މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވ. އިބްރާހީމް ފައިޞަލް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
` މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވ. އިބްރާހީމް ފައިޞަލް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/308 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-846/2008) (މީގެ ފަހުން "އެމް.ޕީ.އެލް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ފަރާތުން ސ.މަރަދޫ، އިބްރާހީމް ފައިޞަލް (މީގެ ފަހުން "އިބްރާހީމް ފައިޞަލް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
03 އެޕްރީލް 2011 އިން ފެށިގެން އިބްރާހީމް ފައިޞަލް ވަޒީފާ އަދާކުރަމުން ދިޔައީ ހިތަދޫ ޕޯޓް ލިމިޓެޑުގައެވެ. އެތަނުގެ ސީނިއަރ ޓެކްނީޝަން ގރ 01 ގެ މަޤާމުގައި އިބްރާހީމް ފައިޞަލް ވަޒީފާއަދާކުރަމުން ދަނިކޮށް، 11 އެޕްރީލް 2017 ގައި އެޗް.އާރް އަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާތީ، އެ މައްސަލައަށް ވަކި ގޮތެއް ނިމެންދެން ގޭގައި މަޑުކުރުމަށް އެންގުމަށްފަހު14 (ސާދަ) ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑް ކުރެވުނެވެ. އިބްރާހީމް ފައިޞަލް ސަސްޕެންޑް ކުރި މައްސަލައިގެ ތަފްސީލު ހޯދުމަށް އޭނާ ސިޓީ ފޮނުވުމުން، އެ ސިޓީއަށް ޖަވާބުދާރީނުވެ23 އެޕްރީލް 2017 ގައި އިބްރާހީމް ފައިޞަލް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ޓްރައިބިއުނަލްއަށް ހުށަހެޅުނު މައްސަލަ އަދި މައްސަލަ ނިމުނުގޮތް
ބުނެވުނު ފަދައިން އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ އިއާދަކޮށް ދިނުމަށާއި، 23 އެޕްރީލް 2017 އިން ފެށިގެން މައްސަލައިގައި ގޮތެއް ނިންމާ ދުވަހާއި ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި އެންމެހައި ޢިނާޔަތްތަކަށްވާ ފައިސާ ހޯދުމަށް އެދި އެމް.ޕީ.އެލްއަށް ރައްދުވާ ގޮތަށް 03 ޖުލައި 2017 ގައި އިބްރާހީމް ފައިޞަލް ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") އަށް މައްސަލައެއް ހުށަހަޅާފައިވެއެވެ.
އެ މައްސަލަ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2017 މައްސަލައިން ބަލައި ނިންމާފައިވަނީ އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައި ކަމަށް ނުވާތީ، އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ނުބެލެވޭ ހިނދު، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އެ މުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށް ނުވަތަ އެ މުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް ނުވަތަ ބަދަލެއް ނަގައިދެވިދާނެކަމަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނާތީ، އިބްރާހީމް ފައިޞަލްގެ ފަރާތުން ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށް އެދިފައިވީ ނަމަވެސް، އެ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ޢަމަލަކީ މަސައްކަތަށް ފަރުވާ ކުޑަކުރުމާއި، ޖެއްސުންކުރުމާއި، އަޚްލާޤީ ފެންވަރު ދަށްވުމާއި، މުވައްޒަފުންގެ މެދުގައި މަޞްލަޙަތު ގެއްލޭފަދަ ކަންތައްތައްކޮށް، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތް ނުކުރުމަށް ހިތްވަރުދިނުން ފަދަ ކަންކަން ކުރުން ކަމުގައި އެމް.ޕީ.އެލްގެ ފަރާތުން ބުނާތީ، އަދި މިފަދަ އަމަލުތައް މުވައްޒަފެއްގެ ފަރާތުން ފެނުމަކީ ވަޒީފާ ދޭ ފަރާތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަންކަންކަމުގައި ޤަބޫލުކުރެވޭތީ، މިފަދަ ޙާލަތެއް އޮވެގެން ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފަކަށް ޢަދުލުވެރި ބަދަލެއް ނަގައިދިނުމަކީ ދެ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރާއިރު އެންމެ ޢަދުލުވެރި ގޮތް ކަމުގައި ފެންނާތީ، ވަޒީފާއާބެހޭ ޤާނޫނޫގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، ބަދަލުގެ ގޮތުގައި 06 މަސްދުވަހުގެ މުސާރައަށްވާ 47,280/-ރ. (ސާޅީސްހަތްހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ) ނަގައިދިނުމަށެވެ.
ޓްރައިބިއުނަލުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ މައްސަލައިގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
އިބްރާހީމް ފައިޞަލް އޮފީހަށް ނުކުތުން މަނާކުރެވުނީ ކޮން ސަބަބަކާ ހުރެކަން އެ ފަރާތަށް އަންގާފައިނުވާކަން.
ހިތަދޫ ޕޯޓް ލިމިޓެޑުން 28 މާރިޗު 2017 ގައި ނަގާފައިވާ އިބްރާހީމް ފައިޞަލްގެ ބަޔާނަށް ބަލާއިރު، 22 މާރިޗު 2017 ގައި ހުރިހާ މުވައްޒަފުންނާއެކު ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ބޭއްވި ބައްދަލުވުމެއްގައި އިބްރާހީމް ފައިޞަލް 6 (ހައެއް) ދުވަސްވަންދެން އޮފީހަށް ހާޟިރުވެފައި ނުވަނީ ގަސްދުގައި ކަމަށް އިއުތިރާފުވެފައިވާކަން؛
ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓް ލިޔެ، ކުންފުނީގެ މުވައްޒަފުން ޓެގްކުރުމަކީ ކުންފުންޏަށް ނުވަތަ ކުންފުނީގެ އިސްވެރިންނާއި ގުޅުވައި ވާހަކަތައް ސޯޝަލް މީޑިއާގައި ޢާންމުކުރުން ކަމަށް ބެލިދާނެ ކަމެއް ކަމާއި، އަދި ޕޯސްޓުތަކަށް ބަލާއިރު، އެއީ ބައެއްގެ މެދުގައި (އިބްރާހީމް ފައިޞަލް ހިމެނޭ ގޮތަށް) ނުތަނަވަސް ކަމެއް އޮވެ ލިޔެފައިވާ ޕޯސްޓްތަކެއް ކަމަށް ބުރަވެވޭތީ، އެފަދަ ކަންކަން ކުރުމަކީ ވަޒީފާގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ ގުޅުމަށް ބުރޫއަރައި ތަނުގެ މަޞްލަޙަތު ގެއްލިދާނެ ކަމެއްކަން.
މުވައްޒަފު ހާޟިރީއަށް ފަރުވާކުޑަކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭހިނދު، އެކަމާއި ގުޅިގެން އިބްރާހީމް ފައިޞަލްއާ މެދު ފިޔަވަޅެއް އެޅިކަން އެނގެން ނެތްކަން.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2017 މައްސަލައިގެ ނިންމުން، އިބްރާހީމް ފައިޞަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/308 ޤަޟިއްޔާއިންނެވެ.
ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމް ކޮށްފައިވަނީ، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި އިބްރާހީމް ފައިޞަލްއަށް ވަޒީފާ އަނބުރާ އިޢާދަކޮށްނުދީ، ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، 25 ޖަނަވަރީ 2021 އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިބްރާހީމް ފައިޞަލް ހިތަދޫ ޕޯޓް ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއްފެންވަރެއްގެ ވަޒީފާދިނުމަށާއި، މުސަރާއާއި ޢިނާޔަތްތަކުގެ ތެރެއިން އުނިކުރަންޖެހޭ މިންވަރެއް އުނިކޮށް، ލިބެންޖެހޭ މުސާރަ އާއި އިނާޔަތުގެ ފައިސާ އިބްރާހީމް ފައިޞަލްއަށް ލިބިދިނުމަށްފަހު، އެކަން 07 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް އަމުރުކޮށެވެ.
ހައިކޯޓުން ބުނެވުނު ފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ހައިކޯޓުގެ ނަންބަރު 2018/HC-A/308 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އިބްރާހީމް ފައިޞަލްގެ ޢަމަލުތައް ހުރިގޮތުން އެޗް.އޯ.ޑީއަކަށް ހުންނެވި ބަޝީރު އަދި ޑިވިޜަން ހެޑް އަޙްމަދު ޒުހައިރު އެކިފަހަރު މަތިން އިބްރާހީމް ފައިޞަލްއަށް ނަޞޭހަތްތެރި ވެފައިވާކަމަށް އެޗް.އާރުގެ އެސިސްޓެންޓް މެނޭޖަރ ފާޠިމަތު އަނޫޝާގެ ފަރާތުން ޓްރައިބިއުލަށް ދީފައިވާ ބަޔާނުގައި ބުނެފައިވާ ނަމަވެސް، އިބްރާހީމް ފައިޞަލްއަށް މިފަދައިން ނަޞޭހަތްތެރި ވެފައިވާ ކަމަށް ބުނާބުނުން ފިޔަވައި އިތުރު ހެއްކެއް ނެތްކަން.
އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ވަޒީފާދޭ ތަނުގައި އިތުރަށް ބެހެއްޓުމަށް އެކަށީގެންނުވާ އަޚްލާޤު އޭނާގެ ފުށުން ފެނިގެން ކަމުގައި ވުމަށްވުރެ ބޮޑަށް، އިބްރާހީމް ފައިޞަލްއާއި ތަނުގައި ވެރިއަކާ ޖެހުނު ޒާތީ މައްސަލައަކާއި ގުޅިގެން ކަމަށް ޤަބޫލުކުރެވޭކަން.
އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކުރުމަށްފަހު ވޭތުވެ ދިޔަ މުއްދަތުގައި ހިނގާފައިވާ ކަންކަމަށް ބެލުމެއްނެތި ބަދަލު ނަގައިދިނުމަކީ އެންމެ ޢަދުލުވެރި ގޮތް ނޫންކަމަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އަޝްފާޤު ވަޙީދު ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަދަލުގެ މިންވަރު ނަގައިދެވެންޖެހޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/308 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އެމް.ޕީ.އެލްގެ ފަރާތުން މައިގަނޑު 2 (ދޭއް) ސަބަބެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ:
އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި ޚިލާފަށް އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމަށް ހައިކޯޓުން ނިންމާފައިވަނީ، އެފަދަ ޙާލަތެއް މެދުވެރިވިކަން ބަޔާންކޮށްދިނުމަށް ހުށަހަޅާފައިވާ ހެކިތަކަށް އެންމެ ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތި، އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން އެ ހެކިތައް ވަޒަންކުރުމުގައި ބޮޑަށް ބުރަވެވޭ މިންވަރަށް ބެލުމެއް ނެތި ކަމަށާއި، ވަޒީފާއިން ވަކިކޮށްފައިވަނީ ތަނުގެ ވެރިއަކާ ޖެހުނު ޒާތީ މައްސަލައަކާ ގުޅިގެން ކަމަށް ހައިކޯޓުގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ އެކަން ސާބިތުވާނެ ހަރުދަނާ ހެއްކެއް ނެތި ކަމަށް ހުށަހެޅި ސަބަބު؛ އަދި
ހައިކޯޓުގެ ނިންމުމުގައި އިބްރާހީމް ފައިޞަލް ކުރިން ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އަންގައި އަދާލަތުގެ ހައްލެއް ދީފައިވާއިރު، ވަޒީފާއިން ވަކިކުރިއިރު، ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ހާލަތްތަކެއް ހުރެދާނެކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އިން ދޭހަވާ ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގަޟިއްޔާގައި ވަޒީފާއަށް ރުޖޫއަކުރުމަކީ ޢަމަލީގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ހާލަތްތައް ބަޔާންކޮށްފައިވާއިރު، މި ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކާމެދު އަހުރެން ދެކޭގޮތް ބަޔާންކުރުމުގެ ކުރިން، އިބްރާހީމް ފައިޞަލްގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒަށް ބަލާނަމެވެ.
އިޖުރާއީ އިއުތިރާޒުއިބްރާހީމް ފައިޞަލްގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައިވަނީ، އެމް.ޕީ.އެލްގެ ފަރާތުން އިސްތިއުނާފު ކުރުމުގައި ހުށަހަޅާފައިވާ ފުރަތަމަ ނުކުތާއަކީ ސުޕްރީމް ކޯޓަށް ބަލައިގަނެ، އެ ނުކުތާއާމެދު ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއް ނޫންކަމުގައެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން މި އިއުތިރާޒު ހުށަހަޅާފައިވަނީ، އެ ނުކުތާ ބިނާވަނީ އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމާ ނުލައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމުގެ މައްޗަށް ކަމުގައިވެފައި، އެ ނުކުތާގައި އެމް.ޕީ.އެލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ހައިކޯޓުން އެފަދައިން ނިންމަވާފައިވަނީ ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ރިއާޔަތްކުރުމާނުލައި ކަމުގައި ބަޔާންކޮށްފައިވާތީއެވެ. އިބްރާހީމް ފައިޞަލް ބަޔާންކުރާ ގޮތުގައި، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި، އިބްރާހީމް ފައިޞަލް ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަ ކޮށްދޭނެ ތަނެއް ނެތްކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ނުކޮށް ކަމަށް އެޓްރައިބިއުނަލްއިން ކަނޑައަޅާފައިވެއެވެ. އަދި އެ ޙާލަތުގައި، އެމް.ޕީ.އެލްގެ ފަރާތުން އެ ނުކުތާ އަދި ޓްރައިބިއުނަލްގެ ނިންމުންވެސް ހައިކޯޓުގައި އިސްތިއުނާފު ކުރުމަކާއި ނުލައި، ހައިކޯޓަށް އިބްރާހީމް ފައިޞަލްގެ ފަރާތުން އިސްތިއުނާފު ކުރި ކަންކަމަށް ގޮތް ކަނޑައެޅުމުން، ހައިކޯޓުގެ ނިންމުން ގޯސް ކަމުގައި ބުނެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ.
އިބްރާހީމް ފައިސަލްގެ ފަރާތުން މި އިއުތިރާޒު ތަފްސީލު ކުރަމުން އިތުރަށް ބުނެފައިވަނީ، ޓްރައިބިއުނަލްގެ ނިންމުމުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމު ކުރުމެއް ނެތިކަން ފާހަގަކުރުމަށްފަހު، އޭނާ ހުރި ވަޒީފާއަށް އަނބުރާ އިއާދަކުރެވެން ނެތްކަމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަކީ، ޓްރައިބިއުނަލްގެ އެ ނިންމުން އިބްރާހީމް ފައިސަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ގޮތުން ހުށަހެޅި މައިގަނޑު ނުކުތާކަމުގައެވެ. އިބްރާހީމް ފައިސަލްގެ ފަރާތުން އެ ނުކުތާ އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ޝަރީޢަތުގައި އެމް.ޕީ.އެލްގެ ފަރާތުން ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމުގައިބުނެ، އެ ނިންމުން ދަމަހައްޓާދިނުމަށް އެދި ހުށަހެޅުމަށްފަހު، އަދި ޓްރައިބިއުނަލްގެ ނިންމުމުން އިސްތިއުނާފު ނުކުރުމަށް ނިންމާފައިވަނީ އެ ނިންމުމުގައި ވަޒީފާ އަނބުރާ ދިނުމަށް ކަނޑައަޅާފައި ނުވާތީ ކަމުގައި ބަޔާންކުރުމަށްފަހު، ހައިކޯޓުން އިބްރާހީމް ފައިސަލްގެ ފަރާތުން ހުށަހެޅި އެ އިސްތިއުނާފީ ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުން، ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެމް.ޕީ.އެލްއިން ހުށަހަޅާފައި ނުވާ ކަމެއް މި މަރުޙަލާގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމުގައި އިބްރާހީމް ފައިސަލް ބުނެއެވެ.
އިޖުރާއީ އިއުތުރާޒާމެދު ދެކޭގޮތްޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުން، ހައިކޯޓުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ހައިކޯޓުން އެ ނިންމުން ބިނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ހެދިފައިވާ ކުށެއްގެ މައްޗަށް ކަމުގައި މަސްލަހަތު އޮތް ފަރާތަކަށް ޤަބޫލުކުރެވޭނަމައެވެ.
އިބްރާހީމް ފައިޞަލްގެ ފަރާތުން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅައި، އެ މައްސަލަ ޓްރައިބިއުނަލްއިން ނިންމުމުން، އެމް.ޕީ.އެލްގެ ފަރާތުން އެ ނިންމުން އިސްތިއުނާފުކޮށްފައި ނުވެއެވެ. އަދި އިބްރާހީމް ފައިޞަލްގެ ފަރާތުން ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ހިނގަމުން ދިޔައިރު، އެމް.ޕީ.އެލްގެ ފަރާތުން ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓާދިނުން އެދި ހައިކޯޓުގައި ވާހަކަދައްކާފައިވާކަމާއި، އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި އެއްގޮތަށް ނޫންކަމަށް، އަދި އެހެން ގޮތަކަށް ބުނާނަމަ، މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމާއި ނުލައިކަމަށް، ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ހެދިފައިވާ ކުށެއްގެ މައްޗަށް ކަމުގައި ނުވަތަ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް މައްޗަށް ކަމުގައި އެމް.ޕީ.އެލްއިން ބަޔާންކޮށްފައި ނުވާކަން ފާހަގަވެއެވެ.
އެހެންކަމުން، އެ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަ ކުރުމަކާއި ނުލައި، އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި ޚިލާފަށް އެކަށީގެންވާ ސަބަބެއް އޮވެގެން، މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމަށް ބުނެ، މި މަރުޙަލާގައި އެމް.ޕީ.އެލްގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހެޅިނަމަވެސް، މި ހާލަތުގައި އެ ނުކުތާ ބަލައި، އެއާމެދު މި ކޯޓަށް ގޮތެއް ކަނޑައެޅޭނެ ކަމުގައި އަހުރެން ނުދެކެމެވެ.
ސުޕްރީމް ކޯޓުގައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެމް.ޕީ.އެލްގެ ފަރާތުން ހުށަހަޅާފައިވާ 2 (ދޭއް) އިސްތިއުނާފީ ނުކުތާގެ ތެރެއިން ފުރަތަމަ ނުކުތާއަކީ، އިސްވެ ބަޔާންކޮށްފައިވާ (މި ރައުޔުގެ 15 އަދި 16 ވަނަ ޕެރެގްރާފްގައި) ސަބަބުތަކުގެ މައްޗަށް ބިނާކޮށް، މި ކޯޓުގައި ބަލައިގަނެ އެކަމާމެދު ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއް ކަމުގައި އަހުރެންނަށް ބުރަނުވެވޭކަމުން، މި އިސްތިއުނާފީ މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ގޮތެއް ކަނޑައަޅަންޖެހެނީ ހައިކޯޓުގެ ނިންމުމުގައި އިބްރާހީމް ފައިޞަލް ކުރިން ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އަންގާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި، ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސްއަޅާކަމަށް ބެލިދާނެ ހާލަތްތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއަށެވެ.
މި އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އެމް.ޕީ.އެލްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި، ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސްއަޅާކަމަށް ބެލިދާނެ ހާލަތްތައް ފާހަގަކޮށް، އެކަންކަމުގެ ތެރޭގައި ވަޒީފާދޭ ފަރާތާއި މުވައްޒަފާދެމެދު އޮންނަ އިތުބާރު ގެއްލިފައިވުން ހިމަނާފައިވުމުން، އަދި ވަޒީފާދޭ ފަރާތުން މުވައްޒަފަށް ކުރާ އިތުބާރަކީ ވިޔަފާރި ދެމެހެއްޓުމުގައި މުހިންމު އެއްޗެއްކަން ބަލަންޖެހޭ ހިނދު، އިބްރާހީމް ފައިޞަލްއަކީ ގަސްދުގައި މަސައްކަތަށް ނުނިކުމެ ހުރި މުވައްޒަފެއްކަން އެނގެން އޮތުމުން، އޭނާއަކީ މަގުބޫލު ސަބަބެއްނެތި ހިދުމަތަށް ނުނިކުމެ ހުރި މުވައްޒަފެއްކަމުގައި ބެލެވޭތީ، އިބްރާހީމް ފައިޞަލްއަށް އެމް.ޕީ.އެލްއިން އިތުބާރު ނުކުރާކަން.
ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސްއަޅާކަމަށް ބެލިދާނެ ހާލަތްތަކުގެ ތެރޭގައި ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާ ދިނުމަށް އަމުރުކުރާ ތާރީޚާމެދު އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވުން ހިމެނިގެންވާތީ، އެންމެ އިންސާފުވެރި ގޮތަކީ ކޮބައިކަން ކަނޑައެޅުމުގައި ވަޒީފާގެ ބާވަތަށާއި ވަޒީފާއަށް ރުޖޫއަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކުރަންޖެހޭކަން.
އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ މަސައްކަތަށް ފަރުވާކުޑަކޮށް، މަސްލަހަތު ނަގާލަން އުޅެ، ޖެއްސުންކޮށް، އަޚުލާޤީ ފެންވަރު ދަށްވުމުންކަން އެނގެން އޮންނަކަމާއި، އިބްރާހީމް ފައިޞަލްގެ އަމަލުތައް އަޚްލާޤީ މިންގަނޑާއި ޚިލާފުވާތީ، އެކިފަހަރުމަތިން އޭނާއަށް އަނގަބަހުން ނަސޭހަތްތެރިވެފައިވާނެ ކަމަށް ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޗް.އާރުގެ އެސިސްޓަންޓް މެނޭޖަރ ފާތިމަތު އަނޫޝާ ޓްރައިބިއުނަލްއަށް ބަޔާންދީފައިވާ ކަމަށާއި؛ އިބްރާހީމް ފައިޞަލްގެ ފަރާތުން މިފަދަ އަމަލުތައް ފެންނަކަން ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޗް.އާރުގެ އެސިސްޓަންޓް މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ރަޝީދުގެ ސިޓީއިންވެސް އެނގެން އޮންނަކަން.
އިސްވެ ބަޔާންކޮށްފައިވާ ކަންކަމަކީ އިބްރާހީމް ފައިޞަލް އަލުން ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސްއަޅާ، ނުވަތަ އެކަން އަމަލީގޮތުން ކުރެވެން ނެތްކަމަށް ބެލެވޭނެ ސަބަބުތަކެއް ކަމުން، އިބްރާހީމް ފައިޞަލް އަލުން ވަޒީފާއަށް ރުޖޫއަކުރުމަކީ ދެފަރާތަށް އެންމެ މަސްލަހަތު ހުރިގޮތްކަމަށް އެމް.ޕީ.އެލްއިން ނުދެކޭ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އިބްރާހީމް ފައިޞަލްގެ ފަރާތުން ހުށަހަޅާފައިވާ ރައްދުއެމް.ޕީ.އެލްގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައަށް ރިޢާޔަތްކޮށް ކަންތައްތަކެއް ފާހަގަކޮށްފައިވާއިރު، އެ ކަންކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރެވުނު އިރު އެމް.ޕީ.އެލްގެ ފަރާތުން ފާހަގަކޮށްފައި ނުވާ ކަންތައްތަކެއް ކަމަށާއި، އެ ކަންކަމަކީ ވަޒީފާ ރުޖޫޢަކުރުމާގުޅޭ ގޮތުން އެމް.ޕީ.އެލްއިން ހައިކޯޓުގައި ފާހަގަކުރި ކަންކަމާ ޚިލާފަށް ހުށަހަޅާފައިވާ ނުކުތާއެއް ކަމަށް މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިބްރާހީމް ފައިޞަލްގެ ފަރާތުން ބުނެފައިވެއެވެ. މި ނުކުތާ ތަފްސީލުކުރަމުން، އިބްރާހީމް ފައިޞަލްގެ ފަރާތުން އަންނަވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލަ ނިންމާފައިވަނީ 9 އޮގަސްޓް 2020 ގައި ކަމުގައިވާހިނދު، އަދި އިބްރާހީމް ފައިޞަލްގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ހައިކޯޓުގައި ހިނގަމުން ދިޔައިރު އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބާއްވާފައިވަނީ ބުނެވުނު ތާރީޚުގެ ފަހުން، 13 ސެޕްޓެންބަރު 2020 ގައި ކަމުގައިވާހިނދު، އެމް.ޕީ.އެލްގެ ފަރާތުން އެ ޝަރީޢަތުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގެ ނިންމުމާއި ހަވާލާދީ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާކަމަށާއި، އެ ހިނދުގައި އެ ކުންފުންޏަށް އެކަން ކުރުމުގެ ފުރުސަތު ލިބިމެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ޤާއިމުކޮށްފައިވާ އެއްވެސް އުސޫލަކަށް އެމް.ޕީ.އެލްގެ ފަރާތުން ހަވާލާދީފައިނުވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި ކާސްޓްއަވޭ މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑް ވ. މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތައް މި ނުކުތާއާ ގުޅިގެން ތަކުރާރުކުރާކަން.
އިބްރާހީމް ފައިޞަލްއަކީ ގަސްދުގައި މަސައްކަތަށް ނުނިކުމެ ހުރި ފަރާތެއް ކަމުގައި ބުނެފައިވާ ބުނުމަކީ ޙަޤީޤަތް އޮޅޭގޮތަށް ފާހަގަކޮށްފައިވާ ނުކުތާއެއް ކަމަށާއި، 2016 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ހުރިހާ މަސައްކަތު ދުވަހެއްގައި އިބްރާހީމް ފައިޞަލް ވަޒީފާއަށް ނިކުމެފައިވާ ކަމަށާއި، 2017 ވަނަ އަހަރު ވަޒީފާއިން ވަކިކުރުމާ ހަމައަށް ހިނގި ދުވަސްތަކުގައި ޤާނޫނާއެއްގޮތަށް ނަގާފައިވާ ޗުއްޓީގައި ފިޔަވައި އެހެން ހުރިހާ މަސައްކަތު ދުވަހެއްގައި އިބްރާހީމް ފައިޞަލް ވަޒީފާއަށް ނިކުމެފައިވާކަމަށާއި، ހާޒިރީ ސިސްޓަމްއަށް ދިމާވި މައްސަލައަކާ ގުޅިގެން ޗުއްޓީ ދުވަސްތައް އެ ސިސްޓަމްއިން ފާހަގަނުވާކަމީ އެމް.ޕީ.އެލްގެ ފަރާތުން ޓްރައިބިއުނަލް އަދި ހައިކޯޓުގައިވެސް އިޢުތިރާފުވެފައިވާ ކަމެއް ކަމުން، އިބްރާހީމް ފައިޞަލް ވަޒީފާއަށް ނިކުންނާނެ ކަމާމެދު އިތުބާރު ނުކުރާކަމުގައި ބުނެވިދާނެކަމަށް ގަބޫލުނުކުރާކަން.
އެމް.ޕީ.އެލްއިން އިބްރާހީމް ފައިޞަލްއަށް ކުރި އިތުބާރު ގެއްލިފައިވާ ކަމުގައާއި، އޭނާ ހުރި ވަޒީފާއަށް އިއާދަކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމުގައި އެމް.ޕީ.އެލްއިން ހައިކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ބުނެފައި ނުވާކަމަށާއި، އެއާ ޚިލާފަށް، އެ މައްސަލައިގެ ފަހު އަޑުއެހުމުގައި (13 ސެޕްޓެންބަރު 2020 ގައި) އިބްރާހީމް ފައިޞަލްއަށް ވަޒީފާ އަނބުރާދިނުމާމެދު ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ކުރެއްވި ސުވާލުތަކަކާ ގުޅިގެން، އިބްރާހީމް ފައިޞަލްއަށް ވަޒީފާ އަނބުރާދިނުމަށް އިއުތިރާޒުކޮށްފައި ނުވާކަމަށާއި، ކޯޓުގެ ހުކުމަށް އިޙްތިރާމުކޮށް ކުންފުނީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި އަދި ޓެކްނިކަލް މީހުންނަކީ ކުންފުންޏަށް އަބަދުވެސް ބޭނުންވާ ބައެއް ކަމުގައާއި އެފަދައިން ހުކުމްކޮށްފިނަމަ، އެފަދަ މަޤާމެއް ނުވަތަ އެ ފެންވަރުގެ މަޤާމެއް ދިނުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އެމް.ޕީއެލްއިން ބުނެފައިވާކަން.
އިބްރާހީމް ފައިޞަލްއަށް ވަޒީފާ އަނބުރާ ދިނުމަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި، ވަޒީފާއިން ވަކިކުރި ދުވަހާއި ވަޒީފާ އަނބުރާދޭން އަންގާ ދުވަހާމެދު ހިނގާފައިވާ މުއްދަތުގެ ވާހަކަ އެމް.ޕީ.އެލްއިން ފާހަގަކޮށްފައިވާއިރު، އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކުރުމާއެކު ލަސްނުވެ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ކަމަށާއި، ހަމަ އެގޮތުގެ މަތިން ޓްރައިބިއުނަލްގެ ނިންމުން އިބްރާހީމް ފައިޞަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ކަމަށާއި، މައްސަލަ ހުށަހެޅުމަށްފަހު ޝަރުއީ މަރުޙަލާގައި ފާއިތުވާ ދުވަސްތަކަކީ އިބްރާހީމް ފައިޞަލްގެ މަސްލަތު ގެއްލޭގޮތަށް އެކަން މާނަކުރުމަށް އޮތް ހުއްޖަތެއް ނޫންކަމުގައި، އަދި، 13 ސެޕްޓެންބަރު 2020 ގައި ބޭއްވުނު ހައިކޯޓުގެ އަޑުއެހުމުގައި، އިސްވެ ބަޔާންކޮށްފައިވާ ފަދައިން، އިބްރާހީމް ފައިޞަލްއަށް ވަޒީފާ އަނބުރާ ދިނުމަށް އެއްވެސް ހުރަހެއް ނެތްކަމުގައި ބުނުމަށްފަހު، އެމައްސަލައިގެ ޙުކުމް ކޮށްފައިވަނީ އެއިގެ 4 (ހަތަރެއް) މަސްދުވަސް ފަހުން ކަމުގައިވާތީ، އެ އިރު އެފަދައިން ބުނެފައި، މިހާރު ވަޒީފާއިން ވަކިކުރި ދުވަހާއި ވަޒީފާ އަނބުރާދޭން އަންގާ ދުވަހާމެދު ހިނގާފައިވާ މުއްދަތަށް ހަވާލާދީ އެމް.ޕީ.އެލްއިން ބުނާބުނުމަކީ އަސާސެއް ނެތް ބުނުމެއްކަމުގައާއި، ވަޒީފާ އަނބުރާ ދޭން ނުޖެހޭކަމަށް ބުނެ އެފަރާތުން ހަވާލާދީފައިވާ މައްސަލައަކީ ރިޑަންޑަންސީއާގުޅޭ މައްސަލައެއް ކަމުގައާއި، ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ބައެއް މައްސަލަތަކުގައި ވަޒީފާއިން ވަކިކުރުމަށްފަހު ގިނަ ދުވަސްތަކެއް ފާއިތުވެފައިވާނަމަވެސް ވަޒީފާ އިއާދަކުރުމަށް އަންގާފައިވާކަން.
ވަޒީފާ އިއާދަކުރުމާގުޅޭ ގޮތުން ދެކޭ ގޮތްވަޒީފާއިން ވަކިކުރުމުގެ ސަބަބުން މައްސަލައެއް ހުށަހަޅާ ފަރާތެއް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ސާބިތުވެއްޖެނަމަ، ލިބިދެވިދާނެ ތިން ބާވަތެއްގެ ހައްލެއް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއީ:
(1) އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަކުރުން؛ ނުވަތަ
(2) މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ
(3) ބަދަލު ދިނުން.
އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ހައްލަކީ، އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުމެވެ. ނުވަތަ އެ ނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމެވެ. އެހެންނަމަވެސް، މިފަދައިން އަމަލުކުރުމުގައިއެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ޙާލަތުތަކަށާއި، ވަޒީފާއިން ވަކިކުރަން ދިމާވީ މުވައްޒަފަކު ކުރި ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތް ކުރަންޖެހެއެވެ. އެހެންކަމުން، ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމަށް ހުރަސްއަޅާ އަދި ބާރުއަޅާ ކަންކަމަކީ ކޮބައިކަން ބެލުން މުހިންމެވެ.
ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާފާނޭ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ހާލަތުތައް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ފާހަގަކުރައްވާފައިވެއެވެ. އެއީ:
އަނބުރާ އިއާދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛
ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވުން؛
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން؛
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން، މިއެވެ.
ހަމަ އެގޮތަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒިފާއަށް ރުޖޫއަކުރުމަށް ބާރު އަޅާ ހާލަތުތަކެއްވެސް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ފާހަގަކުރައްވާފައިވެއެވެ. އެފަދަ ބައެއް ހާލަތްތަކަކީ:
މުވައްޒަފުކުރި ޣައިރު ސުލޫކީ އަމަލަކީ އެފަދަ ފުރަތަމަ އަމަލުކަމަށްވެފައި، އެ ހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީ އެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ހާލަތްތައް؛
އެ ވަޒީފާއަށް އެ މުވައްޒަފު ރުޖޫއަ ނުކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ މުވައްޒަފުގެ ހުރި ޚާއްސަ ހާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށްވުން؛
ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުންކަމަށް ދޭހަވާނޭ ހާލަތްތައް، މިއެވެ.
އެމް.ޕީ.އެލްގެ ފަރާތުން މައިގަނޑު ގޮތެއްގައި އިބްރާހީމް ފައިޞަލްއަށް ވަޒީފާ އަނބުރާ ލިބިދޭން ނުޖެހޭ ކަމުގައި ބުނެ ފާހަގަކުރަނީ އިބްރާހީމް ފައިޞަލްއަށް އެފަރާތުން ކުރި އިތުބާރު ގެއްލިފައިވާ ކަމަށާއި، އިބްރާހީމް ފައިޞަލްއަށް ވަޒީފާ އަނބުރާދީފިނަމަ އޭނާގެ ފުށުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށްޓަކައި، އޭނާގެ ވަޒީފާ ރުޖޫއަކުރުމަށް ނޭދޭކަމުގައެވެ.
އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގައި، ވަޒީފާގެ ގުޅުމުގެ ތެރެއިން ވަރަށް މަދު ފަހަރަކު މެނުވީ ސަތޭކަ ޕަސެންޓު އިތުބާރަކީ އޮންނާނެ އެއްޗެއް ނޫންކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށްގެން ކަމުގައި ބަޔާންކޮށްފައިވެއެވެ.
އިބްރާހީމް ފައިޞަލްއަށް އިތުބާރު ނުކުރެވޭކަމުގައި އަދި އިބްރާހީމް ފައިޞަލްއަށް ވަޒީފާ އަނބުރާދީފިނަމަ އޭނާގެ ފުށުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް އެމް.ޕީ.އެލްގެ ފަރާތުން ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ:
އިބްރާހީމް ފައިޞަލް މަސައްކަތް ކުރިއިރު ހާޒިރީއަށް ފަރުވާކުޑަކޮށްފައިވުމާއި؛
މަސައްކަތުގެ މާހައުލުގައި އިބްރާހީމް ފައިޞަލް ހިފަހައްޓަންޖެހޭ އަހުލާޤީ މިންގަނޑު ނުހިފެހެއްޓުމާއި؛
އިބްރާހީމް ފައިޞަލްއަކީ ޓެކްނިކަލް މުވައްޒަފެއް ކަމުން، އޭނާއަށް އަލުން ވަޒީފާދީފިނަމަ، އޭނާ ހުންނާނީ ވަޒީފާއިން ވަކިކުރުމުން އުފެދުނު ޖަޒުބާތާއި ހިތްހަމަ ނުޖެހުމުގެ ތެރެއިން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ކުރިމަތި ކުރެވިދާނެ މަޤާމެއްގައި ކަމެވެ.
މި ސަބަބުތަކުގެ ތެރެއިން ފުރަތަމަ ދެ ސަބަބަކީ އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކުރުމަށް މެދުވެރިވިކަމަށް އެމް.ޕީ.އެލްއިން ބުނާ ސަބަބުތަކުގެ ތެރެއިން ދެ ސަބަބެވެ. އެހެން ނަމަވެސް، އެކަން އެހެން މެދުވެރިވެފައިވާ ނަމަ އަދި ތަކުރާރު ވަމުން ދިޔަނަމަ، އެކަމާ ގުޅިގެން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާ ހަވާލާދީ އިބްރާހީމް ފައިޞަލްއާމެދު އަޅާފައިވާކަމަށް އެމް.ޕީ.އެލްއިން ބުނާ އެންމެ ފިޔަވަޅެއް ފިޔަވާ، އިތުރު އެއްވެސް ފިޔަވަޅެއް ފެންނަން ނެތުމުން، މިއީ ކަންހިނގާ ގޮސްފައިވާ ގޮތްކަމާމެދު ސުވާލުތަކެއް ކުރިމަތިވެއެވެ. އަދި އިބްރާހީމް ފައިޞަލްއަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަމުން ދިޔަ މީހެއް ކަމުގައި އޭނާއާއެކު މަސައްކަތްކުރި މީހުން ބުނެފައިވާތީ އާއި، އޭނާ ހާޟިރީއާބެހޭ މަޢުލޫމާތު ހުށަހެޅުމުގައި ޤާނޫނީގޮތުން ޙައްޤުވާ ޗުއްޓީއާއި ސަލާމުގެ ދުވަސްތައް އެނގޭނެ ގޮތެއް ނެތުމުން، މިއީ ކަން ހިނގާދިޔަ ގޮތްކަމާމެދު އިތުރު ޝައްކުތަކެއް އުފެދެއެވެ.
ކަން މިހެން އޮވެމެ، އިބްރާހީމް ފައިޞަލްއަކީ ޓެކްނިކަލް މީހެއް ކަމުގައިވާތީ ކަމުގައި ބުނެ، އޭނާއަށް ވަޒީފާ ދީފިނަމަ، އޭނާގެ ފުށުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނުމަކީ އެކަށީގެންވާ ސަބަބެއްކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، ވަޒީފާ އަދާ ކުރުމުގައި އިބްރާހީމް ފައިޞަލްގެ ފަރާތުން އިސްލާހުކުރަންޖެހޭ ކަމެއް އޮތްނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ފިޔަވަޅު އެޅުމަކާއި ނުލައި، އެ ޤާނޫނުގެ 23 ވަނަ މާއްދާއަށް ހަވާލާދީ، އަދި ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކުރުމަކާއި ނުލައި އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކުރުމުން، އެކަމުގެ ނުތަނަވަސްކަމެއް ހުރުމަކީ އިންސާނަކަށް ވިޔަތީ އުފެދުން ގާތް ޖަޒުބާތަކަށް ވާހިނދު، އެކަމަށް ބާރުދޭ އެއްވެސް ކަމެއް ފާހަގަކުރުމެއް ނެތި، އިބްރާހީމް ފައިޞަލްއަށް ވަޒީފާ އަނބުރާ ދީފިނަމަ އެކަމުގެ ސަބަބުން އޭނާގެ ފުށުން އެމް.ޕީ.އެލް އަށް ގެއްލުން ލިބިދާނެ ކަމުގެ ފުރުސަތު އޮވެދާނެ ކަމުގައި ބުނުމަކީ، އެމް.ޕީ.އެލްގެ ފަރާތުން ވަކާލާތު ކުރި ކަންކަން އެފަރާތުން ބޭނުންވާގޮތަށް ނިންމުމަށް ބާރުއެޅުމުގެ ގޮތުން ބުނާބުނުމެއް ކަމުގައި ބެލެވެއެވެ.
މީގެ އިތުރުން، އިބްރާހީމް ފައިޞަލްއާމެދު ވަޒީފާއާގުޅިގެން ފިޔަވަޅެއް އަޅާފައިވަނީ އެންމެ ފަހަރަކުކަން ރެކޯޑުތަކުން ފެންނަން އޮތުމުންނާއި، އިބްރާހީމް ފައިޞަލް ވަކިކުރި ސަބަބުތައް ކަމުގައި އެމް.ޕީ.އެލްގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އޭނާއާމެދު ކަމާ އެންމެ އެކަށޭނަ ފިޔަވަޅު އެޅުންކަމުގައިވާއިރު، އެފަދައިން ކަން ކުރުމަކާއި ނުލައި އިބްރާހީމް ފައިޞަލް ވަޒީފާއިން ވަކިކުރުމުން އިބްރާހީމް ފައިޞަލްއަށް އެ ވަޒީފާ އަނބުރާ ނުދިނުމަކީ އެމް.ޕީ.އެލްގެ ފަރާތުން އަމަލުކުރި ގޮތް ބަލައިގަތުންކަމަށް ދޭހަވާނޭ ހާލަތެއްކަމުގައި އަހުރެން ދެކެމެވެ.
ނިންމަން ފެންނަ ގޮތްމި ރައުޔުގެ 26 ވަނަ ޕެރެގްރާފް އިން 30 ވަނަ ޕެރެގްރާފްގެ ނިޔަލަށް ފާހަގަކޮށްފައިހުރި ކަންކަން އެފަދައިން ހުރުމުން، އަހުރެންނަށް ބުރަވެވެނީ އިބްރާހީމް ފައިޞަލް އޭނާ ހުރި ވަޒީފާއަށް ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއަކަށް ރުޖޫޢަކޮށްދޭންޖެހޭނެ ކަމަށެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/308 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ޙުސްނުއްސުޢޫދު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.