ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 56 · 2019/SC-A/62ސުޕްރީމް ކޯޓު · 27 މޭ 2021

މުޙައްމަދު އިބްރާހީމްދީދީ ވ. އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަދ އިތުރު 2 ފަރާތް

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 27 މޭ 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/62

ޝަރީޢަތް ނިމުނުގޮތް

މުޙައްމަދު އިބްރާހީމްދީދީ ވ. އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އިތުރު ދެ ފަރާތެއް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު

27 މޭ 2021

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/48

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް

ބަދަލުގައި: ޢާއިޝަތު ހައިފާ، ޝާހް، ޙުސައިން އެންޑް ކޯ މުޙައްމަދު އިބްރާހީމްދީދީ، ގ. ވޭލާވިލާ، މާލެ

ޤާނޫނީ ވަކީލު: ނަދީމް އިބްރާހީމް

އަޙްމަދު ޝަފީޤް

ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)

ޤާނޫނީ ވަކީލު: ސްޓޭޓް އެޓަރނީ އަލްއުސްތާޛު ސާދިޙު ނަޞީރު

ސްޓޭޓް އެޓަރނީ އަލްއުސްތާޛު ޙައްމާދު ވާފިރު

ލެޝަރ ފްރަންޓިއަރސް ޕްރައިވެޓް ލިމިޓެޑް

ބަދަލުގައި: މުޙައްމަދު ޝަހުދީ އަންވަރު

ޙުސައިން ސިރާޖު، އެސް އެންޑް އޭ ލޯޔަރސް ދަޢުވާކުރުމުގެ ހައިސިއްޔަތު – ލީސް ޓްރާންސްފަރ ކުރުން – ތިންވަނަ ފަރާތުގެ މަސްލަޙަތު - ލީގަލް ޕްރޮފެޝަނަލް ޕްރިވިލެޖް

މުޙައްމަދު އިބްރާހީމްދީދީ ވ. އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އިތުރު ދެ ފަރާތެއް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/48 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ގ. ވޭލާވިލާ، މާލެ، މުޙައްމަދު އިބްރާހީމްދީދީ (މީގެ ފަހުން "މުޙައްމަދު އިބްރާހީމްދީދީ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/62 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-678/2006) (މީގެ ފަހުން "އޮޅުވެލި ލާމް ހޯލްޑިންގްސް" މިހެން އިޝާރާތްކޮށްފައިވާ) އާއި ދިވެހި ދައުލަތް / މިނިސްޓްރީ އޮފް ޓޫރިޒަމް (މީގެ ފަހުން "ދައުލަތް" ނުވަތަ "މިނިސްޓްރީ އޮފް ޓޫރިޒަމް" މިހެން އިޝާރާތްކޮށްފައިވާ) އާއި ލެޝަރ ފްރޮންޓިއަރސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-0495/2013) (މީގެ ފަހުން "ލެޝަރ ފްރޮންޓިއަރސް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށެއް ކަމުގައިވާ ލ. އޮޅުވެލި (މީގެ ފަހުން "ލ. އޮޅުވެލި" ނުވަތަ "ރަށް" މިހެން އިޝާރާތްކޮށްފައިވާ) ކުއްޔަށް ދިނުމަށްޓަކައި ދިވެހި ސަރުކާރާއެކު، ސޮއިކުރެވިފައިވާ އެގްރީމެންޓްގެ ދަށުން އޮޅުވެލި ލާމް ހޯލްޑިންގްސްއަށް އެ ރަށާއި ގުޅިގެން ލިބިފައިވާ އެންމެހައި ޙައްޤުތައް ލެޝަރ ފްރޮންޓިއަރސްއަށް ވިއްކާލައި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގެ ދަށުން އޮޅުވެލި ލާމް ހޯލްޑިންގްސްއަށް ލ. އޮޅުވެއްޔާއި ގުޅިގެން ލިބިފައިވާ އެންމެހައި ޙައްޤުތައް ލެޝަރ ފްރޮންޓިއަރސްއަށް ބަދަލުކުރުމަށް އެދި އޮޅުވެލި ލާމް ހޯލްޑިންގްސްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ހުށަހަޅާފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މި ހުށަހެޅުމާ ގުޅިގެން އެ ރަށުގެ ލީސް ހޯލްޑް ރައިޓްސް ބަދަލުކުރުމާއި ގުޅޭގޮތުން އިސްވެ ދެންނެވުނު ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތުގެމަތިން އެ ގަވާއިދުގެ ޖަދުވަލު IV ގައިވާ ފޯމާއެކު ހުށަހަޅަން އެ މާއްދާއިން ލާޒިމުކުރާ އެހެނިހެން ލިޔެކިޔުންތައް އޮޅުވެލި ލާމް ހޯލްޑިންގްސްއިން މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅުމުން، އެ ރަށާ ގުޅޭގޮތުން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއްވޭތޯ ބެލުމަށް 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު އިޢުލާނު ("އިޢުލާނު") ކުރެވުނެވެ.

އިސްވެ ދެންނެވުނު އިޢުލާނާ ގުޅިގެން 39 (ތިރީސް ނުވައެއް) ފަރާތަކުން މައްސަލަ ހުށަހަޅާފައިވާކަމަށާއި، އެ ފަރާތްތަކުން ހުށަހެޅި މައްސަލަތައް 30 (ތިރީސް) ދުވަހުގެ ތެރޭގައި ޙައްލުކުރުމަށް އޮޅުވެލި ލާމް ހޯލްޑިންގްސްއަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު އަންގާފައިވެއެވެ. މި މުއްދަތު ހަމަވާ ތާރީޚަކީ 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު ("މައްސަލަ ޙައްލުކުރުމަށް ދެވިފައިވާ މުއްދަތު") އެވެ. މި މުއްދަތު ތެރޭގައި ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ މައްސަލަތަކަށް ބަލައި، އެ ރަށުގެ ލީސް ޓްރާންސްފަރ ކުރުމަށް ޤާނޫނީ ގޮތުން ހުރަސްއެޅޭ ފަދަ ސަބަބެއް ނެތަތީވެ، އެ ރަށުގެ ލީސް ހޯލްޑްސް ރައިޓްސް ލެޝަރ ފްރަންޓިއަރސްގެ ނަމަށް 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ބަދަލުކުރިއެވެ.

އޮޅުވެލި ލާމް ހޯލްޑިންގްސްއަށް ލ. އޮޅުވެއްޔާ ގުޅިގެން ލިބިފައިވާ އެންމެހައި ޙައްޤުތައް ލެޝަރ ފްރޮންޓިއަރސްއަށް ބަދަލުކޮށްފައިވަނީ ޓޫރިޒަމާބެހޭ ޤާނޫނާއި، އަދި ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދާއި ޚިލާފަށްކަމަށް ބުނެ އެ ބަދަލުކުރުން ބާޠިލުކޮށް ދިނުމަށް އެދި މުޙައްމަދު އިބްރާހީމްދީދީގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިމުނުގޮތާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މިއީ، އިސްތިއުނާފުކުރާ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައިގެ ނިޔާއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

އޮޅުވެލި ލާމް ހޯލްޑިންގްސްއަށް ލ. އޮޅުވެލި އާ ގުޅިގެން ލިބިފައިވާ އެންމެހައި ޙައްޤުތައް ލެޝަރ ފްރޮންޓިއަރސްއަށް ބަދަލުކުރުމާ ގުޅިގެން، އެ ބަދަލުކުރުން ބާޠިލުކޮށް ދިނުމަށް އެދި، އިސްތިއުނާފުކުރާ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށާއި، ލެޝަރ ފްރޮންޓިއަރސް އާއި، އޮޅުވެލި ލާމް ހޯލްޑިންގްސްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 330/Cv-C/2014 ޤަޟިއްޔާ އިންނެވެ.

މި ދަޢުވާއަށް އިންކާރުކުރަމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ ލެޝަރ ފްރޮންޓިއަރސްއަށް ލ. އޮޅުވެލީގެ ލީސް ޓްރާންސްފަރ ބަދަލުކުރުމަށް އެދި އޮޅުވެލި ލާމް ހޯލްޑިންގްސްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ހުށަހެޅުމުން އެ މިނިސްޓްރީން ޢަމަލުކޮށްފައިވަނީ ޓޫރިޒަމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު ގައިވާ ގޮތުގެމަތިން ކަމަށާއި، އިސްވެ ދެންނެވުނު ގަވާއިދުގެ 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާގެ ދަށުން ދެވުނު މުއްދަތު ހަމަވުމުގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި އިޢުލާނާ ގުޅިގެން، އެ ރަށާ ގުޅޭގޮތުން ނުވަތަ އެ މުޢާމަލާތް ހުއްޓުވުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ކޯޓު އަމުރެއް ހުށަހަޅާފައި ނުވާތީ، އެ ރަށާ ގުޅޭގޮތުން އޮޅުވެލި ލާމް ހޯލްޑިންގްސްއަށް ލިބިފައިވާ އެންމެހައި ޙައްޤުތައް ލެޝަރ ފްރޮންޓިއަރސްއަށް ވިއްކާލައި ބަދަލުކޮށްފައިވަނީ އިސްވެ ހަވާލާދެވުނު ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ކަމުގައެވެ.

މި ދަޢުވާއަށް ލެޝަރ ފްރޮންޓިއަރސްގެ ފަރާތުންވެސް އިންކާރުކުރަމުން ބުނެފައިވަނީ މި މުޢާމަލާތުގައި އެ ފަރާތުން ކަށަވަރުކުރީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އޮޅުވެލި ލާމް ހޯލްޑިންގްސްއިން ޤާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާކަން ޔަޤީންކުރުމަށްކަމަށާއި މި މުޢާމަލާތުގައި ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއާތުތައް ފުރިހަމަކޮށްފައިވާ ކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ޓޫރިޒަމުން އެ ކުންފުންޏަށް ދީފައިވާ ކަމުގައެވެ.

މި މައްސަލައިގައި ދަޢުވާލިބޭ އޮޅުވެލި ލާމް ހޯލްޑިންގްސްގެ ފަރާތުން ބުނެފައިވަނީ އެ ކުންފުނިންވެސް މި ދަޢުވާއަށް އިންކާރުކުރާކަމަށާއި، ގަވާއިދާ އެއްގޮތަށް ލ. އޮޅުވެލީގެ ލީސް ޓްރާންސްފަރ ކުރުމުގައި މައްސަލަ ޙައްލުކުރުމަށް ދީފައިވާ މުއްދަތުގައި ޝަކުވާކުރި ފަރާތްތަކަށް މައްސަލަ ޙައްލުކުރުމަށް ނުވަތަ ލީސް ޓްރާންސްފަރ ކުރުން ހުއްޓުވުމުގެ އަމުރެއް ނެރުމަށް ފުރުސަތު ދީފައިވާކަމަށާއި، ޤާނޫނުގައި ވަކި މުއްދަތެއް ދީފައިވާ ކަމެއްގައި އެ މުއްދަތު ފާއިތުވެ ދިއުމުން ދަޢުވާ ނުކުރެވޭނެކަމީ ދެބަސްވެވޭނެ ކަމެއް ނޫންކަމަށާއި، މި ކަން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ ރަޝީދު މޫސާ ޤަޟިއްޔާގެ ޙުކުމުން ވެސް އެނގޭކަމަށާއި، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން މިއީ މިހާރު އުފުލޭނެ ޝަކުވާއެއް ނޫންކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދައިން ޙުކުމްކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ އޮޅުވެލި ލާމް ހޯލްޑިންގްސްއަށް ލ. އޮޅުވެލި އެވެ ކިޔާ ރަށާއި ގުޅިގެން ލިބިފައިވާ އެންމެހައި ޙައްޤުތައް ލެޝަރ ފްރޮންޓިއަރސްއަށް ބަދަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދާއި އެއްގޮތަށް ކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، އޮޅުވެލި ލާމް ހޯލްޑިންގްސްއަށް ލ. އޮޅުވެލި އާ ގުޅިގެން ލިބިފައިވާ އެންމެހައި ޙައްޤުތައް ލެޝަރ ފްރޮންޓިއަރސްއަށް ބަދަލުކޮށްފައިވާ ބަދަލުކުރުން ޝަރީޢަތުގެ ފަރާތުން ބާޠިލުކުރެވެން ނެތް ކަމުގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 330/CV-C/2014ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/48 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރާ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި 20 (ދޭއް) ނުކުތާއެއް ހުށަހެޅިއެވެ.

(ހ) ފުރަތަމަ ނުކުތާއަކީ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) ދެވަނަ ނުކުތާއަކީ ސިކްސް ސެންސަސް ލާމް ރިޒޯޓުގެ ލީސް ހޯލްޑް ރައިޓްސް ބަދަލުވެދާފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށް އޮޅުވެލި ލާމް ހޯލްޑިންގްސްއަށާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި، ވަގުތީ އަމުރެއް ނެރެފައިވަނިކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ލެޝަރ ފްރޮންޓިއަރސްއަށް ލީސް ހޯލްޑިންގްސް ރައިޓްސް ބަދަލުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދާ ޚިލާފަށްކަމަށް ބެލެވޭނެ ތަނެއް ނެތްކަމުގައެވެ. އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ސަބަބުތައް ފާހަގަކޮށްފައިވެއެވެ.

ލީސް ޓްރާންސްފަރ ކުރެވޭ ރަށަކާއި ނުވަތަ ބިމަކާއި ގުޅިގެން ޝަކުވާއެއް އޮތްކަމަށް ބުނެ މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅާފައި އޮތުމަކީ އޭގެ ޒާތުގައި ލީސް ޓްރާންސްފަރ ކުރުން ހުއްޓުމަށް މިނިސްޓްރީއަށް ލާޒިމުކުރާ ކަމެއް ނޫންކަން ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގެ 29، 30 އަދި 31 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރި އިޢުލާނާ ގުޅިގެން 39 (ތިރީސް ނުވައެއް) ފަރާތަކުން ޝަކުވާ ހުށަހެޅިއިރު، މުޙައްމަދު އިބްރާހީމްދީދީގެ ފަރާތުން ޝަކުވާއެއް ހުށަހަޅާފައިވާކަން އެނގެން ނެތްކަމަށާއި، އަދި ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރޭގައި، ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، އެގްޒެމްޕްލެރީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ގަނެޝަން ނަރަސިންހަން އަދި ޒެންޑަރ ޕްރޮޕަޓީ ލިމިޓެޑް ހިމެނޭކަމަށާއި، މި ފަރާތްތަކުން ހުށަހެޅި މައްސަލަތަކަށް ބަލައި ލީސް ޓްރާންސްފަރ ކުރުން ހުއްޓަންޖެހޭ ފަދަ ސަބަބެއް އޮތްކަން މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކުންނާއި ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތްހިނދު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައި ވެއެވެ.

(ހ) ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން އޮޅުވެލި ލާމް ހޯލްޑިންގްސްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރި ފައިސާ ހޯދުމުގެ މައްސަލަ އެ ކޯޓުގައި ހިނގަމުން ދިޔައިރު ލީސް ޓްރާންސްފަރ ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނުކަމަށާއި ނަމަވެސް އެފަދަ އަމުރެއް އެ ކޯޓުން ނެރެފައިނުވާކަމާއި، މި މައްސަލައިގައި، އޮޅުވެލި ލާމް ހޯލްޑިންގްސްގެ މައްޗަށް ދަރަންޏެއް ސާބިތުވެ ޙުކުމްކޮށްފައިވަނީ ލީސް ޓްރާންސްފަރ ކުރުމަށް ފަހުގައިކަމާއި، ލީސް ޓްރާންސްފަރ ކުރެވުނު ހިސާބަށް ލީސް ޓްރާންސްފަރ ކުރުމަށް ހުރަސްއެޅޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަން.

(ށ)އެގްޒެމްޕްލެރީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރި އިޢުލާނާ ގުޅިގެން ޝަކުވާކުރިކަމާއި، ނަމަވެސް އޮޅުވެލި ލާމް ހޯލްޑިންގްސް އާއި އެގްޒެމްޕްލެރީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު މައްސަލައިގެ ސުލްޙަވެރި ޙައްލެއް، 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު ހޯދުމަށްފަހު، އެކަން 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓޫރިޒަމަށް އެގްޒެމްޕްލެރީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އަންގާފައިވާކަން.

(ނ) ގަނެޝަން ނަރަސިންހަންގެ ފަރާތުން ސިވިލް ކޯޓުގައި އޮޅުވެލި ލާމް ހޯލްޑިންގްސްގެ މައްޗަށް ދައުވާކުރެވުނު މައްސަލައިގައި، ލީސް ޓްރާންސްފަރ ކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދުމުން އެފަދަ އަމުރެއް ދީފައިނުވާކަމާއި، އަދި މި މައްސަލައިގައި 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ޙުކުމް ކުރެވުނުކަމާއި، ޙުކުމުގައިވާ ގޮތަށް 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ފައިސާ ދައްކާފައިވާކަން.

(ރ) ޒެންޑަރ ޕްރޮޕަޓީ ލިމިޓެޑްއިން އޮޅުވެލި ލާމް ހޯލްޑިންގްސްގެ މައްޗަށް ސިވިލް ކޯޓުގައި ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރެވި، ދަޢުވާ ފޯމް ބާޠިލުކުރުމަށް އެދި 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ހުށަހެޅުމުން އެ މައްސަލަ ބާޠިލުކުރެވިފައިވާކަން.

އެހެންކަމުން، ލ. އޮޅުވެއްޔާ ގުޅިގެން އޮޅުވެލި ލާމް ހޯލްޑިންގްސްއަށް ލިބިފައިވާ ޙައްޤުތައް ލެޝަރ ފްރޮންޓިއަރސްއަށް ބަދަލުކޮށްފައިވަނީ، ލީސް ޓްރާންސްފަރ ކުރުން ހުއްޓުމަށް ވަގުތީ އަމުރެއް ދެމިއޮތްވާކަމަށް ބަލާނެ ހަމައެއް ނުވާކަމާއި، އަދި މިއިން އެއްވެސް ފަރާތަކުން އެ ފަރާތުގެ ޙައްޤު ގެއްލިފައިވާކަމަށް ބުނެ މިހާތަނަށް އައިއިރުވެސް އެއްވެސް ދަޢުވާއެއް ކޮށްފައިނުވާކަން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ ކަމުގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މުޙައްމަދު އިބްރާހީމްދީދީ އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/48 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު 02 (ދޭއް) ސަބަބެވެ.

(ހ) ފުރަތަމަ ސަބަބަކީ، ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މައްސަލަ ނިންމާފައިވުން، އަދި

(ށ) ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/48 ޤަޟިއްޔާގައި ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގެ 30 ވަނަ މާއްދާ މާނަކޮށްފައި ވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މަޤުސަދަށް ބެލުމުގެ އުސޫލާ ޚިލާފަށްކަމަށް ދެކޭކަމަށެވެ.

މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި، ލ. އޮޅުވެލި ކުއްޔަށް ދިނުމަށްޓަކައި ސޮއިކުރެވިފައިވާ އެގްރީމެންޓްގެ ދަށުން އޮޅުވެލި ލާމް ހޯލްޑިންގްސްއަށް އެ ރަށާއި ގުޅިގެން ލިބިފައިވާ އެންމެހައި ޙައްޤުތައް ލެޝަރ ފްރަންޓިއަރސްއަށް ވިއްކާލައި އެ ރަށުގެ ލީސް ހޯލްޑްސް ރައިޓްސް ބަދަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައި، އޮޅުވެލި ލާމް ހޯލްޑިންގްސްއަށް ލ. އޮޅުވެލިއާ ގުޅިގެން ލިބިފައިވާ އެންމެހައި ޙައްޤުތައް ލެޝަރ ފްރަންޓިއަރސްއަށް ބަދަލުކޮށްފައިވާ ބަދަލުކުރުން ބާޠިލުކޮށް ދިނުމަށެވެ.

އިސްތިއުނާފު ރައްދުވާ 03 (ތިނެއް) ފަރާތް ކަމުގައިވާ އޮޅުވެލި ލާމް ހޯލްޑިންގްސް، ދައުލަތް އަދި ލެޝަރ ފްރަންޓިއަރސްގެ ޖަވާބުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ. ޖުމްލަ ގޮތެއްގައި އެ ފަރާތްތަކުގެ ޖަވާބު ބިނާކޮށްފައިވަނީ ތިރީގައި އެވާ 02 (ދޭއް) އަސާސްގެ މައްޗަށް ބިނާކޮށެވެ.

(ހ) ފުރަތަމަކަމަކީ، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ގެއްލިފައިވާ ޙައްޤެއް ނުވަތަ މަސްލަޙަތެއް އިސްތިއުނާފުކުރާ ފަރާތުގެ ދަޢުވާގައި ބަޔާންކޮށްފައި ނުވާހިނދު، އަދި މި ރައުޔުގެ 3 ވަނަ ޕެރެގްރާފުގައި އިޝާރާތްކޮށްފައިވާ ޢިއުލާނާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމަށް ޝަކުވާއެއް ހުށަހަޅާފައި ނުވާހިނދު، މިހާރު މި މައްސަލައިގައި އެ ފަރާތަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ދެކޭކަން.

(ށ) ދެވަނަކަމަކީ، ލ. އޮޅުވެލީގެ ލީސް ހޯލްޑް ރައިޓްސް ބަދަލުކޮށްފައިވަނީ، ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކޮށްގެންކަން ދެކޭކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުން

އިސްތިއުނާފީ މަރުޙަލާއަކީ، ޢާންމު އުޞޫލެއްގެ ގޮތުން ހެކި ވަޒަންކުރުމާއި މައްސަލައެއްގެ ވާޤިޢާތައް ސާބިތުކުރުމުގެ މަރުޙަލާއެއް ނޫންކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރެވޭ ޙާލަތްތައް ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރެވޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފުވާނަމަ ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްކުރުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރިނަމަ މިފަދަ ކަންކަމުގެ މައްޗަށް އެކަނިއެވެ.

ބުނެވިދިޔަ އުޞޫލުން މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހަމަ މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމް ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފުވިގޮތެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރުމުގެ ބަދަލުގައި ޖުމްލަ ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ތަކުރާރު ކޮށްފައިވަނީ، އިޢުލާނާ ގުޅިގެން ޝަކުވާ ހުށަހެޅި ފަރާތްތަކުގެ މައްސަލަތައް ދެމިއޮތްވައި މިނިސްޓްރީ އޮފް ޓޫރިޒަމުން ލީސް ޓްރާންސްފަރ ކޮށްފައިވާކަމަށް ބުނެ ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ސާބިތުކުރެވިފައިވާ ވާޤިޢާތަކެއްކަމާއި، މި ދެންނެވި ވާޤިޢާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުނު ގޮތް މި ރައުޔުގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވާހިނދު، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވިގޮތެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދެވިފައި ނުވާތީވެ މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ގައި ކަނޑައެޅިފައިވާ ތަރަހައިގެ ބޭރުން ހުށަހެޅިފައިވާ މައްސަލައެއް ކަމުގައިވާތީވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަކަށް ނުދެކެމެވެ. ނަމަވެސް މި މައްސަލައިގައި ދައުރުވާ ޤާނޫނީ ދެ ސުވާލު ކަމުގައިވާ (1) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ލ. އޮޅުވެލީގެ ލީސް ޓްރާންސްފަރ ކުރުމާ ގުޅޭގޮތުން ދަޢުވާއެއް ކުރުމުގެ ހައިސިއްޔަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވޭތޯ އާއި (2) ލ. އޮޅުވެލީގެ ލީސް ޓްރާންސްފަރ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދާ އެއްގޮތަށްތޯ ބަލާލުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

ދަޢުވާކުރުމުގެ ހައިސިއްޔަތު

އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން އޮޅުވެލި ލާމް ހޯލްޑިންގްސްއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި އިސްތިއުނާފުކުރާ ފަރާތަށް މި މައްސަލައިގައި ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. ހަމަ މި ނުކުތާވަނީ ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އޮޅުވެލި ލާމް ހޯލްޑިންގްސްއިން ފާހަގަކޮށްފައެވެ. އަދި އިޖުރާއީ ނުކުތާ ބިނާކުރާ އަސާސަކީ، އިސްތިއުނާފުކުރާ ފަރާތުން ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ ސުންގަނޑި ކަމުގައިވާ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހުގެ މުއްދަތު ހަމަވިއިރު، އިސްތިއުނާފުކުރާ ފަރާތުން އެ އިޢުލާނަށް އިޖާބަދީފައި ނުވާކަމާއި، ކޯޓަށް މައްސަލަ ހުށަހެޅެނީ މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރާ އިޢުލާނާ ގުޅިގެން ޝަކުވާކުރާ ފަރާތްތަކުގެ މައްސަލަތައް ޙައްލުކުރުމަށް ދެވޭ 30 (ތިރީސް) ދުވަހުގެ ތެރޭގައިކަމާއި، މިގޮތަށް އިސްތިއުނާފުކުރާ ފަރާތުން ޢަމަލުކޮށްފައި ނުވާކަމަށެވެ. މީގެ އިތުރުން، ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ލީސް ޓްރާންސްފަރ ކުރުމުގެ މުޢާމަލާތް ރޫޅާލުމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން އެއްވެސް ދަޢުވާއެއް ކޮށްފައި ނުވާހިނދު، އެހެން ފަރާތެއްގެ ނަމުގައި މި ދަޢުވާކުރުމުގެ ސިފަތު އަދި ހައިސިއްޔަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަމަށް ދެކޭކަމަށެވެ.

ދަޢުވާކުރުމުގެ ހައިސިއްޔަތާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އެ ފަރާތުން މި ދަޢުވާކުރަނީ ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ނަމުގައި ނޫންކަމާއި، އެ ފަރާތުގެ މަސްލަޙަތު މި ދަޢުވާގައި ގުޅެނީ، އޭނާއަކީ އޮޅުވެލި ލާމް ހޯލްޑިންގްސްގެ ޙިއްސާދާރަކަށް ވާތީކަމާއި، އަދި އިސްތިއުނާފުކުރާ ފަރާތަށް މި މައްސަލައިގައި ދަޢުވާކުރުމުގެ ހައިސިއްޔަތު އޮތްކަމަށް ސިވިލް ކޯޓުން އިޖުރާއީ ނިންމުމެއް ނިންމާފައިވާކަމާއި، އެ ނިންމުން އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވާކަމަށެވެ.

ކޮންމެ މަދަނީ ދަޢުވާއެއް ކުރުމަށްޓަކައި ކޯޓަކަށް ހުށަހެޅޭއިރު ހުށަހަޅާ ފަރާތެއްގެ ޙައްޤެއް ނުވަތަ މަސްލަޙަތެއް ހިމާޔަތްކުރުމަށް ހުށަހެޅޭ މައްސަލައެއް ކަމުގައި ވާންވާނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މޫސާ ނަސީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި އިސްތިއުނާފީ މަރުޙަލާގައިވެސް ދަޢުވާކުރުމުގެ ހައިސިއްޔަތު އޮތްތޯ ބަލަންޖެހޭނެކަމަށް ކަނޑައަޅާފައިވާތީވެ، ހުށަހެޅިފައިވާ މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ދަޢުވާކުރުމުގެ ޙައްޤު އޮތްތޯ ބެލުމަށްޓަކައި އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

ލ. އޮޅުވެލި ދައުލަތުން ކުއްޔަށް ދޫކޮށްފައިވަނީ، އޮޅުވެލި ލާމް ހޯލްޑިންގްސްއަށެވެ. އެ ރަށުގެ ލީސް ޓްރާންސްފަރ ކުރެވުނީ ލެޝަރ ފްރަންޓިއަރސްއަށެވެ. މި މުޢާމަލާތުގެ ދެބައިވެރިންނަކީ އޮޅުވެލި ލާމް ހޯލްޑިންގްސް އާއި ލެޝަރ ފްރޮންޓިއަރސްއެވެ. މި މުޢާމަލާތުގެ ދެބައިވެރިންގެ މެދުގައި އެ މުޢާމަލާތާ ގުޅޭގޮތުން ޚުސޫމަތެއް ނެތްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އަދި ހަމަ އެހެންމެ، ޓޫރިޒަމާގުޅޭ ކަންކަން ރެގިއުލޭޓު ކުރާފަރާތް، މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެ މުޢާމަލާތުގެ ސައްޙަކަމާމެދު ސުވާލު ނުއުފައްދާކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ބަޔާންކޮށްފައި ވެއެވެ. އިސްތިއުނާފުކުރާ ފަރާތަކީ މި މުޢާމަލާތުގެ ބައިވެރިއެއް ނޫނެވެ. ކޮންޓްރެކްޓެއްގެ ބައިވެރިއެއް ނޫން އެހެން ފަރާތަކުން އެ ކޮންޓްރެކްޓުގައި ހިނގާދިޔަ ގޮތަކާމެދު ދަޢުވާކުރުމުގެ ހައިސިއްޔަތެއް ނޯންނާނެކަމީ ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ މަބުދައުގައި ކަނޑައަޅާފައިވާ އަސާސީ ހަމައެވެ. މިއާ ޚިލާފަށް އިސްތިސްނާއީ ޙާލަތެއްގައި، ތިންވަނަ ފަރާތަކަށް ދަޢުވާކުރެވެނީ، ކޮންޓެރެކްޓުގައި އެފަދަ ހައިސިއްޔަތެއް ދީފައި އޮންނަ ޙާލަތުގައި ނުވަތަ ޤާނޫނަކުން އެފަދަ ދައުވާއެއް އުފުލުމަށް ބާރުދީފައި އޮންނަ ޙާލަތުގައެވެ.

އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި އެދިފައިވާ ފަރުވާއަކީ ލ. އޮޅުވެލީގެ ލީސް ޓްރާންސްފަރ ކުރުމުގެ މުޢާމަލާތް ރޫޅާލައި އެ މުޢާމަލާތް ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް، އެ މުޢާމަލާތުގެ ދެބައިވެރިން ކަމުގައިވާ އޮޅުވެލި ލާމް ހޯލްޑިންގްސް އާއި ލެޝަރ ފްރަންޓިއަރސް އެ ކަމަށް ނުރުހޭތީވެ ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ޚުސޫމަތެއް ނެތްކަން އެނގެއެވެ. ޚުސޫމަތެއް ނޯންނަ މައްސަލައެއްގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމެއް ނޯންނަހިނދު، ޚުސޫމަތެއް ނެތް މައްސަލައެއްގައި ދައުވާކުރުމުގެ ފުރުސަތެއް ވެސް ނޯވެއެވެ.

ލ. އޮޅުވެލީގެ ލީސް ޓްރާންސްފަރ ކުރުމުގެ މުޢާމަލާތުގައި އިސްތިއުނާފުކުރާ ފަރާތުގެ މަސްލަޙަތު އުފަންވަނީ، އެ ފަރާތަކީ އޮޅުވެލި ލާމް ހޯލްޑިންގްސްގެ ޙިއްސާދާރަކަށް ވާތީކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ ފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް ކުންފުންޏަކީ އެ ކުންފުނީގެ ޙިއްސާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚުސިއްޔަތެކެވެ. ކުންފުނީގެ ހައްޤުތަކާއި އިލްތިޒާމުތަކަކީ ކުންފުނީގެ އަމިއްލަ އެއްޗެކެވެ. ކުންފުނީގެ ނަމުގައި މުޢާމަލާތް ކުރެވެނީ ވެސް ކުންފުންޏަށެވެ. ދަޢުވާކުރުމުގެ ހައިސިއްޔަތު ވެސް އޮންނަނީ ކުންފުނީގެ ނަމުގައެވެ. އެހެންކަމުން ލ. އޮޅުވެއްޔާ ގުޅޭ އެންމެހައި ޙައްޤުތަކަކީ އިސްތިއުނާފުކުރާ ފަރާތުގެ ޙިއްސާ އޮންނަ އޮޅުވެލި ލާމް ހޯލްޑިންގްސްގެ މުދަލެކެވެ. އެއްވެސް ހާލެއްގައި އިސްތިއުނާފުކުރާ ފަރާތުގެ މުދަލެއް ނޫނެވެ. ކުންފުންޏާ ވަކިން ޙިއްސާދާރަކަށް މުޢާމަލާތް ކުރެވޭނީ ވަރަށް ނާދިރު ޙާލަތްތަކެއްގައި ކަމާއި، މީގެ ބައެއް މިސާލުތަކަކީ، ކުންފުނީގެ ނިންމުންތަކަކީ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާއި ކަނޑައެޅިގެން ޚިލާފުވެ އަލްޓްރާވައިރެސް ޢަމަލުތަކާ ގުޅިގެންނާއި ޙިއްސާދާރެއްގެ މަސްލަޙަތައް އުނިކަމެއް އަންނަ ގޮތަކަށް މެޖޯރިޓީ ޙިއްސާދާރުން ނިންމުމާއި އަދި ކުންފުނީގެ މެޖޯރިޓީ ޙިއްސާދާރުން މަކަރާއި ޙީލަތް ހެދުން ފަދަ ކަންކަމުގައި ވަނީ އިސްތިޤުރާރު ވެފައެވެ. ނަމަވެސް މި ޙާލަތްތަކުގައި ވެސް ތިންވަނަ ފަރާތުގެ މައްޗަށް ސީދާ ދަޢުވާކުރުމެއް ނޯންނަކަމާއި، އެފަދަ މައްސަލަތަކުގައި އާންމު ގޮތެއްގައި ދަޢުވާ އުފުލެނީ ޑެރިވޭޓިވް މައްސަލަތަކުގެ ގޮތުގައި ކުންފުނީގެ ހިންގާ ގަވާއިދާ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން ޙިއްސާދާރުން ނުވަތަ ޑިރެކްޓަރުންގެ މައްޗަށެވެ. ހުށަހެޅިފައިވާ މި މައްސަލައަކީ ބުނެވިދިޔަ އުޞޫލުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ނޫނެވެ.

ބަޔާންވެދިޔަ ކަންކަން އެހެން ހުރުމާއެކު މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ދަޢުވާކުރުމުގެ ހައިސިއްޔަތެއް އަދި މި ދަޢުވާގެ ތެރެއިން ހިމާޔަތްކުރާނެ އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ މަސްލަޙަތެއް ނެތްހިނދު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ދަޢުވާކުރުމުގެ ހައިސިއްޔަތު އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

ލީސް ޓްރާންސްފަރ ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން

ހުށަހެޅިފައި މިވާ އިސްތިއުނާފުގައި ދައުރުވާ ފުރަތަމަ ސުވާލުގެ ޖަވާބުގައި، އިސްތިއުނާފުކުރާ ފަރާތަށް މި މައްސަލައިގައި ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ކުރިންވަނީ ބަޔާންކުރެވިފައެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތަށް ދައުވާކުރުމުގެ ހައިސިއްޔަތު ނެތް މައްސަލައެއްގައި މަވުޟޫއީ ގޮތުން ކަނޑައަޅަންޖެހޭ ކަމެއް ނޯންނާނެއެވެ. ނަމަވެސް މި އިސްތިއުނާފުގައި ދައުރުވާ ދެވަނަ ސުވާލު ކަމުގައިވާ، ލީސް ޓްރާންސްފަރ ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލާލުމަކީ މުހިންމު ކަމަކަށް ދެކޭތީވެ އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

މި މައްސަލައާ ގުޅިގެން ސާފުވާންޖެހޭ ދެވަނަ ސުވާލަކީ ލީސް ޓްރާންސްފަރ ކޮށްފައިވަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަމެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމާއި، އަދި ހަމަ އެ ގަވާއިދުގެ 30 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވާ ގޮތް ރަނގަޅު ނޫންކަމަށް ދެކޭކަމަށެވެ. މިކަމަށް ބަލާއިރު، މިއީ އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ހުށަހެޅި ދައުވާ ބިނާކުރި އަސާސެވެ.

ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތަށް ބަދަލުކުރުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ އިޖުރާއާތުތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގައެވެ. މި ގަވާއިދުގައި ޓޫރިސްޓް ރިޒޯޓުތައް ސަބްލީސްކުރުމާއި ރިޒޯޓުގެ މެނޭޖްމަންޓް އެގްރީމެންޓް ކުރުމާއި ލީސް ޓްރާންސްފަރ ކުރުމާއި މޯގޭޖު ކުރުމާއި ޙިއްސާ ބަދަލުކުރުމާއި ސްޓްރާޓާ ޓައިޓަލް އުޞޫލުން ވިލާ ނުވަތަ ކޮޓަރި ލީސްކުރުމާބެހޭ ހަމަތަކާއި އިޖުރާއާތުތައް ވަނީ ބަޔާންކޮށްފައެވެ.

ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގައި ލީސް ޓްރާންސްފަރ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތާއި، ލީސް ޓްރާންސްފަރ ކުރެވޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ލީސް ޓްރާންސްފަރ ފީ ނަގާގޮތްވެސް ވަނީ ބަޔާންކޮށްފައެވެ.

ލީސް ޓްރާންސްފަރ ކުރުމުގެ އިޖުރާއާތު

މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅޭ ބިމެއް ނުވަތަ ރަށެއްގެ ލީސް ޓްރާންސްފަރ ކުރުމުގެ ކަންކަން އެ މިނިސްޓްރީއަށް ކުރިޔަށް ގެންދެވޭނީ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޢާއްމުކޮށް އިޢުލާންކުރުމަށް ފަހުގައިކަން ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ.

"ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރުމަށް ހުއްދަ ދެވޭނީ އެ ރަށެއް ނުވަތަ އެ ބިމަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއްވޭތޯ ބެލުމަށް މިނިސްޓްރީގެ ފަރާތުން ޢާއްމުކޮށް އިޢުލާނުކުރުމަށްފަހު އެފަދަ މައްސަލައެއް އޮތްނަމަ ރަށް ނުވަތަ ބިމުގެ ލީސް ހޯލްޑަރުގެ ފަރާތުން އެ މައްސަލައެއް ޙައްލުކުރުމުންނެވެ."

މަތީގައި ބަޔާންކުރެވިފައިވާ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެ ރަށެއް ނުވަތަ ބިމެއްގައި ތިންވަނަ ފަރާތެއްގެ މަސްލަހަތެއް ނުވަތަ ޝަކުވާއެއް އޮތްތޯ ބެލުމުގެ އިޖުރާއީ މާއްދާއެކެވެ. މިގޮތުން ގަވާއިދު ލާޒިމުކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް އިޢުލާންކުރުމާއެކު މި ދެންނެވި އިޢުލާނަށް އިޖާބަދިން ފަރާތްތަކުގެ ދަރަނި ނުވަތަ މައްސަލައެއް ޙައްލުކުރުމަކީ ލީސް ހޯލްޑަރުގެ ޒިންމާއެއް ކަމުގައެވެ. އިޢުލާނަށް އިޖާބަ ނުދޭ ފަރާތެއްގެ މައްސަލައެއް ޙައްލުކުރުމުގެ ޒިންމާއެއް ލީސް ހޯލްޑަރުގެ މައްޗަކަށް ނުވެއެވެ. މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނޭގޮތް އެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އާއި 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން 29 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ:

"ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ރަށެއް ނުވަތަ ބިމަކާ ގުޅޭގޮތުން ލީސް ހޯލްޑަރ، ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކާ ޚަލާޞްކުރުމުގެ ކުރިން، ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. މީގެ އިތުރުން ރަށް މޯގޭޖުކޮށް ރަޖިސްޓަރީކޮށްފައި އޮތްނަމަ މޯގޭޖުގެ ވެރިފަރާތުގެ ހުއްދަލިބިގެން މެނުވީ ލީސް ޓްރާންސްފަރ ކުރުމަށް ހުއްދައެއް ނުދެވޭނެއެވެ."

ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ލީސް ޓްރާންސްފަރ ކުރުމަށް އެދި ހުށަހަޅާ އެޕްލިކޭޝަނުގެ މުއްދަތާ ގުޅޭ ގޮތުންނެވެ. އެގޮތުން އެ މާއްދާގައި ބުނެފައިވަނީ:

"ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ރަށެއް ނުވަތަ ބިމަކާ ގުޅޭގޮތުން މިނިސްޓްރީންކުރާ އިޢުލާނާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އެ މައްސަލައެއް ޙައްލުކުރުމަށް ނުވަތަ ލީސް ޓްރާންސްފަރ ކުރުން ކުރިއަށް ގެންދިއުމަށް ނުވަތަ ހުއްޓުވުމަށް ކޯޓު އަމުރެއް މިނިސްޓްރީއަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ."

ލީސް ޓްރާންސްފަރ ކުރުމުގެ މައްސަލަތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިމިފައިނުވާނަމަ ޢަމަލުކުރާނެގޮތް ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކުރަމުން ބުނެފައިވަނީ:

"މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ޙައްލުނުކުރެވިއްޖެނަމަ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން ލީސް ޓްރާންސްފަރ ކުރުން ހުއްޓުވުމަށް އަންގާފައިއޮތް ކޯޓު އަމުރެއް 30 ދުވަހުގެ ތެރޭގައި ހުށަހަޅާފައިނުވާނަމަ ލީސް ޓްރާންސްފަރ ކުރުމުގެ ކަންތައްތައް މިނިސްޓްރީން ކުރިއަށް ގެންދެވޭނެއެވެ."

ބަޔާންވެދިޔަ މާއްދާތަކުގެ އަލީގައި ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ މައިގަނޑު އިޖުރާއާތުތައް އަންނަނިވި ގޮތަށް ގަވާއިދުގައި ތަރުތީބު ކުރެވިފައިވާކަން ދޭހަވެއެވެ.

ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެ ރަށެއް ނުވަތަ ބިމަކާ ގުޅުންހުރި ތިންވަނަ ފަރާތެއްގެ މަސްލަޙަތެއް އޮތްތޯ ބެލުމަށްޓަކައި ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް އިޢުލާންކުރުން.

ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ފޯމް ހުށަހަޅާފައިވާ ރަށެއް ނުވަތަ ބިމަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްތޯ ބެލުމަށްޓަކައި ގަވާއިދުގައިވާ ގޮތުގެމަތިން ކުރެވޭ އިޢުލާނާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އެ މައްސަލައެއް ޙައްލުކުރުމަށްޓަކައި 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދެވޭނެކަމާއި، މި މުއްދަތުގައި މައްސަލަތައް ޙައްލުނުވާ ޙާލަތެއްގައިވެސް ލީސް ޓްރާންސްފަރ ކުރުން ހުއްޓާލުން ލާޒިމުކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ކޯޓު އަމުރެއް ނެތް ޙާލަތެއްގައި، ގަވާއިދުގައިވާ ގޮތުގެމަތިން ލީސް ޓްރާންސްފަރ ކުރުމުގެ ކަންތައް ކުރިޔަށް ގެންދިއުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވާކަން.

ނަމަވެސް ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ރަށެއް ނުވަތަ ބިމަކާ ގުޅޭގޮތުން ލީސް ހޯލްޑަރު، ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކާ ޚަލާޞްކުރުމުގެ ކުރިން ލީސް ޓްރާންސްފަރ ނުކުރެވޭނެކަމާއި، ލީސް ޓްރާންސްފަރ ކުރުމުގެ ކުރިން އެއްކޮށް ދައްކާ ޚަލާސްކުރަން ޖެހެނީ ދައުލަތަށް ދައްކަންޖެހިފައިވާ ފައިސާކަން.

ރަށް މޯގޭޖްކޮށް ރަޖިސްޓަރީކޮށްފައި އޮތްނަމަ މޯގޭޖުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން މެނުވީ ލީސް ޓްރާންސްފަރ ކުރުމަކަށް ހުއްދަ ނުދެވޭކަން.

ބަޔާންވެދިޔަ ޚުލާސާގެ އަލީގައި ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެ ރަށެއް ނުވަތަ ބިމަކާ ގުޅުންހުރި ތިންވަނަ ފަރާތެއްގެ މަސްލަޙަތެއް އޮތްތޯ ބެލުމަށްޓަކައި ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް އިޢުލާނުކުރުމުން ހުށަހެޅޭ މައްސަލަތަކަކީ، ލީސް ޓްރާންސްފަރ ކުރުމުގެ އިޖުރާއަތުތަކުގެ ތެރެއިން ޙައްލުކުރަންޖެހޭ މައްސަލަތައް ކަމުގައިވާހިނދު އިޢުލާނަށް އިޖާބަނުދޭ ފަރާތަކަށް ލީސް ޓްރާންސްފަރ ކުރުމާގުޅޭ މައްސަލައެއް ނުވަތަ ދަޢުވާކުރުމުގެ ޙައްޤެއް ނޯންނާނެއެވެ. އެ ނޫން މައްސަލަތަކަކީ ލީސް ޓްރާންސްފަރ ކުރުމާގުޅޭ މައްސަލަތަކެއް ނުވަތަ އެ މުޢާމަލާތާ ސީދާ ގުޅުންހުރި މައްސަލަތައް ކަމުގައި ނުވާތީވެ ލީސް ޓްރާންސްފަރކޮށް ނިމުމަށް ފަހުގައިވެސް ހެޑް ލީސް ހޯލްޑަރގެ މައްޗަށް ނުވަތަ އެ ނޫންވެސް ޒިންމާއެއް އޮތް ފަރާތެއްގެ މައްޗަށް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްނަމަ ދަޢުވާކުރުމުގެ ޙައްޤު މަސްލަޙަތު އޮތް ފަރާތަކަށް ދޮރު ބަންދެއް ނުވެއެވެ.

ލީސް ޓްރާންސްފަރ ކުރުމާގުޅޭ މައްސަލަތައް ޙައްލުކުރުމުގައި ކަނޑައެޅިފައިވާ މައިގަނޑު އިޖުރާއަތުތަކަކީ، މައްސަލައެއް ހުށަހަޅާ ފަރާތުން އިޢުލާނަށް އިޖާބަދީ މިނިސްޓްރީ އޮފް ޓޫރިޒަމަށް ޝަކުވާކޮށްފައިވޭތޯ އާއި މައްސަލަ ޙައްލުކުރުމަށް ދީފައިވާ މުއްދަތުގައި މައްސަލަ ޙައްލުކޮށްފައިވޭތޯ ނުވަތަ މައްސަލަ ޙައްލުނުވާ ކަމުގައިވާނަމަ، ލީސް ޓްރާންސްފަރ ކުރުން ހުއްޓުވުމުގެ އަމުރެއް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް އޮތްތޯއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ކަށަވަރުކުރުން ލާޒިމުކޮށްފައި ވަނީ ލީސް ހޯލްޑަރ ސަރުކާރަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކާ ޚަލާސްވެފައިވޭތޯ އާއި ލީސް ޓްރާސްފަރ ކުރެވޭ ރަށް ނުވަތަ ބިން ރަހުނު ކުރެވިފައިވާނަމަ ރަހުނުގެ ވެރިފަރާތުގެ ރުހުން އެ މުޢާމަލާތައް އޮތްތޯއެވެ. އެހެންކަމުން އިޢުލާނާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމަށް ޝަކުވާ ހުށަހެޅި 39 (ތިރީސް ނުވައެއް) ފަރާތުގެ މައްސަލަތައް ލީސް ޓްރާންސްފަރ ކުރުމުގެ ކުރިން ޙައްލުކުރެވިފައިވާކަން އެނގޭހިނދު، މީގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވާ ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި އެގްޒެމްޕްލެރީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ޒެންޑަރ ޕްރޮޕަޓީ ލިމިޓެޑް އަދި ގަނެޝަން ނަރަސިންހަން މި ހަތަރު ފަރާތްވެސް ހިމެނޭތީވެ ލ. އޮޅުވެލީގެ ލީސް ޓްރާންސްފަރ ކުރުމުގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކާ ޚިލާފަށް ކަމެއް ހިނގާފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް ދެކެމެވެ.

މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ޖުޑީޝަލް ނޯޓިސްއެއް ނެރެ، މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ސިޓީގެ ކޮޕީ ޝަރީޢަތަށް ހުށަހަޅައި އެ ސިޓީގައިވާ ކަންކަމަށް ރިޢާޔަތްކޮށް ދިނުމަށް އެދިފައިވެއެވެ. މިކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅިފައިވާ މި މައްސަލައިގައި ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތުމުގެ އިތުރުން، ޝަރީޢަތުން އިސްވެ ހޯދުމަށް އެދިފައިވާ ލިޔުމަކީ މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، ހުށަހެޅިފައިވާ މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ސިޓީއެއް ކަމުގައިވާހިނދު، އެފަދަ ސިޓީތަކުން ކުރެވޭ މުޢާމަލާތުތަކަކީ ވަކީލާއި މުވައްކިލާ ދެމެދު ޚިދުމަތް ދިނުމުގައި ތަބާވާ ލީގަލް ޕްރޮފެޝަނަލް ޕްރިވިލެޖުގެ އުޞޫލުގެ ދަށުން ސިއްރުކުރެވި އިމްތިޔާޒު ލިބި ރައްކާތެރިކުރެވިފައިވާ ކަންކަމުގައި ވާތީވެ، މި މައްސަލައިގެ ބޭނުމަށްޓަކައި، އެފަދަ ލިޔުމެއް ހޯދައި އެ ލިޔުމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭ ހުއްދަކުރާ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، މި މައްސަލައިގައި ދަޢުވާކުރުމުގެ ހައިސިއްޔަތެއް އިސްތިއުނާފުކުރާ ފަރާތަށް ނެތްހިނދު، ލ. އޮޅުވެލީގެ ލީސް ޓްރާންސްފަރ ކުރުމުގައި ދައުލަތުން ކަނޑައެޅިފައިވާ އިޖުރާއާތުތަކާ ޚިލާފަށް ޢަމަލުކޮށްފައި ނުވާކަމަށް ދެކޭހިނދު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/48 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/48 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/48 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/48 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމްމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ