ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) ވ. ޙުސައިން ރިޝީފް ޠާހާ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/86
2019/SC-A/90
ޝަރީޢަތް ނިމުނުގޮތް
ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) ވ. ޙުސައިން ރިޝީފް ޠާހާ
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
05 ޖުލައި 2021
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/23
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޙުސައިން ރިޝީފް ޠާހާ،ހ.ސޯސަން، މާލެ ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
ޤާނޫނީ ވަކީލް: ޢަބްދުﷲ ނަޞީރު މުޙައްމަދު، ލީގަލް އެއިޑް އެލް.އެލް.ޕީ
ޤާނޫނީ ވަކީލް: ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ
ސީނިއަރ ސްޓޭޓް އެޓަރނީ ޢަލީ ޝުޙައިލް މުޙައްމައްދު
މަދަނީ - ވަޒީފާއާބެހޭ – ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުން -ވަޒީފާލިބުމާ ހަމަޔަށް ލިބެންވާ މުސާރައާއި ޢިނާޔަތް ނޮން-ޕްރެކްޓިސް އެލަވަންސް - audi alteram partem އުސޫލު
ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) ވ ޙުސައިން ރިޝީފް ޠާހާ
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/23 ޤަޟިއްޔާ ނިމުމުން، އެ ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 2 (ދޭއް) އިސްތިއުނާފީ މައްސަލަ ހުށަހެޅުނެވެ. އެއީ، ހ. ސޯސަން ޙުސައިން ރިޝީފް ޠާހާ (މީގެ ފަހުން "ޙުސައިން ރިޝީފް ޠާހާ") ގެ މައްޗަށް ރައްދުވާގޮތަށް ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) (މީގެ ފަހުން "ދައުލަތް" ނުވަތަ "މޯލްޑިވްސް ޕޮލިސް ސަރވިސް") ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/86 ޤަޟިއްޔާ[ އާއި، ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ދައުލަތުގެ މައްޗަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލަ ]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/90 ޤަޟިއްޔާ[ އެވެ.
މިއީ، ސުޕްރީމް ކޯޓަށް ހުށަހެޅުނު، ބުނެވުނު ދެ އިސްތިއުނާފީ މައްސަލަ އެއްކޮށް ހިންގުމަށްފަހު، އެ ދެ މައްސަލައާމެދު ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް އިންސްޕެކްޓަރެއްގެ ވަޒީފާގައި ޙުސައިން ރިޝީފް ޠާހާ އުޅެމުންދަނިކޮށް، އަންހެން ކުއްޖަކާމެދު އޭނާ ބަދުއަޚްލާޤީ ޢަމަލުހިންގި ކަމުގެ ތުޙުމަތުކުރެވި، އެ ތުހުމަތާއި ގުޅިގެން، 08 އޮގަސްޓް 2010 ގައި ޙުސައިން ރިޝީފް ޠާހާ ފުލުސް އޮފީހުގައި ހައްޔަރު ކުރެވުނެވެ. އަދި ޙުސައިން ރިޝީފް ޠާހާ ހައްޔަރުކުރެވުނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ބެލުމަށް ޤާޟީއެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، ޙުސައިން ރިޝީފް ޠާހާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލިއެވެ.
ޙުސައިން ރިޝީފް ޠާހާ ދޫކޮށްލުމުން، އޭނާ ވަގުތުން ފުލުސް އޮފީހަށް ގެންގޮސް، ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު އޭނާއަށް ދިންކަމަށް ޙުސައިން ރިޝީފް ޠާހާ ބުނެއެވެ.
އޭގެ އެތައް ދުވަހެއް ފަހުން، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހާޒިރުކުރުމަށްފަހު، މި މައްސަލައިގައި ޙުސައިން ރިޝީފް ޠާހާ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާކަމަށް ބުނެ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ (1) އާ ޙަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރަން ނިންމިއެވެ.
ޙުސައިން ރިޝީފް ޠާހާ ބުނާގޮތުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެގޮތަށް ނިންމީ، ތުހުމަތުކުރެވުނު ކުށާއި ގުޅިގެން އޭނާއާ ސުވާލުކުރުމެއްނެތި، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވިކަމުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތިކަމަށެވެ. އަދި، އޭނާ ވަޒީފާއިން ވަކިކުރިކަން 14 ސެޕްޓެންބަރު 2010 ގައި އަނގަބަހުން އެންގުމަށްފަހު، 14 ސެޕްޓެންބަރު 2010 ގެ ތާރީޚުގައި ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވާ ކަމުގައި އަންގައި، 29 ސެޕްޓެންބަރު 2010 ގައި މިނިސްޓަރ އޮފް ހޯމް އެފެއާރޒް މުޙައްމަދު ޝިހާބު ސޮއިކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" ދީފައިވާކަމަށެވެ.
ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާއި ފުލުހުންގެ ވަޒީފާއާ ބެހޭ ޤަވާޢިދާ ޚިލާފަށް ކަމަށް ބުނެ، އޭނާގެ ވަޒީފާ އަނބުރާ ދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިން ނުދީ ހުރި މުސާރައާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ލިބުމާހަމަޔަށް ލިބެންވާ މުސާރައާއި ޢިނާޔަތް ދިނުމަށާއި، އަދި ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނޭނެ ކަމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުމެއްނެތި ގުޅުވައި ދިނުމަށާއި، އަދި ވަޒީފާއާ ގުޅިގެން ލިބިގެންވާ އެންމެހާ ޙައްޤުތައް އޭނާއަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އެދި ޙުސައިން ރިޝީފް ޠާހާގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
މި މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 1582/Cv-C/2010 ޤަޟިއްޔާގެ ގޮތުގައި ހިންގައި، އެ ކޯޓުން ޙުކުމްކޮށްފައިވަނީ ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ އޭނާ ވަޒީފާއިން ވަކިކުރެވޭވަރުގެ "އެކަށީގެންވާ ތުހުމަތެއް" ކަމުގައި ބެލެވޭ މިންވަރަށް މަދަނީ މިންގަނޑުން ހެކި ލިބިފައިވާތީ، ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާނެތަނެއް ނެތް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ނުދީވާ ކަމަށް ބުނާ މުސާރަ ހޯދުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން ބަލައިދެވޭނެކަމަށް ޙުސައިން ރިޝީފް ޠާހާއަށް އަންގައެވެ.
ސިވިލް ކޯޓުގެ ނަންބަރު 1582/Cv-C/2010 ޤަޟިއްޔާގެ ނިންމުން ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާއިން މައްސަލަ ބަލައި، ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމުގައި ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ކުރެވިފައިވާ ތުހުމަތު މަދަނީ މިންގަނޑުން ސާބިތުވާ މިންވަރަށް ހެކިލިބިފައިވާ ކަމަށް ކަނޑައަޅައި، ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށެވެ. އަދި ޙުސައިން ރިޝީފް ޠާހާ އަދާކުރަމުންދިޔަ ފަންތީގެ ވަޒީފާއެއް އޭނާއަށް ދިނުމަށާއި، 14 ސެޕްޓެންބަރު 2010 އިން ފެށިގެން ޙުސައިން ރިޝީފް ޠާހާގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް (16 އޮގަސްޓު 2012) ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޙުސައިން ރިޝީފް ޠާހާއަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ބަލައި ޙުކުމް ކޮށްފައިވަނީ، އިސްވެ ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމުގައިވާތީ، އެ ޙުކުމަށް ތާއިދުކޮށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިފަދައިން މައްސަލަ ނިމުމާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދައުލަތުގެ ފަރާތުން ޢަމަލުކޮށްފައި ނުވާތީ، އެ ޙުކުމް ތަންފީޒު ކޮށްދިނުމަށް އެދި ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު 2136/Cv-C/2014 ޤަޟިއްޔާއިން އެ މައްސަލަ ބެލިއެވެ. އަދި އެ މައްސަލައިގައި ޙުކުމްކޮށްފައިވަނީ، 11 ޖޫން 2014 ވަނަ ދުވަހު ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާ އަނބުރާ ދީފައިވާ ކަމަށާއި، 14 ސެޕްޓެންބަރު 2010 ވަނަ ދުވަހުން ފެށިގެން އޭނާ ވަޒީފާއިން ވަކިވެފައިވާ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލާފައި ނުވާކަމަށާއި، ޙުސައިން ރިޝީފް ޠާހާގެ ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚިދުމަތުގެ ގޮތުގައި ގުނާފައިވާ ކަމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުނުކެނޑި މުއްދަތު ގުޅުވައިދީފައިވާކަމަށް ކަނޑައަޅައި، 14 ސެޕްޓެންބަރު 2010 ވަނަ ދުވަހުން ފެށިގެން ޙުސައިން ރިޝީފް ޠާހާގެ ވަޒީފާ އަނބުރާދިން ދުވަހާ ހަމައަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެންވާ 690,921/21ރ. (ހަލައްކަ ނުވަދިހަހާސް ނުވަސަތޭކަ އެކާވީސް ރުފިޔާ އެކާވީސްލާރި) އާއި، ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި 15,387/99ރ. (ފަނަރަހާސް ތިންސަތޭކަ އަށްޑިހަ ހަތްރުފިޔާ ނުވަދިހަ ނުވަލާރި) އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި 157,150/01ރ. (އެއްލައްކަ ފަންސާސް ހަތްހާސް އެއްސަތޭކަ ފަންސާސްރުފިޔާ އެއްލާރި) އާއި، ސްޓެޕް އެލަވަންސްގެ ގޮތުގައި 8,473/14ރ. (އަށްހާސް ހަތަރު ސަތޭކަ ހަތްދިހަ ތިންރުފިޔާ ސާދަ ލާރި) އާއެކު ޖުމްލަ 871,932/35ރ. (އަށްލައްކަ ހަތްދިހަ އެއްހާސް ނުވަ ސަތޭކަ ބައްތިރީސް ތިރީސް ރުފިޔާ ތިރީސްފަސްލާރި)، 19 ނޮވެންބަރު 2015 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޙުސައިން ރިޝީފް ޠާހާއަށް ރައްދުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް ހިމޭނޭ ގޮތުން، ދަޢުލަތުގެ މައްޗަށް އަމުރުކޮށެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 2136/Cv-C/2014 ޤަޟިއްޔާގައި ބުނެވެދިޔަ ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރެވުނުއިރު ހުރި މަޤާމު ކަމުގައިވާ އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަޤާމުގައި ވަޒީފާއަށް ނުކުތުމަށް 11 ޖޫން 2014 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޙުސައިން ރިޝީފް ޠާހާއަށް ލިޔުމަކުން އަންގާފައިވާކަމާއި، އެ "އެންގުން" ކިޔައި، އެ އެންގުމުގައި ޙުސައިން ރިޝީފް ޠާހާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަމާއި، ވަޒީފާ ދިންކަމުގެ ލިޔުން ޙުސައިން ރިޝީފް ޠާހާއާ ޙަވާލުކުރުމަށް މަސައްކަތްކޮށްފައިވާކަން ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީ، ޙުސައިން ރިޝީފް ޠާހާއަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް އިންސްޕެކްޓަރގެ މަޤާމުގައި ވަޒީފާ ދީފައިވާކަން އެނގޭކަން؛
ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާ ދީފައިވަނީ 14 ސެޕްޓެންބަރު 2010 އިން ފެށިގެން ވަޒީފާދިން މުއްދަތާ ހަމައަށް ހިނގާފައިވާ މުއްދަތުގައި އޭނާ ހުރީ ބުނެވުނު ވަޒީފާގައި ކަމަށް ބަލައިގެންކަމާއި، އެ މުއްދަތުގައި ޙުސައިން ރިޝީފް ޠާހާއަށް ޙައްޤުވާ ޢިނާޔަތްތަކާއި އެލަވަންސްތައް ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް އޭނާއަށް ދޭންޖެހޭކަމަށް ދައުލަތުން ވެސް ޤަބޫލުކުރާކަން؛
ކްރިމިނަލް ކޯޓުގެ ނަންބަރު 145-R/144/2015/05 (19 އޮގަސްޓް 2015) ސީޓީގައި ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ދަޢުވާކުރުމަށް އެއްވެސް ބާވަތެއްގެ މައްސަލައެއް ހުށަހެޅިފައި ނެތްކަމަށް ބަޔާންކޮށްފައިވާތީ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A1/144/2015/01 (13 ސެޕްޓެންބަރު 2015) ސިޓީން، ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ތުހުމަތުކުރެވުނު ބިޔަރު ދަޅެއް އަތުގައި ބަހައްޓައިގެން ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާ ނުކޮށް، 01 (އެކެއް) އަހަރާއި 06 (ހައެއް) މަސްދުވަހުގެ ފުރުޞަތެއް ދެވިފައިވާކަމަށް ދޭހަވާން އޮންނާތީއާއި، ބުނެވުނު ފުރުޞަތުގެ ތެރޭގައި ޙުސައިން ރިޝީފް ޠާހާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފުރުޞަތުގެ އުޞޫލާއި ޚިލާފު ނުވެއްޖެނަމަ، ނުވަތަ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށެއް ނުކޮށްފިނަމަ، އޭނާގެ މައްޗަށް ދަޢުވާ ނުކުރާނެކަން އެނގެން އޮންނާތީ، ޙުސައިން ރިޝީފް ޠާހާއަށް ޙައްޤުވާ ޢިނާޔަތްތަކާއި އެލަވަންސްތައް 10 ޖޫން 2014 ވަނަ ދުވަހުގެ ނިޔަލަށް ލިބެންޖެހޭކަމަށް ބުރަވެވޭކަން؛
ނުޙައްޤުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ވަޒީފާއަށް ނިކުމެފައިނުވާ ދުވަސްތަކުގެ މުސާރައާއި، ޢިނާޔަތްތަކާއި، އެލަވަންސްތައް ނަގައިދިނުމުގައިވެސް އަސާސަކަށް ވާންޖެހޭނީ، މުވައްޒަފުގެ ޙައްޤުތައް ހިމާޔަތްކުރުން ކަމުގައި ޝަރީއަތުން ދެކޭކަމާއި، މަދަނީ ކޯޓުގެ ނަންބަރު 1851/MC/2009 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން ބެލުނު 366/Cv-C/2010 ޤަޟިއްޔާގައި މިފަދަ ޙާލަތެއްގައި ޢިނާޔަތްތަކާއި އެލަވަންސްތައް ނަގައިދިނުމުގައި ތަޠުބީޤުކޮށްފައިވާ މިންގަނޑަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/288 ޤަޟިއްޔާއިން ތާޢިދުކޮށްފައިވާތީ، ބުނެވުނު މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފު ވަޒީފާއަށް ނުކުންނަ ދުވަސްތަކުގެ މައްޗަށް، ނުވަތަ މުވައްޒަފު ވަޒީފާއަށް ނުކުމެ މަސައްކަތުގައި ހޭދަކުރާ ވަގުތުގެ މައްޗަށް ބިނާވުމެއްނެތި، މުވައްޒަފު ވަޒީފާގައި ދެމިހުރުމުގެ މައްޗަށް ބިނާކޮށް ދެވޭ އެންމެހާ ޢިނާޔަތްތައް ޙުސައިން ރިޝީފް ޠާހާއަށް ޙައްޤުވާކަން؛
ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ހޯދުމަށް އެދިފައިވާ ކޮއްތު ފައިސާއަކީ ދޭންޖެހޭ ފައިސާއެއް ކަމަށް ޝަރީޢަތަށް ނުފެންނަ ކަމަށާއި، ސްޓެޕް އެލަންވަސްގެ ގޮތުގައި އޭނާއަށް ޙައްޤުވާ ފައިސާ ނުދީ ހިފެހެއްޓޭނެ ހުއްޖަތެއް ނެތަތީ، 13 ޖަނަވަރީ 2012 އިން ފެށިގެން 10 ޖޫން 2014 ގެ ނިޔަލަށް ޙުސައިން ރިޝީފް ޠާހާއަށް ސްޓެޕް އެލަވަންސް ލިބެންޖެހޭކަމާއި، ކުރިން ބުނެވުނު އުސޫލުތަކަށް ރިޢާޔަތްކޮށް، ސަރވިސް އެލަވަންސަކީ ވެސް ޙުސައިން ރިޝީފް ޠާހާއަށް ޙައްޤުވާ އެލަވަންސްއެއްކަން؛
ޔުނީފޯމު އެލަވަންސަކީ ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރުމަށްފަހު ކޯޓުގެ ޙުކުމަކުން އަލުން ވަޒީފާ ދިނުމާ ހަމައަށް ދޭންޖެހޭ އެލަވަންސެއް ނޫންކަމާއި، އަދި ޙުސައިން ރިޝީފް ޠާހާ ހައިކޯޓުގެ ޙުކުމަށްފަހު އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކޮށްފައިވާކަން11 މާރިޗު 2014 ގައި އެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުން އެނގެން އޮންނާތީ، ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނޮން-ޕްރެކްޓިސް އެލަވަންސް ދޭންނުޖެހޭނެކަމަށް ޝަރީޢަތަށް ބުރަވެވޭކަން؛ އަދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ "މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާއިބެހޭ ޤަވާޢިދު" ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސްކަމެއް ވަޒީފާ އަދާކުރި މުއްދަތުގައި ނުވަތަ ޕްރޮމޯޝަން ޙައްޤުވާނެކަމަށް ދެކޭ ޙާލަތުގައި ހުރިނެތްގޮތް ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާތީ، 14 ސެޕްޓެންބަރު 2010 އިން 11 ޖޫން 2014 އާ ދެމެދުގެ މުއްދަތަށް، ޙުސައިން ރިޝީފް ޠާހާއަށް މަޤާމުގެ ކުރިއެރުން ޙައްޤުވާނެކަމަށް ނުވަތަ މަޤާމުގެ ކުރިއެރުން ދޭންޖެހޭނެކަމަށް މި ޤަޟިއްޔާގައި ކަނޑައަޅާނެ ތަނެއް ނެތްކަން.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 2136/Cv-C/2014 ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުސައިން ރިޝީފް ޠާހާ އިސްތިއުނާފުކުރުމުން، އެ މައްސަލަ އެ ކޯޓުގެ ނަންބަރު 2016/HC-A/23 ޤަޟިއްޔާއިން ބެލިއެވެ. އަދި، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ސިވިލް ކޯޓުގެ ނަންބަރު 2136/Cv-C/2014 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމިއެވެ.
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ޤަވާޢިދު ނަންބަރު MPS-4/2009-1 (ވަޒީފާއާބެހޭ ޤަވާޢިދު) (މީގެ ފަހުން "ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދު") ގެ 13 ވަނަ މާއްދާގެ (އ) ގެ ދަށުން، ވަޒީފާ ދިންކަން އަންގަން ލާޒިމުވަނީ ލިޔުމުންކަމާއި، ]ވަޒީފާ ދިންކަމުގެ[ ޗިޓަކުން އެފަދަ އެންގުމެއް އެންގުން ލާޒިމުނޫންކަމާއި، ލިޔުމަކުން ނުވަތަ ޗިޓަކުން މި ދެ ގޮތުން ކުރެ ކޮންމެ ގޮތަކަށްވެސް ވަޒީފާ ދިންކަން އެންގިދާނެކަން އެނގެން އޮންނައިރު، ޙުސައިން ރިޝީފް ޠާހާއަށް އޭނާ ކުރިން އަދާކުރަމުން ދިޔަ މަޤާމުގައި ވަޒީފާއަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގާފައިވާކަމާއި، އެ އެންގުމުގައި ޙުސައިން ރިޝީފް ޠާހާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގޭތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާގައިވާ ގޮތުގެ މަތިން ޙުސައިން ރިޝީފް ޠާހާއަށް އަނބުރާ ވަޒީފާ ދީފައިވާކަން އެނގޭކަން؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ މޫސާ ޤާސިމް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، އެލަވަންސްތަކާއި ޢިނާޔަތްތައް ދެބަޔަކަށް ބަހާލެވިގެންވާކަން ފާހަގަކޮށްފައިވާކަމާއި، އެގޮތުން، ފުރަތަމަ ބަޔަކީ ވަޒީފާގައި ދެމިހުރުމުގެ ސަބަބުން ދެވޭ އެލަވަންސްތަކާއި ޢިނާޔަތްތައްކަމާއި، ދެވަނަ ބަޔަކީ މުވައްޒަފު އަދާކުރާ ވަޒީފާއަށް ނިކުތުމުގެ މައްޗަށާއި، ނިކުމެ މަސައްކަތްކުރުމުގެ މައްޗަށް އަދި އެކަމުގައި ހޭދަވާ ވަގުތަށް ބިނާކޮށް ދޭ އެލަވަންސްކަމުގައި ބަޔާންކޮށްފައި އޮވެފައި، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 27 ވަނަ މާއްދާގެ (ބ) ގައި، މުސާރަ ދެވޭނީ ވަޒީފާއަށް ނުކުންނަ ދުވަސްތަކަށްކަމަށް ބަޔާންކޮށްފައިވުމުން، ކޮއްތު އެލަވަންސްއަށްވާ ފައިސާއަކީ މުވައްޒަފު އޭނާ އަދާކުރާ ވަޒީފާއަށް ނުކުތުމުގެ މައްޗަށް ބިނާކޮށް ދެވޭ އެލަވަންސެއް ކަމަށް ޤަބޫލުކުރެވޭތީ، ކޮއްތު އެލަވަންސް ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށާއި، އަދި ޙުސައިން ރިޝީފް ޠާހާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމުން އަމިއްލަ ވިޔަފާރީގައި އުޅެފައިވާކަން އޭނާގެ ބަހުން އެނގެން އޮވެފައި، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 68 ވަނަ މާއްދާގައި ފުލުހުންނަށް އިތުރު މަސައްކަތްކުރެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާ އުސޫލަކުންކަމުގައި ބަޔާންކޮށްފައިވުމުން، ޙުސައިން ރިޝީފް ޠާހާއަށް ނޮން-ޕްރެކްޓިސް އެލަވަންސް ނަގައިދިނުމަކީ އެ އެލަވަންސް ނަގައިދިނުމުގެ މަޤްސަދާއި ފުށު އަރާކަމެއް ކަމުގައިވާތީ، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ނޮން-ޕްރެކްޓިސް އެލަވަންސް ނަގައިނުދެވޭނެކަމަށް ކަނޑައަޅާފައިވަނީ އިސްވެ ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށްކަން؛ އަދި
ފުލުހުންގެ މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާބެހޭ ޤަވާޢިދުގެ 14 ވަނަ މާއްދާއަށް ބަލާއިރު، ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެ ގަވާއިދުގައި ހިމަނާފައިވާކަމާއި، އެ ގަވާއިދުގައިވާ ގޮތުން މަޤާމުގެ ކުރިއެރުމަކީ ހަމައެކަނި ޚިދުމަތުގެ މުއްދަތަށް ބަލައި ދެވޭ އެއްޗެއް ނޫންކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މޫސާ ޤާސިމް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގެ ޙުކުމުގައިވެސް ކަނޑައަޅާފައިވަނީ މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް، މެދުކެނޑުނު މުއްދަތު ގުޅުވައިދިނުންކަން އެނގޭކަމާއި، އެ ޤަޟިއްޔާގެ ޙުކުމުން ދޭހަވަނީ ޚިދުމަތުގެ މުއްދަތު ގުޅުވައިދީ މަޤާމުގެ ކުރިއެރުން ދޭންޖެހޭނެކަން ނޫންކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/23 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން އަދި ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަކި ދެ މައްސަލައެއް ހުށަހަޅާފައިވެއެވެ. އެގޮތުން، ދައުލަތުގެ ފަރާތުން ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ހުށަހަޅާފައިވަނީ މައިގަނޑު 02 (ދޭއް) ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައިވާ، ޙުސައިން ރިޝީފް ޠާހާއަށް މުސާރަ އާއި ޢިނާޔަތްތައް ނަގައިދޭންޖެހޭނީ، ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި އެ ފަރާތް ހައްޔަރުކުރެވުނު ތާރީޚް ކަމުގައިވާ 09 މާރިޗު 2014 ވަނަ ދުވަހާ ހަމައަށް ކަމުގައި ދައުލަތުން ފާހަގަކޮށްފައި ވީނަމަވެސް، އެ ނުކުތާއާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ ވ. އަޙްމަދު ޙަމީދު ގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 6 ވަނަ ނަންބަރުގައި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ދެވަނަ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އުސޫލާ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ޤާނޫނާ ޚިލާފަށް ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަން ދައުލަތުން ދަށު ކޯޓުގައި ސާބިތުކޮށްދީފައިވަނިކޮށް، ސިވިލް ކޯޓުން ހޯދި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމުމަކީ، ދައުލަތުން ކުރިން ޝަރީޢަތަށް ސާބިތުކޮށްދީފައިވާކަމެއް ނަފީވެގެންދާ ޙާލަތެއްކަމާއި، މިފަދަ ޙާލަތުގައި ޝަރީޢަތުން ގޮތް ކަނޑައެޅުމުގެ ކުރިން އެ ޚަޞްމުގެ ބަހެއް ހޯދަންޖެހޭކަމާއި، އަދި މިފަދައިން ދައުލަތުގެ ބަހެއް ހޯދާފައި ނެތުމުން ކަންހިނގާފައިވާ ގޮތް ޝަރީޢަތަށް ސާފުކޮށްދިނުމަށް ދައުލަތަށް ފުރުޞަތު ލިބިފައި ނުވާކަމަށާއި، މިކަމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުކަމެއްކަމާއި، ސިވިލް ކޯޓުން ޙުކުމަށް ވާސިލުވުމުގައި ބުރަވެފައިވާ ޙަޤީޤަތްތަކަކީ ހަމަ ޙަޤީޤަތުގައިވެސް އެގޮތަށް ހުރި ޙަޤީޤަތްތަކެއްތޯ ޝަރީޢަތުން ބަލާފައި ނުވުމުގެ ސަބަބުން، އެ ފަރާތަށް ޙައްޤުނުވާ ފައިސާއެއް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނީ އުޞޫލެއް ކަމުގައިވާ audi alteram partem ގެ މަބްދަޢު އާއި އެ މަބްދައުއަށް ބާރު ލިބޭގޮތަށް ނިންމާފައިވާ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
މި ނުކުތާތަކުގެ ރައްދުގައި ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ފާހަގަކޮށްފައިވަނީ މައިގަނޑު އެއް (01) ނުކުތާއެވެ. އެއީ، ސިވިލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރީ ޙުސައިން ރިޝީފް ޠާހާ ކަމާއި، އިސްތިއުނާފު ކުރުމަށް އެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ދައުލަތުން ފާހަގަކޮށްފައިވާފަދަ އެއްވެސް ކަމެއް ނެތްކަމަށާއި، އިސްތިއުނާފީ ކޯޓަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް ގޮތް ނިންމަންޖެހޭ ގޮތަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި، އިސްތިއުނާފު ކުރެވިފައި ނުވާ ކަމެއްގެ މައްޗަށް ގޮތެއް ނިންމުމަކީ ކުރުން ހުއްދަވެގެންވާކަމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/23 ޤަޟިއްޔާ، އިސްތިއުނާފު ކުރުމަށްޓަކައި ޙުސައިން ރިޝީފް ޠާހާގެ ފަރާތުން 3 (ތިނެއް) ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅާފައިވެއެވެ.
ޙުސައިން ރިޝީފް ޠާހާއަށް އަނބުރާ ވަޒީފާ ދީފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދާ އެއްގޮތަށް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (އ) ގެ ޙަޤީޤީ މަފްހޫމާއި މަޤްޞަދާއި ޚިލާފަށްކަމަށާއި، ފުލުހުންގެ މުއައްސަސާގައި ޢާންމުކޮށް ޢަމަލުކުރާ އުސޫލާ، ސިވިލް ކޯޓުގައި ފުލުހުން ދީފައިވާ ހެކިބަހާއި، ހައިކޯޓާއި ދަށުކޯޓުގައި ފާހަގަކުރެވުނު ޙަޤީޤަތްތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ޙުކުމުގައިވަނީ "މުސާރަ އާއި ޢިނާޔަތްތައް" ރައްދުކުރުމަށް އަމުރުކުރުމަށް ކަމަށާއި، ނަމަވެސް، އިސްތިއުނާފު މި ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާއަށް ނޮން-ޕްރެކްޓިސް އެލަވަންސް ދޭންނުޖެހޭކަމަށް ކަނޑައަޅާފައިވަނީ މި ބަވާތުގެ ޙުކުމްތަކާ ގުޅިގެން ރިޢާޔަތްކުރަންޖެހޭ ޢާންމު އުސޫލުތަކަށް ނަޒަރުކުރުމެއް ނެތި، އަދި ނޮން-ޕްރެކްޓިސް އެލަވަންސް ދެވޭ މަޤްޞަދު ނުބައިކޮށް ދޭހަކޮށް، ކަންހިނގާފައިވާ ގޮތަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ކަމުން، މި ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މޫސާ ޤާސިމް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 68 ވަނަ މާއްދާގެ ދަށުން ފުލުހުންގެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އާމްދަނީ ހޯދުމަށް މަސައްކަތްކުރުން ހުއްދަކޮށްފައިވާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ޙުކުމުގައި "ޚިދުމަތް މެދުކެނޑުނު ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް" އަމަރުކޮށްފައިވާއިރު، "ފުލުހުންގެ މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާއިބެހޭ ޤަވާޢިދު" ގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރެވުނު ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުޅުވާލައި މަޤާމުގެ ކުރިއެރުން މިހިނދާ ހަމައަށްވެސް ދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރައްދުގެ ގޮތުގައި މައިގަނޑު ތިން (3) ނުކުތާއެއް ދައުލަތުން ހުށަހަޅާފައިވެއެވެ.
ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާ ދިނުމުގެ އިޖުރާއަތު ދައުލަތުން ފުރިހަމަކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
ޙުސައިން ރިޝީފް ޠާހާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިހުރި މުވައްޒަފެއްކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ނުހޯދައި އިތުރު އާމްދަނީއެއް ހޯދުމަށް މަސައްކަތެއްކުރުމަކީ ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދު ހުއްދަކުރާ ކަމެއްކަމުގައި ނުވާތީ، ފުލުހުންގެ ވަޒިފާއާ ބެހޭ ގަވާއިދުން މަނާކޮށްފައިވާ ކަމެއް ފުލުހުންގެ ވަޒީފާގައި ހުރި މީހަކު ކުރުމަކީއެ އެ ގަވާއިދުގެ ދަށުން އެ ފަރާތަށް ލިބެން އޮތް މާލީ މަންފައަކުން އެ ފަރާތެއް މަޙްރޫމް ކުރެވިދާނެ ކަމެއް ކަމަށް ދެކޭ ކަމަށްބުނެ ހުށަހެޅި ނުކުތާ؛ އަދި
ޙުސައިން ރިޝީފް ޠާހާއަކީ 2 (ދޭއް) އަހަރުވަންދެން ޚިދުމަތުގައި، ޢަމަލީ މަސައްކަތުގައި ހުރި މީހެއްކަމަށް ބެލި ނަމަވެސް، 2 (ދޭއް) އަހަރު ވާންދެން ވަޒީފާގައި ދެމިހުރުމަކީ އެ ފަރާތަށް އޮޓޮމެޓިކުން މަޤާމުގެ ކުރިއެރުން ލިބިގެންދާނެ ކަމެއް ނޫންކަމަށާއި، ފުލުހުންގެ ވަޒީފާއާ ބެހޭ ޤަވާޢިދުގެ 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި، ފުލުހަކަށް މަޤާމުގެ ކުރިއެރުން ދިނުމުގައި ބަޔާންކުރާ ވަކި ޝަރުޠުތަކަކާއި އުސޫލުތަކެއް ކަނޑައެޅިފައިވާއިރު، އެކަންކަން ފުރިހަމަ ނުވާ ފަރާތަކަށް، ހަމައެކަނި އެ ފަރާތުގެ ތަޢުލީމީ ޤާބިލުކަމާއި މަޤާމުގައި ހޭދަވީ މުއްދަތަށް ބަލައި، މަޤާމުގެ ކުރިއެރުން ދެވޭނެ ހަމައެއް ނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަން
މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކީ ޙުސައިން ރިޝީފް ޠާހާއަށް އޭނާގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރާ އާއި ޢިނާޔަތްތަކާއި މަޤާމުގެ ކުރިއެރުން ފަދަ ވަޒީފާއާ ގުޅިގެން ލިބެންޖެހޭ ޙައްޤުތަކަކީ ކޮބައިކަމެވެ. މިގޮތުން، އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ގޮތް ކަނޑައަޅަންޖެހެނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/23 ޤަޟިއްޔާގައި:
ޙުސައިން ރިޝީފް ޠާހާއަށް މުސާރަ އާއި ޢިނާޔަތްތައް ނަގައިދޭންޖެހޭ މުއްދަތު ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން، އަދި ޙުސައިން ރިޝީފް ޠާހާއަށް މުސާރަ އާއި ޢިނާޔަތްތައް ނަގައިދޭންޖެހޭނީ، ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރެވުނު ދުވަހާ ހަމައަށްކަން ނުވަތަ ނޫންކަން؛
ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާއަށް "މުސާރަ އާއި ޢިނާޔަތްތައް" ރައްދުކުރުމަށް ބަޔާންކޮށްފައިވާ ނަމަވެސް، އިސްތިއުނާފު ކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާއަށް ނޮން-ޕްރެކްޓިސް އެލަވަންސް ދޭންނުޖެހޭކަމަށް ކަނޑައަޅާފައިވަނީ ހައިކޯޓުގެ މޫސާ ޤާސިމް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފަށްކަން ނުވަތަ ނޫންކަން؛
ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ޙުކުމުގައި "ޚިދުމަތް މެދުކެނޑުނު ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް" އަމުރުކޮށްފައިވާ ނަމަވެސް، ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރެވުނު ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުޅުވާލައި މަޤާމުގެ ކުރިއެރުން ދީފައިނުވަނީ ޤާނޫނާއި ގަވާއިދާއި ޚިލާފަށްކަން ނުވަތަ ނޫންކަން؛ އަދި
ސިވިލް ކޯޓުން ޙުކުމަށް ވާސިލުވުމުގައި ބުރަވެފައިވާ ޙަޤީޤަތްތަކަކީ ހަމަ ޙަޤީޤަތުގައިވެސް އެގޮތަށް ހުރި ޙަޤީޤަތްތަކެއްތޯ ބަލާފައި ނުވުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، audi alteram partem ގެ މަބްދަޢު އާއި، އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފުވެފައިވާކަން ނުވަތަ ނޫންކަން.
މުސާރައާ ޢިނާޔަތްތައް ނަގައިދީފައިވާ މުއްދަތު
ޙުސައިން ރިޝީފް ޠާހާއަށް މުސާރައާއި ޢިނާޔަތްތައް ނަގައިދީފައިވާ މުއްދަތާމެދު އުފެދިފައިވާ ޚުޞޫމާތަކީ އޭނާއަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ އަނބުރާ ދިން ދުވަހާއި ގޮތާމެދު އުފެދިފައިވާ ޚިލާފަކުން އުފަންވެފައިވާ ޚުޞޫމާތެކެވެ. ޙުސައިން ރިޝީފް ޠާހާ ދެކޭ ގޮތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/23 ޤަޟިއްޔާގައި އޭނާއަށް ވަޒީފާ އަނބުރާ ދީފައިވާ ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަކަށް ނޫނެވެ. މި ނުކުތާގައި ދައުލަތުގެ ފަރާތުން ހައިކޯޓުގެ ނިންމުން ރަނގަޅުކަމުގައި ބުނެފައިވާ ނަމަވެސް، ޙުސައިން ރިޝީފް ޠާހާއަށް މުސާރަ އާއި ޢިނާޔަތްތައް ނަގައިދޭންޖެހޭނީ، އޭނާގެ މައްޗަށް ބަނގުރާ ގެންގުޅުމުގެ ތުހުމަތުކުރެވި، އޭނާ ހައްޔަރުކުރެވުނު ދުވަހާ ހަމައަށްކަމުގައިވެސް ދައުލަތުން ބުނެއެވެ.
ޙުސައިން ރިޝީފް ޠާހާއަށް މުސާރަ އާއި ޢިނާޔަތްތައް ނަގައިދޭންޖެހޭނީ ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރެވުނު ދުވަހާ ހަމައަށްކަމުގައި ދައުލަތުގެ ފަރާތުން ބުނާ ނަމަވެސް، ޙުސައިން ރިޝީފް ޠާހާއަށް މުސާރަ އާއި ޢިނާޔަތްތައް ނަގައިދޭންޖެހޭ މުއްދަތު ސިވިލް ކޯޓުން ކަނޑައެޅުމުގައި ދައުލަތުން މުއްދަތު ހިސާބު ކުރާ ގޮތް ނޫން އެހެން ގޮތަކަށް އެ ކޯޓުން ނިންމުމުން، ދައުލަތުގެ ފަރާތުން އެ ނުކުތާ (އަދި އެ ޤަޟިއްޔާއާ ގުޅޭ އެހެންވެސް ނުކުތާއެއް) ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ނުވެއެވެ. އެހެންކަމުން، ހައިކޯޓުން ބެލި އިސްތިއުނާފީ މައްސަލައިގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކުރުމުގައި، އެ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅޭނެ ކަމުގައި ނުދެކެމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާ ދީފައިވާ ގޮތާމެދު ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ޙުކުމާއެއްގޮތަށް އޭނާއަށް ވަޒީފާ ދީފައިވާކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގެ (އ) ގައި ވަޒީފާ ދޭނީ އެކަން ބަޔާންކޮށް މުވައްޒަފަށް ފޮނުވާ ލިޔުމަކުން ނުވަތަ ޗިޓަކުން ކަމަށް ބަޔާންކޮށްފައި އޮތުން؛
ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާގެ ޙުކުމް 2 ޖޫން 2014 ގައި ކުރުމުން، 11 ޖޫން 2014 ގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް (ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމުގައި) ވަޒީފާއަށް ނިކުތުމަށް ޙުސައިން ރިޝީފް ޠާހާއަށް ލިޔުމުން އަންގާފައިވުން؛
ބުނެވުނު ވަޒީފާއަށް ނިކުތުމަށް އެންގި ލިޔުމުގައި ޙުސައިން ރިޝީފް ޠާހާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވުން؛
ޙުސައިން ރިޝީފް ޠާހާއަށް "މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާދިންކަމުގެ ލިޔުން" އެއިރު ޙަވާލުކުރެވިފައި ނުވަނީ އެއިރު މިނިސްޓަރު ރާއްޖެއިން ބޭރުގައި ވުމުން، އެ ލިޔުން ހަދާފައި ސޮއިކުރުމަށް ވަގުތު ނަގާނެތީ ކަމުގައިވުން؛
މިނިސްޓަރު ރާއްޖެ އައުމުން ޙުސައިން ރިޝީފް ޠާހާއަށް "މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ދިންކަމުގެ ލިޔުން" ތައްޔާރުކޮށް ޙުސައިން ރިޝީފް ޠާހާއަށް އެންގުމުން، އެ ލިޔުމާއި އޭނާ ހަވާލުނުވިކަން ހެކިންގެ ބަހުން އެނގެން އޮތުން، މިއެވެ.
ހައިކޯޓުން ކަނޑައަޅާފައި ކަނޑައެޅުން ރަނގަޅު ނޫންކަމަށް ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ބުނަނީ، އެ އެންގުމަކީ އޭނާގެ ވަޒީފާ އަނބުރާ ދިނުމަށް ހައިކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުން، ޙުކުމާއި ގުޅިގެން ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާ ދިނުމަށް ފުލުހުންގެ ވެރިން ނިންމުމަށްފަހު، ވަޒީފާ ހަމަޖެއްސުމުގެ ކަންކަން ކުރިއަށްދާ ކަމުގައި އެންގުމުގެ ގޮތުން ދީފައިވާ ލިޔުމެއް ކަމަށާއި، އެ ދުވަހު އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހުގައި އެކަންކަން އޭނާއަށް އަންގާފައިވާ ނަމަވެސް، ދަށުކޯޓުގައި ހެކިބަސް ދިން ފުލުހުން ފާހަގަކޮށްފައިވާ ފަދައިން، ފުލުހުންނަށް ވަޒީފާ ދިނުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު އެދުވަހު ފުރިހަމަކޮށްފައި ނުވާކަމަށެވެ. އަދި، މިނިސްޓަރު ސޮއިކޮށްފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ދިންކަމުގެ ލިޔުން" ތައްޔާރުކޮށްފައިވަނީ، 11 ޖޫން 2014 ގައި ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާ ދީފިކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، އެ ލިޔުމުގައި ސޮއިކޮށްފައި އޮންނަނީ ވަޒީފާ ދިންކަމަށް ބަޔާންކޮށްފައިވާ ތާރީޚުގެ 15 (ފަނަރަ) ދުވަސް ފަހުންކަމަށެވެ.
ުސައިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (އ) ގައި ވަޒީފާ ދޭންވާނީ (އަދި ވަޒީފާ ބަދަލުކުރަންވާނީ ނުވަތަ ވަޒީފާއިން ވަކިކުރަންވާނީ) އެކަން ބަޔާންކޮށް މުވައްޒަފަށް ފޮނުވާ ލިޔުމަކުން ނުވަތަ ޗިޓަކުން ކަމުގައި ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، ފުލުހުންގެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި "މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފުލުހުންނަށް ވަޒީފާ ދިނުމާއި މަޤާމު ޙަވާލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، މަޤާމު ދަށްކުރުމާއި މިކަންކަން ކުރާނީ ޤާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރެވެ" މިފަދައިން ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާ ދީފައިވަނީ ދައުލަތުން ބަޔާންކުރާ ފަދައިން ރަނގަޅަށްކަން ނުވަތަ ޙުސައިން ރިޝީފް ޠާހާ ބުނާފަދައިން އިޖުރާއަތާއި ޚިލާފަށް ކަމުގެ މައްޗަށް ބަލާލާނަމެވެ.
ފުލުހުންގެ ޤާނޫނަށް ބެލުމުން، މިނިސްޓަރަށް އެ ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު ހެދުން ހިމެނޭކަން އެނގެން އޮވެއެވެ. އަދި އެ ޤާނޫނުގައި ފުލުހުންގެ މަޤާމުތަކާއި ރޭންކުތައް ކަނޑައަޅައި ހަމަޖައްސާނީ، އަދި ގަވާއިދުގައިވާ ގޮތުގެމަތިން ފުލުހުންނަށް ވަޒީފާ ދިނުމުގެ (އަދި މަޤާމު ޙަވާލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، މަޤާމު ދަށްކުރުމުގެ) ކަންކަން ކުރާނީ ޤާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުގައިވާނަމަ، މިނިސްޓަރު ސޮއިކޮށް އަންގާ އެންގުމަކުން ނޫން ގޮތަކަށް މީހަކަށް ފުލުހުންގެ ވަޒީފާ ދެވިދާނެތޯއެވެ؟
ވަޒީފާ ދިނުމުގެ (އަދި މަޤާމު ޙަވާލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، މަޤާމު ދަށްކުރުމުގެ) ކަންކަން މިނިސްޓަރު ކުރުމުގައި ކަން ކުރަންޖެހޭނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދަށް ބަލާއިރު، މަޤާމުތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމާއި ވަޒީފާ ބަދަލުކުރުމާއި ވަޒީފާއިން ވަކިކުރުމުގެ ކަންކަމާއި، ވަޒީފާއަށް މީހުން ހޮވުމާއި، ވަޒީފާ ދިނުމުގެ ކުރިން ކުރެވޭ ކަންކަމާއި، ވަޒީފާ ދިނުމާ ގުޅޭ ކަންކަން ހިމަނާފައިވާކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ އެއްވަނަ ބާބުގައި ހިމެނޭ ވަޒީފާ ދިނުމާގުޅޭ މާއްދާތަކަށް ބެލުމުން، އެ މާއްދާތަކުގައި ހަވާލާދެނީ ޖުމްލަގޮތެއްގައި ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތްކަން، އެ މާއްދާތަކުގެ އަކުރުތައް ވަކިވަކިން ކިޔުމުގެ ބަދަލުގައި މުޅި މާއްދާ އެއްކޮށް، އަދި އެ މާއްދާތައް އެކުއެކީ ކިޔުމުން އެނގެން އޮވެއެވެ. އަދި އެ ގަވާއިދުގައި، ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށްފަހު، ވަޒީފާ އަނބުރާ ދިނުމަށް ކޯޓުން އަންގާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތެއް ބަޔާންކޮށްފައި ނުވާކަން ފާހަގަވެއެވެ.
އެހެންކަމުން، އެމީހަކަށް ވަޒީފާ އަނބުރާ ދިނުމަށް ކޯޓުން އަމުރުކުރުމުން ފުލުހަކަށް ވަޒީފާ އަނބުރާ ލިބޭނީ، ވަޒީފާދިން ކަމުގައި އަންގާ މިނިސްޓަރު ސޮއިކުރާ ލިޔުމެއް ދިނުމުންކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:
ފުލުހުންގެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާ ދިނުމުގެ (އަދި މަޤާމު ޙަވާލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، މަޤާމު ދަށްކުރުމުގެ) ކަންކަން މިނިސްޓަރު ކުރާނީ ޤާނޫނުގައިވާ ގޮތުގެމަތިން އަދި ގަވާއިދުގައިވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވާކަމާއި؛
ފުލުހުންގެ ޤާނޫނުގައި އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރެވޭ މީހަކަށް ވަޒީފާ އަނބުރާ ދިނުމަށް ކޯޓުން އަންގައިފިނަމަ، އެފަދަ ފަރާތަކަށް ވަޒީފާ ދިނުމާގުޅޭ ގޮތުން އެއްވެސް މާއްދާއެއް ހިމަނާފައި ނުވާކަމާއި؛
ފުލުހުންނަށް ވަޒީފާ ދިނުމުގެ ކަންކަން ކުރާނީ މިނިސްޓަރު ކަމުގައި ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައި އޮތުމަކުން، ކޯޓަކުން ފުލުހެއްގެ ވަޒީފާއާއި ގުޅިގެން ނިންމާ ނިންމުމަކާއި ޚިލާފަށް އިތުރު އެހެންގޮތަކަށް ޢަމަލުކުރުމުގެ ބާރު ޤާނޫނުން މިނިސްޓަރަށް ލިބިނުދޭކަމާއި؛
ކޯޓުން ނިންމާ ނިންމުން ތަންފީޒު ކުރުމަކީ މިނިސްޓަރު އަދި ފުލުހުންގެ މުއައްސަސާގެ މައްޗަށް ލާޒިމު ކަމެއްކަމާއި، އެފަދަ ނިންމުމެއް ތަންފީޒު ނުކުރުމުގެ އިޚްތިޔާރެއް އަދި ބާރެއް އެއިން ފަރާތަކަށް ލިބިގެން ނުވާކަން؛
އެނގެން އޮންނާތީ، ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންގެ ތެރެއިން ކޯޓަކުން ވަޒީފާ އަނބުރާ ދިނުމަށް އަމުރުކުރާ ފަރާތްތަކަށް އަލުން ވަޒީފާ ދިނުމުގައި، މިނިސްޓަރުގެ ދައުރެއް އޮންނަންޖެހޭ ކަމަށް ނުދެކެމެވެ.
މިހެންކަމުން، 11 ޖޫން 2014 ވަނަ ދުވަހު ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާއަށް ނިކުތުމަށް އެންގި އެންގުމުގައި، ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާއަށް ނިކުތުމަށް އަންގަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމާ އެއްގޮތަށް އޭނާ ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް ނުކުތުމުގެ ގޮތުން ކަމަށް ބަޔާންކޮށްފައި އޮތުމުން، އަދި ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށްފަހު އަލުން ވަޒީފާ ދޭ ފަރާތްތަކާމެދު އަމަލުކުރާނެ އިޖުރާއަތެއް ފުލުހުންގެ ޤާނޫނުގައާއި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައި ނެތުމުން، ޙުސައިން ރިޝީފް ޠާހާއަށް ވަޒީފާއަށް ނިކުތުމަށް 11 ޖޫން 2014 ގައި އެންގި އެންގުމަކީ، ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އޭނާ ވަޒީފާއަށް އިއާދަކުރުން ކަމުގައި ދެކެމެވެ. އަދި އެފަދައިން ޙުސައިން ރިޝީފް ޠާހާއަށް އަނބުރާ ވަޒީފާ ދިނުމަކީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގެ (އ) ގެ ހަޤީޤީ މަފްހޫމާއި މަޤްޞަދާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައި ނުދެކެމެވެ.
އަދި އެހެންކަމާއެކު، ޙުސައިން ރިޝީފް ޠާހާއަށް މުސާރައާ ޢިނާޔަތްތައް ނަގާދޭން ޖެހެނީ (އޭނާއާ މެދު ކުރެވުނު ތުހުމަތަކާ ގުޅިގެން ވަޒީފާއިން ވަކިކުރި ދުވަސް ކަމުގައިވާ) 14 ސެޕްޓެމްބަރު 2010 އިން ފެށިގެން، އޭނާއަށް އަލުން ވަޒީފާ ދިން ދުވަސް ކަމުގައިވާ 11 ޖޫން 2014 ދުވަހާ ހަމައަށް ކަމުގައި ދެކެމެވެ.
ނޮން-ޕްރެކްޓިސް އެލަވަންސް
ޙުސައިން ރިޝީފް ޠާހާގެ ވަޒީފާ އަނބުރާ ދިނުމަށާއި "މުސާރަ އާއި ޢިނާޔަތްތައް" ރައްދުކުރުމަށް ޙުކުމްކޮށްފައިވާ ނަމަވެސް، އިސްތިއުނާފު މި ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ޙުސައިން ރިޝީފް ޠާހާއަށް ނޮން-ޕްރެކްޓިސް އެލަވަންސް ދޭންނުޖެހޭކަމަށް ކަނޑައަޅާފައިވަނީ ހައިކޯޓުގެ މޫސާ ޤާސިމް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 68 ވަނަ މާއްދާއާ ޚިލާފަށްކަމަށް ޙުސައިން ރިޝީފް ޠާހާ ބުނެއެވެ. މިގޮތުން، ނޮން-ޕްރެކްޓިސް އެލަވަންސަކީ ވަޒީފާގައި ދެމިހުރުމުގެ ސަބަބުން ދޭ އެލަވަންސެއް ކަމުގައިވާތީއާއި، އެ އެލަވަންސަކީ މަސައްކަތަށް ނިކުތުމުން ނުވަތަ ކުރާ މަސައްކަތުގެ ސަބަބުން ނުވަތަ މަސައްކަތުގައި ހޭދަކުރާ ވަގުތަށް ރިޢާޔަތްކޮށް ދެވޭ އެލަވަންސެއް ކަމަށް ނުވާތީ، އޭނާއަށް ނޮން-ޕްރެކްޓިސް އެލަވަންސް ލިބިދެވޭންޖެހޭ ކަމުގައި ޙުސައިން ރިޝީފް ޠާހާ ބުނެއެވެ.
ހައިކޯޓުގެ މޫސާ ޤާސިމް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ވަޒީފާއަށް އިއާދަކުރާއިރު ނަގައިދެވޭނެ ފައިސާއާއި ނަގައި ނުދެވޭނެ ފައިސާއަކީ ކޮބައިކަން ކަނޑައަޅާފައިވެއެވެ. އެގޮތުން ލިބިދޭންޖެހެނީ މުވައްޒަފު ވަޒީފާގައި ދެމިހުރުމުގެ ސަބަބުން ދެވޭ އެލަވަންސްއާއި ޢިނާޔަތްތައް ކަމަށާއި؛ (1) މުވައްޒަފު ވަޒީފާއަށް ނިކުންނަ ދުވަސްތަކުގެ މައްޗަށް، ނުވަތަ (2) މުވައްޒަފު ވަޒީފާއަށް ނިކުމެ ކުރާ މަސައްކަތުގެ މައްޗަށް، ނުވަތަ (3) މުވައްޒަފު ވަޒީފާއަށް ނިކުމެ ކުރާ މަސައްކަތުގައި ހޭދަކުރާ ވަގުތުގެ މައްޗަށް ބިނާވާ އެލަވަންސްތަކަކީ ލިބިދޭންޖެހޭ ފައިސާއެއް ނޫންކަމުގައި އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ އެގްޒެކެޓިކް ބޯޑުގެ ލަފާގެ މަތިން ކަމުގައި އޮވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގެ އިތުރުން، އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން އެހެން މަސައްކަތެއް ކުރެވޭނީ އެ ސަރވިސްއިން ކަނޑައަޅާ އުސޫލެއްގެ މަތިންކަމުގައިވެސް އޮވެއެވެ. މިހެންކަމުން، ފުލުހެއްގެ ގޮތުގައި ވަޒީފާއަދާ ކުރާ މީހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އެއްވެސް އާމްދަނީއެއް ހޯދުމުގެ މަސައްކަތްކުރެވޭނީ ވަކި އުސޫލެއްގެ ދަށުންކަން އެނގެއެވެ. އެހެންނަމަވެސް، އިސްތިއުނާފު މިކުރެވޭ މައްސަލައާގުޅޭ މައްސަލަތައް ސިވިލް ކޯޓާއި ހައިކޯޓުގައި ހިނގިއިރު، އަދި މި ކޯޓުގައި އޮތް މި މައްސަލައިގެ އަޑުއެހުމުގެ ތެރެއިން ވެސް، މިފަދަ (ވަޒީފާގެ ބޭރުން އާމްދަނީއެއް ހޯދުމުގެ މަސައްކަތް ކުރުމާގުޅޭ) އުސޫލެއް އޮތްކަން އެނގޭކަށް ނެތެވެ. އަދި އުސޫލެއް އޮތްނަމަ އެ އުސޫލުގެ ދަށުން އެ އިދާރާގައި ވަޒީފާ އަދާކުރާ މީހުންނަށް ވަޒީފާއިން ލިބޭ މުސާރައާއި ޢިނާޔަތްތައް ނޫން އެހެން އާމްދަނީއެއް ހޯދެން އޮންނަނީ ކޮން ޙާލަތްތަކެއްގައި، ކިހިނަކުންކަން، ކޮން ގޮތަކުން އަދި ކޮން މިންގަނޑަކުން ކަން އެނގޭކަށް ނެތެވެ. އެހެންކަމުން، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 68 ވަނަ މާއްދާގެ އަލީގައި، ފުލުހަކަށް އޭނާގެ ވަޒީފާގެ ބޭރުން އާމްދަނީއެއް ހޯދުމުގެ ހުއްދަ (ކްލިއަރަންސް) ލިބިގެން ނޫނީ އެފަދަ އާމްދަނީއެއް ހޯދޭނެކަމުގައި އަހުރެންނަށް މާނަ ނުކުރެވެއެވެ.
މި މައްސަލައިގައި، ޙުސައިން ރިޝީފް ޠާހާއަށް އެފަދަ ހުއްދައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދީފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން، އުސޫލެއްގެ ގޮތުން، އޭނާއަކީ އާމްދަނީ ހޯދުމުގެ ގޮތުން ފުލުހުންގެ ވަޒީފާ ނޫން އެހެން މަސައްކަތެއް ކުރެވޭނެ މީހެއް ނޫނެވެ. އަދި ނޮން-ޕްރެކްޓިސް އެލަވަންސްއަކީ، އުސޫލެއްގެ ގޮތުން، އެފަދައިން އާމްދަނީއެއް ނުހޯދާ ފަރާތްތަކަށް (އެގްޒެކެޓިކް ބޯޑުގެ ލަފާގެ މަތިން) ލިބިދެވޭ އެލަވަންސެއް ކަމުގައި ކަނޑައަޅާފައިވާނަމަ، ޙުސައިން ރިޝީފް ޠާހާއަށް ލިބިދެވޭންޖެހޭ އެލަވަންސެކެވެ.
އެހެންނަމަވެސް، މި މައްސަލައިގައި އިސްވެ ބުނެވުނު ގޮތް ތަޠުބީޤުކުރެވޭނެ ކަމުގައި އަހުރެން ނުދެކެމެވެ. އެއީ، (1) ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ނޮން-ޕްރެކްޓިސް އެލަވަންސް ހޯދުމަށް އެދިފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވި، އަދި ފަހުން މުއްދަތު އިއާދަކޮށް ވަޒީފާގައި ހުރި މުއްދަތެއްގެ ގޮތުގައި ބެލުމަށް ކޯޓުން ކަނޑައަޅާފައިވާ މުއްދަތެއްގައި ކަމަށްވެފައި؛ (2) އެ މުއްދަތުގެ ތެރޭގައި އޭނާ އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތްކޮށްފައިވާކަން އޭނާގެ ބަހުން އެނގޭތީ އާއި؛ (3) ދިވެހިރާއްޖޭގައި ނޮން-ޕްރެކްޓިސް އެލަވަންސް ދެމުން އަންނަގޮތަށް ބަލާއިރު، އެ އެލަވަންސް ދެމުން އަންނަނީ، އަދާކުރާ ވަޒީފާގެ ބާވަތުން ނުވަތަ އެ ވަޒީފާއެއްގެ ހައިސިއްޔަތުން، މުވައްޒަފުން އެ ނޫން އެހެން ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ވަޒީފާދޭ ފަރާތުން (ވަކި ޚާއްޞަ ޙާލަތެއްގައި އަދި / ނުވަތަ ވަކި ހާއްސަ ހުއްދައަކާއެކު މެނުވީ) ހުއްދަ ނުކުރާތީ، އޭގެ މުޤާބިލެއްގެ ގޮތުގައި ކަމުގައިވެފައި؛ (4) އެ އެލަވަންސަކީ މުވައްޒަފު ކުރާ މަސައްކަތުގެ ސަބަބުން އަދި އޭގެގެ ޒާތުން ދެވޭ އެއްޗެއް ކަމުގައިވާތީއެވެ.
މަޤާމުގެ ކުރިއެރުން ލިބުން
ޙުސައިން ރިޝީފް ޠާހާ ވަޒީފާއިން ވަކިކުރުމުން ޚިދުމަތް މެދުކެނޑުނު ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ބެލުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި މުއްދަތު ގުޅުވާދިނުމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގައި ކަނޑައަޅާފައި ކަނޑައެޅުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާއިން ތާއީދުކޮށްފައިވާހިނދު، އޭނާގެ ޚިދުމަތުގެ މުއްދަތު ގުޅުވާ، މަޤާމުގެ ކުރިއެރުން ދީފައިނުވާކަމަށް ޙުސައިން ރިޝީފް ޠާހާ ބުނެއެވެ.
އިސްތިއުނާފު ކޮށްފައިވާ މި މައްސަލަ ހައިކޯޓުގެ ނިންމިއިރު، މި ނުކުތާއާމެދު ބަޔާންކޮށްފައިވަނީ:
ފުލުހުންނަށް މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާއިބެހޭ ޤަވާޢިދު ގައި އޮންނަ ގޮތުން، މަޤާމުގެ ކުރިއެރުން ދިނުމުގައި ހަމައެކަނި ބަލަނީ ވަޒީފާ އަދާކުރި މުއްދަތަށް އެކަނި ނޫންކަމުގައާއި؛
މަޤާމުގެ ކުރިއެރުން ދިނުމުގައި ރިޢާޔަތްކުރާ ކަންތައްތަކެއް ހުންނަކަމާއި، އެ ކަންކަމުގެ ތެރޭގައި، ފުލުހުންނަށް މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާއިބެހޭ ޤަވާޢިދުގެ ]ޖަދުވަލު[ 1 ގައިވާ ޝަރުތުތަކުގެ އިތުރުން، މުވައްޒަފުގެ ޕަރފޯމަންސަށާއި، ބަދަލުކުރަން ހުށަހަޅާފައިވާ މަޤާމުގައި ހުސް ޖާގަ އޮތުމާއި، ބަދަލުކުރެވޭ ވަޒީފާ އަދާކުރުމުގެ ޤާބިލުކަން ހުރުމާއި، ފިޒިކަލް ފިޓްނަސް ޓެސްޓުން ފާސްވުން ހިމެނޭ ކަމުގައާއި؛
ޙުސައިން ރިޝީފް ޠާހާއަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްގެ ގޮތުގައި ނުބަލައި، މެދުކެނޑުނު މުއްދަތު ގުޅުވާދީފައިވާ ކަމުގައާއި؛
މަޤާމުގެ ކުރިއެރުން ދިނުމުގައި ޚިދުމަތުގެ މުއްދަތުގެ އިތުރުން ބަލާ ކަންކަން ހުރިކަން ގަވާއިދަށް ބެލުމުން އެނގެން އޮތުމުން، ޚިދުމަތުގެ މުއްދަތަށް އެކަނި ބަލައި މަޤާމުގެ ކުރިއެރުން ނުދެވޭނެކަމަށާއި؛
ހައިކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގެ ޙުކުމުގައިވެސް އަންގާފައިވަނީ މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވާދިނުންކަން އެނގޭކަމަށާއި، މުއްދަތު ގުޅުވައިދީ މަޤާމުގެ ކުރިއެރުން ދިނުން ނޫންކަމުގައެވެ.
ހައިކޯޓުގެ ނަންބަރު 2016/HC-A/23 ޤަޟިއްޔާގައި އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ނިންމާފައިވަނީ، އެ ކޯޓުގެ ނަންބަރު 2012/HC-A/85 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަން ގޯސް ކޮށް މާނަކޮށް ކަމުގައާއި، ހައިކޯޓުގެ މަޤްސަދަކީ ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތު ޚިދުމަތުގެ މުއްދަތާއި ގުޅުވާލައި، ޙައްޤުވާ މަޤާމުގެ ކުރިއެރުން ލިބިދިނުންކަމަށް ބުނުމުގެ އިތުރުން، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގައި މި ނުކުތާއާއި ގުޅިގެން ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުން ވަކި ޤާނޫނީ އުޞޫލަކާއި ނުވަތަ އިޖުރާއަތަކާއި ޚިލާފަށްކަމަށްބުނާ ކަމެއް، ނުވަތަ ގޮތެއް ޙުސައިން ރިޝީފް ޠާހާގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ. އެހެންކަމުން، މި ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭކަމުގައި ނުދެކެމެވެ. އެހެންނަމަވެސް، މި ނުކުތާގައި ހައިކޯޓުން އެ ކޯޓުގެ ނިންމުން މާނަކޮށްފައިވަނީ ރަނގަޅަށްކަމުގައި ދެކޭތީ، އެކަން ފާހަގަކުރަމެވެ.
ވަކި ފަރާތަކަށް ނުޖެހި ޝަރީޢަތް ކުރުމާއި ބަސްބުނުމުގެ ފުރުޞަތު ދިނުން
ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، audi alteram partem ގެ މަބްދަޢުއާއި، އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ކަމަށް ބުނެ ނުކުތާއެއް ހުށަހަޅާފައިވެއެވެ. ދައުލަތުގެ ފަރާތުން މި ފަދައިން ބުނެފައިވަނީ:
ޙުސައިން ރިޝީފް ޠާހާގެ މައްޗަށް ޤާނޫނާ ޚިލާފަށް ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަން ދައުލަތުން ދަށު ކޯޓުގައި ސާބިތުކޮށްދީފައިވަނިކޮށް، ސިވިލް ކޯޓުން ހޯދި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމުމަކީ، ދައުލަތުން ކުރިން ޝަރީޢަތަށް ސާބިތުކޮށްދީފައިވާ ކަމެއް ނަފީވެގެންދާ ޙާލަތެއްކަމާއި، މިފަދަ ޙާލަތުގައި ޝަރީޢަތުން ގޮތް ކަނޑައެޅުމުގެ ކުރިން އެ ޚަޞްމުގެ ބަހެއް ހޯދަންޖެހޭ ކަމުގައި ވާތީއާއި؛
އެކަމާމެދު ދައުލަތުގެ ބަހެއް ހޯދާފައި ނުވާތީ، ކަންހިނގާފައިވާ ގޮތް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ސާފުކޮށްދިނުމުގެ ފުރުޞަތު ލިބިފައި ނުވާކަމުގައާއި؛
ސިވިލް ކޯޓުން ޙުކުމަށް ވާސިލުވުމުގައި ބުރަވެފައިވާ ޙަޤީޤަތްތަކަކީ ހަމަ ޙަޤީޤަތުގައިވެސް އެގޮތަށް ހުރި ޙަޤީޤަތްތަކެއްތޯ ޝަރީޢަތުން ބަލާފައި ނުވުމުގެ ސަބަބުން، އެ ފަރާތަށް ޙައްޤުނުވާ ފައިސާއެއް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަމުގައި ބުނެއެވެ.
ކޯޓެއް ނިންމުމަކީ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމާއި، ނެޗުރަލް ޖަސްޓިސްގެ މަފްހޫމްގެ ތެރޭގައި ހިމެނޭ audi alteram partem ނުވަތަ ބަސްބުނުމުގެ ފުރުޞަތު ދިނުމުގެ އުސޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްނަމަ، އެކަން ފާހަގަކޮށް، އެ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގައި، ފާހަގަކޮށްފައިވާ އިސްވެ ބުނެވުނު ކަންކަމަކީ ސިވިލް ކޯޓުގެ ނިންމުމާއި ގުޅިގެން ކުރިމަތިވި ޙާލަތެއްކަން އެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށާއި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އަދި، މި މައްސަލައިގެ ތެރެއިން ދައުލަތުން އެ ނުކުތާތައް ފާހަގަކުރަނީ، ސިވިލް ކޯޓުގެ ނިންމުން ޙުސައިން ރިޝީފް ޠާހާ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ތެރެއިން ދައުލަތުގެ ފަރާތުން އެކަން ހައިކޯޓުގައި ފާހަގަކޮށްފައިވާ ނަމަވެސް، ހައިކޯޓުން އެ ނުކުތާއަށް ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ބުނެއެވެ.
ކަން މިހެން އޮތްއިރު، ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2136/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިވާކަން އެނގޭކަށްނެތެވެ. އަދި ޙުސައިން ރިޝީފް ޠާހާ އިސްތިއުނާފު ކުރުމުން ހައިކޯޓުގައި ބެލި ނަންބަރު 2016/HC-A/23 ޤަޟިއްޔާގައި ގޮތް ކަނޑައަޅާފައިވަނީ އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ މައްޗަށް ކަމަށާއި، ކޯޓުތަކުގެ ޤާނޫނުގައިވެސް، މައްސަލައެއް އިސްތިއުނާފު ކުރާއިރު ހުށަހަޅާފައިވާ ނުކުތާތަކުގެ އިތުރުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް، އެ މައްސަލަ ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެ ކަމުގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރަމެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ހައިކޯޓުގެ ޙުކުމް ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނަމަކަން ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނާތީ، ސިވިލް ކޯޓުގެ ނިންމުމެއްގައިވާ އުނިކަމެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމަކާއި ނުލައި ސުޕްރީމް ކޯޓަށް ހުށަހެޅޭނެކަމުގައި، އަދި އެ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅޭނެ ކަމުގައި ނުދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/23 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިންޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.