ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2023] SC 11 · 2022/SC-A/41

ޢާއިޝަތު ލަޠީފާ ވ. އާމިނަތު ނަސީމް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 19 މާރިޗު 2023ދަށު ކޯޓު: ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު (186/Q10C/2020)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2020/HC-S-A/26، 186/Q10C/2020
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

—

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުއްޖާގެ ޙަޟާނަތު ހޯދުމަށް މަންމަ ހުށަހެޅި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ 24/B12C/2014 ޤަޟިއްޔާއިން ކުއްޖާގެ ޙަޟާނަތު ބައްޕަގެ ފަރާތު މާމައާ ހަވާލުކުރިއެވެ. 2020 ވަނަ އަހަރު މަންމަ ހުށަހެޅި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ 186/Q10C/2020 ޤަޟިއްޔާއިން ކުއްޖާގެ ޙަޟާނަތު މަންމައަށް ލިބިގެންވާ ކަމަށް ޙުކުމްކުރިއެވެ. މާމަ ކުރި އިސްތިއުނާފުގައި ހައިކޯޓުގެ 2020/HC-S-A/26 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުން އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅިއެވެ. މާމަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
2013 ވަނަ އަހަރު ކުއްޖާގެ ބައްޕަ ކުއްޖާ ހއ. ފިއްލަދޫއަށް ގެންގޮސް، ފަހުން ޙަޟާނަތު ބައްޕަގެ ފަރާތު މާމައާ ހަވާލުކުރެވުނެވެ. ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އެސެސްމަންޓް ރިޕޯޓުގައި މާމަގެ ފަރާތުން ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ ހާނިއްކަ ކުރިމަތިވާ ކަމަށާއި، ކުއްޖާ އެ މާޙައުލުގައި އުޅެން ބޭނުންނުވާ ކަމަށް ފާހަގަކުރިއެވެ. 18 ސެޕްޓެމްބަރު 2020 ގައި ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޙަޟާނަތުގެ މައްސަލައެއްގައި ކޯޓުން ބުރަވި އެސެސްމަންޓް ރިޕޯޓު ޚަޞްމުންނާ ހިއްސާނުކޮށް، ކުއްޖާގެ ބަސް ސީދާ ނުހޯދައި މައްސަލަ ނިންމުމަކީ ދަށުކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ވަރުގެ އިޖުރާއީ އައިބެއްތޯ؛ ނުވަތަ ސުޕްރީމް ކޯޓުން ކުއްޖާގެ ބަސް ހޯދައިގެން އެ އައިބު ރަނގަޅުކުރެވިދާނެތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
މާމަ ބުނީ، ދަށުކޯޓުން ބުރަވި އެސެސްމަންޓް ރިޕޯޓާމެދު ސުވާލު އުފެއްދި ނަމަވެސް، ރިޕޯޓު ތައްޔާރުކުރި ފަރާތާ ސުވާލުކުރުމުގެ ފުރުޞަތު ނުދީ ނިންމުމަކީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ރ) އާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމަށާއި، ކުއްޖާގެ ބަސް ޝަރީޢަތުން ސީދާ ނުހޯދުމަކީ ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމަށެވެ. މަންމަ ބުނީ، ރިޕޯޓުގައި ކުއްޖާގެ އިޚްތިޔާރު ބަޔާންކޮށްފައިވާތީ އެއީ ކުއްޖާގެ ބަސް ކަމަށާއި، ނިންމިފައިވަނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، އިޖުރާއީ އައިބެއްގެ ސަބަބުން މައްސަލަ ފާސިދުވާނީ ސީރިއަސް، ރަނގަޅުނުކުރެވޭ އައިބެއްނަމަ ކަމަށާއި، ކޯޓުން ބުރަވާ ރިޕޯޓުތައް ޚަޞްމުންނާ ހިއްސާކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ދޭންޖެހޭތީ ހައިކޯޓުގެ މި ބައި ރަނގަޅު ނޫން ކަމަށެވެ. ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުއްޖާގެ އިޚްތިޔާރު ސާފުކުރަންވާނީ ސީދާ ކުއްޖާގެ ކިބައިން ކަމަށް ކަނޑައެޅިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްޖާއާ ސުވާލުކުރުމުން މަންމައާއެކު ދިރިއުޅެން ބޭނުންވާ ކަމަށް ބުނި ހިނދު، އެ އައިބު ރަނގަޅުވެފައިވާތީ، ކުއްޖާގެ މަޞްލަޙަތަށް ބަލައި ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އިއްތިފާޤުން ކަނޑައެޅިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިޖުރާއީ އައިބެއްގެ ސަބަބުން މުޅި މައްސަލަ ފާސިދުވެގެންދާނީ އެ އިޖުރާއީ އައިބަކީ ނުވަތަ އުނިކަމަކީ ފޫވައްޓަނިވި ސީރިއަސް އައިބެއް ނުވަތަ އުނިކަމެއް ކަމަށް ވާނަމައެވެ. އަދި އެއީ ސީރިއަސް އައިބެއް ނުވަތަ އުނިކަމެއް ކަމަށްވީ ނަމަވެސް އެ އިޖުރާއީ އައިބަކީ ނުވަތަ އުނިކަމަކީ ރަނގަޅުކުރެވިދާނެ ނުވަތަ ރަނގަޅުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމެއް ކަމަށްވާނަމަ، އެކަމެއް ރަނގަޅުކުރަން ކޯޓުން އަންގާނީއެވެ. ނުވަތަ އެކަމަކީ ކޯޓުން ރަނގަޅުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމެއްނަމަ، އެކަމެއް ރަނގަޅުކޮށްގެން ކޯޓުން އެ މައްސަލައެއް ކުރިއަށް ގެންދާނީއެވެ.

HN2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު މުޙައްމަދު ވ. މުޙައްމަދު ޢަބްދުﷲ ގަޒިއްޔާގެ 60 ވަނަ ޕެރެގްރާފުގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ ފަދައިން މަދަނީ އަދި އާއިލީ މައްސަލަތަކުގައި ޚަސްމުންގެ ފަރާތުން ކޯޓަށް ހުށަހަޅާ ރިޕޯޓުތަކާއި، ކޯޓުގެ ބޭނުމަށް އެކިއެކި ފަރާތްތަކުން ތައްޔާރުކުރާ ރިޕޯޓުތައް ޝަރިއަތުގެ ފަރާތުން ޚަސްމުންނާ ހިއްސާކޮށް އެ ރިޕޯޓުގައިވާ ކަންކަމާގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތުދޭންވާނެއެވެ. އެފަދަ ފުރުސަތެއް ނުދީ އެފަދަ ރިޕޯޓުތަކުގެ މައްޗަށް ބުރަވެ މައްސަލަ ނިންމުމަކީ ސައްހަގޮތެއް ނޫނެވެ.

HN3 ކުޑަކުއްޖެއްގެ މައިންބަފައިން ކުރެ އެކުއްޖަކު އިޚްތިޔާރު ކުރާމީހަކާ އެކު ދިރިއުޅުމުގެ ހައްގު އެކުއްކަޖަށް ލިބިގެންވާތީވެ، އެ މައުލޫމާތު ސާފުކުރަންވާނީ ސީދާ އެކުއްޖާކުރެންނެވެ. އެހެން ފަރާތެއްގެ ގާތުގައި ބުނެފައިވާ ބަހެއް ޝަރިއަތަށް ގަބޫލުކުރެވިދާނެ ކަމަށް ނުފެނެއެވެ.

HN4 ކުއްޖާގެ ހަޟާނާތު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޝަރީއަތުން އެންމެ އިސްކަމެއް ދޭންޖެހޭނީ ކުއްޖާއަށް އެންމެ ފައިދާހުރި އެންމެ މަސްލަހަތު ހުރި ގޮތެއްގެ މައްޗަށެވެ.

HN5 ސުޕްރީމް ކޯޓުން ކުއްޖާގެ ބަސް ހޯދާފައި އޮތުމުން، ކުއްޖާއާ ގުޅޭ އެސެސްމެންޓް ރިޕޯޓާ ގުޅިގެން ވާހަކަ ދެއްކުމަށް ދެފަރާތަށް ފުރުސަތު ލިބިފައިނެތުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ބާތިލުކުރެވޭވަރުގެ އިޖުރާއީ އައިބެއް ނޫނެވެ. ކުއްޖާގެ ބަސް ހޯދުމުގެ އިޖުރާއަތު މި މަރުހަލާގައި ފުރިހަމަކޮށްފައި އޮތުމުން، މި މައްސަލައިގައި ގޮތެއް ކަނޑައެޅިދާނެކަމަށް ދެކެމެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 20 މާރިޗު 2022 · ރަޖިސްޓްރީކުރީ 19 އޭޕްރީލް 2022 · ނިމުނީ 19 މާރިޗު 2023 (11.0 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ޢާއިޝަތު ލަޠީފާ ވ. އާމިނަތު ނަސީމް

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

: (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލަ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-S-A/26ގަޒިއްޔާގައި ކުއްޖާގެ ހަޟާނާތާ ގުޅޭގޮތުން ނިންމާފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން، އެ ކުއްޖާގެ މާމަ (ކުއްޖާގެ ބައްޕަގެ ފަރާތު މާމަ، ހއ.ފިއްލަދޫ، ހުދުފަޅު، އާއިޝަތު ލަޠީފާ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ އެކުއްޖާގެ މަންމަ (ގދ. ތިނަދޫ، ނޫމަރާގެ، އާމިނަތު ނަސީމް) އަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާގޮތް

2އާމިނަތު ނަސީމް އާއި ހއ. ފިއްލަދޫ، ހުދުފަޅު، ޙުސައިން ތަޙްސީންއާ ދެ މީހުންނަށް ލިބިފައިވާ ދަރިފުޅުގެ ހަޟާނަތު ލިބިގަތުމަށް އެދި 21 ޖަނަވަރީ 2014 ވަނަ ދުވަހު ކުއްޖާގެ މަންމަ، އާމިނަތު ނަސީމުގެ ފަރާތުން އެ ކުއްޖާގެ ބައްޕަގެ މައްޗަށް ރައްދުވާގޮތަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/B12C/2014 ގަޒިއްޔާއިންނެވެ.

3ކުއްޖާގެ ހަޟާނަތު ހޯދުމަށް ކުއްޖާގެ މަންމަ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ކުއްޖާގެ މަންމަ ކުއްޖާއާއެކު ހދ. ކުޅުދުއްފުށީގައި އުޅެނިކޮށް، ކުއްޖާގެ މަންމައަށް ސިއްރުން 19 ޑިސެންބަރު 2013 ވަނަ ދުވަހު ކުއްޖާގެ ބައްޕަ، އެކުއްޖާ ގެންގޮސް، އޭނާގެ ބައްޕަގެ ރަށް ކަމަށްވާ ހއ. ފިއްލަދޫއަށް އެކުއްޖާ ގެންގޮސްފައިވާތީ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުއްޖާގެ މަންމަގެ ފަރާތުން ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ވެސް އެ މައްސަލަ ހުށަހެޅިއެވެ.

4ކުއްޖާގެ ބައްޕަ އެ މައްސަލައިގެ ޝަރިއަތުގައި ބުނެފައިވަނީ ކުއްޖާގެ މަންމަގެ ފަރާތުން ކޯޓަށް ދީފައިވާ ބަޔާނަކީ ދޮގު ބަޔާނެއް ކަމަށެވެ. ކުއްޖާގެ ބައްޕައަށް ކުއްޖާގެ މަންމަ ފޯނުކޮށްފައި ކުއްޖާ ބޭނުމިއްޔާ ބަލައި އަންނާށޭ ބުނުމުން ހަމަ އެ ދުވަހު ކުއްޖާ ބަލައި އޭނާ ކުޅުދުއްފުއްޓަށް ދިއުމުން އޭނާއާ ކުއްޖާ ހަވާލުކުރީ ކަމަށެވެ.

5ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/B12C/2014 ގަޒިއްޔާގެ ތެރެއިން ކުއްޖާގެ މަންމައާ ކުއްޖާ ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަގެ ފަރާތު މާމައަށް ކުއްޖާ ބެލޭނެ ކަމަށް ބުނެ ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ބަޔާނެއް ދީފައިވެއެވެ. ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/B12C/2014 ގަޒިއްޔާއިން ކުއްޖާގެ ބައްޕަ ފަރާތު މާމައާ ކުއްޖާގެ ހަޟާނަތު ހަވާލުކޮށް، މައްސަލައިގައި ހުކުމްކޮށްފައި ވެއެވެ.

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 186/Q10C/2020 ގަޒިއްޔާ

6އިސްވެ، މަތީގައި މި ބަޔާންކުރިގޮތަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މައްސަލައިގައި ޙުކުމްކޮށް، އޭގެފަހުން އަހަރުތަކެއް ވެފައިވަނިކޮށް، ކުއްޖާގެ ހަޟާނަތު ލިބިގަތުމަށް އެދި ކުއްޖާގެ މަންމަ، އޭނާ އޭރު ދިރިއުޅެމުން ގެންދިޔަ އޭނާގެ އުފަން ރަށްކަމުގައިވާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް26 އޮގަސްޓު 2020 ގައި މައްސަލައެއް ހުށަހެޅިއެވެ. މި ބަޔާންކުރި ގަޒިއްޔާގައި ކުއްޖާގެ ހަޟާނާތު ލިބިގަތުމަށް އެދި ކުއްޖާގެ މަންމަ ހުށަހެޅި ސަބަބުކަމުގައި ބުނެފައިވަނީ ކުއްޖާއާމެދު ކުއްޖާގެ ބައްޕަގެ ފަރާތު މާމަ އިހުމާލުވެފައިވާތީ ކަމަށެވެ. ކުއްޖާގެ މަންމަގެ ފަރާތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެކޯޓުގެ ނަންބަރު 186/Q10C/2020 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ކުއްޖާގެ ހަޟާނާތު ކުއްޖާގެ މަންމައަށް ލިބިގެންވާކަމަށެވެ.

7މިގޮތަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ސަބަބަކީ، އެގަޒިއްޔާއާ ގުޅިގެން އެކޯޓުން އެންގި އެންގުމަކަށް ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ ކުއްޖާގެ އިޖްތިމާޢީ ހާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯޓް (11 އޮކްޓޫބަރު 2020) ގައި ކުއްޖާގެ ބައްޕަގެ ފަރާތު މާމަގެ ފަރާތުން ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ ހާނިއްކަ ކުރިމަތިވާ ކަމަށާއި، އެ މާހައުލުގައި ކުއްޖާ އުޅެން ބޭނުންނުވާ ކަމަށް ތަކުރާރުކޮށް އެކުއްޖާ ބުނާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށް ފައިވާތީއާއި، އަދި 18 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުއްޖާއަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން ހއ. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝްން ސެންޓަރުގެ ބެލުމުގެ ދަށަށް ކުއްޖާ ބަދަލުކުރެވުނު ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާތީއެވެ.

ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފު

8ކުއްޖާގެ މާމަގެ ފަރާތުން، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 186/Q10C/2020 ގަޒިއްޔާގެ ހުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-S-A/26 ގަޒިއްޔާގެ ހުކުމުގައި އެކޯޓުން ބަޔާން ކޮށްފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 186/Q10C/2020 ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

9އިސްތިއުނާފުގެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ، ކުޑަކުއްޖާ ބެލުމުގައި އެކުއްޖާގެ މާމަ އިހުމާލުވާ ކަމަށް ބެލެވިގެން 18 ސެޕްޓެންބަރު 2020 ގައި ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖާގެންދެވިފައިވާ ކަމަށެވެ. އިތުރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގެ އަޣުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ މިއީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކުއްޖަކު ހޯދުމަށް އެދި އެކުއްޖާގެ މަންމަގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށާއި، އެހެންކަމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވިފައި ތިބޭ ކުދިން ހޯދުމަށް އެދި އެކުދިންގެ އާއިލާގެ ފަރާތުން ހުށަހެޅުމުން އެކުއްޖާ ހަވާލުކުރުމުގައި އަމަލުކުރަންޖެހޭ އިޖްރާއަތުގެ ދަށުން މި މައްސަލައިގައި އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ކޯޓުން ބަލަންޖެހޭނީ ހަޟާނަތުގެ މައްސަލަ ބެލުމުގައި އަމަލު ކުރަންޖެހޭ ގާނޫނާއި ގަވާއިދާއި އުސޫލުތަކުގެ ތެރެއިން، އެކުއްޖާގެ ހަޟާނަތު އެކުއްޖާގެ މަންމައަށް ލިބިދާނެތޯ ނުވަތަ ނޫންތޯ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ހައިކޯޓުން ފާހަގަކޮށްފައި ވެއެވެ. އަދި މި މައްސަލަ ދަށު ކޯޓުން ބަލާފައިވަނީވެސް، ހަޟާނަތުގެ މައްސަލައެއްގެ ގޮތުގައިކަން ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައި ވެއެވެ.

10އިތުރަށް، މި މައްސަލައިގެ ހުކުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވަނީ ކުއްޖެއްގެ ހަޟާނަތު ލިބިގަތުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ކުއްޖާގެ މަސްލަހަތު އެންމެ ބޮޑު ގޮތަކަށް މައްސަލަ ނިންމުމަށް ކަމަށާއި، ކުއްޖާގެ މަސްލަހަތު އެންމެ ބޮޑު ގޮތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މިބާވަތުގެ މައްސަލަތުގައި ކުއްޖާގެ ހާލަތު ވަޒަންކޮށް ތައްޔާކުރާ ކުއްޖާގެ އިޖްތިމާއީ ހާލަތާގުޅޭ ރިޕޯޓަކީ، ކުއްޖާއާ ބެހޭ ގޮތުން އެކުއްޖާ ދޭ މައުލޫމާތާއި، ކުއްޖާ ދިރިއުޅޭ މާހައުލުގައި އެކުއްޖާއާއެކު ދިރިއުޅެމުންދާ ފަރާތްތަކާއި ކުއްޖާ މުއާމަލާތްކުރާ ފަރާތްތަކާއި، އެރިޕޯޓު ތައްޔާރުކުރާ ފަރާތުން އެކުއްޖާ ދިރިއުޅޭ މާހައުލަށް ޒިޔާރަތްކޮށް ބެލުމަށްފަހު ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކަމާގުޅޭ ގޮތުން އެރިޕޯޓު ތައްޔާރުކުރި ފަރާތުގެ ރައުޔު ނުވަތަ އަމަލުކުރަން ފެންނަ ގޮތް ބަޔާންކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އެހެންކަމުން، ކުޑަކުއްޖާއާބެހޭ ރިޕޯޓަކީ އެކުއްޖާގެ އިޖްތިމާއީ ހާލަތާގުޅޭ ގޮތުން އެރިޕޯޓު ތައްޔާރުކުރި ފަރާތުން ދޭ އެކްސްޕާޓް އޮޕީނިއަން (ޚަބީރުގެ ރައުޔު) އެއް ކަމަށާއި، މިބާވަތުގެ މައްސަލަތަކުގައި ކުއްޖާއާބެހޭ ގޮތުން ހޯދާ ރިޕޯޓަކީ މައްސަލައިގައި ހިމެނޭ ފަރާތަކުން ހުށަހަޅާ ރިޕޯޓެއް ނޫންކަމާއި އެއީ ޝަރީއަތުގެ ބޭނުމަށް ޝަރީއަތުގެ ފަރާތުން ހޯދާ ރިޕޯޓެއް ކަމަށާއި، ކުޑަކުއްޖާއާގުޅޭ ގޮތުން ތައްޔާރުކުރާ އެފަދަ ރިޕޯޓަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެރިޕޯޓު ދީ އެރިޕޯޓާގުޅޭ ގޮތުން ޖަވާބުދާރީ ވުމަށް ނުވަތަ ދިފާޢުވުމަށް ފުރުސަތު ދޭންޖެހޭ ރިޕޯޓެއް ކަމުގައި ނުދެކޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައި ވެއެވެ. އަދި މިފަދަ ރިޕޯޓުތަކަކީ ކުއްޖާގެ ހާލަތާގުޅޭ ގޮތުން ކަމުގެ ތަޖްރިބާ ލިބިފައިވާ ޚަބީރަކު ތައްޔާރުކޮށް އެފަރާތަށް ފެންނަ ގޮތް ބަޔާންކޮށް އެފަރާތުގެ ރައުޔު ބަޔާންކޮށްފައިވާ ރިޕޯޓެއް ކަމުގައިވާތީއާއި އެރިޕޯޓާގުޅޭ ގޮތުން މައްސަލައިގެ ޚަސްމުން ދޭ ޖަވާބަކުން އެރިޕޯޓުގައި ދީފައިވާ ރައުޔަށް ބަދަލު އައުމުގެ ފުރުސަތު އޮތްކަމަކަށް ނުފެންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް، މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ރިޕޯޓާގުޅޭ ގޮތުން ސުވާލު އުފައްދާ ކަންކަމަކީ އެރިޕޯޓު ތައްޔާރުކުރުމުގައި އަމަލުކޮށްފައިވާ ގޮތާގުޅޭ ސުވާލުތަކެއް ކަމުގައިވާތީ އެރިޕޯޓު ތައްޔާރުކުރި ފަރާތުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް އެރިޕޯޓު ހެދުމުގައި އެފަރާތުން އަމަލުކޮށްފައިވާ ގޮތާއި އަދި އެފަރާތުން ދެކޭ ގޮތާއި އަދި މައްސަލައިގެ ޚަސްމުން ކުރަން ބޭނުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމަކީ ބޭނުންތެރިކަމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައި ވެއެވެ.

11މީގެ އިތުރުން، މި މައްސަލަ ނިންމުމުގައި ދަށު ކޯޓުން ރިއާޔަތްކުރި ކުޑަކުއްޖާއާބެހޭ ރިޕޯޓުގައި، "ކުއްޖާ އެންމެ ދާން ބޭނުންވަނީ މަންމަގެ ގާތަށް ކަމަށާއި ނަމަވެސް ބައްޕަ ނުފޮނުވާނެ ކަމަށް ކުއްޖާ ބުނެފައިވާ ކަމަށާއި، އަދި ފިއްލަދޫއަށް ދިޔައަސް މާމަގެ ގާތަށް ދާން ބޭނުންނުވާކަމަށާއި ކުޑަބެ ފެމިލީ މީހެއްގެ ގާތަށް ދިޔައަސް މާމަގެ އުދަނގޫ ބޮޑުވާނެކަން ކުއްޖާއަށް އެނގޭކަމަށް ބުނެފައިވާކަމާއި، އަދި އެކަންކަން އެ އާއިލާތަކުންވެސް ފާހަގަކޮށްފައިވާކަމަށް ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް " ގދ. ތިނަދޫ ކޯޓުން ބެލި ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

12މި މައްސަލަ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެކުއްޖާ ބެލުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވިގެން އެކުއްޖާ ޖެންޑަރގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަން އެނގޭތީ އެކުއްޖާގެ ފަރާތުން ބުނެ ފައިވާކަމަށް ކުއްޖާއާބެހޭ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ތާއީދު ލިބޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.

13އެހެންކަމުން، މި މައްސަލައިގައި ކުޑަކުއްޖާގެ ހަޟާނަތު އެކުއްޖާގެ މަންމައާ ހަވާލުކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަށް

14ކުއްޖާގެ މާމަގެ ފަރާތުން އަންނަނިވި އިސްތިއުނާފީ ދެ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.

(ހ) ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ރިއާޔަތްކުރި ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރުމުގައި، ރިޕޯޓު ތައްޔާރު ކުރި ފަރާތް ހާޒިރުކޮށް އެ ރިޕޯޓާމެދު އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި ސުވާލު އުފެއްދި ކަންކަމާއި ގުޅިގެން މައްސަލައިގެ ޚަސްމުން ކުރަން ބޭނުން ސުވާލު ކުރުމުގެ ފުރުސަތެއްވެސް، އަދި ރިޕޯޓާއި މެދު ވާހަކަ ދައްކާ އޭގައި ހުރި ކަންކަން ކަށަވަރުކުރުމުގެ ފުރުސަތެއްވެސް ނުދީ މައްސަލަ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) އަދި ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) މައްސަލަ ނިންމުމުގައި ޝަރީއަތުން ކުއްޖާގެ ބަހެއް ނުހޯދައި ހަމައެކަނި ރިއާޔަތް ކޮށްފައިވަނީ އެސެސްމަންޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކުއްޖާގެ ބަސްކަމަށް ބުނާ ބުނުމަށް ކަމަށްވާތީވެ، އެކަމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، އާއިލާއާ ބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) އާއި ޚިލާފު ކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދެފަރާތުގެ ވާހަކަ

15އިސްތިއުނާފީ ނުކުތާތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން، އިސްތިއުނާފު ރައްދުވާ ފަރާތްކަމަށްވާ އާމިނަތު ނަސީމު ބުނެފައިވަނީ މައްސަލަތަކާއި ގުޅިގެން ހޯދޭ މައުލޫމާތުގެ މައްޗަށް އަދުލުވެރިކަމާއެކު މައްސަލަ ނިންމެން އޮތްކަމުގައި ވާނަމަ އިތުރަށް ޝަރީއަތުގެ ބޭނުމަށް ހޯދޭ ރިޕޯޓުތަކާއި ބެހޭ ގޮތުން ސުވާލުކުރުމަކާ ނުލައި މައްސަލައިގައި ގޮތް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

16އަދި ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު)ގެ 44 ވަނަ މާއްދާގެ (ށ) ގައި "..ހަޟާނާތުގެ އުމުރު ހަމަވުމުން ކޯޓުން އެހެން ގޮތަކަށް އަމުރުނުކުރާނަމަ، އެ ކުއްޖެއްގެ މައިންބަފައިން ކުރެ އެކުއްޖަކު އިހްތިޔާރުކުރާ މީހަކާއެކު، ދިރިއުޅުމުގެ ހައްޤު އެކުއްޖަކަށް ލިބިގެންވެއެވެ." މިހެން ބަޔާންވެފައި އޮންނަ ކަމަށާއި، މިމައްސަލައިގައި، ކުއްޖާ އެދޭގޮތާއި، އިޚްތިޔާރުކުރާ ފަރާތް އެސެސްމަންޓް ރިޕޯޓުގައި ބަޔާންކޮށްފައި އޮތުމަކީ ކުއްޖާ އިޚްތިޔާރުކުރި ފަރާތް އެނގެން އޮތް ކުއްޖާގެ ބަސް ކަމަށްވާތީވެ، އެއީ ކުއްޖާގެ ބަސްކަމުގައި ބަލައި، އެބަހުގެ މައްޗަށް ގޮތެއް ނިންމުމަކީ ގާނޫނާ ޚިލާފުކަމެއް ނޫން ކަމަށެވެ.

17އިސްތިއުނާފު ރައްދުވާ އާމިނަތު ނަސީމުގެ ފަރާތުން އިތުރަށް ބުނެފައިވަނީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނު) ގެ 8 ވަނަ މާއްދާގައި "..ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެކުއްޖާގެ މަސްލަހަތު ޙިމާޔަތްކުރުމަށް" ކަމަށާއި، "ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސް ގޮތެއް ނިންމަންވާނީ، އެކުއްޖަކު ހުރި ހާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރުމަށްފަހު" ކަމަށެވެ. އަދި ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު)ގެ 40 ވަނަ މާއްދާގެ (ބ) ގައި ކުއްޖާގެ ހަޟާނާތު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޝަރީއަތުން އެންމެ އިސްކަމެއް ދޭންޖެހޭނީ ކުއްޖާއަށް އެންމެ ފައިދާހުރި އެންމެ މަސްލަހަތު ހުރި ގޮތެއްގެ މައްޗަށްކަމަށް ބަޔާންވެފައިވާ ކަމަށެވެ. އެގޮތުން މިމައްސަލައަށް ބަލާއިރު އެސެސްމަންޓް ރިޕޯޓުގައި ކުއްޖާގެ ވަށައިގެންވާ ކަންކަމާއި ކުއްޖާގެ ބަސް އެނގެންއޮންނަ ކަމަށާއި، އަދި، ކުއްޖާގެ މަންމަ އާއި ކުއްޖާގެ ހަޟާނާތު ހަވާލުކުރެވުނީ، ކުއްޖާއާއިމެދު އިސްތިއުނާފު ކުރާފަރާތުން އިހުމާލުވެފައިވާކަމަށްބުނެ ކުއްޖާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވަގުތެއްގައިކަން އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ އިއުތިރާފުންވެސް އެނގޭ ކަމަށާއި، އެހެން ކަމުން، ކުއްޖާގެ މަންމަ އާއި ހަޟާނާތު ހަވާލުކުރެވިފައިވަނީ ކުއްޖާއަށް އެވަގުތު އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ދަރިފުޅުގެ ހަޟާނާތު މަންމައަށް ލިބިދިނުން ކަމުގައިވާތީ ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި އިޖުރާއީ އައިބުތަކާމެދު

18HN1މި މައްސަލަ އިސްތިއުނާފުކުރުމަށް ކުއްޖާގެ މާމަގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، އެ ދެ ނުކުތާއަކީވެސް ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އިޖުރާއަތުގައި ހުރި އައިބުތަކެއްގެ މައްޗަށް ބިނާވެފައިވާ ދެނުކުތާކަން އެނގެއެވެ. އިޖުރާއީ އައިބެއްގެ ސަބަބުން މުޅި މައްސަލަ ފާސިދުވެގެންދާނީ އެ އިޖުރާއީ އައިބަކީ ނުވަތަ އުނިކަމަކީ ފޫވައްޓަނިވި ސީރިއަސް އައިބެއް ނުވަތަ އުނިކަމެއް ކަމަށް ވާނަމައެވެ. އަދި އެއީ ސީރިއަސް އައިބެއް ނުވަތަ އުނިކަމެއް ކަމަށްވީ ނަމަވެސް އެ އިޖުރާއީ އައިބަކީ ނުވަތަ އުނިކަމަކީ ރަނގަޅުކުރެވިދާނެ ނުވަތަ ރަނގަޅުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމެއް ކަމަށްވާނަމަ، އެކަމެއް ރަނގަޅުކުރަން ކޯޓުން އަންގާނީއެވެ. ނުވަތަ އެކަމަކީ ކޯޓުން ރަނގަޅުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމެއްނަމަ، އެކަމެއް ރަނގަޅުކޮށްގެން ކޯޓުން އެ މައްސަލައެއް ކުރިއަށް ގެންދާނީއެވެ.

ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ އެސެސްމަންޓް ރިޕޯޓު

19އިސްތިއުނާފުކުރާ ކުއްޖާގެ މާމަގެ ފަރާތުން ބުނެފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ރިއާޔަތްކުރި ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރުމުގައި، ރިޕޯޓު ތައްޔާރު ކުރި ފަރާތުން އަމަލުކޮށްފައިވާގޮތާއި މެދު އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި ސުވާލު އުފެއްދި ކަމަށާއި، ނަމަވެސް، އެ ރިޕޯޓާއި މެދު ވާހަކަ ދައްކާ އޭގައި ހުރި ކަންކަން ކަށަވަރުކުރުމުގެ ފުރުސަތު އަދި އެފަރާތުން ސުވާލު އުފެއްދި ކަންކަމާއި ގުޅިގެން މައްސަލައިގެ ޚަސްމުން ކުރަން ބޭނުން ސުވާލު ކުރުމުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށެވެ.

20HN2މި މައްސަލައިގައި ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ހިންގާފައިވާ ގޮތަށް ބަލާއިރު، ކުއްޖާގެ ހާލަތާމެދު ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ހަދާފައިވާ އެސެސްމަންޓް ރިޕޯޓު އެ ދެ މަރުހަލާގެ ޝަރިއަތުގައި މައްސަލައިގެ ޚަސްމުންނާ ކޯޓުން ޙިއްސާކޮށް އެ ރިޕޯޓާމެދު ވާހަކަދެއްކުމުގެ ފުރުސަތު ދީފައިނެތްކަން މައްސަލައިގެ ލިޔެކިއުންތަކުން އެނގެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު މުޙައްމަދު ވ. މުޙައްމަދު ޢަބްދުﷲ ގަޒިއްޔާގެ 60 ވަނަ ޕެރެގްރާފުގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ ފަދައިން މަދަނީ އަދި އާއިލީ މައްސަލަތަކުގައި ޚަސްމުންގެ ފަރާތުން ކޯޓަށް ހުށަހަޅާ ރިޕޯޓުތަކާއި، ކޯޓުގެ ބޭނުމަށް އެކިއެކި ފަރާތްތަކުން ތައްޔާރުކުރާ ރިޕޯޓުތައް ޝަރިއަތުގެ ފަރާތުން ޚަސްމުންނާ ހިއްސާކޮށް އެ ރިޕޯޓުގައިވާ ކަންކަމާގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތުދޭންވާނެއެވެ. އެފަދަ ފުރުސަތެއް ނުދީ އެފަދަ ރިޕޯޓުތަކުގެ މައްޗަށް ބުރަވެ މައްސަލަ ނިންމުމަކީ ސައްހަގޮތެއް ނޫނެވެ. އިސްތިއުނާފުކުރެވޭ މި މައްސަލައިގައި ފަނޑިޔާރުން އެ މައްޗަށް ބުރަވި ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ އެސެސްމަންޓް ރިޕޯޓު ޝަރިއަތުގެ ފަރާތުން ޚަސްމުންނާ ހިއްސާކޮށް އެ ރިޕޯޓާބެހޭ ގޮތުން ޝަރިއަތުގެ މަޖިލީހުގައި ވާހަކަދެއްކުމުގެ ފުރުސަތު ދީފައިނުވާތީވެ، ކޯޓުން ގޮތެއް ނިންމުމުގައި އެ ރިޕޯޓުގެ މައްޗަށް ކޯޓުން ބުރަދަންދެވިދާނެ ކަމަށް ނުދެކެމެވެ. ވީމާ މި ރިޕޯޓު ޚަސްމުންނާ ހިއްސާކޮށް އެ ރިޕޯޓާމެދު ޝަރިއަތުގައި ވާހަކަދައްކަން ފުރުސަތު ދިނުމަކީ ލާޒިމުކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-S-A/26 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައި އޮތީ ރަނގަޅަކަށް ނޫނެވެ.

މައްސަލަ ނިންމުމުގައި ޝަރީއަތުން ކުއްޖާގެ ބަހެއް ހޯދާފައި ނެތުން

21އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މައްސަލަ ނިންމުމުގައި ޝަރީއަތުން ކުއްޖާގެ ބަހެއް ހޯދާފައި ނުވާ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ކުއްޖާގެ މަންމަގެ ފަރާތުން ބުނެފައިވަނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު)ގެ 44 ވަނަ މާއްދާގެ (ށ) ގައި "..ހަޟާނާތުގެ އުމުރު ހަމަވުމުން ކޯޓުން އެހެން ގޮތަކަށް އަމުރުނުކުރާނަމަ، އެކުއްޖެއްގެ މައިންބަފައިން ކުރެ އެކުއްޖަކު އިހްތިޔާރުކުރާ މީހަކާއެކު، ދިރިއުޅުމުގެ ހައްޤު އެކުއްޖަކަށް ލިބިގެންވެއެވެ." މިހެން ބަޔާންވެފައި އޮންނަ ކަމަށާއި، މިމައްސަލައިގައި، ކުއްޖާ އެދޭގޮތާއި، އިޚްތިޔާރުކުރާ ފަރާތް އެސެސްމަންޓް ރިޕޯޓުގައި ބަޔާންކޮށްފައި އޮތުމަކީ ކުއްޖާ އިޚްތިޔާރުކުރި ފަރާތް އެނގެން އޮތް ކުއްޖާގެ ބަސް ކަމަށްވާތީވެ، އެއީ ކުއްޖާގެ ބަސްކަމުގައި ބަލައި، އެބަހުގެ މައްޗަށް ގޮތެއް ނިންމުމަކީ ގާނޫނާ ޚިލާފުކަމެއް ނޫން ކަމަށެވެ.

22އާއިލާއާބެހޭ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ހަޟާނާތު ހަވާލުކުރެވޭ މީހާއަށް ކުއްޖާގެ ހަޟާނާތު އޮންނާނީ އެކުއްޖެއްގެ އުމުރުން ހިޖުރީގޮތުން ހަތް އަހަރު ފުރެންދެން ކަމަށެވެ. ނަމަވެސް ހަޟާނާތު ހަވާލުކުރެވޭ މީހާ ކޯޓުގައި އެދިއްޖެ ނަމަ، އަންހެންކުއްޖާގެ އުމުރުން ހިޖުރީ ގޮތުން 11 އަހަރު ފުރެންދެން، އަދި ފިރިހެން ކުއްޖާގެ އުމުރުން ހިޖުރީ ގޮތުން 9 އަހަރު ފުރެންދެން ކުއްޖާގެ ހަޟާނާތު އޭނާއާ ހަވާލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ހަޟާނާތުގެ އުމުރު ހަމަވުމުން ކޯޓުން އެހެންގޮތަކަށް އަމުރު ނުކުރާނަމަ، އެކުއްޖެއްގެ މައިންބަފައިން ކުރެ އެކުއްޖަކު އިޚްތިޔާރު ކުރާމީހަކާ އެކު ދިރިއުޅުމުގެ ހައްގު އެކުއްކަޖަށް ލިބިގެންވާ ކަމަށެވެ.

23HN3އެހެންކަމުން ކުޑަކުއްޖެއްގެ މައިންބަފައިން ކުރެ އެކުއްޖަކު އިޚްތިޔާރު ކުރާމީހަކާ އެކު ދިރިއުޅުމުގެ ހައްގު އެކުއްކަޖަށް ލިބިގެންވާތީވެ، އެ މައުލޫމާތު ސާފުކުރަންވާނީ ސީދާ އެކުއްޖާކުރެންނެވެ. އެހެން ފަރާތެއްގެ ގާތުގައި ބުނެފައިވާ ބަހެއް ޝަރިއަތަށް ގަބޫލުކުރެވިދާނެ ކަމަށް ނުފެނެއެވެ. ނަމަވެސް މައްސަލަ ބެލުމުގައި ދަށުކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ހަދާފައިވާ އިޖުރާއީ ގޯހެއް މި މަރުހަލާގައި ރަނގަޅުކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާތީ އާއި، މި ކުއްޖާގެ އުމުރަށް ބަލާއިރު މިކުއްޖާއަށް، މިކުއްޖާގެ މައިންބަފައިން ކުރެ މިކުއްޖާ އިޚްތިޔާރު ކުރާމީހަކާ އެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާތީވެ، ސުޕްރީމް ކޯޓުން ކަނޑައެޅިތަނެއްގައި ބޭއްވުނު ޝަރިއަތުގެ މަޖިލީހެއްގައި މި މައްސަލަ ބެލި ފަނޑިޔާރުން، މިކުއްޖާގެ މައިންބަފައިންކުރެ މިކުއްޖާ ދިރިއުޅެން އިޚްތިޔާރުކުރަނީ ކޮން ފަރާތަކާއެކުގައިތޯ ސުވާލުކުރުމުން، ދިރިއުޅެންބޭނުންވަނީ ތިމަންނަގެ މަންމައާ އެކުގައި ކަމަށް މިކުއްޖާ ބުނެފައިވެއެވެ. އަދި މިކުއްޖާ މިހާރު ކިޔަވަމުންދާ ސްކޫލުގައި ރަނގަޅު ނަތީޖާ ހޯދަމުންދާ ކަމަށާއި، ކިޔެވުމުގެ އިތުރުން ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ކާމިޔާބީ ހޯދަމުން ގެންދާކަމަށް ބުނެފައިވެއެވެ.

24HN4މި ކުއްޖާއާ ފަނޑިޔާރުން ކުރި ސުވާލުތަކުން އެނގުނީ މި ކުއްޖާއަކީ ވަރަށް ތޫނުފިލި ވިސްނުންތޫނު ކުއްޖެއް ކަމަށާއި އެކުއްޖާ އެކުއްޖާގެ މަންމައާ އެކު ދިރިއުޅެމުން ގެންދަނީ އުފާވެރިކަމާއެކުގައި ކަމެވެ. އެކުއްޖާ މިހާރު އެހެރީ ކުއްޖާ ހެދު ބޮޑުވުމުގެ ވަރަށް މުހިންމު ސްޓޭޖެއްގައެވެ. އެކުއްޖާގެ ރައްޓެހި ކުދިން ގޭދޮށުގައާއި ސްކޫލްގައި އެބަތިއްބެވެ. އެ ކުއްޖާ ހުރީ އެ މާހައުލުގައި އުފާވެރިކަމާއެކުގައެވެ. އެކުއްޖާގެ ކިޔެވުމުގެ މާއްދާތަކުގެ ޓެސްޓުތަކުން ރަނގަޅު ނަތީޖާ ހޯދައެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެއެވެ. ކުއްޖާގެ ހަޟާނާތު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޝަރީއަތުން އެންމެ އިސްކަމެއް ދޭންޖެހޭނީ ކުއްޖާއަށް އެންމެ ފައިދާހުރި އެންމެ މަސްލަހަތު ހުރި ގޮތެއްގެ މައްޗަށެވެ.

މައްސަލަ ނިންމަން ފެންނަގޮތް

25HN5ސުޕްރީމް ކޯޓުން ކުއްޖާގެ ބަސް ހޯދާފައި އޮތުމުން، ކުއްޖާއާ ގުޅޭ އެސެސްމެންޓް ރިޕޯޓާ ގުޅިގެން ވާހަކަ ދެއްކުމަށް ދެފަރާތަށް ފުރުސަތު ލިބިފައިނެތުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ބާތިލުކުރެވޭވަރުގެ އިޖުރާއީ އައިބެއް ނޫނެވެ. ކުއްޖާގެ ބަސް ހޯދުމުގެ އިޖުރާއަތު މި މަރުހަލާގައި ފުރިހަމަކޮށްފައި އޮތުމުން، މި މައްސަލައިގައި ގޮތެއް ކަނޑައެޅިދާނެކަމަށް ދެކެމެވެ.

26ވުމާއެކު، ހައިކޯޓުން ކުއްޖާ އޭނާގެ މަންމައާ ހަވާލުކުރުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ކުއްޖާގެ ބަހުން އެނގޭކަށްނެތެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

27މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

28މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 186/Q10C/2020 ގަޒިއްޔާގެ ހުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-S-A/26 ގަޒިއްޔާގައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އަދި (ށ)
  • އަޙްމަދު މުޙައްމަދު ވ. މުޙައްމަދު ޢަބްދުﷲ (ސުޕްރީމް ކޯޓު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ