ޢަބްދުﷲ ޝަރީފް ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/373، 787/Cv-C/2019
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން (787/Cv-C/2019) ޙިއްޞާ ބަދަލުކުރީ ޢަބްދުﷲ ޝަރީފްގެ ރުހުމުގައިކަން ލިޔެކިޔުމުން ސާބިތުވާތީ އެދުނު ބަދަލު ނަގައިނުދެވޭނެކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުން (2021/HC-A/373) އެ ޙުކުމް ޤާއިމުކޮށް، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާ ޚިލާފަށް ޙިއްޞާ ބަދަލުކުރެވިފައި ނުވާކަމާއި، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނާ ގުޅޭ ނުކުތާގައި ޤާނޫނީ ބަހުސެއް ސާފުނުވާތީ އެއީ ބަލަންޖެހޭ އިސްތިއުނާފީ ނުކުތާއެއް ނޫންކަމަށް ކަނޑައެޅިއެވެ.
- ވާޤިޢާ
- އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގެ %51 ގެ ޙިއްޞާދާރު ޢަބްދުﷲ ޝަރީފްގެ ޙިއްޞާ، 25 މާރިޗު 2014 ގެ ބޯޑު ޤަރާރާ އެއްގޮތަށް އިޓަލީގެ ރައްޔިތެއްކަމަށްވާ ސިމޯން ޕޮގްލިއާނީއަށް ބަދަލުކޮށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި 28 މޭ 2014 ގައި ރަޖިސްޓްރީކުރެވުނެވެ. ޙިއްޞާ ބަދަލުކުރީ އޮޅުވާލައިގެންނާއި 08 އެޕްރީލް 2014 ގެ އިޢުތިރާޟުގެ ސިޓީއާ ޚިލާފަށް އޭނާގެ ނުރުހުމުގައި ކަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި USD 2,117,400.00 އަށް އެދި ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރާ އެއްގޮތަށް ހުށަހެޅުނު ޙިއްޞާ ބަދަލުކުރުމެއް، ޙިއްޞާދާރު ފޮނުވި އިޢުތިރާޟުގެ ސިޓީއަކަށް ބިނާކޮށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން ހުއްޓާލަން ޖެހޭނެތޯ، އަދި ޖުޑިޝަލް ރިވިއުގެ މައްސަލައެއްގައި އެކަމުގެ ސަބަބުން ފައިސާގެ ބަދަލު ދައުލަތުގެ ކިބައިން ހޯދައިދެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޢަބްދުﷲ ޝަރީފް ބުނީ، ފޮރިން އިންވެސްޓްމަންޓާބެހޭ ނުކުތާ ހައިކޯޓުން ބަލައިނުގަތުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށާއި، ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓުގައިވާ ދިވެހިންގެ ޙިއްޞާގެ ނިސްބަތާއި މިނިސްޓްރީގެ ހުއްދަ ނެތި ޙިއްޞާ ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށެވެ. ދައުލަތުން ބުނީ، ޙިއްޞާ ބަދަލުކުރުމަކީ ޙިއްޞާދާރުގެ އެދުމުގެ މަތިން ކުންފުނިން ކަނޑައަޅާ ކަމެއްކަމާއި، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ދައުރަކީ އެކަން ރެކޯޑުކޮށް ތަސްޖީލުކުރުން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނަކާ ޚިލާފުވުމާއި އެގްރީމެންޓަކާ ޚިލާފުވުމަކީ ތަފާތު ދެ ބަހުސްކަމާއި، އެގްރީމެންޓުގެ ބައިވެރިއަކަށް ނުވާ ފަރާތަކަށް އެއާމެދު ތަޢުނުކުރުމުގެ ޙައްޤު ލިބޭކަން ސާބިތުކޮށްދީފައި ނުވާތީ ހައިކޯޓުން އެ ނުކުތާ ބަލައިނުގަތުން ރަނގަޅުކަމަށެވެ. ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ބަލަނީ ޝަކުލިއްޔާތު ފުރިހަމަވޭތޯ ކަމާއި، ކޯޓު އަމުރެއް ނުވަތަ މުޢާމަލާތް ރޫޅާލާފައިވާކަމުގެ ޞައްޙަ ލިޔެކިޔުމެއް ނުވަތަ މަކަރާއި ޙީލަތުގެ ޙާލަތެއް ނެތި އެއް ފަރާތަކުން ފޮނުވާ ސިޓީއަކަށް ބިނާކޮށް ޙިއްޞާ ބަދަލުކުރުން ހުއްޓާލުމުގެ އިޚްތިޔާރެއް ނެތްކަމާއި، ޢަބްދުﷲ ޝަރީފްގެ ސިޓީން ނުރުހުން ސާފުނުވާތީ ޙިއްޞާ ބަދަލުކުރީ އޭނާގެ ރުހުމާއެކުކަމަށް ކޯޓުން ދެކުނެވެ. އަދި ޖުޑިޝަލް ރިވިއުގެ މައްސަލައެއްގައި އަސާސީ ފަރުވާއަކީ ގޯސް އިސްލާޙުކުރުންކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 58 ވަނަ މާއްދާ ފަދަ ޤާނޫނީ ނައްސެއް ނުވަތަ ޕްރައިވެޓް ލޯގެ ދަޢުވާއެއް ނުވަތަ ހާއްސަ ޙާލަތެއް ނެތި ދައުލަތުގެ ކިބައިން ފައިސާގެ ބަދަލު ނަގައިނުދެވޭނެކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ޤާއިމުކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނެއްގެ މާއްދާއަކާ ޚިލާފުވުމާއި އެގްރީމެންޓެއްގެ މާއްދާއަކާ ޚިލާފުވުމާ މިއީ ތަފާތު ދެ ބަހުސެކެވެ.
HN2 އެގްރީމެންޓުގެ ބައިވެރިއަކަށް އިސްތިއުނާފުކުރާ ފަރާތް ނުވާއިރު، އެގްރީމެންޓުގައި ބުނާ ކަންކަމާމެދު ތަޢުނުކުރުމުގެ ޙައްޤު އޭނާއަށް ލިބިދެވޭ ގޮތެއް ސާފުކޮށްދިނުމުގެ ބުރަ އޮތީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށެވެ.
HN3 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ އާއި 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޙިއްޞާއަކީ އުފުލޭ މުދަލެއްކަމަށްވެފައި، އެކެއްގެ ކިބައިން އަނެކެއްގެ ކިބަޔަށް ބަދަލު ކުރުމުގެ އިޖުރާއާތުތަކެވެ. ޙިއްޞާ ބަދަލުކޮށްފިނަމަ، ކުންފުނީގައި ރަޖިސްޓްރީކުރުމާއެކު ޙިއްޞާ ބަދަލުކުރިކަމުގެ ލިޔުން ކުންފުންޏަށް ލިބުމުން ޙިއްޞާ ބަދަލުކުރުމުގެ ޝަކުލިއްޔާތު ފުރިހަމަވީކަން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ ނައްސަށް ބެލުމުން އެނގެއެވެ.
HN4 ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަކީ ކުންފުންޏާބެހޭ ޤާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް ފަރާތެވެ. އޭނާގެ ބާރާއި މަސްއޫލިއްޔަތުތަކާއި އިޚްތިޔާރު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިނުވާ ކަންކަމުގައި ކުންފުންޏާބެހޭ ޤާނޫނު ތަތުބީޤުކުރުމުގެ އުޞޫލުތަކާއި ކޯޕަރޭޓް ލޯގެ އާންމު ހަމަތަކުގެ މަތިން ކަންކަން ނިންމުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ.
HN5 ޙިއްޞާއެއް ބަދަލުކުރުމަށް ގަވާއިދުގައިވާ ގޮތުގެމަތިން، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅައިފިނަމަ، އޭނާ ބަލައި ވަޒަންކުރާ ކަންކަމަކީ ގަވާއިދުގައި ބުނާ ޝަކުލިއްޔާތު ފުރިހަމަވޭތޯއެވެ. ގަވާއިދުގައި ބުނާ ލިޔެކިޔުމާއި ޝަކުލިއްޔާތު ފުރިހަމަވާނަމަ، ޙިއްޞާއެއް ބަދަލުކުރުމަށް ހުށަހެޅުމަށްފަހު، އެހެން ގޮތަކަށް ޤާނޫނެއްގައި ބަޔާންކޮށްފައިނުވާ ޙާލަތެއްގައި ކުންފުނިން އެދުނު ގޮތަށް އެ ޙިއްޞާ ބަދަލުވެފައިވާކަން ރެކޯޑުކޮށްދީ ތަސްޖީލުކޮށް، ފުރިހަމަކޮށް އެކަން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކުންފުންޏަށް އަންގަންވާނެއެވެ.
HN6 މިނޫން ގޮތަކަށް ޢަމަލުކުރަންޖެހޭނީ، އެހެން ގޮތަކަށް ޢަމަލުކުރުމަށް ކޯޓު އަމުރެއް އޮތުން ނުވަތަ އެ ޙިއްޞާ ބަދަލުކުރުމަށް ކުންފުނިން ނިންމާފައިވާ ނިންމުމާއި އަދި ޙިއްޞާ ބަދަލުކުރުމަށް ފެށި މުޢާމަލާތް ރޫޅާލާފައިވާކަން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ޤަބޫލުކުރެވޭ މިންވަރަށް ޞައްޙަ ލިޔެކިޔުން ހުށަހަޅާފައި އޮންނަ ޙާލަތުގައެވެ.
HN7 ޙިއްޞާއެއް ބަދަލުކުރުމަކީ، ކުންފުންޏެއްގެ ނިސްބަތުން ނިންމާ އެންމެ މުހިންމު ނިންމުމަށް ކަމަށްވެފައި، އެކަމުގައި އެކަކަށްވުރެ ގިނަ ފަރާތްތައް ޝާމިލުވެ ފައިސާ އާއި ވިޔަފާރީގެ މަސްލަޙަތު ހިމެނޭކަމެއް ކަމަށްވެފައި އެންމެ ފަރާތަކުން ފޮނުވާ ސިޓީއެއްގެ މައްޗަށް ބިނާކޮށް ޙިއްޞާ ބަދަލުކުރުމަށް ނިންމާފައި އޮތް ނިންމުމަށް ބަދަލު ގެނައުމުގެ އިޚްތިޔާރެއް ރަޖިސްޓްރާރ އަށް ލިބިގެނެއް ނުވެއެވެ. އަދި ކުންފުންޏަކުން ޙިއްޞާ ބަދަލުކުރަން ނިންމާފައިވާ ނިންމުމުގެ ޞައްޙަކަން ކަނޑައެޅުމުގެ އަހްލިއްޔަތު ވެސް އޭނާގެ ކިބައިގައި ނުވެއެވެ.
HN8 ޙިއްޞާއެއް ބަދަލުކުރުމަށް ހުށަހެޅިފައި އޮންނަ ޙާލަތުގައި އެ ހުށަހެޅުމުގައި މަކަރާއި ޙީލަތްހެދުމާއި ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނާ ޚިލާފު ކަންތައްތަކެއް އެކުލެވޭކަމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ޤަބޫލުކުރެވޭ ޙާލަތުގައި އެ ކަންކަން ކަށަވަރުވަންދެން ޙިއްޞާ ބަދަލުކުރުމުގެ ކަންކަން ވަގުތީ ގޮތުން މަޑުޖައްސާލެވިދާނެއެވެ. އަދި އެކަމާ ގުޅޭގޮތުން ޖިނާއީ ތަޙްޤީގުތައް ކުރަން އެންގުމުގެ ބާރު ވެސް އޭނާއަށް ލިބިގެންވެއެވެ.
HN9 މި ބާވަތުގެ މައްސަލަތަކަކީ މައްސަލައިގެ މައުޟޫޢަށް ފީނާ ބާވަތުގެ މައްސަލަތައްކަމަށް ނުވެފައި، ކޯޓުގެ ދައުރަކީ ދައުލަތުގެ އިދާރާގެ ނިންމުމަކީ އިންސާފުވެރިކަމާއެކު އެ އިދާރާއަށް ލިބިފައިވާ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްތޯ ބަލައި ރިވިއުކުރުމެވެ. ކުރުގޮތަކަށް ބުނާނަމަ، އިޖުރާއާތުތައް ހިނގާފައިވަނީ ރަނގަޅަށްތޯ ބެލުމެވެ.
HN10 ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ޚާދިމަކަށް ލިބިފައިވާ ބާރު ބޭނުންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްތޯ ޖަވާބު ލިބެންޖެހޭ ފުރަތަމަ ސުވާލެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އިޖުރާއީ އިންސާފުވެރިކަމާއެކުތޯ ޖަވާބު ލިބެންޖެހޭ ދެވަނަ ސުވާލެވެ. މިއާއެކު، ދައުލަތުގެ އިދާރާއިން އެދުނުކަމާ ގުޅޭގޮތުން އެ އިދާރާއަކުން ލިބޭނެ ކަމަށް ޤަބޫލުކުރެވިފައި އޮންނަ އުންމީދީ ޞައްޙަ ޖަވާބު ނުވަތަ ނަތީޖާ އާ، އެ ނިންމުން ޚިލާފުވޭތޯ ބެލުން ފަދަ ކަންކަން ހިމެނެއެވެ.
HN11 ޖުޑިޝަލް ރިވިއު މައްސަލައެއް ޝަރުޢީ ކޯޓަކަށް ހުށަހެޅޭއިރު، ދައުލަތުގެ މައްޗަށް އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ސާފު މަޢުލޫމާތު ހާމަކުރުމުގެ ވާޖިބު އެހެން މައްސަލަތަކަށްވުރެ ބޮޑެވެ.
HN12 ޖުޑިޝަލް ރިވިއު މައްސަލައެއްގައި ކޯޓުތަކުން ފޯރުކޮށްދޭ ފަރުވާއަކީ، ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ޚާދިމަކު ކުރި ޢަމަލެއްގެ ސަބަބުން ގެއްލިފައިވާ ޙައްޤެއް ފޯރުކޮށްދިނުމަށް އެންގުން ނުވަތަ ހަދާފައިވާ ގޯސް އިސްލާޙުކުރުމަށް ބުނުން އަދި ރަނގަޅު ނޫންކަމަށް ކަނޑައެޅުން ފަދަ އަމުރުތައް ނެރުމެވެ.
HN13 މި ބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ޚާދިމަކު ކުރި ޢަމަލެއްގެ ސަބަބެއް ޙައްޤެއް ގެއްލިފައިވާކަމަށް ގަބޫލުކުރެވޭނަމަ އެކަމަށް ނުވަތަ އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން ގަބޫލުކުރެވޭ އަވަސް މިނެއްގައި ކޯޓަށް އައުން ލާޒިމެވެ. މިހާރަށް ބަލައިފިނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާގައިވާ ފަދައިން އެއީ 3 (ތިނެއް) މަސް ދުވަހެވެ.
HN14 ޖުޑިޝަލް ރިވިއު މައްސަލަތަކުގައި ފައިސާގެ ބަދަލު ދައުލަތުގެ ކިބައިން ނަގައިދިނުމެއް ނޯވެއެވެ. ޖުޑިޝަލް ރިވިއު މައްސަލައަކަށްވީތީވެ، އެފަދަ މައްސަލައެއްގައި ލިބިދެވޭ އަސާސީ ފަރުވާއަކީ ދައުލަތުގެ އިދާރާއަކުން ހެދި ގޯސް ރަނގަޅު ކުރުމެވެ. ޖުޑިޝަލް ރިވިއު މައްސަލައަކަށްވީތީވެ ބަދަލަކީ އަސާސީ ފަރުވާއެއް ނޫނެވެ.
HN15 ބަދަލަކަށް އެދޭނަމަ އެކަމަށް ހުއްދަކުރާ އެހެން ޤާނޫނީ ނައްސެއް ފެންނަން އޮންނަންވާނެއެވެ. ދަޢުވާ ފަރުމާކޮށްފައިވާ ގޮތެއްގެ މައްޗަށް ބަލައި، ޖުޑިޝަލް ރިވިއުގެ މައްސަލައިގެ ތެރެއިން ނުވަތަ އެ ދަޢުވާ އާ އެކުއެކީ ބަދަލަކަށް ހުށަހެޅުމުގެ ދޮރު ބަންދުވެފައިނުވެއެވެ. މީގެ ތެރެއިން އެއް މިސާލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ހުށަހެޅިފައި އޮންނަ ބަދަލެކެވެ. އަނެއް މިސާލަކީ، ޕްރައިވެޓް ލޯގެ ހަމަތަކުގެ ދަށުން ބަދަލަކަށް ދަޢުވާކުރުން ހުއްދަކުރާ މައްސަލަތަކެވެ.
HN16 ޖުޑިޝަލް ރިވިއު މައްސަލަ ނިމޭއިރު، ނުވަތަ ދައުލަތުގެ އިދާރާއިން ހެދުނު ގޯސް ރަނގަޅުކޮށްގެން ކަންހިނގާފައިވާ ގޮތާއި ވަގުތާ ޙާލަތަށް ބަލައި އިންސާފު ގާއިމު ނުކުރެވޭނެ ޙާލަތެއް ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ވުޖޫދުވެފައިވާކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ، އެފަދަ މައްސަލައެއްގައި އިންސާފު ޤާއިމުކުރެވެން އޮތް ހަމައެކަނި ގޮތަކީ ބަދަލެއް ނަގައިދިނުންކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ އެކަމަށް ހުރަހެއް އޮތް ކަމަކަށް ނުދެކެމެވެ. ނަމަވެސް، މިއީ ކޮންޓްރެކްޓަކާ ޚިލާފުވެގެން ނަގައިދެވޭ ފަދަ ބަދަލެއް ނޫނެވެ. މިއީ ތަފާތު ދެކަމެވެ. ދެ މަފުހޫމެކެވެ. ނަގައިދެވޭނެ ބަދަލުގެ ނިސްބަތަކީ ވަރަށް ކުޑަ އަދަދެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު ނަޝާޠު، ޝިއުތު މުޙައްމަދު ވަޙީދު
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)
ތައާރަފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/373 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޢަބްދުﷲ ޝަރީފް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2023/SC-A/42 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް) ގެ މައްޗަށެވެ.
2ޢަބްދުﷲ ޝަރީފް އަކީ އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ %51 (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާދާރެއްގެ ގޮތުގައި ހުރި ފަރާތެކެވެ.
3ޢަބްދުﷲ ޝަރީފްގެ ނަމުގައި އޮތް %51 (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ އިޓަލީގެ ރައްޔިތެއްކަމަށްވާ ސިމޯން ޕޮގްލިއާނީއަށް ބަދަލުކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 25 މާރިޗު 2014 ގައި ނިންމާފައިވެއެވެ.
4މިގޮތަށް ޙިއްޞާ ބަދަލުކުރިކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ("މިނިސްޓްރީ") ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ޝެއަރ ޓްރާންސްފަރ ފޯމް ހުށަހެޅުމާ ގުޅިގެން ޢަބްދުﷲ ޝަރީފްގެ 51% (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ އިޓަލީ ރައްޔިތެއްކަމުގައިވާ ސިމޯން ޕޮގްލިއާނީގެ ނަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށް އެ ގޮތުގެމަތިން އެ ޙިއްޞާ ބަދަލުކޮށްފައިވާކަން އެނގެން އޮވެއެވެ.
5ޢަބްދުﷲ ޝަރީފްގެ ނަމުގައި އޮތް 51% (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ ބަދަލުކޮށްފައިވަނީ ޙިއްޞާ ގަތުމަށް ވާހަކަ ދައްކާ އޮޅުވާލައިގެން ބޯޑު ރިޒޮލިއުޝަނެއްގައި ސޮއިކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅައިގެން ކަމަށާއި، ޢަބްދުﷲ ޝަރީފްގެ ޙިއްޞާ ބަދަލުކުރުމުގެ ކުރިން އިއުތިރާޒުކުރާ ކަމަށް 08 އެޕްރީލް 2014 ގައި ސިޓީއަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އަންގާފައިވަނިކޮށް، ޢަބްދުﷲ ޝަރީފްގެ ނުރުހުމުގައި އެހެން ފަރާތަކަށް ޙިއްޞާ ބަދަލުކޮށްފައިވާތީ، ޢަބްދުﷲ ޝަރީފްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި USD 2,117,400.00 (ދެމިލިއަން އެއްލައްކަ ސަތާރަހާސް ހަތަރުސަތޭކަ އެމެރިކާ ޑޮލަރު) ނަގައިދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
6ޢަބްދުﷲ ޝަރީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 787/Cv-C/2019 ޤަޟިއްޔާ އިންނެވެ.
7ޢަބްދުﷲ ޝަރީފްގެ ނަމުގައި އޮތް 51% (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ ސިމޯން ޕޮގްލިއާނީއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބަދަލުކޮށްފައިވަނީ، ޢަބްދުﷲ ޝަރީފްގެ ރުހުމުގައިކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާބިތުވާތީ، ޢަބްދުﷲ ޝަރީފް އެދުނު ގެއްލުމުގެ ބަދަލު ނަގައި ދެވެން ނެތްކަމަށް އެ ކޯޓުން ޙުކުމްކޮށްފައި ވެއެވެ.
8ސިވިލް ކޯޓުގެ ނިންމުން ބިނާކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) 25 މާރިޗު 2014 ގައިވާ ބޯޑު ރިޒޮލިއުޝަނުގައި ޢަބްދުﷲ ޝަރީފް ސޮއިކޮށްފައިވަނީ ކުންފުނީގެ ޙިއްޞާ ވިއްކުމުގެ ނިޔަތުގައި ނޫން ކަމަށާއި އެއީ ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއްގެ ގޮތުގައި ކުންފުނި ރަޖިސްޓްރީކުރުމަށް ކަމަށާއި، ޢަބްދުﷲ ޝަރީފްގެ ޙިއްޞާ އެ ބޯޑު ރިޒޮލިއުޝަން މެދުވެރިކޮށް ބަދަލުކޮށް ނުދިނުމަށް 08 އެޕްރީލް 2014 ގައި ފޮނުވާފައިވާ ސިޓީއަކީ ހަމައެކަނި މި ސިޓީގެ މައްޗަށް ބުރަވެ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 36 ވަނަ މާއްދާ އާއި އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށް އެ ކުންފުނީގައި އޮތް ޢަބްދުﷲ ޝަރީފްގެ %51 (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ، ސިމޯން ޕޮގްލިއާނީއަށް ބަދަލުކުރުމަށް ކޮށްފައިވާ އެ މުޢާމަލާތް އެ ކުންފުނިން އެ ނޫން ގޮތަކަށް ބަދަލުނުކުރާހާ ހިނދެއްގައި ނުވަތަ ޝަރީޢަތުގެ މަގުން އެ މުޢާމަލާތް ބާޠިލުކަމަށް ކަނޑަނާޅާ ހިނދެއްގައި ނުވަތަ ޙިއްޞާގެ މުޢާމަލާތް ކުރެވުނު އަނެއް ފަރާތުގެ އިޒުނަނެތި އެ ކުންފުނީގެ ޙިއްޞާ ބަދަލުކޮށްފައި އެ އޮތް ގޮތް ނޫން ގޮތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަމަލުކޮށްގެން ވާނެ ލިޔުމެއް ކަމުގައި ބެލެވޭނެ ގޮތެއްގެ މައްޗަށް ދަލީލުކުރާނެ ލިޔުމެއް ނޫންކަން އެނގެން އޮންނަކަން.
(ށ) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ ކުންފުނީގެ ޙިއްޞާ ބަދަލުކުރުމުގައި ކުންފުނީގެ ގަވާއިދުގައިވާ ގޮތެއްގެ މައްޗަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައިގެ ޤަރާރާ އެއްގޮތަށް ޙިއްޞާ ބަދަލުކުރިކުރުން ރަޖިސްޓްރީކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން އެ ހުށަހެޅުމުގައި އެގޮތަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ފަރާތުން އެކަން ކުރުމުގައި ޝަރުޢުގައި އެކަމެއް ކުރުމުގެ ހުއްދަވެގެންވާކަމެއް ހުއްދަ ލިބިގެންވާ މީހަކު އެކަމެއް ކުރުމަކީ އެކަމެއްގެ ޖާމިނުވުން ނަފީކޮށްދޭކަމެއްކަން، "ޝަރުޢު ހުއްދަކުރާ ކަމެއް ކުރުމަކީ ޖާމިނުވުން ނައްތާލާ ކަމެކެވެ." މި ޤާއިދާއަށް ބެލުމުން އެނގެން އޮންނަކަން.
(ނ) އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ ޝަރީފްގެ %51 (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ ޢަބްދުﷲ ޝަރީފްގެ ކިބައިން ސިމޯން ޕޮގްލިއާނީއަށް ބަދަލުކޮށްފައިވަނީ އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑް ކުންފުނިންކަމާއި މިގޮތަށް ކުންފުނީގެ ޙިއްޞާ ބަދަލުކުރާއިރު އެ ކުންފުނީގެ މުދަލާއި ޙައްގާއި މަންފާ ދެމިހުރިމަގުން ލިބިގަތުމާއި ނަފީކުރުމުގެ މައްޗަށް ބެލުމެއް ބަލައި އެ ނިންމުމެއް ނިންމުމަކީ ކުންފުނީގެ އިޚްތިޔާރީ ބާރެއްކަމާއި މިގޮތުން އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރެއްގެ ޙިއްޞާ އެ ކުންފުނިން ގޮތެއް ނިންމާ ބަދަލުކޮށް އެ ބަދަލުކުރާ ގޮތް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހެޅުމުން އެ ޙިއްޞާ ބަދަލުވީގޮތަށް ރަޖިސްޓްރީކުރުމަކީ އެކަމުގެ ޒިންމާ އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ކިބައިން ނެގެވި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ބަދަލުވެގެންދާނެ ކަމަކަށް ބެލެވޭނެ ކަމެއް ނޫންކަން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އެނގެން އޮންނަކަން.
(ރ) އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ ޝަރީފްގެ ޙިއްޞާ ސިމޯން ޕޮގްލިއާނީއަށް ބަދަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާ އެ ކުންފުނީގެ ގަވާއިދާ އެއްގޮތަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ އެ ބައްދަލުވުމުގައި ޢަބްދުﷲ ޝަރީފް ބައިވެރިވެގެން ފާސްކޮށް ހުއްދަކޮށްފައިވާ ގަރާރުގައިވާ ގޮތަށް އެ ފޯމެއްގައި ޢަބްދުﷲ ޝަރީފް ސޮއިކޮށް ހުށަހެޅި ފޯމާއި ލިޔުންތަކާ އެއްގޮތަށްކަން އެނގެން އޮތުމުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އެކަން ކޮށްފައިވަނީ ޢަބްދުﷲ ޝަރީފްގެ ނުރުހުމުގައި ކަމަށް ބެލެވެން ނެތްކަމާއި މަދަނީ މުޢާމަލާތެއްގައި އެމީހަކާއި އަނެކަކާ މެދުގައި އިލްތިޒާމެއް އުފެދޭގޮތަށް ޙައްޤެއް ދޫކޮށް ނުވަތަ ކަމަކަށްވެވޭ އިއުތިރާފުތަކާއި ވެވޭ އެއްބަސްވުންތަކަކީ އެ އިލްތިޒާމެއް އެމީހަކަށް ވެވުނު މީހާގެ ނުރުހުމުގައި ނުވަތަ ދެފަރާތުން އެގޮތަކަށް އެއްބަސްވެ އެ ޢަޤުދެއް ބާތިލުކުރުމެއް ނެތި އޭގެފަހުން އަނބުރާ އެއިން ރުޖޫއަވެވޭނެ އިއޢުތިރާފުތަކާއި އެއްބަސްވުންތަކެއް ނޫންކަން އެނގޭކަން.
9ޢަބްދުﷲ ޝަރީފްގެ ފަރާތުން ސިވިލް ކޯޓުގެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
10ޢަބްދުﷲ ޝަރީފްގެ ފަރާތުން ސިވިލް ކޯޓުގެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021/HC-A/373 ޤަޟިއްޔާ އިންނެވެ. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ، ސިވިލް ކޯޓުގެ ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައެވެ.
11ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު ނަތީޖާއަށް ވާޞިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.
11.1. އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑުގައި އޮތް ޢަބްދުﷲ ޝަރީފްގެ %51 (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ އެހެން ފަރާތަކަށް ބަދަލުކޮށްފައިވަނީ، ޙިއްޞާ ބަދަލުކުރިކުރުން ރަޖިސްޓްރީކުރުމަށް އެ ކުންފުނީގެ ފަރާތުން ޝެއަރ ޓްރާންސްފަރ އެޕްލިކޭޝަން ފޯމު ހުށަހަޅައި، އެގޮތުގެ މަތިން ޙިއްޞާ ބަދަލުކުރުމަށް އެދުމުންކަން މި މައްސަލައިގެ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، ޢަބްދުﷲ ޝަރީފްގެ ޙިއްޞާ އެހެން ފަރާތަކަށް ބަދަލުކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް އެ ޙިއްޞާ ބަދަލުކުރިކުރުން ރަޖިސްޓްރީކޮށްފައިވަނީ ޢަބްދުﷲ ޝަރީފްވެސް ހިމެނިގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި އެއްގޮތަށްކަމަށްވާތީ، ޙިއްޞާ ބަދަލުކޮށް ރަޖިސްޓްރީކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާއާ ޚިލާފަށްކަމަށް ނުދެކޭކަން.
11.2. ޢަބްދުﷲ ޝަރީފްގެ ޙިއްޞާ ސިމޯން ޕޮގްލިއާނީއަށް ބަދަލުކޮށްފައިވަނީ އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގެ ގަވާއިދާ އެއްގޮތަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ޢަބްދުﷲ ޝަރީފް ބައިވެރިވެގެން ފާސްކޮށް ހުއްދަކޮށްފައިވާ ޤަރާރުގައިވާ ގޮތަށް ޢަބްދުﷲ ޝަރީފް ސޮއިކޮށް ހުށަހެޅި ޝެއަރ ޓްރާންސްފަރ ފޯމާއި ލިޔުންތަކާ އެއްގޮތަށްކަން އެނގޭތީއާއި، ޢަބްދުﷲ ޝަރީފްގެ ފަރާތުން ޝެއަރ ޓްރާންސްފަރ ކުރުމަށް ފޯމު ހުށަހަޅާފައިވަނީ ކުންފުނީގެ ޙިއްޞާ ވިއްކުމުގެ ނިޔަތުގައި ނޫންކަމަށް ބުނިނަމަވެސް، އެގޮތަށް ޝެއަރ ޓްރާންސްފަރ ކުރުމަށް ފޯމު ހުށަހަޅާފައިވަނީ، ފިޝަރީޒް މިނިސްޓްރީން 100 ޕަސެންޓް ފޮރިން އިންވެސްޓްމެންޓެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނެ ވާހަކަ ވިދާޅުވުމުން އެއީ ތެދެއްތޯ ބެލުމުގެ ގޮތުން ކަމަށް ޢަބްދުﷲ ޝަރީފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، ޝެއަރ ޓްރާންސްފަރކުރުމަށް ޢަބްދުﷲ ޝަރީފްގެ ފަރާތުން ނިންމާފައިވަނީ ޢަބްދުﷲ ޝަރީފްގެ އެނގުމާއި ރުހުމުގެ ތެރެއިންކަން އެނގެން އޮންނާތީ، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ފަރާތުން ޝެއަރ ޓްރާންސްފަރ ކޮށްދީފައިވަނީ އޮޅުވާލައިގެން ވަކި ކަމެއް ތެދުކަމަށް ދައްކައިގެން ކަމަކަށް ނުބެލެވޭތީ، މި މައްސަލަ ނިންމާފައިވަނީ ޙަޤީޤަތް އޮޅުވާލައިގެން މަކަރުވެރި ގޮތެއް ދައްކައިގެން ކަމަށް ނުބެލެވޭކަން.
11.3. އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބޯޑު މެންބަރެއް ރާއްޖޭގައި ވަޒަންވެރިވެ އުޅޭކަން ނުވަތަ ނޫންކަން ޢަބްދުﷲ ޝަރީފްއަށް މި މައްސަލަ ސިވިލް ކޯޓުގައި ހިންގުނުއިރުވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ސާފުކޮށްދެވިފައިނުވާތީ، ޢަބްދުﷲ ޝަރީފްގެ ޙިއްޞާ ސިމޯން ޕޮގްލިއާނީއަށް ބަދަލުކޮށް ރަޖިސްޓްރީކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ކުންފުންޏާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތްކަން.
11.4. އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާ ބަދަލުކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 25 މާރިޗު 2014 ގައި ނިންމި ބޯޑު ރިޒޮލިއުޝަންގައި އެ ކުންފުނީގެ ސެކްރެޓަރީ ސޮއިކޮށްފައި ނެތުމަކީ އެ ބޯޑު ރިޒޮލިއުޝަންގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭނެ ސަބަބެއް ނޫންކަމާއި، ޢަބްދުﷲ ޝަރީފްގެ ޙިއްޞާތައް އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 53 ވަނަ މާއްދާ އާ ޚިލާފަށްކަމަށް ނުބެލެވޭކަން.
11.5. ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގެ (ށ) އާއި 3 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ އަދި 15 ވަނަ މާއްދާއާ ޚިލާފަށް ދަށު ކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި ނުކުތާގައި ޢަބްދުﷲ ޝަރީފްގެ ފަރާތުން ހުށަހަޅާ ޤާނޫނީ ބަހުސަކީ ކޮބައިކަން ބުނެދެވިފައިނުވާތީ މި ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުތާއެއްކަމަށް ނުދެކޭކަން.
12އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޢަބްދުﷲ ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/373 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޢަބްދުﷲ ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވަނީ 02 (ދޭއް) އިސްތިއުނާފީ ނުކުތާ އެވެ. (ހ) ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމެންޓާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގެ (ށ) އާއި 3 ވަނަ މާއްދާ އާއި، 13 ވަނަ މާއްދާ އަދި 15 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާއިރު، އަދި އެފަދައިން ބަޔާންކުރާ ޤާނޫނީ އަސާސާއި ސަބަބު ތަފްސީލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާއިރު، އެ ނުކުތާގައި އޮތް ޤާނޫނީ ބަހުސް ސާފުނުވާކަމަށް ކަނޑައަޅައި، އެ ނުކުތާއާމެދު ގޮތެއް ކަނޑައަޅަން ނުޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ޢަދުލު އިންޞާފާ ދުރު ނިންމުމެއް ކަމުގައެވެ. (ށ) ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާއި ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓުގެ 9 ވަނަ މާއްދާ އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
14ބަޔާންކުރެވުނު އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށްފަހު އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް މި މައްސަލައިގައި އޭނާ އެދުނު ބަދަލު ދައުލަތުގެ ކިބައިން ލިބިދެވެންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށެވެ.
15މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ކަމުގައިވާ ދައުލަތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
ޤާނޫނީ ބަހުސެއް ނެތްކަމަށް ނިންމާފައިވާ ނިންމުމާގުޅޭ
16މި އިސްތިއުނާފުގައި ޙަވާލާދެވޭ ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓް ޤާނޫނު) އާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅުމުން އެ ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް ޤާނޫނީ ބަހުސެއް ނެތްކަމަށް އެ ކޯޓުން ކަނޑައެޅުމަކީ ޢަދުލު އިންޞާފާ ދުރު ނިންމުމެއް ކަމަށެވެ.
17މިގޮތުން، މި މައްސަލައިގައި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާ އާއި، 3 ވަނަ މާއްދާ އާއި، 13 ވަނަ މާއްދާ އަދި 15 ވަނަ މާއްދާއާ ސިވިލް ކޯޓުގެ ނިންމުން ޚިލާފުވާކަމަށް ބަޔާންކޮށް ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކުރަމެވެ. (ހ) ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއް ހިންގަންވާނީ ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ށ) އާއި، 3 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި، 15 ވަނަ މާއްދާގައި ޙަވާލާދީފައިވާ ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމާ އެއްގޮތަށްކަން.
(ށ) އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑާއި ދައުލަތާދެމެދު ސޮއިކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓުގެ ފުރަތަމަ ޝެޑިއުލުގެ 2 ވަނަ ނަންބަރުގައި ކުންފުނީގެ ދިވެހިންގެ ޙިއްޞާގެ ނިސްބަތް %51 (ފަންސާސް އެކެއް އިންސައްތަ) އަށްވުރެ ދަށްވެގެން ނުވާނޭކަމަށް ބަޔާންކޮށްފައި އޮތުމާއެކު، ދައުލަތުން ޝެއަރ ޓްރާންސްފަރ ކުރިގޮތުން، މި ފާހަގަކުރެވުނު ނިސްބަތް ދިވެއްސަކަށް ނުލިބޭކަން.
18މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަށާއި، އެ ކަންކަމުގެ ތަފްސީލުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި، އެ ފަރާތުގެ މައިގަނޑު ބަހުސަކީ ފޮރިން އިންވެސްޓްމެންޓް އެގްރީމެންޓުގައި ދިވެހިންގެ ޙިއްޞާގެ ނިސްބަތް %51 (ފަންސާސް އެކެއް އިންސައްތަ) އަށް ވުރެ ދަށްވެގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮންނާތީވެ، އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި އޮތް ޙިއްޞާ ބޭރު ފަރާތަކަށް ބަދަލުކުރުމުން، ކުންފުނީގައި އޮތް ދިވެހިންގެ ޙިއްޞާގެ ނިސްބަތް ގެއްލިފައިވާކަމަށް ބަޔާންކޮށް އެކަމަކީ، ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓާ ޚިލާފުކަމެއްކަމަށް ބުނެ ބަޔާންކުރާ ކަންކަމުގެ މައްޗަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާ އާއި، 3 ވަނަ މާއްދާ އާއި، 13 ވަނަ މާއްދާ އަދި 15 ވަނަ މާއްދާ އާ ދަށުކޯޓުގެ ނިންމުން ޚިލާފުވި ގޮތެއް ބަޔާންކޮށްފައި ނުވެއެވެ.
19މި މައުޟޫޢުގައި އިތުރަށް ކުރިއަށްދާއިރު، ކަންކަން ސާފުވުމުގެ ބޭނުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގެ (ށ) ، 3 ވަނަ މާއްދާ ، 13 ވަނަ މާއްދާ އަދި 15 ވަނަ މާއްދާ ގެ ނައްސަށް ބަލާއިރު، ސާފުވާކަމަކީ، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ފުރަތަމަ ދެ މާއްދާ ކަމުގައިވާ 1 ވަނަ މާއްދާ އާއި 3 ވަނަ މާއްދާގެ ތަރަހައަކީ ފޮރިން އިންވެސްޓްމަންޓެއް ކުރެވޭއިރު ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓެއް އޮންނަންވާނެ ކަމަށެވެ. އަދި އެގްރީމެންޓުގައި ފޮރިން އިންވެސްޓްމަންޓުގެ ދަށުން ކުރާނެ މަސައްކަތްތައް ބަޔާންކުރަންވާނެ ކަމަށެވެ. މި މުއާމަލާތުގައި ފޮރިން އިންވެސްޓްމެންޓް އެގްރީމެންޓެއް އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑާއި ދައުލަތާ ދެމެދުގައި ވާކަމާމެދު ޝައްކެތް ނެތެވެ. އަދި އެ އެގްރީމެންޓުގައި ޤާނޫނު ބުނާ ކަންކަން ފުރިހަމަވާކަމާ މެދުވެސް ސުވާލެއް ނެތެވެ. އެ އެގްރީމެންޓުގެ ޞައްޙަކަމާމެދު ބަހުސެއްވެސް ހުށަހެޅިފައި ނުވެއެވެ.
20އެއަށްފަހު، 13 ވަނަ މާއްދާގައި އެކަށައަޅާފައި އޮތްކަމަކީ، ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ފޮރިން އިންވެސްޓްމަންޓުގެ ފައިދާ ބޭރަށް ގެންދިއުން ހުއްދަކުރުމެވެ. މި މާއްދާގެ ދަށުން ފޮރިން އިންވެސްޓްމަންޓުގެ ފައިދާ ފޮރިން އިންވެސްޓަރ އަކަށް ނުގެންދެވިގެން އޮތް ޝަކުވާއެއް މައްސަލައިގެ ތެރެއިން ފެންނާކަށް ނެތެވެ. އަދި 15 ވަނަ މާއްދާގައި އޮތީ، މައްސަލަ ޙައްލުކުރުމުގެ އުޞޫލު ކަމުގައިވާ ހިނދު، މި މާއްދާގެ ތަރަހައިގެ ތެރެއިން އުފަންވި ބަހުސެއްވެސް ހުށަހެޅިފައި ނުވެއެވެ.
21HN1ކަންމިހެން އޮތްއިރު، އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގެ ނިންމުން މި އިން މާއްދާއަކާ ޚިލާފުވެފައިވާ ގޮތެއް ބަޔާންކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމައްޗަށް ހުށަހަޅާފައިވާ ކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން ނެތެވެ. މި ބަޔާންކުރެވިފައިވާ މާއްދާތަކާ ޙަވާލާ ދިންކަމުގައިވިޔަސް ތަފްސީލުގައި ބަޔާންކުރަނީ އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރުންގެ ގޮތުގައި އެއްވެސް ދިވެއްސަކު ނެތްއިރު، އެފަދައިން ޙިއްޞާ ބަދަލުކުރުމަކީ މި މުޢާމަލާތުގައި ހިމެނޭ އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑާއި ދައުލަތާދެމެދު އޮތް އެގްރީމެންޓާ ޚިލާފުވެފައިވާ ކަމަށް ބުނާ ބުނުމެއްގެ މައްޗަށެވެ. ޤާނޫނެއްގެ މާއްދާއަކާ ޚިލާފުވުމާއި އެގްރީމެންޓެއްގެ މާއްދާއަކާ ޚިލާފުވުމާ މިއީ ތަފާތު ދެ ބަހުސެކެވެ.
22HN2މި ބަހުސްގައި ކުރިއަށްދާނަމަ، މި ބުނެވުނު އެގްރީމެންޓުގެ ބައިވެރިއަކަށް އިސްތިއުނާފުކުރާ ފަރާތް ނުވާއިރު، އެގްރީމެންޓުގައި ބުނާ ކަންކަމާމެދު ތަޢުނުކުރުމުގެ ޙައްޤު އޭނާއަށް ލިބިދެވޭ ގޮތެއް ސާފުކޮށްދިނުމުގެ ބުރަ އޮތީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށެވެ. މި ސަބަބުތައް މިހެން ހުރުމާއެކު، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުތާއެއްކަމަށް ނުދެކޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާއަށް ޙަވާލާދެވި ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ދެކެމެވެ. މި ނަތީޖާއާއެކު، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ބުނާ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤާއި ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި އެކަށައަޅާފައި އޮންނަ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައި އޮންނަ ހަމަތަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޚިލާފުވެފައިވާކަމަށް ބުނުމުގެ ފުރުސަތެއް ނެތެވެ.
ކުންފުންޏާބެހޭ ޤާނޫނާ ޚިލާފަށް ޙިއްޞާ ބަދަލުކުރެވިފައިވޭތޯ
23މި މައްސަލާގައި ޙަވާލާދެވެނީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަށެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. މިކަމުގެ ތަފްސީލުގައި ފާހަގަކޮށްފައިވަނީ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ޕްރައިވެޓް ކުންފުންޏެއް ނަމަ، ހިންގާ ގަވާއިދުގައި ބުނާ ގޮތެއްގެ މަތިން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އެ ކުންފުންޏެއްގެ ޙިއްޞާ ބަދަލުކުރެވިދާނެކަމަށް އޮތުމާއެކު، އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގައިވާ ވިޔަފާރިތައް ކުރެވެންޖެހޭނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައި އޮންނަ ހިނދު، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓުގެ ދެވަނަ ޝެޑިއުލުގެ 9 ވަނަ ނަންބަރުގައި ޙިއްޞާ ބަދަލުކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ލިޔުމުން އޮންނަންވާނޭ ކަމަށް ބުނެފައިވާ ހިނދު، މިފަދަ ލިޔުމެއް އިސްތިއުނާފުކުރާ ފަރާތުގެ ޙިއްޞާ ބަދަލުކުރުމުގެ ކުރިން ނެތްކަމަށް އޭނާ ބުނެއެވެ. އަދި މިފަދަ ލިޔުމެއް ނެތް ހިނދު، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގައި ބުނާ ޙިއްޞާ ބަދަލުކުރިކަން އަންގައިދޭ އެކަށޭނަ ލިޔުމެއް ލިބުނީ ކަމަށް ނުބެލެވޭނެ ކަމަށެވެ.
24އެހެން ގޮތަކަށް ބަޔާންކުރާނަމަ، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަމުގެ ޚުލާސާއަކީ ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓުގައި ޙިއްޞާ ބަދަލުކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ލިޔުމުން އޮންނަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، މި ހުއްދަ ލިބިފައިނުވާކަމާއި އަދި މި ހުއްދަނެތި ޙިއްޞާ ބަދަލުކުރެވޭ ޙާލަތުގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގައި ބުނާ ޙިއްޞާ ބަދަލުކުރިކަމުގެ ލިޔުން ލިބުނީ ކަމަށް ނުވާނެކަމާއި އަދި ޙިއްޞާ ބަދަލުކުރުމުގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބުނާ ޙިއްޞާ ބަދަލުކުރުމުގައި ކުންފުނީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން ޢަމަލުކުރަން އޮންނަ ހިނދު، އެ ގޮތުގެމަތިން ޢަމަލުކުރީ ކަމުގައި ނުވާނޭ ކަމަށެވެ.
25HN3އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ އާއި 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޙިއްޞާއަކީ އުފުލޭ މުދަލެއްކަމަށްވެފައި، އެކެއްގެ ކިބައިން އަނެކެއްގެ ކިބަޔަށް ބަދަލު ކުރުމުގެ އިޖުރާއާތުތަކެވެ. އެގޮތުން ޙިއްޞާދާރަކު އޭނާގެ ޙިއްޞާ އެހެން މީހަކަށް ބަދަލުކުރަން ބޭނުންވާނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އެކަން ކުރެވިދާނެކަމަށް 36 ވަނަ މާއްދާގައި އެކަށައަޅާފައި އޮންނަ ހިނދު، ޙިއްޞާ ބަދަލުކޮށްފިނަމަ، ކުންފުނީގައި ރަޖިސްޓްރީކުރުމާއެކު ޙިއްޞާ ބަދަލުކުރިކަމުގެ ލިޔުން ކުންފުންޏަށް ލިބުމުން ޙިއްޞާ ބަދަލުކުރުމުގެ ޝަކުލިއްޔާތު ފުރިހަމަވީކަން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ ނައްސަށް ބެލުމުން އެނގެއެވެ. ޙިއްޞާ ބަދަލުކުރުމުގައި މި ދެ މާއްދާގައި އެކަށައަޅާފައިވާ އިޖުރާއަތުތަކާއި ޝަކުލިއްޔާތަކާ ޚިލާފުވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައި ނުވެއެވެ. އޭގެ ބަދަލުގައި ޙަވާލާދީފައިވަނީ ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޙިއްޞާ ބަދަލުކުރުމުގެ ކުރިން ކުންފުނިން މިނިސްޓްރީގެ ހުއްދަ ހޯދައިފައިނުވާ ކަމަށެވެ.
26މި ނުކުތާ މި މަގުން މި ކޯޓުގެ ކުރި މައްޗަށް ހުށަހަޅާއިރު، އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑުގައި އޮތް އިސްތިއުނާފުކުރާ ފަރާތުގެ ޙިއްޞާ ބަދަލުކުރަން ނިންމި ނިންމުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ނިންމުމެކެވެ. ޙިއްޞާއަކީ އޭނާގެ މިލްކެކެވެ. ޙިއްޞާ ބަދަލުކުރުމުގެ އެންމެހައި އިޖުރާއަތުތަކާއި ޝަކުލިއްޔާތު ކުންފުނީގެ ފަރާތުން ފުރިހަމަކުރުމުގެ ޒިންމާ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން އޮތީވެސް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށެވެ. މިހެން މިކަން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން "އިސްތިއުނާފުކުރާ ފަރާތުގެ %51 (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ އެހެން ފަރާތަކަށް ބަދަލުކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް އެ ޙިއްޞާ ބަދަލުކުރިކުރުން ރަޖިސްޓްރީކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތްވެސް ހިމެނިގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ކަމަށްވާތީ އެއީ ޤާނޫނުގެ 37 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ނުދެކެމެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުން ރަނގަޅު ނޫންކަމަށް ބަޔާންކޮށް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުގައި ވާސިލުވެފައި އޮތް ނަތީޖާ ރަނގަޅު ނޫންކަމަށް ބަލާނެ ސަބަބެއް ނެތެވެ.
27ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓުގައި ޙިއްޞާ ބަދަލުކުރުމުގެ ކުރިން އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީން ހުއްދަ ހޯދުމާއި، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ 37 ވަނަ މާއްދާގެ ދަށުން ހުއްދަ ހޯދުމާ މިއީ ތަފާތު ދެ ކަމެވެ. އަދި ހުއްދައަށް އެދެން ޖެހެނީ ކުންފުނިންނެވެ. އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑަކީ މި މައްސަލައިގައި ޚަސްމެއްކަމަށް ނުވެފައި، އަދި އިސްތިއުނާފުކުރާ ފަރާތަކީ ޙަވާލާދެވޭ އެގްރީމެންޓްގެ ބައިވެރިއަކަށް ނުވެފައި، މި މައުޟޫޢުގައި ކުރިއަށް ދިއުން ހުއްދަކުރާ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.
ޙިއްޞާ ބަދަލުކުރީ ނުރުހުމުގައިތޯ
28މި އިސްތިއުނާފުގައި އޮތް ޚުސޫމަތަކީ އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގައި އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި އޮތް %51 (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ، އޭނާގެ ނުރުހުމުގައި ދައުލަތުން އެހެން ފަރާތަކަށް ބަދަލުކޮށްފައިވާތީވެ، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދުމެވެ.
29އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ގޮތުގައި އެ ފަރާތުގެ ޙިއްޞާ އެހެން ފަރާތަކަށް ބަދަލުކުރަން ބޭނުންވެ 25 މާރިޗު 2014 ގައި އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި އޮތް %51 (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ ސިމޯން ޕޮގްލިއާނީއަށް ބަދަލުކުރަން އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑުގެ ހުއްދައާއެކު ޤަރާރަކުން ނިންމައި އެކަން ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހެޅިއެވެ.
30އެއަށްފަހު، 8 އޭޕްރީލް 2014 ގައި ކުންފުނިން ނިންމާފައިވާ ގޮތުގެމަތިން ޙިއްޞާ ބަދަލުކުރުން ކުރިއަށް ނުގެންދިއުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ދައުލަތުގެ ކިބައިން ސިޓީއަކުން ("8 އޭޕްރީލް 2014 ގެ ސިޓީ") އެދުނެވެ. މި ސިޓީގައި އަންނަނިވި ކަންކަމަށް އިސްތިއުނާފުކުރާ ފަރާތުން އިޝާރާތްކޮށްފައި ވާކަން އެނގެން އޮވެއެވެ.
(ހ) 25 މާރިޗު 2014 ގައި ކުންފުނިން ޙިއްޞާ ބަދަލުކުރުމަށް ނިންމާފައިވާ ޚާއްސަ ޤަރާރުގައި ސޮއިކޮށްފައިވަނީ ޙިއްޞާ ބަދަލުކުރުމުގެ ނިޔަތުގައި ނޫންކަން؛ އަދި (ށ) 10 ޖޫން 2013 ގައި އެ ކުންފުނީގައި %49 ޙިއްޞާ އޮތް ޝީނީޒް މުޙައްމަދުދީދީގެ ޙިއްޞާ ވިއްކައިގެން ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަމާއި އަދި އޭނާގެ ޙިއްޞާ އިހުއޮތްގޮތަށް އޭނާގެ ނަމަށް އަލުން ބަދަލުކޮށްދޭން އެދޭކަން.
31މަތީގައި ބަޔާންކޮށްފައިވާ ސިޓީ، އިސްތިއުނާފުކުރާ ފަރާތުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ފޮނުވާފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ޙިއްޞާ ސިމޯން ޕޮގްލާނީއަށް ގަވާއިދުގައިވާ ގޮތުގެމަތިން ބަދަލުކުރުމުގެ ކުރިންނެވެ. މި ބަދަލު ރެކޯޑުކޮށް ތަސްޖީލުކޮށްފައިވަނީ 28 މޭ 2014 ގައެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ 8 އޭޕްރީލް 2014 ގެ ސިޓީއަށް ބިނާކޮށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ޙިއްޞާ ބަދަލުކުރުމުގެ ކަންކަން ހުއްޓާލަން ޖެހޭނެތޯއެވެ. އަދި މި ސިޓީން ޙިއްޞާ ބަދަލުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ނުރުހޭކަން ސާފުކޮށް ދޭހަވޭތޯއެވެ.
32ދައުލަތުން ދެކޭ ގޮތުގައި، ޙިއްޞާ ބަދަލުކުރުމުގެ ކަންކަމަކީ، ޙިއްޞާދާރުގެ އެދުމުގެ މަތިން ކުންފުނީގެ ހުއްދައާއެކު ކުންފުނިން ކަނޑައަޅާ ކަމެއްކަމާއި، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ދައުރަކީ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޙިއްޞާ ބަދަލުވެފައިވާކަން ރެކޯޑްކޮށް ތަސްޖީލުކުރުމެވެ.
33HN4ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަކީ ކުންފުންޏާބެހޭ ޤާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް ފަރާތެވެ. އޭނާގެ ބާރާއި މަސްއޫލިއްޔަތުތަކާއި އިޚްތިޔާރު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިނުވާ ކަންކަމުގައި ކުންފުންޏާބެހޭ ޤާނޫނު ތަތުބީޤުކުރުމުގެ އުޞޫލުތަކާއި ކޯޕަރޭޓް ލޯގެ އާންމު ހަމަތަކުގެ މަތިން ކަންކަން ނިންމުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ.
34HN5މި ފާހަގަކުރެވުނު ކަންކަމަށް ބަލައި، ޙިއްޞާއެއް ބަދަލުކުރުމަށް ގަވާއިދުގައިވާ ގޮތުގެމަތިން، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅައިފިނަމަ، އޭނާ ބަލައި ވަޒަންކުރާ ކަންކަމަކީ ގަވާއިދުގައި ބުނާ ޝަކުލިއްޔާތު ފުރިހަމަވޭތޯއެވެ. މިގޮތުން، ގަވާއިދުގައި ބުނާ ލިޔެކިޔުމާއި ޝަކުލިއްޔާތު ފުރިހަމަވާނަމަ، ޙިއްޞާއެއް ބަދަލުކުރުމަށް ހުށަހެޅުމަށްފަހު، އެހެން ގޮތަކަށް ޤާނޫނެއްގައި ބަޔާންކޮށްފައިނުވާ ޙާލަތެއްގައި ކުންފުނިން އެދުނު ގޮތަށް އެ ޙިއްޞާ ބަދަލުވެފައިވާކަން ރެކޯޑުކޮށްދީ ތަސްޖީލުކޮށް، ފުރިހަމަކޮށް އެކަން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކުންފުންޏަށް އަންގަންވާނެއެވެ.
35HN6HN7މިނޫން ގޮތަކަށް ޢަމަލުކުރަންޖެހޭނީ، އެހެން ގޮތަކަށް ޢަމަލުކުރުމަށް ކޯޓު އަމުރެއް އޮތުން ނުވަތަ އެ ޙިއްޞާ ބަދަލުކުރުމަށް ކުންފުނިން ނިންމާފައިވާ ނިންމުމާއި އަދި ޙިއްޞާ ބަދަލުކުރުމަށް ފެށި މުޢާމަލާތް ރޫޅާލާފައިވާކަން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ޤަބޫލުކުރެވޭ މިންވަރަށް ޞައްޙަ ލިޔެކިޔުން ހުށަހަޅާފައި އޮންނަ ޙާލަތުގައެވެ. ޙިއްޞާއެއް ބަދަލުކުރުމަކީ، ކުންފުންޏެއްގެ ނިސްބަތުން ނިންމާ އެންމެ މުހިންމު ނިންމުމަށް ކަމަށްވެފައި، އެކަމުގައި އެކަކަށްވުރެ ގިނަ ފަރާތްތައް ޝާމިލުވެ ފައިސާ އާއި ވިޔަފާރީގެ މަސްލަޙަތު ހިމެނޭކަމެއް ކަމަށްވެފައި އެންމެ ފަރާތަކުން ފޮނުވާ ސިޓީއެއްގެ މައްޗަށް ބިނާކޮށް ޙިއްޞާ ބަދަލުކުރުމަށް ނިންމާފައި އޮތް ނިންމުމަށް ބަދަލު ގެނައުމުގެ އިޚްތިޔާރެއް ރަޖިސްޓްރާރ އަށް ލިބިގެނެއް ނުވެއެވެ. އަދި ކުންފުންޏަކުން ޙިއްޞާ ބަދަލުކުރަން ނިންމާފައިވާ ނިންމުމުގެ ޞައްޙަކަން ކަނޑައެޅުމުގެ އަހްލިއްޔަތު ވެސް އޭނާގެ ކިބައިގައި ނުވެއެވެ.
36HN8ނަމަވެސް، ޙިއްޞާއެއް ބަދަލުކުރުމަށް ހުށަހެޅިފައި އޮންނަ ޙާލަތުގައި އެ ހުށަހެޅުމުގައި މަކަރާއި ޙީލަތްހެދުމާއި ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނާ ޚިލާފު ކަންތައްތަކެއް އެކުލެވޭކަމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ޤަބޫލުކުރެވޭ ޙާލަތުގައި އެ ކަންކަން ކަށަވަރުވަންދެން ޙިއްޞާ ބަދަލުކުރުމުގެ ކަންކަން ވަގުތީ ގޮތުން މަޑުޖައްސާލެވިދާނެއެވެ. އަދި އެކަމާ ގުޅޭގޮތުން ޖިނާއީ ތަޙްޤީގުތައް ކުރަން އެންގުމުގެ ބާރު ވެސް އޭނާއަށް ލިބިގެންވެއެވެ. މި ޙާލަތުގައި އެ ކަންކަން ބަލައި ގޮތެއް ނިންމެންދެން، ޙިއްޞާ ބަދަލުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ގޮތެއް ނިންމުން ހުއްޓާލުމުގެ އިޚްތިޔާރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިބިގެންވާކަން އެނގެއެވެ.
37މި މައްސަލައަށް ބަލައިފިނަމަ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ 8 އޭޕްރީލް 2014 ގެ ސިޓީން އޭނާ މި މުޢާމަލާތަށް ނުރުހޭކަން ސާފުނުވާހިނދު، އެ ސިޓީއަށް ބިނާކޮށް ޙިއްޞާ ބަދަލުކުރުން ހުއްޓާލަން ޖެހޭ އިސްވެ ބުނެވުނު ފަދަ ސަބަބެއް ފެންނަން ނެތެވެ. އަދި ޙިއްޞާ ނުރުހޭނަމަ ޙިއްޞާ ބަދަލުކުރުމުގެ ފޯމު ހުށަނާޅާނެވެ. މިހެން މިކަން ހިނގާފައިވަނިކޮށް އިސްތިއުނާފުކުރާ ފަރާތުން ފަހުން ފޮނުވާފައިވާ ސިޓީއަކުން މި ކަންކަމުގެ ނަތީޖާ އެހެން ގޮތަކަށް ބަދަލުވެ، ޙިއްޞާ ބަދަލުކުރުމުގެ މުޢާމަލާތް ރޫޅިގެން ނުދެއެވެ. ކަންމިހެން އޮތްއިރު، ޙިއްޞާ ބަދަލުކުރުމުގެ ކަންކަން ހިނގައި ގޮސްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ރުހުމާއެކީ ކަން އެނގެއެވެ.
މި ޖުޑިޝަލް ރިވިއު މައްސަލައިގައި ބަދަލަކަށް އެދެވިދާނެތޯ
38އިސްތިއުނާފުކުރާ ފަރާތުގެ ނުރުހުމުގައި އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑުގައި އޮތް އެ ފަރާތުގެ ޙިއްޞާ މިނިސްޓްރީން އެހެން ފަރާތަކަށް ބަދަލުކޮށްފައިވާތީވެ، އެކަމުގެ ބަދަލެއްގެ ގޮތުގައި 2,117,400.00 އެމެރިކާ ޑޮލަރު (ދެމިލިޔަން އެއްލައްކަ ސަތާރަހާސް ހަތަރުސަތޭކަ އެމެރިކާ ޑޮލަރު) ދައުލަތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވެއެވެ.
39މި މައްސަލައިގެ ޠަބީޢަތަކީ ޖުޑިޝަލް ރިވިއުގެ މައްސަލަ އެކެވެ. އިސްތިއުނާފުކުރާ ފަރާތުގެ ޝަކުވާއަކީ އޭނާގެ ނުރުހުމުގައި އޭނާގެ ޙިއްޞާއެއް އެހެން ފަރާތަކަށް ބަދަލުކޮށްފައިވާކަމަށް ބުނާ ބުނުމެވެ. އޭގެ ޖަވާބު ކުރިން ބަޔާންކުރެވިފައި ވާނެއެވެ.
40HN9މި ބާވަތުގެ މައްސަލަތަކަކީ މައްސަލައިގެ މައުޟޫޢަށް ފީނާ ބާވަތުގެ މައްސަލަތައްކަމަށް ނުވެފައި، ކޯޓުގެ ދައުރަކީ ދައުލަތުގެ އިދާރާގެ ނިންމުމަކީ އިންސާފުވެރިކަމާއެކު އެ އިދާރާއަށް ލިބިފައިވާ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްތޯ ބަލައި ރިވިއުކުރުމެވެ. ކުރުގޮތަކަށް ބުނާނަމަ، އިޖުރާއާތުތައް ހިނގާފައިވަނީ ރަނގަޅަށްތޯ ބެލުމެވެ.
41HN10HN11މިގޮތުން މިފަދަ މައްސަލައެއް ބަލާއިރު، ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ޚާދިމަކަށް ލިބިފައިވާ ބާރު ބޭނުންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްތޯ ޖަވާބު ލިބެންޖެހޭ ފުރަތަމަ ސުވާލެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އިޖުރާއީ އިންސާފުވެރިކަމާއެކުތޯ ޖަވާބު ލިބެންޖެހޭ ދެވަނަ ސުވާލެވެ. މިއާއެކު، ދައުލަތުގެ އިދާރާއިން އެދުނުކަމާ ގުޅޭގޮތުން އެ އިދާރާއަކުން ލިބޭނެ ކަމަށް ޤަބޫލުކުރެވިފައި އޮންނަ އުންމީދީ ޞައްޙަ ޖަވާބު ނުވަތަ ނަތީޖާ އާ، އެ ނިންމުން ޚިލާފުވޭތޯ ބެލުން ފަދަ ކަންކަން ހިމެނެއެވެ. ޖުޑިޝަލް ރިވިއު މައްސަލައެއް ޝަރުޢީ ކޯޓަކަށް ހުށަހެޅޭއިރު، ދައުލަތުގެ މައްޗަށް އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ސާފު މަޢުލޫމާތު ހާމަކުރުމުގެ ވާޖިބު އެހެން މައްސަލަތަކަށްވުރެ ބޮޑެވެ .
42HN12HN13ޖުޑިޝަލް ރިވިއު މައްސަލައެއްގައި ކޯޓުތަކުން ފޯރުކޮށްދޭ ފަރުވާއަކީ، ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ޚާދިމަކު ކުރި ޢަމަލެއްގެ ސަބަބުން ގެއްލިފައިވާ ޙައްޤެއް ފޯރުކޮށްދިނުމަށް އެންގުން ނުވަތަ ހަދާފައިވާ ގޯސް އިސްލާޙުކުރުމަށް ބުނުން އަދި ރަނގަޅު ނޫންކަމަށް ކަނޑައެޅުން ފަދަ އަމުރުތައް ނެރުމެވެ . މި ސަބަބު މިހެން އޮންނާތީވެ، މި ބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ޚާދިމަކު ކުރި ޢަމަލެއްގެ ސަބަބެއް ޙައްޤެއް ގެއްލިފައިވާކަމަށް ގަބޫލުކުރެވޭނަމަ އެކަމަށް ނުވަތަ އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން ގަބޫލުކުރެވޭ އަވަސް މިނެއްގައި ކޯޓަށް އައުން ލާޒިމެވެ. މިހާރަށް ބަލައިފިނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 64 ވަނަ މާއްދާގައިވާ ފަދައިން އެއީ 3 (ތިނެއް) މަސް ދުވަހެވެ.
43HN14ޖުޑިޝަލް ރިވިއު މައްސަލަތަކުގައި ފައިސާގެ ބަދަލު ދައުލަތުގެ ކިބައިން ނަގައިދިނުމެއް ނޯވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ޖުޑިޝަލް ރިވިއު މައްސަލައަކަށްވީތީވެ، އެފަދަ މައްސަލައެއްގައި ލިބިދެވޭ އަސާސީ ފަރުވާއަކީ ދައުލަތުގެ އިދާރާއަކުން ހެދި ގޯސް ރަނގަޅު ކުރުމެވެ.
44HN15ޖުޑިޝަލް ރިވިއު މައްސަލައަކަށްވީތީވެ ބަދަލަކީ އަސާސީ ފަރުވާއެއް ނޫނެވެ. ބަދަލަކަށް އެދޭނަމަ އެކަމަށް ހުއްދަކުރާ އެހެން ޤާނޫނީ ނައްސެއް ފެންނަން އޮންނަންވާނެއެވެ. އެގޮތުން، ދަޢުވާ ފަރުމާކޮށްފައިވާ ގޮތެއްގެ މައްޗަށް ބަލައި، ޖުޑިޝަލް ރިވިއުގެ މައްސަލައިގެ ތެރެއިން ނުވަތަ އެ ދަޢުވާ އާ އެކުއެކީ ބަދަލަކަށް ހުށަހެޅުމުގެ ދޮރު ބަންދުވެފައިނުވެއެވެ. މީގެ ތެރެއިން އެއް މިސާލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ހުށަހެޅިފައި އޮންނަ ބަދަލެކެވެ. އަނެއް މިސާލަކީ، ޕްރައިވެޓް ލޯގެ ހަމަތަކުގެ ދަށުން ބަދަލަކަށް ދަޢުވާކުރުން ހުއްދަކުރާ މައްސަލަތަކެވެ.
45HN16މީގެ އިތުރުން، ޖުޑިޝަލް ރިވިއު މައްސަލަ ނިމޭއިރު، ނުވަތަ ދައުލަތުގެ އިދާރާއިން ހެދުނު ގޯސް ރަނގަޅުކޮށްގެން ކަންހިނގާފައިވާ ގޮތާއި ވަގުތާ ޙާލަތަށް ބަލައި އިންސާފު ގާއިމު ނުކުރެވޭނެ ޙާލަތެއް ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ވުޖޫދުވެފައިވާކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ، އެފަދަ މައްސަލައެއްގައި އިންސާފު ޤާއިމުކުރެވެން އޮތް ހަމައެކަނި ގޮތަކީ ބަދަލެއް ނަގައިދިނުންކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ އެކަމަށް ހުރަހެއް އޮތް ކަމަކަށް ނުދެކެމެވެ. ނަމަވެސް، މިއީ ކޮންޓްރެކްޓަކާ ޚިލާފުވެގެން ނަގައިދެވޭ ފަދަ ބަދަލެއް ނޫނެވެ. މިއީ ތަފާތު ދެކަމެވެ. ދެ މަފުހޫމެކެވެ. އެހެންކަމުން، ނަގައިދެވޭނެ ބަދަލުގެ ނިސްބަތަކީ ވަރަށް ކުޑަ އަދަދެކެވެ.
46މި މައްސަލައަށް ބަލައިފިނަމަ، އިސްތިއުނާފުކުރާ ފަރާތުން ޠަޢުނުކުރާ ކަމަކީ، އޭނާގެ ނުރުހުމުގައި އޭނާގެ ޙިއްޞާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ބަދަލުކޮށްފައިވާތީވެ އެކަމުގެ ބަދަލު ހޯދައި ދިނުމަށެވެ. ނަމަވެސް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިސްތިއުނާފުކުރާ ފަރާތުގެ ނުރުހުމުގައި ކަމެއްކޮށްފައިވާކަން އެނގެން ނެތުމާއި، މި މައްސަލައިގައި ފައިސާގެ ބަދަލެއް ހޯދުމަށް ދައުލަތުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤެއް ނެތެވެ. އަދި މި މައްސަލައިގައި ޙަވާލާދެވޭ ވާޤިޢާ އެއީ ޙަޤީޤަތެއްކަމަށް ބަލައިފި ޙާލަތެއްގައި ލިބިދޭންޖެހޭ އަސާސީ ފަރުވާއަކީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ހަދާފައިވާ ކަމަށް ބުނާ ގޯސް އިސްލާޙުކުރުމެވެ. ފައިސާގެ ބަދަލެއް ނޫނެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި އެދިފައިވާ ބަދަލު ދަށުކޯޓުން ނަގައިނުދިނުމަށް ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއިދުކޮށްފައި އޮންނަ އޮތުން ރަނގަޅުކަމަށް ދެކެމެވެ.
ނިންމުން
47އިސްވެ ބުނެވުނު ކަންކަމަށް ބަލައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ފާހަގަކުރެވިފައި ނުވެއެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
48މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
49މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/373 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/373 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/373 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަބްދުﷲ ޙަމީދު
މުޙައްމަދު އިބްރާހީމް (ރިޔާސަތު)
މުޙައްމަދު ސަލީމް
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ
- ޤާނޫނު ނަންބަރު 10/96- (01 ޖަނަވަރީ 2024 ގައި އުވާލެވިފައި)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91
- ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމެންޓާ ބެހޭ ޤާނޫނު) – 03 ޑިސެންބަރު 2024 ގައި އުވާލެވިފައި
- ޢަބްދުﷲ ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުގެ 7.1 ވަނަ ބައި
- ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގޭނީ، މިޤާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ޓޫރިޒަމްގެ މަސައްކަތެއްގައިނަމަ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި، އެހެން ކަމެއްގައިނަމަ، މިނިސްޓްރީ އޮފް ޓްރޭޑް، އެންޑް އިންޑަސްޓްރީޒްގައި އެ އިންވެސްޓްމަންޓެއް ރަޖިސްޓަރީކޮށް، އެގްރީމެންޓެއްގައި ސޮއިކުރުމަށްފަހުގައެވެ.
- ޓޫރިޒަމްގެ މަސައްކަތުގައި ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކާ މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު، އެގްރީމެންޓެއްގައި ސޮއިކުރަން ވާނެއެވެ. އަދި މިނޫން އެހެން ކަމެއްގައި ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކާ މިނިސްޓްރީ އޮފް ޓްރޭޑް، އެންޑް އިންޑަސްޓްރީޒާ ދެމެދު އެގްރީމަންޓެއްގައި ސޮއިކުރަންވާނެއެވެ. އެ އެގްރީމެންޓުގައި، އެ އިންވެސްޓްމަންޓެއްގެ ދަށުން ކުރާނެ ހުރިހާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ހިންގާނެގޮތް ތަފްސީލުކޮށް ކަނޑައެޅި ބަޔާންވެފައި އޮންނަން ވާނެއެވެ.
- މި މާއްދާގައި ބަޔާންކުރަނީ "ދިވެހިރާއްޖޭގައި ކުރާ އިންވެސްޓްމަންޓްގެ ފައިދާ، މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބުނާ އެގްރީމެންޓްގައިވާ ގޮތުގެމަތިން ރާއްޖޭން ބޭރަށް ގެންދެވިދާނެއެވެ."
- މި މާއްދާގައި ބަޔާންކުރަނީ "މި ޤާނޫނުގެ ދަށުން ހިނގާ އިންވެސްޓްމަންޓެއްގައި، ދިވެހި ސަރުކާރާއި އިންވެސްޓްކުރި ފަރާތާ ކަމެއް ހަމަނުޖެއްސިއްޖެނަމަ، އެކަމެއް ނިންމާނީ އެގްރީމަންޓްގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިންނެވެ."
- ފުޓް ނޯޓު 3
- މި މާއްދާގައި ބަޔާންކުރަނީ "ކުންފުނީގެ ކޮންމެ މެންބަރެއްގެ ޙިއްޞާއަކީ އުފުލޭ މުދަލެކެވެ. ޕްރައިވެޓް ކުންފުންޏެއްނަމަ، ހިންގާ ގަވާއިދުގައި ބުނާ ގޮތުގެމަތިން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އެ ކުންފުންޏެއްގެ ޙިއްޞާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލު ކުރެވިދާނެއެވެ. ޕަބްލިކް ކުންފުންޏެއްނަމަ ޙިއްޞާ ބަދަލު ކުރެވޭނީ މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ."
- މި މާއްދާގައި ބަޔާންކުރަނީ "ކުންފުންޏެއްގެ ޙިއްޞާއެއް އެކަމުގެ ކިބައިން އަނެކަކަށް ބަދަލުކޮށްފިނަމަ، ޙިއްޞާ ބަދަލު ކޮށްފިކަން ކުންފުނީގައި ރަޖިސްޓަރީ ކުރަން ވާނެއެވެ. މިގޮތަށް ޙިއްޞާ ބަދަލުކޮށްފި ކަމުގައި ބެލޭނީ ޙިއްޞާ ބަދަލުކުރިކަން އަންގައިދޭ އެކަށޭނަ ލިޔުމެއް ކުންފުންޏަށް ލިބުމުންނެވެ."
- ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/13 ޤަޟިއްޔާ (ރޮޒައިނާ އާދަމް އަދި އަޙްމަދު މަޙްލޫފް ވ. ދައުލަތް) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2011/SC-A/38 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ސިވިލް ސަރވިސް ކޮމިޝަން) މި ދެ ޤަޟިއްޔާގައި ޖުޑިޝަލް ރިވިއު މައްސަލަތަކުގައި ބަލާނެ އާންމު ހަމަތައް ބަޔާންކުރެވިފައިވެއެވެ.
- Legitimate Expectation
- Duty of Candour
- މިގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ދައުލަތުގެ އިދާރާގެ ނިންމުން ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ބަޔާންކޮށް ނެރޭ Quashing Order (Certiorari) ނުވަތަ ދައުލަތުގެ އިދާރާއިން ޤާނޫނާ އެއްގޮތަށް ޒިންމާ އަދާކުރުމަށް އަންގައި ނެރޭ Mandatory Order (Mandamus) ނުވަތަ ކަމެއް އިމުގެ ބޭރުން ބާރުގެ ބޭނުންކުރާ ޙާލަތުގައި އެކަން މަނާކޮށް Prohibiting Order ނުވަތަ ކަމެއް އޮތްގޮތް ބަޔާން ކުރާ Declaration އަދި ކަމެއް މަނާކުރުން ނުވަތަ ކަމެއް ކުރުމަށް އަންގާ ނެރޭ ވަގުތީ އަމުރު ފަދަ އަމުރުތައް ނެރުން ހިމެނެއެވެ.
- ޤާނޫނު ނަންބަރު 32/2021
- ކޮމަންލޯ ޤާނޫނީ ނިޒާމަށް ޢަމަލުކުރާ ޤައުމުތަކުގައި ތަބާވާ އުޞޫލުތަކުން ދޭހަވަނީ ހަމައެކަނި އިދާރީ ގޮތުން ހެދޭ ކުށަކަށް މާލީ ގޮތުން ބަދަލު ދިނުމެއް ލާޒިމެއް ނުކުރެއެވެ. ފައިސާގެ ބަދަލެއް ކަނޑައެޅެނީ ޕްރައިވެޓް ލޯގެ ދާއިރާއިން އުފެދޭ ދަޢުވާއެއް (ފަދަ ޓޯޓް ނުވަތަ އެއްބަސްވުމަކާ ޚިލާފުވުން) ވުޖޫދުގައި ވާނަމަ، ނުވަތަ ޤާނޫނަކުން ނުވަތަ ޤާނޫނުއަސާސީގެ ސާފު މާއްދާއަކުން އިންޞާފު ޤާއިމުކުރުމަށް އެފަދަ ފަރުވާއެއް ކަނޑައަޅާފައިވާ ޙާލަތްތަކުގައެވެ. (މިސާލަކަށް ޔޫކޭގެ ހިއުމަން ރައިޓްސް އެކްޓް 1998 ގެ 8 ވަނަ މާއްދާ، އަދި ކެނެޑާގެ ޗާޓަރ އޮފް ރައިޓްސް އެންޑް ފްރީޑަމްސްގެ 24 (1) ވަނަ މާއްދާ ފަދަ މާއްދާތަކުންނެވެ.) See e.g; R (Greenfield) v. Secretary of State for the Home Department, [2005] UKHL 14, [2005] 1 W.L.R. 673 (UK). R v. Secretary of State for Transport, ex parte Factortame Ltd., [1990] 2 A.C. 85 (UK). Eng Foong Ho v. Attorney-General, [2009] SGCA 5, [2009] 2 S.L.R.(R.) 542 (Sing.), Walumba Lumba (Congo) 1&2 and Kadian Mighty (Jamaica) v Secretary of State for the Home Department [2011] UKSC 12; [2012] 1 AC 245
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓް ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓް ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓް ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓް ޤާނޫނު) ގެ 15 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 58 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 64 ވަނަ މާއްދާ
- ޔޫކޭގެ ހިއުމަން ރައިޓްސް އެކްޓް 1998 ގެ 8 ވަނަ މާއްދާ
- ކެނެޑާގެ ޗާޓަރ އޮފް ރައިޓްސް އެންޑް ފްރީޑަމްސްގެ 24 (1) ވަނަ މާއްދާ
- އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (2019/SC-L/91)
- ރޮޒައިނާ އާދަމް އަދި އަޙްމަދު މަޙްލޫފް ވ. ދައުލަތް (2009/SC-A/13)
- އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ސިވިލް ސަރވިސް ކޮމިޝަން (2011/SC-A/38)
- R (Greenfield) v. Secretary of State for the Home Department, [2005] UKHL 14, [2005] 1 W.L.R. 673
- R v. Secretary of State for Transport, ex parte Factortame Ltd., [1990] 2 A.C. 85
- Eng Foong Ho v. Attorney-General, [2009] SGCA 5, [2009] 2 S.L.R.(R.) 542
- Walumba Lumba (Congo) 1&2 and Kadian Mighty (Jamaica) v Secretary of State for the Home Department [2011] UKSC 12; [2012] 1 AC 245
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.