ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/16ސުޕްރީމް ކޯޓު · 19 ސެޕްޓެމްބަރު 2019

—

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 19 ސެޕްޓެމްބަރު 2019ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/16

ދަޢުވާކުރާ ފަރާތް: ޙަސަން ޢަލީ މަނިކު

ދަޢުވާ ލިބޭ ފަރާތް: ޙާމިދު އިސްމާޢީލް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 05 ފެބުރުވަރީ 2014

ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ފެބުރުވަރީ 2014

ނިމުނު ތާރީޚް: 19 ސެޕްޓެންބަރު 2019

މައްސަލަ ނިންމި ގަޑި: 14:03

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2012/HC-A/328

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 27 ނޮވެންބަރު 2012

ނިމުނު ތާރީޚް: 18 ސެޕްޓެންބަރު 2013

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރީޢަތާ އަދި ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި، ހ. ކާމިނީޕޫލް، މާލެ، ޙަސަން ޢަލީ މަނިކު ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ހ. ހިރިފުށި، މާލެ، ޙާމިދު އިސްމާޢީލް އަށެވެ.

އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު (1617/MC/2010) 765/Cv-C/2010 ޤަޟިއްޔާ، ނިމިފައިވާ ގޮތް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ހ. ކާމިނީޕޫލް، މާލެ، ޙަސަން ޢަލީ މަނިކުގެ ފަރާތުން ހ. ހިރިފުށި، މާލެ، ޙާމިދު އިސްމާޢީލްގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަކުރެވުނު ނުކުތާތައް:

01- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު (1617/MC/2010) 765/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ހ. ހިރިފުށި، މާލެ،ޙާމިދު އިސްމާޢީލްގެ ފަރާތުން ހ. ކާމިނީޕޫލް، މާލެ، ޙަސަން ޢަލީ މަނިކުގެ މައްޗަށް ދަޢުވާކުރުމުން، ސިވިލް ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއް ކަމާއި، އެ ޤަޟިއްޔާގައި ހ. ހިރިފުށި، މާލެ، ޙާމިދު އިސްމާޢީލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ހ. ހިރިފުށި، މާލެ، ޙާމިދު އިސްމާޢީލްގެ ފަރާތުން ހ. ކާމިނީޕޫލް، މާލެ، ޙަސަން ޢަލީ މަނިކު އަށް އަނބުރާ ދައްކާގޮތަށް ދީފައިވާ US$849,100.00 (އަށް ލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ ޔޫ.އެސް ޑޮލަރު) ހޯދުމަށް އެދި ހ. ހިރިފުށި، މާލެ، ޙާމިދު އިސްމާޢީލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއެއްކަމާއި، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ ނިންމާފައިވަނީ،

ދަޢުވާއަކީ ޙަޤީޤަތާ ޚިލާފު، ދޮގު ދަޢުވާއެއްކަމުން، ދަޢުވާއަށް އިންކާރުކުރާ ކަމަށާއި، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް 1 އަށް ބެލުމުން ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއަކީ ޙަސަން ޢަލީ މަނިކުގެ އަތުން ނަގައިދެވޭނެ ފައިސާއެއް ނޫންކަން އެނގެން އޮންނަކަމުން، ޙާމިދު އިސްމާޢީލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޙަސަން ޢަލީ މަނިކުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމުގައި ބުނެ، ޙަސަން ޢަލީ މަނިކުގެ ފަރާތުން ބަޔާންކޮށްފައިވާކަން އެނގެން އޮތްހިނދު،

ޤަޟިއްޔާއާ ގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކާއި ހެއްކަށް ބެލުމުން، 20 މޭ 2007 ދުވަހު ދަޢުވާކުރާ ފަރާތާއި އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ސޮއިކޮށްފައިވާ ލިޔުމުގައި، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނާއި އަމިއްލަ ޙައިޘިއްޔަތުން ދަޢުވާލިބޭ ފަރާތުން ސޮއިކޮށްފައިވާކަން އެނގެން އޮތަތީ، ދަޢުވާލިބޭ ޙަސަން ޢަލީ މަނިކު އަކީ ޙަވާލާދެވުނު 20 މޭ 2007 ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ބައިވެރިއެއްކަން އެނގޭކަމާއި، މިގޮތުން، ދަޢުވާލިބޭ ފަރާތުން20 މޭ 2007 ދުވަހު ސޮއިކޮށްފައިވާ ލިޔުމުގައިވާ ކަންކަން އެނގިހުރެމެ، އެ ލިޔުމުގައިވާ ފައިސާ ދެއްކުމަށް 25 ޖޫން 2009 ދުވަހު ދަޢުވާކުރާ ފަރާތާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، އަމިއްލަ ޙައިޘިއްޔަތުން ޖާމިނުވެފައިވާތީ، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމުތަކުން އެ ކުންފުނި މިންޖުނުވާހިނދު، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އުފެދިގެންދާތީ އާއި، މިފަދަ މުޢާމަލާތެއްކުރުމަކީ ޤާނޫނު ނަންބަރު91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އިންނާއި، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އިން ހުރަސްއަޅާކަމެއް ކަމުގައި ނުވާތީ އާއި، ދަޢުވާލިބޭ ޙަސަން ޢަލީ މަނިކުގެ ފަރާތުން ބަޔާންކުރެވުނު25 ޖޫން 2009 ދުވަހުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމުގައި އިޢުތިރާފުވާތީ، އަދި ދަޢުވާގައި ހިމެނޭ ފައިސާ ދައްކާފައިވާކަން ޝަރީޢަތަށް ޘާބިތުނުވާތީ،

ދަޢުވާގައި ހޯދުމަށް އެދި ހުށަހަޅާފައިވާ US$849,100.00 (އަށް ލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ ޔޫ.އެސް ޑޮލަރު) އަކީ ޙަސަން ޢަލީ މަނިކުގެ ފަރާތުން ޙާމިދު އިސްމާޢީލް އަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މި ފައިސާ ރައްދުކުރުމުގެ ގޮތުން 13 ޖޫން 2012 ދުވަހުން ފެށިގެން09 (ނުވައެއް) މަސްދުވަހުގެ ތެރޭގައިމ ކޮންމެ މަހަކު އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކާ، މި މުޢާމަލާތާ ގުޅިގެން ދައްކަންޖެހޭ ޢަދަދު ޙަލާސްކުރުމަށް ހ. ކާމިނީޕޫލް، ޙަސަން ޢަލީ މަނިކަށް އަންގައި ޙުކުމްކޮށްގެން ކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު765/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

02- ސިވިލް ކޯޓުގެ ނަންބަރު765/Cv-C/2010 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، ހ. ކާމިނީޕޫލް، މާލެ، ޙަސަން ޢަލީ މަނިކުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 765/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްގެންކަން ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިލްތިމާސްކުރި ހ. ކާމިނީޕޫލް، މާލެ، ޙަސަން ޢަލީ މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު 06 (ހައެއް) ސަބަބެއް ހުށަހަޅައި އެ ސަބަބުތަކާބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:

ފުރަތަމަ ސަބަބަކީ، ހ.ކާމިނީޕޫލް، ޙަސަން ޢަލީ މަނިކު އާއި ހ.ކިނޮޅަސް،ނަސީމާ މުޙައްމަދުގެ މެޖޯރިޓީ ޙިއްޞާއޮތް އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު20 މޭ 2007 ގައި ޙާމިދު އިސްމާޢީލް ސޮއިކޮށް މިއެންމެހައި ފަރާތްތަކުގެ މެދުގައި ތަންފީޒުކޮށްފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް އަކީ ދެފަރާތުގެ ދެމެދުގައި ޤާނޫނީގޮތުން ބަނދެވިފައިވާ އެއްބަސްވުމެއްކަމަށާއި، މި އެއްބަސްވުމުގައި ޤާނޫނީގޮތުން ހިމެނިފައި ހުންނަންޖެހޭ އެންމެހައި އަސާސީ އުންސުރުތަކެއް ހިމެނޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމަވާފައިވަނީ ބުނެވުނު20 މޭ 2007 ގައި ސޮއިކުރެވުނު އެއްބަސްވުން ވުޖޫދުކުރެވުނު މަޤުޞަދަށާއި 25 ޖޫން 2009 ގައިހ. ކާމިނީޕޫލް، މާލެ، ޙަސަން ޢަލީ މަނިކު އާއި ހ. ހިރިފުށި، މާލެ، ޙާމިދު އިސްމާޢީލް އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާއި 20 މޭ 2007 ގައި ސޮއިކުރެވުނު އެއްބަސްވުން ގުޅިލާމެހިފައިވާ މިންވަރަށް ނަޒަރުނުކޮށް25 ޖޫން 2009 ގައި ސޮއިކުރެވުނު އެއްބަސްވުމަށް އެކަނި ނަޒަރުކޮށްގެން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، ސިވިލް ކޯޓުގައި ޙާމިދު އިސްމާޢީލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޙަސަން ޢަލީ މަނިކަށް ޙާމިދު އިސްމާޢީލް ދީފައިވާ US$849,100.00 (އަށް ލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ ޔޫ.އެސް ޑޮލަރު) ހޯދުމަށް ކަމަށް ބުނެ ހުށަހަޅާފައިވާ ދަޢުވާއެއްކަމަށް ވާއިރު،20 މޭ 2007 ގެ އެއްބަސްވުމުގެ ދަށުން ޙާމިދު އިސްމާޢީލްގެ ފަރާތުން އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ފައިސާއާ ޙަސަން ޢަލީ މަނިކު ޙަވާލުވެފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރގެ ޙައިޘިއްޔަތުންކަމަށާއި، އެއީ އަމިއްލަ ޙައިޘިއްޔަތަކުން ކުރި ތަޞައްރަފެއް ނޫންކަމަށާއި، ޙާމިދު އިސްމާޢީލްގެ ފަރާތުން ދީފައިވާ ފައިސާ ޖަމާކޮށްފައި ވަނީވެސް އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށްކަމަށާއި، އެ ފައިސާއަކީ ވިޔަފާރިއަށް ޙާމިދު އިސްމާޢީލްގެ ފަރާތުން އިންވެސްޓްކޮށްފައިވާ ފައިސާކަމުން، މިއެންމެހާ ފައިސާއަކީ ފަރުދީ ގޮތުން ޙަސަން ޢަލީ މަނިކު ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، އިސްލާމީ ޝަރީޢަތުގައި ޢަޤުދު ކަފާލާއަކީ މީހެއްގެ ޒިންމާގައި ސާބިތުވެފައިވާ ދަރަންޏެއް ނުވަތަ ޢަޤުދެއް އޭނާ އަދާކުރަން ޖެހޭ މުއްދަތުގައި އަދާނުކޮށްފިނަމަ އަދާކުރުމަށް އެހެން ދެވަނަ މީހަކު ޖާމިނުވުންކަމަށާއި، ޢަޤުދު ކަފާލާއެއްގައި މަކުފޫލު ޢަންޙު ނުވަތަ އަސްލު ދަރަނިވެރިޔާއަށް ދަރަނި އަދާ ކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމެއްނެތި މަކުފޫލު ލަހޫ ނުވަތަ އެމީހަކަށްޓަކާ ކަފާލާތުކުރެވޭ ޙައްޤުގެ ވެރިފަރާތާއި ކަފީލް ނުވަތަ އަދާކުރަންޖޭހޭ ދަރަންޏަށް ޖާމިނުވާ ފަރާތާ ވާހަކަ ދެއްކުމަކީ މިބާވަތުގެ ޢަޤުދުތަކުގައި އޮންނަ ކަމަކަށް ނުވާތީ ޙަސަން ޢަލީ މަނިކުގެ މައްޗަށް ޙާމިދު އިސްމާޢީލް ކުރާ ދަޢުވާއަކީ ޙަސަން ޢަލީ މަނިކުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ޝަރީޢަތަށް ފަހަގަކުރެވޭ ނުކުތާ ތަކުގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވަނީ ޙާމިދު އިސްމާޢީލްގެ ފަރާތުން ހޯދުމަށް ދަޢުވާކުރާ ފައިސާއަކީ ޙަސަން ޢަލީ މަނިކުއަށް ޙާމިދު އިސްމާޢީލް ދީފައިވާ ފައިސާއެއް ކަމަށް25 ޖޫން 2009 ގެ އެއްބަސްވުމުގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާކަމަށާއި، އަދި މި ފައިސާ އަނބުރާ ދެއްކުމުން ޙަސަން ޢަލީ މަނިކުއަށް ބަރީއަވެވޭނެ ސަބަބެއް ނެތްކަމަށް ބުނެފައިވާއިރު، މި ފައިސާއަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ފައިސާއެއްކަމާ، އަދި މި ފައިސާއަކީ ޙަސަން ޢަލީ މަނިކު ފަރުދީގޮތުން ޖާމިނުވާ ފައިސާއެއް ނޫންކަމާއި، ޙާމިދު އިސްމާޢީލްގެ ފަރާތުން އެޗް.އެމް.އެސް ޕްރައިވެޓް ލިމިޓެޑް އަށް ދީފައިވާ ފައިސާއަކީ ކުންފުނީގެ އެއްވެސް ޙިއްޞާދާރެއް ފަރުދީގޮތުން އެ ފައިސާ ދެއްކުމަށް ޖާމިނުވާންޖެހޭ ފައިސާއެއް ނޫންކަމުން، ޙަސަން ޢަލީ މަނިކު ފަރުދީގޮތުން ކުންފުނީގެ މި ދަރަންޏަށް ޖާމިނުވާންޖެހޭ ކަމަށް ނިންމުމަކީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖެ ކުންފުންޏާބެހޭ ޤާނޫނު) ގެ15 ވަނަ މާއްދާގެ (ހ) އާ 18 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފުކަމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ފަސްވަނަ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު 765/Cv-C/2010 ޤަޟިއްޔާގެ ދަޢުވާގެ ސީޣާގައި، ޙަސަން ޢަލީ މަނިކު އަކީ ޙާމިދު އިސްމާޢީލްގެ އަތުން ދަރަންޏަށް ފައިސާ ނަގާ ފަރާތްކަމަށް ބުނެފައިވާއިރު، އެ މައްސަލައިގެ ޙުކުމުގައި، އެ ފައިސާއަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަރަންޏަށް ޙަސަން ޢަލީ މަނިކު ޖާމިނުވެފާ ވާތީ ދައްކަންޖެހޭ ފައިސާއެއްކަމަށް ބުނެ ޙުކުމް ކުރައްވާފައިވުމަކީ ދަޢުވާގެ ސީޣާއާ ޙުކުމާއި ތަޢާރުޒުވުންތަކެއް ހިމެނޭކަމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަވަނަ ސަބަބަކީ، 29 ޖޫން 2009 ގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ޙަސަން ޢަލީ މަނިކުގެ ފަރާތުން ޙާމިދު އިސްމާޢީލް އަށް ދޭންޖެހެނީ ޙާމިދު އިސްމާޢީލްގެ ނަމުގައި އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮންނަ ޙިއްޞާގެ މުޤާބިލުގައިކަމާއި، އެ ފައިސާ ނުދެއްކިއްޖެނަމަ އޭގެ ނަތީޖާއަކީ ކުންފުނީގައި އޮތް ޙާމިދު އިސްމާޢީލްގެ ޙިއްޞާ، ޙަސަން ޢަލީ މަނިކަށް ބަދަލުނުވުންކަން އެ އެއްބަސްވުމުގެ 7 ވަނަ މާއްދާއިން އެނގެން އޮންނާތީއާ އަދި އެފަދައިން ޙަސަން ޢަލީ މަނިކުގެ ނަން މައްޗަށް މި ޙިއްޞާތަށް ބަދަލު ކުރެވިފާ ނުވާތީ ޙަސަން ޢަލީ މަނިކުގެ ފަރާތުން ޙާމިދު އިސްމާޢީލް އަށް ދައްކަންޖެހޭ ފައިސާއެއް ނެއްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެހ. ކާމިނީޕޫލް، މާލެ، ޙަސަން ޢަލީ މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި އަދި މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީސްތަކުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔުންތަކުގެ މައްޗަށާއި ހ. ކާމިނީޕޫލް، މާލެ، ޙަސަން ޢަލީ މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާއިން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު65/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 765/Cv-C/2010 ޤަޟިއްޔާގައި ޙަސަން ޢަލީ މަނިކުގެ މައްޗަށް ޙާމިދު އިސްމާޢީލް ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ދަޢުވާ އެ ގޮތުގެމަތިން ކުރަންޖެހުނު ސަބަބުތަކަކީ، ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއަކީ ޙަސަން ޢަލީ މަނިކަށް ލިބިފައިވާ ފައިސާއެއްކަމުގައި ޙަސަން ޢަލީ މަނިކު އެއްބަސްވެފައިވުމާއި، އަދި އެ ފައިސާ ދައްކާނެގޮތާބެހޭ ގޮތުން ދެފަރާތުގެ ދެމެދުގައި 25 ޖޫން 2009 ދުވަހު އެއްބަސްވުމެއް ވެފައިވުމާއި، ބުނެވިދިޔަ އެއްބަސްވުމުގެ05 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޙާމިދު އިސްމާޢީލް ޙަސަން ޢަލީ މަނިކާ ޙަވާލުކޮށްފައިވާ ފައިސާގެ ތެރެއިން ބައެއް ދެއްކުމަށްޓަކައި 05 ޖުލައި 2009 ވަނަ ދުވަހު ފައިސާނެގޭ ގޮތަށްޙަސަން ޢަލީ މަނިކުގެ ފަރާތުން ޙާމިދު އިސްމާޢީލް އަށް ދީފައިވާ US$ 200,000.00 (ދުއިސައްތަ ހާސް އެމެރިކާ ޑޮލަރު) ގެ ޗެކް ބައުންސްވެފައިވުމާއި، އަދި ޗެކް ބައުންސްވީ ފަހުންވެސް މި ފައިސާ ދެއްކުމަށް ޙަސަން ޢަލީ މަނިކު އަށް އެތަކެއް ފުރުޞަތެއް ދީފައިވީނަމަވެސް މި ފައިސާ އަދިވެސް ލިބިފައިނުވުމާއި މި ސަބަބުތައްކަން މައްސަލައާ ގުޅިގެން މި ދަޢުވާކުރާ ޙާމިދު އިސްމާޢީލްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ޙާމިދު އިސްމާޢީލްގެ ފަރާތުން ކޮށްފައިވާ މި ދަޢުވާއަކީ ޙަޤީޤަތާ ޚިލާފު ދޮގު ދަޢުވާއެއްކަމަށާއި އެހެންކަމުން މި ދަޢުވާގެ އަޞްލަށް ޙަސަން ޢަލީ މަނިކު އިންކާރުކުރާ ކަމަށާއި، އަދި މި ދަޢުވާއަކީ ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިނުވާ، އަދި ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި ދަޢުވާއެއް ނޫންކަމަށާއި މި ދަޢުވާގައި ބުނެފައިވާ ފައިސާއަކީ ޙަސަން ޢަލީ މަނިކަށް ލިބިފައިނުވާ ފައިސާއެއްކަމުން ޙަސަން ޢަލީ މަނިކު އަތުން ހޯދުމަށް ޙާމިދު އިސްމާޢީލް ހުށަހަޅާފައިވާ މި ދަޢުވާގައި ބުނެފައިވާ ފައިސާއަކީ ޙަސަން ޢަލީ މަނިކު އަތުން ނަގައިދެވޭނެ ފައިސާއެއްނޫން ކަމަށާއި އެހެންކަމުން މި ދަޢުވާއަކީ ޙަސަން ޢަލީ މަނިކުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ބުނެ، ޙަސަން ޢަލީ މަނިކުގެ ފަރާތުން ޙާމިދު އިސްމާޢީލްގެ މި ދަޢުވާއަށް އިންކާރުކޮށްފައިވާކަން، މައްސަލައިގެ ޝަރީޢަތުގައިޙަސަން ޢަލީ މަނިކުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 765/Cv-C/2010 ޤަޟިއްޔާގައި ޙާމިދު އިސްމާޢީލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޙަސަން ޢަލީ މަނިކުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ބުނެ ޙަސަން ޢަލީ މަނިކުގެ ފަރާތުން އެ މައްސަލައިގެ ޝަރީޢަތަށް ސަބަބުތަކެއް ހުށަހަޅާފައިވާކަމާއި އެ ސަބަބުތަކަކީ:

1- ޙާމިދު އިސްމާޢީލްގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ޑޮކިއުމެންޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމުގެ 1 ވަނަ މާއްދާގައި "ކުންފުނި" ކަމަށް ބުނެފައި އެވަނީ "އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ކަމަށް ލިޔެފައި އޮތުމުން އެ ލިޔުމުގައި ކުންފުނި ކަމަށް ބުނެފައިވާ ކޮންމެ ތަނެއްގައި ކުންފުންޏަކީ އެޗް.އެމް.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަން އެނގެން އޮތުމާއި،

2- ބުނެވިދިޔަ ލިޔުމުގެ 1 ވަނަ މާއްދާގައި "ޙިއްޞާ" ކަމުގައި ބުނެފައި އެވަނީ އެޗް.އެމް.އެސް އިން ޙާމިދު އިސްމާޢީލް ގަނެފައިވާ، ކުންފުނީގެ %40 (ސާޅީސް އިންސައްތަ) ޙިއްޞާއަށް ކަން އެނގެން އޮތުމާއި،

3- ބުނެވިދިޔަ ލިޔުމުގެ 2 ވަނަ މާއްދާގައި "މި އެއްބަސްވުމުގައިވާ ގޮތުގެމަތިން ޙާމިދު އިސްމާޢީލްގެ ޙިއްޞާގެ އަގު ކަމުގައި ދެފަރާތުން އެއްބަސްވެފައިވާ އަގާއި، އެކި ފަހަރުމަތިންޙާމިދު އިސްމާޢީލް ކުންފުންޏަށް ލޯނުގެ ގޮތުގައި ދީފައިވާ ފައިސާ ހޯދުމަށް" މިގޮތަށް އޮތުމުން މި ލިޔުމަކީ ޙާމިދު އިސްމާޢީލް ބޭނުންވެގެން ލިޔެފައިވާ ލިޔުމެއްކަން އެނގެން އޮތުމުން މި ލިޔުމުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ޙިއްޞާ އާއި، ކުންފުންޏަށް ލޯނުގެ ގޮތުގައި ދީފައިވާ ފައިސާއަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ދެ މުޢާމަލާތްކަމާއި، ކުންފުނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންޖެހޭނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ކަމަށްވުމާއި

4- ބުނެވިދިޔަ ލިޔުމުގެ 2 ވަނަ މާއްދާގެ ފުރަތަމަ ފޮޅުވަތުގައި ބުނެފައިވާ "ޙިއްޞާ" ގެ މުޢާމަލާތްތަކާ މެދު ޢަމަލުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 36 ވަނަ މާއްދާ އާއި، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ހިންގާ ޤަވާޢިދުގެ 4 ވަނަ މާއްދާ އާއި އަދި 5 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތާ ޚިލާފަށްކަމަށާއި ހިންގާ ޤަވާޢިދުގެ 4 ވަނަ މާއްދާ އާއި5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޞައްޙަ ޖަލްސާއަކުން ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަނަކުން އެފަދަ ހުއްދައެއް ލިބިފައިނުވާ ކަމަށާއި އެހެންކަމުން ދަޢުވާކުރާ ފަރާތުން ޑޮކިއުމެންޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާ އެއްބަސްވުމަކީ، ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށް ނުވުމާއި،

5- ބުނެވިދިޔަ ލިޔުމުގެ 2 ވަނަ މާއްދާގެ ދެވަނަ ފޮޅުވަތުގައި "އެކި ފަހަރުމަތިން ޙާމިދު އިސްމާޢީލް ކުންފުންޏަށް ލޯނުގެ ގޮތުގައި ދީފައިވާ ފައިސާ ހޯދުމަށް" މި ޢިބާރާތުގައި ބުނާ ފައިސާ ހޯދުމަށް ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާއި އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާޢިދާ ޚިލާފަށް ކަމަށާއި، އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޞައްޙަ ޖަލްސާއަކުން ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަނެއް ނެތްކަމަށާއި އެހެންކަމުން ޙާމިދު އިސްމާޢީލްގެ ދަޢުވާގައި ބުނާ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ، ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށް ނުވުމާއި،

މި ސަބަބުތައްކަން ސިވިލް ކޯޓުގެ ނަންބަރު765/Cv-C/2010 ޤަޟިއްޔާގައި ޙާމިދު ޢިސްމާޢީލް ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި ޙަސަން ޢަލީ މަނިކުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 765/Cv-C/2010 ޤަޟިއްޔާގައި ޙާމިދު އިސްމާޢީލްގެ ފަރާތުން ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިތަކަކީ ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކުއާ ދެމެދު 25 ޖޫން 2009 ދުވަހު މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާކަމަށް ބުނާ އެއްބަސްވުމެއްގެ ލިޔުމަކާއި ބައުންސްވެފައިވާ ޗެކެއްގެ ކޮޕީއަކާއި މި ދެ ލިޔުންކަން، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާއަށް ޙާމިދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ، މި ދަޢުވާގެ ދަޢުވާ ފޯމަށާއި އަދި އެ ފޯމާއެކު ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ޙާމިދު އިސްމާޢީލްގެ ފަރާތުން ޙަސަން ޢަލީ މަނިކުގެ މައްޗަށް ކޮށްފައިވާ މި ދަޢުވާ ސާބިތުކުރުމަށް ޙާމިދު އިސްމާޢީލްގެ ފަރާތުން ޑޮކިއުމެންޓް 1 ގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުމަށް ބަލާއިރު މި ލިޔުމަކީ "ތަޢާރުފު" އަކާއެކު 11 (އެގާރަ) މާއްދާގެ މައްޗަށް އެކުލެވިގެންވާ، އަދި އެ ލިޔުމުގެ ސުރުޚީއެއްގެ ގޮތުގައި "ފައިސާ ދެއްކުމާބެހޭ އެއްބަސްވުން" މިގޮތަށް ލިޔެފައިވާ، ދެ ޞަފްޙާގެ މައްޗަށް އެކުލެވިގެންވާ ލިޔުމެއްކަމާއި އަދި މި ލިޔުމުގެ ތިރިން ކަނާތް ފަރާތުގައި "ޙަސަން ޢަލީ މަނިކުހ. ކިނޮޅަސް" މިގޮތަށް ލިޔެ ނަމުގެ މަތީގައި ސޮއިކޮށްފައިވާ ކަމާއި އަދި މި ލިޔުމުގެ ތިރިން ވާތްފަރާތުގައި "ޙާމިދު އިސްމާޢީލު، ހ. ހިރިފުށި" މިގޮތަށް ލިޔެ ނަމުގެ މަތީގައި ސޮއިކޮށްފައިވާ ކަމާއި އަދި މި ލިޔުމުގެ އެންމެ ތިރީގައި ހެކިންގެ ގޮތުގައި ދެ މީހެއްގެ ނަންލިޔެ ނަމާ ދިމާގައި ސޮއިކޮށްފައިވާކަމާއި، އަދި މި ލިޔުމުގެ ފެށުމުގައިވާ "ތަޢާރުފު" ގައި " މިއީ، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައިވާ ޙާމިދު އިސްމާޢީލް ހ. ހިރިފުށި، ގެ ޙިއްޞާގެ އަގަށްވާ ފައިސާއާއި ލޯނުގެ ގޮތުގައި، ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކު ހ. ކިނޮޅަސް އާ ޙަވާލުކޮށްފައިވާ ފައިސާ، މި ދެ ފަރާތުގެ ދެމެދުގައި ދެކެވިފައިވާ ވާހަކަތަކާއި ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތީން އަނބުރާ ޙާމިދު އިސްމާޢީލް އަށް ރައްދުކުރުމަށާއި އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޙާމިދު އިސްމާޢީލް ވަކިވުމާބެހޭ ގޮތުން ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކު އާ ދެމެދު 25 ޖޫން 2009 ދުވަހު ވެފައިވާ އެއްބަސްވުމެކެވެ." މިފަދައިން ލިޔެފައިވާކަމާއި މިކަންކަން މި ލިޔުމަށް ބެލުމުން އެނގެން އޮންނައިރު، މި އެއްބަސްވުމަކީ ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކު އާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްކަން މި ދެފަރާތުން މި މައްސަލައިގެ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ، ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކު އާ ދެމެދު 25 ޖޫން 2009 ގައި ވެވިފައިވާ އެއްބަސްވުމެއްކަން މި ދެފަރާތުގެ ބަހުން ސާބިތުވާ އިސްވެ ބަޔާންކުރެވިދިޔަ އެއްބަސްވުމުގެ "ތަޢާރުފު" ގައި އައިސްފައިވާ ޖުމްލައަށް ބަލާއިރު، މި އެއްބަސްވުމަކީ މައިގަނޑު 3 ކަމެއްގެ މައްޗަށް މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއްކަމާއި މި ގޮތުން މި އެއްބަސްވުން މި ދެފަރާތުގެ ދެމެދުގައި ވެވިފައިވަނީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައިވާ ޙާމިދު އިސްމާޢީލްގެ ޙިއްޞާގެ އަގަށްވާ ފައިސާ އަނބުރާ ޙާމިދު އިސްމާޢީލް އަށް ރައްދުކުރުމާބެހޭ ގޮތުންނާއި، އަދި ލޯނުގެ ގޮތުގައި، ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކު އާ ޙަވާލުކޮށްފައިވާ ފައިސާ އަނބުރާ ޙާމިދު އިސްމާޢީލް އަށް ރައްދުކުރުމާބެހޭ ގޮތުންނާއި، އަދި އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޙާމިދު އިސްމާޢީލް ވަކިވުމާބެހޭ ގޮތުންނާއި މި 3 ކަންތަކުގެ މައްޗަށްކަން މި އެއްބަސްވުމުން އެނގެން އޮންނައިރު، މި އެއްބަސްވުމުގެ 2 ވަނަ މާއްދާގައި އެކި ފަހަރުމަތިން ޙާމިދު އިސްމާޢީލް ކުންފުންޏަށް ލޯނުގެ ގޮތުގައި ދީފައިވާ ފައިސާ ހޯދުމަށް ޙާމިދު އިސްމާޢީލް އެދުނު ހިނދު، މި އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ ފައިސާ ދެއްކުމަށްޙަސަން ޢަލީ މަނިކު އެއްބަސްވެފައިވާކަމަށް ސާފުބަހުން ބަޔާންކޮށްފައިވާކަމާއި އަދި މި އެއްބަސްވުމުގެ4 ވަނަ މާއްދާގައި ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކުއާ ޙަވާލުކޮށްފައިވާ ފައިސާގެ ތެރެއިން މިހާތަނަށް ޙާމިދު އިސްމާޢީލަށް ނުލިބިވާ ފައިސާގެ ޖުމްލައަކީ US$ 849,100.00 (އަށްލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ ޔޫ.އެސް ޑޮލަރު) ކަމަށް ބަޔާންކުރުމަށްފަހު މި އެއްބަސްމުވުގެ5 ވަނަ މާއްދާގައި މި އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް ދީފައިވާ ފައިސާގެ ތެރެއިން 200،000.00 US$ (ދުއިސައްތަހާސް ޔޫ.އެސް ޑޮލަރު) ދެއްކުމަށްޓަކައި 05 ޖުލައި 2009 ދުވަހު ފައިސާ ނެގޭގޮތަށް ޑޭޓެޑް ޗެކެއް ޙަސަން ޢަލީ މަނިކު ޙާމިދު އިސްމާޢީލް އަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި އަދި މި އެއްބަސްވުމުގެ 6 ވަނަ މާއްދާގައި މި އެއްބަސްވުމުގެ4 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފައިސާ މި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮތުމުގެ އިތުރުން މި އެއްބަސްވުމުގައި ޙަސަން ޢަލީ މަނިކު ސޮއިކޮށްފައިވަނީ ސީދާ ޙަސަން ޢަލީ މަނިކުގެ އަމިއްލަ ނަމުގައި އަދި އޭނާގެ ފުރިހަމަ އިޚްތިޔާރުގައި ކަމާއި މި ކަންކަން މި އެއްބަސްވުމަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު، މި އެއްބަސްވުމުގެ ބަޔާންކުރެވިދިޔަ މާއްދާތަކަށާއި އަދި މުޅި މި އެއްބަސްވުމަށް ބެލުމުން ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ޙަވާލުކުރި ފައިސާއަކީ ސީދާ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ފައިސާއެއް ކަމަށްވިޔަސް އަދި ނުވަތަ ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ޙަވާލުކުރި ފައިސާއަކީ ސީދާ ޙަސަން ޢަލީ މަނިކަށް ދޫކުރި ފައިސާއެއްކަމަށް ވިޔަސް މި ދެގޮތުންކުރެ ކޮންމެ ގޮތަކުން ވިޔަސް ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ލޯނުގެ ގޮތުގައި ޙަވާލުކޮށްފައިވާ އެންމެހައި ފައިސާއެއް ޙާމިދު އިސްމާޢީލަށް އަނބުރާ އަދާކުރުމުގެ އެންމެހައި ޒިންމާއެއް އުފުލަންޖެހޭ ފަރާތެއްކަމުގައި މި އެއްބަސްވުމުގެ ބައިވެރިންކަމުގައިވާ ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކުއާއި މި ދެފަރާތުން މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފަރާތަކީ ސީދާޙަސަން ޢަލީ މަނިކުކަމާއި މިގޮތަށް ޙަސަން ޢަލީ މަނިކު މި ޒިންމާ އަދާކުރުމަށް އެއްބަސްވެފައިވަނީޙަސަން ޢަލީ މަނިކުގެ އަމިއްލަ ޙައިޘިއްޔަތުން ކަމާއި މި ކަންކަން މި އެއްބަސްވުމުގެ ތަޢާރުފަށާއި މުޅި އެއްބަސްވުމަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަ ކަމަކީ، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު765/Cv-C/2010 ޤަޟިއްޔާގައި ޙަސަން ޢަލީ މަނިކުގެ މައްޗަށް ޙާމިދު އިސްމާޢީލް ކޮށްފައިވާ ދަޢުވާއިން ބަރީއަވުމަށްޓަކައި ޙަސަން ޢަލީ މަނިކުގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން އޮންނަ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމް.އޯ.ޔޫ) ގެ ލިޔުމަށް ބަލާއިރު، އެ ލިޔުމަކީ، އެ ލިޔުމުގެ ފުރަތަމަ ޕެރެގްރާފްގައި "މިއީ، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެޗް.އެމް.އެސް) އިން %40 ޙިއްޞާ ހ. ހިރިފުށި ޙާމިދު އިސްމާޢީލް ("ޙާމިދު") އަށް ވިއްކުމަށާއި، މި ކުންފުންޏަށްޙާމިދު އިސްމާޢީލް ފައިނޭންސްކޮށް ދިނުމާއިބެހޭ ގޮތުން އެއް ފަރާތުން މި ކުންފުންޏާއި އަދި މި ކުންފުނީގެ ޙިއްޞާދާރެއްކަމުގައިވާ ހ. ކާމިނީޕޫލްގެ އފ. ޙަސަން ޢަލީ މަނިކު ("ޙަސަން މަނިކު") އާއި އަދި އަނެއް ފަރާތުން ޙާމިދު އިސްމާޢީލާ ދެމެދު ހެދިފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް އެކެވެ." މިފައިން ލިޔެފައިވާ ލިޔުމެއްކަން އެނގެން އޮންނައިރު، މި ލިޔުމުގައި އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިންގުމަށް ފައިނޭންސްކުރުމުގެ ވަގުތީ އެހީއެއްގެ ގޮތުގައި އެ ކުންފުންޏަށް ޙާމިދު އިސްމާޢީލް ދިން-/000،800 (އަށްލައްކަ) ޔޫ.އެސް ޑޮލަރުގެ ފައިސާ އެޗް.އެމް.އެސް އިން ޙާމިދު އިސްމާޢީލް އަށް އަނބުރާ ރައްދުކުރައްވާނެކަމަށް މި ލިޔުމުގައި ބަޔާންކޮށްފައި ވީނަމަވެސް، މި އެމް.އޯ.ޔޫގެ ބައިވެރިން މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވާ ތާރީޚެއްކަމަށް މި އެމް.އޯ.ޔޫގައި ބަޔާންކޮށްފައިވަނީ 20 މޭ 2007 ގެ ތާރީޚް ކަމަށްވުމުން މި ލިޔުމަކީ 25 މޭ 2009 ގައި ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކުއާ ދެމެދު ވެވިފައިވާ ބަޔާންވެދިޔަ އެއްބަސްވުމުގެ ކުރީގެ ލިޔުމެއްކަން އެނގެން އޮންނައިރު، ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލްޙަސަން ޢަލީ މަނިކުއާ ޙަވާލުކޮށްފައިވާ ފައިސާއަކީ ސީދާ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ފައިސާއެއް ކަމަށްވިޔަސް އަދި ނުވަތަ ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ޙަވާލުކުރި ފައިސާއަކީ، ސީދާ ޙަސަން ޢަލީ މަނިކަށް ދޫކުރެވުނު ފައިސާއެއްކަމަށް ވިޔަސް މި ދެގޮތުންކުރެ ކޮންމެ ގޮތަކުންވިޔަސް ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކުއާ ލޯނުގެ ގޮތުގައި ޙަވާލުކޮށްފައިވާ އެންމެހައި ފައިސާއެއް ޙާމިދު އިސްމާޢީލް އަށް އަނބުރާ އަދާކުރުމުގެ އެންމެހައި ޒިންމާއެއް ސީދާ ޙަސަން ޢަލީ މަނިކު ޝަޚްޞީގޮތުން އުފުލާފައިވާކަން 25 ޖޫން 2009 މި ތާރީޚްގައި ޙާމިދު އިސްމާޢީލް އާއިޙަސަން ޢަލީ މަނިކު އާ ދެމެދު ވެވިފައިވާ އިސްވެ ބަޔާންކުރެވިދިޔަ އެއްބަސްވުމުން ސާފުކޮށް އެނގެން އޮންނާތީ މި އެމް.އޯ.ޔޫގެ ލިޔުމަކީ މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައިޙާމިދު އިސްމާޢީލްގެ ފަރާތުން ޙަސަން ޢަލީ މަނިކުގެ މައްޗަށް ކޮށްފައިވާ ދަޢުވާއިން ބަރީއަވުމަށްޓަކައި އެއްވެސް ޙުއްޖަތެއް އެއިން ޤާއިމުކުރެވޭފަދަ ލިޔުމެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

(އ) އަށްވަނަ ކަމަކީ، ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ޙަވާލުކުރި ފައިސާއަކީ ސީދާ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ފައިސާ އެއްކަމަށްވިޔަސް އަދި ނުވަތަ ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ޙަވާލުކުރި ފައިސާއަކީ، ސީދާޙަސަން ޢަލީ މަނިކަށް ދޫކުރި ފައިސާއެއްކަމަށް ވިޔަސް މި ދެގޮތުންކުރެ ކޮންމެ ގޮތަކުން ވިޔަސް،ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ލޯނުގެ ގޮތުގައި ޙަވާލުކޮށްފައިވާ އެންމެހައި ފައިސާއެއްޙާމިދު އިސްމާޢީލް އަށް އަނބުރާ އަދާކުރުމުގެ އެންމެހައި ޒިންމާއެއް ސީދާ ޙަސަން ޢަލީ މަނިކު ޝަޚުޞީގޮތުން އުފުލާފައިވާކަން 25 ޖޫން 2009 މި ތާރީޚުގައި ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކު އާ ދެމެދު ވެވިފައިވާ އިސްވެ ބަޔާންކުރެވިދިޔަ އެއްބަސްވުމުން ބަޔާންކުރެވިދިޔަ ގޮތުގެމަތިން ސާފުކޮށް އެނގެން އޮންނާތީ އާއި އަދި ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޙަސަން ޢަލީ މަނިކުގެ މައްޗަށް ޙާމިދު އިސްމާޢީލް ދަޢުވާކޮށްފައިވަނީ ޙަސަން ޢަލީ މަނިކު އަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެންބަރެއްކަމަށްވާތީ އެ ޙައިޘިއްޔަތުގެ މައްޗަށް ބިނާކޮށްގެން ނޫންކަމާއި ޙާމިދު އިސްމާޢީލްގެ މި ދަޢުވާ ބިނާކޮށްފައިވަނީ ޙަސަން ޢަލީ މަނިކު އާއި ޙާމިދު އިސްމާޢީލް އާ ދެމެދު 25 ޖޫން 2009 ގެ ތާރީޚްގައި މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ބުނެވުނު އެއްބަސްވުމުގައި ޙާމިދު އިސްމާޢީލްގެ މި ދަޢުވާގައި ބުނާ US$849,100.00 (އަށްލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ ޔޫ.އެސް ޑޮލަރު) ޙާމިދު އިސްމާޢީލް އަށް އަނބުރާ އަދާކުރުމުގެ ފުރިހަމަ ޒިންމާ ޙަސަން ޢަލީ މަނިކުގެ އަމިއްލަ ނަމުގައި ޝަޚުޞީގޮތުން އުފުލާފައިވާތީ އެ އަސާސުގެ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮންނާތީ މި ފައިސާ ހޯދުމަށް ޙާމިދު އިސްމާޢީލްގެ ފަރާތުން ސީދާ ޙަސަން ޢަލީ މަނިކުގެ މައްޗަށް ދަޢުވާ ކުރުމަށް ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އަދި ނުވަތަ އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި އަދި އެ ޤާނޫނުގެ 36 ވަނަ މާއްދާ ހުރަސްއަޅާކަމަށް ޤާނޫނީގޮތުން ބެލެވޭނެތަނެއް ނެތްކަން އެނގެން އޮންނަކަމެވެ.

(ވ) ނުވަވަނަ ކަމަކީ، ކޮންޓްރެކްޓާބެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބަލައި ނަޒަރުކުރާއިރު ކޮންޓްރެކްޓް ޞައްޙަވުން އެ ދެ އަސާސެއްގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ދެ އަސާސެއްވާ ކަމާއި، އޭގެ ތެރެއިން ފުރަތަމަ އަސާސަކީ، ކޮންޓްރެކްޓް ގެ ބައިވެރިން އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި އެ ކޮންޓްރެކްޓް ކުރުމުގެ މައްޗަށް އޭގެ ބައިވެރިންގެ ފުރިހަމަ ރުހުމާއި ޤަބޫލު އޮތުންކަމާއި، ދެވަނަ އަސާސަކީ، ފުރަތަމަ އަސާސްގެ މައްޗަށް ބިނާކޮށް އެ ކޮންޓްރެކްޓް ގެ ބައިވެރިންގެ ރުހުމާއި ޤަބޫލު، ޝަރީޢަތާއި ޤާނޫނު ޤަބޫލުކުރާ، އަދި ޝަރީޢަތާއި ޤާނޫނު އެކަންކުރުމުގެ މައްޗަށް ބާރުދޭ ކަމެއްގެ މައްޗަށް އޮތުންކަން އެނގެން އޮތުމުގެ އިތުރުން، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އަށް ބެލުމުންވެސް ކޮންޓްރެކްޓް ޞައްޙަވުން އެ ދެ އަސާސެއްގެ މައްޗަށް ބިނާވެގެންވާ އިސްވެ ބަޔާންކުރެވި ދިޔަ ދެ އަސާސަކީ، ކޮންޓްރެކްޓް ޞައްޙަވުން އެމައްޗަށް ބިނާވެގެންވާ މައިގަނޑު ދެ އަސާސްކަން އެނގެން އޮންނައިރު، ބަޔާންވެދިޔަ ދެ އަސާސްގެ މައްޗަށް ބިނާވެގެން ކުރެވޭ ކޮންޓްރެކްޓެއްގައި އެ ކޮންޓްރެކްޓެއްގެ ބައިވެރިން ކޮންޓްރެކްޓްގައިވާ ގޮތާ ޚިލާފުގޮތަކަށް ޢަމަލުކުރުމަށް ފަހުން އެއްބަސް ނުވާހާ ހިނދަކު ކޮންޓްރެކްޓްގެ ބައިވެރިން ކޮންޓްރެކްޓްގައި އެއްބަސްވެފައިވާ ގޮތުގެމަތިން ޢަމަލުކުރުމަކީ، ކޮންޓްރެކްޓްގެ ބައިވެރިންގެ މައްޗަށް ކޮންޓްރެކްޓް ލާޒިމްކުރާ ކަމެއްކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އަޙްކާމްތަކަށާއި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެފައިވާ "مَبْدَأُ اْلوَفَاءِ بِالعَهْدِ" (ޢަހްދަށް ވަފާތެރިވުމުގެ މަބުދައު) ގެ ޤަވާޢިދުތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(މ) ދިހަވަނަ ކަމަކީ، ކަފާލާތުގެ (ޖާމިނުވުމުގެ) ޢަޤުދެއްގެ ދަށުން ޖާމިނުވާ ފަރާތުން، މީހެއްގެ ޒިންމާގައިވާ ދަރަންޏެއް އަދާކުރުމުގެ އެންމެހައި ޒިންމާއެއް އުފުލަން އެއްބަސްވެ، އެ ދަރަނި އަދާކުރުމަށް ޖާމިނުވާ ހިނދު، އެ ދަރަނި އަދާކުރަންޖެހޭ އަޞްލު ދަރަނިވެރިޔާ (اَلْمَكْفُولُ عَنْهُ) ގެ ރުހުމާއި ޤަބޫލު އޮތުމަކީ ކަފާލާތުގެ ޢަޤުދު ޞައްޙަވުމުގެ ޝަރުޠެއް ނޫންކަން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެފައިވާ، ކަފާލާތުގެ ޢަޤުދުގެ އަޙްކާމުތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނާތީ 25 ޖޫން 2009 ގައި ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކު އާއި މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިސްވެ ބަޔާންކުރެވިދިޔަ އެއްބަސްވުމުގައި ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ޙަވާލުކުރި ފައިސާއަކީ ސީދާ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ދަރަނީގެ ގޮތުގައި ޙާމިދު އިސްމާޢީލް ދޫކުރި ފައިސާއެއްކަމަށް ވިޔަސް އަދި ނުވަތަ ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ޙަވާލުކުރި ފައިސާއަކީ ސީދާ ޙަސަން ޢަލީ މަނިކު އަށް ދަރަނީގެ ގޮތުގައި ދޫކުރި ފައިސާއެއްކަމަށް ވިޔަސް މި ދެގޮތުން ކުރެ ކޮންމެ ގޮތަކުން ވިޔަސް ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ލޯނުގެ ގޮތުގައި ޙަވާލުކޮށްފައިވާ އެންމެހައި ފައިސާއެއް ޙާމިދު އިސްމާޢީލް އަށް އަނބުރާ އަދާކުރުމުގެ އެންމެހައި ޒިންމާއެއް ސީދާ ޙަސަން ޢަލީ މަނިކު ޝަޚުޞީގޮތުން އުފުލުމަށް އެއްބަސްވެފައިވާކަން އެނގެން އޮންނައިރު، މި އެއްބަސްވުމުގެ މައްޗަށް މި އެއްބަސްވުމުގެ ބައިވެރިން ކަމުގައި ނުވާ އިސްވެ އިޝާރާތްކުރެވުނު ކުންފުނީގެ ރުހުމާއި ޤަބޫލު އޮތްކަން އެއްބަސްވުމުން އެނގެން ނެތުމަކީ އެ ސަބަބަށްޓަކައި މި އެއްބަސްވުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ނޫން އެއްބަސްވުމެއްކަމަށް ބެލެވޭނެ ސަބަބެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

(ފ) އެގާރަވަނަ ކަމަކީ، ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކު އާ ދެމެދު25 ޖޫން 2009 ގައި ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ 05 ވަނަ މާއްދާގައި މި އެއްބަސްވުމުގައި ސޮއިކުރާ ދުވަހު، ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް ދީފައިވާ ފައިސާގެ ތެރެއިން US$200,000/- (ދުއިސައްތަހާސް ޔޫ.އެސް ޑޮލަރ) ދެއްކުމަށްޓަކައި 05 ޖުލައި 2009 ދުވަހު ފައިސާނެގޭގޮތަށް ޑޭޓެޑް ޗެކެއް ޙަސަން ޢަލީ މަނިކު ޙާމިދު އިސްމާޢީލް އަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައިޙަސަން ޢަލީ މަނިކުގެ މައްޗަށް ޙާމިދު އިސްމާޢީލް ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ޑޮކިއުމެންޓް 2 ގެ ގޮތުގައި ހުށަހަޅާފައިވާ ޗެކުގެ ކޮޕީގެ ލިޔުމަށް ބަލާއިރު އެ ލިޔުމަކީ، ޙަސަން ޢަލީ މަނިކުގެ އަމިއްލަ ނަމުގައި އޮންނަ އެކައުންޓަކުން ސީދާ ޙާމިދު އިސްމާޢީލްގެ ނަންލިޔެ އޭނާއަށް ދެލައްކަ އެމެރިކާ ޑޮލަރ ދިނުމަށް05 ޖުލައި 2009 ގެ ތާރީޚް ޖަހައި ޙަސަން ޢަލީ މަނިކު ދޫކޮށްފައިވާ ޗެކެއްގެ ކޮޕީގެ ލިޔުމެއްކަން އެނގެން އޮތްއިރު އެ ޗެކަކީ 25 ޖޫން 2009 ގައި ޙާމިދު އިސްމާޢީލް އާއި ޙަސަން ޢަލީ މަނިކު އާ ދެމެދު ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ ޗެކެއްކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ޙަސަން ޢަލީ މަނިކުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް ސާފުކޮށް އެނގެން އޮތުމުން، ޙަސަން ޢަލީ މަނިކުގެ ފަރާތުން މި ޗެކު ޙާމިދު އިސްމާޢީލްގެ ނަމުގައި ދޫކުރި ދޫކުރުމަކީ، މި ދެފަރާތުގެ ދެމެދު 25 ޖޫން 2009 ގައި ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގައި ލޯނުގެ ގޮތުގައި ޙާމިދު އިސްމާޢީލް، ޙަސަން ޢަލީ މަނިކާ ޙަވާލުކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ US$ 849,100.00 (އަށްލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ ޔޫ.އެސް ޑޮލަރު)، ޙާމިދު އިސްމާޢީލް އަށް އަނބުރާ ދެއްކުމުގެ އެންމެހައި ޒިންމާއެއް ޙަސަން ޢަލީ މަނިކު ޝަޚުޞީގޮތުން އުފުލާފައިވާ ކަމުގެ މައްޗަށް އިތުރަށް ލިބޭ ހަރުދަނާ ޤަރީނާއެއްކަން އެނގެން އޮންނަ އޮތުމެވެ.

(ދ) ބާރަވަނަ ކަމަކީ، ބަޔާންވެދިޔަ ގޮތުގެމަތިން ޙަސަން ޢަލީ މަނިކުގެ ނަމުގައި އޮންނަ އެކައުންޓަކުން 05 ޖުލައި 2009 ގެ ތާރީޚްގައި ޙާމިދު އިސްމާޢީލް އަށް ދެލައްކަ އެމެރިކާ ޑޮލަރު ނެގޭގޮތަށް ޙަސަން ޢަލީ މަނިކުގެ ފަރާތުން ޙާމިދު އިސްމާޢީލް އަށް ޗެކެއް ދޫކޮށްފައިވާކަން މި މައްސަލައިގެ ޝަރީޢަތުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތް ނަމަވެސް އެ ޗެކުގައިވާ ފައިސާ ޙާމިދު އިސްމާޢީލް އަށް ލިބިފައިނުވާކަން މި ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ އޮތުމެވެ.

(ތ) ތޭރަވަނަ ކަމަކީ، 25 ޖޫން 2009 ގައި ޙާމިދު އިސްމާޢީލް އާއިޙަސަން ޢަލީ މަނިކުއާ ދެމެދު ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ބުނާ US$849,100.00 (އަށްޑިހަ ސާޅީސް ނުވަހާސް އެއްސަތޭކަ) ޔޫ.އެސް ޑޮލަރުގެ ތެރެއިން އެއްވެސް ފައިސާއެއް ޙަސަން ޢަލީ މަނިކުގެ ފަރާތުން ޙާމިދު އިސްމާޢީލްއަށް ދައްކާފައި ނުވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގައި މި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ އޮތުމެވެ.

(ލ) ސާދަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ސިވިލް ކޯޓުގެ ނަންބަރު 765/Cv-C/2010 ޤަޟިއްޔާގައި ޙާމިދު އިސްމާޢީލްގެ ފަރާތުންޙަސަން ޢަލީ މަނިކުގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ދަށުން ޙަސަން ޢަލީ މަނިކުގެ ކިބައިން ހޯދުމަށް ޙާމިދު އިސްމާޢީލް އެދިފައިވާ US$ 849,100.00 (އަށްލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ ޔޫ.އެސް ޑޮލަރު) އަކީ ޙަސަން ޢަލީ މަނިކުގެ ފަރާތުން ޙާމިދު އިސްމާޢީލްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2012/HC-A/328 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ރަނގަޅު ޙުކުމެއްކަން އެނގެން އޮންނާތީ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން،

ސިވިލް ކޯޓުގެ ނަންބަރު (1617/MC/2010) 765/Cv-C/2010 ޤަޟިއްޔާގައިހ. ކާމިނީޕޫލް ޙަސަން ޢަލީ މަނިކުގެ މައްޗަށް ހ. ހިރިފުށި، ޙާމިދު އިސްމާޢީލްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ޙާމިދު އިސްމާޢީލް ޙަސަން ޢަލީ މަނިކުގެ ކިބައިން ހޯދުމަށް އެދި ހުށަހަޅާފައިވާUS$ 849,100.00 (އަށްލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ ޔޫ.އެސް ޑޮލަރު) އަކީ ޙަސަން ޢަލީ މަނިކުގެ ފަރާތުން ޙާމިދު އިސްމާޢީލް އަށް ދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި، މި ފައިސާ ރައްދުކުރުމުގެ ގޮތުން 13 ޖޫން 2012 ދުވަހުން ފެށިގެން 09 (ނުވައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެ މަހަކަށް ޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކާ، މި މުޢާމަލާތާ ގުޅިގެން ދައްކަންޖެހޭ ޢަދަދު ޚަލާޞްކުރުމަށް ހ. ކާމިނީޕޫލް ޙަސަން ޢަލީ މަނިކަށް އަންގައި ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނާނެތަނެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ،

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/328 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ