ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/262

ސިވިލް ސަރވިސް ކޮމިޝަން ވ. ޑރ. މައުމޫން ޢާޞިމް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 19 އޮގަސްޓް 2025ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 59/VTR/2024ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 59/VTR/2024
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން، ރޭންކާ ގުޅޭ ކަންކަމަށް ޙައްލު ލިބިފައިވާކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި ފައިސާ ނަގައިދިނުމަށާއި، ޤާނޫނީ ވަކީލު ފީގެ ގޮތުގައި ޚަރަދުކުރި ފައިސާ ސިވިލް ސަރވިސް ކޮމިޝަނުން ދިނުމަށް ނިންމިއެވެ.
ވާޤިޢާ
އިސްތިއުނާފު ރައްދުވި ފަރާތުން ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް ޖޮބް މެޓްރިކްސްގެ ދަށުން ޙައްޤުވާ ރޭންކް ދީފައިނުވާތީ ސިވިލް ސަރވިސް ކޮމިޝަނާ ދެކޮޅަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައި، ރޭންކާއި މުސާރައާއި ރަމްޒީ ބަދަލާއި ޤާނޫނީ ވަކީލު ފީ ނަގައިދިނުމަށް އެދުނެވެ. މައްސަލަ ހުށަހެޅުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނުން ރޭންކް ބަދަލުކޮށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތް ދިނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި އެއް ޚަސްމު ޤާނޫނީ ވަކީލު ފީގެ ގޮތުގައި ކުރި ޚަރަދު އަނެއް ޚަސްމުގެ ކިބައިން ނަގައިދެވޭނީ ކޮން އުސޫލަކުންތޯ، އަދި ވަޒީފާގެ އެއްބަސްވުމުގައި އެފަދަ މާއްދާއެއް ނެތްއިރު ޓްރައިބިއުނަލުން ވަކީލު ފީ ނަގައިދިނުން ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ ވަޒީފާގެ އެއްބަސްވުމުގައި ނުވަތަ ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވަކީލު ފީ ނަގައިދިނުމުގެ މާއްދާއެއް ނެތުމުން ވަކީލު ފީ ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށާއި، ފަރުވާ ދީފައިވާތީ ވަކީލު ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ މަދަނީ އިޖުރާއަތުގެ ޤާނޫނާއެކު އެ އުސޫލު ބަދަލުވެފައިވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
މަދަނީ އިޖުރާއަތުގެ ޤާނޫނުން ވަކީލު ފީ ނަގައިދިނުމަށް އެއްބަސްވުމެއް ޝަރުޠުކުރާ ކުރީގެ އުސޫލު ބަދަލުވެފައިވާތީ ވަޒީފާއާބެހޭ މައްސަލަތައް އެ އައު އުސޫލުން އިސްތިސްނާ ނުކުރެވޭނެކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 105 ވަނަ މާއްދާގެ ދަށުން އިންސާފަށްޓަކައި ކޮންމެހެން ބޭނުންވާނަމަ ވަކީލު ފީ ނަގައިދިނުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ކޯޓުން ކަނޑައެޅިއެވެ. ޓްރައިބިއުނަލުން ބުރަވި ސަބަބު ރަނގަޅު ނޫން ނަމަވެސް، ވަޒީފާދޭ ފަރާތުން މުވައްޒަފުގެ ޙައްޤު ދިނީ މައްސަލަ ހުށަހެޅުމަށްފަހު ކަމުން ވަކީލު ފީއާބެހޭ ނިންމުން ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި އިސްތިއުނާފު ބާޠިލްކުރެވުނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދައުވާގެ އެއް ޚަސްމު ކޮށްފައިވާ ޚަރަދު އަނެއް ޚަސްމުގެ ކިބައިން ނަގައިދެމުންގޮސްފައިވަނީ، އެކަން ތަންޒީމްކުރުމަށް ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައެޅިފައިވާ ޤާނޫނީ އުސޫލެއް ވާނަމަ އެ އުސޫލަށް ބިނާކޮށް، ނުވަތަ ދެޚަސްމުންގެ މެދުގައި އެކަމާމެދު އޮތް އެއްބަސްވުމަށް ބިނާކޮށްގެންނެވެ. އަދި އެ ޚަރަދު ނަގައިދިނުމުގައި، ވަކާލާތުކުރުމުގެ ހުއްދަ އޮތް ޤާނޫނީ ވަކީލަކަށްވުމާއި، ޤާނޫނީ ވަކީލާ މުވައްކިލާ ދެމެދު ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމާއި، ޤާނޫނީ ވަކީލަށް މުވައްކިލުގެ ފަރާތުން ދޭން އެއްބަސްވާ އުޖޫރަ ދީފައިވާކަން ސާބިތުވުމާއި، އެ އުޖޫރަ އަކީ އެކަށީގެންވާ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވޭފަދަ އުޖޫރައަކަށްވުމުގެ ޝަރުތުތައް ފުރިހަމަވާންޖެހޭކަން މަތީ މަރުޙަލާގެ ނިންމުންތަކުގައި ކަނޑައެޅިފައިވެއެވެ. ވަޒީފާއާބެހޭ މައްސަލަތަކުގައިވެސް ޚަސްމުންނަށް ޤާނޫނީ ވަކީލުފީ ނަގައިދިނުމުގައި ޢަމަލުކުރަމުން އައިސްފައިވަނީ މި އުސޫލުގެ ތެރެއިންނެވެ.

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ފަންސަވީސްވަނަ ބާބުގައި "ޝަރީޢަތުގެ ޚަރަދު ނަގައިދިނުން" ބަޔާންކޮށްފައިވާއިރު، އެ ޚަރަދުގެ ތެރޭގައި ޤާނޫނީ ވަކީލުންނަށް ޚަސްމުން ކުރި ޚަރަދުވެސް ނަގައިދެވޭނެ އިޖުރާއަތު ބަޔާންވެގެންވެއެވެ. މި އިޖުރާއަތު މިގޮތުގައި މިހާރު ތަރުތީބުވެފައިވާތީ، ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދައުވާގެ އެއް ޚަސްމު ކޮށްފައިވާ ޚަރަދު އަނެއް ޚަސްމުގެ ކިބައިން ނަގައިދިނުމާ ގުޅޭގޮތުން ޚަސްމުންގެ މެދުގައި އެއްބަސްވުމެއް އޮންނަންޖެހޭ ކަމަށް ކުރިން ގާއިމުވެފައިވާ އުސޫލު މިވަނީ މި ޤާނޫނުން ބަދަލުކޮށްފައެވެ.

HN3 މަދަނީ މައްސަލަތަކުގައި ކުރިން ޢަމަލުކުރަމުން އައި، ޤާނޫނީ ވަކީލުފީ ނަގައިދިނުމުގައި ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮތުން ޝަރުޠުކުރާ އުސޫލަށް ވަޒީފާއާބެހޭ މައްސަލަތަކުގައި މިހާރު ޢަމަލުކުރަމުން ދިޔުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. އެހެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކުރިން، ވަޒީފާއާބެހޭ މައްސަލަތައް ހިމެނޭހެން މަދަނީ އެންމެހައި މައްސަލަތަކުގައި ޤާނޫނީ ވަކީލުފީ ނަގައިދެމުން އައިސްފައިވަނީ އެއް އުސޫލަކުން ކަމަށް ވެފައި، އެ އުސޫލު ޤާނޫނަކުން ބަދަލުކުރުމުން، ވަކި ޚާއްސަ ޤާނޫނެއް ނެތް ކަމަށް ބަލައި، ވަޒީފާއާބެހޭ މައްސަލަތައް މި އައު އުސޫލުން އިސްތިސްނާ ކުރުމަކީ އިންސާފުވެރި ހަމައެއް ނޫނެވެ.

HN4 ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އިން ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ދީފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 105 ވަނަ މާއްދާއަށް ބަލާއިރު، އެ ޓްރައިބިއުނަލަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ބަދަލު ދިނުމަށް ކުރާ އަމުރެއް ނެރުމުގެ ބާރު ހިމެނޭހެން އެ މައްސަލައިގައި އިންސާފު ޤާއިމު ކުރުމަށް ޓަކައި ނެރެންޖެހޭކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ ކޮންމެ އަމުރެއް ނެރުމުގެ ބާރު އެ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެހެންކަމުން، އިންސާފު ޤާއިމްކުރުމަށްޓަކައި ޚަސްމަކު ޤާނޫނީ ވަކީލުފީގެ ގޮތުގައި ޚަރަދުކޮށްފައިވާ ފައިސާ އަނެއް ޚަސްމުގެ ކިބައިން ކޮންމެހެން ނަގައިދޭންޖެހޭކަމަށް އެ ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި، އެ އަމުރު ނެރުމުގެ ބާރުވެސް އެ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

HN5 ދެފަރާތުގެ މެދުގައި ވަކީލު ފީއާމެދު ވެފައިވާ އެއްބަސްވުމެއް ނެތް ހާލަތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ވަކި މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ނަޒަރުކޮށް، އެ މައްސަލައެއްގައި ނިޒާމް ނަހަމަގޮތުގައި ބޭނުންހިފުމުގެ އަމަލެއް ހިމެނޭކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ބެލެވޭނަމަ، ނުވަތަ މައްސަލައިގެ ޚަސްމަކު އިންސާފަށް ގަސްދުގައި ހުރަސްއެޅުމުގެ އަމަލުތަކެއް ކޮށްފައިވާނަމަ ނުވަތަ ޓްރައިބިއުނަލުގެ ވަގުތު ބޭކާރުވާ ފަދައިން ޢަމަލުކޮށްފައިވާނަމަ، އެފަދައިން ޢަމަލުކުރި ޚަސްމުގެ އަތުން، މައްސަލަ ކާމިޔާބުކުރި ޚަސްމުގެ ޤާނޫނީ ވަކީލު ފީގެ ގޮތުގައި ކުރި ޚަރަދު ނަގައިދެވިދާނެއެވެ.

HN6 ދެފަރާތުގެ މެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގައި ވަކީލު ފީއާބެހޭ މާއްދާއެއް ހިމެނިފައި ނެތްއިރު، އެ އެއްބަސްވުމުގައި އެކަމާމެދު ވަކިގޮތަކަށް އެއްބަސްވެފައިވާ ކަމަށް ބަލައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ޚަރަދު ނަގައިދިނުމަށް ވާސިލުވި ސަބަބު ޤާނޫނީގޮތުން ރަނގަޅުކަމުގައި ބެލެވޭކަށް ނެތެވެ.

HN7 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، ވަޒީފާއަދާކުރާ ފަރާތުން އެދުނު ފަރުވާތައް ވަޒީފާދޭ ފަރާތުން ދީފައިވާތީ މައްސަލައިގައި ޤާނޫނީ ވަކީލު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ބުނާ ބުނުމަކީ ހަމަޖެހޭ ބުނުމެއް ނޫނެވެ. ހަމައެހެންމެ ވަކި ވަކި މައްސަލަތަކުގައި ޤާނޫނީ ވަކީލުންނަށް ނެގޭނެ އުޖޫރަތައް ކަނޑައެޅި ބަޔާންވެގެންވާ ޤާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނުވަތަ މަތީ މަރުޙަލާގެ ނިންމުމެއްވެސް ނެތް އިރު، ދައްކާފައިވާ ޤާނޫނީ ވަކީލު ފީއަކީ އެކަށީގެންވާ އަދަދެއް ނޫންކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޙަސްނާ ޙަބީބު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މުޙައްމަދު ޙިލްމީ، ވަކީލު ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ތާއީދު ކުރައްވާފައި)

މައްސަލައިގެ ތަޢާރަފު

1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 59/VTR/2024 މައްސަލަ އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […]، ޑރ. މައުމޫން ޢާޞިމް އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލަ

2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 59/VTR/2024 މައްސަލަ އަކީ، ޑރ. މައުމޫން ޢާޞިމް 15 ޑިސެންބަރު 2022 އިން ފެށިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ "ކޮންސަލްޓަންޓް އިން ޖެނެރަލް ސަރޖަރީ"ގެ ވަޒީފާ އަދާކުރަމުން އައިސްފައިވާއިރު، ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް ޖޮބް މެޓްރިކްސް ގެ ދަށުން ޙައްޤުވާ ރޭންކް (ރޭންކު 10 - ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް) ދީފައިނުވާތީ، ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ޑރ. މައުމޫން ޢާޞިމް 23 އޭޕްރީލް 2024 ދުވަހު ހުށަހެޅި މައްސަލައެވެ. އެ މައްސަލައިގައި ޑރ. މައުމޫން ޢާޞިމްގެ ފަރާތުން އެދިފައިވަނީ އަންނަނިވި ފަރުވާތައް ނަގައިދިނުމަށެވެ.

2.1 ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް ޖޮބް މެޓްރިކްސްގެ ރޭންކު 10 (ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް) އަށް ޑރ. މައުމޫން ޢާޞިމް ޝަރުތުހަމަވާކަމަށް ކަނޑައަޅައިދިނުމާއެކު އެ ޖޮބް މެޓްރިކްސް އަށް އަމަލުކުރަންފެށި ތާރީޚުން ފެށިގެން ޑރ. މައުމޫން ޢާޞިމް އަކީ ރޭންކް 10 ގެ މަޤާމުގައި ހުންނަންޖެހޭ މުވައްޒަފެއްކަމަށް ކަނޑައަޅައިދިނުމަށް.

2.2 އެ ރޭންކަށް ޑރ. މައުމޫން ޢާޞިމް ހިޖުރަކޮށްދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް.

2.3 ރޭންކް ތަފާތުވުމުގެ ސަބަބުން ޑރ. މައުމޫން ޢާޞިމްގެ މުސާރައިން އުނިވެފައިވާ ފައިސާ ލިބެންޖެހޭކަމަށް ކަނޑައަޅައިދިނުމަށް.

2.4 ޑރ. މައުމޫން ޢާޞިމް އަދާކުރަމުންދިޔަ ވަޒީފާގެ ގޮތުންނާއި ޖިންސަށް ނިސްބަތްކޮށް ތަފާތުކުރުން ގެންގުޅެފައިވާތީ ރަމްޒީ ބަދަލެއްގެ ގޮތުގައި -/5,000ރ. ނަގައިދިނުމަށް.

2.5 ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށްޓަކައި ހޭދަވި -/35,000ރ. ނަގައިދިނުމަށް، މިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން

3ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.

"ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިއުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި ޑރ. މަޢުމޫން އާޞިމް ([…]) ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 23 އެޕްރީލް 2024 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، ޑރ. މަޢުމޫން އާޞިމަށް ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް ޖޮބް މެޓްރިކްސް ގެ ދަށުން ޙައްޤުވާ ރޭންކާ ގުޅިގެން 'މައްސަލަ ހުށަހަޅާ ފޯމު' ގައި ލިބިދިނުމަށް އެދިފައިވާ ކަންކަމަށް ޙައްލު ލިބިފައިވާކަމަށް ކަނޑައަޅައި،

ނަމަވެސް ޑރ. މަޢުމޫން އާޞިމަށް ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް ޖޮބް މެޓްރިކްސް ގެ ދަށުން ޙައްޤުވާ ރޭންކް ދިނުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ތަފާތުކޮށްފައިނުވާކަމާއި، ޑރ. މަޢުމޫން އާޞިމްގެ ފަރާތުން ތަކުރާރުކޮށް ޝަކުވާ ހުށަހަޅާފައި ވީނަމަވެސް އެ ފަރާތުގެ ރޭންކް ބަދަލުކުރެވިފައިނުވަނީ އިދާރީ އޮޅުމަކުންކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނާ ބުނުން އެ ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ، ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން މުވައްޒަފަކަށް ޙައްޤުވާ ރޭންކެއް ނުދީ ހުރިހުރުން އެއީ ސިވިލް ސަރވިސް ކޮމިޝަނުން ވެފައިވާ އިޙްމާލެއްކަމުގައި ބުރަވެވޭތީ، ސިވިލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ މި ޢަމަލު ތަކުރާރު ކުރުމުން ދުރުކޮށް އިސްލާޙުވުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަރާފައިވާ ތަފާތު ޖުރިސްޑިކްސްތަކުގައި ޤާއިމުވެފައިވާ 'ޕިއުނިޓިވް ޑެމޭޖެސް' ނުވަތަ 'އެގްޒެމްޕަލަރީ ޑެމޭޖަސް' ގެ ގޮތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން -/2000ރ. (ދެހާސްރުފިޔާ) މައްސަލަ ހުށަހެޅި ޑރ. މަޢުމޫން އާޞިމަށް ނަގައިދިނުމަށް ކަނޑައަޅައި،

މި މައްސަލައާ ގުޅިގެން ޑރ. މަޢުމޫން އާޞިމުގެ ފަރާތުން ޤާނޫނީ ވަކީލުގެ ފީ ގޮތުގައި ޚަރަދުކޮށްފައިވާ -/35,000 ރ. (ތިރީސްފަސް ހާސް ރުފިޔާ) އަކީ މައްސަލަ ރައްދުވާ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ޑރ. މަޢުމޫން އާޞިމަށް ދޭންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި،

އިސްވެބަޔާންކުރެވުނު އެންމެހައި ފައިސާ، މިއަދު (30 ސެޕްޓެންބަރު 2024) އިން ފެށިގެން ރަސްމީ ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޑރ. މަޢުމޫން އާޞިމަށް އެކީ އެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގައި އަމުރުކޮށް، މި މައްސަލަ ނިންމައިފީމެވެ."

4މި ނިންމުމާމެދު ހިތްހަމަނުޖެހިގެން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 59/VTR/2024 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.

އިސްތިއުނާފީ ނުކުތާތައް

5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 59/VTR/2024 މައްސަލަ އިސްތިއުނާފުކުރަމުން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އަންނަނިވި 02 (ދޭއް) ނުކުތާ އިސްތިއުނާފު ފޯމުގައި ހުށަހަޅާފައި ވެއެވެ.

ފުރަތަމަ ނުކުތާ އަކީ: ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް ޖޮބް މެޓްރިކްސްގެ ދަށުން މައުމޫން އާޞިމަށް ޙައްޤުވާ ރޭންކަށް ބަދަލުކުރުމުގައި ތަފާތުކުރުން ގެންގުޅެފައިވާކަމަށް ބުރެވެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ ޢާޡިމް ވ. އެންޓި- ކޮރަޕްޝަން ކޮމިޝަން (2013/HC-A/364) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

ދެވަނަ ނުކުތާ އަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 59/VTR/2024 މައްސަލައިގައި ޤާނޫނީ ވަކީލު ފީ ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ވަޒީފާގެ އެއްބަސްވުމަށް ރިޢާޔަތްކުރުމެއްނެތި މަތީ މަރުޙަލާގެ ކޯޓުތަކުން ޤާނޫނީ ވަކީލު ފީ ނަގައިދިނުމާއި ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް (2019/SC-A/15) ޤަޟިއްޔާ ގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރުމަށް ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

6މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފު ފޯމުގައި އިސްވެ ނަކަލުކުރެވުނު އިސްތިއުނާފީ ދެނުކުތާ ހުށަހަޅާފައިވީނަމަވެސް، މި މައްސަލައާ ގުޅިގެން 22 އެޕްރީލް 2025 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ފުރަތަމަ ނުކުތާ އުނިކުރުމުގެ ހުއްދައަކަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެދުމުން، އެ ހުއްދަ ދެވިފައިވެއެވެ. އެހެންކަމުން މި މައްސަލައިގެ ޝަރީޢަތުގައި ހަމައެކަނި ހުށަހެޅިފައިވަނީ ޤާނޫނީ ވަކީލުފީ އާ ގުޅޭގޮތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާ އެވެ.

ޤާނޫނީ ވަކީލު ފީ އާ ގުޅޭ އިސްތިއުނާފީ ދެވަނަ ނުކުތާ

7އިސްވެ ބަޔާންކުރެވުނު ފަދައިން މިމައްސަލައިގައި މިހާރު އޮތީ އިސްތިއުނާފީ އެންމެ ނުކުތާއެކެވެ. އެ ނުކުތާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގައި ޤާނޫނީ ވަކީލު ފީ ނަގައިދިނުމަށް ނިންމާފައިވަނީ ވަޒީފާގެ އެއްބަސްވުމަށް ރިޢާޔަތްކުރުމެއްނެތި މަތީ މަރުޙަލާގެ ކޯޓުތަކުން ޤާނޫނީ ވަކީލު ފީ ނަގައިދިނުމާއި ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް (2019/SC-A/15) ޤަޟިއްޔާ ގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރުމަށް ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. 8. މިނުކުތާއާ ގުޅިގެން ދެފަރާތުން ފާހަގަކުރި މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ވާހަކަ އަދި އެދޭގޮތް

8.1 މިނުކުތާގައި ސިވިލް ސަރވިސް ކޮމިޝަނުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކީލުފީ ނަގައިދީފައިވަނީ ދެފަރާތުގެ މެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގައި އެފަދަ މާއްދާއެއް އޮތް ކަމަށް ބަލައިގެން ކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 9.8.3 ވަނަ ނުކުތާއިން އެނގޭ ކަމަށާއި، ނަމަވެސް އެފަދަ މާއްދާއެއް ދެފަރާތުގެ މެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގައި ނެތް ކަމަށެވެ. ހަމައެހެންމެ ޤާނޫނީ ވަކީލުފީ ނަގައިދިނުމާ ގުޅޭގޮތުން މަތީ މަރުހަލާގެ ނިންމުންތަކުގައި ބަޔާންކޮށްފައިވާގޮތުން ޤާނޫނީ ވަކީލުފީ ނަގައިދެވެނީ ދެގޮތަކުން ކަމަށާއި އެއްގޮތަކީ ދެފަރާތުގެ މެދުގައި އެފަދަ އެއްބަސްވުމެއް އޮތުން ކަމަށާއި، އަނެއް ގޮތަކީ ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެފަދައިން ކަނޑައެޅިގެން ބަޔާންކޮށްފައިވުން ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ދެފަރާތުގެ މެދުގައި އެފަދަ އެއްބަސްވުމެއް ނެތް އިރު، ވަޒީފާއާބެހޭ ޤާނޫނުގައި ވެސް އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައިވެސް އެފަދަ މާއްދާއެއް ނެތް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ޤާނޫނީވަކީލުފީ ނަގައިދެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.

8.2 ފަނޑިޔާރުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ މި މައްސަލައިގައި އިންސާފަށްޓަކައި ޤާނޫނީވަކީލުފީ ނަގައިދޭން ބެލި ނަމަވެސް، އެ ފީ ނަގައިދެވޭނެ ކަމަށް ނުދެކޭ ކަމަށެވެ. އަދި އެފަދައިން އެ އަދަދު ނަގައިދޭން ބެލި ނަމަވެސް އޭގެ ދެކޮޅު އޮންނާނެ ކަމަށާއި ބައެއްފަހަރު ވަޒީފާދޭ ފަރާތަށް ވަޒީފާ އަދާކުރި ފަރާތުންވެސް ފައިސާ ދޭންޖެހިދާނެ ކަމަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. ހަމައެހެންމެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުގޮސް ހައްލުވާ ޒާތުގެ ކުދި މައްސަލަތައްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ ކަމަށާއި، އެހެންކަމުން ޤާނޫނީ ވަކީލުފީ ނަގައިދޭންވެއްޖެނަމަ އެއީ އިންސާފުވެރިގޮތެއް ނޫން ކަމަށެވެ. މި މައްސަލައަށް ބަލާއިރުވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމާއެކު ޑރ. މައުމޫން ޢާޞިމްގެ ވަޒީފާގެ ރޭންކް، ދައުވާގައި އެދިފައިވާފަދައިން ރޭންކު 10 އަކަށް ބަދަލުކޮށް، ރޭންކު ބަދަލުނުވެ ފާއިތުވި މުއްދަތަށް ހައްޤުވާ ފައިސާވެސް ދީފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ޤާނޫނީ ވަކީލު ކުރާނެ މަސައްކަތެއް ހަޤީޤަތުގައި ނެތް ކަމަށާއި އެހެންކަމުން ޤާނޫނީ ވަކީލުގެ ފީ ގޮތުގައި ޚަރަދުކޮށްފައިވާ -/35,000ރ. (ތިރީސްފަސް ހާސް ރުފިޔާ) އަކީ މި މައްސަލައަށް އެކަށީގެންވާ އަދަދެއްކަމުގައިވެސް ނުދެކޭ ކަމަށެވެ.

8.3 ސިވިލް ސަރވިސް ކޮމިޝަނުން މި މައްސަލައިގައި އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޤާނޫނީ ވަކީލުފީ ނަގައިދީފައިވާ ބައި ބާޠިލްކޮށްދިނުމަށެވެ.

ޑރ. މައުމޫން ޢާޞިމްގެ ޖަވާބު އަދި އެދޭގޮތް

8.4 ޖަވާބުގައި އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނީ ވަކީލުފީ އާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކުރާ އުސޫލު މިހާރު އުވިފައިވާކަމަށެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އޮސްމޯސިސް އޭޝިޔާ ޕްރައިވެޓް ލިމިޓެޑް ނަންބަރު 2021/SC-A/60 ޤަޟިއްޔާ ގެ 41 ވަނަ ނުކުތާގައިވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

8.5 އަދި މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ބޮޑަށް ބުރަވެވެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވަނީ ޑރ. މައުމޫން ޢާޞިމާއި ޤާނޫނީ ވަކީލާ ދެމެދު އޮތް އެއްބަސްވުމަށް ކަމުގައެވެ. އަދި ވަޒީފާގެ އެއްބަސްވުމުގައި ޤާނޫނީ ވަކީލުފީ އާމެދު ވަކިގޮތަކަށް އެއްބަސްވެފައިވާ ކަމަށް ބަޔާންކުރެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށް ދެކޭ ކަމަށެވެ.

8.6 މި މައްސަލައިގައި ދަށު ކޯޓުން ރިޢާޔަތްކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ކަމުގައި ނުވި ނަމަވެސް، މި މައްސަލައިގައި އިންސާފަށް ވާސިލުވުމަށް މައްސަލައިގައި ކަން ހިނގާފައިވާގޮތުގެ މައްޗަށް ރިޢާޔަތްކުރަންޖެހޭ ކަމަށެވެ. އެގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ޑރ. މައުމޫން ޢާޞިމްގެ ވަޒީފާގެ ރޭންކް، ޙައްޤުވާ ރޭންކަށް ބަދަލުކޮށް މުސާރަ ދީފައިވަނީ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ކަމަށާއި މިއީ އެދެވޭގޮތް ނޫން ކަމަށެވެ. އެހެންކަމުން މިހާލަތުގައި މައްސަލަ އެ ޓްރައިބިއުނަލަށް ހުށަހެޅުމަށްވެސް ޚަރަދުތަކެއް ހިނގާފައިވާއިރު އެ ޚަރަދަކީ ނަގައިދެވެންޖެހޭ ޚަރަދެއް ކަމުގައި ދެކޭ ކަމަށެވެ. އެގޮތުން ޚަރަދުކުރިކަން އެނގޭ ހެކި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާކަމަށެވެ. ހަމައެހެންމެ ޤާނޫނީ ވަކީލުގެ ފީ ގޮތުގައި ޚަރަދުކޮށްފައިވާ -/35,000ރ. (ތިރީސްފަސް ހާސް ރުފިޔާ) އަކީ ޤާނޫނީ ވަކީލުން އާންމުގޮތެއް ނަގާ އަގުތަކަށާއި މި މައްސަލައަށް ބަލާއިރު އެކަށީގެންވާ އަދަދެއްކަމުގައި ދެކޭ ކަމަށެވެ.

8.7 އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޤާނޫނީ ވަކީލުފީއާމެދު ނިންމާފައިވާ ނިންމުން ދަމަހައްޓައިދިނުން ކަމަށެވެ.

މަދަނީ މައްސަލަތަކުގައި ޤާނޫނީ ވަކީލު ފީ ނަގައިދިނުން- ކުރިން ޢަމަލުކުރަމުން އައި އުސޫލު

9HN1މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކޯޓަށް ހުށަހެޅޭ ދައުވާތަކާ ގުޅިގެން ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދައުވާގެ އެއް ޚަސްމު ކޮށްފައިވާ ޚަރަދު އަނެއް ޚަސްމުގެ ކިބައިން ނަގައިދިނުމާ ގުޅޭގޮތުން ކަންކަން ބަޔާންކޮށްފައިވާ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތެވެ. އެފަދަ ގަވާއިދަކަށްވެސް ހަމައެކަނި ކުރިން އޮތީ ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައި ހިމެނިފައިވާ "ކުއްޔަށް ދޫކުރާ ތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު" އެވެ. އެ ގަވާއިދުގައި އެކަން ބަޔާންކުރެވިފައިވަނީ ހަމައެކަނި އެ ގަވާއިދުގެ ދަށުން ހުށަހެޅޭ މައްސަލަތަކަށް ޚާއްސަކޮށެވެ. އެހެންކަމުން އާންމު އުސޫލުން އެކަމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރާ ގަވާއިދެއްވެސް މަދަނީ އިޖުރާއަތަށް ޢަމަލުކުރުމުގެ ކުރީގައި ނެތެވެ.

10ނަމަވެސް، މަދަނީ ދައުވާތަކުގައި ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދައުވާގެ އެއް ޚަސްމު ކޮށްފައިވާ ޚަރަދު އަނެއް ޚަސްމުގެ ކިބައިން ނަގައިދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އިސްތިޤްރާރުވެ ޢަމަލުކުރަމުން އައިސްފައިވާ އާންމު އުސޫލުތަކެއްވެއެވެ. އެގޮތުން އެ ޚަރަދު ނަގައިދެމުންގޮސްފައިވަނީ އަންނަނިވި މައިގަނޑު 2 (ދޭއް) އަސާސްގެ މައްޗަށް ބިނާކޮށްގެންނެވެ.

10.1 އެކަން ތަންޒީމްކުރުމަށް ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައެޅިފައިވާ ޤާނޫނީ އުސޫލެއް ވާނަމަ އެ އުސޫލަށް ބިނާކޮށް، ނުވަތަ

10.2 ދެޚަސްމުންގެ މެދުގައި އެކަމާމެދު އޮތް އެއްބަސްވުމަށް ބިނާކޮށް، މިއެވެ.

11ހަމައެހެންމެ އިސްވެ ބުނެވުނު އަސާސްތަކުގެ މައްޗަށް ބަލައި، އެއިރު އެ ޚަރަދު ނަގައިދިނުމުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންޖެހޭކަން މަތީ މަރުޙަލާގެ ނިންމުންތަކުގައި ކަނޑައެޅިފައިވެއެވެ.

11.1 ވަކާލާތުކުރުމުގެ ހުއްދަ އޮތް ޤާނޫނީ ވަކީލަކަށްވުން ، މިގޮތުން ޚަސްމުގެ ބަދަލުގައި ހާޟިރުވާ، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނެތް ފަރާތަކަށް މި ޚަރަދު ނަގައިނުދިނުން

11.2 ޤާނޫނީ ވަކީލާ މުވައްކިލާ ދެމެދު ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުން

11.3 ޤާނޫނީ ވަކީލަށް މުވައްކިލުގެ ފަރާތުން ދޭން އެއްބަސްވާ އުޖޫރަ ދީފައިވާކަން ސާބިތުވުން

11.4 އެ އުޖޫރަ އަކީ އެކަށީގެންވާ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވޭފަދަ އުޖޫރައަކަށްވުން ، މިއެވެ.

12މި އުސޫލުތައް މިފަދައިން ގާއިމްވެފައި އޮތްއިރު، ވަޒީފާއާބެހޭ މައްސަލަތަކުގައިވެސް ޚަސްމުންނަށް ޤާނޫނީ ވަކީލުފީ ނަގައިދިނުމުގައި ޢަމަލުކުރަމުން އައިސްފައިވަނީ މި އުސޫލުގެ ތެރެއިންނެވެ.

މަދަނީ މައްސަލަތަކުގައި ޤާނޫނީ ވަކީލު ފީ ނަގައިދިނުން- މިހާރު ޢަމަލުކުރާ އުސޫލު

13މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދަށް ބަލާއިރު، މިހާރު ޤާނޫނީ ވަކީލުންގެ ގޮތުގައި ކޯޓުތަކުގައި ތަމްސީލުކުރެވޭނީ؛

13.1 ކަމާގުޅޭ ޚާއްސަ ހުއްދަ އޮންނަ ޤާނޫނީ ވަކީލުންނަށް ކަމާއި ،

13.2 އެގޮތުން އާންމުއުސޫލުން އެ ވަކީލުންނަށްވެސް ޤާނޫނީ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރެވޭނީ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް މެދުވެރިކޮށް ކަމާއި ،

13.3 ވަކީލާއި މުވައްކިލާ ދެމެދު ޤާނޫނީ ޚިދުމަތް ދިނުމުގެ ފީ ހިމެނޭ އެއްބަސްވުމެއް ލިޔުމުން އޮންނަން ޖެހޭކަން އެނގެއެވެ.

14HN2މަދަނީ އިޖުރާއަތުގެ ޤާނޫނަށާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ މަދަނީ އިޖުރާއަތުގެ ގަވާއިދުތަކަށް އެކުގައި ބަލާއިރު، ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ލާޒިމްކުރާ އިސްވެ ބުނެވުނު އުސޫލުތައް ނެގެހެއްޓުމާއެކު، މަދަނީ މައްސަލަތަކުގައި ދައުވާގައި ހިމެނޭ ޚަސްމުންނަށް ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާ ގުޅޭ އިޖުރާއަތު ވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ ޤާނޫނުގެ ފަންސަވީސްވަނަ ބާބުގައި "ޝަރީޢަތުގެ ޚަރަދު ނަގައިދިނުން" ބަޔާންކޮށްފައިވާއިރު، އެ ޚަރަދުގެ ތެރޭގައި ޤާނޫނީ ވަކީލުންނަށް ޚަސްމުން ކުރި ޚަރަދުވެސް ނަގައިދެވޭނެ އިޖުރާއަތު ބަޔާންވެގެންވާކަން އެ ބާބަށާއި، އެ ޤާނޫނުގެ 279 ވަނަ މާއްދާއަށާއި، 421 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.

15މި އިޖުރާއަތު މިގޮތުގައި މިހާރު ތަރުތީބުވެފައިވާތީ، ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދައުވާގެ އެއް ޚަސްމު ކޮށްފައިވާ ޚަރަދު އަނެއް ޚަސްމުގެ ކިބައިން ނަގައިދިނުމާ ގުޅޭގޮތުން ޚަސްމުންގެ މެދުގައި އެއްބަސްވުމެއް އޮންނަންޖެހޭ ކަމަށް ކުރިން ގާއިމުވެފައިވާ އުސޫލު މިވަނީ މި ޤާނޫނުން ބަދަލުކޮށްފައެވެ. މިކަން މި މޭރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އޮސްމޯސިސް އޭޝިޔާ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 41 ވަނަ ނުކުތާގައިވެސް ބަޔާންކޮށްފައިވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ވަޒީފާއާބެހޭ މައްސަލަތަކުގައި ޚަސްމުންނަށް ޤާނޫނީ ވަކީލު ފީ ނަގައިދިނުން

16އިސްވެ ބުނެވުނު ފަދައިން މަދަނީ މައްސަލަތަކުގައި ކުރިން ޢަމަލުކުރަމުންއައި ޤާނޫނީ ވަކީލު ފީ ނަގައިދިނުމާގުޅޭ އުސޫލު މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަންފެށުމާއެކު މިވަނީ ބަދަލުވެގެންގޮސްފައެވެ.

17HN3ކަން މިހެން އޮތް އިރު، މަދަނީ މައްސަލަތަކުގައި ކުރިން ޢަމަލުކުރަމުން އައި، ޤާނޫނީ ވަކީލުފީ ނަގައިދިނުމުގައި ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮތުން ޝަރުޠުކުރާ އުސޫލަށް ވަޒީފާއާބެހޭ މައްސަލަތަކުގައި މިހާރު ޢަމަލުކުރަމުން ދިޔުމަކީ އިންސާފުވެރި ގޮތެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކުރިން، ވަޒީފާއާބެހޭ މައްސަލަތައް ހިމެނޭހެން މަދަނީ އެންމެހައި މައްސަލަތަކުގައި ޤާނޫނީ ވަކީލުފީ ނަގައިދެމުން އައިސްފައިވަނީ އެއް އުސޫލަކުން ކަމަށް ވެފައި، މަދަނީ މައްސަލަތަކުގައި ޤާނޫނީ ވަކީލުފީ ނަގައިދިނުމާގުޅޭ އުސޫލު ޤާނޫނަކުން ބަދަލުކުރުމުން، ވަކި ޚާއްސަ ޤާނޫނެއް ނެތް ކަމަށް ބަލައި، ވަޒީފާއާބެހޭ މައްސަލަތައް މި އައު އުސޫލުން އިސްތިސްނާ ކުރުމަކީ އިންސާފުވެރި ހަމައެއް ކަމުގައި އަހުރެން ނުދެކެމެވެ.

18އެހެންކަމުން ދެން އުފެދޭ ސުވާލަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދައުވާގެ އެއް ޚަސްމު ކޮށްފައިވާ ޚަރަދު އަނެއް ޚަސްމުގެ ކިބައިން ނަގައިދިނުމާ ގުޅޭގޮތުން މިހާރު އެ ޓްރައިބިއުނަލުން ޢަމަލުކުރަންޖެހޭ އުސޫލަކީ ކޮބައިތޯއެވެ؟

19HN4ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް އެ ޓްރައިބިއުނަލަށް ފެންނަ އަދަދަކަށް ބަދަލު ނަގައިދެވިދާނެކަމުގައި ބަޔާންކޮށްފައިވުމުގެ އިތުރުން، އެ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި ބަދަލު ނަގައިދިނުމުގައި ވަކި މިންވަރެއް ނުވަތަ ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެކަން ނުވަތަ ނޫންކަން މި ޤާނޫނުގައި ބަޔާންވެގެން ނުވެއެވެ. ނަމަވެސް މި ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގައި "މި ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލުން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

20ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދަށް ބަލާއިރު، އެ ގަވާއިދުގެ 105 ވަނަ މާއްދާގައި މައްސަލަ ނިންމިދާނެގޮތްތައް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި އޮތީ އަންނަނިވި ފަދައިންނެވެ.

105 "ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ، ރަނގަޅު ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އަންނަނިވި އަމުރުތައް ހިމެނޭގޮތަށް، އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ހ) ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު.

(ށ) ވަޒީފާއިން ވަކިކޮށްފައިވާ މީހާއަށް އަނބުރާ ވަޒީފާ ދިނުމަށް ކުރާ އަމުރު.

(ނ) މީހަކަށް ގެއްލިފައިވާ މަންފާއެއް ނުވަތަ ފަސޭހައެއް އަނބުރާ އެ މީހަކަށް ލިބޭނެގޮތް ހެދުމަށް ކުރާ އަމުރު.

(ރ) ބަދަލު ދިނުމަށް ކުރާ އަމުރު.

(ބ) މަތީގައި ބަޔާންކޮށްފައިވާ އަމުރުތަކުގެ އިތުރުންވެސް، އެ މައްސަލައިގައި އިންސާފު ޤާއިމު ކުރުމަށް ޓަކައި ނެރޭންޖެހޭކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ ކޮންމެ އަމުރެއް.".

އެހެންކަމުން އެ ޓްރައިބިއުނަލަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ބަދަލު ދިނުމަށް ކުރާ އަމުރެއް ނެރުމުގެ ބާރު ހިމެނޭހެން އެ މައްސަލައިގައި އިންސާފު ޤާއިމު ކުރުމަށް ޓަކައި ނެރެންޖެހޭކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ ކޮންމެ އަމުރެއް ނެރުމުގެ ބާރު އެ ޓްރައިބިއުނަލަށް ލިބިގެންވާކަން އެނގެއެވެ.

21HN5ކަންމިހެން އޮތްއިރު، އިންސާފު ޤާއިމްކުރުމަށްޓަކައި ޚަސްމަކު ޤާނޫނީ ވަކީލުފީގެ ގޮތުގައި ޚަރަދުކޮށްފައިވާ ފައިސާ އަނެއް ޚަސްމުގެ ކިބައިން ކޮންމެހެން ނަގައިދޭންޖެހޭކަމަށް އެ ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި، އެ އަމުރު ނެރުމުގެ ބާރުވެސް އެ ޓްރައިބިއުނަލަށް ލިބިގެންވާނެކަން މި މާއްދާއިން އެނގެއެވެ. ސުވާލަކީ މިކަން ކުރާނީ ކޮން ހަމައަކުން ކިހިނެތްތޯ އުފެދޭ ސުވާލެވެ.

21.1 މިކަމަށް ރިޢާޔަތްކުރާއިރު، ކުރިން ވަކީލުންގެ ފީ ނަގައިދިނުމުގައި ޢަމަލުކުރާ އުސޫލުން، ދެފަރާތުގެ މެދުގައި އެކަމާމެދު ވެފައިވާ އެއްބަސްވުމެއް އޮތްތޯ ރިޢާޔަތްކުރެވިދާނެއެވެ. ނަމަވެސް އާންމު އުސޫލުން ވަޒީފާގެ އެއްބަސްވުންތަކުގައި މިފަދަ މާއްދާތައް ހިމެނިފައި ނުހުރެއެވެ.

21.2 ދެން ބަލަންޖެހެނީ އެފަދަ އެއްބަސްވުމެއް ނެތް ހާލަތުގައި އަމަލުކުރާނެ ގޮތަކާމެދުގައެވެ. މިކަމުގައި ހަރުދަނާ ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަންޖެހޭކަމުގައި ދެކެމެވެ.

21.3 ދުނިޔޭގެ ކުރިއަރާފައިވާ ނިޒާމްތަކުގައި މިކަން ކުރެވޭ އުސޫލަށް ބަލާއިރު؛

21.3.1 ސިންގަޕޫރު، އިނގިރޭސިވިލާތް، މެލޭޝިއާ، އަދި އިންޑިއާ ފަދަ ގައުމުތަކުގައި ވަޒީފާއާބެހޭ މައްސަލަތަކުގައި، އާންމު އުސޫލުން އެއް ޚަސްމެއްގެ ކިބައިން އަނެއް ޚަސްމަކު ޤާނޫނީ ވަކީލަށް ޚަރަދުކުރި ފައިސާގެ މިންވަރު ޚަރަދުގެ ގޮތުގައި ނަގައިނުދެއެވެ. އެ ޚަރަދު ނަގައިދެނީ ހަމައެކަނި އެ ދައުވާއަކީ ޝަރީޢަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުން ހިފުމުގެ ދައުވާއެއްގެ ގޮތުގައި ބެލެވިއްޖެނަމަ ނުވަތަ ޚަސްމުން ޢަމަލުކޮށްފައިވާގޮތުގެ މައްޗަށްބަލައި ކޮންމެހެން އެ ޚަރަދު ނަގައިދޭންޖެހޭ ކަމަށް ފެނިއްޖެ ނަމައެވެ. މިކަން ކުރާނީ މިމޭރުމުންކަން އެ ގައުމުތަކުގެ ކަމާގުޅޭ ޤާނޫނާއި ގަވާއިދުތަކުގައި ލިޔެވިފައި ހުރެއެވެ. ނުވަތަ އެފަދަ ޚާއްސަ އުސޫލެއް ޤާނޫނާއި ގަވާއިދުތަކުގައި ނެތްނަމަ، ޤަޟިއްޔާތަކުގައި އެ އުސޫލު ކަނޑައެޅިފައިވެއެވެ. އެމެރިކާގެ United States ގައި މިކަން ކުރެވެނީ “American rule” ގެ ދަށުންނެވެ. އެއީ ޤާނޫނަކުން އެ ޚަރަދު ނަގައިދިނުމަށް ކަނޑައަޅާފައިވާ ހާލަތުގަ އާއި ކޮންޓްރެކްޓެއްގެ ދަށުން އެ ޚަރަދު ނަގައިދިނުން ލާޒިމްކުރާ ހާލަތް ފިޔަވައި އާންމު އުސޫލުން އެއް ޚަސްމެއްގެ ޝަރީޢަތުގެ ޚަރަދަށް ދެން ހުރި ޚަސްމު ޒިންމާ ނުވުމުގެ އުސޫލެވެ.

21.4 އިސްވެ ބަޔާންކުރެވުނު އުސޫލުތަކަށް އިތުރަށް ބަލާއިރު، އިންޑިއާގެ ވަޒީފާއާބެހޭ މައްސަލަތަކުގައި އެއް ޚަސްމުގެ ކިބައިން އަނެއް ޚަސްމަށް ޤާނޫނީ ވަކީލު ފީ ނަގައިދެވޭ އެއް ހަމައަކީ، ކަމާބެހޭ ޤާނޫނުގައި ޓްރައިބިއުނަލަކަށް ނުވަތަ ކޯޓަކަށް ފެންނަ ރަނގަޅުގޮތަކަށް މައްސަލަ ނިންމުމުގެ ބާރު އޮންނަކަމަށް ބަޔާންކުރާ މާއްދާއާ ހަވާލާދީއެވެ. އަދި އެކަން ކުރަނީ ވަކި ވަކި މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް ކޮންމެހެން އެ ޚަރަދު ނަގައިދޭން ފެނިއްޖެނަމައެވެ. މެލޭޝީއާގެ ކަމާބެހޭ އުސޫލުގައިވެސް އޮތީ ޖުމްލަކޮށް ޝަރީއަތުގެ ޚަރަދު ނަގައިދިނުމުގެ ވާހަކައެވެ. ނަމަވެސް އެ ޤައުމުގައިވެސް އެކަން ކުރަނީ މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް ހަމައެކަނި އެ ދައުވާއަކީ ޝަރީޢަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުން ހިފުމުގެ ދައުވާއެއްގެ ގޮތުގައި ބެލެވިއްޖެނަމަ އެވެ.

21.5 އެހެންކަމުން، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގައި "މި ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން ، ޓްރައިބިއުނަލުން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 105 ވަނަ މާއްދާއަށާއި، އިންޑިއާ، މެލޭޝިއާފަދަ ގައުމުތަކުގައި ޢަމަލުކުރާ އުސޫލަށް ބަލާއިރު އަހުރެންނަށް ޤަބޫލުކުރެވޭނީ ވަކި ވަކި މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ނަޒަރުކޮށް، އެ މައްސަލައެއްގައި ނިޒާމް ނަހަމަގޮތުގައި ބޭނުންހިފުމުގެ އަމަލެއް ހިމެނޭކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ބެލެވޭނަމަ، ނުވަތަ މައްސަލައިގެ ޚަސްމަކު އިންސާފަށް ގަސްދުގައި ހުރަސްއެޅުމުގެ އަމަލުތަކެއް ކޮށްފައިވާނަމަ ނުވަތަ ޓްރައިބިއުނަލުގެ ވަގުތު ބޭކާރުވާ ފަދައިން ޢަމަލުކޮށްފައިވާނަމަ، އެފަދައިން ޢަމަލުކުރި ޚަސްމުގެ އަތުން، މައްސަލަ ކާމިޔާބުކުރި ޚަސްމުގެ ޤާނޫނީ ވަކީލު ފީގެ ގޮތުގައި ކުރި ޚަރަދު ނަގައިދެވިދާނެކަމަށެވެ.

އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުން

22HN6މި މައްސަލައަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ ޑރ. މައުމޫން ޢާޞިމް ޤާނޫނީ ވަކީލު ފީގެ ގޮތުގައި ޚަރަދުކުރި ފައިސާ ސިވިލް ސަރވިސް ކޮމިޝަނުން ނަގައިދިނުމަށް އަމުރުކޮށްފައެވެ. އެފަދައިން އަމުރުކުރި ސަބަބެއްގެ ގޮތުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 9.8.3 ވަނަ ނުކުތާއިން ފެންނަން އޮތީ، ދެފަރާތުގެ މެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގައި އެކަމާމެދު ވަކިގޮތަކަށް އެއްބަސްވެފައިވާ ކަމަށް ބަޔާންކުރުމަށްފަހު އެކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންނެވެ. އަދި މައްސަލައިގައި ޑރ. މައުމޫން ޢާޞިމް ތަމްސީލުކުރި ފަރާތަކީ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ އޮތް ފަރާތަކަށް ވެފައި، ޤާނޫނީ ވަކީލަށް އުޖޫރަ ދީފައިވާކަން އެނގެން އޮތުމުގެ މައްޗަށެވެ.

23ނަމަވެސް، މި މައްސަލައަށް ބަލާއިރު، ދެފަރާތުގެ މެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގައި އެފަދަ މާއްދާއެއް ނެތް ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. ދެފަރާތުގެ މެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގައި އެފަދަ މާއްދާއެއް ހިމެނިފައި ނެތެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ޚަރަދު ނަގައިދިނުމަށް ވާސިލުވި ސަބަބު ޤާނޫނީގޮތުން ރަނގަޅުކަމުގައި ބެލެވޭކަށް ނެތެވެ.

24ނަމަވެސް މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މި މައްސަލައިގައި ޑރ. މައުމޫން ޢާޞިމްގެ ވަޒީފާ، ޙައްޤު ރޭންކަށް ބަދަލުކޮށް، ބަދަލުވި ރޭންކާ ގުޅިގެން ލިބެންޖެހި ނުލިބިވާ މުސާރައާއި އިނާޔަތް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޑރ. މައުމޫން ޢާޞިމް އަށް ދީފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަހުންނެވެ. މިއީ ޚިލާފެއް ނެތް ވާގިއާއެކެވެ. އެހެން އިބާރާތަކުން ބުނާނަމަ ސިވިލް ސަރވިސް ކޮމިޝަނުން އަދާކުރަންޖެހޭ އިލްތިޒާމް އަދާނުކޮށްގެން، ޑރ. މައުމޫން ޢާޞިމް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން ސިވިލް ސަރވިސް ކޮމިޝަނުން އެ އިލްތިޒާމް އަދާކުރީއެވެ.

25HN7ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކުރާ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، އެ ޓްރައިބިއުނަލުން މައްސަލަ ނިމުމުގެ ކުރިން ޑރ. މައުމޫން ޢާޞިމްގެ ފަރާތުން އެދުނު ފަރުވާ (ރޭންކު ބަދަލު ކުރުމާއި، މުސާރައާއި އިނާޔަތާ ގުޅިގެން ނަގައިދިނުމަށް އެދުނު ފަރުވާ) އެ ކޮމިޝަނުން ދީފައިވާތީ، މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަރުހަލާގައި ޤާނޫނީ ވަކީލު ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ޤާނޫނީ ވަކީލު ފީގެ ގޮތުގައި -/35,000ރ. (ތިރީސްފަސްހާސް ރުފިޔާ) އަކީ އެކަށީގެންވާ އަދަދެއްވެސް ނޫން ކަމަށެވެ.

26ނަމަވެސް އިސްވެ ފާހަގަކުރެވުނު އުސޫލުތަކުގެ އަލީގައި ބަލާއިރު، މި މައްސަލައިގައި ފެންނަން އޮތް ޙަޤީޤަތަކީ މުވައްޒަފަށް ލިބެންޖެހޭ ވަޒީފާގެ ޙައްޤެއް ދިނުމުގައި ފަރުވާކުޑަކުރުމަށްފަހު، ނުވަތަ ގަސްތުގައި ނުދީ ހިފަހެއްޓުމަށްފަހު އެންމެފަހުން މުވައްޒަފު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން އެ ޙައްޤު ދީފައިވާކަމެވެ.

27ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށްޓަކައި ޑރ. މައުމޫން ޢާޞިމް ވަނީ ޤާނޫނީ ވަކީލަށް ދައްކަންޖެހޭ ފައިސާ، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ކުރިން ދައްކާ ޚަލާސްކޮށްފައެވެ. މިއީ ޚިލާފެއް ނެތް ވާގިއާއެކެވެ. ހަމައެހެންމެ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށްޓަކައި ޤާނޫނީ ވަކީލުގެ ފަރާތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައިވެސް ޑރ. މައުމޫން ޢާޞިމްގެ ޤާނޫނީ ވަކީލު ތަމްސީލުކޮށްފައިވާކަން މައްސަލައިގެ އަޑުއެހުންތަކާއި ކަމާގުޅޭ ލިޔުންތަކުން އެނގެން އެބައޮތެވެ. އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، ވަޒީފާއަދާކުރާ ފަރާތުން އެދުނު ފަރުވާތައް ސިވިލް ސަރވިސް ކޮމިޝަނުން ދީފައިވާތީ މި މައްސަލައިގައި ޤާނޫނީ ވަކީލު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނާ ބުނުމަކީ ހަމަޖެހޭ ބުނުމެއް ކަމުގައި ނުދެކެމެވެ. ހަމައެހެންމެ ވަކި ވަކި މައްސަލަތަކުގައި ޤާނޫނީ ވަކީލުންނަށް ނެގޭނެ އުޖޫރަތައް ކަނޑައެޅި ބަޔާންވެގެންވާ ޤާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނުވަތަ މަތީ މަރުޙަލާގެ ނިންމުމެއްވެސް ނެތް އިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މި މައްސަލަ ހުށަހަޅާ ކުރިއަށް ގެންދިއުމަށް ޤާނޫނީ ވަކީލު ފީގެ ގޮތުގައި -/35,000ރ. (ތިރީސްފަސްހާސް ރުފިޔާ) އަކީ އެކަށީގެންވާ އަދަދެއް ނޫންކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް އޮތް ކަމުގައިވެސް އަހުރެން ނުދެކެމެވެ.

28އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަންގެ ޢަމަލުތައް ހުރިގޮތަށް ބަލައި، މި މައްސަލައިގައި އެންމެ އިންސާފުވެރި ހައްލެއް ލިބޭނެ މަގެއް ކަމުގައި އަހުރެންނަށް ފެންނަނީ ޤާނޫނީ ވަކީލު ފީގެ ގޮތުގައި ޑރ. މައުމޫން ޢާޞިމް ޚަރަދުކުރި ފައިސާ އަކީ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޑރ. މައުމޫން ޢާޞިމް އަށް ދޭންޖެހޭ ފައިސާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ދެމެހެއްޓުމެވެ.

ނިންމަން ފެންނަގޮތް

29އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 59/VTR/2024 މައްސަލައިގައި ޤާނޫނީ ވަކީލު ފީ އާ ގުޅޭގޮތުން ނިންމާފައިވާ ނިންމުން ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛

30ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު؛

31ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

32މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 59/VTR/2024 މައްސަލަ އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކޮށް، ޤާނޫނީ ވަކީލު ފީ އާ ގުޅޭގޮތުން އެ މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ފުޓްނޯޓު

  1. […]
  2. މިނުކުތާ ވަނީ މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އުނިކުރެވިފައެވެ.
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/60 ޤަޟިއްޔާ
  4. ޤާނޫނު ނަންބަރު 32/2021
  5. އެ ގަވާއިދުގެ 11 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/143 ޤަޟިއްޔާ (އަޙްމަދު ތަސްމީން ޢަލީ ވ. އަޙްމަދު ނާޡިމް)
  6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 ޤަޟިއްޔާ، (ޢަބްދުﷲ ރަޝާދު ވ. ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން)، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/143 ޤަޟިއްޔާ (އަޙްމަދު ތަސްމީން ޢަލީ ވ. އަޙްމަދު ނާޡިމް)، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/218 ޤަޟިއްޔާ (ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. އިބްރާހީމް ޝަރީފް)،ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/47 ޤަޟިއްޔާ،(ޢަބްދުﷲ ނާހިދު ވ. ޙައުޒާން ނިޡާމް)، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/32 ޤަޟިއްޔާ، (ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ))، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/60 ޤަޟިއްޔާ (މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އޮސްމޯސިސް އޭޝިޔާ ޕްރައިވެޓް ލިމިޓެޑް) ފަދަ ޤަޟިއްޔާތައް
  7. ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައި ހިމެނިފައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދުގެ 2.1 ވަނަ މާއްދާ
  8. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/47 ޤަޟިއްޔާ،(ޢަބްދުﷲ ނާހިދު ވ. ޙައުޒާން ނިޡާމް)
  9. ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައި ހިމެނިފައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދުގެ 5.4 ވަނަ މާއްދާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 ޤަޟިއްޔާ، (ޢަބްދުﷲ ރަޝާދު ވ. ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން)
  10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/89 ޤަޟިއްޔާ (އަޙްމަދު ޝަރީފް ވ. ޢަބްދުއްރަޝީދު އިބްރާހީމް)
  11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/89 ޤަޟިއްޔާ (އަޙްމަދު ޝަރީފް ވ. ޢަބްދުއްރަޝީދު އިބްރާހީމް)
  12. ޤާނޫނު ނަންބަރު 5/2019
  13. ގަވާއިދު ނަންބަރު 2021/R-118 (ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު)
  14. ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 28 ވަނަ މާއްދާ، 29 ވަނަ މާއްދާގެ (ނ)، 37 ވަނަ މާއްދާ
  15. ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 63 ވަނަ މާއްދާ، (ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ އަމިއްލަ ތަނެއްގައި އިން-ހައުސް ކައުންސިލްގެ ގޮތުގައި ނުވަތަ އެއިން ތަނެއްގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއަކުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ޤާނޫނީ ޚިދުމަތް ދިނުން ނުވަތަ އެފަދަ ޖަމްޢިއްޔާއެއްގައި ޤާނޫނީ ވަކީލަކު ޚިދުމަތް ދިނުން މި މާއްދާއިން މަނާ ނުކުރާކަން ބަޔާންކޮށް، މިމާއްދާގައި މިކަން އިސްތިސްނާކޮށްފައިވެއެވެ.)
  16. ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 40 ވަނަ މާއްދާ، 45 ވަނަ މާއްދާ، ގަވާއިދު ނަންބަރު 2021/R-118 (ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު) ގެ ޖަދުވަލު 2 (ޤާނޫނީ ވަކީލުން ޢަމަލުކުރަންޖެހޭ ޢާންމު ހަމަތައް) ގެ 4.1.2، 4.1.3، ޖަދުވަލު 1 (ޤާނޫނީ ވަކީލުންގެ އަސާސީ ސުލޫކީ ހަމަތައް) ގެ 6.2، 7.1 ވަނަ މާއްދާ
  17. ޤާނޫނު ނަންބަރު 32/2021
  18. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު، މެޖިސްޓްރޭޓް ކޯޓުތަކުން ޢަމަލުކުރާ އެކޯޓުތަކުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު
  19. ޤާނޫނު ނަންބަރު 5/2019
  20. ޤާނޫނު ނަންބަރު 32/2021
  21. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/60 ޤަޟިއްޔާ
  22. ޤާނޫނު ނަންބަރު 32/2021
  23. ޤާނޫނު ނަންބަރު 32/2021
  24. ޤާނޫނު ނަންބަރު 32/2021
  25. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
  26. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (3) އަދި (ރ)
  27. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
  28. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2022/R-14
  29. Singapore: Employment Claims Act 2016, s.19 (1), (2), s. 22 (1) (c), 22 (2), Employment Claims Rules 2017, s.43 United Kingdom: The Employment Tribunal Procedure Rules 2024, s.74,75,76
  30. Malaysia: Industrial Court Rules 1967, CSY v Lepcon Tools (M) Sdn Bhd (Award No. 1 of 2024), Industrial Court India: Industrial Disputes Act, 1947, s.11, Dushyant Janbandhu vs M/S Hyundai Autoever India Pvt Ltd, 2024 INSC 966
  31. Alyeska Pipeline Svc. Co. v. Wilderness Soc'y, 421 U.S. 240 (1975), No. 73-1977, U.S. Supreme Court
  32. Industrial Disputes Act, 1947, s.11, Dushyant Janbandhu vs M/S Hyundai Autoever India Pvt Ltd, 2024 INSC 966
  33. Dushyant Janbandhu vs M/S Hyundai Autoever India Pvt Ltd, 2024 INSC 966
  34. Industrial Court Rules 1967
  35. CSY v Lepcon Tools (M) Sdn Bhd (Award No. 1 of 2024), Industrial Court
  36. މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 9.7 އަދި 9.8 ވަނަ ނުކުތާގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން
  37. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވި ވަކީލަށް ޑރ. މައުމޫން ޢާޞިމްގެ ފަރާތުން ދައްކާފައިވާ ފައިސާގެ ސްލިޕް
  38. މައްސަލައިގެ ލިޔުންތަކުގައި ހިމެނޭ އަޑުއެހުންތަކުގެ ބަޔާން އަދި ދައުވާ ފޯމާއި ލިޔެކިޔުން
  39. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
  40. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
  41. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (3) އަދި (ރ)
  • ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022/R-14) ގެ 105 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ފަންސަވީސްވަނަ ބާބު (ޝަރީޢަތުގެ ޚަރަދު ނަގައިދިނުން)، 279 ވަނަ މާއްދާ އަދި 421 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
  • ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 28، 29 (ނ)، 37، 40، 45 އަދި 63 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދުގެ 2.1 އަދި 5.4 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައިވާ ކުއްޔަށް ދޫކުރާ ތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)
  • ގަވާއިދު ނަންބަރު 2021/R-118 (ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު) ގެ ޖަދުވަލު 1 ގެ 6.2 އަދި 7.1 ވަނަ މާއްދާ، ޖަދުވަލު 2 ގެ 4.1.2 އަދި 4.1.3
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، ހައިކޯޓުގެ، ސިވިލް ކޯޓުގެ އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުތައް
  • ސުޕްރީމް ކޯޓު 2021/SC-A/60 (މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އޮސްމޯސިސް އޭޝިޔާ ޕްރައިވެޓް ލިމިޓެޑް)، 41 ވަނަ ނުކުތާ
  • ސުޕްރީމް ކޯޓު 2017/SC-A/32 (ޑަބްލިއު.އެލް.ޓީ. ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް)
  • ހައިކޯޓު 2009/HC-A/348 (ޢަބްދުﷲ ރަޝާދު ވ. ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން)
  • ހައިކޯޓު 2011/HC-A/143 (އަޙްމަދު ތަސްމީން ޢަލީ ވ. އަޙްމަދު ނާޡިމް)
  • ހައިކޯޓު 2013/HC-A/218 (ދައުލަތް ވ. އިބްރާހީމް ޝަރީފް)
  • ހައިކޯޓު 2016/HC-A/89 (އަޙްމަދު ޝަރީފް ވ. ޢަބްދުއްރަޝީދު އިބްރާހީމް)
  • ހައިކޯޓު 2018/HC-A/47 (ޢަބްދުﷲ ނާހިދު ވ. ޙައުޒާން ނިޡާމް)
  • Singapore: Employment Claims Act 2016, s.19(1),(2), s.22(1)(c), 22(2); Employment Claims Rules 2017, s.43
  • United Kingdom: The Employment Tribunal Procedure Rules 2024, s.74, 75, 76
  • Malaysia: Industrial Court Rules 1967; CSY v Lepcon Tools (M) Sdn Bhd (Award No. 1 of 2024), Industrial Court
  • India: Industrial Disputes Act 1947, s.11; Dushyant Janbandhu v M/S Hyundai Autoever India Pvt Ltd, 2024 INSC 966
  • Alyeska Pipeline Svc. Co. v. Wilderness Soc'y, 421 U.S. 240 (1975)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ