ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/24

އަޙްމަދު ޝާފިޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 16 ޑިސެމްބަރު 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 1103/Cr-C/2013ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 1103/Cr-C/2013
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެތެރެކުރުމުގެ މައްސަލައެއްގައި، ތަޙުލީލް ރިޕޯޓު ތައްޔާރުކުރި ފަރާތް ނުވަތަ ބަދަލު ހެކިވެރިޔާ ހާޒިރުނުކޮށް، ތަޙުލީލުކުރި ފަރާތާ ހަމައަށް ތަކެތި ލިބުނު ގޮތް ޗެއިން އޮފް ކަސްޓަޑީން ނޭނގޭ ޙާލަތުގައި، ތަޙުލީލް ރިޕޯޓަށް ބުރަދަން ދީ ކުށް ސާބިތުކުރުން ޞައްޙަތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

އަލުން ބެލުމަށް ފޮނުވި (ތަޙުލީލުކުރި ފަރާތް/ބަދަލު ހެކިވެރިޔާ ހާޒިރުކޮށް ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމަށް ކްރިމިނަލް ކޯޓަށް ތަޙްވީލު)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަސްތުވާތަކެތީގެ މައްސަލަތަކުގައި، މުއްތަހަމުގެ ހިޔާޒަތުން ފެނުނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަމާއި، އެއީ ކޮން ބާވަތެއްގެ އެއްޗެއްކަމާއި، އޭގެ ބުރަދަން ދައުލަތުން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހެއެވެ.

ޖިނާއީ › ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން

HN2 އަތުލައިގަނެވޭ އެއްޗަކީ މަސްތުވާއެއްޗެއްކަމަށް ކޯޓުން ކަނޑައަޅަނީ ތަޙުލީލް ރިޕޯޓުގެ ނަތީޖާއަށް ބިނާކޮށެވެ؛ ތަޙުލީލުކުރި ތަކެތީ ތުހުމަތުކުރެވޭ ފަރާތުގެ ހިޔާޒަތުން އަތުލައިގަނެވުނު ތަކެތިކަން ކަށަވަރުކުރެވެނީ، ކުށުގެ ވެށިން ތަކެތި ނަގާތާ ލެބޯޓަރީއަށް ފޮނުވައި ތަޙުލީލުކޮށް ނިމިގެން އަންނަންދެން ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގުޅިގެން ގޮސްފައިވާކަން ޗެއިން އޮފް ކަސްޓަޑީ ފޯމުން އެނގޭ ނަމައެވެ (2018/HC-A/404، 2016/HC-A/451).

HN3 ހެކި ބަލައިގަތުމުގައި ޢާންމު އުޞޫލުން ބަލަނީ: ހެކި ޚަޞްމަކު ހުށަހަޅާފައިވުމާއި، ގުޅުން ހުރި ހެއްކަކަށްވުމާއި، ޤާނޫނު ހުއްދަކުރާ ހެއްކަކަށްވުމެވެ ([2023] SC 20)؛ ކޭސް މެނޭޖްމަންޓުގައި ހެކި ކަނޑައެޅުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރެއް ނަމަވެސް، ހެކި ބަލައިނުގަންނަ ސަބަބު ފަނޑިޔާރު ބަޔާންކުރަންޖެހޭނެ ކަމަށާއި، އެއީ ޤާނޫނީ އުޞޫލުތަކުގެ ތެރެއިން އެކަށީގެންވާ ސަބަބަކަށް ވާންޖެހެއެވެ.

HN4 ހެކިބަސް ދޭނެ މީހުން ހާމަކުރަންވާނީ ދަޢުވާ ހުށަހަޅާއިރު ނުވަތަ ފުރަތަމަ ޖަވާބުދާރީވާއިރު ނަމަވެސް، ހެކި ހާމަކުރާ ވަގުތު ފާއިތުވުމަށްފަހުވެސް ހެކި ހުށަހެޅޭނެ އިސްތިސްނާ ޙާލަތްތައް ހުރެއެވެ.

HN5 ތަޙުލީލް ރިޕޯޓު ތައްޔާރުކުރި ފަރާތް ހާޒިރުކުރެވެން ނެތް ޙާލަތުގައި، ތަޙުލީލުކުރިއިރު ހާޒިރުވެހުރި، ފަންނީ ޢިލްމާއި ތަޖުރިބާ ހުރި ފަރާތް ބަދަލު ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކޮށް ބަސް ހޯދުމަކީ ކޯޓުތަކުން ބަލައިގަނެ ޢަމަލުކުރާ އުޞޫލެކެވެ؛ ދަޢުވާ ލިބޭ ފަރާތުން އިންކާރުކުރުމަކީ، ދައުލަތުން ހުށަހަޅާ، ގުޅުން ހުރި، ޤާނޫނީ ގޮތުން ހުއްދަ ހެއްކެއް (ޚާއްޞަކޮށް ދަޢުވާގެ އުންސުރެއް ސާބިތުކުރުމުގައި އިސްދައުރެއް އަދާކުރާ ހެކިވެރިއެއް) ހާޒިރުނުކުރުމަށް ނިންމުމަށް އެކަށީގެންވާ ސަބަބެއް ނޫނެވެ.

HN6 ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތަކީ ދަޢުވާ ހުށަހަޅާއިރު ދައުލަތަށް ލިބިފައިވާ ފުރުޞަތެއް ކަމުން، ހެކި ހުށަނާޅާ އޮތް ނަމަ އެކަން ފާހަގަކޮށް ފުރުޞަތަށް އެދުމަކީ ދައުލަތުގެ ޒިންމާއެކެވެ (2018/HC-A/404)؛ ސުޕްރީމް ކޯޓުގެ 06/2022-SCPD ޕްރެކްޓިސް ޑައިރެކްޝަނާ އެއްގޮތަށް، ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތް ނުވަތަ ޗެއިނާމެދު ސުވާލު އުފެދިފައިވާ ޙާލަތުގައި، ޗެއިންގައި ހިމެނޭ ފަރާތްތަކުގެ ހެކިބަހުން ތަކެތި މުއްތަހަމުގެ ހިޔާޒަތުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭ ނަމަ ޗެއިން ފުރިހަމަވެފައިވާ ކަމަށް ބަލަންވާނެއެވެ؛ މި މައްސަލައިގައި އެކަން ކަށަވަރުކުރެވޭނީ ތަޙުލީލުކުރި ފަރާތް/ބަދަލު ހެކިވެރިޔާ ހާޒިރުކޮށްގެން ކަމުން، މައްސަލަ ދަށުކޯޓަށް ފޮނުވީއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

ތަޢާރުފު

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގއ.ވިލިނގިލި، ތިންމާ އަޙްމަދު ޝާފިޢު (މީގެ ފަހުން "އަޙްމަދު ޝާފިޢު" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ހުށަހެޅުމުން ބަލާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/24 ޤަޟިއްޔާ އެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގެ ފަސްފަހަތް:

3އިސްތިއުނާފު ކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާއިން އަޙްމަދު ޝާފިޢުގެ މައްޗަށް އުފުލަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ .

4ދައުވާ އުފުލާފައިވަނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 110 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ

(ނ) ގެ ދަށުންނެވެ. އަދި އަޙްމަދު ޝާފިޢުގެ މައްޗަށް މިދައުވާ ކޮށްފައިވަނިކޮށް މަސްތުވާތަކެއްޗާބެހޭ ޤާނޫނު އަށް 2 ވަނަ އިސްލާޙް އައުމުގެ ޤާނޫނު ގެ ދަށުން 110 ވަނަ މާއްދާ، 112 ވަނަ މާއްދާއަށް ބަދަލުވެފައިވެއެވެ.

5ދައުވާ ބިނާކޮށްފައިވާ މައިގަނޑު ވާޤިއާއަކީ، އަޙްމަދު ޝާފިޢު، 11 މެއި 2013 ދުވަހުގެ މެންދުރުގެ ވަގުތެއްގައި ސްރީލަންކާއިން ދިވެހިރާއްޖެއަށް އައިއިރު، އަޙްމަދު ޝާފިޢު މަސްތުވާތަކެތި ގެނައިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ހުޅުލެއިން މާލެއަށް އައި ފެރީއިން އަޙްމަދު ޝާފިޢު މާލެއަށް ފޭބި ވަގުތު އަޙްމަދު ޝާފިޢު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާ 2 ދުވަހެއްގެ މަތިން އަޙްމަދު ޝާފިޢު ބޮޑުކަމުދިޔަ ތަކެތީގައި ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދެއްކުމެވެ. އެގޮތުން އަޙްމަދު ޝާފިޢުގެ ހަށިގަނޑުން ފެނުނު މަސްތުވާތަކެތީގެ ތަފްސީލް ތިރީގައި ބަޔާންކޮށްފައިމިވަނީއެވެ.

5.1. 12 މެއި 2013 ދުވަހުގެ 18:00 އެހައިކަންހާއިރު، އަޙްމަދު ޝާފިޢު ބޮޑުކަމުދިޔަ ތަކެތިން ފެނުނު 04 (ހަތަރެއް) ބްލެޓް ސައިޒް ރަބަރު ޕެކެޓްގައި 37.1886 ގްރާމް ޑައިމޯފިން؛ އަދި

5.2. 13 މެއި 2013 ދުވަހުގެ 15:35 އެހައިކަންހާއިރު، އަޙްމަދު ޝާފިޢު ބޮޑުކަމުދިޔަ ތަކެތިން ފެނުނު 05 (ފަހެއް) ބްލެޓް ސައިޒް ރަބަރު ޕެކެޓްގައި 38.9739 ގްރާމް ޑައިމޯފިން؛ މިއެވެ.

6މިދައުވާއަށް އަޙްމަދު ޝާފިޢު އިންކާރުކޮށްފައިވެއެވެ. އެގޮތުން އަޙްމަދު ޝާފިޢު ފާހަގަކޮށްފައިވަނީ، އަޙްމަދު ޝާފިޢުގެ އަތުން ފެނުނުކަމަށް ބުނާ އެއްޗިއްސަކީ އޭނާގެ އެއްޗެހި ނޫންކަމަށާއި، އަދި އެއީ އޭނާގެ މަޖްބޫރީ ޙާލަތެއް ދިމާވެގެން ކުރެވިފައިވާކަމެއްކަމާއި، އަދި އެތަކެއްޗަކީ އެހެން މީހެއްގެ ތަކެތިކަން އެމީހާގެ ފަރާތުން ބުނެފައިވާކަމާއި، އެތަކެތި ހޯދުމަށް ފުލުހުން މަސައްކަތް ކުރިއިރުވެސް އަޙްމަދު ޝާފިޢުއަށް ބިރުދެއްކުމާއި، ނުފޫޒުފޯރުވާ، އޮޅުވާލާފައިވާކަމަށެވެ.

7ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "އެތަކެއްޗަކީ އަޙްމަދު ޝާފިޢުގެ ހިޔާޒަތުގެ ދަށުން ފެނުނު އޭނާގެ ތަކެތިކަން މިމައްސަލާގައި ހުށަހަޅާފައިވާ ހެކިބަހުންނާއި، ވަށައިގެންވާ ކަންކަމަށް ބެލުމުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 112 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުން ގއ.ވިލިނގިލި/ ތިންމާ، އަޙްމަދު ޝާފިޢު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން ގއ.ވިލިނގިލި/ ތިންމާ، އަޙްމަދު ޝާފިޢު ޢުމުރަށް ޖަލަށްލުމާއެކު -/100,000ރ. (އެއްލައްކަ ރުފިޔާ) އިންޖުރިމަނާކޮށް، މިޖޫރިމަނާގެ ފައިސާ، މިއަދު (25 ނޮވެމްބަރު 2019) ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ޚަލާޞްކުރުމަށް، ގއ.ވިލިނގިލި/ ތިންމާ، އަޙްމަދު ޝާފިޢުއަށް އަންގާ ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ."

8ކްރިމިނަލް ކޯޓުގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

8.1. އަޙްމަދު ޝާފިޢު ދައުވާއަށް އިންކާރު ކުރަމުން މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ނޫންކަމަށާއި، އަދި މަސްތުވާތަކެތި ދިރުވާލުމުގައި އޭނާއަށް މަޖުބޫރު ކުރުމެއް ވާކަމަށް ބުނި ނަމަވެސް އެތަކެއްޗަކީ އަޙްމަދު ޝާފިޢުގެ އެއްޗެއް ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން އެނގެން އޮންނަ އޮތުމާއި، އަދި އެތަކެތި ދިރުވާލުމުގައި މަޖުބޫރު ކުރުމެއް އޮތްކަމުގައި ބުނި ނަމަވެސް އެކަން ޝަރީޢަތަށް ސާބިތުކޮށްދީފައި ނުވާކަން؛

8.2. އަޙްމަދު ޝާފިޢު ހައްޔަރުކުރީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށްކަމަށް ދިފާޢުން ބުނިނަމަވެސް، އަޙްމަދު ޝާފިޢު ހައްޔަރުކޮށްފައިވަނީ، ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންކަން ހެކިންގެ ހެކިބަހުން އެނގެން އޮންނަކަމާއި، އަދި އެ ޑިޕާޓްމަންޓުން ދޭ މަޢުލޫމާތެއްގެ އަލީގައި އަޙްމަދު ޝާފިޢު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ބެލުމަކީ، މީހަކު ކުށެއް ކުރަނިކޮށް ފެނުންކަމުގައި ބެލިދާނެކަމެއްކަން އެނގެން އޮންނަ އޮތުން؛

8.3. އަޙްމަދު ޝާފިޢުގެ ހަށިގަނޑުން ފެނިފައިވާ މަސްތުވާތަކެތީގެ ނިސްބަތް ހެކިންގެ ހެކިބަހާއި އެއްގޮތްކަން އެނގެން އޮތުން؛

8.4. ދައުލަތުން ހުށަހެޅި މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓަށް ބަލާއިރު، މައްސަލަ ކުރިއަށްގޮސް ޚުލާސާ ބަޔާނާއި ހަމައަށް އައުމާ ހަމައަށްވެސް ދިފާއިން މިރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާފައި ނުވާކަން އެނގެން އޮތުން؛ މިއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް:

9ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އަޙްމަދު ޝާފިޢުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

9.1 ފުރަތަމަ ނުކުތާއަކީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާއިރު، އަދި އެކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމްތަކަށް ފަނޑިޔާރުން ރިޢާޔަތްކުރަން ވާނެކަމަށް، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްކުރެއްވުމެއް ނެތި މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓަށް ބުރަދަންދީ މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

9.1.1 މިނުކުތާގެ ތަފްސީލުގައި އަޙްމަދު ޝާފިޢުގެ ފަރާތުން ބުނެފައިވަނީ، އަޙްމަދު ޝާފިޢުގެ އަތުން ފެނުނުކަމަށްބުނާ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ތަޙްލީލް ކުރި ފަރާތްކަމަށް ތަޙުލީލް ރިޕޯޓުން އެނގެން އޮތް، ޕޮލިސް ސްޓާފް ސަރޖެންޓް މުޙައްމަދު އީނާސް ޢަބްދުއްލަޠީފްގެ އަތަށް އެތަކެތި ލިބިފައިވާކަން "ޗެއިން އޮފް ކަސްޓަޑީ ފޯމް" އިން އަދި އެނޫން ލިޔެކިޔުމަކުންވެސް އެނގެން ނެތްކަން ފާހަގަކުރާ ކަމަށެވެ. މައްސަލައިގެ ކިތާބީ ހެކިތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ވަކި އަޑުއެހުމެއް ޝަރީޢަތުން ބާއްވާފައިނުވާކަމަށާއި، މައްސަލައިގައި ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަށްފަހު، ބާއްވާފައިވަނީ ޚުލާޞާ ބަޔާން ހުށަހެޅުންކަމަށާއި، އެހެންކަމުން ތަޙްލީލް ރިޕޯޓް އާ ގުޅޭ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާކަމުގެ މައްޗަށް ވާހަކަ ދެއްކުމަށް ޚުލާޞާ ބަޔާން ފިޔަވައި އިތުރު ފުރުޞަތެއް އަޙްމަދު ޝާފިޢުއަށް ލިބިފައި ނުވާތީ، ޚުލާޞާ ބަޔާނުގައި އެކަމުގެ މައްޗަށް ތަފްޞީލީ ގޮތެއްގައި އަޙްމަދު ޝާފިޢު ވާހަކަދައްކާފައި ވަނިކޮށް، އެކަން ކުރިން ފާހަގަކޮށްފައި ނުވާކަމަށްބުނެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްކުރެއްވުމެއްނެތި، ތަޙުލީލް ރިޕޯޓަށް އަށް ބުރަދަން ދީ، އަޙްމަދު ޝާފިޢުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ

(ށ) އާއި ޚިލާފަށްކަމުގައި އަޙްމަދު ޝާފިޢު ދެކޭކަމަށެވެ.

9.1.1.1 މިނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއްޔާ ނިންމާފައިވަނީ، މިމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ކުރިންކަމަށާއި، މައްސަލައިގެ ހިމެނޭ ލިޔުންތަކަށާއި ހެކިންގެ ހެކިބަހަށް ބަލާއިރު، މަސްތުވާތަކެތި ފޮރެންސިކް ތަޙްލީލަށް ފޮނުވުނު ހިސާބަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދު ކެނޑިފައިނުވާކަން އެނގޭކަމަށާއި، މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނުއިރު ޢަމަލުކުރަމުންދިޔަ އުޞޫލަށް ބަލާއިރު، އެއްވެސް މައްސަލައެއްގެ ޗެއިން އޮފް ކަސްޓަޑީ ކާޑަކީ ކޯޓަށް ހުށަހަޅާ ލިޔުމެއް ނޫންކަމަށާއި، އެކާޑަކީ، ފެނުނު މަސްތުވާތަކެތި ތަޙްލީލް ކުރުމަށް ލެބޯޓްރީއާ ހަމައަށް ވާސިލްވިގޮތް އަންގައިދޭ ލިޔުމެއްކަމަށްވާއިރު، ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމުގައި ހިމެނޭ ޗެއިން ކާޑު ތައްޔާރުކުރަނީ ކާޑު އަޞްލަކަށް ބަލައިގެން އޭގައި ބަޔާންކޮށްފައިވާ މަޢުލޫމާތު އޭގައި ހިމަނާފައިވާ ގޮތަށް ނޯޓްކޮށްގެން ކަމަށެވެ. ޗެއިން އޮފް ކަސްޓަޑީ ކާޑުގެ ބަދަލުގައި ކޯޓަށް ހުށަހަޅަމުން ދިޔައީ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި، އެފޯމާއެކު ހިމެނޭ ޗެއިން އޮފް ކަސްޓަޑީއާއި، މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމާއި، ތަޙްލީލަށް ހުށަހަޅާ ތަކެތީގެ ތަފްޞީލް ފޯމުކަމަށެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ކާޑު ހުށަހަޅާފައި ނުވުމަކީ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާމެދު ކެނޑިފައިވާކަމަށް ނިންމޭނެ ސަބަބެއް ނޫންކަމަށާއި، ޗެއިން އޮފް ކަސްޓަޑީއާ ގުޅިގެން މައްސަލައިގެ ޚަސްމަކު ސުވާލު އުފައްދައިފިނަމަ ނުވަތަ ހެކިން ހެކިބަސްދޭއިރު ތަކެތި ނެގުނު ގޮތާއިމެދު ސުވާލު އުފެދޭ ޙާލަތުގައި ނުވަތަ މިނޫންވެސް ޙާލަތެއްގައި ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދިއްޖެނަމަ އެކަން ކަށަވަރު ކުރަނީ މޯލްޑިވްސް ޕޮލިސް ސަރވވިސް މެދުވެރިކޮށް ޗެއިން އޮފް ކަސްޓަޑީ ކާޑު ހޯދައިގެންކަމަށާއި، ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ ދެމިގެން ދިޔަގޮތާއިމެދު ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ޝާފިޢުގެ ފަރާތުން ސުވާލު އުފައްދާފައިނުވާކަމަށާއި، އެކަމާ ގުޅިގެން ސުވާލު އުފައްދާފައިވަނީ މައްސަލައިގައި ދެފަރާތުން ޚުލާސާ ބަޔާން ހުށަހެޅި ދުވަހު ކަމަށްވާތީ، މިމައްސަލައިގެ ޗެއިން އޮފް ކަސްޓަޑީ ކާޑު ހުށަހަޅާފައިނުވާކަމަށެވެ.

9.2. ދެވަނަ ނުކުތާއަކީ، އަޙްމަދު ޝާފިޢުގެ އަތުން ފެނުނުކަމަށް ބުނާ މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓާއި ގުޅޭގޮތުން މުނާޤަޝާކުރުމުގެ ފުރުޞަތު އަޙްމަދު ޝާފިޢު އަށް ލިބިދިނުމެއް ނެތި، އެ ރިޕޯޓަށް ބުރަދަންދީ، އެ ރިޕޯޓަށް ރިޢާޔަތްކުރެއްވުމަށްފަހު، މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށްކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

1.2.9 މިނުކުތާގެ ތަފްސީލުގައި އަޙްމަދު ޝާފިޢުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 ޤަޟިއްޔާގައި ރިޕޯޓާއި ގުޅޭގޮތުން މައްސަލައިގެ ޚަސްމުންނަށް ސުވާލުކޮށް، މުނާގަސާކުރުމުގެ ފުރުސަތު ކޯޓުގެ ފަރާތުން ދިނުމާގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްނުކޮށް، މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓަށް ބުރަދަން ދީ ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި ޚިލާފުޅަމުގައިވާތީ، މިއީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމުގައި އަޙްމަދު ޝާފިޢު ދެކޭކަމަށެވެ.

1.1.2.9 މިނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ތަޙްލީލް ކުރުމަށްޓަކައި ލެބޯޓްރީއާ ހަމައަށް ވާސިލްވެފައިވަނީ އިޖުރާއީ ގޮތުން ރަނގަޅަށްތޯ ސާފުކުރުމަށާއި ރިޕޯޓުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޕޮލިސް ސްޓާފް ސަރޖެންޓް މުޙައްމަދު އީނާސް ޢަބްދުއްލަޠީފް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށާއި، ނަމަވެސް މައްސަލައިގެ ޝަރީޢަތްތައް ކުރިއަށް ގެންދެވުނު ދުވަސްވަރު، އެފަރާތުން ހުރީ ކޯހެއްގައި ރާއްޖެއިން ބޭރުގައި ކަމަށްވުމުން، އެފަދަ ޙާލަތުގައި ކޯޓުން އެހެން މައްސަލަތަކުގައިވެސް ތަކެތި ތަޙުލީލް ކުރިއިރު ޙާސިރުވެހުރި ފަރާތް ޙާސިރުކުރުމަށް ފުރުޞަތު ދެއްވާތީ، ރިޕޯޓާއި ގުޅިގެން ސުވާލުކުރުމަށްޓަކައި މިމައްސަލައިގަވެސް ތަޙްލީލްކުރިއިރު ޙާސިރުވެހުރި ފަރާތްކަމުގައިވާ ޕޮލިސް ލާންސް ކޯޕްރަލް ޢަބްދުއްރަޙްމާން ޤާސިމް ޙާޟިރުކޮށް ސުވާލުކުރުމުގެ ފުރުޞަތު ލިބިދީފައިވާކަމަށާއި، އެހެންނަމަވެސް އަޙްމަދު ޝާފިޢުގެ ފަރާތުން އެހެކިވެރިޔާގެ ހެކިބަސް ނެގުމަށް އިޢުތިރާޒްކޮށްފައިވާތީ އެފަރާތުގެ ހެކިބަސް ނެގިފައިނުވާކަމަށެވެ. އަދި ތަޙްލީލްކުރިއިރު ޙާޟިރުވެ ހުންނަ މީހާއަކީ ތަޙްލީލް ކުރުމުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކަށްވާއިރު، ޙާޟިރުވި ހުންނަ މީހާގެ ކިބައިން ޚަބީރެއްގެ ގޮތުން އަދި އިޖުރާއީ ގޮތުންވެސް ކަން ހިނގާފައިވާ ގޮތް ސާފުކުރުމުގެ ފުރުސަތު ދިފާޢަށް މިމައްސަލައިގައި ލިބިދީފައިވާތީ މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯޓާއި ގުޅިގެން މުނާޤަޝާކުރުމުގެ ފުރުޞަތު ލިބިދީފައިވާކަމަށް ދެކޭ ކަމަށެވެ.

9.2.2. ތިންވަނަ ނުކުތާއަކީ، އަޙްމަދު ޝާފިޢުގެ މައްޗަށް ދައުވާ އުފުލިއިރު، އަޙްމަދު ޝާފިޢުގެ ފަރާތުން އަތުން ފެނުނުކަމަށް ބުނާ މަސްތުވާތަކެތީގެ ޢަދަދާއި، ތަޙުޤީޤު މަރުޙަލާގައި އަޙްމަދު ޝާފިޢުގެ ފަރާތުން އަތުން ފެނުނުކަމަށް ލިޔެކިޔުންތަކުން ފެންނަން އޮތް މަސްތުވާތަކެތީގެ ޢަދަދު ދިމާ ނުވާއިރު، އަދި ތަކެތީގެ މިންވަރާއިމެދު ޝައްކު އުފެދިފައިވާއިރު، މިކަމަށް ރިޢާޔަތްކުރެއްވުމެއް ނެތި މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ޚިލާފަށްކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

9.2.2.1 މިނުކުތާގެ ތަފްސީލުގައި އަޙްމަދު ޝާފިޢުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ތަހުޤީޤު މަރުހަލާގ އާއި ޝަރީޢަތް ނިމެންދެން އަޙްމަދު ޝާފިޢު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުތަކުގައި ފާހަގަކޮށްފައިވަނީ އަޙްމަދު ޝާފިޢުގެ އަތުން ފެނިފައިވަނީ 6 (ހައެއް) ރަބަރު ޕެކެޓު ކަމަށާއި، މި މައުލޫމާތަކީ، ތަޙުޤީޤު ކުރާ ފަރާތުން ދީފައިވާ މައުލޫމާތު ކަމާއި، އެހެންނަމަވެސް ޖުމްލަ 9 ޕެކެޓު ނެގިކަމަށް ހެކިން ބުނެފައިވުމުން، އަޙްމަދު ޝާފިޢުގެ ހަށިގަނޑުން ފެނުނުކަމަށް ބުނާ މަސްތުވާތަކެތީގެ ޢަދަދާއި މެދު ޝައްކު އުފެދޭކަމަށެވެ. އެހެންކަމުން، ޝައްކު އުފެދިފައިވަނިކޮށް، މައްސަލައިގެ ޙުކުމަށް ވާޞިލްވުމުގައި ފާހަގަކުރެވުނު ނުކުތާތަކުގައި އެކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބަޔާންނުކޮށް، ހަމަ އެކަނި ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ޚިލާފަށްކަމުގައި އަޙްމަދު ޝާފިޢު ދެކޭކަމަށެވެ.

9.2.2.2 މިނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމްގައި ބަޔާންކޮށްފައިވަނީ، 12 މެއި 2013 ދުވަހު އަޙްމަދު ޝާފިޢުގެ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން 4 ބްލެޓް އަދި 13 މެއި 2013 ދުވަހު 5 ބްލެޓް ފެނިފައިވާކަމަށެވެ. ތަޙްލީލަށް ހުށަހަޅާ ތަކެތީގެ ތަފްޞީލް ފޯމުގައިވެސް ތަޙްލީލް ކުރުމަށް ހުށަހަޅާފައިވަނީ، މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ބްލެޓާއި، 5 ބްލެޓްކަން ކަމަށާއި މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓުގައިވެސް ތަޙްލީލް ކުރެވިފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 އަދި 5 ބްލެޓްކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ޢަދަދަކީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ބްލެޓާއި، 5 ބްލެޓްކަން ސީންގައި ޙަރަކާތްތެރިވި ފުލުހުން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުންނާއި، ކޯޓުގައި ދީފައިވާ ހެކިބަހުން ސާފުކޮށް އިނގެން އޮންނާތީ، މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ޢަދަދާއިމެދު ޝައްކު އުފެއްދުމުގެ އިޙްތިމާލެއް ނެތްކަމަށެވެ. ދެފަރާތުން އެދޭގޮތް:

10އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށެވެ.

11އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

12ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގައި އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ސުވާލު އުފައްދަނީ، މިމައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ސާބިތުކުރުމުގައި މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު އެކުލަވާލި ފަރާތް ޙާޟިރުކޮށް ރިޕޯޓާއި ގުޅިގެން މުނާގަޝާކުރުމުގެ ފުރުސަތު ނުލިބުމާއި، އެތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވުމާއި، ފެނުނު ތަކެތީގެ މިންވަރާ (6 ނުވަތަ 9 ޕެކެޓްތޯ) މެދުއެވެ.

މަސްތުވާތަކެތިކަން ސާބިތުކުރުން

13މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން މުއްތަހަމެއްގެ އަތުގައި ނުވަތަ ހިޔާޒަތުގައި މަސްތުވާއެއްޗެއް ހުރެގެން ކުރާ ދައުވާތަކުގައި، މުއްތަހަމުގެ ހިޔާޒަތުގެ ދަށުން ފެނިފައިވަނީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަން ސާބިތުކުރުމުގައި އެފެނުނު އެއްޗަކީ ކޮން ބާވަތެއްގެ އެއްޗެއްކަމާއި، އެއެއްޗެއްގެ ބުރަދަން ހިމެނޭ ވާޤިއާ ދައުލަތުން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހެއެވެ.

14މިއުންސުރު ސާބިތުކުރާނެ ގޮތް ތަފްސީލު ގޮތެއްގައި ބަޔާންކުރެވުނު އެއް މަސްދަރަކީ، އުވާލެވިފައިވާ ޤާނޫނު ނަންބަރު 17/77 މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 18 ވަނަ މާއްދާއެވެ. އެމާއްދާގެ (ހ) ގައި، ބަޔާންކުރަނީ، ސައިންޓިފިކް އުޞޫލުގެ މަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ބޭނުންވާ ތަޢުލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކު، މަސްތުވާތަކެތީގެ ބާވަތް ނުވަތަ މިންވަރު ބެލުމަށްފަހު އެކަމާބެހޭ ގޮތުން ޝަރީޢަތުގެ މަޖިލީހުގައި ދޭބަޔާނަކީ، މިކަން ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއް ކަމަށެވެ.

15މަސްތުވާތަކެތީގެ މައްސަލައެއްގައި އަތުލައިގަނެވޭ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކީ، މަސްތުވާތަކެތިކަމަށް ޝަރީޢަތުން ކަނޑައަޅާނީ، އެތަކެތީގެ ތަޙުލީލު ރިޕޯޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށްކަމަށާއި، ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ، ތުހުމަތުކުރެވޭ ފަރާތުގެ ހިޔާޒަތުގެ ދަށުން އަތުލައިގަނެވުނު ތަކެތިކަން ދެނެގަނެ އެކަން ކަށަވަރުކުރެވޭނެ ގޮތަކަށް އޮންނާނީ، އަތުލައިގަނެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމުކަމަށް މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނުޒުރަތު ނަޖީބު އަދި މުޙައްމަދު ޝަމްޢޫން ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ. މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަން ފުރުސަތު ލިބުނުތޯ؟

16އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި އަޙްމަދު ޝާފިޢުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 ޤަޟިއްޔާގައި ތަޙުލީލް ރިޕޯޓާއި ގުޅޭގޮތުން މައްސަލައިގެ ޚަސްމުންނަށް ސުވާލުކޮށް، މުނާޤަޝާކުރުމުގެ ފުރުސަތު ކޯޓުގެ ފަރާތުން ދިނުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްނުކޮށް، މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓަށް ބުރަދަން ދީ ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި ޚިލާފުކަމުގައިވާތީ، މިއީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމުގައި އަޙްމަދު ޝާފިޢު ދެކޭކަމަށެވެ.

17މިނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ތަޙުލީލް ކުރުމަށްޓަކައި ލެބޯޓްރީއާ ހަމައަށް ވާސިލްވެފައިވަނީ، އިޖުރާއީ ގޮތުން ރަނގަޅަށްތޯ ސާފުކުރުމަށާއި، ރިޕޯޓުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޕޮލިސް ސްޓާފް ސަރޖެންޓް މުޙައްމަދު އީނާސް ޢަބްދުއްލަޠީފް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށާއި، ނަމަވެސް މައްސަލައިގެ ޝަރީޢަތްތައް ކުރިއަށް ގެންދެވުނު ދުވަސްވަރު، އެފަރާތުން ހުރީ ކޯހެއްގައި ރާއްޖެއިން ބޭރުގައި ކަމަށްވުމުން، އެފަދަ ޙާލަތުގައި ކޯޓުން އެހެން މައްސަލަތަކުގައިވެސް ތަކެތި ތަޙުލީލް ކުރިއިރު ޙާޟިރުވެހުރި ފަރާތް ޙާޟިރުކުރުމަށް ފުރުޞަތު ދެއްވާތީ، ރިޕޯޓާއި ގުޅިގެން ސުވާލުކުރުމަށްޓަކައި މިމައްސަލައިގަވެސް ތަޙުލީލުކުރިއިރު ޙާޟިރުވެހުރި ފަރާތްކަމުގައިވާ ޕޮލިސް ލާންސް ކޯޕްރަލް ޢަބްދުއްރަޙްމާން ޤާސިމް ޙާޟިރުކޮށް ސުވާލުކުރުމުގެ ފުރުޞަތު ލިބިދީފައިވާކަމަށާއި، އެހެންނަމަވެސް އަޙްމަދު ޝާފިޢުގެ ފަރާތުން އެހެކިވެރިޔާގެ ހެކިބަސް ނެގުމަށް އިޢުތިރާޒްކޮށްފައިވާތީ އެފަރާތުގެ ހެކިބަސް ނެގިފައިނުވާކަމަށެވެ. އަދި ތަޙުލީލުކުރިއިރު ޙާޟިރުވެ ހުންނަ މީހާއަކީ ތަޙުލީލް ކުރުމުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކަށްވާއިރު، ޙާޟިރުވެ ހުންނަ މީހާގެ ކިބައިން ޚަބީރެއްގެ ގޮތުން އަދި އިޖުރާއީ ގޮތުންވެސް ކަން ހިނގާފައިވާ ގޮތް ސާފުކުރުމުގެ ފުރުސަތު ދިފާޢަށް މިމައްސަލައިގައި ލިބިދީފައިވާތީ މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓާއި ގުޅިގެން މުނާޤަޝާކުރުމުގެ ފުރުޞަތު ލިބިދީފައިވާކަމަށް ދެކޭ ކަމަށެވެ. ހުވައިކުރުމާއި، އަދި އެ ރިޕޯޓާއި ގުޅޭގޮތުން މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ސުވާލުކޮށް މުނާޤަޝާކުރުމުގެ ފުރުސަތު ކޯޓުގެ ފަރާތުން ތަނަވަސްކޮށްދިނުން ހިމެނޭކަމާއި، މިގޮތަށް ފުރުސަތު ނުދެވޭ ޙާލަތުގައި އެ ރިޕޯޓަށް ބުރަދަން ނުދެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(e)/DR/2013/0689 "މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓް"

18ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ތަޙުލީލު ރިޕޯޓުގެ ސައްޚަކަމާ މެދު ދިފާޢުން ސުވާލު އުފައްދާފައިނުވާކަމަށެވެ. އެހެންނަމަވެސް، އެރިޕޯޓުގެ 5 ވަނަ ނުކުތާގައި އެކޯޓުން ފާހަގަކޮށްފައިވަނީ، ދައުވާއަށް އިންކާރުކުރަމުން، މައްސަލައާއެކު ހުށަހެޅިފައިވާ މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ފުލުހުން ނަގާފައިވާ ރިޕޯޓެއް ކަމުގައިވާތީ އެރިޕޯޓަކީ ޝަރީޢަތަށް ހުށަހެޅޭނެ ރިޕޯޓެއް ނޫން ކަމަށް ދިފާޢުން ބުނެފައިވާ ކަމަށެވެ.

19ދަށު ކޯޓުގައި ހެކި ހާމަކުރުމުގައި މަސްތުވާތަކެތީގެ ރިޕޯޓާއި ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ދައުލަތުން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އެފަރާތް ރާއްޖޭގައި ނެތުމާ ގުޅިގެން އެފަރާތުގެ ބަހެއް މިމައްސަލައިގައި ހޯދިފައިނުވާކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.

20ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޙްޝަރު ބަޔާނުގައި، ތަޙުލީލް ރިޕޯޓު ތައްޔާރުކުރި ފަރާތް ކޯހެއްގައި ފުރައިގެން ގޮސްފައިވުމުން ތަޙުލީލުކުރުމުގައި ޙާޟިރުވި ފަރާތް ޙާޟިރުކުރުމަށް ދައުލަތުން އެދިފައިވެއެވެ. އެހެންނަމަވެސް، އައު ހެއްކެއް ހުށަހެޅުމަށް ދިފާޢުން އިންކާރުކުރާތީ ރިޕޯޓަކީ ސައްޚަ ރިޕޯޓެއްގެ ގޮތުގައި ބަލައި، ބަދަލު ހެކިވެރިޔާގެ ހެކިބަސް ނުނެގުމަށް ޝަރީޢަތުން ނިންމާފައިވެއެވެ.

21ޝަރީޢަތަށް ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކުގެ ތެރެއިން ބަލައިގަންނާނެ ހެކިތައް (admissibility of evidence) ކަނޑައަޅައި ގޮތް ނިންމުމަކީ، ހެއްކާބެހޭ އުޞޫލުތަކުގެ ތަރަހައިގެ ތެރެއިން ފަނޑިޔާރުން ނިންމާ ނިންމުމެކެވެ. ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޝާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ކަނޑައެޅިފައިވާ ފަދައިން ހެކި ބަލައިގަތުމުގައި ޢާންމު އުޞޫލުން ބަލަނީ މައިގަނޑު ތިން ކަމަކަށެވެ. އެއީ (1) ހެކި ޚަސްމަކު ހުށަހަޅާފައިވުން؛ (2) ގުޅުން ހުރި ހެއްކަކަށް ވުން (3) ޤާނޫނު ހުއްދަކުރާ ހެއްކަކަށްވުން މިއެވެ.

22މީގެ އިތުރުން، ކޭސް މެނޭޖްމަންޓްގެ ތެރޭގައި، ދެފަރާތުގެ ދެމެދުގައި ޚުސޫމާތެއް ނެތް ވާޤިއާތަކާއި، ހެކި ހުށަހެޅުމެއް ނެތި ސާބިތުވާކަންކަމާއި، ހެކި ހުށަހެޅުމަށް ކަނޑައެޅޭ ވަގުތު ފާއިތުވުމަށްފަހު ހުށަހެޅޭ ހެއްކާއި، ހެކިހުށަހެޅޭ ބޭނުމުގެ މައްޗަށް ބިނާކޮށް ތަކުރާރުނުވާނެ ގޮތެއްގެ މަތިން ޙާޟިރުކުރެވޭނެ ހެކިން ކަނޑައެޅުމަކީ ހެއްކާބެހޭ އާންމު އުސޫލުގެ ތަރަހައިގެ ތެރެއިން ފަނޑިޔާރު ނިންމާ ފަނޑިޔާރުގެ ތަޤްދީރީބާރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންނަމަވެސް، ހެކި ބަލައިނުގަންނަ ސަބަބު ފަނޑިޔާރު ބަޔާންކުރަންޖެހެއެވެ. އަދި، އެސަބަބަކީ ޤާނޫނީ އުޞޫލުތަކުގެ ތެރެއިން އެކަށީގެންވާ ސަބަބަކަށްވެސް ވާންޖެހެއެވެ.

23ޤާނޫނީ ޢާންމު އުޞޫލަކީ، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހެކިބަސް ދޭނެ މީހުންގެ ގޮތުގައި ވަކި ބަޔަކު ހުށަހަޅަން އެ މައްސަލައިގައި ހިމެނޭ ޚަސްމަކު ބޭނުންވާނަމަ، އެކަން، ދައުވާ ހުށަހަޅާހިނދު، ނުވަތަ ދައުވާއަށް ފުރަތަމަ ޖަވާބުދާރީވާހިނދު ފާހަގަކުރަމެވެ. އެހެންނަމަވެސް، ހެކި ހާމަކުރާ ވަގުތު ފާއިތުވުމަށްފަހު، ހެކި ހުށަހެޅޭނެ އިސްތިސްނާ ޙާލަތްތައް ހުރެއެވެ.

24މިމައްސަލައިގައި، ސުވާލު އުފެދިފައިވާ ހެކިވެރިޔާ، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު އެކުލަވާލިއިރު ހާޟިރުވެހުރި ފަރާތަކީ، ރިޕޯޓު އެކުލަވާލި ފަރާތް ނެތުމުން ބަދަލުގައި ޙާޟިރުކުރުމަށް ދައުލަތުން އެދުނު ހެކިވެރިއެކެވެ. މިހެކިވެރިޔާ ޙާޟިރުނުކުރުމަށް ކޯޓުން ނިންމާފައިވަނީ، މިއީ ފަހުން ހާމަކުރި ހެއްކެއް ކަމުގައިވާތީ އެފަރާތުގެ ހެކިބަސް ނެގުމާމެދު އިސްތިއުނާފު ކުރާ ފަރާތުން އިންކާރުކޮށްފައިވުމުންނެވެ.

25މަސްތުވާތަކެތީގެ މައްސަލައެއްގައި، ތުހުމަތުކުރެވޭ ތަކެއްޗާއި ބަރުދަން ސާބިތުކުރުމުގައި އެތަކެތި ތަޙުލީލްކުރި ފަރާތުން އިސް ދައުރެއް އަދާކުރެއެވެ. ވަކިން ޚާއްސަކޮށް ތަޙުލީލް ރިޕޯޓާމެދު ދައުވާ ލިބޭ ފަރާތުން ސުވާލު އުފައްދާ ޙާލަތުގައެވެ.

26ރިޕޯޓު ތައްޔާރުކުރި ފަރާތް ހެއްކެއްގެ ގޮތުގައި ދައުލަތުން ކުރިންވެސް ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް، ހެކިބަސް ނަގަންވީއިރު ހެކިވެރިޔާ (ރިޕޯޓް ތައްޔާރުކުރި ފަރާތް) ހާސިރުކުރެވެން ނެތުމުން (ކޯހެއްގައި ފުރާފައިވުމުން) ރިޕޯޓު ތައްޔާރުކުރިއިރު ޙާޟިރުވެ ހުރި ފަރާތުގެ ހެކިބަސް ނެގުމަށް ދައުލަތުން އެދިފައިވެއެވެ. ރިޕޯޓު އެކުލަވާލާ ފަރާތް ޙާސިރު ކުރެވެން ނެތް ޙާލަތްތަކުގައި ރިޕޯޓު އެކުލަވާލިއިރު ހާސިރުވެހުރި، ކަމުގެ ފަންނީ ޢިލްމާ ތަޖުރިބާހުރި ފަރާތް، ހެކީގެ ގޮތުގައި ހާސިރުކޮށް ބަސްހޯދުމަކީ ކޯޓުތަކުން ބަލައިގަނެ ޢަމަލުކުރަމުންދާ އުޞޫލެކެވެ.

27އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައިގައި ހެކި ހާޟިރުކުރުމަށް ދައުވާ ލިބޭ ފަރާތުން އިންކާރުކުރުމަކީ، ދައުލަތުން ހުށަހަޅާފައިވާ ގުޅުން ހުރި ޤާނޫނީގޮތުން ހުއްދަ ހެއްކެއް ހާސިރުނުކުރުމަށް ނިންމުމަށް އެކަށީގެންވާ ސަބަބެއް ކަމުގައި ނުދެކެމެވެ. ވަކިން ޚާއްސަކޮށް ދައުވާގެ އުންސުރެއް ސާބިތުކުރުމުގައި އިސްދައުރެއް އަދާ ކުރާ މިހެކިވެރިޔާ (ރިޕޯޓު އެކުލަވާލި ފަރާތް/ ބަދަލު)، ޙާޟިރުކުރެވުނު ނަމަ މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީގައި ހެކިވެރިޔާއަށް ތަކެތި ލިބުނު ގޮތް ބުނެދިނުމުގެ ފުރުސަތު ލިބި ވާޤިއާ ކަށަވަރުކުރެވެން އޮތީހެވެ.

ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވޭތޯ

28ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ ހިޔާޒަތުގެ ދަށުން އަތުލައިގެނެވުނު ތަކެތިކަން ދަނެގަނެ އެކަން ކަށަވަރުކުރެވޭނެ ގޮތަކަށް އޮންނާނީ، އަތުލައިގަނެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމުކަމަށް މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނުޖުރަތު ނަޖީބު އަދި މުޙައްމަދު ޝަމްޢޫން ޤަޟިއްޔާގައި ކަނޑައެޅިފައިވާ ކަމަށް މިރިޕޯޓުގެ 15 ވަނަ ޕްރެގްރާފުގައި ފާހަގަކޮށްފައިވާނެއެވެ.

29ހައިކޯޓުގެ މިނިންމުން ބިނާކޮށްފައިވަނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 162 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދާފައިވާ "މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެގޮތުގެ ގަވާޢިދު" ގެ 23 ވަނަ މާއްދާއާ ޙަވާލާދީއެވެ.

30ބުނެވުނު ޤަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތީގެ ތެރެއިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި އެއްތަނުން އަނެއް ތަނެއް ގެންދަންވާނީ، ނުވަތަ އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރަންވާނީ، ޙަވާލުކުރާ ފަރާތާއި، ޙަވާލުވާ ފަރާތުގެ ވަނަވަރު އަދި ޙަވާލުކުރެވޭ ތާރީޚާއި، ގަޑި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ފުރިހަމަކުރުމަށް ފަހުގައެވެ."

31އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކުރާ ފަދައިން މިކޯޓުގެ އަހުޒާމް ނަޢީމް ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި މަސްތުވާތަކެތިކަމަށް ޝަރީޢަތުން ކަނޑައަޅަނީ އެތަކެތީގެ ތަޙުލީލު ރިޕޯޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށްކަމާއި، އަދި ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ ތުހުމަތު ކުރެވޭ ފަރާތުގެ އަތުން އަތުލައިގަނެވުނު ތަކެތިކަން ދަނެގަނެ އެކަން ޝަރީޢަތުން ކަށަވަރުކުރަންވަނީ، ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ހިމެނޭގޮތުން ތައްޔާރުކުރެވޭ ފޯމުތަކުގައިވާ މަޢުލޫމާތާއި، އަތުލައިގަނެވޭ ތަކެތީގެ "ޗެއިން އޮފް ކަސްޓަޑީ ފޯމު" ގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ކުށުގެ ވެށިން އެތަކެތި ނެގުމާ ހަމައިން ފެށިގެން ލެބޯޓަރީއަށް އެތަކެތި ފޮނުވައި ތަޙުލީލްކޮށް ނިމިގެން އައުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގުޅިގެން ގޮސްފައިވާނަމަކަމަށް ކަނޑައަޅާފައިއެވެ.

32އިސްތިއުނާފު ކުރާ ފަރާތުގެ ބަހުޘަކީ، މިމައްސަލައިގައި ހުށަހެޅިފައިވާ ތަޙްލީލު ރިޕޯޓުން ތަޙްލީލު ކުރީ ޕޮލިސް ސްޓާފް ސަރޖެންޓް މުޙައްމަދު އީނާސް ޢަބްދުއްލަޠީފް ކަން އެނގޭ އިރު، އެތަކެތި ތަޙުލީލްކުރި މިފަރާތަށް، ތަކެތި ވާޞިލުވެފައިވާ ގޮތް ހުށަހެޅުނު ޗެއިން އޮފް ކަސްޓަޑީން އެނގެން ނެތްކަމަށެވެ.

33މިނުކުތާގެ ރައްދުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރެވިފައި މިވާ މައްސަލަ ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 09 ސެޕްޓެންބަރު 2013 ގައި ކަމަށާއި، މިއީ ހައިކޯޓުގެ އިސްވެ ބަޔާންކުރެވުނު އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ ނިމުމުގެ ކުރިން ހުށަހެޅިފައިވާ ދައުވާއެއް ކަމަށެވެ. އޭރު، ދައުލަތުން ޢަމަލުކުރަމުން ދިޔަ ގޮތަކީ، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ޗެއިން އެހިސާބަށް ހިނގައިދިޔަ ގޮތް އެނގޭނެ އާ ފޯމެއް (ފަސްގަނޑު ފޯމުގެ ގޮތުގައި) ހުށަހެޅުންކަމަށެވެ.

34ދިވެހިރާއްޖޭގެ ހައިކޯޓުގެ އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ ޙުކުމް ކުރެއްވުމަށްފަހުގައި ކްރިމިނަލް ކޯޓުންނާއި އެހެން ކޯޓުތަކުންވެސް ޢަމަލު ކުރައްވަމުން އައި އުޞޫލަކީ ޗެއިން އޮފް ކަސްޓަޑީ ކާޑުގެ ބަދަލުގައި ކޯޓަށް ހުށަހަޅަމުން ދިޔަ ކުށުގެ ވެށިން ގެނެވޭ މީހުންނާއި މަޢުލޫމާތު ފޯމާއި އެ ފޯމާއެކު ހިމެނޭ ޗެއިން އޮފް ކަސްޓަޑީއާއި އަދި މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމާއި ތަޙުލީލަށް ހުށަހަޅާ ތަކެތީގެ ތަފްޞީލު ފޯމަށް ބަލާފައި އިތުރު ސުވާލެއް އުފެދޭ ކަމުގައި ވަނީ ނަމަ ފުލުހުންގެ ކިބައިން ޗެއިން އޮފް ކަސްޓަޑީގެ ކުޑަ ކާޑު ހޯދުމަށްފަހު ކޯޓަށް ހުށަހަޅަން އިތުރު ފުރުޞަތެއް ދެވެނީކަން އަންގާ ދައުލަތުގެ މައްޗަށް ކޯޓުން އަމުރުކުރަނީ ކަމަށެވެ.

35ޗެއިން އޮފް ކަސްޓަޑީ ފޯމު ހުށަހެޅުމަށް ފުރުސަތު ދިނުމަކީ ކޯޓުން ދޭންޖެހޭ ފުރުސަތެއްކަމަށް ދައުލަތުން ބަހުޘް އުފެއްދި މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނުޒުރަތު ނަޖީބު އަދި މުޙައްމަދު ޝަމްޢޫން ޤަޟިއްޔާގައި ދައުވާ ޘާބިތުކުރުމަށް ހުށަހަޅަންޖެހޭ ހެކިތައް ހުށަހެޅުމުގެ ފުރުސަތަކީ ދަޢުވާ ހުށަހެޅި އިރު ދައުލަތަށް އޮތް ފުރުސަތެއް ކަމަށާއި އެއީ ކޯޓުން ފުރުސަތެއް ދޭންޖެހޭ ގޮތަށް އޮންނަ ކަމެއް ނޫން ކަމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން، އޭރު ޢަމަލުކުރެވެމުން ދިޔަ އިޖުރާއަތުގެ ދަށުން ހެކި ހުށަނޭޅި އޮތް ނަމަ އެކަން ފާހަގަކޮށް ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދުމަކީ ދައުލަތުގެ ޒިންމާއެކެވެ.

36ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ޕްރެކްޓިސް ޑައިރެކްޝަން ގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަޙުލީލު ކުރެވިފައިވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި، ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތް ނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފެދޭ ކަމެއް އޮތްނަމަ، އެތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ޙާލަތުގައި، ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީޢަތަށް ޙާޟިރުކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަޙުލީލް ކުރެވިފައިވާ ތަކެއްޗަކީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭނަމަ، އެފަދަ ޙާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

37އަޙްމަދު ޝާފިޢުގެ ފަރާތުން ބުނެފައިވަނީ، މިމައްސަލައިގައި ހުށަހެޅިފައިވާ ތަޙުލީލު ރިޕޯޓުން އެނގެން އޮތް ގޮތުގައި ތަޙްލީލު ކުރީ ޕޮލިސް ސްޓާފް ސަރޖެންޓް މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ކަން އެނގެން އޮތްއިރު، އެތަކެތި މިފަރާތަށް ވާޞިލުވެފައިވާ ގޮތް، ހުށަހެޅުނު ޗެއިން އޮފް ކަސްޓަޑީން އެނގެން ނެތްކަމަށެވެ. އަޙްމަދު ޝާފިޢުގެ ފަރާތުން ވަކާލާތު ކުރާ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާކަމުގެ މިވާޤިއާ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ކަނޑައަޅާފައިވާ ފަދައިން ކަށަވަރުކުރެވޭނީ މިހެކިވެރިޔާގެ ބަހެއް ހޯދައިގެން ކަމުގައި ފެންނާތީއާއި ހެކިވެރިޔާ/ބަދަލު ޙާޟިރުނުކުރުމަށް ޝަރީޢަތުން ނިންމާފައިވަނީ ރަނގަޅު އަސާސެއްގެ މައްޗަށްކަމަށް ބުރަ ނުވަތީ ހެކިވެރިޔާ ޙާޟިރުކޮށް މިވާޤިއާ ކަށަވަރުކުރުމަށްޓަކައި މިމައްސަލަ ދަށުކޯޓަށް ތަޙްވީލު ކުރަންޖެހޭ ކަމުގައި ދެކެމެވެ.

ފެނުނު ތަކެތީގެ މިންވަރު

38އިސްތިއުނާފީ 3 ވަނަ ނުކުތާގައި އަޙްމަދު ޝާފިޢުގެ ފަރާތުން ޝައްކު އުފައްދާފައިވަނީ، ފެނުނު ތަކެތީ ޢަދަދާމެދު (6 ޕެކެޓް ތޯ ނުވަތަ 9 ޕެކެޓްތޯ) ކަމުގައިވާއިރު، މިމައްސަލައިގައި ދަށު ކޯޓު މަރުޙަލާގައި ޝަރީޢަތަށް ޙާޟިރުނުކުރުމަށް ނިންމި ހެކިވެރިޔާއާ މިކަމާމެދު ސުވާލުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދޭ ކަން އެފަރާތުގެ ބަހުން އެނގެން އޮތަތީ، މިހިނދުގައި މިނުކުތާއާ މެދު މިކޯޓުން ގޮތެއް ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

39މިމައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތް، ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ގައި ކަނޑައަޅާފައިވާ ފަދައިން ކަށަވަރުކުރެވޭނީ، މަސްތުވާތަކެތި ތަޙްލީލު ކުރި ފަރާތް/ ބަދަލު ޙާޟިރު ކުރެވިގެން ކަމުގައި ފެންނާތީ އާއި، ދަށު ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މިހެކިވެރިޔާ ޙާޟިރުނުކުރުމަށް ޝަރީޢަތުން ނިންމާފައިވަނީ، ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ބުރަ ނުވެވޭތީ، މަސްތުވާތަކެތި ތަޙްލީލު ކުރި ފަރާތް/ ބަދަލު ޙާޟިރުކޮށް މިވާޤިއާ ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި މިމައްސަލަ ދަށުކޯޓަށް ތަޙްވީލު ކުރަންޖެހޭ ކަމުގައި ދެކެމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

40ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

41ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ހައިކޯޓުން މިމައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާގައި ބެލުނު މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، މިމައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކޮށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު) ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، މާލެ، [[ ]] އެފައިވާއެޖެ، ފާން: 3325029، ފެކްސް: 3316471 އީމެއިލް: www.highcourt.gov.mv | www.highcourt.gov.mv | [[ ]] އެފައިވާ: www.highcourt.gov.mv

ފުޓްނޯޓު

  1. ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޝިއްޔާގެ ނިމުނުގޮތުގެ ރިޕޯޓުގެ 01 ވަނަ ޕްރެގްރާފް
  2. ޤާނޫނު ނަންބަރު 17/2011
  3. އބޙ
  4. ޤާނޫނު ނަންބަރު 37/2015
  5. ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 02 ވަނަ ޕްރެގްރާފް
  6. ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާގެ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތައް. ނަންބަރު 2
  7. ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާއާ ގުޅިގެން 17 މެއި 2016 ދީފައިވާ މަޙްޟަރު ބަޔާން
  8. ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 20 ވަނަ ނުކުތާގެ ތިންވަނަ ކަމަކީގެ ގޮތުގައި ބަޔާންކޮށްފައިވާ
  9. އބޙ ގެ ހަތްވަނަކަމަކީގެ ގޮތުގައި ބަޔާންކޮށްފައިވާ
  10. އިބަޙ ގެ ނުވަވަނަކަމަކީގެ ގޮތުގައި ފާހަގަކޮށްފައިވާ
  11. ކްރިމިނަލް ކޯޓުގެ ނަންބަރު 1103/Cr-C/2013 ޤަޞިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 20 ވަނަ ނުކުތާގެ ދިހަވަނަކަމަކީ
  12. އުޞޫލު- މަސްތުވާތަކެތީގެ މައްސަލައެއްގައި، އަތުލައިގަނެވޭ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗަކީ މަސްތުވާތަކެތިކަމަށް ޝަރީޢަތުން ކަނޑައަޅަނީ އެތަކެތީގެ ތަޙުލީލް ރިޕޯޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށްކަމަށާއި، އަދި ތަޙުލީލް ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން އަތުލައިގަނެވުނު ތަކެތިކަން ދެނެގަނެ އެކަން ޝަރީޢަތުން ކަށަވަރުކުރައްވަނީ، ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ހިމެނޭގޮތުން ތައްޔާރުކުރެވޭ ފޯމުގައިވާ މަޢުލޫމާތާއި، އަތުލައިގަނެވޭ ތަކެތީގެ "ޗެއިން އޮފް ކަސްޓަޑީ ފޯމް" ގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ކުށުގެ ވެށިން އެތަކެތި ނެގުމާއި ހަމައިން ފެށިގެން ލެބޯޓްރީއަށް އެ ތަކެތި ފޮނުވައި ތަޙުލީލްކޮށް ނިމިގެން އައުމާއި ހަމައަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގޮސްފައިވާނަމަކަށް.
  13. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(e)/DR/2013/0689 "މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓް"
  14. ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 އުޞޫލު- ޖިނާއީ ދައުވާއަކާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ އެގްޒެމިނޭޝަން ނުވަތަ ތަހުލީލް ރިޕޯޓް އެއްގެ މައްޗަށް ޝަރީޢަތުން ކަމެއް ނިންމުމުގައި އިންސާފުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރެވެމުންދާކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ މައްސަލަތައް ބަލާ ކޯޓުތަކުން އެ ރިޕޯޓަށް ބުރަވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އުޞޫލީ ކަންތައްތަކެއް ވާކަމާއި، އެގޮތުން އެ ރިޕޯޓް އެކުލަވާލި ފަރާތް (ޚަބީރު) ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް، ޤާޟީގެ ކުރިމަތީގައި ތެދުބަހުން ވާހަކަ ދެއްކުމުގެ މައްޗަށް ޝަރުޢީ ހަމަތަކުގެ މަތިން ކުރަންޖެހޭ ހުވައިކުރުމާއި، އަދި އެ ރިޕޯޓާއި ގުޅޭގޮތުން މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ސުވާލުކޮށް މުނާޤަޝާކުރުމުގެ ފުރުސަތު ކޯޓުގެ ފަރާތުން ތަނަވަސްކޮށްދިނުން ހިމެނޭކަމާއި، މިގޮތަށް ފުރުސަތު ނުދެވޭ ޙާލަތުގައި އެ ރިޕޯޓަށް ބުރަދަން ނުދެވޭނެކަމަށް
  15. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2013/0689/K(e)/DR "މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓް"
  16. އަޙްމަދު ޝާފިޢުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދައުވާ ފޯމު- "އެދޭ ގޮތް"
  17. ދައުލަތުގެގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ދައުވާގެ ޖަވާބު ފޯމުގެ 5- "އެދޭގޮތް"
  18. ޤާނޫނު ނަންބަރު 17/77 މަސްތުވާތަކެއްޗާބެހޭ ޤާނޫނު
  19. ހައިކޯޓުގެ ނަންބަރު 2018/HC-A/404 ޕެރެގްރާފް 32
  20. ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 އުޞޫލު- ޖިނާއީ ދައުވާއަކާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ އެގްޒެމިނޭޝަން ނުވަތަ ތަހުލީލް ރިޕޯޓް އެއްގެ މައްޗަށް ޝަރީޢަތުން ކަމެއް ނިންމުމުގައި އިންސާފުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރެވެމުންދާކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ މައްސަލަތައް ބަލާ ކޯޓުތަކުން އެ ރިޕޯޓަށް ބުރަވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އުޞޫލީ ކަންތައްތަކެއް ވާކަމާއި، އެގޮތުން އެ ރިޕޯޓް އެކުލަވާލި ފަރާތް (ޚަބީރު) ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް، ޤާޟީގެ ކުރިމަތީގައި ތެދުބަހުން ވާހަކަ ދެއްކުމުގެ މައްޗަށް ޝަރުޢީ ހަމަތަކުގެ މަތިން ކުރަންޖެހޭ
  21. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(e)/DR/2013/0689 "މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓް" ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 2235233، ފެކްސް: 2236133 15 ޝަރީޢަތް ނިމުނުގޮތް 2020/HC-A/24
  22. ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޞަފްޙާ 11 - ދިހަވަނަކަމަކީ
  23. ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޕްރެގްރާފް 5 އަދި 08 އޯގަސްޓް 2016 ގައި އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލު ދީފައިވާ ބަޔާން
  24. ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޕްރެގްރާފް 6 ގެ (ވ)- ޞަފްޙާ 6
  25. ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ސަފްޙާގެ 9 ގެ ޕެރެގްރާފް 18
  26. 31 ޖެނުއަރީ 2018 ވަނަ ދުވަހު ދައުލަތުން ކްރިމިނަލް ކޯޓަށް ދިން މަޙްޝަރު ބަޔާން
  27. 31 ޖެނުއަރީ 2018 ވަނަ ދުވަހު ފަރީޝާ ޢަބްދުﷲ ކްރިމިނަލް ކޯޓަށް ދިން މަޙްޟަރު ބަޔާން ޞަފްޙާ 45
  28. [2023] SC 20
  29. ހައިކޯޓުގެ 2011/HC-A/192
  30. އބޙ ގެ ތިންވަނަކަމަކީ
  31. މިހާރު ޢަމަލުކުރެވެމުންދާ ހެއްކާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާއިން ވެސް މިކަން ބަލާގަނެފައިވެއެވެ.
  32. ހައިކޯޓުގެ ނަންބަރު 2018/HC-A/404 ޕެރެގްރާފް 32
  33. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
  34. ގަވާއިދު ނަންބަރު 2015/R-230 (28 ޑިސެންބަރު 2015)
  35. ހައިކޯޓުގެ ނަންބަރު 2016/HC-A/451
  36. ހައިކޯޓުގެ ނަންބަރު 2016/HC-A/451
  37. އބޙ
  38. 2018/HC-A/404 ޤަޟިއްޔާގެ 34 ވަނަ ޕެރެގްރާފް
  39. ނަންބަރު SCPD-06/2022
  40. ނަންބަރު 2022/06-SCPD
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ