހެއްޓުމުގެ ބާރެއް ލލިބިދެވިފައި އޮންނާނެކަމަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ، އެފަދަ މާއްދާތައް ފަރުމާ ކުރެވިފައިވަނީ އެސައިނީގެ ޙައްޤުތައް ހިމާޔަތް ކުރަންކަމުގައިވާއިރު، އެސައިނީގެ ޙައްޤަކަށް އިތުރު އުނިކަމެއްނުލިބޭ،އެހެންނަމަވެސް އެސައިނޯރގެ ޙައްޤުތަކުގެ އިތުރުން އެހެނިހެން އެއްބަސްވުންތަކުގެ ދަށުން އުފެދޭ އިލްތިޒާމްތަކަށްވެސް ނޭދެވޭ އަސަރުކުރާ ކަންކަމުގައި އެސައިނީއަށް އެކަށީގެންވާ ސަބަބެއް ނެތި އިޢުތިރާޒުނުކުރެވޭނެއެވެ.
މި މައްސަލައިގައި، ސަބްލީސް އެގްރިމެންޓުގެ ދަށުން އެޗް.އެމް ލޫލޫ އިން ދައްކަންޖެހޭ ކުލި އެސައިނީގެ ހައިސިއްޔަތުން ޚުދު އެސް.ބީ.އައި އަށް ވެސް ނުލިބުމުގެ އިތުރުން، ސަބްލީސް އެގްރިމެންޓުގައިވާ ގޮތުގެ މަތިން އެޗް. އެމް ލޫލޫ އިން ޢަމަލު ނުކުރުމުގެ ސަބަބުން، އެސް.ބީ.އައި އާއި އަތަމާ މެރިންއާ ދެމެދު ވެފައިވާ ލޯނު އެގްރިމެންޓުގެ ދަށުން، އަތަމާ މެރިންގެ މައްޗަށް އުފެދޭ އިލްތިޒާމްތައް އިތުރުވުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. ފައިސާ ނުލިބުމުގެ ސަބަބުން ގެއްލުން ތަޙައްމަލު ކުރަންޖެހެނީ އެސް.ބީ.އައި ގެ ފަރާތުން ނަމަވެސް، އަތަމާ މެރިންގެ ފަރާތުން އެސް.ބީ.އައި އަށް ހުށަހަޅާފައިވާ އެހެނިހެން ސެކިޔުރިޓީ ހުރުމާއެކު، އެޗް.އެމް ލޫލޫ އިން ގަވާއިދުން ކުލި ނުދެއްކުމުގެ ގެއްލުން ތަޙައްމަލު ކުރަންޖެހޭ ފަރާތަކީ އަތަމާ މެރިންއެވެ.
އެސައިންމަންޓް އެގްރިމެންޓުގެ ދަށުން އެސައިނީއަށް ގަވާއިދުން ކުލި ލިބެމުން ދަނިކޮށް، ސަބްލީސް އެގްރިމެންޓުގެ އެހެން މާއްދާއަކާ ޚިލާފުވުމުގެ ސަބަބުން އަތަމާ މެރިން އިން ސަބްލީސް އެގްރިމެންޓު ބާޠިލުކުރިނަމަ، އެސް.ބީ.އައި ގެ ހުއްދަ ނުވަތަ ރުހުން ހޯދުމަށް އެސައިންމަންޓް އެގްރިމެންޓުގައި ލިޔެފައިވާ މާއްދާއާ ގުޅިގެން ނިކުންނާނެ ނަތީޖާ ތަފާތުވުން އެކަށީގެންވާކަމަށް ފާހަގަކުރަމެވެ.
އެހެންކަމުން، އެސައިންމަންޓް އެގްރިމެންޓެއްގެ ދަށުން އެސައިނީއަށް ލިބެމެން އައި މަންފާވެސް ތިންވަނަ ފަރާތުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ޙާލަތެއްގައި، އަދި އެކަމުގެ ސަބަބުން އެސައިނޯރއަށްވެސް މުޅި މުޢާމަލާތާ ގުޅިގެން އިތުރު އިލްތިޒާމްތައް އުފެދި، ނުވަތަ ނޭދެވޭ އަސަރު ކުރާ ޙާލަތުގައި، އެސައިނީއަށް އެހެން އެއްބަސްވުމެއް ބާޠިލުކުރުމުގެ ހުއްދަ ނުދީ ނުހިފެހެއްޓޭނެއެވެ. އެސައިންމަންޓް އެގްރިމެންޓުގައި ލިޔެވިފައިވާ މާއްދާތަކަކީވެސް މުޠުލަޤު ބާރުތަކެއް ދެވޭ މާއްދާތަކެއްކަމަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. އެސައިންމަންޓް އެގްރިމެންޓުގެ ދަށުން ލިބިދެވޭ ބާރުތަކަކީވެސް އެ އެގްރިމެންޓުގެ މަޤުޞަދުތަކާއި، ކޮންމެ ފަރާތަކަށް ލިބިދެވޭ ޙައްޤުތަކާއި އިލްތިޒާމްތައް އުފެދޭ މިންވަރުން، އެކަންކަމާ ގުޅުވައިގެން ލިބިދެވޭ ބާރުތަކެކެވެ.
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔުގެ 30 ވަނަ ޕެރެގްރާފުން ފެށިގެން 43 ވަނަ ޕެރެގްރާފުގައި ފާހަގަކުރައްވާފައިވާ ދެންހުރި ކަންކަމަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 208/Cv-C/2017 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި ޚިލާފަށްކަން ކަނޑައަޅާނެ ތަނެއް ނެތްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަޣްލަބިއްޔަތުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.