—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2013/SC-A/25
ދަޢުވާކުރާ ފަރާތް: އަޙްމަދު ޢަލީ
ދަޢުވާ ލިބޭ ފަރާތް: އަބްދުﷲ ލަޠީފް
މައްސަލައިގެ ބާވަތް: އެއްބަސްވުން ދެމެހެއްޓުމަށް އެދި
ހުށަހެޅުނު ތާރީޚް: 18.04.2013
ނިމުނު ތާރީޚް: 19.05.2015
މައްސަލަ ނިންމި ގަޑި: 14:52
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އަލްއުސްތާޛު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2013/HC-A/81
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 27 ފެބްރުއަރީ 2013
ނިމުނު ތާރީޚް: 11 އޭޕްރިލް 2013
ފާހަގަ ކުރެވުނު ނުކުތާތައް
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ އަޙްމަދު ޢަލީ ގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ޢަބްދުﷲ ލަޠީފުއަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އަޙްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަޠީފްއާ ދެމެދު ވެވިފައިވާ، 20 ޖެނުއަރީ 2008 ވަނަ ދުވަހު މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމުގެ ދަށުން އާމިނަތު ރިފްޢަތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. މުންތަޒާ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި، ޢިމާރާތް، 15 ޑިސެމްބަރ 2007 ވަނަ ދުވަހުން ފެށިގެން މީލާދީ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޢަބްދުﷲ ލަޠީފް އެ ގޯތި ކުއްޔަށްހިފައި، އެ ގޯތީގައި 3,921,890/- (ތިންމިލިއަން ނުވަލައްކަ އެކާވީސްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ) ޚަރަދުކޮށްގެން 06 (ހައެއް) ބުރީގެ ޢިމާރާތެއްކޮށް ނިމުމާ ހަމައަށް ގޮސްފައިވަނިކޮށް، 30 ސެޕްޓެމްބަރ 2011 ވަނަ ދުވަހު އާމިނަތު ރިފްޢަތު ނިޔައުވެފައިވާތީ، ބުނެވުނު އެއްބަސްވުމުގެ 12 (ބާރަ) ވަނަ މާއްދާއަށާއި، 16 (ސޯޅަ) ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ބަޔާންވެދިޔަ އެއްބަސްވުން އޭގައިވާ މުއްދަތަށް ދެމެހެއްޓުމަށް އާމިނަތު ރިފްޢަތުގެ ވާރިޘުންނަށް އަންގައި ދެއްވުމަށް އެދި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ޢަބްދުﷲ ލަޠީފުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ބައްލަވައި، ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ ނިންމަވާފައިވަނީ، އާމިނަތު ރިފްޢަތު 30 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ނިޔައުވެފައިވާކަމާއި އަދި އާމިނަތު ރިފްޢަތުގެ ވާރިޘުންނަކީ އަޙްމަދު ޢަލީ އާއި، އިބްރާހިމް ޢާޞިފްއާއި، އަޙްމަދު އަޠީފް އާއި، މުޙައްމަދު ޞުފްޔާން އާއި، ޢާއިޝަތު ނާޡިމާއާއި، ފާޠިމަތު ޝެހެނާޒު ކަން ސިވިލް ކޯޓުގެ ނަންބަރު 1360/CV-C/2012 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނަކަމަށާއި، އާމިނަތު ރިފްޢަތު 30 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ނިޔައުވުމާ ގުޅިގެން އާމިނަތު ރިފްޢަތުގެ ވާރިޘުންގެ މައްޗަށް މި މައްސަލަ ހުށަހެޅުމަށްޓަކައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ "މަދަނީ މައްސަލަ ނުވަތަ ދަޢުވާ ހުށަހަޅާ ފޯމް" ސިވިލް ކޯޓަށް ބަލައިގަނެފައިވަނީ 28 ނޮވެމްބަރ 2011 އިގެ ތާރީޚުގައި ކަމުގައިވާތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 75/25 (ތަރިކައާބެހޭ ދަޢްވާގެ ޤާނޫނު) ގައި ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލައެއްކަމަށާއި،
މ. މުންތަޒާ އެވެކިޔުނު 588 (ފައްސަތޭކަ އަށްޑިހަ އަށެއް) އަކަފޫޓު ބަންޑާރަ ގޯތި 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށާއި، ޢިމާރާތެއްކުރުމަށްޓަކައި، އެ ގޯތީގެ ވެރިފަރާތް ކަމުގައިވާ އާމިނަތު ރިފްޢަތާއި ޢަބްދުﷲ ލަޠީފާ ދެމެދު މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު MC/C-34/2008 (20 ޖެނުއަރީ 2008) އެއްބަސްވުން ވެވިފައިވާކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެ އެއްބަސްވުމަކީ އެ އެއްބަސްވުމުގެ 15 ވަނަ މާއްދާގެ ދަށުން 01 އޭޕްރީލް 2008 ވަނަ ދުވަހު އާމިނަތު ރިފްޢަތު ބާޠިލްކޮށްފައިވާ އެއްބަސްވުމެއްކަމަށް އާމިނަތު ރިފްޢަތުގެ ވާރިޘުން ބުނެފައިވިއަސް، އެ އެއްބަސްވުމުގެ 15 ވަނަ މާއްދާއަށް ޝަރީޢަތުން ނަޒަރުކުރިއިރު، އެ މާއްދާއަކީ ވަކި އިޖުރާއަތުތަކެއް ކަނޑައެޅިފައިވާ މާއްދާއެއްކަމަށާއި، މިގޮތުން އެ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލް ކުރުމުގެ 15 (ފަނަރަ) ދުވަސް ކުރިން އެކަން ކުއްޔަށްހިފި ފަރާތަށް އަންގަންވާނެކަމަށާއި، އަދި އެ އެއްބަސްވުން ބާޠިލް ކުރުމުގައި 30 (ތިރީސް) ދުވަހުގެ ނޯޓިހެއް ދޭންވާނެކަމަށް އެ މާއްދާގެ (ހ) އިން ޝަރުޠުކޮށްފައިވާހިނދު، އެ އެއްބަސްވުން ބާޠިލް ކުރުމަށްޓަކައި އާމިނަތު ރިފްޢަތު ފޮނުވާފައިވާކަމަށްބުނެ، އާމިނަތު ރިފްޢަތުގެ ވާރިޘުން ޝަރީޢަތަށް ހުށަހަޅާފައިވާ ސިޓީއަކީ އެ ސިޓީ ފޮނުވި ތާރީޚުކަމުގައިވާ 01 އެޕްރީލް 2008 ވަނަ ދުވަހުން ފެށިގެން އެ އެއްބަސްވުން ބާޠިލްކުރެވިފައިވާކަމަށް ބުނެ ލިޔެވިފައިވާ ސިޓީއެއްކަމުގައިވާތީ، އެ ސިޓީއަކީ 30 (ތިރީސް) ދުވަހުގެ ނޯޓިހެއް ހިމެނިފައިނުވާ، އަދި އެ އެއްބަސްވުމުގެ 15 ވަނަ މާއްދާގައިވާ އިޖުރާއަތުތައް ފުރިހަމަކުރެވިފައި ނުވާ ސިޓީއެއްކަމަށާއި، އެ ސަބަބަށްޓަކައި އެ ސިޓީއަކީ އެ އެއްބަސްވުން ބާޠިލްކުރުމަށް އޮތް ޞައްޙަ އެންގުމެއްކަމަށް ބެލެވެން ނެތްކަމަށާއި، އަދި އެ ސިޓިއަކީ ޢަބްދުﷲ ލަޠީފަށް ލިބިފައިވާ ސިޓީއެއްކަމާމެދު މި މައްސަލައިގައި ސުވާލު އުފެދިފައިވިއަސް، އެ ސިޓިއަކީ އޭގެ ޒާތުގައި އެ އެއްބަސްވުން ބާޠިލްކުރުމަށް އޮތް ޞައްޙަ އެންގުމެއް ކަމުގައިނުވާތީ، އެފަދަ ސިޓީއެއް ޢަބްދުﷲ ލަޠީފަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ، މި މައްސަލައިގެ ނިޔާއަށް ބަދަލެއް އަންނާނެ ކަމެއްކަމަށްނުވާތީ، އެކަމަކީ މި މައްސަލައިގެ ތެރެއިން ބެލެވިފައިވާ ކަމެއް ނޫންކަމަށާއި،
އާމިނަތު ރިފްޢަތާއި ޢަބްދުﷲ ލަޠީފާ ދެމެދު ވެފައިވާ އިސްވެ ބަޔާންކުރެވުނު އެއްބަސްވުމަކީ، ބާޠިލް ކުރެވިފައިވާ އެއްބަސްވުމެއްކަމަށް ޝަރީޢަތަށް ސާބިތުނުވާހިނދު، އެ އެއްބަސްވުމަކީ ބާޠިލްނުވެ ދެމިއޮތް އެއްބަސްވުމެއްކަމަށް ވިދާޅުވެ،
އެ، އެއްބަސްވުމަށް އިޙްތިރާމްކުރުމަށް އާމިނަތު ރިފްޢަތުގެ ވާރިޘުންކަމުގައިވާ އަޙްމަދު ޢަލީއާއި، އިބްރާހިމް ޢާޞިފާއި، އަޙްމަދު އަޠީފާއި، މުޙައްމަދު ޞުފްޔާނާއި، ޢާއިޝަތު ނާޡިމާއާއި، ފާޠިމަތު ޝެހެނާޒްއަށް އަންގައި ޙުކުމް ކުރައްވާފަކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
4- ދިވެހިރާއްޖޭގެ ހައިކޯޓުން، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާ ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް އަޙްމަދު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލެއް ގެންނަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފަކަން، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގައި، އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެއެވެ.
5- ދިވެހިރާއްގޭ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގައި، އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކުރި ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 05 (ފަސް) ސަބަބެއް ހުށަހަޅައި ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:
ފުރަތަމަ ސަބަބަކީ 20 ޖެނުއަރީ 2008 ގައި މ. މުންތަޒާ އަލްމަރުޙޫމާ، އާމިނަތު ރިފްޢަތާއި ޢަބްދުﷲ ލަޠިފާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 15 ވަނަ މާއްދާގައި އެ އެއްބަސްވުން ބާޠިލްކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއާތުތަކަކީ އެ އެއްބަސްވުން ބާޠިލްކުރާކަން ނުވަތަ ބާޠިލް ކުރިކަން އެ އެއްބަސްވުން ބާޠިލް ކުރުމުގެ ކުރިން 15 ދުވަހަކާއި، 30 ދުވަހަކާއި ޖުމްލަ 45 (ސާޅިސް ފަހެއް) ދުވަހުގެ މުހުލަތެއް ޢަބްދުﷲ ލަޠީފަށް ދިނުންކަމުގައި ބުނެފައިވާތީ 01 އޭޕްރީލް 2008 ގައި އާމިނަތު ރިފްޢަތު، ޢަބްދުﷲ ލަޠީފަށް ފޮނުވި ނޯޓިސް ގެ ދަށުން ޢަބްދުﷲ ލަޠީފަށް ދޭންޖެހޭ 45 (ސާޅީސް ފަހެއް) ދުވަހުގެ މުހުލަތު ހަމަވެ 15 މެއި 2008 ދުވަހުން ފެށިގެން 10 ފެބްރުއަރީ 2013 ދުވަހުގެ ނިޔަލަށް އެ އެއްބަސްވުން ބާޠިލް ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަވެ 1730 (ސަތާރަ ސަތޭކަ ތިރީސް) ދުވަސް އިތުރަށް ހިނގާފައިވާއިރު އެކަމަށް ރިޢާޔަތް ނުކުރެއްވުންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، އެއްބަސްވުމެއް ބާޠިލްކުރުމަށް ދެވޭ ނޯޓިސް ވަކިގޮތަކަށް އޮންނަންޖެހޭކަމަށް ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ނުވަތަ އެއްވެސް ޤަވާޢިދެއްގައި ބުނެފައި ނުވާއިރު އާމިނަތު ރިފްޢަތު، ޢަބްދުﷲ ލަޠީފަށް ފޮނުވި ނޯޓިސްގެ މަޤްޞަދަކީ ނުވަތަ ބޭނުމަކީ އެ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ދެމެހެއްޓުންނޫންކަމާއި ބޭނުމަކީ އެ އެއްބަސްވުން ބާޠިލްކުރުންކަން އާމިނަތު ރިފްޢަތު، ޢަބްދުﷲ ލަޠީފަށް ފޮނުވި ނޯޓިސްގައި ލިޔެފައިވާ ވާހަކަތަކުން އެނގެން އޮންނައިރު 01 އޭޕްރީލް 2008 ގައި އާމިނަތު ރިފްޢަތު، ޢަބްދުﷲ ލަޠީފަށް ފޮނުވި ނޯޓިސްއަކީ އެ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް ޢަބްދުﷲ ލަޠީފަށް ފޮނުވި ޞައްޙަ ނޯޓިސްއެއް ކަމުގައި ނުބެލެވުންކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، އާމިނަތު ރިފްޢަތާއި، ޢަބްދުﷲ ލަޠީފާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 01 ވަނަ މާއްދާގައި ޢިމާރާތްކުރުމަށް ދެވިފައިވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ކަމުގައިވާ 01 ޑިސެމްބަރ 2009 ދުވަހުގެ ކުރިން މ. މުންތަޒާ ގެ ދެބުރި ނުވަތަ ދެ ފްލޯ، އާމިނަތު ރިފްޢަތާ ޙަވާލުކުރަން ޖެހޭއިރު އަދި މިހާތަނަށް ދެބުރި ނުވަތަ އެ ދެ ފްލޯ އާމިނަތު ރިފްޢަތާ ޙަވާލުކޮށްފައި ނުވުމާއި 01 ޑިސެމްބަރ 2009 ދުވަހުގެ ކުރިން އެ ދެބުރި ނުވަތަ އެ ދެ ފްލޯ އާމިނަތު ރިފްޢަތާ ޙަވާލުކުރެވިފައި ނުވުމުން އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް -/400 (ހަތަރު ސަތޭކަ) ރުފިޔާގެ ރޭޓުން ދޭންޖެހޭ ފައިސާ ޢަބްދުﷲ ލަޠީފް، އާމިނަތު ރިފްޢަތާ ޙަވާލު ނުކުރުމަކީ އެއްބަސްވުމުގެ 2 ވަނަ މާއްދާއާ ޢަބްދުﷲ ލަޠިފް ކަނޑައެޅިގެން ވެފައިވާ ޚިލާފްވުމެއްކަމުގައި ނުބެއްލެވުމާއި މ. މުންތަޒާ ގެ ދެބުރި ނުވަތަ ދެ ފްލޯ 01 ޑިސެމްބަރ 2009 ދުވަހުގެ ކުރިން އާމިނަތު ރިފްއަތާ ޙަވާލު ކުރުމަކީ ޢަބްދުﷲ ލަޠީފަށް ކުރެވޭނެ ކަމަކަށް ނުވާހިނދު، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައި "ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާ ފަދަ ޙާލަތެއް މެދުވެރިވެގެން، އޭގެ ބައިވެރީންގެ މައްޗަށް ލާޒިމްކުރާ ކަމެއް ކުރުމަކީ ވެވެން ނެތް ކަމަކަށް ވެއްޖެހިނދެއްގައި ބެލެވޭނީ، އެ ކޮންޓްރެކްޓް ނިމުމަކަށް ދިޔައީ ކަމުގައެވެ." މިގޮތަށް ބުނެފައިވުމާއެކު، 01 ޑިސެމްބަރ 2009 ގެ ކުރީން މ. މުންތަޒާ ގެ 5 ވަނަ ބުރިޔާއި 6 ވަނަ ބުރި އާމިނަތު ރިފްޢަތާ ޙަވާލުކުރުމާއި، މ. މުންތަޒާ ގައި 6 (ހައެއް) ބުރީގެ ޢިމާރާތެއްގެ ހުރިހާ މަސައްކަތެއް ނިންމުމަކީ އަދި މިހާތަނަށް ޢަބްދުﷲ ލަޠީފަށް ކުރެވިފައިވާ ކަމަކަށްނުވާތީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން އާމިނަތު ރިފްޢަތާއި، ޢަބްދުﷲ ލަޠީފާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ނިމުމަކަށް އައިސްފައިވާ އެއްބަސްވުމަކަށް ވީހިނދު މި ނުކުތާއަށް ރިޢާޔަތް ނުކުރެއްވުންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، އިސްތިއުނާފުގެ ދަޢުވާ ޝަރީޢަތަށް ޘާބިތުކުރުމަކީ ދަޢުވާކުރި ފަރާތުގެ ކަމަކަށްވާތީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާގޮތުން "ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރްޙަލާގައި ހުށަހެޅުމަކީ ހުރަސްއަޅާކަމެއް ނޫންކަމުގައި" ބަޔާންކޮށްފައިވާތީ އެ ޤާނޫނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފުކުރުމަށް ދަޢުވާ ހުށަހަޅާ ފޯމްގެ 6 (ހައެއް) ވަނަ ނަންބަރާ އެއްގޮތަށް ހެކީގެ ގޮތުގައި ހުށަހެޅި 01 އޭޕްރީލް 2011 ގައި ޢަބްދުﷲ ލަޠީފަށް ފޮނުވި ސިޓީއަށާއި، 18 އޭޕްރީލް 2011 ގައި ޢަބްދުﷲ ލަޠީފަށް ފޮނުވި ދެވަނަ ނޯޓިސް އަށާއި، 11 ފެބްރުއަރީ 2013 ގައި ޢަބްދުﷲ ލަޠީފަށް ފޮނުވި 03 ވަނަ ނޯޓިސްއަށާއި، ހެކީންގެ ގޮތުގައި ހުށަހެޅި މީހުން ޙާޟިރުކޮށް އެ މީހުންގެ ހެކިބަސް ނަންގަވައި ދެއްވުމަށް އެދިފައި ވާއިރު ދެވަނަ ނޯޓިސްއާއި ތިންވަނަ ނޯޓިސްއަށް ރިޢާޔަތް ނުކުރައްވައި ހެކިބަސް ނަންގަވާފައި ނުވުން ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ފަސްވަނަ ސަބަބަކީ، އެއްބަސްވުމަކަށް ޢަމަލުކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ފަރާތްތަކުން އެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގައިކަމަށް ވީހިނދު 20 ޖެނުއަރީ 2008 ގައި އާމިނަތު ރިފްޢަތާއި، ޢަބްދުﷲ ލަޠީފާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި މ. މުންތަޒާގައިވާ އިމާރާތް ޢަބްދުﷲ ލަޠީފަށް ކުއްޔަށް ދީފައިވާނީ އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ 36 (ތިރީސް ހައެއް) ދުވަހުގެ ކުރީންކަމަށް ލިޔެފައި އޮތުމާއި އެ އެއްބަސްވުމުގެ ދަށުން އިމާރާތްކުރަން ފަށަން ޖެހޭނީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ 51 (ފަންސާސް އެކެއް) ދުވަހުގެ ކުރީން ކަމުގައި އެ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ލިޔެފައިވާތީ އެ އެއްބަސްވުމަކީ އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރެވެން ނެތް އަމިއްލަ ޒާތުގައި ބާޠިލް އެއްބަސްވުމެއްކަމަށް ވީހިނދު އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމެވުން ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގައި، އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފްވާގޮތަށްކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިއުންތަކަށާއި، މި މައްސަލަ މި ކޯޓުގައި އިލްތިމާސްކުރި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފު ދަޢުވާ ކޮށްފައިވަނީ، 15 ޑިސެމްބަރ 2007 ވަނަ ދުވަހުން ފެށިގެން މީލާދީ 15 އަހަރު ދުވަހުގެ މުއްދަތަށް މ. މުންތަޒާ އެވެ ކިޔާ ބަންޑާރަ ގޯތީގައި ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށް ހިފުމާ ބެހޭގޮތުން އާމިނަތު ރިފްޢަތު އާއި ޢަބްދުﷲ ލަޠީފުއާ ދެމެދު ވެވިފައިވާ، 20 ޖެނުއަރީ 2008 ގައި މަދަނީ ކޯޓުގައި ރަޖިސްޓަރީ ކުރެވިފައިވާ ނަންބަރު MC/C-34/2008 އެގްރިމެންޓްގެ 12 ވަނަ މާއްދާއަށާއި 16 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތްކޮށްދެއްވައި މި އެއްބަސްވުން އޭގައިވާ މުއްދަތަށް ދެމެހެއްޓުމަށް އާމިނަތު ރިފްޢަތު ގެ ވާރިޘުންނަށް އަންގަވައިދެއްވުން އެދި ކަމާއި މިގޮތަށް ޢަބްދުﷲ ލަޠީފް ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި އެދިފައިވަނީ 30 ސެޕްޓެމްބަރ 2011 ގައި މ. މުންތަޒާ އާމިނަތު ރިފްޢަތު ނިޔައުވެފައިވާތީ ކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ ޞީޣާއިން އެނގެން އޮންނައިރު، ބުނެވުނު އެއްބަސްވުމުގެ ފެށުމަށް ބަލާއިރު އެ އެއްބަސްވުމަކީ މ. މުންތަޒާ އެވެކިޔާ 588 އަކަފޫޓުގެ ބަންޑާރަގޯތި، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފައި އެބައިގައި ހުރި ޢިމާރާތް ތަޅާލައި، 6 (ހައެއް) ބުރީގެ އައު ޢިމާރާތެއްކޮށް، ކުއްޔަށްހިފުމުގެ މުއްދަތު ހަމަވަންދެން އަލަށް ކުރި ޢިމާރާތް ބޭނުން ހިފަމުން ދާނޭ ގޮތާ ބެހޭގޮތުން ކުއްޔަށްދިން ފަރާތުގެ ޙައިޘިއްޔަތުން އާމިނަތު ރިފްޢަތުއާއި، ކުއްޔަށް ހިފި ފަރާތުގެ ޙައިޘިއްޔަތުން ޢަބްދުﷲ ލަޠީފް އާދެމެދު ވެވިފައިވާ އެއްބަސްވުމެއްކަމާއި އަދި މި އެއްބަސްވުމުގެ 01 ވަނަ މާއްދާއިން މި އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ޢިމާރާތް ކުއްޔަށްދޭ މުއްދަތަކީ، 2007 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މީލާދީ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށްކަން އެނގެން އޮންނައިރު، މި އެއްބަސްވުމުގެ 12 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި ބުނަނީ މި އެގްރިމެންޓްގައި ސޮއިކޮށް، އެގްރިމެންޓް އަޤްދުކުރުމަށްފަހު، މި އެގްރިމެންޓް ބާޠިލްކޮށް، ކުއްޔަށް ހިފި ފަރާތުންގެ ޙައްޤުތައް ނިގުޅައިގަތުމުގެ އެއްވެސް އިޚްތިޔާރަކާއި ބާރެއް، އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމުގައިކަމާއި، އަދި ބުނެވުނު އެއްބަސްވުމުގެ 16 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި އެގްރިމެންޓްގެ މުއްދަތު ހަމަވަންދެން އެގްރިމެންޓާ އެއްގޮތަށް ޢަމަލުކުރުމަށް ދެ ފަރާތުގެ ވާރިޘުންނަށް ވަޞިއްޔަތްކުރާ ކަމަށް ބަޔާންކޮށްފައިވާކަމާއި މިކަންކަން މި އެއްބަސްވުމުގެ މި ބުނެވުނު މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 3.1 ގައި އާމިނަތު ރިފްޢަތު 30 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ނިޔާވެފައިވާކަމާއި އަދި އާމިނަތު ރިފްޢަތުގެ ވާރިޘުންނަކީ، އަޙްމަދު ޢަލީއާއި، އިބްރާހިމް އާޞިފްއާއި، އަޙްމަދު އަޠީފްއާއި، މުޙައްމަދު ޞުފްޔާން އާއި، ޢާއިޝަތު ނާޡިމާއާއި، ފާޠިމަތު ޝެހެނާޒުކަން ސިވިލް ކޯޓުގެ ނަންބަރު 1360/CV-C/2012 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނަކަމަށް ބަޔާންކުރައްވާފަވާއިރު، ސިވިލް ކޯޓުގެ މި އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 1360/CV-C/2012 ޤަޟިއްޔާއަކީ، އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާއެއް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/197/2015/6 (2015/03/15) ގެ ސިޓީއިން އެނގެއެވެ.
(ނ) ތިންވަނަކަމަކީ ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.2 އިން އާމިނަތު ރިފްޢަތު 30 ސެޕްޓެމްބަރ 2011 ވަނަ ދުވަހު، ނިޔައުވުމާ ގުޅިގެން އާމިނަތު ރިފްޢަތުގެ ވާރިޘުންގެ މައްޗަށް ދަޢުވާ ލިބޭ ގޮތަށް މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ ޤާނޫނު ނަންބަރު 75/25 (ތަރިކައާބެހޭ ދަޢްވާގެ ޤާނޫނު) ގައި ބަޔާން ކުރެވިފައިވާ މުއްދަތުގެ ތެރޭގައިކަން އެނގެންއޮންނަކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ޢަބްދުﷲ ލަޠީފު ކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ދަޢުވާގެ ޖަވާބުގައި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި އެ ޤަޟިއްޔާގެ ޝަރީޢަތަށް ބަޔާންދީފައިވާ ފަރާތްތަކުން އެ ޤަޟިއްޔާގެ ޝަރީޢަތުގައި ވާހަކަދައްކާފައިވަނީ މައިގަނޑު ދެ ދިފާޢުގެ މައްޗަށްކަމާއި އޭގެ ތެރެއިން:
ފުރަތަމަ ދިފާޢުއަކީ، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފު ކޮށްފައިވާ ދަޢުވާގައިބުނާ، ޢަބްދުﷲ ލަޠީފާއި މ. މުންތަޒާ އާމިނަތު ރިފްޢަތާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން އާމިނަތު ރިފްޢަތަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން 01 އޭޕްރީލް 2008 ގައި ލިޔެ އެ ދުވަހުގެ ރޭ 8:30 ގައި އާމިނަތު ރިފްޢަތުގެ ފަރާތުން ޢަބްދުﷲ ލަޠިފާ ޙަވާލުކުރިކަމަށް ބުނާ ނޯޓިސް ޢަބްދުﷲ ލަޠިފާ ޙަވާލުކޮށްފައިވާތީ، ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފް ދަމަހައްޓަން އެދިފައިވާ އެއްބަސްވުމަކީ 30 އޭޕްރީލް 2008 ދުވަހުގެ ނިޔަލަށް ބާޠިލްވެ ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއްކަމަށް ބުނެ އެފަރާތްތަކުން ހުށަހަޅާފައިވާ ދިފާޢުކަމާއި
ދެވަނަ ދިފާޢަކީ، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގައި ބުނާ، ޢަބްދުﷲ ލަޠީފާއި އާމިނަތު ރިފްޢަތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 02 ވަނަ މާއްދާގެ ދަށުން، 01 ޑިސެމްބަރ 2009 ދުވަހުގެ ކުރިން، ހުރިހާ މަސައްކަތެއް ނިންމައި އާމިނަތު ރިފްޢަތާ ޙަވާލުކުރަންޖެހޭ މ. މުންތަޒާ ގެ ދެ ފްލޯ، އާމިނަތު ރިފްޢަތާ ޙަވާލުކޮށްފައި ނުވުމުން، އާމިނަތު ރިފްޢަތުއާއި ޢަބްދުﷲ ލަޠީފުއާ ދެމެދު ވެފައިވާ މި އެއްބަސްވުމަކީ ބާޠިލުވެ، ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއްކަމަށްބުނެ އެފަރާތްތަކުން ހުށަހަޅާފައިވާ ދިފާޢުކަމާއި
މިކަންކަން ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި އެ ޤަޟިއްޔާގެ ޝަރީޢަތަށް ބަޔާންދީފައިވާ އަޙްމަދު ޢަލީއާއި، އިބްރާހިމް އާޞިފުއާއި، އަޙްމަދު އަޠީފުއާއި، މުޙައްމަދު ސުފްޔާނުއާއި، ޢާއިޝަތު ނާޡިމާއާއި، ފާޠިމަތު ޝެހެނާޒުއާއި މި ފަރާތްތަކުން ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވާ ގޮތް، ރަނގަޅު ނޫންކަމަށް ދެކި، އަޙްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކި އަޙުމަދު ޢަލީގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީވެސް މަދަނީ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ޢަބްދުﷲ ލަޠީފު ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި އެ ޤަޟިއްޔާގެ ޝަރީޢަތަށް ބަޔާންދީފައިވާ ފަރާތްތަކުން އެ ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވިދިޔަ ދެ ދިފާޢުގައި އެފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށްކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަކަމަކީ، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު، އެ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ދަށުން ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި އެ ޤަޟިއްޔާއަށް ބަޔާންދީފައިވާ ފަރާތްތަކުން ޝަރީޢަތަށް ހުށަހަޅާފައިވާ ފުރަތަމަ ދިފާޢުގައި، ޢަބްދުﷲ ލަޠީފާއި މ. މުންތަޒާ އާމިނަތު ރިފްޢަތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން އާމިނަތު ރިފްޢަތަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން 01 އޭޕްރީލް 2008 ގައި ލިޔެ އެދުވަހުގެ ރޭ 8:30 ގައި ޢަބްދުﷲ ލަޠިފާ ޙަވާލުކުރި ނޯޓިސް ޢަބްދުﷲ ލަޠީފާ ޙަވާލުކޮށްފައިވާތީ، ސިވިލް ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފު ދަމަހައްޓަން އެދިފައިވާ އެއްބަސްވުމަކީ، 30 އޭޕްރީލް 2008 ދުވަހުގެ ނިޔަލަށް ބާޠިލްވެ ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއް ކަމަށް އެފަރާތްތަކުން ބުނެފައިވާއިރު، އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ 15 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގެ ފެށުމުގައި "މި އެގްރިމެންޓްގެ މުއްދަތު ހަމަނުވަނީސް ކުއްޔަށްދޭ ފަރާތުން އެގްރިމެންޓް ބާޠިލްކުރަން ބޭނުންވެއްޖެ ހިނދެއްގައި، 15 ދުވަސްކުރިން ކުއްޔަށް ހިފި ފަރާތަށް އަންގައިގެން ބާޠިލްކުރުމުގެ ކަންތައް ކުރިއަށް ގެންދާނީއެވެ." މިގޮތަށް ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ހ) ގައި ބުނަނީ: "ކުއްޔަށް ހިފި ފަރާތަށް 30 ދުވަހުގެ ނޯޓިސް އެއް ދިނުން" މި ގޮތަށް ކަމަށްވެފައި، އަދި މި އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ށ) ގައި ބުނަނީ "ޢިމާރާތަށްކޮށްފައިވާ ޚަރަދުން ބާކީ ދޭންޖެހޭ ޚަރަދު، އެގްރިމެންޓް ބާޠިލްކުރާތާ 15 ދުވަހުގެ ތެރޭގައި ކުއްޔަށް ހިފި ފަރާތަށް ދިނުން" މިގޮތަށް ކަމަށްވެފައި، 01 އޭޕްރީލް 2008 ގައި އާމިނަތު ރިފްޢަތު، ޢަބްދުﷲ ލަޠީފާ ޙަވާލުކުރިކަމަށް އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި ބުނެވުނު ޤަޟިއްޔާއަށް ބަޔާންދީފައިވާ ފަރާތްތަކުންބުނާ، މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުމަށް ބަލާއިރު އެ ލިޔުމުގައިވާ ތާރީޚަކީ 01 އޭޕްރީލް 2008 ގެ ތާރީޚް ކަމަށްވާއިރު، ބުނެވުނު އެއްބަސްވުން އާމިނަތު ރިފްޢަތުގެ ފަރާތުން ބާޠިލްކުރި ތާރީޚެއްކަމަށް އެ ލިޔުމުގައި ލިޔެފައިވަނީވެސް 01 އޭޕްރީލް 2008 ގެ ތާރީޚްކަން އެ ލިޔުމުން އެނގެން އޮތުމުން، އެ ލިޔުމަކީ އާމިނަތު ރިފްޢަތާއި، ޢަބްދުﷲ ލަޠީފާ ދެމެދު ކުރެވިފައިވާ ބުނެވުނު އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބުނެފައިވާ އުޞޫލާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ނޯޓިސްއެއްކަމުގައި ބެލެވޭނެތަނެއް އޮތް ލިޔުމެއް ނޫންކަން އެ ލިޔުމުން ސާފުކޮށް އެނގެން އޮންނާތީ އެ ލިޔުމަކީ އެލިޔުމުގެ މައްޗަށް ރިޢާޔަތްކޮށް އާމިނަތު ރިފްޢަތާއި ޢަބްދުﷲ ލަޠީފާ ދެމެދު ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމަކީ ބާޠިލްވެފައިވާ އެއްބަސްވުމެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެތަނެއްއޮތް ލިޔުމެއް ނޫންކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގައިބުނާ ޢަބްދުﷲ ލަޠީފާއި އާމިނަތު ރިފްޢަތާ ދެމެދު ކުރެވިފައިވާ ބުނެވުނު އެއްބަސްވުމުގެ 15 ވަނަ މާއްދާގެ ދަށުން އެ ޤަޟިއްޔާއަށް އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި ބަޔާންދީފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ދިފާޢުއަކީ، ބުނެވުނު އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން އާމިނަތު ރިފްޢަތަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން 01 އޭޕްރީލް 2008 ގައި ލިޔެ ޢަބްދުﷲ ލަޠީފްއާ އާމިނަތު ރިފްޢަތުގެ ފަރާތުން ޙަވާލުކުރި ކަމަށްބުނާ ނޯޓިސް ޢަބްދުﷲ ލަޠީފާ ޙަވާލުކޮށްފައިވާތީ ޢަބްދުﷲ ލަޠީފު ދަމަހައްޓަން އެދިފައިވާ އެ އެއްބަސްވުމަކީ، 30 އޭޕްރީލް 2008 ދުވަހުގެ ނިޔަލަށް ބާޠިލްވެ ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއްކަމަށް ބުނެ އެފާރާތްތަކުން ހުށަހަޅާފައިވާ ދިފާޢުކަމަށްވީހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގެ ޙުކުމް ރަނގަޅުނޫންކަމަށްބުނެ އަޙްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް ހުށަހެޅި ހަތަރުވަނަ ސަބަބުގައި ފާހަގަކޮށްފައިޥާ 03 ސިޓީކަމުގައިވާ 01 އޭޕްރީލް 2011 އިގެ ތާރީޚް ޖަހައި ލިޔެފައިވާ ސިޓީއާއި 18 އޭޕްރިލް 2011 އިގެ ތާރީޚް ޖަހައި ލިޔެފައިވާ ސިޓީއާއި 11 ފެބްރުއަރީ 2013 އިގެ ތާރީޚް ޖަހައި ލިޔެފައިވާ ސިޓީއާއި މި ސިޓީތަކަށް ބަލާއިރު، މި ސިޓީތަކަކީ، އިސްވެ އިޝާރާތްކުރެވުނު 01 އޭޕްރިލް 2008 ގެ ތާރީޚުގައިވާ ސިޓީގައިވާ ޙާދިޘާއާ އެއްވެސް ގުޅުމެއް ނެތް ގޮތެއްގައި ތަފާތު އެކިއެކި ތާރީޚް ޖަހައި ލިޔެފައިވާ ވަކިވަކި ސިޓީތަކެއް ކަމަށްވުމުން، މިސިޓީތަކަކީ، 01 އޭޕްރީލް 2008 ގެ ތާރީޚުގައިވާ އިސްވެ ޙަވާލާދެވުނު ސިޓީއާ އެއްވެސް ގުޅުމެއްނެތް ގޮތުގައި، މުޅިން ވަކިވަކި ނޯޓިސް ތަކެއްގެ ގޮތުގައި ލިޔެފައިވާ ސިޓީތަކެއް ކަމަށްވުމުން އެ ސިޓީތަކަކީ، 01 އޭޕްރީލް 2008 ގެ ސިޓީގައި ހިމެނޭ ކަމެއް ސާބިތުކުރުމަށް ހުށަހެޅިދާނެ ސިޓީތަކެއްކަމުގައި ބެލެވޭނެތަނެއް އޮތް ސިޓީތަކެއް ކަމުގައި ނުވާތީއާއި އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން، ބުނެވުނު 03 ސިޓީ، މަދަނީ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާއަށް އަޙްމަދު ޢަލީގެ ފަރާތުން ހުށަހެޅުމަށް ފުރުޞަތު ލިބިފައިނުވާކަން އެނގޭ އެކަށީގެންވާ މައުޤޫލު ސަބަބެއް ދެއްކިފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާއަށް އަޙްމަދު ޢަލީގެ ފަރާތުން ދީފައިވާ ބަޔާންތަކުން އެނގެން ނެތަތީއާއި އަދި ބުނެވުނު 03 ސިޓިގެ ތެރެއިން 11 ފެބްރުއަރީ 2013 އިގެ ތާރީޚުގައިވާ ސިޓީއަކީ، މަދަނީ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ ނިމުނުފަހުން ލިޔެފައިވާ ސިޓީއެއްކަންވެސް ފާހަގަވާން އޮތަތީ ބުނެވުނު 03 ސިޓީގައިވާ ކަންކަމަކީ، މުޅިން ވަކި ދަޢުވާއެއްގެ ގޮތުގައި އަޙްމަދު ޢަލީގެ ފަރާތުން ފާހަގަކޮށް ހުށަހަޅާފައިވާ ކަންކަން ކަމުގައި ބެލެވޭތީ، އެ ތިން ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގެ ދަށުން އެކަންކަމަށް ފައިޞަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭފަދަ ގޮތަކަށް ހުރި ސިޓީތަކެއް ކަމުގައި ބެލެވޭނެ ތަނެއް ނެތުމެވެ.
(އ) އަށްވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގެ ޙުކުމް ރަނގަޅުނޫންކަމަށްބުނެ އަޙުމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް ހުށަހެޅި ފަސްވަނަ ސަބަބުގައި ފާހަގަކޮށްފައިވާ ކަންކަމަކީ، ޢަބްދުﷲ ލަޠީފުގެ މައްޗަށް އަޙުމަދު ޢަލީގެ ފަރާތުން ކުރާ މުޅިން އާ ދަޢުވާއެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަންކަމުގައި ފާހަގަކުރެވިފައި ވުމާއެކު އެ ކަންކަމަކީ، އަޙުމަދު ޢަލީ ބޭނުންނަމަ، ވަކި ދަޢުވާއެއްގެ ގޮތުގައި ކަމާބެހޭ ކޯޓަށް ހުށަހެޅޭނެ ކަންކަން ކަމަށްވާތީ އެކަންކަމަކީ ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ދަށުން، ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ މައުޟޫޢުއާމެދު ފައިޞަލާކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި، ޝަރީޢަތުން އެކަންކަން ބަލައި ގޮތެއް ކަނޑައަޅަންޖެހޭފަދަ ގޮތެއްގައި ހުށަހެޅިފައިވާ ކަންކަން ކަމުގައި ބެލެވޭނެތަނެއް ނެތުމެވެ.
(ވ) ނުވަވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން ހުރީ ބަޔާންކުރެވިދިޔަ ގޮތަށް ކަމަށް ވީނަމަވެސް އިންޞާފުން ޝަރީޢަތް ކުރުމަކީ، ކޮންމެ މީހަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ، އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ އެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ އެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތުމުން، އިންޞާފު ލިބިދިނުމަށްއެދި ކަމާބެހޭ ކޯޓަކަށް ކަމާބެހޭ ފަރާތަކުން މައްސަލައެއް ހުށަހެޅުމުން، މައްސަލަ ބަލައިގަތުމާބެހޭގޮތުން ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ އިޖުރާއާތުތައް، އެ މައްސަލައެއް ބެލުމަށް ހުރަސްނުއަޅާހާހިނދަކު އެ މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ކަންކަމާއި އަދި މައްސަލައިގެ މައުޟޫޢުއާ ގުޅޭ ގޮތުން، މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތުން ނަގާ ދިފާޢުތަކުގެ ތެރެއިން، މައްސަލައިގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި ޢަދުލުއިންޞާފުގެ ހަމަތައް ނިޔާކުރާ ގޮތުގެމަތިން ކޮންމެހެން ޝަރީޢަތުން ބަލަންޖެހޭފަދަ ގޮތެއްގައި ހުށަހެޅޭ ދިފާޢީ ނުކުތާތައްވެސް، އެ ކޯޓުން ބަލައި ފައިޞަލާކުރަންވާނެކަން އެނގެން އޮތްހިނދު، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ ގެ ދަށުން ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި އެ ޤަޟިއްޔާއަށް ބަޔާންދީފައިވާ ފަރާތްތަކުން އެ ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ ދެވަނަ ދިފާޢުގައި ޢަބްދުﷲ ލަޠީފުއާއި އާމިނަތު ރިފްޢަތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 02 ވަނަ މާއްދާގެ ދަށުން 01 ޑިސެމްބަރ 2009 ދުވަހުގެ ކުރިން، ހުރިހާ މަސައްކަތެއް ނިންމައި އާމިނަތު ރިފްޢަތާ ޙަވާލުކުރަންޖެހޭ މ. މުންތަޒާ ގެ ދެ ފްލޯ، އާމިނަތު ރިފްޢަތާ ޙަވާލުކޮށްފައިނުވުމުން، އާމިނަތު ރިފްޢަތާ ޢަބްދުﷲ ލަޠިފުއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ބާޠިލުވެ، ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއްކަމަށް އެފަރާތްތަކުން ބުނެފައިވާކަން އެނެގެން އޮންނައިރު، މި ދިފާޢުގެ ދަށުން އެފަރާތްތަކުން ހުށަހެޅި މި ކަންކަމަކީ، އެ ކަންކަމުގެ މައްޗަށް ބިނާކޮށް، އާމިނަތު ރިފްޢަތާއި ޢަބްދުﷲ ލަޠީފާ ދެމެދު ވެވިފައިވާ، 20/01/2008 ގައި މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ބުނެވުނު އެއްބަސްވުމަކީ، ބާޠިލްވެފައިވާ އެއްބަސްވުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގެ ނަންބަރު 434/CV-C/2011 ޤަޟިއްޔާގެ ދަށުން އާމިނަތު ރިފްޢަތުގެ ޙަޔާތުގައި އާމިނަތު ރިފްޢަތު، ޢަބްދުﷲ ލަޠީފުގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަންތައްތަކެއްކަމާއި، ނަމަވެސް އާމިނަތު ރިފްޢަތު ގެ ޙަޔާތުގައި ސިވިލް ކޯޓަށް ހުށަހެޅި މި ބުނެވުނު މައްސަލަ އެ ކޯޓުގައި ހިނގަމުންދަނިކޮށް އާމިނަތު ރިފްޢަތު ނިޔާވެފައިވާކަން ސާބިތުވާކަމަށް ވިދާޅުވެ، އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައި އެ ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލް ކުރައްވައި މައްސަލަ ނިންމަވާފައިވާކަމާއި މިކަންކަން ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 434/CV-C/2011 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްހިނދު، މަދަނީ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ ގެ ދަށުން، އާމިނަތު ރިފްޢަތުގެ ވާރިޘުންގެ މައްޗަށް ޢަބްދުﷲ ލަޠީފް ދަޢުވާ ކޮށްފައިވަނީ ޢަބްދުﷲ ލަޠީފުއާ އާމިނަތު ރިފްޢަތާ ދެމެދު ވެވިފައިވާ މަދަނީ ކޯޓުގައި 20/01/2008 ގައި ރަޖިސްޓްރީ ކުރެވިފައިވާ އެގްރީމެންޓް ގެ މުއްދަތަށް އެ އެގްރީމެންޓް ދެމެހެއްޓުމަށް އާމިނަތު ރިފްޢަތުގެ ވާރިޘުންނަށް އަންގަވައިދެއްވުމަށް އެދި ކަމަށްވީހިނދު، އެ ދަޢުވާގެ ދިފާޢުގައި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި އެ ޤަޟިއްޔާއަށް ބަޔާންދީފައިވާ ފަރާތްތަކުން އެގްރިމެންޓްގެ 2 ވަނަ މާއްދާއާ ޙަވާލާދީ ނަގާފައިވާ ދެވަނަ ދިފާޢުގެ ދަށުން ހުށަހަޅާފައިވާ ބަޔާންވެދިޔަ ކަންކަމަކީ، ސީދާ އާމިނަތު ރިފްޢަތުގެ ޙަޔާތުގައި ވެސް އެ ކަންކަމުގެ މައްޗަށް ބިނާކޮށް އެ އެގްރީމެންޓަކީ ބާޠިލްވެފައިވާ އެގްރީމެންއްޓެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަށުން އާމިނަތު ރިފްޢަތު ދަޢުވާކޮށްފައިވާ ކަންކަން ކަމަށްވުމުން، ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ދަށުން ޢަބްދުﷲ ލަޠީފު ކޮށްފައިވާ ދަޢުވާގެ މައުޟޫޢުއާމެދު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންޞާފުވެރި ޙުކުމަކުން ފައިޞަލާކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި ބުނެވުނު ޤަޟިއްޔާއަށް ބަޔާންދީފައިވާ ފަރާތްތަކުން ޢަބްދުﷲ ލަޠީފްގެ ދަޢުވާއާ ގުޅިގެން އެގްރިމެންޓްގެ 02 ވަނަ މާއްދާގެ ދަށުން ނަގާފައިވާ ބުނެވުނު ދިފާޢީ ނުކުތާއަކީވެސް އެ ޤަޟިއްޔާގެ ދަޢުވާއާ ގުޅިގެން އިންޞާފު ޤާއިމުކުރުމަށްޓަކައި ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާއިންނާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާއިން ކޮންމެހެން ބަލަންޖެހޭ ނުކުތާއެއްކަން އެނގެން އޮތްއިރުވެސް ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާ އާއި އަދި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުކޮށް ބެއްލެވި ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާ ނިންމަވާފައިވަނީ އެގްރިމެންޓްގެ 02 ވަނަ މާއްދާއާ ޙަވާލާދީ ނެގިފައިވާ ބަޔާންކުރެވިދިޔަ ދިފާޢީ ނުކުތާ، މައުޟޫޢީ ގޮތުން ބައްލަވައި، އެ ނުކުތާއާމެދު އެއްވެސް މިންވަރަކަށް ފައިޞަލާކޮށް ގޮތެއް ކަނޑައެޅުމަކާ ނުލައިކަން އެނގެން އޮންނާތީ، މި ސަބަބުތަކަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2013/HC-A/81 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.
(މ) ދިހަވަނަކަމަކީ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ (ވ) ގެ ދަށުން ބަޔާންކުރެވިދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަން އެނގެން އޮންނާތީ ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ދަށުން އާމިނަތު ރިފްޢަތުގެ ވާރިޘުންގެ މައްޗަށް ދަޢުވާލިބޭގޮތަށް ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާއާމެދު ޝަރީޢަތުން ފައިޞަލާކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި، އެ ޤަޟިއްޔާގެ ދަށުން ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ ދިފާޢުގައި އެގްރިމެންޓްގެ 2 ވަނަ މާއްދާއާ ޙަވާލާދީ އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާއަށް ބަޔާންދީފައިވާ ފަރާތްތަކުން ނަގާފައިވާ ދެވަނަ ދިފާޢުގެ ދަށުން ހުށަހަޅާފައިވާ ބަޔާންކުރެވިދިޔަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާއާ ގުޅިގެން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޞާފު ޤާއިމްކުރުމަށްޓަކައި، ސިވިލް ކޯޓުގެ މި ބުނެވުނު ޤަޟިއްޔާއިންނާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާއިން ކޮންމެހެން ބަލަންޖެހޭ ފަދަ ގޮތެއްގައި ހުށަހެޅިފައިވާ ނުކުތާއެއްކަން އެނގެން އޮންނާތީ އެ ނުކުތާއާއި އަދި އެ ނުކުތާއާ ގުޅޭ އެންމެހައި ކަންކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މައްސަލަ ބެލުމުގެ އިޖުރާއާތުގެ ތެރެއިން އެ ނުކުތާ މައުޟޫޢީގޮތުން ބައްލަވައި އެ ނުކުތާއާމެދު ފައިޞަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮތުމުން ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގެ ދަށުން ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ މައްސަލައަކީ، އެ ދަޢުވާގެ ދިފާޢުގައި އާމިނަތު ރިފްޢަތުގެ ވާރިޘުންގެ ގޮތުގައި އެ ޤަޟިއްޔާއަށް ބަޔާންދީފައިވާ ފަރާތްތަކުން ބުނެވުނު، އެގްރިމެންޓްގެ 2 ވަނަ މާއްދާއާ ޙަވާލާދީ ނަގާފައިވާކަން އެނގެން އޮންނަ ބަޔާންކުރެވިދިޔަ ދިފާޢީ ނުކުތާއާއި އަދި އެ ނުކުތާއާގުޅޭ އެންމެހައި ކަންކަން، ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫޢީ ގޮތުން ބައްލަވައި، އެ ބެއްލެވުމުގެ މައްޗަށް ބިނާކޮށް ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރަންޖެހޭ ގޮތަށްއޮތް މައްސަލައެއްކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
ޙުކުމް
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ (ވ) ގެ ދަށުން ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަން އެނގެންއޮންނާތީ ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ މި ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށާއި
ސިވިލް ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާއަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅޭ މައްސަލައަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ފާހަގަކޮށް ބަޔާންކޮށްފައިވާ ކަންކަން ބަޔާންކުރެވިފައިވާ އުޞޫލުގެ މަތިން ބަލައިގެން ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަޢުވާގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވަންޖެހޭ ގޮތަށްއޮތް މައްސަލައެއްކަން އެނގެންއޮންނާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންކަން، ބަޔާންކުރެވިފައިވާ އުޞޫލުގެމަތިން، ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައިގެން، މަދަނީ ކޯޓުގެ ނަންބަރު 2386/CV-C/2011 ޤަޟިއްޔާގައި ޢަބްދުﷲ ލަޠީފް ކޮށްފައިވާ ދަޢުވާގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ނިންމުމަކުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/81 ޤަޟިއްޔާގެ މައްސަލަ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.