—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 062015/SC-A/
ދަޢުވާކުރާ ފަރާތް: އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: ޑރ. އިސްމާޢީލް ރަޝީދު ޢުމަރު، މ. އާދިއްލީގެ، މާލެ
މައްސަލައިގެ ބާވަތް: ޢިމާރާތް ހުސްކޮށް ތަން ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 03 ފެބްރުއަރީ 2015
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 މާރިޗު 2015
ނިމުނު ތާރީޚް: 11 އެޕްރީލް 2017
މައްސަލަ ނިންމި ގަޑި: 13:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2014/HC-A/307
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 06 ނޮވެމްބަރ 2014
ނިމުނު ތާރީޚް: 27 ނޮވެމްބަރ 2014
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މ. އާދިއްލީގޭ، މާލެ، ޑރ. އިސްމާޢީލް ރަޝީދު ޢުމަރުއެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 865/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީވެސް މ. އާދިއްލީގޭ، މާލެ، ޑރ. އިސްމާޢީލް ރަޝީދު ޢުމަރުއެވެ.
ފާހަގަކުރެވުނު ނުކުތާތައް
މި މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 865/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 865/Cv-C/2014 ޤަޟިއްޔާއަކީ، މ. އާދިއްލީގޭ ޑރ. އިސްމާޢީލް ރަޝީދު ޢުމަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އާމަންޑުވިލާ އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތް ބޭނުންކުރުމުގެ އެއްވެސް ޤާނޫނީ ޙައިޘިއްޔަތެއް ނެތި، އަދި ޑރ. އިސްމާޢީލް ރަޝީދު ޢުމަރުގެ އިޒުނައެއްވެސް ނެތި އެތަން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުން ގެންދާތީ، އެ ޢިމާރާތް ހުސްކޮށް ޑރ. އިސްމާޢީލް ރަޝީދު ޢުމަރުއާ ޙަވާލުކުރުމަށް އަމުރުކޮށްދިނުން އެދި ޑރ. އިސްމާޢީލް ރަޝީދު ޢުމަރުގެ ފަރާތުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަމާއި، ސިވިލް ކޯޓުން އެ ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި "... ދަޢުވާކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މއ. އާމަންޑުވިލާ އެވެކިޔާ އަމިއްލަ ގޯތީގައި ހަދާފައިވާ ޢިމާރާތް ދަޢުވާކުރާ ފަރާތުގެ ނުރުހުމުގައި ބޭނުންކުރުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތަށް ލިބިގެންނުވާކަމަށް ކަނޑައަޅައި، މއ. އާމަންޑުވިލާ އެވެކިޔުނު ގޯތީގައި ދަޢުވާލިބޭ ފަރާތުން ބޭނުންކުރަމުންދާ ޢިމާރާތުގައި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތިބިނަމަ ތިބި ބަޔަކާއި ހުރިނަމަ ހުރި ތަކެއްޗެއް 2014 އޮގަސްޓް 31 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނެރެ، ތަން ހުސްކޮށް ދަޢުވާކުރާ ފަރާތާ ޙަވާލުކުރުމަށް ދަޢުވާލިބުނު އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިން ކަނޑައަޅައިފައިވާކަން، އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 865/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 865/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 865/Cv-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ޙުކުމެއްކަމަށް ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/307 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، އެ ސަބަބުތަކާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލާގައި ހިމެނޭ ވަޤާއިޢުތަކުގެ މައްޗަށް ދަށު ކޯޓުންނާއި ހައިކޯޓުން ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތުގެމައްޗަށް ޝަރްޢީ އަދި ޤާނޫނީ ގޮތުން ނަޒަރުކުރިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޑރ. އިސްމާޢީލް ރަޝީދު ޢުމަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އާމަންޑުވިލާ އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭނުންކުރަމުންދަނީ، އެތަން ބޭނުންކުރުމުގެ އެއްވެސް ޤާނޫނީ ޙައިޘިއްޔަތެއް ނެތި، އަދި ޑރ. އިސްމާޢީލް ރަޝީދު ޢުމަރުގެ އިޒުނައެއްވެސް ނެތިކަމުގައި ބުނެ، އެ ޢިމާރާތް ހުސްކޮށް ޑރ. އިސްމާޢީލް ރަޝީދު ޢުމަރުއާ ޙަވާލުކުރުމަށް އަމުރުކޮށްދިނުން އެދި ޑރ. އިސްމާޢީލް ރަޝީދު ޢުމަރުގެ ފަރާތުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 865/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ދަޢުވާގެ ޖަވާބުގައި، މއ. އާމަންޑުވިލާގައި ހަދާފައިވާ ޢިމާރާތް ކުއްޔަށް ދިނުމާ ބެހޭގޮތުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި، މއ. އާމަންޑުވިލާ، ފާޠިމަތު ވަޙީދާއާ ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން އެ ތަނުގެ ބޭނުން ކުރުމުގެ ޙައްޤު އެފަރާތަށް ލިބިގެންވާކަމަށް ބުނެ "ދަފްޢު" (plea) އެއް ހުށަހަޅައި، އެ "ދަފްޢު" ބިނާކޮށްފައިވާ އަސާސްތަކުގެ މައްޗަށް ވާހަކަދައްކާފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 865/Cv-C/2014 ޤަޟިއްޔާ އާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަވާލާދީފައިވާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމަކީ މއ. އާމަންޑުވިލާ، ފާޠިމަތު ވަޙީދާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މއ. އާމަންޑުވިލާ އެވެކިޔާ ބަންޑާރަ ގޯތީގައި ހަދާފައި ހުރި ޢިމާރާތް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް ކުއްޔަށް ދިނުމަށްޓަކައި މއ. އާމަންޑުވިލާ، ފާޠިމަތު ވަޙީދާ އާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު 15 ފެބްރުއަރީ 2009 ގައި ވެވުނު އެއްބަސްވުމެއްކަމާއި، މި އެއްބަސްވުމުގައި ޢިމާރާތުގެ ވެރިފަރާތުގެ ( ވަހީދާގެ) ބަދަލުގައި ޕަވަރ އޮފް އެޓަރނީ ލިބިގެން ސޮއިކޮށްފައިވަނީ ފާޠިމަތު ވަހީދާގެ ފިރިހެންދަރި، މއ. އެވަރލާސްޓް، ނަޞްރުﷲ ކަމާލުއްދީން ކަމާއި، މި އެއްބަސްވުމުގެ މުއްދަތަކީ 15 ފެބްރުއަރީ 2009 އިން ފެށިގެން 31 ޑިސެންބަރ 2014 ގެ ނިޔަލަށްކަން ބަޔާންވެދިޔަ އެއްބަސްވުމުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއާއި 5 ވަނަ މާއްދާއިން އެނގެން އޮންނަ ކަމާއި، މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުލިން އުނިކުރާ އުޞޫލަކުން އެޑްވާންސްގެ ގޮތުގައި 168،000.00 (އެއްލައްކަ ފަސްދޮޅަސް އަށްހާސް) ރުފިޔާ ޢިމާރާތުގެ ވެރިފަރާތާއި ޙަވާލުކުރުމަށް ކުއްޔަށްހިފި ފަރާތުން އެއްބަސްވެފައިވާކަން ބުނެވިދިޔަ އެއްބަސްވުމުގެ 10 ވަނަ މާއްދާއާއި 12 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިއަކު މަރުވިއަސް، އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށް ބުނެވިދިޔަ އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، 8 އޯގަސްޓް 2011 ގައި ޙަވާލާދެވުނު 15 ފެބްރުއަރީ 2009 ގެ އެއްބަސްވުމަށް އެނެކްސް 1 އިތުރުކުރެވުނު ކަމާއި، މި އެނެކްސް 1 ގައި ހިމެނިފައިވާ 4 މާއްދާއަކީ ފާޠިމަތު ވަޙީދާއާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު 15 ފެބްރުއަރީ 2009 ގައި ވެފައިވާ އެއްބަސްވުމުގެ ބައެއް ކަމަށާއި، މި އެއްބަސްވުމުގެ މަޤްޞަދަކީ، ޙަވާލާދެވުނު 15 ފެބްރުއަރީ 2009 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މއ. އާމަންޑުވިލާގައި ހަދާފައި ހުރި ޢިމާރާތް ކުއްޔަށް ދީފައިވާ މުއްދަތަށް 3 އަހަރު އިތުރުކުރުމާއެކު އެ މުއްދަތުގެ ކުލީގެ ތެރެއިން 168,000.00 (އެއްލައްކަ ފަސްދޮޅަސް އަށްހާސް) ރުފިޔާ ފާޠިމަތު ވަޙީދާއަށް އެޑްވާންސްގެ ގޮތުގައި ލިބިދިނުންކަމަށް ބުނެވިދިޔަ އެނެކްސް 1 ގެ ދީބާޖާގައި ބަޔާންކޮށްފައިވާއިރު، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް މއ. އާމަންޑުވިލާ ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރޭގައި، އެތަނުގެ މިލްކުވެރިކަމަށް އެއްވެސް ބަދަލެއް ގެނައިކަމުގައި ވިޔަސް، ބުނެވިދިޔަ އެއްބަސްވުމުގައި ޢިމާރާތް ކުއްޔަށް ދީފައިވާ މުއްދަތު ހަމަނުވަނީސް، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމާ ޚިލާފުނުވާހާ ހިނދަކު، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ކުއްޔަށްދިން ތަން ވަކިނުކުރެވޭނެކަމުގެ ޔަޤީންކަން އެފަރާތަށް ލިބިދީފައިވާކަމަށް އިޝާރާތްކުރެވުނު އެނެކްސް 1 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، މއ. އާމަންޑުވިލާ، ފާޠިމަތު ވަޙީދާއާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 15 ފެބްރުއަރީ 2009 ގައި ވެވުނު އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމާއި، އެ އެއްބަސްވުމަށް 8 އޯގަސްޓް 2011 ގައި އިތުރުކުރެވުނު އެނެކްސް 1 ގައި ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެމަތިން، މއ. އާމަންޑުވިލާ ގައި ހަދާފައި ހުރި ޢިމާރާތް ކުއްޔަށް ދީފައިވާ ޖުމްލަ މުއްދަތަކީ 15 ފެބްރުއަރީ 2009 އިން ފެށިގެން 31 ޑިސެންބަރ 2017 ގެ ނިޔަލަށްކަން ބުނެވިދިޔަ އެއްބަސްވުމުގެ 5 ވަނަ މާއްދާއާއި، އެ އެއްބަސްވުމަށް އިތުރުކުރެވުނު އެނެކްސް 1 ގެ 1 ވަނަ މާއްދާއިން އެނގެން އޮންނައިރު، ބުނެވިދިޔަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން 07 ސެޕްޓެމްބަރ 2011 ގައި މއ. އާމަންޑުވިލާ، ފާޠިމަތު ވަޙީދާ ނިޔާވެފައިވާކަމާއި، އޭގެ ފަހުން 26 ޖޫން 2012 ގައި ސިވިލް ކޯޓުގެ ނަންބަރު 685/Cv-C/2012 ޤަޟިއްޔާއިން ބަލައި ފައިޞިލާކޮށްފައިވާ ފާޠިމަތު ވަޙީދާގެ ތަރިކައިގެ މައްސަލާގައި، މއ. އާމަންޑުވިލާ، ފާޠިމަތު ވަޙީދާގެ 5 ވާރިޘުން ކަމުގައިވާ ޡަފަރުﷲ ކަމާލުއްދީން އާއި، ޢަބްދުﷲ ކަމާލުއްދީން އާއި، ނަޞްރުﷲ ކަމާލުއްދީން އާއި، ޛޫޝާން ކަމާލުއްދީން އާއި، ކަހެކްޝާން ކަމާލުއްދީން އާއި މި 5 ވާރިޘުންނަށް މއ. އާމަންޑުވިލާ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ހަމަހަމަކޮށް މިލްކުވެގެންވާކަމަށް ޙުކުމްކޮށްފައިވާކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިއުންތަކުން އެނގެން އޮންނަ ކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން މއ. އާމަންޑުވިލާގެ މިލްކުވެރިކަން ފާޠިމަތު ވަޙީދާގެ ވާރިޘުންނަށް ބަދަލުވުމަށްފަހު، ޙަވާލާދެވުނު 15 ފެބްރުއަރީ 2009 ގެ އެއްބަސްވުމާއި، އެ އެއްބަސްވުމުގެ އެނެކްސް 1 ގައި ފާޠިމަތު ވަޙީދާގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމްތައް ވާރިޘުންގެ ފަރާތުން އަދާކުރަމުން އައުމަކީ ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު "ޟިމްނީ" (implied) ކޮންޓްރެކްޓެއް އުފެދިފައިވާކަމަށް ދަލާލަތުކޮށްދޭ ކަމެއްކަމަށް ބުނެ، މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 865/Cv-C/2014 ޤަޟިއްޔާ އާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބަލާއިރު، ދެ ބައިވެރިއެއްގެ ދެމެދުގައި ކުރެވޭ ޢަޤުދު ނުވަތަ ކޮންޓްރެކްޓުގެ "އަޘަރު" (effect) އެ ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުމަށް ފަހު އޭނާގެ "އަލް ޚަލަފު އަލް ޢާންމު" (Universal Successor) އިންނަށް ނުވަތަ ވާރިޘުންނަށް ނަޤުލު ވުމުގެ އުޞޫލަކީ އިސްލާމީ ފިޤުހާއި އެނޫންވެސް ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިންތިޒާމުކުރެވި އެއަށް ޢަމަލުކުރެވޭ އުޞޫލެއްކަމާއި، އެ އުޞޫލުގެ މަފްހޫމަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުމަށްފަހު، އެ ކޮންޓްރެކްޓަކުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމްތައް އޭނާގެ ވާރިޘުންނަށް އުޞޫލެއްގެ ގޮތުގައި ނަޤުލުވެގެން ދިއުންކަމާ، ނަމަވެސް އެގޮތުގެ މަތިން ކޮންޓްރެކްޓުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމްތައް ވާރިޘުންނަށް ނަޤުލުނުވާ ޙާލަތްތަކެއް ވާކަމާއި، އޭގެ ތެރޭގައި، ކޮންޓްރެކްޓުގެ އަޞްލު ބައިވެރިންގެ މެދުގައި އެ ޙައްޤުތަކާއި އިލްތިޒާމުތައް ވާރިޘުންނަށް ނަޤުލު ނުވާނެކަމަށް އެއްބަސްވެފައިވުން، ނުވަތަ ޤާނޫނުގައި ކޮންޓްރެކްޓުގެ އަޘަރު ވާރިޘުންނަށް ނަޤުލު ނުވާނޭކަމަށް ކަނޑައަޅައިފައިވުން، ނުވަތަ ކޮންޓްރެކްޓުގެ ޠަބީޢަތުގެ ގޮތުން އެ ކޮންޓްރެކްޓުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމްތައް ވާރިޘުންނަށް ނަޤުލުވުމަށް ޢުޒުރުވެރިވުން ފަދަ ޙާލަތްތައް ޝާމިލުވެގެންވާކަން އެނގެން އޮންނައިރު، ޢިމާރާތެއް ނުވަތަ ގެއެއް ފަދަ ތަނެއް ކަނޑައެޅޭ ވަކި މުއްދަތަކަށް ކުއްޔަށްދިނުމަށް ވެވޭ ކޮންޓްރެކްޓް ފަދަ ކުލީގެ ކޮންޓްރެކްޓެއްގައި ކުއްޔަށްދޭ ފަރާތް މަރުވުމަކީ އެ ކޮންޓްރެކްޓެއް ނިމުމަކަށް އަންނަ ސަބަބެއް ނޫންކަމަށާއި، ނަތީޖާއެއްގެ ގޮތުން އެފަދަ ކޮންޓްރެކްޓެއްގައި ކުއްޔަށްދޭ ފަރާތް މަރުވުމުން، އެ ކޮންޓްރެކްޓްގެ ދަށުން ލިބިދޭ ޙައްޤުތަކާއި އަދާކުރަންޖެހޭ އިލްތިޒާމްތައް އޭނާގެ ވާރިޘުންނަށް ނަޤުލުވެގެން ދިއުމަކީ އިސްލާމީ ފިޤުހުގެ ޖުމްހޫރުން އިއްތިފާޤުވާ ކަމަކަށް ވުމުގެ އިތުރުން، އެއީ ތަފާތު ޖުރިސްޑިކްޝަންތަކުގެ ޤާނޫނުތަކުގަޔާއި، ޤަޟާއީ ޕްރެކްޓިސްތަކުގައި އިސްތިޤުރާރުވެފައިވާ މަފްހޫމެއްކަންވެސް އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ "ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދު" ގެ 12 ވަނަ މާއްދާގައި، "ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިއަކު މަރުވެގެން، ވާރިޘުންގެ މެދުގައި ބިން ބަހައިދެވޭނީ، ޝަރީޢަތުން އެހެންގޮތަކަށް ނުނިންމާހާ ހިނދަކު ކުއްޔަށްދިނުމުގެ އެއްބަސްވުމާ ޚިލާފުނުވާ ގޮތެއްގެ މަތިންނެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮތުމުން، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައިވެސް ޢިމާރާތެއް ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ކުއްޔަށްދޭ ފަރާތް މަރުވުމަކީ އޭގެ ޒާތުގައި އެ އެއްބަސްވުން ނިމުމަކަށް އަންނަންޖެހޭ ސަބަބެއް ނޫންކަމާއި، އޭގެ މަފްހޫމަކީ އެފަދަ އެއްބަސްވުމެއްގެ ދަށުން އުފެދިފައިވާ ޙައްޤުތަކާއި އިލްތިޒާމްތައް ކުއްޔަށްދިން ފަރާތުގެ ވާރިޘުންނަށް ނަޤުލުވެގެން ދިއުންކަން އެނގެން އޮންނައިރު، އިސްވެ ޙަވާލާދެވުނު މއ. އާމަންޑުވިލާ، ފާޠިމަތު ވަޙީދާއާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 15 ފެބްރުއަރީ 2009 ގައި ވެވުނު އިޝާރާތްކުރެވުނު އެއްބަސްވުމާއި، އެ އެއްބަސްވުމަށް 8 އޯގަސްޓް 2011 ގައި އިތުރުކުރެވުނު އެނެކްސް 1 ގައި ބަޔާންވެގެންވާ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން ފާޠިމަތު ވަޙީދާ ނިޔާވުމާ ވިދިގެން ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ފާޠިމަތު ވަޙީދާގެ މައްޗަށް ލާޒިމުވެގެންވާ އިލްތިޒާމްތަކާއި، އެފަރާތަށް ލިބިގެންވާ އެންމެހައި ޙައްޤުތައް އެފަރާތުގެ ވާރިޘުންނަށް ނަޤުލުވެގެން ގޮސްފައިވާކަމާއި، އެގޮތަށް ނަޤުލުވެގެންދިއުމުގެ ޤާނޫނީ އަސާސަކީ "ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދު" ގެ އިސްވެ ބަޔާންވެދިޔަ 12 ވަނަ މާއްދާގެ އިތުރުން،07 ސެޕްޓެމްބަރ 2011 ގައި ފާޠިމަތު ވަޙީދާ ނިޔާވުމަށްފަހު، އަދި އެއާވިދިގެން މއ. އާމަނޑްވިލާގެ މިލްކުވެރިކަން ފާޠިމަތު ވަޙީދާގެ ވާރިޘުންނަށް ބަދަލުވުމަށްފަހުވެސް، ޙަވާލާދެވުނު އެއްބަސްވުމުގައިވާ ގޮތުގެމަތިން ފާޠިމަތު ވަޙީދާގެ ވާރިޘުން ތަކުރާރުކޮށް ޢަމަލުކޮށް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ނިޔަތް އޮތްކަން ދޭހަވާފަދަ އެއްވެސް އިޖްރާއާތެއް ހިންގުމަކާނުލައި، މއ. އާމަންޑުވިލާގެ ކުއްޔާ ޙަވާލުވެ އެ އެއްބަސްވުން ދަމަހައްޓައިފައިވުން ކަމާއި، މި އަސާސްތަކުގެ މައްޗަށް ނަޒަރުކުރާއިރު، ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ޙަވާލާދެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން އެ އެއްބަސްވުމުގެ ދަށުން ދެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމުގެ ޟިމްނީ އެއްބަސްވުމެއް ވެވިފައިވާކަން އެނގެން އޮންނަކަމާއި، ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 685/Cv-C/2012 ޤަޟިއްޔާއިން ބަލައި ފައިޞިލާކޮށްފައިވާ ފާޠިމަތު ވަޙީދާގެ ތަރިކައިގެ މައްސަލާގައި، ޙަވާލާދެވުނު ކުލީގެ އެއްބަސްވުން ދަމަހައްޓަން ފާޠިމަތު ވަޙީދާގެ ވާރިޘުންގެ މައްޗަށް އަމުރުކޮށްފައި ނެތުމަކީ އޭގެޒާތުގައި އެ އެއްބަސްވުމުގެ ދަށުން ފާޠިމަތު ވަޙީދާގެ ވާރިޘުން އަދާކުރަންޖެހޭ އިލްތިޒާމްތައް ނަފީވެގެންދާ ސަބަބެއް ނޫންކަމާ، އެހެނީ އެއީ ފާޠިމަތު ވަޙީދާގެ ތަރިކައިގެ މައްސަލާގައި ބެލުނު، އަދި ފާޠިމަތު ވަޙީދާގެ ވާރިޘުންގެ ފަރާތުން ޠަޢުނުކޮށްފައިވާ މައުޟޫއެއް ވެސް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ޢިމާރާތެއްގެ ވެރިފަރާތާއި އެހެން ފަރާތަކާ ދެމެދު އެ ޢިމާރާތް ކުއްޔަށް ދިނުންފަދަ ކަމަކާމެދު "ތަޢާޤުދީ އިލްތިޒާމެއް" (contractual obligation) އުފެދިފައި އޮތުމަކީ އޭގެޒާތުގައި އެތަން ވިއްކުން ނުވަތަ އެތަނުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުން ޢިމާރާތުގެ ވެރިފަރާތުގެ މައްޗަށް މަނާވެގެންވާ ސަބަބެއް ނޫންކަމާ، މިގޮތުން ޢިމާރާތް ކުއްޔަށްދިނުމުގެ އެއްބަސްވުމާ ޚިލާފުނުވާ ގޮތެއްގެ މަތިން، ކުއްޔަށްދޭ ފަރާތުގެ އެންމެހައި އިލްތިޒާމުތައް ޢިމާރާތް ގަންނަ، އެތަނުގެ މިލްކުވެރިކަން ބަދަލުވާ ފަރާތަށް ނުވަތަ އެތަނުގެ "އަލް ޚަލަފު އަލް ޚާއްޞް" (singular successor) އަށް ނަޤުލުވެގެންދާނޭ އުޞޫލަކުން ޢިމާރާތް ވިއްކުމުގެ ޙައްޤު ޢިމާރާތުގެ ވެރިފަރާތަށް ލިބިގެންވާކަމާއި، މި އުޞޫލާ ޚިލާފުގޮތަކަށް ޢިމާރާތް ކުއްޔަށްހިފި ފަރާތުގެ ރުހުމަކާނުލައި ޢިމާރާތުގެ ވެރިފަރާތުން ޢިމާރާތް އެހެންފަރާތަކަށް ވިއްކާލުމަކީ ޢިމާރާތުގެ ވެރިފަރާތުން ކުއްޔަށްދިނުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ނަތީޖާއެއްގެ ގޮތުން "ތަޢާޤުދީ މަސްއޫލިއްޔަތު" (contractual liability) އުފުލަންޖެހިދާނެ ކަމެއްކަން، ތަފާތު މަދަނީ ޖުރިސްޑިކްޝަންތަކުގައި ތަންޒީމުކުރެވިފައިވާ ކޮންޓްރެކްޓުން އުފެދޭ އިލްތިޒާމްތައް ނަޤުލުވާ "އަލް ޚަލަފު އަލް ޚާއްޞް"އާ ބެހޭ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، މއ. އާމަންޑުވިލާ ފާޠިމަތު ވަޙީދާ ނިޔާވުމަށް ފަހު އެ ޢިމާރާތުގެ މިލްކުވެރިކަން އެފަރާތްތަކަށް ބަދަލުވެފައިވާ ފާޠިމަތު ވަޙީދާގެ ވާރިޘުން މއ. އާމަންޑުވިލާ އެވެކިޔާ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ މ. އާދިއްލީގޭ ޑރ. އިސްމާޢީލް ރަޝީދު ޢުމަރު އަށް ވިއްކާލާފައިވާކަމާއި؛ ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި ޑރ. އިސްމާޢީލް ރަޝީދު ޢުމަރުއާ ދެމެދު ކުރެވުނު ގަނެވިއްކުމުގެ މި މުޢާމަލާތުގެ ކުރިން މއ. އާމަންޑުވިލާ، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް ކުއްޔަށްދިނުމާ ބެހޭގޮތުން 15 ފެބްރުއަރީ 2009 ގައި ވެވުނު އިސްވެ ޙަވާލާދެވުނު އެއްބަސްވުމަށް އިތުރުކުރެވުނު އެނެކްސް 1 ގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް މއ. އާމަންޑުވިލާ ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރޭގައި، އެތަނުގެ މިލްކުވެރިކަމަށް އެއްވެސް ބަދަލެއް ގެނައިކަމުގައި ވިޔަސް، ބުނެވިދިޔަ އެއްބަސްވުމުގައި ޢިމާރާތް ކުއްޔަށް ދީފައިވާ މުއްދަތު ހަމަނުވަނީސް، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ކުއްޔަށްދިން ތަން ވަކިނުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި، ކުއްޔަށްދޭ ފަރާތުގެ ޙައިޘިއްޔަތުން ފާޠިމަތު ވަޙީދާގެ ވާރިޘުން އަދާކުރަމުންދިޔަ އިލްތިޒާމްތައް ކުލީގެ މުއްދަތު ހަމަވަންދެން، މއ. އާމަންޑުވިލާ ގަތްފަރާތްކަމުގައިވާ ޑރ. އިސްމާޢީލް ރަޝީދު ޢުމަރުގެ ފަރާތުން އަދާކުރަމުން ދިއުމަށް ޝަރްޠުކޮށް ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި ޑރ. އިސްމާޢީލް ރަޝީދު ޢުމަރުއާ ދެމެދު ޤާނޫނީގޮތުން ބަދެވޭފަދަ އެއްބަސްވުމެއް ވެފައިވާކަން އެނގެން ނެތްކަމާއި، ޑރ. ޢިސްމާޢީލް ރަޝީދު ޢުމަރު އަށް މއ. އާމަންޑުވިލާ ވިއްކާލުމުގެ ކުރިން، އެ ޢިމާރާތަކީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް ކުއްޔަށް ދީފައިވާ ތަނެއްކަމަށް ފާޠިމަތު ވަޙީދާގެ ވާރިޘުންގެ ފަރާތުން ބުނެފައި އޮންނަ އޮތުމަކީ، އަދި އެ ޢިމާރާތުގެ މިލްކުވެރިކަން ޑރ. އިސްމާޢީލް ރަޝީދު ޢުމަރު އަށް ބަދަލުވުމަށްފަހު، ފާޠިމަތު ވަޙީދާގެ ވާރިޘުންގެ ފަރާތުން، މއ. އާމަންޑުވިލާގެ ކުލި މީގެ ފަހުން ޑރ. އިސްމާޢީލް ރަޝީދު ޢުމަރު އަށް ދެއްކުމަށް އަންގައި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް ސިޓީ ފޮނުވާފައި އޮންނަ އޮތުމަކީ އޭގެޒާތުގައި، މއ. އާމަންޑުވިލާ ކުއްޔަށްދިނުމާ ބެހޭގޮތުން މއ. އާމަންޑުވިލާ ފާޠިމަތު ވަޙީދާ އާއި، ފާޠިމަތު ވަޙީދާ ނިޔާވުމަށްފަހު ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އުފެދި ޤާއިމުވެފައި އޮތް ތަޢާޤުދީ ގުޅުން ޑރ. އިސްމާޢީލް ރަޝީދު ޢުމަރު އަށް، އެފަރާތުގެ ރުހުމާ ނުލައި ނަޤުލުވާންޖެހޭ ސަބަބެއް ނޫންކަމާ، މިހެންކަމުން، ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މއ. އާމަންޑުވިލާ ކުއްޔަށްދިނުމާ ބެހޭގޮތުން އުފެދިފައި އޮތް އިސްވެ ބަޔާންވެދިޔަ ތަޢާޤުދީ ގުޅުމަށް އަޘަރުކުރާފަދަ ގޮތަކަށް ފާޠިމަތު ވަޙީދާގެ ވާރިޘުންގެ ފަރާތުން ޢަމަލުކޮށްފައިވާނަމަ އޭގެ ތަޢާޤުދީ ޒިންމާ އުފުލަންޖެހޭނެ ފަރާތަކީ ފާޠިމަތު ވަޙީދާގެ ވާރިޘުން ކަމާއި، އެއީ އެއްވެސް ޙާލެއްގައި ޑރ. އިސްމާޢީލް ރަޝީދު ޢުމަރު އުފުލަންޖެހޭ ޒިންމާއެއް ނޫންކަން ފާހަގަކުރެވިފައިވާކަމެވެ.
(ޅ) ހަވަނަ ކަމަކީ، މި މައްސަލައިގެ އަޞްލު މައުޟޫޢަކީ މއ. އާމަންޑުވިލާ އެވެކިޔާ ގޯއްޗާއި އެތަނުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ޑރ. އިސްމާޢީލް ރަޝީދު ޢުމަރު އަށް ބަދަލުވެ، އެ ގޯތި އޭނާގެ ނަމުގައި ރަޖިސްޓްރީ ކުރެވުމަށްފަހު، އެ ގޯތީގައިވާ ޢިމާރާތާ ގުޅޭގޮތުން އޭނާ އާއި އެއްވެސް ތަޢާޤުދީ ގުޅުމެއް އުފެދިފައިނުވާ ފަރާތެއް ކަމުގައިވާ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އޭނާގެ ރުހުމަކާ ނުލައި، މއ. އާމަންޑުވިލާ އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތް ބޭނުންކުރަމުން ގެންދާތީ، އެ ޢިމާރާތް ހުސްކޮށް ޑރ. އިސްމާޢީލް ރަޝީދު ޢުމަރުއާ ޙަވާލުކުރުމަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށްދިނުންކަން އެނގެން އޮންނައިރު،މއ. އާމަންޑުވިލާގައި ހަދާފައިހުރި ޢިމާރާތް ކުއްޔަށް ދިނުމާ ބެހޭގޮތުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި، މއ. އާމަންޑުވިލާ ފާޠިމަތު ވަޙީދާއާ ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، އަދި ފާޠިމަތު ވަޙީދާ ނިޔާވުމަށްފަހު އޭނާގެ ވާރިޘުންނާ ދެމެދު ވެފައިވާ ޟިމްނީ އެއްބަސްވުމުގެ ދަށުން އެތަނުގެ ބޭނުން ކުރުމުގެ ޙައްޤު އެފަރާތަށް ލިބިގެންވާކަމަށް ބުނެ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ "ދަފްޢު" އާ ގުޅޭ އެންމެހައި ވަޤާއިޢުތަކަކީ ޙަޤީޤަތުގައި އެ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް މި މައްސަލައިގެ އިސްވެ ބަޔާންވެދިޔަ މައުޟޫޢުގެ މައްޗަށް ފައިޞިލާކުރެވިދާނެ ވަޤާއިޢުތަކެއް ނޫންކަމާ، އެހެނީ ޑރ. އިސްމާޢީލް ރަޝީދު ޢުމަރު އަކީ، މއ. އާމަންޑުވިލާގައި ހަދާފައިހުރި ޢިމާރާތް ކުއްޔަށް ދިނުމާ ބެހޭގޮތުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއި، މއ. އާމަންޑުވިލާ ފާޠިމަތު ވަޙީދާއާ ނުވަތަ ފާޠިމަތު ވަޙިދާގެ ވާރިޘުންނާ ދެމެދު އުފެދި ޤާއިމުވެފައި އޮތް ތަޢާޤުދީ ގުޅުމުގެ ބައިވެރިއެއް ނޫންކަމުން، އެއާވިދިގެން އުފެދޭ ޚުޞޫމަތްތަކުގައިޑރ. އިސްމާޢީލް ރަޝީދު ޢުމަރު އަކީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޚަޞްމެއްކަމަށް ބަލަންޖެހޭ ޤާނޫނީ އަސާސެއް ނެތްކަމާއި، އެފަދަ ޚުޞޫމަތެއްގައި އެފަރާތުގެ ޚަޞްމެއްކަމަށް ބަލަންޖެހޭ ޙަޤީޤީ ފަރާތަކީ ފާޠިމަތު ވަޙީދާގެ ވާރިޘުން ކަމުގައިވާއިރު، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އިޝާރާތްކުރެވުނު "ދަފްޢު" އާއި އެ "ދަފްޢު"އާ ގުޅޭ ވަޤާއިޢުތައް ހުށަހަޅަން އެންމެ މުނާސިބު މަޙައްލަކީ ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި ޑރ. އިސްމާޢީލް ރަޝީދު ޢުމަރުއާ ދެމެދު މއ. އާމަންޑުވިލާ ވިއްކުމަށް ކުރެވުނު މުޢާމަލާތުގެ ޞައްޙަކަން ކަނޑައެޅުނު ޤަޟިއްޔާކަމާއި، އެއީ ސިވިލް ކޯޓުގެ ނަންބަރު 1336/Cv-C/2012 ޤަޟިއްޔާކަމާއި، މި ޤަޟިއްޔާއިން ފާޠިމަތު ވަޙީދާގެ 05 ވާރިޘުންނާއި، ޑރ. އިސްމާޢީލް ރަޝީދު ޢުމަރުއާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތެއްގެ ދަށުން މއ. އާމަންޑުވިލާ އެވެކިޔާ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދައު، ޑރ. އިސްމާޢީލް ރަޝީދު ޢުމަރަށް ވިއްކާފައި ވުމުން، އެ ވިޔަފާރި މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއް ކަމަށާއި، އެ މުޢާމަލާތުގެ ސަބަބުން މއ. އާމަންޑުވިލާ އެވެކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދައު ޑރ. ޢިސްމާޢީލް ރަޝީދު ޢުމަރު އަށް މިލްކުވެގެންވާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން އެނގެން އޮންނައިރު، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ އެ ޤަޟިއްޔާ، ހައިކޯޓުގެ ނަންބަރު 16/HC-A/2013 ޤަޟިއްޔާއިން އިސްތިއުނާފު ކޮށްފައިވާކަމާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކޮށްފައިވާ މައިގަނޑު ސަބަބަކީ، މއ. އާމަންޑުވިލާގައިވާ ޢިމާރާތަކީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން ކުއްޔަށް ހިފާފައިވާ ޢިމާރާތަކަށްވާއިރު، އަދި އެ ގޯތި ވިއްކުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމުގައި ހުށަހެޅި ފަރާތުން އެކަން ބަޔާންކޮށްފައިވާއިރު، ޝަރީޢަތުން އެ ވިޔަފާރީގެ މުޢާމަލާތް ޞައްޙަކަމަށް ޙުކުމް ކުރިއިރު، މއ. އާމަންޑުވިލާ ފާޠިމަތު ވަޙީދާއާއެކު ކޮށްފައިވާ އެގްރީމެންޓް ދެމެހެއްޓުމާ ބެހޭގޮތުން ޝަރީޢަތުން ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބާއި، އެ ގޯތި ވިއްކުމުގެ މައްސަލަ ހުށަހެޅި ފަރާތުން ކުލީގެ މުޢާމަލާތުގެ ވާހަކަ ބަޔާންކޮށްފައި ވީނަމަވެސް، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ޙާޟިރު ކުރުމެއްނެތި މައްސަލަ ނިންމާފައިވާތީކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބާއި މި ދެ ސަބަބުކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު 1336/Cv-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާގޮތަށް، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއެކު ފާޠިމަތު ވަޙީދާ ކޮށްފައިވާ އެގްރީމެންޓް ދެމިއޮންނާނެކަމަށް ކަނޑައަޅައި ދިނުމަކީ، މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެވެން އޮތްކަމެއްކަމުގައި ނުފެންނަކަމަށާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ފަދައަކުން، އެ ފަރާތުގެ ޙައްޤަކަށް އުނިކަން ލިބޭކަމަށް ފެންނަނަމަ، އެއީ ވަކި ދަޢުވާއެއްގެ ގޮތުގައި ކަމާބެހޭ ދަށު ކޯޓަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް ފެންނަކަމަށް ހައިކޯޓުގެ ނަންބަރު 16/HC-A/2013 ޤަޟިއްޔާގައި ބަޔާންކުރުމަށްފަހު، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 1336/Cv-C/2012 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ފާޠިމަތު ވަޙީދާ ކޮށްފައިވާ އެއްބަސްވުން ދެމިއޮންނާނެކަމަށް ކަނޑައަޅައި ދެވެން ނެތްކަމަށް ކަނޑައަޅައި ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 16/HC-A/2013 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮންނައިރު، މި ޙުކުމާމެދު ހިތްހަމަނުޖެހިގެން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައި ނެތުމަކީ އޭގެ ޒާތުގައި ސިވިލް ކޯޓުގެ ނަންބަރު 1336/Cv-C/2012 ޤަޟިއްޔާއަށް ތާއީދުކޮށް، ކޮށްފައިވާ ހައިކޯޓުގެ ނަންބަރު 16/HC-A/2013 ޤަޟިއްޔާގެ ޙުކުމް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤަބޫލުކޮށްފައިވާ ކަމުގެ ހަރުދަނާ ޤަރީނާއެއް ކަން ފާހަގަކުރެވިފައިވާ ކަމެވެ.
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މއ. އާމަންޑުވިލާގެ ކުރީގެ މިލްކުވެރިންކަމުގައިވާ މއ. އާމަންޑުވިލާ ފާޠިމަތު ވަޙީދާގެ 5 ވާރިޘުން އެ ގޯތީގައިވާ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ މ. އާދިއްލީގޭ ޑރ. އިސްމާޢީލު ރަޝީދު ޢުމަރު އަށް ވިއްކާފައިވާއިރު، އެ ވިއްކުން ޞައްޙަ ކަމަށާއި، އޭގެ ސަބަބުން މއ. އާމަންޑުވިލާ އެވެކިޔާ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ މިހާރު މިލްކުވެގެންވަނީ ޑރ. އިސްމާޢީލު ރަޝީދު ޢުމަރު އަށް ކަމަށް ސިވިލް ކޯޓުގެ ނަންބަރު 1336/Cv-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ހައިކޯޓުގެ ނަންބަރު 16/HC-A/2013 ޤަޟިއްޔާއިން ތާއީދުކޮށްފައިވާ އިރު، އެ ޙުކުމަކީ މިހާރު ކަނޑައެޅި ނިޔާގެ ބާރު (res judicata) ލިބިފައިވާ ފައިޞިލާކުރަނިވި ނިހާއީ ޙުކުމެއް ކަމުގައި ވާއިރު، އަދި އެ ޙުކުމުގައި މއ. އާމަންޑުވިލާ ގެ މިލްކުވެރިކަން ޑރ. އިސްމާޢީލު ރަޝީދު ޢުމަރު އަށް ބަދަލުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ، މއ. އާމަންޑުވިލާގައި ހަދާފައިހުރި ޢިމާރާތް ކުއްޔަށް ދިނުމާ ބެހޭގޮތުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި، މއ. އާމަންޑުވިލާ، ފާޠިމަތު ވަޙީދާއާ ދެމެދު ކުރީގައި ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް އިލްތިޒާމެއް ޑރ. އިސްމާޢީލު ރަޝީދު ޢުމަރު އަދާކުރަންޖެހޭ އުޞޫލަކުން ނޫންކަމުގައި ވާއިރު، އަދި ފާޠިމަތު ވަޙިދާގެ ވާރީޘުން ޑރ. އިސްމާޢީލު ރަޝީދު ޢުމަރު އަށް މއ. އާމަންޑްވިލާގައި ހަދާފައިހުރި ޢިމާރާތް ވިއްކާފައިވަނީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެކު އެ ޢިމާރާތް ކުއްޔަށް ދިނުމަށް ކުރީގައި ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ޝަރްޠުކޮށްފައި ކަމުގައި ނުވާއިރު، ޑރ. އިސްމާޢީލު ރަޝީދު ޢުމަރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އޭނާގެ ޚާލިޞް މިލްކެއް ކަމަށްވާ މއ. އާމަންޑުވިލާ ގައި ހަދާފައިވާ ޢިމާރާތުގެ ބޭނުން އޭނާގެ ރުހުމާނުލައި ކުރުމުގެ ޙައްޤު އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް މިހާރު ގެއްލިގެން ގޮސްފައިވާތީ، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/307 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރުމަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަން ފާހަގަކުރެވިފައިވެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، މ. އާދިއްލީގޭ ޑރ. އިސްމާޢީލު ރަޝީދު ޢުމަރުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މއ. އާމަންޑުވިލާ އެވެކިޔާ އަމިއްލަ ގޯތީގައި ހަދާފައިވާ ޢިމާރާތް އެފަރާތުގެ ނުރުހުމުގައި ބޭނުންކުރުމުގެ ޙައްޤު އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންނުވާކަމަށް ކަނޑައަޅައި، މއ. އާމަންޑުވިލާ އެވެކިޔުނު ގޯތީގައި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭނުންކުރަމުންދާ ޢިމާރާތުގައި އެ ފަރާތުން ތިބިނަމަ ތިބި ބަޔަކާއި ހުރިނަމަ ހުރި ތަކެއްޗެއް ނެރެ، ތަން ހުސްކޮށް މ. އާދިއްލީގޭ ޑރ. އިސްމާޢީލު ރަޝީދު ޢުމަރުއާ ޙަވާލުކުރުމަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް އަންގައި ސިވިލް ކޯޓުގެ ނަންބަރު 865/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.