ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 18 · 2021/SC-A/60

މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުހައިކޯޓުގެ 2018/HC-A/296 ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް…
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 އޭޕްރީލް 2024ދަށު ކޯޓު: ހައިކޯޓު 2018/HC-A/296ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/296، 1080/Cv-C/2017
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދަޢުވާކުރި ފައިސާގެ ތެރެއިން 53,576.34 ޑޮލަރު ދައްކަން ސިވިލް ކޯޓުން މާޔާފުށި ރިސޯޓަށް އަމުރުކުރިއެވެ. ހައިކޯޓުން އެ ޙުކުމް ބާޠިލުކޮށް، ފޯރުކޮށްދިން 2 ކޯލްޑް ރޫމްގެ އަގުން ދައްކާފައިވާ އެޑްވާންސް އުނިކޮށް 23,385 ޑޮލަރު ދައްކަންޖެހޭ ކަމަށް ކަނޑައެޅިއެވެ.
ވާޤިޢާ
ރިސޯޓަށް 3 ކޯލްޑް ރޫމް ފޯރުކޮށްދީ ރާވައިދިނުމަށް 2016 ގައި ދެފަރާތް އެއްބަސްވެ، 35 އިންސައްތަ އެޑްވާންސް ދެއްކިއެވެ. ރޭވުމުގެ ގިނަ މަސައްކަތް ނިމިފައިވަނިކޮށް، ތަޅުމަށް ފްލޯ ޕެނަލް ޖެހުމަށް ބަދަލު ގެނެސް، ރިސޯޓުގެ އެދުމުން މަސައްކަތް ހުއްޓާލިއެވެ. ފަހުން މަސައްކަތާ ހިތްހަމަނުޖެހި ރިސޯޓުން އެއްބަސްވުން ބާޠިލުކޮށް ތަކެތި ނަގަން އެދުމުން، އޮސްމޯސިސް އިން އަގު ހޯދަން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވިއްކި މުދާ ރޭވުމުގެ މަސައްކަތް ގަތް ފަރާތުގެ އެދުމުން ހުއްޓާލެވި، މުދާ ބޭނުންކުރެވޭ ޙާލަތަށް ނައިސް ހުރި ހާލަތުގައި، ޑެލިވަރަބަލް ސްޓޭޓް މަބްދައަށް ބަލައި އަގު ދައްކަންޖެހޭ ވަގުތު އައިސްފައި ނުވާ ކަމަށާއި، ރޭވުމުގެ މަސައްކަތުގެ ފެންވަރާ ގުޅޭ ޝަކުވާތަކުގެ މައްޗަށް ގަތް ފަރާތުން އެއްބަސްވުން ބާޠިލުކުރުން ޞައްޙަ ކަމަށް ބެލެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުދަލުގެ މިލްކުވެރިކަން ބަދަލުވެ އަގު ދައްކަންޖެހޭނީ ކޯލްޑް ރޫމް ރާވާ ނިމި ޙަވާލުކުރެވޭ ޙާލަތަށް އައުމުން ކަމަށާއި، އެސެންޓްރިކް ލޮކް ނުލައި ވޯލް ޕެނަލް ކަފައިގެން ކުރި މަސައްކަތަކީ އެއްބަސްވުމާ ޚިލާފުވުމެއްކަމުން ބާޠިލުކުރުން ރަނގަޅު ކަމަށް މާޔާފުށި ރިސޯޓް ބުނެއެވެ. މަސައްކަތް ނުނިމުނީ ފުރުޞަތު ނުދިނީމާ ކަމަށާއި، ލޮކް ބޭނުންކުރިކަން ސާބިތު ކަމަށް އޮސްމޯސިސް ބުނެ، ވަކީލު ފީއަށް އެދުނެވެ.
ކޯޓުގެ ސަބަބުތައް
ކޯލްޑް ރޫމްތައް ބޭނުންކުރެވޭ ޙާލަތަށް ނައީ ވިއްކި ފަރާތުގެ ސަބަބުން ނޫނެވެ. އަދި އެ ފަރާތް ޒިންމާއަކުން ރެކިފައެއް ނުވެއެވެ. އެހެންކަމުން ޑެލިވަރަބަލް ސްޓޭޓް މަބްދައު ތަޠުބީޤުކުރާނެ މަޙައްލެއް ނެތެވެ. ރޭވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ ފަރުވާއަކީ އިސްލާޙުކުރަން އެންގުމެވެ. ފުރިހަމަކުރަން ފުރުޞަތު ނުލިބޭ ނުނިމިހުރި މަސައްކަތެއްގެ ފަރުޢީ ޝަކުވާއަކަށް ބިނާކޮށް ބާޠިލުކުރުން ހުއްދަ ނުވެއެވެ. އިސްތިއުނާފަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިން ބޭރު އެއްޗެކެވެ. ވަކީލު ފީއާ ބެހޭ އެއްބަސްވުމެއް ނެތެވެ.

ނިންމުން

ހައިކޯޓުގެ 2018/HC-A/296 ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް…

ހައިކޯޓުގެ 2018/HC-A/296 ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ހައިކޯޓުގެ ޙުކުމް ދެމެހެއްޓި (މާޔާފުށި ރިސޯޓުން އޮސްމޯސިސް އަށް 23,385 އެމެރިކާ ޑޮލަރު ދައްކަންޖެހޭ). ވަކީލު ފީއާ ބެހޭ އެއްބަސްވުމެއް ނެތުމުން، އޮސްމޯސިސް އެދުނު ޤާނޫނީ ވަކީލުގެ ފީ ނަގައިނުދެވުނު. (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މުދާ ރޭވުމުގައި މަސައްކަތް ކުރެވިފައިވަނީ އެއްބަސްވެފައިވާ ގޮތަށް ނޫންކަމަށް ބެލެވުމަކީ ފޯރުކޮށްދީފައިވާ މުދަލަކީ އެއްބަސްވެފައިވާ މުދާ ނޫންކަމަށް ކަނޑައަޅާނެ ސަބަބެއް ނޫނެވެ. އަދި އާންމު ޙާލަތެއްގައި، މުދަލެއް ރޭވުމުގައި ކަމެއް ދިމާވެއްޖެނަމަ، އެކަމުގެ ފަރުވާއަކީ އެ މުދަލެއް ރާވަން ޖެހޭގޮތަށް ރާވަން ނުވަތަ އިސްލާޙުކުރަންޖެހޭ ކަމެއް އޮތްނަމަ އެ ކަމެއްގެ ޒިންމާ އޮތް ފަރާތަކަށް ދެންނެވުމެވެ.

HN2 އެއްބަސްވެފައިވާ ގޮތަށް މުދާ ބޭނުންކުރެވޭނެ ޙާލަތަކަށް އައިސްފައި ނުވަނީ ވިއްކި ފަރާތުގެ ސަބަބުންކަން ދޭހަ ނުވެ، އަދި އެއްބަސްވުމުގެ ދަށުން އެ ފަރާތުން އުފުލަންޖެހޭ ޒިންމާއަކުން ރެކި، އެކަމަށް ދެކޮޅު ހަދާފައިވާކަން އެނގެން ނެތްނަމަ، މުދަލުގެ އަގު ދައްކަންޖެހޭ ވަގުތު އަންނާނީ އެއްބަސްވެފައިވާ ގޮތަށް މުދާ ރާވާނިމި ޙަވާލުކުރެވޭ ޙާލަތަށް ދެވިފައިވާނަމަ ކަމަށް ދެކި ޑެލިވަރަބަލް ސްޓޭޓް މަބުދަޢު އާ ޙަވާލާދެވޭނެ މަޙައްލެއް އުފަންވެފައި ނުވެއެވެ.

HN3 ރޭވުމުގެ މަސައްކަތުގެ ފެންވަރާގުޅޭ ބަހުސް ބިނާވަނީ ވިއްކި ފަރާތަށް ފުރިހަމަ ކުރަން ފުރުސަތު ލިބިފައިނުވާ ނުނިމިހުރި މަސައްކަތެއްގެ މައްޗަށް ނަމަ، އެފަދަ ފަރުޢީ ޝަކުވާއެއްގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާތިލު ކުރުން ހުއްދަކުރާ ހަމައެއް ނެތެވެ.

HN4 އިސްތިއުނާފަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ބޭރުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ފެންނަހިނދު، ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތެވެ.

HN5 މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިފަދަ މުޢާމަލާތްތަކުގައި ޤާނޫނީ ވަކީލު ފީ އާ ބެހޭގޮތުން އެއްބަސްވެފައިނުވާ ޙާލަތުގައި ފީ ނަގައިދިނުން ނޯންނާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ފަތުޙުﷲ އިސްމާޢީލް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މުޙައްމަދު ޙިލްމީ، ވަކީލު ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 18 2021/SC-A/60 ޝަރީޢަތް ނިމުނުގޮތް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޙުސްނުއްސުޢޫދު ނިމުނު ތާރީޚު 24 އެޕްރީލް 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2018/HC-A/296 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު: މުޙައްމަދު ޙިލްމީ، ވަކީލު ޗެމްބަރސް

ޤާނޫނީ ވަކީލު: ފަތުޙުﷲ އިސްމާޢީލް، ސީޓީއެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ

މަދަނީ – އެއްބަސްވުން ބާޠިލުކުރުން – ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ – ޤާނޫނީ ވަކީލު ފީ ނެގުމާ ގުޅޭ

ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރަފް

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/296 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ދެކި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ1 (މީގެ ފަހުން "މާޔާފުށި ރިސޯޓު" މިހެން އިޝާރާތްކޮށްފައިވާ) ފަރާތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ2 (މީގެ ފަހުން "އޮސްމޯސިސް" މިހެން އިޝާރާތްކޮށްފައިވާ) މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު

2021/SC-A/60 ޤަޟިއްޔާ އިންނެވެ.

ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ

2މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދާ މާޔާފުށި ރިސޯޓް އެންޑް ސްޕާގައި ދެ ފްރީޒް ރޫމާ އެއް ކޯލްޑް ރޫމް (މީގެ ފަހުން އެއްކޮށް "ކޯލްޑް ރޫމް" ނުވަތަ "މުދާ" މިހެން އިޝާރާތްކޮށްފައިވާ) ބޭނުންވެގެން އެ ތަކެތި ފޯރުކޮށްދިނުމަށް 22 މޭ 2016 ގައި އޮސްމޯސިސް އިން އެއްބަސްވެ "ކޯލްޑް ރޫމްސް ވިތް އިންސްޓޮލޭޝަންސް، އޮފަރ އެންޑް ޕްރޮފޯމަރ އިންވޮއިސް"3 (މީގެ ފަހުން "އިންވޮއިސް" މިހެން އިޝާރާތްކޮށްފައިވާ) މަޔާފުށި ރިސޯޓަށް އޮސްމޯސިސް އިން ފޮނުވިއެވެ.

3އޮސްމޯސިސް އިން ހުށަހެޅި އިންވޮއިސްއަށް ބަލާއިރު ތަކެތީގެ އަގު ހިމަނާފައިވަނީ އެ ތަކެތި އިންސްޓޯލްކުރުން ނުވަތަ ރޭވުމާއި އެކީކަން އެނގެއެވެ.

(ހ) މޮޑެލް ނަންބަރު KMSU HM25 Z.T (TFH 45.1) 2.50 HP ކޯލްޑް ރޫމް (މީގެ އަގަކީ US$ 22,000.00)

(ށ) މޮޑެލް ނަންބަރު KMSU HL 30 ZT(TFH 2511) 3 HP ފްރީޒަރ ރޫމް (މީގެ އަގަކީ US$ 25,000.00)

(ނ) މޮޑެލް ނަންބަރު KMSU HL 50 Z.T (TAG 2516) 5.0 HP ފްރީޒަރ ރޫމް (މީގެ އަގަކީ US$ 27,000.00)

4އޮސްމޯސިސް އިން ހުށަހެޅި އިންވޮއިސްގައި ބުނެވުނު މުދާތަކުގެ ޖުމްލަ އަގަކީ 74,518.00 US$ (ހަތްދިހަ ހަތަރުހާސް ފައްސަތޭކަ އަށާރަ އެމެރިކާ ޑޮލަރު) އެވެ.4 އަދި އޮސްމޯސިސްގެ ހުށަހެޅުން މާޔާފުށި ރިސޯޓުން ގަބޫލުކޮށް ކޯލްޑް ރޫމް އިންސްޓޯލްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އިންވޮއިސްގައި ބުނެފައިވާ ޖުމްލަ އަގުގެ %35 އަށްވާ އެޑްވާންސް ފައިސާ ދެއްކިއެވެ. މި ޢަދަދަކީ

US$ 26,081.00 (ސައްބީސްހާސް އަށްޑިހަ އެކެއް އެމެރިކާ ޑޮލަރު) އެވެ. މި ފައިސާ މާޔާފުށި ރިސޯޓުން އޮސްމޯސިސް އަށް ދެއްކީ 18 ޖޫން 2016 ގައެވެ.

5މި އެޑްވާންސް ފައިސާ އޮސްމޯސިސް އަށް ލިބުމާއެކު 03 ކޯލްޑް ރޫމް ގެނައުމުގެ މަސައްކަތް އޮސްމޯސިސް އިން ފެށިކަމާއި ފުރަތަމަ ޝިޕްމެންޓުގެ ގޮތުގައި 29 ޖޫން 2016 ގައި "05 އެޗް.ޕީ" ގެ ކޫލް ރޫމާއި،

"03 އެޗް.ޕީ" ގެ ކޫލް ރޫމްގެ ބައިތައް މާޔާފުށި ރިސޯޓަށް ސަޕްލައި ކޮށްދިނެވެ. އަދި 3 ވަނަ ކޯލްޑް ރޫމް ރާއްޖެ ގެނައުމަށް ވަނީ އޯޑަރު ކޮށްފައިވާކަން އެނގެއެވެ.

6އޭގެ ފަހުން 01 ޖުލައި 2016 ގައި މާޔާފުށި ރިސޯޓަށް އޮސްމޯސިސް އިން ތަކެތި ގެންގޮސް މަސައްކަތް ފެށިއެވެ. އޮސްމޯސިސްގެ ހުށަހެޅުމުގައި އެއްބަސްވެފައިވަނީ ކޯލްޑް ރޫމް ގާއިމުކުރެވޭ ތަނުގެ ތަޅުމުގައި ތަށިމުށި ޖަހައިގެން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މާޔާފުށި ރިސޯޓުން ކޯލްޑް ރޫމް ގާއިމުކުރެވޭ ތަނުގައި ބޭނުންކުރެވޭ މެޓީރިއަލްއަށް ބަދަލު ގެންނަން ނިންމިއެވެ. އަދި މިގޮތުން ބޭނުންވަނީ ކޯލްޑް ރޫމް ގާއިމުކުރެވޭ ތަނުގައި ތަޅުމުގައި ތަށިމުށި ޖެހުމުގެ ބަދަލުގައި ކޯލްޑް ރޫމްގެ ފާރުތަކުގައި ޖަހާފައި ހުންނަ ޕޮލިޔުތިތޭން މެޓީރިއަލް ނުވަތަ ފްލޯ ޕެނަލް ތަޅުމުގައި ޖެހުމަށެވެ. މި ބަދަލަށް ދެފަރާތުން އެއްބަސްވެ، ފްލޯރ ޕެނަލް ރާއްޖެ ގެނެވެންދެން މަސައްކަތް ހުއްޓާލުމަށް މާޔާފުށި ރިސޯޓުން އެދުމުން

04 ޖުލައި 2016 ގައި އޮސްމޯސިސް އިން މަސައްކަތް ހުއްޓާލިއެވެ. މި މަސައްކަތް ހުއްޓާލެވުނުއިރު ކޯލްޑް ރޫމްގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަކީ ދެބަސްވާ ޙަޤީގަތެއް ނޫނެވެ.

7. މި ފްލޯރ ޕެނަލްތައް ރާއްޖެއިން ބޭރުން ގެނައުމަށްޓަކައި އޮސްމޯސިންއިން ހުށަހެޅި އަގަކީ

77,673.34 US$ (ހަތްހާސް ހަސަތޭކަ ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު ތިރީސް ހަތަރެއް ސެންޓް) އެވެ.5  އެ އަގަށް މާޔާފުށި ރިސޯޓުން އެ ތަކެތި ގެންނަން އެއްބަސްވެ އަގުގެ 35% އިންސައްތައަށްވާ 2,534.00 US$(ދެހާސް ފަސްސަތޭކަ ތިރީސް ހަތަރު އެމެރިކާ ޑޮލަރު) 09 ޖުލައި 2016 ގައި އޮސްމޯސިސް އަށް މާޔާފުށި ރިސޯޓުން އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކިއެވެ.

8ފްލޯރ ޕެނަލްއަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން ގެނައުމަށްޓަކައި އޯޑަރުކޮށް އެ ތަކެތި ޝިޕްވެސް ކޮށްފައި ވަނިކޮށް މާޔާފުށި ރިސޯޓުގެ ފަރާތުން ކޯލްޑް ރޫމްގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް އެންގިއެވެ. އަދި 30 ނޮވެންބަރު 2016 ގެ ކުރިން މާޔާފުށި ރިސޯޓުގައި ހުރި ކޯލްޑް ރޫމްގެ ބައިތައް ނެގުމަށް އޮސްމޯސިސް އަށް މާޔާފުށި ރިސޯޓުން އެދުނެވެ.

9އޮސްމޯސިސް އިން ފޯރުކޮށްދީފައިވާ ކޯލްޑް ރޫމްގެ ބައިތަކަކީ އެ ތަކެއްޗަށް ގެއްލުމެއްނުވެ ނައްޓާލައިގެން އެހެން ތަނަކަށް ގެންދެވޭނެ ތަކެތި ނޫން ކަމަށްވާތީ އާއި އަދި މާޔާފުށި ރިސޯޓުގެ އެދުމުގެ މަތިން އެތެރެކުރެވިފައިވާ ފްލޯރ ޕެނަލް ތަކަކީވެސް އޭގެ ބޭނުމެއް އޮސްމޯސިސްއަށް ހިފެންނެތް ތަކެތި ކަމުގައިވާތީވެ މުދަލުގެ އަގު ހޯދުމަށް އެދި އޮސްމޯސިސްގެ ފަރާތުން މާޔާފުށި ރިސޯޓުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.

ސިވިލް ކޯޓުގެ ނިންމުން

10އޮސްމޯސިސްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1080/Cv-C/2017 ޤަޟިއްޔާ އިންނެވެ.

11ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައި ވަނީ އޮސްމޯސިސް އިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން 53,576.34 US$ (ފަންސާސްތިންހާސް ފަސްސަތޭކަ ހަތްދިހަ ހައެއް އެމެރިކާ ޑޮލަރު ތިރީސް ހަތަރެއް ސެންޓް) އަކީ މާޔާފުށި ރިސޯޓުގެ ފަރާތުން އޮސްމޯސިސް އަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާ ކަމަށެވެ. އަދި މި ފައިސާ

28 ނޮވެންބަރު 2017 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ދައްކާ ޚަލާސްކުރުމަށް މާޔާފުށި ރިސޯޓުގެ މައްޗަށް އަމުރުކޮށެވެ.

12ސިވިލް ކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

12.1. ދެފަރާތުން އެއްބަސްވުމެއްވެވި މުދަލަށް ދައުވާކުރާ ފަރާތުން (އޮސްމޯސިސް އިން) އޯޑަރުކޮށް ދައުވާލިބޭ ފަރާތުން (މާޔާފުށީ ރިސޯޓް އިން) އެޑްވާންސް ފައިސާވެސް ދައްކާފައިވާއިރު މި ބާވަތުގެ މުދަލަކީ އާންމުކޮށް ބޭނުންކޮށް ވިއްކާ ހަދާ މުދަލަކަށް ނުވާތީ، މުދަލަށް އޯޑަރުކުރި ފަހުން ދައުވާލިބޭ ފަރާތުން (މާޔާފުށީ ރިސޯޓް އިން) މަސައްކަތް ހުއްޓާލުމަށް ނިންމި ނަމަވެސް، މުދަލުގެ ފުރިހަމަ އަގު އަދާކުރުމުގެ ޒިންމާ ދައުވާލިބޭ ފަރާތުން (މާޔާފުށި ރިސޯޓު އިން) ނަގަންޖެހޭކަން އެނގެން އޮންނަކަން.

12.2. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 03 ކޯލްޑް ރޫމް ހެދުމުގެ އަގު ބަޔާންކޮށްފައިވާ އިންވޮއިސްގައި އަގުތަށް ބަޔާންކޮށްފައިވާއިރު މަސައްކަތަށް ވަކި އަގެއް ކަނޑައެޅިފައި ވާކަން އެނގެން ނެތުމުން، މަސައްކަތް ފުރިހަމަވެފައިނުވާ ސަބަބުގެ މައްޗަށް އުނިކުރަންޖެހޭ ފައިސާއެއް ނުވާކަން އެނގެން އޮންނަކަން.

12.3. ކޯލްޑް ރޫމްގެ އަގުގެ ގޮތުގައި ދެފަރާތުން އެއްބަސްވެފައިވާ އަގުން އެޑްވާންސް ފައިސާ އުނިކުރުމުން ބާކީވާ US$ 48,437.00 (ސާޅީސް އަށްހާސް ހަތަރުސަތޭކަތިރީސް ހަތެއް އެމެރިކާ ޑޮލަރު) އާއި، ފްލޯ ޕެނަލްގެ އަގުގެ ތެރެއިން އެޑްވާންސް ފައިސާ އުނިކުރުމުން ބާކީވާ US$ 5,139.34 (ފަސްހާސް އެއްސަތޭކަ ތިރީސްނުވައެއް އެމެރިކާ ޑޮލަރު ތިރީސް ހަތަރެއް ސެންޓް) އާއެކު ޖުމްލަ US$ 53,576.34 (ފަންސާސްތިންހާސް ފަސްސަތޭކަ ހަތްދިހަ ހަޔެއް އެމެރިކާ ޑޮލަރު ތިރީސް ހަތަރެއް ސެންޓް) އަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މާޔާފުށި ރިސޯޓުން އޮސްމޯސިސް އަށް އަދާކުރަންޖެހި އަދާކޮށްފައިނުވާ ފައިސާ އެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަން.

13ސިވިލް ކޯޓުގެ މި ނިންމުން މާޔާފުށި ރިސޯޓުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

14މާޔާފުށި ރިސޯޓުގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2018/HC-A/296 ޤަޟިއްޔާ އިންނެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައި ވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް އޮސްމޯސިސްގެ ފަރާތުން މާޔާފުށި ރިސޯޓުން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން މާޔާފުށި ރިސޯޓުން ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ US$ 23,385.00 (ތޭވީސްހާސް ތިންސަތޭކަ އަށްޑިހަ ފަހެއް އެމެރިކާ ޑޮލަރު( ކަން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ.

15ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު ނަތީޖާއަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.

15.1. ގަތުމަށް އެއްބަސްވެފައިވާ މުދަލަކީ ވަކި މޮޑެލް ނަންބަރެއް އޮތް ވަކި ސައިޒުތަކެއް ހުރި މުދަލެއްނަމަ، އެ މޮޑެލް ނަންބަރުގެ އަދި ސައިޒުތައް ހިމެނޭ ގޮތުން އެ މުދާ ފޯރުކޮށްދެވިފައިވާ ކަމަށް ފެންނަން އޮތްނަމަ ޢާންމު ހަމައަކުން ބަލަން ޖެހޭނީ އެއްބަސްވި މުދާ ފޯރުކޮށްދެވުނީ ކަމަށާއި މުދަލެއް ގަތުމަށްފަހު އެ މުދާ ރޭވުމުގެ ތެރޭގައި މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ މުދާ ރޭވުމަށް އެއްބަސްވި ގޮތަށް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން ނުދާކަމަށް ބެލެވުމަކީ، ފޯރުކޮށްދިން މުދަލަކީ އެއްބަސްވި މުދާ ނޫންކަމަށް ކަނޑައެޅިދާނެ ސަބަބެއް ނޫން ކަމާއި، އިންސްޓޯލް ކުރުމުގައި ނުވަތަ މުދާ ރޭވުމުގައި ކަމެއް ދިމާވެއްޖެނަމަ އެކަމުގެ ފަރުވާއަކަށް ވާންޖެހެނީ، ލިބުނު ގެއްލުމެއް ރަނގަޅުކޮށް އެ މުދަލެއް އިންސްޓޯލް ކުރަންޖެހޭ ގޮތަށް އިންސްޓޯލްކުރަން އެންގުން ކަމަށާއި ނަމަވެސް މިފަދައިން މާޔާފުށި ރިސޯޓުން އޮސްމޯސިސް އަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އަންގާފައިވާކަން އެނގެން ނެތްކަން.

15.2. އޮސްމޯސިސްގެ ފަރާތުން ހަވާލާދޭ މުދަލަކީ އެއްބަސްވެފައިވާ މުދާ ނޫންކަން ސާބިތުކުރުމަށް މާޔާފުށި ރިސޯޓުން ހުށަހެޅި "ކޯލްޑް ރޫމް ޙާލަތާއި ގުޅޭ ގޮތުން ރެފް ކޫލުން ތައްޔާރުކޮށްފައިވާ ރިޕޯޓު" އަށް ބަލާއިރު އެއީ އެފަދަ ރިޕޯޓެއް ތައްޔާރު ކުރުމަށް އެކަށޭނަ ފަރާތަކުން ހަދާފައިވާ މިނިވަން ރިޕޯޓެއްކަން އެނގޭނެ އެއްވެސް ހެއްކެއް މާޔާފުށި ރިސޯޓުގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެ ރިޕޯޓަކީ އޭގެ މައްޗަށް ބުރަދަނެއް ދެވެން ނެތް ރިޕޯޓެއްކަން.

15.3. އޮސްމޯސިސްގެ ފަރާތުން މާޔާފުށި ރިސޯޓަށް 02 ކޯލްޑް ރޫމް ފޮނުވިކަން އެނގެން އޮންނާތީ އެއްބަސްވުމުގެ ދަށުން މުދަލުގެ އަގުގެ ގޮތުގައި މާޔާފުށި ރިސޯޓުން ފައިސާ ދައްކަންޖެހެނީ ހަމައެކަނި މި 02 ކޯލްޑް ރޫމްއަށް ކަނޑައެޅިފައިވާ އަގު އެކަނިކަން. އަދި އޮސްމޯސިސްގެ ނަންބަރު OSM/16/0014 ޕްރޮފޯމާ އިންވޮއިސްގައިވާ މަސައްކަތްތަކާއި ތަކެއްޗަކީ އޮސްމޯސިސްގެ ފަރާތުން މާޔާފުށި ރިސޯޓަށް ފޯރުކޮށްދެވިފައިވާ ތަކެތި ކަމުގައި ނުވާތީ މާޔާފުށި ރިސޯޓުގެ ފަރާތުން އެ މުދަލުގެ އަގާއި މަސައްކަތުގެ އަގު އޮސްމޯސިސް އަށް ދައްކަން ޖެހޭކަން ބެލެވެން ނެތްކަން.

15.4. ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް 02 ކޯލްޑް ރޫމް މާޔާފުށި ރިސޯޓުން ފޯރުކޮށްދިން ކަން ސާބިތުވާއިރު އެ 02 ކޯލްޑް ރޫމްގެ އަގަށްވާ US$ 52,000.00 (ފަންސާސް ދެ ހާސް އެމެރިކާ ޑޮލަރު) އަކީ މާޔާފުށި ރިސޯޓުގެ ފަރާތުން އޮސްމޯސިސް އަށް ދައްކަންޖެހޭ ފައިސާ އެއްކަން ސާބިތުވާކަން އެނގޭކަން. އަދި މި ފައިސާ ދައްކަންޖެހެނީ އޮސްމޯސިސްގެ ނަންބަރު OSM/16/872 ޕްރޮފޯމާ އިންވޮއިސް އާ ގުޅިގެން އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި މާޔާފުށި ރިސޯޓުގެ ފަރާތުން ދައްކާފައިވާ US$ 26,081.00 (ސައްބީސްހާސް އަށްޑިހަ އެކެއް އެމެރިކާ ޑޮލަރު) އޮސްމޯސިސްގެ ނަންބަރު OSM/16/0014 ޕްރޮފޯމާ އިންވޮއިސް އާ ގުޅިގެން އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި މާޔާފުށި ރިސޯޓުގެ ފަރާތުން ދައްކާފައިވާ US$ 2,534.00 (ދެހާސް ފަސްސަތޭކަ ތިރީސް ހަތަރެއް އެމެރިކާ ޑޮލަރު) އެކު ޖުމްލަ

US$ 28,615.00 (އަށާވީސްހާސް ހަސަތޭކަ ފަނަރަ އެމެރިކާ ޑޮލަރު) އުނިކުރުމުން މާޔާފުށި ރިސޯޓުގެ ފަރާތުން އޮސްމޯސިސްއަށް މިހާރު ދައްކަންޖެހޭ ފައިސާގެ އަދަދަކީ

US$ 23,385.00 (ތޭވީސްހާސް ތިންސަތޭކަ އަށްޑިހަ ފަހެއް އެމެރިކާ ޑޮލަރު) ކަން ސާބިތުވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް

16ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/296 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މާޔާފުށި ރިސޯޓުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާފައި ވެއެވެ.

(ހ) ފުރަތަމަ ނުކުތާ އަކީ، "ޑެލިވަރަބަލް ސްޓޭޓް" ގެ ޤާނޫނީ މަބްދައުއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާ ކަން.

(ށ) ދެވަނަ ނުކުތާ އަކީ، އެއްބަސްވުމާ ޚިލާފުވުމުން އެއްބަސްވުން ބާޠިލުކުރުން ހުއްދަވާއިރު، އެއްބަސްވުމާ ޚިލާފުވެފައިވާކަން ސާބިތުވީއިރުވެސް އެއްބަސްވުން ބާޠިލުކުރީ ރަނގަޅަށް ނޫން ކަމަށް ނިންމާފައިވަނީ ރެޕިއުޑިއޭޝަންގެ ޤާނޫނީ މަބްދައުއާ ޚިލާފަށް ކަން.

އިސްތިއުނާފުގެ ޚުލާސާ

17މަތީގައި ބަޔާންކުރެވިފައިވާ އިސްތިއުނާފީ 02 (ދޭއް) ނުކުތާ އާއި އަދި އެ ނުކުތާތަކުގެ ތަފުޞީލުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި މި އިސްތިއުނާފު އަންނަނިވި ގޮތަށް ޚުލާސާ ކޮށްލަމެވެ.

17.1. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން މުދަލުގެ އަގު ދައްކައި މުދަލުގެ މިލްކުވެރިކަން މާޔާފުށި ރިސޯޓުގެ މައްޗަށް ބަދަލުވާނީ އެއްބަސްވެފައިވާ ގޮތަށް މުދާ އިންސްޓޯލްކޮށް މުދާ ޙަވާލުކުރެވޭ ޙާލަތަކަށް ކޯލްޑް ރޫމްގެ މަސައްކަތް ނިމިފައި ވާނަމައެވެ. މީގެ ޖަވާބުގައި އޮސްމޯސިންއިން ބުނެފައިވަނީ މުދާ ބޭނުންކުރެވޭ ޙާލަތަށް މަސައްކަތް ނިމިފައިނުވަނީ މާޔާފުށި ރިސޯޓުގެ އެދުމުގެ މަތިން އެއްބަސްވުމަށް ބަދަލު ގެނެސް ކޯލްޑް ރޫމް ގާއިމުކުރެވޭ ތަނުގައި ތަށިމުށި ޖެހުމުގެ ބަދަލުގައި ފްލޯ ޕެނަލް ޖެހުމަށް ނިންމުމަށްފަހު، މަސައްކަތް ފުރިހަމަކުރުމުގެ ފުރުސަތު މާޔާފުށި ރިސޯޓުން ދީފައި ނުވާތީ ކަމުގައެވެ.

17.2. އިސްތިއުނާފީ ދެވަނަ ނުކުތާ ބިނާކުރެވިފައިވަނީ އެއްބަސްވުން ބާތިލު ކުރުމާގުޅޭ ގޮތުންނެވެ. މާޔާފުށި ރިސޯޓުން އެއްބަސްވުން ބާތިލުކުރީ އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީވެ، އެ ކަންކަން އިސްލާޙުކުރުމަށް އޮސްމޯސިސް އިން ދެކޮޅު ހެދީމާ ކަމަށް ބުނެއެވެ. މިގޮތުން އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ކޮށްފައި ނުވާކަމަށް ދެކި މާޔާފުށި ރިސޯޓުން ފާހަގަކުރަނީ މައިގަނޑު 02 (ދޭއް) ކަމެވެ.6 ފުރަތަމަ ކަމަކީ، ކޯލްޑް ރޫމް ރޭވުމަށް ބޭނުންކުރާ ވޯލް ޕެނަލްތައް ކަފާފައިވުމެވެ. ދެވަނަ ކަމަކީ، ކޯލްޑް ރޫމްގެ އެންމެހައި ޕެނަލްތައް (ސީލިންގ ވެސް ހިމެނޭގޮތުން) ހަރުކުރަންޖެހެނީ އެސެންޓްރިކް ލޮކުން ކަމުގައިވާއިރު އެސެންޓްރިކް ލޮކު ނެތްކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. މީގެ ޖަވާބުގައި އޮސްމޯސިސްއިން ބުނެފައިވަނީ އެސެންޓްރިކް ލޮކް ހުރިކަން ސާބިތުވެފައިވާ ކަމާއި އަދި ކޯލްޑް ރޫމްގެ ވޯލް ޕެނަލްތައް ރޭވުމުގައި ކެފުމުގެ ސަބަބުން ފޯރުކޮށްދިން މުދަލަކީ އެއްބަސްވެފައިވާ މުދާ ނޫންކަމަށް ބަލަންޖެހޭ ސަބަބެއް ނޫންކަމަށް ވެސް ޝަރީޢަތަށްވަނީ ސާބިތުވެފައި ކަމަށެވެ.

17.3. މާޔާފުށި ރިސޯޓުން މި އިސްތިއުނާފުގައި އެދިފައިވަނީ އެއްބަސްވުން ބާތިލުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދަށު ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާތިލުކޮށް މި މުޢާމަލާތުގައި މާޔާފުށި ރިސޯޓުން ދައްކާފައިވާ އެޑްވާންސް ފައިސާ އަނބުރާ ރައްދުކޮށް ދިނުމަށް އޮސްމޯސިސްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ. އަދި އޮސްމޯސިސްއިން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ތާއީދުކުރުމާއެކު ޤާނޫނީ ވަކީލު ފީ މާޔާފުށި ރިސޯޓުގެ ކިބައިން ނަގައިދިނުމަށެވެ.

18ބަޔާންވެދިޔަ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ނަޒަރުކޮށް، އަންނަނިވި ކަންކަމުގެ މައްޗަށް ބަލާލާނަމެވެ.

މުޢާމަލާތު

19ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަކީ ކޯލްޑް ރޫމް ގަނެވިއްކުމުގެ މުއާމަލާތެއް ކަން އެނގެއެވެ.

20އެއްބަސްވުމުގެ އަސާސް ބިނާވަނީ އޮސްމޯސިސްއިން ދީފައިވާ ދެ އިންވޮއިސްގެ މައްޗަށެވެ.7 އިންވޮއިސްގައި ދީފައިވާ ޝަރުޠުތައް އަންނަނިވި ބައިތަކަށް ބެހިފައި ވެއެވެ.

(ހ) މުދަލާގުޅޭ މަޢުލޫމާތު

(ށ) އަގު ދެއްކުމާގުޅޭ ތަފުސީލު

(ނ) މުދާ ފޯރުކޮށްދިނުމާއި ޑެލިވަރީ އާ ގުޅޭ މަޢުލޫމާތު

(ރ) މުދާ އިންސްޓޯލް ކުރުމާއި ރޭވުމާގުޅޭ މަޢުލޫމާތު

21މަތީގައި އެވާ ބައިތަކަށް ބަލައި، މުދަލާގުޅޭ މަޢުލޫމާތުގައި ކޯލްޑް ރޫމްގެ މޮޑެލް ނަންބަރާއި، އަދި 2 އަހަރު ދުވަހުގެ ވޮރަންޓީ މުދަލުގެ މައްޗަށް ދީފައިވާކަން އެނގޭފަދަ މަޢުލޫމާތު ހިމެނެއެވެ.

22މުދަލުގެ އަގަކީ ފުރަތަމަ އިންވޮއިސްގައިވާ ގޮތުގެމަތިން US$ 74,518.00 (ހަތްދިހަ ހަތަރުހާސް ފައްސަތޭކަ އަށާރަ އެމެރިކާ ޑޮލަރު) ކަން އެނގެއެވެ. މި ޢަދަދުގެ %35 އަށްވާ ފައިސާ އެޑްވާންސްގެ ގޮތުގައި އެއްބަސްވެ US$ 26,081.00 (ސައްބީސް ހާސް އަށްޑިހަ އެކެއް އެމެރިކާ ޑޮލަރު) މާޔާފުށި ރިސޯޓުން އޮސްމޯސިސް އަށް 18 ޖޫން 2016 ގައި ދައްކާފައިވާކަން އެނގެއެވެ. އޭގެ ފަހުން، އެއްބަސްވުމަށް ބަދަލު ގެނެވި ކޯލްޑް ރޫމް ގާއިމުކުރެވޭ ތަނުގެ ތަޅުމުގައި ފްލޯ ޕެނަލް ޖެހުމަށްޓަކައި އިތުރަށް ހިނގާނެ ޚަރަދުގެ ގޮތުގައި ދެވަނަ އިންވޮއިސްގައި US$ 7,673.34 (ހަތްހާސް ހަސަތޭކަ ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު ތިރީސް ހަތަރެއް ސެންޓް) ކަމުގައި އެއްބަސްވެ، އަދި މި ބަދަލާއެކު މާޔާފުށި ރިސޯޓުން US$ 2,534.00 (ދެހާސް ފައްސަތޭކަ ތިރީސް ހަތަރެއް އެމެރިކާ ޑޮލަރު) އޮސްމޯސިސް އަށް ދެއްކިއެވެ. އެހެންކަމުން، މުޅި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ US$ 82,191.34 (އަށްޑިހަ ދެހާސް އެއްސަތޭކަ ނުވަދިހަ އެކެއް އެމެރިކާ ޑޮލަރު ތިރީސް ހަތަރެއް ސެންޓް) ކަން އެނގެއެވެ. މީގެ ތެރެއިން US$ 28,615.00 (އަށާވީސްހާސް ހަސަތޭކަ ފަނަރަ އެމެރިކާ ޑޮލަރު) ވަނީ މާޔާފުށި ރިސޯޓުން އެޑްވާންސް ފައިސާގެ ގޮތުގައި އޮސްމޯސިސް އަށް ދައްކާފައެވެ.

23މުދާ ޑެލިވަރ ކޮށްދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި އޮތް މާޔާފުށި ރިސޯޓުގެ ސަޕްލައި ބޯޓަކަށެވެ. ތަކެތި ރިސޯޓަށް ގެންދިއުމަކީ އެ ފަރާތުގެ ކަމެކެވެ. އިންސްޓޯލް ކުރުމަކީ ވިއްކާ ފަރާތުގެ ހައިސިއްޔަތުން އޮސްމޯސިސްގެ ޒިންމާއެކެވެ.

މުދާ ޙަވާލުކުރެވޭ ޙާލަތަށް އައިސްފައިނުވުން

24މާޔާފުށި ރިސޯޓުން ދެކޭގޮތުގައި މުދަލުގެ އަގު ދައްކަންޖެހޭ ވަގުތު މި މުޢާމަލާތުގައި އައިސްފައި ނުވެއެވެ. މުދަލުގެ އަގު ދައްކަންޖެހޭނީ މުދާ ޙަވާލުކުރެވޭ ޙަލާތަށް ކޯލްޑް ރޫމް ރާވައި އެ ތަކެތި ބޭނުންކުރެވޭނެ ޙާލަތަކަށް ގެނައުމަށް ފަހުގައި ކަމަށް މާޔާފުށި ރިސޯޓުން ދެކެއެވެ. މާޔާފުށި ރިސޯޓުން ގަތީ ކޯލްޑް ރޫމް ތަކެވެ. އެ ތަކެތި ލިބިފައި ނުވާކަމަށް އެ ފަރާތުން ބުނެއެވެ.

25ކޯލްޑް ރޫމް ބޭނުންކުރެވޭ ޙާލަތަށް ގެނެވިފައި ނުވަނީ އޮސްމޯސިސް އަށް އެ ފުރުސަތު ލިބިފައިނުވާތީ ކަމަށް އެ ފަރާތުން ބުނެއެވެ.

26މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި 22 މޭ 2016 ގައި ކޯލްޑް ރޫމް ތަކެއް ގަނެވިއްކުމުގެ މުއާމަލާތަކަށް ދެފަރާތުން އެއްބަސްވިއެވެ. 10 ޖުލައި 2016 ގައި، މުދާ ރިސޯޓަށް ލިބި ތަކެތި ރޭވުމުގެ މަސައްކަތް ފެށިއެވެ. އޭގެ 40 ދުވަސް ފަހުން 40 ޖުލައި 2016 ގައި މާޔާފުށި ރިސޯޓުގެ އެދުމުގެ މަތިން އެއްބަސްވުމަށް ބަދަލު ގެނައުމަށް ނިންމައި ކޯލްޑް ރޫމް ރޭވުމުގެ މަސައްކަތް ހުއްޓާލިއެވެ. މި ގެނެވުނު ބަދަލަކީ ކޯލްޑް ރޫމް ގާއިމުކުރެވޭ ތަނުގެ ތަޅުމުގައި ތަށިމުށީގެ ބަދަލުގައި ފްލޯ ޕެނަލް ޖެހުމެވެ. އަދި މި ބަދަލު ގެނެވުނުއިރު ދެ ކޯލްޑް ރޫމް ރޭވުމުގެ ގިނަ މަސައްކަތްތަކެއް ކުރެވި އަދި ތިންވަނަ ކޯލްޑް ރޫމް ވަނީ ރާއްޖެ ގެނައުމުގެ މަގުމަތީގައެވެ. މި ބަދަލު ގެނައުމާ ހަމައަށް ދެފަރާތުގެ ދެމެދުގައި އެއްވެސް ޚިލާފެއް ނެތެވެ. އެހާ ތަނަށް ނިމިފައިވާ މަސައްކަތުގެ ފެންވަރާ ދެމެދުގައިވެސް ޝަކުވާއެއް ނެތެވެ.

27އެއަށްފަހު، ފްލޯ ޕެނަލަށް ބަދަލު ކުރުމަށް ބޭނުންވާ ތަކެތި ލިބެންދެން މަސައްކަތް ހުއްޓާލައި އޮސްމޯސިސްއިން މަސައްކަތްކުރާ ތަން ދޫކޮށް ރިސޯޓުން ފޭބިއެވެ. މަސައްކަތް އެ ހިނދަށް މަޑުޖައްސާލީ ދެފަރާތުން އެއްބަސް ވެވިގެންނެވެ. މި ޙަޤީގަތާ ދެމެދުގައި ދެފަރާތުގެ ދެމެދުގައި ޚިލާފެއް ނެތެވެ. މިއަށްފަހު، 23 ޖުލައި 2016 ގައި ފުރަތަމަ ފަހަރަށް މާޔާފުށި ރިސޯޓުން އޮސްމޯސިސްއިން ކޮށްފައިވާ މަސައްކަތާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކުރިއެވެ. މިއީ، އޮސްމޯސިސްއިން ކޯލްޑް ރޫމް ރޭވުމުގެ މަސައްކަތް މަޑުޖައްސާލައި އެ ރިސޯޓުން ފޭބިތާ 19 ދުވަސް ފަހުންނެވެ.

28އޮސްމޯސިސްއިން އެ ރިސޯޓުން ފޭބިތާ ކުޑަ ދުވަސްކޮޅެއް ފަހުން މާޔާފުށި ރިސޯޓުން އެހާ ތަނަށް ކޮށްފައިވާ މަސައްކަތުގެ ސަރވޭއެއް ހެދިކަމަށް ބުނެއެވެ. މި ސަރވޭއަށް ބަލައި އޮސްމޯސިސް އިން މަސައްކަތްކޮށްފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް މާޔާފުށި ރިސޯޓުން ދެކުނެވެ.

29އޮސްމޯސިސް އިން އެއްބަސްވުމާ ޚިލާފުވި ކަމަށް މާޔާފުށި ރިސޯޓުން ދެކެނީ ޕްރޮފޯމާ އިންވޮއިސްގައި ކޯލްޑް ރޫމް ރާވަންޖެހެނީ އެސެންޓްރިކް ލޮކްތަކެއް ބޭނުންކޮށްގެން ކަމަށް ބުނެފައިވާއިރު، (1) ކޯލްޑް ރޫމް ރޭވުމުގައި އެސެންޓްރިކް ލޮކް ބޭނުންކޮށްފައި ނުވާކަމަށް ދެކުމާއި އަދި (2) އޮސްމޯސިސްއިން ކުރެވުނު މަސައްކަތުގެ ތެރޭގައި ވޯލް ޕެނަލްތަކުގެ ބައެއް ތަންތަން ކަފާ ތަތްކުރި ކަމާއި، ވޯލް ޕެނަލްތައް ތަތްކުރުމުގައި ސިލިކަން ބޭނުންކޮށްފައިވާ ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. އަދި މިއީ އެއްބަސްވުން ބާތިލުކުރަން ދިމާވި ދެ ސަބަބުވެސް މެއެވެ.

30ބުނެވުނު ދެ ސަބަބުގެ ތެރެއިން ފުރަތަމަ ސަބަބު ކަމުގައިވާ އެސެންޓްރިކް ލޮކް ކޯލްޑް ރޫމް ރޭވުމުގައި ބޭނުންކޮށްފައިވާކަން ވަނީ ސާބިތު ވެފައެވެ.8 އަދި ދެވަނަ ސަބަބާއި ގުޅޭ ގޮތުން ދަށު ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު އޮސްމޯސިސްގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހުން އެނގެނީ، ވޯލް ޕެނަލްތަކުގެ ބައެއް ތަންތަން ކަފާ ތަތްކުރި ކަމާއި، ވޯލް ޕެނަލްތައް ތަތްކުރުމުގައި ސިލިކޯން ބޭނުންކުރީ ވޯލް ޕެނަލްތައް އެޖެސްޓްކޮށް ވޯލް ޕެނަލްތައް ރީތިކޮށްލުމާއި އަދި ފިނިޝިންގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައި ވެއެވެ.9

31HN1އަދި އިތުރަށް މި މައުޟޫގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވަނީ މުދާ ރޭވުމުގައި މަސައްކަތް ކުރެވިފައިވަނީ އެއްބަސްވެފައިވާ ގޮތަށް ނޫންކަމަށް ބެލެވުމަކީ ފޯރުކޮށްދީފައިވާ މުދަލަކީ އެއްބަސްވެފައިވާ މުދާ ނޫންކަމަށް ކަނޑައަޅާނެ ސަބަބެއް ނޫނެވެ. އަދި އާންމު ޙާލަތެއްގައި، މުދަލެއް ރޭވުމުގައި ކަމެއް ދިމާވެއްޖެނަމަ، އެކަމުގެ ފަރުވާއަކީ އެ މުދަލެއް ރާވަން ޖެހޭގޮތަށް ރާވަން ނުވަތަ އިސްލާޙުކުރަންޖެހޭ ކަމެއް އޮތްނަމަ އެ ކަމެއްގެ ޒިންމާ އޮތް ފަރާތަކަށް ދެންނެވުމެވެ. ނަމަވެސް، މާޔާފުށި ރިސޯޓުން ކޯލްޑް ރޫމް ރޭވުމުގައި މައްސަލަތަކެއް ފާހަގަކުރެވި އެކަމެއް ރަނގަޅުކުރުމަށް އޮސްމޯސިސް އަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އަންގާފައި ނެތެވެ.10 ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުމަށް އެހެން ގޮތަކަށް ބަދަލުކުރަންޖެހޭ ފަދަ ހަރުދަނާ ޤާނޫނީ ހުއްޖަތެއް މާޔާފުށި ރިސޯޓުން ހުށަހަޅާފައި އޮތް ކަމަކަށް ނުފެނެއެވެ.

32HN2އެއްބަސްވެފައިވާ ގޮތަށް ކޯލްޑް ރޫމް ބޭނުންކުރެވޭނެ ޙާލަތަކަށް އައިސްފައި ނުވަނީ އޮސްމޯސިސްގެ ސަބަބުންކަން ދޭހަ ނުވެއެވެ. އަދި އެއްބަސްވުމުގެ ދަށުން އެ ފަރާތުން އުފުލަންޖެހޭ ޒިންމާއަކުން ރެކި، އެކަމަށް ދެކޮޅު ހަދާފައިވާކަން އެނގެން ނެތެވެ.

33އޮސްމޯސިސް އިން މާޔާފުށި ރިސޯޓަށް ފޯރުކޮށްދީ ރާވަން ފަށާފައިވާ ކޯލްޑް ރޫމްތަކަކީ އެއްބަސްވެފައިވާ މުދާކަމަށް ޚިލާފެއް ނެތެވެ. މަސައްކަތް ހުއްޓާލެވުނުއިރު ދެ ކޯލްޑް ރޫމް ރޭވުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމީ ދެބަސްނުވާ ޙަޤީގަތެކެވެ. މަސައްކަތް ހުއްޓާލިއިރު އެއްވެސް ޝަކުވާއެއް ނެތްހިނދު، އަދި އޭގެ ފަހުން އުފުލުނު ޝަކުވާތަކަށް ހައްލެއް ހޯދުމަށް ފުރުޞަތެއް އޮސްމޯސިސް އަށް މާޔާފުށި ރިސޯޓުން ދީފައި ނުވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

34ކަންމިހެން އޮތްއިރު، މާޔާފުށި ރިސޯޓުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަ ކުރާ މުދަލުގެ އަގު ދައްކަންޖެހޭ ވަގުތު އަންނާނީ އެއްބަސްވެފައިވާ ގޮތަށް ކޯލްޑް ރޫމް ރާވާނިމި މުދާ ޙަވާލުކުރެވޭ ޙާލަތަށް ދެވިފައިވާނަމަ، ކަމަށް ދެކި މާޔާފުށި ރިސޯޓުން "ޑެލިވަރަބަލް ސްޓޭޓް މަބުދަޢު" އާ ޙަވާލާދެވި ފާހަގަ ކުރާ ކަންކަމަކީ މި މައްސަލައިގައި ފެންނަން އޮތް ހަޤީގަތްތަކާ ފުށޫއަރާ ކަމެއް ކަމަށް ދެކެމެވެ. އަދި މި މުޢާމަލާތުގައި އެފަދަ މަބުދަޢެއް ތަޠުބީޤުކުރާނެ މަޙައްލެއް އުފަންވެފައި ނުވެއެވެ.

އެއްބަސްވުން ބާތިލުކުރުން

35މި އިސްތިއުނާފުގައި އޮތް ދެވަނަ ސުވާލަކީ މާޔާފުށި ރިސޯޓުން އެއްބަސްވުން ބާތިލުކުރީ ރަނގަޅަށްތޯ ކުރެވޭ ބަހުސްގެ މައްޗަށެވެ.

36އެއްބަސްވުން އުވާލީ މާޔާފުށި ރިސޯޓުންނެވެ. އެއްބަސްވުން އުވާލީ އޮސްމޯސިސް އިން ޢަމަލުކުރަމުން ގެންދިޔައީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫންކަމަށް ފެންނާތީވެ، އެގޮތަށް ޢަމަލު ކުރަމުން ގޮސްފިނަމަ މާޔާފުށި ރިސޯޓުގެ މަސްލަހަތަށް އުނިކަން އަންނާނެ ކަމަށް ދެކޭތީއެވެ.11

37އެއްބަސްވުމާ އެއްގޮތަށް އޮސްމޯސިސް އިން ޢަމަލު ކުރަމުން ނުދާކަމަށް މާޔާފުށި ރިސޯޓުން ބުނަނީ ކުރިންވެސް ފާހަގަ ކުރެވިފައިވާ ދެ ސަބަބުގެ މައްޗަށް ބިނާކޮށެވެ. އެއީ، ވޯލް ޕެނަލްގެ ބައިތައް ކަފާފައިވުމާއި އަދި އެސެންޓްރިކް ލޮކް ބޭނުން ކޮށްފައިވާ ނުވާ ކަމަށް ދެކި ބުނާ ބުނުމުގެ މައްޗަށެވެ.12 އަދި މި ކަންކަން ރަނގަޅު ކުރުމަށް މާޔާފުށި ރިސޯޓުން އޮސްމޯސިސްއަށް 23 ޖުލައި 2016 ގައި އެންގުމުން އެކަން އިސްލާޙުކުރުމަށް އޮސްމޯސިސްއިން ދެކޮޅު ހަދާފައިވާ ކަމަށް މާޔާފުށި ރިސޯޓުން ބުނެއެވެ.

38HN3ނަމަވެސް، މި މުޢާމަލާތުގައި ކަންހިނގާފައިވާ ގޮތަށް ބަލައި، ކުރިންވެސް ދެންނެވިފައިވާ ފަދައިން މާޔާފުށި ރިސޯޓުން ވަކި ކަމެއް ކުރުމަށް އޮސްމޯސިސް އަށް އަންގައި، އެ ކަމެއް ކުރުމަށް ދެކޮޅުހެދުން ނުވަތަ އެއްބަސްވުމުގެ ދަށުން އޮސްމޯސިސްއިން އުފުލަންޖެހޭ އިލްތިޒާމެއް އުފުލުމަށް އެ ފަރާތުން ރެކިފައިވާކަމަށް ސާފު ނުވެއެވެ.

39އެއްބަސްވުން ބާތިލު ކުރެވުނީ ކޯލްޑް ރޫމް ރޭވުމުގައި ވޯލް ޕެނަލްގެ ބައިތައް ކަފާފައިވުމާއި އަދި އެސެންޓްރިކް ލޮކް ބޭނުން ކޮށްފައިނުވާ ކަމަށް ދެކި ބުނާ ބުނުމުގެ މައްޗަށް ކަމަށް ވެފައި، އެސެންޓްރިކް ލޮކް ބޭނުންކޮށްފައި ވާކަމީ ސާބިތުވެފައިވާ ޙަޤީގަތެކެވެ. ވޯލް ޕެނަލްތަކުގެ ބައެއް ތަންތަން ކަފާ ތަތްކުރުމާއި، ވޯލް ޕެނަލްތައް ތަތްކުރުމުގައި ސިލިކޯން ބޭނުންކުރީ ވޯލް ޕެނަލްތައް އެޖެސްޓްކޮށް ވޯލް ޕެނަލްތައް ރީތިކޮށްލުމުގެ ބޭނުމުގައި ކަމަށް ބުނެވޭހިނދު، އެކަމުގެ ސަބަބުން އޮސްމޯސިސްއިން މުދާ ރޭވުމަށް ވެފައިވާ ޝަރުޠާ ޚިލާފުވީ ކަމަށް ބެލިދާނެ ތޯއެވެ. އަދި ރޭވުމުގެ މަސައްކަތުގެ ފެންވަރާގުޅޭ މި ބަހުސް ބިނާވަނީ އޮސްމޯސިސް އަށް ފުރިހަމަ ކުރަން ފުރުސަތު ލިބިފައިނުވާ ނުނިމިހުރި މަސައްކަތެއްގެ މައްޗަށެވެ. މި ދެންނެވި ފަރުޢީ ޝަކުވާއެއްގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާތިލު ކުރުން ހުއްދަކުރާ ހަމައެއް މާޔާފުށި ރިސޯޓުން ދެއްކިފައިވާ ކަމަށް އަހުރެންނަށް އިޤްތިނާޢު ނުވެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް

40HN4އިސްވެ ބުނެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު މި އިސްތިއުނާފަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ބޭރުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ފެންނަހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/296 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް އަހުރެންނަށް ފާހަގަ ނުކުރެވެއެވެ.

41HN5މި އިސްތިއުނާފު ރައްދުވާ އޮސްމޯސިސްގެ ފަރާތުން ޤާނޫނީ ވަކީލުގެ ފީ ނަގައިދިނުމަށް އެދުނު ނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިފަދަ މުޢާމަލާތްތަކުގައި ޤާނޫނީ ވަކީލު ފީ އާ ބެހޭގޮތުން އެއްބަސްވެފައިނުވާ ޙާލަތުގައި ފީ ނަގައިދިނުން ނޯންނަކަން އެނގެއެވެ.13 ޤާނޫނީ ވަކީލު ފީ އާ ގުޅޭގޮތުން މި މައްސަލައިގައި އެއްބަސްވުމެއް އޮތްކަން އެނގެން ނެތަތީ، އޮސްމޯސިސްއިން އެދިފައިވާ ފަދައިން ޤާނޫނީ ވަކީލު ފީ ނަގައި ދެވިފައި ނުވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

42މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

43މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/296 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ޑރ. އަޒްމިރާލްދާ ޒާހިރު

ޙުސްނުއްސުޢޫދު

ފުޓްނޯޓު

  1. އޮސްމޯސިސް އޭޝިޔާ ޕްރައިވެޓް ލިމިޓެޑްގެ ޓެކްސް އިންވޮއިސް ނަންބަރު OSM/16/634 (18 ޖޫން 2016)
  2. ކޯޓޭޝަން ނަންބަރު OSM16/1073 (04 ޖުލައި 2016)
  3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ 27 ވަނަ ޕެރެގްރާފް
  4. އބމ 26 ވަނަ ޕެރެގްރާފް
  5. އބމ 27 ވަނަ ޕެރެގްރާފް
  6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 އަދި ނަންބަރު 2013/HC-A/218 ޤަޟިއްޔާގައި ވަކީލު ފީ ނަގައިދެވޭނީ ޤާނޫނީ ވަކީލު ފީއާގުޅޭގޮތުން އެއްބަސްވިފައި އޮންނަ ޙާލަތުގައިކަމުގައި ބަޔާންކޮށްފައިވާތީވެ، މިއީ ދިވެހިރާއްޖޭގައި މަދަނީ އިޖުރާއާތު ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ވަކީލު ފީއާގުޅޭގޮތުން އިސްތިޤުރާރުވައިވާ ގޮތްކަން ދޭހަވެއެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
  • ހައިކޯޓުގެ 2009/HC-A/348
  • ހައިކޯޓުގެ 2013/HC-A/218

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ