ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 70 · 2020/SC-A/45ސުޕްރީމް ކޯޓު · 15 ޖުލައި 2021

އިބްރާހީމް ޚުޝާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 ޖުލައި 2021ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/45

ޝަރީޢަތް ނިމުނުގޮތް

އިބްރާހީމް ޚުޝާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

15 ޖުލައި 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2018/HC-A/75

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

އިބްރާހީމް ޚުޝާން

ޤާނޫނީ ވަކީލު: ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ޢާއިޝަތު ރީޝާ، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ މަންޝަމް ނަސީމް ޤާނޫނީ ވަކީލު: އަލްއުސްތާޛް ނޫރުއްސަލާމް އަބޫބަކުރު، ލެގްޒަވީ ޗެމްބަރސް އެލް.އެލް.ޕީ

ޖިނާއީ - ބަލައި ފާސްކުރުން – މުދާ ހިފެހެއްޓުން – އުޅަނދުފަހަރު ބަލައި ފާސްކުރުން - މުދަލުގެ އިންވެންޓްރީ ޙަވާލުކުރުން - ޤާނޫނުއަސާސީގެ 17، 20، 40 އަދި 44 ވަނަ މާއްދާ - ޤާނޫނުލްޢުޤޫބާތުގެ 613 ވަނަ މާއްދާ - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ފ) އާއި 36 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) - ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ)

އިބްރާހީމް ޚުޝާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/75 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، އިބްރާހީމް ޚުޝާން ގ. ހިލްމަން، އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

21 ޑިސެމްބަރ 2017 ގައި "ޑިމެންޝަން" ނަމަކަށް ކިޔާ ސަފާރީއެއް (ރަޖިސްޓްރީ ނަންބަރު C885B-10 10-T) ފުލުހުން ބަލައި ފާސްކުރިއެވެ. މި ސަފާރީ ބަލައި ފާސްކޮށްފައިވަނީ މި ސަފާރީގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެންނެވެ. އަދި ބަލައި ފާސްކުރުމަށްފަހު ސަފާރީން ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

ޑިމެންޝަން ސަފާރީއަކީ، ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެކެވެ. މި އުޅަނދުގެ ވެރިފަރާތަކީ، މި މައްސަލަ އިސްތިއުނާފު ކުރާ އިބްރާހީމް ޚުޝާންއެވެ. އަދި މި އުޅަނދަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ އުޅަނދެކެވެ.

ޑިމެންޝަން ސަފާރީން ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައިވާތީ އާއި، އެކަމުގެ ސަބަބުން ސަފާރީން ކުރަމުންދާ ވިޔަފާރިއަށް ގެއްލުންވަމުން ދާތީ، އެ ބަނގުރާ ފުޅިތައް ލިބިގަތުމަށްއެދި އިބްރާހީމް ޚުޝާން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އިބްރާހީމް ޚުޝާންއާ އެއްކޮޅަށެވެ. މި ނިންމުމުގައި، 21 ޑިސެމްބަރ 2017 ގައި ޑިމެންޝަން ސަފާރީން ފުލުހުންގެ ބެލުމުގެ ދަށަށް ބަނގުރާ ފުޅިތައް ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައިވާތީ، އެ ބަނގުރާ ފުޅިތައް އޭގެ ވެރިފަރާތް ކަމުގައިވާ އިބްރާހީމް ޚުޝާންއާ ވީ އެންމެ އަވަހަކަށް ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރު ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަން އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ.

އިބްރާހީމް ޚުޝާންއަކީ ޑިމެންޝަން ސަފާރީގެ ބާރގެ ބޭނުމަށް ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ހުއްދަ ދެވިފައިވާ ފަރާތެއްކަން.

ސަފާރީ ބަލައި ފާސްކުރުމުގެ ހާދިސާގައި ތުހުމަތު ކުރެވޭ ފަރާތެއްގެ ގޮތުގައި އިބްރާހީމް ޚުޝާން ހިމެނިފައި ނުވާކަން.

ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އާއި ޕްރޮސިކިއުޓް ކުރުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) އާ އެއްގޮތަށް ނޫންކަން.

ޖިނާއީ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތެއްގެ މުދާކަން ކަށަވަރުވާ މުދަލެއް އެ މައްސަލައިގެ އެ ތުހުމަތާ ގުޅުވައިގެން ހިފެހެއްޓުމަކީ ޤާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ޚިލާފު ކަމެއްކަން.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމި ގޮތް

ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލު ކޮށްފައިވެއެވެ. މިފަދައިން ބާޠިލުކުރުމުގައި އެ ކޯޓުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

ޑިމެންޝަން ސަފާރީން ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހާދިސާގައި މާލެއިން ހަތް ފުޅި ބަނގުރަލާއެކު ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ އެ ސަފާރީގައި މަސައްކަތްކުރާ ބާރ މޭން ކަމަށާއި، އޭނާ އަތުން ފެނިފައިވަނީ ޑިމެންޝަން ސަފާރީގައި ހުރި ބްރޭންޑްގެ ބަނގުރާ ކަމުގައިވާތީ ސަފާރީން ފެނުނު ބަނގުރަލާއި، މި މައްސަލައިގައި ހައްޔަރު ކުރެވުނު ބިދޭސީ މީހާއާ ގުޅުމެއް އޮތްކަން.

ބަނގުރަލަކީ އެހެނިހެން މުދަލެކޭ އެއްހަމައަކުން މަދަނީ ޠަބީޢަތުގެ އެއްޗެއްގެ ގޮތުގައި ބަލައި އެ ތަކެތީގެ ވެރިފަރާތް ކަމަށް ބުނާ ފަރާތް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުނުކޮށް އެ ފަރާތް ޖަވާބުދާރީ ވާންނުޖެހޭ ގޮތަށް މި ބާވަތުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން.

ޖިނާއީ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ މުދާ އެ ތުހުމަތާ ގުޅިގެން ހިފެހެއްޓިދާނެ ކަމާއި، އެކަމަކީ ޤާނޫނުއަސާސީގެ 44 ވަނަ މައްދާއާ ޚިލާފުވާނެ ކަމެއް ނޫންކަން.

ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމިއިރު މި މައްސަލައިގައި އިބްރާހީމް ޚުޝާންގެ މައްޗަށް ތުހުމަތު ކުރެވިފައިނުވި ނަމަވެސް، އެއީ މި މައްސަލައިގެ ތަޙްޤީޤުގެ ޅަފަތުގެ މަރުޙަލާ އެއްކަމާއި، މި މައްސަލައިގެ ފުލުހުންގެ ތަޙްޤީޤު ބިނާވެގެން ގޮސްފައިވަނީ އިބްރާހީމް ޚުޝާންގެ ޒިންމާގައި ހުންނަންޖެހޭ ބަނގުރާ ފުޅިތަކާމެދު ޢަމަލު ކުރެވިފައިވާ ގޮތުގެ މައްޗަށް ކަމުގައިވާތީ، ރަސްމީ ސިފައެއްގައި އިބްރާހީމް ޚުޝާން އަށް މި މައްސަލައިގައި ތުހުމަތު ކުރެވި ސުވާލު ކުރެވިފައި ނެތުމަކީ، އެ ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހުރަސް އަޅާ ކަމެއް ނޫންކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް

މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އިބްރާހީމް ޚުޝާންގެ ފަރާތުން މައިގަނޑު ތިން ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ފ) އާއި 36 ވަނަ މާއްދާގެ (ހ) އާއި (ބ) އާއި (ޅ) އާއި (ކ) އާއި (ވ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަފާތު ނުކުރުމުގެ ޙައްޤާއި، 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ ޙައްޤު ގެއްލިގެންދާނެ ގޮތަށް ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާ ފާހަގަ ކުރަމުން މި ދެ މާއްދާއާ ޙަވާލާދީ މައިގަނޑު ދެ ކަމެއް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އެ ކަންކަން ތިރީގައި މިވަނީއެވެ.

ފުރަތަމަ ކަމަކީ، މައްސަލައިގެ ޚަޞްމެއްގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއްނެތި، މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިޚްތިޞާޞް ލިބިގެންވާ މަދަނީ ޠަބީޢަތުގެ މައްސަލައެއް ނަމަވެސް، މި ބާވަތުގެ މައްސަލަތަކުގައި ބަދަލު ޤަބޫލު ނުކުރެވޭނެ ކަމަށާއި، މިފަދަ މައްސަލަތަކުގައި މުދަލުގެ ވެރިފަރާތުގެ މައްޗަށް ތުހުމަތެއް އެހައިތަނަށް ނެތްނަމަވެސް، އެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވާންޖެހޭނެ ކަމުގައި ނިންމާފައިވުމެވެ.

ދެވަނަ ކަމަކީ، ބަނގުރަލުގެ ކުށާ ގުޅޭ އުސޫލުތައް ބެލުމުގައި މި މައްސަލައިގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނުލްޢުޤޫބާތުގެ 613 ވަނަ މާއްދާ ފިޔަވައި، ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ކަމަށް މި މައްސަލައިގައި ކަނޑައަޅާފައިވުމެވެ.

ތިންވަނަ ނުކުތާއަކީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި 44 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކަށް ދީފައިވާ ރައްދު

އިބްރާހީމް ޚުޝާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އަންނަނިވި ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން 3 (ތިނެއް) ހާލަތެއްގައި ޖިނާއީ މައްސަލައެއްގެ ތަޙްޤީޤުގައި ފުލުހުންނަށް މުދާ ހިފެހެއްޓިދާނެ ކަމަށާއި، އެ ޙާލަތްތަކުގެ ތެރެއިން މި މައްސަލައިގައި ބަނގުރާ ހިފަހައްޓާފައިވަނީ ފުލުހުން ތަޙްޤީޤު ކުރަމުންދިޔަ މައްސަލައިގެ ހެއްކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމުގައި ފެންނާތީކަން. އަދި މި މައްސަލައިގައި އެ ތަކެއްޗަކީ ޤަވާޢިދާ ޚިލާފަށް ގެންގުޅެ ކުށްކުރުމަށް ބޭނުންކުރަމުންދިޔަ އާލާތެއްކަމަށް ބެލުމަށްވެސް އެކަށީގެންވާ ހެކި ލިބިފައިވާކަން.

ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަފާތު ނުކުރުމުގެ ޙައްޤާއި، 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ ޙައްޤު ގެއްލިގެންދާނެ ގޮތަށް ކަމަށް އިބްރާހީމް ޚުޝާންގެ ފަރާތުން 4 (ހަތަރެއް) ކަމެއް ފާހަގަކުރި ނަމަވެސް، އެ ކަންކަން އިބްރާހީމް ޚުޝާންއާއި އެހެން މީހުންނާ ތަފާތު ކޮށްފައިވަނީ ކިހިނެއްކަން ބުނެދެވިފައި ނުވާކަން.

މި މައްސަލައިގައި ޑިމެންޝަން ސަފާރީއިން ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ އިމުގެ ތެރެއިން ކަމުގައިވާތީ، އެކަމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި 44 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައި ނުބެލެވޭނެކަން.

މުދަލުގެ ވެރިފަރާތް

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ހިފެހެއްޓި މުދަލެއް ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ނުވަތަ އެ މުދަލުން ބަރީޢަވުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ އެ މުދާ ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ޙައްޤު، އެ މުދަލެއްގެ ވެރިފަރާތަށް ލިބިގެންވާ ކަމަށެވެ.

ޑިމެންޝަން ސަފާރީ ބަލައި ފާސްކުރި ހާދިސާގައި ހިފަހައްޓާފައިވާ ބަނގުރާ ފުޅިތަކުގެ ވެރިފަރާތަކީ އިބްރާހީމް ޚުޝާންކަން ނުވަތަ ނޫންކަމަށް ބަލާއިރު، މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުގައި އިބްރާހީމް ޚުޝާންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި ބަނގުރާ ފުޅިތަކަކީ ޑިމެންޝަން ސަފާރީއަށް ބަނގުރާ އިމްޕޯޓް ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދީފައިވާ ހުއްދައިގެ ދަށުން އެތެރެކޮށް ރައްކާކުރެވިފައިވާ ބަނގުރާ ފުޅިތަކެއް ކަމުގައެވެ. އަދި މިކަން ސާބިތު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އެ ސަފާރީއަށް ބަނގުރާ އިމްޕޯޓު ކުރުމަށް ދީފައިވާ ހުއްދައިގެ ކޮޕީއެކެވެ.

އިބްރާހީމް ޚުޝާންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކުރުމުގެ ހުއްދައިން އެނގެނީ، ޑިމެންޝަން ސަފާރީއަށް ބަނގުރާ އެތެރެކުރުމުގެ ހުއްދައެއް ދީފައިވާކަމާއި، އެ ހުއްދައިގެ ދަށުން ބަނގުރާ އެތެރެކުރެވޭ މިންވަރެވެ. މި ހުއްދައިން ޑިމެންޝަން ސަފާރީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ބަނގުރަލުގެ މިލްކުވެރި ފަރާތަކީ އިބްރާހީމް ޚުޝާންކަން ދަލާލަތެއް ނުކުރެއެވެ.

ވުމާއެކު، މި ވާޤިޢާއަކީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ސާފުވެފައި އޮންނަންޖެހޭނެ ވާޤިޢާއެއް ކަމުގައި ދެކެމެވެ. އަދި މި ވާޤިޢާއަކީ އަލުން ކަށަވަރުކޮށް، މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުގައިވާތީ، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ތިރީގައިވާ ކަންކަމުގައި ގޮތެއް ކަނޑައެޅުން މުހިންމުކަމުގައި ދެކެމެވެ. އަދި އެ ނުކުތާތަކުގައި ގޮތް ކަނޑައެޅުމުގައި ބަހުސްގެ ބޭނުމަށާއި، އެ ނުކުތާތަކުގައި ކަނޑައެޅިދާނެ ޤާނޫނީ އުސޫލުތައް ސާފުކޮށް ދިނުމުގެ ގޮތުން އިބްރާހީމް ޚުޝާންއަކީ މުދަލުގެ ވެރިފަރާތްކަމުގައި ބަލާނަމެވެ.

މުދާ ހިފެހެއްޓުން

އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިބްރާހީމް ޚުޝާންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ޑިމެންޝަން ސަފާރީ ބަލައި ފާސްކުރުމަށްފަހު، އެ ސަފާރީން ފުލުހުންގެ ބެލުމުގެ ދަށަށް ބަނގުރާ ފުޅިތަކެއް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ އިޖުރާއަތުތަކާ ޚިލާފަށް ކަމުގައެވެ. ތިރީގައި މިވަނީ ޖިނާއީ މައްސަލައަކާ ގުޅިގެން މުދާ ހިފެހެއްޓުމުގައި ޢަމަލު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ޤާނޫނީ ބައެއް އުސޫލުތަކެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ފ) ބުނާ ގޮތުން އުޅަނދެއްގައިވާ މުދަލެއް ހިފަހައްޓާނަމަ، ޢަމަލު ކުރަންޖެހޭނީ އެ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދާ ހިފެހެއްޓުމުގައި ޢަމަލު ކުރަންޖެހޭ ޢާންމު އިޖުރާއަތަށެވެ. މި އިޖުރާއަތަށް ބަލާއިރު، ކޯޓު އަމުރެއްގެ ދަށުން ތަނެއް ނުވަތަ އުޅަނދެއް ބަލައި ފާސްކުރުމަށްފަހު، މުދަލެއް ހިފަހައްޓައި، ޤާނޫނު ތަންފީޛުކުރާ އިދާރާގެ ބެލުމުގެ ދަށުގައި މުދާ ބެހެއްޓޭނީ އަންނަނިވި ތިން ހާލަތުގައެވެ.

ޖިނާއީ ކުށެއްގެ ތަޙްޤީޤެއްގައި އެ އެއްޗެހި ބޭނުންކުރުމަށް.

ޖިނާއީ ކުށެއްގެ ޝަރީޢަތުގައި ހެއްކެއްގެ ގޮތުގައި އެ އެއްޗެހި ބޭނުންކުރުމަށް.

އެ އެއްޗަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ އެއްޗެއް ކަމުގައި ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެ އެއްޗެއްގެ ޙަޤީޤީ ވެރިފަރާތް ހޯދުމަށް.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ ދަށުން ހިފެހެއްޓޭ މުދަލުގެ ވެރިފަރާތަކީ، ޖިނާއީ ކުށެއްގެ ތުހުމަތު އެ ފަރާތުގެ މައްޗަށް އޮތް ފަރާތަކަށްވުން ލާޒިމެއް ނޫނެވެ. އަދި އެ މާއްދާގެ ދަށުން މުދަލެއް ހިފެހެއްޓުމުގައި، މުދަލުގެ ވެރިފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ އެހެން ޝަރުޠެއް ނުވަތަ ސިފައެއް ވެސް އެ މާއްދާގައި ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ވެފައިނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ހިފަހައްޓާ މުދާ ހިފެއްޓުމުގައި އެ މުދަލުގެ އިންވެންޓްރީ އެކުލަވާލުމަށްފަހު އެ އިންވެންޓްރީގެ ކޮޕީއެއް، މުދަލުގެ ވެރިފަރާތަށް، ނުވަތަ ވެރިފަރާތް ނެތް ޙާލަތެއްގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތަށް ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރު ދޭންވާނެކަމުގައި އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވެއެވެ. މިކަމުގެ ތަފުސީލު އިތުރަށް ބަޔާންކޮށްފައިވަނީ، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) ގައެވެ. މި އަކުރުގައި ބަޔާންވެފައިވާ ގޮތުން ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީ، ބަލައި ފާސްކުރެވުނުތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަކަށް ޤާނޫނު ތަންފީޛުކުރާ ފަރާތުން ދޭންވާނެއެވެ.

މުދާ ހިފެހެއްޓުމުގެ ބޭނުން ނިމުމަކަށް އައުމުން އެ ތަކެތި އެއިގެ ވެރިފަރާތާ ޙަވާލު ކުރަންޖެހޭނެ ކަމުގައިއާއި، އެކަމުގައި ޢަމަލުކުރަންޖެހޭ ތަފުސީލީ އިޖުރާއަތުތައް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ކ) ގައި ބަޔާންވެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ހިފެހެއްޓި މުދަލެއް ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، ނުވަތަ އެ މުދަލުން ބަރީޢަވުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ އެ މުދާ ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ޙައްޤު، އެ މުދަލެއްގެ ވެރިފަރާތަށް ލިބިގެންވެއެވެ. އަދި މި ފަދައިން މުދާ ހޯދަން އެދި ހުށަހެޅުމާއި، އެ ފަދަ ހުށަހެޅުންތަކާ ގުޅިގެން ކޯޓުން ޢަމަލުކުރަންޖެހޭ އިޖުރާއަތު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ.

ބަނގުރާފުޅިތައް ހިފެހެއްޓި ސަބަބު

21 ޑިސެމްބަރ 2017 ގައި ޑިމެންޝަން ސަފާރީ ބަލައި ފާސްކޮށްފައިވަނީ އެ ސަފާރީގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަން އެ އުޅަނދު ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން 18 ޑިސެމްބަރ 2017 ގައި ނެރެފައިވާ އެ ކޯޓުގެ ނަންބަރު 1450-J/BF/2017/634 އަމުރުން އެނގެއެވެ. މި އަމުރުގައި ޙަވާލާދީފައިވާ ކުށްތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ 05 ވަނަ މާއްދާގެ ދަށުން ޚާއްޞަ ހުއްދައެއް ލިބިގެން މެނުވީ ގެނައުން މަނާތަކެތި ގެނައުމާއި، ގެންގުޅުމުގެ ކުށް ހިމެނިފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ކްރިމިނަލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެއްޗާއި ޖިނާއީ ކުށެއްގެ ތަޙްޤީޤަށް އެ އެއްޗެއް ބޭނުން ކުރުމަށްޓަކައި ބަލައި ފާސްކުރުމަށްފަހު ތަކެތި ހިފެހެއްޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާ ހުއްދަކުރާ ކަމުގައި ބުނެފައިވާކަން ފާހަގަވެއެވެ. އަދި މި ހާދިސާގައި ސަފާރީ ބަލައި ފާސްކުރުމުން ހުއްދަކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ސަފާރީގައި ބަނގުރާ ހުރިކަމަށާއި، ބަނގުރަލުގެ ވިޔަފާރި އެ ސަފާރީގައި ކުރަމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކަމުގައި ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފައިވެއެވެ. އަދި މިއީ އެ ތަޙްޤީޤުގެ އެންމެ ޅަފަތުގެ މަރުޙަލާ ކަމުގައިއާއި، ތަޙްޤީޤު ކުރިއަށް ގެންދިއުމަށްޓަކައި ހިފަހައްޓާފައިވާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ހިފެހެއްޓޭނެ އިންތިޒާމެއް ކަނޑައަޅައި ދިނުމަށް ފުލުހުން ކޯޓުގައި އެދިފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު، ޑިމެންޝަން ސަފާރީން ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ހާދިސާގައި އިބްރާހީމް ޚުޝާންގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭކަމަށް ފުލުހުން ބުނެފައި ނުވެއެވެ. އަދި މިފަދަ ތުހުމަތެއް އޮތުމަކީ ޤާނޫނު ލާޒިމުކުރާ ކަމެއްވެސް ނޫނެވެ. މީގެ އިތުރަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއާއި އެ މާއްދާގެ (ޅ) ގެ ދަށުން މުދާ ހިފެހެއްޓުން ހުއްދަކުރާ ސަބަބުތައް އެއްކޮށް ކިޔައިލުމުން މުދާ ހިފަހައްޓާ ވަގުތު ތުހުމަތު ކުރެވޭ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ފަދަ މީހަކު ހުރިނަމަ ހައްޔަރު ކުރުން ނުވަތަ ބަންދުކުރުން، ނުވަތަ ހައްޔަރަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ އިޖުރާއަތުފަދަ އިޖުރާއަތެއް ފުރިހަމަވެފައި އޮތުން ލާޒިމެއް ނޫނެވެ.

ކަން މިހެން އޮތުމާއެކު، ކްރިމިނަލް ކޯޓުގައި ފުލުހުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މި މައްސަލައިގައި ޑިމެންޝަން ސަފާރީން ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން ޤާނޫނު ހުއްދަކުރާ ސަބަބެއް އޮތްކަމުގައި އަހުރެން ދެކެމެވެ.

ހިފަހައްޓާ މުދަލުގެ އިންވެންޓްރީ ޙަވާލުކުރުން

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛު ކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓްރީ ތައްޔާރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންވެފައިވަނީ އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ރ) އާއި (ބ) ގައެވެ. އެ ދެ އަކުރުގައި ބަޔާންވެފައިވަނީ އަންނަނިވި އިބާރާތެވެ.

(ރ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޛުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް، ކޯޓު އަމުރު ތަންފީޛުކުރާ އޮފިސަރު އެކުލަވާލަންވާނެއެވެ. އެކަން ކުރަންވާނީ، ޤާނޫނު ތަންފީޛުކުރާ އިދާރާގެ އެހެން އޮފިސަރަކާއި، މުދަލުގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތް ނެތް ޙާލަތެއްގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ހިފެހެއްޓޭ މުދަލުގެ އިންވެންޓަރީގެ ކޮޕީއެއް، މުދަލުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ޙާލަތެއްގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތަށް ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރު ދޭންވާނެއެވެ.

މަތީގައި ބަޔާންކުރެވުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު އެ އަކުރުގައި ހިފަހައްޓާ މުދަލުގެ އިންވެންޓްރީ މުދަލުގެ ވެރިފަރާތާ ނުވަތަ ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކާ ޙަވާލުކުރުމަށް ވަކި ވަގުތެއް ބަޔާން ކޮށްފައިނުވެއެވެ. ނަމަވެސް، މިފަދައިން ހިފަހައްޓާ މުދަލުގެ އިންވެންޓްރީ އެކުލާވާލުމަށްފަހު، ބަލައި ފާސްކުރެވުނުތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަކަށް ދޭންވާނެ ކަމުގައި، "ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގެ (ބ) ގައި ބަޔާން ވެފައިވެއެވެ.

ޤާނޫނުގައި ހިފެހެއްޓޭ މުދަލުގެ އިންވެޓްރީއާމެދު ޢަމަލުކުރުމަށް ލިޔެވިފައި ހުރި އިޖުރާއަތުތައް މި މައްސަލައަށް ތަޠުބީޤު ކޮށްފައިވާކަން ނުވަތަ ނޫންކަމަށް ބަލާއިރު ދެ ބަސްވުމެއް ނެތް ވާޤިޢާއަކީ، މި މައްސަލައިގައި ޑިމެންޝަން ސަފާރީ ބަލައި ފާސްކުރުމަށްފަހު، ހިފެހެއްޓުނު މުދަލުގެ އިންވެންޓްރީ ތައްޔާރު ކުރެވިފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން އުޅަނދުގެ ވެރިފަރާތްކަމުގައިވާ އިބްރާހީމް ޚުޝާންގެ ހާޒިރުގައި ކަމެވެ.

ނަމަވެސް ހިފެހެއްޓުނު މުދަލުގެ އިންވެންޓްރީގެ ކޮޕީ މުދަލުގެ ވެރިފަރާތަށް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް ހަވާލު ކޮށްފައިވަނީ "ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ 48 (ސާޅީސް އަށެއް) ގަޑިއިރު ފަހުންނެވެ. މި ކަމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފުލުހުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިންވެންޓްރީގެ ކޮޕީ އިބްރާހީމް ޚުޝާންއާ ހަވާލުކުރުމަށް ގަވާއިދުގައި ބުނެފައިވާ މުހުލަތުގެ ތެރޭގައި މަސައްކަތް ކުރިކަމަށާއި، ނަމަވެސް އެ މުހުލަތުގައި އެކަން ނުކުރެވިވަނީ އިބްރާހީމް ޚުޝާންއަށް ގުޅޭނެކަމަށް ބުނެ އޭނާ ދީފައިވާ ނަންބަރަށް އެތައް ފަހަރެއްގެ މަތިން ގުޅުމަށް މަސައްކަތް ކުރުމަށްފަހު ނުގުޅުމުން ކަމަށެވެ. އަދި އިބްރާހީމް ޚުޝާންގެ ބައްޕަގެ މޮބައިލް ނަންބަރު ހޯދުމަށްފަހު އެ ލިސްޓް ޙަވާލުކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. ސުވާލަކީ، ބަލައިފާސްކޮށް ނިމުނުތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިންވެންޓްރީގެ ކޮޕީ މުދަލުގެ ވެރި ފަރާތަށް ޙަވާލު ނުކުރެވޭ ހާލަތުގައި، މުދާ ހިފެހެއްޓިފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ބެލިދާނެ ހެއްޔެވެ؟

މި ހާލަތުގައި ބޭނުންކުރާނެ ޤާނޫނީ ޓެސްޓްވަނީ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު ދެ މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 53 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައެވެ. މި ޓެސްޓް ތަޤުބީޤު ކުރުމަށްޓަކައި އިޖުރާއަތު ޤާނޫނުގައި ބަޔާންކޮށްފައިވާ އިބާރާތަށް ބެލުމަށްފަހު ދެ ހާލަތުންކުރެ ހާލަތަކަށް ފެތޭތޯ ބެލުމެވެ.

ފުރަތަމަ ހާލަތަކީ، އިޖުރާއީ ޤާނޫނުގައި ވަކިކަމެއް ކުރުން މަނާކޮށްފައި ވަނިކޮށް އެ ނޫން ގޮތަކަށް އެކަންކުރުމެވެ. މިހާލަތުގައި ނުކުންނާނެ ނަތީޖާއަކީ އެކަމަކީ ޣައިރު ޤާނޫނީ ކަމަކަށްވުމެވެ. އަދި މިފަދަ ކަމެއް ފަހުން ޤާނޫނީ ކަމަކަށް ނުހެދޭނެއެވެ.

ދެވަނަ ހާލަތަކީ، އިޖުރާއަތު ޤާނޫނުގައި އިޖުރާއަތު ބަޔާންވެފައިވާ ގޮތަށް އެންމެ ފުރިހަމައަށް އެ އިޖުރާއަތު ފުރިހަމަކޮށްފައި ނެތުމެވެ. އުނިކަންތަކާއެކު ނުވަތަ އައިބުތަކާއެކު އެކަން ކޮށްފައިއޮތުމެވެ. މި ހާލަތުގައި އެ އުނިކަމަކީ ޠަބީޢީ އިންސާފުގެ ހަމަތަކާ ޚިލާފު އުނިކަމަކަށް ނުވަތަ ޢައިބަކަށް ވެގެން ނުވާނެއެވެ. އަދި މި ހާލަތުގައި ފުރިހަމަ ނުކުރެވުނު އިޖުރާއަތު ފުރިހަމަކޮށް އިސްލާހު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި މައްސަލައަށް ބަލާއިރު، ކޯޓު އަމުރެއްގެ ދަށުން ޑިމެންޝަން ސަފާރީ ބަލައި ފާސްކުރުމަށްފަހު، މުދާ ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތުގެ ހާޒިރުގައި މުދަލުގެ އިންވެންޓްރީ ތައްޔާރު ކުރެވިފައިވެއެވެ. ނަމަވެސް އެ އިންވެންޓްރީގެ ކޮޕީ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް ރައްދުކުރެވިފައި ނުވެއެވެ. މިފަދައިން ގަވާއިދުގައި ބުނެފައިވާ މުހުލަތުގައި ރައްދުކުރެވިފައި ނުވަނީ، މުދަލުގެ ވެރިފަރާތަށް އެއިގެ ކޮޕީ ޙަވާލު ކުރަން އެކަށީގެންވާ މަސައްކަތްކޮށް، އެކަން ނުވުމުގެ ސަބަބުންކަން އެނގެއެވެ. ނަމަވެސް އެ މުހުލަތުގެ ފަހުން ޖެހިގެން އައިދުވަހު އެ އިންވެންޓްރީގެ ކޮޕީ އުޅަނދުގެ ވެރިފަރާތުގެ ބައްޕައާ ފުލުހުން ޙަވާލުކޮށްފައިވެއެވެ. ކަން މިހެން އޮތުމުން މި އިޖުރާއަތަކީ އައިބަކާއެކު ނަމަވެސް ފުރިހަމަކުރެވިފައިވާ އިޖުރާއަތެއް ކަމުގައި އަހުރެން ދެކެމެވެ.

އިޖުރާއަތު ހިންގުމުގައި ހަމަހަމަ ކުރުމާއި ތަފާތު ނުކުރުން

އިސްތިއުނާފީ ދެވަނަ ނުކުތާގައި އިބްރާހީމް ޚުޝާން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާ ގުޅުވައިގެން މައިގަނޑު ދެ ކަމެއް ފާހަގަ ކޮށްފައި ވެއެވެ. މި ގޮތުން ފާހަގަ ކޮށްފައިވާ ދެ ކަންތައް ތިރީގައި މިވަނީއެވެ.

މައްސަލައިގެ ޚަޞްމެއްގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއްނެތި، މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިޚްތިޞާޞް ލިބިގެންވާ މަދަނީ ޠަބީޢަތުގެ މައްސަލައެއް ނަމަވެސް، މި ބާވަތުގެ މައްސަލަތަކުގައި ބަދަލު ޤަބޫލު ނުކުރެވޭނެ ކަމަށާއި، މިފަދަ މައްސަލަތަކުގައި މުދަލުގެ ވެރިފަރާތުގެ މައްޗަށް ތުހުމަތެއް އެހައިތަނަށް ނެތްނަމަވެސް، އެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވާންޖެހޭނެ ކަމުގައި ނިންމާފައިވުމެވެ.

ދެވަނަ ކަމަކީ، ބަނގުރަލުގެ ކުށާ ގުޅޭ އުސޫލުތައް ބެލުމުގައި މި މައްސަލައިގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނުލްޢުޤޫބާތުގެ 613 ވަނަ މާއްދާ ފިޔަވައި، ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ކަމަށް މި މައްސަލައިގައި ކަނޑައަޅާފައިވުމެވެ.

މައްސަލަ ހިންގުމުގެ އިޖުރާއަތާގުޅޭ އުސޫލުތައް

މި ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ ޖިނާއީ އިޖުރާއަތުގެ ތެރެއިން ހިމެނިގެންވާ އިޖުރާއަތެއް ނަމަވެސް، މުދާ ހޯދުމަށް އެދި ހުށަހަޅާ މި ބާވަތުގެ މައްސަލަތަކަކީ މަދަނީ ޙައްޤުތަކެއް ހިމެނޭ މައްސަލަތަކެއް ކަމުގައިވާތީ، މުދަލުގެ ވެރިފަރާތް ކޯޓަށް ހާޒިރުނުކޮށް މިފަދަ މައްސަލަތަކުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް އިޢުތިރާޟު ނުކުރާކަމުގައި ބުނެފައިވެއެވެ.

މި ކަމާގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތު ރައުޔުގައި ބަނގުރަލާއި ގުޅިގެން އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ކަމާގުޅޭ ޤާނޫނީ ބައެއް އުސޫލުތައް ބަޔާންކުރުމަށްފަހު، "ބަނގުރަލަކީ އެހެނިހެން މުދަލެކޭ އެއްހަމައަކުން އެއީ މަދަނީ ޠަބީޢަތުގެ އެއްޗެއްގެ ގޮތުގައި ބަލައި، އެ ތަކެތީގެ ވެރިފަރާތްކަމަށް ބުނާ ފަރާތް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުނުކޮށް އެ ފަރާތް ޖަބާބުދާރީ ވާން ނުޖެހޭ ގޮތަށް މައްސަލަ ކުރިއަށް ނުގެންދެވޭނެ" ކަމުގައި ބަޔާންކޮށްފައިވެއެވެ.

ޢާންމު އުސޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. މި މައްސަލައަށް ބަލާއިރު، މި މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔައިރު، މުދަލުގެ ވެރިފަރާތުން ބަދަލުގެ ގޮތުގައި ވަކި ފަރާތެއް ހާޒިރުވެފައިވާތީ އެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިޢުތިރާޟު ކޮށްފައިނުވެއެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުންވެސް އެ އޮފީހުގެ ފަރާތުން މި ނުކުތާ ފާހަގަ ކޮށްފައިނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައިވާ ބަލައި ފާސްކުރުމަށްފަހު މުދާ ހިފެހެއްޓުމާއި، ޤާނޫނާ ޚިލާފަށް މުދާ ހިފަހައްޓާފައިވާ ކަމުގައި ދެކިގެން އެ މުދާ ހޯދުމަށް އެދޭ މައްސަލަތަކުގައި، މުދަލުގެ ނިސްބަތުން ވަކި މުދަލަކަށް ޚާއްޞަކޮށް އިޖުރާއަތެއް ހިމެނިފައިނުވެއެވެ.

އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުދާ ހޯދުމަށް އެދޭ ފަރާތަކީ، މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަށްވުން ލާޒިމުނުވާއިރު، މުދާ ހޯދުމަށް އެދޭ މައްސަލަތަކުގައި މަދަނީ މައްސަލަތަކެކޭ އެއްފަދައިން ބަދަލު ހަމަޖައްސައިގެން މައްސަލަތައް ކުރިއަށް ގެންދިއުމާ ޚިލާފަށް، ސީދާ މުދަލުގެ ވެރިފަރާތް ހާޒިރުކުރުމަކީ ލާޒިމު ކުރެވިދާނެ ކަމެއް ކަމުގައި ނުދެކެމެވެ. ނަމަވެސް އިންސާފަށް ވާސިލުވުމަށްޓަކައި، މުދަލުގެ ވެރިފަރާތް ކޮންމެހެން ކޯޓަށް ހާޒިރުކުރަން ޖެހިއްޖެނަމަ، ޝަރީޢަތަށް މީހުން ހާޒިރުކުރުމުގެ ޢާންމު އުސޫލުތަކުގެ ތެރެއިން އެކަން ކުރުމަށް ހުރަސްއަޅާ ޤާނޫނީ ސަބަބެއް އޮތްކަމުގައިވެސް ނުދެކެމެވެ.

ބަނގުރަލުގެ ކުށާ ގުޅޭ އުސޫލުތައް

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ޙައްޤާ ގުޅިގެން އިބްރާހިމް ޚުޝާންގެ ފަރާތުން ފާހަގަކޮށްފައިވާ ދެވަނަ ނުކުތާއަށް ބަލާއިރު، އެ ނުކުތާގައި ފާހަގަ ކޮށްފައިވަނީ ބަނގުރަލުގެ ކުށާ ގުޅޭ އުސޫލުތައް ބެލުމުގައި މި މައްސަލައިގައި ރިޢާޔަތް ކުރަންޖެހޭނީ ޤާނޫނުލްޢުޤޫބާތުގެ 613 ވަނަ މާއްދާ ފިޔަވައި، ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ކަމަށް މި މައްސަލައިގައި ކަނޑައަޅާފައިވުމެވެ.

މި ނުކުތާއަށް ބަލާއިރު، ބަނގުރަލުގެ ކުށާގުޅޭ އުސޫލުތައް ބެލުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނުލްޢުޤޫބާތުގެ 613 ވަނަ މާއްދާ ފިޔަވައި، ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިނުވެއެވެ. އަދި ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ)، އަޣްލަބިއްޔަތު ރައުޔުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ ފުރަތަމަ ނުކުތާގައި، ހަމައެކަނި ބަޔާންވެފައިވަނީ، ބަނގުރަލަކީ ރާއްޖެއަށް އެތެރެކުރުމާއި، މުޢާމަލާތު ކުރުމުގައި ޤާނޫނުގައި ހިފެހެއްޓުންތަކެއް ލެވިފައިވާ އެއްޗެއްކަން ބަޔާން ކުރުމުގެ ގޮތުންނެވެ.

ކަން މިހެން އޮތުމާއެކު، މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި 44 ވަނަ މާއްދާ

އިސްތިއުނާފީ އެންމެ ފަހު ނުކުތާގައި އިބްރާހީމް ޚުޝާންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި 44 ވަނަ މާއްދާއަށް ރިޢާޔަތް ކޮށްފައި ނުވާކަމުގައެވެ.

މި ނުކުތާ ތަފުސީލު ކުރަމުން އިބްރާހީމް ޚުޝާން ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ބަނގުރާ ފުޅިތަކަކީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ (ބިދޭސީންގެ) ތަކެއްޗަށް ނުވެފައި، ކްރިމިނަލް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށްވެސް އިބްރާހީމް ޚުޝާންގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ކޮށްފައިނުވާތީ، މި ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދާ ހޯދުމާއި، މިލްކުކުރުމާއި، މުޢާމަލާތްކުރުމުގެ ޙައްޤު އިބްރާހީމް ޚުޝާންގެ ކިބައިން ގެއްލުވާލުމަށްފަހު އެ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށެވެ. އެހެނީ އެ ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ އެ އަކުރުގައި ބުނާފަދައިން ޤާނޫނެއްގައި ބަޔާންވެފައިވާ ގޮތުގެމަތިންނެއް ނޫނެވެ. ނުވަތަ ކޯޓަކުން ކުރި ޙުކުމެއްގެ ދަށަކުންވެސް ނޫނެވެ. މީގެ އިތުރަށް މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތަށް ނެގިގެން ނުވާނެ ކަމަށް އެ މާއްދާގެ (ރ) ގައި އޮންނަ އޮތުމަށްވެސް މި މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާކަމުގައި އިބްރާހީމް ޚުޝާން ބުނެއެވެ. އަދި އިބްރާހީމް ޚުޝާންގެ މައްޗަށް މި މައްސަލައިގައި ތުހުމަތެއް ކޮށްފައިނުވާއިރު، އިބްރާހީމް ޚުޝާންގެ މުދަލެއް އެހެން މީހެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކާ ގުޅިގެން ހިފެހެއްޓުމަކީ ޤާނޫނުއަސާސީގެ 44 ވަނަ މާއްދާގެ ނައްޞާވެސް ޚިލާފު ކަމެއް ކަމުގައެވެ.

މި ނުކުތާއަށް ރައްދު ދެމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޑިމެންޝަން ސަފާރީ ބަލައި ފާސްކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ބަނގުރާ ފުޅިތައް ގެންގޮސްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ އިމުގެ ތެރެއިން ކަމުގައިވާތީ، މިކަމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި 44 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.

ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންވެފައިވަނީ އަންނަނިވި ޢިބާރާތެވެ.

މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު 40. (ހ) މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

(ށ) މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވިގެންވާނޭ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.

(ނ) ޤާނޫނާ ޚިލާފަށް ހޯދައިފައިވާ މުދަލާއި، ދުޝްމަނުންގެ މުދާ، ބަދަލު ދިނުމަކާ ނުލައި ދައުލަތަށް ނެގުމަށް ޙުކުމްކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭފަދަ ޤާނޫނެއް ހެދުމަކަށް މި މާއްދާގެ އެއްވެސް ބައެއް ހުރަހެއް ނާޅައެވެ.

(ރ) މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތަށް ހިފައިގެނެއް ނުވާނެއެވެ.

ޤާނޫނުއަސާސީގެ 44 ވަނަ މާއްދާގައި ބަޔާންވެފައިވަނީ، އަންނަނިވި ޢިބާރާތެވެ.

ޝަޚްޞީ ޒިންމާ 44. ކުށްކުށުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެމަތީން ތަޙުޤީޤު ހިންގުމުގައްޔާއި، ޝަރީޢަތް ކުރުމުގައްޔާއި، ކުށް ސާބިތުވެގެން ޙުކުމް ތަންފީޛުކުރުމުގައި އެނޫން މީހެއްގެ ޤާނޫނީ ޙައްޤަކަށް ނުވަތަ ޤާނޫނީ ވާޖިބަކަށް ހުރަސް އަޅައިގެނެއް ނުވާނެއެވެ.

ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި 44 ވަނަ މާއްދާއަށް ބަލާއިރު، އެ ދެ މާއްދާގައި ބަޔާންވެފައިވަނީ މުދަލާ ގުޅޭ އަސާސީ ޙައްޤުތަކެކެވެ. އެ ޙައްޤުތަކަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހަނި ކުރެވިދާނެ ޙައްޤުތަކެކެވެ. މި މައްސަލައަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ބަލައި ފާސްކުރުމަށްފަހު މުދާ ހިފަހައްޓާ އުސޫލުތަކަކީ، ކުރިން ބުނެވިދިޔަ ޤާނޫނުއަސާސީގެ ދެ މާއްދާގައިވާ އަސާސީ ޙައްޤުތައް ވަކި ހާލަތެއްގައި ހަނިކޮށް އިންތިޒާމު ކޮށްފައިވާ ޤާނޫނީ އުސޫލުތަކެކެވެ.

މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަ ކޮށްފައިވަނީ ޤާނޫނު ހުއްދަކުރާ ސަބަބެއް އޮތްނަމަ، ބަލައިފާސް ކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް މުދާ ގެންދެވިދާނެ ކަމަށާއި، އެފަދަ ސަބަބެއް މި މައްސަލައިގައި ވުޖޫދުގައި އޮތްކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި 44 ވަނަ މާއްދާގެ ބޭނުމަށްޓަކައި މި ނުކުތާގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ޑިމެންޝަން ސަފާރީ ބަލައި ފާސްކުރުމަށްފަހު ފުލުންގެ ބެލުމުގެ ދަށަށް ބަނގުރާ ފުޅިތައް ގެންގޮސްފައިވަނީ ޤާނޫނުގައިވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަމުގެ ސުވާލެވެ. މި ސުވާލުގެ ޖަވާބަކީ އެ ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށެވެ. މިކަމުގެ ތަފުސީލު މި ރައުޔުގެ 18 ވަނަ ޕެރެގްރާފުން ފެށިގެން 33 ވަނަ ޕެރެގްރާފުގެ ނިޔަލަށް ތަފުސީލުކޮށް ބަޔާން ކުރެވިއްޖެއެވެ.

ޤާނޫނު ބުނާ ހާލަތު ނެތި ދިއުމުން މުދާ ޙަވާލުކުރުން

މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ޑިމެންޝަން ސަފާރީ ބަލައި ފާސްކުރުމަށްފަހު އެ ސަފާރީގައި ހުރި ބަނގުރާ ފުޅިތައް ގެންދިޔަ ހާދިސާގައި ތުހުމަތު ކުރެވުނު ބިދޭސީންނާއި، އަދި އެނޫން ފަރާތްތަކުގެ މައްޗަށްވެސް ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާފައިވީ ނަމަވެސް އަދިވެސް އެ ތަކެތި ފުލުހުން ދޫކޮށްފައިނުވާ ކަމަށާއި، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފު ކަމެއް ކަމުގައި އިބްރާހީމް ޚުޝާންގެ ފަރާތުން ބުނެފައިވެއެވެ. އަދި މިއީ އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެންވެސް އެ ފަރާތުން ފާހަގަ ކޮށްފައިވާ ކަމެކެވެ.

މުދާ ހިފެހެއްޓުމުގެ ބޭނުން ނިމުމަކަށް އައުމުން އެ ތަކެތި އެއިގެ ވެރިފަރާތާ ޙަވާލު ކުރަންޖެހޭނެ ކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ކ) ގައި ބަޔާންވެފައިވެއެވެ. މި ކަމާގުޅިގެން ޝަރީޢަތުން ކުރި ސުވާލުތަކުގެ ޖަވާބުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ޑިމެންޝަން ސަފާރީ ބަލައި ފާސްކުރި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީންގެ މައްޗަށް ދަޢުވާ ކުރުމުގެ ބަދަލުގައި ރާއްޖެއަށް ނާދެވޭނެ ގޮތަށް ޑިޕޯޓްކުރުމަށް 02 ޖެނުއަރީ 2018 ގައި ފުލުހުންނަށް އަންގާފައިވާކަން އެނގިފައިވެއެވެ. މީގެ އިތުރުން މި ހާދިސާގައި އިބްރާހީމް ޚުޝާންގެ މައްޗަށް ޖިނާއީ ދަޢުވާއެއްކޮށް ކުށް ސާބިތު ކުރެވިދާނެކަމަށް ނުފެންނާތީ އިބްރާހީމް ޚުޝާންގެ ބައި އަނބުރާ ފުލުހުންނަށް ފޮނުވުމަށް 08 އޭޕްރިލް 2018 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަން އެނގިފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަލައި ފާސްކުރުމަށްފަހު ހިފަހައްޓާ މުދާ، ހިފެހެއްޓުމުގެ ބޭނުން ނިމުމުން އެ މުދާ ޙަވާލު ކުރަންޖެހޭނީ އެ މުދަލުގެ ވެރިފަރާތަށް ކަމުގައިވާއިރު، މި ރައުޔުގެ 14 ވަނަ ޕެރެގެރާފުން 17 ވަނަ ޕެރެގްރާފުގެ ނިޔަލަށް ބަޔާންކުރި ފަދައިން މި މައްސަލައިގައި ވާހަކަ ދެކެވޭ ބަނގުރަލުގެ ވެރިފަރާތަކީ އިބްރާހީމް ޚުޝާންކަން ސާބިތު ނުވެއެވެ. ވުމާއެކު، މުދާ އަނބުރާ ޙަވާލުކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން މުދަލުގެ ވެރިފަރާތް ކަށަވަރު ވާންޖެހޭނެ ކަމުގައި ދެކެމެވެ.

މަތީގައި ތަފުސީލުކޮށް ބަހުސްކުރެވުނު ކަންކަމުގެ އަލީގައި، މި މައްސަލައިގައި ފުލުހުން ހިފަހައްޓާފައިވާ ބަނގުރަލުގެ ވެރިފަރާތަކީ ކޮބައިކަން ދަށު ދެ މަރުޙަލާއިން ކަށަވަރު ކޮށްފައިނުވާތީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނަންބަރު MC-001/Cr-C/2017 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/75 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށް ފެނެއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ދަށުން މި މައްސަލަ ހައިކޯޓަށް ތަޙްވީލު ކުރުމަށްފަހު، ބަނގުރަލުގެ ވެރިފަރާތަކީ ކޮބައިކަން ކަށަވަރުކޮށް، މި މައްސަލައިގައި ކަނޑައެޅިފައިވާ ޤާނޫނީ އުސޫލުތަކުގެ ތަރަހައިގެ ތެރޭގައި މި މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނަންބަރު MC-001/Cr-C/2017 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/75 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމްތަކެއް ކަމުގައި ކަނޑައަޅައި އެ ދެ ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރުމާއެކު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ މި މައްސަލައިގައި މައުޟޫޢީ ގޮތުން އަލުން ބަލަންޖެހޭކަމަށް ކަނޑައެޅި ނުކުތާ ބެލުމަށް އަންގައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙްވީލު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ