—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2010/SC-A/20
ދަޢުވާކުރާ ފަރާތް: ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް
ދަޢުވާ ލިބޭ ފަރާތް: މޯލްޑިވްސް ޕޮލިސް ސަރވިސް
މައްސަލައިގެ ބާވަތް: ކޯޓު އަމުރު އިލްތިމާސްކުރުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 03 ޖުލައި 2010
ނިމުނު ތާރީޚް: 11 ޖުލައި 2010
މައްސަލަ ނިންމި ގަޑި:18:504
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު މުޖްތާޒް ފަހުމީ، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2010/HC-A/149
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 01 ޖުލައި 2010
ނިމުނު ތާރީޚް: 02 ޖުލައި 2010
މައްސަލައިގެ ޚުލާޞާ
މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 149/HC-A/2010 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޤާނޫނާ ޤަވާޢިދާ އެއްގޮތް ނުވާކަމަށް ބުނެ އެމައްސަލަ އިލްތިމާސް ކުރުމަށް މއ. ކާމިނީހުޅަނގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މިމައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކުރިމަތިކުރެވިފައިވާ ސުވާލަށް އެފަރާތުން ދިން ޖަވާބަށާއި މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ އުސޫލުތަކަށާއި މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވީ ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (ފާހަގަކުރެވޭ ނުކުތާތަކުގައި މީގެ ފަހުން ޤާނޫނުއަސާސީކަމަށް ބުނެފައިވާ) އަށާއި އެޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލު ކުރާ އުސޫލުތަކަށާއި ޖުރިސްޕްރޫޑެންސަށާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
މިޤަޟިއްޔާގައި ޙަވާލާދީފައިވާ ޤާނޫނީ ނުކުތާތަކަކީ މިކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާގައި ފާހަގަކުރެވިފައިވާ ޤާނޫނީ ނުކުތާތަކާ އެއްގޮތް ޤާނޫނީ ނުކުތާތަކެއްކަން އެނގެއެވެ. އެހެންކަމުން، މިޤަޟިއްޔާގައި ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާގައި ރިޢާޔަތްކޮށްފައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރެވިފައިވެއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
ފުރަތަމަ ކަމަކީ މިމައްސަލައަކީ މއ. ކާމިނީހުޅަނގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށްފައިވަނީ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ފަދަ އެއްވެސް ސަބަބެއްނެތި، ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތެއް ދިނުމުގެ މަޤްސަދުގައި މީހަކު ބަންދުކުރުމަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ތަން ނުދޭކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި ހައިކޯޓުގެ ނަންބަރު 149/HC-A/2010 ޤަޟިއްޔާގައި ފުލުހުން އެދިފައިވަނީ ޖިނާއީ ކޯޓުން ބަންދުކުރި މުއްދަތު އިތުރުކުރުމަށް ނޫންކަމަށާއި އެދިފައިވަނީ ޖިނާއީ ކޯޓުން ބަންދުކުރި ކުރުން ޖަލަށް ބަދަލުކުރުން ކަމަށްވާއިރު، ހައިކޯޓުގެ ނަންބަރު 149/HC-A/2010 ޤަޟިއްޔާއިން ފަރުވާ ދީފައިވަނީ އިސްތިއުނާފުކުރި ފަރާތުން ނޭދޭ ކަމަކަށްވާތީ، އިސްތިއުނާފު ކުރި ކޯޓުން އެދިފައިނުވާކަމަކަށް ފަރުވާ ނުދެވޭނެކަމަށް ކަނޑައަޅާދިނުމަށާއި މިސަބަބުތައް މިހެން ހުރުމާއެކު ހައިކޯޓުގެ ނަންބަރު 149/HC-A/2010 ގެ ޤަޟިއްޔާ ބާޠިލުކޮށް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދުން ދޫކުރުމަށް އަމުރުކޮށް ދެއްވުން އެދި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ދެވަނަކަމަކީ، ޔުނައިޓެޑް ނޭޝަންސް އޮރގަނައިޒޭޝަން އުފެދުނީއްސުރެ އެޖަމާޢަތް އިންސާނީ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށާއި އަސާސީ މިނިވަންކަން ރައްކާތެރި ކުރުމަށް އެތައް ޑިކްލަރޭޝަންތަކަކާއި އެއްބަސްވުންތަކެއް ފާސްކޮށްފައިވާކަމާއި އެގޮތުން 1948 ގައި އިންސާނީ ޙައްޤުތަކާއި ބެހޭ ޢާލަމީ އިޢުލާން (ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް) އަކީ ފެށޭ ނުކުތާކަމާއި އޭގެ ފަހުގައި 1966 ގައި މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި ބެހޭ އަހްދު (އިންޓަރނޭޝަނަލް ކޮވަނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) އާއި އިޤްތިސާދީ އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާބެހޭ އަހުދު (އިންޓަރނޭޝަނަލް ކޮވަނެންޓް އޮން އިކޮނޮމިކް ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް) 1988 ގައި ތައްޔާރުކުރެވިފައިވާ އެއްވެސް ބާވަތެއްގެ ބަންދަކަށް ނުވަތަ ހައްޔަރަކަށް ހުށަހެޅޭ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރުމާ ބެހޭ މަބާދީތަކުގެ މަޖްމޫޢާ (ބޮޑީ އޮފް ޕްރިންސިޕަލްސް ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާރސަންސް އަންޑަރ އެނީ ފޯމް އޮފް ޑިޓެންޝަން އޯރ އިމްޕްރިޒަންމަންޓް) ހިމެނޭކަމާއި މިހުރިހާ އެއްބަސްވުންތަކާއި މަބާދީތަކަށް ބަލާއިރު އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވޭ އިންސާނީ ޙައްޤެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރީގައި ކުރެވޭ ބަންދު (ޕްރީޓްރައިލް ޑިޓެންޝަން) ކަން އެނގެން އޮންނަކަމާއި މި އިޖްރާއު ހިންގާ މުޅި މުއްދަތުގައި ތުހުމަތުކުރެވިފައިވާ މީހާއަކީ ކުށުން ބަރީޢަ މީހެއްގެ ގޮތުގައި ހުންނަންޖެހޭ މީހެއްކަމަށް ވާއިރު މި އިޖްރާއަކީ ޖިނާއީ ދަޢުވާގެ މަރުޙަލާތަކުގެ ތެރެއިން ދެމަރުޙަލާއެއްގައި އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލް އަޤުވާމީ މުޢާހަދާތަކާއި ދައުލަތްތަކުގެ ޤާނޫނުއަސާސީތަކާއި ޤާނޫނުތަކުގައި ކަށަވަރުކޮށްދީފައިވާ އެއްތަނުން އަނެއްތަނަށް ގޮސް އުޅުމުގެ ޙައްޤު ނިގުޅައިގަތުން އެމައްޗަށް ތަރައްތުބުވާ އިޖްރާއަކަށްވާތީ، ތުހުމަތުކުރެވޭ މީހަކާ ދެކޮޅަށް ހިންގޭ އެންމެ ނުރައްކާތެރިކަން ބޮޑު އިޖްރާއުކަމަށް ބަޔާންކޮށްފައި އޮންނަކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމެވެ.
ޝަރީޢަތުން ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބަހައްޓައިގެން ނުވާނެކަމުގެ އުސޫލާއި އަދި ތަޙްޤީޤު މަރްޙަލާތަކުގައި ހައްޔަރުކުރުން ޤާނޫނާ އެއްގޮތަށް ޟަރޫރަތަކަށްވާ ހާލަތުގައިވެސް އެ ހައްޔަރުކުރުން ޤާނޫނީގޮތުން ހުއްދަވާނީ ޤާނޫނަކުން ކަނޑައަޅާ އިޖްރާއާތުތަކާ އެއްގޮތަށް ނުވަތަ ޤާނޫނުގައިވާ ގޮތާ އެއްގޮތަށް ހައްޔަރުކުރެވިފައިވާ ނަމަކަން އެނގޭކަމާއި ޝަރީޢަތުން ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރީގެ މަރުޙަލާތަކުގައި ހައްޔަރުކުރުމާ ބެހޭ ޤާނޫނީ އުސޫލުތަކެއް އިސްވެ ބުނެފައިވާ މުޢާހަދާތަކުގައި ކަނޑައެޅި ބަޔާންވެފައި އޮންނަކަމާއި މިއެންމެހައި މުޢާހަދާތަކުގައި ދިވެހިރާއްޖެ ބައިވެރިވެފައިވާ ކަމާއި ހައްޔަރުކުރުމާބެހޭ ޤާނޫނީ މިއުސޫލުތައް އެއްވެސް އޮޅުމެއް ނާރާގޮތަށް ޤާނޫނުއަސާސީގެ އެކި މާއްދާތަކުގައި ޞަރީހަ ނައްޞުން ބަޔާންކޮށްފައި އޮންނަކަން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމާއި މިއުސޫލުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނޭކަން އެނގެން އޮންނަކަމެވެ.
(ހ) ކުށުގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކުރެވިއްޖެ ނަމަ ހަމަވަގުތުން ލަސްނުކޮށް ކަމާ ބެހޭ ޝަރްޢީ ކޯޓަކަށް ނުވަތަ ހައްޔަރުކުރުމުގެ އަމުރު ދިނުމުގެ ބާރު ޤާނޫނުގެ ނައްޞަކުން އޮތް ކަމާބެހޭފަރާތަކަށް ހާޒިރުކުރަން ވާނެކަމާއި އެގޮތަށް ހާޒިރު ކުރުމުން ލަސްނުކޮށް ހަމަ ވަގުތުން ހައްޔަރު ކުރެވިފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންތޯއާއި ހައްޔަރު ކުރުމުގައި ޤާނޫނު ކަނޑައަޅާ އެންމެހައި އިޖްރާއުތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯއާއި ހައްޔަރުކުރެވިފައިވަނީ ޤާނޫނު ހުއްދަކުރާ މަގްސަދެއްގައިތޯ ކަށަވަރުކުރަންވާނެކަމާއި މިކަންތަކުގެ އިތުރަށް ކަމާގުޅުން ހުރި ހުރިހާ ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރަން ވާނެކަމާއި ކަމާގުޅުން ހުރި އެންމެހާ ޙާލަތްތަކުގައި ހައްޔަރުކުރުން ސަލާމަތް ބުއްދި ޤަބޫލުކުރާ ހަމަތަކާއެއްގޮތްތޯ އާއި އެއީ ވަށަވަށައިގެންވާ އެންމެހައި ޙާލަތްތަކުގައި ކޮންމެހެންވެސް ޟަރޫރީ ކަމެއްތޯ ބަލަންވާނެކަން.
(ށ) ހައްޔަރުކުރެވޭ ވަގުތު އެމީހަކު ހައްޔަރު ކުރެވުނު ސަބަބު އެމީހަކަށް އެންގުން ހައްޔަރު ކުރި ފަރާތުގެ މައްޗަށް ލާޒިމްވާކަމާއި އެސަބަބު ބަޔާންކުރުމުގައި އެމީހެއްގެ މިނިވަންކަން ނިގުޅައިގަނެވުނު ޤާނޫނީ އަދި މާއްދީ އަސާސް ބަޔާންކޮށްދޭންވާނީ ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ކުރިމަތީގައި ލަސްނުކޮށް އެމީހަކަށް ޠަޢުނުކުރެވޭ ވަރަށް ސާފުކޮށް އޮޅުން ފިލާގޮތަށް އަދި ހައްޔަރު ކުރެވިފައިވަނީ ޤާނޫނުގައި ބަޔާން ވެގެންވާގޮތުގެ މަތިންކަމަށް ފަނޑިޔާރަކަށް ކަނޑައެޅޭ މިންވަރަށް ތަފްސީލުކޮށްކަމާއި ހައްޔަރުކުރެވިފައިވާ މީހާ ހައްޔަރު ކުރެވިފައިވަނީ ޤާނޫނުގައިވާގޮތުގެ މަތިންކަމަށް ކަނޑަނޭޅިއްޖެނަމަ އެމީހަކު ވަގުތުން ދޫކޮށްލުމަށް ފަނޑިޔާރު އަމުރު ކުރަންވާނެކަމާއި އަދި އެމީހަކީ ފުދޭވަރަކަށް ބަސްނޭގޭ މީހެއްނަމަ ލަސްނުކޮށް ތަރުޖުމާނެއްގެ އެހީ ލިބިދޭންޖެހޭނެކަމާއި ތުހުމަތުގައިވާ މީހާއަށް ކުރެވޭ ތުހުމަތުބަޔާންކޮށް ދޭންވާނީ ވިސްނައިގަނެވޭނެ ތިލަ އަދި ސާދާ ބަހުންކަމާއި އެމީހަކަށް އަމިއްލަ ދިފާޢަށް ތައްޔާރުވެވޭ މިންވަރަކަށް އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ސާފުކޮށް ބަޔާން ކޮށް ދޭންވާނެކަން.
(ނ) ހައްޔަރުކުރާފަރާތުން ތުހުމަތުގައިވާ މީހާގެ ޙައްޤުތަކަކީ ކޮބައިކަން އެމީހަކަށް އެންގުމާއި މީގެ ތެރޭގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމާއި އަމިއްލަ ދިފާޢަށް ތައްޔާރުވުމަށް އެކަށީގެންވާ ފަސޭހަތަކާއި އެކަށީގެންވާ ވަގުތު ލިބުމުގެ ޙައްޤު ހިމެނޭކަން.
(ރ) އެއްވެސް މީހަކު ކޮންތާކުކަން ނޭނގޭ ތަނެއްގައި ނުވަތަ ސިއްރު ތަނެއްގައި ބަންދު ކުރުމާއި ދިގު މުއްދަތަކަށް ބަންދު ކުރުމަކީ ބައިނަލް އަޤްވާމީ ޤާނޫނުތަކުގެ ދަށުން ކަނޑައެޅިގެން މަނާކަމެއްކަމާއި ޤާނޫނު ކަނޑައަޅާފައިވާ އިސްތިސްނާ ޙާލަތުތަކުގައިވެސް ބަންދުގައި ބެހެއްޓޭނީ އެކަމަށް ޟަރޫރީވާ އެންމެ ކުރު މުއްދަތަކަށް ކަމާއި ޟަރޫރަތުގެ ޤާޢިދާގެ ދަށުން ހުއްދަވާ އެއްވެސް ކަމަކީ އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ ފުޅާ ނުކުރެވޭނެކަމެއްކަމާއި ބަންދުގައި ހުންނަ އިރުވެސް ހައްޔަރު ކުރެވިފައިވާ މީހާ ދުނިޔެއިން އެކަހެރިކޮށްފައި ބަހައްޓައިގެން ނުވާނެކަމާ މިގޮތުން އެމީހާގެ ބޭނުންތަކާ އެއްގޮތްވާ ގޮތަށް އެމީހާގެ ޤާނޫނީ ވަކީލާއި ޑޮކްޓަރާއި ޢާއިލާގެ އަފްރާދުންނާއި ރަޙްމަތްތެރިންނާ ގުޅައި ބައްދަލުކޮށް ހެދުމުގެ ޙައްޤުން މަޙްރޫމް ނުކުރެވޭނެކަމާއި މި ޙައްޤުތައް ލިބިދޭއިރު ޢަދްލު އިންސާފުގެ މަސްލަހަތާއި ބަންދުގައި ހުރި ތަނުގެ ސަލާމަތަށް ޟަރޫރީވާ ވަރަށް ވުރެ އިތުރަށް އެއްވެސް ޤައިދެއް، ހުރަހެއް ނުވަތަ ބެލެހެއްޓުމެއްގެ ދަށުގައި ބެހެއްޓުމެއް ވިޔަސް އޮވެގެން ނުވާނެކަން.
(ބ) ހައްޔަރު ކުރެވޭ ހިނދު ލަސްނުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރެވެންވާނެކަމާއި، ހައްޔަރު ކުރެވިފައިވާ މީހާގެ ޙައްޤުތަކަށް ރައްކާތެރިވުމުގެ ގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހައްޔަރުކުރެވިފައިވާ މީހެއް ހާޒިރު ކުރެވުމުން އޭނާގެ މައްޗަށް ލާޒިމް ވެގެންވަނީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ އެއްގޮތަށް ޝަރްޢީ ވާޖިބު އަދާކޮށް ކޮންމެ މައްސަލައެއްގައި އެމައްސަލައެއްގެ ބާވަތުން އަންނަނިވި ކަންތައްތަކަށް ވަޒަން ކުރުންކަން.
ހައްޔަރު ކުރެވިފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަން.
ޝަރީޢަތް ކުރުމުގެ ކުރީގައި ހައްޔަރުގައި ބެހެއްޓުން ޟަރޫރީކަން ނުވަތަ ނޫންކަން.
ބަންދުން ދޫކުރަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން.
(ޅ) ބަންދުގައި ބަހައްޓަން ޖެހޭނަމަ ހައްޔަރުކުރެވިފައިވާ މީހާގެ ފަސޭހަތަކަށް ރައްކާތެރިވުމާއި ހައްޔަރުކުރެވިފައިވާ މީހާގެ އަސާސީ އެއްވެސް ޙައްޤަކާ ޚިލާފުވުން މަނާވުން.
(ކ) ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމާމެދު ޠަޢުނުކުރުމުގެ ފުރުޞަތު ބަންދުކުރެވުނު ފަރާތަށް ލިބިދިނުމާއި ބަންދުކުރެވިފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށްވާނަމަ ވަގުތުން ދޫކޮށްލުމަށް އަމުރު ނެރެންވާނެކަމާއި މި ޙައްޤަކީ ހައްޔަރުކުރެވިފައިވާ ކޮންމެ މީހަކަށްމެ އޮންނަ މުޠުލަޤު ޙައްޤެއް ކަމާއި މި ޙައްޤަކީ މިނިވަން ކަމުގެ ޙައްޤު ޙިމާޔަތް ކުރުމަށާއި އަނިޔާވެރި (އާރބިޓްރަރީ) ހައްޔަރުކުރުންތަކާއި މީހުންނަށް އިންސާނިއްޔަތާ އިންސާނީ ކަރާމަތާ ޚިލާފު އަދަބު ދިނުމާއި ލާއިންސާނީ މުޢާމަލާތްކުރުމާއި މަޖްބޫރުން ވީނުވީއެއް ނޭނގޭގޮތަށް ގެއްލުވާލުމާއި ދުނިޔޭން އެކަހެރިކޮށް ވަކިތަނެއްގައި ބަންދުކުރުން ފަދަ އިންސާނީ ޙައްޤުތަކާއި ޚިލާފު ބޮޑެތި ޢަމަލުތައް ހުއްޓުވުމަށް ނުހަނު މުހިންމު ވަސީލަތެއްކަމާއި މިފަދަ ދަޢުވާއެއް ހުށަހެޅިއްޖެނަމަ ލަސްނުކޮށް ހައްޔަރުކުރެވިފައިވާ މީހަކު ކޯޓަށް ހާޒިރުކޮށްދިނުން ހައްޔަރު ކުރިފަރާތުގެ މައްޗަށް ލާޒިމްވާކަމާއި ހައްޔަރުކުރެވިފައިވަނީ ޣައިރު ޤާނޫނީ ގޮތެއްގައި ކަމަށްވާނަމަ ހަމަ ވަގުތުން ދޫކޮށްލަން ކޯޓުން އަމުރު ކުރަން ވާނެކަމާއި އެގޮތުން ކޮންމެ ދައުލަތަކުން ވެސް އެދައުލަތެއްގެ ޤާނޫނުގައި މިފަދަ ދަޢުވާތަކާބެހޭ ޤާނޫނާއި ކޯޓު އިޖްރާއާތު ހުންނަން ޖެހޭކަމާއި އޭގެ ތެރޭގައި ހޭބިއަސް ކޯޕަސް ޠަބީއަތުގެ އަމުރު ނެރުމުގެ ނިޒާމް ފަސޭހަ ގޮތެއްގައި އަދި އަވަސް ގޮތެއްގައި ހުންނަންޖެހޭކަން.
(އ) ކުށެއް ކޮށްފިކަމަށް ތުހުމަތުކޮށް ތަޙްޤީޤު ކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެމައްސަލައެއް ތަޙްޤީޤުކޮށް ނިންމަންވާނެކަމާއި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމީހަކާމެދު ޝަރީއަތްކޮށް ނިންމަންވާނެކަން.
(ވ) ތަޙްޤީޤު ކުރެވެމުންދާއިރު ލިބެންޖެހޭ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޙައްޤަކީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ޝަރުޢީ ކޯޓެއްގައި ޝަރުޢީ ހަމަތަކުގެމަތިން ކުށް ސާބިތުނުވާހާ ހިނދަކު އެމީހަކީ ބަރީޢަ މީހެއްކަމަށް ބަލައިގެން ތަޙްޤީޤު ކުރުމާއި އެމީހަކު ކަފާލާތުގެ އުސޫލުން އެމީހަކު ދޫކޮށްލުމަށް ކޯޓަކުން އިންކާރުކުރުމަކީ ނުވަތަ ތަޙްޤީޤު މަރުޙަލާއެއްގައި ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރުމަކީ ނުވަތަ މަދަނީ މަސްއޫލިއްޔަތެއް އޮތްކަމަށް ކަނޑައެޅުމަކީ ކުށެއް ސާބިތު ނުވާހައި ހިނދަކު އެމީހަކީ ބަރީޢަ މީހެއްކަމަށް ބެލުމުގެ އުސޫލާ ޚިލާފުވާކަމެއް ނޫންކަމާ އެހެންކަމުން ކުށް ސާބިތުވުމުގެ ކުރީގައި ދައުލަތުގެ އެއްވެސް ކަމަކާ ހަވާލުވެ ހުރި ފަރާތެއް ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރުދަކު ވިޔަސް ކޯޓުން ޙުކުމް އައުމުގެ ކުރީގައި ތުހުމަތު ކުރެވޭމީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޢާއްމު ބަޔާންތައް ދީހަދައިގެން ނުވާނެކަމާއި ތިމާއީ ކާކުކަން އަންގައި ދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނު ހުރުމުގެ ޙައްޤު ލިބިގަތުމާއި އެއްވެސް ސިފައެއްގައި އެއްވެސް ގަދަ ކަމެއް ދައްކައިގެން ނުވަތަ ބާރެއް ދައްކައިގެން ނުވަތަ ބިރެއް ދައްކައިގެން އެއްވެސް މީހެއްގެ އަތުން އެއްވެސް މަޢުލޫމާތެއް ހޯދުމަކީ ކަނޑައެޅިގެން މަނާކުރާކަމެއްކަމާއި މީހެއްގެ ފުރާނަޔަށް ގެއްލުމެއް ދީފާނެކަމަށް ބިރު ދައްކައިގެން ނުވަތަ އެނޫންވެސް ލާއިންސާނީ މުޢާމަލާއެއް ކުރުން ފަދަ އިންސާނީ ޙައްޤުތަކާ ޚިލާފުވާ ބޮޑު އަމަލެއް ހިންގައިގެން ނުވަތަ އަސާސީ ޙައްޤަކާ ނުވަތަ އަސާސީ މިނިވަން ކަމަކާ ޚިލާފަށް ހޯދޭ އެއްވެސް މަޢުލޫމާތަކީ ޝަރުޢީ ކޯޓެއްގައި ހެއްކެއްގެ ގޮތުގައި އެއްވެސް ސިފައެއްގައި ޤަބޫލުކުރެވޭނެ މަޢުލޫމާތެއް ނޫންކަން.
(މ) ޤާނޫނުގައި ބަޔާންވެފައިވާ ގޮތާއެއްގޮތަށް މީހަކު ބަންދުކުރެވޭ ހާލަތްތަކުގައިވެސް ބަންދުގައި ބަހައްޓަންވާނީ ރަސްމީކޮށް އިޢުތިރާފު ލިބިފައިވާ ތަނެއްގައިކަމާއި އިންސާނިއްޔަތާ އެއްގޮތަށް އެމީހަކާ މުޢާމަލާތުކުރަން ވާނެކަމާއި ލާއިންސާނީ އިހާނެތިކަމެއްކޮށްގެން ނުވާނެކަމާއި އެއްވެސް ލާއިންސާނީ އަދަބެއް އެއްވެސް މީހަކަށް ދީގެން ނުވާނެކަން.
ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގައި ފުލުހުންގެ ޚިދްމަތުގެ މައިގަނޑު މަޤްސަދުތައް ބަޔާންކޮށްފައިވާކަން އެނގޭކަމާއި އެމަޤްސަދުގެ ތެރޭގައި ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާނޭ ތައްޔާރީތައް ކުރުން ހިމަނާފައި އޮންނަކަން އެނގެން އޮންނައޮތުމަށާއި ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރ ޖެނެރަލްއެއް ހުންނަންވާނެކަމަށް އޮންނައޮތުމަށާއި އެމާއްދާގެ (ށ) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށް އޮންނައޮތުމަށާއި ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ބަޔާންވެގެންވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ޖިނާއީ ކުށްތަކާގުޅިގެން ކުރާ އެންމެހައި ދަޢުވާގެ ކަންތައް ބެލެހެއްޓުމާއި ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާއި ގުޅިގެން ބަލާބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ބަލައި އެކަންކަން ހިންގާނީ ޤާނޫނާ އެއްގޮތަށްތޯބެލުމާއި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ޙާލަތްތަތަކާއި ޝަރްޠުތައް މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމާއި އެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމާއި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ޙުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުމާއި ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމާއި ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ޤާނޫނާއި އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އެމާއްދާގައި އޮންނަގޮތުގެ މައްޗަށާއި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްޘީލުކުރާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަށް ބަލާއިރު ޖިނާއީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ޤާނޫނުއަސާސީން ހިމާޔަތްކޮށްދީފައިވާ މިނިވަންކަމާއި ހައްޤުތަކަށް ޤާނޫނުއަސާސީން ދޭ އެންމެ ބޮޑު އެއް ގެރެންޓީއަކީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރގެ މަސްއޫލިއްޔަތުގެ ދަށުން އަދި ބެލެހެއްޓުމުގެ ދަށުން ތަޙްޤީޤުގެ ކަންތައް ދިޔުންކަން ސާފުކޮށް އެނގެން އޮންނަކަމާއި ކުށުގެ ތަޙްޤީޤުގެ ދެވަނަ މަރުހަލާއަކީ ތަޙްޤީޤުން ހޯދިފައިވާ ހެކިތައް ޕްރޮސިކިއުޓަރ ޖެނެރަލް ވަޒަން ކުރުމުގެ މަރުޙަލާކަމަށްވާތީއާއި މިމަރުޙަލާގައި ތަޙްޤީޤާ މެދު ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުން ބިނާވާނީ ތަޙްޤީޤުގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ އެންމެހައި ކަންތައްތަކާއި އިޖްރާއާތުތައް ހިންގިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށް ކަނޑައެޅުމުގެ މައްޗަށް ކަމަށްވާތީ މިކަމުންވެސް ތަޙްޤީޤުގެ އެންމެހައި މަރުޙަލާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބެލެނިވެރިކަން އޮންނަގޮތް ސާފުކޮށް އެނގެން އޮންނަކަމާއި ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގެ ދަށުން ތަޙުޤީޤުގައި ފުލުހުންގެ ތަޙުޤީޤުގެ މަރުޙަލާއަކީ ޖިނާއީ ތަޙްޤީޤެއްގެ ފުރަތަމަ މަރުޙަލާކަން އެނގޭކަމާއި އެމަރުޙަލާގައި ފުލުހުންގެ މަސްއޫލިއްޔަތަކީ ހެކިތައް އެއްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި ކުށުގެ ދަޢުވާއެއް ކުރެވެން އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާނޭ ތައްޔާރީތައް ކުރުންކަމާއި މި މަރުޙަލާގައި ހޯދޭ ހެކިތަކުގެ މަގްސަދަކީ ބޭރުފުށުން ފެންނަން ހުންނަ ކުށުގެ އުންޞުރުތަކާއި ހެކިތައް ހޯދުން ކަން އެނގޭކަމާއި ޖިނާއީ ތަޙުޤީޤެއްގެ ދެވަނަ މަރުޙަލާއަކީ ކުށުގެ ތުހުމަތުގެ އެންމެ ފުރަތަމަ މަރުޙަލާއާ ޖެހިގެން އަންނަ މަރުޙަލާކަން އެނގޭ ކަމާއި ކުށުގެ ތަޙްޤީޤުގެ ކޮންމެ މަރުޙަލާއަކީވެސް ޖިނާއީ ދަޢުވާގެ މަރުޙަލާއެއްކަން އެނގޭކަމާއި ދެވަނަ މަރުޙަލާގައި އޮންނަނީ ހެކިތައް އެއްކޮށް އެއީ ޤާނޫނީ ހަމަތަކުގެ މަތިން ހޯދިފައިވާ ސައްހަ ހެކިތައްކަން ކަށަވަރުކުރުމާއި ދަޢުވާ ހުށަހެޅޭ ވަރަށް ކާފީ ހެކިތައް ހުރިކަމަށް ކަނޑައަޅައި މައްސަލަ ޝަރީއަތަށް ފޮނުވުންކަން އެނގޭކަމާއި ދަޢުވާކުރެވޭ ވަރަށް ހެކި ނެތް ނަމަ ދަޢުވާކުރެވެން ނެތްކަމަށް ކަނޑައެޅުންކަން އެނގޭކަމާއި މިމަރުޙަލާގެ މަގްސަދަކީ ޙަޤީޤަތް ދައްކައިދެނިވި ހެކިތައް ދިރާސާކޮށް އެ ހެކިތައް ވަޒަން ކުރުންކަން އެނގޭކަމާއި ޖިނާއީ ކުށުގެ މައްސަލަތަކުގެ އެންމެހައި މަރުޙަލާތަކުގައި ޝަރީޢަތުގެ މަޖިލީހުގައި ދައުލަތާއި މުޖްތަމަޢު ތަމްޘީލުކުރަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަން އެނގޭކަމާއި އެގޮތުން ބަންދުގެ މުއްދަތު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ދަށުކޯޓުގެ ފަނޑިޔާރު ނެރުއްވާ އަމުރު އިސްތިއުނާފުކުރެވޭނީ ހަމައެކަނި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަން އެނގޭކަމާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ހައްޔަރުކުރުމުގެ އަމުރު ހޯދަން ދަށުކޯޓަށް ދާނީ ފުލުހުންކަމާއި ނަމަވެސް ދަށުކޯޓުގެ ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރަންވާނީ ނުވަތަ މުއްތަހަމު ކުރާ އިސްތިއުނާފެއްނަމަ އެ އިސްތިއުނާފަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީވާނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަން ކަނޑައެޅިގެން އެނގެން އޮންނަކަމާއި މިނޫންގޮތަކަށް ކުށެއްގެ ތުހުމަތުގައިވާ މީހަކާ ދެކޮޅަށް އިޖުރާއީ ކަމެއްގައިވިއަސް ދަޢުވާއެއް އުފުލޭނީ ނުވަތަ އިސްތިއުނާފެއް ކުރެވެނީ ދައުލަތުގެ ނަމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށްކަން ކަނޑައެޅިގެން އެނގެން އޮންނާތީ، މިމައްސަލައިގައި ޖިނާއީ ކޯޓުގެ އަމުރު ހައިކޯޓުގައި ފުލުހުން ކުރި އިސްތިއުނާފު ޤާނޫނީގޮތުން ޞައްޙަނޫންކަން އެނގެން އޮންނައޮތުމެވެ.
ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރުކޮށް ބަންދުކޮށްގެނެއް ނުވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތްއިރު، މީހެއްގެ ގަޔަށްއަތްލައި ހިފައި ހައްޔަރުކޮށް ބަންދުކުރުމާބެހޭ އިޖުރާއާތުގެ ޤާނޫނެއް ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިފަހުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި އެއްގޮތަށް ފާސްކޮށްފައިނުވާކަން ފާހަގަކުރެވޭ ކަމާއި، ޤާނޫނު ނަންބަރު 2008/5 ފުލުހުންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ)ގައި ޤާނޫނުގައިވާ ގޮތުގެ މަތިން މީހުން ހުއްޓުވާ ސުވާލުކުރުމާއި ކުށުގެ ތުހުމަތުގައި މީހުން ހިފާ ހައްޔަރުކުރުމާއި ތަންތަން ބަލާ ފާސްކުރުމާއި ކުށުގެ ތުހުމަތުގައިވާ މީހާގެ ހަށިގަނޑުން ސާމްޕަލް ނަގައި، ހެއްކައި ޤަރީނާ ހޯދައި، އެތަކެތި ހިފަހައްޓައި ރައްކާތެރިކުރުމާއި، ޖިނާއީ ކުށުގެ ޢަމަލުތައް ތަޙްޤީޤުކުރުމާއި ހައްޔަރު ކުރެވޭ މީހުން ތަޙްޤީޤަށް ބަންދުކުރުމުގެ ބާރާއި ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވާކަމަށް ބަޔާންވެފައި އޮންނަކަން އެނގޭކަމާއި މިއިން އެއްވެސް އިޖުރާއެއް ނުވަތަ އިޚްތިޔާރެއް ބޭނުންކުރިގޮތް ޤާނޫނުއަސާސީއާ އެއްގޮތްނުވާނަމަ އެއްގޮތްނުވި މިންވަރެއް ބާޠިލުވާނެކަން ޤާނޫނީއަސާސީން އެނގެން އޮންނަ އޮތުމެވެ.
ހަތަރުވަނަ ކަމަކީ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟްވާނަމަ، އެ ޤާނޫނެއް ނުވަތަ އެ ޤާނޫނަކުން އެޙައްޤަކާ ނުވަތަ އެމިނިވަންކަމަކާ ތަޢާރުޟްވާ މިންވަރެއް ވާނީ ބާޠިލު އެއްޗަކަށް ކަމަށް އޮންނަ އޮތުމާއި ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގައި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން އަންނަ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރުތަކާއި އިޢުލާންތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން އެބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟްވާ އެންމެހައި ކަންތައްތައް، ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށުމާއެކު ބާޠިލުވީ ކަމަށް އޮތުމުން ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތާ އެއްގޮތަށް އަދި ޤާނޫނުއަސާސީ ކަނޑައަޅާފައިވާ އިންތަކުގެތެރޭގައި ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ޢަމަލެއް ޤާނޫނުއަސާސީގެ ދަށުން ކުށަކަށް ނުވާނެކަމާއި އެފަދަ ޢަމަލެއް އެއީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކޮންމެ ޤާނޫނަކީ ނުވަތަ ޤަވާޢިދަކީ ބާޠިލު ޤާނޫނެއް ނުވަތަ ޤަވާޢިދެއްކަމަށް އެނގޭކަމާ އަދި ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ޤާނޫނުއަސާސީ ހުއްދަކުރާ އިންތަކުގެ ތެރޭގައި ބޭނުން ކުރުމާ ޚިލާފަށް ދެވޭ އަދަބަކީ ނުވަތަ ކުރެވޭ ޙުކުމަކީ ޤާނޫނުއަސާސީއާ ޚިލާފު އަދަބަކަށް ނުވަތަ ޙުކުމަކަށް ވާނެކަމާއި އަދި އެފަދަ ޣައިރު ޤާނޫނީ ކަމަކަށްޓަކައި މިނިވަންކަމެއް ނިގުޅައިގަތުމަކީ ފާޅުކަން ބޮޑު ގޮތުގައި، ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް އެކަމުގެ ތަބްރީރެއް (ޖަސްޓިފިކޭޝަނެއް) ދެއްކުން އެކަށީގެންވާ ކަމެއް ނޫންކަން އެނގޭކަމާއި މިފަދަ ޙާލަތުގައި މިނިވަންކަން ހިފެހެއްޓުންވާނީ އާރބިޓްރެރީ މިނިވަންކަން ހިފެހެއްޓުމެއްކަން އެނގެން އޮންނަ އޮތުމެވެ. ރައްޔިތުންގެ މަޖިލީހުން ނުވަތަ ކަމާބެހޭ ކޯޓަކުން އެޤާނޫނެއް ނުވަތަ އެޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ކަނޑަނާޅާހާ ހިނދަކު ޤާނޫނު ތަންފީޒުކުރާފަރާތްތަކަށް އެއީ ބާޠިލު ޤާނޫނެއްކަމަށް އޮޓޮމެޓިކް ގޮތެއްގައި ބެލެވެން ނޯންނާނެތީ، އެފަދަ ޤާނޫނުތަކެއް ހުރިނަމަ ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ލަސްނުކޮށް އެޤާނޫނުތަކެއް އުވާލުން ލާޒިމްވާކަން އެނގެން އޮންނައޮތުމެވެ.
ފަސްވަނަކަމަކީ ޤާނޫނުއަސާސީގައި ކޮންމެ މީހަކަށްމެ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވާކަމަށާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހަދާފައިވާ ޤާނޫނަކާ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން މިއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅައިގަނެވިގެނެއްނުވާނެކަމަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންވެފައި އޮންނަކަމާއި މި މާއްދާއަށް ބަލާއިރު ދިވެހި ދައުލަތުގެ ސަރަހައްދުގައިވާ ނުވަތަ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުގެ ދަށުގައިވާ ނުވަތަ ދިވެހި ދައުލަތުގެ އެއްވެސް ބާރެއް ހިނގާ ކޮންމެ މީހަކަށް މި ޙައްޤު ޔަޤީންކޮށް ދިނުމަކީ ދިވެހި ދައުލަތާއި އެދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ދައުލަތުގެ އެކިކަންކަމާ ހަވާލުވެ ތިބި އެންމެހާ ފަރާތްތަކުގެ މައްޗަށް ލާޒިމް ވެގެންވާކަމެއްކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާއި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތާއެއްގޮތަށް ނުވަތަ ޤާނޫނުއަސާސީއާ އެއްގޮތަށް ހެދިފައިވާ ޤާނޫނަކުން ހުއްދަދެވިފައިވާ ޚާއްސަ މަސްއޫލުވެރިއެއްގެ ނުވަތަ ހުއްދަ ދެވިފައިވާ ބައެއްގެ ބެލެހެއްޓުމުގެ ދަށުން އަދި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިޖްރާއާތުތަކަކާއެއްގޮތަށް ނުވަތަ ޤާނޫނުއަސާސީއާ އެއްގޮތަށް ހެދިފައިވާ ޤާނޫނަކުން ކަނޑައެޅިފައިވާ އަސާސްތަކަކާއި އިޖްރާއާތުތަކާ އެއްގޮތަށް މެނުވީ ހަމައެކަކުގެވެސް އަމިއްލަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއްވިޔަސް ނިގުޅައިގަނެވިގެންނުވާނެކަން އެނގެން އޮންނަ އޮތުމެވެ.
ހަވަނަކަމަކީ ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކޮށްފައިވާމީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ތޯ ކަނޑައެޅުމަށް އެމީހަކު ހައްޔަރު ކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެކަމަށް އޮތުމުން ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ އެފަނޑިޔާރަކު ކަނޑައަޅަންވާނެކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ބަޔާންވެފައި އޮންނަކަން އެނގެން އޮންނަ އޮތުމެވެ.
ހަތްވަނަކަމަކީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން މެނުވީ ހިފަހައްޓައިގެން ނުވާނެކަން އެނގެން އޮންނަކަމާއި ހައްޔަރުކުރެވިފައިވަނީ ނުވަތަ ބަންދުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ކަނޑައެޅުމުގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމް ވާކަން ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގެ ސަރީހަ ނައްސުން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާ އެގޮތުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓިފައިވަނީ އެމާއްދާގެ (ހ) އާއި (ށ) ގައިވާގޮތުގެ މަތިންތޯ ކަނޑައެޅުމުގައި ކޯޓުން އެކަމާގުޅޭ ހުރިހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައި އޮންނައޮތުމާއި އޭގެ ތެރޭގައި ރިޢާޔަތްކުރުން ލާޒިމްވާ ވަކި ކަންތައްތަކެއް ކަނޑައަޅާފައި އޮތުމުން ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ތޯ ފަނޑިޔާރު ކަނޑައެޅުމުގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށާއި އެމާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ރިޢާޔަތްކުރުން ލާޒިމް ވާކަން އެނގެން އޮންނަ އޮތުމެވެ. އެކަންތައްތަކަކީ:
(ހ) އެ ޙައްޤެއް ނުވަތަ އެމިނިވަންކަމެއްގެ ޒާތާއި ބާވަތް
(ށ) އެ ޙައްޤެއް ނުވަތަ އެމިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަން
(ށ) އެ ޙައްޤެއް ނުވަތަ އެމިނިވަންކަމެއް ހިފަހައްޓާފައިވާ ގޮތާއި މިންވަރު
(ނ) އެ ޙައްޤެއް ނުވަތަ މިނިވަންކަން ހިފެހެއްޓި ހިފެހެއްޓުމާއި އެ ޙައްޤެއް ނުވަތަ އެމިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުން
(ރ) އެޙައްޤެއް ނުވަތަ އެމިނިވަންކަމެއް ހިފަހައްޓާފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްސަދު ޙާޞިލް ކުރެވިދާނެތޯ
(ބ) އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓައިފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުންނަމަ، އިސްލާމްދީނުގެ އަސްލު ރައްކާތެރިކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްކޮންމެހެން ހިފަހައްޓަން ޖެހޭތޯ
އަށްވަނަކަމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމެއްކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ސަރީހަ ނައްސުން އަމުރުކޮށްފައި އޮންނައޮތުމާއި އެގޮތުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުގެ ކުށުގެ ދަޢުވާ ޝަރީއަތަށް ހުށަހެޅި ޝަރީޢަތުން ފައިސަލާކުރަނިވި ޙުކުމެއް އިއްވުމުގެ ކުރީގެ އެއްވެސް މަރުޙަލާއެއްގައި ކުށުގެ ތަޙްޤީޤު ބޭނުމަށްވިޔަސް އެނޫން ބޭނުމަކަށް ވިޔަސް ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުން ހުއްދަކޮށްފައިވާނީ ހަތަރު ހާލަތެއްގައި ކަން އެނގެން އޮންނަ އޮތުމެވެ. އެއީ:
މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި ނުވަތަ؛
ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި ނުވަތަ؛
ފިލައިފާނެ ކަމަށްޓަކައި، ނުވަތަ؛
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި
ބުނެވިދިޔަ ހަތަރު ހާލަތު ފިޔަވައި އެއްވެސް ހާލަތެއްގައި މީހަކާމެދު ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެކަމަށް ކަނޑައެޅިގެން ބަޔާކޮށްފައި އޮންނަކަން އެނގެއެވެ.
ނުވަވަނަކަމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި އަދި އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައި ކަމާއި ކުށުގެ ޠަބީޢަތަކީ ކޮބައި ކަމާއި ކުށުގެ ބޮޑުކުޑަމިނަކީ ކޮބައިކަމާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި އަދި ހެކިތަކާ ކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާވަރަކަށް ކަން ފަނޑިޔާރު ވަޒަން ކުރަންޖެހޭކަން އެނގޭކަމެވެ.
ދިހަވަނަކަމަކީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ހައްޔަރުކުރާ މީހާއަށް ހައްޔަރުކުރުމުގެ ޤާނުނީ އިޚްތިޔާރު ލިބޭ ޙާލަތްތައް ބަޔާންކޮށްފައިވާކަން އެނގޭކަމާއި އެގޮތުން ހައްޔަރުކުރެވޭނީ:
ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ؛
މީހަކު ކުށެއްކޮށްފިކަމަށް ނުވަތަ؛
އެވަގުތަކު އެއުޅެނީ ކުށެއްކުރާންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެންކަން އެނގެން އޮންނަކަމެވެ.
މީގެ ތެރެއިން ފުރަތަމަ ބުނެފައި އެވާ ދެ ހާލަތަކީވެސް ކުށުގެ ޢަމަލު ހިނގަ ހިނގާ ހުންނަ ނުވަތަ ހިނގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުންނަ އަދި ހައްޔަރުކުރާ މީހާއަށް ކުށުގެ ޢަމަލު ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިހްތިމާލެއް ނެތް ދެހާލަތުކަމާއި މިހާލަތުގައި ފަނޑިޔާރުގެ އިޒުނަ ލިބެންދެން ލަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވުމަށް ހުރަހެއް އެޅިދާނެ އިސްތިޘްނާ ދެހާލަތެއްކަން އެނގެން އޮންނަކަމާއި އެއްވެސް އިސްތިސްނާ ހާލަތެއް އޭގެ މިންވަރަށް ވުރެ ފުޅާ ނުކުރެވޭނެކަން އެނގެން އޮންނަކަމާއި ތިންވަނަ ޙާލަތަކީ ކުށެއްކުރުމަށްޓަކައި ތައްޔާރީއެއް ނުވަތަ ތައްޔާރީތަކެއް ވަމުން އަންނަކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރު އެކަށީގެންވާ ހެކިތަކެއް ނުވަތަ ސަބަބުތަކެއް ހުރިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ޙާލަތު ކަން އެނގެއެވެ.
މިކަމުގައި ބަލަންޖެހޭ ކަންތައްތަކަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ކުށެއްވެސް ހަތަރު މަރުޙަލާއަކަށް ބަހާލެވޭކަމާއި އޭގެ ތެރެއިން ފުރަތަމަ މަރުޙަލާއަކީ ކުށުގެ ޢަމަލެއް ހިންގުމާމެދު ޚިޔާލުކޮށް އެކުށުގެ ޢަމަލު ހިންގުމަށް ޢަޒުމް ކަނޑައަޅާ މަރުޙަލާކަމާއި ދެވަނަ މަރުޙަލާއަކީ ކުށުގެ ޢަމަލު ހިންގުމަށް ތައްޔާރީތައް ކުރާ މަރުޙަލާކަމާއި ތިންވަނަ މަރުޙަލާއަކީ ކުށުގެ ޢަމަލު ތަންފީޒުކުރަން ފަށާ ނުވަތަ ކުށް ކުރާން އުޅޭ މަރުޙަލާކަމާއި ހަތަރުވަނަ މަރުޙަލާއަކީ ކުށުގެ ޢަމަލު ފުރިހަމަ ކުރާ މަރުޙަލާކަމާއި ކުށްކުރަން އުޅޭކަމަށް ބެލެވޭނީ ކުށްކުރަން އުޅުމުގެ ދެރުކުން ފުރިހަމަ ކުރެވިގެން ކަން އެނގޭކަމައި ފުރަތަމައީ ކުށްކުރަން އުޅުމުގެ މާއްދީ ރުކުން ކަމާއި ދެވަނައީ މަޢުނަވީ ރުކުން ކަމާއި މާއްދީ ރުކުނުގައި ދެ އުންޞުރެއް އެކުލެވެން ވާނެކަން އެނގޭކަމާއި ފުރަތަމަ އުންޞުރަކީ ކުށުގެ ޢަމަލު ތަންފީޒުކުރަން ފެށުން ކަމާއި ދެވަނަ އުންޞުރަކީ އަމިއްލަ އިޚްތިޔާރުން ބޭރު ސަބަބަކާ ލައިގެން އެކުށް ފުރިހަމަ ނުވުން ކަން އެނގޭކަމާއި ކުށެއްކުރަން އުޅުމަކީ ކުށުގެ ޢަމަލު ފުރިހަމަ ކުރުމުގައި ހިމެނޭ ކުށުގެ އުންޞުރުތަކުގެ ތެރެއިން ކަމެއް ކުރުން ނުވަތަ ކުށުގެ ޢަމަލު ހަމަވަގުތުން ސީދާ ފުރިހަމަކުރެވޭނެ ކަމެއްކުރުންކަން އެނގޭކަމާއި އަމިއްލަ އިޚްތިޔާރުގައި ކުށުގެ ޢަމަލު ހިންގާ ޚިޔާލު ދޫކޮށްލައިފިނަމަ ކުށް ކުރަން އުޅޭކަމަށް ނުބެލެވޭނެކަން އެނގެން އޮންނަ ކަމާއި އަމިއްލަ އިޚްތިޔާރުގައި ކުށުގެ އަމަލު ތަންފީޒު ކުރުމުގެ ޚިޔާލު ދޫކޮށްލާފައިވާ އެއްވެސް ކުށަކީ އޭގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުށެއް ނޫންކަމީ ޖިނާޔާތުގެ ޢިލްމުގައި ސާބިތުވެ ހަރުލާފައިވާ އުސޫލެއްކަން އެނގެން އޮންނަ އޮތުމެވެ.
އެގާރަވަނަކަމަކީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޫންގޮތަކަށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރާކުރުން ބާޠިލުވާނެ ކަން އެމާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާއި ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފިނަމަ އެމީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ހާޒިރުކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅިބަޔާންވެފައި އޮންނަކަމާއި އެގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ސާބިތުކޮށް ދިނުމަކީ ބަންދުކުރިފަރާތުގެ ޒިންމާއެއްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެފައި އޮންނަކަމާއި، މިނިވަންކަން ހިފެހެއްޓި ފަރާތަށް ބަންދުކޮށްފައިވަނީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތާއެއްގޮތަށް ކަން އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށް ނުދެވިއްޖެނަމަ ހަމަވަގުތުން ދޫކޮށްލަން އަމުރުކުރަންވާނެކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމެވެ.
ބާރަވަނަކަމަކީ ޤާނޫނީ ބާރެއްނެތި ނުވަތަ ޤާނޫނާ ޚިލާފަށް މީހަކު ހައްޔަރު ކޮށްފިނަމަ ނުވަތަ ބަންދުކޮށްފިނަމަ އެކަމުގެ ބަދަލު އެމީހަކަށް ހައްޔަރުކުރިފަރާތަކުން ލިބިދޭންވާނެކަމަށް ޤާނޫނުއަސާސީގެ 58 ވަނަ މާއްދާ ލާޒިމް ކުރާކަން އެނގެން އޮންނަ އޮތުމެވެ.
ތޭރަވަނަކަމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 025063 TD ގެ ފޯމުގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ އޭނާ މިވަގުތު ބަންދުން ދޫކޮށްލައިފިނަމަ ހެކިފޮރުވަން މަސައްކަތްކޮށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަފާނެކަމުގެ އިހްތިމާލު އޮތްކަމަށް ފެންނާތީ ކަމަށް ބަޔާންކޮށްފައިވާއިރު މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޖިނާއީ ކޯޓަށް ހުށަހެޅިކަމަށް ބުނާ ލިޔުންތަކަށް ބަލާއިރު މިބުނެވުނު ފޯމުގައިވާފަރާތުން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެކަމުގެ މައްޗަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވާފާނެކަމުގެ މައްޗަށް ލިބޭ ހެއްކެއް ނުވަތަ ޤަރީނާއެއް އެލިޔުންތަކުން ކަނޑައެޅިގެން އެނގެން ނެތްކަން އެނގޭކަމަށް ހައިކޯޓުގެ ނަންބަރު 2010/HC-A/149 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮންނަކަން އެނގެން އޮންނައޮތުމެވެ.
ޙުކުމް:
އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން ކުށެއްގެ ތުހުމަތުގައި އެއްވެސް މީހެއްގެ ގަޔަށްއަތްލައި ހިފައި ހައްޔަރުކޮށް ނުވަތަ ބަންދުކުރުމަކީ ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން ކުރެވިފައިވާ ސައްހަ ހައްޔަރެއް ނުވަތަ ބަންދުކުރުމެއްކަމަށް ޝަރްޢީ ކޯޓަކަށް ނުވަތަ ފަނޑިޔާރަކަށް ކަނޑައެޅޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާއި 46 ވަނަ މާއްދާއާއި 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި 57 ވަނަ މާއްދާގައި ކަނޑައެޅިފައިވާގޮތުގެ މަތިން އަދި އެމާއްދާތަކުގައި ކަނޑައެޅިފައިވާ އިޖްރާއާތާ (ޑިޔު ޕްރޮސީޖަރއާ) އެއްގޮތަށް ހައްޔަރުކުރުމާއި ބަންދުކުރުމުގެ އެންމެހައި އިޖްރާއާތުގައި އަމަލުކުރެވިފައިވާކަން ކޯޓަށް ސާބިތުކުރެވިގެން ކަމަށްވާތީ އާއި މީހެއްގެ ގަޔަށްއަތްލައި ހިފައި ހައްޔަރުކުރީ ނުވަތަ ބަންދުކުރީ ޤާނޫނުއަސާސީގައިވާގޮތުގެ މަތިންކަން ސާބިތުކުރަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) އިން ލާޒިމް ކުރަނީ ދައުލަތުގެ މައްޗަށް ނުވަތަ ހައްޔަރުކުރިފަރާތުގެ މައްޗަށް ކަމަށްވާތީއާއި މީހުންނަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ޔަޤީންކޮށްދީފައިވާ އަމިއްލަ މިނިވަންކަމާއި ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއިން ޔަޤީންކޮށްދީފައިވާ އެކިތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން މއ. ކާމިނީހުޅަނގުގޭ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިން ހިފަހައްޓައިފައިވަނީ ޤާނޫނުއަސާސީގެ މިބުނެވުނު މާއްދާތަކާއި އެއްގޮތްވާގޮތުގެ މަތިން ޑިޔު ޕްރޮސީޖާރގެ ދަށުންކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 145-J(MD)/2010/4262 އަމުރު އަދި ހައިކޯޓުގެ ނަންބަރު 2010/HC-A/149 ޤަޟިއްޔާގައި ކަނޑައަޅާފައިނުވާތީއާ އަދި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދުކުރުމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) އާއި އެއްގޮތްވާގޮތުގެ މަތިން އެކަށީގެންވާ މިންވަރަށްކަމާއި އަދި ޤާނޫނުއަސާސީގެ 57 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިނިވަންކަމަކުން މަހްރޫމްކުރުން ކޮންމެހެން ބޭނުންވާ މިންވަރަށްކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިޢާޔަތްކޮށް، ކަނޑައަޅާފައިވާކަން ޖިނާއީ ކޯޓުގެ ނަންބަރު 145-J(MD)/2010/4262 އަމުރުންނާއި ހައިކޯޓުގެ ނަންބަރު 2010/HC-A/149 ޤަޟިއްޔާއިން އެނގެން ނޯންނާތީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 30 ޖޫން 2010 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އަދި ހައްޔަރުކުރުމުގެ އެއިޖުރާއާތުގެ މައްޗަށް ބިނާކޮށް ޖިނާއީ ކޯޓުން މުއްދަތު 3 ދުވަހަށް އިތުރުކޮށްފައިވަނީ އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އެމުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވަނީ ޤާނޫނުއަސާސީއާ އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަނޑައަޅައިދެވޭނެ އެއްވެސް ޤާނޫނީ އަދި ޝަރްޢީ ހަމައެއް ނެތް ކަމަށްވާތީ މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/149 ޤަޟިއްޔާގެ ޙުކުމާއި ޖިނާއީ ކޯޓުގެ ނަންބަރު 145-J(MD)/2010/4262 ކޯޓު އަމުރު ބާޠިލުކަމަށް ކަނޑައަޅައި މއ. ކާމިނީހުޅަނގުގޭ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދުން ދޫކުރުމަށް އަމުރުކޮށް މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު މުޖުތާޒް ފަހުމީ
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން
މއ.ކާމިނީހުޅަނގުގެ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ހައްޔަރުކުރި ތާރީޙަކީ 29 ޖޫން 2010 ކަމަށް އިންނަންވީތާނގައި 30 ޖޫން 2010 ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަމަށްވާތީ، އެ ލިޔުމުގެ ކުށް އިޞްލާޙުކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.