ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-E/18ސުޕްރީމް ކޯޓު · 3 ފެބުރުއަރީ 2011

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 ފެބުރުއަރީ 2011ބާވަތް: Election Matterއިންތިޚާބީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-E/18

ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން

ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ޢަބްދުލްޤާދިރު

މުޙައްމަދު ޢާރިފް

ޙަސަން ޙަފީޡް

މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 01 ފެބްރުއަރީ 2011

ނިމުނު ތާރީޚް: 03 ފެބްރުއަރީ 2011

މައްސަލަ ނިންމި ގަޑި: 22:10

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު،ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

މައްސަލައިގެ ޚުލާޞާ

މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ރަށު ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ އަޙްމަދު ޢަބްދުލްޤާދިރު އާއި، މުޙައްމަދު ޢާރިފު އާއި ޙަސަން ޙަފީޘު އަކީ އެތިން މީހުންގެ މައްޗަށް ދަރަނި ސާބިތުވެ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންނުދާ ތިން މީހުން ކަމަށާއި، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާއެއްގޮތަށް އެދަރަނި އަދާކުރަމުން ނުދިއުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކަނޑައެޅިފައިވާތީ، އަޙްމަދު ޢަބްދުލްޤާދިރާއި، މުޙައްމަދު ޢާރިފާއި، ޙަސަން ޙަފީޘަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކެއްކަމަށް ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

އަދި މިމައްސަލަ ހިންގުމަށްޓަކައި ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން މުޙައްމަދު ޢާރިފާއި ޙަސަން ޙަފީޘަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން މުޙައްމަދު ޢާރިފު ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަވާލުވެފައިނުވާތީއާއި ޙަސަން ޙަފީޘު ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަވާލުވެ ކޯޓަށް ޙާޟިރުވެފައިނުވާތީއާއި، 3 ފެބްރުއަރީ 2011 ވަނަ ދުވަހުގެ 10:30 އަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން ޢާއްމުކޮށް އަންގައި އިޢުލާންކުރުމުންވެސް، އެދެމީހުންކުރެ މީހަކު ކޯޓަށް ޙާޟިރުވެފައިނުވާތީ މިމައްސަލަ ހިންގިފައިވަނީ މުޙައްމަދު ޢާރިފާއި ޙަސަން ޙަފީޘުގެ ޣައިރު ޙާޟިރުގައެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

މިމައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުން އަދި ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން އަޙްމަދު ޢަބްދުލްޤާދިރު ގެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" މިފަދައިން ކަނޑައަޅައި، ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.

(ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ އަޙްމަދު ޢަބްދުލްޤާދިރަކީ ކުރީގެ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 757/AC/2002 ގެ ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަން ފެމިލީ ކޯޓުގެ ނަންބަރު 146-A2/2011/156 (05 ޖެނުއަރީ 2011) ގެ ލިޔުމުން އެނގެން އޮތުމާއި މުޙައްމަދު ޢާރިފަކީ، ކުރީގެ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 967/AC/2002 ގެ ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަން ފެމިލީ ކޯޓުގެ ނަންބަރު 146-A2/2011/1 (02 ޖެނުއަރީ 2011) ގެ ލިޔުމުން އެނގެން އޮތުމާއި، ޙަސަން ޙަފީޡަކީ، ކުރީގެ ރ. ހުޅުދުއްފާރު ކޯޓުގެ ނަންބަރު 26/E-18-C/2003 ގެ ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަން 12 ޖަނަވަރީ 2011 ގައި ރ. ހުޅުދުއްފާރު ރަށު އިލެކްޝަންސް ކޮމިޓީއަށް ޙަސަން ހަފީޡް ހާޒިރުކޮށް ނަގާފައިވާ ބަޔާނުން އެނގެން އޮތުމެވެ.

(ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހެއްކަމުގައިވުމުގެ ޝަރުޠު، ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަނުވާކަމަށް އިސްވެ އިޝާރާތްކުރެވުނު ލިޔުންތަކުން އެނގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ވާދަކުރަން ދަޢުވާލިބޭ ފަރާތްތަކުގެ އޮތް ޙައްޤަށް ޤާނޫނީގޮތުން ހުރަސްއެޅިފައިވާކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާކަން އެނގެން އޮތުމާއެކު އެއުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ބައިވެރިވުމުގެ ޙައްޤު އަޙްމަދު ޢަބްދުލްޤާދިރާއި މުޙައްމަދު ޢާރިފާއި، ޙަސަން ޙަފީޘަށް ލިބިގެންނުވާކަމަށް މުޙައްމަދު ޢާރިފާއި ޙަސަން ޙަފީޘުގެ ޣައިރު ހާޒިރުގައި ކަނޑައަޅައިފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝަ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ