އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު ޝިޔާޒު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 172/VTR/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ކަނޑައަޅައި ޓްރައިބިއުނަލުން މުވައްޒަފަށް USD 3,750 ގެ ބަދަލު ދިނުމަށް ނިންމި ނަމަވެސް ވަޒީފާއަށް ރުޖޫޢަ ނުކުރިއެވެ. ކުންފުނިންނާއި (2020/HC-A/04) މުވައްޒަފުން (2019/HC-A/648) ވެސް ހައިކޯޓަށް އިސްތިއުނާފުކުރުމުން، ދެ މައްސަލަ އެކުގައި ނިންމިއެވެ.
- ވާޤިޢާ
- ރިސޯޓެއްގެ މޭޖަރޑޮމްގެ މަޤާމުގައި ހުރި މުވައްޒަފަކު އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރިކަމުގެ ޝަކުވާތައް ލިބުމުން، ކުންފުނިން އޭނާ ސަސްޕެންޑްކޮށް، ތުހުމަތު ލިޔުމުން އަންގައި ޖަވާބު ހޯދިއެވެ. ތުހުމަތު ދޮގުކުރުމުން، ވަޒީފާގެ އެއްބަސްވުމުގެ 'gross misconduct' ގެ ޝަރުޠާއި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ޙަވާލާދީ ނޯޓިސް ނުދީ ވަކިކުރިއެވެ. ޖިންސީ ފުރައްސާރައިގެ ޤާނޫނުގައިވާ ކޮމިޓީއެއް ކުންފުނިން ހަދާފައި ނުވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޝަކުވާ ހުށަހެޅި މީހުންގެ ބަޔާންތަކުން ޣައިރު ސުލޫކީ ޢަމަލު ސާބިތުވާކަމަށާއި، ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދިން ކަމަށް ކުންފުނިން ބުންޏެވެ. ހެކިތަކަކީ ބުނި އަޑު އަހައިގެން ދޭ ހެކިކަމަށާއި، ޖިންސީ ފުރައްސާރައިގެ ޤާނޫނުގެ އިޖުރާއަތު ފުރިހަމަނުކުރާކަމަށާއި، ޤާނޫނާ ޚިލާފަށް ވަކިކުރި މީހަކު ވަޒީފާއަށް ރުޖޫޢަކުރަންޖެހޭކަމަށް މުވައްޒަފު ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރަންޖެހޭއިރު، ސަބަބު ސާބިތުކުރަންޖެހެނީ ބޮޑަށް ބުރަވެވޭ މިންގަނޑުންނެވެ. ޝިކާރައަކަށްވި މީހެއްގެ ސީދާ ބަހަށް އެހެން ޝަކުވާތަކާއި ބަޔާންތަކުން ބާރުލިބޭތީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ހިނގާފައިވާކަމަށް ބުރަވެވެއެވެ. ޖިންސީ ފުރައްސާރައަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒަންކުރެވޭ ކަމެކެވެ. ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާތީ އިޖުރާއީ ޢަދުލުވެރިކަމަށްވެސް ޢަމަލުކުރެވިފައިވެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 172/VTR/2018 ނިންމުން ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކުރެވުނެވެ. މުވައްޒަފުގެ ފުށުން ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ހިނގާފައިވާކަމަށް ބޮޑަށް ބުރަވެވޭތީ މައުޟޫޢީ ޢަދުލުވެރިކަމާއި، ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި USD 3,750 ދިނުމަށް ކުރި އަމުރު ބާޠިލުކުރެވުނެވެ. ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމާއި، މުސާރައާއި އެލަވަންސްތަކާއި ގެއްލުމުގެ ބަދަލަށް މުވައްޒަފު (2019/HC-A/648) އެދުނުގޮތަށް ނުނިންމެވުނެވެ.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާއާ ގުޅޭ އުޞޫލުތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ބަޔާންކޮށް، އެ ޙައްޤުތައް ހިމާޔަތްކުރުމެވެ. މި ޤާނޫނުގެ މައިގަނޑު އެއް މަގުސަދަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، މި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ވަޒީފާދޭ ފަރާތަށް ލިބިފައިވާ އިޚްތިޔާރު ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ ތެރެއިން ގައިދުކުރުމެވެ. އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފުން ވަޒީފާއިން ވަކިކުރުން މަނާކުރުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އިން ދަމަހައްޓާ އެއް ހަމައެވެ.
HN2 މުވައްޒަފެއްގެ އަޚްލާޤު އެކަށިގެންނުވުމާއިއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައި ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒިފާއިން ވަކިކުރެވިދާނެއެވެ. އެފަދަ ޙާލަތްތައް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ.
HN3 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް، ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ، މި ބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުންނެވެ.
HN4 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭކަމެއްކަން ކަށަވަރުކުރަންވާނެއެވެ. ވަޒީފާއާބެހޭ ޤާނޫނު ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫއީ އަދުލުވެރިކަމާއި (substantive fairness) އިޖުރާއީ އަދުލުވެރިކަން (procedural fairness) ގާއިމުކުރުމަށް ފަހުގައެވެ.
HN5 މައުޟޫއީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކުރެވި ވަޒީފާއިން ވަކިކުރުމެވެ. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)އަށް ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ، ނުވަތަ ވަޒީފާއަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެ މުވައްޒަފެއްގެ ކިބައިގައި ނެތުމަކީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ. އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއްކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއްވެފައިވާނަމަ، ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ.
HN6 އިޖުރާއީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ އަދުލުވެރި އިޖުރާއަތަކަށްވުމެވެ. މީގެ ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކަށް ދިނުމާއި، އެ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ހިމެނެއެވެ.
HN7 ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ (misconduct) މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ހުއްދަކުރާ ކަމަކަށް ނުވެއެވެ. އެ މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފަކު ކުރި ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ކަމަށް ވާނަމައެވެ. ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ބެލެވޭނީ އެ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލަކަށްވާނަމައެވެ. ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުވެފައިވާނަމަ، ނުވަތަ ދެ ފަރާތް ދެމެދު އޮންނަ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއް މެދުވެރިވެފައިވާނަމަ ނުވަތަ ވަޒީފާގެ އިލްތިޒާމްތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފުވެފައިވާނަމަ، އެ ޢަމަލަކީ ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލަކަށްވެދާނެއެވެ.
HN8 މުވައްޒަފަކު ކުރާ މަސައްކަތުގެ ބާވަތާއި، އޭނާގެ މަޤާމާއި މަސްޢޫލިއްޔަތާއި އަދި އޭނާގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމާއި ޒިންމާއާ ގުޅިގެން ޣައިރު ސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިޔުމަކީ އެކަށީގެންވާކަމެކެވެ. މުވައްޒަފަކު ކުރި ޣައިރު ސުލޫކީ ޢަމަލެއްގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަޒިފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.
HN9 ބޮޑަށް ބުރަވެވޭ މިންގަނޑު ކަނޑައެޅުމުގައި ކަން ހިނގާފައިވާ ގޮތަށާއި، ހުށަހަޅާފައިވާ ހެކި ގަރީނާއަށް ރިޢާޔަތްކޮށް، އެންމެ ގާތް ގޮތަކީ ކަން ވުމަށް ވުރެ ކަން ނުވުންތޯ ނުވަތަ ކަންވުން ގާތްތޯ ފަނޑިޔާރު ވަޒަންކުރަންވާނެއެވެ.
HN10 ވަޒީފާގެ މާހައުލުގައި ހިނގާ ފުރައްސާރަކުރުމުގެ ޢަމަލުތައް އާންމުކޮށް ރިޕޯޓުކުރަނީ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށެވެ. މިފަދައިން ކުރެވޭ ރިޕޯޓުތަކުގެ މައްޗަށް ހިއުމަން ރިސޯސްގެ އިސްވެރިޔާ ދޭ ބަޔާން ނުވަތަ ތަހުޤީޤުކުރާ ފަރާތުން ދޭ ބަޔާނަކީ އެކަމާ ގުޅޭ ގޮތުން ވުޖޫދުގައި އޮތް ހަމައެކަނި ހެކި/ގަރީނާ ކަމުގައިވާނަމަ، އެއަށް އެކަނި ބިނާކޮށް، ފުރައްސާރައިގެ ޢަމަލެއް ހިނގާފައިވާކަމަށް ބޮޑަށް ބުރަވެވޭ ކަމަށް ބެލުމަކީ އެންމެ އިންސާފުވެރި ގޮތަށް ނުވެދާނެއެވެ. އެހެނަސް، ފުރައްސާރައިގެ ޝިކާރައަކަށްވީ ފަރާތުން އެކަން ވީ ގޮތް ބަޔާންކުރާ އެ ފަރާތުގެ ސީދާ ބަހެއް އޮތްނަމަ، އެކަމަށް ބާރުދޭ (ކޮރޮބޮރޭޝަން) އެހެނިހެން ރިޕޯޓުތަކާއި ބަޔާންތައް ސީދާ ހެއްކަށް ބާރުދޭ ގަރީނާގެ ގޮތުގައި ބޭނުންކުރެއެވެ. މި އިތުރު ހެކި/ގަރީނާ ވާންވާނީ އަދުލުވެރި ހެކި ބުނާ ބަހަށް އިތުރު ކަށަވަރުކަމެއްދޭ، ބަރޯސާކުރެވޭފަދަ މުޢުތަބަރު ހެކި/ގަރީނާއަށެވެ.
HN11 ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ކަމަށް ބުނެފައިވަނީ، މީހެއްގެ ނުޤަބޫލުގައި އެހެން މީހަކު އޭނާއާ ދެކޮޅަށް ނިސްބަތްކޮށް، ޖިންސީ ޢަމަލެއް ހިންގުމަށްކަމަށެވެ. ޖިންސީ ޢަމަލެއް ހިންގުން ކަމުގައި ބެލޭނީ، އެ ޢަމަލު ހިންގި މީހާގެ ވާހަކައަކުން، ބުނާ ބަސްތަކަކުން، ލިޔާ ލިޔުމަކުން، ދައްކާ ކުރެހުމަކުން، ތަސްވީރަކުން، އިއްވާ އަޑަކުން، ކުރާ އިޝާރާތަކުން، ކުރާ ހަރަކާތަކުން ނުވަތަ ބަލާ ބެލުމަކުން ކުރާ އެނޫންވެސް ޢަމަލެއްގެ ސަބަބުން އެ ޢަމަލު އެމީހަކަށް ދެކޮޅަށް ހިންގޭ މީހާއަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިޔުންކަމުގައި އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރެއެވެ.
HN12 ވަޒީފާގެ މާޙައުލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތަކުން ރައްކާތެރިވެގެންވާ މާޙައުލަކަށްވާންވާނެއެވެ. އަދި އެފަދަ ކަމެއް މެދުވެރިވެއްޖެ މުވައްޒަފަކަށް އިތުރު ގެއްލުމެއް ލިބިނުދީ، އެފަދަ ކަންކަން ހުއްޓުވުމަށް ވަޒީފާދޭ ފަރާތުން ފިޔަވަޅުއަޅަންވާނެއެވެ. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކުރާ ޢަމަލެއް، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒަންނުކުރެވޭނެކަން ބަޔާންކޮށްފައެއްނުވާތީ، ވަޒީފާއަދާކުރާ ފަރާތުގެ ޢަމަލަކީ ޖިންސީ ފުރައްސާރަކުރުމުގެ، ފުރައްސާރަކުރުމުގެ ނުވަތަ ގޯނާކުރުންފަދަ ޢަމަލެއްކަމުގައިވެ، އެ ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްނަމަ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ތަރަހައިގެ ތެރެއިން، އެ ޢަމަލު ވަޒަންކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝަހުދީ އަންވަރު، މިޒްނާ އަޙްމަދު، ޙުސައިން ސިރާޖް، އެސް އެންޑް އޭ ލޯޔަރސް
- ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
- މަރްޔަމް އިނާޝާ
- ބެންޗު
- ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ހާތިފް ޙިލްމީ، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު 1 : 2019/HC-A/648
އިސްތިއުނާފުކުރި ފަރާތް: އަޙްމަދު ޝިޔާޒު، ސ.ހިތަދޫ ޝިޒްމީނީމަންޒިލް
އިސްތިއުނާފު ރައްދުވި ފަރާތް: އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
އިސްތިއުނާފުކުރި ފަރާތް: އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
އިސްތިއުނާފު ރައްދުވި ފަރާތް: އަޙްމަދު ޝިޔާޒު، ސ.ހިތަދޫ ޝިޒްމީނީމަންޒިލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
އިސްފަނޑިޔާރު ހާތިފް ޙިލްމީ
ފަނޑިޔާރު މުޙައްމަދު ނިޔާޒް
އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވި ފަރާތް
އަޙްމަދު ޝިޔާޒު، ސ.ހިތަދޫ ޝިޒްމީނީމަންޒިލް އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް)
ބަދަލުގައި: މަރްޔަމް އިނާޝާ މާވިނަ، ކ.ކާށިދޫ ޤާނޫނީ ވަކީލު: މުޙައްމަދު ޝަހުދީ އަންވަރު، މިޒްނާ ޢަޙްމަދު، ޙުސެއިން ސިރާޖު، އެސް އެންޑް އޭ ލޯޔަރސް
2020/HC-A/04
އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވި ފަރާތް
އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް އަޙްމަދު ޝިޔާޒު، ސ.ހިތަދޫ ޝިޒްމީނީމަންޒިލް
ޤާނޫނީ ވަކީލު: މުޙައްމަދު ޝަހުދީ އަންވަރު، މިޒްނާ ޢަޙްމަދު، އެސް އެންޑް އޭ ލޯޔަރސް ބަދަލުގައި: މަރްޔަމް އިނާޝާ މާވިނަ، ކ.ކާށިދޫ
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 172/VTR/2018
ނިންމި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 03 ސެޕްޓެމްބަރު 2018 ނިމުނު ތާރީޚް: 15 އޮކްޓޯބަރު 2019
ވަޒީފާއިން ވަކިކުރުމުގައި ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް- މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ-ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
[1]ސ.ހިތަދޫ ޝިޒްމީނީމަންޒިލް، އަޙްމަދު ޝިޔާޒު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A293515) (މީގެ ފަހުން "އަޙްމަދު ޝިޔާޒު")، އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ (މީގެ ފަހުން "އައި އެންޑް ޓީ މެނޭޖްމަންޓް" ނުވަތަ "ކުންފުނި") ފަރާތުން ހިނގަމުން ގެންދާ ޝެވެލް ބްލަންކް ރަންދެލި ރިސޯޓުގެ މޭޖަރޑޮމްގެ މަޤާމުގައި ވަޒީފާއަދާކުރަމުންދަނިކޮށް، ޖިންސީ ފުރައްސާރަކުރިކަމަށް ބުނެ އަޙްމަދު ޝިޔާޒުއާ މެދު ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ތަޙުޤީޤުކުރުމަށް 26 ޖުލައި 2018 ގައި އަޙްމަދު ޝިޔާޒު ސަސްޕެންޑްކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން 02 އޮގަސްޓް 2018 ގައި އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވެއެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާ އަނބުރާ ލިބިދިނުމަށާއި، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށް އަމުރުކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލު ވަޒީފާއާބެހޭ ޤާނޫނު ގައިވާ ގޮތުގެ މަތިން ލިބިދިނުމަށް އެދި އައި އެންޑް ޓީ މެނޭޖްމަންޓުގެ މައްޗަށް މައްސަލަ ރައްދުވާ ގޮތަށް އަޙްމަދު ޝިޔާޒު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ޓްރައިބިއުނަލުން ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 މައްސަލައިގެ ގޮތުގައެވެ.
[2]އަޙްމަދު ޝިޔާޒު ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވަމުން، އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާ މައިގަނޑު ބުނުމަކީ، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ރިސޯޓުގައި މަސައްކަތްކުރަމުން ދިޔަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރުމުގެ ޝަކުވާ އެކި ފަހަރު މަތިން ލިބިފައިވާތީ، އެކަން ތަޙުޤީޤުކުރުމަށްފަހުގައިކަމަށެވެ. އަޙްމަދު ޝިޔާޒުއާއި އައި އެންޑް ޓީ މެނޭޖްމަންޓުއާ ދެމެދު ވެފައިވާ ވަޒީފާއާބެހޭ އެއްބަސްވުމުގެ ދަށުން ވަޒީފާއަދާކުރާ ފަރާތް 'ގްރޮސް މިސްކޮންޑަކްޓް' އަކަށްވާ ޢަމަލެއްކޮށްފިނަމަ ނޯޓިސްއަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެކަމަށާއި، ކުންފުނީގެ އެހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާކުރުމަކީ މިފަދަ 'ގްރޮސް މިސްކޮންޑަކްޓް'ގެ ޢަމަލެއްކަމަށާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންނާއި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވަޒީފާއިން ވަކިކޮށްފައިވަނީ، އަޙްމަދު ޝިޔާޒުގެ ޢަމަލުތައް ބަހައްޓާފައިވާގޮތުން، އެ ފަރާތުގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވުމާއި، އެ ފަރާތް ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަން ނުފެންނާތީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ފުރިހަމަކޮށްފައިވާކަމަށެވެ.
[3]ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތް
[4]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ:
[5]" ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އަޙްމަދު ޝިޔާޒު، މައްސަލަ ރައްދުވި ކުންފުނިން ހިންގަމުން ގެންދާ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުގެ މެޖަރޑޮމްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، ޖިންސީ ފުރައްސާރަކުރިކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވާތީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅި މި މައްސަލައިގައި، އަޙްމަދު ޝިޔާޒުއަށް ތުހުމަތުކޮށް ޖިންސީ ފުރައްސާރަކުރުމުގެ ޝަކުވާތަކެއް ހުށަހެޅުމުން އެކަންކަން އިތުރަށް ބެލިބެލުމުން، އަޙްމަދު ޝިޔާޒުގެ މި ޢަމަލަކީ އަޙްމަދު ޝިޔާޒުއަށް އެއްވެސް ނޯޓިހެއް ދިނުމަކާއިނުލައި ވަޒީފާއިން ވަކިކުރެވިދާނެފަދަ އަމަލެއްކަމަށާއި، އެގޮތުން އަޙްމަދު ޝިޔާޒު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ މައްސަލަ ރައްދުވި ފަރާތަށް ގެއްލުން ލިބިވޭނެކަމެއްކަމަށްވާތީ އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރީކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނިނަމަވެސް، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަން މައްސަލަ ރައްދުވި ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން އަޙްމަދު ޝިޔާޒު ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ އެއްގޮތަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެހެންނަމަވެސް އަޙްމަދު ޝިޔާޒު އެދިފައިވާގޮތަށް ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ބަލާއިރު، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރަން ދިމާވި ސަބަބަށާއި، އެކަމުގައި އޭނާ ބައިވެރިވެފައިވާ މިންވަރަށް ރިޢާޔަތްކޮށް، މި ޙާލަތުގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކުރުމުގެ ބަދަލުގައި ޢަދުލުވެރި ބަދަލެއް ނަގައިދިނުމަކީ ދެ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރާއިރު އެންމެ ޢަދުލުވެރިގޮތްކަމަށް ފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، އަޙްމަދު ޝިޔާޒުއަށް ބަދަލުގެ ގޮތުގައި USD$3750 (ތިންހާސް ހަތްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ނަގައިދިނުމަށް ކަނޑައަޅައި، މިފައިސާ، މިއަދު (15 އޮކްޓޯބަރު 2019) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި އަޙްމަދު ޝިޔާޒުއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ."
[6]މިފަދައިންނެވެ.
[7]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
[8]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ، އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. މި ޤަޟިއްޔާ ބަލާފައިވަނީ މި ކޯޓުގެ ނަންބަރު 2020/HC-A/04 ޤަޟިއްޔާއިންނެވެ. މި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ އަޙްމަދު ޝިޔާޒުއެވެ.
[9]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ، އަޙްމަދު ޝިޔާޒުގެ ފަރާތުންވެސް އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. މި ޤަޟިއްޔާ ބަލާފައިވަނީ މި ކޯޓުގެ ނަންބަރު 2019/HC-A/648 ޤަޟިއްޔާއިންނެވެ. މި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑެވެ.
[10]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 ނިންމުން ނިންމާފައިވާ ގޮތާއި މެދު އެ މައްސަލައިގައި މައްސަލަ ހުށަހެޅި އަޙްމަދު ޝިޔާޒުގެ ފަރާތުންނާއި އަދި އެ މައްސަލައިގައި މައްސަލަ ރައްދުވި އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ނިންމުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާތީ އެ ޤަޟިއްޔާ ބެލުނު މި ކޯޓުގެ ނަންބަރު 2020/HC-A/04 ޤަޟިއްޔާއާއި މި ކޯޓުގެ ނަންބަރު 2019/HC-A/648 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތް އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުމަކީ ބޭނުންތެރިކަމެއްކަމަށް ފެންނާތީ، މި ދެ ޤަޟިއްޔާގައި ފާހަގަކުރެވުނު ކަންކަން އެކުއެކީގައި ބަޔާންކުރަމެވެ.
[11]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 މައްސަލަ އިސްތިއުނާފުކުރުމަށް އެދި އައި އެން ޓީ މެނޭޖްމަންޓުން ހުށަހެޅި އިސްތިއުނާފީ ދަޢުވާއާއި އޭގެ ރައްދު
[12]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 ނިންމުން އިސްތިއުނާފުކުރުމަށް އެދި އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންނަނިވި 3 ނުކުތާ ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
[13]7.1 ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގެ ނިންމުމަށް ވާސިލުވުމުގައި، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރިކަން ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާކަމަށާއި، މައުޟޫއީ އަދުލުވެރިކަން ގާއިމުކުރިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ހުރިހާ ހެއްކަށް ރިޢާޔަތްކުރުމެއްނެތި، ވަޒީފާއިން ވަކިކުރާ ޙާލަތުގައި ގާއިމުކުރަންޖެހޭ “Substantive fairness” (މައުޟޫއީ އަދުލުވެރިކަން) ގާއިމުނުކުރެވޭ ކަމަށް ބުނެ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
[14]7.2 ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގެ ނިންމުމަށް ވާސިލުވުމުގައި، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރާ ޙާލަތުގައި ގާއިމުކުރަންޖެހޭ “Substantive fairness” (މައުޟޫއީ އަދުލުވެރިކަން) ގާއިމުނުކުރެވޭކަމަށް ބުނެ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
[15]7.3 ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގެ ނިންމުމަށް ވާސިލުވުމުގައި، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރިކަން ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާކަމަށާއި، ވަޒީފާއިން ވަކިކުރާ ޙާލަތުގައި ގާއިމުކުރަންޖެހޭ “Procedural fairness” (އިޖުރާއީ އަދުލުވެރިކަން) ގާއިމުނުކުރެވޭކަމަށް ބުނެ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[16]މި ނުކުތާތައް ތަފްސީލުކުރަމުން އައި އެން ޓީ މެނޭޖްމަންޓްގެ ފަރާތުން ބުނެފައިވަނީ އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގެ ދަށުން އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވުމާއި، އަޙްމަދު ޝިޔާޒް ވަޒީފާގައި ބެހެއްޓުމަކީ ކުރެވޭނެކަމެއް ނޫންކަމަށް އައި އެންޑް ޓީ މެނޭޖްމަންޓްއަށް ފެނިގެންކަމަށެވެ. ރިސޯޓުގައި މަސައްކަތްކުރި މުވައްޒަފެއްކަމުގައިވާ ވިކްޓޯރިއާ ބައްސެވިޓްޒް (Victoria Bassewitz) ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް އަޙްމަދު ފާއިޒް 15 ޖުލައި 2018ގައި ތައްޔާރުކޮށްފައިވާ ބަޔާނަށާއި، ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina) ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް އަޙްމަދު ފާއިޒް 16 ޖުލައި 2018 ގައި ތައްޔާރުކޮށްފައިވާ ބަޔާނަށާއި، ޖަސްޓީން ގޮންތިއަރ (Justine Gonthier)ގެ ބަޔާނުންވެސް އަޙްމަދު ޝިޔާޒް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައިވާކަން އެނގޭކަމުގައި އައި އެންޑް ޓީ މެނޭޖްމަންޓުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މި ލިޔެކިޔުންތަކުން އަޙްމަދު ޝިޔާޒު ހިންގި ޢަމަލުތައް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބަޔާންކުރާ ތަރަހައިގެ ތެރެއަށް ވަދެ، މި މާއްދާގެ (ނ) އާއި (ރ) ގައި ކަނޑައަޅާފައިވާ މަދަނީ މިންގަނޑު ފުރިހަމަވާކަމަށް ބެލެވޭކަމުގައި ބަޔާންކުރެއެވެ.
[17]މީގެ އިތުރުން އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވަނީ އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާ ޖިންސީ ފުރައްސާރަކޮށްފައިވާކަމުގެ ޝަކުވާ ހުށަހެޅުމުން، ދެ ފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ xvi (b) ގެ ދަށުން އަޙްމަދު ޝިޔާޒުގެ އަޚްލާޤު އެކަށީގެންނުވާކަމަށް ބެލޭވޭތީކަމުގައެވެ. މި ވަޒީފާގެ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ xvi (b) ގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.
“14. Disciplinary and Grievance Procedures
[18](b) As per Section 23 of the Employment Act, where the Company finds you to be guilty of one or several of the following gross misconduct events, the Company shall have to the right to dismiss you and terminate your Employment Agreement immediately and without any prior notice to you and without the Company being liable to pay you any salary or other compensation in lieu of notice:
[19]…xvi. Sexual, racial or other forms of harassment or discrimination…”
[20]ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ކޮމިޓީ އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ހަދާފައިނުވިނަމަވެސް، އަޙްމަދު ޝިޔާޒުގެ މައްސަލަ ބަލާފައިވަނީ ރިސޯޓުގެ އެންމެ އިސްފަރާތްކަމަށްވާ ޖެނެރަލް މެނޭޖަރ، ރެސިޑެންޓް މެނޭޖަރ އަދި ހިއުމަން ރިސޯސް ސެކްޝަންގެ ޑިރެކްޓަރއާ މަޝްވަރާކޮށްގެންކަމުން، މި ޤާނޫނުގެ ނިޔަތާއި އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން ޚިލާފުވެފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
[21]އިޖުރާއީ އަދުލުވެރިން ގާއިމުކުރުމަށްޓަކައި، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރުމުގެ ކުރިން، 26 ޖުލައި 2018 އިން ފެށިގެން ސަސްޕެންޑް ކުރިކަމުގެ ލިޔުން “notice of suspension” ފޯރުކޮށްދީފައިވާކަމަށާއި، 28 ޖުލައި 2018 ގައި ވަނީ އެ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުޞަތު ދެވިފައިކަމަށާއި، އަދި އެ ފަރާތުން ލިޔުމުން ޖަވާބުދީފައިވާއިރު، މިކަންކަމަށް ބިނާކޮށް އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން ތަޙުޤީޤު ހިންގައި، 2 އޯގަސްޓް 2018 ގައި "ޓަރމިނޭޝަން ނޯޓިސް" ދީފައިވާކަމުގައި އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
[22]އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވަނީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިކަމަށް ކަނޑައަޅައި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަކީ ބާޠިލް ނިންމެވުމެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމުމަށެވެ.
[23]މި ނުކުތާތަކުގެ ރައްދުގައި އަޙްމަދު ޝިޔާޒުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
[24]ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާގެ ދަށުން އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުމަކީ އައި އެންޑް ޓީ މެނޭޖްމަންޓްގެ ޒިންމާއަކަށްވާއިރު، މިކަން ސާބިތުކޮށްދެވޭ މިންވަރަށް އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެކި ހުށަހަޅާފައިނުވާކަމުގައެވެ.
[25]އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރެއިން އަޙްމަދު ފާއިޒްގެ ބަޔާންތަކަކީ ބުނި އަޑު އަހައިގެން ދޭ ހެކިބަސް (heresay evidence) ގެ ތެރެއަށް ފެތޭ ލިޔެކިޔުންތައްކަމަށާއި އަދި މިއަށް ބުރަދަންނުދޭން ވަޒީފާއަބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ބެލެވޭކަމަށް އަޙްމަދު ޝިޔާޒުގެ ފަރާތުން ބުނެފައިވެއެވެ.
[26]ޖަސްޓީން ގޮންތިއަރ (Justine Gonthier)ގެ ބަޔާނުގައި ދައްކާފައިވާ ވާހަކަތައް ސާބިތުކުރުމަށް އިތުރު ހެއްކެއް ހުށަހަޅާފައިނުވާއިރު، ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ ޢަމަލެއް ހިންގައިފިކަމަށް އެ އަމަލު އެ މީހާއާ މެދު ހިންގޭ މީހަކަށް ޤަބޫލުކުރެވުން ހިމެނޭއިރު، މި ބަޔާނުގައި މި އުންސުރު ފުރިހަމަނުވާކަމުގައި އަޙްމަދު ޝިޔާޒުގެ ފަރާތުން ބުނެފައިވެއެވެ.
[27]ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ފަދައިން އަޙްމަދު ޝިޔާޒުގެ އަޚްލާޤު އެކަށީގެންނުވާކަމުގައި ބެލެވޭނީ، އެންމެ ފުރަތަމަ ކަމަކަށް އެކަން މެދުވެރިވާ ސަބަބު ސާބިތުވުމަށްފަހުގައިކަމަށާއި، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަށް އެކަނި ރިޢާޔަތްކުރިކަމުގައިވީނަމަވެސް، އެއްބަސްވުމުގެ 14 ވަނަ މާއްދާގެ xvi (b) ގައިވާ ފަދައިން ވަޒީފާއިން ވަކިކުރެވޭނީ، އެފަދަ ކަމެއް ކުރިކަން ސާބިތުވެގެންކަމަށާއި، މިކަން ބަލަންޖެހޭނީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށާއި، މި މައްސަލައިގައި ޖިންސީ ފުރައްސާރައިގެ ޝަކުވާތަކެއް ހުށަހެޅިފައިވާކަމަށް ބުނާނަމަ، އެކަން ބަލަންޖެހޭނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށާއި، އެހެނަސް މައްސަލަ ބަލާފައިވަނީ މި ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތާއި އެއްގޮތަށް ނޫންކަމުން މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައިނުވާކަމުގައި އަޙްމަދު ޝިޔާޒުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
[28]މި މައްސަލައިގައި އަޙްމަދު ޝިޔާޒުއަށް ދީފައިވަނީ ސަސްޕެންޑްކުރިކަމުގެ ލިޔުން އެކަނިކަމަށާއި، ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިނުވާކަމަށާއި، ތަޙްޤީޤުވެސް ކޮށްފައިނުވާކަމަށާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ޝަކުވާ ބެލުމުގެ އިޖުރާއަތު ފުރިހަމަކޮށްފައިނުވާތީ، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ރަނގަޅަށްކަން ބަލަންޖެހޭކަމުގައި އަޙްމަދު ޝިޔާޒްގެ ފަރާތުން ބުނެފައިވެއެވެ.
[29]އަޙްމަދު ޝިޔާޒުގެ ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 172/VTR/2018 މައްސަލައިގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަމަށް ނިންމުމަށެވެ.
[30]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 މައްސަލަ އިސްތިއުނާފުކުރުމަށް އެދި އަޙްމަދު ޝިޔާޒް ހުށަހެޅި އިސްތިއުނާފީ ދަޢުވާއާއި އޭގެ ރައްދު
[31]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 ނިންމުން އިސްތިއުނާފުކުރުމަށް އެދި އަޙްމަދު ޝިޔާޒުގެ ފަރާތުން އަންނަނިވި 3 ނުކުތާ ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
[32]ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި، މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމެވުންތަކަށް ބެލުމުން، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފިނަމަ، ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުމަކީ، އިސްތިޤުރާރުވެފައިވާ ކަމެއް ކަމަށް ވީހިނދު، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތި، އިޖުރާއަތްތަކާއި ޚިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމަށްފަހު، ވަޒީފާ ރުޖޫޢަކޮށްނުދިނުމަށް ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާއާއި އަދި ޤާނޫނީ އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި އަދި މީގެ ކުރިން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
[33]ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އެ މައްސަލަ ހުށަހެޅި ފަރާތަށް ބަދަލު ނަގައިދިނުމުގައި ޢަމަލުކޮށްފައިވަނީ ބަދަލުނަގައިދިނުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި ގާއިމުކޮށްފައިވާ އަސާސްތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
[34]ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު އެކުލަވާލުމުގައި ޢަމަލުކޮށްފައިވަނީ ގަވާއިދު ނަންބަރު 2015/R-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު)ގެ 38 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[35]އަޙްމަދު ޝިޔާޒުގެ ފަރާތުން އެދިފައިވަނީ އަޙްމަދު ޝިޔާޒުގެ ވަޒީފާ އަނބުރާ ރުޖޫޢަކޮށްދޭނެ ތަނެއް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ، ޤާނޫނާއި، ގަވާއިދާއި ޚިލާފަށްކަމަށް ކަނޑައަޅައި، އަޙްމަދު ޝިޔާޒުގެ ވަޒީފާ އަނބުރާ ރުޖޫޢަކޮށް، އަޙްމަދު ޝިޔާޒު އަކީ އެއްވެސް ޙާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ފާއިތުވެފައިވާ މުއްދަތުގެ މުސާރައާއި އެލަވަންސްތައް އަދި ވަޒީފާގައި ހުރިނަމަ ލިބޭނެ އެހެނިހެން ޙައްޤުތައް އަޙްމަދު ޝިޔާޒުއަށް ދިނުމަށް އިސްތިއުނާފު ރައްދުވާ އައި އެންޑް ޓީ މެނޭޖްމަންޓަށް އަންގައި، ޤާނޫނާއި، ގަވާއިދާއި ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.
[36]މި ނުކުތާތަކުގެ ރައްދުގައި އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކުރެއެވެ.
[37]ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމުގައި ބަޔާންކޮށްފައިވާތީ، އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަރަށް ތަފްސީލީ ގޮތެއްގައި އެ ފަރާތުން މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަމާއި ގުޅިގެން ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން އިޢުތިރާޒުކޮށް، ވަކިން އިސްތިއުނާފީ މައްސަލައެއް ހުށަހަޅާފައިވާތީ، މިހާރު މިއީ ހަމައެކަނި އަޙްމަދު ޝިޔާޒުއަށް ލިބެންވާ ރެމެޑީސް ނުވަތަ ފަރުވާއާއި ގުޅޭ ހުސޫމާތެއްކަމަށް އަޙްމަދު ޝިޔާޒުއަށް ބުނުމުގެ ޖާގައެއް ނެތް ކަމުގައި އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން ބުނެފައިވެއެވެ.
[38]އަޙްމަދު ޝިޔާޒުގެ ފަރާތުން ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް އެދިފައިވީނަމަވެސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަޝްފާޤު ވަޙީދު މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަން މި މައްސަލައަށް ތަޠުބީޤުކުރާއިރު، އަޙްމަދު ޝިޔާޒުގެ ޢަމަލުތައް ހުރި ގޮތުން، އަނބުރާ އިއާދަކުރެވޭ މިންވަރަކަށް އަޙްމަދު ޝިޔާޒުއާއި އައި އެންޑް ޓީ މެނޭޖްމަންޓްއާ ދެމެދު އިތުބާރު ގެއްލިފައިވާކަމާއި، މިފަދައިން އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން ނިންމާފައިވަނީ މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކޮށް އަޙްމަދު ޝިޔާޒުގެ ޢަމަލުތަކަކީ މަސައްކަތުގެ މާހައުލުގައި ތަބާވާންޖެހޭ އަޚްލާޤީ މިންގަނޑާ ޚިލާފު ޢަމަލުތަކެއްކަމުގައިވާތީ ކަމުގައި އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން ބުނެފައިވެއެވެ. މުވައްޒަފުންނަށް ފުރައްސާރަކުރުންފަދަ ޢަމަލުތައް ކުރާ ފަރާތެއް ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުންވެގެންދާނީ، މުވައްޒަފުންނާއި ވަޒީފާދޭ ފަރާތާއި ދެމެދު އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއްކަމުގައި އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
[39]އަޙްމަދު ޝިޔާޒުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޢަމަލުތަކުގެ ތަބީއަތަށް ބަލައި، އެ ފަރާތް އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމަކީ އައި އެންޑް ޓީ މެނޭޖްމަންޓްގެ މުވައްޒަފުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ޓްރައިބިއުނަލަށް ބެލެވޭތީ، އެ ފަރާތް އަނބުރާ ވަޒީފާއަށް ރުޖޫޢަކޮށް ނުދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާވެފައިވާ އަދުލުވެރި ނިންމުމެއްކަމަށް ދެކޭ ކަމަށް އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން ބުނެފައިވެއެވެ.
[40]އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން ދެކޭ ގޮތުގައި އަޙްމަދު ޝިޔާޒް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުކަމަށްވާތީ، އަޙްމަދު ޝިޔާޒުއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް މިންވަރެއް ނަގައިދީފައިވުމަކީ، އެކަމަށް އައި އެންޑް ޓީ މެނޭޖްމަންޓުގެ ފަރާތުން އިޢުތިރާޒުކުރާކަމެއްކަމަށެވެ. މިގޮތުން އަޙްމަދު ޝިޔާޒުއަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭންޖެހޭ ކަމަށް ޤަބޫލުނުކުރާކަމުގައި އައި އެންޑް ޓީ މެނޭޖްމަންޓްގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.
[41]އައި އެންޑް ޓީ މެނޭޖްމަންޓުގެ ފަރާތުން އެދިފައިވަނީ މި ކޯޓުގެ ނަންބަރު 2020/HC-A/04 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، އަޙްމަދު ޝިޔާޒް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށްކަމަށާއި، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަމަށް ކަނޑައަޅައި، އަޙްމަދު ޝިޔާޒް އަށް ބަދަލެއްގެ ގޮތުގައި އެއްވެސް އަދަދެއް ދޭންނުޖެހޭކަމަށާއި، އަޙްމަދު ޝިޔާޒް ވަޒީފާ އަނބުރާ ރުޖޫޢަކުރެވޭނެ ކާފީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މައްސަލަ ނިންމުމަށެވެ.
ވަޒީފާއިން ވަކިކުރުމުގައި ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް
[42]މަސައްކަތްކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤަކަށްވާހިނދު، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާއާ ގުޅޭ އުޞޫލުތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ބަޔާންކޮށް، އެ ޙައްޤުތައް ހިމާޔަތްކުރުމެވެ. މި ޤާނޫނަކީ މި ޤާނޫނުން އިސްތިސްނާކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް ހިނގާ ތަޠުބީޤުކުރެވޭނެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު އެއް މަގުސަދަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، މި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ވަޒީފާދޭ ފަރާތަށް ލިބިފައިވާ އިޚްތިޔާރު ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ ތެރެއިން ގައިދުކުރުމެވެ. މިގޮތުން ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅުއެޅުމާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކާއި އިޖުރާއަތުތައް ބަޔާންކުރެއެވެ. އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފުން ވަޒީފާއިން ވަކިކުރުން މަނާކުރުމަކީ މި ޤާނޫނުން ދަމަހައްޓާ އެއް ހަމައެވެ.
[43]މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރުކުރުމަށް މި ޤާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖުރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ. މިގޮތުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސްދެވޭ ފަދަ ޙާލަތެއް މެދުވެރިވެ، ވަޒީފާއިން ވަކިކުރާނަމަ، ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުތަކާއި އެއް ހަމައަކުން ނޯޓިސް ދޭންވާނެއެވެ. މުވައްޒަފެއްގެ އަޚްލާޤު އެކަށިގެންނުވުމާއިއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައި ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒިފާއިން ވަކިކުރެވިދާނެއެވެ. މިފަދައިން ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތު އަޚްލާޤު އެކަށީގެންނުވާ ކަމުގައި ބަލައި، ނޯޓިސް ދިނުމަކާ ނުލައި، ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ. އެއީ:
[44]ވަޒީފާގައި އިތުރަށް ބެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން؛
[45]ޚިޔާނާތެއް ވެފައިވުން؛ މިއެވެ.
[46]މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް، ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މިކަން ވަޒީފާއާގުޅޭ އާންމު ކަންކަން ތަންޒީމުކުރަމުން އަންނަ އ.ދ ގެ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ 9 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (a)ގައި ބަޔާންކުރެއެވެ. މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ، މި ބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުންނެވެ.
މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން
[47]މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭކަމެއްކަން ކަށަވަރުކުރަންވާނެއެވެ. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 1966) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އަމަލުކުރަންޖެހޭ އަދުލުވެރި ހަމަތައް ބަޔާންކުރެއެވެ. މިގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި(substantive fairness) އިޖުރާއީ އަދުލުވެރިކަން (procedural fairness) ގާއިމުކުރެވިފައި އޮންނަންވާނެކަން ކަނޑައަޅައި، ބަޔާންކުރެއެވެ. މި އުޞޫލަކީ ވަޒީފައާބެހޭ ޤާނޫނު ގައިވެސް އެކުލަވާލާފައިވާ އުޞޫލެކެވެ. ވީމާ، މި ޤާނޫނު ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށް ފަހުގައެވެ.
[48]މައުޟޫއީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކުރެވި ވަޒީފާއިން ވަކިކުރުމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ)އަށް ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ، ނުވަތަ އެ މުވައްޒަފެއް ވަޒީފާއަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެ މުވައްޒަފެއްގެ ކިބައިގައި ނެތުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުނު އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއްކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއްވެފައިވާނަމަ، ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، ކަނޑައެޅުނު އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ.
[49]އިޖުރާއީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ އަދުލުވެރި އިޖުރާއަތަކަށްވުމެވެ. މީގެ ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކަށް ދިނުމާއި، އެ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ހިމެނެއެވެ.
[50]މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބަލައި، ވަޒީފާއިން ވަކިކޮށްފައިވަނީ އަދުލުވެރި ސަބަބެއް މެދުވެރިވެގެންތޯ ބެލުން – މައުޟޫއީ އަދުލުވެރިކަން
[51]މި މައްސަލާގައި އަޙްމަދު ޝިޔާޒު ވަޒީފައިން ވަކިކޮށްފައިވަނީ އައި އެންޑް ޓީ މެނޭޖްމަންޓްއާއި އަޙްމަދު ޝިޔާޒުއާ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ “gross misconduct”ގެ ޢަމަލެއް ހިންގާފައިވާކަމުގައި ބެލެވި، ވަޒީފާގެ އެއްބަސްވުމުގެ 14(b)(xvi)އާ ޚިލާފުވެފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ ދަށުންކަމުގައި އައި އެންޑް ޓީ މެނޭޖްމަންޓްއިން ފޮނުވާފައިވާ ވަޒިފާއިން ވަކިކުރި ސިޓީއިން އެނގެއެވެ. މި މައްސަލައަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ، ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއްކަމުން، އަދި މި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ވަޒީފާއިން ވަކިކޮށް އައި އެންޑް ޓީ މެނޭޖްމަންޓްއިން އަޙްމަދު ޝިޔާޒުއަށް ފޮނުވާފައިވާ "ޓަރމިނޭޝަން" ސިޓީގައި، ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޙަވާލާދީކަން އެނގެން އޮތުމުން، މި ސަބަބަށްޓަކައި، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތު ކުރިމަތިވެފައިވާތީތޯ ނުވަތަ މި މާއްދާގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ވަޒީފާއިން ވަކިކުރުމަށް ޖާއިޒު ސަބަބެއް އޮވެގެންތޯ ބެލުން މުހިންމެވެ.
[52]ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއްކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއްވެފައިވާނަމަ، މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވާކަމަށް ބަލައި، ނޯޓިސް ދިނުމަކާނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުނު އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ. މި މާއްދާގެ ދަށުން ކޮންމެ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ (misconduct) އެ ޢަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ހުއްދަކުރާ ކަމަކަށް ނުވުން އެކަށީގެންވެއެވެ. މި މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފަކު ކުރި ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ކަމަށް ވާނަމައެވެ. ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ބެލެވޭނީ އެ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލަކަށްވާނަމައެވެ. މިގޮތުން ދެ ފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުވެފައިވާނަމަ، ނުވަތަ ދެ ފަރާތް ދެމެދު އޮންނަ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއް މެދުވެރިވެފައިވާނަމަ ނުވަތަ ވަޒީފާގެ އިލްތިޒާމްތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފުވެފައިވާނަމަ، އެ ޢަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ހުއްދަވެދާނެ ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލަކަށްވެދާނެއެވެ.
[53]އެހެންނަމަވެސް، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތުގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްޢޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމާއި ޒިންމާއާ ގުޅިގެން ޣައިރު ސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިޔުމަކީ އެކަށީގެންވާކަމެއްކަމަށާއި، މުވައްޒަފަކު ކުރި ޣައިރު ސުލޫކީ ޢަމަލެއްގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަޒިފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/14 ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް ޤަޟިއްޔާގައި ބަޔާންކުރެއެވެ.
[54]މި މައްސަލައިގައި އަޙްމަދު ޝިޔާޒުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ ޢަމަލެއްކޮށްފައިވާކަމަށެވެ. އަދި ތުހުމަތުގެ ޢަމަލަކީ ޖިންސީ ފުރައްސާރައިގެ ޢަމަލެއްކަމުން، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވަނީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ ތަރަހައިގެ ތެރެއިންނެވެ.
[55]އަޙްމަދު ޝިޔާޒު ވަޒީފާއަދާކުރާ ތަނުގެ އަންހެން މުވައްޒަފުންނަށް ފުރައްސާރަކޮށްފައިވާކަމުގެ ޝަކުވާ އައި އެންޑް ޓީ މެނޭޖްމަންޓްއަށް ލިބި، އެކަން ތަހުޤީޤުކޮށްފައިވާކަން އެނގެއެވެ. މިގޮތުން އެކަމާ ގުޅިގެން ނެގިފައިވާ ބަޔާންތަކުގެ ޚުލާޞާ ތިރީގައި ބަޔާންކުރަމެވެ.
[56]ޖަސްޓީން ގޮންތިއަރ Justine Gonthier))ގެ ބަޔާން – މި ބަޔާނުގައި ޖަސްޓީން ގޮންތިއަރ Justine Gonthier)) އަކީ ޝެވެލް ބްލަންކް ރަންދެލީގައި އިންޓަރންޝިޕްގައި އުޅޭ ފަރާތެއްކަމާއި، މަސައްކަތްކުރަނީ ހައުސްކީޕިންގް ސޭލްސް އެންޑް ރިޒަވޭޝަން ޑިޕާޓްމަންޓްގައިކަމުގައި ބުނެފައިވެއެވެ. އިންޓަރންޝިޕްގެ ދެވަނަ ހަފްތާގައި ޖަސްޓީން ގޮންތިއަރ Justine Gonthier))ގެ ފޯނު ނަންބަރަށް އަޙްމަދު ޝިޔާޒު އެދުނުކަމަށާއި، އެކަމަށް ޖަސްޓީން ގޮންތިއަރ Justine Gonthier)) އިންކާރުކޮށްފައިވާކަމުގައި ބުނެފައިވެއެވެ. އޭގެ ފަހުންވެސް ފޯނު ނަންބަރަށް އަހާފައިވާކަމަށާއި، ފޯނު ނަންބަރު އަޙްމަދު ޝިޔާޒުގެ އަތުގައި އޮންނަންނުޖެހޭނެ (“you don’t need to have it”) މިފަދައިން ބުނެފައިވާކަމަށާއި، އޭގެ ރައްދުގައި އެކަމާ އިތުރަށް ވިސްނާލުމަށް (“you need to think about it”) މިފަދައިން އަޙްމަދު ޝިޔާޒު ބުނެފައިވާކަމަށާއި، އޭގެ ފަހުން ޖަސްޓީން ގޮންތިއަރ Justine Gonthier)) ފޯނު ނަންބަރު ނުދިނަސް ފޯނު ނަންބަރު ހޯދާނެކަމަށް (“even if you don’t want to give your number, I will get it from somewhere”) އަޙްމަދު ޝިޔާޒު ބުނެފައިވާކަމުގައި ބަޔާންކުރެއެވެ. އޭގެ ފަހުން އަޙްމަދު ޝިޔާޒު، ޖަސްޓީން ގޮންތިއަރ Justine Gonthier))އަށް މެސެޖުކުރިކަމަށާއި، އެ މެސެޖުގައިވަނީ “Hi its me Shiyax/this my number/ are you gonna sleep?/ I didn’t know that you don’t like wine/just as a friend good night/sleep well/ Just save you from strange people that why I set there/.” މިފަދައިންކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ ފަހުންވެސް ވަކި މީހަކާ ވާހަކަނުދައްކަން އަޙްމަދު ޝިޔާޒު ބުނިކަމަށާއި، އޭގެ ރައްދުގައި ޖަސްޓީން ގޮންތިއަރ Justine Gonthier)) ވާހަކަދައްކާނެ މީހަކު އެނގެނީ ޚުދު އޭނާއަށް ކަމަށާއި، ޖަސްޓީން ގޮންތިއަރ (Justine Gonthier) އުޅޭ ކޮޓަރިއަށް ދަނިކޮށް، އަޙްމަދު ޝިޔާޒު އޭނާ ހުއްޓުވައި ވާހަކަދެއްކުމަށް އެދުމުން، ޖަސްޓީން ގޮންތިއަރ Justine Gonthier)) އެވަގުތު ބޭނުންވަނީ އޭނާގެ ކޮޓަރިއަށް ދާންކަމަށް ބުނުމުން، އަޙްމަދު ޝިޔާޒު އޭނާގެ އަތުގައި ހިފުމަށް އުޅުނުކަމަށާއި، އަޙްމަދު ޝިޔާޒުގެ ކިބައިން ސަލާމަތްވެ ކޮޓަރިއަށް ދިޔައީކަމުގައި ބުނެއެވެ. އަޙްމަދު ޝިޔާޒުގެ ޢަމަލުތަކުގެ ސަބަބުން އަމިއްލަ ސަލާމަތަށް ބިރުގަނެފައިވާކަމުގައި ޖަސްޓީން ގޮންތިއަރ Justine Gonthier)) ބުނެފައިވެއެވެ.
[57]ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް އަޙްމަދު ފާއިޒުގެ ބަޔާން – މި ބަޔާނުގައި އަޙްމަދު ފާއިޒު ބުނެފައިވަނީ 15 ޖުލައި 2018ގައި ވިކްޓޯރިއާ ބައްސެވިޓްޒް (Victoria Bassewitz) ރިޕޯޓެއްކޮށްފައިވާކަމަށާއި، އެ ރިޕޯޓުގައި އަޙްމަދު ޝިޔާޒު، ވިކްޓޯރިއާ ބައްސެވިޓްޒް (Victoria Bassewitz) އާ ވާހަކަދެއްކުމަށް ކޮންމެވެސް އުޒުރެއް ހޯދައި، އަދި އޭނާގެ ކޮޓަރިއަށް ނުވަތަ އޮފީހަށް ދާއިރު، އަޙްމަދު ޝިޔާޒު އޭނާއަށް އެޕްރޯޗްކުރާތީ، އެކަމުގެ ސަބަބުން އޭނާއަށް އުދަނގޫވާކަމަށް ބުނެފައިވާކަމަށެވެ. މީގެ އިތުރުން ވިކްޓޯރިއާ ބައްސެވިޓްޒް (Victoria Bassewitz) ގެ ފޯނު ނަންބަރު މީހެއްގެ އަތުން ހޯދައި، ދަންވަރު މެސެޖުކުރާކަމަށާއި، ވިކްޓޯރިއާ ބައްސެވިޓްޒް (Victoria Bassewitz) އުޅެނީ ކައިވެނިކޮށްގެންކަމުގައި ބުނުމުން، އަޙްމަދު ޝިޔާޒު ބޭނުންވަނީ މަޖާކޮށްލަންކަމަށް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ޒާތީ ދިރިއުޅުމަށާއި ޕްރޮފެޝަނަލް ދިރިއުޅުމަށް އަސަރުކުރާކަމުގައި ވިކްޓޯރިއާ ބައްސެވިޓްޒް (Victoria Bassewitz) ބުނިކަމުގައި މި ބަޔާނުގައި ބަޔާންކުރެއެވެ.
[58]ރެސިޑެންޓް މެނޭޖަރ ލޯރެންޓް ޗާންސެލް (Laurent Chancel) އާއި ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް އަޙްމަދު ފާއިޒުގެ ބަޔާން – މި ބަޔާނުގައި 16 ޖުލައި 2018ގެ 11:00ގައި ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina) (ގެސްޓް ސަރވިސް މެނޭޖަރ) ރިޕޯޓުކޮށްފައިވާކަމަށާއި، މި ރިޕޯޓުގައި އަޙްމަދު ޝިޔާޒު، އޭނާއާ ފްލަރޓްކުރާކަމަށާއި، އެކަން ނުކުރުމަށް އަޙްމަދު ޝިޔާޒް ގާތު އޭނާ ބުނެފައިވާކަމަށްވެއެވެ. އަދި ލަސްގަޑިތަކުގައި އަޙްމަދު ޝިޔާޒު އޭނާއަށް މެސެޖުކުރާކަމަށް ބުނެފައިވާކަމުގައި ވެއެވެ. ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina) ކިޔައިދީފައިވާ ގޮތުގައި ދެ ފަހަރެއްމަތީ ދަންވަރު 2:30ގައި އަޙްމަދު ޝިޔާޒު، ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina)ގެ ކޮޓަރި ކުރިމަތީގައި ހުރެ، ކޮޓަރި ތެރެއަށް ވަނުމަށް އަޙްމަދު ޝިޔާޒު އެދިފައިވާކަމަށާއި، އެކަމަށް އޭނާ އިންކާރުކުރިކަމަށް ވެއެވެ. ޓީމް މެންބަރެއްގެ ފަރާތުން މިފަދަ ޢަމަލުތައް ފެންނާތީ، އެކަމުގެ ސަބަބުން ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina) އަށް އުދަނގޫވެފައިވާކަމުގައި ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina) ރިޕޯޓުކޮށްފައިވާކަމުގައި އެ ބަޔާނުގައިވެއެވެ.
[59]ހިއުމަން ރިސޯސް ކޯޑިނޭޓަރ ޢަބްދުﷲ ޚާލިދުގެ ބަޔާން – އަޙްމަދު ޝިޔާޒު، ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina)ގެ އެކަމޮޑޭޝަން ބްލޮކްއަށް ވަދެ ނިކުތް ތަން ދެ ފަހަރު މަތިން ފެނިފައިވާކަމުގައި ބުނެފައިވެއެވެ. ފުރަތަމަ ފަހަރު، އަޙްމަދު ޝިޔާޒު ކައިރިއަށް ދިޔުމުން، ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina) އަށް އިންތިޒާރުކުރާކަމަށާއި، އަޙްމަދު ޝިޔާޒު ބޭނުންވަނީ އެކަނި އިނުމަށްކަމަށް ބުނެފައިވާކަމުގައިވެއެވެ. އަދި ދެވަނަ ފަހަރު އެ ބްލޮކް ގައި 15-20 މިނިޓް އުޅުނު ތަން ފެނިފައިވާކަމުގައި ބުނެފައިވެއެވެ. އެހެން ރެއަކު ޖަސްޓިން ސިގިރެޓެއް ބޯން ހުއްޓާ، އަޙްމަދު ޝިޔާޒު ޖަސްޓިން ކައިރީގައި މަޑުކުރި ތަން ފެނުނުކަމަށާއި، އޭގެ ފަހުން އަރުން (ހައުސްކީޕަރ ސުޕަވައިޒަރ) އެތަނަށް ދިޔަ ތަން ފެނުނުކަމަށާއި، ޖަސްޓިންއަށް އެކަމުގެ ސަބަބުން އުދަނގޫވެފައިހުރިކަން ފެނުނުކަމަށް ބުނެފައިވެއެވެ.
[60]އިސްވެ ބަޔާންކުރަނިވި 20 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ، މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑުކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ޤަޟިއްޔާތަކުގައި އެކަށައަޅައި، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އާންމު ޤާނޫނުގައި އިސްތިޤުރާރުވެފައިވެއެވެ.
[61]މި މިންގަނޑުން ބެލުމުގައި، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 މޯލްޑިވްސް އެއަރޕޯސްޓް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުލްރަޙްމާން ޤަޟިއްޔާގައި ފާހަގަކުރައްވަނީ:
[62]"ކަން ހިނގާފައިވާ ގޮތްކަމަށް ބުނާ ދެ ގޮތެއް ފަނޑިޔާރެއްގެ ކުރިމަތީގައި އޮވެފައި އެއިން އެއްވެސް ގޮތަކީ މުސްތަހީލު ގޮތެއް ކަމަށް ނުބެލެވޭނަމަ، އެ ތަނުން އެއްގޮތަކީ ވުން މާ ދުރު ގޮތެއް ކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ދެން ބާކީ އޮންނަ ގޮތަކީ ބޮޑަށް ގަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާ ގޮތް ކަމަށް ބެލެވިދާނެއެވެ. ހަމައެގޮތަށް، ހުށަހެޅިފައިވާ ހެކިތައް ވަޒަންކުރާއިރު، ކަންވެފައިވާ ގޮތް ކަމަށް ވެދާނޭ ތިން ގޮތެއް ނުވަތަ އެއަށްވުރެ ގިނަ ގޮތްތަކެއް ފަނޑިޔާރުގެ ކުރިމަތީގައި ހުރެއްޖެނަމަ، އެ ހުރިހާ ގޮތްތަކެއް ފަނޑިޔާރު ވަޒަންކޮށް، ކަންވެފައިވާ ގޮތާ އެންމެ ގާތްކުރާ ގޮތްތަކުގެ ތަރުތީބުން އެ ގޮތްތައް އަތުރާލުމުން، އެ ތަނުން ކަންވުމާ އެންމެ ގާތްގޮތް ނުވަތަ ކަންވެފައިވާ ކަމަށް ފަނޑިޔާރަށް ބުރަވެވޭ ގޮތް އޮންނާނީ ހޯދިފައެވެ.
[63]އިނގިރޭސި ވިލާތުގެ ހައިކޯޓުގެ ގަޒިއްޔާއެއް ކަމުގައިވާ މިލަރ ވ. މިނިސްޓަރ އޮފް ޕެންޝަންސް ގަޒިއްޔާގައި ލޯޑް ޑެނިންގ ބުނެފައިވަނީ: "ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެކަން ނުވުމަށްވުރެ ބޮޑަށް އެކަން ވެފައިވާކަމަށް ބެލެވޭކަމަށް ފަނޑިޔާރަށް ބުނެވޭވަރުވެއްޖެ ނަމަ ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވުނީއެވެ. ނަމަވެސް ދެ ގޮތްވެސް އެއީ ކަންވެފައި އޮވެދާނެ ގޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވަނީއެވެ."
[64]ޕަސެންޓޭޖުގެ އުސޫލުން ބަޔާންކުރާ ކަމަށް ވެއްޖިއްޔާ، ކަމެއް ވެފައިވާ ކަމަށް %50 އަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ ދައުވާކުރާ ފަރާތަށް މައްސަލަ ގެއްލުނީއެވެ. އެއާ ޚިލާފަށް ކަންވެފައިވާ ކަމަށް %51 އަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ އެ ދައުވާ ދައުވާކުރާ ފަރާތަށް ކާމިޔާބު ވާނެއެވެ. އެހެންކަމުން ބޮޑަށް ގަބޫލުކުރެވޭ ގޮތުގެ މިންވަރަކީ %1 ގެ ތަފާތެއް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ."
[65]އެހެންކަމުން، ބޮޑަށް ބުރަވެވޭ މިންގަނޑު ކަނޑައެޅުމުގައި ކަން ހިނގާފައިވާ ގޮތަށާއި، ހުށަހަޅާފައިވާ ހެކި ގަރީނާއަށް ރިޢާޔަތްކޮށް، ކަން ނުވުމަށް ވުރެ، އެންމެ ގާތް ގޮތަކީ ކަން ވުމަށް ވުރެ ކަން ނުވުންތޯ ނުވަތަ ކަންވުން ގާތްތޯ ފަނޑިޔާރު ވަޒަންކުރަންވާނެއެވެ.
[66]މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޖަސްޓީން ގޮންތިއަރ Justine Gonthier)) ގެ ބަޔާނުގައި އަޙްމަދު ޝިޔާޒުގެ ފުރައްސާރައިގެ ޝިކާރައަކަށް އޭނާ ވެފައިވާކަން ޚުދު އޭނާގެ ބަހުން އެނގެއެވެ. އަޙްމަދު ޝިޔާޒު އޭނާގެ ފޯނު ނަންބަރަށް އަހައި، އެ ނަންބަރު ދިނުމަށް އިންކާރުކުރުމުން، ފޯނު ނަންބަރު ހޯދާނެކަމަށް ބުނެ، ފޯނު ނަންބަރު ހޯދާ، މެސެޖުކޮށްފައިވާކަމާއި، ޖަސްޓީން ގޮންތިއަރ Justine Gonthier)) އަޙްމަދު ޝިޔާޒުއާ ވާހަކަދައްކަން ބޭނުންނުވާކަމަށް ބުނުމުން، އޭނާގެ އަތުގައި ހިފަން އުޅެފައިވާކަމާއި، އަޙްމަދު ޝިޔާޒުގެ މިފަދަ އަމަލުތަކުގެ ސަބަބުން ޖަސްޓީން ގޮންތިއަރ Justine Gonthier)) ބިރުގަނެފައިވާކަމުގައި ބުނެފައިވާކަން އެނގެއެވެ. ކްރިސްޓީނާ ވަސްޖުންޔިނާ (KrisztinaVasjunyina) އާއި ވިކްޓޯރިއާ ބައްސެވިޓްޒް (Victoria Bassewitz) އާ ދެ މީހުން ހިއުމަން ރިސޯސްއަށް އަޙްމަދު ޝިޔާޒުއާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅާފައިވާކަމާއި، މި ދެ ފަރާތުންވެސް ހުށަހެޅި ޝަކުވާގައި އަޙްމަދު ޝިޔާޒް މި ފަރާތްތަކުގެ ފޯނު ނަންބަރަށް އަހައި، މި ފަރާތްތަކަށް އެޕްރޯޗްކޮށް، މެސެޖުކޮށް ހަދާތީ، އަޙްމަދު ޝިޔާޒުގެ މިފަދަ ޢަމަލުތަކުން އުދަނގޫވާކަމުގައި ބުނެ، ހިއުމަން ރިސޯސްއަށް ޝަކުވާ ހުށަހަޅާފައިވާކަން ރެސިޑެންޓް މެނޭޖަރ ލޯރެންޓް ޗާންސެލް (Laurent Chancel) އާއި ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް އަޙްމަދު ފާއިޒުގެ ބަހުން އެނގެއެވެ. މީގެ އިތުރުން، ހިއުމަން ރިސޯސް ކޯޑިނޭޓަރ ޢަބްދުﷲ ޚާލިދުގެ ބަޔާނުގައި ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina)ގެ އެކޮމޮޑޭޝަން ބްލޮކުން އަޙްމަދު ޝިޔާޒު ފެނުނުކަމާއި ޖަސްޓިން ސިގިރެޓެއް ބޯން ހުއްޓާ، އަޙްމަދު ޝިޔާޒު ޖަސްޓިން ކައިރީގައި މަޑުކޮށް އެތަނުން ދިޔަ ފަހުން ޖަސްޓިންއަށް އުދަނގޫވެފައިހުރިކަން ފާހަގަވިކަމުގައި އަޙްމަދު ޚާލިދު ބުނެފައިވެއެވެ.
[67]ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ މައްސަލަތަކުގައި ނުވަތަ ވަޒީފާގެ މާހައުލުގައި ފުރައްސާރަކުރުމުގެ މައްސަލަތައް އާންމުކޮށް ހިނގަނީ ވަންހަނާ މާހައުލުތަކުގައި ނުވަތަ ސިއްރިއްޔާތުގައި، މީހުން ނުތިބޭ، ނުވަތަ ކެމެރާ ނުހުންނަ ތަންތަނުގައިކަމުން، އެކަށީގެންވާ މިންވަރަށް ހެކި ހޯދުމަކީ މުސްތަހީލުކަމެކެވެ. ހިނގާ މިފަދަ ޢަމަލުތައް ރިޕޯޓުކުރުމަށް ޖެހިލުންވަނީވެސް، އެކަން ހިނގަނީ ސިއްރިއްޔާތުގައި ކަމަށްވެފައި، އެ ޢަމަލުގެ ޝިކާރައަށްވާ ފަރާތުގެ ބަހުގެ އިތުރުން، ހެކި ގަރީނާ ނެތުމުން، އެކަން ސާބިތުކުރުމުގެ ބުރަ ބޮޑުކަމުންނެވެ. ވަޒީފާގެ މާހައުލުގައި ހިނގާ މިފަދަ ޢަމަލުތައް އާންމުކޮށް ރިޕޯޓުކުރަނީ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށެވެ. މިފަދައިން ކުރެވޭ ރިޕޯޓުތަކުގެ މައްޗަށް ހިއުމަން ރިސޯސްގެ އިސްވެރިޔާ ދޭ ބަޔާން ނުވަތަ އެފަދަ ތަހުޤީޤެއްގެ ތެރޭގައި އެކަންކަމުގެ ޝިކާރައަށްވާ ފަރާތުން ކޮށްފައިވާ ޝަކުވާއާ ގުޅޭ ގޮތުން ތަހުޤީޤުކުރާ ފަރާތުން ދޭ ބަޔާނަކީ އެކަމާ ގުޅޭ ގޮތުން ވުޖޫދުގައި އޮތް ހަމައެކަނި ހެކި/ގަރީނާ ކަމުގައިވާނަމަ، އެއަށް އެކަނި ބިނާކޮށް، ފުރައްސާރައިގެ ޢަމަލެއް ހިނގާފައިވާކަމަށް ބޮޑަށް ބުރަވެވޭ ކަމަށް ބެލުމަކީ އެންމެ އިންސާފުވެރި ގޮތަށް ނުވެދާނެއެވެ. އެހެނަސް، ފުރައްސާރައިގެ ޝިކާރައަކަށްވީ ފަރާތުން އެކަން ވީ ގޮތް ބަޔާންކުރާ އެ ފަރާތުގެ ސީދާ ބަހެއް އޮތްނަމަ، އެކަމަށް ބާރުދޭ (ކޮރޮބޮރޭޝަން) އެހެނިހެން ރިޕޯޓުތަކާއި ބަޔާންތައް ސީދާ ހެއްކަށް ބާރުދޭ ގަރީނާގެ ގޮތުގައި ބޭނުންކުރެއެވެ. ކޮރޮބޮރޭޝަންއަކީ ކްރެޑިބަލް ހެއްކަކަށް ބާރުދޭ ނުވަތަ އެއަށް އިތުރު ތާއީދުލިބިދޭ އިތުރު ހެކި/ގަރީނާއެވެ. މި އިތުރު ހެކި/ގަރީނާ ވާންވާނީ އަދުލުވެރި ހެކި ބުނާ ބަހަށް އިތުރު ކަށަވަރުކަމެއްދޭ، ބަރޯސާކުރެވޭފަދަ މުޢުތަބަރު ހެކި/ގަރީނާއަށެވެ. ވަޒީފާގެ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ މައްސަލަތަކުގައި ލިބިފައިވާ އެންމެހާ ހެކި ކޮރޮބޮރޭޓްކޮށް އެކަން ބަލައިގަތުމުގެ ބޭނުމަކީ، ފުރައްސާރައިގެ ޢަމަލުތަކުގެ ޒާތަށް ބަލައި، ޝިކާރައަށްވާ ފަރާތަށް ކުރިމަތިވާ ކަންކަމުގެ މައްޗަށް ސީދާ ހެކި ހޯދުމަކީ ނާދިރުކަމަކަށްވާތީއާއި، ވަޒީފާގެ މާހައުލަކީ ފުރައްސާރައާއި ގޯނާކުރުމާއި އަނިޔާވެރި ޢަމަލުތަކުން މުވައްޒަފުންނަށް ރައްކާތެރިކަން ލިބިފައިވާ މާހައުލަކަށްވާންޖެހޭތީއެވެ.
[68]އެހެންކަމުން، ޖަސްޓީން ގޮންތިއަރ (Justine Gonthier) އަށް އަޙްމަދު ޝިޔާޒުގެ ފަރާތުން ކުރިމަތިވެފައިވާ ފުރައްސާރަ ޚުދު އޭނާ ކިޔައިދީފައިވާކަން އެނގެއެވެ. މި ސީދާ ހެއްކަށް އިތުރަށް ބާރު ލިބިދެނީ ހަމަ މި ބާވަތުގެ (އެއް ޕެޓަރނެއް ހިމެނޭ) ޢަމަލުތައް އަޙްމަދު ޝިޔާޒުގެ ފުށުން ފެނިފައިވާކަމަށާއި، މިކަމުން އުދަނގޫވާކަމުގައި ބުނެ އަޙްމަދު ޝިޔާޒުގެ ޝަކުވާ ކްރިސްޓީނާ ވަސްޖުންޔިނާ (Krisztina Vasjunyina) އާއި ވިކްޓޯރިއާ ބައްސެވިޓްޒް (Victoria Bassewitz) ހިއުމަން ރިސޯސްގައި ރިޕޯޓުކޮށްފައިވާކަން ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް އަޙްމަދު ފާއިޒުގެ ބަހުންނާއި ރެސިޑެންޓް މެނޭޖަރ ލޯރެންޓް ޗާންސެލް (Laurent Chancel) ގެ ބަހުން އެނގޭތީއެވެ. މިކަމަށް އިތުރަށް ބާރު ލިބިދެނީ އަޙްމަދު ޚާލިދުއަށް ފެނިފައިވާ ކަންކަމުގެ މައްޗަށް އަޙްމަދު ޚާލިދު ދީފައިވާ ބަޔާނުގައި އަޙްމަދު ޝިޔާޒުއާ ގުޅޭ ގޮތުން އަޙްމަދު ޚާލިދު ފާހަގަކޮށްފައިވާ ކަންކަމެވެ. ޖަސްޓީން ގޮންތިއަރ (Justine Gonthier) ގެ ބަޔާނުގެ މައްޗަށް މިކަންކަން ކޮރަބޮރޭޓްކޮށް، އަޙްމަދު ޝިޔާޒުގެ ފުށުން ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ހިނގާފައިވާކަމަށް ބޮޑަށް ބުރަވެއެވެ.
[69]އަޙްމަދު ޝިޔާޒުއާއި އައި އެންޑް ޓީ މެނޭޖްމަންޓްއާ ދެ ފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރުވެސް، މި އަޙްމަދު ޝިޔާޒުގެ ފަރާތުން ފެނުނުކަމަށް ބޮޑަށް ބުރަވެވޭ މި ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރުމަށް ޖާއިޒު ޢަމަލުތަކެއްކަން އެނގެއެވެ.
[70]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވެސް ޖަސްޓީން ގޮންތިއަރ (Justine Gonthier) ގެ ބަޔާނަށް ބަލައި، ޖަސްޓީން ގޮންތިއަރ (Justine Gonthier) އަށް އުދަނގޫވާގޮތަށް އެތައް ފަހަރު އަޙްމަދު ޝިޔާޒު ޢަމަލުކޮށްފައިވާކަމާއި، މަސައްކަތު މާހައުލުގައި ޖަސްޓީން ގޮންތިއަރ (Justine Gonthier) ގެ ރައްކާތެރިކަމާމެދު ސުވާލުއުފެދިފައިވާކަމާއި އަދި އޭނާ ބިރުގަނެފައިވާކަން އެނގެން އޮތުމުން، އަޙްމަދު ޝިޔާޒު މަސައްކަތު މާހައުލުގައި ތަބާވާންޖެހޭ އަޚްލާޤީ މިންގަނޑާ ޚިލާފުވެފައިވާކަން ދެކޭ ކަމާއި، މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި، ވަޒީފާއިން ވަކިކުރެވޭނެ ޢަމަލެއްކަމުގައި ދެކޭ ކަމުގައި ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.
[71]ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް ބަލާއިރު، މި ޤާނޫނުގެ ބޭނުމަކީ އެކި ވުޒާރާތަކުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ހުއްޓުވައި، އެފަދަ ޢަމަލުތަކަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި އެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކޮށް، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމެވެ. މި ޤާނޫނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ކަމަށް ބުނެފައިވަނީ، މީހެއްގެ ނުޤަބޫލުގައި އެހެން މީހަކު އޭނާއާ ދެކޮޅަށް ނިސްބަތްކޮށް، ޖިންސީ ޢަމަލެއް ހިންގުމަށްކަމަށެވެ. އަދި ޖިންސީ ޢަމަލެއް ހިންގުން ކަމުގައި ބެލޭނީ، އެ ޢަމަލު ހިންގި މީހާގެ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުން، ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުން، ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ކުރާ ހަރަކާތަކުން ނުވަތަ ބަލާ ބެލުމަކުން ކުރާ އެނޫންވެސް ޢަމަލެއްގެ ސަބަބުން އެ ޢަމަލު އެމީހަކަށް ދެކޮޅަށް ހިންގޭ މީހާއަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިޔުންކަމުގައި މި ޤާނޫނުގެ 2 ވަނަ މާއްދަގެ (ހ) އާއި (ށ) ގައި ބަޔާންކުރެއެވެ.
[72]ވަޒީފާގެ މާޙައުލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތަކުން ރައްކާތެރިވެގެންވާ މާޙައުލަކަށްވާންވާނެއެވެ. އަދި އެފަދަ ކަމެއް މެދުވެރިވެއްޖެ މުވައްޒަފަކަށް އިތުރު ގެއްލުމެއް ލިބިނުދީ، އެފަދަ ކަންކަން ހުއްޓުވުމަށް ވަޒީފާދޭ ފަރާތުން ފިޔަވަޅުއަޅަންވާނެއެވެ. ވަޒީފާއަދާކުރާ ތަނުގައި އެފަދަ ޢަމަލެއް ހިނގަމުންދާކަން އެނގިހުރެ ފިޔަވަޅެއް އަޅާފައިނުވާނަމަ، އެކަމުގެ ސަބަބުން ޖިންސީ ފުރައްސާރައާއި ގޯނާ ތަހައްމަލުކުރަންޖެހުނު ފަރާތަށް ލިބޭ ގެއްލުމަށް ވަޒީފާއަދާކުރާ ފަރާތުން ޒިންމާ އުފުލަންޖެހޭނެއެވެ. މި ޤާނޫނުގެ މަޤުޞަދާއި، މި ޤާނޫނުގައިވާ އިސްވެ ބަޔާންކުރަނިވި މާއްދާގެ އަލީގައި ބަލާއިރު، ޤާނޫނުން ކަށަވަރުކޮށްދޭން ބޭނުންވަނީ ރައްކާތެރި އަދި ފުރައްސާރަކުރުމާއި ގޯނާއިން ސަލާމަތްލިބިދޭ ވަޒީފާގެ މާހައުލެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، މި ޤާނޫނުގައި ބަޔާންކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް، އެހެން ޤާނޫނަކުން، މިސާލަކަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒަންނުކުރެވޭނެކަން ބަޔާންކޮށްފައެއްނުވެއެވެ. އެހެންކަމުން، ވަޒީފާއަދާކުރާ ފަރާތުގެ ޢަމަލަކީ ޖިންސީ ފުރައްސާރަކުރުމުގެ ޢަމަލެއް، ނުވަތަ ފުރައްސާރަކުރުމުގެ ޢަމަލެއް ނުވަތަ ގޯނާކުރުންފަދަ ޢަމަލެއްކަމުގައިވާނަމަ، އަދި އެ ފަރާތަކުން ކުޅަ އެ ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިން، އެ ޢަމަލު ވަޒަންކުރެވޭނެކަމަށް ދެކެމެވެ.
[73]މިކަންކަމަށް ބިނާކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ފަދައިން، އަޙްމަދު ޝިޔާޒުގެ ފުށުން ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ހިނގާފައިވާކަމަށް ބޮޑަށް ބުރަވެވޭކަމުން، އަޙްމަދު ޝިޔާޒުއަށް ނޯޓިސް ދިނުމަކާ ނުލައި، ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް ވުޖޫދުގައި އޮތްކަމަށް އަހުރެން ދެކޭހިނދު، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރުމުގައި އައި އެންޑް ޓީ މެނޭޖްމަންޓުން މައުޟޫއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަމަށް އަހުރެން ދެކެމެވެ.
އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ
[74]އިޖުރާއީ އަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކުން ދިނުމާއިއެކު، އެ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެވެ.
[75]މި މައްސަލައިގައި، މުވައްޒަފުންނަށް ފުރައްސާރަކުރުމުގެ ތުހުމަތުގައި 26 ޖުލައި 2018ގައި އަޙްމަދު ޝިޔާޒު ސަސްޕެންޑްކޮށްފައިވާކަން 26 ޖުލައި 2018ގެ ޝެވެލް ބްލޭންކް ރަންދެލިގެ ސިޓީއިން އެނގެއެވެ. މި ސިޓީގައި ސަސްޕެންޑްކޮށްފައިވަނީ އޭނާގެ ފުށުން ކުރިމަތިވާކަމަށް ތުހުމަތުކުރެވޭ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްގެ މައްސަލަ ތަހުގީގުކުރެވެމުންދާތީކަމާއި، މިކަމީ ވަޒީފާގެ އެއްބަސްވުން ޓަރމިނޭޓްކުރަންޖެހޭފަދަ ކަމެއް ކަމުގައި ބަޔާންކުރެއެވެ.
[76]އޭގެ ފަހުން ރިސޯޓުން "ރިކުއެސްޓް ފޯ ރިޓިން އެކްސްޕްލަނޭޝަން" (request for written explanation) ސިޓީ ރިސޯޓުން ފޮނުވާފައިވެއެވެ. މި ސިޓީގައިވަނީ 31 ޖުލައި 2018ގެ ހަވީރު 5:00ގެ ކުރިން އަޙްމަދު ޝިޔާޒުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމަށް ލިޔުމަކުން ޖަވާބުދާރީވުމަށެވެ. މި ސިޓީގައި އަޙްމަދު ޝިޔާޒުގެ މައްޗަށް ތުހުމަތުކުރެވޭ ކަން ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.
[77]“During the course of the past few months, multiple female employees have brought our attention to certaun misconduct on your part which includes sexual harassment and improper behavious on numerous occasion”
[78]ބަޔާންކޮށްފައިވާ ސިޓީއާ ގުޅިގެން، 29 ޖުލައި 2018ގައި އަޙްމަދު ޝިޔާޒް ރިސޯޓަށް ސިޓީ ފޮނުވާފައިވެއެވެ. މި ސިޓީގައިވަނީ ކުންފުނިން އަޙްމަދު ޝިޔާޒުގެ މައްޗަށް ތުހުމަތުކުރާ މައްސަލަ "ސެކްޝުއަލް ހެރެސްމެންޓް" އަކީ އޭނާ ޤަބޫލުކުރާގޮތުގައި އެއްވެސް ހަޤީޤަތެއްނެތް މައްސަލައެއްކަމަށާއި، އަދި ކުންފުނިން ދީފައިވާ ސަސްޕެންޝަން ނޯޓިސްއަކީ ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ދެވިފައިވާ ނޯޓިސްއެއްކަމުން، އޭނާގެ ސަސްޕެންޝަން އުވާލުމަށެވެ.
[79]ކުންފުނިން 2 އޯގަސްޓް 2018ގައި އަޙްމަދު ޝިޔާޒްއަށް އެޑްރެސްކޮށް ވަޒީފާއިން ވަކިކުރުމަށް ފޮނުވާފައިވާ "ޓަރމިނޭޝަން އޮފް އެމްޕޮލޮއިމެންޓް" (Termination of Employment) ސިޓީގައި ދެ ފަރާތް ދެމެދު ވެފައިވާ ވަޒިފާގެ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (b) (xvi)އާ އަޙްމަދު ޝިޔާޒު ޚިލާފުވެފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ޙަވާލާދީ 2 އޯގަސްޓް 2018އިން ފެށިގެން އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކޮށްފައިވާކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ނިންމުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން ސީޓިގައި ބަޔާންކުރެއެވެ.
[80]“…As such, reference is made to the “Request for a Written Explanation” dated 28 July 2018 issued to you with respect to the allegations and your response dated 29 July 2018 wherein you blatantly refused the allegation filed against you and refused to give any explanations whatsoevere.
[81]Upon evaluation of the matter and taking intio account the explanations provided by all those who are concerened and the exlanation you have provided in respect of the allehations against you, please be informed that it has been determined by the Resort that your conduct (i.e. sexually harassing multiple female employees) has in general had a negatuve impact on the work environment of the Resort and constitutes ‘Gross Misconduct’ in clear breach of Clause 14(b)(xvi) of the Employment Contract…”
[82]ވީމާ، އަޙްމަދު ޝިޔާޒުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކޮބައިކަން އެއިރު ދެވެން އޮތް މިންވަރަށް އަޙްމަދު ޝިޔާޒްއާ ހިއްސާކޮށް، އެއަށް ޖަވާބުދާރީވުމަށް އަޙްމަދު ޝިޔާޒުއަށް އަންގާފައިވެއެވެ. މިއަށް ޖަވާބުދިނުމުގެ ގޮތުން އަޙްމަދު ޝިޔާޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރުމުގެ އިތުރުން، އެއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް އަޙްމަދު ޝިޔާޒް ދައްކާފައެއްނުވެއެވެ. އަޙްމަދު ޝިޔާޒް ވަޒީފާއިން ވަކިކޮށްފައިވަނީ އަޙްމަދު ޝިޔާޒްއަށް ޖަވާބުދާރީވުމުގެ ފުރުޞަތުދިނުމަށް ފަހުގައިކަން "ރިކުއެސްޓް ފޯ ރިޓިން އެކްސްޕްލަނޭޝަން" (request for written explanation) ސިޓީއިންނާއި "ޓަރމިނޭޝަން އޮފް އެމްޕޮލޮއިމެންޓް" (Termination of Employment) ސިޓީއިން އެނގެއެވެ. ވީމާ، އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާ ކަމުގައި އަހުރެން ބުރަވަމެވެ.
[83]އިސްވެދިޔަ ސަބަބުތައް އެހެން ހުރުމުން، އަހުރެން ދެކެނީ އަޙްމަދު ޝިޔާޒު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ވަޒިފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން ބާޠިލުކުރުމާއިއެކު، އަޙްމަދު ޝިޔާޒުއަށް ބަދަލުގެ ގޮތުގައި USD$3750 (ތިންހާސް ހަތްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ދިނުމަށް އައި އެންޑް ޓީ މެނޭޖްމަންޓްގެ މައްޗަށް އަމުރުކޮށްފައި އޮތް އޮތުންވެސް ބާޠިލުކުރަންޖެހޭނެކަމަށެވެ.
[84]މިފަދައިން ނިންމުމާއިއެކު، އަޙްމަދު ޝިޔާޒުގެ ފަރާތުން ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، އަދި އަޙްމަދު ޝިޔާޒުއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، ފާއިތުވި މުއްދަތުގެ މުސާރައާއި އެލަވަންސްތައް އަދި ވަޒީފާގައި ހުރިނަމަ ލިބޭނެ އެހެނިހެން ޙައްޤުތައް އަޙްމަދު ޝިޔާޒުއަށް ލިބިދިނުމާއިއެކު، ޤާނޫނާއި ގަވާއިދާއި ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އަޙްމަދު ޝިޔާޒުގެ ފަރާތުން އެދިފައިވީނަމަވެސް، އަޙްމަދު ޝިޔާޒު ވަޒީފާއަށް އަނބުރާ ރުޖޫޢަކުރެވޭނެތަނެއް ނެތްކަމަށާއި، އަޙްމަދު ޝިޔާޒުއަކީ ވަޒީފާގައި ހުރި ފަރާތެއްކަމުގައި ބެލެވޭނެތަނެއް ނެތްކަމަށާއި، ފާއިތުވި މުއްދަތުގެ މުސާރައާއި އެލަވަންސްތައް އަދި ވަޒީފާގައި ހުރިނަމަ ލިބޭނެ އެހެނިހެން ޙައްޤުތައް އަޙްމަދު ޝިޔާޒުއަށް ލިބިދެވޭނެތަނެއް ނެތްކަމަށާއި އަދި ގެއްލުމުގެ ބަދަލު ނަގައިދެވޭނެތަނެއް ނެތް ކަމުގައި ދެކެމެވެ.
[85]އިސްފަނޑިޔާރު ހާތިފް ޙިލްމީގެ ރައުޔު
[86]ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު
[87]ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
[88]މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
[89]ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 172/VTR/2018 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
ހާތިފް ޙިލްމީ
މުޙައްމަދު ނިޔާޒް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ގަވާއިދު ނަންބަރު 2015/R-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 38 ވަނަ މާއްދާ
- އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ 9 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (a)
- އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ރެކޮމެންޑޭޝަން 1982
- ސުޕްރީމް ކޯޓުގެ 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް)
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުލްރަޙްމާން)
- ސުޕްރީމް ކޯޓުގެ 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަޝްފާޤު ވަޙީދު)
- އިނގިރޭސި ވިލާތުގެ ހައިކޯޓުގެ މިލަރ ވ. މިނިސްޓަރ އޮފް ޕެންޝަންސް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.