އިބްރާހީމް ޢާޒިމް އަދި އިތުރު 6 ފަރާތެއް ވ. ފާޠިމަތު އިބްރާހީމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/206، 2021/HC-A/207، 2021/HC-A/208
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 1577/Cv-C/2016 ގައި އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައިވާ ދެ ގޯތި އެއްކޮށް، 1261/Cv-C/2017 ގައި 2000 އަކަފޫޓުގެ އަމިއްލަ ބިން ފާޠިމަތު އިބްރާހީމަށް ވިއްކުން ޞައްޙަ ކަމަށް ކަނޑައަޅައި، 1393/Cv-C/2019 ގައި ގޯތި ދެބައިކޮށް ބިން އައްޔަންކުރިއެވެ. ހައިކޯޓުން 2021/HC-A/206، 2021/HC-A/208 އަދި 2021/HC-A/207 ގައި ތިން ޙުކުމްވެސް ދެމެހެއްޓިއެވެ.
- ވާޤިޢާ
- އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައިވާ ޖެހިޖެހިގެން ހުރި 2000 އަކަފޫޓުގެ ދެ ގޯތި (ކޮންމެ ގޯއްޗެއްގައި 1000 އަކަފޫޓު އަމިއްލަ ބިމާއި 1000 އަކަފޫޓު ބަންޑާރަ ބިން) އެއްކޮށް 4000 އަކަފޫޓުގެ ގޯއްޗަކަށް ހެދުމަށްފަހު، އޭގެ 2000 އަކަފޫޓުގެ އަމިއްލަ ބިން 200,000 ރުފިޔާއަށް ވިއްކިއެވެ. ބިމުގައިވާ އިމާރާތްތައް ވިއްކުމުގައި ނުހިމެނެއެވެ. އޭނާ ނިޔާވުމަށްފަހު ދަރިން ތިން ޙުކުމްވެސް އިސްތިއުނާފުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބިމުގައިވާ އިމާރާތްތައް ނުވިއްކައި ގޯތީގެ ބިމުން ބައެއް އެކަނި ވިއްކުމަކީ ބިމާބެހޭ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ) އިން މަނާކުރާ ބިމާއި އިމާރާތް ވަކިން ވިއްކުމަކަށްވެ ބާޠިލުވޭތޯ؛ ބާޠިލު ވިއްކުމެއްގެ މައްޗަށް ބިނާކުރި ރަޖިސްޓްރީއާއި ބިން އައްޔަންކުރުން ޞައްޙަވޭތޯ؛ އަދި އެކަކުގެ ނަމުގައިވާ ޖެހިޖެހިގެން ހުރި ދެ ގޯތި އެއްކޮށްލުމަށް ދައުލަތުގެ ހުއްދަ ބޭނުންވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ވިއްކުމަކީ ބިމާބެހޭ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ) އިން މަނާކުރާ ބިމާއި އިމާރާތް ވަކިން ވިއްކުމެއް ކަމަށާއި، ވިއްކި ބިން އޮތްތަން ނޭނގޭތީ ޣަރަރު ހިމެނޭ ކަމަށާއި، ރަޖިސްޓްރީކުރީ ބިމާބެހޭ ޤާނޫނުގެ 21ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ހައިކޯޓުން ހެކި ވަޒަން ނުކޮށް ޤާނޫނުއަސާސީގެ 42 އަދި 56ވަނަ މާއްދާއާ ޚިލާފަށް ނިންމި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޖެހިޖެހިގެން ހުރި ގޯތި އެއްކޮށްލުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމުން، ވެރިފަރާތް އަމިއްލައަށް ހުށަހަޅައި، ހުއްދަ ބޭނުންވާކަން ސާބިތުނުވާތީ އެއްކުރުން ދެމެހެއްޓިއެވެ. ބިމާބެހޭ ޤާނޫނުގެ 2ވަނަ މާއްދާއިން ބިމުގެ ހުރިހާ މުޢާމަލާތެއް އެ ޤާނޫނާ އެއްގޮތްވާން ލާޒިމުކުރެއެވެ. އިމާރާތްތައް ނުވިއްކައި ބިން ވިއްކީ ބިމާބެހޭ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17ވަނަ މާއްދާގެ (ހ) ގެ ދަށުން މުޢާމަލާތު ބާޠިލެވެ. އޭގެ މައްޗަށް ބިނާކުރި ރަޖިސްޓްރީއާއި އައްޔަންކުރުން ބާޠިލުވެ، ދެއްކި 200,000 ރުފިޔާ ތަރިކައިގެ ދަރަންޏަކަށް ވިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ 2021/HC-A/206 (ދެ ގޯތި އެއްކުރުން) ޤާއިމް؛ 2021/HC-A/208 އާއި ސިވިލް ކޯޓުގެ 1261/Cv-C/2017 (ބިން ވިއްކުން) އަދި 2021/HC-A/207 އާއި ސިވިލް ކޯޓުގެ 1393/Cv-C/2019 (ބިން އައްޔަންކުރުން) ބާޠިލު؛ ވިއްކުމުގެ މުޢާމަލާތު ބާޠިލުކޮށް، ދައްކާފައިވާ -/200,000 ރުފިޔާ އިސްމާޢީލް ޒަކަރިއްޔާގެ ތަރިކައިގެ މައްޗަށް އޮތް ދަރަންޏެއް ކަމަށް ކަނޑައެޅި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް، ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެންކަމުން، ބިމާއި ގޯތި ވިއްކުމުގެ މުޢާމަލާތުވެސް ކުރެވެންޖެހޭނީ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ.
HN2 ޖެހިޖެހިގެން ހުރި ބަންޑާރަ ގޯތިތަކާއި އަމިއްލަ ގޯތިތައް އެއްކޮށްލުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެއް މީހެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ޖެހިޖެހިގެން އޮތް ދެ ގޯތި އޭނާގެ ނަމުގައިވާކަން ކިތާބީ ލިޔުމުން ސާބިތުވެ، އެ ދެ ގޯތި އެއް ގޯއްޗެއްގެ ގޮތުގައި ހެދުމަށް ކޯޓަށް ހުށަހަޅަނީ ޚުދު އޭނާ އަމިއްލައަށް ކަމުގައިވާނަމަ، އެކަމަށް ދައުލަތުގެ އިދާރާއަކުން ހުއްދަ ހޯދަންޖެހޭ ޙާލަތެއް އޮތްކަން ސާބިތުނުކުރެވޭހާ ހިނދަކު، އެ ދެ ގޯތި އެއްކޮށްލުމުގައި ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ގޯހެއް ނުވެއެވެ.
HN3 ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. ނަމަވެސް ވަކި ގޮތަކަށް އެއްބަސްވުން އޮންނަން ޤާނޫނު ލާޒިމުކުރާނަމަ، ކޮންޓްރެކްޓް އޮންނަންވާނީ އެގޮތަކަށެވެ.
HN4 ކޮންޓްރެކްޓެއް ކުރުމަކީ ޤާނޫނު މަނާކުރާ ކަމެއް ނަމަ، ނުވަތަ އެ ކޮންޓްރެކްޓް ކުރެވިފައިވަނީ ޣައިރު ޤާނޫނީ މަޤްޞަދަކަށް ނަމަ، އެއީ ޣައިރު ޤާނޫނީ ކޮންޓްރެކްޓެކެވެ. ޣައިރު ޤާނޫނީ ކޮންޓްރެކްޓަކީ ބާޠިލު އެއްޗެކެވެ.
HN5 ބިމާބެހޭ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ) އިން މަނާކުރަނީ ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް އެ ބިމާ ވަކިން ވިއްކުމެވެ. ގޯތީގެ ބިމުގައިވާ އިމާރާތްތައް ނުވިއްކައި، އެ ބިމުން ބައެއް އެކަނި ވިއްކުމަކީ އެ މާއްދާއާ ޚިލާފު ވިއްކުމެއް ކަމުން، އެފަދަ ވިއްކުމުގެ މުޢާމަލާތަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ފަދަ ބާޠިލު މުޢާމަލާތެކެވެ.
HN6 ބާޠިލު ވިއްކުމެއްގެ މައްޗަށް ބިނާކޮށް ގޯތީގެ ނަން ބަދަލުކޮށް، ވިއްކި ފަރާތާއި ގަތް ފަރާތުގެ ނަމުގައި ބިން އަލުން ރަޖިސްޓްރީކުރުމަކީ ބާޠިލު ރަޖިސްޓްރީކުރުމެކެވެ. އަދި އެ ވިއްކުމުގެ މައްޗަށް ބިނާކޮށް ގޯތި ބައިކޮށް ބިން އައްޔަންކުރުމަކީ ޞައްޙަ މަގުން ކުރެވޭ ކަމެއް ނޫނެވެ.
HN7 ބިން ވިއްކުމުގެ މުޢާމަލާތެއް ބާޠިލު ކަމަށް ކަނޑައެޅުމުން، އެ މުޢާމަލާތު ޝަރުޢީ ހަމަތަކުގެ މަތިން ރޫޅިގެން ދެއެވެ. އެހެންކަމުން، ބިން ގަތުމަށް ގަތް ފަރާތުން ވިއްކި ފަރާތަށް ދައްކާފައިވާ އަގަކީ، ވިއްކި ފަރާތް ނިޔާވެފައިވާނަމަ، އޭނާގެ ތަރިކައިގެ މައްޗަށް އޮތް ދަރަންޏެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މަޢާޝާ ލުޠުފީ، އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ފައިޞަލް، ފައިސަލް އެންޑް ކޯ އެލް.އެލް.ޕީ
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
[2024]SC 27
2022/SC-A/61,62,63
ޝަރީޢަތް ނިމުނުގޮތް
އިބްރާހީމް ޢާޒިމް އަދި އިތުރު 6 ފަރާތެއް ވ. ފާޠިމަތު އިބްރާހީމް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއްސުޢޫދު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު
29 މެއި 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2021/HC-A/206
2021/HC-A/207
2021/HC-A/208
އިސްތިއުނާފުކުރާ ފަރާތް
1އިބްރާހީމް ޢާޒިމް، މ.ޖަވާހިރުވިލާ، ކ. މާލެ
2ޞަފީނާޒް އިސްމާޢީލް، މ. ޖަވާހިރުވިލާ، ކ.މާލެ
3މާޙު ޠަލްޢަތު، މ.ޖަވާހިރުވިލާ، ކ.މާލެ
4އިބްރާހީމް ނަބީލް، މ.ޖަވާހިރުވިލާ، ކ.މާލެ
5ޝާހް އިސްމާޢީލް، މ. ޖަވާހިރުވިލާ، ކ.މާލެ
6ޙޫރުޝީދު އިސްމާޢީލް، މ.ޖަވާހިރުވިލާ، ކ.މާލެ
7އަޙްމަދު ފިރާޤް، މ. ހަވީރީފިނި، ކ.މާލެ
ޤާނޫނީ ވަކީލު: މަޢާޝާ ލުޠުފީ، އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ
އިސްތިއުނާފު ރައްދުވާ ފަރާތް
ފާޠިމަތު އިބްރާހީމް، މ.ހަވީރީއުފާ، ކ.މާލެ
ޤާނޫނީ ވަކީލު: މުޙައްމަދު ފައިޞަލް، ފައިސަލް އެންޑް ކޯ އެލް.އެލް.ޕީ
ބިމާގުޅޭ – ބިން އެއްކުރުން – ބިން ވިއްކުން – ބިން އައްޔަން ކުރުން - ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް، ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތުކުރުން – ބިމާބެހޭ ގާނޫނު
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
އިބްރާހީމް ޢާޒިމް އަދި އިތުރު 6 ފަރާތެއް ވ. ފާޠިމަތު އިބްރާހީމް
[2024]SC 27
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ އިބްރާހީމް ޢާޒިމް އާއި ޞަފީނާޒް އިސްމާޢީލް އާއި މާޙު ޠަލްޢަތު އާއި އިބްރާހީމް ނަބީލް އާއި ޝާހް އިސްމާޢީލް އާއި ޙޫރުޝީދު އިސްމާޢީލް އާއި އަޙްމަދު ފިރާޤުގެ ( މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތްތައް") ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކިވަކީން އިސްތިއުނާފު ކޮށްފައިވާ 3 ގަޒިއްޔާ ބިނާވެފައިވަނީ އެއް ބިންތަކަކާ ގުޅޭގޮތުން ކުރެވިފައިވާ މުއާމަލާތްތަކެއްގެ މައްޗަށް ކަމުގައިވުމާއެކު، މި 3 ގަޒިއްޔާގައިވާ މައްސަލަތައް އެއްކުރެވިގެން މުޅި މައްސަލައިގައި ހިމެނޭ ހުރިހާ ކަމެއް އެކުގައި ބަލައި ފައިސަލާކުރުމަށް ސުޕްރީމް ކޯޓުގައި ހިންގުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ފާޠިމަތު އިބްރާހީމްގެ މައްޗަށެވެ.
މައްސަލައިގެ ފަސްފަހަތާއި މުހިންމު ވާގިއާތައް
2މ.ހަވީރީއުފާ، މާލެ އެވެ ކިޔާ 2000 އަކަފޫޓުގެ ގޯއްޗަކީ އިސްމާޢީލް ޒަކަރިއްޔާ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ. އެ ގޯތީގެ ބޮޑުމިނުގެ ތެރެއިން 1000 އަކަފޫޓަކީ އަމިއްލަ ބިމެވެ. އަދި ބާކީ 1000 އަކަފޫޓަކީ ބަންޑާރަ ބިމެވެ.
3މ.ހަވީރީއުފާ އެވެ ކިޔާ ގޯއްޗާއި ޖެހިގެން އޮތް މ.ހަވީރީފިނި، މާލެ އެވެ ކިޔާ 2000 އަކަފޫޓުގެ ގޯއްޗަކީވެސް އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ. އެ ގޯތީގެ ބޮޑުމިނުގެ ތެރެއިން 1000 އަކަފޫޓަކީ އަމިއްލަ ބިމެވެ. އަދި ބާކީ 1000 އަކަފޫޓަކީ ބަންޑާރަ ބިމެވެ.
4އިސްވެ ބުނެވުނު ދެ ގޯތި ކަމުގައިވާ މ. ހަވީރީއުފާ އާއި މ.ހަވީރީފިނި އެއްބިމެއްގެ ގޮތުގައި ހަމަޖައްސައިދިނުން އެދި އިސްމާޢީލް ޒަކަރިއްޔާ ސިވިލް ކޯޓަށް 1 އޮގަސްޓް 2016 ގައި މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1577/Cv-C/2016 ގަޒިއްޔާ (މީގެ ފަހުން "ސިވިލް ކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާ") އިންނެވެ.
511 އޮކްޓޯބަރ 2016 ގައި ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ، އިސްވެ ބުނެވުނު ދެ ގޯތި ރަޖިސްޓްރީ ކުރެވިފައިވަނީ އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައިކަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ 21 އޯގަސްޓް 2016 ގެ ސިޓީ އިން އެނގޭތީ މި ދެ ގޯތީގެ ބިން އެއްކޮށްލައި، ބިމުގެ 2000 އަކަފޫޓުގެ އަމިއްލަ ބިމާއި އަނެއް 2000 އަކަފޫޓުގެ ބަންޑާރަ ބިން ހިމެނޭހެން އެކުޖުމްލަ 4000 އަކަފޫޓުގެ ބިމެއްގެ ގޮތުގައި ހަމަޖައްސައި، އެ ތަނުގައި ހުރި އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދާ އިސްމާއީލް ޒަކަރިއްޔާއަށް މިލްކުވެގެން ވާކަމަށް ކަނޑައަޅައެވެ.
6އިސްވެބުނެވުނު 4000 އަކަފޫޓުގެ ގޯތި 20 ޑިސެމްބަރު 2016 ގައި ރަޖިސްޓްރީ ކުރެވުނީ "ހަވީރީފިނި" މި ނަމުގައެވެ. އޭގެ ފަހުން، މިނަން "ފަތިހު ދޯދި" އަށް ބަދަލު ކޮށްދިނުމަށް އެދި އިސްމާޢީލް ޒަކަރިއްޔާ ހުށަހެޅުމުން 20 ފެބުރުވަރީ 2017 ގައި އައު ރަޖިސްޓްރީ އެއް ހަދައިދީފައިވެއެވެ.
7އޭގެ 2 މަސްދުވަސް ފަހުން 23 އޭޕްރީލް 2017 ގައި، އިސްމާއީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މ. ފަތިހު ދޯދި ގައި ހިމެނޭ 2000 އަކަފޫޓުގެ އަމިއްލަ ބިން -/200,000 ރުފިޔާއަށް ފާޠިމަތު އިބްރާހީމް އަށް ވިއްކުމަށް އިސްމާއީލް ޒަކަރިއްޔާ އާއި ފާޠިމަތު އިބްރާހީމްއާ ދެމެދު އެއްބަސްވެ، ގަނެވިއްކުމުގެ އަގުދު ފުރިހަމަވެފައި ވާކަން ކަނޑައަޅައިދިނުން އެދި އިސްމާޢީލް ޒަކަރިއްޔާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1261/Cv-C/2017 ގަޒިއްޔާ (މީގެ ފަހުން "ސިވިލް ކޯޓުގެ ބިން ވިއްކުމުގެ ގަޒިއްޔާ") އިންނެވެ.
8ސިވިލް ކޯޓުން 27 ޑިސެންބަރު 2017 ގައި ނިންމި ސިވިލް ކޯޓުގެ ބިން ވިއްކުމުގެ ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވަނީ މ. ފަތިހު ދޯދި ގައި ހިމެނޭ 2000 އަކަފޫޓުގެ އަމިއްލަ ބިން -/200,000 ރުފިޔާގެ އަގަށް ފާޠިމަތު އިބްރާހީމް އަށް ވިއްކުމުން، މި އަގަށް ފާޠިމަތު އިބްރާހީމް އެ ގޯތި ގަނެ، މި ވިޔަފާރީގެ އީޖާބާއި ގަބޫލު ޝަރިއަތުގެ މަޖިލީހުގައި ހިނގާ ނިމި، ވިޔަފާރި އަގުދުކޮށް، މި ވިޔަފާރި ސައްހަކަމަށާއި، މި ވިޔަފާރީގެ ސަބަބުން މ. ފަތިހު ދޯދި ގައި ހިމެނޭ އަމިއްލަކޮށްފައިވާ 2000 އަކަފޫޓުގެ ބިމުގެ މިލްކުވެރި ފަރާތަކީ މ. ހަވީރީއުފާ، މާލެ ފާޠިމަތު އިބްރާހީމް ކަމަށް ކަނޑައަޅާކަމަށެވެ.
9އޭގެ ފަހުން، 4000 އަކަފޫޓުގެ "ފަތިހު ދޯދި" ގެ ނަން "ހަވީރީފިނި" އަށް އަލުން ބަދަލުކޮށް އެ ބިމުގެ މިލްކުވެރިންނަކީ ފާޠިމަތު އިބްރާހީމް އާއި އިސްމާޢީލް ޒަކަރިއްޔާކަމަށް ބަޔާންކޮށް 15 މާރިޗް 2018 ގައި ރަޖިސްޓްރީ ހައްދާދީފައިވެއެވެ.
10މި 4000 އަކަފޫޓުގެ ބިމުން ފާޠިމަތު އިބްރާހީމް އަށް ވިއްކި 2000 އަކަފޫޓުގެ ބިން ވަކިކޮށް އައްޔަންކުރަން އެދި 23 މާރިޗް 2019 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1393/Cv-C/2019 ގަޒިއްޔާ (މީގެ ފަހުން "ސިވިލް ކޯޓުގެ ބިން އައްޔަން ކުރުމުގެ ގަޒިއްޔާ") އިންނެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ މުރަނގަމަގުން ދެބަޔަށް ވަދެވޭގޮތަށް ގޯތީގެ އުތުރުން ދެކުނަށް ދަމާލެވޭ ރޮނގަކުން ހަމައަށް ދެބައިކޮށް ހުޅަނގު ފަރާތަށް އޮތް 2000 އަކަފޫޓުގެ ބިމަކީ އަމިއްލަ ބިން ކަމަށް ހަދައި އެ ބައި ފާޠިމަތު އިބްރާހީމްއަށް ހަމަޖައްސައި، އިރުމަތީ ފަރާތުގައި އޮތް 2000 އަކަފޫޓުގެ ބިމަކީ ބަންޑާރަ ބިން ކަމަށް ހަދައި އެ ބައި އިސްމާޢީލް ޒަކަރިއްޔާ އަށް ހަމަޖައްސައި އެ މީހަކަށް ހަމަޖެހުނު ބިމުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދައު އެއްވެސް އަގުމަގުކޮށް ބަދަލު ހަމަޖެއްސުމެއް ނެތި އެ މީހަކަށް އެ މިލްކުވެގެން ވާކަމަށެވެ.
1114 ސެޕްޓެމްބަރު 2020 ވަނަ ދުވަހު އިސްމާޢީލް ޒަކަރިއްޔާ ނިޔާވިއެވެ. އަދި އޭގެ ފަހުން އިސްވެ ބުނެވުނު ސިވިލް ކޯޓުގެ ގަޒިއްޔާތައް އިސްމާޢީލް ޒަކަރިއްޔާގެ ދަރިންގެ ތެރެއިން އިބްރާހީމް ޢާޒިމާއި، ސަފީނާޒް އިސްމާޢީލް އާއި މާޙު ޠަލްޢަތު އާއި އިބްރާހީމް ނަބީލް އާއި މާދިހް އިސްމާޢީލް އާއި ޝާޙް އިސްމާޢީލް އާއި ޙޫރުޝީދު އިސްމާޢީލް އާއި އަޙްމަދު ފިރާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
12ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު އިސްވެދެންނެވުނު ސިވިލް ކޯޓުގެ ގަޒިއްޔާތަކުގެ ތެރެއިން ސިވިލް ކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާއާއި ސިވިލް ކޯޓުގެ ބިންވިއްކުމުގެ ގަޒިއްޔާގެ އިސްތިއުނާފު ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން އިސްތިއުނާފު ކުރާ ފަރާތްތަކުން އެ ނިންމުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ މި ދެ ގަޒިއްޔާވެސް އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ ކަމުގައެވެ.
ހައިކޯޓު މަރުހަލާ
ސިވިލް ކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުން
13ސިވިލް ކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާ އިސްތިއުނާފު ކުރަމުން އިސްތިއުނާފު ކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ ހުށަހެޅޭ ދައުވާގެ ސީޣާގައި ނުހިމެނޭ ކަމެއް ހުކުމުގައި ހިމަނާނަމަ އެގޮތަށް ހިމެނި ސަބަބެއް ނުވަތަ މަސްލަހަތެއް ބަޔާންކުރަން ޖެހޭ އުސޫލާއި ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ކަމަށާއި، ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު ގައިވާ އިޖުރާއަތުތަކަށް ރިއާޔަތް ނުކުރާކަމަށެވެ. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021/HC-A/206 ގަޒިއްޔާ (މީގެ ފަހުން، "ހައިކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާ") އިންނެވެ.
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާގައި ނިންމާފައިވަނީ މި މައްސަލައިގެ ސީޣާގައި، މައްސަލައިގައި ހިމެނޭ ގޯތިތަކާ މެދު އިސްމާޢީލް ޒަކަރިއްޔާ ބަޔާންކޮށްފައިވަނީ ހަގީގަތް ކަން ލިޔެކިޔުމުން ޝަރީއަތަށް ސާބިތުވާކަމަށާއި، މިކަންތަކާމެދު މި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައި ނުވާކަމަށާއި، އެހެން ކަމުން ސިވިލް ކޯޓުގެ ހުކުމްގައި ނިޔާ ކަނޑައެޅުމުގައި އަމަލުކުރާ އާންމު އުސޫލުން ބޭރުން ނުވަތަ ޤާނޫނީ އުސޫލުތަކުން ބޭރުން ކަމެއް ހިމަނާފައި ނުވާކަމަށެވެ.
15ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދުގައި ވާ އިޖުރާއަތުތަކަށް ސިވިލް ކޯޓުގެ ނިންމުމުގައި ރިއާޔަތް ނުކުރާކަމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅޭގޮތުން ހައިކޯޓުން ބުނެފައިވަނީ، މި މައްސަލައަކީ އެކަކުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ، ޖެހިޖެހިގެން އޮތް ދެ ބިން އެއްކޮށްލުމުގެ މައްސަލައެއް ކަމަށާއި އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާއިދުގެ މާއްދާތަކަކީ މައްސަލައިގައި ހިމެނޭ މުޢާމަލާތުގެ މައްޗަށް ތަތުބީގުކުރެވިދާނެ ރަނގަޅު އަސާސްތަކެއް ނޫންކަމަށާއި، އަދި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ މިފަދަ މުއާމަލާތްތަކުގައި އަމަލުކުރާ އިޖުރާއަތުތަކަށް ރިއާޔަތްކުރުމެއް ނެތިކަމަށް ބެލެވެން ނެތްކަމަށެވެ.
16ހައިކޯޓުން އިތުރަށް ފާހަގަކޮށްފައިވަނީ އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި އޮތް ދެ ގޯތި އެއްކޮށްލުމުގައި އޭނާގެ ދަރިންނަށް ގެއްލޭނެ މަންފާއެއް ނުވަތަ އެ ދަރިންގެ ހައްގުގައި ހިމާޔަތްކުރަންޖެހޭނެ ކަމެއް އޮތްކަމަށް ނުފެންނަ ކަމަށާއި، އެ ދެ ގޯތި އެއްކޮށްލުމުގައި އިސްމާޢީލް ޒަކަރިއްޔާގެ ދަރިންގެ ރުހުން އޮތުމާ ނެތުމަކީ އެ މުޢާމަލާތް ސައްޙަވުމަށް ޤާނޫނީ ނުވަތަ ޝަރުޢީގޮތުންވެސް ހުރަސްއެޅޭ ސަބަބެއް ނޫންކަމަށެވެ.
17މި ކަންތަކަށް ރިޢާޔަތްކޮށް ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ސިވިލް ކޯޓުގެ ބިން ވިއްކުމުގެ ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުން
18ސިވިލް ކޯޓުގެ ބިން ވިއްކުމުގެ ގަޒިއްޔާ އިސްތިއުނާފު ކުރަމުން އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވަނީ ސިވިލް ކޯޓުން ބެލި ގަޒިއްޔާއިން ހިނގާފައިވާ ގަނެވިއްކުމުގެ މުއާމަލާތަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ މ.19 (ހ) އިން މަނާކޮށްފައިވާ ފަދަ ބިމާއި އިމާރާތް ވަކިން ވިއްކުމުގެ ސައްހަ ނޫން މުއާމަލާތެއް ކަމަށާއި، އަދި މި މައްސަލައިގައި އަމިއްލަ ބަންޑާރަ ގޯއްޗެއްގައި އޮތް އަމިއްލަ ބިން ވިއްކާފައިވާއިރު މުޅި ގޯތިން އަމިއްލަ ބިމަކީ ކޮބައިކަން އެނގެން ނެތުމުން ވިއްކި ބިން އޮތްތަނާމެދު ސުވާލު އުފެދޭކަމަށެވެ. އަދި އެހެންކަމުން އެ މުއާމަލާތަކީ "ވަންހަނާކަމެއް" ހިމެނޭ ބާތިލު މުއާމަލާތެއް ކަމަށެވެ. އަދި އޭގެ އިތުރަށް ޖެހިޖެހިގެން އޮންނަ އަމިއްލަ ބަންޑާރަ 2 ބިމެއް އެއްކޮށްލުމަށް ހުށަހަޅާ މައްސަލައެއްގެ ތެރެއިން، މައްސަލަ ހުށަހަޅާ ފަރާތުން ނޭދެނީސް އަދި ކަމާބެހޭ ފަރާތަކުވެސް ކަނޑަނާޅަނީސް، ކޯޓުގެ އިސް ނެގުމަކަށް އެ ބިންތަކުގެ އަސްލާއި ބާވަތަށް ބަދަލު ގެނައުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021/HC-A/208 ގަޒިއްޔާ (މީގެ ފަހުން، "ހައިކޯޓުގެ ބިންވިއްކުމުގެ ގަޒިއްޔާ") އިންނެވެ.
19ދިވެހިރާއްޖޭގެ ހައިކޯޓުގެ ބިންވިއްކުމުގެ ގަޒިއްޔާގައި ނިންމާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އޮތް ގޮތުން އާންމު އިފްތިރާޟަކީ ބިމާ އިމާރާތް ވަކިނުވުން ކަމަށާއި، ވިއްކާ ބިމުގައި ހުރި އިމާރާތާއި ރުއްގަސް އަގު މަގުކޮށް އެ ތަކެތި ބިން ގަނެވިއްކުމުގެ މުއާމަލާތުގައި ހިމެނޭތޯ ބެލުމަކީ ޝަރިއަތަށް ލާޒިމު ކަމަކަށް ނުވާތީ ގަނެވިއްކަން އެދި ހުށަހެޅި ފޯމުގައި ބިމުގައިހުރި އިމާރާތުގެ އަގެއް ހިމެނިފައި ނުވުމުން ބިމާ އިމާރާތް ވަކިން ވިއްކީ ކަމުގައި ނުބެލެވޭނެކަމަށެވެ.
20މި މުއާމަލާތުގައި "ވަންހަނާކަމެއް" ހިނެމޭކަމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރި ނުކުތާއާއި ގުޅިގެން ހައިކޯޓުން ބުނެފައިވަނީ މައްސަލައިގައި ހިމެނޭ ދެ ގޯތި ކަމުގައިވާ މ. ހަވީރީ ފިނި އާއި މ. ހަވީރީއުފާ އަކީ މާލޭ ދެކުނު ފަރާތުން ބިން ހިއްކުމުގެ ސަބަބުން ހިއްކި ފަރާތަށް އެ ހިއްކި ބިމުގެ ދެބައިކުޅަ އެއްބައި އަމިއްލަ ވާގޮތަށް އަދި އަނެއްބައި ބަންޑާރަބިމުގެ ގޮތުގައި ހަވާލު ކުރެވިފައިވާ އިންވެގެން އޮތް ދެ ބިން ކަމަށެވެ. އަދި އެންމެ ފުރަތަމަ ބިން ހަވާލުވީވެސް އަމިއްލަ ބިމާއި ބަންޑާރަ ބިން ވަކިވާ ގޮތަށް ނޫންކަމަށެވެ. އަދި މިގޮތަށް ހުންނަ ބަންޑާރަ އަމިއްލަ ގޯތީގައި ހުންނަ އަމިއްލަ ގޯތި އައްޔަނު ކުރުމުގައި އަމަލުކުރާ ވަކި އުސޫލެއް ނުވަތަ ގަވައިދެއްވެސް ނެތްކަމަށާއި ބިމުގެ ވެރިފަރާތުން ހުށަހަޅާ ޗާޓަކާ އެއްގޮތަށް އަމިއްލަ ބިން އައްޔަނު ކުރެވެމުން ދާތީ މި މުއާމަލާތުގައި ހިމެނޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ވަންހަނާކަމަކީ މުއާމަލާތުގެ ބައިވެރިންނަށް ފަހުން ރަގަޅުކުރެވިދާނެފަދަ ވަންހަނާކަމެއް ކަމަށާއި، އޭގެ ސަބަބުން މި މުޢާމަލާތު ބާތިލުކުރަން ޖެހޭކަމުގައި ނުފެންނަ ކަމަށެވެ.
21މި ސަބަބުތަކަށް ރިއާޔަތްކޮށް ހައިކޯޓުން ނިންމީ ސިވިލް ކޯޓުގެ ބިންވިއްކުމުގެ ގަޒިއްޔާގައި ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ސިވިލް ކޯޓުގެ ބިން އައްޔަންކުރުމުގެ ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުން
22ސިވިލް ކޯޓުގެ ނަންބަރު 1393/Cv-C/2019 ގަޒިއްޔާ (ސިވިލް ކޯޓުގެ ބިން އައްޔަންކުރުމުގެ ގަޒިއްޔާ) އިސްތިއުނާފު ކުރަމުން އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވަނީ ސިވިލް ކޯޓުގެ ބިންވިއްކުމުގެ ގަޒިއްޔާގެ ދަށުން މ.ފަތިހު ދޯދި ގައިވާ އަމިއްލަ ބިން ފާތިމަތު އިބްރާހީމަށް ވިއްކާލިކަމަށް ކަނޑައެޅުމަށްފަހު، އެބިމުގެ ނަން "މ.ހަވީރީފިނި" މި ނަމަށް ބަދަލުކޮށް، އެ ބިން އިސްމާޢީލް ޒަކަރިއްޔާ އާއި ފާޠިމަތު އިބްރާހީމްގެ ނަމުގައި އަލުން ރަޖިސްޓްރީކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި އެ ގަޒިއްޔާގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 1393/Cv-C/2019 ގަޒިއްޔާއިން "މ.ހަވީރީފިނި" އަލުން ބައިކޮށް އައްޔަން ކޮށްފައިވަނީ ޤާނޫނާއި އަދި މިފަދަ މުއާމާލާތްތަކުގައި އަމަލުކުރާ އުސޫލާއި ހިލާފަށް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 1393/Cv-C/2019 ގަޒިއްޔާއިން ކޮށްފައިވާ ހުކުމް ބިނާކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ގަޒިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 1261/Cv-C/2017 ގަޒިއްޔާއިން ކަނޑައަޅާފައިވާ ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ކަމަށެވެ. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021/HC-A/207 ގަޒިއްޔާ (މީގެ ފަހުން، "ހައިކޯޓުގެ ބިން އައްޔަންކުރުމުގެ ގަޒިއްޔާ") އިންނެވެ.
23މި އިސްތިއުނާފާމެދު ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ދެ ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ބެލި ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާ އާއި ހައިކޯޓުގެ ބިންވިއްކުމުގެ ގަޒިއްޔާއިން ސިވިލް ކޯޓުގެ އެ ދެ ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވާތީ، އަދި ބިން ބައިކުރުމުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާކަން ފާހަގަ ކުރެވިފައިނުވާތީ، ސިވިލް ކޯޓުގެ ބިން އައްޔަން ކުރުމުގެ ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު
24ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ތިން ގަޒިއްޔާ ކަމުގައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/206 ގަޒިއްޔާ އާއި، ނަންބަރު 2021/HC-A/207 ގަޒިއްޔާ އާއި ނަންބަރު 2021/HC-A/208 ގަޒިއްޔާއާ ގުޅިގެން މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އެކެއްގެ ނަމުގައިވާ ޖެހިޖެހިގެން އޮތް ގޯއްޗަކާ ގުޅިގެން ހިނގާފައިވާ މުއާމަލާތުތަކެއްގެ މައްޗަށް ކަމަށްވާތީވެ، އިސްތިއުނާފު ކޮށްފައިވާ ނުކުތާ ތަކުގެ މައްޗަށް ބަލައި މި ރައުޔުގެ އޮނިގަނޑު ރާވާލައި މައްސަލަ ނިންމުމާމެދު އަހުރެންނަށް ފެންނަ ގޮތް ބަޔާންކޮށްފައިވަނީ އެ ދެ ގޯތީގެ މައްޗަށް ކުރެވިފައިވާ ވަކިވަކި މުއާމަލާތްތަކުގެ މައުލޫތަކުގެ ދަށުގައެވެ. އެގޮތުން މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި މި ރައުޔު ބެހިފައިވާ ބައިތަކަކީ؛ (1) ދެ ގޯތި އެއްކޮށްލުން، (2) ވިއްކުމުގެ މުއާމަލާތު، އަދި (3) ބިން އައްޔަން ކުރުން - މި ބައިތަކެވެ.
ހައިކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާ އިސްތިއުނާފު ކުރުން
25ހައިކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާ (ނަންބަރު 2021/HC-A/206) އިސްތިއުނާފު ކުރުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/206 ގަޒިއްޔާގެ ހުކުމްކޮށްފައިވަނީ އިސްތިއުނާފީ ނުކުތާތަކުގެ ހުދޫދުގެ ތެރެއިން ނޫންކަމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފީ ނުކުތާތައް ސާބިތުކުރުމަށް ޝަރިއަތަށް ހުށަހެޅި ގިނަ ހެކިތަކަކީ ކޮބައިކަން އެ ހުކުމްގައި ބަޔާން ކޮށްފައި ނުވާކަމަށެވެ. އަދި އެ ހެކިތައް ވަޒަން ނުކޮށް ޙުކުމަށް ވާސިލުވެފައިވަނީ ޤާނޫނުއަސާސީގެ މ.42 ގެ ދަށުން ލިބޭ އަދުލުވެރިކަމާ ހާމަކަމާއެކު ޝަރިއަތް ކުރުމުގެ ހައްޤާއި ޤާނޫނުއަސާސީގެ މ.56 އިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފީ ހައްޤުތަކަށް އުނިކަން އަންނަ ގޮތަށްކަމަށެވެ.
ހައިކޯޓުގެ ބިން ވިއްކުމުގެ ގަޒިއްޔާ އިސްތިއުނާފު ކުރުން
26ހައިކޯޓުގެ ބިންވިއްކުމުގެ ގަޒިއްޔާ (ނަންބަރު 2021/HC-A/208) އިސްތިއުނާފުކޮށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައިވެސް އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފީ ނުކުތާތަކުގައި ސާބިތުކުރުމަށް ޝަރިއަތަށް ހުށަހެޅި ގިނަ ހެކިތަކަކީ ކޮބައިކަން އެ ހުކުމްގައި ބަޔާން ކޮށްފައި ނެތް ކަމަށާއި، އެ ހެކިތައް ވަޒަން ނުކޮށް ޙުކުމަށް ވާސިލުވެފައިވަނީ ޤާނޫނުއަސާސީގެ މ.42 އާއި މ.56 އިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފީ ހައްޤުތަކަށް އުނިކަން އަންނަ ގޮތަށްކަމަށެވެ.
27އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި އިތުރަށް ފާހަގަކޮށްފައިވަނީ މުޢާމަލާތަކުން ގަސްތުކުރެވޭ ކަމެއްގައި ވަންހަނާކަމެއް (ޣަރަރެއް) ހިމެނޭ ކޮންމެ މުއާމަލާތެއް ވާނީ ބާތިލު މުއާމަލާތަކަށް ކަމަށް ބަޔާންކުރާ ގާއިދާ ހައިކޯޓުން ތަތުބީގުކޮށްފައި ނުވަނީ ޤާނޫނުއަސާސީގެ މ.274 ގައި އިސްލާމީ ޝަރިއަތަށް ދީފައިވާ މާނަކުރުމަށް ރިޢާޔަތްކުރާއިރު، ޤާނޫނުއަސާސީގެ މ.142 ގައި ފަނޑިޔާރުން އިސްލާމީ ޝަރިއަތަށް ރިޢާޔަތްކުރަން ވާނެކަމަށް އޮންނަ ދުސްތޫރީ އުސޫލާ ހިލާފަށްކަމަށެވެ. އަދި އެފަދަ ވަންހަނާކަމެއްގެ ސަބަބުން މުޅި މުއާމަލާތް ބާތިލުވުމުގެ ބަދަލުގައި އެއީ މުއާމަލާތުގެ ބައިވެރިން ބޭނުންވާނަމަ މުއާމަލާތް ބާތިލުކުރެވިދާނެ ވަންހަނާކަމެއްކަމަށް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ މ.19 އާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ މ.2 އާ ޚިލާފަށްކަމަށެވެ.
28އަދި ސިވިލް ކޯޓަށް ހުށަހެޅި ފޯމުގައި ބިމުގައި ހުރި އިމާރާތުގެ އަގެއް ހިމެނިފައިނުވުމަކީ ބިމާ އިމާރާތް ވަކިން ވިއްކީ ކަމުގައި ބަލައި، އެއީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ މ.19 އާއި ހިލާފު މުއާމަލާތެއްކަމުގައި ބެލެވިދާނެކަމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ހުދޫދުގެ ތެރެއިން ނޫން ކަމަށެވެ. އަދި ބިމާބެހޭ ޤާނޫނުގެ މ.19 ގެ ސަރީހަ އިބާރާތުން މަނާކުރަނީ ބިމާ ނުލައި އިމާރާތް ވިއްކުން ކަމަށް ކަނޑައަޅާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ މ.4 އާއި މ.6 އާއި މ.17 އާ ޚިލާފަށް ކަމަށެވެ. އަދި ހަމައެހެންމެ ބިމާބެހޭ ޤާނޫނު އޮތް ގޮތުން ޢާންމު އިފްތިރާޟަކީ ބިމާ އިމާރާތާއި ވަކިނުވުން ކަމަށް ކަނޑައަޅުއްވާފައިވަނީ ވެސް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ މ.4 އާއި މ.6 ގެ އިތުރަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ މ.19 އާ ޚިލާފަށް ކަމަށެވެ.
ހައިކޯޓުގެ ބިން އައްޔަން ކުރުމުގެ ގަޒިއްޔާ އިސްތިއުނާފު ކުރުން
29ހައިކޯޓުގެ ބިން އައްޔަން ކުރުމުގެ ގަޒިއްޔާ (ނަންބަރު 2021/HC-A/207) އިސްތިއުނާފު ކުރުމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުގައި ބުނެފައިވަނީ، ސިވިލް ކޯޓުން ހުކުމްކުރުމުގައި ޤާނޫނީ ގޮތުން ހަދާފައިވާ ގޯހަކީ ކޮބައިކަން ބުނެދެވިފައި އޮތްކަމަށް ނުދެކޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ މ.56 އާއި މ.69 އާ ޚިލާފަށް ކަމަށެވެ. އަދި މ.ހަވީރީފިނި ރަޖިސްޓަރީ ކޮށްފައިވަނީ ބިމާބެހޭ ޤާނޫނުގެ މ.21 އާ ޚިލާފަށް ކަމަށާއި، އެހެންކަމުން އެފަދައިން ކޮށްފައިވާ ރަޖިސްޓްރީއެއްގެ މައްޗަށް ބިނާކޮށް، "ބިން ބައިކުރުމަށް" ހުށަހެޅޭ ޢާންމު މައްސަލަތަކެކޭ އެއްފަދައިން ސިވިލް ކޯޓުގެ ގަޒިއްޔާއިން ހުކުމް ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ހުށަހެޅިނަމަވެސް، ސިވިލް ކޯޓުން ހަދާފައިވާ ގޯހަކީ ކޮބައިކަން އިސްތިއުނާފުގައި ބުނެދެވިފައި ނުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ މ.21 އާއި އެ ޤާނޫނުގެ މަޤްސަދާ ޚިލާފަށްކަމަށެވެ.
30މި އިސްތިއުނާފުގައިވެސް އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފީ ނުކުތާތައް ސާބިތުކުރުމަށް ޝަރިއަތަށް ހުށަހެޅި ގިނަ ހެކިތަކަކީ ކޮބައިކަން އެ ހުކުމްގައި ބަޔާން ކޮށްފައި ނުވާކަމަށާއި، އެ ހެކިތައް ވަޒަން ނުކޮށް ޙުކުމަށް ވާސިލުވެފައިވަނީ ޤާނޫނުއަސާސީގެ މ.42 އާއި މ.56 އިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފީ ހައްޤުތަކަށް އުނިކަން އަންނަ ގޮތަށްކަމަށެވެ.
ދެ ގޯއްޗެއް އެއްކޮށްލުން
31HN1ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް، ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
32HN2އެކިއެކި މީހުންނަށް ދައުލަތުން ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި މީސްމީހުންގެ އަމިއްލަ ގޯތިތައް، އެ ގޯތިތަކަކީ ޖެހިޖެހިގެން ހުރި ގޯތިތަކެއް ކަމަށްވާނަމަ، އެއްކޮށްލުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ބައެއް ގޯތިތައް އެއްކޮށްލަން ކޯޓަށް ހުށަހެޅުމުން، އެ ގޯތިތައް އެއްކޮށްލަން ހުށަހަޅާ މަގުބޫލު ސަބަބެއް އޮތްތޯ ކޯޓުން ސާފުކޮށްފައިވެއެވެ. އެއްވެސް އިރަކު ގޯތިތަކެއް އެއްކޮށްލުމަށް ދައުލަތުގެ ބިމާބެހޭ އިދާރާއިން އިއުތިރާޒުކޮށްފައި ނެތެވެ. ދެ ގޯތި އެއް ގޯއްޗަކަށް ހެދުމަށް ގިނަ ފަހަރަށް ކޯޓަށް ހުށަހަޅަނީ ގޯތި އަލުން ބައިކުރުމަށް ނުވަތަ ދެ ގޯތި އެއްކޮށްގެން ބޮޑު ގޯއްޗެއްގައި އެއްމެދު އިމާރާތެއް ދެ ފަރާތް ހިއްސާވެގެން ހެދުމަށެވެ.
33ސިވިލް ކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާ (ނަންބަރު 1577/Cv-C/2016 ގަޒިއްޔާ) ގައި އެއްކޮށްލެވުނު ދެ ގޯއްޗަކީ އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ދެ ގޯތި (މ. ހަވީރީއުފާ އާއި މ.ހަވީރީފިނި) ކަމުގައި ސާބިތުވާ ކިތާބީ ލިޔުން ހުރެފައި، އަދި އެ ދެ ގޯތި އެއް ގޯއްޗެއްގެ ގޮތުގައި ހެދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅީ ޚުދު އޭނާ އަމިއްލައަށް ކަމުގައިވާތީ އާއި، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ޖެހިޖެހިގެން އޮތް ދެ ގޯއްޗެއް އެއްކޮށްލުމަށް ދައުލަތުގެ އިދާރާއަކުން ހުއްދަ ހޯދަންޖެހޭ ހާލަތެއް އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކަށް ޝަރިއަތަށް ސާބިތުކޮށްދެވިފައި ނުވާތީ، ސިވިލް ކޯޓުގެ ދެ ގޯތި އެއްކުރުމުގެ ގަޒިއްޔާ އާއި އެ ގަޒިއްޔާ އިސްތިއުނާފުކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ގޯތި އެއްކުރުމުގެ އެ ގަޒިއްޔާ (ނަންބަރު 2021/HC-A/206) ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމުގައި ގާނޫނު ތަތުބީގު ކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ހެދިފައި އޮތް އެއްވެސް ގޯހެއް ނެތުމުން، އެ ދެ ގަޒިއްޔާގައި އެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ދަމަހައްޓަންޖެހޭކަމަށް ދެކެމެވެ.
ގޯތިން ބައެއް ވިއްކާލުން
34ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ "ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުއާމަލާތު ކުރަންވާނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށެވެ. މި ގޮތަށް ގާނޫނުގެ މި މާއްދާގައި، ބިމާއި ގޯއްޗާބެހޭ އެންމެހައި މުއާމަލާތު ކުރަންވާނީ، ބިމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ބަޔާންކޮށްފައި އޮތުމުން، ބިމާއި ގޯތި ވިއްކުމުގެ މުއާމަލާތުވެސް ކުރެވެންޖެހޭނީ ބިމާބެހޭ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށްކަން އެނގެއެވެ.
35HN3ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށެވެ. އޭގެ މާނައަކީ ވަކި ގޮތަކަށް އެއްބަސްވުން އޮންނަން ގާނޫނު ލާޒިމުކުރާނަމަ، ކޮންޓްރެކްޓް އޮންނަންވާނީ އެގޮތަކަށް ކަމެވެ.
36HN4ކޮންޓްރެކްޓާބެހޭ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެފަދަ ކޮންޓްރެކްޓެއް ކުރުމަކީ ގާނޫނު މަނާކުރާ ކަމެއް ނަމަ، ނުވަތަ އެކޮންޓްރެކްޓް ކުރެވިފައިވަނީ ޣައިރު ގާނޫނީ މަގްސަދަކަށް ނަމަ އެ ކޮންޓްރެކްޓަކީ ޣައިރު ގާނޫނީ ކޮންޓްރެކްޓެއް ކަމަށެވެ. ކޮންޓްރެކްޓާބެހޭ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޣައިރު ގާނޫނީ ކޮންޓްރެކްޓަކީ ބާތިލު އެއްޗެއް ކަމަށެވެ.
37HN5ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް، އެ ބިމާ ވަތްކަކުން ނުވިއްކޭނެ ކަމަށެވެ.
38އިސްމާއީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "މ. ފަތިހު ދޯދި" ގައި ހިމެނޭ 4000 އަކަފޫޓުގެ ބިމުގެ ތެރެއިން 2000 އަކަފޫޓުގެ އަމިއްލަ ބިން -/200,000 ރުފިޔާއަށް ފާޠިމަތު އިބްރާހީމް އަށް ވިއްކުމަށް އިސްމާޢީލް ޒަކަރިއްޔާ އާއި ފާޠިމަތު އިބްރާހީމްއާ ދެމެދު އެއްބަސްވެ ގަނެވިއްކުމުގެ އަގުދު ފުރިހަމަވެފައި ވާކަން ކަނޑައަޅައިދިނުން އެދި 23 އޭޕްރީލް 2017 ގައި އިސްމާޢީލް ޒަކަރިއްޔާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1261/Cv-C/2017 ގަޒިއްޔާއިންނެވެ.
39ސިވިލް ކޯޓުގެ ނަންބަރު 1261/Cv-C/2017 ގަޒިއްޔާގެ ހުކުމުގައި ލިޔެފައިވަނީ އަންނަނިވި ގޮތަށެވެ.
"ދެންފަހެ، މ. ހަވީރީފިނި / މާލެ، އިސްމާއީލް ޒަކަރިއްޔާ (އައިޑީކާޑް ނަންބަރު A035876 ) ގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މ. ފަތިހު ދޯދި އެވެ ކިޔާ (ރަޖިސްޓަރީ ނަންބަރު ބ.18733 ) 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގައި ހިމެނޭ އަމިއްލަކޮށްފައިވާ 2000 (ދެހާސް) އަކަފޫޓުގެ ބިން -/200,000ރ. (ދެލައްކަ ރުފިޔާ) ގެ އަގަށް، މ. ހަވީރީއުފާ / މާލެ ފާޠިމަތު އިބްރާހީމް (އައިޑީކާޑް ނަންބަރު A057709 ) އަށް ވިއްކުމުން، މި އަގަށް ފާޠިމަތު އިބްރާހީމް ގަނެ، މި ވިޔަފާރީގެ އީޖާބާއި ގަބޫލު ޝަރިއަތުގެ މަޖިލީހުގައި ހިނގާ ނިމި، ވިޔަފާރި އަގުދުކޮށް، މި ވިޔަފާރި ސައްހަކަމަށާއި، މި ވިޔަފާރީގެ ސަބަބުން، މ. ފަތިހު ދޯދި އެވެ ކިޔާ (ރަޖިސްޓަރީ ނަންބަރު ބ.18733 ) އަމިއްލަ ބަންޑާރަ ގޯތީގައި ހިމެނޭ 4000 (ހަތަރުހާސް) އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގައި ހިމެނޭ އަމިއްލަކޮށްފައިވާ 2000 (ދެހާސް) އަކަފޫޓުގެ ބިމުގެ މިލްކުވެރި ފަރާތަކީ މ. ހަވީރީއުފާ / މާލެ ފާތުމަތު އިބްރާހިމް (އައިޑީކާޑް ނަންބަރު A057709 ) ކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ."
40މަތީގައި ބަޔާންކުރެވުނު ސިވިލް ކޯޓުގެ ގަޒިއްޔާގައި ވިއްކުމުގެ މައްސަލަ ކޯޓަށް ހުށަހެޅި ފޯމުންނާއި، އިސްމާޢީލް ޒަކަރިއްޔާ ސިވިލް ކޯޓުގައި ވިއްކަން ހުށަހެޅި އިބާރާތް ހިމެނޭ މަހުޟަރު ބަޔާނުންނާއި، ފާޠިމަތު އިބްރާހީމް ސިވިލް ކޯޓުގައި ގަންނަން އެއްބަސްވި އިބާރާތް ހިމެނޭ މަހުޟަރު ބަޔާނުންނާއި މައްސަލައިގެ ހުކުމުން އެނގެނީ އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މ.ފަތިހު ދޯދި އެވެ ކިޔާ 4000 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިމުން ފާޠިމަތު އިބްރާހީމް އަށް ވިއްކާފައިވަނީ 2000 އަކަފޫޓުގެ ބިންކަމެވެ. އެ ބިމުގައިވާ އިމާރާތްތައް ވިއްކާފައި ނުވާކަމެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި "އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް، އެ ބިމާ ވަކިން" ވިއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައިވުމުން، މ.ފަތިހު ދޯދި އެވެ ކިޔާ 4000 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިމުން ފާޠިމަތު އިބްރާހީމް އަށް 2000 އަކަފޫޓުގެ ބިން ވިއްކާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމުގައިވާތީވެ، މި ދެ ފަރާތުގެ ދެމެދުގައި އެ ބިން ވިއްކުމަށް ކުރެވުނު މުއާމަލާތަކީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ފަދަ ބާތިލު މުއާމަލާތެއް ކަމަށް ދެކެމެވެ.
41ބުނެވިދިޔަ ސަބަބުތައް އެހެން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 1261/Cv-C/2017 ގަޒިއްޔާ އާއި އެ ގަޒިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ 2021/HC-A/208 ގަޒިއްޔާގެ ހުކުމް ބާތިލުކުރަންޖެހޭ ކަމަށް ދެކެމެވެ.
ބިން ޢައްޔަންކުރުން
42HN6އިސްވެދިޔަ ބައިގައި ބަޔާންކުރި ފަދައިން، ސިވިލް ކޯޓުގެ ބިން ވިއްކުމުގެ ގަޒިއްޔާ (ސިވިލް ކޯޓުގެ ނަންބަރު 1261/Cv-C/2017 ގަޒިއްޔާ) ގައި ހިނގާފައިވާ ބިން ވިއްކުމުގެ މުއާމަލާތަކީ ބާތިލު މުއާމަލާތެއް ކަމަށްވާތީވެ، އެ ގަޒިއްޔާގެ ހުކުމަށްފަހު، އެ ގޯތީގެ ނަން "މ. ހަވީރީފިނި" މި ނަމަށް ބަދަލުކޮށް އެ ބިން އިސްމާޢީލް ޒަކަރިއްޔާ އާއި ފާޠިމަތު އިބްރާހީމްގެ ނަމުގައި އަލުން ރަޖިސްޓްރީކުރި ކުރުމަކީ ބާތިލު ރަޖިސްޓަރީކުރުމެއް ކަމަށްވާތީވެ، ސިވިލް ކޯޓުގެ ބިން ވިއްކުމުގެ އެ ގަޒިއްޔާގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 1393/Cv-C/2019 ގަޒިއްޔާއިން "މ. ހަވީރީފިނި" ބައިކޮށް ބިން އައްޔަން ކޮށްފައިވަނީ ސައްހަ މަގުން ކަމަށް ނުވާތީވެ، ސިވިލް ކޯޓުގެ ނަންބަރު 1393/Cv-C/2019 ގަޒިއްޔާ އާއި އެ ގަޒިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2021/HC-A/207 ގަޒިއްޔާ ("ހައިކޯޓުގެ ބިން އައްޔަންކުރުމުގެ ގަޒިއްޔާ") ގެ ހުކުމް ބާތިލުކުރަންޖެހޭ ކަމަށް ދެކެމެވެ.
އިސްތިއުނާފު ކުރެވިފައިވާ 3 ގަޒިއްޔާ ނިންމަން ފެންނަ ގޮތް
43HN7މަތީގައި ވަކިވަކި ތިން މައުލޫގެ ދަށުގައި ހިނގާފައިވާ މުއާމަލާތްތަކާ ގުޅިގެން މި މައްސަލަ ނިންމަން ފެންނަ ގޮތް އެބައި ތަކުގައި ބަޔާންކޮށްފައި އެވަނީއެވެ. އެ ސަބަބުތައް އެހެން ހުރުމުން:
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/206 ގަޒިއްޔާގެ ހުކުމަށް ތާއީދުކުރަން ފެނެއެވެ.
(ށ) އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މ.ފަތިހު ދޯދި އެވެ ކިޔާ 4000 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިމުން ފާޠިމަތު އިބްރާހީމް އަށް 2000 އަކަފޫޓުގެ އަމިއްލަ ބިން -/200,000ރ. (ދެލައްކަ ރުފިޔާ) ގެ އަގަށް ވިއްކުމަށް މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތަކީ ބާތިލު މުއާމަލާތެއް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1261/Cv-C/2017 ގަޒިއްޔާގެ ހުކުމާއި އެ ގަޒިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2021/HC-A/208 ގަޒިއްޔާގެ ހުކުމް ބާތިލުކުރަންޖެހޭ ކަމަށް ދެކެމެވެ.
(ނ) ސިވިލް ކޯޓުގެ ނަންބަރު 1393/Cv-C/2019 ގަޒިއްޔާ އާއި އެ ގަޒިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2021/HC-A/207 ގަޒިއްޔާގެ ހުކުމް ބާތިލުކުރަންޖެހޭ ކަމަށް ދެކެމެވެ.
(ރ) އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މ.ފަތިހު ދޯދި އެވެ ކިޔާ 4000 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިމުން ފާޠިމަތު އިބްރާހީމް އަށް 2000 އަކަފޫޓުގެ އަމިއްލަ ބިން -/200,000ރ. (ދެލައްކަ ރުފިޔާ) ގެ އަގަށް ވިއްކުމަށް މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތަކީ ބާތިލު މުއާމަލާތެއް ކަމަށް ކަނޑައެޅުމުން، އެ މުއާމަލާތް ޝަރުއީ ހަމަތަކުގެ މަތިން ރޫޅިގެން ގޮސްފައިވާތީވެ، މ.ފަތިހު ދޯދި އެވެ ކިޔާ 4000 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިމުން 2000 އަކަފޫޓުގެ އަމިއްލަ ބިން ގަތުމަށް ފާޠިމަތު އިބްރާހީމްގެ ފަރާތުން އިސްމާޢީލް ޒަކަރިއްޔާ އަށް ދައްކާފައިވާ -/200,000ރ. (ދެލައްކަ ރުފިޔާ)، އަކީ އިސްމާޢީލް ޒަކަރިއްޔާގެ ތަރިކައިގެ މައްޗަށް އޮތް ދަރަންޏެއް ކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ ރައުޔު
44މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމްގެ ރައުޔު
45މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ހުކުމް
އިސްވެ މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން:
(1) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/206 ގަޒިއްޔާގެ ހުކުމް ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.
(2) އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މ.ފަތިހު ދޯދި އެވެ ކިޔާ 4000 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިމުން ފާޠިމަތު އިބްރާހީމް އަށް 2000 އަކަފޫޓުގެ އަމިއްލަ ބިން -/200,000ރ. (ދެލައްކަ ރުފިޔާ) ގެ އަގަށް ވިއްކުމަށް މި ދެ ފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތަކީ ބާތިލު މުއާމަލާތެއް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1261/Cv-C/2017 ގަޒިއްޔާގެ ހުކުމާއި އެ ގަޒިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2021/HC-A/208 ގަޒިއްޔާގެ ހުކުމް ބާތިލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.
(3) ސިވިލް ކޯޓުގެ ނަންބަރު 1393/Cv-C/2019 ގަޒިއްޔާ އާއި އެ ގަޒިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2021/HC-A/207 ގަޒިއްޔާގެ ހުކުމް ބާތިލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.
(4) އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މ.ފަތިހު ދޯދި އެވެ ކިޔާ 4000 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިމުން ފާޠިމަތު އިބްރާހީމް އަށް 2000 އަކަފޫޓުގެ އަމިއްލަ ބިން -/200,000ރ. (ދެލައްކަ ރުފިޔާ) ގެ އަގަށް ވިއްކުމަށް މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތަކީ ބާތިލު މުއާމަލާތެއް ކަމަށް ކަނޑައެޅުމުން، އެ މުއާމަލާތް ޝަރުއީ ހަމަތަކުގެ މަތިން ރޫޅިގެން ގޮސްފައިވާތީވެ، މ.ފަތިހު ދޯދި އެވެ ކިޔާ 4000 އަކަފޫޓުގެ އަމިއްލަ ބަންޑާރަ ގޯތީގެ ބިމުން 2000 އަކަފޫޓުގެ އަމިއްލަ ބިން ގަތުމަށް ފާޠިމަތު އިބްރާހީމްގެ ފަރާތުން އިސްމާޢީލް ޒަކަރިއްޔާ އަށް ދައްކާފައިވާ -/200,000ރ. (ދެލައްކަ ރުފިޔާ)، އަކީ އިސްމާޢީލް ޒަކަރިއްޔާގެ ތަރިކައިގެ މައްޗަށް އޮތް ދަރަންޏެއް ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
(ރިޔާސަތު)
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A050671
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A042227
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A042242
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A041645
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A022401
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A058596
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A033944
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A057709
- ރަޖިސްޓްރީ ނަންބަރު: ބ.11735
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A035876
- މާލޭ މުނިސިޕަލްޓީއިން 21 ޑިސެންބަރު 1998 ގައި ހަދާފައިދީފައިވާ 'ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ' ބ.11735
- ރަޖިސްޓްރީ ނަންބަރު: ބ.4578
- ޑިޕާޓްމަންޓް އޮފް ހޯމްއެފެއަރޒްގެ ރެޖިސްޓްރޭޝަންސް ޑިވިޝަން (ށ) އިން 21 ޑިސެންބަރު 1998 ގައި ހަދާދީފައިވާ 'ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ' ބ.4578
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަންބަރު 138-LBSI/144/2016/281 (21 އޯގަސްޓް 2016) ސިޓީ
- ރަޖިސްޓްރީ ނަންބަރު ބ.18733
- ރަޖިސްޓްރީ ނަންބަރު ބ.19298
- މާދިޙް އިސްމާޢީލް ވަނީ 08 ޖޫން 2021 ގައި ނިޔާވެފައެވެ.
- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ގަޒިއްޔާ ބަލައިނުގަތުމަށް ނިންމާފައިވަނީ ހައިކޯޓުގެ ނަންބަރު HC-IH/2021/04(NR) "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" އިން އަދި ސިވިލް ކޯޓުގެ ނަންބަރު 1261/Cv-C/2017 ގަޒިއްޔާ ބަލައިނުގަތުމަށް ނިންމާފައިވަނީ ހައިކޯޓުގެ ނަންބަރު HC-IH/2021/05(NR) "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" އިން.
- "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާ ބެހޭ ޤަވާއިދު"، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރަބަން ޑިވެލޮޕްމަންޓް، 1 އޮކްޓޯބަރ 2008.
- ޤާނޫނު ނަންބަރު 1/2002
- މިއީ ޤާނޫނު ނަންބަރު 33/2021 (އެއްމެދު އިމާރާތުގެ ޤާނޫނު) ގެ މ.124 ގެ ދަށުން އުވާލެވިފައިވާ މާއްދާއެކެވެ.
- ގާނޫނު ނަންބަރު 1/2002
- ސިވިލް ކޯޓުގެ ގަޒިއްޔާ ނަންބަރު 1667/CV-C/2012 (ނިމުނު ތާރީޚް، 12 ނޮވެމްބަރ 2012). މި ގަޒިއްޔާގައި އެއްކޮށްލެވިފައިވާ ދެ ގޯތީގައި އަމިއްލަ ބިމާއި ބަންޑާރަ ބިން ހިމެނެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2002) ގެ 2ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2002) ގެ 19ވަނަ މާއްދާގެ (ހ)
- ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91) ގެ 4ވަނަ މާއްދާ
- ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91) ގެ 17ވަނަ މާއްދާގެ (ހ) އަދި (ށ)
- އެއްމެދު އިމާރާތުގެ ޤާނޫނު (ޤާނޫނު ނަންބަރު 33/2021) ގެ 124ވަނަ މާއްދާ
- 1667/CV-C/2012
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.