ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2009/SC-L/23

އެޓާރނީ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުސުޕްރީމް ކޯޓުން ބެލޭގޮތަށް ހުށަހެޅިފައިވާ މައްސަލައެއް ނޫން…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 މާރިޗު 2010ބާވަތް: ދުސްތޫރީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މިއީ ދަށު ކޯޓަކުން އިސްތިއުނާފުކޮށްގެން އައި މައްސަލައެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގެ (ށ) އިން ސުޕްރީމް ކޯޓަށް ލިބިފައިވާ އަޞްލީ އިޚްތިޞާޞްގެ ދަށުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި، ދައުލަތުގެ ބަންޑާރަނައިބު 14 ސެޕްޓެމްބަރ 2009 ގައި ދުސްތޫރީ މައްސަލައެއް ހުށަހެޅުމުގެ ހުއްދައަށް އެދުނެވެ.
ވާޤިޢާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކޮމިޝަނަށް ޢައްޔަންކުރުމަށް ފަސް މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ 13 ޖޫން 2009 ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ. 25 ޖޫން 2009 ގައި އެ ނަންތަކުގެ ތެރެއިން ޙަސަން ލުޠުފީގެ ނަން އަނބުރާ ގެންނަވައި، އޭނާގެ ބަދަލުގައި އެހެން މީހަކު ހުށަހެޅުއްވިއެވެ. ނަމަވެސް 6 ޖުލައި 2009 ގައި ބޭއްވުނު ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުން ޙަސަން ލުޠުފީގެ ނަން ފާސްކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރައީސުލްޖުމްހޫރިއްޔާ އަނބުރާ ގެންނެވި ނަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، އެ މީހަކު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމެއްތޯ ކަނޑައަޅައިދިނުމަށް އެދި ދައުލަތުގެ ބަންޑާރަނައިބު ހުށަހެޅި މައްސަލައަކީ ސުޕްރީމް ކޯޓުން ބެލޭނެ މައްސަލައެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުގެ ބަންޑާރަނައިބު އެދުނީ، ރައީސުލްޖުމްހޫރިއްޔާ އަނބުރާ ގެންނެވި ނަމެއް މަޖިލީހުން ފާސްކުރުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މީހަކު ޢައްޔަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމެއްތޯ ކަނޑައަޅައިދިނުމަށެވެ. ރައްޔިތުންގެ މަޖިލީހުން މައްސަލައިގެ ތެރެއަށް ތަދައްޚުލުވެ ވާހަކަ ދެއްކިއެވެ. ދެފަރާތުގެ ހުށަހެޅުންތައް ނިންމުމުގައި ތަފްޞީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ބަންޑާރަނައިބަކީ މުޅި ދައުލަތް ތަމްސީލުކުރަންޖެހޭ ފަރާތް ކަމަށާއި، ދައުލަތުގެ ދެ ބާރެއްގެ މެދުގައި އުފެދޭ ދެބަސްވުމެއްގައި ސަރުކާރަށް ޤާނޫނީ ލަފާ ދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަނައިބުގެ މަސްއޫލިއްޔަތު ކަމަށެވެ. ކޯޓުތަކުގެ ނިންމުމަކީ ތަންފީޛީ ބާރު ލިބިގެންވާ ނިންމުމަކަށް ވާއިރު، އެޑްވައިޒަރީ އޮޕީނިއަނަކީ ޢަމަލުކުރުން ލާޒިމްނުވާ ރައުޔެއް ކަމަށާއި، ޤާނޫނުއަސާސީން ލާޒިމުކުރާ ޙާލަތްތައް ފިޔަވައި ސުޕްރީމް ކޯޓުން ޤާނޫނީ ލަފާ ދިނުމަކީ ބާރުތައް ވަކިކުރުމުގެ އުޞޫލާއި ޖުޑީޝަލް އިންޑިޕެންޑެންސާ ޚިލާފު ކަމެއް ކަމަށް ފާހަގަކުރިއެވެ. އަދި ޤާނޫނީ މަސްއޫލިއްޔަތެއް އަދާނުކުރުމުން ޙައްޤަކަށް އުނިކަން އައިކަމަށް ދެކޭ ފަރުދަކަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން އެ ޙައްޤު ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް ފާހަގަކުރިއެވެ. އެހެންކަމުން، މި މައްސަލައަކީ ސުޕްރީމް ކޯޓުން ބެލޭގޮތަށް ހުށަހެޅިފައިވާ މައްސަލައެއް ނޫންކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމިއެވެ.

ނިންމުން

ސުޕްރީމް ކޯޓުން ބެލޭގޮތަށް ހުށަހެޅިފައިވާ މައްސަލައެއް ނޫން…

ސުޕްރީމް ކޯޓުން ބެލޭގޮތަށް ހުށަހެޅިފައިވާ މައްސަލައެއް ނޫން (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި (ޅ) ގައިވާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތަށް ބަލާއިރު، ބަންޑާރަނައިބަކީ ދައުލަތުގެ ތިން ބާރު ހިމެނޭގޮތަށް މުޅި ދައުލަތް ތަމްސީލުކުރަންޖެހޭ ފަރާތެކެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރަކުން ނިންމި ދެ ނިންމުމަކާ ގުޅިގެން އުފެދޭ ޤާނޫނީ ޚިލާފެއްގައި، ހަމައެކަނި އެއް ފަރާތެއްގެ ނިންމުމުގެ ދިފާޢުގައި ބަންޑާރަނައިބު ވަކާލާތުކުރުމުން، މުޅި ދައުލަތް ތަމްސީލު ނުކުރެވެއެވެ. ދައުލަތުގެ ދެ ބާރެއްގެ މެދުގައި އުފެދޭ ކޮންމެ ދެބަސްވުމަކީ 133 ވަނަ މާއްދާގެ (ށ) ގައިވާ ދިވެހި ދައުލަތާ ގުޅުންހުރި ކަމެއް ކަމަށްވާތީ، އެފަދަ ކަމެއްގައި ސަރުކާރަށް ޤާނޫނީ ލަފާ ދިނުމަކީ ސީދާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެކެވެ. އެފަދަ ކަންކަމުގައި ސުޕްރީމް ކޯޓުން ލަފާގެ ގޮތުގައި ޤާނޫނީ ރައުޔު ދިނުމަކީ، ބަންޑާރަނައިބު އުފުއްލަވަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު ސީދާ ބަންޑާރަނައިބު އުފުއްލެވުމާ ތަޢާރުޟުވާ ކަމެކެވެ.

HN2 ކޯޓުތަކަކީ ކޯޓުތަކަށް ހުށަހެޅޭ ޚުޞޫމަތްތެރި ދެބަސްވުންތަކުގައި ފައިސަލާކުރަނިވި ނިންމުން ނިންމަންޖެހޭ ތަންތަނެވެ. ކޯޓުތަކުގެ ނިންމުންތަކަކީ ޤާނޫނީ ގޮތުން އެ ނިންމުމުގެ މައްޗަށް ޢަމަލުކުރުން ލާޒިމްވާ ތަންފީޛީ ބާރު ލިބިގެންވާ ނިންމުންތަކެވެ. އެޑްވައިޒަރީ އޮޕީނިއަންތަކަކީ އޭގެ ޒާތުގައި ޤާނޫނީ ލަފާ ހޯދާ ފަރާތްތަކުގެ މައްޗަށް އެ ލަފައެއްގެ މައްޗަށް ޢަމަލުކުރުން ޤާނޫނީ ގޮތުން ލާޒިމްނުވާ ރައުޔުތަކެވެ. ތިން ބާރު އިންވަކިވެފައިވާ ޑިމޮކްރެޓިކް ސޮސައިޓީތަކުގައި ކޯޓުތަކުން މިފަދަ މައްސަލަތަކުގައި ޤާނޫނީ ލަފާ ދިނުމަކީ، މިނިވަން ޖުޑިޝަރީގެ ތަޞައްވުރާއި ޖުޑީޝަލް އިންޑިޕެންޑެންސީގެ ޕްރިންސިޕަލާއި ޖުޑީޝަލް އިންޓެގްރިޓީއާމެދު ސުވާލު އުފެދިދާނެ ކަމެކެވެ. ޤަޟިއްޔާއެއްގެ ސިފައިގައި އެޑްވައިޒަރީ އޮޕީނިއަން ހޯދުމަކީ މި އުޞޫލަށް އޮތް އިސްތިޘްނާއެއް ނޫނެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ ދަށުން ޤާނޫނީ ލަފާ ދިނުން ސުޕްރީމް ކޯޓަށް ލާޒިމުވާ ޙާލަތްތައް ފިޔަވައި، އެނޫން ގޮތަކަށް އެއްވެސް ފަރާތަކަށް ޤާނޫނީ ލަފާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

HN3 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ސަރުކާރަށް ޤާނޫނީ ލަފަޔާއި މަޝްވަރާ ދޭ މީހާއަކީ ބަންޑާރަނައިބު ކަމަށްވާއިރު، ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުގައި ޖުޑީޝަލް ރިވިއު ކުރުމަށް ހުށަހެޅޭ އުޞޫލާ އެއްގޮތަށް ހުށަހެޅިފައި ނުވާ، ޤާނޫނީ ލަފައަކަށް އެދި ބަންޑާރަނައިބު ހުށަހަޅާ މައްސަލައަކީ ސުޕްރީމް ކޯޓުން ބެލޭގޮތަށް ހުށަހެޅިފައިވާ މައްސަލައެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ސަޢީދު (ރިޔާސަތު)، މުޖުތާޒް ފަހުމީ، ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް، އަޙްމަދު ފާއިޒު ޙުސައިން
ރިޔާސަތު
ޢަބްދުﷲ ސަޢީދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ ދިވެހިރާއްޖެ

ނަންބަރު: 2010/SC-L-J/ 11

ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް

ފޯމު ނަންބަރު: 2009/SC-L/23

ހުއްދައަށް އެދޭ ފަރާތް: އެޓާރނީ ޖެނެރަލްގެ އޮފީސް

ހުއްދައަށް އެދުނު މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

ހުށަހެޅި ތާރީޚް: 14 ސެޕްޓެމްބަރ 2009

ނިމުނު ތާރީޚް: 03 މާރޗް 2010

ނިންމި ގަޑި: 12:10

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު މުޖްތާޒް ފަހުމީ، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން

[1]މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެމަތިން އެކޮމިޝަނަށް މެންބަރުން ޢައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ފަސް ބޭފުޅުންގެ ނަން 13 ޖޫން 2009 ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށްފަހު އެނަންތަކުގެ ތެރޭގައި ހިމެނޭ ސ.ހިތަދޫ / ރަންފަސް ޙަސަން ލުތުފީގެ ނަން އަނބުރާގެންނަވައި އޭނާގެ ބަދަލުގައި އެހެން މީހަކު ޢައްޔަންކުރުމަށް 25 ޖޫން 2009 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް 6 ޖުލައި 2009 ގައި ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ޖަލްސާއިން ޙަސަން ލުޠުފީގެ ނަން ފާސްކުރެއްވި ނަމަވެސް އެނަމަކީ ރައީސުލްޖުމްހޫރިއްޔާ އަނބުރާގެންނަވާފައިވާ ނަމަކަށްވާތީ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދި ޤާނޫނު ނަންބަރު 13/2008 ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙަސަން ލުޠުފީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމެއްޗޯ ނުވަތަ ނޫންތޯ ކަނޑައަޅައި ދިނުންއެދޭކަމަށް ބުނެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގެ (ށ) އިން ސުޕްރީމް ކޯޓަށް ލިބިފައިވާ އަޞްލީ އިޚްތިޞާޞްގެ ދަށުން މިމައްސަލާގައި ގޮތެއްކަނޑައަޅައި ދިނުން އެދި ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅުމުން އިޖްރާއީގޮތުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވިފައިވާ ނުކުތާތައް:

[2]މިމައްސަލާގައި މައްސަލަހުށަހެޅިފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި އަދި މިމައްސަލައާ ގުޅިގެން މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމުގެ ޙައްޤު ބޭނުންކޮށްފައިވާ ފަރާތުގެ ވާހަކަތަކުގެ މައްޗަށާއި، ދުސްތޫރީ މައްސަލަތަކާ ގުޅިގެން ކޯޓުތަކަށް ހުށަހެޅޭ އެޑްވައިޒަރީ އޮޕީނިއަންތަކާ ބެހޭގޮތުން އެކިއެކި ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ ގޮތަށާއި، ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

[3](ހ) ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފުއްލަވަންޖެހޭ މަސްއޫލިއްޔަތަކީ ޤާނޫނުގައިވާގޮތުގެ މަތިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރެއް ނުވަތަ މެންބަރުން ޢައްޔަން ކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު ޢައްޔަން ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ މަދުނޫން ޢަދަދަކަށް މީހުންގެ ނަން ދިވެހި ދައުލަތުގެ ތިންބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުންކަމަށް ވާއިރު، މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ޤާނޫނީ ގޮތުން އޮތް މަސްއޫލިއްޔަތަކީ އެނަންތަކާމެދު ނުވަތަ އެނަން ތެރެއިން ނަމަކާމެދު އެމަޖިލީހުން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހު އެމަޖިލީހުގެ ރުހުންއޮތްކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އެންގެވުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 13/2008 ގެ 4 ވަނަ މާއްދާގެ (ށ) އަށް ބެލުމުން ރަނގަޅަށް އެނގެން އޮންނައިރު، ބުނެވި ދިޔަ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަން ޖެހޭ ނަންތައް ރައީސުލްޖުމްހޫރިއްޔާ އެމަޖިލީހަށް ފޮނުއްވާފައިވާކަމާއި އަދި އެމަޖިލީހުން އެނަންތަކާމެދު ނިންމަން ޖެހޭ ނިންމުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ޖަލްސާއިން ނިންމެވިއިރު، ރައީސުލްޖުމްހޫރިއްޔާ އެމަޖިލީހަށް ފޮނުއްވި ފަސް ނަމުގެ ތެރޭގައި ހިމެނޭ ސ.ހިތަދޫ / ރަންފަސް ޙަސަން ލުޠުފީގެ ނަންވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެމަޖިލީހުގެ ރުހުން އޭނާއަށް ދީފައިވާކަން ދައުލަތުގެ ބަންޑާރަނައިބު ހުށަހެޅުއްވި ލިޔުންތަކުންނާއި ޝަރީޢަތުގައި ދެއްކިފައިވާ ވާހަކަތަކުން އެނގެން އޮންނަ އޮތުމެވެ.

[4](ށ) ދެވަނަކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް މީހަކު ޢައްޔަން ކުރެވޭނީ ބުނެވި ދިޔަ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތަކާމެދު ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް ކަނޑައެޅުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޔަކު އެކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވުމުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާއިން އެނގެން އޮންނާތީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުއްވުމާއި އަދި އެނަންތައް މަޖިލީހުން ފާސްކުރެއްވުމާއި މިއީ ތަފާތު ދެ މަސްއޫލިއްޔަތެއް ހިމެނޭ ދެ މަރްޙަލާއެއްގެ ތެރޭގައި ހިނގާ ދެކަމެއްކަމާއި އަދި އެހިސާބުން އެމުޢާމަލާ ނިމުމަކަށް ނާންނާނެ ކަމާއި އެ މުޢާމަލާ ނިމުމަކަށް އަންނާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މީހެއް ނުވަތަ ބަޔަކު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަން ކުރުމުންކަމަށްވިޔަސް ރައްޔިތުންގެ މަޖިލީހުން މިމައްސަލައިގައި ހިމެނޭ ޙަސަން ލުޠުފީގެ ނަންފާސްކުރިފަހުން ޙަސަން ލުޠުފީ ކޮމިޝަނަށް ޢައްޔަން ކުރުމާމެދު ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ނިންމުމެއް ނިންމަވާފައިވާކަން އެނގެން ނެތުމެވެ.

[5](ނ) ތިންވަނަކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރަކު ޢައްޔަން ކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު ޢައްޔަން ކުރަން ޖެހޭ މެންބަރުންގެ ޢަދަދަށްވުރެ މަދު ނޫން ޢަދަދަކަށް މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ސާފުބަހުން ބުނުމަށްފަހު އެމާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާބަޔަކު އެމަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރަންވާނެކަމަށް ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގައި ސާފު ބަހުން ބުނެފައި އޮތުމުން އެޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މީހަކު ނުވަތަ ބަޔަކު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރުމަކީ ޤާނޫނީގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރެވޭނެ އެނޫން ދެވަނަގޮތެއް ޤާނޫނީގޮތުން ފަހިވެފައިނުވާކަންވެސް ރަގަޅަށް އެނގެން އޮތުމެވެ.

[6](ރ) ހަތަރުވަނަކަމަކީ ވަކި ފަރާތަކަށް ބުރަނުވާ އަދި ޤާނޫނުއަސާސީއާއި ޤާނޫނު ތަކަށް މެނުވީ ކޮމިޝަނެއް މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އޮންނަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާއިން ލާޒިމްކޮށްފައި ވިޔަސް އަދި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތިން އެކޮމިޝަނަށް ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޔަކު އެކޮމިޝަނަށް ޢައްޔަން ކުރުމަށްޓަކައި ކަނޑައެޅޭ ވަކި މުއްދަތެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައި ނުވިނަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެކޮމިޝަނުގެ ރައީސާއެކު މަދުވެގެން ފަސް މެންބަރުން ތިބެންވާނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ހ) ގައި ޞަރީޙަ ބަހުން ބުނެފައިވާކަން ފާހަގަ ކުރެވުމެވެ.

[7](ބ) ފަސްވަނަކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޑްވައިޒަރީ އޮފީނިއަނަކަށް އެދި ދިވެހިރާއްޖޭގެ ބަންޑާރަނައިބު ހުށަހަޅާފައިވާ މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަންތަކުގެ ތެރެއިން ނަމެއް އަނބުރާ ގެނެސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ އެމަޖިލީހަށް އަންގަވާފައިވަނިކޮށް އެނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާގުޅިގެން ޤާނޫނީގޮތުން އުފެދޭ ސުވާލުގެ ޤާނޫނީ ލަފާ ބޭނުންވެގެން ހުށަހަޅާފައިވާ މައްސަލަ އަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ޤާނޫނީގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އެމަޖިލީހުން އަދާކޮށް ނިންމާފައި ވުމާއެކުވެސް އެމާއްދާގެ (ރ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިނުވާނަމަ އެކަމަކީ ދައުލަތުގެ ތިން ބާރުގެތެރެއިން ޤާނޫނުގެ ޙުދޫދުގެތެރޭގައި ސިޔާދަތީ އިޚްތިޞާޞް ލިބިގެންވާ ދައުލަތުގެ ތިން ބާރުގެތެރެއިން ދެބާރުގެ މެދުގައި އޮތް މައްސަލައެއްކަން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ މަސްއޫލިއްޔަތުގެ ތެރޭގައި ސަރުކާރަށް ޤާނޫނީ ލަފާދިނުން ބަންޑާރަނައިބު ވިޔަސް އަދި އެމާއްދާގެ (ށ) ގެ ދަށުން ދައުލަތާ ގުޅުން ހުރި ކޮންމެ ކަމެއްގައި ސަރުކާރަށް ޤާނޫނީ ލަފާދިނުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތަކަށް ވިޔަސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133ވަނަ މާއްދާގެ (ނ) އާއި އަދި އެމާއްދާގެ (ޅ) ގައި ކަނޑައެޅި ބަޔާންވެފައިވާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތަށް ބަލާއިރު، ބަންޑާރަނައިބަކީ ދައުލަތުގެ ތިންބާރު ހިމެނޭގޮތަށް މުޅި ދައުލަތް ތަމްސީލު ކުރަންޖެހޭ ފަރާތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރާއި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރާއި މިތިންބާރު އެކުވެގެން އުފެދިފައިވާ ޤާނޫނީ ދައުލަތުގެ ތިންބާރުގެތެރެއިން ދެބާރަކުން ނިންމެވި ދެނިންމެވުމަކާގުޅިގެން އުފެދޭ ޤާނޫނީ ޚިލާފެއްގައި ބަންޑާރަނައިބު ޝަރީޢަތަށް މައްސަލަ ހުށަހެޅުއްވުން ފަދަކަންކަމުގައި ހަމައެކަނި އެއްފަރާތެއްގެ ނިންމެވުމުގެ ދިފާޢުގައި ވަކާލާތު ކުރެއްވުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133ވަނަ މާއްދާގެ (ނ) އާއި އަދި އެމާއްދާގެ (ޅ) ގައި ބުނެފައިވާފަދައިން މުޅި ދިވެހި ދައުލަތް ތަމްސީލުނުކުރެއްވޭކަން ފާހަގަކުރެވޭކަމެވެ.

[8](ޅ) ހަވަނަކަމަކީ ދިވެހި ދައުލަތުގެ ތިންބާރުގެތެރެއިން ދެބާރެއްގެ ދެމެދުގައި އުފެދޭ ކޮންމެ ދެބަސްވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާފަދައިން ދިވެހި ދައުލަތާ ގުޅުންހުރި ކަމަކަށްމެނުވީ ނުވާނެތީ އެފަދަ ކޮންމެ ކަމެއްގައި ދިވެހި ސަރުކާރަށް ނުވަތަ ވެރިކަން ހިންގުމުގެ ބާރަށް ޤާނޫނީ ލަފާއާއި މަޝްވަރާ ދިނުމަކީ ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެއްކަމަށް އެމާއްދާގެ (ށ) ގައި ސާފުބަހުން ކަނޑައެޅި ބަޔާންވެފައި އޮތުމާއެކު، އިސްވެ އިޝާރާތް ކުރެވުނު ފަދަ ޙާލަތެއް މެދުވެރިވިޔަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމައްޗަށް ބަލާއިރު، ދައުލަތާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެ މަތިން، ސަރުކާރަށް ޤާނޫނީ ލަފާ ދިނުމަކީ ސީދާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތަކަށްވާއިރު، އެފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ލަފާގެ ގޮތުގައި ޤާނޫނީ ރައުޔު ދިނުމަކީ އެއީ ޤާނޫނީގޮތުން ބަންޑާރަނައިބު އުފުއްލަވަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު ސީދާ ބަންޑާރަނައިބު އުފުއްލެވުމާ ތަޢާރުޝުވާ ކަމެއްކަން ފާހަގަކުރެވޭކަމެވެ.

[9](ކ) ހަތްވަނަ ކަމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތައް ނިޔާކުރާ ގޮތުގެމައްޗަށް ވިސްނާ ބަލާއިރު، ކޯޓުތަކަކީ އެކޯޓުތަކަށް ހުށަހެޅޭ ޚުސޫމަތްތެރި ދެބަސްވުންތަކާއި ކޯޓުތަކުން ޝަރްޢީ އަދި ޤާނޫނީ ޙައްލު ހޯދާދޭންޖެހޭ މައްސަލަ ތަކުގައި ފައިސަލާކުރަނިވި ޙައްލު ނުވަތަ ނިންމުން ނިންމަންޖެހޭ ތަންތަނަށްވެފައި، ކޯޓުތަކުގެ ނިންމުންތަކަކީ ހުރިހާ ޑިމޮކްރެޓިކް ސޮސައިޓީތަކެއްގައި ވެސް އިޙްތިރާމް ލިބެނިވި އަދި ޤާނޫނީގޮތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްވާ ތަންފީޛީ ބާރު ލިބިގެންވާ ނިންމުންތަކަށްވާއިރު، އެޑްވައިޒަރީ އޮފީނިއަންތަކަކީ އޭގެޒާތުގައި ޤާނޫނީ ލަފާ ހޯދާ ފަރާތްތަކުގެ މައްޗަށް އެލަފައެއްގެ މައްޗަށް ޢަމަލުކުރުން ޤާނޫނީގޮތުން ލާޒިމްނުވާ ރައުޔުތަކަކަށްވުމާއެކު، ޤާނޫނީ ލަފާ ކޯޓުތަކުން ޢާއްމު ގޮތެއްގައި ދެމުން ގެންދިއުމާމެދު ޑިމޮކްރެޓިކް ސޮސައިޓީތަކުގެ މެދުގައި ވިސްނުމުގެ ތަފާތެއް ހުރިކަމުގައި ވިޔަސް، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރާއި މިތިންބާރުގެތެރެއިން އެއްވެސް ބާރަކަށް އަނެއްބާރެއްގެ މައްޗަށް ނުފޫޒެއް ނުފޯރުވޭ ގޮތަކަށް އެބާރުތަކަކީ އިންވަކިވެފައިވާ މިނިވަން ޑިމޮކްރެޓިކް ސޮސައިޓީތަކުގައި، ކޯޓުތަކުން މިފަދަ މައްސަލަތަކުގައި ޤާނޫނީ ލަފާ ދިނުމަކީ މިނިވަން މުސްތަޤިއްލު ޖުޑިޝަރީގެ ތަޞައްވުރާއި އަދި އާރުލާ ޑިމޮކްރަސީއެއްގެ އެންމެ ހަރުދަނާ އެއް އަސާސް ކަމުގައިވާ ޖުޑީޝަލް އިންޑިޕެންޑެންސީގެ ޕްރިންސިޕަލާއި އަދި ޖުޑީޝަލް އިންޓެގްރިޓީއާމެދު ސުވާލު އުފެދި ޑިމޮކްރެޓިކް ވެށި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަކަށްވާތީ އެމެރިކާގެ ސުޕްރީމް ކޯޓުފަދަ ބައެއް ކުރިއަރާފައިވާ ޑިމޮކްރަސީތަކުގެ ސުޕްރީމް ކޯޓުތަކުގައިވެސް، ދައުލަތުގެ ތަންފީޒީ ބާރުގެ ނުވަތަ ސަރުކާރުގެ ޤާނޫނީ އެޑްވައިޒަރަކަށްވެ ޤާނޫނީ ލަފާދިނުމަކީ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރު ދައުލަތުގެ ތަންފީޒީ ބާރާ ވަކިވެ މުސްތަޤިއްލު ބާރެއްގެގޮތުގައި އޮންނަންވާނެކަމަށް ކަނޑައަޅާފައިވާ ދުސްތޫރީ އުޞޫލާ ޚިލާފުވާކަމެއްކަމަށްވާތީ، މަނާކުރެވިފައިވާ ކަންތައްތަކެއްކަން އެނގެން އޮތުމާއި، ޤަޟިއްޔާއެއްގެ ސިފައިގައިވެސް އެޑްވައިޒަރީ އޮފީނިއަން ހޯދުމަކީ މިޢުޞޫލަށް އޮތް އިސްތިޘްނާއެއްނޫންކަން އެނގޭކަމާއި އަދި އެއީ ޝަރީޢަތަށް ހުށަހެޅި ޝަރީޢަތުގެ ފަރާތުން ފައިސަލާކުރަނިވި ނިންމުމެއް ނިންމަން ޖެހިދާފަދަ މައްސަލައަކާމެދު އެމައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ކުރީގައި ސުޕްރީމް ކޯޓު ޤާނޫނީގޮތުން ބަނދެވޭފަދަ ނިންމުމެއް ނިންމަން ޖެހިދާނެ ކަމަކަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެކެނީ ދައުލަތާ ގުޅުން ހުންނަ ކަންކަމުގައި ސަރުކާރަށް ލަފާ ދިނުމަކީ ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެއްކަމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޤާނޫނީ ލަފާދިނުން ސުޕްރީމް ކޯޓަށް ލާޒިމުވާ ޙާލަތުތައް ފިޔަވައި އެނޫންގޮތަކަށް އެއްވެސް ފަރާތަކަށް ޤާނޫނީ ލަފާ ދިނުމަކީ އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، އެއީ ހަމަޖެހޭ ކަމެއްނޫންކަމަށާއި ދިވެހިރާއްޖޭގައި ރޫލް އޮފް ލޯއާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި، ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ޤާނޫނީގޮތުން ހަވާލުވެފައިވާ މަސްއޫލިއްޔަތު ޤާނޫނުގައިވާ ގޮތުގެ މަތީން އަދާ ކުރުންމަތީ ދެމިތިބުން، ދިވެހި ރައްޔިތުންގެ ޙައްޤުގައި މުހިންމުކަން ބޮޑުކަމަށާއި އަދި ދިވެހި ޤައުމުގެ ޙައްޤުގައި މަޞްލަޙަތު ބޮޑުގޮތަކީ އެއީކަމަށެވެ.

[10](އ) އަށްވަނަކަމަކީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ބިމާއި ކަނޑާއި އަދި ޖައްވުގެ މައްޗަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަންޖެހޭ ޤާނޫނުތަކުގެ ބާރު ހިނގާނެތީއާއި، ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އެކިއެކި ފަރާތްތަކާއި ޙަވާލުވެފައިވާ ކަންތައްތަކާއި އެފަރާތްތަކުން ޙަވާލުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލު ކުރަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތް ވާގޮތުގެ މަތިން ޢަމަލު ކުރުމުގެ ޝަރުޠާއި އަޙްދުގެ މަތިން ކަމަށްވެފައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިނގާ ކަމަކަށް ޤާނޫނާ ޚިލާފަށް ހުރަސް އެޅުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެތީއާއި، އެއްވެސް ފަރާތަކުން ހިންގާ ޢަމަލެއްގެ ސަބަބުން އަނެއް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ދެކޭ ފަރާތަކުން އެމައްސަލައަކާމެދު ފައިސަލާ ކުރަނިވި ނިންމުމެއް ނިންމައި ދިނުން އެދި ހުޅުވާލެވިފައިވާ މިނިވަން މުސްތަޤިއްލު ޝަރީޢަތުގެ މަޖިލީހަކަށް ޙާޟިރުވެ އެކަމާބެހޭ ދަޢުވާ އުފުލުމުގެ ޙައްޤު ހަމަ ކޮންމެ މީހަކަށްވެސް އަސާސީ ޙައްޤެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާތީ ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ޚާއްޞަ މަސްއޫލިޔަތެއް ޙަވާލުކުރެވިފައިވާ ފަރާތެއް ނުވަތަ ފަރާތްތައް، އެ ޤާނޫނީ މަސްއޫލިއްޔަތުއަދާކުރުމުގެ މައްޗަށް ބަރޯސާވެފައިވާ ފަރުދީ ޙައްޤުތަކެއް އޮވެފައި، އެޙައްޤުތައް ގެއްލިފައިވާކަމަށް ދެކޭ ފަރުދަކަށް އެޙައްޤުތައް ހޯދުމަށާއި އެޙައްޤުތަކަށް އުނިކަން އައުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަމަށް ދެކޭނަމަ އެގެއްލުމެއްގެ ބަދަލު ހޯދަން ދަޢުވާކުރުމުގެ ޙައްޤު ލިބިފައިވާކަން ވަރަށް ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.

[11]ވީމާ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ހ) ގައި ބަންޑާރަނައިބަކީ ސަރުކާރަށް ޤާނޫނީ ލަފަޔާއި މަޝްވަރާދޭ މީހާކަމަށާއި، ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގެން އޮންނާތީއާއި، މިމައްސަލައަކީ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުގައި ޖުޑިޝަލް ރިވިޔު ކުރުމަށް ހުށަހެޅޭ ޢުޞޫލާ އެއްގޮތަށް ހުށަހެޅިފައިވާ މައްސަލައަކަށް ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ފަސް މީހުންގެ ނަންތައް 13 ޖޫން 2009 ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެނަންތަކުގެ ތެރޭގައި ހިމެނޭ ސ.ހިތަދޫ / ރަންފަސް ޙަސަން ލުޠުފީގެ ނަން އަނބުރާ ގެންނަވާފައިވަނިކޮށް 6 ޖުލައި 2009 ވަނަ ދުވަހު ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ޖަލްސާއިން ޙަސަން ލުޠުފީގެ ނަން ފާސް ކުރެއްވި ނަމަވެސް އެނަމަކީ ރައީސުލްޖުމްހޫރިއްޔާ އަނބުރާ ގެންނަވާފައިވާ ނަމަކަށްވާތީ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙަސަން ލުޠުފީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމަށް ޢައްޔަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެއްތޯ ނުވަތަ ނޫންތޯ މިކަމުގެ ޤާނޫނީ ލަފައަކަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދައުލަތުގެ ބަންޑާރަނައިބު ހުށަހަޅުއްވާފައިވާ މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލޭގޮތަށް ހުށަހެޅިފައިވާ މައްސަލައެއްނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ޅ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ރ)
  • ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ