ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-A/02ސުޕްރީމް ކޯޓު · 20 ސެޕްޓެމްބަރު 2011

—

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 ސެޕްޓެމްބަރު 2011ބާވަތް: Appellate Matterއިސްތިއުނާފީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-A/02

ދަޢުވާކުރާ ފަރާތް: ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،

ދަޢުވާ ލިބޭ ފަރާތް: ޢަބްދުﷲ ރަޝީދު މޫސާ

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 24 ޖެނުއަރީ 2011

ނިމުނު ތާރީޚް: 20 ސެޕްޓެމްބަރ 2011މާޗް 2009

މައްސަލަ ނިންމި ގަޑި:16:35

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2007/HC-A/227

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 14 ނޮވެމްބަރ 2011

ނިމުނު ތާރީޚް: 03 މެއި 2010

މައްސަލައިގެ ޚުލާޞާ

މި މައްސަލައަކީ އއ. ކުޑަފޮޅުދޫ އަކީ ވަކި މުއްދަތެއް ނެތި ރިސޯޓް ހަދަން ހުއްދަ ދެވިފައިވާ ރަށެއްކަން އެނގެން އޮންނައިރު، މި ފަދަ ރަށްރަށުގައި ހަދާފައިވާ އިމާރާތްތަކާއި ތަކެތީގެ ވެރި ފަރާތްތަކުން ޤާނޫނު ނަންބަރު 94/3 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާ ބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި، އެޤާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ އެގްރީމެންޓްކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ދަޢުވާކުރާ ފަރާތްތަކުގެ މުވައްރިޘް އަލްމަރުޙޫމް މޫސާ ޤާސިމް އެޤާނޫނުގައި ބުނެފައިވާ އެއް އަހަރު ދުވަހުގެ ތެރޭގައި، ޓޫރިޒަމް މިނިސްޓްރީއާއެކު އަލްމަރުޙޫމް މޫސާ ޤާސިމް އެގްރީމެންޓްކޮށްފައި ނުވުމާއި އަދި އެރަށުގައި ހުރި ޢިމާރާތްތަކުގެ މިލްކުވެރިކަމަށް އެ މުއްދަތުގެ ތެރޭގައި ދަޢުވާކޮށްފައި ނުވުމަކީ ޤާނޫނު ކަނޑައަޅާފައިވާ މުއްދަތު ކަމުގައިވާ 1 (އެކެއް) އަހަރު ފާއިތުވުމަށްފަހު އެތަކެތީގެ މިލްކުވެރިކަމާމެދު ދަޢުވާކުރުމުގެ ޤާނޫނީ ހައިޘިއްޔަތު އޭނާގެ ކިބައިން ގެއްލޭނެ ކަމަކަށްވާއިރު، މި ޤާނޫނީ ހަމައާ ޚިލާފަށް އެ ރިޒޯޓުގެ މިލްކުވެރިކަމުގެ މައްސަލަ އަލުން ބަލަން ޖެހޭ މިލްކުވެރިކަމުގެ މައްސަލައެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/227 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން މިކޯޓުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިޤަޟިއްޔާގައި އިލްތިމާސް ކުރިފަރާތުން ހައިކޯޓުގެ 2007/HC-A/227 ޤަޟިއްޔާގެ ޙުކުމް ޤާނޫނާ އެއްގޮތް ނުވާކަމަށް ހުށަހެޅި ނުކުތާތަކަށާއި އޭގެ ރައްދުގައި ދަޢުވާ ލިބޭފަރާތުން ހުށަހެޅި ނުކުތާތަކަށާއި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި ހުށަހެޅި ލިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.

ފުރަތަމަކަމަކީ، އަލްމަރްޙޫމް މޫސާ ޤާސިމްއާއި އިޓަލީގެ ރައްޔިތެއްކަމަށްވާ މރ. ޖިއޮވާނީ ބޯގަރ އާއި ދެމެދު 21 ޖުލައި 1979 ގައި އެއްބަސްވެ، 18 ނޮވެމްބަރ 1982 ގައި ކޯޓު ނަންބަރު 3 ގައި ރަޖިސްޓްރީ ކޮށްފައިވާ އެގްރީމެންޓް ގެ ދަށުން އއ. ކުޑަފޮޅުދޫގައި ބިނާކުރެވުނު ރިސޯޓެއްކަމުގައިވާ (ނިކަ އައިލެންޑް ރިޒޯޓްގެ) މިލްކުވެރިކަން ސާބިތުކޮށް އެ ރިޒޯޓަކީ އަލްމަރްޙޫމް މޫސާ ޤާސިމްގެ ތަރިކައަކަށްވާތީ ކަމަށް ބުނެ، ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އަލްމަރްޙޫމް މޫސާ ޤާސިމްގެ ވާރިޘުންގެ ޙައްޤު ހޯދުމަށާއި، އއ. ކުޑަފޮޅުދޫގެ ޙަޤީޤީ މިލްކުވެރިން ޘާބިތުކޮށްދިނުމަށް އަލްމަރްޙޫމް މޫސާ ޤާސިމްގެ ވާރިޘުންގެ ފަރާތުން މަދަނީ ކޯޓުގައި ދަޢުވާކުރި މައްސަލާގައި އެކޯޓުގެ ނަމްބަރު 2006//MC1093 ޤަޟިއްޔާއިން އއ. ކުޑަފޮޅުދޫގައި ބިނާކޮށްފައިވާ ނިކަ އައިލެންޑް ރިޒޯޓުގެ މިލްކުވެރި ފަރާތަކީ ޢަބްދުﷲ ރަޝީދު މޫސާއާއި އާމިނަތު މޫސާއާއި އއ. ބޮޑު ފޮޅުދޫ / ގުލްފާމުގޭ މަރްޔަމް މޫސާއާއި ވިލާ ޚަދީޖާ މޫސާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުނުވާކަމަށް ޙުކުމްކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

ދެވަނަކަމަކީ، އިސްވެ ބުނެވުނު މަދަނީ ކޯޓުގެ ނަމްބަރު 2006//MC1093 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނޫންކަމަށް ބުނެ ޢަބްދުﷲ ރަޝީދުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ޤަޟިއްޔާގައި މަދަނީ ކޯޓުގެ ޙުކުމް ރަނގަޅުނޫންކަމަށް ޢަބްދުﷲ ރަޝީދަށް ފެންނަ ސަބަބުތަކެއްގެ ގޮތުގައި ހަތަރު ނުކުތާއެއް ހުށަޅާފައިވާކަން އެނގެން އޮންނަ އޮތުމެވެ. އެއީ:

ކުއްޔަށްދިނުމާއި މިލްކުވެރިކަމާއި އެއީ ދެކަމަކަށްވާއިރު އެކަން ޝަރީޢަތުން ބައްލަވާފައި ނުވާކަމަށް ހުށަހެޅި ނުކުތާއާއި މީހުންގެ އަމިއްލަ މިލްކުތަކަކީ ޤާނޫނުއަސާސީގެ ދަށުން ޙިމާޔަތް ލިބިގެންވާ ތަކެތިކަމަށް ވީހިނދު، ޤާނޫނުއަސާސީއާ ޚިލާފަށް ޤާނޫނަކުން ވިޔަސް މިލްކުވެރިކަން ނިގުޅައިނުގަނެވޭނެކަމަށް ހުށަހެޅި ނުކުތާއާއި މިނިސްޓަރީ އޮފް ޓޫރިޒަމްއާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކޮށްފައިވާ އެގްރީމެންޓަކީ އެއިން އެއްވެސް ފަރާތަކަށް މިލްކުވެރިކަން ލިބިދެވޭ އެއްބަސްވުމެއް ނޫންކަމަށް ހުށަހެޅި ނުކުތާއާއި ކުރިން ނިމިފައިވާ ޤަޟިއްޔާތަކަކަށް ޙަވާލާދީފައިވާ އެ ޤަޟިއްޔާއާއި ތަފާތު ޙަޤީޤަތްތަކެއް މި ޤަޟިއްޔާގައި ހިމެނޭ ކަމަށް ހުށަހެޅި ނުކުތާއާއި ހަތަރު ނުކުތާއެވެ.

ތިންވަނަކަމަކީ، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2007/HC-A/227 ޤަޟިއްޔާގައި "...މޫސާ ޤާސިމްގެ ފަރާތުން މިހާރު ހުށަހަޅާ ހެކިންނާއި ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ބަލައި ރިޢާޔަތް ކުރެވެންޖެހޭނެ ކަންތައްތަކެއް ހުރުމާއި އެކަންކަމުގެ މައްޗަށް ޤަޟިއްޔާ ނަންބަރު 1093/MC/2006 ގައި ރިޢާޔަތްކުރެވިފައި ނެތުމުން އެޤަޟިއްޔާ ނިމިފައިވަނީ ރަނގަޅަށްކަމަށް މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ޤަބޫލުނުކުރެވޭ ޙުކުމެއް ކަމަށްޓަކައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމުގައި ކަނޑައަޅައި އިސްވެ ޢިޝާރާތްކުރެވުނު ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ފުރިހަމައަށް ރިޢާޔަތްކުރުމާއިއެކު، މިމައްސަލައަކީ ދަށުކޯޓުން އަލުން ބަލައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި ނިންމި ނިންމުމަށް ބަލާއިރު މަދަނީ ކޯޓުގެ ނަންބަރު 2006//MC1093 ޤަޟިއްޔާގައި އެކޯޓަށް ހުށަހެޅުނު ހުށަހެޅުންތަކާއި ލިޔުންތަކާއި ހެކިތަކުން އެކޯޓަށް ކަށަވަރުވެ ބުރަވެވިފައިވާ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ އެ ޙުކުމަކީ ފައިސަލާކުރަނިވި ޙުކުމެއްކަމާއި ހައިކޯޓުގައި އެމައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް ސުވާލު އުފެދޭ ނުކުތާތަކެއް ހުރުމަކީ އޭގެ ޒާތުގައި އެމައްސަލަ އިސްތިއުނާފުކުރެވިފައިވާ ދެވަނަ މަރްޙަލާގެ ކޯޓުން އެމައްސަލަ ބެލި ޤަޟިއްޔާގައި ދަށުކޯޓަށް ހުށަހެޅިފައިވާ ހެކިތަކާއި ވާޤިޢާތަކުގެ (facts) އަސާސްގެ މައްޗަށް އަލުން މައްސަލަ ބަލައި މަދަނީ ކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާ އިސްތިއުނާފު ކުރި ފަރާތުން ކޮށްފައިވާ ނިކަ މޯލްޑިވްސްގެ މިލްކުވެރިކަމުގެ ދަޢުވާގައި އެފަރާތުގެ ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅައި ފައިޞަލާކުރަނިވި ޙުކުމެއް ދެވަނަ މަރްޙަލާގެ ކޯޓުން ކުރުމަށް ހުރަސް އެޅޭ ސަބަބެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

ހަތަރުވަނަކަމަކީ، އިސްތިއުނާފުކުރުން އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދެވިފައި އޮންނައޮތުމާއި ތިން މަރުޙަލާގައި ޝަރީޢަތް ކުރުމުގެ އުޞޫލު އޮންނަގޮތުގެ މައްޗަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބަލާއިރު، އެންމެ މަތީ މަރުޙަލާގެ ކޯޓުގައި ދެވަނަ މަރްޙަލާގެ ކޯޓުގެ ޙުކުމް އިލްތިމާސް ކުރެވުމުން އެންމެ މަތީ މަރުޙަލާގެ ކޯޓުން ބަލާނީ ދަށު ދެ މަރްޙަލާގައި ސާބިތުވި ވާޤިޢާތަކަށް ޤާނޫނު ތަޠްބީޤުކޮށް ޙުކުމްކުރުމުގައި ހެދުނު ގޯހެއް އޮތްކަން ނުވަތަ ނޫންކަން ކަމުގައިވިޔަސް، އިސްތިއުނާފުގެ ފުރަތަމަ މަރްޙަލާކަމުގައިވާ ދެވަނަ މަރްޙަލާގެ ކޯޓަށް ފުރަތަމަ މަރްޙަލާގެ ކޯޓަކުން ފައިޞަލާކުރަނިވި ގޮތެއްގައި ނިންމާފައިވާ ޤަޟިއްޔާއެއް އިސްތިއުނާފުކުރެވިއްޖެނަމަ ދަށުކޯޓުގައި އެދިފައިވާ ޠަލަބު ނޫން އާކަމެއް ނުވަތަ އާކަންތައްތަކަށް އެދި ހުށަނޭޅޭނެކަން އެނގޭކަމާ ނަމަވެސް ދަށު މަރްޙަލާގެ ކޯޓުގައި ހުށަހެޅުނު އެންމެހައި ހުށަހެޅުންތަކަކީ އަސާސް ކަމުގައި ބަލައި އަދި ދަށު ކޯޓުގައި ހުށަނޭޅުނު ހުށަހެޅުންތަކާއެކު އަލުން މައްސަލަ ބަލައި މައްސަލައިގައި ސާބިތުވާ ވާޤިޢާތައް ކަނޑައަޅައި އެސާބިތުވާ ވާޤިޢާތަކަށް ފެތޭ ޤާނޫނު ތަޠްބީޤުކޮށް ފައިސަލާކުރަނިވި ޙުކުމެއް ކުރަންވާނެކަން އެނގެން އޮތްއިރު، މިޤަޟިއްޔާ ހައިކޯޓުން އަލުން ބަލައި މިޤަޟިއްޔާގެ މައުޟޫޢުގައި ފައިސަލާކުރަނިވި ޙުކުމެއް ނުކޮށް، މައްސަލަ ދަށު ކޯޓުން ބަލަންވާނެ ކަމަށް ކަނޑައަޅާފައިވަނީ މިބުނެވިދިޔަ އުޞޫލާ ކަނޑައެޅިގެން ޚިލާފަށް ކަން ފާހަގަކުރެވިފައި ވުމެވެ.

ފަސްވަނަކަމަކީ، މިމައްސަލައިގެ ލިޔުންތަކުން އަރިއަތޮޅު ކުޑަފޮޅުދޫއެވެ ކިޔާ ރަށަކީ އަލްމަރުޙޫމް މޫސާ ޤާސިމް ވަރުވާއަށް ލިޔުއްވާފައި އޮތް ރަށެއްކަމާއި ވަރުވާއަށް ލިޔުއްވާ ރަށްތަކަކީ އެރަށްތަކުގެ މިލްކުވެރިކަމުގެ ޙައްޤު ވަރުވާއަށް ލިޔުއްވާ ފަރާތަށް ލިބޭ ރަށްތަކެއް ނޫންކަން އެނގޭކަމާއި ހަމައެކަނި އޮންނަ ޙައްޤަކީ ވަރުވާއަށް ދޫކޮށްފައި އޮންނަ މުއްދަތުގައި ދައުލަތުން ކަނޑައަޅާ އުޞޫލަކަށް އެރަށަކުން މަންފާލިބުމުގެ ޙައްޤުކަން އެނގެން އޮންނަކަމާއި ހަމައެކަނި މަންފާ ލިބިގަތުމަށް ލިބޭ ޢައިނީ (In Rem) އެއްވެސް ޙައްޤަކީ މިލްކުވެރިކަމުގެ ޙައްޤެއް ނޫންކަން އެނގެން އޮންނައޮތުމެވެ.

ހަވަނަކަމަކީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އިން އަލްމަރުޙޫމް މޫސާ ޤާސިމަށް ވަރުވާއަށް ދޫކޮށްފައި އޮތް އަރި އަތޮޅު ކުޑަފޮޅުދޫގައި ރިޒޯޓެއް ހަދައި ހިންގުމާބެހޭގޮތުން އަލްމަރުޙޫމް މޫސާ ޤާސިމް އާއި އިޓަލީގެ ރައްޔިތެއްކަމަށްވާ މިސްޓަ ޖިއޮވާނީ ބޯގަރއާއި ދެމެދު 21 ޖުލައި 1979 ގައި އެއްބަސްވެ 18 ނޮވެމްބަރ 1982 ގައި ކޯޓުގެ ނަންބަރު 8 ގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 82/255-C/8-C އެގްރީމެންޓްގެ ދަށުން މިސްޓަރ ޖިއޮވާނީ ބޯގަރ ރިސޯޓެއް ހަދާފައިވަނީ އަލްމަރުޙޫމް މޫސާ ޤާސިމްގެ އަތުން އެރަށް ކުއްޔަށްހިފައިގެންކަން އަލްމަރުޙޫމް މޫސާ ޤާސީމާއި ޖިއޮވާނީ ބޯގަރއާއި ދެމެދު ކުރެވިފައިވާ މިއެގްރީމެންޓުން ސާފުކޮށް އެނގެން އޮންނަކަމާއި އަދި އަލްމަރުޙޫމް މޫސާ ޤާސިމަކީ ރިސޯޓް ހަދައި ހިންގުމަށް އެއެގްރީމެންޓްގައިވާ ކުއްޔަށް އެއެގްރީމެންޓްގައިވާ ޝަރްޠުތަކުގެ މަތިން ޖިއޮވާނީ ބޯގަރއަށް ކުއްޔަށްދިން ފަރާތްކަން އެނގެން އޮންނަކަމާއި އެއެގްރީމެންޓްގެ 12 ވަނަ މާއްދާގައި ރަށް ކުއްޔަށްހިފާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި މި އެގްރީމެންޓުން އެފަރާތަށް ލިބިދޭ ހުރިހައި ޙައްޤުތަކާއި އިޚްތިޔާރުތައް ނުވަތަ އެއިން ބައެއް (ދިވެހި ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން) އެފަރާތް ބައިވެރިވާ ކުންފުންޏަށް ނުވަތަ އެނޫންވެސް ފަރާތަކަށް ދިނުމުގެ ނުވަތަ ބަދަލުކޮށްލުމުގެ އިޚްތިޔާރު ރަށް ކުއްޔަށްހިފާފަރާތަށް ލިބިގެންވާކަމަށް ރަށް ލިޔުއްވާފަރާތް އެއްބަސްވެއެވެ." މިހެން އޮތުމުން އެރަށުގައި އޮތް ރިޒޯޓްގެ މިލްކުވެރިއަކީ ޖިއޮވާނީ ބޯގަރކަމާއި އޭނާ އަށް އެރިސޯޓްގެ މައްޗަށް ލިބިފައިވާ މިލްކުވެރިކަމުގެ ޙައްޤު އެހެން ފަރާތަކަށް ބަދަލުކުރުމަކީ އަލްމަރުޙޫމް މޫސާ ޤާސިމްގެ އިޢުތިރާޟެއް އޮތް މުޢާމަލާއެއް ނޫންކަމާއި އެކަމަކީ މުޠްލަޤްގޮތެއްގައި ޖިއޮވާނީ ބޯގަރއަށް ލިބިގެންވާ ހައްޤެއްކަމާއި ޖިއޮވާނީ ބޯގަރ އަށް އެރިސޯޓްގެ މައްޗަށް ލިބިފައިވާ މިލްކުވެރިކަމުގެ ޙައްޤު ނިކަމޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްފައިވާކަމާއި މިމުޢާމަލާއާ ގުޅިގެން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަލްމަރުޙޫމް މޫސާ ޤާސިމާ ދެމެދު އއ. ކުޑަ ފޮޅުދޫ ކުއްޔަށް ހިފުމާ ބެހޭގޮތުން 07 ޖެނުއަރީ 1987 ގައި އެއްބަސްވެ، 25 ޖެނުއަރީ 1987 ގައި ކޯޓު ނަންބަރު 3 ގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 87/07-C/3-C އެގްރީމެންޓުގެ މާއްދާތަކުން އަލްމަރުޙޫމް މޫސާ ޤާސިމަކީ އެ ރިޒޯޓް ހިންގުމަށް އއ. ކުޑަފޮޅުދޫ ކުއްޔަށް ދޭފަރާތްކަމާއި އެރިޒޯޓަކީ އަލްމަރުޙޫމް މޫސާ ޤާސިމްގެ މިލްކުވެރިކަމުގެ ޙައްޤެއް އޮތް ރިޒޯޓެއް ކަމަށް އަލްމަރުޙޫމް މޫސާ ޤާސިމް ޤަބޫލުކޮށްފައި ނުވާކަން ސާފުކޮށް އެނގެން އޮންނައޮތުމެވެ.

ހަތްވަނަކަމަކީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރއިން އަލްމަރުޙޫމް މޫސާ ޤާސިމަށް ވަރުވާއަށް ދޫކޮށްފައިއޮތް އަރި އަތޮޅު ކުޑަފޮޅުދޫގައި ރިޒޯޓެއް ހަދައި ހިންގުމާބެހޭގޮތުން އަލްމަރުޙޫމް މޫސާ ޤާސިމްއާއި މިސްޓަރ ޖިއޮވާނީ ބޯގަރ އާއި ދެމެދު 21 ޖުލައި 1979 ގައި ވެފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވުމުން މެދު ކެނޑުމެއްނެތި 20 ޖުލައި 1999 ގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް އަލްމަރުޙޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވެފައިވުމާއި، މި 10 އަހަރުގެ ކުއްޔަކީ 32,000.00 (ބައްތިރީސް ހާސް) ރުފިޔާކަމާއި ޓޫރިސްޓް ރިޒޯޓެއް ހެދުމަށް އއ. ކުޑަފޮޅުދޫ ކުއްޔަށްދިން އިރު، އެރަށުގައި ހިޔާކޮށްފައިވާ އެއްކޮޓަރީގެ ގެއާއި ބަދިގެއާއި، ވަޅުގެ އަގަށް 8,000.00 (އަށްހާސް) ޔޫ.އެސް ޑޮލަރު އަލްމަރުޙޫމް މޫސާ ޤާސިމަށް ދޭން އެއްބަސްވެފައިވާކަން އަލްމަރުޙޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 07 ޖެނުއަރީ 1987 ގައި ވެފައިވާ އެގްރީމެންޓުން އެނގެން އޮންނަ އޮތުމެވެ.

އަށްވަނަކަމަކީ، 07 ޖެނުއަރީ 1987 ގައި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަލްމަރުޙޫމް މޫސާ ޤާސިމާ ދެމެދު އެއްބަސްވެފައިވާ އެގްރީމަންޓުގެ މުއްދަތު ހަމަވުމުގެ ކުރީގައި އަލްމަރުޙޫމް މޫސާ ޤާސިމަކީ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރެއްކަމަށް ހަމަޖެހި، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރަކަށް ވުމަށްޓަކައި އަލްމަރުޙޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 07 މެއި 1990 ގައި އެއްބަސްވި އެގްރީމެންޓްގެ 4 ވަނަ މާއްދާގައި އަލްމަރުޙޫމް މޫސާ ޤާސިމަށް އއ. ކުޑަފޮޅުދޫ އޮތްހައި ދުވަހަކަށް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އއ. ކުޑަފޮޅުދޫ ކުއްޔަށްދީފައި ބޭއްވުމަށް އަލްމަރުޙޫމް މޫސާ ޤާސިމް އެއްބަސްވެފައިވުމާއި އަލްމަރުޙޫމް މޫސާ ޤާސިމަށް ވަރުވާއަށް ލިޔެދެއްވާފައިއޮތް އއ. ކުޑަފޮޅުދޫ ގައި ޓޫރިސްޓް ރިޒޯޓެއް ހެދުމާއި ބެހޭގޮތުން އަލްމަރުޙޫމް މޫސާ ޤާސިމާއި ޖިއޮވާނީ ބޯގަރއާއި ދެމެދު 21 ޖުލައި 1979 ގައި ކޮށްފައިވާ އެގްރީމެންޓާއި އަލްމަރުޙޫމް މޫސާ ޤާސިމް މިނިސްޓްރީ އޮފް އެގްރިކަލްޗަރުން ލިޔުއްވާފައިވާ އއ. ކުޑަފޮޅުދޫގައި ޓޫރިސްޓް ރިޒޯޓެއް ހަދައި ހިންގުމަށް ޖިއޮވާނީ ބޯގަރއަށް އެރަށް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އަލްމަރުޙޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 07 ޖެނުއަރީ 1987 ގައި ކުރެވިފައިވާ އެގްރީމެންޓުން އެ ދެ އެގްރީމެންޓުގެ މުއްދަތު ހަމަވުމުން އެރިޒޯޓުގެ މިލްކުވެރިކަމުގެ ޙައްޤު އަލްމަރުޙޫމް މޫސާ ޤާސިމަށް ބަދަލުކުރުމަށް އެއްބަސްވާ ޝަރުޠެއް، ނުވަތަ މާއްދާއެއްވިޔަސް ނެތްކަން އެންގެން އޮންނަ އޮތުމެވެ.

ނުވަވަނަކަމަކީ، ޤާނޫނު ނަންބަރު 94/3 (ޓޫރިސްޓް ރިޒޯރޓް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާ ބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި އެ ޤާނޫނު ފާސް ވުމުގެ ކުރިން ވަކި މުއްދަތެއް ކަނޑަނޭޅި ރިޒޯޓް ހަދަން ހުއްދަ ދެވިފައިވާ ރަށް ރަށުގައި ހަދާފައިވާ ޢިމާރާތްތަކާއި ތަކެތީގެ ވެރި ފަރާތްތަކާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު އެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ އެގްރީމެންޓް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ކުރަންވާނެކަމަށް އޮތުމުން އެމާއްދާގައިވާ ގޮތުގެ މަތިން އއ. ކުޑަފޮޅުދޫގައި ހަދާފައިވާ ނިކަ އައިލެންޑް ރިޒޯޓްގެ ޢިމާރާތްތަކާއި ތަކެތީގެ މިލްކުވެރިފަރާތުގެ ގޮތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއެކު އެގްރީމެންޓް ކުރުމަށް ބޭނުންވެގެން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅިއިރު، އެރަށުގައިވާ ރިޒޯޓާއި އެ ރިޒޯޓުގެ ޢިމާރާތްތަކާއި ތަކެތީގެ މިލްކުވެރިކަމާމެދު އެ ޤާނޫނުގައި ބުނެފައިވާ 1 (އެކެއް) އަހަރުގެ މުއްދަތުގައި އެހެންފަރާތަކުން ދަޢުވާއެއްކޮށްފައިނުވުމާއި ދައުލަތުން ވަކި މުއްދަތެއް ކަނޑަނޭޅި ރިޒޯޓު ހެދުމަށް ދޫކުރެވިފައިވާ ރަށްރަށުގެ މިލްކުވެރިފަރާތަކީ ދައުލަތް ކަމަށްވާއިރު، އެޤާނޫނުގެ 1 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓް ހަދަންވާނީ އެކަމަށް ސަރުކާރުން ކަނޑައަޅާ ފަޅުރަށްރަށުގައި ކަމަށް ބަޔާންވެފައިވުމާއި އެ ޤާނޫނަށް ޢަމަލުކުރެވެން ފެށުމަށްފަހު ޓޫރިސްޓް ރިޒޯޓް ފަޅުރަށް ރަށުގައި ހިންގަންވާނީ އެޤާނޫނުގައިވާގޮތުގެ މަތިންކަމާއި ވަކި މުއްދަތެއް ކަނޑަނޭޅި ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށުގައި ހަދާފައިވާ ޢިމާރާތްތަކާއި ތަކެތީގެ ވެރިފަރާތްތަކާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު އެޤާނޫނަށް ޢަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެގްރީމެންޓް ކުރަންވާނެކަމަށާއި އެ މާއްދާގައި ބުނެފައިވާ ރަށްރަށް ކުއްޔަށް ދެވޭނީ ގިނަވެގެން މީލާދީ 21 (އެކާވީސް) އަހަރު ދުވަހަށްކަމަށާއި އެ ޤާނޫނު ފާސްވުމުގެ ކުރިން ވަކި މުއްދަތެއް ކަނޑަނޭޅި ރިޒޯޓް ހަދަން ހުއްދަ ދެވިފައިވާ ރަށެއްގައިވާ ޢިމާރަތްތަކާއި ތަކެތީގެ ވެރިފަރާތަކުން އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ އެގްރީމެންޓް އެ ޤާނޫނުގައިވާގޮތުގެ މަތިން ކުރަން ނޭދޭނެނަމަ، އެރަށް އެފަރާތެއްގެ ކިބައިން ވަކިކޮށް، އެރަށެއްގައިވާ ޢިމާރާތްތަކާއި ތަކެއްޗަށް ޢަދުލުވެރި ބަދަލު ދެވޭނެކަމަށް އޮތުމުން އެޤާނޫނުގައި ބުނެފައިވާ އެ މުއްދަތު ފާއިތުވުމަށްފަހު އެޤާނޫނާ ޚިލާފަށް ފަޅުރަށެއްގައި އޮތް ރިޒޯޓެއްގެ މިލްކުވެރިކަމާމެދު ދަޢުވާ ނުކުރެވޭނެކަން އެ ޤާނޫނުން ކަނޑައެޅިގެން އެނގެން އޮންނަކަމެވެ.

ދިހަވަނަކަމަކީ، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަލްމަރުޙޫމް މޫސާ ޤާސިމަށް އެކުންފުނީގެ ކެޕިޓަލް ޝެއަރއިން 1 (އެކެއް) ޙިއްޞާ 6,334.00(ހަހާސް ތިންސަތޭކަ ތިރީސް ހަތަރެއް) އެމެރިކާ ޑޮލަރަށް ވިއްކާފައިވާކަން (07 މެއި 1990 ގައި) އަލްމަރުޙޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވި އެގްރީމެންޓްގެ 1 ވަނަ މާއްދާއިން އެނގެން އޮތުމާއި، އަލްމަރުޙޫމް މޫސާ ޤާސިމްގެ ޙިއްޞާއަށް ކޮންމެ މަހަކު 8,000.00 (އަށްހާސް ރުފިޔާ) ދިނުމަށާއި ކުންފުނީގެ އަހަރީ ޙިއްޞާ ބަހާ ވަގުތު މި ޢަދަދަށްވުރެ ކުއްޔަށްދޭ ފަރާތަށް ލިބެންވާ ޢަދަދު އިތުރުވާނަމަ އެ އިތުރުވާ ޢަދަދު ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށްހިފާ ފަރާތަށް ދޭންވާނެކަމަށް އެއެގްރީމެންޓްގެ 3 ވަނަ މާއްދާގައި އޮތުމާއި އެ އެގްރީމެންޓްގެ 8 ވަނަ މާއްދާގައި ކުލީގެ ގޮތުގައި ކުއްޔަށްދޭ ފަރާތަށް ވާ ޙިއްސާ އެ އެގްރީމެންޓްގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދުގެ އިތުރަށް އެހެން ފައިސާގެ ޢަދަދެއް ކުލީގެ ގޮތުގައި ނުވަތަ އެހެން ސޫރައެއްގައިވެސް ކުއްޔަށްހިފާ ފަރާތުން ކުއްޔަށްދޭ ފަރާތަށް ދޭން ނުޖެހޭނެކަމަށް އަލްމަރުޙޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެފަރާތުން އެއްބަސްވެފައިވާކަން އެގްރީމަންޓުގެ އެމާއްދާއިން ސާފުކޮށް އެނގެން އޮތުމުން އަލްމަރުޙޫމް މޫސާ ޤާސިމް އޭނާ ވަރުވާއަށް ލިޔުއްވާފައިއޮތް އަރިއަތޮޅު ކުޑަފުޅޮދޫގައި ބިނާކުރެވިފައިވާ ރިޒޯޓްގެ މިލްކުވެރިކަމުގެ ހައްޤު އޮތީ ނިކަ މޯލްޑިވްސްއަށް ކަމާއި، އަލްމަރުޙޫމް މޫސާ ޤާސިމަކީ އެކުންފުނީގެ 1 (އެކެއް) ޙިއްސާ ލިބިފައިވާ ޙިއްސާދާރެއްކަމާއި، އެރިޒޯޓުގެ މިލްކުވެރިކަމާމެދު އަލްމަރުޙޫމް މޫސާ ޤާސިމްގެ ދަޢުވާއެއް ނެތްކަމާއި، އަދި އެ އެގްރީމެންޓްގެ 8 ވަނަ މާއްދާގެ ދަށުން ލިބެމުން ދިޔަ ފައިސާ ފިޔަވައި އިތުރު އެއްވެސް ފައިސާއެއްގެ ދަޢުވާއެއްވެސް ނެތްކަން އެނގެން އޮންނަކަމާއި، މީހަކު ނިޔާވުމުން އެމީހެއްގެ ޙަޔާތުގައި މިލްކުވެރިވެފައިނުވާ މުދަލެއްވާރުތަ ނުވާނެކަމާ އަދި މީހެއްގެ ހެޔޮ ހަޔާތުގައި ކޮށްފައިވާ ޞައްޙަ އެގްރީމެންޓަކުން އެމީހެއްގެ މިލްކުވެރިކަމުގެ ޙައްޤެއް ނުވަތަ ދަޢުވާއެއް ނެތްކަމުގެ އިޤްރާރު ލިބޭ މުދަލަކީ ވާރުތަވެރިންނަށް ތަރިކައިގެ ދަޢުވާއެއް ކުރެވިދާނޭ މުދަލެއް ނޫންކަން އެނގެން އޮންނައޮތުމެވެ.

އެގާރަވަނަކަމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު، މިލްކުވެރިކަމުގެ ޙައްޤަކީ ޢައިނީ (In Rem) ޙައްޤެއްކަމާއި އެޙައްޤަކީ ކަނޑައެޅިފައިވާ ޝަޚްސަކަށް ކަނޑައެޅިފައިވާ މާއްދީ އެއްޗެއްގެ މައްޗަށް އޭގެ ޒާތުގައި ޤާނޫނު ނުވަތަ ޝަރީޢަތް ސާބިތުކޮށްދޭ ސީދާ ބާރުވެރިކަންކަމާއި އަދި އެއީ އެ ޝަޚްސަކަށް އެއެއްޗެއްގެ ބޭނުންކުޅައުމާއި އެ އެއްޗަކުން މަންފާ ލިބިގަތުމާއި އެއެއްޗަކާމެދު ތަސައްރުފުކުރުމާއި މިތިން ކަންތަކުގެ ފުރިހަމަ ބާރު ދާއިމީ ސިފައެއްގައި ލިބިދޭ މުޠްލަޤް ބާރުވެރިކަންކަން އެނގެން އޮންނަކަމާއި މިއާ ޚިލާފަށް ކުލީގެ ކޮންޓްރެކްޓުން ޝަޚްސަކަށް ހާސިލްވާ މަންފާ ލިބިގަތުމުގެ ޙައްޤު ފަދަ ދާއިމީ ސިފައެއްނެތް އެއްވެސް ޙައްޤަކީ މިލްކުވެރިކަމުގެ ޙައްޤު ނޫންކަމަށްވާތީ އަލްމަރުޙޫމް މޫސާ ޤާސިމަށް އއ. ކުޑަފޮޅުދޫ ވަރުވާއަށް ސަރުކާރުން ދޫކުރި ކުރުމަކީ ދައުލަތުން އެރަށުގެ އެއްވެސް މިލްކުވެރިކަމުގެ ޙައްޤެއް އަލްމަރުޙޫމް މޫސާ ޤާސިމަށް ނަޤުލުކޮށްދޭ މުޢާމަލާއެއްނޫންކަމާއި އެއީ އެރަށް ވަރުވާއަށް ދޫކުރެވިފައި އޮންނަ މުއްދަތުގައި ސަރުކާރުން ކަނޑައަޅާފައި އޮތް ވަކި މަންފާތަކެއް ލިބިގަތުމުގެ ޙައްޤު ލިބިދޭ މުޢާމަލާއަކަށްވާތީ އެމުޢާމަލާގެ ދަށުން އަލްމަރުޙޫމް މޫސާ ޤާސިމް އެރަށް ވަރުވާއަށް ލިޔުއްވާފައި އޮތް މުއްދަތުގައި އެހެންފަރާތަކަށް ކުއްޔަށްދިނުންފަދަ މުޢާމަލާއެއް ސަރުކާރުން އޭރު ހުއްދަކޮށްފައި އޮތްކަމުގައި ވިޔަސް އެރަށަކީ މޫސާ ޤާސިމަށް މިލްކުވެރިކަމުގެ ޙައްޤު ލިބިފައި އޮތް ރަށެއް ނޫން ކަމާއި އަދި އެރަށް ކުޔަށްހިފައިގެން އެރަށުގައި ރިސޯޓެއް ހިންގުމާ ބެހޭގޮތުން ކުއްޔަށްހިފިފަރާތާއި އަލްމަރުޙޫމް މޫސާ ޤާސިމާ ދެމެދު ކުރެވިފައިވާ އިސްވެ ބުނެވުނު އެގްރީމެންޓްތަކުން އެރިޒޯޓާއި އެރިޒޯޓުގައިވާ ޢިމާރާތްތަކާއި ތަކެތީގެ މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް އަލްމަރުޙޫމް މޫސާ ޤާސިމަށް ލިބިގެންވާކަން ސާބިތުނުވާއިރު، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) ގައިވާފަދައިން ކޮންޓްރެކްޓަކަށް ޢަމަލުކުރުމަށް ހުރަސް އަޅާ ޤާނޫނެއް ހިންގަންފެށުމަކީ ކޮންޓްރެކްޓް ނިމުމަކަށް އަންނަ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްވާތީ ޤާނޫނު ނަންބަރު 94/3 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާ ބެހޭ ޤާނޫނު) ހިންގަން ފެށުމަކީ އަލްމަރުޙޫމް މޫސާ ޤާސިމްއާއި ނިކަ މޯލްޑިވްސްއާ ދެމެދު ކުރެވިފައިވާ ކުލީގެ އެގްރީމެންޓް އެޤާނޫނުގެ ބާރުން ނިމިގެންދިޔަ ސަބަބުކަން އެނގެން އޮންނަ އޮތުމެވެ.

ބާރަވަނަކަމަކީ، އަލްމަރުޙޫމް މޫސާ ޤާސިމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އިން ވަރުވާއަށް ދޫކުރި އއ. ކުޑަފޮޅުދޫއަކީ އަލްމަރުޙޫމް މޫސާ ޤާސިމްގެ އަމިއްލަ މިލްކަކަށް ނުވާއިރު، އެރަށް ޤާނޫނު ނަންބަރު 94/3 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާ ބެހޭ ޤާނޫނު) ގައި ވާގޮތުގެމަތިން އަލްމަރުޙޫމް މޫސާ ޤާސިމްގެ ކިބައިން ވަކި ކުރެވުނު ކުރެވުމަކީ ޢާންމު މަންފަޢަތައްޓަކައި ޢަދްލުވެރި ބަދަލުދީފައި މީހެއްގެ އަމިއްލަ މިލްކު ނެގޭ ޢާންމު އުޞޫލުން ވަކިކުރެވުނު ވަކިކުރެވުމަކަށް ނުވާތީއާއި އެޤާނޫނުގެ ދަށުން ވަކި ކުރެވިފައިވާ ރަށްތަކަކީ ދައުލަތަށް މިލްކު ރަށްތަކަކަށްވާތީއާއި އަލްމަރުޙޫމް މޫސާ ޤާސިމްގެ ކިބައިން މިރަށް ވަކި ކުރެވިފައިވަނީ ޤާނޫނު ނަންބަރު 94/3 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާ ބެހޭ ޤާނޫނު) ގައިވާގޮތުގެ މަތިން ކަމަށްވާތީއާއި އެޤާނޫނުގައި ކަނޑައަޅާފައި އޮތް މުއްދަތުގައި އއ. ކުޑަފޮޅުދޫގައި އޮތް ރިޒޯޓުގެ މިލްކުވެރިފަރާތުގެ ގޮތުގައި އެރަށުގައި ރިޒޯޓެއް ހިންގުމުގެ އެގްރީމެންޓް މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރި އިރު އެހެން އެއްއެއްވެސް ފަރާތަކުން އެރިޒޯޓުގެ މިލްކުވެރިފަރާތުގެ ގޮތުގައި ހުށަހަޅާފައި ނުވާތީއާއި އަދި އެޤާނޫނުގައިވާ ޢަދްލުވެރި ބަދަލު ހޯދަން ބޭނުންވާ އެއްވެސް އެއްޗެއް އެރަށުގައި ހުރިކަމަށް ބުނެ އެއްވެސް ފަރާތަކުން އެ ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ހުށަހަޅާފައި ވާކަން އެނގެން ނެތަތީ އެޤާނޫނުގައި ވާގޮތުގެ މަތިން އެރަށް ވަރުވާއަށް ހިފާފައިވާ ފަރާތުގެ ކިބައިން ވަކިކޮށް އއ. ކުޑަފޮޅުދޫގައި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ރިސޯޓް ހިންގުމަށް އެރަށް ދޫކުރުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދުކޮށްފައިވާ އެގްރީމެންޓަކީ ސައްޙަ ނޫން އެގްރީމެންޓެއްކަމުގައި ބެލެވޭނެ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ހަމައެއް ނެތްކަން އެނގެން އޮންނައޮތުމެވެ.

ތޭރަވަނަކަމަކީ، ޝަރްޢީ ހަމަތަކުގެ މަތިން މީހަކަށް ސާބިތުވެފައިވާ އެއްވެސް މިލްކުވެރިކަމެއްގެ ޙައްޤަކީ ޤާނޫނުއަސާސީ އާއެއްގޮތް ވާގޮތުގެ މަތިން ޢާންމު މަންފަޢަތަކަށްޓަކައި ދައުލަތުން ޢަދްލުވެރި ބަދަލު ދީފައި ޤާނޫނު އަދި އިސްލާމީ ޝަރީޢަތް ހުއްދަ ކުރާގޮތުގެ މަތިން އަދި ކަމާބެހޭ ޝަރްޢީ ކޯޓެއްގެ ހުކުމަކުން އެޙައްޤު އެމީހެއްގެ ކިބައިން ވަކި ނުކުރެވޭހައި ހިނދަކު، އެ ޙައްޤުގެ ބޭނުންނުކޮށްދޫކޮށްލުމުގެ ސަބަބުން ބާވެ، އުވިގެންދާނެ ޙައްޤެއް ނޫންކަމާއި މިފަދަ ޢައިނީ ކޮންމެ ޙައްޤަކީ ވާރިޘުންނަށް ވާރުތަވާ ޙައްޤެއްކަމާއި މިފަދަ ޙައްޤުތަކަކީ ވާރުތަ ވެރިންނަށް ތަރިކައިގެ ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެންވާ ޙައްޤުތަކެއްކަމާއި މިއާޚިލާފަށް، މީހަކު ދިރިހުރި އިރު، އެމީހާގެ ދަޢުވާއެއް ނެތި އެމީހާ މަރުވެގެން ދިޔަކަން ސާބިތުވާ ކަމެއް ފަދަ މީހެއްގެ އަމިއްލާ ޒާތާގުޅިފައިވާ ޝަޚްޞީ (In Personam) ޙައްޤުތަކަކީ ވާރުތަވެރިންނަށް ވާރުތަވާ ތަރިކައިގެ ދަޢުވާގެ ތެރެއަށް ވަންނަ ކަންތައްތަކެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

ސާދަވަނަކަމަކީ، އަލްމަރުޙޫމް މޫސާ ޤާސިމަށް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވިއްކާފައިވާ ޙިއްޞާއަކީ އިތުރު ނުވާގޮތަކަށް ޝަރްޠުކުރެވިގެން ލިބިދީފައިވާ ޙިއްސާއެއްކަމަށް ވިޔަސް، މިހާރު އެޙިއްސާ އަކީ އަލްމަރްޙޫމް މޫސާ ޤާސިމްގެ ތަރިކައަކަށްވާތީ އަލްމަރުޙޫމް މޫސާ ޤާސިމްގެ ވާރުތަވެރިންނަށް އެޙިއްސާ ތަރިކައިގެ އުޞޫލުން ލިބުމަކީ އެވާރުތަވެރިންގެ ޙައްޤަކަށްވާއިރު، ނިކަމޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަލްމަރުޙޫމް މޫސާ ޤާސިމާއި ދެމެދު 07 ޖެނުއަރީ 1987 ގައި ކުރެވިފައިވާ އެގްރީމެންޓްގައި އޭނާ ވަރުވާއަށް ލިޔުއްވާފައި އޭރު އޮތް ރަށް އޭނާގެ އަތުން ކުއްޔަށްހިފައި ކުލީގެ ގޮތުގައި އެގްރީމެންޓްގެ 3 ވަނަ މާއްދާގައި ވާއެއްޗަކަށް ވުރެ އިތުރު އެއްޗެއް ނުލިބޭނެކަމަށް އެއްބަސްވެފައިވި ނަމަވެސް އެ އެގްރީމެންޓް ޤާނޫނު ނަންބަރު 94/3 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާ ބެހޭ ޤާނޫނު) ހިންގުމުގެ ސަބަބުން ނިމުމަކަށް އައިސްފައިވުމާއެކު އެ އެގްރީމެންޓްގެ 3 ވަނަ މާއްދާއިން ޙިއްސާގެ ޙައްޤު ޤައިދުކުރަން އެއްބަސްވެފައި އޮތް އޮތުން ވެސް ނިމުމަކަށް އައިސްފައިވާތީ މިހާރު އެ ޙިއްސާއާމެދު ޢަމަލުކުރެވޭނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އާއި އެއްގޮތްވާގޮތުގެ މަތިންކަމަށް ވުމާއެކު، އަލްމަރުޙޫމް މޫސާ ޤާސިމްގެ ވާރިޘުންނަށް އެ ޙިއްސާގެ ޙައްޤު ކުންފުނީގެ އެހެން ޙިއްސާދާރުންނެކޭ އެއްފަދައިން އެއްވެސް އުނި އިތުރެއްނެތި ޙައްޤުވެގެންވާނެކަން އެނގޭކަމާއި ޤާނޫނު ނަންބަރު 94/3 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާ ބެހޭ ޤާނޫނު) ގައިވާގޮތުގެ މަތިން އއ. ކުޑަފޮޅުދޫ އަލްމަރުޙޫމް މޫސާ ޤާސިމަށް ވަރުވާއަށް ދޫކޮށްފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވާކަން އެނގޭކަމާއި މިހާރު އެރަށުގައި ރިޒޯޓެއް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގަނީ އެޤާނޫނުގައި ވާގޮތުގެމަތިން މިނިސްޓްރީ އޮފް ޓޫރިޒަމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަމާއި، އެރަށުގައި އޮތް ނިކަ އައިލެންޑް ރިޒޯޓުގެ މިލްކްވެރިކަމުގެ ހައްޤު ޤާނޫނީ ގޮތުން އޮތީ ނިކަ މޯލްޑިވްސް އަށްކަން އެނގެން އޮތުމާއި އަލްމަރުޙޫމް މޫސާ ޤާސިމްގެ ވާރިޘުންނަށް މިލްކުވެރިކަމުގެ ހައްޤު ލިބިފައިވަނީ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މޫސާ ޤާސިމަށް ލިބިފައިވާ 1 (އެކެއް) ޙިއްޞާގެ މައްޗަށް ކަން ސާފުކޮށް އެނގެން އޮންނައޮތުމެވެ.

ޙުކުމް:

ދެންފަހެ، މަދަނީ ކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2007/HC-A/227 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތް ނުވާތީ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައެޅުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކޮށްފައިވާ ޙުކުމެއްކަމަށް މި މައްސަލަ ބެލި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް އިއްތިފާޤުވެވުނުހިނދު، މަދަނީ ކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތްކަމަށް ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ވެހިރާއްޖޭގެ އު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ