ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/173

ޙާމިދު އިސްމާޢީލް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް)

ދަށުކޯޓުގެ ނިންމުން ބާޠިލުޚިލާފު ރައުޔެއް
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޮކްޓޫބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 4114/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 4114/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ކަނޑައެޅީ 2015 ގެ އެއްބަސްވުމަކީ އައު އެއްބަސްވުމެއް ނޫން ކަމަށާއި، ޤާނޫނު ނަންބަރު 20/2010 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގެ މުއްދަތު އިތުރުކުރުމުގެ އިޖުރާއަތާއި ފީ ފުރިހަމަނުކުރާތީ އެ އެއްބަސްވުން އުފެދުނީއްސުރެ ބާޠިލު ކަމަށެވެ. 2008 ގެ އެއްބަސްވުމުގެ ދަށުން ކުލި ނުދައްކާތީ ނޯޓިސް ބާޠިލުކުރާނެ ތަނެއް ނެތް ކަމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ކ. ކާށިދުއްފަރު ރިސޯޓަކަށް ތަރައްޤީކުރުމަށް 2008 ގައި ދައުލަތާއި އަޙްމަދު ޝަފީޤާ ދެމެދު 25 އަހަރަށް ވެވުނު ކުލީގެ އެއްބަސްވުމުގެ ޙައްޤުތައް ފަހުން ޙާމިދު އިސްމާޢީލަށް ބަދަލުވެ، 2012 ގައި ކުއްޔަށްދިން ތަން ކ. ދިއްފުށިފަޅަށް ބަދަލުކުރެވުނެވެ. 19 ފެބްރުއަރީ 2015 ގައި ޙާމިދު އިސްމާޢީލާއި ދައުލަތާ ދެމެދު 50 އަހަރުގެ "އެމެންޑެޑް އެންޑް ރީސްޓޭޓެޑް" ކުލީގެ އެއްބަސްވުމެއް ވެވުނެވެ. 19 ޖޫން 2017 ގައި، 2008 ގެ އެއްބަސްވުމުގެ ދަށުން ކުލި ނުދައްކާކަމަށް ބުނެ ދައުލަތުން އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސް ފޮނުވައި، ފަޅު މެރީނާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނެވެ. ނޯޓިސް ބާޠިލުކޮށް 2015 ގެ އެއްބަސްވުން ޞައްޙަ ކަމަށް ކަނޑައަޅައިދިނުމަށް ޙާމިދު އިސްމާޢީލް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޙާމިދު އިސްމާޢީލްއާއި ދައުލަތާ ދެމެދު 19 ފެބްރުއަރީ 2015 ގައި ވެވުނު "އެމެންޑެޑް އެންޑް ރީސްޓޭޓެޑް" ކުލީގެ އެއްބަސްވުމަކީ، ޤާނޫނު ނަންބަރު 20/2010 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގެ އިޖުރާއަތު ފުރިހަމަކުރަންޖެހޭ މުއްދަތު އިތުރުކުރުމެއްތޯ، ނުވަތަ ކުރީގެ އެއްބަސްވުންތައް ބާޠިލުކޮށް ވެވުނު މުޅިން އައު ޞައްޙަ އެއްބަސްވުމެއްތޯ، އަދި ކުރީގެ އެއްބަސްވުމުގެ ދަށުން ދައުލަތުން ފޮނުވި ޓަރމިނޭޝަން ނޯޓިސް ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފު ކުރާ ފަރާތުން ބުނީ 2015 ގެ އެއްބަސްވުމަކީ މުއްދަތު އިތުރުކުރުމެއް ނޫން، ކުރީގެ އެއްބަސްވުންތައް ބާޠިލުކޮށް ވެވުނު އައު އެއްބަސްވުމެއް ކަމަށާއި، ސިވިލް ކޯޓުން އެއްބަސްވުމުގެ މަޤްޞަދަށް ނުބަލައި ރިސައިޓަލް (E) މާނަކުރީ ރަނގަޅަށް ނޫން ކަމަށެވެ. ދައުލަތުން ބުނީ ސުރުޚީގައިވާ "Amended and Restated" އިން އަސްލު އެއްބަސްވުން ދެމިއޮތްކަން ދޭހަވާ ކަމަށާއި، 25 އަހަރުން 50 އަހަރަށް މުއްދަތު ބަދަލުކުރެވޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ އިޖުރާއަތުން ކަމަށެވެ. ތަދައްޚުލުވި މެރީނާ ޑިވެލޮޕްމަންޓް އެދުނީ، ފަޅު އެ ކުންފުންޏަށް ކުއްޔަށްދީފައިވާތީ ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓުމަށެވެ.
ކޯޓުގެ ސަބަބުތައް
އަޣްލަބިއްޔަތުގެ ރައުޔުގައި ކަނޑައެޅީ، އެއްބަސްވުމެއްގެ ސިފަ ކަނޑައަޅާނީ ސުރުޚީއަށް ނޫން، އޭގެ ޖައުހަރަށް ބަލައި ކަމަށާއި، 2015 ގެ އެއްބަސްވުމުގެ 26 ވަނަ މާއްދާއިން ކުރީގެ އެއްބަސްވުންތައް ބާޠިލުކޮށް، މުއްދަތު ފެށޭ ތާރީޚާއި އިލްތިޒާމުތައް އައު އެއްބަސްވުމަށް ބަދަލުކޮށްފައިވާތީ އެއީ ނޮވޭޝަނެއްގެ ގޮތުން ވެވުނު މުޅިން އައު އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން 50 އަހަރަކީ ޞައްޙަ މުއްދަތެއް ކަމަށާއި، މުއްދަތު އިތުރުކުރުމުގެ ފީގެ އިޖުރާއަތު ނުހިނގާނެ ކަމަށާއި، ބާޠިލުވެފައިވާ 2008 ގެ އެއްބަސްވުމަށް ބިނާކޮށް ފޮނުވި ނޯޓިސް ބާޠިލު ކަމަށާއި، ދައުލަތުގެ ބާޠިލް ޢަމަލަކަށް ބިނާކޮށް ތިންވަނަ ފަރާތަކަށް އަސްލު ޙައްޤުވެރިޔާގެ ޙައްޤު ނުލިބޭނެ ކަމަށް ކަނޑައެޅިއެވެ. ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، 2015 ގެ އެއްބަސްވުމަކީ ޞައްޙަ، ދެމިއޮތް އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތަށް އެންގުނެވެ. ޚިލާފު ރައުޔުގައި ބުނީ ކުލި ނުދައްކާތީ އެއްބަސްވުން ބާޠިލުކުރުން ރަނގަޅު ކަމަށާއި ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓެން ޖެހޭނެ ކަމަށެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސިވިލް ކޯޓުގެ ޙުކުމް ބާޠިލު (އަޣްލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ލިޔުމެއް އަސްލަކަށް ވުމަކީ ނުވަތަ އެއްބަސްވުމެއް ވެފައިވާވުމަކީ ނުވަތަ އެފަދަ ލިޔުމެއް ސައްޙަވުމަކީ، އޭގައި ބަޔާންކޮށްފައިވާ ކަންކަމަކީ ރަނގަޅު އިޖުރާއަތަކުން ހިނގާފައިވާ ކަމެއްކަމަށް ބަޔާންކޮށްދޭ ކަމެއް ނޫނެވެ.

HN2 ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) (މިހާރު، އެޤާނޫނުގެ 9 ވަނަ މާއްދާގެ (ހ)) ގެ ސަރީޙަ އިބާރާތުން ދޭހަކޮށްދެނީ، ސަރުކާރުން މުޅިން އަލަށް ރިޒޯޓެއް ހެދުމަށް ބިމެއް ދޫކުރާނަމަ، އެއްވެސް ޚާއްޞަ އިތުރު ފީއަކާ ނުލައި، އެންމެ ފުރަތަމަވެސް އެ ބިން 50 (ފަންސާސް) އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމުގެ ފުރިހަމަ ޤާނޫނީ ބާރު އޮތް ކަމެވެ.

HN3 އަހަރަކަށް 100,000 ޑޮލަރުގެ ފީ ދައްކަންޖެހޭ އިޖުރާއަތަކީ (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އަކީ) ވުޖޫދުގައި އޮތް އެއްބަސްވުމެއްގެ މުއްދަތު އިތުރުކުރަން ކުއްޔަށް ހިފާ ފަރާތުން އަމިއްލައަށް އެދޭ ޙާލަތުގައި ހިނގާ އިޖުރާއަތެކެވެ.

HN4 އެއްބަސްވުމެއްގެ ޤާނޫނީ ސިފަ ކަނޑައަޅާނީ އޭގެ ސުރުޚީއަކުން ނުވަތަ ދީފައިވާ ލޭބަލަކުން ނޫނެވެ. އެއްބަސްވުމެއް މާނަކުރަންޖެހޭނީ، ކޮންޓްރެކްޓް މާނަކުރުމުގެ ޤާނޫނީ އުޞޫލުތަކުގައިވާ ފަދައިން، އޭގެ ޖައުހަރުންނާއި ނައްޞުންނެވެ. އެއްބަސްވުމެއްގެ ސުރުޚީގައި ކޮންމެ އެއްޗެއް ލިޔެފައި އޮތް ނަމަވެސް، އޭގެ އެތެރޭގައި ހިމެނޭ މާއްދާތަކުން އުފައްދާ ޤާނޫނީ އިލްތިޒާމްތަކުގެ ނަތީޖާ މުޅިން ތަފާތުވެދާނެއެވެ. އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެއްބަސްވުމެއްގެ މައްޗަށް ހިނގާނީ އައު އެއްބަސްވުމެއްގެ އަޙްކާމުތައްތޯ ނުވަތަ ކުރީގެ އެއްބަސްވުންތަކަށް ގެނެވުނު އިސްލާހެއްގެ އަޙްކާމުތައްތޯ ދެނެގަންނާނީ އެފަދަ އެއްބަސްވުމެއްގެ މާއްދާތަކުގައި ދެފަރާތުން އެއްބަސްވެފައިވާ ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.

HN5 ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކަށް ގިނަ އެމްންޑްމެންޓްތަކެއް ގެނެވިފައިވާ ހާލަތުގައި، ނުވަތަ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ދިމާވާ ކަމަކަށް ނުވަތަ ކަންކަމަށް ރިއާޔަތްކޮށް، އެހުރިހާ ކަމެއް ހިމެނޭހެން ވެވޭ އައު އެއްބަސްވުމުގައި، ސަރީހަ ނައްސުން، ދެފަރާތުގެ ދެމެދުގައި ކުރިން ވެފައިވާ އެއްބަސްވުންތައް ނިމުމުކަށް ގެނެސް އައު އެއްބަސްވުމެއް ވުމަށް ނިންމާފައިވާކަމަށް ބަޔާންކޮށްފައިނުވާނަމަ އާންމު އުސޫލަކުން ބެލެވޭނީ އެއީ ކުރީގެ އެއްބަސްވުންތައް އެއްކޮށްލުމަށް އަދި ދެފަރާތުގެ ދެމެދުގައި އޮތް އޮޅުންބޮޅުންތައް ސާފުކުރުމަށް ވެފައިވާ އެއްބަސްވުމެއްކަމުގައެވެ. އެއީ ކުރީގެ އެއްބަސްވުންތަކާއި ވަކިން އޮތް އައު އެއްބަސްވުމެއްކަމުގައި އެ ހާލަތުގައި ނުބެލެވޭނެއެވެ.

HN6 ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގައި، ކުރިން އެ މުއާމަލާތަކާއި ގުޅިގެން އެއްބަސްވެފައިވާ ކަންކަމަށް ބަދަލުގެނެސް، އެއްބަސްވުމުގެ ބައިވެރިން ބަދަލުވެ، މުޅިން އައު އެއްބަސްވުމެއްވުމަށް ނިންމައި، ކުރިން ވެވުނު އެއްބަސްވުންތައް ބާތިލުކުރުމަށް ނިންމައި، އެކަން ފަހުން ވެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހާލަތުގައި މިކަމުގެ ގާނޫނީ ނަތީޖާ ތަފާތުވާނެއެވެ. ގާނޫނީ އުސޫލުތަކަށް ބަލާއިރު، މިއީ "Novation" (އާ ކޮންޓްރެކްޓަކުން އިސްވެދިޔަ ކޮންޓްރެކްޓް ބާތިލުކުރުން) ގެ އުސޫލެވެ.

HN7 ކުރީގެ އެއްބަސްވުން މުޅިން ބާޠިލްކޮށް ނެތިކޮށްލާ މާއްދާއެއް އޮތްނަމަ، ނެތިކޮށްލާ ނުވަތަ ބާތިލުކޮށްލާ އެއްބަސްވުމެއް އިޞްލާޙް ކުރުމުގެ ޤާނޫނީ ފުރުޞަތެއް ނޯންނާނެއެވެ. އެއްބަސްވުމަކަށް އިޞްލާޙެއް ގެނެވޭނީ، އެ އިޞްލާޙް ރައްދުވާ އަސްލު އެއްބަސްވުން ދެމިއޮވެގެންނެވެ.

HN8 ޤާނޫނީގޮތުން ޞައްޙަ އެއްބަސްވުން ވުޖޫދުގައި އޮއްވައި، އެއާ ޚިލާފަށް އެ ބިން އެހެން ފަރާތަކަށް ދޫކުރުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫނެވެ. ދައުލަތުގެ ބާޠިލް ޢަމަލެއްގެ މައްޗަށް ބިނާކޮށް، ތިންވަނަ ފަރާތަކާ އެކު ހަދާ އެއްބަސްވުމަކުން، އަސްލު ޙައްޤުވެރިޔާގެ ޤާނޫނީ ޙައްޤުތަކެއް (Prior Contractual Rights) ނިގުޅައެއް ނުގަނެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޞަފާ ޝަރީފް، ޙުސައިން ޝަމީމް، އަލްހާ ޢަލީ ރަޝީދު، އެލައިން ކޮންސަލްޓަންސީ ލލޕ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ސާދިޙު ނަޞީރު، ޝިއުތު މުޙައްމަދު ވަޙީދު، އިބްރާހީމް ޝިނާން އަޙްމަދު، މުޙައްމަދު ސުދައިސް
ވަކީލުން
އަޙްމަދު މުރާދު
ބެންޗު
ޢަބްދުﷲ ޖަމީލް މޫސާ، ޙަސަން ޝަފީޢު (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
ޙަސަން ޝަފީޢު
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ
ޚިލާފު ރައުޔު
ޙަސަން ޝަފީޢު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޙާމިދު އިސްމާޢީލް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) އެވެ.

2މި ޤަޟިއްޔާއަށް މެރީނާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަދައްޚުލްވެފައިވެއެވެ.

ކަން ހިނގާފައިވާގޮތް

3ސިވިލް ކޯޓަށް ޙާމިދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާފޯމުގައި މައްސަލައިގައި ކަންހިނގާފައިވާ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންތައްތަކަކީ:

4ކ.އަތޮޅު ކާށިދުއްފަރު ފަޅު ހިއްކައިގެން 200 އެނދުގެ ރިޒޯޓެއް ތަރައްޤީކުރުމާ ގުޅޭގޮތުން “AGREEMENT FOR THE LEASE OF KAASHIDHUFFARU IN KAAFU ATOLL, FOR THE DEVELOPMENT OF A 200 BED TOURIST RESORT”

ގެ ނަމުގައި އަޙްމަދު ޝަފީޤު އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާދެމެދު 22 ޖޫން 2008 ގައި އެއްބަސްވުމެއް ސޮއިކުރެވިފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން، އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ނަންބަރު 88-FS/MIS/2008/863 ސިޓީއިން އަންގާފައިވާ ގޮތުގެ މަތީން، 10 އަހަރު ދުވަހަކަށް ރަށުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ޢަދަދުގެ 15% ކަމުގައިވާ 2,310,000ރ. (ދެމިލިއަން ތިންލައްކަ ދިހަހާސް) ޔޫއެސް ޑޮލަރު އަހްމަދު ޝަފީޤު 12 ޖޫން 2008 ގައި ސަރުކާރަށް ދައްކާފައިވަނިކޮށް، އަޙްމަދު ޝަފީޤުއަށް ލިބިފައިވާ އެންމެހައި ލީސްހޯލްޑް ރައިޓްސްއާއި ޙައްޤުތައް ޙާމިދު އިސްމާޢީލްއަށް ބަދަލުކުރުމަށްޓަކައި 10 ޖަނަވަރީ 2010 ގައި ދެފަރާތުގެ މެދުގައި ޑީޑް އޮފް އެސައިންމަންޓްއެއްގައި ސޮއިކޮށްފައިވެއެވެ.

5ކުއްޔަށްދީފައިވާ ފަޅަކީ ތަރައްޤީގެ މަޝްރޫޢަކަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށް އީ.އައި.އޭ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ކ.ކާށިދުއްފަރު ފަޅުގެ ބަދަލުގައި ކ. ދިއްފުށިފަޅު ކުއްޔަށްދިނުމާގުޅޭ ގޮތުން 15 އޮކްޓޫބަރު 2012 ގައި ޙާމިދު އިސްމާޢީލްއާއި މިނިސްޓްރީ އޮފް ޓޫރިޒަމާދެމެދު ރީލޮކޭޝާން އެޑެންޑަމެއްގައި ސޮއިކުރެވިފައިވެއެވެ.

619 ފެބުރުވަރީ 2015 ގައި “AMENDED AND RESTATED AGREEMENT FOR THE LEASE OF SHIFFUSHI LAGOON IN KAAFU ATOLL FOR THE DEVELOPMENT AND OPERATION OF A TOURIST RESORT” ގައި ޙާމިދު އިސްމާޢީލްއާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތަކީ 50 (ފަންސާސް) އަހަރުކަމާއި، އެއްބަސްވުމުގެ 11 (i) (a) ގެ ދަށުން ކުއްޔަށްހިފާ ފަރާތުން ރަށުގެ އަހަރީ ކުލި ދައްކަންޖެހޭނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 04 (ހަތަރެއް) އަހަރު ދުވަސް ފަހުން ކަމަށް ބަޔާންކޮށްފައިވެއެވެ. އެ މުއްދަތު ހަމަވާ ތާރީޚަކީ 19 ފެބުރުވަރީ 2019 އެވެ.

716 މާރިޗް 2015 ގައި ފަޅުހިއްކުމުގެ މަސައްކަތް ފެށުމަށްފަހު، މިކަން ސިޓީއަކުން މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގާފައިވެއެވެ.

819 ޖޫން 2017 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/INDIV/2017/13 ސިޓީއިން އެއްބަސްވުން ބާޠިލްކޮށްފައިވާކަމުގެ ނޯޓިސް ފޮނުވާފައިވެއެވެ.

9ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސް ފޮނުވާފައިވާކަމަށްބުނެ އެ ނިންމުން ބާޠިލުކުރުމަށް އަދި އެއްބަސްވުމަކީ ޞައްޙަ، ދެމިއޮތް އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޙާމިދު އިސްމާޢީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާއިން ބަލާފައިވެއެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ

10ޙާމިދު އިސްމާޢީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި ބަޔާންކޮށްފައިވަނީ: "ކ.ދިއްފުށިފަޅު ހިއްކައިގެން ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި ދިވެހި ދައުލަތާއި ޙާމިދު އިސްމާޢިލާދެމެދު އެއްބަސްވާ މާއްދާތަކާއި ޝަރުޠުތައް ބަޔާންކޮށް 19 ފެބުރުވަރީ 2015 ގައި ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމާ ޚިލާފަށް ދައުލަތުން އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސް ފޮނުވާފައިވާތީ، ދައުލަތުގެ އެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅުއްވައިދެއްވައި، ބުނެވިދިޔަ ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމުން ލިބިދީފައިވާ ބާރުގެ ބޭރުންކަމަށް ކަނޑައަޅުއްވައި، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ، ޞައްޙަ އަދި ދެމިއޮތް އެއްބަސްވުމެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަމުރުކޮށްދެއްވުމަށް އެދި ޙާމިދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާ ދަޢުވާއެކެވެ." މިފަދައިންނެވެ.

ސިވިލް ކޯޓުގެ ޙުކުމް

11ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ: "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ކ.ދިއްފުށިފަޅު ހިއްކައިގެން ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި ދިވެހި ދައުލަތާއި ޙާމިދު އިސްމާޢީލް އާދެމެދު 19 ފެބުރުވަރީ 2015 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 20/2010) އިން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/99) ގެ 8 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙާ ޚިލާފަށް ހަދާފައިވާ ބާޠިލް އެއްބަސްވުމެއްކަން ޝަރީޢަތަށް ސާބިތުވާކަމާއި، މި ދަޢުވާގައި ބާޠިލްކޮށްދިނުމަށް އެދިފައިވާ ނޯޓިސް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/INDIV/2017/137 (19 ޖޫން 2017) ސިޓީން ފޮނުވާފައިވަނީ، 22 ޖޫން 2008 ގައި ސޮއިކޮށްފައިވާ ލީސް އެގްރީމެންޓާއި އެ އެގްރީމެންޓަށް ގެނެސްފައިވާ އިޞްލާޙްތަކުގެ ދަށުން ދައްކަންޖެހޭ ކުލި ދައްކާފައިނުވާތީކަން ޝަރީޢަތަށް ސާބިތުވާތީ، އެ ނޯޓިސް ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފަށް ހުށަހެޅި ނުކުތާތައް

12އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

12.1. ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އެޤާނޫނުގެ 8 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙު މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ އިސްތިއުނާފުކުރާ ޙާމިދު އިސްމާޢީލްއާއި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) އާ ދެމެދު 19 ފެބުރުވަރީ 2015 ގައި ސޮއިކޮށްފައިވާ އެގްރީމެންޓުގައިވާ މާއްދާތަކަށް ފުރިހަމައަށް ރިޢާޔަތްނުކޮށްކަމަށްވާތީ، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާއާ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފުކަމެއްކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛

12.2. ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާއިރު، އެ މާއްދާގެ ރޫޙާ ޚިލާފަށް އިސްތިއުނާފު ކުރާ ފަރާތަށް ހުރިހާ ގެއްލުމެއް ލިބި، ދައުލަތަށް އެންމެހައި މަންފާއެއް ލިބިދެވޭގޮތަށް 19 ފެބުރުވަރީ 2015 ގައި ވެފައިވާ އެގްރީމެންޓަކީ ފެށުނީއްސުރެ ބާޠިލު އެގްރީމެންޓެއްކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

12.3. އިސްތިއުނާފުކުރާ ފަރާތާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު 19 ފެބުރުވަރީ 2015 ގައި ސޮއިކޮށްފައިވާ އެގްރީމެންޓުގެ މަޤްޞަދަށް ބެލުމުގެ އުޞޫލާ ޚިލާފަށް އެގްރީމެންޓުގެ E ސިވިލް ކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން

ފުރަތަމަ ނުކުތާއާގުޅޭ

13އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ޙާމިދު އިސްމާޢީލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

13.1. ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާހު ގެނެވުނީ 08 ސެޕްޓެމްބަރު 2010 ގައި ކަމާއި، އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތަށް ރަށް ނުވަތަ ބިން ހަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން މީލާދީ 50 އަހަރު ދުވަހަށްކަމުގައި ބަޔާންކޮށްފައިވާކަމާއި، ޙާމިދު އިސްމާޢީލްއާ ކ.ދިއްފުށިފަޅު ޙަވާލުކުރީ 2012 ވަނަ އަހަރުގައިކަމާއި، ކ.ދިއްފުށި ފަޅާގުޅޭ ކަންކަން 2010 ވަނަ އަހަރު ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަށް ތަޠުބީޤު ނުކުރެވޭނެކަން؛

13.2. މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، މިއީ ގިނަ ޢަދަދެއްގެ އެއްބަސްވުންތަކާއި އިސްލާހުތަކާއި އަދި ރަށްތައް ކުއްޔަށް ދިނުމާގުޅޭ އެކި އުސޫލުތައް ހިމެނޭ މައްސަލައެއް ކަމުގައިވާތީ ދެފަރާތުގެ މެދުގައި ހިނގާފައިވާ މުޢާމަލާތްތަކުގެ ތަފްސީލުތައް ބަޔާންކުރުމުގެ ގޮތުން ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ.

ކ.ދިއްފުށިފަޅާ ގުޅިގެން ސޮއިކުރެވިފައިވާ އެއްބަސްވުންތަކާއި ކަންހިނގާފައިވާ ގޮތް

i. ކ.އަތޮޅު ކާށިދުއްފަރު ފަޅު ހިއްކައިގެން 200 އެނދުގެ ރިޒޯޓެއް ތަރައްޤީކުރުމާ ގުޅޭގޮތުން “AGREEMENT FOR THE LEASE OF KAASHIDHUFFARU IN KAAFU ATOLL, FOR THE DEVELOPMENT OF A 200 BED TOURIST RESORT” ގެ ނަމުގައި […] އަޙްމަދު ޝަފީޤު (އައިޑީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު 22 ޖޫން 2008 ގައި އެއްބަސްވުމެއް ސޮއިކުރެވުނުކަން؛

ii. މިއެއްބަސްވުމަށް 02 އެމެންޑްމަންޓެއް ގެނެވިފަވާކަމާއި، 23 ފެބުރުވަރީ 2009 ގައި ސޮއިކުރެވުނު ފުރަތަމަ އެމެންޑްމަންޓުން ރަށުގެ ކުލި ޑިފަރ ކުރުމަށް އަދި ކޮންސްޓްރަކްޝަން ޕީރިއަށް 48 (ސާޅީސްއަށެއް) މަހަށް ބަދަލުކުރެވިފައިވާކަން؛

iii. 15 ޖުލައި 2010 ގައި 02 ވަނަ އެމެންޑްމަންޓެއް ގެނެވިފައިވާކަމާއި، ރަށުގެ ކުލި ޑިފަރ ކުރުމަށާއި ކޮންސްޓްރަކްޝަން ޕީރިއަޑަށް ބަދަލު ގެނައުމަށް، މިގޮތުން، އާ ކޮންސްޓްރަކްޝަން ޕީރިއަޑަކީ 15 ޖުލައި 2010 އިން ފެށިގެން 36 (ތިރީސް ހައެއް) މަސްދުވަށް ކަމާއި އެ މުއްދަތު ނިމޭނީ 14 ޖުލައި 2013 ގައި ކަމަށް އެ އިޞްލާހުގައި ބަޔާންކޮށްފައިވާކަން؛

iv. 27 ޑިސެންބަރު 2010 ގައި އެއްބަސްވުމަށް 03 ވަނަ އެމެންޑްމަންޓް ގެނެސްފައިވާކަމާއި، މި އިސްލާހުގެ ދަށުން ފައިނޭންޝަލް ޕްރޫފް ހުށަހެޅުމަށް އޮތް މުއްދަތަކީ މިއެމެންޑްމަންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައި ބަޔާންކޮށްފައިވާކަން؛

v. ކ.ކާށިދުއްފަރާ ގުޅިގެން 04 އޮކްޓޫބަރު 2011 ގައި ޓްރާންސްފަރ އެންޑް ސޭލް އެގްރީމެންޓެއް އަޙްމަދު ޝަފީޤުއާއި ޙާމިދު އިސްމާޢީލްއާ ދެމެދު ސޮއިކުރެވުނުކަމާއި، ވިއްކާ ފަރާތުގެ އެންމެހައި ޙައްޤުތައް ގަންނަ ފަރާތަށް ބަދަލުކުރުމަށާއި އެޑްވާންސް ލީސް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ 2,310,000 (ދެމިލިއަން ތިންލައްކަ ދިހަހާސް ޔޫއެސް ޑޮލަރު) ގަންނަ ފަރާތުން ހަމަޖެއްސުމަށް ދެފަރާތުގެ މެދުގައި އެއްބަސްވެވުނުކަން؛

vi. 10 ޖަނަވަރީ 2012 ގައި ޑީޑް އޮފް އެސައިމަންޓެއްގެ ދަށުން އަޙްމަދު ޝަފީޤުއަށް ކ.ކާށިދުއްފަރާ ގުޅިގެން ލީސް އެގްރީމެންޓްގެ ދަށުން ލިބިދެވޭ އެންމެހައި ޙައްޤުތައް ހާމިދު އިސްމާއީލަށް ބަދަލުކުރެވުނުކަމާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެސައިންމަންޓަށް ކޮންސެންޓް ދީފައިވަނީ 05 ޖަނަވަރީ 2012 ގައިކަން؛

ސަރުކާރުން ރަށްތައް ރިލޮކޭޓްކުރުމާއި ސްވޮޕްކުރުމުގެ އުޞޫލު

i. 15 އޮކްޓޫބަރު 2012 ގައި "ފަސްޓް އެޑެންޑަމް ޓު ދަ އެގްރީމެންޓް ފޯ ލީސް އޮފް ކާށިދުއްފަރު" ގައި ސޮއިކުރެވުނުކަމާއި، މިއީ ރަށްތައް ސްވޮޕް ކުރުމުގެ އުސޫލުގެ ދަށުން ކ.ކާށިދުއްފަރު ރިލޮކޭޓްކުރުމަށްޓަކައި ސޮއިކުރެވުނު އިސްލާހެއްކަން؛ މި ގޮތުން، ކ.ކާށިދުއްފަރު ރިލޮކޭޓްކުރެވުނީ ކ.ދިއްފުށިފަޅަށްކަމަށާއި، މިކަންކުރަން ޖެހުނު ސަބަބަކީ ސަރުކާރުން ދޫކޮށްފައިވާ ބައެއް ރަށްތަކަކީ ކުއްޔަށް ދޫކުރި ބޭނުން ނުހިފޭ ރަށްތަކެއް ކަމުގައިވާތީއާއި ރިސޯޓް ތަރައްޤީކުރުމަށް އެކަށީގެންވާ ރަށްތަކެއް ކަމުގައި ނުވާތީކަމާއި، މިހެންކަމުން މިއީ އޭރު ސަރުކާރުން މިފަދަ ރަށްރަށާއި ގުޅިގެން ޢަމަލުކުރަމުން އައި އުސޫލުކަމާއި މިގޮތުން މިއުސޫލުގެ ދަށުން ރިލޮކޭޓް ކޮށްދެވުނު ފުރަތަމަ ރަށްތަކަކީ ބެރިމަންދޫ އަދި ފުރަވެރިކަން؛

ii. ސަރުކާރުން ރަށްތައް އެކަށީގެންވާ އެހެން ތަނަކަށް ރިލޮކޭޓްކުރުމުގެ އިތުރުން ކުއްޔަށް ހިފާ ފަރާތަށް އާ ކޮންސްޓްރަކްޝަން ޕީރިއަޑެއް ލިބިދިނުމާއި ޑިޒައިން އާއި ޑޮކިއުމެންޓްރީ ޕާރޕަސަސްއަށް އާ މުއްދަތުތަކެއް ކަނޑައެޅިގެން ދާކަމާއި، އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އާ ކޮމެންސްމެންޓް ޑޭޓެއް ކަނޑައެޅިގެން ދާކަން. މީގެ ނަތީޖާއަކީ ރަށަށް ދައްކަންޖެހޭ ކުލި ދައްކަންޖެހޭނީ އާ ކޮންސްޓްރަކްޝަން ޕީރިއަޑް ނިމުމުން ނުވަތަ ރަށުގެ އޮޕަރޭޝަންސް ފެށުމުން ކަމުގައި ހަމަޖެހިގެން ދިއުން އަދި މިކަމުގެ ނަތީޖާއަކީ ރިލޮކޭޝަން އެޑެންޑަމްގައި ސޮއިކުރުމުގެ ކުރިން ކޮންސްޓްރަކްޝަން ޕީރިއަޑް އަދި އެހެނިހެން ކަންތައްތަކަށް ކުރިން ކަނޑައެޅިފައިވާ މުއްދަތުތައް ބާޠިލްވުން؛ މިއީ 2011 އިން 2012 ވަނަ އަހަރު ދައުލަތުން މިފަދަ މުޢާމަލާތުތަކުގައި ޢަމަލުކޮށްފައިވާ ގޮތް؛ އަދި މި އުސޫލުގެ ދަށުން 10 އަކަށް ވުރެ ގިނަ ފަރާތްތަކާއި އެކު ރިލޮކޭޝަން އެޑެންޑަމްގައި ސޮއިކުރެވި ދައުލަތުން ސެޓެލް ކޮށްފައިވާކަން؛

iii. މި މުޢާމަލާތާ ގުޅިގެން 19 ފެބުރުވަރީ 2015 ގައި، އަލުން އައު ކޮންސްޓްރަކްޝަން ޕީރިއަޑެއް ކަނޑައަޅައި މުޅި މުޢާމަލާތާ ގުޅިގެން ގިނަ އެގްރީމެންޓްތަކާއި، އެޑެންޑަމްތަކުގައި ސޮއިކޮށްފައިވާތީއާއި، މުޢާމަލާތުގައި ހިމެނޭ ބިންވެސް ބަދަލުވެފައިވާތީ، ކ.ދިއްފުށި ފަޅު ކުއްޔަށް ދިނުމާ ގުޅިގެން 19 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ކުރިއަށް ހިނގާފައިވާ އެންމެހައި އެއްބަސްވުންތައް އުވާލައި، 50 އަހަރަށް ކ.ދިއްފުށި ފަޅު ކުއްޔަށްދީ އައު އެމެންޑެޑް އެންޑް ރީސްޓޭޓަޑް އެގްރީމެންޓުގައި ސޮއިކުރެވުނުކަމާއި މިކަން އެއްބަސްވުމުގެ 26 ވަނަ މާއްދާއާގައި ބަޔާންކޮށްފައިވާކަން؛

iv. ސްވޮޕް ކުރުމުގެ އުސޫލުގެ ދަށުން މިފަދައިން ރިލޮކޭޓް ކުރެވުނު އެންމެހައި ރަށްތަކަށް އައު އެމެންޑެޑް އެންޑް ރީސްޓޭޓަޑް އެގްރީމެންޓް ތައްޔާރުކޮށް ސޮއިކުރުމުގެ ބޭނުމަކީ އެއްބަސްވުންތަކަށް އެކި އިސްލާޙުތައް ގެނެވި އިނީޝަލް ކޮންސްޓްރަކްޝަން ޕީރިއަޑާއި ލީސް ޕީރިއަޑަށް ބަދަލުތަކެއް އައިސްފައިވާތީ މިކަންކަން ސާފުކޮށް ލިޔުމަށް ތިރިކޮށް މުޢާމަލާތް ހިންގާނޭ ގޮތް ކަށަވަރުގޮތެއްގައި ކަނޑައެޅުމަށްކަން؛ މިގޮތުން ރިލޮކޭޓް ކުރެވުނު ހުރިހާ ރަށެއްގެ ލީސް ޕީރިއަށް 50 އަހަރަށް ބަދަލުކުރެވުނުކަމާއި މިގޮތަށް 50 އަހަރަށް ބަދަލުކުރެވުނުއިރު، 50 އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށްތައް ކުއްޔަށް ދެވޭނެ އުސޫލެއް ނޯންނަކަމަށާއި، ހުރިހާ ރަށްތަކެއްވެސް ދޫކުރަމުން އައީ 50 އަހަރަށްކަން؛

މި މުޢާމަލާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ޢަމަލުކޮށްފައިވާގޮތް

i. ޙާމިދު އިސްމާޢީލް އާއި ދައުލަތާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަކީ މުޅި މުޢާމަލާތުގެ ކަންކަން އޭގެ މައްޗަށް ހިނގާނެކަމުގައި ބަލައިގެން ޙާމިދު އިސްމާއީލްގެ ސޮއި ހޯދާފައިވާ އެއްބަސްވުމެއްކަމަށް އެފަރާތަށް އެއްވެސް އިރެއްގައި ޤަބޫލުކުރެވިފައިނުވާކަމާއި، އެއްބަސްވުމުގައި ޙާމިދު އިސްމާޢީލްގެ ފަރާތުން ސޮއިކޮށް އެއްބަސްވުމަށް ޢަމަލުކޮށްފައިވާ ޤާނޫނީ ބަނދެވުންތަކެއް ބަނދެވުމުގެ ހަރުދަނާ ނިޔަތުގައިކަން؛

ii. މިނިސްޓްރީން މިހާރު ބުނަމުންދަނީ 2015 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އެޤާނޫނުގެ 8 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙު އެއްބަސްވުމުގެ މައްޗަށް ހިނގާނޭ ކަމަށާއި، އެއްބަސްވުމން ތައްޔާރުކޮށް އެކުލަވާލާފައިވަނީ ޤާނޫނުގައި ބުނެފައިވާ އިޖުރާއަތުން ބޭރުންކަމަށާއި، މި އެއްބަސްވުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ލީގަލް ޑިޕާޓްމަންޓުން ތައްޔާރުކުރާ ލިޔުމެއްކަމަށާއި، އެއްބަސްވުން ތައްޔާރުކޮށް އެކުލަވާލުމުގައި ޙާމިދު އިސްމާޢީލްގެ އެއްވެސް ދައުރެއް ނެތްކަން؛

iii. ޙާމިދު އިސްމާޢީލަށް 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ނޯޓިސް ފޮނުވާއިރު 2015 ގައި މިނިސްޓްރީގެ ފަރާތުން ޙާމިދު އިސްމާޢީލާއެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި އިޖުރާއާތެއް ފުރިހަމަވެފައި ނެތްކަމަށް ފާހަގަކުރެވުނު ނަމަ މިނިސްޓްރީއިން އެކަން އިޞްލާހުކުރުމަށް މަސައްކަތް ކޮށްފައިނުވަނީ ކީއްވެގެންކަން ސާފުނޫންކަމާއި، އެއްބަސްވުމަށް ބަރޯސާވެ ޙާމިދު އިސްމާޢީލްގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ގިނަ ގުނަ ވަގުތާއި ފައިސާއާއި މާލީ ހޭދަކޮށްފައިވާކަން؛

iv. ޙާމިދު އިސްމާޢީލްގެ ފަރާތުން 2015 ގައި ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލުކަމަށް މިނިސްޓްރީއިން ބުނި ކަމުގައިވިޔަސް އަދި އެ އުސޫލުން ބެލި ކަމުގައިވިޔަސް ޙާމިދު އިސްމާޢިލަށް ލީސް ޕީރިއަޑްގެ ގޮތުގައި 25 އަހަރު ލިބިދެވޭނެކަމާއި މުޅި އެއްބަސަވުން ހަމައެކަނި އިޖުރާއާތެއް ފުރިހަމަ ކޮށްފައި ނެތްކަމަށް ބަލައި ބާޠިލްކުރެވޭނެ ކަމަށް ނުދެކޭކަމަށާއި، މި އެއްބަސްވުމުގެ ދަށުން ޢަމަލުކޮށް އެތަކެއް ހޭދަކޮށްފައިވާކަން؛

v. މިނިސްޓްރީން ގަސްތުގައި އިޖުރާއަތުން ބޭރުން އާންމު ފަރާތަކާއެކު އެއްބަސްވުމެއް އެކުލަވާލައި އެއެއްބަސްވުމުގެ ދަށުން ޢަމަލުކޮށް އެތަކެއް މާލީ ހޭދައެއް އެފަރާތުން ކޮށްފައިވާކަން މިނިސްޓްރީއަށް އެނގިހުރެމެ މިނިސްޓްރީއިން އާންމު ރައްޔިތަކަށް މިފަދަ ބޮޑު ގެއްލުމެއް ދީފައިވަނީ ކީނެއްވެގެންކަން ސާފުނުވާކަމާއި، އަދި މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް އެތަށް ފައިދާއަކާއި މަންފާ ލިބިފައިވާކަމާއި، މިހާރުވެސް، ކ.ދިއްފުށިފަޅު ޙާމިދު އިސްމާޢީލްގެ އަމިއްލަ ފައިސާއިން ހިއްކާ ތަރައްޤީކުރުމުން އެތަން އެހެން ތިންވަނަ ފަރާތަކަށް ދީގެން ތަނުގެ މަންފާ ދައުލަތުން ހާސިލްކުރަމުންދާކަން.

13.3. ކ.ދިއްފުށި ފަޅު ޙާމިދު އިސްމާޢީލްއަށް ކުއްޔަށް ދިން ބޭނުމަކީ އެތަން ހިއްކައިގެން އެތަނުގައި ޓޫރިސްޓް ރިޒޯޓެއް ހިންގުން ކަމަށާއި، 2012 ވަނަ އަހަރު އަލަށް ހަވާލުކުރެވުނު ކ.ދިއްފުށި ފަޅު ހިއްކައިގެން އެތަނުގައި ރިޒޯޓެއް ހިނގުމަށް އޮތް ކޮންސްޓްރަކްޝަން ޕީރިއަޑަކީ ކުރިން ކ.ކާށިދުފަރު ތަރައްޤީކުރަން އޮތް މުއްދަތުކަމަށްވާ 14 ޖޫން 2013 ކަމަށްވާނަމަ، ފަޅެއް ހިއްކައިގެން އެތަނުގައި ރިޒޯޓެއް ހިންގުމަށް ލިބޭ މުއްދަތަކީ އެންމެ 08 މަސްކަމަށްވާއިރު، މިއީ ބުއްދީގެ ހަމަތަކުން ބަލާއިރު ހަމަޖެހޭ ކަމެއްކަމަކަށް ޤަބޫލު ނުކުރެވޭކަން؛ ސަބަބަކީ، ކ.ދިއްފުށި ފަޅު ދިނުމަށް ވެވުނު އެއްބަސްވުމުގެ މާއްދާތަކުގައިވާ މުއްދަތުތަކާ ތާރީޚުތަކަށް ރުޖޫޢުވުމަކީ ޤަބޫލުކުރަން ދަތި މުސްތަހީލުކަމެއްކަން؛

13.4. ކ.ދިއްފުށިފަޅު ހަވާލުކުރީ 2012 ގައި ކަމަށްވާތީ، އެންމެ އިންސާފުވެރި ގޮތަކަށްވާނީ ފަޅެއް ހިއްކައިގެން ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ޢާންމު އުޞޫލުން ދޭ ކޮންސްޓްރަކްޝަން ޕީރިއަޑް ޙާމިދު އިސްމާޢީލްއަށްވެސް ފުރުޞަތު ލިބުންކަމާއި، އަދި، ކ.ދިއްފުށި ފަޅު ހަވާލުކޮށްފައިވަނީ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް އެފަޅު 50 އަހަރަށް ކުއްޔަށް ދިނުމަކީ ޤާނޫނީ ގޮތުން އެކަންކުރަންވާނެ ގޮތްކަމާއި، 19 ފެބުރުވަރީ 2015 ގައި، ކުރިން ހިނގާފައިވާ އެންމެހައި އެއްބަސްވުންތައް އުވާލައި، 50 އަހަރަށް ކ.ދިއްފުށިފަޅު ކުއްޔަށްދީ އައު އެގްރީމެންޓްގެ 26 ވަނަ މާއްދާގެ (i) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އެގްރީމެންޓްގެ ދަށުން ކުލި އަދާކުރަން ފަށަންޖެހެނީ، މި އެގްރީމެންޓްގެ ދަށުން ކުލި އަދާކުރަން ފަށަން އެއްބަސްވުން ލާޒިމްނުކުރާތީ ކުލި އަދާނުކުރާކަމަށްބުނެ ދައުލަތުން އެއްބަސްވުން ބާތިލުކުރުމަކީ އެގްރީމެންޓާ ޚިލާފުކަމެއް ކަން.

ދެވަނަ ނުކުތާއާގުޅޭ

14އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައި އަންނިވި ކަންކަން ޙާމިދު އިސްމާޢީލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

14.1. ކ.ކާށިދުއްފަރު ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއެކު 22 ޖޫން 2008 ގައި ވެވުނު އެގްރީމެންޓްގެ 3 (i) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، 10 އަހަރު ދުވަހަށް ރަށުގެ އަހަރީ ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ޢަދަދުގެ %15 ކުއްޔަށްހިފާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭކަމާއި އަދި ޓޫރިޒަމް މިނިސްޓްރީގެ ނަންބަރު 88-FS/MIS/2008/863 ސިޓީއިން އަންގާފައިވާ ގޮތުގެ މަތިން 10 އަހަރު ދުވަހަށް ރަށުގެ އަހަރީ ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ޢަދަދުގެ %15 ކަމުގައިވާ 2,310,000 (ދެމިލިއަން ތިންލައްކަ ދިހަހާސް ޔޫއެސްޑޮލަރު) ސަރުކާރަށް ދައްކާފައިވާކަމާއި، ކ.ދިއްފުށިފަޅު ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ފަޅު ހިއްކުމުގެ މަސައްކަތް އިސްތިއުނާފުކުރާ ފަރާތުން ކޮށް، 5 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަކީ ފެންނަން ހުރި ޙަޤީޤަތްތައްކަން؛

14.2. ޙާމިދު އިސްމާޢީލްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާއިން 30 އޮކްޓޫބަރު 2019 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާ ހުށަހެޅުމުން، 19 ނޮވެންބަރު 2020 ގެ ނިޔަލަށް ދައުލަތުން މައްސަލައިގައި މައުޟޫއީ ޖަވާބެއް ނުދީ ޖަވާބުދާރީވުމަށް ވަގުތު ހޯދަމުން ދިޔަކަމާއި، މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން 19 ފެބުރުވަރީ 2015 ގެ އެގްރީމެންޓްގެ ފޮރެންސިކް ތަހުލީލު ހެދިކަމާއި، ފުރަތަމަ ލިބުނު ނަތީޖާއާމެދު ހިތްހަމަ ނުޖެހިގެން 2 ވަނަ ފަހަރަށް ޕޮލިހަށް ޝަކުވާ ހުށަހެޅިކަން؛ ސަބަބަކީ، އެ އެގްރީމެންޓަކީ ވުޖޫދުގައިނުވާ އެގްރީމެންޓެއް ކަމަށް ދައުލަތަށް ތުހުމަތުކުރެވުން؛

14.3. އެގްރީމެންޓްގެ ޞައްޙަކަން ކަށަވަރުކުރުމުން ދެން އުފެއްދި ސުވާލަކީ، ޓޫރިޒަމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ އިޖުރާއަތުގެ ސުވާލުކަމާއި، މިނިސްޓްރީ އޮފް ޓޫރިޒަމަކީ ރަށްތައް ކުއްޔަށް ދިނުމުގެ މެންޑޭޓް ޙަވާލުކޮށްފައިވާ މިނިސްޓްރީކަމަށްވާއިރު، އެ މިނިސްޓްރީގެ އެއިރުގެ މިނިސްޓަރާއި، އެއިރު މިނިސްޓްރީގައި މަސައްކަތްކުރަމުންދިޔަ ޤާނޫނީ ވަކީލު ސޮއިކޮށްފައިވާ އެއްބަސްވުމަކީ އިޖުރާއަތު ފުރިހަމަނުކޮށް ހަދާފައިވާ، ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ދައުލަތުން ބުނެ، ދައުލަތުގެ ޒިންމާއިން ބަރީޢަވުމަކީ އިންސާފުވެރިގޮތެއް ނޫންކަމާއި، އެހެނީ، އެގްރީމެންޓް ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު އޮތް ފަރާތުން އިޖުރާއަތު ފުރިހަމަ ނުކުރާކަމަށް ބުނެ، އެކަމުގެ މަންފާ ލިބިގަތުމަށް ޝަރީޢަތުން ފުރުޞަތު ދިނުމަކީ، ދައުލަތާއެކު ޢާންމު ރައްޔިތުންނާއި އަމިއްލަ ކުންފުނިތަކުން މުޢާމަލާތްކުރާއިރު އެފަރާތްތަކަށް ލިބިދެވޭ ރައްކާތެރިކަން ގެއްލިގެން ދިއުމަށް ފުރުޞަތު ފަހިކޮށްދިދުންކަމާއި، އިޖުރާއަތު ފުރިހަމަ ކުރުމުގެ ޒިންމާއަކީ ދައުލަތުގެ ޒިންމާއެއްކަމަށްވާއިރު، ދައުލަތުން ތައްޔާރުކޮށް ސޮއިކުރި އެގްރީމެންޓަކީ އިޖުރާއަތު ފުރިހަމަނުވާ، ޤާނޫނާ ޚިލާފު އެގްރީމެންޓެއްކަމަށް ބުނެ، އޭގެ ނިވާފަތްގަނޑުގައި 2,310,000 (ދެމިލިއަން ތިންލައްކަ ދިހަހާސް ޔޫއެސްޑޮލަރު) މީހެއްގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ 5 ހެކްޓަރުގެ ބިންވަނީ ދައުލަތަށް މަންފާގެ ގޮތުގައި ލިބިފައިކަމާއި، މި މަންފާ ދައުލަތަށް ޙާޞިލުވާގޮތަށް ޝަރީޢަތުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުނު ޙައްޤު ޙާމިދު އިސްމާޢީލްގެ ކިބައިން ގެއްލޭގޮތަކާއި އަދި ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު ގެއްލޭގޮތަށް ޝަރީޢަތްކުރެވުމަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލަފުކަމެއްކަމަށްވުން؛

14.4. މިނިސްޓްރީގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާއާއި ޤާނޫނީ ގޮތުން ބަލަންޖެހޭ މިންވަރަށް ބެލުމެއްނެތި އާންމު ރައްޔިތުންނަށް ގެއްލުންލިބޭ މޭރުމުން އެއްބަސްވުން އެކުލަވާލުމަކީ އެކަމުގެ ގެއްލުން ރައްޔިތުންނަށް ލިބިގެންދާނޭކ ކެމެއްކަމާއި، ނަމަވެސް މިކަން ބަލާނީ ކޮން ފަރާތަކުންތޯއާއި މިކަމުގައި މިނިސްޓްރީ ޒިންމާދާރު ކުރުވާނީ ކޮން ފަރާތަކުން ކަމާމެދު ސުވާލު އުފެދޭކަމާއި މިނިސްޓްރީގެ މިފަދަ ޢަމަލުތަކުން ލިބޭ ގެއްލުމަށް ޒިންމާވާނީ ކޮން ފަރާތަކުން ކަމާމެދު ސުވާލުއުފެދޭކަމާއި، މިނިސްޓްރީގެ މިފަދަ ޢަމަލުތަކުން ލިބޭ ގެއްލުމަށް ޒިންމާވާނީ ކޮން ފަރާތަކުން ކަމާމެދު ސުވާލުއުފެދޭކަމާއި ދައުލަތުން އާންމު ރައްޔިތުންނަށް ގެއްލުން ލިބޭ ފަދަ މޭރުމުން މިފަދަ ޢަމަލުތައް ކުރުމަކީ އެކަމާމެދު އެފަރާތް ޖަވާބުދާރީ ކުރުވަންޖެހޭ ކަމެއް ކަމުގައި ދެކޭކަން؛

14.5. ހަމައެކަނި ބަހުސްގެ ބޭނުމަށް ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކުރަންޖެހޭނެކަމަށް ބެލިކަމުގައިވިޔަސް، އަދާލަތުގެ ހަމަތަކުގެ ތެރޭގައި އޮންނަ އެއް ހަމަކަމުގައިވާ “equity regards that as done which ought to have been done” އަށް ރިޢާޔަތްކުރާއިރުވެސް، އިޖުރާއަތު ފުރިހަމަނުކުރާކަމަށްބުނެ ހުށަހަޅާފައިވާ ދިފާޢުގެ މަންފާ ދައުލަތަށް ލިބިގެން ނުވާނެކަމާއި އެހެނީ، މި ހަމައިގައި ބުނެފައިވަނީ ކަމެއް ފުރިހަމަކުރުމުގެ ޒިންމާ އޮންނަ ފަރާތުން އެކަމެއް ފުރިހަމަ ނުކޮށް އޮތްކަމުގައިވިޔަސް، އަދާލަތުގެ ހަމަތަކުން، އެކަމަކީ އެފަރާތުން ފުރިހަމަ ކޮށްފައިވާ ކަމެއްކަމުގައި ބެލެވޭނެތީކަމާއި މި ހަމައަކީ އިންސާފުވެރިކަން ނެގެހެއްޓުމުގެ ގޮތުން ކޮމަންލޯގައި އިސްތިޤްރާރުވެފައިވާ ހަމަކަން.

ތިންވަނަ ނުކުތާއާގުޅޭ

15އިސްތިއުނާފީ ތިންވަނަ ނުކުތާއާގުޅޭގޮތުން ޙާމިދު އިސްމާޢީލްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

15.1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/139 (މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ ވ. އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ބ) ގައި ބަޔާންކޮށްފައިވަނީ، ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް މާނަކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ޚިލާފެއް އުފެދިއްޖެނަމަ އެއްބަސްވުން މާނަކުރުމުގައި ރިޢާޔަތްކުރެވޭނީ އެއްބަސްވުމުގެ މަޤްސަދަށްކަމާއި އޭގައިވާ ލަފްޒުތަކަށް ނޫންކަން އެނގޭކަމާއި މިމަބްދައުއަކީ އަލް ޢިބްރަތު ފިލް ޢުޤޫދު ލިލް މަޤާސިދު ވަލް މަޢާނީ ލާ ލިލް އަލްފާޒު ވަލްމަބާނީ މި ޝަރުޢީ ޤާޢިދާއިން އިސްލާމީ ފިޤުހުގައި ޤާއިމްވެފައިވާ އުޞޫލެއްކަމާއި މިއުސޫލުގެ މައްޗަށް ރިޢާޔަތްކޮށް އެއްބަސްވުމުން މާނަކުރުމުގެ ބޭނުމަށް އެއްބަސްވުމުގެ ބައިވެރިންގެ މަޤްސަދު ދެނެގަތުމަށްޓަކައި އެއްބަސްވުމުގައި ހިމެނިގެންވާ މާއްދާތަކުގެ މައްޗަށާއި މުޢާމަލާތް ހިނގާފައިވާ ގޮތުގެ މައްޗަށާއި މުޅި އެއްބަސްވުމުގެ ވަށައިގެންވާ ކަންކަމަށް ބެލެވެންޖެހޭކަން؛

15.2. އެގްރީމެންޓްގެ ހަވާލާދެވުނު އަކުރުގައި ބަޔާންކޮށްފައިވާ ޢިބާރާތަށް ބަލާއިރު، އެ ޢިބާރާތުގައި ބުނަނީ، ފުރަތަމަ އެގްރީމެންޓްގައިވާ މާއްދާތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހިމެނޭ ގޮތަށް އެ މުޅި އެގްރީމެންޓް 2015 ގައި ސޮއިކުރާ އެގްރީމެންޓުން ބަދަލުވެގެން ދިޔައީ ކަމަށާއި މި އެގްރީމެންޓުގެ 11 ވަނަ މާއްދާއިން، އައު ކޮންސްޓްރަކްޝަން ޕީރިއަޑެއްވެސް ކަނޑައަޅާފައިވާކަމާއި، ކުލި ދައްކަން ފަށަންޖެހޭނީ މި އެގްރީމެންޓުގައި ސޮއިކުރި ތާރީޚު (19 ފެބުރުވަރީ 2015) އިން ފެށިގެން 48 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންކަން އެނގޭކަން؛ އަދި އެ މާއްދާ 26 ވަނަ މާއްދާއާއެކުއެކީގައި ކީމައި، 2015 ވަނަ އަހަރުގެ އެގްރީމެންޓް ވުޖޫދަށް އައުމުން އޭގެ ކުރިން ހިނގާފައިވާ އެންމެހާ މުޢާމަލާތަކާއި އެގްރީމެންޓްތަކެއް ނެތިގެން ދިޔައީކަންވެސް ސާފުކޮށް އެނގޭކަމާއި، ޓޫރިޒަމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ބ)، (ޅ) އަދި (ކ) ގައި މުއްދަތު އިތުރުކުރަން ބޭނުންނަމަ އެކަމަށް އެދެންޖެހޭނެކަމާއި، އެފަދަ ހުށަހެޅުމެއް ހުށަހެޅުމާއި، މުއްދަތު އިތުރުކޮށް ނިންމަންޖެހޭ މުއްދަތެއްވަނީ ބަޔާންކޮށްފައިކަން؛ އެގޮތުން، 2013 ވަނަ އަހަރުގެ ނިޔަލަށް އެކަންކުރުމުގެ މުއްދަތުވަނީ ގައިދުކުރެވިފައިކަމާއި، އިސްތިއުނާފުކުރާ ފަރާތާއެކު އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ އެ މުއްދަތުގެ މާފަހުގެ ތާރީޚެއްގައިކަމާއި، އެކަމުންވެސް ދޭހަވަނީ، މިއީ ޤާނޫނުގެ 8 ވަނަ މާއްދާގައި ބުނާ އުޞޫލުން ހަމައެކަނި ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ހަދާފައިވާ އެގްރީމެންޓެއް ނޫންކަމާއި، އެހެންނަމަވެސް، އިސްވެ ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ހަދާފައިވާ އެގްރީމެންޓެއް ނޫންކަން؛ އެހެންނަމަވެސް، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންކަމަށް ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވުމާއި، އެގްރީމެންޓްގެ މަޤްޞަދަށް ބެލުމުގެ އުޞޫލަށް ރިޢާޔަތްކޮށްފައިނުވާކަން ސާބިތުވާކަން؛

15.3. ރީލޮކޭޓްކުރުމަށް އެއިރުގެ ސަރުކާރުން ޤާއިމްކޮށްފައިވާ އުޞޫލުގެ ދަށުން ރީލޮކޭޓްކޮށްދީފައިވާ ހުރިހާ ފަރާތްތަކަށްވެސް ސަރުކާރުން ކުއްޔަށް ދީފައިވަނީ 2010 ގެ ފަހުން ނަމަ، ޤާނޫނަށް ގެނެވުނު އިޞްލާހުގައި ބުނާ 50 އަހަރުގެ މުއްދަތަށްކަން؛ އަދި ރަށްތައް ރީލޮކޭޓްކޮށްދީފައިވާ ހުރިހާ ފަރާތްތަކަށްވެސް، ސަރުކާރުން ރަސްތައް ކުއްޔަށް ދީފައިވަނީ 50 އަހަރުގެ މުއްދަތަށްކަން؛ އެގޮތުން 10 ފަރާތަކަށް މިދެންނެވިހެންވަނީ ޢަމަލުކޮށްފައިކަން؛ ވީމާ، އެފަރާތްތަކުގެ އެގްރީމެންޓްތަކަކީވެސް ޓޫރިޒަމާބެހޭ ޤާނޫނުގެ 08 ވަނަ މާއްދާ އެ މައްޗަށް ނުހިނގާ އެގްރީމެންޓުތަކެއްކަން؛ އެ އެގްރީމެންޓްތައްވެސް ހަދާފައިވަނީ އިސްތިއުނާފުކުރާ ފަރާތާއި ސަރުކާރާއެކު ހަދާފައިވާ އެގްރީމެންޓާ އެއްގޮތަށްކަން އަދި މިޙަޤީޤަތަކީ ދައުލަތުން ނަފީކުރެވޭނެ ޙަޤީޤަތެއް ނޫންކަމާއި؛ އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތާމެދު ނުބައި ނިޔަތެއް އޮވެގެން، ސިޔާސީ ކުލަ ޖެހިފައިވާ ދަޢުވާތަކެއްކޮށް، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޖިނާއީ އެކި ތުހުމަތުކޮށް ހައްޔަރުކޮށްފައިހުރި މުއްދަތުގެ ތެރޭގައި، ޙާމިދު އިސްމާޢީލްއާއި އަދި އެފަރާތް ހިއްސާވާ ކުންފުނިތަކާއެކު ދައުލަތުން ކޮށްފައިވާ ހުރިހާ އެއްބަސްވުންތަކެއް އެކި އުޒުރު ދެއްކުމަށްފަހު ބާޠިލްކުރީކަމާއި، އެންމެ އެއްބަސްވުމެއް ދެ އެއްބަސްވުމެއް ނޫންކަމާއި ޙާމިދު އިސްމާޢީލްއާ އެއްވެސް ގުޅުމެއް އޮންނަ އެގްރީމެންޓެއްނަމަ، އެ އެގްރީމެންޓެއް ދައުލަތުން ހަމަ އެ ދުވަސްވަރު ބާޠިލްކުރިކަމާއި މިކަންކަމަކީވެސް ފެންނަން ހުރި ކަންކަންކަމާއި، ޙާމިދު އިސްމާޢީލްއާމެދު ތަފާތު އުޞޫލަކުން ދައުލަތުން ޢަމަލުކުރާކަމަށް ބުނަނީ މި ސަބަބުތަކާވެސް އެކުގައިކަން

އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް

16އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ:

"މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ކ.ދިއްފުށިފަޅު ހިއްކައިގެން ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޙާމިދު އިސްމާޢީލްއާދެމެދު އެއްބަސްވާ މާއްދާތަކާއި ޝަރުޠުތައް ބަޔާންކޮށް 19 ފެބުރުއަރީ 2015 ގައި ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކޮށް، ކ.ދިއްފުށިފަޅު ހިއްކައިގެން ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޙާމިދު އިސްމާޢިލާމެދު އެއްބަސްވާ މާއްދާތަކާއި ޝަރުޠުތައް ބަޔާންކޮށް 19 ފެބުރުވަރީ 2015 ގައި ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފޮނުވާފައިވާ ނޯޓިސްއަކީ ބާޠިލު ނޯޓިސްއެއްކަމަށާއި، ބުނެވިދިޔަ ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމުން ލިބިދީފައިވާ ބާރުގެ ބޭރުންކަމަށާއި، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ، ޞައްޙަ އަދި ދެމިއޮތް އެއްބަސްވުމެއްކަމަށް ކަނޑައަޅުއްވައިދެއްވައި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަމުރުކޮށްދެއްވުމަށެވެ."

މިފަދައިންކަން އެނގެން އޮވެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން

17އިސްތިއުނާފީ ތިން ނުކުތާއަކީވެސް އިސްތިއުނާފުކުރުމުގެ އޮޅިގަނޑު ގިރާކުރާ ނުކުތާތަކެއް ނޫންކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާއާގުޅޭ

18ފުރަތަމަ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

18.1. ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމަކީ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ފުރުޞަތުދީ އަނެއް ފަރާތުން ހުށަހަޅާ ކަންކަން ޠައުނުކުރުމަށް ފުރުޞަތުދިނުމާއެކު، މައްސަލައިގެ ހުރިހާ ފަރާތަކާމެދުވެސް ހަމަހަމަކަމާއެކު ޢަމަލުކުރުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިބްރާހީމް ޢަބްދުލްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ގައި ބަޔާންކޮށްފައިވާކަން؛

18.2. ފަނޑިޔާރަކު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފުވިކަމަށް ބެލެވޭނީ، އިންސާފު ހޯދުމަށް އަންނަ ފަރާތަކަށް ފަނޑިޔާރު ޢަމަލުކުރަނީ އިންސާފުން ނޫންކަމަށް ދޭހަކޮށްދޭ ޢަމަލުތަކެއް ފަނޑިޔާރުގެ ފަރާތުން ފެނިގެން ކަމުގައިވާއިރު، ހުށަހެޅިފައިވާ އިސްތިއުނާފުގައި ދަށުކޯތުގެ ފަނޑިޔާރު އެފަދައިން ޢަމަލުކޮށްފައިވާކަމަށް ދަލީލުކޮށްދޭ އެއްވެސް ކަމެއް ޙާމިދު އިސްމާޢީލްއަށް ބުނެދެވިފައިނުވާކަމާއި، މިއާ ޚިލާފަށް ފާހަގަކޮށްފައިވަނީ، މައުޟޫޢުގައި ހިމެނޭ އެ މާއްދާއާ ނުގުޅޭ ވާހަކަތަކެއްކަން؛

18.3. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސެލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޤަޟިއްޔާއަށް ރިޢާޔަތްކުރާއިރު، ވަކި މީހަކު ނުވަތަ ވަކި ފަރާތެއް ޤަނޫނާ ޚިލާފަށް އަދި ޚާއްޞަކޮށް ޤާނޫނުއަސާސީއާއި ޢަދުލު އިންޞާފުގެ އަސާސީ މަފްޙޫމަކާ ޚިލާފުވާކަމަށް ބުނުމަކީ ކުޑަ ނުވަތަ އާދައިގެ ކަމެއް ނޫންކަމާއި، އެފަދައިން ކަން ހިނގާފައިވާކަމަށް ބުނާނަމަ، އެފަދަ ޚިލާފުވުމަކަ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ބަޔާންކޮށް، ކަންހިނގާފައިވާ ގޮތުން ޙައްޤަކަށް ނުވަތަ މިނިވަންކަމަށް އަސަރުކުރަނީ ނުވަތަ ޤާނޫނީ އުޞުލެއް ނެގެހެއްޓުފައިނުވަނީ ކިހިނެއްކަން ބުނެދެވެންވާނެކަމަށް ބަޔާންކޮށްފައިވާކަން. އަދި އެ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް ފާހަގަކޮށްފައިވަނީ އެފަރާތުން އެދުނު ގޮތަށް މައްސަލަ ނިމިފައިވުމުގެ ސަބަބުން ކަމާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ދަށު ކޯޓުގެ މައްސަލަ ނިންމާފައިވާކަމަށް ބުނެފައިވީނަމަވެސް، ފަނޑިޔާރު އެއާ ޚިލާފުވި ގޮތެއް ބުނެދެވިދައިނުވާތީ، އެ ނުކުތާއާ މެދު ގޮތެއް ކަނޑައަޅަން ނުޖެހޭކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން؛

18.4. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށްފައިވަނީ އެފަރާތުން އެދުނު ގޮތަށް ދަށު ކޯޓުން މައްސަލަ ނުނިންމުމުން ކަމަށާއި، ފަނޑިޔާރުންގެ ޒާތާ ގުޅިގެން މިފަދައިން ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކީ ހައިކޯޓުގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެ ހައިކޯޓުގެ އިސްތިއުނާފީ މަޖިލީހަކުން ތަޙުޤީޤުކުރެވިދާނެ ކަމެއް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢާފިޔާ ޢަބްދުއްރައްޒާޤް ވ. ދައުލަތް ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާކަން؛

18.5. އެހެންކަމުން، މި އިސްތިއުނާފީ ނުކުތާގައި، ދަށު ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރު އިސްވެ ބަޔާންކުރެވުނު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އަދި 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރީޢަތްކުރުމާބެހޭ އެއްވެސް އުޞޫލަކާ ޚިލާފުވިގޮތެއް ބުނެދީފައިނުވާއިރު، އެ ތަފްސީލް އެނގުމެއްނެތި، މި ނުކުތާއަށް ޖަވާބުދާރީ ނުވެވޭނެކަމާއި، މި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާއެއްކަން؛

18.6. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަށް ބަލާއިރު، މި މާއްދާގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުން މައްސަލަ ނިންމުމުގައި ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތް ކުރަންޖެހޭ ކަމެއްކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 14 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ގޮތަށް، ދަށުކޯޓުން މައްސަލަ ނިންމުމުގައި ހުށަހެޅިފައިވާ ހެއްކަށް ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާކުރާ ފަރާތުން ބުނެފައިވާއިރު، ދަށުކޯޓުން ރިޢާޔަތްކުރަންޖެހި ރިޢާޔަތްކޮށްފައިނުވަނީ ކޮން ހެއްކަކަށް ކަމެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައިނުވާކަމާއި، އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ބަޔާންކުރާ ހެއްކަކީ 19 ފެބުރުވަރީ 2015 ގެ އެއްބަސްވުން ކަމުގައިވާނަމަ، އެ އެއްބަސްވުމަށް ދަށުކޯޓުން ގޮތް ކަނޑައަޅާފައިވާއިރު، އެ އެއްބަސްވުމަށް ރިޢާޔަތްނުކުރާކަމަށް ބެލެވޭނެ ހަމައެއް ނެތްކަމާއި، ދަށުކޯޓުގެ މި ނިންމުމާމެދު އިސްތިއުނާފުކުރާ ފަރާތުން ހިތްހަމަ ނުޖެހުމަކީ އެ ހަޤީޤަތް ބަދަލުވާނެކަމެއް ނޫންކަމާއި އެ ނިންމުން ގޯސްކަމަށް ދެކޭނަމަ، އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންޖެހެނީ އެ އެއްބަސްވުން ބާޠިލްކަމަށް ކަނޑައެޅި ކަނޑައެޅުން ގޯސްވާގޮތެއްކަމާއި އެ ނިންމުން ޚިލާފުވާ ޤާނޫނީ އަސާސްތައްކަމަށާއި، ނަމަވެސް، އިސްތިއުނާފީ ނުކުތާ ފަރުމާކޮށްފައިވަނީ މި އުސޫލާ ޚިލާފަށްކަން؛

18.7. އިސްތިއުނާފީ ނުކުތާގެ މައުޟޫއަށް ބަލާއިރު، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އެ ޤާނޫނުގެ 8 ވަނަ މާއްދާއަށް ގެނެވުނު އިޞްލާހު މި މައްސަލައަށް ތަތުބީޤުކުރުމުގައި، 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމުގެ މާއްދާތަކަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ފާހަގަކޮށްފައިވާއިރު، އެއްބަސްވުމުގެ މާއްދާތަކަށް ރިޢާޔަތްކޮށްފައިނުވާ ސަބަބު ދަށުކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން؛

18.8. ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ލީޒް އެގްރީމަންޓް 19 ޖޫން 2017 ގައި މިނިސްޓްރީން ބާޠިލުކުރުމާގުޅިގެން މި ޚުސޫމާތު އޭގެ 2 (ދޭއް) އަހަރު ފަހުން އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާއިރު، މިނިސްޓްރީ އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ބަރޯސާވެފައިވަނީ 19 ފެބުރުވަރީ 2015 ގައި ދެފަރާތުގެ ދެމެދުގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމަށްކަން؛ އެގޮތުން، ދައުލަތަށް މި މައެއަބަސްވުމަކީ ހަމަ ހަގީގަތުގައިވެސް ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްކަމާމެދު ސުވާލު އުފެދޭ ގިނަ ކަންކަން ހުރިކަން؛

18.9. އައު ކޮމެންސްމަންޓް ޑޭޓެއް ދެވި، އެއްބަސްވުމުގެ މުއްދަތު 50 (ފަންސާސް) އަހަރަށް އިތުރުކޮށްފައިވާ މި އެއްބަސްވުން މިނިސްޓްރީގެ ރެކޯޑުތަކުން ފެންނަން ނެތުމާއި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ތާރީޚުކަމުގައިވާ 19 ފެބުރުވަރީ 2015 ގެ ތާރީޚުގެ ގާތްގަނޑަކަށް އެއް އަހަރު ފަހުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާހުގެ ދަށުން 50 (ފަންސާސް) އަހަރަށް އެގްރިމެންޓުގެ މުއްދަތު އިތުރުކޮށް، ލީޒް އެކުއިޒިޝަން ފީ ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުން އެދޭކަން ދޭހަވާ 19 ޖަނަވަރީ 2016 ގައި އިސްތިއުނާފުކުރާ ފަރާތުން މިނިސްޓްރީއަށް ފޮނުވާފައި ސިޓީގައި ފާހަގަކޮށްފައިވާއިރު، 19 ފެބުރުވަރީ 2015 ގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާނަމަ، އިސްވެބުނެވުނު ސިޓީގެ މަޠުލަބެއް ނެތުމުން، މުޅި މުޢާމަލާތުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭކަން؛

18.10. ދިއްފުށިފަޅު އިސްތިއުނާފުކުރާ ފަރާތަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ދެމެގަތުމަށް ރުޖޫޢަވާންޖެހެނީ އިސްތިއުނާފުކުރާ ފަރާތަށް ޙައްޤުތައް ނަގުލުވުމުގެ ކުރިން އަޙްމަދު ޝަފީޤާއި މިނިސްޓްރީ އާ ދެމެދު 22 ޖޫން 2008 ގައި ސޮއިކޮށްފައިވާ ލީޒް އެގްރީމަންޓަށް ކަމަށްވާއިރު، އެ އެގްރީމަންޓަކީ 25 (ފަންސަވީސް) އަހަރު ދުވަހަށް ވެފައިވާ އެގްރީމަންޓެއް ކަމުގައިވާއިރު، ދެފަރާތް ބަންދެވިފައިވާ މި މުއްދަތު އިތުރުކުރާނަމަ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންޖެހޭކަން؛ ނަމަވެސް، 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމަކީ މި އުސޫލުތައް ފުރިހަމަކުރުމެއްނެތި ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުންވެސް އެއްބަސްވާކަން؛

18.11. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައި އެދުނީ، އެފަރާތުން މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅުމެއް ހުށަހަޅާފައިނެތި، އަދި އިތުރު 25 (ފަންސަވީސް) އަހަރަށް ދައްކަންޖެހޭ 2,500,000 (ދެ މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ދެއްކުމެއްނެތި، 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމަކީ ޞައްހަ އަދި ދެމިއޮތް މުޢާމަލާތެއްކަމުގައި ބެލުމަށްކަން؛

18.12. ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަކީ، މުޠުލަޤު އުސޫލެއް ނޫންކަމާއި، އޭގެ އިސްތިސްނާއަކީ، ޤާނޫނަކުން ކޮންޓްރެކްޓެއް ވަކި ގޮތަކަށް އޮންނަންޖެހޭކަމަށް ކަނޑައަޅާފައިވާ ހާލަތުކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޯށްފައިވާ ފަދައިން، ޤާނޫނަކުން ލާޒިމްކޮށްފައިވާ އިޖުރާއަތެއް ފުރިހަމަކޮށްފައިނުވާ ކޮންޓްރެކްޓަކީ އުފެދުމުގައިވެސް ބާޠިލު ކޮންޓްރެކްޓެއްކަން ސާފުކަން؛

18.13. ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާހު ގެނެވިފައިވަނީ 8 ސެޕްޓެންބަރު 2010 ގައި ކަމުގައިވުމުންނާއި، އިސްތިއުނާފުކުރާ ފަރާތަށް ދިއްފުށިފަޅު ކުއްޔަށް ދޫކޮށްފައިވަނީ 2012 ވަނަ އަހަރުގައިކަމުން، ޤާނޫނުގެ އިސްވެދެންނެވުނު އިޞްލާޙު މި މައްސަލައަށް ތަޠުބީޤުނުކުރެވޭނެކަމަށް މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާކަން؛ އިސްތިއުނާފުކުރާ ފަރާތުން ބަރޯސާވަނީ، އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި، އެ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ މުއްދަތާ ހަވާލާދީ ނަމަވެސް، ދައުލަތުން ބަރޯސާވަނީ އެ މާއްދާގައި ހިމެނޭ އިތުރު އަކުރުތަކުގައި ބަޔާންކޮށްފައިވާ އެ އިސްލާހު އައުމުގެ ކުރިން ކުއްޔަށްދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމާ ގުޅޭ އުޞޫލުތަކަށް ކަމުގައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން މި ހުށަހެޅުން ޤާނޫނީ ގޮތުން ހަމަނުޖެހޭކަން؛

18.14. 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާއިރު، އެ އެއްބަސްވުމުގެ 26 ވަނަ މާއްދާގެ (i) އަކީ “Entire Agreement ”Clause އެއްކަމާއި، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (i) (a) އަކީ މި ބާވަތުގެ އެއްބަސްވުމުގެ ހިމެނޭ ކުލި ހިނގަން ފަށާނެ ތާރީޚު ބަޔާންކުރާ މާއްދާކަމާއި، މި ދެމާއްދާއަކީވެސް މި ބާވަތުގެ އެއްބަސްވުމުގައި ހިމެނޭނެ standard ދެ މާއްދާކަން ދައުލަތުން ފާހަގަކުރާކަމާއި، އަދި އެ ދެމާއްދާއަކީވެސް ޣައިރު ޤާނޫނީ އެއްބަސްވުމެއްގައި ހިމެނިފައިވާ ދެ މާއްދާކަމުން، މި ދެ މާއްދާއަށް ރިޢާޔަތްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން؛

ދެވަނަ ނުކުތާއާގުޅޭ

19މި ނުކުތާގައިވެސް އިސްތިއުނާފުކުރާ ފަރާތުން، އަނެއްކާވެސް ޙަވާލާދީފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ކަށަވަރުކޮށްދީފައިވާ ޙައްޤަށްކަމުގައިވާއިރު، އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ގުޅިގެން، ދައުލަތުން، ތަފްޞީލުކޮށްފައިވާ ނުކުތާތައް ތަކުރާރުކުރާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވާ ފަދައިން، އިސްތިއުނާފުކުރާ ފަރާތުން، ހުށަހަޅާފައިވާ 19 ފެބްރުވަރީ 2015 ގެ އެއްބަސްވުމަކީ ޣައިރު ޤާނޫނީ އެއްބަސްވުމެއްކަމަށް ކަނޑައެޅުމުގައި ދަށު ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު އިސްވެބަޔާންކުރެވުނު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަރީޢަތްކުރުމާބެހޭ އެއްވެސް، އުޞޫލަކާ ޚިލާފުވިގޮތެއް އިސްތިއުނާފުކުރާ ފަރާތުން، މި ނުކުތާގައި ބުނެދީފައިނުވާއިރު، އެ ތަފްސީލު އެނގުމެއްނެތި، މި ނުކުތާއަށް ޖަވާބުދާރީ ނުވެވޭނެކަމާއި މި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާތަކެއްކަން ދައުލަތުން، ފާހަގަކޮށްފައިވެއެވެ. މި ނުކުތާގެ މައުޟޫއަށް ބަލާއިރު، މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި އުފައްދާފައިވާ ބަހުސަކީ އިސްތިއުނާފުކުރާ ފަރާތުން، ޚަރަދުތަކެއް ކޮށްފައިވަނިކޮށް، މިނިސްޓްރީން އަދާކުރަންޖެހޭ، އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން 19 ފެބްރުވަރީ 2015 ގެ އެއްބަސްވުމަކީ، ޣައިރު ޤާނޫނީ އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވަނީ ދައުލަތަށް، މަންފާވާގޮތަށް ކަމުގައިކަމާއި، އެގޮތުން، ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވާ ކަންކަން ތަކުރާރުކުރުމާއެކު ދައުލަތުން، އަންނަނިވި، ކަންކަން ފާހަގަކޮށްފައިވެއެވެ.

19.1. އެގްރީމަންޓު ހަދަންޖެހޭ ފަރާތަކީ، "ދައުލަތް" ކަމަށް، ބުނެ އިސްތިއުނާފުކުރާ ފަރާތުން، މި ނުކުތާގައި މުޅި ޚުޞޫމާތުގެ ޤާނޫނީ ބަހުސް ކިލަނބުކޮށްފައިވާއިރު، އިސްތިއުނާފުކުރާ، ފަރާތުން މި ނުކުތާގައި، ފާހަގަކުރާ އެގްރިމަންޓަކީ ކޮބައިކަމާމެދު ސުވާލު އުފެދޭކަމާއި، މިނިސްޓްރީން އިސްތިއުނާފުކުރާ ފަރާތާއެކު އެއްބަސްވުމެއް ވާންޖެހެނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާހާ އެއްގޮތަށް، ކުއްޔަށް ދެވުނު މުއްދަތު އިތުރުކުރުމަށް، އިސްތިއުނާފުކުރާ ފަރާތުން އެދި ހުށަހަޅާފައިވާނަމަކަމާއި، އަދި އެ އިޞްލާޙާ، އެއްގޮތަށް ލީޒް އެކްސްޓެންޝަން ފީ ދައްކާފައިވާނަކަން؛

19.2. އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމެއް ނެތި އިސްތިއުނާފުކުރާ ފަރާތަކީ ޤާނޫނު ނުދަންނަ، ނުވަތަ އެ މައްޗަށް ޢަމަލުކުރަންނުޖެހޭ ފަރާތެއްކަމަށް ދޭހަވާ މޭރުމަކުން، މި ނުކުތާގައި ފާހަގަކޮށްފައިވާއިރު، ވިޔަފާރީގެ މިފަދަ މުޢާމަލާތެއްގައި ޤާނޫނާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތަށް، މަންފާވާ ފިޔަވަޅުތަކެއް ދައުލަތުން އަޅަންޖެހޭކަމަށް، އިސްތިއުނާފުކުރާ ފަރާތުން ދެކުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށާއި، މީގެ އިތުރުން ދެފަރާތުގެ ދެމެދުގައި، ސޮއިކޮށްފައިވާ ލީޒް އެގްރީމަންޓު ބާތިލުކޮށްފައިވަނީ ތަކުރާރުކޮށް އެންގި އެންގުންތަކަށް، ބީރު ކަންފަތެއް ދީ އެގްރީމަންޓާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން، ކުލި ނުދައްކައިގެންކަން؛

19.3. ކުލީގެ އެއްބަސްވުމެއްގެ ދަށުން، މި ޙާލަތުގައި މިނިސްޓްރީއަށް ލިބޭނެ އަސާސީ މަންފާއަކީ ކުލި ކަމުގައިވާއިރު ދެފަރާތުގެ ދެމެދުގައި، ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ދައުލަތަށްވެފައިވަނީ މުޅިންވެސް ފައިދާ ކަމުގައި އިސްތިއުނާފުކުރާ ފަރާތުން، ފާހަގަކޮށްފައިވަނީ އެއްވެސް ބުރަދަނެއް ނެތިކަން؛

19.4. އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ޢަބްދުﷲ މުޙައްމަދު ވ.

ޢާފިޔާ ޢަބްދުއްރައްޒާޤް ގަޟިއްޔާގައި ބާތިލް ކޮންޓްރެކްޓެއްގެ ނަތީޖާއަކީ އެ ކޮންޓްރެކްޓްގެ ސަބަބުން ؟ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/02,03 ޤަޟިއްޔާގެ 16 ވަނަ ސަފުހާ ތަރައްތުބުވެގެން ދިޔަ ގާނޫނީ އެންމެހައި ނަތީޖާތަކެއް އެއީ އަޞްލުގައި ނެތް އެއްޗެއް ފަދައިން ނެތިގެންދިއުން، ކަމަށް ބަޔާންކުރުމާއެކު ބާތިލު ކޮންޓްރެކްޓެއްގެ ސަބަބުން ތަރައްތުބުވެގެންދިޔަ ނުވަތަ ތަރައްތުބުވެގެންދާނެ އެންމެހައި ވާޖިބުތަކާއި ޙައްޤުތައްވެސް، މުޅިން އެކަށް، ނެތިގެން ދާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އިސްވެދެންނެވުނު އުޞޫލަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރާ ފަރާތާއި، ދައުލަތާ ދެމެދު ޣައިރު ގާނޫނީ އެއްބަސްވުމެއް ޤާއިމުވެފައިވާ ޙާލަތުގައި އޭގެ ނަތީޖާއަކަށްވާނީ، އެ އެއްބަސްވުމުގެ އިލްތިޒާމްތަކުން ދައުލަތް ވީއްލިގެން ދިއުންކަން؛

19.5. މީގެއިތުރުން ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކުރަންޖެހޭކަމަށް ބަލާ ޙާލަތެއްގައިވެސް، ޢަދާލަތުގެ ހަމަތަކުގެ ތެރޭގައި ހިމެނޭ “equity regards that as done ”which ought އުސޫލަށް، ރިޢާޔަތްކޮށް ކަމެއް ފުރިހަމަކުރުމުގެ ޒިންމާ އޮންނަ ފަރާތަކުން އެކަމެއް ފުރިހަމަނުކޮށް އޮތްކަމުގައިވީނަމަވެސް، ޢަދާލަތުގެ ހަމަތަކުން، އެކަމަކީ އެފަރާތުން ފުރިހަމަކޮށްފައިވާ ކަމެއްކަމުގައި ބަލަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމެއް ހުށަހަޅަންޖެހެނީ އިސްތިއުނާފުކުރާ ފަރާތުންކަމަށާއި، އެގޮތުން، އިތުރުކުރެވޭ ކޮންމެ އަހަރަކަށް، 100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) ދައްކަންޖެހޭ ފަރާތަކީ، އިސްތިއުނާފުކުރާ ފަރާތްކަމާއި، އަދި، މި ކަންކަން މިގޮތަށް ކުރަންޖެހި ނުކޮށްވާ ފަރާތަކީވެސް، ހަމަ އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ޤާނޫނާ ޚިލާފަށް ހިންގާފައިވާ ކަމެއްގެ މަންފާ ޝަރުޢީ ކޯޓަކުން ހޯދައި ދޭންޖެހޭނެކަމަށް ގަބޫލުކުރުމަކީ، ޢަދާލަތުގެ ހަމަތައް ނިޔާކުރާކަމެއް ނޫންކަން؛

19.6. އިކުއިޓީގެ ހަމަތަކުން ފަރުވާ ލިބުމަށް އެދި ހުށަހަޅާ ފަރާތަކީ، ސާފު ތާހިރު އަތަކާ އެކީ ހުންނަ (clean hand doctrine) ފަރާތަކަށް ވާންޖެހޭކަމާއި، މި މައްސަލައަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތް ޤާނޫނުގައި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތު ފުރިހަމަކުރުމަށް އެދުމެއްނެތި އަދި ފުރިހަމަކުރުމެއްނެތި ޝަރީޢަތަށް އެއްބަސްވުން ތަންފީޒުކުރަން އައިސްފައިވަނީ، ސާފުތާހިރު އަތަކާއެކީގައި ކަމުގައިނުވާތީ އިކުއިޓީގެ ހަމަތަކުން، ފަރުވާހޯދިދާނެ ކަމުގައި ދައުލަތުން ނުދެކޭކަން؛

19.7. އެހެންކަމުން، 19 ފެބްރުވަރީ، 2015 ގައި ވެފައިވާ އެއްބަސްވުމަކީ، ފެށުނީއްސުރެ، ބާތިލު އެއްބަސްވުމެއްކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތަށް، ހުރިހާ ގެއްލުމެއް ލިބި، ދައުލަތަށް، އެންމެހައި މަންފާއެއް، ލިމިދެވޭގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައެޅޭނެ އެއްވެސް، ޤާނޫނީ އަސާސެއް ނެތްކަން.

ތިންވަނަ ނުކުތާއާގުޅޭ

20އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ދައުލަތުން އަންނަނިވި ނުކުތާތައް ފާހަގަކޮށްފައިވެއެވެ.

20.1. 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމަކީ ޣައިރު ޤާނޫނީ އެއްބަސްވުމަކަށް ކަނޑައެޅުމުގައި ދަށު ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަރީޢަތްކުރުމާބެހޭ އެއްވެސް އުޞޫލަކާ ޚިލާފުވިގޮތެއް އިސްތިއުނާފީ ނުކުތާގައި ބުނެދެވިފައިނުވާއިރު، އެ ތަފްސީލު އެނގުމެއްނެތި މި ނުކުތާއަށް ޖަވާބުދާރީނުވެވޭނެ ކަމާއި، މި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާއެއްކަން؛

20.2. މި ނުކުތާއާ ގުޅިގެން މައިގަނޑުގޮތެއްގައި ފާހަގަކުރަން އޮތީ ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ފާހަގަކުރި ކަންކަން ކަމަށާއި، "އެގްރީމެންޓް ހަދަންޖެހޭ ހަދަންޖެހޭ ފަރާތަކީ ދައުލަތް" ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި މުޅި ޚުޞޫމާތުގެ ޤާނޫނީ ބަހުޘް ކިލަނބުކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ އެގްރީމެންޓަކީ ކޮބައިކަމާމެދު ސުވާލު އުފެދޭކަމަށާއި، މިނިސްޓްރީން އިސްތިއުނާފުކުރާ ފަރާތާއެކު އެއްބަސްވުމެއް ވާންޖެހެނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާހާ އެއްގޮތަށް ކުއްޔަށް ދެވުނު މުއްދަތު އިތުރުކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް އެދި ހުށަހަޅާފައިވާނަމަކަން؛ އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމެއް ނެތި، އިސްތިއުނާފުކުރާ ފަރާތަކީ ޤާނޫނު ނުދަންނަ ނުވަތަ އެ މައްޗަށް ޢަމަލުކުރަންނުޖެހޭ ފަރާތެއްކަމަށް ދޭހަވާ މޭރުމަކުން މި ނުކުތާގައި ފާހަގަކޮށްފައިވާއިރު، ވިޔަފާރީގެ މިފަދަ މުޢާމަލާތެއްގައި ޤާނުނާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތަށް މަންފާވާ ފިޔަވަޅުތަކެއް ދައުލަތުން އަޅަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެއްކުމަކީ ހަމަޖެހޭ އުޞޫލެއް ނޫންކަން.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

21ދައުލަތުން އެދިފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ނުކުތާތަކަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ދަމަހައްޓާ، އެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ތަދައްޚުލްވި ފަރާތުން ދެއްކި ވާހަކަ

22މި ޤަޟިއްޔާ މިކޯޓުގައި ކުރިއަށް ދަނިކޮށް، މެރީނާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައަށް ތަދައްޚުލްވެފައިވެއެވެ.

23މެރީނާ ޑިވެލޮޕްމަންޓްގެ ފަރާތުން ތަދައްޚުލްވާން ޖެހުނު ސަބަބަކީ މި މައްސަލައިގައި ހިމެނޭ ފަޅަކީ މިހާރު މެރީނާ ޑިވެލޮޕްމަންޓްއަށް 19 ސެޕްޓެންބަރު 2018 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާ ފަޅެއްކަމަށާއި، މިއީ މިހާރުވެސް ދެމިއޮތް އެއްބަސްވުމެއްކަމާއި، މައްސަލައިގެ ފެކްޓްސްއާ ގުޅެގޮތުން ދައްކާނެ ވާހަކައެއް ނެތްކަމާއި، އެއީ ދައުލަތާ އިސްތިއުނާފުކުރާ ފަރާތާ ދެމެދު ހިނގާފައިވާ ކަންކަން ކަމަށް ބުނެފައިވެއެވެ.

24މެރީނާ ޑިވެލޮޕްމަންޓްއިން އެދިފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން

25ޙާމިދު އިސްމާޢީލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލާއިރު އެ ނުކުތާތައް ބިނާވަނީ 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމާ ގުޅިގެން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށެވެ. ދަށުކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމަކީ އުފެދުމުގައި ބާޠިލް އެއްބަސްވުމެއް ކަމަށް ކަނޑައަޅާފައިވެއެވެ.

26ދަށުކޯޓަށް ޙާމިދު އިސްމާޢީލްގެ ފަރާތުން ހުށަހެޅި މައްސަލައަކީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/INDIV/2017/137 ސިޓީއިން، ދީފައިވާ ޓަރމިނޭޝަން ނޯޓިސް ބާޠިލްކުރުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގެން އޮވެއެވެ.

27އިސްވެ ބުނެވުނު ސިޓީގައި ބަޔާންކޮށްފައިވަނީ؛

“We make reference to the Lease Agreement dates 22nd day of June 2008 (“Agreement”) for the lease of the Lagoon of Kaashidhuffaru in Kaafu Atoll and relocated to the Lagoon of Dhiffushifaru in Kaafu Atoll by an addendum signed on 15th October 2012 (“Lagoon”).

Further to the above, the Ministry, as the Lessor of the Agreement, hereby serves this written notice of termination of the Agreement, pursuant to Paragraph (ii) of Clause 24 of the Agreement, for the reason that the Lessee is in breach of Paragraph (i) (a) of Clause 24 of the Agreement, which states that if that “if the Lessee fails to pay the Lease Rent specified in paragraph (i) of Clause 13 when it has fallen due or if the Lessee fails to pay liquidated damages imposed in consequence of default in paying Lease Rent as specified in Paragraph (e) of Clause 13”

Please note that based on the above, and pursuant to the terms of Paragraph (iii) of Clause 24 of the Agreement, the Agreement shall stand terminated on the expiry of the 7th (Seventh) day from date of this notice.”

މިފަދައިންނެވެ.

28ޙާމިދު އިސްމާޢީލްގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ ފަރާތުން ބުނެފައިވަނީ، ދައުލަތުން އިސްވެ ބަޔާންކުރެވުނު ނޯޓިސް ފޮނުވީ، 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމާ ޚިލާފަށްކަމަށެވެ.

ދަށުކޯޓުންވެސް ފާހަގަކޮށްފައިވާ ފަދައިން، ޙާމިދު އިސްމާޢީލްގެ ފަރާތުން ހަވާލާދީފައިވާ 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމުގެ ކުރިން، ކ.ދިއްފުށިފަޅާ ގުޅޭގޮތުން އެއްބަސްވުންތަކެއް ވެފައިވާކަން އެނގެން އޮވެއެވެ. މި އެއްބަސްވުންތަކުގެ ތަފްސީލްތައް މި ރައުޔުގެ ކަންހިނގާފައިވާ ގޮތުގައި ބަޔާންކޮށްފައިއެވަނީއެވެ.

29ދައުލަތުގެ ފަރާތުން ދަށުކޯޓުގައިވެސް އަދި މިކޯޓުގައިވެސް ބުނެފައިވަނީ ދައުލަތުން ބާޠިލުކުރުމުގެ ނޯޓިހުގައި ހަވާލާދީފައިވަނީ، 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަށްކަމަށާއި، 2015 ގައި ސޮއި ކޮށްފައިވާ 'އެމެންޑަޑް އެންޑް ރީސްޓޭޓަޑް އެގްރީމެންޓް ފޯ ދަ ލީސް އޮފް ދިއްފުށި ލެގޫން އިން ކާފު އެޓޮލް ފޯ ދަ ޑިވެލޮޕްމަންޓް އެންޑް އޮޕަރޭޝަން އޮފް އަ ޓޫރިސްޓް ރިޒޯޓް' އެއްބަސްވުމަކީ، އެ އެއްބަސްވުމުގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާ އެއްބަސްވުމެއް ކަމާއި، އަދި އެއީ ޓޫރިޒަމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާހުގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމެއްނެތި ވެފައިވާ އެއްބަސްވުމެއްކަމަށްވާތީ އެއީ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުމެއް ކަމަށެވެ.

30އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އެޤާނޫނުގެ 8 ވަނަ މާއްދާއަށް ގެނެވުނު އިޞްލާހު މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާއާ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށެވެ.

31ޙާމިދު އިސްމާޢީލްގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ހަވާލާދީފައިވާ މާއްދާތަކަކީ، ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި ޝަރީޢަތްތައް ހިންގުމާ، ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަމާ، ފަނޑިޔާރުން ނިންމުންތައް ނިންމުމުގައި ޤާނޫނުއަސާސީއަށާއި ޤާނޫނަށް ޢަމަލުކުރަންޖެހޭކަމާއި، ވަކި ފަރާތަކަށް ބުރަނުވެ ޝަރީޢަތް ހިންގުމާ ގުޅޭ މާއްދާތަކެވެ. މި މާއްދާތަކާ ޚިލާފަށް ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކޮށްފައިވާކަމަށް ބުނެ އެކަމުގެ ތަފްސީލު ސާފުކޮށް ޙާމިދު އިސްމާޢީލް ފާހަގަކޮށްފައިނުވެއެވެ. އިސްތިއުނާފީ އޮޅިގިރާ ނުކުރާކަމަށް ބުނެ ދައުލަތުން މި މައްސަލައިގައި ބަޔާންކޮށްފައިވާ ޙުއްޖަތްތަކަށް ނަޒަރުކޮށް ބެލިބެލުމުން މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ބަހުސް ބަލައިގަނެ އެ ނުކުތާއާމެދު މައުޟޫއީ ގޮތުން ގޮތް ކަނޑައެޅިދާނެ މިންވަރަށް ތަފުސީލުތައް ބަޔާންކޮށްދީ އުފެދޭ ޤާނޫނީ ބަހުސް ބުނެދެވިފައިވާކަމުގައި އަހުރެންނަކަށް ފާހަގައެއްނުވެއެވެ.

32އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާއިރު، އެ މާއްދާގެ ރޫޙާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތަށް ހުރިހާ ގެއްލުމެއް ލިބި، ދައުލަތަށް އެންމެހައި މަންފާއެއް ލިބިދެވޭގޮތަށް 19 ފެބްރުއަރީ 2015 ގައި ވެފައިވާ އެގްރީމެންޓަކީ ފެށުނީއްސުރެ ބާޠިލު އެގްރިމެންޓެއްކަމަށް ކަނޑައަޅާފައިވާކަމަށް ބުނާ ބުނުމެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއެކޭ އެއްގޮތަށް މި ނުކުތާގައިވެސް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ދަށުކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުކަމަށެވެ.

33ދައުލަތަށް މަންފާވާގޮތަށް ދަށުކޯޓުގެ ނިންމުން އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، އެ ނުކުތާގެ ރައްދުގައި ދައުލަތުންވެސް ކަންތައްތަކެއް ފާހަގަކުރެއެވެ. އެގޮތުން، މިނިސްޓްރީން އިސްތިއުނާފުކުރާ ފަރާތާއެކު އެއްބަސްވުމެއް ވާންޖެހެނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙާއެއްގޮތަށް ކުއްޔަށް ދެވުނު މުއްދަތު އިތުރުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެދި ހުށަހަޅާފައިވާނަމަކަމަށް ދައުލަތުން ފާހަގަކުރެއެވެ.

34މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މުއްދަތު އިތުރުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅުމެއް ހުށަހެޅިކަން އެނގެން ނެތްކަން ފާހަގަވެއެވެ. އަދި އެ އިޞްލާޙާ އެއްގޮތަށް ލީސް އެކްސްޓެންޝަން ފީ ދެއްކިކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. ދައުލަތަށް އެންމެހައި މަންފާއެއް ލިބިދެވޭގޮތަށް، 19 ފެބްރުއަރީ 2015 ގައި ވެފައިވާ އެގްރީމެންޓަކީ ފެށުނީއްސުރެ ބާޠިލު އެގްރިމެންޓެއްކަމަށް ކަނޑައަޅާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، މިކަމުގައި ދައުލަތަށްވީ މަންފާއަކީ ކޮބައިކަން ބުނެދެވިފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.

35މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުންކަން މި މައްސަލައިގެ ވާޤިޢާތަކުން އެނގެއެވެ. އަދި ތަކުރާރުކޮށް ކުލި ދެއްކުމަށް އެންގުމުންވެސް އެގޮތަށް ޢަމަލުކޮށްފައި ނެތްކަން އެނގެއެވެ. އެހެންކަމުން، އިސްތިއުނާފީ ދެވަނަ ނުކުތާއަކީވެސް އިސްތިއުނާފުކުރާ ފަރާތާއެއްކޮޅަށް ނިންމެން އޮތް ނުކުތާއެއްކަމުގައި އަހުރެންނަކަށް ފާހަގައެއްނުވެއެވެ.

36އިސްތިއުނާފީ ތިންވަނަ ނުކުތާގައި ބުނަނީ އިސްތިއުނާފުކުރާ ފަރާތާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު 19 ފެބުރުވަރީ 2015 ގައި ސޮއިކޮށްފައިވާ އެގްރީމެންޓުގެ މަޤްޞަދަށް ބެލުމުގެ އުޞޫލާ ޚިލާފަށް އެގްރީމެންޓުގެ E ސިވިލް ކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާގައި ފާހަގަކުރާ ކަންކަން އިސްތިއުނާފުކުރާ ފަރާތާއެއްކޮޅަށް ނިންމެން ނެތްކަން ކުރިން ބަޔާންކުރެވިއްޖެއެވެ. އެހެންކަމުން، އިސްތިއުނާފީ ތިންވަނަ ނުކުތާއަކީވެސް އިސްތިއުނާފުކުރާ ފަރާތާއެއްކޮޅަށް ނިންމެން އޮތް ނުކުތާއެއްކަމުގައި އަހުރެންނަކަށް ފާހަގައެއްނުވެއެވެ.

ނިންމަން ފެންނަގޮތް

37އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައި ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރަޢުޔު

މައްސަލައިގެ ފަސްފަހަތް

38މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

1. 22 ޖޫން 2008- މި މުއާމާލާތާއި ގުޅިގެން އެންމެ ފުރަތަމަ އެއްބަސްވުމެއް ވެފައިވަނީ މި ތާރީހުގައެވެ.

i. މި އެއްބަސްވުމުގެ ބައިވެރިންނަކީ ދައުލަތާއި، އަޙްމަދު ޝަފީޤްއެވެ. މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވުނީ ކ. ކާށިދުއްފަރެވެ. އެއްބަސްވުމުގެ މުއްދަތަކީ 25 އަހަރެވެ.

2. 23 ޖަނަވަރީ 2009- ފުރަތަމަ އިސްލާހު. (ދައުލަތުގެ ޖަވާބުގައި ބަޔާންކޮށްފައިވަނީ 29 ޖަނަވަރީ 2009 ކަމުގައެވެ).

i. މިއީ ކުލި ޑިފަރކޮށް، ކޮންސްޓްރަކްޝަން ޕީރިއަޑަށް ބަދަލުގެނައުމަށް ގެނެވުނު އިސްލާހެކެވެ.

3. 15 ޖުލައި 2010- ދެވަނަ އިސްލާހު.

i. މިއީ ކުލި ޑިފަރކޮށް، ކޮންސްޓްރަކްޝަން ޕީރިއަޑަށް ބަދަލުގެނައުމަށް ގެނެވުނު އިސްލާހެކެވެ.

4. 27 ޑިސެމްބަރ 2010- ތިންވަނަ އިސްލާހު.

i. މިއީ ފައިނޭންޝަލް ޕްރޫފް ހުށަހެޅުމުގެ މުއްދަތަށާއި ކޮންސްޓްރަކްޝަން ޕީރިއަޑަށް ބަދަލުގެނައުމަށް ގެނެވުނު އިސްލާހެކެވެ.

5. 04 އޮކްޓޯބަރ 2011- ޓްރާންފަރ އޮފް ލީސް އެއްބަސްވުމެއް ވެވުނެވެ.

i. މި އެއްބަސްވުމުގެ ބައިވެރިންނަކީ އަޙްމަދު ޝަފީޤުއާއި އިސްތިއުނާފު ކުރާ ފަރާތެވެ. އަދި އެކަމަށް ރުހުންދޭ ފަރާތެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތް ހިމެނެއެވެ.

6. 10 ޖަނަވަރީ 2012- ޑީޑް އޮފް އެސައިންމަންޓް- މިއީ، އަޙްމަދު ޝަފީޤުއަށް ލިބިގެންވާ ހައްޤުތައް އިސްތިއުނާފު ކުރާ ފަރާތަށް ބަދަލުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

i. މި އެއްބަސްވުމުގެ ބައިވެރިންނަކީ، އަޙްމަދު ޝަފީޤުއާއި، އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތެވެ. އިސްތިއުނާފު ރައްދުވާ ފަރާތް އެއްބަސްވުމުގެ ބައިވެރިއަކަށްވެފައިވަނީ އެކަމަށް ހުއްދަދޭ ފަރާތެއްގެ ގޮތުގައެވެ.

7. 15 އޮކްޓޯބަރު 2012- ހަތަރުވަނަ އިސްލާހު.

i. ރިލޮކޭޓް ކުރުމަށް ވެވުނު އެއްބަސްވުން- ކާށިދުއްފަރުގެ ބަދަލުގައި ދިއްފުށިފަޅު ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުން ii. މި އިސްލާހުގެ ބައިވެރިންނަކީ، އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތެވެ.

8. 19 ފެބްރުއަރީ 2015- މި މައްސަލައިގައި ހުސޫމަތު ބިނާވާ އެއްބަސްވުން.

i. މި އެއްބަސްވުމުގެ ބައިވެރިންނަކީ، އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތެވެ.

މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވުނުކަމަށް ބަޔާންކުރާ މުއްދަތަކީ 50 އަހަރެވެ. ކުއްޔަށް ދެވުނު ތަނަކީ ދިއްފުށިފަޅެވެ.

ދަށު ކޯޓުގެ ނިންމުން

39އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވަނީ، ކ. ދިއްފުށިފަޅު ހިއްކައިގެން ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި ދިވެހި ދައުލަތާއި ދައުވާކުރާ ފަރާތާދެމެދު 19 ފެބްރުއަރީ 2015 ގައި ސޮއިކޮށްފައިވާ އެއްބަސްވުމާ ޚިލާފަށް ދައުލަތުން އެއްބަސްވުން ބާތިލުކުރުމަށް ނޯޓިސް ފޮނުވާފައިވާތީ، ދައުލަތުގެ އެ ނިންމުމަކީ ބާތިލު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމުން ލިބިދީފައިވާ ބާރުގެ ބޭރުންކަމަށް ކަނޑައަޅައި، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ ސައްޙަ އަދި ދެމިއޮތް އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

40ނަމަވެސް، ދަށު ކޯޓުން ކަނޑައަޅާފައިވަނީ، ކުލީގެ މުއްދަތު އިތުރުކުރާނަމަ އެކަމަށް އެދި ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/99) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 20/2010) ގެ 8 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ފުރިހަމަކުރަން ލާޒިމު އިޖުރާއަތެއް ކަމުގައެވެ. އަދި މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް ދައްކާފައި އޮންނަންޖެހޭނެ ކަމަށާއި، މި އިޖުރާއަތްތަކަށް ޢަމަލުކޮށްފައިނުވުމަކީ (މުއްދަތު އިތުރުކުރަން އެދިފައިނުވުމާއި ފައިސާ ދައްކާފައިނުވުން) އެ އެއްބަސްވުން އުފެދުނީއްސުރެ ބާތިލުކަމުގައި ބަލަންޖެހޭ ސަބަބެއް ކަމުގައެވެ.

41ދަށު ކޯޓުން މި ނިންމުމަށް ވާސިލުވުމުގައި، 19 ފެބްރުއަރީ 2015 ގެ އެއްބަސްވުމުގެ ބެކްގްރައުންޑްގެ (E) އަށް ޙަވާލާދީ، އެއީ ކުރިން ހަދާފައިވާ އެއްބަސްވުންތަކާ ވަކިން، މުޅިން އަލަށް ހަދާފައިވާ އެއްބަސްވުމެއްކަމުގައި ބަލާނެ ހަމައެއް ނެތްކަމަށް ކަނޑައެޅިއެވެ. އަދި ރުޖޫޢަވާންޖެހޭނީ އޭގެ ކުރިން 22 ޖޫން 2008 ގައި ވެފައިވާ ލީސް އެގްރިމެންޓަށްކަމަށް ކަނޑައަޅައި، އެ އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކިކަން އެނގެން ނެތުމުން ދައުލަތުން އެއްބަސްވުން ބާތިލުކޮށްފައިވަނީ ރަނގަޅަށްކަމަށް ނިންމައި، ދައުލަތުން ފޮނުވި ނޯޓިސް ބާތިލުކުރާނެ ތަނެއް ނެތްކަމަށް ޙުކުމްކުރިއެވެ.

42އިސްތިއުނާފު ކުރާ ފަރާތުން މި އިސްތިއުނާފު ބިނާކޮށްފައިވަނީ، 19 ފެބްރުއަރީ 2015 ގެ އެއްބަސްވުން ދަށު ކޯޓުން ތަތުބީޤުކޮށްފައިނުވުމާއި، އެއްބަސްވުމުގެ ޙަޤީޤީ މަޤްޞަދަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމުގެ މައްޗަށެވެ. ވުމާއެކު، މި މައްސަލާގައި އޮތް މައިގަނޑު ސުވާލަކީ، 2015 ގެ އެއްބަސްވުން ތަތުބީޤުނުކޮށް ދަށު ކޯޓުން ނިންމި ނިންމުން ރަނގަޅުތޯއެވެ.

43މިކަންކަން ދެނެގަތުމަށްޓަކައި އަންނަނިވި ކަންކަމަށް ބަލާލެވިފައިވާނެއެވެ.

2015 ގެ އެއްބަސްވުމުގެ ސައްޙަކަމާއި ޤާނޫނު ތަތުބީޤުވުން

44ދަށު ކޯޓުގައި މި މައްސަލައާ ގުޅިގެން ދެފަރާތުން ހުށަހަޅާފައިވާ ބަޔާންތަކާއި ލިޔެކިޔުންތަކަށް ބަލާއިރު، 2015 ގެ އެއްބަސްވުމަކީ ދެފަރާތުން ސޮއިކޮށްފައިވާ ސައްޙަ (Authentic) ލިޔުމެކެވެ. ދަށު ކޯޓުން ކަނޑައަޅާފައިވަނީ، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، 19 ފެބްރުއަރީ 2015 ގައި ދެފަރާތުގެ ދެމެދުގައި މި މައްސަލާގައި ބަހުސްކުރެވޭ އެއްބަސްވުން ވެފައިވާކަމަށެވެ. އެހެންނަމަވެސް، އެފަދަ އެއްބަސްވުމެއް ވުމަށް އޮތް އިޖުރާއަތަށް އަމަލުކޮށްފައިނުވާތީ، އެއީ ފެށުނީއްސުރެ ބާތިލު އެއްބަސްވުމެއްކަމުގައި ދަށު ކޯޓުން ބަލާފައިވެއެވެ.

45HN1އެހެންނަމަވެސް ލިޔުމެއް އަސްލަކަށް ވުމަކީ ނުވަތަ އެއްބަސްވުމެއް ވެފައިވާވުމަކީ ނުވަތަ އެފަދަ ލިޔުމެއް ސައްޙަވުމަކީ، އޭގައި ބަޔާންކޮށްފައިވާ ކަންކަމަކީ ރަނގަޅު އިޖުރާއަތަކުން ހިނގާފައިވާ ކަމެއްކަމަށް ބަޔާންކޮށްދޭ ކަމެއް ނޫނެވެ. ދައުލަތުން ބުނެފައިވަނީ އެއީ ބާތިލު އިޖުރާއަތެއްގެ މައްޗަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި، ބާތިލު އިޖުރާއަތެއްގެ މައްޗަށް ސޮއިކޮށްފައިއޮތް އެއްބަސްވުމެއް ތަންފީޒުކުރުމަށް ދައުލަތަށް ލާޒިމުނުވާނެ ކަމަށެވެ.

46މި އެއްބަސްވުމުގެ ސައްޙަކަމާމެދު ދައުލަތުން އުފައްދާ ސުވާލާ ގުޅިގެން، ފުލުހުންގެ ތަހުލީލަށް އެއްބަސްވުން ހުށަހެޅުމުން، ފުލުހުންގެ ފަރާތުން އެކަން ބެލުމަށްފަހު، އެއްބަސްވުމުގައިވާ ސޮއިތައް ދިމާވާކަމަށް ބުނެފައިވާކަމާއި، އެހެންނަމަވެސް، ސޮއިތައް ދިމާވުމަކީ އެއްބަސްވުން "ޤާނޫނީގޮތުން ސައްޙަ" ވާނެ ސަބަބެއް ނޫންކަމަށް ދައުލަތުން ބުނެއެވެ. އަދި ހަމައެހެންމެ، މި އެއްބަސްވުމާ ގުޅޭ މައްސަލައެއް ތަހުޤީޤުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ދައުލަތުން ބަޔާންކުރުމުން، އެ މައްސަލަ މިހާރު ނިމި އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތްކަމަށް މިހާރު އެ ކޮމިޝަނުން ނިންމާފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.

47އެހެންކަމުން ބަޔާންވެދިޔަ އެންމެހާ ކަންކަމުން ދެނެގަނެވެނީ، މި އިސްތިއުނާފު ބިނާކޮށްފައިވަނީ، 19 ފެބްރުއަރީ 2015 ގެ އެއްބަސްވުމުގެ އޮތެންޓިސިޓީއާމެދު ސުވާލެއް ނެތްކަމާއި އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށް އެ އެއްބަސްވުން ވުމުގައި އަމަލުކޮށްފައިނުވާކަމަށް ދައުލަތުން ދެކޭކަމެވެ.

48އެހެންކަމުން މި މައްސަލާގައި މިކަމުގެ މައްޗަށް ޤާނޫނު ތަތުބީޤުވާ ގޮތް ބަލާލާނަމެވެ.

49HN2ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) (މިހާރު، އެޤާނޫނުގެ 9 ވަނަ މާއްދާގެ (ހ)) ގައި ބަޔާންކޮށްފައިވަނީ:

"މި ޤާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތަށް ރަށް ނުވަތަ ބިން ޙަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން މީލާދީ 50 (ފަންސާސް) އަހަރުދުވަހަށެވެ."

50މި މާއްދާގެ ސަރީޙަ އިބާރާތުން ދޭހަކޮށްދެނީ، ސަރުކާރުން މުޅިން އަލަށް ރިޒޯޓެއް ހެދުމަށް ބިމެއް ދޫކުރާނަމަ، އެއްވެސް ޚާއްޞަ އިތުރު ފީއަކާ ނުލައި، އެންމެ ފުރަތަމަވެސް އެ ބިން 50 (ފަންސާސް) އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމުގެ ފުރިހަމަ ޤާނޫނީ ބާރު އޮތް ކަމެވެ.

51HN3ދަށު ކޯޓުން ރިޢާޔަތްކުރި އަހަރަކަށް 100,000 ޑޮލަރުގެ ފީ ދައްކަންޖެހޭ އިޖުރާއަތަކީ (ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އަކީ) ވުޖޫދުގައި އޮތް އެއްބަސްވުމެއްގެ މުއްދަތު އިތުރުކުރަން ކުއްޔަށް ހިފާ ފަރާތުން އަމިއްލައަށް އެދޭ ޙާލަތުގައި ހިނގާ އިޖުރާއަތެކެވެ.

52އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރަނީ، އެ އިޖުރާއަތުން މުއްދަތު އިތުރުކުރުމަށް އެދިފައިނުވާނެކަމަށެވެ. އަދި އެ އިޖުރާއަތު މި މައްސަލައަށް ތަތުބީގުވާނެކަމުގައިވެސް އެފަރާތުން ނުދެކެއެވެ. އެފަރާތުން ބުނަނީ މިއީ އެއްބަސްވުމެއްގެ މުއްދަތު އިތުރުކުރުމުގެ ހާލަތެއް ނޫންކަމަށާއި، މިއީ އައު އެއްބަސްވުމެއް ކަމުގައެވެ. އެހެންނަމަވެސް، 19 ފެބްރުއަރީ 2015 ގެ އެއްބަސްވުމުގެ ބެކްގްރައުންޑްގެ (E) އަށް ޙަވާލާދީ، ދަށު ކޯޓުން ކަނޑައަޅާފައިވަނީ، އެއީ ކުރިން ހަދާފައިވާ އެއްބަސްވުންތަކާ ވަކިން، މުޅިން އަލަށް ހަދާފައިވާ އެއްބަސްވުމެއްކަމުގައި ބަލާނެ ހަމައެއް ނެތްކަމުގައެވެ.

2015 ގެ އެއްބަސްވުމަކީ މުޅިން އައު އެއްބަސްވުމެއްތޯ ދެނެގަތުން

53ދައުލަތުން ބަހުސްކޮށްފައިވަނީ، އެއްބަސްވުމުގެ ސުރުޚީގައި "Amended and Restated" އޮތުމުން އެއީ އަސްލު އެއްބަސްވުން ދެމިއޮތްކަމުގެ ހެއްކެއް ކަމަށާއި، އަދި މީގެއިތުރުންވެސް މި ހާލަތަށް ބަލާއިރު، 25 އަހަރުން 50 އަހަރަށް މުއްދަތު ބަދަލުކުރެވޭނީ ހަމައެކަނި ޤާނޫނުގެ 8 ވަނަ މާއްދާގެ އިޖުރާއަތުން ކަމަށެވެ.

54HN4ނަމަވެސް، އެއްބަސްވުމެއްގެ ޤާނޫނީ ސިފަ ކަނޑައަޅާނީ އޭގެ ސުރުޚީއަކުން ނުވަތަ ދީފައިވާ ލޭބަލަކުން ނޫނެވެ. އެއްބަސްވުމެއް މާނަކުރަންޖެހޭނީ، ކޮންޓްރެކްޓް މާނަކުރުމުގެ ޤާނޫނީ އުޞޫލުތަކުގައިވާ ފަދައިން، އޭގެ ޖައުހަރުންނާއި ނައްޞުންނެވެ. އެއްބަސްވުމެއްގެ ސުރުޚީގައި ކޮންމެ އެއްޗެއް ލިޔެފައި އޮތް ނަމަވެސް، އޭގެ އެތެރޭގައި ހިމެނޭ މާއްދާތަކުން އުފައްދާ ޤާނޫނީ އިލްތިޒާމްތަކުގެ ނަތީޖާ މުޅިން ތަފާތުވެދާނެއެވެ. އެހެންކަމުން، އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެއްބަސްވުމެއްގެ މައްޗަށް ހިނގާނީ އައު އެއްބަސްވުމެއްގެ އަޙްކާމުތައްތޯ ނުވަތަ ކުރީގެ އެއްބަސްވުންތަކަށް ގެނެވުނު އިސްލާހެއްގެ އަޙްކާމުތައްތޯ ދެނެގަންނާނީ އެފަދަ އެއްބަސްވުމެއްގެ މާއްދާތަކުގައި ދެފަރާތުން އެއްބަސްވެފައިވާ ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.

55އެގޮތުން ބަލާއިރު، "އެމެންޑެޑް އެންޑް ރީސްޓޭޓް" އެއްބަސްވުންތަކަކީ ދިގު މުއްދަތުގެ އެއްބަސްވުންތަކާއި، އޮޅުންބޮޅުން ބޮޑު މުޢާމަލާތްތަކުގައި ނުވަތަ އެކި ދުވަސްވަރު އެއްބަސްވުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ހާލަތްތަކުގައި، ކަންކަން ސާފުކޮށް އެއްކޮށްލުމަށްޓަކައި ނުހަނު މުހިންމު އެއްބަސްވުންތަކެކެވެ.

56މި ބާވަތުގެ އެއްބަސްވުންތަކަކީ، ދެގޮތަކަށް ހެދޭ އެއްބަސްވުންތަކެކެވެ. އެއީ، 1. ކުރިން ވެވިފައިވާ އެއްބަސްވުމާއި، އެ އެއްބަސްވުމަށް ފަހުން ގެނެވިފައިވާ ހުރިހާ އިސްލާހުތަކާއި ބަދަލުތައް އެއްކޮށްލެވޭ ފުރިހަމަ އެއްބަސްވުމެއްގެ ގޮތުގައްޔާއި، 2. ކުރިން ވެވިފައިވާ އެއްބަސްވުމާއި، އެ އެއްބަސްވުމަށް ފަހުން ގެނެވިފައިވާ ހުރިހާ އިސްލާހުތަކާއި ބަދަލުތައް އެއްކޮށްލައި، އެ އެންމެހާ ކަންކަން އުވާލުމަށްފަހު، ސަރީހަ ނައްސުން، ދެފަރާތުގެ ދެމެދުގައި ކުރިން ވެފައިވާ އެއްބަސްވުންތައް ނިމުމުކަށް ގެނެސް އައު އެއްބަސްވުމެއް ވުމަށް ނިންމާފައިވާކަމަށް ބަޔާންކުރާ އެއްބަސްވުމެއް ގޮތުގައެވެ.

57މި މަފްހޫމް އާންމުކޮށް ބަޔާންކުރެވިފައި އޮންނަނީ އެއްބަސްވުމުގެ ފެށުމުގައި (ޕްރިއެމްބަލް ނުވަތަ ރިސައިޓަލްގައި) ނުވަތަ ކުރީގެ އެއްބަސްވުން ބާތިލުކުރާކަން ބަޔާންކުރާ ވަކި މާއްދާއެއްގައެވެ.

58HN5ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކަށް ގިނަ އެމްންޑްމެންޓްތަކެއް ގެނެވިފައިވާ ހާލަތުގައި، ނުވަތަ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ދިމާވާ ކަމަކަށް ނުވަތަ ކަންކަމަށް ރިއާޔަތްކޮށް، އެހުރިހާ ކަމެއް ހިމެނޭހެން ވެވޭ އައު އެއްބަސްވުމުގައި، ސަރީހަ ނައްސުން، ދެފަރާތުގެ ދެމެދުގައި ކުރިން ވެފައިވާ އެއްބަސްވުންތައް ނިމުމުކަށް ގެނެސް އައު އެއްބަސްވުމެއް ވުމަށް ނިންމާފައިވާކަމަށް ބަޔާންކޮށްފައިނުވާނަމަ އާންމު އުސޫލަކުން ބެލެވޭނީ އެއީ ކުރީގެ އެއްބަސްވުންތައް އެއްކޮށްލުމަށް އަދި ދެފަރާތުގެ ދެމެދުގައި އޮތް އޮޅުންބޮޅުންތައް ސާފުކުރުމަށް ވެފައިވާ އެއްބަސްވުމެއްކަމުގައެވެ. އެއީ ކުރީގެ އެއްބަސްވުންތަކާއި ވަކިން އޮތް އައު އެއްބަސްވުމެއްކަމުގައި އެ ހާލަތުގައި ނުބެލެވޭނެއެވެ.

59HN6އެހެންނަމަވެސް، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގައި، ކުރިން އެ މުއާމަލާތަކާއި ގުޅިގެން އެއްބަސްވެފައިވާ ކަންކަމަށް ބަދަލުގެނެސް، އެއްބަސްވުމުގެ ބައިވެރިން ބަދަލުވެ، މުޅިން އައު އެއްބަސްވުމެއްވުމަށް ނިންމައި، ކުރިން ވެވުނު އެއްބަސްވުންތައް ބާތިލުކުރުމަށް ނިންމައި، އެކަން ފަހުން ވެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހާލަތުގައި މިކަމުގެ ގާނޫނީ ނަތީޖާ ތަފާތުވާނެއެވެ. ގާނޫނީ އުސޫލުތަކަށް ބަލާއިރު، މިއީ "Novation" (އާ ކޮންޓްރެކްޓަކުން އިސްވެދިޔަ ކޮންޓްރެކްޓް ބާތިލުކުރުން) ގެ އުސޫލެވެ. އޭގެ ބޭނުމަކީ، ދެފަރާތުގެ ދެމެދުގައި ކުރިން އޮތް އޮޅުން ބޮޅުމާއި، ޚިލާފުތަކާއި، ދަރަންޏެއް އޮތްނަމަ އެފަދަ ދަރަންޏެއް ނައްތާލައި، ނުވަތަ އައު ގޮތްތަކަކަށް އަމަލުކުރުމަށް ނިންމުމާއި، އަލަށް އަންނަ ބައިވެރިންނާއެކު އިގުރާރަކަށް އައުމެވެ. މި އުސޫލު ތަރައްގީވަމުންއައިސް، މި އުސޫލުގެ ތެރޭގައި "Accord and Satisfaction" އާއި "General Release"ގެ އުސޫލުތައް ހަރުދަނާވެގެންދިޔައެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދެފަރާތެއްގެ ދެމެދުގައި ޚިލާފެއް އުފެދުމަށްފަހު، އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އެހިސާބުން ކުރީގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ހައްޤު ބަންދުކުރުމެވެ. އޭގެ ފަހުން، ބެންކްރަޕްޓްސީއާއި ޖިނާއީ އަދުލުގެ ނިޒާމުގައިވެސް "Fresh Start" ނުވަތަ "Clean Slate" ފަދަ މިކަމާގުޅޭ އުސޫލުތައް ތައާރަފްކުރެވުނެވެ. އޭގެ ބޭނުމަކީ ދަރަނިވެރިވާ މީހުންނަށް ބެންކްރަޕްސީ މާއްދާތަކުގެ ދަށުންނާއި، ކުށްކުރެވޭ މީހުން ކުށުގެ އަދަބު ތަންފީޒުކުރުމަށްފަހު މުޖުތަމަޢަށް އަލުން އަނބުރާ އައުމަށްޓަކައި ކުށުގެ ރެކޯޑު ފޮހެލުމުގެ އުސޫލުތައް (Expungement) ތައާރަފްވެގެން ދިއުމެވެ.

60ޤާނޫނީ އުސޫލުތަކަށް ބަލާއިރު، ނޮވޭޝަންގެ އުސޫލު ހިނގާނެ މައިގަނޑު 2 ހާލަތެއް އޮވެއެވެ. އެއީ؛

1. ކޮންޓްރެކްޓްގެ މާއްދާތައް/ޝަރުތުތައް ބަދަލުވުން.

i. ދެފަރާތުގެ މެދުގައި އޮތް ކުރީގެ އެއްބަސްވުން އެއްކޮށް އުވާލައި، އޭގެ ބަދަލުގައި މުޅިން އާ އުސޫލުތަކަކާއި ޝަރުތުތަކެއް ހިމެނޭ އާ އެއްބަސްވުމެއް އެކުލަވާލުން.

2. ކޮންޓްރެކްޓްގައި ބައިވެރިވާ ފަރާތް ބަދަލުވުން . މިއެވެ.

i. ކޮންޓްރެކްޓްގެ ދަށުން ޒިންމާ ނަގަންޖެހޭ މީހާ ނުވަތަ ފަރާތް ބަދަލުކުރުން. މީގައި ކުރީގެ މީހާ އެއްކޮށް ޒިންމާއިން މިނިވަންވެ، އޭނާގެ ބަދަލުގައި އާ މީހަކު މުޅި ކޮންޓްރެކްޓާ ހަވާލުވެއެވެ.

61އެހެންކަމުން، މި މައްސަލާގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި މިކަން ބަޔާންކުރެވިފައިވާ ގޮތަށް ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ.

62HN7ކުރީގެ އެއްބަސްވުންތައް ބާޠިލްކުރުން- 26 ވަނަ މާއްދާ: އެއްބަސްވުމުގެ 26 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކުރަނީ، މިއީ މި ސަބްޖެކްޓް މެޓަރއާ ގުޅޭގޮތުން ވެފައިވާ މުޅި އެއްބަސްވުން ކަމަށާއި، މީގެ ސަބަބުން މީގެ ކުރިން ދެފަރާތުގެ ދެމެދުގައި އަނގަބަހުން ނުވަތަ ލިޔުމުން ވެފައިވާ އެންމެހާ އެއްބަސްވުންތަކާއި މަޝްވަރާތައް ބާޠިލްވާނެ (Operates to nullify) ކަމަށެވެ. ކުރީގެ އެއްބަސްވުން މުޅިން ބާޠިލްކޮށް ނެތިކޮށްލާ މާއްދާއެއް އޮތްނަމަ، ނެތިކޮށްލާ ނުވަތަ ބާތިލުކޮށްލާ އެއްބަސްވުމެއް އިޞްލާޙް ކުރުމުގެ ޤާނޫނީ ފުރުޞަތެއް ނޯންނާނެއެވެ. އެއްބަސްވުމަކަށް އިޞްލާޙެއް ގެނެވޭނީ، އެ އިޞްލާޙް ރައްދުވާ އަސްލު އެއްބަސްވުން ދެމިއޮވެގެންނެވެ.

63މުއްދަތު ފެށޭ ތާރީޚު ބަދަލުވުން: އެއްބަސްވުމުގެ މުއްދަތު ހިނގަން ފަށަނީ ރީލޮކޭޓް ކުރެވުނު ތާރީޚު ކަމަށްވާ 15 އޮކްޓޫބަރު 2012 އިންކަން އެއްބަސްވުމުގެ 1 ވަނަ މާއްދާއިން އެނގެއެވެ. އެއީ ފުރަތަމަ އެއްބަސްވުމުގެ ތާރީޚް ކަމަށްވާ 22 ޖޫން 2008 އެއް ނޫނެވެ. މުއްދަތު ފެށޭ ތާރީޚް އައު ބިންގާއަކަށް (ރޯލޮކޭޓް ކުރެވުމަށް) ބަދަލުކުރުމުން އެނގެނީ މިއީ އަސްލު އެއްބަސްވުމުގައި އޮތް އަސާސެއް ނޫންކަމެވެ.

64"އަހަރު" މާނަކުރުން: އަހަރު މާނަކޮށްފައިވަނީ "މިއެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން" ހިނގާ 12 މަސްދުވަސް ކަމަށެވެ. މިއީ 2008 ގެ އެއްބަސްވުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ.

65އަލުން އެކުލަވާލުމުގެ ރިސައިޓަލްތައް (D އާއި E): މި ދެ ރިސައިޓަލްގައި ބަޔާންކޮށްފައިވަނީ، އަސްލު ކުލީގެ އެއްބަސްވުން އޭގެ ހުރިހާ މާއްދާތަކާއި އިލްތިޒާމްތަކާއެކު (އޭގެ ހުރިހާ އިތުރު އެއްބަސްވުންތަކަކާއެކު) "އެއްކޮށް އަލުން އެކުލަވާލުމަށެވެ" (Restate in its entirety). މިކަމުން މާނަކުރެވެނީ، މިހާރު ހުރިހާ ޙައްޤެއް އުފަންވަނީ ހަމައެކަނި މިއެއްބަސްވުމުން ކަމަށެވެ.

66"ޢަމަލުކުރެވޭ އެއްބަސްވުން" ކަނޑައެޅުން: މިއެއްބަސްވުމުގައި "Lease Agreement" ކަމަށް ބުނެފައިވަނީ "މި އިޞްލާޙްކޮށް އަލުން އެކުލަވާލެވުނު އެއްބަސްވުމަށެވެ." އަދި 2008 ގެ އެއްބަސްވުން މާނަކޮށްފައިވަނީ ވަކިން " Initial Lease Agreement" ގެ ނަމުގައެވެ. މީގެ އިތުރުން، ބަދަލުކުރުމުގެ އިތުރު އެއްބަސްވުން (Relocation Addendum) ޝެޑިއުލެއްގެ ގޮތުގައި އެޓޭޗްކޮށްފައި އޮތުމުން އެނގެނީ އެއީ އައު ކޮންޓްރެކްޓްގެ އެނެކްސްއެއްގެ ގޮތުގައި ހަދާފައިވާ ކަމަށެވެ. ރިސައިޓަލް (F) ގައި ބުނާ ގޮތުން "މި ފަޅު ކުއްޔަށް ދީފައިވާ ޝަރުތުތައް ކަނޑައެޅުމަށްޓަކައި ޤާނޫނު ލާޒިމްކުރަނީ މިއެއްބަސްވުމުގައި ސޮއިކުރުމަށެވެ." ވުމާއެކު މިއީ އަމިއްލަ ބާރުގައި އޮތް ނުވަތަ އަމިއްލައަށް ކޮންސްޓިޓިއުޓިވް (Constitutive) ނުވަތަ އަސާސީ ލިޔުމެކެވެ.

67އިލްތިޒާމްތައް އައު އެއްބަސްވުމަށް ބަދަލުކުރުން: އެއްބަސްވުމުގެ 6 ވަނަ މާއްދާއާއި 9(ii) ވަނަ މާއްދާގައި ރިސޯޓު ތަރައްޤީކުރުމުގެ މުއްދަތު (Construction Period) ކަމަށްވާ 48 މަސްދުވަސް ގުނަން ފަށަނީ "މިއެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން" ކަމަށް ބަޔާންކުރެއެވެ. އަދި 3 ވަނަ މާއްދާގެ ދަށުން އަސްލު އެއްބަސްވުމަށް ދެއްކި ފައިސާ ވަނީ "މިއެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން" ދެއްކި ފައިސާއަށް ބަދަލުކޮށްފައެވެ. މިއީ ކުރީގެ މާލީ މުޢާމަލާތްތައް އައު ކޮންޓްރެކްޓްގެ ތެރެއަށް ވެއްދުމަށް ކޮށްފައިވާ ކަމެއްކަމުގައި ދެކެމެވެ.

68ރައްކާތެރިކަމުގެ މާއްދާއެއް (Savings Clause) ނެތުން: އާންމުކޮށް ހަދާ އިޞްލާޙްތަކުގައި ކުރީގެ އެއްބަސްވުން ދެމެހެއްޓުމަށް ބޭނުންކުރާފަދަ ސްޓޭންޑަރޑް ޢިބާރާތެއް ނުވަތަ "މިއެއްބަސްވުމުން އިޞްލާޙްކުރެވޭ ބައި ފިޔަވައި، 22 ޖޫން 2008 ގެ އެއްބަސްވުން ދެމިއޮންނާނެ" ކަމަށް ބުނާ މާއްދާއެއް މިއެއްބަސްވުމުގައި ނެތެވެ. އޭގެ ބަދަލުގައި، އެއްބަސްވުމުގެ 26 ވަނަ މާއްދާގައި ބަޔާންކުރަނީ، ކުރީގެ އެއްބަސްވުންތައް ބާތިލުވީކަމުގައެވެ.

69މީގެ އިތުރުން، މައްސަލައިގެ ފަސްފަހަތަށް ނުވަތަ ޓައިމްލައިންއަށް ބަލާއިރު، މި މުއާމަލާތް ފެށިފައިވަނީ ދައުލަތާއި އަޙްމަދު ޝަފީޤުއާ ދެމެދުގައި ވެވުނު އެއްބަސްވުމަކުންނެވެ. އޭގެ ފަހުން އެ އެއްބަސްވުމަށް ގެނެވުނު 3 އިސްލާހަށްފަހު، އެ އެއްބަސްވުމުގެ ދަށުން ލިބިގެންވާ ހައްގުތައް އިސްތިއުނާފު ކުރާ ފަރާތަށް ބަދަލުކުރެވި، އަދި އޭގެ ފަހުން އެއްބަސްވުމުގެ ދަށުން ކުއްޔަށްދެވުނު ތަން އެހެން ތަނަކަށް (އެހެން ފަޅަކައް) ބަދަލު ކުރެވިފައިވެއެވެ. އެހެންކަމުން، މި މައްސަލައިގެ ހުސޫމާތު ބިނާވާ އެއްބަސްވުމަކީ، އޭގެ ކުރިން ގެނެވުނު އިސްލާހުތަކާއި، އެއްބަސްވުމުގެ ބައިވެރިންނަށް ބަދަލުތަކެއް ގެނެވި، އައު ކަންކަމާއިއެކު، ދައުލަތާއި، އިސްތިއުނާފު ކުރާ ފަރާތާދެމެދު ވެފައިވާ އައު އެއްބަސްވުމެއްކަން ފާހަގަކުރެވެއެވެ.

70ވުމާއެކު، ދަށު ކޯޓުން އެއްބަސްވުމުގެ ޖައުހަރީކަންކަން ވަޒަންނުކޮށް، އެއީ "އައު އެއްބަސްވުމެއް ނޫން" ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ ގޮތުން ރަނގަޅަކަށް ނޫނެވެ. އެއްބަސްވުމުގައިވާ ބަޔާންވެދި ޖައުހަރީ ކަންކަމަށް ބަލާއިރު، 19 ފެބްރުއަރީ 2015 ގެ އެއްބަސްވުމަކީ ޤާނޫނީގޮތުން މުޅިން އައު އެއްބަސްވުމެކެވެ.

71އެހެންކަމުން، މި މައްސަލާގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ، ކުރިން ބަޔާންކުރެވުނު ފަދައިން ކުރީގެ އެއްބަސްވުންތަކާއި އިސްލާހުތައް އުވާލައި، އެކަން އެއްބަސްވުމުގައި ބަޔާންކޮށް، ދައުލަތުގެ އިސްނެގުމާއެކު މަޝްރޫޢަށް އައި ބަދަލުތަކަށް ރިޢާޔަތްކޮށް ހެދި މުޅިން އައު އެއްބަސްވުމެކެވެ. އެއީ އެތަން ކުއްޔަށްނެގި ފަރާތުން މުއްދަތު އިތުރުކުރަން އެދި ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް، މުއްދަތު އިތުރުކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއްކަމުގައި ބެލެވެން ނެތެވެ. މިއީ އިސްތިއުނާފު ކުރާ ފަރާތުން އެދިގެން މުއްދަތު އިތުރުކުރި އިތުރުކުރުމެއް ނޫންކަމަށް ދަށު ކޯޓުގައިވެސް، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ދަށު ކޯޓުގެ ފަނޑިޔާރުވެސް އެފަދައިން ކަނޑައަޅާފައިވެއެވެ.

72ވުމާއެކު، މި ހާލަތަށް ތަތުބީޤުވާނީ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އެވެ. އެހެންކަމުން، އެއްބަސްވުމުގައި ލިޔެފައިވާ 50 އަހަރަކީ 9 ވަނަ މާއްދާގެ (ހ) ގެ އިމުގެ ތެރޭގައިވާ ޞައްޙަ މުއްދަތެކެވެ. މިއީ މުއްދަތު އިތުރުކުރުމުގެ މުޢާމަލާތަކަށް ނުވާތީ، އަދި އެއިޖުރާއަތުން، އިސްތިއުނާފު ކުރާ ފަރާތުން އެދިގެން ހިނގާފައިވާ މުއާމަލާތަކަށް ނުވާތީ، މުއްދަތު އިތުރުކުރުމުގެ ފީ (އަހަރަކަށް 100,000 ޑޮލަރު) ގެ އިޖުރާއަތު މި މުއާމަލާތަށް ހިނގާނެކަމުގައި ނުދެކެމެވެ.

73އެހެންކަމުން، މަތީގައި ބަޔާންވެދިޔަ އެންމެހާ ކަންކަމަށަ ރިއާޔަތްކުރާއިރު، ދެފަރާތުގެ ދެމެދުގައި 19 ފެބްރުއަރީ 2015 ގައި ވެފައިވާ އެއްބަސްވުމަކީ ޤާނޫނީގޮތުން ސައްޙަ، މުޅިން އައު އެއްބަސްވުމެއްކަމުން، މި މުއާމަލާތާއި ގުޅިގެން ނުވަތަ އެއްބަސްވުމާގުޅިގެން އެއްވެސް ނޯޓިސްއެއް ދޭނަމަ އެ ނޯޓިސް ދޭންވާނީ، 19 ފެބްރުއަރީ 2015 ގެ ދަށުން ކަމުގައި ދެކެމެވެ. އަދި 19 ފެބްރުއަރީ 2015 ގެ އެއްބަސްވުމުގައި، ކުރީގެ އެއްބަސްވުންތައް ބާތިލުކޮށްފައިވަނިކޮށް، މި މުއާމަލާތާގުޅިގެން އެންމެ ފުރަތަމަ ވެވުނު އެއްބަސްވުން (22 ޖޫން 2008ގެ އެއްބަސްވުން) ގެ ދަށުން ދީފައިވާ ނޯޓިސްއަކީ ގާނޫނީ ގޮތުން ސައްހަ ނޯޓިސްއެއް ކަމުގައި ނުދެކެމެވެ.

ތިންވަނަ ފަރާތަކަށް ޙައްޤުތަކެއް އުފެދުން

74HN8މި މައްސަލައަށް ތަދައްޚުލުވި ފަރާތުން ހުށަހަޅާފައިވަނީ، މިވަގުތު އެ ފަޅަކީ އެފަރާތަށް ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން ކުއްޔަށްދީފައިވާ ތަނަކަށްވާތީ އެފަރާތުގެ މަސްލަހަތު އޮތްކަމަށާއި، އެހެންކަމުން ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށެވެ. ނަމަވެސް، ދައުލަތުން 19 ޖޫން 2017 ގައި އިސްތިއުނާފުކުރާ ފަރާތަށް ފޮނުވި ޓަރމިނޭޝަން ނޯޓިހަކީ 2015 ގެ އެއްބަސްވުމުގެ 21 ވަނަ މާއްދާގައިވާ 60 ދުވަހުގެ ނޯޓިސް މުއްދަތާ ޚިލާފަށް، އަދި އުވާލާފައިވާ 2008 ގެ އެއްބަސްވުމަށް ޙަވާލާދީ ފޮނުވާފައިވާ ބާޠިލް ނޯޓިހެކެވެ. ޤާނޫނީގޮތުން ޞައްޙަ އެއްބަސްވުން ވުޖޫދުގައި އޮއްވައި، އެއާ ޚިލާފަށް އެ ބިން އެހެން ފަރާތަކަށް ދޫކުރުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫނެވެ. ދައުލަތުގެ ބާޠިލް ޢަމަލެއްގެ މައްޗަށް ބިނާކޮށް، ތިންވަނަ ފަރާތަކާ އެކު ހަދާ އެއްބަސްވުމަކުން، އަސްލު ޙައްޤުވެރިޔާގެ ޤާނޫނީ ޙައްޤުތަކެއް (Prior Contractual Rights) ނިގުޅައެއް ނުގަނެވޭނެއެވެ.

ދައުލަތަށް ލިބޭނެ މާލީ ގެއްލުން ކުޑަކުރުމާއި ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރުން

75މި މައްސަލާގައި ދައުލަތުން ޢަމަލުކޮށްފައިވާ ގޮތުން، އިސްތިއުނާފުކުރާ ފަރާތަށް އެ ފަޅު އަނބުރާ ނުދީފިނަމަ، އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަންޖެހޭ މާލީ ބަދަލު އިންތިހާއަށް ބޮޑުވެގެންގޮސްދާނެ ކަމުގައި ބެލެވެއެވެ.

ޕްރޮޖެކްޓް ހުއްޓުމުގެ ސަބަބުން ލިބުނު ގެއްލުމާއި، އިންވެސްޓްމަންޓްތަކާއި، އަދި ކުރިއަށް އޮތް ތަނުގައި ލިބެންއޮތް ފައިދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭންޖެހިއްޖެނަމަ، އެއީ ދައުލަތަށް ވަރަށް ބޮޑު މާލީ ބުރައަކަށް ވެގެންދާނެއެވެ.

76ދައުލަތަށް އެންމެ ގެއްލުން ކުޑަ ޙައްލު: ކޮންޓްރެކްޓާބެހޭ ޤާނޫނީ އުޞޫލުތަކާއި ބޭލެންސް އޮފް ކޮންވީނިއަންސްއަށް ބަލާއިރު، ދައުލަތަށް މާލީގޮތުންނާއި އިޤްތިޞާދީގޮތުން އެންމެ ގެއްލުން ކުޑަ ޙައްލަކީ، އިސްތިއުނާފުކުރާ ފަރާތަށް އެ ފަޅު އަނބުރާ ދިނުމެވެ. އެތަން އަނބުރާ ދިނުމުން، އެފަރާތަށް ލިބޭ ގެއްލުން ކުޑަކުރެވި، ދައުލަތުން ފައިސާއިން ދައްކަންޖެހޭ ގެއްލުމުގެ ބަދަލުގެ މިންވަރު ނިސްބަތުން ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ.

77ޢާންމު މަޞްލަޙަތު ދެމެހެއްޓުން: ދައުލަތުގެ ޚަޒާނާއިން ބޮޑު އަދަދެއް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހުމަކީ ރައްޔިތުންގެ ޓެކްސް ފައިސާއަށް ނޭދެވޭ އަސަރުކޮށް، ޢާންމު މަޞްލަޙަތަށް ގެއްލުންވާނެ ކަމެކެވެ. ވުމާއެކު، ޤާނޫނާ ޚިލާފަށް އުވާލާފައިވާ އެއްބަސްވުން އިޢާދަކޮށް، ފަޅު އަނބުރާ ޙަވާލުކުރުމަކީ ދައުލަތުގެ މާލީ މަޞްލަޙަތާއި ޢާންމު މަޞްލަޙަތުވެސް އެންމެ ފުރިހަމައަށް ހިމާޔަތްކުރެވޭނެ މަގެވެ.

78ތަދައްޚުލުވި ފަރާތުގެ މާލީ ގެއްލުމާ ބެހޭ: އިސްތިއުނާފުކުރާ ފަރާތަކީ އެ ފަޅު ހިއްކުމަށްވެސް ޚަރަދުތަކެއް ކޮށްފައިވާ ފަރާތަކަށް ވެފައި، މި މައްސަލާގައި ތަދައްޚުލުވި ފަރާތުން އެފަރާތުން ކޮށްފައިވާ ޚަރަދެއް ނުވަތަ ލިބޭނެކަމަށް އަންދާޒާކުރެވޭ މާލީ ގެއްލުމެއްގެ ވާހަކަ މި މައްސަލައިގެ ތެރޭގައި ބަޔާންކޮށްފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތަށް، އެފަރާތުން ކޮށްފައިވާ ޚަރަދުތަކަށް ބަލައި ދޭންޖެހޭ މާލީ ބަދަލާ އަޅާބަލާއިރު ތަދައްޚުލުވި ފަރާތަށް ދޭންޖެހޭނެ ބަދަލު މާ ކުޑަވާނެކަމަށް ބެލެވެއެވެ. ވީމާ، ދައުލަތުގެ ޖުމްލަ މާލީ ޒިންމާ ކުޑަކުރުމުގެ ގޮތުންވެސް އެންމެ ރަނގަޅު ގޮތަކީ މިހާލަތުގައި ފަޅު އޭގެ އަސްލު ޙައްޤުވެރިޔާއަށް އަނބުރާ ދިނުމެވެ.

ނިންމަން ފެންނަގޮތް

79ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، 1. ދަށު ކޯޓުން 19 ފެބްރުއަރީ 2015 ގެ އެއްބަސްވުމަކީ އައު އެއްބަސްވުމެއް ނޫންކަމަށް ކަނޑައަޅައި، ޤާނޫނުގެ 8 ވަނަ މާއްދާގެ އިޖުރާއަތް ފުރިހަމަކޮށްފައިނެތުމަށް ރިއާޔަތްކޮށް، މުޅި އެއްބަސްވުން އުފެދުނީއްސުރެ ބާޠިލްކަމަށް ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައަޅައި އެ ޙުކުމް ބާޠިލުކޮށް،

2. ދައުލަތުން 2017 ގައި ފޮނުވި ޓަރމިނޭޝަން ނޯޓިހަކީ އެއްބަސްވުމާ ޚިލާފަށް ފޮނުވާފައިވާ ބާޠިލް ނޯޓިހެއްކަމުގައި ކަނޑައަޅައި،

3. ތަދައްޚުލުވި ފަރާތުން ހުށަހެޅި ކަންކަމަށް ބަލާއިރު، ދައުލަތުގެ ބާޠިލް ޢަމަލެއްގެ މައްޗަށް ބިނާކޮށް ތިންވަނަ ފަރާތަކަށް އަސްލު ޙައްޤުވެރިޔާގެ ޙައްޤުތައް ނިގުޅައިގަނެވޭ ފަދަ ޤާނޫނީ ޙައްޤެއް ނުއުފެދޭނެތީ، ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށް އެފަރާތުން އެދޭ އެދުމަށް ތާއީދުކުރެވެން ނެތްކަމަށް ކަނޑައަޅައި،

4. ދައުވާގައި އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފަދައިން، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ ސައްޙަ އަދި ދެމިއޮތް އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި އެގޮތުގެ މަތީން މި މައްސަލަ ނިންމުމަށް ފެނެއެވެ.

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރަޢުޔު

80ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއީދުކުރުމާއެކު، އަންނަނިވި ކަންކަން އަހުރެން ފާހަގަކުރަމެވެ.

އެއްބަސްވުމުގެ އޮތެންޓިސިޓީ (Authenticity) އާއި ލީގަލް ވެލިޑިޓީ (Legal Validity)

81ދެފަރާތުގެ ދެމެދު 19 ފެބުރުވަރީ 2015 ގައި ވެފައިވާ އެއްބަސްވުމުގެ authenticity އާ މެދު ސުވާލެއް ނެތެވެ. ދަށު ކޯޓުންވެސް އެކަން ވަނީ ކަށަވަރުކޮށްފައެވެ. އެހެންކަމުން، އެ އެއްބަސްވުމަކީ ދެފަރާތުގެ ދެމެދުގައި ޤާއިމުކޮށްފައިވާ އެއްބަސްވުމެއްކަމާމެދު ބަޙުޘެއް ނެތެވެ.

82ދެން އޮތް ސުވާލަކީ، އެ އެއްބަސްވުމުގެ legal validity އާ މެދު އުފައްދާ ސުވާލެވެ. އެ އެއްބަސްވުމަކީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ވުޖޫދުވި އެއްބަސްވުމެއްކަން އެނގޭކަށް ނެތެވެ. އެ އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއްކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާ ހަމައެކަނި ސަބަބަކީ، އެ އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގެ 8 ވަނަ މާއްދާއާ ޚިލާފަށް މުއްދަތު އިތުރުކޮށްފައިވާކަމަށް ބަލައި އެ ސަބަބުގެ މައްޗަށެވެ.

83ދަށު ކޯޓުން ފާހަގަކުރާ ގޮތުގައި ދެފަރާތުގެ ދެމެދު 19 ފެބުރުވަރީ 2015 ގައި ވެފައިވާ އެއްބަސްވުމަކީ އައު އެއްބަސްވުމެއް ނޫނެވެ. އެހެންކަމުން ބަޙުޘްގެ ބޭނުމަށް އެއީ އިޞްލާޙެއްކަމަށް ބަލާ ޙާލަތުގައިވެސް، އޭގައިވާ ޤާނޫނާ ޚިލާފުވާ މިންވަރު ފިޔަވައި، އެހެން މާއްދާތަކާއި ޝަރުޠުތައް ދެމި ނޯންނާނެތޯ ނުވަތަ ޤާނޫނާ ޚިލާފަށް ފަހުން އިތުރުކުރި މުއްދަތު ބާޠިލުވިކަމުގައިބެލިޔަސް ކުރިން ލިބިދީފައި އޮތް މުއްދަތު ދެމި ނޯންނާނެތޯ މި އިސްތިއުނާފުގައި ދައުލަތާ ސުވާލުކުރުމުން ދައުލަތުން ބުނެފައިވަނީ، އެއީ އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަމެއް ނޫންކަމަށެވެ. ދައުލަތުން އެހެން ބުނެފައިވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގެ 6.1.2.3 ޕެރެގްރާފުގެ (ރ) ގައި އެކަން ފާހަގަކޮށްފައިވެއެވެ.

ޑޮކްޓްރިން އޮފް ސެވެރެބިލިޓީ (Doctrine of Severability*)

84ކޮންޓްރެކްޓް ލޯގައި Severability ގެ މަބްދައު މާނަކުރަނީ، އެއްބަސްވުމެއްގައި ހިމެނޭ ބައެއް މާއްދާތަކަކީ ނުވަތަ ބައިތަކަކީ ޢައިރުޤާނޫނީ، ބާޠިލު ނުވަތަ ތަންފީޒު ނުކުރެވޭނެ ފަދަ މާއްދާތަކަކަށް ނުވަތަ ބައިތަކަކަށް ވީނަމަވެސް، އެ މާއްދާތައް ނުވަތަ އެ ބައިތައް އުނިކޮށް، އެއްބަސްވުމުގެ ބާކީ އޮތްބައި ތަންފީޒުކުރުމަށެވެ. އެއީ ބާކީ އޮތް ބަޔަކީ އަމިއްލަ ޒާތުގައި ދެމިއޮތް އަދި ދެފަރާތުން އެއްބަސްވި އަސާސީ މަޤްސަދު ޙާޞިލުވާފަދަ ބައެއް ކަމުގައިވާ ނަމައެވެ.

85Severability ގެ މަބްދައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުންވެސް ބަލައިގަނެ، މައްސަލަތަކުގައި ތަޠުބީޤުކުރާ މަބްދައެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް (2016) ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ބ) ގައި ބަޔާންކޮށްފައިވަނީ؛

"ފާޠިމަތު ޙަލީމްއާއި، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާދެމެދު ވެވުނު 31 އޮގަސްޓު 2000 ގެ އެއްބަސްވުމަށް އިޞްލާޙު ގެނެވުނު 09 ޖަނަވަރީ 2005 ގެ އެއްބަސްވުން ވެފައިވަނީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) އަށް ޤާނޫނު ނަންބަރު 4/2008 އިން އިޞްލާޙު ގެނައުމުގެ ކުރިންކަމާއި، އިޞްލާޙު ގެނައުމުގެ ކުރިން އެމާއްދާގެ އެ އަކުރުގައި ކަނޑައަޅައި ބަޔާންވެގެންވަނީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބަޔެއް، ނުވަތަ ބަންޑާރަ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތެއް، ނުވަތަ ޢިމާރާތުގެ ބަޔެއް، ކުއްޔަށްދެނީ ދިރިއުޅުމަށްކަމަށްވާނަމަ، ކުއްޔަށް ދެވޭނީ ގިނަވެގެން 15 އަހަރު ދުވަހުގެ މުއްދަތަށް ކަމުގައިވާއިރު، ޤާނޫނުގައި ލާޒިމްކޮށްފައިވާ ގޮތަކާ ޚިލާފަށް އެއްބަސްވުމުގެ އިޚްތިޔާރު ކޮންޓްރެކްޓެއްގެ ބައިވެރިންނަށް ލިބިގެންނުވާކަމާއި، ޤާނޫނާ ޚިލާފަށް ވެވޭ އެއްބަސްވުމެއްގެ ޤާނޫނާ ޚިލާފުވާ މިންވަރު ބާޠިލުވާނެކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ އިތުރުން އިސްލާމީ ޝަރީޢަތާއި ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ ކޮންޓްރެކްޓާބެހޭ ޢާންމު އުޞޫލުތަކަށް ބެލެމުން އެނގެން..."

އޮންނަކަމަށެވެ.

86ދެފަރާތުގެ ދެމެދު 19 ފެބުރުވަރީ 2015 ގައި ވެފައިވާ އެއްބަސްވުމުގައި އިތުރުކުރި މައްދަތަކީ ބަޙުޘްގެ ބޭނުމަށް، ބާޠިލު މުއްދަތެއްކަމުގައި ބެލިނަމަވެސް، Severability ގެ މަބްދައު ތަޠުބީޤުކުރާއިރު، އެ އެއްބަސްވުމުގައި ކުލި ދައްކާނެ ގޮތް ބަޔާންކުރި މާއްދާއާއި، އެއްބަސްވުން ބާޠިލުކުރެވޭނެ ގޮތް ބަޔާންކުރި މާއްދާއަކީ ޤާނޫނާ ޚިލާފު މާއްދާތަކެއްކަމުގައި ބެލެވޭނެ ހަމައެއް ދައުލަތަށް ދެއްކިފައެއް ނުވެއެވެ.

87ކުލި ނުދައްކައިގެން އެ އެއްބަސްވުން ބާޠިލުކުރެވޭނެ ގޮތް އެ އެއްބަސްވުމުގެ 21 ވަނަ މާއްދާގައި ބަޔާންކުރިއިރު، އެކަން ކުރެވެން އަންނަނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (i) ގައި ބަޔާންކުރާ ގޮތަށް ކުލި ނުދައްކާނަމައެވެ. އެހެންނަމަވެސް، ދައުލަތުން އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (i) ގެ ދަށުން ކުލިދައްކަން ފަށަންޖެހޭ ވަގުތު އައުމުގެ ކުރިންނެވެ.

88ދެފަރާތުގެ ދެމެދު 19 ފެބުރުވަރީ 2015 ގައި ވެފައިވާ އެއްބަސްވުމުގެ ކުރިން 22 ޖޫން 2008 ގައި ވެފައިވާ އެއްބަސްވުމާއި އެ އެއްބަސްވުމަށް ގެނެވުނު އިޞްލާޙުތަކުގެ ދަށުން ދައްކަންޖެހޭ ކުލި ނުދައްކާކަމަށްބުނެ 19 ފެބުރުވަރީ 2015 ގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (i) ގެ ދަށުން ކުލިދައްކަން ފަށަންޖެހޭ ވަގުތު ނުޖެހެނީސް މިނިސްޓްރީ އޮފް ޓޫރިޒަމް ނަންބަރު 88-LS/INDIV/2017/137 (19 ޖޫން 2017) ޓަރމިނޭޝަން ނޯޓިސްއަކީ ޤާނޫނީގޮތުން ދިރުމެއް ނެތް "އުފެދުމުގައިވެސް މަރުވެފައިވާ" (born dead) ނޯޓިސްއެކެވެ. އަހުރެންގެ ނަޒަރުގައި އެއީ ޤާނޫނީ ނަތީޖާއެއް ނެރެނުދެވޭނޭ، ހުސް ކަރުދާސްކޮޅެކެވެ.

ނޮވޭޝަން (Novation)

89ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔުގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން "ނޮވޭޝަން" (Novation) އަކީ މައިގަނޑު ދެ ގޮތަކަށް ހިނގާ ކަމެކެވެ.

(ހ) ފުރަތަމަ ގޮތަކީ "ސަބްޖެކްޓިވް ނޮވޭޝަން" (Subjective novation) އެވެ. މިއީ އެއްބަސްވުމުގެ ބައިވެރިން ބަދަލުވުމެވެ. "ނޮވޭޝަން" މާނަކުރާއިރު ގިނައިން އިޝާރާތްކުރެވެނީ މި ގޮތަށެވެ.

(ށ) ދެވަނަ ގޮތަކީ "އޮބްޖެކްޓިވް ނޮވޭޝަން" (Objective novation) އެވެ. މިއީ، އެއްބަސްވުމުގެ ބައިވެރިން ބަދަލުނުވި ނަމަވެސް، ކުރިން އޮތް އެއްބަސްވުން އުވާލައި، އޭގެ ބަދަލުގައި އައު އެއްބަސްވުމަކަށް އައުމެވެ. މި ޙާލަތުގައި އައު ބަޔަކު އެއްބަސްވުމުގެ ތެރެއަށް ނުވަން ނަމަވެސް، ކުރީގެ އެއްބަސްވުން ބާޠިލުވެ، ޢަމަލުކުރަން ޖެހޭނީ އައު އެއްބަސްވުމަށެވެ.

90"އޮބްޖެކްޓިވް ނޮވޭޝަން" އަކީ، ކުރީގެ އެއްބަސްވުމުގައިވާ މައިގަނޑު އުޞޫލުތަކާއި، ޝަރުޠުތަކާއި، އިލްތިޒާމުތަކަށް ބަދަލުގެނެސް، ކުރީގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެފަރާތުން ޤަޞްދުކުރުމުން ހިނގާ ކަމެކެވެ. ކުރިއަރާފައިވާ ޖުރިސްޑިކްޝަންސްތަކަށް ބަލާއިރު، އިނގިރޭސިވިލާތާއި އިންޑިޔާފަދަ ޤައުމުތަކުގައި ބަލަނީ އެގޮތަށެވެ. މިސާލަކަށް އިންޑިއާގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނު 1872 ގެ 62 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބުނަނީ، އެއްބަސްވުމެއްގެ ބައިވެރިން، އެ އެއްބަސްވުމުގެ ބަދަލުގައި އާ އެއްބަސްވުމެއް ޤާއިމުކުރުމަށް، ނުވަތަ ކުރީގެ އެއްބަސްވުން ބާޠިލުކުރުމަށް ނުވަތަ (އިސްލާހަކަށް ނުވާގޮތަށް) އެއަށް ބަދަލެއް ގެނައުމަށް އެއްބަސްވެއްޖެނަމަ، އަޞްލު އެއްބަސްވުމަށް ޢަމަލުކުރުން ލާޒިމު ނޫންކަމަށެވެ. އިންޑިއާގެ ކޯޓުތަކުންވެސް ކަނޑައަޅާފައިވާ ގޮތުގައި، އެއް ފަރާތްތަކެއްގެ މެދުގައި ކުރީގެ އެއްބަސްވުން އުވާލައި، އައު އެއްބަސްވުމެއް އެކުލަވާލުމަކީ "ނޮވޭޝަން" އެކެވެ. އެގޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތުގައި، "ނޮވޭޝަން"ގެ އިޖުރާއަތުގެ އެންމެ މުހިންމު އެއް ޝަރުތަކީ، ކުރީގެ އެއްބަސްވުމުގެ ބަދަލުގައި އައު އެއްބަސްވުމެއް ފުރިހަމައަށް ޤާއިމުވުމެވެ. އަޞްލު އެއްބަސްވުމަށް ޢަމަލުކުރަން ނުޖެހޭނީ މިފަދަ ޙާލަތްތަކުގައެވެ. ކުރީގެ އެއްބަސްވުން ބާޠިލުވާ ފަދަ ނުވަތަ އޭގެ މާއްދާތަކަށް މުޅިން ބަދަލު އަންނަ ފަދަ އައު އެއްބަސްވުމެއް ވުޖޫދަށް އަންނަންވާނީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ވެވޭ ނިންމުމެއްގެ މައްޗަށެވެ.

91އެހެންކަމުން އެއްބަސްވުމަކަށް ގެނެވުނު ބަދަލަކީ އިސްލާޙެއް (amendment) ތޯ، ނުވަތަ ވެފައިވާ އައު އެއްބަސްވުމެއްތޯ ދެނެގަތުމުގައި ކޯޓުތަކުން ބަލާ ކަންތައްތަކުގެ ތެރެއިން، ކުރީގެ އެއްބަސްވުން ބާޠިލްކުރުމުގެ ސާފު ނިޔަތް އޮތްނަމަ، އެއީ ނޮވޭޝަނެއްކަން ދެނެގަތުމުގައި އެންމެ މުހިއްމު އަސާސެވެ. އެގޮތުން ނިޔަތް ދެނެގަތުމުގައި، ކުރީގެ އެއްބަސްވުން ބާޠިލުވެ، އޭގެ ބަދަލުގައި ހިނގާނީ ފަހުން ހަދާ އެއްބަސްވުންކަމަށް 15 62. Effect of novation, rescission and alteration of contract.- If the parties to a contract agree to substitute a new contract for it, or to rescind or alter it, the original contract need not be performed.

ސީދާ ޞަރީޙަ ބަހުން ފަހުން ހަދާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަ، އެއްވެސް އޮޅުމެއް ނެތި، ނިޔަތް ސާފުވީއެވެ.

92މި އިސްތިއުނާފުގައި މި އޮތް މައްސަލައަށް ބަލާއިރުވެސް، ދެ ފަރާތުގެ ދެމެދު 19 ފެބުރުވަރީ 2015 ގައި ވެފައިވާ އެއްބަސްވުމުގެ 26 ވަނަ މާއްދާގައި، އެއީ އެ މައުޟޫޢާ ގުޅޭގޮތުން ވެފައިވާ މުޅި އެއްބަސްވުންކަމަށާއި، އޭގެ ސަބަބުން ކުރިން ދެފަރާތުގެ ދެމެދު އަނގަބަހުންނާއި ލިޔުމުން ވެފައިވާ އެންމެހާ އެއްބަސްވުންތަކާއި މަޝްވަރާތައް ބާޠިލުވާނެކަމަށް ޞަރީޙަ ޢިބަރާތުން ބަޔާންކޮށްފައިވާތީ، 2015 ގެ އެއްބަސްވުމުގެ މައްޗަށް ހިނގާނީ އައު އެއްބަސްވުމެއްގެ އަޙްކާމްތައްކަމުގައި އަހުރެންނަށްވެސް ބުރަވެވެއެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

93މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފާށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް،

1. ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާގައި އެ ކޯޓުން 19 ފެބްރުއަރީ 2015 ގެ އެއްބަސްވުމަކީ އައު އެއްބަސްވުމެއް ނޫންކަމަށް ކަނޑައަޅައި، ޤާނޫނުގެ 8 ވަނަ މާއްދާގެ އިޖުރާއަތް ފުރިހަމަކޮށްފައިނެތުމަށް ރިއާޔަތްކޮށް، މުޅި އެއްބަސްވުން އުފެދުނީއްސުރެ ބާޠިލްކަމަށް ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައަޅައި އެ ޙުކުމް ބާޠިކޮށް،

2. ދައުލަތުން 2017 ގައި ފޮނުވި ޓަރމިނޭޝަން ނޯޓިހަކީ އެއްބަސްވުމާ ޚިލާފަށް ފޮނުވާފައިވާ ބާޠިލް ނޯޓިހެއްކަމުގައި ކަނޑައަޅައި،

3. ތަދައްޚުލުވި ފަރާތުން ހުށަހެޅި ކަންކަމަށް ބަލާއިރު، ދައުލަތުގެ ބާޠިލް ޢަމަލެއްގެ މައްޗަށް ބިނާކޮށް ތިންވަނަ ފަރާތަކަށް އަސްލު ޙައްޤުވެރިޔާގެ ޙައްޤުތައް ނިގުޅައިގަނެވޭ ފަދަ ޤާނޫނީ ޙައްޤެއް ނުއުފެދޭނެތީ، ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށް އެފަރާތުން އެދޭ އެދުމަށް ތާއީދުކުރެވެން ނެތްކަމަށް ކަނޑައަޅައި،

4. ދައުވާގައި އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފަދައިން، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ ސައްޙަ އަދި ދެމިއޮތް އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އިސްތިއުނާފު ރައްދުވާ މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް)އަށް އަންގައި އެގޮތުގެ މަތީން މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އައްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ

ފަނޑިޔާރު ޙަސަން ޝަފީޢު

(ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ފުޓްނޯޓު

  1. އައި.ޑީ.
  2. ރަޖިސްޓްރޭޝަން ނަންބަރު C-0887/2018
  3. އިސްތިއުނާފު ފޯމުގެ 08 ވަނަ ނަންބަރު
  4. [2021] SC 18
  5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/65 ޤަޟިއްޔާ
  6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/310 ޤަޟިއްޔާ
  7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ޤަޟިއްޔާ
  8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ހ) އަދި (ށ)
  9. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/02,03 ޤަޟިއްޔާގެ 16 ވަނަ ސަފުހާ
  10. ޤާނޫނު ނަންބަރު 2/99
  11. ޤާނޫނު ނަންބަރު 20/2010
  12. ޤަޟިއްޔާ ނަންބަރު 2016/SC-A/22 ޤަޟިއްޔާ * ނޯޓް: ލިޔުމުގެ ކުށެއް އިސްލާހުކުރެވިފައި
  13. ދަށުރޮނގު އިތުރުކުރެވިފައި
  14. ބުރެކެޓު އިތުރުކުރެވިފައި
  15. Effect of novation, rescission and alteration of contract.- If the parties to a contract agree to substitute a new contract for it, or to rescind or alter it, the original contract need not be performed.
  16. Lata Construction & Ors. v. Dr. Rameshchandra Ramniklal Shah & Anr. (2000) 1 SCC 586
  17. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
  18. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
  19. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)
  • ޤާނޫނު ނަންބަރު 20/2010 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 20/2010 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
  • Indian Contract Act 1872, s. 62
  • 2016/SC-A/22
  • Lata Construction & Ors. v. Dr. Rameshchandra Ramniklal Shah & Anr. (2000) 1 SCC 586

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ