ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 03 · 2022/SC-A/04ސުޕްރީމް ކޯޓު · 2 ފެބުރުއަރީ 2023

ޢަލީ އިބްރާހީމްގެ ވ. ޢަލީ އަޙްމަދު

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 ފެބުރުއަރީ 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޢަލީ އިބްރާހީމް ވ. ޢަލީ އަޙްމަދު

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/389 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދަފްތަރު ނަންބަރު ރސ. 3072، މާލެ، ޢަލީ އިބްރާހީމް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޢަލީ އިބްރާހީމް"( ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/04 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ދަފްތަރު ނަންބަރ 3340، މާލެ، ޢަލީ އަޙްމަދު (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢަލީ އަޙްމަދު") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

ޢަލީ އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު P3120B-01 10-T "އަލްފަލާޙް" ނަމަކަށް ކިޔާ ފައިބަރގްލާސް މަސްދޯނި (މީގެ ފަހުން "މަސްދޯނި") ޢަލީ ޢަހްމަދަށް ވިއްކުމަށް ޢަލީ އިބްރާހީމް އާއި ޢަލީ ޢަހްމަދު 15 އޮގަސްޓް 2012 ގެ ތާރީޚުގައި އެއްބަސްވުމެއް ވިއެވެ.

އެހެންނަމަވެސް، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަސްދޯނީގެ އަގު ޢަލީ އަޙްމަދު އަދާކޮށްފައި ނުވާކަމުގައާއި، މަސްދޯނީގެ އަގު އަދާކުރުމުގައި އެއްބަސްވުމާ ތަކުރާރުކޮށް ޢަލީ އަޙްމަދު ޚިލާފުވެފައިވާ ކަމަށް ބުނެ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން އެ ދޯނި ޢަލީ އަޙްމަދުގެ ކިބައިން އަތުލުމަށް އެދި ޢަލީ އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓުގައި ޢަލީ އަޙްމަދުގެ މައްޗަށް ދަޢުވާކުރިއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2163/Cv-C/2017 ޤަޟިއްޔާ

ސިވިލް ކޯޓުގެ ނަންބަރު 2163/Cv-C/2017 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން އެ ދޯނި ޢަލީ އިބްރާހީމަށް ލިބިދޭންޖެހޭ ކަމުގައި ކަނޑައަޅައި، އެ ފަރާތަށް ދޯނި ލިބިދިނުމުގެ ގޮތުން 14 އޮކްޓޫބަރު 2018 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދޯނި ޙަވާލުކުރުމަށް ޢަލީ އަޙްމަދަށް އަންގައެވެ. އަދި ދޯނީގެ އިންޖީނަށާއި، ނެވިގޭޝަން ސިސްޓަމަށާއި، މަސްވެރިކަމަށް ބޭނުންކުރާ ހިފާގެންގުޅޭ (އުފުލޭ) ސާމަނަށް ދަޢުވާލިބޭ ފަރާތުން ޚަރަދުކޮށްފައިވާނަމަ، އެ ޚަރަދެއް ހޯދުމަށް އެދި ދަޢުވާކުރުމުގެ ޙައްޤު ޢަލީ އަޙްމަދަށް ލިބިގެންވާ ކަމުގައިވެސް އެ ޤަޟިއްޔާއިން ކަނޑައެޅިއެވެ.

ސިވިލް ކޯޓުން އިސްވެ ބަޔާންކުރި ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

ދެ ފަރާތުގެ މެދުގައި ވިއްކުމަށް އެއްބަސްވެފައިވާ "އަލްފަލާޙް" ދޯންޏަކީ ޢަލީ އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްކަން މި އުޅަނދަށް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ "ކަނޑުގެ އުޅަނދުގެ ރަޖިސްޓްރީ" އަށް ބެލުމުން އެނގެން އޮތުން.

ޢަލީ އަޙްމަދުގެ ފަރާތުން އެއްބަސްވުމުގައި ވާގޮތަށް މަސްދޯނީގެ އަގު އަދާކުރަމުން ނުދާކަމާއި، ޢަލީ އަޙްމަދުގެ ފަރާތުން ޢަލީ އިބްރާހީމަށް އަދާކޮށްފައިވަނީ ޢަލީ އިބްރާހީމް ބަޔާން ކޮށްފައިވާ ފަދައިން 2,250,000/-ރ. (ދެމިލިއަން ދެލައްކަ ފަންސާސްހާސް ރުފިޔާ) ކަން ޢަލީ އަޙްމަދުގެ ބަހުންނާއި މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ "ފައިބަރު މަސްދޯނީގެ ފައިސާ ލިބުނުގޮތުގެ ތަފްސީލް" ބަޔާންކުރާ ލިޔުމަށް ބެލުމުން އެނގެން އޮތުން.

ޢަލީ އަޙްމަދުގެ ފަރާތުން ޢަލީ އިބްރާހީމަށް 2,250,000/-ރ. (ދެމިލިއަން ދެލައްކަ ފަންސާސްހާސް ރުފިޔާ) ދައްކަންޖެހި ނުދައްކައިވާކަން.

ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފައިސާ ޢަލީ އަޙްމަދުގެ ފަރާތުން އަދާކޮށްފައި ނުވާކަން އެނގެން އޮތުމުން، މި ހާލަތުގައި ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން، އެ އެއްބަސްވުން ކުލީގެ އެއްބަސްވުމަކަށް ބަދަލުވެގެންދާކަން އެނގެން އޮތުމުން، ޢަލީ އިބްރާހީމްގެ ފަރާތުން އެދިފައިވާ ފަދައިން އެ ދޯނި ޝަރީޢަތުގެ ފަރާތުން ޢަލީ އިބްރާހީމަށް ނަގައިދޭންޖެހޭކަން.

ޢަލީ އަޙްމަދުގެ ބެލުމުގެ ދަށުގައި މަސްދޯނި އޮންނައިރު، މަސްވެރިކަމުގައި ބޭނުންކުރާ ދޯންޏެއްގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް ޢަލީ އަޙްމަދުގެ ފަރާތުން ދޯންޏަށް ކުރާ ޚަރަދާއި ޢަލީ އަޙްމަދުގެ ބެލުމުގެ ދަށުގައި ދޯނި އޮންނައިރު ލިބޭ ގެއްލުންތައް މަރާމާތު ކުރުމުގެ ގޮތުން ކުރާ ޚަރަދަކީ އެ ޚަރަދުގެ ބަދަލު ޢަލީ އަޙްމަދަށް ލިބިދޭންޖެހޭފަދަ ޚަރަދެއް ނޫންކަން އެއްބަސްވުމުގެ 3 ވަނަ މާއްދާއަށާއި، މި ބާވަތުގެ އުޅަނދު ކުއްޔަށް ހިފައިގެން މަންފާ ހޯދުމުގައި ދިވެހިރާއްޖޭގައި ޢާންމުވެގެންވާ ޢުރުފަށް ރިޢާޔަތް ކުރުމުން އެނގެން އޮތްނަމަވެސް، ދޯނީގެ އިންޖީނާއި، ނެވިގޭޝަން ސިސްޓަމާއި، މަސްވެރިކަމަށް ބޭނުންކުރާ ހިފާގެންގުޅޭ (އުފުލޭ) ސާމާނަކީ އިސްތިސްނާވެގެންވާ ޚަރުދުތައް ކަމުގައިވެފައި، މި ޚަރަދު ލިބިގަތުމަށް އެދި ޢަލީ އަޙްމަދުގެ ފަރާތުން އައު ދަޢުވާއެއް ކުރުމާމެދު ޢަލީ އިބްރާހީމްގެ ފަރާތުންވެސް އިންކާރު ކޮށްފައި ނުވާތީ، ޢަލީ އަޙްމަދުގެ ފަރާތުން އެފަދަ ޚަރަދެއް ކޮށްފައިވާނަމަ، އެ ޚަރަދެއް ހޯދުމަށް އެދި ދަޢުވާ ކުރުމުގެ ޙައްޤު ޢަލީ އަޙްމަދަށް ލިބިގެންވާކަން.

މަސްދޯނި ތިންވަނަ ފަރާތަކަށް ވިއްކައިގެން ޢަލީ އިބްރާހީމްއަށް 3,000,000/-ރ. (ތިން މިލިއަން ރުފިޔާ) ދީ، އެ މަސްދޯންޏާއި ގުޅިގެން އުފެދިފައިވާ އެންމެހާ ޙައްޤުތައް ދޫކޮށްލުމަށް ޢަލީ އިބްރާހީމް 23 އޮގަސްޓް 2017 ގައި އެއްބަސްވެފައިވާތީ، މި ދަޢުވާ ޢަލީ އިބްރާހީމްއަށް ނުކުރެވޭނެ ކަމުގައި ޢަލީ އަޙްމަދުގެ ފަރާތުން ބުނާ ނަމަވެސް، ޢަލީ އަޙްމަދު ޝަރީޢަތަށް ހުށަހެޅި "ރަޖިސްޓްރީ ނަންބަރު P3120B-01 (10-T) (އަލް-ފަލާޙް) ދޯންޏާއި ގުޅޭ އެންމެހާ ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުން" (މީގެ ފަހުން "ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުން") އަކީ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، މައްސަލަ ޑިސްޕިއުޓް ރެސޮލިއުޝަން މަރުހަލާގައި ކުރިއަށް ދިޔައިރު ޝަރީޢަތުން ބޭރުން ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއް ކަމުގައިވެފައި، ޑިސްޕިއުޓް ރެސޮލިއުޝަން މަރުހަލާއިން ޝަރީޢަތުގެ މަރުހަލާއަށް މައްސަލަ ފޮނުވާފައިވަނީ ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމާއެކުވެސް އުފެދިފައިވާ ހުސޫމާތަށް ހައްލެއް ލިބިފައި ނުވާތީ ކަމުގައި ވުމުންނާއި، ސުލްހަވެރި ހައްލަކަށް ދިއުމަށް ވެވުނު އެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ޗެކަށް ފައިސާ ދީފައިވާކަން ޢަލީ އަޙްމަދުގެ ބަހުން އެނގެން ނެތުމުން، އެ އެއްބަސްވުމަކީ ޝަރީޢަތުން ދަޢުވާ ބަލައި ފައިސަލާކުރުމަށް ޤާނޫނީ އަދި ޝަރުޢީ ގޮތުން ހުރަހެއް ކުރިމަތިކުރާ އެއްބަސްވުމެއް ނޫންކަން.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 2163/Cv-C/2017 ޤަޟިއްޔާގެ ނިންމުން ޢަލީ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު2019/HC-A/389 ޤަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ބަޔާންކުރާ ކަންކަމުގެ އަލީގައި އެ މައްސަލަ އަލުން ބަލައި ފައިސަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.ޢަލީ އިބްރާހީމް އާއި ޢަލީ އަޙްމަދު އާއި "އަލްފަލާޙް" ގަންނަންއެދޭ ސ.މަރަދޫ ލިވަޕޫލް މުޙައްމަދު އަސްލަމްއާ މި ތިން ފަރާތް ބައިވެރިވެ 23 އޮގަސްޓް 2017 ގައި ވެފައިވާ "ރަޖިސްޓްރީ ނަންބަރު P3120B-01 (10-T) (އަލް-ފަލާޙް) ދޯންޏާއި ގުޅޭ އެންމެހާ ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުން" އަކީ ވިޔަފާރީގެ ހަމައިން ބަލާއިރު ޤާނޫނީ ގޮތުން ބުރަދަނެއް ދެވެންނެތް އެއްބަސްވުމެއް ކަމަށް ދެކޭނަމަ އެކަން ބަލައި ދަށު ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭކަން.

ޢަލީ އަޙްމަދުގެ ފަރާތުން އަލްފަލާޙް ދޯންޏަށް ޚަރަދުތަކެއް ކޮށްފައިވާކަން އެނގޭކަމާއި، އެގޮތުން ދޯނީގައި އިންޖީނުއަޅައި، ދޯނި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވަނީ މޮރިޝަސް ކޮމަރޝަލް ބޭންކުން ޢަލީ އަޙްމަދުގެ އެހެން ދޯންޏެއް ރަހުނުކޮށްގެން ނެގި ލޯނަކުން ކަމަށް ބަޔާންކޮށް އެކަން ސާބިތު ކުރުމަށް ހެކި ހުށަހަޅާފައިވާ ކަމާއި، މި މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު ޢަލީ ޢަހްމަދުގެ ފަރާތުން އުޅަނދަށް ޚަރަދު ކޮށްފައިވާކަން ސާބިތު ކުރުމަށްޓަކައި އުޅަނދުގެ ފޮޓޯތަކާއި، ބިލްތައް ހުށަހަޅާފައިވާކަން ހެކިންގެ ލިސްޓަށް ބެލުމުން އެނގެން އޮތް ނަމަވެސް، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އަދި މައްސަލައިގެ ދަށު ކޯޓުގެ ފައިލްގައިވެސް މި ލިޔުންތައް ހިމެނިފައި ނުވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެއިގެ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/389 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޢަލީ އިބްރާހީމްގެ ފަރާތުން މައިގަނޑު 04 (ހަތަރު) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ބާޠިލް ކޮށްފައިވަނީ، ދޭދޭ ފަރާތްތަކުގެ މެދުގައި ކުރެވޭ އެގްރިމެންޓްގެ ދަށުން އުފެދޭ ދެބަސްވުންތަކާއި ޚުޞޫމާތްތަކަށް ޙައްލު ހޯދައިދިނުމުގެ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތް ކުރަންޖެހޭ ޤާޢިދާ އާއި، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކަށް ރިޢާޔަތް ކުރުމެއްނެތި ކަމަށް ބުނެ ހުށަހެޅި ސަބަބު.

ދެވަނަ ސަބަބަކީ، 23 އޯގަސްޓް 2017 ވަނަ ދުވަހު ވެފައިވާ ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަކީ، އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު އަސްލަމް ދޭންޖެހޭ ފައިސާގެ ކަންތައް ހަމަޖައްސާ ނުދެވިގެން އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފައިނުވާ އެއްބަސްވުމެއްކަމާއި، މިފަދަ ކޮންޓްރެކްޓްއަކީ އެއަށް ޢަމަލު ކުރަންޖެހޭ ކޮންޓްރެކްޓެއް ނޫންކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވަނިކޮށް، އެ ކޮންޓްރެކްޓަށް ބުރަދަންދީ ހައިކޯޓުން ޙުކުމަށް ވާސިލުވެފައިވާތީ، ހައިކޯޓުގެ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ތިންވަނަ ސަބަބަކީ، ސިވިލް ކޯޓުން ކުރި ޙުކުމް ބާޠިލްކޮށް އެ މައްސަލަ އަލުން ބެލުމަށް އެ ކޯޓަށް ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ހަތަރުވަނަ ސަބަބަކީ، "އަލްފަލާޙް" ދޯނި އަނބުރާ ޢަލީ އިބްރާހީމްއާ ޙަވާލު ކުރަންޖެހޭ ކަމަށް ކަނޑައެޅޭ ހާލަތުގައި ޢަލީ އަޙްމަދު ދޯންޏަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލް ޝަރީޢަތަށް ސާބިތުކޮށް އެ ޚަރަދުތައް ދެއްކުމާބެހޭގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/389ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ޢަލީ އަޙްމަދުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އަލީ އިބްރާހީމް އަކީ މި މައްސަލައިގައި މައުސޫމް ފަރާތެއް ނޫން ކަމަށާއި، އެ ފަރާތަކީ ދެ ފަރާތުގެ މެދުގައިވާ އެއްބަސްވުން ކުރިއަށް ގެންދިއުން ހުއްޓުވުމަށް ގަދަ ދެއްކި ފަރާތްކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުން ހުއްޓިފައިވަނީ އެކީ އެއްފަހަރާ އެ ފައިސާ ދެއްކެން ނެތިގެން ކަމަށެވެ. އަދި ދެ ފަރާތުގެ މެދުގައިވެފައިވާ އެއްބަސްވުމަށް ވަރަށް ބައިވަރު ފަހަރު ވާހަކަ ދެކެވިގެން ބަދަލުތައް ގެނެސްފައިވާ ކަމަށާއި، ދެފަރާތުން އޭރު ވާހަކަ ދައްކަމުން އައިސްފައިވާގޮތުން އަލީ އިބްރާހީމަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 3,000,000/-ރ. (ތިންމިލިއަން ރުފިޔާ) ނަމަވެސް، އެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ ފައިސާ ދައްކާނެ މުއްދަތެއް ކަނޑަނޭޅި ކަމުން، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ސީޣާގެ މައްޗައް މި ޝަރީއަތް ނުހިންގޭނެ ކަމަށްވެސް ޢަލީ އަޙްމަދުގެ ފަރާތުން ބުނެއެވެ. މީގެ އިތުރުން، ބުނެވެދިޔަ ކަންކަން ސާބިތު ކުރުމަށާއި ޢަލީ އަޙްމަދުގެ ފަރާތުން ދޯންޏަށް ކޮށްފައިވާ ޚަރަދުތައް ސާބިތު ކުރުމަށް ބިލްތަކާއި ފޮޓޯތައް ހުށަހެޅުމުން، ސިވިލް ކޯޓުން އެކަންކަމަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށާއި، ސިވިލް ކޯޓަށް ހުށަހެޅުނު ހެކިން ބަލައިގަތް ނަމަވެސް އެ ފަރާތްތަކުގެ ހެކިބަސް ނެގުމެއްނެތި މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ސިވިލް ކޯޓަށް ތަހްވީލު ކޮށްފައިވަނީ ރަނގަޅަށް ކަމުގައި ދެކޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާތައް

މި އިސްތިއުނާފާ ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ މައިގަނޑު ގޮތެއްގައި އަންނަނިވި ކަންކަމުގެ މައްޗަށެވެ.

23 އޯގަސްޓް 2017 ވަނަ ދުވަހު ވެފައިވާ ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުރަދަންދީ ޙުކުމް ކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން.

"އަލްފަލާޙް" ދޯނި އަނބުރާ ޢަލީ އިބްރާހީމްއާ ޙަވާލު ކުރަންޖެހޭ ކަމަށް ކަނޑައެޅޭ ހާލަތުގައި ޢަލީ އަޙްމަދު ދޯންޏަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލް ޝަރީޢަތަށް ސާބިތުކޮށް އެ ޚަރަދުތައް ދެއްކުމާބެހޭގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން.

ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ބާތިލުކޮށް އެ މައްސަލަ ތަހުވީލު ކުރުމަށް ނިންމާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން.

އެހެންކަމުން، އެ ކަންކަމަށް ވަކިވަކިން ބަލައި، އަހުރެން އެއިން ކޮންމެ ކަމަކާމެދު ދެކޭ ގޮތް ބަޔާން ކުރާނަމެވެ.

ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަށް ބުރަދަން ދިނުން

23 އޮގަސްޓް 2017 ގައި ޢަލީ އިބްރާހީމް އާއި ޢަލީ އަޙްމަދު އާއި މުޙައްމަދު އަސްލަމް ވެފައިވާ ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ކަނޑައެޅުމުގައި، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ޖުމްލަ އަގުގެ ތެރެއިން 2,250,000/-ރ. (ދެމިލިއަން ދެލައްކަ ފަންސާސްހާސް ރުފިޔާ) ޢަލީ އަޙްމަދުގެ ފަރާތުން ޢަލީ އިބްރާހީމް އަށް ރައްދު ކޮށްފައިވާ ކަމަށާއި، އަދި ސިވިލް ކޯޓުން މައްސަލައިގެ ޙުކުމް ކޮށްފައިވަނީ އެ ޙަޤީޤަތްތައް އެހެން ހުރިނަމަވެސް އެއިން ކަމަކަށް ބެލުމެއް ނެތި، ޢަލީ އަޙްމަދު ކޮށްފައިވާ އިންވެސްޓްމަންޓަށް އެއްވެސް ހިމާޔަތެއް ނުލިބޭގޮތަށް ކަމުގައި ޢަލީ އަޙްމަދު ބުނާކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން، މަސްދޯނި ވިއްކުމާގުޅޭ ގޮތުން 2012 ވަނަ އަހަރު ޢަލީ އިބްރާހީމް އާއި ޢަލީ އަޙްމަދު ވެފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމަށް ބަދަލު ގެންނާނެ ގޮތް ބަޔާން ކޮށްފައި ނުވާނަމަވެސް، އެއްބަސްވުމަށް ބަދަލު ގެނައުމަކީ އެއްބަސްވުމުގެ ބައިވެރިންގެ އަމިއްލަ އިޚްތިޔާރުގެ ތެރެއިން ކުރެވިދާނެ ކަމެއްކަމުން، އެއްބަސްވުން ބަދަލު ކުރެވޭނެ ގޮތަކީ ކޮބައިކަން އެއްބަސްވުމުގައި ބަޔާން ކޮށްފައި ނެތް ނަމަވެސް، އެއްބަސްވުމުގެ ބައިވެރިންނަށް އެއްބަސްވުން ބަދަލު ކުރެވިދާނެކަން ހައިކޯޓުން ފާހަގަ ކުރެއެވެ. އަދި، ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަކީ ޢަލީ އިބްރާހީމް އާއި ޢަލީ އަޙްމަދު އާއި މުޙައްމަދު އަސްލަމް ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުން ބިނާވަނީ ޢަލީ އިބްރާހީމް އަށް ޢަލީ އަޙްމަދުގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މައްޗަށް ކަމުގައި ވުމުންނާއި، އެ އެއްބަސްވުމުގައި އެއީ ޤާނޫނީގޮތުން ބަނދެވުމެއް ނެތް، އެ ފަރާތްތަކުގެ މެދުގައި ދެކެވޭ ވާހަކައެއް ކަން ބަޔާން ކޮށްފައި ނެތުމުން، އަދި ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތަށް "ޗެކް ބަލައިގަތް ރަސީދު" ގައި "މަތީގައި ބަޔާން ކޮށްފައިވާ ޗެކް އަޅުގަނޑަށް ލިބިއްޖެ" މިހެން ބަޔާންކޮށް ޢަލީ އިބްރާހީމް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވުމުން، ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަކީ ވިޔަފާރީގެ ހަމައިން ބަލާއިރު ޤާނޫނީގޮތުން ބުރަދަނެއް ދެވެންއޮތް އެއްބަސްވުމެއް ނޫންނަމަ، އެކަން ބަލައި ދަށު ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާން ކޮށްފައިވެއެވެ.

ހައިކޯޓުން ފާހަގަ ކޮށްފައިވާ މި ނުކުތާތަކާއި ގުޅިގެން ޢަލީ އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު އަސްލަމަކީ ޢަލީ އަޙްމަދު ގެނައި ފަރާތެއް ކަމަށާއި، ޢަލީ އިބްރާހީމް އާއި ޢަލީ އަޙްމަދު އާއި މުޙައްމަދު އަސްލަމްއާ މެދު ކުރި މުޢާމަލާތުގެ ދަށުން، މަސްދޯނި މުޙައްމަދު އަސްލަމަށް ވިއްކުމަށް އެއްބަސްވެފައިވަނީ އެކުޖުމްލަ 8,820,000/-ރ. (އަށްމިލިއަން އަށްލައްކަ ވިހިހާސް ރުފިޔާ) އަށް ކަމަށާއި، އެއީ އެއިގެ ތެރެއިން 3,000,000/-ރ. (ތިންމިލިއަން ރުފިޔާ) ޢަލީ އިބްރާހީމަށް، އަދި ޖުމްލަ އަގުގެ ބާކީ ޢަލީ އަޙްމަދަށް ލިބޭ ގޮތަށް ކަމަށެވެ. އަދި މި މުޢާމަލާތް ކުރެވުނީ ޢަލީ އިބްރާހީމްގެ ފަރާތުން މަސްދޯނި ގަތުމަށް 2012 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދު ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މައްސަލަ ކޯޓަށް ހުށަހެޅުމުން، މައްސަލަ ސުލްހަވެރިކޮށް ހައްލު ކުރުމަށްޓަކައި ނަމަވެސް، އެ މުޢާމަލާތުގެ ދަށުން ޢަލީ އިބްރާހީމް އަށް ޗެކު ލިބިފައިވާނަމަވެސް، އެ ޗެކުން ފައިސާ ލިބިފައި ނުވާ ކަމުގައެވެ. އަދި މައްސަލައަށް ސުލްހަވެރި ހައްލެއް ނުލިބުމުން މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގެ ދަށުން ފައިސާ ލިބިފައި ނުވާތީ، އެ އެއްބަސްވުން ވުޖޫދުގައި އޮތުމަކުން މައްސަލައިގެ މައުޟޫއަށް ސިވިލް ކޯޓުން ޙުކުމް ކުރުމުގައި ހުރަހެއް އޮތްކަމަށް ނުފެންނަ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ޢަލީ އަޙްމަދުގެ ފަރާތުން މި ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ 2017 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމަކީ 2012 ވަނަ އަހަރު ކުރި އެއްބަސްވުމަށް ގެނެވުނު އެމެންޑްމަންޓެއް ކަމަށާއި، ޢަލީ އިބްރާހީމްގެ އިސްތިއުނާފީ ނުކުތާ ފަރުމާކޮށްފައިވާ ގޮތުން، އޭނާގެ ފަރާތުން މަސްދޯނި ވިއްކުމުގެ އެއްބަސްވުމަށް ބަދަލެއް ގެނައި ކަމުގައި ގަބޫލުނުކުރާކަން އެނގެން އޮތުމުން، އެއީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމުގައެވެ.

އެހެންކަމުން، ހައިކޯޓުން ބަޔާން ކޮށްފައިވާ ކަންކަމަށާއި ދެފަރާތުން ދައްކާފައިވާ ވާހަކައަށް ބަލައި، ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަކީ 2012 ގައި މަސްދޯނި ވިއްކުމަށް ކުރި އެއްބަސްވުމަށް އުނިއިތުރު ގެނައުމަށް ވެވުނު، ބައިވެރިންގެ މެދުގައި ޤާނޫނީގޮތުން ބަނދެވޭ ގުޅުމެއް އުފެދޭ އެއްބަސްވުމެއް ވުޖޫދުކުރާ އެއްބަސްވުމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އެ އެއްބަސްވުމުން އަންނަނިވި ކަންކަން އެނގެން އޮވެއެވެ.

ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަކީ ސިވިލް ކޯޓުގައި ހިނގަމުންދިޔަ އެކޯޓުގެ ނަންބަރު 2163/Cv-C/2017 ޤަޟިއްޔާ، ކޯޓުން ބޭރުން ހައްލު ކުރުމަށްޓަކައި ވެފައިވާ އެއްބަސްވުމެއްކަން.

އެ އެއްބަސްވުމުގެ ދަށުން، 10 އޮކްޓޯބަރ 2017 އަށް ފައިސާ ނެގޭ ގޮތަށް މުޙައްމަދު އަސްލަމްގެ ފަރާތުން ޢަލީ އިބްރާހީމްއަށް 3,000,000/-ރ. (ތިންމިލިއަން ރުފިޔާ) ދޭންޖެހޭކަން.

ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ފަދައިން ޗެކުތައް ހަވާލު ކުރުމުން ސިވިލް ކޯޓުގެ ނަންބަރު 2163/Cv-C/2017 ޤަޟިއްޔާގެ އަޑުއެހުންތައް 10 އޮކްޓޯބަރ 2017 އާހަމައަށް މަޑުޖައްސާލުން.

ޗެކުތައް ކްލިއަރ ވުމުން (ޗެކުތަކަށް ފައިސާ ލިބުމުން) ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނަގާ، މުޙައްމަދު އަސްލަމުގެ މައްޗަށް އުޅަނދުގެ ރަޖިސްޓަރީ ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.

ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފައިސާ ޢަލީ އަޙްމަދަށާއި ޢަލީ އިބްރާހީމްއަށް ލިބުމުން، މި ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ދޯނީގެ މައްސަލަ ހައްލުވީކަމާއި، މި އުޅަނދާއި އުޅަނދާއި ގުޅިގެން އެއްވެސް ފަރާތަކުން އަނެއް ފަރާތުގެ މައްޗަށް އިތުރު ދަޢުވާއެއް ނުވަތަ ޝަކުވާއެއް ވިޔަސް ނުކުރުމަށް އެއްބަސްވެފައިވާކަން.

ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގައި ބަޔާން ކުރާގޮތަށް ފައިސާ ހަމަޖައްސާ ނުދޭނަމަ، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު ޢަލީ އިބްރާހީމަށާއި ޢަލީ އަޙްމަދަށް ލިބިގެންވާކަން.

ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގައި ހުރި އިސްވެ ބަޔާން ކޮށްފައިވާ ކަންކަމަށް ބެލުމުން، އެ އެއްބަސްވުމަކީ 2012 ވަނަ އަހަރު ޢަލީ އިބްރާހީމް އާއި ޢަލީ އަޙްމަދާ ދެމެދު ވެފައިވާ އެއްބަސްވުމަށް އުނިއިތުރު ގެނައުމުގެ މަޤްސަދުގައި ވެފައިވާ އެއްބަސްވުމެއް ނޫންކަމާއި، އެ އެއްބަސްވުމުގެ މަޤްސަދަކީ ސިވިލް ކޯޓުގެ ނަންބަރު 2163/Cv-C/2017 ޤަޟިއްޔާއިން ޢަލީ އިބްރާހީމް ހުށަހަޅާފައިވާ މައްސަލައަށް ކޯޓުން ބޭރުން ހައްލު ހޯދުން ކަން ސާފުކޮށް އެނގެން އޮވެއެވެ. މިކަމަށް ބާރު ލިބެނީ، ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ނުލިބިއްޖެނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ އިޚްތިޔާރު ލިބިދީފައި އޮތުމުންނެވެ.

އެ އެއްބަސްވުމުގެ ދަށުން ޢަލީ އިބްރާހީމް އަށް ލިބެންޖެހޭ 3,000,000/-ރ. (ތިންމިލިއަން ރުފިޔާ) ގެ ޗެކު އޭނާ އަށް ލިބިފައިވާކަމާމެދު ޢަލީ އިބްރާހީމް އިންކާރު ނުކުރާހިނދު، އެ ޗެކުން ލިބެންވާ ފައިސާ ލިބިފައި ނުވާކަމަށް އޭނާ ބުނެއެވެ. އަދި އެފައިސާ ޢަލީ އިބްރާހީމްއަށް ރައްދު ވެފައިވާކަން ޢަލީ އަޙްމަދަށް ސާބިތުކޮށް ނުދެވެއެވެ.

ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަކީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ތިންވަނަ ފަރާތެއް ޖާމިނުކޮށްގެން ވެފައިވާ އެއްބްސްވުމެއް ކަމުގައިވާއިރު، އެ އެއްބަސްވުމުގައިވާ ފަދައިން މަސްދޯނީގެ މައްޗަށް އޮތް ޙައްޤުތައް ދޫކޮށްލުމަށް ޢަލީ އިބްރާހީމްގެ ފަރާތުން އެއްބަސްވެފައިވަނީ އެއްބަސްވުމުގައިވާ ފައިސާ ލިބުމުންނެވެ. މީގެ މާނައަކީ ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަލީ އިބްރާހީމްއަށް ފައިސާ ލިބުމަކީ އެ އެއްބަސްވުމަށް އޭނާ އަމަލު ކުރުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތެއް ކަމެވެ.

އެހެންކަމުން، ޢަލީ އިބްރާހީމްއަށް އެ ފައިސާ ލިބިފައިނުވާކަމަށް ނުވަތަ ޗެކުތައް ކްލިއަރ ވެފައިނުވާކަމަށް ޢަލީ އިބްރާހީމްގެ ފަރާތުން ބުނަމުންދާއިރު، އެ ފައިސާ ޢަލީ އިބްރާހީމްއަށް ރައްދު ކުރެވިފައިވާކަން ޢަލީ އަޙްމަދުގެ ފަރާތުން ސާބިތު ނުކޮށްދެވޭނަމަ، ޢަލީ އިބްރާހީމްގެ ފަރާތުން ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ނުދެކެމެވެ. އަދި މަސްދޯނީގެ މައްޗަށް އޮތް ޙައްޤުތައް ޢަލީ އިބްރާހީމްގެ ފަރާތުން ދޫކޮށްލީކަމުގައި ބެލުމުގެ ޖާގައެއް އޮތްކަމުގައި ނުދެކެމެވެ.

މީގެ އިތުރުން، ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމަކީ ކޯޓުން ބޭރުން ހައްލު ހޯދުމަށް ވެވުނު އެއްބަސްވުމެއް ކަމުގައިވެފައި، އެއްބަސްވުމުގައިވާ ފަދައިން ޢަލީ އިބްރާހީމް އަށް ފައިސާ ލިބިފައި ނުވުމުން، އޭނާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަކާއި ނުލައި މައްސަލައާއިގެން ކުރިއަށް ގެންދިއުމަށް އޭނާ ނިންމުމުން، އަދި މީގެ ސަބަބުން ކޯޓުގެ ޑިސްޕިއުޓް ރިސޮލިއުޝަން މަރުޙަލާއިން ޝަރީޢަތުގެ މަރުޙަލާއަށް މައްސަލަ ފޮނުވާފައިވުމުން، ޢަލީ އިބްރާހީމްގެ ޢަމަލުން ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމުގައިވެސް ބަލަންޖެހެއެވެ.

ހަމަ އެއާއެކު، އާންމު އުސޫލުން މައްސަލައެއް ސުލްހަވެރިކޮށް ހައްލު ކުރުމަށްޓަކައި ހެޔޮނިޔަތުގައި ކުރާ މުއާމަލާތްތަކަކީ (އަނގަބަހުން އަދި ލިޔުމުން ކަމުގައިވާ ނަމަވެސް) "ވިތައުޓް ޕްރެޖުޑިސް" (without prejudice) މުއާމަލާތްތަކެވެ. މީގެ މާނައަކީ މައްސަލައެއް ހައްލު ކުރުމަށްޓަކައި ހެޔޮނިޔަތުގައި ކުރާ މުއާމަލާތްތަކަކީ އެ މައްސަލަ ހައްލުނުވެގެން މައްސަލައިގެ ޝަރީޢަތް ކުރެވޭހިނދު، އެ މުއާމަލާތްތަކުގެ މައްޗަށް ބަރޯސާވެވޭނެ، ނުވަތަ އެއިގައި ހިމެނޭ ފަރާތަކާ ދެކޮޅަށް ބޭނުން ކުރެވޭނެ މުޢާމަލާތްކަމުގައި ނުވުމެވެ. މިކަން މިގޮތަށް އޮންނަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށާއި އެފަރާތްތައް ތަމްސީލުކުރާ ފަރާތްތަކަށް، މައްސަލަ ހައްލު ކުރުމަށްޓަކައި މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށެވެ. އަދި ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން ދެކެވޭ ވާހަކަތަކަކީ އެއިން ނަތީޖާ ނުނެރެވިއްޖެ ހާލަތެއްގައި އެފަރާތްތަކާ ދެކޮޅަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫންކަމުގެ ޔަގީންކަން ދިނުމުގެ ގޮތުންނެވެ.

އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2163/Cv-C/2017 ޤަޟިއްޔާއިން ހުށަހެޅުނު މައްސަލަ ޑިސްޕިއުޓް ރިސޮލިއުޝަން މަރުޙަލާގައި ހިންގަމުން ދިޔައިރު، އެ ހުސޫމާތަށް ސުލްހަވެރި ޙައްލެއް ގެނައުމުގެ ނިޔަތުގައި ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ނަމަވެސް، އެ މަރުހަލާގައި މައްސަލަ ހައްލުނުވެ ޝަރީޢަތަށް މައްސަލަ ހުށަހެޅުމުން، ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގެ ސަބަބުން 2012 ވަނަ އަހަރު މަސްދޯނި ވިއްކުމަށް ކުރި މުޢާމަލާތަށް ބަދަލެއް އައިސްފައިވަނީ ކަމަށް ނުވަތަ މަސްދޯނީގެ މައްޗަށް އޮތް ޙައްޤުތައް ދޫކޮށްލާފައިވާ ކަމަށް މައްސަލައިގެ ހަސްމަކު ބުނާތީ، ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުން ޝަރީޢަތަށް ބަލައިގަނެ، އުފެދިފައިވާ ހުސޫމާތަށް ގޮތެއް ކަނޑައެޅުމުގައި އެ އެއްބަސްވުމަށް ޤާނޫނީ ހައިސިއްޔަތެއްދީ، އެއަށް ރިއާޔަތް ކުރެވިދާނެކަމަށް އަހުރެން ނުދެކެމެވެ.

މި މައްސަލައިގެ ތެރެއިން ޢަލީ އަޙްމަދު ދޯންޏަށް ކޮށްފައިވާ ޚަރަދުތަކާމެދު ގޮތެއް ކަނޑައެޅުން

ޢަލީ އަޙްމަދުގެ ފަރާތުން ކޮށްފައިވާ ޚަރަދުތައް އެނގޭނެ ފޮޓޯތަކާއި ބިލްތަކާއި ލިޔެކިޔުން ޝަރީޢަތަށް ހުށަހަޅާފައިވަނިކޮށް، އެ ތަކެއްޗަށް ބެލުމެއް ނެތި، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މަސްދޯނި ޢަލީ އިބްރާހީމްއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ އައު ދަޢުވާއެއް ހުށަހަޅާ، އިތުރު އެތަކެއް ޚަރަދުތަކެއް ކޮށްގެން އެ ޚަރަދުތައް ޢަލީ އަހްމަދުގެ ފަރާތުން ހޯދަންޖެހޭ ގޮތަށްކަމަށާއި، މިކަމުގެ ސަބަބުން ޢަލީ އަޙްމަދުގެ ޙައްޤު ޝަރީޢަތުން ގެއްލުވާލާފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފު ކުރި ނުކުތާއާ ގުޅިގެން، އެ ކޯޓުން މައްސަލައިގައި ގޮތް ކަނޑައެޅުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

އަދާލަތުގެ ހަމައިން މިނާއިރު، މަސްދޯނީގެ ރަޖިސްޓަރީ އޮތީ ޢަލީ އިބްރާހީމްގެ ނަންމަތީގައި ނަމަވެސް، އެ މަސްދޯންޏަށް ޢަލީ އަޙްމަދުގެ ފަރާތުން ކޮށްފައިވާ ޚަރަދުތަކުގެ މައްޗަށް ރިއާޔަތް ކުރުމަކާއި ނުލައި މައްސަލަ ނިންމިދާނެ ކަމަށް ގަބޫލު ނުކުރެވޭކަން.

މަސްދޯނީގައި އިންޖީނު އެޅީ ޢަލީ އަޙްމަދުކަމާމެދު ދެބަސްވުމެއް ނެތްކަން.

މަސްދޯނި ގަތްއިރު އެއިގެ އަގަކީ 4,500,000/-ރ. (ހަތަރުމިލިއަން ފަސްލައްކަ ރުފިޔާ) ކަން.

މަސްދޯނި ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވަނީ މޮރިޝަސް ކޮމަރޝަލް ބޭންކުން 1,500,000/-ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ) ލޯނެއް ނަގައިގެންކަން ސާބިތު ކުރުމަށް ހެކި ހުށަހަޅާފައިވާކަން.

މަސްދޯނީގެ އިންޝުއަރަންސް ވެލިއުއަކީ މިހާރު 10,500,000/-ރ. (ދިހަމިލިއަން ފަސްލައްކަ ރުފިޔާ) ކަން.

މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، ޢަލީ އަޙްމަދުގެ ފަރާތުން އުޅަނދަށް ޚަރަދު ކޮށްފައިވާކަން ސާބިތު ކުރުމަށްޓަކައި ފޮޓޯތަކާއި ބިލްތައް ހުށަހަޅާފައިވާ ނަމަވެސް މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި އަދި މައްސަލައިގެ ދަށު ކޯޓު ފައިލްގައި ލިޔުންތައް ހިމަނާފައިނުވާކަން.

އެހެންކަމުން މަސްދޯނި ޢަލީ އިބްރާހީމްއާ ހަވާލު ކުރަން ކަނޑައެޅޭ ހާލަތުގައި ޢަލީ އަޙްމަދުގެ ފަރާތުން މަސްދޯންޏަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ޝަރީޢަތަށް ސާބިތުކޮށް އެ ޚަރަދުތައް ދެއްކުމާބެހޭގޮތުން ގޮތެއް ކަނޑައަޅަންޖެހޭކަން.

ހައިކޯޓުން މިފަދައިން މި ނުކުތާގައި ނިންމާފައިވުމުން، މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޢަލީ އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، 15 އޮގަސްޓް 2012 ގެ ތާރީޚުގައި މަސްދޯނި ވިއްކުމުގެ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތަށް މަސްދޯނީގެ އަގު ދައްކަމުން ނުދާކަމުގައިވަނީނަމަ، އެ އެއްބަސްވުމުގެ 6 ވަނަ މާއްދާ ގައި ދެފަރާތުން އެއްބަސްވެފައިވާ ގޮތުން، މަސްދޯނީގެ އަގުގެ ގޮތުގައި އެހާތަނަށް ދައްކާފައިވާ ފައިސާއަކީ މަސްދޯނި ދުއްވުމުގެ ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާކަމުގައި ބަލައި، ދޯނީގެ ވެރި ފަރާތަށް (ޢަލީ އިބްރާހީމަށް) ދޯނި އަނބުރާ އަތުލުމުގެ އިޚްތިޔާރު ލިބިގެންވާކަމުގައި ސަރީހަކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިޔާއަތް ކުރާއިރު، ބުނެވުނު ފަދައިން އެއްބަސްވެފައި އޮތުމުގެ ނަތީޖާއަކީ މަސްދޯނި ޢަލީ އިބްރާހީމްއަށް ނަގާދިނުމާއި، ޢަލީ އަޙްމަދުގެ ފަރާތުން އެއްބަސްވުމުގެ ދަށުން އެހާތަނަށް ދައްކާފައިވާ ފައިސާއަކީ އެހާތަނަށް ދޯނީގެ ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާކަމަށް ބެލުން ކަމުގައިވާއިރު، އެނޫން ގޮތަކަށް ނިންމުމަކީ ޤާނޫނީގޮތުން ހަމަޖެހޭ ކަމެއް ނޫންކަމުގައެވެ. އަދި ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ ދެފަރާތުން އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް ކަމުގައާއި، ހައިކޯޓުން ގޮތް ކަނޑައެޅިއިރު، މަސްދޯނި ޢަލީ އިބްރާހީމް އަށް ނަގާދޭނަމަ ޢަލީ އަޙްމަދުގެ ފަރާތުން މަސްދޯންޏަށް އެހާތަނަށް ކޮށްފައިވާ ޚަރަދު ނަގާދޭން އެއްބަސްވެފައި ނުވާކަމަށްވެސް ޢަލީ އިބްރާހީމް ބުނެއެވެ.

މީގެ އިތުރުން، މަސްދޯނި ޢަލީ އިބްރާހީމްއާ ހަވާލު ކުރަން ކަނޑައެޅޭ ހާލަތުގައި ޢަލީ އަޙްމަދުގެ ފަރާތުން މަސްދޯންޏަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ޝަރީޢަތަށް ސާބިތުކޮށް އެ ޚަރަދުތައް ދެއްކުމާބެހޭގޮތުން ގޮތެއް ކަނޑައަޅަން ޖެހޭކަމުގައި ހައިކޯޓުން ބަޔާން ކޮށްފައިވާއިރު، އެފަދައިން ކަންކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 24 ވަނަ މާއްދާގެ ތަރަހައިން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައިވެސް ޢަލީ އިބްރާހީމް ބަޔާން ކުރެއެވެ.

މި މައްސަލައަށް ބަލާއިރު، 2012 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސްދޯނީގެ އަގު އަދާކުރުމަށް ޢަލީ އަޙްމަދުގެ ފަރާތުން އެއްބަސްވެފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ވަގުތު 1,000,000/-ރ. (އެއްމިލިއަން ރުފިޔާ) ދެއްކުމަށާއި، މަސްދޯނީގެ އަގުގެ ބާކީ ކަމުގައިވާ 3,500,000/-ރ. (ތިންމިލިއަން ފަސްލައްކަ ރުފިޔާ)، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ކޮންމެ މީލާދީ މަހެއްގެ 1 ވަނަ ދުވަހާއި 10 ވަނަ ދުވަހާއި ދެމެދު، 50,000/-ރ. (ފަންސާސްހާސް ރުފިޔާ) އަށްވުރެ މަދުނޫން އަދަދެއްގެ މަގުން ޢަލީ އިބްރާހީމްއަށް ދެއްކުމަށެވެ. މި ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައި ނުވާކަން ޢަލީ އަޙްމަދުގެ ބަހުން އެނގެއެވެ.

އެހެންނަމަވެސް، އެއްބަސްވުމުގައިވާ ފައިސާ ޢަލީ އަޙްމަދަށް ދެއްކިފައި ނުވަނީ ޢަލީ އިބްރާހީމްގެ ފަރާތުން ގަނޑުކޮށް ފައިސާއަށް އެދިފައިވާތީ ކަމަށް ޢަލީ އަޙްމަދު ބުނެ، އޭނާ އެކަން ސާބިތު ކުރުމުގެ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިންގެ ބަސް ނަގާފައިނުވާތީ، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރިއިރު އެ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް ހައިކޯޓުން މައްސަލައިގެ ގޮތް ކަނޑައެޅުމުގައި އެ ނުކުތާއަށް ގޮތެއް ކަނޑައަޅާފައި ނުވެއެވެ.

އެއްބަސްވުމުގައިވާ ފައިސާ ޢަލީ އަޙްމަދަށް ދެއްކިފައި ނުވަނީ ޢަލީ އިބްރާހީމްގެ ފަރާތުން ގަނޑުކޮށް ފައިސާއަށް އެދިފައިވާތީ ކަމަށް ޢަލީ އަޙްމަދު ބުނާ ބުނުން ސާބިތު ކޮށްދިނުމަށް އޭނާ ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ސިވިލް ކޯޓުން ނަގާފައި ނުވާކަމަށް އޭނާ ބުނާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި، ޢަލީ އަޙްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިންގެ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކަކީ އެ ކަން އެގޮތުގައި އޮތްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ ހެކިން ނޫންކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި އެއްބަސްވުމުގައިވާ ފަދައިން ޢަލީ އިބްރާހީމްގެ ފަރާތުން ފައިސާ ބަލައި ނުގަތުމުގެ ސަބަބުން ޢަލީ އަޙްމަދުގެ ފަރާތުން މައްސަލައެއް ހުށަހަޅާފައި ނުވާކަންވެސް ސިވިލް ކޯޓުގައި އެ ނުކުތާއަށް ގޮތް ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.

ޢަލީ އަޙްމަދުގެ ފަރާތުން މާޗް 2018 ގައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ހެކިންގެ ލިސްޓަށް ބަލާއިރު، އެ ލިސްޓުގެ 2 ވަނަ ނަންބަރުގެ ދަށުން 6 (ހައެއް) ޝަފަހީ ހެކިންގެ ނަން ހުށަހަޅާފައިވެއެވެ. އަދި އެއިން ކޮންމެ ހެއްކަކީ ކޮން ކަމެއް ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހަޅާ ހެކިންކަން ބަޔާން ކޮށްފައި އޮވެއެވެ. ހެކިންގެ ނަން ހުށަހަޅާފައިވަނީ ކޮން ކަމެއް ނުވަތަ ކަންތައްތަކެއް ސާބިތު ކުރުމަށް ކަމުގެ މައްޗަށް ބަލާއިރު، އެ ހެކިންނަކީ ޢަލީ އަޙްމަދުގެ ފަރާތުން މަސްދޯންޏަށް ވަރަށް ބޮޑު ޚަރަދެއް ކޮށްފައިވާކަން ސާބިތު ކުރުމަށްޓަކައި ހުށަހަޅާފައިވާ ދެ ހެކިންނާއި، ޢަލީ އަޙްމަދު މަސްދޯންޏަށް ޚަރަދުކޮށް އެ އުޅަނދު ރަނގަޅު ފެންވަރަކަށް ހެދިކަމަށް ސާބިތު ކުރުމަށްޓަކައި ހުށަހަޅާފައިވާ ހަތަރު ހެކިންކަން އެނގެން އޮވެއެވެ.

ޝަރީޢަތަށް ހުށަހަޅާ ހެކިން ހާޟިރު ކުރަނީ ސާބިތު ކުރަން އެދޭ ކަންކަމާ ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބަލާފައި ކަމުގައިވާއިރު، ޢަލީ އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަކީ އޭނާ ބަޔާން ކޮށްފައިވާ ފަދައިން، އެއްބަސްވުމުގެ ދަށުން ޢަލީ އިބްރާހީމް ދައްކަންޖެހޭ ފައިސާ ޢަލީ އިބްރާހީމްގެ ފަރާތުން ގަނޑުކޮށް ލިބިދިނުމަށް އެދިފައިވާތީކަން ސާބިތު ކުރަން ހުށަހަޅާފައިވާ ހެކިން ނޫންކަން ސާފުކޮށް އެނގެން އެބައޮތެވެ.

އެހެންކަމުން، މި މައްސަލައިގައި 2012 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދު ފައިސާ ދައްކާފައި ނުވަނީ އޭނާ ބުނާ ފަދައިން ޢަލީ އިބްރާހީމްގެ ފަރާތުން ގަނޑުކޮށް ފައިސާއަށް އެދިފައިވާތީ ކަމަށް ބެލުމުގެ ޖާގައެއް ނެތެވެ. މީގެ ނަތީޖާއަކީ އެ އެއްބަސްވުމުގައިވާ ފަދައިން ދައްކަންޖެހޭ ފައިސާ ޢަލީ އަޙްމަދުގެ ފަރާތުން ދައްކާފައި ނުވުމެވެ. އަދި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ އެއްބަސްވުމާއި ޚިލާފު ވެފައިވަނީ ޢަލީ އަޙްމަދު ކަމުގައި ބަލަންޖެހެއެވެ. ޢަލީ އިބްރާހީމްގެ ފަރާތުން އެއްބަސްވުމާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައިވާކަން އެނގެން ނެތެވެ.

އެހެންކަމުން، މަސްދޯނި އޮތީ ޢަލީ އަޙްމަދުގެ ކިބައިގައި ކަމުގައިވުމުން، އެ މަސްދޯނި އަނބުރާ ޢަލީ އިބްރާހީމްއާ ހަވާލު ކުރާނަމަ، މަސްދޯންޏަކީ ޒަމާނީ މަސްދޯންޏަކަށް ހެދުމުގެ ގޮތުން ޢަލީ އަޙްމަދުގެ ފަރާތުން ޚަރަދުތަކެއް ކޮށްފައިވާނަމަ، އެ ޚަރަދުތައް ނަގާދޭންޖެހޭނެ ކަމާމެދު ގޮތް ކަނޑައެޅުމުގައި ހައިކޯޓުން ބަޔާން ކޮށްފައިވާ ފަދައިން އަދާލާތުގެ ހަމަތައް ބޭނުން ކުރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ. އެއީ، އަދާލާތުގެ ހަމަތައް ނުވަތަ އިކުއިޓީގެ އުސޫލުތަކަށް ބަލާއިރު، އެ އުސޫލުތައް ތަތުބީޤުކުރެވޭނީ ސާފު އަތަކާއެކު ހައްލު ހޯދުން އެދި މީހަކު ކޯޓުގެ ކުރިމައްޗަށް އަންނަ ހާލަތުގައެވެ. މީގެ މާނައަކީ، ދަޢުވާއާ ގުޅިގެން ހެޔޮ ނިޔަތެއް ނެތި ޢަމަލު ކޮށްފައިވާ ފަރާތަށް ކޯޓުން އަދާލާތުގެ ހައްލެއް ލިބިނުދެވޭނެކަމެވެ. މި މައްސަލައިގައި އަދާލަތުގެ ހައްލު ލިބިދީފައިވަނީ މައްސަލަ ރައްދުވާ ފަރާތަށް ކަމުގައި ވުމުގެ އިތުރުން، އެ ހައްލުގެ މަންފާ ލިބެނީ މައްސަލައިގައި ހިމެނޭ އެއްބަސްވުމާއި ޚިލާފުވި ފަރާތަށެވެ. މިއީ އަދާލާތުގެ ނާޅިން މިނައިގެން ހައްލެއް ލިބިދެވޭނެ ހާލަތެއް ނޫނެވެ.

މީގެ އިތުރުން، ޢަލީ އަޙްމަދުގެ ފަރާތުން މަސްދޯނި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކޮށްފައިވާ ޚަރަދު ހޯދުމަށް ދައުވާއެއް ކޮށްފައިވާކަން އެނގެން ނެތެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ މައްސަލައަކާ ގުޅިގެން ރައްދު ދަޢުވާ ހުށަހެޅުމުގެ ފުރުސަތު އޮންނަހިނދު، މި މައްސަލަ 2017 ގައި ސިވިލް ކޯޓަށް ހުށަހެޅުނުއިރު މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުގައި ނެތުމުން، އެއިރު އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ބަލާއިރު ދަޢުވާގެ ތެރެއިން ރައްދު ދަޢުވާ ބަލައިގަތުމަކީ އާންމު އުސޫލުން ކޮށްއުޅުނު ކަމެއް ނޫނެވެ. އެހެންކަމުން، މަސްދޯނި ތަރައްޤީ ކުރުމަށް ކޮށްފައިވާ ޚަރަދު ވަކި މައްސަލައެއް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެންގުމަކީ ސިވިލް ކޯޓުން ޤާނޫނާއި ތައާރުޒުވާ ފަދައަކުން ކޮށްފައިވާ ކަމެއް ކަމުގައި ބެލެވެން އޮތް ކަމުގައި ނުދެކެމެވެ.

ޢަލީ އަޙްމަދުގެ ކިބައިން މަސްދޯނި އަތުލުމަށް އެދި ޢަލީ އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން އެއްބަސްވުމުގައިވާ ފަދައިން ފައިސާ ނުދެއްކުނު ސަބަބެއްގެ ގޮތުގައި ޢަލީ އަޙްމަދު ބަޔާން ކޮށްފައިވާ ކަންކަމަކީ އޭނާގެ ފަރާތުން ސާބިތު ކޮށްދެވޭނެ ގޮތެއް އޮތްކަން އެނގެން ނެތް، ހަމައެކަނި އޭނާ ބުނާ ބުނުމެއް ކަމުގައިވާތީ، ޢަލީ އަޙްމަދުގެ މައްޗަށް ސިވިލް ކޯޓުގައި ހުށަހެޅުނު މައްސަލައާ ގުޅިގެން އަދާލާތުގެ ހަމަތަކުގެ ތެރެއިން އޭނާއަށް ނެގޭނެ ދިފާޢެއް ނެތުމުން، އެ ކޯޓުން ގޮތް ނިންމުމުގައި ޢަލީ އަޙްމަދުގެ ފަރާތުން މަސްދޯނި ތަރައްޤީ ކުރުމަށް ކޮށްފައިވާ ޚަރަދުތަކާމެދު ހުށަހެޅި ކަންކަން ބަލަންޖެހުން ލާޒިމުކުރާ ޤާނޫނީ ހަމައެއް އޮތްކަމުގައި ނުދެކެމެވެ.

މައްސަލަ ތަހުވީލު ކުރުމަށް ނިންމުން

ސިވިލް ކޯޓުން ކުރި ޙުކުމް ބާޠިލްކޮށް އެ މައްސަލަ އަލުން ބެލުމަށް އެ ކޯޓަށް ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށްބުނެ، ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހެޅި ތަފްސީލުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކޮށްފައިވަނީ 2012 ވަނަ އަހަރު ވެފައިވާ އެއްބަސްވުން 2017 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުން ބަދަލު ކޮށްފައިވާ ކަމަށް ދެކިގެންނާއި، ޢަލީ އަޙްމަދުގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވަނީ ޢަލީ އިބްރާހީމް ގަނޑުކޮށް އެފައިސާ ބޭނުންވާ ކަމަށް ބުނާތީ ކަމުގައާއި، މަސްދޯނި ތަރައްޤީ ކުރުމަށް ޢަލީ އަޙްމަދުގެ ފަރާތުން ޚަރަދުތަކެއް ކޮށްފައިވުމުގެ ސަބަބުން، އެ ކަންކަމަށް ބަލައި މައްސަލައިގައި އަލުން ފައިސަލާ ކުރުމަށް އަންގާ ކަމަށް ވާއިރު، މިއިން އެއްވެސް ކަމަކީ ދަށު ކޯޓުން އަލުން ބަލަންޖެހޭގޮތަށް ހުރި ކަންކަން ނޫންކަމުގައި ޢަލީ އިބްރާހީމް ބުނެއެވެ.

މި މައްސަލައަކީ ތަހުވީލު ކުރަންޖެހޭ މައްސަލައެއް ކަމުގައި ޢަލީ އަޙްމަދުގެ ފަރާތުން ބުނަނީ އޭނާގެ ފަރާތުން މަސްދޯނި ތަރައްޤީ ކުރުމަށް ކޮށްފައިވާ ޚަރަދާމެދު ގޮތެއް ނިމެންޖެހޭތީކަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކުން މައްސަލަ ބެލުމުގައި، މައްސަލަ ތަހުވީލު ކުރުމާބެހޭ މައިގަނޑު ޤާނޫނީ އުސޫލު އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ބަޔާން ކޮށްފައިވެއެވެ. މިގޮތުން، މައްސަލަ ބަލާ ހައިކޯޓުގެ ފަނޑިޔާރުންނަށް، ދަށު ކޯޓުގައި ބަލާފައިވާ މައްސަލައެއް ބެލުމަށްޓަކައި އަލުން ދަށު ކޯޓަށް ފޮނުވުމުގެ އިޚްތިޔާރު ލިބިދެނީ، އެ މައްސަލައެއް ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވި، އެ މައްސަލަ އަލުން ބެލުމުގެ މަސްލަޙަތު ބޮޑުކަމުގައި ފެންނަ ޙާލަތުގައެވެ.

ހައިކޯޓުން މައްސަލަ ތަހުވީލު ކުރުމަށް ނިންމާފައިވަނީ 15 އޯގަސްޓް 2012 ގައި ޢަލީ އިބްރާހީމްއާއި ޢަލީ އަޙްމަދު ސޮއިކުރި އެއްބަސްވުމަށް، އެ ފަރާތްތަކާއި މުޙައްމަދު އަސްލަމާއެކު 23 އޯގަސްޓް 2017 ގައި ކުރި އެއްބަސްވުމުން ބަދަލު ގެނެސްފައިވާތީ ކަމުގައި ފެނިގެން، އަދި މަސްދޯނި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ޢަލީ އަޙްމަދުގެ ފަރާތުން ކޮށްފައިވާ ޚަރަދުތަކާ ގުޅޭގޮތުން ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާތީ ކަމުގައިވެފައި، (މި ރައުޔުގެ 12 ވަނަ ޕެރެގްރާފުން 23 ވަނަ ޕްރެގްރާފްގެ ނިޔަލަށް ތަފްސީލުކޮށްފައިވާ ސަބަބުތަކަށްޓަކައި) މަސްދޯނީގެ މައްޗަށް އޮތް ޙައްޤުތައް ދޫކޮށްލުމާއި ގުޅޭގޮތުން 23 އޯގަސްޓް 2017 ގައި ވެފައިވާ އެއްބަސްވުމަކީ ޝަރީޢަތަށް ބަލައިގަނެ، އުފެދިފައިވާ ހުސޫމާތަށް ގޮތެއް ކަނޑައެޅުމުގައި އެ އެއްބަސްވުމަށް ޤާނޫނީ ހައިސިއްޔަތެއްދީ، ރިއާޔަތް ކުރެވިދާނެ އެއްބަސްވުމެއް ކަމަށް ނުވާތީއާއި، (މި ރައުޔުގެ 24 ވަނަ ޕެރެގްރާފުން 35 ވަނަ ޕްރެގްރާފްގެ ނިޔަލަށް ތަފްސީލުކޮށްފައިވާ ސަބަބުތަކަށްޓަކައި) ޢަލީ އިބްރާހީމްގެ ފަރާތުން މަސްދޯނި އަނބުރާ ހޯދުމަށްއެދި ހުށަހެޅި މައްސަލައިގެ ތެރެއިން ޢަލީ އަޙްމަދު މަސްދޯނި ތަރައްޤީ ކުރުމަށް ކޮށްފައިވާ ޚަރަދުތަކާގުޅޭ ކަންކަން ބަލަންޖެހުން ލާޒިމުކުރާ ޤާނޫނީ ހަމައެއް ނެތުމުން، މި މައްސަލައަކީ ހައިކޯޓުން ބަޔާންކޮށްފައިވާ ކަންކަން އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ފޮނުވަންޖެހޭ މައްސަލައެއް ކަމުގައި އަހުރެން ނުދެކެމެވެ.

މި މައްސަލަ ނިންމަން ފެންނަ ގޮތް

އިސްވެ ބަޔާން ކުރެވުނު ސަބަބުތަކަށްޓަކައި، ހައިކޯޓުގެ ނަންބަރު 2019/HC-A/389 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކުރަން ފެނެއެވެ.

އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/389 ޤަޟިއްޔާއިން އެ ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކާމެދު ގޮތް ކަނޑައެޅުމަށް އަލުން މި މައްސަލަ އެ ކޯޓަށް ތަހުވީލު ކުރުމަށް ވިސްނާއިރު، ސުޕްރީމް ކޯޓުގެ ކުރިމަތީގައި މި އޮތް އިސްތިއުނާފާމެދު ގޮތް ކަނޑައެޅުމަށްޓަކައި ބަލަންޖެހުނު ކަންކަމުގެ ތެރެއިން، ހައިކޯޓަށް ހުށަހެޅިފައިހުރި އިސްތިއުނާފީ ނުކުތާތަކުގެ މައުޟޫއަށް މި މައްސަލައިގެ ތެރެއިން ބަސް ބުނަންޖެހި އެ ކަންކަމާމެދު މި ކޯޓުން ގޮތް ކަނޑައަޅާފައިވާތީ އާއި،

މަސްދޯނި ވިއްކުމުގެ މުއާމަލާތަކީ 2012 ވަނަ އަހަރު ކުރެވުނު މުއާމަލާތެއް ކަމުގައިވެފައި، އެ މުއާމަލާތުގެ ދަށުން ލިބެންޖެހޭ ފައިސާ އަދި މިހާތަނަށްވެސް ޢަލީ އިބްރާހީމްއަށް ލިބިފައިނުވާތީ އާއި،

2012 ވަނަ އަހަރު ކުރެވުނު މުއާމަލާތުގެ ދަށުން ޢަލީ އަޙްމަދު އާއި މަސްދޯނި ހަވާލުކުރި ގޮތަށް އަދި އަދަށްވެސް އެ ދޯނި އޮތީ އޭނާގެ ބެލުމުގެ ދަށުގައި، އެއިގެން އޭނާއަށް މަންފާ ލިބޭގޮތަށް ކަމަށްވާތީ،

މި މައްސަލަ ހައިކޯޓަށް ތަހުވީލު ކުރުމުގެ ފައިދާއެއް އަދި މާނައެއް އޮތްކަމުގައި ނުދެކެމެވެ.

ހައިކޯޓުގެ ނަންބަރު 2019/HC-A/389 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރުމުގެ ނަތީޖާއަކީ ސިވިލް ކޯޓުގެ ނަންބަރު ނަންބަރު 2163/Cv-C/2017 ޤަޟިއްޔާގެ ޙުކުމް މިކޯޓުން ދެމެހެއްޓުމެވެ.

މި ކޯޓުން ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓި ނަމަވެސް، ސިވިލް ކޯޓުން މަސްދޯނި ޢަލީ އިބްރާހީމާއި ހަވާލު ކުރުމަށް ޢަލީ އަޙްމަދަށް ދީފައި އޮތް 15 (ފަނަރަ) ދުވަހުގެ މުއްދަތުވަނީ ފަހަނަ އަޅައި ގޮސްފައެވެ. އެހެންކަމުން، މި މައްސަލަ ނިންމާ ދުވަހުން ފެށިގެން މަސްދޯނި ޢަލީ އިބްރާހީމް އާއި ހަވާލު ކުރުމަށްޓަކައި ޢަލީ އަޙްމަދަށް 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދިނުމަށް ފެނެއެވެ.

މި މައްސަލަ މިފަދައިން ނިމުމަކުން، މަސްދޯނި ތަރައްޤީ ކުރުމަށް ކޮށްފައިވާ ޚަރަދުތައް ހޯދުމަށް ޢަލީ އަޙްމަދުގެ ފަރާތުން ދަޢުވާ ކުރުމަށް ހުރަހެއް ނެތެވެ. އަދި އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ޢަލީ އިބްރާހީމްއަށް ގެއްލުމެއް ލިބިފައިވާނަމަ، އޭނާގެ ފަރާތުން އެއިގެ ބަދަލު ހޯދުމަށް ދައުވާ ކުރުމަށްވެސް ހުރަހެއް ނެތެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/389 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 2163/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ދެމެހެއްޓުމާއެކު، ރަޖިސްޓަރީ ނަންބަރު P3120B-01-10-T "އަލްފަލާޙް" ނަމަކަށް ކިޔާ ފައިބަރގްލާސް މަސްދޯނި މިއަދުން (02 ފެބްރުއަރީ 2023) ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޢަލީ އިބްރާހީމްއާ ހަވާލު ކުރުމަށް ޢަލީ އަޙްމަދަށް އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ