—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރު: 2012/SC-A/30
ދަޢުވާކުރާ ފަރާތް: މުޙައްމަދު ޝަވީދު
ދަޢުވާލިބޭ ފަރާތް: މުޙައްމަދު އަނީސް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށައެޅުނު ތާރީޚް: 07 އޮކްޓޯބަރު 2012
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 އޮކްޓޯބަރު 2012
ނިމުނު ތާރީޚް: 23 ޖުލައި 2015
މައްސަލަ ނިންމި ގަޑި: 14:23
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/319
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށައެޅުނު ތާރީޚް: 28 އޮކްޓޯބަރު 2009
ނިމުނު ތާރީޚް: 27 މެއި 2012
މައްސަލައިގެ ޚުލާޞާ
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ، މުޙައްމަދު ޝަވީދުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖެގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ދަފްތަރު ނަންބަރު 4800 / މއ. ގްލެމަރ މުޙައްމަދު އަނީސް އަށެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ، މުޙައްމަދު ޝަވީދުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖެގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ދަފްތަރު ނަންބަރު 4800 / މއ. ގްލެމަރ މުޙައްމަދު އަނީސް އަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ހ. ވާލީވިލާ މުޙައްމަދު ޝަވީދު (ވާރިޘުންގެ ފަރާތުން) އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވައި، ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގެ ދަށުން އިސްތިއުނާފު ކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ހ. ވާލީވިލާ ފާޠިމަތު ފަރީދާ، މުޙައްމަދު ޝަވީދު، ޙައުލަތު ފަހީމް، އަޙްމަދު ޝިޔާމް، އާމިނަތު އަޝްފާ، މަރްޔަމް ޝިފާ، ޢަލީ ޝިޔާމް، އަދި ޙަސަން ޝިޔާމް އާއި މި 08 މީހުންގެ މިލްކުގައިވާ އަދި މި 08 މީހުންގެ ޙިއްޞާ ހިމެނޭ ކ. އެރިއަދޫ އައިލެންޑް ރިސޯޓާއި، ވިލަމެންދޫ އައިލެންޑް ރިސޯޓުގައި ބޭނުންކުރަމުން ގެންދާ މާލެ، ދަފްތަރު ނަންބަރު 4800 މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްދެއްވާފައިވާ މުޙައްމަދު އަނީސްގެ މިލްކު ރަޖިސްޓަރީ ނަންބަރު P5001A-04 10-T "ބެއްލަންވިލާ" ދޯންޏާއި، ރަޖިސްޓަރީ ނަންބަރު P5002A-02 10-T "އޭ އޭ އޭ 10" ލާންޗުއަކީ، ލާންޗު މަހަކު -/7،000 (ހަތްހާސް ރުފިޔާ) ގެ ކުއްޔަށް، އަދި "ބެއްލަންވިލާ" ދޯނި މަހަކު -/6،000 (ހަހާސް ރުފިޔާ) ގެ ކުއްޔަށް، ކ. އެރިއަދޫ އައިލެންޑް ރިސޯޓާއި، އދ. ވިލަމެންދޫ އައިލެންޑް ރިސޯޓުގައި ބޭނުންކުރަމުންދާ ދެ އުޅަނދު ކަމަށާއި، ނަމަވެސް 1994 ފެބްރުއަރީ މަހުން ފެށިގެން 2008 ފެބްރުއަރީ މަހާ ހަމައަށް މި ވޭތުވެދިޔަ 14 އަހަރު (168 މަސް ދުވަހު) ގެ މި ދެ އުޅަނދުގެ ކުއްޔަށް ލިބެންވާ -/2،184،000 (ދެމިލިއަން އެއްސަތޭކަ އަށްޑިހަ ހަތަރުހާސް ރުފިޔާ) އާއި، އަދި އެ ދެ އުޅަނދު މުޙައްމަދު އަނީސްއަށް ލިބޭ ދުވަހަކާ ހަމައަށް އިތުރަށް ދެ އުޅަނދުގެ ކުއްޔަށް ލިބެންވާ ފައިސާ އާއި، ދެ އުޅަނދު އޭގެ ބޭނުން ކުރެވޭފަދަ ރަނގަޅު ޙާލަތުގައި ލިބިދެއްވުން އެދި ހ. ވާލީވިލާ ފާޠިމަތު ފަރީދާ، މުޙައްމަދު ޝަވީދު، ޙައުލަތު ފަހީމް، އަޙްމަދު ޝިޔާމް، އާމިނަތު އަޝްފާ، މަރްޔަމް ޝިފާ، ޢަލީ ޝިޔާމް، އަދި ޙަސަން ޝިޔާމް އާއި މި 08 މީހުންގެ މައްޗަށް، ދަފްތަރު ނަންބަރު 4800 / މާލެ (މއ. ގްލެމަރ 02 ވަނަބައި ) މުޙައްމަދު އަނީސް ދަޢުވާ ކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި
މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާ ނިންމަވާފައިވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 4800 މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ދެ އުޅަނދު ކަމުގައިވާ ރަޖިސްޓަރީ ނަންބަރު P5001A-04 10-T "ބެއްލަންވިލާ" ދޯންޏާއި، ރަޖިސްޓަރީ ނަންބަރު P5002A-02 10T “AAA 10” ލާންޗުއާއި މި ދެ އުޅަނދަކީ މ. ތްރީއޭވިލާ ޢަބްދުﷲ ޢަލީ އާއި، އަލްމަރްޙޫމް މޫސާ ފަހީމްއާއި ދެ މީހުން ޙިއްޞާވާ ޕާރޓްނަރޝިޕާއި، ކުންފުނިތަކާއި، ދެ މީހުންގެ އެކުވި (ދެމީހުން ހަމަހަމަވާ) މުދަލާއި އެތަންތަނަށް ނިސްބަތްވާ މުދަލާއި ކުރާ ވިޔަފާރިއާއި، އޭގެ ފައިދާއާއި، ފައިސާއިން މަރްޙޫމް މޫސާ ފަހީމަށްވާ މިންވަރު ބަލާ ވަކިކޮށް މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބިދިނުމުގެ މައްސަލަ (މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ) ނިމުނުއިރު ކ. އަތޮޅު އެރިޔަދޫ އައިލެންޑް ރިސޯޓާއި އއ. ވިލަމެންދޫ އައިލެންޑް ރިސޯޓާއި ދެ ރިސޯޓުގައި ބޭނުން ކުރަމުންދިޔަ ދެ އުޅަނދު ކަމާއި، މ. ތްރީއޭވިލާ ޢަބްދުﷲ ޢަލީއާއި، އަލްމަރްޙޫމް މޫސާ ފަހީމްއާއި ދެ މީހުން ޙިއްޞާވާ ޕާރޓްނަރޝިޕާއި، ކުންފުނިތަކާއި، ދެ މީހުންގެ އެކުވި (ދެ މީހުން ހަމަހަމަވާ) މުދަލާއި އެތަންތަނަށް ނިސްބަތްވާ މުދަލާއި ކުރާ ވިޔަފާރި އާއި، އޭގެ ފައިދާއާއި، ފައިސާއިން މަރްޙޫމް މޫސާ ފަހީމަށް ވާ މިންވަރު ބަލާ ވަކިކޮށް މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބިދިނުމުގެ މައްސަލަ ނިމުނުއިރު މި ދެ ރިސޯޓު މިލްކުވެފައިވަނީ މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުން ކަމުގައިވާ މި ދަޢުވާ ލިބޭ ފަރާތްތަކަށްކަމާއި، އަދި ބަޔާންވެދިޔަ މުދާ ވަކިކުރުމުގެ ޤަޟިއްޔާ (މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ) ގައި "އެމީހަކަށް ލިބިފައިވާ މުދަލާއި، ތަކެތީގެ މައްޗަށް ކުރެވިފައިވާ އެގްރީމެންޓްތަކާއި، ވެވިފައިވާ އެއްބަސްވުންތައް އެ މުދަލެއް ލިބިގެންވާ ފަރާތަކުން ޙުރުމަތްތެރިކޮށް ހިތަންޖެހޭ ގޮތުގައި އެކަން ދެމިއޮތް" ކަމަށް ކަނޑައަޅުއްވާފައިވުމުން ބަޔާންވެދިޔަ ދެ ރިސޯޓުގައި އޭރު ބޭނުން ކުރަމުންދިޔަ މި ދަޢުވާގައި ހިމެނޭ ދެ އުޅަނދު ކަމުގައިވާ ރަޖިސްޓަރީ ނަންބަރު P5001A-04 10-T "ބެއްލަންވިލާ" ދޯންޏާއި، ރަޖިސްޓަރީ ނަންބަރު P5002A-02 10T “AAA 10” ލާންޗު އާއި މި ދެ އުޅަނދަކީ ދަޢުވާ ލިބޭ ފަރާތްތަކަށް މި ދެ އުޅަނދު އޮތް ދެ ރިސޯޓް މިލްކުވީ ތާރީޚު ކަމުގައިވާ 01 ޖޫން 2006 ދުވަހުން ފެށިގެން ދަޢުވާ ލިބޭ ފަރާތްތަކުން ޒިންމާ އުފުލަންޖެހޭ ދެ އުޅަނދު ކަމަށްވީހިނދު ދަޢުވާލިބޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް މި ދެ އުޅަނދު އައިފަހުން މި ދެ އުޅަނދަށް ކުލީގެ ގޮތުގައި އެއްވެސް މިންވަރެއްގެ ފައިސާއެއް ދީފައިވާކަން އެނގެން ނެތް ހިނދު މި ދެ އުޅަނދުގެ ވެރި ފަރާތާއި އަދި މިހާތަނަށް މި ދެ އުޅަނދު ޙަވާލުކޮށްފައި ނުވާތީ 01 ޖޫން 2006 ދުވަހުން ފެށިގެން މި ދެ އުޅަނދު ޙަވާލުކުރާ ދުވަހާ ހަމައަށް މި ދެ އުޅަނދުގެ ވެރި ފަރާތަށް ދަޢުވާ ލިބޭފަރާތްތަކުން ކުލި ދޭންޖެހޭކަމަށާއި، މި ދެ އުޅަނދުގެ ކުލީގެ ގޮތުގައި ކުރިން (މ. ތްރީއޭވިލާ ޢަބްދުﷲ ޢަލީއާއި، އަލްމަރްޙޫމް މޫސާ ފަހީމް އާއި ދެމެދު ޙިއްޞާވާ ޕާރޓްނަރޝިޕާއި، ކުންފުނިތަކާއި، ދެ މީހުންގެ އެކުވި (ދެ މީހުން ހަމަހަމަވާ) މުދަލާއި އެތަންތަން އެގޮތުގައި ހިނގަމުންދިޔައިރު) ލިބެމުންއައި ޢަދަދުކަމަށްބުނެ ދަޢުވާކުރާ ފަރާތުން މި ދަޢުވާގައި ހޯދުމަށް ހުށަހަޅާފައިވާ "ބެއްލަންވިލާ" ދޯނީގެ ކުލި މަހަކު -/6،000 (ހަހާސް ރުފިޔާ) އަދި “AAA 10” ލާންޗުގެ ކުލި މަހަކު -/7000 (ހަތް ހާސް ރުފިޔާ) އަކީ މިހާރު ޢާއްމުގޮތެއްގައި މިފަދަ އުޅަނދުފަހަރު ކުއްޔަށްދީ އުޅޭ ރޭޓަށް ބަލާއިރު މިފަދަ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެން ބޮޑު ކުއްޔެއްކަމަށް ނުބެލެވޭހިނދު ދަޢުވާލިބޭ ފަރާތްތަކުންވެސް އެ ކުއްޔަކީ އެފަދަ އުޅަނދަކަށް އެކަށީގެންނުވާ ކުއްޔެއްކަމަށް ބުނެފައި ނުވާތީ މި ދެ އުޅަނދުގެ ކުލީގެ ގޮތުގައި 01 ޖޫން 2006 ދުވަހުން ފެށިގެން 30 އޯގަސްޓް 2009 ދުވަހުގެ ނިޔަލަށް ހިނގާފައިވާ 38 މަހާއި 29 ދުވަހަށް މި ދެ އުޅަނދުގެ ކުލީގެ ގޮތުގައި 66/506،566ރ. (ފަސް ލައްކަ ހަހާސް ފަސްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) މި ދެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދަޢުވާކުރާ މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު ނަންބަރު 4800 މުޙައްމަދު އަނީސްއަށް ދަޢުވާ ލިބޭ ހ. ވާލީވިލާ ފާޠިމަތު ފަރީދާ، މުޙައްމަދު ޝަވީދު، ޙައުލަތު ފަހީމް، އަޙްމަދު ޝިޔާމް، އާމިނަތު އަޝްފާ، މަރްޔަމް ޝިފާ، ޢަލީ ޝިޔާމް އަދި ޙަސަން ޝިޔާމް ދޭންޖެހޭ ކަމަށް ކަނޑައަޅުއްވައި މި ފައިސާ ދަޢުވާކުރާ މުޙައްމަދު އަނީސަށް ލިބިދިނުމުގެ ގޮތުން 27 އޯގަސްޓް 2009 މި ދުވަހުން ފެށިގެން މީލާދީ 03 މަސް ދުވަހުގެ ތެރޭގައި މަދުވެގެން އެ މަހަށް ޖެހޭވަރު އެމަހަކު މަދަނީ ކޯޓަށް ފައިސާ ދައްކަމުންގޮސް މިދަރަނި ޚަލާސް ކުރުމަށާއި، މި ދަޢުވާގައި ހިމެނޭ ދެ އުޅަނދުކަމުގައިވާ ރަޖިސްޓަރީ ނަންބަރު P5001A-04 10-T "ބެއްލަންވިލާ" ދޯންޏާއި، ރަޖިސްޓަރީ ނަންބަރު P5002A-02 10T “AAA 10” ލާންޗު، ދަޢުވާލިބޭ ފަރާތްތަކަށް މި ދެ އުޅަނދު އޮތް ދެ ރިސޯޓުކަމުގައިވާ ކ. އަތޮޅު އެރިޔަދޫ ރިސޯޓާއި، އދ. ވިލަމެންދޫ ރިސޯޓު މިލްކުވީއިރު މި ދެ އުޅަނދު އޮތް ޙާލަތުގައި 27 އޯގަސްޓް 2009 މި ދުވަހުން ފެށިގެން މީލާދީ 01 މަސް ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށް ދަޢުވާލިބޭ ހ. ވާލީވިލާ ފާޠިމަތު ފަރީދާ، މުޙައްމަދު ޝަވީދު، ޙައުލަތު ފަހީމް، އަޙްމަދު ޝިޔާމް، އާމިނަތު އަޝްފާ، މަރްޔަމް ޝިފާ، ޢަލީ ޝިޔާމް، އަދި ޙަސަން ޝިޔާމް އަށް އަންގާ ޙުކުމް ކުރައްވާފަކަމާއި،
މިކަންކަން އިސްވެ ޙަވާލާދެވުނު މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
4- ދިވެހިރާއްޖޭގެ ހައިކޯޓުން، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި، ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާ ނިންމަވާފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މުޙައްމަދު ޝަވީދުއާއި އަލްމަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ހަމައެއްނެތްކަމަށް ބައްލަވައި، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު ކުރައްވާފައިވާކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެއެވެ.
5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ މުޙައްމަދު ޝަވީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 07 (ހަތް) ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން:
ފުރަތަމަ ސަބަބަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި، ރަޖިސްޓަރީ ނަންބަރު P5001A-04 10-T "ބެއްލަންވިލާ" ދޯންޏާއި، ރަޖިސްޓަރީ ނަންބަރު P5002A-02 10T “AAA 10” ލާންޗުއަކީ، ކުއްޔަށް ދީފައިވާ ނުވަތަ އޭގެ ވެރި ފަރާތަށް މަންފާއެއް ލިބޭގޮތަށް ބޭއްވިފައިވާ ދެ އުޅަނދު ކަމަށް އިފްތިރާޟް (Presume) ކުރެވޭކަމަށް މަދަނީ ކޯޓުގެ ޤަޟިއްޔާގައި ނިންމަވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ކަނޑައަޅުއްވާފައިވުން ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ސަބަބަކީ، ގެއްލުން ކުޑަކުރުމަށް މަސައްކަތް ކޮށްފައިނުވާއިރު، އެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވުންކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ތިންވަނަ ސަބަބަކީ، އަލްމަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން ހުށަހެޅި ހެކިން ޝަރީޢަތަށް ހާޒިރުނުކޮށް މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، މުޙައްމަދު އަނީސްގެ 2 އުޅަނދު ކަމަށްވާ ރަޖިސްޓަރީ ނަންބަރު P5001A-04 10-T "ބެއްލަންވިލާ" ދޯންޏާއި، ރަޖިސްޓަރީ ނަންބަރު P5002A-02 10T “AAA 10” ލާންޗު، މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން ބާއްވައިގެން އުޅުނުކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްވުންކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ފަސްވަނަ ސަބަބަކީ، މުޙައްމަދު އަނީސްގެ 2 އުޅަނދު ކަމަށްވާ ރަޖިސްޓަރީ ނަންބަރު P5001A-04 10-T "ބެއްލަންވިލާ" ދޯންޏާއި، ރަޖިސްޓަރީ ނަންބަރު P5002A-02 10T “AAA 10” ލާންޗު އަނބުރާ ގެންދިއުމަކީ، މޫސާ ފަހީމްގެ ވާރިޘުން ކުރަންޖެހޭ ކަމެއްކަމަށް ކަނޑައަޅުއްވާފައި އޮތީ ދިވެހިރާއްޖޭގައި އުޅަނދުތަކާބެހޭ ގޮތުން މުޢާމަލާތް ކުރެވޭގޮތާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ހަވަނަ ސަބަބަކީ، މުޙައްމަދު އަނީސްގެ 2 އުޅަނދުކަމަށްވާ ރަޖިސްޓަރީ ނަންބަރު P5001A-04 10-T "ބެއްލަންވިލާ" ދޯންޏާއި، ރަޖިސްޓަރީ ނަންބަރު P5002A-02 10T “AAA 10” ލާންޗު ރަނިންގ ކޮންޑިޝަންގައި ޙަވާލުކުރުމަށް ނިންމަވާފައިވަނީ "ވެއަރ އެންޑް ޓެއަރ" ގެ ސަބަބުން އުޅަނދުތަކަށް އަންނަ ބަދަލަށް ރިޢާޔަތްނުކުރައްވައި ކަމަށްވުން ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ހަތްވަނަސަބަބަކީ، ޑީޑް އޮފް އެސައިންމެންޓެއްގެ ދަށުން އެހެން ފަރާތަކަށް ނަޤުލުވެފައިވާ ވިޔަފާރިއެއްގައި ހިމެނޭ ލަޔަބިލިޓީއެއް އޭގެ މިލްކުވެރިންކަމުގައި ކުރިން ހިމެނުނު ފަރާތްތަކުގެ މައްޗަށް އިލްތިޒާމް އަންނަ ގޮތަށް ޙުކުމް ކުރައްވާފައިވުންކަމަށްބުނެ ހުށަހެޅި ސަބަބެވެ.
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށްބުނެ މުޙައްމަދު ޝަވީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، މުޙައްމަދު ޝަވީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި މުޙައްމަދު އަނީސް ކޮށްފައިވާ ދަޢުވާގައި ބުނާ ރަޖިސްޓަރީ ނަންބަރު P5002A-02 10T "އޭ އޭ އޭ 10" ލާންޗު އަކީ އަލްމަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް މަދަނީ ކޯޓުގެ 462/MC/2004 ޤަޟިއްޔާއިން ލިބިފައިވާ އުޅަނދަކަށް ވީހިނދު، އެކަމަށް ރިޢާޔަތްނުކުރައްވާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް މި ލާންޗުގެ ކުލި ކަނޑައަޅުއްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގެ ދަށުން، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާ، ދިވެހިރާއްޖޭ ހައިކޯޓުގައި އިސްތިއުނާފުކުރި ހ. ވާލީވިލާ މުޙައްމަދު ޝަވީދުގެ ފަރާތުން އެނުކުތާ އިސްތިއުނާފު ކޮށްފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން މުޙައްމަދު ޝަވީދު އިސްތިއުނާފުކުރި މިބުނެވުނު ނުކުތާގެ މައްޗަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައިވެސް މުޙައްމަދު ޝަވީދުގެ ފަރާތުން ވާހަކަ ދައްކައި، އެނުކުތާވެސް އިލްތިމާސްކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާ އަކީ، އޭ އޭ އޭ ޓްރޭޑިންގ ކޮމްޕެނީއެވެ ކިޔާ ޕާރޓްނަރޝިޕްއާއި، ވާލީބްރަދާރސް ޕްރައިވެޓް ލިމިޓެޑް އާއި، ވާލީ މެޑިކަލް ސެންޓަރ ޕްރައިވެޓް ލިމިޓެޑް އާއި، އޭ އޭ އޭ ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑް އާއި، ވިޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ހިމެނޭ ޙިއްޞާދާރުންކުރެ ހ. ވާލީވިލާ އަލްމަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބެންވާ 40 އިންސައްތައިގެ ޙިއްޞާގެ މިންވަރު ބަލާ ވަކިކުރުމަށްފަހު އެ މިންވަރު މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2003/HC-A/127 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޛު ކޮށްދެއްވާ އެޙުކުމުގައިވާ ގޮތުގެމަތިން އެ މިންވަރު ކަނޑައަޅާ ވަކިކޮށްދިނުމަށާއި، އަދި އެ ޕާރޓްނަރޝިޕާއި ކުންފުނިތަކުން މަރްޙޫމް މޫސާ ފަހީމަށް ޙައްޤުވެގެން، ވާރިޘުންނަށް ލިބެންވާ 40 އިންސައްތައިގެ މުދަލާއި ފައިސާއަށްވާ މިންވަރު ކަނޑައަޅާ ވަކިކޮށް ލިބިދޭއިރު، ޙިއްޞާދާރުންކުރެ މ. ތްރީއޭވިލާ ޢަބްދުﷲ އަލީ އާއި، ހ. ވާލީވިލާ މަރްޙޫމް މޫސާ ފަހީމް އާއި، ދެމީހުން ހަމަހަމަ ވާގޮތަށް ދެމީހުންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ( އެޕާރޓްނަރޝިޕް އާއި، ކުންފުނިތަކުގައި ނުހިމެނޭ ގޮތުގައި ހުރި) ގޯތިގެދޮރާއި، މުދަލާއި، ތަންތަނާއި ތަކެތިން މަރްޙޫމް މޫސާ ފަހީމްއަށް ޙައްޤުވާ މިންވަރު ކަނޑައަޅައި، އެމިންވަރުވެސް މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބިދިނުމަށް މ. ތްރީއޭވިލާ ޢަބްދުﷲ ޢަލީގެ މައްޗަށް މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން ހ. ވާލީވިލާ މުޙައްމަދު ޝަވީދު ހުށަހަޅާ ދަޢުވާ ކުރުމުން ބެލުނު ޤަޟިއްޔާއެއްކަން އެ ޤަޟިއްޔާގެ ދަޢުވާގެ ޚުލާސާއިން އެނގެން އޮންނައިރު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ޢިބާރާތަށް ބަލާއިރު، "މޫސާ ފަހީމްގެ ވާރިޘުންނަށް ޖެއްސިގެންވާ ރިސޯޓްތަކާއި، މުދަލާއި، ތަންތަނާއި، ތަކެއްޗާއި، ފައިސާގެ ލިސްޓްގައިވާ ރިސޯޓުތަކާއި، އެންމެހައި މުދަލާއި، ތަންތަނާއި، ތަކެއްޗާއި، ފައިސާ (އައިމިނަތު އަޝްފާޤެ ޙިއްޞާގެ މިންވަރު އޮންނަގޮތަށް) ލިބިގެންވަނީ މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ކަމަށާއި" މިގޮތަށް އެޙުކުމުގެ 17 ވަނައަށް ވާ ޕެރެގްރާފްގައި ބަޔާންކުރުމަށް ފަހު އެ ޙުކުމުގެ 23 ވަނައަށްވާ އެ ޙުކުމުގެ އެންމެ ފަހުޕެރެގްރާފްގައި "ބުނެވިދިޔަ ގޮތުގެ މައްޗަށް އެ މީހަކަށް ލިބިގެންވާ ރިސޯޓުތަކާއި، ތަންތަނާއި، ތަކެއްޗާއި، ގެދޮރާއި، މުދަލާއި، އުޅަނދުތަކާއި، ފައިސާއަކީ އެމީހެއްގެ މިލްކެއްކަމަށް ޙުކުމް ކޮށްފީމެވެ." މިފަދައިން ބަޔާންކޮށް އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނައިރު، އެ ޤަޟިއްޔާގެ ޙުކުމުގެ ދަށުން، އަލްމަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ބަޔަށް ޖެއްސިފައިވާ ތަންތަނާއި ތަކެއްޗާއި ފައިސާގެ ލިސްޓުކަމަށް ބަޔާންކޮށް އެޤަޟިއްޔާގެ ޝަރީޢަތުގެ ފަރާތުން ތައްޔާރުކޮށް އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ލިސްޓަށް ބަލާއިރު، އެލިސްޓްގެ 22 ވަނައަށްވާ އައިޓަމުގައި ވަނީ "އޭ އޭ އޭ 10" (ސްޕީޑް ބޯޓް) ކަމަށްވާއިރު، މިލިސްޓްގައިވާ މިއުޅަނދަކީ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަށުން މޫސާ ފަހީމްގެ ވާރިޘުންގެ މައްޗަށް މުޙައްމަދު އަނީސް ކޮށްފައިވާ ދަޢުވާގައި ބުނާ ރަޖިސްޓަރީ ނަންބަރު P5002A-02 10T "އޭ އޭ އޭ 10" ސްޕީޑް ލާންޗު ކަމާމެދު މި ދެފަރާތުގެ ދެމެދުގައި އެއްވެސް ޚިލާފެއް ނެތްކަން މައްސަލައާގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ބާރުން މިއުޅަނދަކީ މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ މިލްކެއްކަން އެޙުކުމުގެ ޢިބާރާތަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު، މަދަނީ ކޯޓުގެ މިއިޝާރާތް ކުރެވުނު އެކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއަކީ، އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާއެއް ނޫންކަން އެނގެން އޮތުމުން އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ އިސްތިޤުރާރުވެ މައުޖޫދުވެ ދެމިއޮތް ޙުކުމެއްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 78/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި އުފައްދާ ކަނޑުގައި ދުއްވާ އުޅަނދުތަކާއި، ރާއްޖެއިން ބޭރުން ގެންނަ، އެހެން ޤައުމެއްގައި ރަޖިސްޓަރީ ކުރެވިފައިނުވާ ކަނޑުގައި ދުއްވާ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަޙައްދުގެ ތެރޭގައި ދުއްވަން ވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްގައި ރަޖިސްޓަރީ ކޮށްގެންކަމަށް ބުނެފައި ވީނަމަވެސް އަދި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއްކަމުގައި ބެލޭނީ ހަމައެލިޔުން ކަމަށް ބުނެފައިވީނަމަވެސް މި ދެޤާނޫނަކީ، ރާއްޖޭގެ ކޯޓަކުން މައްސަލައެއް ބަލާ ޙުކުމް ކުރުމުން، އެފަދަ ޙުކުމުގެ ޙުއްޖިއްޔަތުގެ ބާރު ކަނޑައަޅައި ބަޔާންކުރުމުގެ ގޮތުން އުފެދިފައިވާ ޤާނޫނުތަކަކަށް ނުވުމާއި އަދި މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަށުން މުޙައްމަދު އަނީސް ކޮށްފައިވާ ދަޢުވާގައި ބުނާ ދެ އުޅަނދުންކުރެ، ރަޖިސްޓަރީ ނަންބަރު P5002A-02 10T ގެ "އޭ އޭ އޭ 10" ލާންޗު އަކީ، 14/12/1991 ދުވަހުން ފެށިގެން މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ލާންޗެއްކަން، އެލާންޗު އަށް ޓްރާސްޕޯޓު އޮތޯރިޓީއިން 26/05/2015 ގައި ހައްދަވާދެއްވާފައިވާ އެ އުޅަނދުގެ ރަޖިސްޓަރީއިން އެނގެން އޮތްނަމަވެސް އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ބާރުން "އޭ އޭ އޭ 10" ލާންޗު އަކީ މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ މިލްކެއްކަން އެޙުކުމުގެ ޢިބާރާތަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްގެ ކޯޓުތަކުގެ ޤާނޫނު) 77 ވަނަ މާއްދާގައި ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެކޯޓަކުން، ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރި ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާ ތަކުންނާއި، ދައުލަތުގެ މަޤާމުތަކާއި ޙަވާލުވެ ތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެއްކަމަށް ސާފުބަހުން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އިސްވެ އިޝާރާތްކުރެވުނު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ބާޠިލުނުވެ ދެމި އޮތް ޙުކުމެއްކަން އެނގެން އޮންނާތީ އެޙުކުމް މައުޖޫދުވެ ދެމިއޮތުމުން "އޭ އޭ އޭ 10" ލާންޗު އަށް 26/05/2015 ގައި ޓްރާންސްޕޯޓް އޮތޯރިޓީއިން ހައްދަވާދެއްވާފައިވާ އިޝާރާތްކުރެވުނު ރަޖިސްޓަރީއަކީ، އަދި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ ތަޢާރަޟުވާ ގޮތަށް ބުނެވުނު އުޅަނދަށް ހެއްދިފައިވާ އެއްވެސް ރަޖިސްޓަރީއަކީވެސް އެ ލާންޗު ގެ މިހާރުގެ މިލްކުވެރި ފަރާތަކީ މުޙައްމަދު އަނީސްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ ތަނެއް އޮތް ލިޔުންތަކެއް ނޫންކަން އެނގެން އޮންނާތީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2009/HC-A/319 ޤަޟިއްޔާގައި ރަޖިސްޓްރީ ނަންބަރު P5002A-02 10T "އޭ އޭ އޭ 10" ލާންޗުގެ ވެރިފަރާތަކީ މުޙައްމަދު އަނީސްކަމަށް ބައްލަވައިގެން މި ލާންޗު އާބެހޭ ގޮތުން އެ ދެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަމަށް ބެލެވޭނެ ތަނެއް ނެއްކަމެވެ.
(ރ) ހަތަރުވަނަކަމަކީ، މި މައްސަލައާ ގުޅިގެން މުޙައްމަދު އަނީސް ގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި، ރަޖިސްޓަރީ ނަންބަރު P5002A-02 10T "ބެންލަންވިލާ"އެވެ ކިޔާ ދޯނީގެ ރަޖިސްޓަރީއިން އެ އުޅަނދަކީ،30/12/1991 ގައި މުޙައްމަދު އަނީސްގެ ނަމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއްކަން އެއުޅަނދަށް 28/04/2003 ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ދޫކޮށްފައިވާ "ކަނޑުގެ އުޅަނދުގެ ރަޖިސްޓަރީ" އިން އެނގެންއޮވެފައި، އެއާ ޚިލާފުގޮތަކަށް އެ އުޅަނދުގެ މިލްކުވެރިކަމާމެދު ވަކިގޮތަކަށް ރާއްޖޭގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމުމެއް ފެންނަން ނެތްނަމަވެސް، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަށުން މުޙައްމަދު އަނީސް ކޮށްފައިވާ ދަޢުވާގައި މި އުޅަނދަކީ މަހަކު -/6000ރ (ހަހާސްރުފިޔާ) ގެ ކުއްޔަށް 1988 ގެ ޖުލައި މަހުން ފެށިގެން ކ. އެރިއަދޫ އައިލެންޑް ރިސޯޓާއި އ. ވިލަމެންދޫ އައިލެނޑް ރިސޯޓުގައި ބޭނުންކުރުމަށް ކުއްޔަށް ދޫކޮށްފައިވާ އުޅަނދެއްކަމަށް މުޙައްމަދު އަނީސް ބުނެފައިވާއިރު، މިއުޅަނދަކީ، މުޙައްމަދު އަނީސްގެ ދަޢުވާގައި ބުނެފައިވާ ގޮތުގެމަތިން ބުނެވުނު ދެރިސޯޓުގައި ބޭނުންކުރުމަށް ކުއްޔަށް ދެވިފައިވާ އުޅަނދެއްކަން އެނގޭ ލިޔެވިފައިވާ އެގްރިމެންޓެއް މި މައްސަލައާގުޅިގެން ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން ފާހަގަކުރެވޭއިރު، މި އުޅަނދަކީ، މުޙައްމަދު އަނީސް ބުނާގޮތުގެމަތިން ބުނެވުނު ދެ ރިސޯޓުގައި ބޭނުންކުރުމަށް ކުއްޔަށް ދެވިފައިވާ އުޅަނދެއްކަން ސާބިތުކުރުމަށް ކިތާބީ ހެއްކެއް ގޮތުގައި މުޙައްމަދު އަނީސް ގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވަނީ، އެރިއަދޫ އައިލެންޑް ރިސޯޓުގެ ލެޓަރ ހެޑްގައި 05 ފެބްރުއަރީ 2006 ގެ ތާރީޚުގައި ކުންފުނީގެ ޗެއަރމަން ޢަބްދުﷲ ޢަލީ ސޮއިކޮށް މުޙައްމަދު އަނީސަށް ދީފައިވާ ލިޔުމެއްކަމަށް ބުނާ ލިޔުމެއްކަމަށް ވާއިރު، މިލިޔުމުގައި ބުނެވުނު އުޅަނދަކީ 1988 އިން ފެށިގެން އެރިއަދޫ ރިސޯޓަށް ކުއްޔަށް ހިފައިގެން ބޭނުންކުރަމުން އައިސްފައިވާ އުޅަނދެއްކަމަށާއި މި އުޅަނދުގެ ކުލި ހަމަޖެހިފައިވަނީ ކޮންމެ މަހަކު -/6000ރ (ހަހާސްރުފިޔާ) ދައްކާގޮތަށް ކަމަށް އެލިޔުމުގައި ބުނެފައިވާކަން އެނގެން އޮތްކަމުގައިވިއަސް، ޢަބްދުﷲ އަލީ އާއި މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނާއި މިފަރާތްތަކަކީ އެ ފަރާތްތަކުގެ މެދުގައި ޚުސޫމަތު އުފެދި ގެން ޝަރުޢީ ކޯޓުތަކުގައި މިފަރާތްތަކުގެ ދެމެދުގައި ޤަޟިއްޔާތައް ހިނގާފައިވާ ފަރާތްތަކެއްކަން މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންވެސް އެނގެން އޮތުމުންނާއި އަދި ޢަބްދުﷲ ޢަލީ، މުޙައްމަދު އަނީސަށް 05 ފެބްރުއަރީ 2006 ގައި ދޫކުރިކަމަށް މުޙައްމަދު އަނީސް ބުނާ އިސްވެ އިޝާރާތް ކުރެވުނު ލިޔުމުގައި މި އުޅަނދުގެ ކުއްޔާބެހޭގޮތުން ބަޔާންކޮށްފައިވާ ވާހަކަތަކަކީ، މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން ޤަބޫކޮށްފައިވާ ވާހަކަތަކެއް ނޫންކަން އެފަރާތްތަކުން މި މައްސަލައިގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނާތީ، އިސްވެ އިޝާރާތްކުރެވުނު ލިޔުމަކީ އޭގެ ޒާތުގައި "ބެއްލަންވިލާ" އެވެ ކިޔާ މިއުޅަނދަކީ މަހަކު -/6000 ރުފިޔާގެ ކުއްޔަށް މުޙައްމަދު އަނީސްގެ ދައުވާގައި ބުނެފައިވާ ދެ ރިސޯޓުގައި ބޭނުންކުރުމަށް ކުއްޔަށް ދީފައިވާ އުޅަނދެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުކުރުމަށް އޮތް ހަރުދަނާ ހެއްކެއް ކަމުގައި ބަލަންޖެހޭ ފަދަ ލިޔުމެއްކަމަށް ބެލެވޭނެ ތަނެއްނެތުމެވެ.
(ބ) ފަސްވަނަކަމަކީ، މި މައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ނަންބަރު ޤަޟިއްޔާއަށް ހެކިންގެ ގޮތުގައި ޙާޟިރުކުރެވުނު ފަރާތްތަކުން ދީފައިވާ ހެކިބަސްތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ރަޖިސްޓަރީ ނަންބަރު P5002A-02 10T "ބެއްލަންވިލާ" އެވެ ކިޔާ އުޅަނދު، މުޙައްމަދު އަނީސްގެ ދަޢުވާގައި ބުނެފައިވާ ފަދައިން މަހަކު -/6000ރ (ހަހާސްރުފިޔާ) ގެ ކުއްޔަށް 1988 ގެ ޖުލައި މަހުން ފެށިގެން މުޙައްމަދު އަނީސްގެ ދައުވާގައި ބުނާ ދެ ރިސޯޓުގައި ބޭނުންކުރުމަށް އެ އުޅަނދު ކުއްޔަށް ދޫކުރުމާ ބެހޭގޮތުން އެދެރިސޯޓުގެ މެނޭޖްމަންޓް އާއި މުޙައްމަދު އަނީސާ ދެމެދު އެއްވެސް އިރެއްގައި އެފަރާތްތަކުގެ ޙާޟިރުގައި އަދި އެފަރާތްތަކުގެ ސީދާ ފެނުމާއި އެނގުމުގެތެރެއިން އެއްބަސްވުމެއް ވެވިފައިވާކަން އެފަރާތްތަކުގެ ހެކިބަސްތަކުގައި ކަށަވަރުކޮށް ބުނެދެވިފައިނުވާކަން އެފަރާތްތަކުގެ ހެކިބަސްތަކަށް ބެލުމުން އެނގެން އޮތުމުން "ބެއްލަންވިލާ" އެވެ ކިޔާ މިބުނެވުނު އުޅަނދަކީ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި މުޙައްމަދު އަނީސް ބުނެފައިވާ ގޮތުގެމަތިން މަހަކު -/6000ރ (ހަހާސްރުފިޔާ) ގެ ކުއްޔަށް 1988 ގެ ޖުލައި މަހުން ފެށިގެން މުޙައްމަދު އަނީސްގެ ދައުވާގައި ބުނާ ދެ ރިސޯޓުގައި ބޭނުންކުރުމަށް މުޙައްމަދު އަނީސް ކުއްޔަށް ދޫކޮށްފައިވާ އުޅަނދެއްކަން ނުވަތަ އެއްވެސް އިރެއްގައި އެ ދެރިސޯޓުގައި ނުވަތަ އެދެރިސޯޓުން ކުރެ އެއްވެސް ރިސޯޓެއްގައި ބޭނުންކުރުމަށް މުޙައްމަދު އަނީސް ކުއްޔަށް ދޫކޮށްފައިވާ އުޅަނދެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވުމަށް ފުދޭވަރުގެ ކާފީ ހެކިބަހެއް އެފަރާތްތަކުން ދެވިފައިވާކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަކަމަކީ، މުޙައްމަދު އަނީސްގެ ދައުވާގާ ބުނާ ދެ ރިސޯޓް މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބިފައިވަނީ 01/06/2006 ގައި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމުގެ ދަށުންކަން އެޤަޟިއްޔާގެ ޙުކުމުންނާއި، މި މައްސަލައިގެ ދެފަރާތުގެ ބަހުން އެނގެން އޮންނައިރު، ބުނެވުނު މަދަނީ ކޯޓުގެ 462/MC/2004 ޤަޟިއްޔާ ނިމުމުގެ ކުރިންވެސް އަދި އެ ޤަޟިއްޔާ ނިމުނު ފަހުން ފެށިގެން މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާ އެކޯޓަށް ހުށަހެޅުމާ ހަމައަށް، އެއްވެސް އިރެއްގައި މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި ބުނާ ރަޖިސްޓަރީ ނަންބަރު P5001A-04 10T "ބެއްލަންވިލާ" އެވެ ކިޔާ ދޯނި ބުނެވުނު ދެރިސޯޓަށް ކުއްޔަށް ދިނުމާބެހޭގޮތުން މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާކުރާ މުޙައްމަދު އަނީސާއި އަދި އެޤަޟިއްޔާގައި ދަޢުވާ ލިބޭ ފަރާތްތަކާ ދެމެދު އެއްބަސްވުމެއް އެއްބަސްވެފައިނުވާކަން މިފަރާތްތަކުން މި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަކަމަކީ، އެރިއަދޫ އައިލެންޑް ރިސޯޓާއި، ވިލަމެންދޫ އައިލެންޑް ރިސޯޓާއި، މިދެރިސޯޓު، 01/06/2006 ގައި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމްގެ ދަށުން މަރްޙޫމް މޫސާ ފަހީމް ގެ ވާރިޘުންނަށް ލިބުނުފަހުން، ރަޖިސްޓަރީ ނަންބަރު P5001A-04 10T "ބެއްލަންވިލާ" އެވެ ކިޔާ ދޯނި ކ. އެރިއަދޫ އައިލެންޑް ރިސޯޓުގައި ހުރިކަން މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮތްނަމަވެސް، ބުނެވުނު މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ނިމުނުފަހުން ބުނެވުނު ދެ ރިސޯޓުންކުރެ ރިސޯޓެއްގެ ބޭނުމަށް އެ އުޅަނދު ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކުރަމުންދާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާ މިންވަރުގެ ކާފީ ހެކިބަހެއް ލިބިފައިނުވާކަން މިމައްސަލައިގެ ހެކިންގެ ގޮތުގައި މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޝަރީޢަތަށް ހާޟިރުކުރެވިފައިވާ ފަރާތްތަކުގެ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(އ) އަށްވަނަކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި ބުނާ ދެ އުޅަނދުންކުރެ "އޭ އޭ އޭ 10" ލާންޗުގެ ރަޖިސްޓަރީއަށް ބަލައި، އެ އުޅަނދު 14 ދުވަހުގެތެރޭ ގެންދިއުމަށް އަލްމަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން ހ. ވާލީވިލާ މުޙައްމަދު ޝަވީދު 17 ޖުލައި 2007 ގައި މުޙައްމަދު އަނީސްއަށް ފޮނުވި ސިޓީގައި އެދިފައިވާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، މިސިޓީ މުޙައްމަދު އަނީސްއަށް ލިބިފައިވާކަން މުޙައްމަދު އަނީސް ގެ ބަހުންވެސް އެނގެން އޮވެފައި، އަދި މިސިޓީއަކީ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި ބުނާ "ބެންލަންވިލާ" އެވެ ކިޔާ އުޅަނދުވެސް ހިމެނޭގޮތުން މޫސާ ފަހީމުގެ ވާރިޘުންގެ ފަރާތުން މުޙައްމަދު ޝަވީދު ފޮނުވާފައިވާ ސިޓީއެއްކަމަށް މުޙައްމަދު އަނީސް ޤަބޫލުކުރާކަން ދޭހަވާގޮތަށް މުޙައްމަދު އަނީސް މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަޔާންދީފައިވާކަން އެނގެން އޮތުމުން މިސިޓީގައި "ބެއްލަންވިލާ" އެވެ ކިޔާ އުޅަނދު ޛިކުރުކުރެވިފައި ނެތްނަމަވެސް މިސިޓީއާއި އަދި މިސިޓީއާ ގުޅިގެން މުޙައްމަދު އަނީސް ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން މުޙައްމަދު އަނީސް ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ "ބެއްލަންވިލާ" އެވެ ކިޔާ އުޅަނދުވެސް މުޙައްމަދު އަނީސްއާ ޙަވާލުކުރުމަށް މޫސާ ފަހީމުގެ ވާރިޘުންގެ ފަރާތުން މަސައްކަތްކޮށްފައި ވާކަމުގެ މައްޗަށް ހެކި ލިބޭކަން ފާހަގަ ކުރެވޭކަމެވެ.
(ވ) ނުވަވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމަށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ދަށުން އެރިއަދޫ އައިލެންޑް ރިސޯޓްއާއި ވިލަމެންދޫ އައިލެންޑް ރިސޯޓް، މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބުމުގެ ކުރިން، ރަޖިސްޓަރީ ނަންބަރު P5001A-04 10T "ބެއްލަންވިލާ"އެވެ ކިޔާ ދޯންޏާ ގުޅިގެން މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ފަދަ ގޮތެއްގައި ބުނެވުނު ދެ ރިސޯޓުގެ އޭރުގެ މެނޭޖްމަންޓްއާއި މުޙައްމަދު އަނީސްއާ ދެމެދު އެއްބަސްވުމެއް ވެވިފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާކަމާއި އަދި އިސްވެ އިޝާރާތް ކުރެވުނު "ބެއްލަންވިލާ" އެވެ ކިޔާ ދޯނި ބުނެވުނު ދެރިސޯޓުގައި ނުވަތަ އޭގެތެރެއިން ރިސޯޓެއްގައި ބޭނުންކުރުމަށްޓަކައި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ނިމުމުގެ ކުރިންވިއަސް އަދި އެޤަޟިއްޔާ ނިމުނު ފަހުން ފެށިގެން މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅުމާ ދެމެދު އެއްވެސް އިރެއްގައި އެ ދޯނި ކުއްޔަށް ދިނުމާބެހޭ ގޮތުން މުޙައްމަދު އަނީސްއާއި މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނާ ދެމެދު އެއްބަސްވުމެއް ވެފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާކަން އެނގެން އޮންނައިރު މުޙައްމަދު އަނީސްއަކީ ބުނެވުނު ދެރިސޯޓު މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް މަދަނީ ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ދަށުން މިލްކުވިއިރު ވަރަށްގިނަ ޒަމާންތަކެއް ވަންދެއް އެ ދެރިސޯޓާއި ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާ ޙަވާލުވެހުރި ޖެނެރަލް މެނޭޖަރކަން މުޙައްމަދު އަނީސްގެ ބަހުން އެނގެން އޮވެފައި 01/06/2006 ގައި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމުގެ ދަށުން މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް މިލްކުވި ރިސޯޓެއްގައި މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ "ބެއްލަންވިލާ" އެވެ ކިޔާ ދޯނި ހުންނަ ކަމަށްވާނަމަ އެދޯނި، މޫސާ ފަހީމްގެ ވާރިޘުންނަށް ބުނެވުނު ޤަޟިއްޔާއިން ލިބުނު ރިސޯޓެއްގައި ބޭނުންކުރުމަށް ކުއްޔަށް ދިނުމަށް މުޙައްމަދު އަނީސް ބޭނުންވާނަމަ އެފަރާތްތަކާ މުޙައްމަދު އަނީސް ވާހަކަ ދައްކައިގެން ދެފަރާތުގެ ރުހުމާއި ޤަބޫލުގައި އެފަދަ އެއްބަސް ވުމެއް ވުމަކީ، އަދި ބުނެވުނު ޤަޟިއްޔާ ނިމުނު ފަހުން މުޙައްމަދު އަނީސްގެ އުޅަނދު މޫސާ ފަހީމްގެ ވާރިޘުންނަށް ލިބިފައިވާ ރިސޯޓުގައި ބާއްވަން ބޭނުން ނުވާނަމަ، އެ އުޅަނދު ލަސްނުކޮށް އެރިސޯޓުން ގެންދިއުމަކީ މުޙައްމަދު އަނީސްގެ ވެސް ޒިންމާއެއްކަމުގައި މެނުވީ ބެލެވެން ނެތްއިރު، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ދަށުން ބުނެވުނު ދެ ރިސޯޓު މޫސާ ފަހީމްގެ ވާރިޘުންނަށް ލިބިފައިވަނީ އެ ޤަޟިއްޔާ ނިމުނު ދުވަސްކަމުގައިވާ 01/06/2006 ގައި ކަމަށްވާއިރު، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަށުން އެ އުޅަނދާ ބެހޭގޮތުން މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ މައްޗަށް މުޙައްމަދު އަނީސް ދަޢުވާ ކޮށްފައިވަނީ 18/02/2008 ގައިކަން އެނގެން އޮތުމުން ބުނެވުނު ދޯނީގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަށުން މޫސާ ފަހީމްގެ ވާރިޘުންގެ މައްޗަށް މުޙައްމަދު އަނީސް ދަޢުވާ ކޮށްފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ނިމުނުތާ 20 މަހާއި 17 ދުވަސް ފާއިތުވެ ދިޔަ ފަހުން ކަން އެނގެން އޮތްއިރު، އެ ދިގު މުއްދަތުގައި މި އުޅަނދު، ހުރިކަން ދެފަރާތުގެ ބަހުން އެނގެން އޮންނަ އެރިޔަދޫ އައިލެންޑް ރިސޯޓުން ގެންދިއުމަށް މުޙައްމަދު އަނީސް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން އެނގޭ އެކަށީގެންވާ ސަބަބުތަކެއް މުޙައްމަދު އަނީސްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން މައްސަލައާ ގުޅިގެން މުޙައްމަދު އަނީސްގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީއާއި އަދި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ގެ ދަށުން އެރިޔަދޫ އައިލެންޑް ރިސޯޓު މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބުނުފަހުން އެއުޅަނދު އެރިސޯޓުން ގެންދިއުމަށް އެއްވެސް ހުރަހެއް އަޅާފައިވާކަމާމެދު މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުން ކޮށްފައިވަނީ އިންކާރުކަން އެނގެން އޮންނާތީއާއި އެ އުޅަނދު އެރިސޯޓުން ގެންދިއުމަށް މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުން ހުރަސްއަޅާފައިވާކަމަށް ބެލެވޭ އެއްވެސް ކަމެއް މުޙައްމަދު އަނީސްގެ ފަރާތުން ޝަރީޢަތަށް ސާބިތުވާ ވަރުގެ ކާފީ ހެކި ހުށަހެޅިފައިވާ ނުވާތީއާއި އަދި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ދަށުން މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބުނު މަތީގައި ބަޔާންކުރެވިފައިވާ ރިސޯޓަކުން ކުރެ ރިސޯޓެއްގައި، އެރިސޯޓުގެ ބޭނުމަށް އެ އުޅަނދު ބޭނުންކޮށްފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާ ކާފީ ހެކި މިމައްސަލައަށް ލިބިފައި ނުވާކަން އެނގެން އޮންނާތީ އާއި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޙުކުމުގެ ދަށުން މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް މިލްކުވި ރިސޯޓުތަކުންކުރެ ރިސޯޓެއްގައި މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ "ބެއްލަންވިލާ" އެވެ ކިޔާ އުޅަނދު އޮތްކަން މޫސާ ފަހީމްގެ ވާރިޘުންނަށް އެނގުމުން އެއުޅަނދު މުޙައްމަދު އަނީސްއާ ޙަވާލުކުރުމަށް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން މަސައްކަތްކޮށްފައި ވާކަމުގެ މައްޗަށް އިސްވެބަޔާންވެ ދިޔަގޮތުގެމަތިން ހެކި ލިބިފައިވާތީ މި ކަންކަމުގެ މައްޗަށް ނަޒަރުކޮށް ބެލުމުން މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަށުން މިއުޅަނދުގެ ކުލީގެ ގޮތުގައި ދަޢުވާ ކޮށްފައިވާ އެއްވެސް ފައިސާ އެއް ނުވަތަ އެއުޅަނދަށް މިޘްލީ ކުއްޔެއް ނަމަވެސް ކަނޑައަޅައިގެން އެފަދަ މިޘްލީ ކުލީގެ ފައިސާއެއް ވިޔަސް، މޫސާ ފަހީމްގެ ވާރިޘުންގެ ކިބައިން މުޙައްމަދު އަނީސްއަށް ލިބިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ވިއަސް ނެތްކަން އެނގެން އޮންނާތީ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި "ބެއްލަންވިލާ" އެވެ ކިޔާ މި އުޅަނދަށް ކުއްޔެއް ކަނޑައަޅުއްވައި އެކުއްޔަކީ، މޫސާ ފަހީމްގެ ވާރިޘުން، މުޙައްމަދު އަނީސްއަށް ދޭންޖެހޭ ފައިސާއެއްކަމަށް ބައްލަވައި ކުރައްވާފައިވާ ޙުކުމާއި އަދި އެޙުކުމަށް ތާއީދު ކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.
(މ) ދިހަވަނަ ކަމަކީ، ރަޖިސްޓަރީ ނަންބަރު P5001 A-04 10T "ބެއްލަންވިލާ" އެވެ ކިޔާ ދޯނި މިހާރު އޮތް ރިސޯޓުން މުޙައްމަދު އަނީސް އެ އުޅަނދު ގެންދިއުމަށް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން އެއްވެސް އިޢުތިރާޟެއް ކޮށްފައިނުވާކަން އެފަރާތްތަކުގެ ބަހުން އެނގެން އޮންނައިރު، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ދަށުން މޫސާ ފަހީމްގެ ވާރިޘުންނަށް ލިބުނު އެރިޔަދޫ އައިލެންޑް ރިސޯޓުގައި ބުނެވުނު "ބެއްލަންވިލާ"އެވެ ކިޔާ ދޯނި ހުންނަ ހުރުމުގައި، މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން ޤަޞްދުގައި އެއުޅަނދަށް އެއްވެސް ގެއްލުމެއް ދީފައިވާކަން، ނުވަތަ އެ އުޅަނދަށް އެއްވެސް ބަދަލެއް ގެނެސްފައިވާކަން ނުވަތަ އެ އުޅަނދު ބުނެވުނު ޤަޟިއްޔާގެ ދަށުން މޫސާ ފަހީމްގެ ވާރިޘުންނަށް މިލްކުވި ރިސޯޓެއްގެ ބޭނުމަށް ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުން ކުރަމުންދާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުވާ ކާފީ ހެކި ލިބިފައިނުވާކަން އެނގެން އޮންނާތީ، މި އުޅަނދުއޮތް ރިސޯޓު މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތްތަކަށް މިލްކުވީއިރު މިއުޅަނދު އޮތް ޙާލަތުގައި މުޙައްމަދު އަނީސްއާ ޙަވާލުކުރުމަށް އެފަރާތްތަކަށް އަންގަވައި މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި އެޙުކުމަށް ތާއީދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.
ޙުކުމް
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން
މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަން އެނގެން އޮންނާތީ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މަދަނީ ކޯޓުގެ މިބުނެވު ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލް ކަމަށާއި،
މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި ބުނާ ރަޖިސްޓަރީ ނަންބަރު P5002 A-02 10T ގެ "އޭ އޭ އޭ 10" ލާންޗު އަކީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ބާރުން އަލްމަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް މިލްކުވެފައިވާ އުޅަނދެއްކަން އެނގެން އޮވެފައި، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއަކީ އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާއަކަށް ނުވުމުން އެޤަޟިއްޔާގެ ޙުކުމަކީ އިސްތިޤުރާރުވެ، މައުޖޫދަވެ ދެމިއޮތް ޙުކުމެއްކަން އެނގެން އޮންނާތީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭ ކޯޓުތަކާބެހޭ ޤާނޫނު) ގެ 77 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި މުޙައްމަދު އަނީސް އެދިފައިވާ ގޮތުގެމަތިން ބުނެވުނު އުޅަނދުގެ ކުލީގެ ގޮތުގައި ދަޢުވާކޮށްފައިވާ ފައިސާއާއި އަދި އެއުޅަނދު، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާ ލިބޭ ފަރާތްތަކުގެ ނުރުހުމުގައި ޝަރީޢަތުގެ ފަރާތުން މުޙައްމަދު އަނީސްއަށް ލިބިދިނުމަށް އަންގާނެ ތަނެއް ނެތްކަމަށާއި،
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ ރ، ބ، ޅ، ކ، އ، ވ، މިއަކުރުތަކުގެ ދަށުން ފާހަގަ ކުރެވިފައިވާ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި ބުނާ ރަޖިސްޓަރީ ނަންބަރު P5001 A-04 10T "ބެއްލަންވިލާ" އެވެ ކިޔާ ދޯނީގެ ކުލީގެ ގޮތުގައި ދަޢުވާކޮށްފައިވާ އެއްވެސް ފައިސާއެއް، ނުވަތަ އެ އުޅަނދަށް މިޘްލީ ކުއްޔެއް ކަނޑައަޅައިގެން އެފަދަ މިޘްލީ ކުއްޔެއް ވިއަސް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތްތަކުގެ ކިބައިން މުޙައްމަދު އަނީސްއަށް ލިބިދިނުމަށް އެފަރާތްތަކުގެ މައްޗަށް އަންގާނެތަނެއް ނެތްކަމަށް ކަނޑައެޅުމާއެކު
މުޙައްމަދު އަނީސް ގެ ފަރާތުން "ބެއްލަންވިލާ" އެވެ ކިޔާ މިބުނެވުނު ދޯނި ގެންދިއުމަށް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާލިބުނު ފަރާތްތަކުން އެއްވެސް އިޢުތިރާޟެއް ކޮށްފައިނުވާތީ އާއި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ދަށުން މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބުނު ކ. އެރިއަދޫ އައިލެންޑް ރިސޯޓުގައި ބުނެވުނު "ބެއްލަންވިލާ" އެވެ ކިޔާ ދޯނި ހުންނަ ހުރުމުގައި މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން އެއުޅަނދަށް ޤަޞްދުގައި އެއްވެސް ގެއްލުމެއް ދީފައިވާކަން ނުވަތަ އެއުޅަނދުގެ އެއްވެސް ބަޔަކަށް ބަދަލުގެނެސްފައިވާކަން އެނގެން ނެތަތީ ރަޖިސްޓަރީ ނަންބަރު P5001 A-04 10T ގެ "ބެއްލަންވިލާ" އެވެ ކިޔާ ދޯނި މިހާރު އޮތް ޙާލަތުގައި، މިއަދުން (2015/07/23 އިން) ފެށިގެން 30 (ތިރީސް) ދުވަސްތެރޭގައި މުޙައްމަދު އަނީސްއާ ޙަވާލުކުރުމަށް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާ ލިބުނު ހ. ވާލީވިލާ ފާޠިމަތު ފަރީދާ، މުޙައްމަދު ޝަވީދު، ޙައުލަތު ފަހީމް، އަޙްމަދު ޝިޔާމް، އާމިނަތު އަޝްފާ، އަލީ ޝިޔާމް، އަދި ޙަސަން ޝިޔާމް އާ މި 08 (އަށެއް) މީހުންނަށް އަންގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބަޔާންކުރެވި ދިޔަ ގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.