އިބްރާހީމް ފާތިޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ދަޢުވާ ބާޠިލުކޮށް ބަންދުން ދޫކުރުމަށް ޙުކުމްކުރިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އިސްތިއުނާފުގައި ހައިކޯޓުން، އިބްރާހީމް ފާތިޙުގެ ޣައިރު ހާޒިރުގައި، އެ ޙުކުމް ބާޠިލުކޮށް މައްސަލަ މައުޟޫޢީ ގޮތުން ބަލައި ނިންމަން ޖެހޭ މައްސަލައެއްކަމަށް ކަނޑައެޅިއެވެ.
- ވާޤިޢާ
- އިބްރާހީމް ފާތިޙުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގައި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ހުށަހެޅުނެވެ. އިބްތިދާއީ އަޑުއެހުމުގައި އޭނާ ފާހަގަކުރި އިޖުރާއީ ނުކުތާއަކީ ދަޢުވާގައި ބުނާ ތަން ސާފުނުވާތީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިނާއީ ދަޢުވާއެއްގައި ދަށު ކޯޓުގެ ނިންމުމާމެދު ހައިކޯޓަށް ކުރެވުނު އިސްތިއުނާފު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ބެލުމަކީ ޤާނޫނާ އެއްގޮތަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިބްރާހީމް ފާތިޙު ބުނީ ހައިކޯޓުން މައްސަލަ ބަލައި ނިންމާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ހައިކޯޓުން މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައިވާތީ އޭނާގެ ޙައްޤަކަށް އުނިކަމެއް ނާދޭކަމާއި، ހައިކޯޓުގެ ނިންމުން ބާޠިލުކޮށް މައްސަލަ އިބްތިދާއީ މަރުޙަލާއިން ދަށު ކޯޓުން ކުރިއަށް ގެންދެވުމަށް އެދޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހާޒިރުގައި ޝަރީޢަތް ކުރެވުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގެ ދަށުން ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމުގައި ވުމާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި އިސްތިއުނާފީ އަޑުއެހުން ބޭއްވޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނެތުމާއި، ހައިކޯޓުން މައްސަލަ ބެލީ އިބްރާހީމް ފާތިޙުގެ ޣައިރު ހާޒިރުގައި ކަމުގައި ވުމާއެކު، އޭނާގެ ޙާޟިރުގައި މައުޟޫޢީ ގޮތުން އަލުން ބަލަންޖެހޭނެ ކަމަށް ކަނޑައަޅައި ހައިކޯޓަށް ތަޙްވީލުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2018/HCNA/07
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު؛ އިބްރާހީމް ފާތިޙުގެ ޙާޟިރުގައި އަލުން ބެލުމަށް ހައިކޯޓަށް ތަޙްވީލު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
އެ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. (ޕެރ. 14)
ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވޭ ޙައްޤު އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ޤާނޫނުއަސާސީގައި ބުނެފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. (ޕެރ. 14)
ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމަށްފަހު، އެ ދަޢުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ. (ޕެރ. 16)
ދަށު ކޯޓުން ނިންމި ގޮތް އިސްތިއުނާފީ މަރުޙަލާއިން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، އެ ނިންމުމުގެ މައްޗަށް ތަރުތީބުވެގެން އަންނަ ނަތީޖާތަކާ ދަޢުވާ ކުރެވިފައިވާ ފަރާތް ކުރިމަތިލާން ޖެހޭނެއެވެ. (ޕެރ. 17)
އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި އިސްތިއުނާފަށް ހުށަހެޅިދާނެ ޤާނޫނީ ހަމައެއް ނެތެވެ. (ޕެރ. 18)
ހައިކޯޓުގެ ނިންމުން ބާޠިލުކަމަށް ކަނޑައެޅުމާއެކު، ދަށު ކޯޓުން އަލުން މައްސަލަ ބެލުމަށް ކޮށްފައިވާ އަމުރު ހިމެނޭހެން، އެ ނިންމުމުގެ މައްޗަށް ތަރުތީބުވި އެންމެހައި ކަންކަމަށް ނިމުމެއް އަންނާނެއެވެ؛ އަދި ދަށު މަރުޙަލާގެ ކޯޓުން ނިންމާފައިވާ ނިންމުން އެ ގޮތުގައި ދެމި އޮންނާނެއެވެ. (ޕެރ. 20)
ދަށު މަރުޙަލާގެ ކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާކަމަށް ދެކޭނަމަ، އެފަދައިން ދެކޭ ސަބަބުތަކާމެދު ޝަރީޢަތުގެ މަރުޙަލާގައި ވާހަކަ ދެކެވިގެން މެނުވީ، އެ ނިންމުމާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅޭނެ ކަމަކަށް ނުދެކެމެވެ. (ޕެރ. 21)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) (ހައިކޯޓުން ބަރޯސާވި)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- 2010/SCA/07 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު)
- 2009/HCA/212 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛު)
ފަނޑިޔާރުން
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
މައްސަލައިގެ ފަސްފަހަތް
1އިބްރާހީމް ފާތިޙު ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/F10C/2018 ޤަޟިއްޔާއިންނެވެ.
2އިބްރާހީމް ފާތިޙުގެ މައްޗަށް ހުށަހެޅުނު ދަޢުވާއާ ގުޅިގެން އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި މި މައްސަލައިގައި އިބްރާހީމް ފާތިޙުގެ މައްޗަށް ހުށަހެޅުނު ދަޢުވާ ސާފުވެއްޖެކަމަށާއި، ނަމަވެސް ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ކުރިން އިޖުރާއީ ނުކުތާއެއް ފާހަގަ ކުރަން ބޭނުންވާކަމަށް އިބްރާހީމް ފާތިޙު ބުނެފައިވެއެވެ.
3އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އިބްރާހީމް ފާތިޙުގެ ފަރާތުން ފާހަގަކުރި ނުކުތާއަކީ މި މައްސަލައިގެ ދަޢުވާގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ފިލްމު ހުސްކުރި ދަޅު ފެނިފައިވާ ތަން ދަޢުވާއިން ސާފުނުވާތީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.
4ބުނެވިދިޔަ އިޖުރާއީ ނުކުތާއާ ގުޅިގެން ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ރިޢާޔަތް ކުރުމަށްފަހު، އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ އެ ދަޢުވާއަކީ ހުށަހެޅިފައިވާ ގޮތަށް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ކަމަށް ނުބެލެވޭތީ އެ ދަޢުވާއަކީ ބާޠިލު ދަޢުވާއެއް ކަމަށާއި، އެ ވަގުތު އިބްރާހީމް ފާތިޙު ހުރި ބަންދުން އޭނާ ދޫކުރުމަށް އަންގައި ޙުކުމްކޮށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމި ގޮތް
5އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/F10C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓު / އުތުރު ގޮފީގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2018/HCNA/07 ޤަޟިއްޔާއިންނެވެ.
6އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/F10C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން މައިގަނޑު ގޮތެއްގައި ދައުލަތުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ޙިޔާޒަތާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SCA/07 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HCA/212 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
7ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކޮށް ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އެކަމުގައި ތުހުމަތު ކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ނެތްކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރަށް ބުރަވެވޭ ޙާލަތުގައި އެ ދަޢުވާއާގެން ކުރިއަށް ދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅިދާނެ ކަމާއި، މި ފަދައިން ބަލާބެލުމުގައި އެ ކަމުގައި ތުހުމަތު ކުރެވޭ ވަރުގެ އެކަށީގެންވާ ވަރުގެ ހެކި ހުށަހަޅާފައިވޭތޯ ބަލައި އެ ހެކިތަކުގެ މައްޗަށް ރިޢާޔަތް ކުރަންވާނެކަމާއި، އެ ގޮތުން އެ ދަޢުވާއަކީ ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްކަން ނުވަތަ ނޫންކަން ނިންމުމުގައި ހުށަހެޅިފައިވާ ހެކިތަކުން އެ ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން ބަލަން ނުޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.
8އަދި މި އުސޫލު މައްސަލައިގެ ވާޤިޢާތަކަށް ތަޠުބީޤު ކޮށް، މި މައްސަލައިގައި އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/F10C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެ ޤަޟިއްޔާއިން އެ ކޯޓަށް ހުށަހެޅުނު މައްސަލައަކީ އެ ކޯޓުން ބަލައި އެ މައްސަލައިގެ މައުޟޫޢުގެ މައްޗަށް ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާއާއި އެ ނުކުތާގެ ރައްދު
9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HCNA/07 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އިބްރާހީމް ފާތިޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާއަކީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މި މައްސަލަ އެ ކޯޓުން ބަލައި ނިންމާފައިވަނީ އިބްރާހީމް ފާތިޙުގެ ޣައިރު ހާޒިރުގައި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
10އިބްރާހީމް ފާތިޙުގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާއަށް ޖަވާބުދާރީވަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންވެސް ފާހަގަކޮށްފައިވަނީ، މި މައްސަލައާ ގުޅިގެން އެ އޮފީހުގެ ފަރާތުން "ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމު"ން ހުށަހަޅާފައިވާ ޖަވާބުގައި މި މައްސަލަ ހައިކޯޓުން ހިންގާފައިވަނީ އިބްރާހީމް ފާތިޙުގެ ޣައިރު ހާޒިރުގައި ކަމުގައިވީނަމަވެސް، ހައިކޯޓުން އަމުރު ކޮށްފައިވަނީ މި މައްސަލަ އަލުން ބެލުމަށް ކަމުގައިވާތީ، އެފަދައިން މައުޟޫޢީ ގޮތުން މި މައްސަލަ އަލުން ބަލައި ނިންމާ ނިންމުން އިސްތިއުނާފު ކުރުމުގެ ޙައްޤު އިބްރާހީމް ފާތިޙުއަށް ލިބިގެންދާނެތީ، މި ދަޢުވާއާ ގުޅިގެން އިބްރާހިމް ފާތިޙުގެ އެއްވެސް ޙައްޤަކަށް އުނިކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށާއި ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައި ކަނޑައަޅައި ދިނުމަށެވެ.
11ބުނެވިދިޔަ ފަދައިން "ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމު"ން ހުށަހަޅާފައި ވީނަމަވެސް، އެ ޖަވާބު ބަދަލު ކުރަން ބޭނުންވާ ކަމަށް މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވެއެވެ. މި ގޮތުން، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ދިޔައިރު، އިބްރާހީމް ފާތިޙުގެ ފަރާތުން އެ ކޯޓުގައި ޖަވާބުދާރީވުމުގެ ފުރުސަތު ލިބިނުދީ މައްސަލައިގައި ގޮތެއް ކަނޑައެޅުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެ ކޯޓުން ނިންމެވި ކަމެއް ކަމަށް ދެކޭ ކަމަށާއި، އަދި މި ކަމުގެ ސަބަބުން އިބްތިދާއީ މަރުޙަލާގައި ދަޢުވާ ލިބޭ ފަރާތަށް ލިބިގެންދާ ޙައްޤުތަކަށް އުނިކަން އަންނާނެ ކަމަށް ދެކޭކަމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
12އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމުގައި ކަނޑައަޅައި، މި މައްސަލައަކީ އިބްތިދާއީ މަރުޙަލާއިން ފެށިގެން ދަށު ކޯޓުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމުގައި ކަނޑައަޅައި ދިނުމަށް އެދޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފު ކުރާ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުން
13މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމުގައި އިބްރާހީމް ފާތިޙު ހިމަނައިގެން ކަމުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނިނަމަވެސް، މި މައްސަލައިގައި ދަށު ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި އިސްތިއުނާފު ފޯމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ގޮތުގައި ވަކި ފަރާތެއްގެ ތަފުސީލު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހިމަނާފައި ނުވެއެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ދިޔައިރު، އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އިބްރާހީމް ފާތިޙު ހިމެނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ގޮތަށް، އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި ހިންގުމާ ގުޅޭ ގޮތުން މައްސަލަ ބެލި ފަނޑިޔާރުންވެސް ވަކި ކަމެއް ފާހަގަ ކޮށްފައި ނުވެއެވެ.
14HN1HN2އެ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. މި ޙައްޤު އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ޤާނޫނުއަސާސީގައި ބުނެފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ.
15ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ. އަދި މި ޤާނޫނަކީ، ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ، ކުށް ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި، ކުށްކުށުގެ ދަޢުވާ އުފުލިފައިވާ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް އިންތިޒާމުކޮށްފައިވާ ޤާނޫނުވެސް މެއެވެ.
16HN3ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމަށްފަހު، އެ ދަޢުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ.
17HN4މި މައްސަލައިގައި އިބްރާހީމް ފާތިޙުގެ މައްޗަށް ހުށަހެޅުނު ދަޢުވާއާ ގުޅިގެން އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ގޮތެއް ނިންމާފައިވަނީ އިބްރާހީމް ފާތިޙުގެ ފަރާތުން އެ ކޯޓަށް ހުށަހެޅި ކަންކަމާ ގުޅިގެންނެވެ. އަދި އެ ކޯޓުން ނިންމި ގޮތް އިސްތިއުނާފީ މަރުޙަލާއިން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، އެ ނިންމުމުގެ މައްޗަށް ތަރުތީބުވެގެން އަންނަ ނަތީޖާތަކާ އިބްރާހީމް ފާތިޙު ކުރިމަތިލާން ޖެހޭނެއެވެ.
18HN5ވުމާއެކު، މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް އިބްރާހީމް ފާތިޙުގެ ޣައިރު ހާޒިރުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް އަހުރެންނަކަށް ނުފެނެއެވެ. އަދި މި ފަދަ މައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި އިސްތިއުނާފަށް ހުށަހެޅިދާނެ ޤާނޫނީ ހަމައެއް އޮތްކަމުގައިވެސް އަހުރެން ނުދެކެމެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދޭ ގޮތް
19މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލު ކުރުމަށްފަހު، މި މައްސަލައަކީ އިބްތިދާއީ މަރުޙަލާއިން ފެށިގެން ދަށު ކޯޓުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމުގައި ކަނޑައަޅައި ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވެއެވެ.
20HN6ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ފަދައިން އެދިފައިވީނަމަވެސް، ހައިކޯޓުގެ ނިންމުން ބާޠިލުކަމަށް ކަނޑައެޅުމާއެކު، ދަށު ކޯޓުން އަލުން މައްސަލަ ބެލުމަށް ކޮށްފައިވާ އަމުރު ހިމެނޭހެން، އެ ނިންމުމުގެ މައްޗަށް ތަރުތީބުވި އެންމެހައި ކަންކަމަށް ނިމުމެއް އަންނާނެއެވެ. އަދި މި މައްސަލައިގައި ދަށު މަރުޙަލާގެ ކޯޓުން ނިންމާފައިވާ ނިންމުން އެ ގޮތުގައި ދެމި އޮންނާނެއެވެ.
21HN7ދަށު މަރުޙަލާގެ ކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެކޭނަމަ، އެފަދައިން ދެކޭ ސަބަބުތަކާމެދު ޝަރީޢަތުގެ މަރުޙަލާގައި ވާހަކަ ދެކެވިގެން މެނުވީ، އެ ނިންމުމާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅޭނެ ކަމަކަށް އަހުރެން ނުދެކެމެވެ. އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި މި ފަދަ ހުށަހެޅުންތަކެއް ހުށަހެޅި އެކަންކަމުގެ މައްޗަށް ދެ ފަރާތުން ވާހަކަ ދެކެވިފައި ނުވެއެވެ. ވުމާއެކު، މި މައްސަލައަކީ އިބްތިދާއީ މަރުޙަލާއިން ފެށިގެން ދަށު ކޯޓުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމުގައި ކަނޑައެޅޭނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
22އެހެންނަމަވެސް، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހައިކޯޓުން ކަށަވަރު ކޮށްދީފައިވަނީ އިސްތިއުނާފުކުރާ އިބްރާހީމް ފާތިޙުގެ ޣައިރު ޙާޟިރުގައި ކަމުގައިވާތީ، މި މައްސަލައަކީ އިބްރާހީމް ފާތިޙަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ލިބޭނެހެން އޭނާގެ ޙާޟިރުގައި އެ ކޯޓުން އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
23މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
24މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HCNA/07 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލު ކުރުމާއެކު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ މި މައްސަލައަކީ އިބްރާހީމް ފާތިޙުގެ ޙާޟިރުގައި މައުޟޫޢީ ގޮތުން އަލުން ބަލަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙްވީލު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދު
މަޙާޒު ޢަލީ ޒާހިރު
ޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
ފުޓްނޯޓު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފާޠިހު، 17/F10C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ތިން ވަނަ ނުކުތާ.
- އބމ.
- މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ޞަފުޙާ 9
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛު
- ޤާނޫނު ނަންބަރު 12/2016
- އިސްތިއުނާފު ކުރެވިފައިވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފާޠިހު، 2018/HCNA/07 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ދެވަނަ ނުކުތާ.
- އބމ. ޞަފުޙާ 10-11
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.