މުޙައްމަދު ވަޙީދު އިބްރާހީމް ވ. އިލެކްޝަންސް ކޮމިޝަން އަދި އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ދަށު ކޯޓަކުން ބަލާފައިވާ މައްސަލައެއް ނޫނެވެ. ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. 27 އޮގަސްޓް 2017 ގައި ކޯޓުން އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ނިންމި ނަމަވެސް، 2018/SC-C/06 ގެ ފަހުން އަލުން ބެލިއެވެ.
- ވާޤިޢާ
- ތުލުސްދޫ ދާއިރާގެ މެންބަރު 28 މާރިޗު 2017 ގައި ޕީ.ޕީ.އެމްއިން ވަކިކުރި ނަމަވެސް އޭނާ އިސްތިއުނާފެއް ނުކުރެއެވެ. 13 ޖުލައި 2017 ގައި 2017/SC-C/17 ޙުކުމްކުރުމުން، ޕާޓީން އެ ނިންމުން އަމިއްލައަށް އިސްތިއުނާފުކޮށް 18 ޖުލައި 2017 ގައި އަލުން ވަކިކުރިއެވެ. 19 ޖުލައި 2017 ގައި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ހުސްވި ކަމަށް ނިންމިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- 2017/SC-C/17 ޤަޟިއްޔާގެ ޙުކުމްކުރި ތާރީޚުގެ ކުރިން ޕާޓީގެ މެންބަރުކަމުން ވަކިކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ ތާރީޚުގެ ކުރިން ކުރިކަމަށް ބުނާ ޢަމަލެއްގެ މައްޗަށް ޕާޓީން އަލުން ވަކިކުރުމުން، އޭނާގެ ގޮނޑި ހުސްވެފައިވާކަމަށް ބަލައި ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތްވާ ޞައްޙަ ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މެންބަރު ބުނީ ކޮމިޝަނުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އާއި 30 ވަނަ މާއްދާގެ (ހ) ގެ ޙައްޤުތަކާއި، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި، 2017/SC-C/17 އާއި 2017/SC-SJ/09 އާ ޚިލާފު ނިންމުމެއް ކަމަށެވެ. އޭނާ ވަކިކުރީ އެ ޙުކުމުގެ ކުރިން ކަމަށް ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- 2017/SC-C/17 ހިނގަނީ 13 ޖުލައި 2017 ގެ ފަހުން މެދުވެރިވާ ޙާލަތްތަކަށެވެ. 28 މާރިޗުގެ ވަކިކުރުން އިސްތިއުނާފު ނުކުރުމުން ނިހާއީވިއެވެ. ޕާޓީގެ ޤަވާޢިދުގައި އިސްތިއުނާފުގެ ޙައްޤު ލިބިދީފައިވަނީ މެންބަރަށް އެކަނި ކަމުން، ޕާޓީގެ އިސްތިއުނާފަކުން ގޮނޑި ހުސްނުވެއެވެ. ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ މައްސަލަތަކުގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރަން ޖެހޭތީ 27 އޮގަސްޓުގެ ނިންމުން ބާޠިލުކުރެއްވިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލު2017/SC-C/19، 2017/SC-C/20، 2017/SC-C/21 އަދި 2017/SC-C/22 ޤަޟިއްޔާތަކުގައި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުން 27 އޮގަސްޓް 2017 ގައި ނިންމި ނިންމުން ބާޠިލުކޮށް، މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ ޙާލަތަކީ 2017/SC-C/17 ޙުކުމް ތަޠުބީޤުކުރެވޭނެ ޙާލަތެއް ނޫންކަމަށް ކަނޑައަޅައި، ތުލުސްދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން 19 ޖުލައި 2017 ގައި ނިންމި ނިންމުން ބާޠިލުކޮށް، މައްސަލަ ހުށަހެޅި ފަރާތުގެ ގޮނޑި ހުސްނުވާކަމަށާއި އޭނާއަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރުކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ބެލުމުން، މިފަދަ މައްސަލައަކީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި، މައްސަލައިގެ މައުޟޫއުގެ މައްޗަށް ފައިޞަލާކުރަނިވި ނިންމުމަކުން ގޮތެއް ކަނޑައަޅައި އިންޞާފު ޤާއިމުކުރަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެކެވެ.
HN2 ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި މެންބަރަކު ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އަމިއްލައަށް ވަކިވުމާއި، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމަށް ބަލަންވާނީ، އެ ޙާލަތެއް މެދުވެރިވެފައިވަނީ އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން ކަމުގައިވާނަމައެވެ. އެ ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ ޙާލަތެއްގެ މައްޗަށް ނުވަތަ އެފަދަ ޙާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ޙުކުމުގެ އަޘަރު މާޟީއަށް ރުޖޫޢަވާގޮތަށް ތަޠްބީޤު ނުވަތަ ތަންފީޛުކުރުން ހުއްދަކުރެވިފައެއް ނުވެއެވެ.
HN3 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމަށްފަހު، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރުމުގައި ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އާއި ޕާޓީގެ އަސާސީ ޤަވާޢިދުގައި ނުވަތަ އެނޫން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވިއަސް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާއާތު (due process of law) އަށް ތަބާވުން އިސްތިޘްނާކުރެވިފައެއް ނުވެއެވެ.
HN4 ޕާޓީގެ މެންބަރަކު ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ޕާޓީއިން ނިންމި ނިންމުމެއް، އެ މެންބަރަށް ލިބިފައިވާ އިސްތިއުނާފުކުރުމުގެ މުއްދަތުގައި އިސްތިއުނާފުކޮށްފައި ނުވުމުގެ ސަބަބުން، އެ ނިންމުމަކީ ނިހާއީ ނިންމުމެއް ކަމާއި، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި ޕާޓީގެ އަސާސީ ޤަވާޢިދުގެ ދަށުން އެ ނިންމުމަށް ޤާނޫނީ ބާރު ލިބިފައިވާ ނިންމުމެއްކަމުން، އެ ނިންމުމުގެ ނަތީޖާއެއްގެ ގޮތުން އެ މެންބަރަކީ ޕާޓީގެ މެންބަރެއް ނޫންކަން ޤާނޫނީގޮތުން ބަލަންޖެހޭ ފަރާތެކެވެ. އަދި އެ ނިންމުމަކީ ޞައްޙަކަންމަތީ ދެމިއޮތް ނިންމުމެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ނިންމުމެކެވެ.
HN5 ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދުގެ 21 ވަނަ މާއްދާގެ ނައްޞަށް ބެލުމުން، މެންބަރެއްގެ މައްސަލައެއް ސުލޫކީ ކޮމިޓީން ނުވަތަ ޕާޓީގެ އެނޫން ގުނަވަނަކުން ނިންމިގޮތާމެދު ހިތްހަމަނުޖެހިއްޖެނަމަ އެ މައްސަލައެއް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވަނީ ހަމައެކަނި އެ މެންބަރަކަށެވެ. އެ މެންބަރަކު ފިޔަވައި އެ ޕާޓީއަށް ނުވަތަ އެ ޕާޓީގެ އެހެން މެންބަރަކަށް ނުވަތަ އެހެން ފަރާތަކަށް އެފަދަ މައްސަލައެއް އިސްތިއުނާފުކުރުމުގެ ޙައްޤު އެއްވެސް މިންވަރަކަށް ލިބިދީފައެއް ނުވެއެވެ. އަދި އެ އިސްތިއުނާފީ ޙައްޤަކީ އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ނުވަތަ އޭގެ ފަހުންނަމަވެސް ޕާޓީއިން ބޭނުންވެއްޖެ ހިނދެއްގައި ޕާޓީގެ މަޞްލަޙަތުގައި ބޭނުންކުރެވިދާނެ ޙައްޤެއް ނޫނެވެ.
HN6 ޕާޓީގެ މެންބަރުކަމުން ވަކިކުރުމުގެ ނިހާއީ ނިންމުމެއް ޕާޓީގެ ފަރާތުން އިސްތިއުނާފުކުރުމުގެ އެއްވެސް ތަޞައްވުރެއް ނުވަތަ އަސާސެއް ޕާޓީގެ ޤަވާޢިދުގައި ނެތްއިރު، އެ ނިންމުން ޕާޓީން އިސްތިއުނާފުކުރުމަށް ނިންމައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިމުނު ތާރީޚުގެ ކުރީގައި ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ މައްޗަށް އިޖުރާއާތު ހިންގައި މެންބަރުކަމުން ވަކިކުރުމަކީ، އެ ޤަޟިއްޔާގެ ޙުކުމް ތަޠްބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫނެވެ. އަދި އެފަދަ ޙާލަތަކީ ޤާނޫނު ނަންބަރު 2/2018 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ ދަށުންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް ބެލެވޭނެ ޙާލަތެއް ނޫނެވެ.
HN7 ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 18 ވަނަ މާއްދާއިން ސިޔާސީ ޕާޓީގެ ދަފްތަރު ބެލެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން އެނގެން އޮތްނަމަވެސް، ސިޔާސީ ޕާޓީއެއްގެ ދަފްތަރުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ނަން އުނިނުކުރާހާ ހިނދަކު އެ ފަރާތެއް ބެލެވޭނީ އެ ޕާޓީއެއްގެ މެންބަރެއްކަމަށް ޞަރީޙަކޮށް ނުވަތަ އެނޫންގޮތަކަށް ނަމަވެސް ބުނާ ޢިބާރާތެއް އެ މާއްދާގައި އައިސްފައެއް ނުވެއެވެ. އެހެންކަމުން، ކުރިން ޕާޓީއިން ވަކިކުރެވިފައިވާ މެންބަރެއްގެ ނަން އިލެކްޝަންސް ކޮމިޝަނުން ފަހުން ދަފްތަރުން އުނިކުރުމަކީ، ކުރިން ވަކިކުރުމުގެ ސަބަބުން އޭނާއަކީ ޕާޓީގެ މެންބަރެއް ނޫންކަމުގައި ބެލުމަށް ހުރަސްއެޅޭނެ ކަމެއް ނޫނެވެ.
HN8 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައި ފައިޞަލާކުރުމަކީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞެއްކަމުގައި ވާއިރު، އެފަދަ މައްސަލަތައް ބަލައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އުފެދިފައިވާ ޚުޞޫމަތަށް ފައިޞަލާކުރެވި، އެ ޚުޞޫމަތަށް ނިހާއީ ޙައްލެއް ލިބެނިވި އުޞޫލެއްގެ މަތިން ނިންމާ ނިންމުމަކަށް ވާންޖެހޭނެއެވެ. އަދި އެފަދަ ޚުޞޫމަތްތަކުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންވާނީ ކަނޑައެޅިފައިވާ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލައެއް ބަލައި ފައިޞަލާކުރުމަށް ފަހުގައެވެ.
HN9 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅި މައްސަލަތަކުގައި އަޑުއެހުންތައް ނިމުމަށްފަހު ފައިޞަލާކުރަނިވި ޙުކުމެއް ނުކޮށް، އެ މައްސަލަތަކުގައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ނިންމުމަކީ، އެފަދަ މައްސަލަތައް ބަލައި ފައިޞަލާކުރުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އިޖުރާއާތުތަކާ ޚިލާފަށް މައްސަލައިގެ މައުޟޫއަށް ފައިޞަލާނުކޮށް ނިންމާފައިވާ ނިންމުމެއް ކަމުން، އެއީ ބާޠިލުކުރަންޖެހޭ ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، އާދަމް މުޙައްމަދު ޢަބްދުﷲ، ޢަބްދުﷲ ދީދީ، ޢަބްދުލްޣަނީ މުޙައްމަދު
- ރިޔާސަތު
- ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 19/SC-C/2017
ދަޢުވާކުރާ ފަރާތް: މުޙައްމަދު ވަޙީދު އިބްރާހީމް، މއ. އައިވަރީ ހައުސް، މާލެ
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
އެޓަރނީ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މައްސަލައިގެ ޚުލާޞާ
[1]މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި، ގޮތެއް ކަނޑައަޅަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވާ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މއ. އައިވަރީ ހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި އަދި އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤާއި މިނިވަންކަމާއި އަދި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި ސިޔާސީ ޕާޓީގެ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރުން އެކަށައަޅާފައިވާ ޤަޟާއީ ނިންމުންތަކާ ތަޢާރުޟުވާގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެ ނިންމުން ބާޠިލުކަމަށާއި، އަދި މުޙައްމަދު ވަޙީދު އިބްރާހީމްއަކީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރުކަމަށް ކަނޑައަޅައިދިނުމަށް އެދި، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދަޢުވާލިބޭ ގޮތަށް މއ. އައިވަރީ ހައުސް، މުޙައްމަދު ވަޙީދު އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.
[2]ފާހަގަކުރެވުނު ނުކުތާތައް:
[3]މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ޤަވާޢިދުތަކަށާއި މި މައްސަލައާ ގުޅުންހުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކަށާއި މައްސަލަ ހުށަހެޅި ފަރާތާއި މައްސަލައިގެ ދަޢުވާ ރައްދުވި ފަރާތާއި އެޓަރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި މި ބާވަތުގެ މައްސަލަތަކުގައި ތަޠުބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[4](ހ) ފުރަތަމަ ކަމަކީ، މި މައްސަލައިގެ ދަޢުވާގެ ސީޣާއަށް ބެލުމުން މައްސަލަ ހުށަހެޅި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ، މައްސަލަ ހުށަހެޅި ފަރާތަކީ، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރުކަމަށްވާއިރު، މައްސަލަ ހުށަހެޅި ފަރާތް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި، އަދި އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު، ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤާއި މިނިވަންކަމާއި އަދި ޤާނޫނު ނަންބަރު 2013/04 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި "ސިޔާސީ ޕާޓީގެ ޤަވާޢިދު" ގެ 18 ވަނަ މާއްދާގެ (ހ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދު ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރުން އެކަށައަޅާފައިވާ ޤަޟާއީ ނިންމުންތަކާ ތަޢާރުޟުވާގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ، އެ ނިންމުން ބާޠިލުކަމަށާއި، އަދި މައްސަލަ ހުށަހެޅި ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރުކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއަށް ރިޢާޔަތްކޮށްގެންކަން މި މައްސަލައިގެ ދަޢުވާގެ ސީޣާއަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށާ، އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ބެލުމުން މި މައްސަލައަކީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި، މި މައްސަލައިގެ މައުޟޫއުގެ މައްޗަށް ފައިޞަލާކުރަނިވި ނިންމުމަކުން ގޮތެއް ކަނޑައަޅައި އިންޞާފު ޤާއިމުކުރަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
[5](ށ) ދެވަނަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތުން މި ދަޢުވާގައި އިޝާރާތްކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ 19 ޖުލައި 2017 ގެ ނިންމުމަށް ބަލާއިރު އެ ނިންމުމަކީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވާ ނިންމުމެއްކަމާއި، އެ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި އެ ޤަޟިއްޔާގެ ޙުކުމް ކުރެވުނު ތާރީޚު (13 ޖުލައި 2017) އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިޚާބުވި ޕާޓީނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް، ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާތީކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު، ކ. މާލެ މއ. އައިވަރީ ހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް އާއި، ވިލިނގިލި ދާއިރާގެ މެންބަރު ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިން އާއި، ދިއްދޫ ދާއިރާގެ މެންބަރު ހއ. ދިއްދޫ، ފުނަމާގެ، ޢަބްދުއްލަޠީފު މުޙައްމަދު އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު، ގދ. ގައްދޫ، ރޯސްމާގެ، މުޙައްމަދު އަމީތު އަޙްމަދުމަނިކު ގެ ނަން އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން ވަކިކޮށްދިނުމަށް އެދި 18 ޖުލައި 2017 ވީ އަންގާރަ ދުވަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާތީ، އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން މި ހަތަރު މެންބަރުންގެ ނަން އުނިކުރެވިފައިވާކަން 18 ޖުލައި 2017 ވީ އަންގާރަ ދުވަހު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ އަންގާފައިކަމަށާއި، މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއަށް ރިޢާޔަތްކޮށް މި ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި، ޤާނޫނުއަސާސީގެ 78 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބާއްވަންޖެހޭ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައިކަމަށް ބަޔާންކޮށް އެ ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮންނަކަމެވެ.
[6](ނ) ތިންވަނަ ކަމަކީ، އިލެކްޝަންސް ކޮމިޝަނުގެ އިސްވެ އިޝާރާތްކުރެވުނު 19 ޖުލައި 2017 ގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކޮށްގެންކަމަށް އެ ނިންމުމުގައި ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިންމާފައިވާގޮތަށް ބަލާއިރު އެ ޤަޟިއްޔާ ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލައި، އެ ޕާޓީގެ ސިޔާސީ މެނިފެސްޓޯ އާއި، އެ ޕާޓީގެ ސިޔާސީ ފިކުރު ކުރިއަރުވައި، އެ ފިކުރަށް އިޙްތިރާމުކުރުންމަތީ ދެމި ހުންނާނެ ކަމުގެ ޢަހްދު ރައްޔިތުންނަށް ވުމުން، އެ އަސާސްގެ މައްޗަށް ރައްޔިތުން އިންތިޚާބު ކާމިޔާބުކޮށްދޭ ޕާޓީއެއްގެ މެންބަރަކު، އެ މެންބަރަކު އެ ޕާޓީއެއްގެ ނަމުގައި އިންތިޚާބުވި ޕާޓީގެ ފިކުރުދޫކޮށް އެހެން ފިކުރަކަށް ތާއީދުކޮށް އެ މެންބަރަކު ނިސްބަތްވާ ޕާޓީ ބަދަލުކުރުމަކީ، ނުވަތަ އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ އުޞޫލުތަކާ ޚިލާފަށް އެ މެންބަރަކު ޢަމަލުކުރުމުގެ ސަބަބުން އެ ޕާޓީއަކުން އެ މެންބަރަކު ވަކިކުރުމަކީ، އެ މެންބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުން އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރި މަޤުޞަދު ގެއްލިގެން ދާނެކަމެއްކަމަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެގޮތުގެ ޝަރްޠުތަކާއި އިޖުރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމުކުރަންޖެހޭ ކަމަށް ކަނޑައަޅައި، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް އެ ޤަޟިއްޔާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވުމާ ގުޅިގެން ޤާނޫނުއަސާސީގެ 78 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ބައި-އިލެކްޝަން ބާއްވަން ވާނެކަމަށް ކަނޑައެޅުމާއެކު، އެ ޤަޟިއްޔާ ނިންމި ތާރީޚުކަމަށްވާ، މީލާދީ ސަނަތުން 2017 ވަނަ އަހަރު ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، އެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކަށް ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި، އިލެކްޝަންސް ކޮމިޝަނަށާއި، ދައުލަތުގެ މުއައްސަސާތަކަށާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި ޙުކުމްކޮށްގެންކަން ބުނެވިދިޔަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެން އޮންނަކަމެވެ.
[7](ރ) ހަތަރުވަނަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތުގެ ދަޢުވާގައި އިޝާރާތްކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބަލާއިރު އެ އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ، 13 ޖުލައި 2017 ގައި ނިމުނުތާ ތިންވަނައަށްވީ ދުވަހު (16 ޖުލައި 2017 ވަނަ ދުވަހު) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްކަމާއި، އެ އަމުރުގެ ދެވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތިން ޙާލަތުންކުރެ ޙާލަތަކީ އެ ޙުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ޙާލަތެއްނަމަ، ނުވަތަ އެއިން ޙާލަތަކާގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއްނަމަ އެފަދަ އެއްވެސް ޙާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ޙާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ޙުކުމުގެ އަޘަރު އެއްވެސްގޮތަކުން މާޟީއަށް ރުޖޫޢަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަޠްބީޤު ނުވަތަ ތަންފީޛުކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށާއި، އަދި އެ އަމުރުގެ ތިންވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމަށްފަހު، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރުމުގައި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އާއި ޕާޓީގެ އަސާސީ ޤަވާޢިދުގައި ނުވަތަ އެނޫން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވިއަސް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާއާތު (due process of law) އަށް ތަބާވުން އިސްތިޘްނާކުރެވިފައި ނުވާކަން އެ ޤަޟިއްޔާއިން ކަނޑައެޅިގެން އެނގެން އޮންނަކަމަށް އެ އަމުރުގައި ސާފު ބަހުން ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚު ކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން، އެ ތާރީޚުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެގޮތުގެ ޝަރްޠުތަކާއި އިޖުރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމުކޮށް، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ބަލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ރިޢާޔަތްކޮށް ހުސްވެއްޖެކަމަށް ބަލަންވާނީ އެ ގޮނޑި ތަމްޘީލުކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެފައިވަނީ އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން ކަމުގައިވާނަމަކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން އެނގެން އޮންނަ ކަމެވެ.
[8](ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ފެށުމުގައި ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް އެ ޤާނޫނުގައިވާ ގޮތުގެމަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ޤަވާޢިދެއް އޮންނަންވާނެކަމަށް ބަޔާންކުރުމަށްފަހު އެ އަސާސީ ޤަވާޢިދުގައި ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި އެ މާއްދާގެ (ސ) ގައި "ޕާޓީގެ މެންބަރަކަށް ވެވޭނެ ގޮތާއި މެންބަރުކަމުން ވަކިވެވޭނެ ގޮތާއި ވަކިކުރެވޭނެ އުސޫލުތައް" މިފަދައިން ކަނޑައެޅި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގައި "އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ޕާޓީގެ މެންބަރަކު، މެންބަރުކަމުން ވަކިވާނެއެވެ." މިފަދައިން ސާފުކޮށް ބަޔާންކުރުމަށްފަހު އެ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި "ޕާޓީގެ އަސާސްތަކާއި ޚިލާފަށް ޢަމަލުކޮށް، ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވަކާލާތުކުރާ މެންބަރުން، މެންބަރުކަމުން ވަކިކުރުމަށް ޕާޓީގެ ސުލޫކީ ކޮމިޓީން އަދި/ނުވަތަ އިސްތިއުނާފު ކޮމިޓީން ނިންމުން" މިފަދައިން ބަޔާންކޮށްފައިވާއިރު، މި މައްސަލަ ހުށަހެޅި ފަރާތަކީ އެ ފަރާތުގެ މައްސަލަތަކެއް ޕީ.ޕީ.އެމްގެ ސުލޫކީ ކޮމިޓީން ބަލައި، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިމުނު ތާރީޚުގެ މާކުރީގެ ތާރީޚެއް ކަމުގައިވާ 28 މާރިޗު 2017 ވަނަ ދުވަހު ފިޔަވަޅުއަޅައި، ޕާޓީއިން އޭނާ ވަކިކުރިކަމަށް ލިޔުމުން އަންގާފައިވާ ފަރާތެއްކަން ޕީ.ޕީ.އެމްގެ ނަންބަރު L-85/2017 (28 މާރިޗު 2017) ސިޓީއިން އެނގެން އޮންނަ އޮތުމުގެ އިތުރުން ޕީ.ޕީ.އެމްގެ މި ސިޓީއަކީ، އިލެކްޝަންސް ކޮމިޝަނަށް ކޮޕީކޮށް އެ ކޮމިޝަނަށް ޕީ.ޕީ.އެމްގެ ފަރާތުން ފޮނުވާފައިވާ ސިޓީއެއްކަންވެސް މި ސިޓީއިން އެނގެން އޮތުމުން މައްސަލަ ހުށަހެޅި ފަރާތަކީ 28 މާރިޗު 2017 އިން ފެށިގެން ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކުރެވިފައިވާކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭ ފަރާތެއްކަން އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އަށާއި "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ ކަމެވެ.
[9](ޅ) ހަވަނަ ކަމަކީ، "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގެ 21 ވަނަ މާއްދާގެ (ހ) ގައި ސުލޫކީ ކޮމިޓީން ނުވަތަ ޕާޓީގެ އެނޫން ގުނަވަނަކުން ނިންމާ މައްސަލައެއް ނިންމިގޮތާމެދު މާލޭގައި ދިރިއުޅޭ މެންބަރަކު ހިތްހަމަނުޖެހިއްޖެނަމަ، އެ މައްސަލައެއް ސުލޫކީ ކޮމިޓީން ނިމުނު ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެ މައްސަލައެއް އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅާންވާނެކަމަށް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ށ) ގައި ސުލޫކީ ކޮމިޓީން ނިންމާ މައްސަލައެއް ނިންމިގޮތާމެދު މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅޭ މެންބަރަކު ހިތްހަމަނުޖެހިއްޖެނަމަ އެ މައްސަލައެއް ސުލޫކީ ކޮމިޓީން ނިމުނު ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެ މައްސަލައެއް އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅާންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލަ ހުށަހެޅި ފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަމަށް އެ ފަރާތުން ބުނެފައިވާކަމާއި، އަދި މި މައްސަލަ ހުށަހަޅާފައިވާ ފަރާތް އިޝާރާތްކުރެވުނު ޤަވާޢިދުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރުމަށް ލިބިދީފައިވާ 15 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިނުވާކަމަށް ބުނެފައިވާކަމާއި، އަދި އިސްތިއުނާފުގެ އެ މުއްދަތު ފާއިތުވެގެން ދިޔައިރު، މައްސަލަ ހުށަހެޅި ފަރާތުން އެ މުއްދަތުގެ ތެރޭގައި ބުނެވުނު ޤަވާޢިދުގެ ދަށުން އިސްތިއުނާފުކޮށްފައި ނުވާކަން މި މައްސަލައިގައި ދަޢުވާލިބޭ ފަރާތުންނާއި އެޓަރނީ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގެ 21 ވަނަ މާއްދާގެ ނައްޞަށް ބެލުމުން މައްސަލަ ހުށަހެޅި ފަރާތާމެދު ސުލޫކީ ކޮމިޓީން ނުވަތަ ޕާޓީގެ އެނޫން ގުނަވަނަކުން ނިންމާ މައްސަލައެއް ނިންމިގޮތާމެދު ހިތްހަމަނުޖެހިއްޖެނަމަ އެ މައްސަލައެއް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވަނީ ހަމައެކަނި އެ މެންބަރަކަށްކަމާއި، އެ މެންބަރަކު ފިޔަވައި އެ ޕާޓީއަށް ނުވަތަ އެ ޕާޓީގެ އެހެން މެންބަރަކަށް ނުވަތަ އެހެން ފަރާތަކަށް އެފަދަ މައްސަލައެއް އިސްތިއުނާފުކުރުމުގެ ޙައްޤު އެއްވެސް މިންވަރަކަށް ލިބިދީފައި ނުވާކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
[10](ކ) ހަތްވަނަ ކަމަކީ، ޕީ.ޕީ.އެމް އިން، މައްސަލަ ހުށަހެޅި ފަރާތް 28 މާރިޗު 2017 ގެ ތާރީޚުގައި ވަކިކޮށްފައިވާއިރުވެސް އިލެކްޝަންސް ކޮމިޝަނުން، ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތުގެ ނަން އުނިކޮށްފައި ނުވާތީ ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތުގެ ނަން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގައި 10 ޖުލައި 2017 ވަނަ ދުވަހު މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާކަން، މައްސަލަ ހުށަހެޅި ފަރާތުން އެ ކޮމިޝަނަށް ފޮނުވާފައިވާ 10 ޖުލައި 2017 ގެ ސިޓީ އިން އެނގެން އޮންނައިރު، އެ ސިޓީގައި މައްސަލަ ހުށަހެޅި ފަރާތުން އެދުނު ގޮތުގެމަތިން ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތުގެ ނަން އެ ކޮމިޝަނުން އުނިކޮށްދީފައި ނުވާތީ، "ސިޔާސީ ޕާޓީގެ ޤަވާޢިދު" ގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވުމަށް އެދި ހުށަހަޅާ ފޯމުވެސް 11 ޖުލައި 2017 ގައި އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފަރާތުން އިލެކްޝަންސް ކޮމިޝަނަށް 10 ޖުލައި 2017 ގެ ތާރީޚުގައި ފޮނުވިކަމަށް ބުނެފައިވާ ސިޓީ އާއި އަދި 11 ޖުލައި 2017 ގައި ހުށަހެޅިކަމަށް ބުނާ ފޯމްއަކީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަރާތުން ފޮނުވާފައިވާ ލިޔުންތަކެއްކަމާމެދު އިލެކްޝަން ކޮމިޝަންގެ ފަރާތުންވެސް އަދި އެޓަރނީ ޖެނެރަލްގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގައިވެސް އިންކާރުކޮށްފައި ނުވާކަން އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފަރާތް އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތުގެ ނަން އުނިކޮށްދިނުމަކީ "ސިޔާސީ ޕާޓީގެ ޤަވާޢިދު" ގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން އެނގެން އޮންނައިރުވެސް އެކަން މައްސަލަ ހުށަހެޅި ފަރާތުގެ ޙައްޤުގައި ކޮށްދެވިފައި ނުވާކަން މައްސަލަ ހުށަހެޅި ފަރާތާއި މައްސަލައިގައި ދަޢުވާ ލިބުނު އިލެކްޝަންސް ކޮމިޝަނާއި އަދި އެޓަރނީ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން އޮންނަ ކަމެވެ.
[11](އ) އަށްވަނަ ކަމަކީ، "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގެ 21 ވަނަ މާއްދާގައި ބަޔާންވެފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަކީ، ޕީ.ޕީ.އެމްގެ މެންބަރަކާމެދު ސުލޫކީގޮތުން އެ ޕާޓީއިން އަޅާ ފިޔަވަޅަކާމެދު ސީދާ އެ މެންބަރަކު ހިތްހަމަނުޖެހިއްޖެނަމަ، ހަމައެކަނި އެ މެންބަރަކަށް ލިބިދީފައިވާ ޙައްޤެއްކަމާއި އަދި އެފަދަ މެންބަރަކަށް ލިބިދީފައިވާ އެ އިސްތިއުނާފީ ޙައްޤަކީ އެ އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ނުވަތަ އިސްތިއުނާފުގެ މުއްދަތުގެ ފަހުންނަމަވެސް އެ ޕާޓީއިން ބޭނުންވެއްޖެ ހިނދެއްގައި އެ ޕާޓީގެ މަޞްލަޙަތުގައި ބޭނުންކުރެވިދާނެ ޙައްޤެއްކަމަށް އެ ޕާޓީގެ ބުނެވުނު ޤަވާޢިދުގައި އެއްވެސް މިންވަރަކަށް ކަނޑައަޅާފައި ނުވާކަން ސާފުކޮށް އެނގެން އޮންނައިރުވެސް، އަދި މައްސަލަ ހުށަހެޅި ފަރާތާމެދު އެ ޕާޓީއިން ސުލޫކީ މައްސަލަތަކެއް ބަލައި، މައްސަލަ ހުށަހެޅި ފަރާތް އެ ޕާޓީގެ މެންބަރުކަމުން 28 މާރިޗު 2017 ގައި ވަކިކޮށްފައިވާއިރު، އެ ނިންމުން އިސްތިއުނާފުކުރުމަށް ބުނެވުނު ޤަވާޢިދުގެ ދަށުން މައްސަލަ ހުށަހެޅި ފަރާތަށް ލިބިދީފައިވާ އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިޔައިރު ޕީ.ޕީ.އެމްގެ އެ ނިންމުން މައްސަލަ ހުށަހެޅި ފަރާތުން އިސްތިއުނާފުކޮށްފައި ނުވާކަން މައްސަލަ ހުށަހެޅި ފަރާތާއި އެޓަރނީ ޖެނެރަލްގެ ފަރާތުން ދެއްކެވި ވާހަކައިންވެސް އެނގެން އޮތުމުން، ޕީ.ޕީ.އެމްގެ މެންބަރުކަމުން 28 މާރިޗު 2017 ގައި މައްސަލަ ހުށަހެޅި ފަރާތް ވަކިކުރުމަށް ޕީ.ޕީ.އެމްއިން ނިންމި އެ ނިންމުމަކީ ނިހާއީ ނިންމުމެއްކަން ކަށަވަރުވެފައިވާ ނިންމުމެއްކަން އެނގެން އޮންނައިރުވެސް އަދި އެ ނިންމުމަކީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އިންވެސް އެ ނިންމުމަށް ޤާނޫނީ ބާރު ލިބިދޭ ނިންމުމެއް ކަމުގައިވާއިރުވެސް، އެ ނިންމުން އިސްތިއުނާފުކުރުމަށް މައްސަލަ ހުށަހެޅި ފަރާތަށް ލިބިދީފައިވާ އިސްތިއުނާފީ ޙައްޤުގެ ބޭނުންނުކޮށްއޮވެ، އެ މުއްދަތު ފަހަނައަޅި ދިޔަތާ އެތައް ދުވަހެއްވީފަހުން، އެ ނިންމުން ޕާޓީގެ ފަރާތުން އިސްތިއުނާފުކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ބުނެ އެ މަޖިލީހުގެ މެންބަރުންތަކެއް ސޮއިކޮށް އެ މަޖިލީހަށް 03 ޖުލައި 2017 ގެ ތާރީޚުގައި ހުށަހެޅިކަމަށް ބުނާ ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާކަމަށް ބުނެ އެ ސޮއި ނެގުމަށް ވަކި މުއްދަތެއް ޕީ.ޕީ.އެމްގެ ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް 17 ޖުލައި 2017 ގެ ތާރީޚުގައި ނިންމައި، އެ މުއްދަތު ފާއިތުވެ ދިޔަފަހުން މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ އެންގުމަށް އިޖާބަދީފައި ނުވާކަމަށް ބުނެ ޕީ.ޕީ.އެމްގެ ފަރާތުން، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކުރުމަށް، 28 މާރިޗު 2017 ގައި ނިންމި ނިންމުން، ޕާޓީގެ ފަރާތުން އިސްތިއުނާފުކުރީ ކަމަށާއި އަދި މައްސަލަ ހުށަހެޅި ފަރާތާބެހޭގޮތުން ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިވާ އެހެން މައްސަލައެއް ބެލީކަމަށް ބުނެ 18 ޖުލައި 2017 ގައި ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރިކަމަށް ޕީ.ޕީ.އެމް އިން ނިންމާފައިވާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، މިގޮތަށް ޕީ.ޕީ.އެމް އިން 17 ޖުލައި 2017 ގައި ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން ނިންމާފައި އެވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގެ 21 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށް ބެލެވޭނެ ތަނެއްނެތްކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، މައްސަލަ ހުށަހެޅި ފަރާތާމެދު ޕީ.ޕީ.އެމް އިން ސުލޫކީ މައްސަލަތަކެއް ބަލައި މައްސަލަ ހުށަހެޅި ފަރާތް އެ ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް، 28 މާރިޗު 2017 ގެ ތާރީޚުގައި ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން މައްސަލަ ހުށަހެޅި ފަރާތުން އިސްތިއުނާފުގެ ޙައްޤު ބޭނުން ނުކޮށްއޮވެ، އިސްތިއުނާފުގެ މުއްދަތު ފާއިތުވެ ދިޔަތާ އެތައް ދުވަހެއްވީ ފަހުން، އެ މައްސަލަ ޕާޓީގެ ފަރާތުން އިސްތިއުނާފުކުރުމަށް ނިންމިކަމަށް ބުނެ، އެ ޕާޓީގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރުމަށް 18 ޖުލައި 2017 ގައި ނިންމާފައިވަނީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމްކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ (އެބަހީ: ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އެ މަޖިލީހަށް 03 ޖުލައި 2017 ގެ ތާރީޚުގައި ހުށަހެޅިފައިވާކަމަށް ބުނާ ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތް ސޮއިކުރިކުރުމުގެ ވާޤިޢާގެ) މައްޗަށްކަންވެސް އެނގެން އޮންނަ ކަމެވެ.
[12](ވ) ނުވަވަނަ ކަމަކީ، ބަޔާންވެދިޔަ ގޮތުގެމަތިން މައްސަލަ ހުށަހެޅި ފަރާތަކީ އެ ފަރާތުގެ ސުލޫކީ މައްސަލަތަކެއް ހުރިކަމަށް ބުނެ އެ މައްސަލަތައް ބަލައި، 28 މާރިޗު 2017 ގެ ތާރީޚުގައި، ޕީ.ޕީ.އެމް އިން ވަކިކޮށްފައިވާ ފަރާތެއްކަމާއި، 28 މާރިޗު 2017 ގެ ތާރީޚުގައި ޕީ.ޕީ.އެމް އިން މައްސަލަ ހުށަހެޅި ފަރާތާމެދު އެ ނިންމި ނިންމުން އެ ފަރާތުން އިސްތިއުނާފުކުރުމަށް ލިބިފައިވާ އިސްތިއުނާފުކުރުމުގެ މުއްދަތުގައި އިސްތިއުނާފުކޮށްފައި ނުވުމުގެ ސަބަބުން އެ ޕާޓީއިން ނިންމާފައިވާ އެ ނިންމުމަކީ ނިހާއީ ނިންމުމެއް ކަމާއި އަދި އެ ނިންމުމަކީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން އެ ނިންމުމަށް ޤާނޫނީ ބާރު ލިބިފައިވާ ނިންމުމެއްކަމުން އެ ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މައްސަލަ ހުށަހެޅި ފަރާތަކީ ޕީ.ޕީ.އެމްގެ މެންބަރެއް ނޫންކަން ޤާނޫނީގޮތުން ބަލަންޖެހޭ ފަރާތެއްކަން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފަރާތަކީ އަލުން ޕީ.ޕީ.އެމްގެ މެންބަރަކަށް ވުމަށްޓަކައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެއްވެސް އިޖުރާއާތެއް ފުރިހަމަކޮށްގެން އަލުން އެ ޕާޓީގެ މެންބަރަކަށް ވެފައިވާ މީހެއް ނޫންކަން އެނގެން އޮންނާތީ އާއި، މިހެން މިކަން އެނގެން އޮތްއިރުވެސް މައްސަލަ ހުށަހެޅި ފަރާތާމެދު ޕީ.ޕީ.އެމް އިން 28 މާރިޗު 2017 ގެ ތާރީޚުގައި ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން ނިންމިފަހުން އެ ނިންމުން އިސްތިއުނާފުކުރުމަށް މައްސަލަ ހުށަހެޅި ފަރާތަށް ބަޔާންވެދިޔަ "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގެ ދަށުން އިސްތިއުނާފުކުރުމަށް ލިބިފައިވާ ޙައްޤުގެ ބޭނުން ނުހިފުމުގެ ސަބަބުން އެ ނިންމުމަކީ ބަޔާންވެދިޔަ ގޮތުގެމަތިން އެ ނިންމުން ޞައްޙަކަންމަތީ ދެމިއޮތް ނިންމުމެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ނިންމެއްކަން އެނގެން އޮންނައިރު، އެ ޕާޓީގެ އެފަދަ ނިންމުމެއް ޕާޓީގެ ފަރާތުން އިސްތިއުނާފުކުރުމުގެ އެއްވެސް ތަޞައްވުރެއް ނުވަތަ އަސާސެއް "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގައި ނެތްއިރު، ޕީ.ޕީ.އެމް އިން 28 މާރިޗު 2017 ގައި މައްސަލަ ހުށަހެޅި ފަރާތާމެދު ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން ޕީ.ޕީ.އެމް އިން އިސްތިއުނާފުކުރުމަށް ނިންމައި، އިސްވެ އިޝާރާތްކުރެވުނު ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށް 17 ޖުލައި 2017 ގެ ތާރީޚުގައި އަންގައި އެ އެންގުމަށް މައްސަލަ ހުށަހެޅި ފަރާތް އިޖާބަނުދިނުމުންކަމަށް ބުނެ އެ ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް 18 ޖުލައި 2017 ގެ ތާރީޚުގައި ނިންމައި، އެކަން 18 ޖުލައި 2017 ގެ ތާރީޚުގައި އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން އެންގުމުން، އެ ޕާޓީގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތް 18 ޖުލައި 2017 ގެ ތާރީޚުގައި އުނިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން 18 ޖުލައި 2017 ގެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެ ކޮމިޝަނުގެ ނަންބަރު 38-EA/57/2017/12 ގެ ސިޓީއިން އެނގެންއޮތް ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ޕީ.ޕީ.އެމް އިން ބަޔާންކުރެވިދިޔަ އިޖުރާއާތުތައް ހިންގާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިމުނު ތާރީޚުކަމުގައިވާ 13 ޖުލައި 2017 ދުވަހުގެ ކުރީގައި މައްސަލަ ހުށަހެޅި ފަރާތުން ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ މައްޗަށްކަން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ މި ޙާލަތަކީ (ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރި ޙާލަތަކީ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމް އެ ޙާލަތުގެ މައްޗަށް ތަޠްބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން އެ ޤަޟިއްޔާގެ ޙުކުމާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނަ ކަމެވެ.
[13](މ) ދިހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 18 ވަނަ މާއްދާއިން ސިޔާސީ ޕާޓީގެ ދަފްތަރު ބެލެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން އެނގެން އޮތްނަމަވެސް، ސިޔާސީ ޕާޓީއެއްގެ ދަފްތަރުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ނަން އުނިނުކުރާހާ ހިނދަކު އެ ފަރާތެއް ބެލެވޭނީ އެ ޕާޓީއެއްގެ މެންބަރެއްކަމަށް ޞަރީޙަކޮށް ނުވަތަ އެނޫންގޮތަކަށް ނަމަވެސް ބުނާ ޢިބާރާތެއް ބަޔާންކުރެވުނު ޤާނޫނުގެ ބަޔާންކުރެވުނު މާއްދާގައި އައިސްފައިނުވާކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަކޮންމެ މީހެއްގެ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން އެނގެން އޮތުމުން އިލެކްޝަންސް ކޮމިޝަނުން، އެ ކޮމިޝަންގައި އޮންނަ ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތް 18 ޖުލައި 2017 ގެ ތާރީޚުގައި އުނިކުރިކުރުމަކީ، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން 28 މާރިޗު 2017 ވަނަ ދުވަހު ވަކިކުރުމުގެ ސަބަބުން މައްސަލަ ހުށަހަޅާ ފަރާތަކީ ޕީ.ޕީ.އެމްގެ މެންބަރެއް ނޫންކަމުގައި ބެލުމަށް، އެ ފަރާތަށް ލިބިފައިވާ އެއްވެސް ޙައްޤަކަށް ހުރަސްއެޅޭނެކަމެއް ނޫންކަން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) ގެ ދަށުން ބާރުލިބިދޭ" ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނަ ކަމެވެ.
[14](ފ) އެގާރަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުގެ ކުރީގައި އެފަރާތް ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ މައްޗަށްކަން ސާފުކޮށް އެނގެން އޮތުމުން މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކުރިކަމަށް ބުނާ ޙާލަތަކީ އެ ޙާލަތެއްގެ މައްޗަށް ބަލައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ތަޠުބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުގެ އިތުރުން، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކޮށްފައިވަނީ 13 ޖުލައި 2017 ގެ ތާރީޚުގެ ކުރީގައި މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާ ކަމަށްބުނާ ޢަމަލެއްގެ މައްޗަށްކަން އެނގެން އޮންނާތީ މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ މި ޙާލަތަކީ، ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ ދަށުންވެސް މައްސަލަ ހުށަހެޅި ފަރާތް ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންދިޔަ ތުލުސްދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި އެ ޙާލަތެއްގެ ސަބަބުން ހުސްވެފައިވާކަމަށް ބެލެވޭނެ ޙާލަތެއް ނޫންކަން އެނގެން އޮންނަކަމެވެ.
[15](ދ) ބާރަވަނަ ކަމަކީ، 25 ޖުލައި 2018 ވަނަ ދުވަހު، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/06 ޤަޟިއްޔާއަށް ބެލުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައެޅޭ މެންބަރަކު، އެ މެންބަރެއްގެ މެންބަރުކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމާ އެއްގޮތްވާ ގޮތުގެމަތިން ގެއްލިފައިވާކަމާމެދު ޚިލާފު އުފައްދައި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައި ފައިޞަލާކުރުމަކީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞެއްކަމުގައި ވާއިރު، އެފަދަ މައްސަލަތައް ބަލައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އުފެދިފައިވާ ޚުޞޫމަތަށް ފައިޞަލާކުރެވި، އެ ޚުޞޫމަތަށް ނިހާއީ ޙައްލެއް ލިބެނިވި އުޞޫލެއްގެ މަތިން ނިންމާ ނިންމުމަކަށް ވާންޖެހޭނެކަމަށާއި، އަދި އެފަދަ ޚުޞޫމަތްތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންވާނީ ކަނޑައެޅިފައިވާ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައެއް ބަލައި ފައިޞަލާކުރުމަށް ފަހުގައިކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމަށް ފަހު، އެ ޙުކުމުގައި ކަނޑައަޅާފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފު އުފައްދައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން 4 ފަރާތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/19 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/20 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/21 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/22 ޤަޟިއްޔާގެ ދަށުން އެ މައްސަލަތަކުގެ އަޑުއެހުންތައް ބާއްވައި، އެ އަޑުއެހުންތައް ނިމިފައިވާކަން އެނގެން އޮންނަކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަތަކުގައި ފައިޞަލާކުރަނިވި ޙުކުމެއް ކޮށްފައި ނުވާކަން އެނގެން އޮންނަކަމަށާއި، އެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 27 އޮގަސްޓް 2017 ގައި ނިންމާފައި ވީނަމަވެސް، އެ ނިންމުމަކީ އެފަދަ މައްސަލަތައް ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި ފައިޞަލާކުރުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އިޖުރާއާތުތަކާ ޚިލާފަށް މައްސަލައިގެ މައުޟޫއަށް ފައިޞަލާނުކޮށް ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮންނަކަމަށް ބަޔާންކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/19 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/20 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/21 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/22 ޤަޟިއްޔާއިން ބެލުނު މައްސަލަތަކަކީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފައިޞަލާކުރަނިވި ނިހާއީ ޙުކުމެއް ކުރަންޖެހޭ މައްސަލަތަކެއްކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/06 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ ދުސްތޫރީ މަބްދައުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/06 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު މި ކޯޓުގެ ހަތަރު ޤަޟިއްޔާގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/19 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-L/82 "ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމު" ގެ ދަށުން މއ. އައިވަރީ ހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަމުންދާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާކަން އެނގެން އޮންނަކަމެވެ.
[16](ތ) ތޭރަވަނަ ކަމަކީ، މި ކޯޓުގެ ނަންބަރު 2017/SC-C/19 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/20 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/21 ޤަޟިއްޔާ އާއި، ނަންބަރު2017/SC-C/22 ޤަޟިއްޔާއާ މި ޤަޟިއްޔާތަކުން ހުށަހެޅިފައިވާ މައްސަލަތަކަކީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފައިޞަލާކުރަނިވި ނިހާއީ ޙުކުމެއް ކުރަންޖެހޭ މައްސަލަތަކެއްކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/06 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ ދުސްތޫރީ މަބްދައުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނާތީ އެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އިތުރު ގޮތެއް ކަނޑައަޅަން ޖެހޭނެތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 27 އޮގަސްޓް 2017 ގައި ނިންމާފައިވާ ނިންމުމަކީ ބާޠިލުކުރަންޖެހޭ ނިންމުމެއްކަން އެނގެން އޮންނަކަމެވެ.
ޙުކުމް
[17]އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/19 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/20 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/21 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/22 ޤަޟިއްޔާ އާއި، މި ޤަޟިއްޔާތަކުން ހުށަހެޅިފައިވާ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އިތުރުގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 27 އޮގަސްޓް 2017 ގައި ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައެޅުމާއެކު، މި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ މއ. އައިވަރީ ހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް އަށް ދިމާވެފައިވާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މެންބަރުކަމުން ވަކިކުރިކަމަށް ބުނާ ޙާލަތަކީ، އެ ޙާލަތުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ތަޠްބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމާއި އަދި އެ ޙުކުމް ތަޠުބީޤުކޮށް ތަންފީޛުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އުޞޫލުތައް އިތުރަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން ސާފުކަން ބޮޑު ގޮތެއްގައި އެންގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ މއ. އައިވަރީ ހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް، ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންދިޔަ ތުލުސްދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެ ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބައި-އިލެކްޝަން ބޭއްވުމަށް 19 ޖުލައި 2017 ގައި އިލެކްޝަންސް ކޮމިޝަނުން، މައްސަލަ ހުށަހެޅި ފަރާތާމެދު ނިންމާފައިވާ އެ ކޮމިޝަނުގެ އެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ބަޔާންވެދިޔަ ނިންމުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ މއ. އައިވަރީ ހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންއައި ތުލުސްދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްނުވާކަމަށާއި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ މއ. އައިވަރީ ހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް އަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާ ތަމްޘީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
[18]އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
[19]ފަނޑިޔާރު ޢަބްދުﷲ ޢަރީފް
[20]ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
[21]ފަނޑިޔާރު ޢަބްދުﷲ ދީދީ
[22]ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 78 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ)
- ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 18 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2/2018 (އެންޓި-ޑިފެކްޝަން ޤާނޫނު)
- ސިޔާސީ ޕާޓީގެ ޤަވާޢިދުގެ 18 ވަނަ މާއްދާ
- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު
- ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދުގެ 21 ވަނަ މާއްދާގެ (ހ) އަދި (ށ)
- ސުޕްރީމް ކޯޓުގެ 2017/SC-C/17
- ސުޕްރީމް ކޯޓުގެ 2017/SC-SJ/09 (ކޯޓު އަމުރު)
- ސުޕްރީމް ކޯޓުގެ 2018/SC-C/06
- ސުޕްރީމް ކޯޓުގެ 2017/SC-C/20، 2017/SC-C/21 އަދި 2017/SC-C/22
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.