ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/03ސުޕްރީމް ކޯޓު · 26 އޭޕްރީލް 2016

—

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 އޭޕްރީލް 2016ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 032014/SC-A/

ދަޢުވާކުރާ ފަރާތް: ޢާއިޝަތު މޫސާ

ދަޢުވާލިބޭ ފަރާތް: 1. ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ

2. ޢަބްދުލްކަރީމް މޫސާ

މައްސަލައިގެ ބާވަތް: ހދ. ކުޅުދުއްފުށީ ސައިމާގޭގެ ރަޖިސްޓްރީގެ މައްސަލަ

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 07 އޮކްޓޫބަރ 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ޖެނުއަރީ 2014

ނިމުނު ތާރީޚް: 26 އެޕްރީލް 2016

މައްސަލަ ނިންމި ގަޑި: 11:44

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2011/HC-A/229

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 19 ސެޕްޓެމްބަރ 2011

ނިމުނު ތާރީޚް: 30 މެއި 2013

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/229 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި، ހދ. ކުޅުދުއްފުށި، ސައިމާގެ، ޢާއިޝަތު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ އާއި ހދ. ކުޅުދުއްފުށި، ސައިމާގެ، ޢަބްދުލްކަރީމް މޫސާއެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/229 ޤަޟިއްޔާއަކީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ހދ. ކުޅުދުއްފުށި، ސައިމާގެ ޢަބްދުލްކަރީމް މުސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/229 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތްތަކަކީ، ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ އާއި ހދ. ކުޅުދުއްފުށި، ސައިމާގެ، ޢާއިޝަތު މޫސާ އެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/229 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 17/B12C/2010 ޤަޟިއްޔާއަކީ، ހދ. ކުޅުދުއްފުށީ ސައިމާގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހދ. ކުޅުދުއްފުށި، ސައިމާގެ، ޢަބްދުލްކަރީމް މޫސާގެ ނަމުގައި ހަދައިދީފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، އެ ރަޖިސްޓްރީގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ދިވެހި ދައުލަތް (ކުޅުދުއްފުށީ އޮފީސް) ގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް، ހދ. ކުޅުދުއްފުށި، ސައިމާގެ، ޢާއިޝަތު މޫސާ ހުށަހެޅުމުން، އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއް ކަމާއި، އެ ޤަޟިއްޔާގައި ހދ. ކުޅުދުއްފުށި، ސައިމާގެ، ޢަބްދުލްކަރީމް މޫސާގެ ފަރާތުން ތަދައްޚުލްވެފައިވާކަމާއި، އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، ހދ. ކުޅުދުއްފުށީ ސައިމާގެ އެވެކިޔާ ބަންޑާރަ ގޯއްޗަށް 12 އޮގަސްޓް 1987 ގައި ހދ. ކުޅުދުއްފުށީ އޮފީހުން ހަދާދީފައިވާ ނަންބަރު 410 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަކީ، ޝަރްޢީ އަދި ޤާނޫނީ އެއްވެސް އަޞްލެއްގެ މައްޗަށް ބިނާވެގެން ކޮށްދީފައިވާ ރަޖިސްޓްރީއެއް ނޫންކަން، ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ދަޢުވާކުރާ ފަރާތުން ހުށަހެޅި ކިތާބީ ހެކިތަކުން ޝަރީޢަތަށް ސާބިތުވާތީ، ހދ. ކުޅުދުއްފުށި، ސައިމާގެ، ޢަބްދުލްކަރީމް މޫސާގެ ނަމުގައި، ހދ. ކުޅުދުއްފުށީ ސައިމާގެ އެވެކިޔާ ބަންޑާރަ ގޯއްޗަށް 12 އޯގަސްޓް 1987 ގައި ހދ. ކުޅުދުއްފުށީ އޮފީހުން ހަދާދީފައިވާ ނަންބަރު 410 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަކީ އޭގެ އަޞްލުން ބާޠިލް ރަޖިސްޓްރީއެއްކަމަށް ކަނޑައަޅައިކަން، އިޝާރާތްކުރެވުނު ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ބަޔާންވެދިޔަ ނަންބަރު 17/B12C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، ހދ. ކުޅުދުއްފުށި، ސައިމާގެ، ޢަބްދުލްކަރީމް މުސާގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2011/HC-A/229 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/229 ޤަޟިއްޔާ ބެލުމުގައި ބައިވެރވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، ހދ. ކުޅުދުއްފުށި، ސައިމާގެ، ޢަބްދުލްކަރީމް މޫސާގެ ނަމުގައި ހދ. ކުޅުދުއްފުށީ ސައިމާގެ އެވެކިޔާ ބަންޑާރަ ގޯއްޗަށް 12 އޯގަސްޓް 1987 ގައި ހދ. ކުޅުދުއްފުށީ އޮފީހުން ހަދާދީފައިވާ ނަންބަރު 410 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަކީ ޤާނޫނާ ޚިލާފަށް ހަދާދީފައިވާ ރަޖިސްޓްރީ އެއްކަމަށް ބުނެ، އެ ރަޖިސްޓްރީގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި ހދ. ކުޅުދުއްފުށި، ސައިމާގެ، ޢާއިޝަތު މޫސާގެ ފަރާތުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ އިސްވެ އިޝާރާތްކުރެވުނު މައްސަލައިގެ ވަޤާއިޢުތަކަށް ބަލާއިރު، ބުނެވިދިޔަ ހދ. ކުޅުދުއްފުށީ ސައިމާގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ ގެއަކީ އަޞްލުގައި މި މައްސަލާގައި ދަޢުވާކުރާ ޢާއިޝަތު މޫސާގެ ބައްޕަ މޫސާ އިބްރާހީމް (ދޮންބެ މޫސާ) އަށް، ޢާއިޝަތު މޫސާގެ ކާފަ (ބައްޕަގެ ބައްޕަ) ދޮންވާތީ އިބްރާހީމުގެ ތަރިކައިން ލިބިފައިވާ ގެއެއް ކަމާއި، އަދި އެ ތަނަކީ މޫސާ އިބްރާހީމް އޭނާގެ ޢާއިލާއާއެކު މަރުވަންދެން މުޅިއުމުރުގައި ދިރިއުޅުނު ތަންކަމާއި، މި މައްސަލާގައި ދަޢުވާކުރާ ޢާއިޝަތު މޫސާއާއި، ދަޢުވާލިބޭ ޢަބްދުލްކަރީމް މޫސާ އުޅެ ބޮޑުވީވެސް އެ ގޭގައި ކަމާއި، ސައިމާގެއަށް ކުރިން ކިޔާއުޅުނީ ދޮންބެމޫސާ ގޯތިކަމާއި، މޫސާ އިބްރާހީމުގެ ދަރިންގެ ގޮތުގައި މި މައްސަލާގައި ދަޢުވާކުރާ ހދ. ކުޅުދުއްފުށި، ސައިމާގެ ޢާއިޝަތު މޫސާއާއި، މި މައްސަލާގައި ދަޢުވާ ރައްދުވާ ހދ. ކުޅުދުއްފުށި، ސައިމާގެ ޢަބްދުލްކަރީމް މޫސާގެ އިތުރުން ހދ. ކުޅުދުއްފުށި، ބިންމަތީގޭ ހާރޫނު މޫސާއާއި، ހދ. ކުޅުދުއްފުށި، ދީދާރު އަޙުމަދު އިޤުބާލު މޫސާއާއި، ހދ. ކުޅުދުއްފުށި، ރުއްވަލުގެ ފާޠިމަތު މޫސާ ތިބިކަމާއި، ހދ. ކުޅުދުއްފުށީ ނައިބް އޮފީސް ދުވަސްވަރު، ހިޖްރައިން 1380 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 10 ވަނަ ދުވަހުގެރޭ ހުށަހެޅި ހިންގުނު މައްސަލައިންވެސް ޢާއިޝަތު މޫސާގެ ކާފަގެ ތަރިކައިން ޢާއިޝަތު މޫސާގެ ބައްޕަ މޫސާ އިބްރާހީމަށް ލިބިފައިވާ ގެއެއް ވާކަން އެނގޭކަމާއި، މިކަންކަން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ބުނެވިދިޔަ ނަންބަރު 17/B12C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންނާއި، އެ ޤަޟިއްޔާގައި ޢާއިޝަތު މޫސާގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި، ކިތާބީ ހެކިތަކުންނާއި، އެ ހެކިތަކުން އިސްތިޚްލާޞްކުރެވޭ ޤަރީނާތަކުން ސާފުކޮށް އެނގެން އޮންނައިރު، ހދ. ކުޅުދުއްފުށީ ސައިމާގެ، ކުރީގެ ނަމުންނަމަ ދޮންބެމުސާގެ ގެއަކީ، ޢާއިޝަތު މޫސާގެ ބައްޕަ ހދ. ކުޅުދުއްފުށީ މޫސާ އިބްރާހީމުގެ ތަރިކައިގެ ތެރޭގައި ހިމޭނޭ ގެއެއް ކަމާއި، އެއީ އެއްވެސް ޙާލެއްގައި 1987 ގައި އަލަށް ވުޖޫދަށް އައި ގެއެއް ނޫންކަމާއި، އަދި އެ ގެ ހުރި ބިމަކީވެސް ޢަބްދުލްކަރީމް މޫސާއަށް އަލަށް ދޫކުރެވުނު ހުސްކޮށް އޮތް ބިމެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން މީހަކަށް ގެއެއް ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެފަރާތަކީ އެ ގޭގެ މިލްކުވެރި ފަރާތްކަން ކަށަވަރުކުރަން ވާނެކަމާއި، އަދި އެ ގެ ހުރި ބިމަކީ ބަންޑާރަ ބިމެއްނަމަ އެ ބިމަކީ އެފަރާތަށް ދޫކުރެވިފައިވާ ބިމެއްތޯ ނުވަތަ އެ ފަރާތަށް ޝަރްޢީ އަދި ޤާނޫނީ ހަމަތަކުން ލިބިފައިވާ ބިމެއްތޯ ކަށަވަރު ކުރަންޖެހޭނެ ކަމާއި، މީހެއްގެ މިލްކުގައި ހިމެނޭ ގެއެއް އެހެންމީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވޭނީ އެ ގޭގެ މިލްކުވެރިކަން އެފަރާތަށް ޞައްޙަގޮތެއްގައި ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ބަދަލުވެގެންކަމާއި، ގެއެއްގެ މިލްކުވެރިކަން ބަދަލުވާ ގޮތްތަކުގެ ތެރޭގައި އެ ގޭގެ މިލްކުވެރި ފަރާތުން އެ ތަނެއް ވިއްކާލުމަށާއި، ހިބައިން ދިނުމަށާއި، ވަޞިއްޔަތުން ދިނުމަށްޓަކައި ކުރެވޭ ޢަޤުދުތައް ފަދަ މުޢާމަލާތްތައް ހިމެނޭކަމާއި، މިގޮތުން، އެ ގެ ގަތް ފަރާތަށް ނުވަތަ ހިބައިން ލިބުނު ފަރާތަށް ނުވަތަ ވަޞިއްޔަތް ޤަބޫލުކުރި ފަރާތަށް، ޢަމަލުކުރެވޭ ޝަރްޢީ އަދި ޤާނޫނީ އަޙްކާމްތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ގޭގެ މިލްކުވެރިކަން ބަދަލުވެގެންދާކަމާ، ހަމަ އެހެންމެ، ގެއެއްގެ މިލްކުވެރިއަކު މަރުވުމުން އެ ގޭގެ މިލްކުވެރިކަން އެ މީހާގެ ވާރިޘުންނަށް ކަނޑައެޅިގެންވާ ޝަރްޢީ އަދި ޤާނޫނީ އަޙްކާމްތަކާ އިޖްރާއާތުތަކާ އެއްގޮތްވާގޮތުގެ މަތިން ބަދަލުވެގެންދާކަން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ހދ. ކުޅުދުއްފުށީ ސައިމާގެއަކީ ބަޔާންވެދިޔަ ގޮތްތަކުގެ ތެރެއިން ގޮތަކުން ނުވަތަ އެނޫންވެސް ގޮތަކުން ހދ. ކުޅުދުއްފުށި، ސައިމާގެ، ޢަބްދުލްކަރީމް މޫސާއަށް އެ ގޭގެ މިލްކިއްޔަތު ބަދަލުވެފައިވާ ގެއެއްކަން މި މައްސަލާގައި ދަޢުވާ ރައްދުވާ ހދ. ކުޅުދުއްފުށި، ސައިމާގެ ޢަބްދުލްކަރީމް މޫސާއަށާއި، ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ޘާބިތުކޮށް ދެވިފައިނުވާ އިރު، ހދ. ކުޅުދުއްފުށީ ދޮންވާތީ އިބްރާހީމުގެ ދަރި މޫސާ އިބްރާހީމް (ދޮންބެ މޫސާ) ގެ ތަރިކައިގެ ތެރޭގައި ހިމެނޭ ގެއެއްކަން، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ބަޔާންވެދިޔަ ނަންބަރު 17/B12C/2010 ޤަޟިއްޔާގައި ހުށަހެޅުނު ހެކިތަކުންނާއި ދަލީލުތަކުން ޘާބިތުވާ ހދ. ކުޅުދުއްފުށީ ސައިމާގެ އާއި އެ ގެ ހުރި ބިން، މޫސާ އިބްރާހީމުގެ ވާރިޘުންގެ ތެރެއިން ހަމައެކަނި ޢަބްދުލްކަރީމް މޫސާގެ ނަމުގައި 12 އޯގަސްޓް 1987 ގައި ހދ. ކުޅުދުއްފުށީ އޮފީހުން ރަޖިސްޓްރީ ކޮށްދީފައިވަނީ ޤަވާޢިދުން ކަމަށާއި، އަދި ބުނެވިދިޔަ ރަޖިސްޓްރީ ޢަބްދުލްކަރީމް މޫސާގެ ނަމުގައި ހަދާދީފައިވަނީ އޭނާ ގޯއްޗަކަށް އެދިފައިވާތީ ކަމަށާއި، އޭނާއަކީ ގޯތި ލިބުމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވާތީކަމަށް ބުނެ ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/229 ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކަކީ ޞައްހަ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ވާހަކަތަކެއް ނޫންކަމާ، އަދި އެއީ އެއްވެސް ޙާލެއްގައި ޢަބްދުލްކަރީމް މޫސާއަށް ޝަރްޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ގޮތެއްގައި މިލްކުވެފައިނުވާ ގެއެއް އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ދަލީލުކޮށްދޭ ޙުއްޖަތެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، މީސްމީހުންގެ މިލްކިއްޔާތުގައިވާ މުދަލަކީ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ތަކެތިކަމާއި، އެއްވެސް މީހެއްގެ މިލްކެއް ޤާނޫނުގައިވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލެއް ދީފައި ޢާންމު މަންފާއަކަށްޓަކައި މެނުވީ ނިގުޅައިގަތުން މަނާކުރާ ދުސްތޫރީ މަބްދައަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ޒަމާނުއްސުރެ އިސްތިޤްރާރުވެފައިވާ މަބްދައެއްކަމާއި، މި މަބްދައާ ގުޅޭ ދުސްތޫރީ އަޙްކާމްތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، އެ މާއްދާގެ އެ އަކުރުގައި "މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ." މިފަދައިން ބަޔާންވެގެންވާކަން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ހދ. ކުޅުދުއްފުށީ މޫސާ އިބްރާހީމް (ދޮންބެ މޫސާ) ގެ ތަރިކައިގެ ތެރޭގައި ހިމެނޭ ހދ. ކުޅުދުއްފުށީ ސައިމާގެ އާއި އެ ގޭ ހުރި ބިން ބުނެވިދިޔަ އުޞޫލުގެ ދަށުން ޢާންމު މަންފާއަކަށްޓަކައި ދައުލަތަށް އެއްވެސް އިރެއްގައި ނަގާފައިވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިއުންތަކުންނާއި، މައްސަލާގައި ހިމެނޭ ޚަޞްމުން ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތުމުން، ބުނެވިދިޔަ ހދ. ކުޅުދުއްފުށީ މޫސާ އިބްރާހީމް (ދޮންބެ މޫސާ) ގެ ތަރިކައިގެ ތެރޭގައި ހިމެނޭ ގެއެއްކަމަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ބަޔާންވެދިޔަ ނަންބަރު 17/B12C/2010 ޤަޟިއްޔާގެ ޝަރީޢަތަށް ޘާބިތުވެފައިވާ، ހދ. ކުޅުދުއްފުށީ ސައިމާގޭގެ މިލްކުވެރިކަން މޫސާ އިބްރާހީމުގެ ވާރިޘުންނަށް ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ބަދަލުވަންދެން، އެ ގެ މޫސާ އިބްރާހީމް (ދޮންބެ މޫސާ) ގެ ތަރިކައިގެ ގޮތުގައި ދެމިއޮންނާނެކަން އިސްތިޤްރާރުވެފައިވާ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ، ހދ. ކުޅުދުއްފުށީ މޫސާ އިބްރާހީމް (ދޮންބެ މޫސާ) މަރުވުމުން އޭނަގެ ތަރިކައިގެ މައްސަލަ ޝަރީޢަތަށް ހުށަހެޅިގެން ބެލިފައި ނެތުމަކީ އޭގެޒާތުގައި ހދ. ކުޅުދުއްފުށީ ސައިމާގެއަކީ އޭނާގެ ތަރިކައިގެ ތެރޭގައި ހިމެނޭ ގެއެއްކަން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާގެ ޝަރީޢަތަށް ޘާބިތުވެފައި އޮންނަ އޮތުން ނަފީކުރެވޭވަރުގެ ޙުއްޖަތެއް ނޫންކަމާ، އަދި ބުނެވިދިޔަ ގޭގެ ރަޖިސްޓްރީ ހދ. ކުޅުދުއްފުށީ އޮފީހުން ޢަބްދުލްކަރީމް މޫސާގެ ނަމުގައި 12 އޯގަސްޓް 1987 ގައި ހަދައިދިން ދުވަހުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް އައިއިރު އެ ގޭގެ ރަޖިސްޓްރީގެ ޞައްޙަކަމާމެދު ނުވަތަ މިލްކުވެރިކަމާމެދު އެއްވެސް ފަރާތަކުން ޝަރްޢީ ކޯޓެއްގައި އަދި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއެއްގައި ވިއަސް، މައްސަލަ ހުށަހަޅައި ޝަކުވާ ކޮށްފައިވާކަން އެނގެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2011/HC-A/229 ޤަޟިއްޔާގައި ފާހަގަކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ބުނެވިދިޔަ ރަޖިސްޓްރީއާ ގުޅިގެން އެއްވެސް ފަރާތަކުން ބަޔާންވެދިޔަ ފަދަ ޝަކުވާއެއް ކޮށްފައި ނެތުމަކީ އެ ރަޖިސްޓްރީއަކީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަދާދީފައިވާ ޞައްޙަ ރަޖިސްޓްރީއެއްކަމުގައި ބަލަންޖެހޭ ޞައްޙަ ސަބަބެއް ނޫންކަމާ، އަދި އެއީ ބުނެވިދިޔަ ހދ. ކުޅުދުއްފުށީ ސައިމާގޭ މިލްކުވެރިކަމާ މެދު ޚުޞޫމަތެއް އޮތްފަރާތަކަށް ކަމާބެހޭ ޝަރްޢީ ކޯޓަކަށް މައްސަލަ ހުށަހެޅުމަށް އޮތް ހުރަހެއްވެސް ނޫންކަމާ، އެހެނީ މިލްކުވެރިކަމުގެ ޙައްޤަކީ އެ ޙައްޤެއްގެ ވެރިފަރާތުން އެ ޙައްޤު ބޭނުން ނުކޮށް ޒަމާންތަކެއް ފާއިތުވުމުގެ ސަބަބުން ގެއްލިގެންދާ ނުވަތަ "ތަޤާދުމް" (prescription) ވާ ޙައްޤެއް ނޫންކަން އިސްލާމީ ފިޤުހާއި ޤާނޫނީ ފިޤުހުގައި އިސްތިޤްރާރުވެފައިވާ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަ ކަމަކީ، މީހުން ދިރިއުޅެމުންދާ ގޯއްޗެއް މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން އެ ގޯތީގައިވާ ގެއާއި މުދަލުގެ މިލްކުވެރި ފަރާތެއްވޭތޯ ބެލުމާއި އެ ގޭގެ މިލްކުވެރިކަން ޘާބިތުކުރުމަކީ ގޯތި ރަޖިސްޓްރީ ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަމެއްކަން އެނގެން އޮންނައިރު، ހދ. ކުޅުދުއްފުށީ ސައިމާގޭ ގޯއްޗަކީ އެ ރަށު މޫސާ އިބްރާހީމް (ދޮންބެ މޫސާ) އެ ތަނެއްގައި ދިރިއުޅުން ބިނާކޮށް ޢާއިލާއާއެކު މުޅި ޢުމުރު ހޭދަކޮށްފައިވާ ތަންކަން އެއްވެސް އޮޅުމެއްނެތް މިންވަރަށް އެނގެން އޮތްވައި، އަދި އޭނާގެ ދަރިންގެ ތެރޭގައި ޢަބްދުލްކަރީމް މޫސާ ފިޔަވައި އެހެން ދަރިންވެސް ތިއްބައި، ބުނެވިދިޔަ ސައިމާގެއަކީ މޫސާ އިބްރާހީމް (ދޮންބެ މޫސާ) ގެ ތަރިކައިގެ ތެރޭގައި ހިމެނޭ ގެއެއްކަން ނުވަތަ ނޫންކަން ބެލުމަކާނުލައި، އަދި ޢަބްދުލްކަރީމް މޫސާ ފިޔަވައި އެ ތަނުގެ މިލްކުވެރިކަމާ މެދު މޫސާ އިބްރާހީމުގެ އެހެން ދަރިއެއްގެ ޚުޞޫމަތެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމަކާ ނުލައި، ހދ. ކުޅުދުއްފުށީ އޮފީހުން ޢަބްދުލްކަރީމް މޫސާއަށް 1987 ގައި ސައިމާގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދީފައި އޮންނާތީ އެ ކަމުގެ ޝަކުވާ ޢާއިޝަތު މޫސާގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ތަކުރާކޮށް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ތިލަދުންމަތީ ދެކުނުބުރީ އަތޮޅު އޮފީހުން، ސައިމާގޭގެ މިލްކުވެރިކަން ޝަރީޢަތަށް ހުށަހަޅައިގެން ޘާބިތުކުރުމަށް ޢަބްދުލްކަރީމް މޫސާއަށް އަންގާފައިވާކަމާއި، އަދި ނޯދަން ރީޖަނަލް އޮފީހުން ޢާއިޝަތު މޫސާގެ ބައްޕަގެ ތަރިކައިގެ މައްސަލަ ޝަރީޢަތް މެދުވެރިކޮށް ނިންމާފައި ނުވާތީ އެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުން ރަނގަޅުކަމަށް ޢާއިޝަތު މޫސާއަށް އަންގާފައިވާކަން ޢާއިޝަތު މޫސާގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، ހދ. ކުޅުދުއްފުށީ އޮފީހުން ޢަބްދުލްކަރީމް މޫސާއަށް ސައިމާގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އެ ގޭގެ މިލްކުވެރިކަން ޘާބިތުކުރުމަކާ ނުލައި ހަދައިދީފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމެވެ.

(އ) އަށްވަނަ ކަމަކީ، ބުނެވިދިޔަ ހދ. ކުޅުދުއްފުށީ ސައިމާގޭ ގޯތި އެއްވެސް އިރެއްގައ ހދ. ކުޅުދުއްފުށީ މޫސާ އިބްރާހީމުގެ ނަމުގައި ރަޖިސްޓްރީކޮށްދީފައި ނުވާކަމަށާއި، އެ ގޯތި އެންމެ ފުރަތަމަވެސް ރަޖިސްޓްރީކޮށް ދީފައިވަނީ ޢަބްދުލް ކަރީމް މޫސާގެ ނަމުގައި ކަމަށާއި، އެ ގޯތި ޢަބްދުލްކަރީމް މޫސާގެ ނަމުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އެނޫން އެހެންމީހަކަށް އެ ގޯތި ރަޖިސްޓްރީ ކުރެވިފައިވާކަން އެނގޭނެ ރަޖިސްޓްރީއެއް ފެންނަން ނެތްކަމަށާއި، ސައިމާގެ ގޯއްޗަކީ ޢަބްދުލްކަރީމް މޫސާގެ ގޯއްޗެއްކަން މިހާރުގެ ރަޖިސްޓްރީއިން ފެންނަން އޮތް އޮތުން ނަފީކުރާވަރުގެ އެފަދަ ލިޔުމެއް ނެތްކަމަށާއި، ސައިމާގެއަކީ މޫސާ އިބްރާހީމުގެ ގެއެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ނެތްކަމަށާއި، ޝަރީޢަތުން ނުވަތަ ޤާނޫނަކުން ލިޔުމެއް އޮތުން ލާޒިމްކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ ހަމަ އެ ލިޔުމެއްކަމަށް ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2011/HC-A/229 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު، އަންނަނިވި ކަންތައް ފާހަގަކުރެވިފައި ވާކަމެވެ.

1- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި "ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުމެއް ނެތުނީ ޤަބޫލުކުރެވޭ ފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތުވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ޤަބޫލުކުރެވޭނެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންވެގެން އޮންނައިރު، މި މާއްދާގައި ބަޔާންވެގެން އެވަނީ ކަމެއް ނުވަތަ މުޢާމަލާތެއް ޘާބިތުކުރުމަށްޓަކައި ޤާނޫނަކުން ކިތާބީ މުސްތަނަދެއް ނުވަތަ ކިތާބީ ދަލީލެއް (documentary evidence) އޮތުން ލާޒިމްކުރާ ޙާލަތުގެ ވާހަކަ ކަމާއި، ކިތާބީ ހެކިއޮތުން ލާޒިމްކުރާ ޙާލަތުގައިވެސް އެފަދަ ހެއްކެއް ހުށަހެޅުމަށް މަޤްބޫލު ޢުޒުރެއް އޮވެއްޖެނަމަ އެނޫން ތަފާތު ވަސީލަތްތަކުން ޝަރީޢަތުގައި ޘާބިތުކުރަންޖެހޭ ވަޤާއިޢުތައް ޘާބިތުކުރުމަށް ހުރަސް ނާޅާކަން އެ މާއްދާއިން ސާފުކޮށް އެނގެން އޮވެއެވެ.

2- މި މައްސަލައިގެ އަޞްލަކީ ހދ. ކުޅުދުއްފުށީ ސައިމާގޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހދ. ކުޅުދުއްފުށި، ސައިމާގެ، ޢަބްދުލްކަރީމް މޫސާގެ ނަމުގައި ހދ. ކުޅުދުއްފުށީ އޮފީހުން ހަދައިދީފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، އެ ރަޖިސްޓްރީގެ ޞައްޙަކަމާމެދު ހދ. ކުޅުދުއްފުށި، ސައިމާގެ ޢާއިޝަތު މޫސާގެ ފަރާތުން ޠަޢުނުކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، މަބްދައުލް މަޝްރޫޢިއްޔާ (principle of legality) ގެ އަސާސްގެމަތިން ސަރުކާރުގެ އެންމެހައި އިދާރާތަކާއި މުއައްސަސާތަކުގެ ޢަމަލުތަކާއި ތަޞައްރުފާތުތަކާއި އިދާރީ އެންމެހައި ޤަރާރުތަކާއި އަމުރުތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުވެގެން ނުވާނެކަމާއި، މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގައި "އައް ރަޤާބާ އަލް ޤަޟާއިއްޔާ" (الرقابة القضائية) ނުވަތަ "ޖުޑިޝަލް ރިވިއު" (Judicial Review) އަކީ އެކަން ޢަމަލީގޮތުން ގެރެންޓީ ކޮށްދޭ އެންމެ ހަރުދަނާ އެއް ވަސީލަތްކަން އެނގޭކަމާ؛ މިގޮތުން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ ޢަމަލުތަކާއި ތަޞައްރުފާތުތަކާ ގުޅިގެން އުފެދޭ ޚުޞޫމަތްތެރި ދަޢުވާތައް ބަލައި، އެ ޢަމަލުތަކާއި ތަޞައްރުފާތުތަކަކީ ޤާނޫނީގޮތުން ޞައްޙަ ކަންތައްތަކެއް ކަމުގައި ނުވާނަމަ އެއީ ބާޠިލުކަންތައްތަކެއް ކަމަށް ކަނޑައެޅުމުގެ ބާރު ކަމާބެހޭ ކޯޓަށް ލިބިގެންވާކަމީ އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލެއް ކަމުގައިވާއިރު، އިސްވެ އިޝާރާތްކުރެވުނު ހދ. ކުޅުދުއްފުށީ ސައިމާގޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ޢަބްދުލްކަރީމް މޫސާގެ ނަމުގައި ހދ. ކުޅުދުއްފުށީ އޮފީހުން ހަދައިދީފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެ ރަޖިސްޓްރީގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ޢާއިޝާތު މޫސާގެ ފަރާތުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ މައްސަލައިގެ ވަޤާއިޢުތަކާއި އެ މައްސަލައިގެ ދަޢުވާ ޘާބިތުކުރުމަށް ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ހުށަހެޅި ހެކިތަކާއި ދަލީލުތައް ތަޤްޔީމުކޮށް ވަޒަންކުރުމަށްފަހު އެ ކޯޓަށް އިޤްތިނާޢު (convince) ވެވިފައިވަނީ އިސްވެ އިޝާރާތްކުރެވުނު ހދ. ކުޅުދުއްފުށީ ސައިމާގޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަކީ ޝަރްޢީ އަދި ޤާނޫނީ އެއްވެސް އަޞްލެއްގެ މައްޗަށް ބިނާވެގެން ކޮށްދީފައިވާ ރަޖިސްޓްރީއެއް ނޫންކަމާ، އެހެންކަމުން ބުނެވިދިޔަ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމަށް ކަނޑައަޅައި އެ ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.

3- ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ބުނެވިދިޔަ ނަންބަރު 17/B12C/2010 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ އެންމެ މުޙިއްމު އަސާސަކީ ހދ. ކުޅުދުއްފުށީ ސައިމާގެއަކީ ދޮންވާތީ އިބްރާހީމްގެ ފަރާތުން ޢާއިޝަތު މޫސާގެ ބައްޕަ މޫސާ އިބްރާހީމް (ދޮންބެ މޫސާ) އަށް ލިބިފައިވާ ގެއެއް ކަމާއި، އަދި އެއީ ދޮންބެ މޫސާ މަރުވަންދެން ޢާއިލާއާއެކު ދިރިއުޅެމުން ދިޔަ ތަންކަން ޢާއިޝަތު މޫސާގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުންނާއި، އެ ހެކިތަކުން އިސްތިޚްލާޞްކުރެވޭ ޤަރީނާތަކުން ރަނގަޅަށް އެނގެން އޮންނައިރު، މޫސާ އިބްރާހީމް (ދޮންބެ މޫސާ) ގެ ދަރިންގެ ތެރޭގައި ޢަބްދުލްކަރީމް މޫސާގެ އިތުރުން އެހެން ދަރިންވެސް ތިއްބައި، މޫސާ އިބްރާހީމް (ދޮންބެ މޫސާ) ގެ ތަރިކައިގައި ހިމެނޭ ސައިމާގޭގެ މިލްކުވެރިކަން ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މަތިން ޢަބްދުލްކަރީމް މޫސާއަށް ބަދަލުވުމަކާ ނުލައި، ސައިމާގޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަމައެކަނި ޢަބްދުލްކަރީމް މޫސާއަށް ހދ. ކުޅުދުއްފުށީ އޮފީހުން 1987 ގައި ހަދައިދީފައި އޮންނަ އޮތުންކަން، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ބުނެވިދިޔަ ނަންބަރު 17/B12C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އެ ޤަޟިއްޔާ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޢަބްދުލްކަރީމް މޫސާގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކަށާއި، ޢަބްދުލްކަރީމް މޫސާގެ ފަރާތުންނާއި، ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 2011/HC-A/229 ޤަޟިއްޔާއިން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާގެ ޙުކުމަކީ ޝަރްޢީ އަދި ޤާނުނީ އުޞޫލުތަކާ ޚިލާފު ޙުކުމެއް ކަމަށާއި، އެ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވާ، އިސްވެ އިޝާރާތްކުރެވުނު މައިގަނޑު އަސާސްތަކަށް ބަލާއިރު، ހދ. ކުޅުދުއްފުށީ ސައިމާގެއަކީ ޢަބްދުލްކަރީމް މޫސާގެ ގެއެއްކަން، އޭނާގެ ނަމުގައި 1987 ގައި ހަދާދީފައިވާ ބަޔާންވެދިޔަ ސައިމާގޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއިން ފެންނަން އޮތް އޮތުން ނަފީކުރާވަރުގެ އެފަދަ ލިޔުމެއް ނެތްކަމަށާއި، ސައިމާގެއަކީ މޫސާ އިބްރާހީމުގެ ގެއެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ނެތްކަމަށާއި، ޝަރީޢަތުން ނުވަތަ ޤާނޫނަކުން ލިޔުމެއް އޮތުން ލާޒިމްކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ ހަމަ އެ ލިޔުމެއްކަމަށް ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 2011/HC-A/229 ޤަޟިއްޔާގައި ފާހަގަކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގައި ތަޠްބީޤުކޮށްފައިވާ އުޞޫލަކީ ޙަޤީޤަތުގައި، މަދަނީ ޚުޞޫމަތްތަކުގައި މުޢާމަލާތްތައް ޘާބިތުކުރުމަށްޓަކައި އެކުލަވާލެވޭ ޚާއްޞަ ކިތާބީ މުސްތަނަދަކުން ނުވަތަ ޤާނޫނަކުން މުޢާމަލާތެއް ޘާބިތުކުރުމަށްޓަކައި ކިތާބީ މުސްތަނަދެއް އޮތުން ލާޒިމުކުރާ ޙާލަތުގައި، އެފަދަ ކިތާބީ ދަލީލަކުން ޘާބިތުވާން އޮންނަ ކަމަކާއި ޚިލާފަށް، ޢާންމު އުޞޫލެއްގެ ގޮތުގައި، ކަމެއް ޡާބިތުކުރެވޭނީ ހަމަ އެފަދަ ކިތާބީ ދަލީލަކުން ކަމުގައި އޮންނަ އުޞޫލުކަމާއި، މި އުޞޫލަކީ އިސްތިޘްނާއެއް ނެތި އޮންނަ މުޠުލަޤު އުޞޫލެއްވެސް ނޫންކަން ޙަވާލާދެވުނު ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއިން އެނގެން އޮންނައިރު، ބުނެވިދިޔަ ޘާބިތުކުރުމުގެ އުޞޫލަކީ މި މައްސަލާގައި ޝަރްޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ތަޠްބީޤުކުރެވިދާނެ އުޞޫލެއް ނޫންކަމާ، އެހެނީ އިސްވެ އިޝާރާތްކުރެވުނު ސައިމާގޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަކީ މި މައްސަލާގައި މުޢާމަލާތެއް ޘާބިތުކުރުމަށް ހުށަހެޅުނު ކިތާބީ ދަލީލެއް ނޫންކަމާއި، ނަމަވެސް އެ ރަޖިސްޓްރީއަކީ އޭގެ ޒާތުގައި ޤާނޫނާއި ޚިލާފަށް ހަދާދީފައިވާ ރަޖިސްޓްރީއެއްކަމަށް ބުނެ، އެ ރަޖިސްޓްރީގެ ޞައްޙަކަމާމެދު ޢާއިޝަތު މޫސާގެ ފަރާތުން ތަޢުނުކޮށްފައިވާ ރަޖިސްޓްރީއެއް ކަމާއި، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ބުނެވިދިޔަ ނަންބަރު 17/B12C/2010 ޤަޟިއްޔާގައި ޢާއިޝަތު މޫސާގެ ފަރާތުން އެކަން ޘާބިތުކޮށްފައިވާއިރު، މި މައްސަލާގައި ދަޢުވާ ރައްދުވާ ޢަބްދުލްކަރީމް މޫސާއާއި، ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ބުނެވިދިޔަ ރަޖިސްޓްރީ ހަދާދީފައިވަނީ ޤާނޫނާއި އެއްގޮތައްކަން ޘާބިތުކުރުމަށް ދިފާޢީ ހެކި ހުށަހަޅަން ޖެހޭކަމާ، މިގޮތުން ބުނެވިދިޔަ ސައިމާގެއަކީ އެ ގޭގެ ރަޖިސްޓްރީ ހަދައިދިންއިރު ޢަބްދުލްކަރީމް މޫސާގެ މިލްކެއްކަން ނުވަތަ އެއީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އޭނާއަށް މިލްކުވެރިކަން ބަދަލުވެފައިވާ ތަނެއްކަން އެ ފަރާތުން ޘާބިތުކޮށްދޭން ޖެހޭނެކަމާ، އެއީ ބުނެވިދިޔަ ރަޖިސްޓްރީ ހަދައިދިނުމުގެ ކުރިންވެސް ޘާބިތުވެފައި އޮންނަންޖެހޭ ވާޤިޢާއެއްކަމާއި، ނަމަވެސް އެކަން ޘާބިތުކުރުމަށް އެއްވެސް މުސްތަޤިއްލު ހެއްކެއް ނުވަތަ ދަލީލެއްވިއަސް ހުށަހެޅުމަކާ ނުލައި، އެކަން ޘާބިތުކުރުމަށް އޮތްހައިވެސް ހެއްކަކީ ނުވަތަ ދަލީލަކީ މި މައްސަލާގައި އޭގެ ޞައްޙަކަމާމެދު ޠަޢުނުކުރެވިފައިވާ ހދ. ކުޅުދުއްފުށީ ސައިމާގޭ ރަޖިސްޓްރީކަމަށް ބެލުމަކީ ނުވަތަ އިފްތިރާޟް ކުރުމަކީ ޤާނޫނީގޮތުން ޞައްޙަ އަސާސެއްގެ މައްޗަށް ބިނާވެގެންވާ ކަމެއް ނޫންކަން އެނގެން އޮވެއެވެ.

4- ހދ. ކުޅުދުއްފުށީ ސައިމާގެ، ޢަބްދުލްކަރީމް މޫސާގެ ނަމުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އެހެން އެއްވެސް މީހެއްގެ ނަމުގައި އެތަން ރަޖިސްޓްރީ ކޮށްދީފައިނުވާކަމަށް މި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތުން ބުނާ ބުނުމުގެ މައްޗަށް ބަލާއިރު، ބުނެވިދިޔަ ގޭގެ ރަޖިސްޓްރީ ޢަބްދުލްކަރީމް މޫސާގެ ނަމުގައި 1987 ގައި ހަދައިދީފައި އޮންނަ އޮތުމަކީ އޭގެޒާތުގައި އެ ރަޖިސްޓްރީ ޞައްޙަކަމަށް ބަލަންޖެހޭ ސަބަބެއް ނޫންކަމާ، އެހެނީ އެ ގެއަކީ ޢަބްދުލްކަރީމް މޫސާއަށް ޞައްޙަގޮތެއްގައި މިލްކުވެރިކަން ބަދަލުވެފައިވާ ތަނެއްކަން މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުން އެނގެން ނެތްކަމާ، އަދި އެއީ، ބުނެވިދިޔަ ސައިމާގެއަކީ ހދ. ކުޅުދުއްފުށީ މޫސާ އިބްރާހީމް (ދޮންބެ މޫސާ) ގެ ތަރިކައިގެ ތެރޭގައި ހިމެނޭ ގެއެއްކަން ނަފީކުރާފަދަ ދަލީލެއްވެސް ނޫންކަމާއި، ސައިމާގޭ ޢިމާރާތާއި ގޯތި އެއްވެސް އިރެއްގައި ހދ. ކުޅުދުއްފުށީ މޫސާ އިބްރާހީމުގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިނުވާ ކަމަށް މި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތުން ބުނާ ބުނުމުގެ މައްޗަށް ބަލާއިރު، ސައިމާގެ ގޯތި މޫސާ އިބްރާހީމް (ދޮންބެ މޫސާ) އަށް ލިބި އެ ގޯތީގައި އޭނާ އުޅުނު ދުވަސްވަރަކީ ގޯތިތަކަށް ނަންދީގެން ގޯތިތައް ރަޖިސްޓްރީކުރާ އުޞޫލުން ރަޖިސްޓްރީކޮށް އޭގެ ލިޔެކިއުންތައް ބެލެހެއްޓި ތަންޒީމުކުރެވިފައިވާ ދުވަސްވަރެއް ނޫންކަމާއި، ގޯތިތައް ރަޖިސްޓްރީކުރާ ނިޒާމެއްގެ ދަށުން ރަޖިސްޓްރީކުރަން ފުރަތަމަ ފެށިފައިވަނީ މިހާރު އުވާލެވިފައިވާ ޤާނޫނު ނަންބަރު 52/78 (މާލޭގެ ގޯތި ގޯއްޗާއި، ބިންބިމާއި، ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ކަމާއި، އޭގެ ފަހުން ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުގެ ދަށުން މުޅި ރާއްޖޭގައި ބަންޑާރަ ގޯއްޗާއި ޢިމާރާތްތައް ރަޖިސްޓްރީކުރުން ތަންޒީމުކުރެވިފައިވާ ކަމާއި، މި ޒަމާނުގައި ޤާއިމުވެފައިވާ ފަދަ ގޯތި ރަޖިސްޓްރީކޮށް ބެލެހެއްޓުމުގެ ފުރިހަމަ ނިޒާމެއް ކުރީ ޒަމާނުގައި ޤާއިމުވެފައި ނެތަސް، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ގޭގެ މިލްކުވެރިކަމާ މެދު އުފެދޭ ޚުޞޫމަތްތަކުގައި އިސްލާމީ ޝަރީޢަތުގެ ޤަވާޢިދުތަކާއި އުޞޫލުތައް ތަޠްބީޤުކުރަމުން ގޮސްފައިވާކަމާއި، ކުރީ ޒަމާނުގައިވެސް މީސްމީހުންނަށް ދޫކުރެވިފައިވާ ގޯތި އެނގޭނޭ ފަދަ ގޮތަކަށް ނޯޓުކުރެވޭ އިދާރީ ނިޒާމްތަކެއް ޤާއިމުވެފައިވާކަން މި މައްސަލާގައި ޢާއިޝަތު މޫސާގެ ފަރާތުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ދައްކާފައިވާ ވާހަކައިން އެނގޭކަމާ، މިގޮތުން ހދ. ކުޅުދުއްފުށީގައި މީސްމީހުންގެ ގޯތިތަކުގެ ނަން ނޯޓުކޮށްގެން ގެންގުޅުނު ކާޑުފޮތުގައި ސައިމާގޭ ގޯތި ހިމެނިފައި ވަނީ ދޮންބެ މޫސާގެ ގޯތީގެ ނަމުގައި ކަމާއި، އެއީ މި މައްސަލާގައި ދަޢުވާކުރާ ޢާއިޝަތު މޫސާގެ ބައްޕަ މީހުންގެ ތެރޭގައި ޢާއްމު ވެފައިވާ ނަންކަމާއި، ބުނެވިދިޔަ ކާޑުފޮތްތަކަކީ އޭރުވެސް ރަށު އޮފީހުގައި ގެންގުޅުނު ފޮތް ތަކަކަށްވެފައި ރަށު އޮފީހުގައި އެ ފޮތްތަކާއި އެ ފޮތްތަކުގެ ރެކޯޑް ބެލެހެއްޓިފައި ނެތުމަކީ އަދި އެފަދަ ކިތާބީހެކި ހުށަހެޅުމުގެ ޤާބިލުކަން ދަޢުވާކުރާ ފަރާތަށް ލިބިފައި ނެތުމަކީ އެއްވެސް ޙާލެއްގައި ސައިމާގޭ ގޯތީގައި ހުރި ގެއަކީ ޢާއިޝަތު މޫސާގެ ބައްޕަގެ ގެއެއް ނޫންކަން ދަލީލުކޮށްދޭ ސަބަބެއް ނޫންކަމާ، އެހެނީ ސައިމާގޭ ގޯތީގައިވާ ގެއަކީ ޢަބްދުލްކަރީމް މޫސާގެ މިލްކުގައިވާ ގެއެއް ނޫންކަން ޘާބިތުކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި ދަލީލުތަކުން، އެ ގެއަކީ ހދ. ކުޅުދުއްފުށީ މޫސާ އިބްރާހީމް (ދޮންބެ މޫސާ) ގެ ތަރިކައިގެ ތެރޭގައި ހިމެނޭ ގެއެއްކަން، ބުނެވިދިޔަ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ސައިމާގޭ ގޯތީގައިވާ ގެ އާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބޭ ބައެއްގެ މެދުގައި ޢަމަލުކުރެވޭ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މަތިން، އެ ގޯތި ބައިކޮށް ދިނުމަކާ ނުލައި، ހަމަ އެކަނި ޢަބްދުލްކަރީމް މޫސާއަށް ސައިމާގޭ ޢިމާރާތާއި ގޯތި ރަޖިސްޓްރީ ކޮށްދީފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮވެއެވެ.

(ވ) ނުވަވަނަ ކަމަކީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްވެދިޔަ ނަންބަރު 17/B12C/2010 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2011/HC-A/229 ޤަޟިއްޔާ އިން ބާޠިލުކޮށް، ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވާ ސަބަބުތަކަކީ ޞައްޙަ ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ސަބަބުތަކެއް ނޫންކަން، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންވެގެންވާ އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 2011/HC-A/229 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ބަލާނެ އަސާސެއް ނެތްކަމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/229 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، އެ ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައެޅުމާއެކު، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި، އެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ