ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-A/20ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2016

—

ސުޕްރީމް ކޯޓު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2016ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 202012/SC-A/

ދަޢުވާކުރާ ފަރާތް: ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 04 ޖުލައި 2012

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 އޮގަސްޓް 2012

ނިމުނު ތާރީޚް: 29 ނޮވެންބަރު 2016

މައްސަލަ ނިންމި ގަޑި: 12:32

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2010/HC-A/217

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 18 އޮކްޓޯބަރު 2010

ނިމުނު ތާރީޚް: 28 ފެބްރުވަރީ 2012

މައްސަލައިގެ ޚުލާޞާ

މި ޤަޟިއްޔާއަކީ، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑުން ވިޔަފާރި ކުރަމުން ދިޔަ ޗާންދަނީ މަގު 11 ނަންބަރު ފިހާރަ (ބަންބޫ 1) 13 ސެޕްޓެންބަރު 2008 ގައި ވެއްޓިފައިވަނީ، އެ ފިހާރައާއި އިންވެގެން ހުރި ޢިމާރާތް ތަޅާލައި، ބިންކޮނުމުގެ މަސައްކަތްކުރި، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އިހުމާލުން ކަމަށް ބުނެ، އެ ފިހާރަ ވެއްޓުމުގެ ސަބަބުން އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑުން ފިހާރައިގައި ވިއްކުމަށް ގެނެސްފައި ހުރި މުދަލާއި، ފިހާރައިގައި ބޭނުންކުރަމުންދިޔަ ތަކެތި ހަލާކުވެފައިވުމާއި، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑުގެ ބައެއް މުވައްޒަފުންނަށް އެކިވަރުގެ އަނިޔާވެފައިވުމާއި، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މުދާ ބަލަން ބޭނުންވާތީ، އެ މުދާތައް ބެހެއްޓުމަށް ތަނެއް ކުއްޔަށް ހިފަން ޖެހިފައިވާތީ އާއި، ފިހާރަ ވެއްޓުމުގެ ސަބަބުން ކުންފުނި ހިންގަމުންދިޔަ އޮފީސް ޢިމާރާތް އެހެން ތަނަކުން ކުއްޔަށް ހިފަންޖެހުމާއި، ފިހާރަ ވެއްޓުމާއި ހަމައަށް، ފިހާރައިންކުރާ ވިޔަފާރީގެ މުދަލުގެ އަގު ކަނޑާ އެވްރެޖްކޮށް ލިބެމުންދިޔަ ފައިދާ ނުލިބި ގެއްލުންތަކެއް ވެފައިވާތީ، އެ ގެއްލުންތަކަކީ ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިހުމާލުވުމުން ލިބުނު ގެއްލުންތަކެއް ކަމަށް ބުނެ، އެ ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެދި، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން، މަދަނީ ކޯޓުގެ ނަންބަރު 2009/MC/194 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑުން ވިޔަފާރި ކުރަމުންދިޔަ، ޗާންދަނީ މަގު 11 ނަންބަރު ފިހާރަ (ބަންބޫ 1)، 13 ސެޕްޓެމްބަރު 2008 ވަނަ ދުވަހު ވެއްޓިފައިވަނީ، އެ ފިހާރައާއި އިންވެގެންހުރި ޢިމާރާތް ތަޅާލައި، ބިންކޮނުމުގެ މަސައްކަތްކުރި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އިހުމާލުންކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އިހުމާލުގެ ސަބަބުން އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރީޢަތަށް ސާބިތުވާ މިންވަރަކީ 2,343,239.98ރ. (ދެމިލިއަން ތިންލައްކަ ސާޅީސް ތިންހާސް ދުއިސައްތަ ތިރީސްނުވަ ރުފިޔާ ނުވަދިހަ އަށްލާރި) ކަމަށް ކަނޑައަޅައި، މި ފައިސާ އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދު (09 ސެޕްޓެންބަރު 2010) އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ މަހަކަށް ދައްކަންޖެހޭވަރު އެ މަހަކު އަދާކުރަމުންގޮސް 2،343،239.98ރ. (ދެމިލިއަން ތިންލައްކަ ސާޅީސް ތިންހާސް ދުއިސައްތަ ތިރީސްނުވަ ރުފިޔާ ނުވަދިހަ އަށްލާރި) ގެ މި ދަރަނި މަދަނީ ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމް ކުރުމުން، އެ ޤަޟިއްޔާ ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2010/HC-A/217 ޤަޟިއްޔާގައި، މަދަނީ ކޯޓުގެ ނަންބަރު 194/MC/2009 ޤަޟިއްޔާގައި، މަދަނީ ކޯޓުން ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނުނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، މި ކޯޓުގެ ނަންބަރު 2012/SC-A/20 ޤަޟިއްޔާއިން ބެލި މައްސަލައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/217 ޤަޟިއްޔާގައި، އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައި ވެއެވެ.

މަދަނީ ކޯޓުން ޙުކުމް ކޮށްފައިވަނީ "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" ގެ 302 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އަދި މަދަނީ ކޯޓުން މައްސަލަ ނިންމުމުގައި އެ ޤަވާޢިދު ލާޒިމްކުރާ ގޮތަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރމަންޓުގެ ޓެކްނިކަލް ލަފާ ހޯދާފައި ނުވާކަމަށް ބުނެ، ހުށަހެޅި ނުކުތާ.

މަދަނީ ކޯޓުން ޙުކުމް ކޮށްފައިވަނީ "ޝަރީޢަތްކުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" ގެ 282 ވަނަ މާއްދާއާ ޙިލާފަށް ކަމަށާއި، މި މައްސަލާގައި ޕޮލިސް ރިޕޯޓްގައިވާ މަޢުލޫމާތު ސައްޙަ ކަމާއިމެދު ހައިފަލް ކޮންސަޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސުވާލު އުފެއްދި ނަމަވެސް، ޝަރީޢަތުން އެ ކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ، ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/217 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ޅ) ގައި، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޢިމާރާތް ވެއްޓުމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ކަނޑައަޅާފައިވަނީ ޕޮލިސް ރިޕޯޓުގައިވާ ކަންކަމުގެ ޞައްޙަކަން ނުވަތަ އޭގެ ހަޤީޤަތް އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑަށް އަދި ޚުދު ފުލުހުންނަށްވެސް ސާބިތުކޮށް ދެވިފައި ނުވަނީސް ކަމަށް ބުނެ، ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/217 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ރ) ގައި، ފިހާރައިގައި ވިއްކަން ގެނެސްފައިވާ މުދަލުގެ ލިސްޓަށް ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޒިންމާ އުފުލަންޖެހޭ ކަމަށް ޝަރީޢަތުން ކަނޑައަޅައި، ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުން ނޫންކަމަށާއި، އަދި ކަމަކަށް އިންކާރު ނުކުރުމަކީ އެ ކަމެއް ސާބިތުވާކަމުގެ ހެއްކެއްކަމަށް ޝަރީޢަތުން ބަޔާންކޮށްފައިވަނީ ޝަރީޢަތުގައި ދަޢުވާކުރާ ފަރާތުން ކަންކަން ސާބިތުކުރުމަށް އޮންނަ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ބުނެ، ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/217 ޤަޞިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ބ) ގައި، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑުގެ އޮފީސް ހިންގުމަށް މަހަކު 25,000/-ރ. (ފަންސަވީސްހާސް ރުފިޔާ) ޚަރަދު ކުރަންޖެހޭކަމަށާއި، އެ ޚަރަދުގެ 4 (ހަތަރެއް) މަސްދުވަހުގެ ކުއްޔަކީ ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޒިންމާނަގަންޖެހޭ ކުއްޔެއް ކަމަށް ކަނޑައަޅާފައިވަނީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ނުކުތާއެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށް ބުނެ، ހުށަހެޅި ނުކުތާ.

އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑާއި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްވެސް ޤާނޫނީ ގުޅުމެއް (ކޮންޓްރެކްޓެއްގެ ދަށުން) ނެތްކަމަށާއި، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގައި އަޅަންޖެހޭ ފިޔަވަޅެއް ނާޅާއޮވެގެން އެހެން ފަރާތަކަށް އެކަމުގެ ގެއްލުންވެއްޖެނަމަ، އެކަމުގެ ޒިންމާ އުފުލުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލެއް ކަމަށް ހައިކޯޓުން ނިންމާފައިވީ ނަމަވެސް، ހައިފަލް ކޮންސްޓްރަކްޝަން އިން މި ޒިންމާ ނަގަން ނުޖެހޭކަމަށް ދެކޭތީ، މިފަދަ އެއްވެސް ގެއްލުމެއްގެ ބަދަލު ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ދޭން ނުޖެހޭނެކަމަށް ބުނެ، ހުށަހެޅި ނުކުތާ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 194/MC/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/217 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މި މައްސަލައިގައި ހިމެނޭ އެންމެހާ ވަޤާއިޢުތަކަށާއި، ކަމާގުޅުންހުރި ޤާނޫނުތަކަށާއި، ޤާނޫނީ އަދި ޝަރުޢީ މަބާދީތަކާއި އުޞޫލުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 302 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ވަނީ "އެކިއެކި ޢިމާރާތް ހެދުމުގެ ތެރޭގައި އެކިއެކި ގޮތްގޮތުން ކައިރީގައި ހުންނަ ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބުނުކަމަށް ބުނެ ބަދަލު ހޯދުމަށް އެދި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ގިނަފަހަރަށް އެ ގެއްލުން ލިބިފައި ހުންނަނީ، އެ މަސައްކަތުގެ ތެރޭގައި ދިމާވާ ޓެކްނިކަލް މައްސަލަތަކުން ކަމަށް ފާހަގަ ކުރެވޭތީ، އެ ބާވަތުގެ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، އެ ކޯޓުގެ ފަރާތުންނާއި، މާލޭ މުނިސިޕަލްޓީން ބެލުމަށްފަހު، އެ ގެއްލުމެއް ލިބިފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ފެނިއްޖެ ނަމަ، އެކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް އަށް ލިޔެ ސާފުކުރުމަށް ފަހު، އެ ބާވަތުގެ މައްސަލަތައް ނިންމުން" މިފަދައިން ކަމާއި، ބަންބޫ ފިހާރަ ވެއްޓުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޗާންދަނީމަގު 11 ނަންބަރު ފިހާރަ (ބަންބޫ 1) ވެއްޓެން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، ޢިމާރާތުގެ ފައުންޑޭޝަން ހިފެހެއްޓުމަށް ބޭނުންކުރި މެތަޑް ރަނގަޅު ނުވުމުން ކަމަށާއި، ޑީ.އެމް.ކޭ 2 ނަންބަރު ފިހާރަ ކޮންނަމުން ދިޔައިރު، އެ ބިމާއި އިންވެގެން ހުރި (ބަންބޫ 1) ޢިމާރާތުގެ ބިންގާ ހިފެހެއްޓުމަށް ބޭނުންކޮށްފައިވާ މެތަޑް އަކީ މިފަދަ މަސައްކަތްތަކުގައި ޢަމަލުކުރުމަށް މާލޭ މުނިސިޕަލްޓީން ފާސްކޮށްފައިވާ މެތަޑް އާއި ޚިލާފު މެތަޑެއް ކަމަށާއި، އަދި ހާދިސާ ހިނގިތަން ބަލައި ތަޙްޤީޤް ކުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ "ނުރައްކާތެރި ޙާދިޘާ" ރިޕޯޓުގައި ވަނީ، ޑީ.އެމް.ކޭ 2 ނަންބަރު ފިހާރަ ހުރި ބިން ކޮނެފައި ވަނީ މާލޭގައި ޢިމާރާތް ކުރުމަށް ބިން ކޮނުމަށް ފާސްކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށާއި، މި ރިޕޯޓުގައި، މި ހާދިސާ ހިނގުމަށް މެދުވެރިވީ މަސައްކަތްކުރި ފަރާތުން މަސައްކަތް ކުރުމުގައި އަޅަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ މި ކަންތައްތަކަށް އިހުމާލުވުމުގެ ސަބަބުން ކަމަށް ބަޔާންކޮށްފައި އޮންނަ ކަމެވެ.

(ށ) ދެވަނަ ކަމަކީ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 282 ވަނަ މާއްދާގައި ވަނީ، "ސަރުކާރުގެ ތަނަކުން އެއްވެސް ކަމަކާއި ގުޅޭގޮތުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއްގެ މައްސަލަ ޝަރުޢީ ކޯޓަކަށް ހުށަހެޅިގެން، އެ ލިޔުމުގެ ޞައްޙަކަމާއިމެދު ނުވަތަ އެ ލިޔުމުގައިވާ އެއްވެސްކަމެއްގެ ޞައްޙަކަމާއިމެދު ޝަރީޢަތުން ގޮތެއް ނިންމަންވެއްޖެ ނަމަ، ނިންމަންވާނީ އެ ލިޔުން ދޫކުރި އޮފީހަކަށް ލިޔެ، އެ ތަނަކުން ބުނާ އެއްޗެއް ބެލުމަށް ފަހުގައި ކަމަށް" ބަޔާންކޮށްފައި އޮންނަ ކަމާއި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާރވިސްއިންނާއި، އެމް.އެން.ޑީ.އެފްގެ ފަރާތުން ހުށަހަޅާފައިވާ ކަންހިނގާދިޔަ ގޮތް ނުވަތަ ހިނގަންމެދުވެރިވި ސަބަބާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ބުނެވިދިޔަ، ރިޕޯޓަކީ ކަމާބެހޭ ޤަވާޢިދުތަކާއި، ފަންނީ އުޞޫލުތަކުގެ މައްޗަށް ލިޔެފައިވާ ރަސްމީ ރިޕޯޓަކަށްވެފައި، މި ރިޕޯޓުގައިވާ ކަމާބެހޭ މަޢުލޫމާތުގެ ޞައްޙަކަން ޗެލެންޖްކުރެވޭ ފަދަ ހެއްކާއި ޤަރީނާ، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހުށަހެޅިފައި ނުވާކަން ފާހަގަކުރެވޭ ކަމެވެ.

(ނ) ތިންވަނަ ކަމަކީ، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް އިން ވިޔަފާރި ކުރަމުންއައި ޗާންދަނީމަގު 11 ނަންބަރު ފިހާރަ (ބަންބޫ 1)، 13 ސެޕްޓެމްބަރު 2008 ވަނަ ދުވަހު ވެއްޓިފައި ވަނީ، އެ ފިހާރައާއި އިންވެގެން ހުރި ޢިމާރާތް ތަޅާލައި ބިންކޮނުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އިހުމާލުން ކަމަށާއި، އެ ފިހާރަ ވެއްޓުމުގެ ސަބަބުން އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް އިން، ފިހާރައިގައި ވިއްކުމަށް ގެނެސްފައި ހުރި މުދަލާއި، ފިހާރައިގައި ބޭނުން ކުރަމުންދިޔަ ތަކެތި ހަލާކުވެފައިވާ ކަމަށާއި، ހަލާކުވެފައިވާ މުދާތަކުގެ ލިސްޓެއް ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެ ލިސްޓުގައިވާ ތަކެއްޗަށް ހައިފަލް ކޮންސްޓްރަކްޝަން އިންވެސް އިންކާރުކޮށްފައި ނެތުމާއި، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް އިން އެ ތަކެތި ބެހެއްޓުމަށް ތަނެއް ކުއްޔަށް ހިފަންޖެހި، ހިނގާފައިވާ ޚަރަދާއި، ބަޔާންކުރެވި ދިޔަ ކަންތައްތަކުގެ މައްޗަށް ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ޖަވާބުދާރީވުމަށް ފުރުޞަތު ލިބި، އެ ލިބުނު ގެއްލުންތަކުގެ ބަދަލުގައި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހޭ ޢަދަދެއް ކަމަށް، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ލިޔުންތަކުން އެނގެން އޮތް ޢަދަދާއިމެދު ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން އިޢުތިރާޟެއްކޮށްފައި ނުވުމަކީ، ޟިމްނީގޮތުން އެ ޢަދަދާމެދު ޤަބޫލު ކުރާކުރުމެއް ކަމަށް ބެލެވެން އޮންނަ ކަމާއި، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް އިން ހިންގަމުންއައި އޮފީސް ހިންގުމަށްޓަކައި އެހެން ތަނަކުން ޢިމާރާތެއް ކުއްޔަށް ހިފަންޖެހުމުގެ ސަބަބުން، ކޮންމެ މަހަކު 25,000/-ރ. (ފަންސަވީސްހާސް ރުފިޔާ) ގެ ރޭޓުން 01 އޮކްޓޯބަރު 2010 އިން ފެށިގެން 4 (ހަތަރެއް) މަސްދުވަހަށްވާ އެކު ޖުމްލަ -/100,000ރ (އެއްލައްކަ ރުފިޔާ) ކަމުގައި ކަނޑައެޅުމުގައި، ބަދަލުގެ ހިސާބުގެ ތެރެއަށް ވަންނަ ގެއްލުމުގެ ޢުންޞުރުތަކާއި، އަގުކުރުމުގައި ރިޢާޔަތްކުރެވިފައިވާ މިންގަނޑުތަކަށް ބަލާއިރު، ލިބުނު ގެއްލުމުގެ މިންވަރަށްވުރެ ކަނޑައަޅާފައިވާ ބަދަލުގެ މިންވަރު ބޮޑުކަމުގައި ބެލެވެން ނެތްކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލައަކީ، ތަޤްޞީރީ މަސްއޫލިއްޔަތު (Delictual responsibility) ގެ ތެރޭގައި ހިމެނޭ ޚަޠައު އިހްމާލު (Negligence) ގެ މައްސަލައަކަށް ވެފައި، ތަޤްޞީރީ މަސްއޫލިއްޔަތުގެ ޝަރުޢީ އަދި ޤާނޫނީ އަސާސްތަކުގެ މައްޗަށް ބަލާއިރު، ތަޤްޞީރީ މަސްއޫލިއްޔަތަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އޮތް އިލްތިޒާމަކާއި ޚިލާފުވުމުގެ (ޚަޠައު / Fault) ޢަމަލާއި، އެ ޢަމަލުގެ ސަބަބުން އެހެން ފަރާތަކަށް ލިބޭ (ޟަރަރު / Damage) ގެއްލުމާއި، ގެއްލުން ލިބިފައިވަނީ އެ ޢަމަލުގެ ސަބަބުންކަން ދައްކައިދެނިވި (Causal link) ސަބަބީ ގުޅުމާއި، ތިން ރުކުނުގެ މައްޗަށް އެކުލެވޭ މަދަނީ މަސްއޫލިއްޔަތެއްކަމާއި، ގެއްލުން ލިބުނު ފަރާތަށް، ގެއްލުމުގެ ބަދަލު ޙައްޤުވާކަން ކަނޑައެޅުމުގައި މި ރުކުންތައް ސާބިތުވުމަކީ ކޮންމެހެންވެސް ލާޒިމްވެގެންވާ ކަމެއްކަމާއި، ތަޤްޞީރީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ "ޚަޠައު އިހްމާލު" ގެ މައްސަލަތަކުގައި އިހްމާލުވުމުގެ ޢަމަލުކުޅައީ ގެއްލުން ދިނުމުގެ ޤަޞްދުގައިކަން ސާބިތުކުރުމަކީ ޝަރުޠެއް ނޫންކަމާއި، އިހްމާލުވުމުގެ ސަބަބުން ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހެނީ އެފަދަ ކަމެއްގައި ނުވަތަ އެފަދަ ޕްރޮފެޝަނެއްގައި ހުރި، މަޢުޤޫލު (Reasonable) މީހެއްގެ ބެލުންތެރިކަމާއި، ފަރުވާތެރިކަން ހުންނާނެ މިންވަރު ކަމަށް ބެލެވޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުން ލިބުމުންކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން، ޗާންދަނީ މަގު 11 ނަންބަރު ފިހާރައާއި އިންވެގެން ހުރި ޢިމާރާތް ތަޅާލައި، ބިންކޮނުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި، ޗާންދަނީ މަގު 11 ނަންބަރު ފިހާރަ (ބަންބޫ 1) ވެއްޓެން މެދުވެރިވީ، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ޢަމަލުކުރުމަށް މާލޭ މުނިސިޕަލްޓީން ފާސްކޮށްފައިވާ މެތަޑް އާއި ޚިލާފުވުމާއި، މިފަދަ މަސައްކަތްކުރުމުގައި، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި، އިހްމާލުވުމުގެ ސަބަބުން ކަމާއި، އަދި މި ގެއްލުންތަކަކީ ހައިފަލް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑުން އެ މަސައްކަތް ކުރުމުގައި ބަލަންވާވަރަށް ބަލައިގެން، އެކަށީގެންވާ މިންވަރަށް ފަރުވާތެރިވި ނަމަ ލިބޭނެ ގެއްލުންތަކެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް

އިސްވެ ދެންނެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމުން، އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް އިން ވިޔަފާރިކުރަމުން އައި ޗާންދަނީމަގު 11 ނަންބަރު ފިހާރަ (ބަންބޫ 1)، 13 ސެޕްޓެންބަރު 2008 ވަނަ ދުވަހު ވެއްޓިފައިވަނީ، ހައިފަލް ކޮންސްޓްރަކްޝަން އިން ކުރަމުންދިޔަ މަސައްކަތްތައް ކުރުމުގައި ބަލަންޖެހޭ މިންވަރަށް ނުބަލައި، އިހްމާލުވުމުގެ ސަބަބުން ކަމަށްވާތީ، އެކަމުގެ ޒިންމާ ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އުފުލަންޖެހޭނެތީ އާއި، ބަދަލުގެ މިންވަރު ކަނޑައަޅާފައި ވަނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/217 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ފަދަ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ހައިކޯޓުގެ ނަންބަރު 2010/HC-A/217 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ