ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/498

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނިމްޝާދު، އަދި އިތުރު 5 ފަރާތެއް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 23 ނޮވެމްބަރު 2025ދަށު ކޯޓު: ކްރިމިނަލް ކޯޓު 126/Cr-C/2015ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 126/Cr-C/2015
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން (126/Cr-C/2015) ނިންމީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންވަރަށް ހެކިބަސް ލިބިފައިނުވާތީ ދަޢުވާ ސާބިތުނުވާކަމަށެވެ.
ވާޤިޢާ
23 އޮގަސްޓް 2014 ގައި ދިދިގޯޅީގައި ސައިކަލުތަކުގައި އައި ބަޔަކު ތިން މީހަކަށް ތޫނު ހަތިޔާރުން ޙަމަލާދީ، އެއިން އެކަކު ނިޔާވުމާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ހަ ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެރަރިޒަމްގެ ދަޢުވާ ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓެރަރިޒަމްގެ ދަޢުވާއެއް (މާރާމާރީއެއްގައި ތޫނު ހަތިޔާރުން ޙަމަލާދީ މީހަކު މަރުވި ހާދިސާ) ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމުގައި ހުށަހެޅުނު ހެކިތަކަށް ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) (1) ގެ ދަށުން ރިޢާޔަތްކޮށްފައިވޭތޯ، އަދި ޤާނޫނުއަސާސީގެ 51 (އ) ގެ މިންވަރަށް ހެކި ލިބިފައިވޭތޯ؛ އަދި އިސްތިއުނާފުގެ މުއްދަތާ ގުޅޭ އިޖުރާއީ އިޢުތިރާޟު.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ދަށު ކޯޓުން ހެކިތަކަށް ރިޢާޔަތްނުކޮށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށެވެ. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ގުޅޭ ނުކުތާ އަނބުރާ ގެންގޮސް، މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް އެދުނެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނީ ހެކިބަހުގައި ފުށުއެރުންތައް ހުރިކަމަށާއި، ބައެއް ފަރާތްތަކުން އިސްތިއުނާފުގެ މުއްދަތާ ގުޅޭ އިޖުރާއީ އިޢުތިރާޟެއް ހުށަހެޅިއެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުގެ ހުއްދަ ދީގެން ކުރިއަށް ގެންދާ މައްސަލައެއް ކަމުން އިޖުރާއީ އިޢުތިރާޟު ބަލައިނުގަނެވުނެވެ. ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި ވަކިވަކި ހެކިތަކުން ދެނެގަނެވުނު ނަތީޖާ، ފުށުއެރުންތައް ހުރި ހެކިބަސް، އަދި ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައިނުވާތީ، ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ކަނޑައެޅިއެވެ. މައްސަލަ ތަޙުވީލުކުރާތީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ނުކުތާއަށް ގޮތެއް ނުކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ހެކި ވަޒަންކޮށް އަލުން ޙުކުމްކުރުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރެވުނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅި، އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވިގެން ކުރިއަށް ގެންދެވޭ މައްސަލައެއް، އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ހުށަހަޅައިގެން ކުރިއަށް ގެންދާ މައްސަލައެއްކަމަށް ބުނެ، ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައެޅިދާނެ ތަނެއް ނެތެވެ.

HN2 އިސްތިއުނާފީ ނުކުތާގެ މައިގަނޑު މައުޟޫއަކީ ހެކިތަކަށް ރިޢާޔަތްކޮށްފައިނުވުންކަމަށް ވީހިނދު، ދަށު ކޯޓުން ހެކިތަކަށް ރިޢާޔަތް ކޮށްފައިވާ ގޮތަށް ބެލުމަށްވުރެ، ބަލަންޖެހޭކަމަކީ ހެކިތަކަށް ރިޢާޔަތްކޮށްފައިވާތޯ ކަމެވެ.

HN3 ހެކި ޤަރީނާއަށް ރިޢާޔަތްކުރެވުނުކަމަށް ބުނެވެން އޮންނާނީ، ހުށަހެޅިފައިވާ ހެކިތަކުގެ އަލީގައި ވާޤިއާތައް ކަށަވަރުކުރުމަށް ކުރެވިފައިވާ މަސައްކަތް ފެންނާން އޮތްނަމައެވެ.

HN4 ހެކިތަކުން ދެނެގަނެވުނު ކަންކަމަކީ ކޮބައިކަން އެއްވެސް ވަރަކަށް ބަޔާންކުރުމެއް ނެތި، ޖުމްލަ ނަތީޖާއެއްގެ ގޮތުގައި ދަޢުވާ ސާބިތުނުވާކަމަށާއި، ދަޢުވާ ސާބިތުވާނީ އިތުރު ހެކި ހުށަހަޅައިގެންކަމަށް ބަޔާންކޮށްލުމަކުން، އެއީ ކިހިނެއް ކޮންގޮތަކުން ގެނެސްފައިވާ ނަތީޖާއެއްކަން ދެނެގަނެވެން ނޯންނާނެއެވެ. އަދި މިފަދަ މައްސަލަތައް އިސްތިއުނާފު ކުރެވޭހިނދު ދަށުކޯޓުގެ ފަނޑިޔާރު ވާސިލުވެފައިވާ ނަތީޖާއަކީ ރަނގަޅު ނަތީޖާއެއް ކަމުގައި ވީނަމަވެސް، އެކަންވެސް ދެނެގަނެވޭނެ ގޮތެއް ނޯންނާނެއެވެ.

HN5 ދަށު ކޯޓަށް ހުށަހެޅިފައިވާ އެންމެހާ ހެކިޤަރީނާތަކަށް ރިޢާޔަތްކުރެވިފައިވާކަމަށް ބުރަވެވެން ނެތުމުން، އަދި ހެކި ޤަރީނާއަށް ރިޢާޔަތްކޮށްފައިވާކަން އެނގެން ނެތުމުން، އެ މައްސަލައަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ މައްސަލައެކެވެ.

HN6 ހެކި ޤަރީނާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމުގެ މައްޗަށް މަތީ މަރުޙަލާއިން މައްސަލަ ނިންމޭ ޙާލަތުގައި އާންމު އުސޫލަކުން އެ މައްސަލައެއް ތަޙުވީލުކުރެވެއެވެ.

HN7 ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލި އެ ދަޢުވާއެއް ސާބިތުވެއްޖެކަމަށް ކަނޑައެޅުމާ ހަމައަށް އެ މައްސަލައެއް ބަލާ ފަނޑިޔާރު ކަމުގައިވިޔަސް، ތަޙުޤީޤުކުރާ އިދާރާއިން ކަމުގައިވިޔަސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންކަމުގައިވިޔަސް، އެފަދަ މީހަކާ މެދު ބަލަންވާނީ އަދި ޢަމަލުކުރަންވާނީ، އެމީހަކީ ކުށެއް ނެތް މީހެއްކަމުގައެވެ. އެއީ ކޮންމެ ޖިނާއީ ތުހުމަތެއްގައި ހުރި މީހެއްނަމަވެސް، ތަބައީ އިންސާފުގެ ހަމައިންނާއި ދުސްތޫރީ އަދި އިންސާނީ ޙައްޤެއްގެ ގޮތުގައި ލިބިދޭ މުހިންމު ޙައްޤެކެވެ.

HN8 ދަޢުވާއެއް ކުރިއަށްދާހިނދު، އެ މައްސަލައިގައި ހުށަހެޅިފައިހުރި ހެކި ޤަރީނާއަކީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދަޢުވާ ސާބިތުކުރުމަށް ފުދޭ ހެކިތަކެއް ކަމުގައި ކަނޑައަޅައިގެން ކުރިއަށް ގެންދިއުމަކީވެސް ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. މައްސަލަ ތަޙުވީލު ކުރެވޭ ހާލަތުގައި އެފަދައިން ކަނޑައެޅުމަކީ ހިނގަމުންދާ މައްސަލައެއްގައި ކުރީބައިގައި ޙުކުމެއް ނުވަތަ ފައިސަލާއެއް ކުރުންކަމުގައި ނޫނީ ނުވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޞަފާ އިބްރާހީމް، އާމިނަތު ޝާމާ ނަޞީރު، ޢާއިޝަތު ސުޢާދު ޞާލިޙު، އިބްރާހީމް ނާޞިޙް، އަސްފާޤް ނަޢީމް، މަރްޔަމް ޒާހިރު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަލީ ރަޝީދު، މުޙައްމަދު ޙަލީމް، އާދަމް ޢަބްދުލް ޤައްޔޫމް
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

މައްސަލައިގެ ތަޢާރުފު

1މި މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް")ގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، އިސްތިއުނާފުކުރުމުގެ ހުއްދަ ދީފައިވާތީ، އެގޮތުގެ މަތީން ހުށަހެޅިފައިވާ މައްސަލައެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ […] / އަޙްމަދު ނިމްޝާދު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަޙްމަދު ނިމްޝާދު") އާއި […] / އަޙްމަދު ސިރުޙާން ޖަޢުފަރު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަޙްމަދު ސިރުޙާން ޖަޢުފަރު") އާއި […] / އިސްމާޢީލް ރިފާޢު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އިސްމާޢީލް ރިފާޢު") އާއި […] / އިޙްސާން ރަޝީދު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އިޙްސާން ރަޝީދު") އާއި […] / ޙަސަން އިސާމް މުޙައްމަދު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޙަސަން އިސާމް މުޙައްމަދު") އާއި […] / ޝާރިފް ޝަރީފް (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޝާރިފް ޝަރީފް") އެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާއިން ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ.

4އެ ދަޢުވާގެ ސީޣާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ އިތުރުން އިތުރު ބަޔަކު 23 އޮގަސްޓް 2014 ދުވަހުގެ 20:45 އެހައިކަށްހާއިރު، ދިދިގޯޅި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތީގައި […] / މުނާދު ޖަޢުފަރުއާއި […] / ޢަބްދުﷲ މާޖިދު އާއި […] / އަސީލް އަޙްމަދު ތިއްބައި މި މީހުން ސައިކަލުތަކެއްގައި އެތަނަށް ގޮސް، މުނާދު ޖަޢުފަރުއަށާއި، ޢަބްދުﷲ މާޖިދުއަށާއި، އަސީލް އަޙްމަދަށް ޙަމަލާދީފައިވާތީއާއި، މި ހަމަލާތަކުގެ ސަބަބުން އަސީލް އަޙްމަދުއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، އަސީލް އަޙްމަދު ނިޔާވެފައިވާތީ، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ދައުލަތުން ދަޢުވާ ކޮށްފައިވާކަމެވެ.

5އެ ޤަޟިއްޔާގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމް

6ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ؛

"ދެންފަހެ، […] / އަޙްމަދު ނިމްޝާދު އާއި […] / އަޙްމަދު ޖަޢުފަރު އާއި، […] / އިސްމާޢީލް ރިފާޢު އާއި […] / އިޙްސާން ރަޝީދުއާއި، […] / ޙަސަން އިސާމް މުޙައްމަދު އާއި، […] / ޝާރިފް ޝަރީފްގެ މައްޗަށް ދައުލަތުން ކުޅަ ޓެރަރިޒަމްގެ ކުށުގެ މި ދަޢުވާއަށް ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވުމާއި، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިޤަރީނާއިން ދަޢުވާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލު، ދަޢުވާލިބޭ ފަރާތްތަކުން ކޮށްފައިވާކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، މިންވަރަށް ޝަރީޢަތަށް ހެކިބަސް ލިބިފައިނުވާތީ، […] / އަޙްމަދު ނިމްޝާދުއާއި، […] / އަޙްމަދު ޖަޢުފަރު އާއި، […] / އިސްމާޢީލް ރިފާޢުއާއި، […] / އިޙްސާން ރަޝީދުއާއި، […] / ޙަސަން އިސާމް މުޙައްމަދުއާއި، […] / ޝާރިފްގެ މައްޗަށް ދައުލަތުން ކުޅަ ޓެރަރިޒަމްގެ ކުށުގެ މި ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމީއެވެ."

މިފަދައިންނެވެ.

އިސްތިއުނާފީ ނުކުތާތައް

7ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަންނަނިވި 03 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާތަކަކީ؛

7.1 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

7.2 ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

7.3 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް

8އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފުޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި މައްސަލައިގައި ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ފުށުއެރުންތައް ހުރީ ކޮން ހެކިންނެއްގެ ހެކިބަހުގައިކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން ނެތްކަމަށާއި، އެފުށުއެރުންތަކަކީ މައްސަލަ އެމައްޗަށް ބިނާވެގެންދާ ހަގީގަތެއް ފުރޮޅިގެންދާފަދަ ޖައުހަރީ ތަފާތުތަކަކަށް ނުވާނަމަ، އެކަމަކީ ހެކިބަހުގެ ޞައްޙަކަން ގެއްލޭފަދަކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/74 ޤަޟިއްޔާއާއި 2010/HC-A/57 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލަށް ރިޢާޔަތްކުރެއްވުމަކާއިނުލައި ހެކިންގެ ހެކިބަހަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ކަމަށް ދައުލަތުން ދެކޭކަމަށެވެ.

9އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފުޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރެވިފައިވާ މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ މައްސަލައިގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިތަކަށް ރިޢާޔަތްކުރެއްވުމަކާއި ނުލައި ކަމަށެވެ.

9.1 އެގޮތުން ދައުލަތުން ކްރިމިނަލް ކޯޓަށް 04 ހެއްކެއް ހުށަހަޅާފައިވާކަމަށާއި، މި 04 ހެކިންގެ ބަހުންވެސް ބައެއް ހެކިވެރިންނަށް މިހާދިސާގައި ނިޔާވިފަރާތަށް ޙަމަލާދެނިކޮށް ފެނުނުކަމަށާއި އަދި ބައެއް ހެކިވެރިންނަށް ޙަމަލާދޭންދިޔަތަން ފެނުނުކަމަށް ބުނެފައިވާ ކަމަށެވެ.

9.2 އަދި މި މައްސަލަ އިތުރަށް ސާބިތުކުރުމަށްޓަކައި ކިތާބީ ހެކީގެ ގޮތުގައި ސީސީޓީވީ ފޫޓެޖް ހުށަހަޅައި، ކިތާބީ ހެއްކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ސީން އޮފް ކްރައިމް ރިޕޯޓު ހުށަހަޅާފައިވާކަމަށެވެ.

9.3 އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ، އެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މައްސަލަ ސާބިތުވާ މިންވަރަށް ހެކި ޤަރީނާ ލިބިފައިވަނިކޮށް، އެ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކުރެއްވުމެއްނެތި ކަމަށެވެ.

10އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފުޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ހެކިބަސް ލިބިފައިވާކަމަށެވެ.

10.1 އެގޮތުން ދައުލަތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ބަލާއިރު ދަޢުވާކޮށްފައިވަނީ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ދަށުންކަމާއި، އެ ޤާނޫނުގެ ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު ކުށުގެ ޢަމަލުގެ އުންސުރުތައް ފުރިހަމަވުމަށްޓަކައި މައިގަނޑު 02 (ދޭއް) ކަމެއް ސާބިތުކޮށްދޭންޖެހޭކަމަށެވެ.

1. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ބަޔަކަށް ޖިސްމާނީ ގެއްލުމެއް ލިބޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުނުކަން ސާބިތުކޮށްދޭންޖެހޭކަމަށެވެ.

2. އަދި ދެވަނަ ކަމެއްގެ ގޮތުން އެ އަމަލު ހިންގީ ބައެއްގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށްތޯ ބަލަން ޖެހެއެވެ.

10.2 ކުށުގެ ފުރަތަމަ އުންސުރަކީ މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުންކަމަށްވާއިރު ހުށަހެޅިފައިވާ މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ މުނާދު ޖައުފަރު، ޢަބްދުﷲ މާޖިދު އަދި އަސީލް އަޙްމަދަށް ޖިސްމާނީ ގެއްލުން ލިބޭފަދަ ކަމެއްކޮށްގެންކަމުގައިވާއިރު، މި އުންސުރާ ގުޅިގެން ސާބިތުކޮށްދޭންޖެހޭ 02 ކަމެއް ވާކަމަށާއި، އެއީ؛

1. ފުރަތަމަ ކަމަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަން.

2. އަދި ދެވަނަ ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން އަނިޔާ ލިބުނު ފަރާތަށް ޖިސްމާނީ އަނިޔާކުރިކަން ނުވަތަ ކުރަން އުޅުނުކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދޭން ޖެހޭނެކަމަށެވެ.

10.3 މި މައްސަލައިގައި ޝަފަހީ ހެކިންގެ ހެކިބަހުގައި 02 ކުދިންނަށް އަދި އަސީލް އަޙްމަދަށް ހަމަލާދިންތަން ފެނުނުކަމަށް ހެކިބަސް ދީފައިވާކަމަށާއި، އަދި މި މައްސަލައިގައި ހުށަހެޅިފައިވާ ސީން އޮފް ކްރައިމް އޮފިސަރ ރިޕޯޓުތަކުން އަދި މެޑިކޯ ލީގަލް ރެކޯޑުން ހާދިސާ ހިނގި ރޭ ދަޢުވާގެ ސީޣާގައި އަނިޔާވިކަމަށް ބަޔާންކުރާ މުނާދު ޖައުފަރު، ޢަބްދުﷲ މާޖިދު އަދި އަސީލް އަޙްމަދުއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވާކަމާއި، އަދި މިއަނިޔާތަކުގެ ސަބަބުން އަސީލް އަޙްމަދު ނިޔާވެފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށެވެ.

10.4 އަދި ދެވަނަ ކަމެއްގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މުނާދު ޖައުފަރު، ޢަބްދުﷲ މާޖިދު އަދި އަސީލް އަޙްމަދަށް ޖިސްމާނީ ގެއްލުން ދިންކަން ނުވަތަ ދޭން އުޅުނުކަން ސާބިތުކޮށްދޭންޖެހޭނެކަމަށެވެ.

1. މިގޮތުން ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، 04 ޝަފަހީ ހެކިން ހާދިސާ ހިނގިތަނަށް 08 މީހުން 04 ސައިކަލެއްގައި އައިކަމަށް ބުނެ ހެކިބަސް ދީފައިވާކަމަށެވެ. އެގޮތުން މީގެ ތެރެއިން ބައެއް މީހުން ސައިކަލު ދުއްވަން ތިބިކަމަށް ބުނެފައިވާއިރު، އަނެއް ބަޔަކު ޙަމަލާދިންކަމަށް ހެކިބަސް ދީފައިވާކަމަށެވެ.

10.5 އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެކުއެކީގައި ހާދިސާ ހިނގިތަނަށް އައިކަމަށާއި، އޭގެ ތެރެއިން އެކަކު ނުވަތަ ބަޔަކު މުނާދު ޖައުފަރު، ޢަބްދުﷲ މާޖިދު އަދި އަސީލް އަޙްމަދަށް ޖިސްމާނީ ގެއްލުން ދިންކަން ސާބިތުކޮށްދެވިއްޖެނަމަ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޓެރަރިޒަމްގެ އަމަލެއް ކުރުން ސާބިތުވާނެކަމަށެވެ. ދައުލަތުން މި މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ހާދިސާ ހިނގިތަނުގައިތިބި ޝަފަހީ ހެކިންގެ ހެކިބަހުގައި އެއްވެސް ޖައުހަރީ ފުށުއެރުމެއް ނެތްއިރު ސިއްރު ހެކިވެރިޔާ 01 (އެކެއް) ގެ ހެކިބަހުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހާދިސާ ހިނގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން މާރާމާރީއެއް ހިންގުމަށް ރާވައި މޫނު ނިވާކޮށްގެން 04 (ހަތަރެއް) ސައިކަލުގައި ތޫނު ހަތިޔާރު ހިފައިގެން ގޮސްފައިވާކަމަށް ހެކިވެރިޔާ ބުނެފައިވާކަމަށާއި، އަދި ހަމަ މިހާދިސާއަށް ބާރު ލިބިދެވޭގޮތަށް މި ހާދިސާ ހިނގި ގޯޅީގައި ތިބި 04 (ހަތަރެއް) ޝަފަހީ ހެކިންވެސް ހެކިބަސްދީފައިވާކަމަށެވެ.

10.6 އަދި ޓެރަރިޒަމް ކުށުގެ 02 (ދޭއް) ވަނަ އުންސުރަކީ މީހެއް ނުވަތަ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުންކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮވެއެވެ. މި އުންސުރު ފުރިހަމަ ވޭތޯ ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ކޮށްފައިވާ ޢަމަލަކީ މުޖްތަމައުގެ އާންމު ނިޒާމު ގެއްލޭގޮތަށް އަދި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭކަމެއްކަމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މި ޢަމަލަކީ ޓެރަރިޒަމް ކުށުގެ 02 (ދޭއް) ވަނަ އުންސުރު ކަމަށްވާ މީހެއް ނުވަތަ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ އުންސުރު ފުރިހަމަވާކަމެއްކަން ދައުލަތުން ބުނެފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް

11ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުއީ އަދި ޤާނޫނީހަމަތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ މިދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ޙުކުމްކޮށް، އަދަބު ކަނޑައަޅައިދިނުމަށް ދައުލަތުން އެދިފައިވެއެވެ.

އިސްތިއުނާފީ ނުކުތާތަކަށް ބަދަލު ގެނައުމަށް ދައުލަތުން ހުށަހަޅާފައިވުން

12އިސްތިއުނާފުކުރާ ފަރާތުންވަނީ 10 އޮކްޓޫބަރު 2024 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ފުރަތަމަ ނުކުތާ އަނބުރާ ގެންގޮސްފައިވެއެވެ. އަދި ދައުލަތުން މި މައްސަލައިގައި އެދޭގޮތްވެސް ބަދަލުކޮށްފައިވެއެވެ. އެގޮތުން އެ ބަދަލުތައް ގެނައުމަށް ހުށަހަޅާފައިވާ ސަބަބު ތިރީގައި ބަޔާންކޮށްފައިވަނީ އެވެ.

12.1 އިސްތިއުނާފުކުރާ ފުރަތަމަ ނުކުތާ ދައުލަތުން ވަނީ އުނިކޮށްފައެވެ. އެގޮތުން ދައުލަތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/141 ޤަޟިއްޔާގައި އިންސާފުވެރި ޝަރީޢަތެއް ކުރުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް ހެކި ވަޒަންކޮށް، މައްސަލައިގެ ވާގިޢާ ކަށަވަރުކޮށް ޤާނޫނު ތަޠުބީޤު ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ހުށަހެޅިފައިވާ ހެކި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް މައްސަލައިގެ ވާގިޢާ ދަށުކޯޓުން ކަށަވަރުކޮށް ގޮތް ކަނޑައަޅާފައިނުވާތީ، އިސްވެ ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާ ތަޙުވީލުކޮށްފައިވާކަމަށާއި، އަދި މި މައްސަލަ ދިރާސާކުރެއްވިއިރު ފަނޑިޔާރު ޖުމްލަ ގޮތެއްގައި ބުނެފައި އޮތް އޮތުން ފިޔަވައި އިތުރަށް ތަފުޞީލުކޮށް ހެކި ވަޒަންކުރި ގޮތް މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުން އެނގެން ނެތަތީ، ދައުލަތުން އެދޭގޮތް ބަދަލުކުރަން އެދޭ ކަމަށެވެ.

އެދޭގޮތް ބަދަލުކޮށް ހުށަހަޅާފައިވާގޮތް

13ދައުލަތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާގައި ހެކި ވަޒަންކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ވާތީ، ހެކި ވަޒަންކުރުމާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި ކްރިމިނަލް ކޯޓަށް މި މައްސަލަ ތަޙުވީލުކުރުމަށެވެ.

އަޙްމަދު ސިރުޙާން ޖަޢުފަރު އަދި ޝާރިފް ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާ

14އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން އަޙްމަދު ސިރުޙާން ޖައުފަރު އަދި ޝާރިފް ޝަރީފްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގެ ކުރިއަށް އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ. އިޖުރާއީ ނުކުތާގެ ގޮތުގައި ފާހަގަކޮށްފައިވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/01 ރޫލިންގއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/06 ސަރކިއުލަރ އިން ޤާއިމުކޮށްފައިވާ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް ހުށަހެޅި، ބަލައިގަތުމަށް ނިންމަވާފައިވާ މައްސަލައެއްކަމުން މި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް މި މައްސަލައަކީ މިކޯޓުން ބަލައިގަނެ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އަޙްމަދު ސިރުޙާން ޖަޢުފަރު އަދި ޝާރިފް ޝަރީފްގެ ފަރާތުން ދައްކާފައިވާ ވާހަކަތައް

15އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އަޙްމަދު ސިރުޙާން ޖަޢުފަރު އަދި ޝާރިފް ޝަރީފްގެ ފަރާތުން ބުނެފައިވަނީ ދައުލަތުގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާ އަނބުރާ ގެންގޮސްފައިވާތީ، އިސްތިއުނާފީ ދެވަނަ ނުކުތާއަށް އިތުރަށް ގޮތެއް ކަނޑައަޅަން ޖެހޭނެކަމަކަށް ނުދެކޭކަމަށެވެ. ސަބަބެއްގެ ގޮތުން އެ ފަރާތުން ބުނެފައިވަނީ ދައުލަތުގެ މުޅި އިސްތިއުނާފު ބިނާވަނީ ދަށުކޯޓުގެ ފަނޑިޔާރު ހެއްދެވި ގޯހަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/74 އަދި މިކޯޓުގެ ނަންބަރު 2010/HC-A/57 ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ދަށު ކޯޓުން މި މައްސަލަ ނިންމާފައިވާވުން ކަމަށްވާތީ ކަމަށެވެ. ފަނޑިޔާރުންގެ ޤާނޫނުގައި ލާޒިމްކުރަނީ ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނީ ފަނޑިޔާރެއްގެ މައްޗަށް ހުށަހަޅާ ހެއްކަށްކަމަށާއި، އެގޮތުން ރިޢާޔަތްނުކޮށްކަމަށް ދައުލަތުން ބުނެފައިވަނީ، ހެކިވެރިންގެ ހެކިބަހުގައި ޖައުހަރީ ފުށު އެރުންތަކެއް ނެތީސް އެއީ ފުށުއެރުންތަކެއްކަމަށް ބަލައި ގޮތް ނިންމުންކަމަށެވެ. އެހެންކަމުން ދައުލަތުން ފުރަތަމަ އިސްތިއުނާފީ ނުކުތާ އުނިކުރެއްވުމުން ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ކުރެއްވިކަމެއް މިޙާލަތުގައި ނޯންނާނެކަމަށެވެ.

16އިސްތިއުނާފީ ތިންވަނަ ނުކުތާއާއި ގުޅިގެން އަޙްމަދު ސިރުޙާން ޖަޢުފަރު އަދި ޝާރިފް ޝަރީފްގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް މައްސަލައިގެ ކުށް ސާބިތުކުރުމަށް ހެކި ހުށަހެޅިފައި ވަނިކޮށް އެއާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ދައުލަތުން ބުނެފައިވަނީ، މި މައްސަލައިގައި ހެކިންގެ ހެކިބަހުގައި ޖައުހަރީ ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ފަނޑިޔާރު މައްސަލަ ނިންމާފައިވާތީއާއި، އަދި އެއީ ފަނޑިޔާރަށް ކުރެވޭނެކަމެއް ނޫންކަމަށް ދައުލަތުން ދެކޭތީކަމުގައެވެ. އަދި އެއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނާ ހެކި ގަރީނާ، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ މިންވަރަށް ހެކި ލިބިފައިވަނިކޮށް އެ މާއްދާއާއި ޚިލާފަށް ނިންމި ނިންމުމެއްކަމަށެވެ. އެހެންކަމުން ދައުލަތުން ފުރަތަމަ އިސްތިއުނާފީ ނުކުތާ އުނިކުރެއްވުމާއި ގުޅިގެން ދެވަނަ ނުކުތާ ޚިލާފު ވެވޭ ގޮތެއް މިހާރު ނެތް ކަމަށެވެ. އަދި ދެވަނަ ނުކުތާ ޚިލާފުވެވޭނެ ގޮތެއް ނެތި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއާ (އ) ގައި ބުނާ މިންގަނޑާ ޚިލާފަށް ފަނޑިޔާރު ކުރެއްވިކަމެއްވެސް ފާހަގަކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އޮޅިގަނޑު ގިރާ ކުރެވޭ ގޮތެއް ނުވަތަ ޤާނޫނީ ބަހުސެއް ނެތްކަމަށެވެ.

17ދައުލަތުން އެދޭގޮތް ބަދަލުކުރުމާއި ގުޅިގެން އަޙްމަދު ސިރުޙާން ޖަޢުފަރު އަދި ޝާރިފް ޝަރީފްގެ ފަރާތުން ބުނެފައިވަނީ، ދައުލަތުން މައްސަލައެއްގައި އިސްތިއުނާފުކުރުމަށް ހުށަހަޅުއްވާފައިއޮވެމެ، އިސްތިއުނާފަށް ޖަވާބު ދިނުމުގެ ތެރޭގައި ނުވަތަ އެހެން މަރުޙަލާއެއްގައިވެސް ފަހުން އިސްތިއުނާފަށް އެދުނު ސަބަބުތައް ބަޔާންކޮށް އަދި އެ ސަބަބުތަކާއި، އެދޭ ގޮތް އެހެން ގޮތަކަށް ބަދަލު ނުކުރެވޭނެކަމަށެވެ. އަދި އިސްތިއުނާފު ފޯމު ހުށަހެޅުއްވިއިރު ދައުލަތުން ބަދަލުކުރަން ފުރުސަތު ލިބިއޮވެމެ، އެ މަރުޙަލާގައި އިސްތިއުނާފު ފޯމު ބަދަލު ކުރުމެއްނެތި، ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ސުވާލު ކުރެއްވުމުން، ދައުލަތުން އިސްތިއުނާފު ފޯމު ބަދަލުކޮށްފައިވާތީ، މިހިނދުގައި މިހާރު މައްސަލަ މިހިސާބަށް ގޮސްފައި އޮތްވާ އެހެން ގޮތަކަށް ބަދަލު ކުރެއްވުމުގެ ޤާނޫނީ އެއްވެސް ޙުއްޖަތެއް ނެތަތީ، އަޙްމަދު ސިރުޙާން ޖަޢުފަރު އަދި ޝާރިފް ޝަރީފްގެ ފަރާތުން ދައުލަތުން އެދިފައިވާ ގޮތަށް އެކަން އެގޮތަށް ބަދަލުކުރުމަށް އިއުތިރާޒުކޮށްފައިވެއެވެ.

އަޙްމަދު ސިރުޙާން ޖަޢުފަރު އަދި ޝާރިފް ޝަރީފް ފަރާތުން އެދޭގޮތް

18އަޙްމަދު ސިރުޙާން ޖަޢުފަރު އަދި ޝާރިފް ޝަރީފް އެދެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ޙަސަން އިސާމް މުޙައްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތައް

19ޙަސަން އިސާމް މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ ދަޢުވާއަށް އިންކާރުކުރާކަމަށާއި، އަދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އިޙްސާން ރަޝީދު އަދި އަޙްމަދު ނިމްޝާދުގެ ފަރާތުން ދައްކާފައިވާ ވާހަކަތައް

20އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ އިޙްސާން ރަޝީދު އަދި އަޙްމަދު ނިމްޝާދުގެ ފަރާތުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ލިބިފައިވާ ހެކިބަހަށް ބަލާއިރު ސިއްރު ހެކިވެރިންގެ ހެކިބަހުގައި ސީރިއަސް ފުށުއެރުންތަކެއް ހުރިކަމަށެވެ. އަދި ހާދިސާ އެތަނުގައި ހިނގިއިރު އެތަނުގައި ތިބެ މަންޒަރު ލޮލުން ދެކެފައިވާ ފަރާތްތައް ސިއްރު ހެކިންގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެ ހެކި ވެރިންގެ ހެކިބަހުގައި ފުށުއެރުންތައް ހުރި ކަމަށާއި، ހަމަނުޖެހޭ ބައެއްކަންކަން އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންކޮށްފައިވާކަމަށެވެ.

21އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ އިޙްސާން ރަޝީދު އަދި އަޙްމަދު ނިމްޝާދުގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ދަޢުވާ ރައްދުވާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) (1) ވަނަ ނަންބަރާއި ޚިލާފަށް ނޫންކަމަށާއި، އެގޮތުން؛

21.1 ސިއްރު ހެކިވެރިޔާ 3 ގެ ހެކިބަހުގައި ފެންޓަސީ ކިޔުނު މީހަކު އަސީލު އާއި ދިމާލަށް ދިޔަ މަންޒަރު ފެނިފައިވާކަމަށް ބުނެފައިވީނަމަވެސް އަސީލްއަށް ޙަމަލާދެނިކޮށް ފެނިފައިވާކަމަށް ބުނެފައި ނުވާކަމަށެވެ.

21.2 ހަމައެހެންމެ، ސިއްރު ހެކިވެރިޔާ 04 ގެ ހެކިބަހުގައި، އަސީލްއަށް ތިލަ ފުޅާ ވަޅިއަކުން އިޙްސާން ރަޝީދު ޙަމަލާދެނިކޮށް ފެނިފައިވާކަމަށް ބުނިނަމަވެސް އިޙްސާން ރަޝީދު އާއި ޖެހިގެން ޝަރީޢަތުގެ މަޖިލީހުގައި އިން މީހާ އެތަނުން ނުދެކޭކަމަށް ބުނެފައިވާ ކަމަށެވެ.

21.3 ސިއްރު ހެކިވެރިޔާ 5 ގެ ހެކިބަހުގައި ބުނެފައިވަނީ، އަޙްމަދު ނިމްޝާދު ޙަމަލާދިނީ ހެކިވެރިޔާއަށް ކަމަށާއި އަސީލުއަށް ޙަމަލާދީފައިވަނީ ބޮނިޓޯ އަތުގައި އޮތް ވަޅިއަކުން އަސީލު އަޙްމަދު ފަޔަށް ކަމަށެވެ.

21.4 ހަމައެހެންމެ، ސިއްރު ހެކިވެރިޔާ 06 ގެ ހެކިބަހުގައި އިސްތިއުނާފު ރައްދުވާ އެއްވެސް ފަރާތެއް ހާދިސާ ހިނގިތަނުން ނުފެންނަކަމަށާއި އެއްވެސް މީހެއްގެ އަތުގައި ތޫނު އެއްޗެއް ފަދަ ހަތިޔާރެއް އޮތްކަމަށް ހެކިވެރިޔާ ބުނެފައިނުވާކަމަށެވެ.

21.5 ސިއްރު ހެކިވެރިޔާ 1 ހެކިބަހުގައި، މާރާމާރީ ހިންގުމަށް ރޭވި މަންޒަރު ފެނުނު ނަމަވެސް ކޮންބަޔަކާމެދު މާރާމާރީ ހިނގަންކަމެއް އެނގިފައިނުވާކަމަށާއި، މޫނު ނިވާކުރަނިކޮށް ނުދެކޭކަމަށް ބުނެފައިވާކަމަށެވެ.

21.6 އަދި ހާދިސާ ހިނގި ސަރަޙައްދުން ނަގައިފައިވާ ސީސީޓީވީ ފޫޓޭޖަކުން އިޙްސާން ރަޝީދު އަދި އަޙްމަދު ނިމްޝާދު ފެނިފައިވާކަން އެނގެން ނެތްކަމަށެވެ.

22އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ އިޙްސާން ރަޝީދު އަދި އަޙްމަދު ނިމްޝާދުގެ ފަރާތުން ބުނެފައިވަނީ، ޝަފަހީ ހެކިންގެ ހެކިބަހުގައި ކަންބޮޑުވާންޖެހޭ ސީރިއަސް ކަންތައްތަކެއް ހުރުމާއެކު އެ ހެކިންގެ ހެކިބަހުގެ މައްޗަށް ކުށުގެ އުންސުރުތައް ފުރިހަމަވާކަމަށް ބަލައި ކުށް ސާބިތުވާކަމުގައި ކަނޑަނޭޅޭނެ ކަމަށެވެ. އެގޮތުން؛

22.1 ސިއްރު ހެކިވެރިޔާ 03 ގެ ހެކިބަހުގައި އަސީލުއަށް ޙަމަލާދީފައިވަނީ ފެންޓަސީ ކިޔުނު މީހެއްކަމަށާއި އެއީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން ކާކުކަން ނޭނގޭ ކަމަށާއި،

22.2 އަދި ސިއްރު ހެކިވެރިޔާ 04 ގެ ހެކިބަހުގައި އަސީލުއަށް ޙަމަލާދީފައިވަނީ އިޙްސާން ރަޝީދު ކަމަށް ބުނެފައިވާކަމަށާއި،

22.3 ސިއްރު ހެކިވެރިޔާ 05 ގެ ހެކިބަހުގައި އަޙްމަދު ނިމްސާދު ޙަމަލާދީފައިވަނީ ހެކިވެރިޔާއަށް ކަމަށާއި އަސީލު އަޙްމަދުއަށް ޙަމަލާދީފައިވަނީ ބޮނިޓޯ ކަމަށްބުނެފައިވާކަމަށެވެ.

22.4 އަދި ސިއްރު ހެކިވެރިޔާ 06 ގެ ހެކިބަހުގައި ހާދިސާ ހިނގިތަނުގައި ހުރެވުނުކަމަށާއި މާރާމާރީ ހިނގިކަން އެނގިފައިނުވާކަމަށާއި އަދި އެއްވެސް މީހެއްގެ އަތުން ހަތިޔާރެއް ފެނިފައިނުވާކަމަށް ބުނެފައިވާކަމަށެވެ.

22.5 ހަމައެހެންމެ، ސިއްރު ހެކިވެރިޔާ 05 އަކީ މައްސަލައިގެ ޚުޞޫމަތްތެރި ހެއްކެއްގެ ގޮތުގައި ހުރި ފަރާތެއްކަމަށެވެ.

22.6 ހަމައެފަދައިން، ސިއްރު ހެކި 04 ގެ ހެކިބަހުގައި މޫނު ނިވާކޮށްގެންހުރި އެކަކުވެސް މާރާމާރީ ހިންގި މީހުންގެ ތެރޭގައި ނެތްކަމަށާއި، ބާކީތިބި ހެކިވެރިންގެ ހެކިބަހުގައި ބުނަނީ އެތަނުގައި އެންމެންތިބީ މޫނު ނިވާކޮށްގެން ކަމަށެވެ.

22.7 އެހެންކަމުން މި ހެކިބަހުގައި ފުށުއެރުންތައް ހުރިއިރު މިއީ ޝަރީޢަތަށް ބަލައިގަނެވިދާނެ ހެކިބަހެއް ކަމުގައި ނުދެކޭކަމަށެވެ. އަދި އަސީލުއަށް ޙަމަލާދިން ގޮތާއި ޙަމަލާދިން ހެކިންގެ ހެކިބަހުގައި ސާބިތުވާން ނެތްނަމަ، ހަމަ އެކަނި ދައުލަތުން ބުނާ މިންގަޑުން ހެކިބަސް ވަޒަންކޮށް ކުށް ސާބިތުކުރެވިދާނެކަމަށް ނުދެކޭކަމަށެވެ.

އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ގެނައި ބަދަލާގުޅިގެން އަޙްމަދު ނިމްޝާދު އަދި އިޙްސާނު ރަޝީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތައް

23ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އިސްތިއުނާފު ރައްދުވާ އަޙްމަދު ނިމްޝާދު އަދި އިޙްސާނު ރަޝީދުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފު ޖަވާބު ފޯމު މައިގަނޑު ގޮތެއްގައި ތައްޔާރުކޮށްފައިވާނީ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ގުޅޭގޮތުންކަމަށެވެ. އަދި ދައުލަތުން އިސްތިއުނާފީ ފުރަތަމަ ނުކުތާ އަނބުރާ ގެންދިއުމުން، ދައުލަތުގެ އިސްތިއުނާފީ ދެވަނަ އަދި ތިންވަނަ ނުކުތާގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އިތުރު ގޮތެއް ކަނޑައަޅަން ޖެހޭނެކަމަށް ނުދެކޭކަމަށެވެ. އަދި މި މައްސަލައިގައި އަޙްމަދު ސިރުޙާން ޖަޢުފަރު އަދި ޝާރިފް ޝަރީފްގެ ފަރާތުން ދެއްކެވި ވާހަކަތައް މި ބައިގައި ހިމަނައިދެއްވުމަށް އެދޭކަމަށެވެ.

އިޙްސާން ރަޝީދު އަދި އަޙްމަދު ނިމްޝާދުގެ ފަރާތުން އެދޭ ގޮތް

24ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާގެ ނިންމުމަށް ތާއިދުކޮށް މައްސަލަ ނިންމައިދިނުމަށް އިޙްސާން ރަޝީދު އަދި އަޙްމަދު ނިމްޝާދުގެ ފަރާތުން އެދިފައިވެއެވެ.

އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ އިސްމާޢީލް ރިފާޢުގެ ފަރާތުން ދައްކާފައިވާ ވާހަކަތައް

25އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ އިސްމާޢީލް ރިފާޢުގެ ފަރާތުން ބުނެފައިވަނީ، ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން އެ ފުށުއެރުންތައް ހުރީ ކޮން ހެކިންގެ ހެކި ބަހެއްގައިކަމެއް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން ނެތްކަމަށް ފާހަގަކޮށްފައިވީނަމަވެސް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 12 ވަނަ ނަންބަރުން ފެށިގެން 22 ވަނަ ނަންބަރާއި ދެމެދު ދައުލަތުން ހުށަހަޅާފައިވާ ހެކިން ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި ފާހަގަކުރެވުނު ކަންކަން ތަފްޞީލުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

26އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ އިސްމާޢީލް ރިފާޢުގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފީ ނުކުތާތަކުގައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވީނަމަވެސް 20 ފެބުރުވަރީ 2018 ގައި ދައުލަތުން ހުށަހަޅާފައިވާ ޚުލާސާ ބަޔާނުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް ސީދާ އިސްމާޢީލް ރިފާޢު ޙަމަލާދެނިކޮށް ފެނިފައިނުވާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ދައުލަތުން ކޮށްފައިވާ ޓެރަރިޒަމް ކުށުގެ ދަޢުވާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށެވެ.

27އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ އިސްމާޢީލް ރިފާޢުގެ ފަރާތުން ބުނެފައިވަނީ، އިސްމާޢީލް ރިފާޢުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޢަމަލު ހިންގާފައިވާކަން އެނގެން ނެތުމުން، އިސްމާޢީލް ރިފާޢުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދަޢުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށެވެ.

ދައުލަތުން އިސްތިއުނާފީ ފުރަތަމަ ނުކުތާ އަނބުރާ ގެންގޮސްފައިވާތީ އާއި އެދޭގޮތް ބަދަލުކުރުމާއި ގުޅިގެން އިސްތިއުނާފު ރައްދުވާ އިސްމާޢީލް ރިފާޢުގެ ފަރާތުން ފާހަގަކޮށްފައިވާކަންކަން

28ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އިސްތިއުނާފު ރައްދުވާ އިސްމާޢީލް ރިފާޢުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މި މައްސަލައިގެ ހާދިސާ ހިނގިތަނުން އިސްމާޢީލް ރިފާޢު ފެނިފައިވާކަމަށް ބުނެފައިވަނީ ސިއްރު ހެކިވެރިޔާ 3 އެކަނި ކަމަށެވެ.

29ނަމަވެސް ސިއްރު ހެކިވެރިޔާ 5 ގެ ހެކިބަހުގައި ބުނެފައިވަނީ، މުނާދު ޖަޢުފަރުއަށް ހަމަލާދީފައިވަނީ އަޙްމަދު ނިމްޝާދުކަމަށެވެ. އެހެންކަމުން ހެކިވެރިޔާ 3 ގެ ހެކިބަސް ހެކިވެރިޔާ 5 ހެކިބަސް ފުށުއަރާކަމަށެވެ.

30ހަމައެހެންމެ، މި މައްސަލައިގެ އަނިޔާ ލިބުނު މުނާދު ޖަޢުފަރުގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހާއި ޙަވާލާދީ އިސްމާޢީލް ރިފާޢުގެ ފަރާތުން ބުނެފައިވަނީ، ހާދިސާއާ ގުޅޭ އެއްވެސް ތަނަކުން އިސްމާޢީލް ރިފާޢުއާ މި މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށެވެ.

31މީގެއިތުރުން، އިސްތިއުނާފީ ދެވަނަ ނުކުތާއާއި ތިންވަނަ ނުކުތާއަކީ ވަކި ނުކުރެވޭނެ ދެ ނުކުތާތަކެއް ކަމަށާއި، ދައުލަތުން ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ހެކި ލިބުނުކަމަށް ދައުލަތުން ސާބިތު ނުކުރެވޭކަމަށާއި، ދަށު ކޯޓު މަރުހަލާގައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ބުނާ ބުނުމަކީ، ކޮން އަސާސެއްގެ މައްޗަށް އަދި ކޮން ހެއްކެއްގެ ހެކިބަހެއް ކޮންގޮތަކަށް ލިބިގެންކަން ސާފުނުވާކަމަށެވެ.

އިސްމާޢީލް ރިފާޢުގެ ފަރާތުން އެދޭ ގޮތް

32ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަނޑައަޅުއްވާދެއްވައި މައްސަލަ ނިންމައިދިނުމަށް އިސްމާޢީލް ރިފާޢުގެ ފަރާތުން އެދިފައިވެއެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒާމެދު ނިންމިގޮތް

33HN1މި މައްސަލައަކީ، އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ހުށަހަޅައިގެން ކުރިއަށް ގެންދާ މައްސަލައެއްކަމަށް ބަޔާންކޮށް، މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށްއެދި އިސްތިއުނާފު ރައްދުވާފަރާތުން ހުށަހެޅުމުން، އެކަން ހިނގާފައިވާގޮތް ބެލިއިރު، މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅި، އަދި އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވިގެން ކުރިއަށް ގެންދެވޭ މައްސަލައެއްކަމުން، އެކަމާގުޅޭ ލިޔުންތައް އިޖުރާއީ އިއުތިރާޒު ހުށަހެޅި ފަރާތާ ހިއްސާކޮށް، އިޖުރާއީ އިއުތިރާޒުގައިވާ ގޮތަށް މި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައެޅިދާނެ ތަނެއް ނެތްކަމަށް ކަނޑައެޅި، މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކަށް ބަދަލު ގެނައުން

34ދައުލަތުން މި މައްސަލައިގައި އިސްތިއުނާފީ 3 ނުކުތާ ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އެ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން އަންނަނިވި ނުކުތާ އަނބުރާ ގެންގޮސްފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.

35އެއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެކެވެ.

35.1 މިނުކުތާގެ ތަފްސީލުގައި ދައުލަތުން، ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/74 ޤަޟިއްޔާއާއި، ނަންބަރު 2010/HC-A/57 ޤަޟިއްޔާގައި ކަނޑައަޅާފައިވާ "ހެކިބަހުގައި ފުށުއެރުންތަކެއް ހުރިނަމަވެސް، އެފުށުއެރުންތަކަކީ މައްސަލަ އެމައްޗަށް ބިނާވެގެންވާ ހަޤީޤަތްތައް ފުރޮޅިގެންދާފަދަ ޖައުހަރީ ތަފާތުތަކަކަށް ނުވާނަމަ، އެކަމަކީ ހެކިބަހުގެ ސައްޙަކަން ގެއްލޭނެކަމެއް ނޫންކަން" އަށް ބަޔާންކޮށްފައިވާ އުސޫލެވެ.

36ދައުލަތުން އެދިފައިވާ ފަދައިން، އެ ނުކުތާއަކީ އަނބުރާ ގެންގޮސްފައިވާ ނުކުތާއެއްކަމުގައި ކަނޑައަޅައި، ދެންހުރި ނުކުތާތަކަށް ޖަވާބުދާރީވުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ފުރުސަތު ދެވިފައިވެއެވެ.

37އެހެންކަމުން މި މައްސަލައިގައި ގޮތް ކަނޑައެޅުމަށް މިހާރު އޮތީ ދެ ނުކުތާއެވެ. އެއީ؛

37.1 ޤާނޫނު ނަންބަރު: 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)ގެ (1) އާ ޚިލާފަށް ހެކިޤަރީނާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށްފައިވާ ނުކުތާ އާއި،

37.2 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެކި ލިބިފައިވަނިކޮށް އެ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށްބުނާ ނުކުތާއެވެ.

ހެކި ޤަރީނާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށްފައިވާ ނުކުތާ

38ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)

5. (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ.

(1) މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ.

39ދައުލަތުން ބަހުސް ކޮށްފައިވަނީ މި މައްސަލަ ދަށުކޯޓުން ނިންމުމުގައި، މައްސަލައިގައި ހުށަހަޅާފައިވާ އެންމެހާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.

40HN2އެގޮތުން ހެކިންގެ ހެކިބަހުން ދެނެގަނެވެން ހުރި ކަންކަމަކީ ކޮބައިކަން ދައުލަތުން އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މި ނުކުތާގެ މައިގަނޑު މައުޟޫއަކީ ހެކިތަކަށް ރިޢާޔަތްކޮށްފައިނުވުންކަމަށް ވީހިނދު، ދަށު ކޯޓުން މި މައްސަލައިގެ ހެކިތަކަށް ރިޢާޔަތް ކޮށްފައިވާ ގޮތަށް ބެލުމަށްވުރެ، މި މައުޟޫގައި ބަލަންޖެހޭކަމަކީ، ހެކިތަކަށް ރިޢާޔަތްކޮށްފައިވާތޯ ކަމުގައި ދެކެމެވެ.

41އެގޮތުން ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތް އަށް ބަލާއިރު އަންނަނިވި ގޮތަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

1. ދަށުކޯޓުގެ ރިޕޯޓުގެ ފިހުރިސްތު

1. މައްސަލައިގެ މަޢުލޫމާތު، ސަފްހާ 1

2. ޚަސްމުންގެ މަޢުލޫމާތު، ސަފްހާ 1 އިން 2 އަށް

3. ދަޢުވާގެ ޚުލާސާ، ސަފްހާ 2 އިން 3 އަށް

4. ޤަޟިއްޔާއާއިގުޅޭ ލިޔުންތަކުގެ މަޢުލޫމާތު، ސަފްހާ 3 އިން 9 އަށް

5. ފާހަގަކުރެވުނު ނުކުތާތައް، ސަފްހާ 9 އިން 14 އަށް (ނުކުތާތަކުގެ ނަންބަރު ތަރުތީބުން)

1. ދަޢުވާކޮށްފައިވާ މާއްދާ

2. ދަޢުވާ ކުރެވިފައިވާ ސަބަބު، ނުވަތަ ދަޢުވާގެ ތަފްސީލު

3. ދަޢުވާލިބޭ އަޙްމަދު ނިމްޝާދު، ދަޢުވާއަށް އިންކާރުކޮށްފައިވާކަން

4. ދަޢުވާލިބޭ އަޙްމަދު ޖައުފަރު، ދަޢުވާއަށް އިންކާރުކޮށްފައިވާކަން

5. ދަޢުވާލިބޭ އިސްމާޢީލް ރިފާޢު، ދަޢުވާއަށް އިންކާރުކޮށްފައިވާކަން

6. ދަޢުވާލިބޭ އިޙްސާން ރަޝީދު، ދަޢުވާއަށް އިންކާރުކޮށްފައިވާކަން

7. ދަޢުވާލިބޭ ޙަސަން އިސާމް މުޙައްމަދު، ދަޢުވާއަށް އިންކާރުކޮށްފައިވާކަން

8. ދަޢުވާލިބޭ ޝާރިފް ޝަރީފް، ދަޢުވާއަށް އިންކާރުކޮށްފައިވާކަން

9. ދިފާއީ ހެކިން ހުށަހެޅުމަށް ދަޢުވާލިބޭ ފަރާތްތަކުގެ ވަކީލުންގެ ފަރާތުން ފުރުސަތަކަށް އެދިފައިވާކަން

10. ދައުލަތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ތަފްސީލު

11. ދަޢުވާލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތަފްސީލު

12. ދައުލަތުގެ ސިއްރު ހެކިވެރިޔާ 1 ގެ ހެކިބަސް

13. ދައުލަތުގެ ސިއްރު ހެކިވެރިޔާ 3 ގެ ހެކިބަސް

14. ދައުލަތުގެ ސިއްރު ހެކިވެރިޔާ 4 ގެ ހެކިބަސް

15. ދައުލަތުގެ ސިއްރު ހެކިވެރިޔާ 5 ގެ ހެކިބަސް

16. ދައުލަތުގެ ސިއްރު ހެކިވެރިޔާ 6 ގެ ހެކިބަސް

17. ދައުލަތުގެ ހެކިވެރިޔާ މުޙައްމަދު އަޝްރަފްގެ ހެކިބަސް

18. ދައުލަތުގެ ހެކިވެރިޔާ އަޝްފާޤް ޙަސަންގެ ހެކިބަސް

19. ދައުލަތުގެ ހެކިވެރިޔާ އަޙްމަދު ފަޔާޒްގެ ހެކިބަސް

20. ދައުލަތުގެ ހެކިވެރިޔާ ޑރ. އަޒަމް މަނަން ގެ ހެކިބަސް

21. ދައުލަތުގެ ހެކިވެރިޔާ ޑރ. މުޙައްމަދު ވަޙީދުގެ ހެކިބަސް

22. ދައުލަތުގެ ހެކިވެރިޔާ ޑރ. އިންނާމާ ދިލްޝާދު އަލަމްގެ ހެކިބަސް

23. ދިފާއީ ހެކިވެރިޔާ އާދަމް ފަވާޒްގެ ހެކިބަސް

24. ދިފާއީ ހެކިވެރިޔާ މުޙައްމަދު ފަރުހާނުގެ ހެކިބަސް

25. ދައުލަތުގެ ސިއްރު ހެކިވެރިޔާ 2 ގެ ހެކިބަސް ނުނެގުމަށް ދައުލަތުން އެދިފައިވާކަން

26. ދިފާއުގެ އިތުރު ހެކިންގެ ހެކިބަސް ނުނެގުމަށް ދިފާއުން އެދިފައިވާކަން

6. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް، ސަފްހާ 14 އިން 15 އަށް (27 ވަނަ ނުކުތާ)

(ހ). ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާއަށް އިންކާރުކޮށްފައިވާކަން

(ށ). ހެކި ޤަރީނާއަށް ބަލާއިރު، ދަޢުވާގައި ބުނާ ކުށުގެ ޢަމަލު ދަޢުވާލިބޭ ފަރާތްތަކުން ކޮށްފައިވާކަމަށް ހަރުދަނާ އަދި ސާފު ހެކިބަހެއް ލިބިފައިނުވާކަން އެނގެން އޮތުމުންނާއި، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގައި ތަފާތުތަކެއް ހުރުމުން އެ ހެކިބަހާމެދު ޝައްކު އުފެދުމުގެ ފުރުސަތު އޮންނާތީ، މި ދަޢުވާ ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ސާބިތުކުރުމަށް އިތުރު ހެކި ބޭނުންވާކަމާއި، އެހެންކަމުން ދަޢުވާގައި ބުނެފައިވާ ކުށުގެ ޢަމަލު ދަޢުވާލިބޭ ފަރާތްތަކުން ކޮށްފައިވާކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ޤަރީނާ ލިބިފައިނުވާކަން.

7. ޙުކުމް، ސަފްހާ 15

42HN3HN4HN5ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދަށުކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" އިން ސާފުވަނީ މައްސަލައިގެ ޝަރީޢަތުގައި ކަންކަން ހިނގައިދިޔަގޮތެވެ. އެގޮތުން؛

42.1 ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާއަށް އިންކާރުކުރުމުން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައި އެ ހެކިންގެ ހެކިބަސް ނެގިފައިވާކަމާއި،

42.2 ދިފާއުންވެސް ހެކި ހުށަހަޅައި އެ ހެކިންގެ ހެކިބަސް ނެގިފައިވާކަން ސާފުވެއެވެ.

42.3 ހަމައެފަދައިން، ހެކިން ހެކިބަސް އަދާކޮށް ދައްކާފައިވާ ވާހަކަތައް ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި ބަޔާންކޮށްފައިވީނަމަވެސް ހެކިންގެ ހެކިބަހުގެ ގޮތުގައި ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި ހިމަނާފައިވާ ވާހަކަތަކަކީ، ހެކިންގެ ހެކިބަހުގައި ދައްކާފައިވާ ހުރިހާ ވާހަކަތަކެއް ނޫންކަން، މައްސަލައިގައި ހިމެނޭ މަހްޟަރު ބަޔާންތައް ކިޔާލުމުން އެނގެއެވެ. އެހެންކަމުން ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި ހެކިންގެ ހެކިބަސް ބަޔާންކޮށްފައިވަނީ ޚުލާސާގޮތެއްގައި ފަނޑިޔާރަށް ދެނެގަނެވުނު ނުވަތަ މުހިންމު ކަންތައްތައް ކަމުގައި ދެކެމެވެ.

42.4 ހަމައެހެންމެ، ހެކިންގެ ހެކިބަހާއި ޚަސްމުންގެ ފަރާތުން ދެއްކި ވާހަކަތަކުގެ އަލީގައި ފަނޑިޔާރަށް ފާހަގަކުރެވުނު ކަންތައްތައް ބަޔާންކޮށްފައިވަނީ، ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ 27 ވަނަ ނުކުތާގައި ކަމުގައިވާއިރު، އެ ނުކުތާގައި، ވަކިވަކި ހެކިތަކުން ނުވަތަ އެއްހެކި އަނެއް ހެއްކާ ގުޅުވާލުމުން ފަނޑިޔާރަށް ދެނެގަނެވުނު ނަތީޖާއެއް ބަޔާންކޮށްފައި ނުވެއެވެ. އަދި ހެކިބަހުގައި ހުރި ތަފާތުތަކަކީ ކޮބައިކަމެއް އަދި ހެކިބަހުގައި ފުށުއެރުންތަކެއް ހުރިނަމަ، ހެކިބަސް ފުށުއެރީ ކޮންހެކިންނެއްގެ ހެކިބަސްތަކެއްކަން އަދި އެއީ ކިހާ ބޮޑު ތަފާތުތަކެއް ކަންވެސް ބަޔާންކޮށްފައިނުވެއެވެ.

42.5 ހަމައެފަދައިން، މި ދަޢުވާ ސާބިތުވާނީ އިތުރު ހެކި ހުށަހަޅައިގެން ކަމުގައި ބަޔާންކޮށް، ހަރުދަނާ އަދި ސާފު ހެކިބަހެއް މި މައްސަލައިގައި ލިބިފައިނުވާކަމަށް ފަނޑިޔާރު ބަޔާންކޮށްފައިވާއިރު، އެ ނަތީޖާއަށް ވާސިލުވިގޮތެއްވެސް އެނގެން ނެތެވެ.

42.6 އެހެންކަމުން، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިބަހުން ފަނޑިޔާރަށް ސާފުނުވަނީ ކޮންކަމެއްކަން ނުވަތަ ސާފުނުވަނީ ކިހިނެތްކަންވެސް ބަޔާންކޮށްދީފައިނުވެއެވެ.

42.7 ހަމައެހެންމެ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބުތަކަކީ ނުވަތަ ވާސިލުވެފައިވަނީ ކޮންގޮތަކަށްކަން ތަފުޞީލީ ގޮތެއްގައި ބަޔާންކޮށްފައިނުވެއެވެ.

42.8 އެހެންކަމުން، ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ ކޮން ހެކިތަކަކަށްކަމެއް، ރިޢާޔަތްނުކުރަނީ ކޮންހެކިތަކަކަށްކަމެއް، އަދި އެފަދައިން ނިންމާފައިވަނީ ކީއްވެކަމެއް، އަދި ވަކިވަކި ހެކިތަކުން ފަނޑިޔާރަށް ދެނެގަނެވުނު ނަތީޖާއެއް ނުވަތަ ފުށުއެރުންތަކެއް ހުރިކަމަށް ފަނޑިޔާރު ދެކޭ ސަބަބުތަކަކީ ކޮބައިކަންވެސް ނޭނގެއެވެ.

42.9 އެހެންކަމުން، މި މައްސަލައިގައި ހެކިބަހުންނާއި، ޚަސްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ އަލީގައި ފަނޑިޔާރަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާތަކަށް ރިޢާޔަތްކޮށްފައިވާކަމަށް ބުނެވެން ނެތެވެ. ހެކި ޤަރީނާއަށް ރިޢާޔަތްކުރެވުނުކަމަށް ބުނެވެން އޮންނާނީ، ހުށަހެޅިފައިވާ ހެކިތަކުގެ އަލީގައި ވާޤިއާތައް ކަށަވަރުކުރުމަށް ކުރެވިފައިވާ މަސައްކަތް ފެންނާން އޮތްނަމައެވެ. އެފަދައިން ހެކިތަކުން ދެނެގަނެވުނު ކަންކަމަކީ ކޮބައިކަން އެއްވެސް ވަރަކަށް ބަޔާންކުރުމެއް ނެތި، ޖުމްލަ ނަތީޖާއެއްގެ ގޮތުގައި ދަޢުވާ ސާބިތުނުވާކަމަށާއި، އަދި ދަޢުވާ ސާބިތުވާނީ އިތުރު ހެކި ހުށަހަޅައިގެންކަމަށް ބަޔާންކޮށްލުމަކުން، އެއީ ކިހިނެއް ކޮންގޮތަކުން ގެނެސްފައިވާ ނަތީޖާއެއްކަން ދެނެގަނެވެން ނޯންނާނެއެވެ. އަދި މިހާލަތްތަކުގައި މިފަދަ މައްސަލަތައް އިސްތިއުނާފު ކުރެވޭހިނދު ދަށުކޯޓުގެ ފަނޑިޔާރު ވާސިލުވެފައިވާ ނަތީޖާއަކީ ރަނގަޅު ނަތީޖާއެއް ކަމުގައި ވީނަމަވެސް، އެކަންވެސް ދެނެގަނެވޭނެ ގޮތެއް ނޯންނާނެއެވެ.

42.10 އެހެންކަމުން، މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައިވާ އެންމެހާ ހެކިޤަރީނާތަކަށް ރިޢާޔަތްކުރެވިފައިވާކަމަށް ބުރަވެވެން ނެތުމުން، އަދި ހެކި ޤަރީނާއަށް ރިޢާޔަތްކޮށްފައިވާކަން އެނގެން ނެތުމުން، މި މައްސަލައަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ މައްސަލައެއްކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކުރެވޭ ހެކި ޤަރީނާ ހުށަހަޅާފައިވަނިކޮށް މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވާކަމަށް ބުނެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޙަވާލާދީ ހުށަހަޅާފައިވާ ނުކުތާ

43HN6HN8ހެކި ޤަރީނާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމުގެ މައްޗަށް މަތީ މަރުޙަލާއިން މައްސަލަ ނިންމޭ ޙާލަތުގައި އާންމު އުސޫލަކުން އެ މައްސަލައެއް ތަޙުވީލުކުރެވޭހިނދު، އަދި މި މައްސަލައިގައިވެސް ދައުލަތުން އެދިފައިވަނީ މައްސަލަ ތަޙުވީލުކުރުމަށް ކަމުގައި ވީހިނދު، މިއީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)އާ ޚިލާފަށް ނިންމާފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައިފިނަމަ، އެ މާއްދާގެ އިނދިކޮޅު މާނަ ކަމަށްވާ "ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުކުރެވިފައިވާތީ ކުށްވެރިއެއް ކަމުގައި ބެލުމަށް" ނުވަތަ ހުށަހެޅިފައިވާ ހެކިތަކަކީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މި ދަޢުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅަންފުދޭ ހެކިތަކެއް ކަމަށް ކަނޑައެޅޭނެއެވެ.

44HN7ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލި އެ ދަޢުވާއެއް ސާބިތުވެއްޖެކަމަށް ކަނޑައެޅުމާ ހަމައަށް އެ މައްސަލައެއް ބަލާ ފަނޑިޔާރު ކަމުގައިވިޔަސް، ތަޙުޤީޤުކުރާ އިދާރާއިން ކަމުގައިވިޔަސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންކަމުގައިވިޔަސް، އެފަދަ މީހަކާ މެދު ބަލަންވާނީ އަދި ޢަމަލުކުރަންވާނީ، އެމީހަކީ ކުށެއް ނެތް މީހެއްކަމުގައެވެ. އެއީ ކޮންމެ ޖިނާއީ ތުހުމަތެއްގައި ހުރި މީހެއްނަމަވެސް، ތަބައީ އިންސާފުގެ ހަމައިންނާއި ދުސްތޫރީ އަދި އިންސާނީ ޙައްޤެއްގެ ގޮތުގައި ލިބިދޭ މުހިންމު ޙައްޤެކެވެ.

45ހަމައެހެންމެ، ދަޢުވާއެއް ކުރިއަށްދާހިނދު، އެ މައްސަލައިގައި ހުށަހެޅިފައިހުރި ހެކި ޤަރީނާއަކީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މި ދަޢުވާ ސާބިތުކުރުމަށް ފުދޭ ހެކިތަކެއް ކަމުގައި ކަނޑައަޅައިގެން ކުރިއަށް ގެންދިއުމަކީވެސް ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. އެގޮތުން މި މައްސަލަ ތަޙުވީލު ކުރެވޭ ހާލަތުގައި އެފަދައިން ކަނޑައެޅުމަކީ ހިނގަމުންދާ މައްސަލައެއްގައި ކުރީބައިގައި ޙުކުމެއް ނުވަތަ ފައިސަލާއެއް ކުރުންކަމުގައި ނޫނީ ނުވާނެއެވެ.

46އެހެންކަމުން، އިސްތިއުނާފީ މި ނުކުތާއަކީ މިހިނދަށް ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައި އަހުރެން ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

47މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި، ދަށު ކޯޓުން މި މައްސަލަ ނިންމުމުގައި މި މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުރަވެވުނު ހިނދު، ދައުލަތުން އެދިފައިވާ ފަދައިން މި މައްސަލަ ތަޙުވީލު ކުރަންޖެހޭކަމަށް ކަނޑައަޅައި، އަދި މި މައްސަލަ ތަޙުވީލު ކުރުމުން، މި މައްސަލައަކީ ހެކިބަސް ނަގައި ނިމިފައިވާ މައްސަލައެއް ކަމުގައި ބަލައިގެން، އެ ހެކިތައް ވަޒަންކޮށް މައްސަލައިގައި އަލުން ޙުކުމް ކުރުމަށް އަންގައި، މި މައްސަލަ ނިންމަން ފެނެއެވެ. އަދި މިނުކުތާއާމެދު މިފަދައިން ގޮތް ކަނޑައެޅިގެން ދިއުމުން ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ އެހެން އިސްތިއުނާފީ ނުކުތާތަކަށް ގޮތް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު

48މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

49މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާ ނިންމުމުގައި މި މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުރަވެވުނު ހިނދު؛

1. ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި،

2. މި މައްސަލައަކީ ހެކިބަސް ނަގައި ނިމިފައިވާ މައްސަލައެއް ކަމުގައި ބަލައިގެން، އެ ހެކިތައް ވަޒަންކޮށް މައްސަލައިގައި އަލުން ޙުކުމްކުރުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ދަށުން، ކްރިމިނަލް ކޯޓުގެ ނަންބަރު 126/Cr-C/2015 ޤަޟިއްޔާ އެ ކޯޓަށް ތަޙުވީލުކޮށް،

3. މި ނުކުތާއާމެދު މިފަދައިން ގޮތް ކަނޑައެޅިގެން ދިއުމުން ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ އެހެން އިސްތިއުނާފީ ނުކުތާތަކަށް ގޮތް ކަނޑައަޅަންޖެހޭތަނެއް ނެތްކަމުގައި ކަނޑައަޅައި،

އެގޮތުގެ މަތީން ޙުކުމްކޮށް، މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން މި މައްސަލަ ނިންމީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު މުޙައްމަދު ފައިޞަލް

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު ޙަސަން ޝަފީޢު

ފުޓްނޯޓު

  1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/196/2019/98 (26 އޮގަސްޓް 2019) ސިޓީ.
  2. […]
  3. […] - މިމައްސަލަ ދަށު ކޯޓުގައި ކުރިއަށް ދިޔައިރު މި ފަރާތުގެ ނަމަކީ 'އަޙްމަދު ޖަޢުފަރު' އެވެ.
  4. […]
  5. […]
  6. […]
  7. […]
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އަނބުރާ ގެންދިޔަ ނުކުތާ)
  • ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަދި 6 ވަނަ މާއްދާގެ (ހ) (ދަޢުވާގެ ބިންގާ)
  • ހައިކޯޓުގެ 2014/HC-A/74 އަދި 2010/HC-A/57 (އަނބުރާ ގެންދިޔަ ނުކުތާގައި ދައުލަތުން ޙަވާލާދީފައި)
  • ހައިކޯޓުގެ 2017/HC-A/141 (ދައުލަތުން ޙަވާލާދީފައި)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ