މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ދިވެހި ދައުލަތް) ވ. ޝަމްޢޫން އާދަމް އަދި އިތުރު 2 ފަރާތް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2023/HC-A/152
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން (3973/Cv-C/2021) ނިންމީ ޕީ.އެޗް.ޑީ ސަނަދުތައް އެކްރެޑިޓްކުރަން އޮތޯރިޓީއަށް އަމުރުކުރާނެ ތަނެއް ނެތްކަމަށާއި، އެދުނު މިންވަރަށް ގެއްލުން ސާބިތުނުވާކަމަށެވެ. ހައިކޯޓުން (2023/HC-A/152) ނިންމީ ރެކޮގްނިޝަން ލިޔުމާއި 29 މާރިޗް 2018 ގެ ނިންމުމުގެ ޝަރުޠު ފުރިހަމަވާތީ ސަނަދު ޤަބޫލުކުރަން އޮތޯރިޓީއަށް އަންގައި، އެހެންކަމުން ބަދަލު ނަގައިދޭކަށް ނުޖެހޭކަމަށެވެ.
- ވާޤިޢާ
- ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގާ ފިލިޕީންސްގެ އޯލްޑަރސްގޭޓް ކޮލެޖުގެ ޕީ.އެޗް.ޑީ ޕްރޮގްރާމް ޤަބޫލުކުރާކަމުގެ ލިޔުން 2016 ގައި ޝަމްޢޫން އާދަމަށް ލިބުނެވެ. 2018 ގައި UGC އާއި CHED އިން މަރުކަޒާއި ޕްރޮގްރާމް ޤަބޫލުނުކުރާކަން އެނގުމުން ރެކޮގްނިޝަން ހުއްޓާލައި، 2018 ޖަނަވަރީގެ ކުރިން ވަނީ ދަރިވަރުންގެ ސަނަދު ޝަރުޠާއެކު ވެލިޑޭޓްކުރާނެކަމަށް ނިންމިއެވެ. ކޯސް ނިންމުމުން 2021 ގައި ސަނަދު ޤަބޫލުނުކުރަން ނިންމިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށު މަރުޙަލާތަކުގައި ދައުލަތުން ނުދައްކާ ނުކުތާ ސުޕްރީމް ކޯޓުގައި ބެލޭނެތޯ؛ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލަންވާވަރަށް ނުބަލައި ދޫކުރި ރެކޮގްނިޝަން ލިޔުމަކާއި 29 މާރިޗް 2018 ގެ ނިންމުމަށް ބިނާކޮށް، އެކްރެޑިޓްނުކުރާ މަރުކަޒަކުން ކިޔަވައިދިން ޕީ.އެޗް.ޑީ ސަނަދު ވެލިޑޭޓްކުރަން އޮތޯރިޓީއަށް އެންގިދާނެތޯ؛ އަދި ސަނަދު ވެލިޑޭޓްނުކުރާނަމަ ގެއްލުމުގެ ބަދަލު ލިބެނީ ކޮން ފަރާތްތަކަކަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ޕްރޮގްރާމަކީ CHED އިން ޤަބޫލުކުރާ ޕްރޮގްރާމެއް ނޫންކަމަށާއި، ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލުގެ 12ވަނަ މާއްދާ ލަފުޒީ ގޮތުން މާނަކުރުމަކީ ފެންވަރު ބެލުމުގެ މަޤްޞަދު ނޫންކަމަށާއި، ޙައްލަކީ ގެއްލުން ސާބިތުވާނަމަ ބަދަލު ދިނުންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނީ ރެކޮގްނިޝަން ދޫކުރީ އުޞޫލުތަކާ އެއްގޮތަށްކަމަށާއި، ދައުލަތުގެ ނުކުތާތަކަކީ ދަށު މަރުޙަލާގައި ނުދައްކާ އައު ނުކުތާކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ދައުލަތުގެ ނުކުތާތަކަކީ އައު ނުކުތާ ނަމަވެސް، ހައިކޯޓުގެ ނިންމުމުން މައްސަލައަކީ އާންމު މަޞްލަޙަތު ހިމެނޭ މައްސަލައަކަށްވެފައިވާތީ ބެލުނެވެ. ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލުގެ 12 އަދި 14ވަނަ މާއްދާއިން މަރުކަޒު ޤަބޫލުކުރުމަކީ ހުރިހާ ޕްރޮގްރާމެއް ޤަބޫލުކުރުން ނޫނެވެ. ބަލަންވާވަރަށް ނުބަލައި ޤާނޫނީ އިމުން ބޭރުން ދޫކުރި ލިޔުމަކަށް ބިނާކޮށް ސަނަދު ވެލިޑޭޓްކުރަން ނާންގާނެއެވެ. ލިޔުމަށް ބަރޯސާވި ޝަމްޢޫން އާދަމަށް ބަދަލު ލިބެއެވެ؛ ލިޔުމެއް ނުހޯދާ ކިޔެވި އަނެއް ދެ ފަރާތް ކިޔެވީ އަމިއްލަ ރިސްކުގައެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ 2023/HC-A/152 ނިންމުން ބާޠިލުކޮށް، ސަނަދު އެކްރެޑިޓްކުރަން އަމުރުކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުގެ 3973/Cv-C/2021 ގައި ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކުރެވުނެވެ. ނިޢުމާ މުޙައްމަދާއި ފާޠިމަތު މުމްތާޒަށް ގެއްލުމުގެ ބަދަލު ނުލިބޭނެކަމަށާއި، ޝަމްޢޫން އާދަމަށް ގެއްލުމެއް ލިބިފައިވާނަމަ ބަދަލު ލިބިދޭންޖެހޭކަމަށް ކަނޑައަޅައި، ގެއްލުމުގެ މިންވަރު ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް ތަޙުވީލުކުރެވުނެވެ.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16ވަނަ މާއްދާގައިވާ އާންމު އުޞޫލަކީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުޙަލާތަކުގައިވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަހުސަކަށްވުމެވެ. ދަށު މަރުޙަލާތަކުގައި ހުށަހެޅި ދިފާޢުތަކާއި ޤާނޫނީ ބަހުސްތަކާ ތަފާތު އައު ނުކުތާއެއް ހުށަހެޅެންވާނީ ވަރަށް އިސްތިސްނާ ޙާލަތެއްގައެވެ. އެއީ، ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށް ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމައެވެ.
HN2 ދައުލަތުން ފާހަގަކުރާ ނުކުތާއަކީ ދަށު އެއްވެސް މަރުޙަލާއެއްގައި ފާހަގަކޮށްފައިނުވާ ނުކުތާއެއް ކަމުގައިވިޔަސް، ހައިކޯޓުގެ ނިންމުން އައިސްފައިވާ ގޮތުގެ ސަބަބުން މައްސަލައަކީ އާންމު މަޞްލަޙަތު ހިމެނޭ މައްސަލައަކަށްވެފައި، ޢަދުލު އިންސާފު ޤާއިމްކުރުމަށްޓަކައި ކޮންމެހެން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކަށްވާނަމަ، އެ ނުކުތާއަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެއެވެ. އެފަދަ ޙާލަތެއްގައި ނުކުތާއަށް ޖަވާބުދިނުމުގައި ރިޢާޔަތްކުރާނީ ދަށު މަރުޙަލާގައިވެސް ދައްކާފައިވާ ވާހަކަތަކަށް ކަމަށާއި، އިތުރު ވާޤިޢާތަކެއް ކަށަވަރުކުރަން ނުޖެހޭ ނަމައެވެ.
HN3 މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" ގެ 12ވަނަ މާއްދާގެ ލަފުޒީ ޢިބާރާތުން ބަޔާންކޮށްފައިވަނީ މަރުކަޒު އެކަނި ކަމުގައިވިޔަސް، މަރުކަޒަކީ މަތީ ތަޢުލީމާއި ތަމްރީން ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުމާއި ނުވަތަ އެކްރެޑިޓޭޝަން އޮތޯރިޓީއަކުން އެކްރެޑިޓްކުރާ ތަނަކަށްވުމަކީ އެ މަރުކަޒަކުން ހިންގާ ހުރިހާ ޕްރޮގްރާމެއް ބަލައިގަނެވިދާނެ ކަމެއް ނޫނެވެ. އެ އުޞޫލުގެ 14ވަނަ މާއްދާއަށް ބެލުމުން، ކޮންމެ ޕްރޮގްރާމެއްވެސް ރެކޮގްނައިޒް ކުރެވެނީ އެ ޕްރޮގްރާމެއްގެ ފެންވަރު ވަޒަންކުރުމަށްފަހުގައެވެ. ޕްރޮގްރާމެއްގައި އެ ފެންވަރު ނެތްނަމަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އެ ޕްރޮގްރާމެއް ރެކޮގްނައިޒް ނުކުރެވޭނެއެވެ.
HN4 ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނެ ގޮތުގެ އުޞޫލު (2021) އެ ދެ ނައްޞު އައުމުގެ ކުރިން ހިނގި ހާދިސާއަކަށް ތަޠުބީޤުނުކުރެވޭނެ ކަމަށް ބެލިނަމަވެސް، އެ ޤާނޫނު އައުމުގެ ކުރިންވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ތަންފީޒުކުރުމާއި، ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާއި، މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް (އެޕްރޫވަލް، އެކްރެޑިޓޭޝަން އަދި އޮޑިޓިންގ) އެކުލަވާލައި މި ކަންކަމާބެހޭ ސިޔާސަތުތައް ހަދައި ހިންގުން ހިމެނެއެވެ.
HN5 ޕްރޮގްރާމަށް ކިޔަވައިދޭ މަރުކަޒަކީ އެ ޤައުމެއްގެ ކަމާބެހޭ އިދާރާއިން އެކްރެޑިޓްކުރާ ތަނެއް ނޫންކަމާއި، ސަނަދު އެވޯޑްކުރާ މަރުކަޒަށް ޑޮކްޓޯރަލް ލެވެލްގެ ޕްރޮގްރާމެއް ހިންގަން ހުއްދަ ދީފައިނުވާކަމާއި، ޕްރޮގްރާމަކީ އެ ޤައުމެއްގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރާ ރަސްމީ އިދާރާއިން ޤަބޫލުކުރާ ޕްރޮގްރާމެއް ނޫންކަމާއި ހުރިއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކުރާ ޕްރޮގްރާމް ރެކޮގްނިޝަން ލިޔުމަކީ އަދި ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ ސަނަދު ބަލައިގަތުމަށް ނިންމާ ނިންމުމަކީ ބަލަންވާވަރަށް ނުބަލައި ދޫކުރާ ލިޔުމަކާއި ނިންމުމެއް ކަމުގައިވާއިރު، އެފަދަ ލިޔުމަކާއި ނިންމުމަކީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލާ ޚިލާފު ލިޔުމަކާއި ނިންމުމެކެވެ. އެފަދަ ލިޔުމަކަށް ނުވަތަ ނިންމުމަކަށް ރިޢާޔަތްކޮށް ޕްރޮގްރާމް ފުރިހަމަކޮށް ހުށަހަޅާ ސަނަދު ވެލިޑޭޓް ނުކުރެވޭނެއެވެ.
HN6 މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށްވެސް ޢަމަލުކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން އެ އޮތޯރިޓީއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާ އެއްގޮތަށެވެ. އެހެންކަމުން، ޤާނޫނީ އިމުން ބޭރުން ލިޔުމެއް ފޮނުވިފައިވީތީ، އެ ލިޔުމާ އެއްގޮތަށް ޢަމަލުކުރަންޖެހޭކަމަށް އެ އޮތޯރިޓީއަށް އެންގިގެން ނުވާނެއެވެ. އަދި މުޖުތަމަޢުގެ އާންމު މަޞްލަޙަތު އެކުލެވިގެންވާ މައްސަލައެއްގައި އެގޮތަށް އެންގުމަކީ ދެވިދާނެ ޢަދުލުވެރި ޙައްލެއްވެސް ނޫނެވެ.
HN7 މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޕްރޮގްރާމެއް ބަލައިގަންނަ ޕްރޮގްރާމެއްކަމަށް ލިޔުމުން ދޫކުރުމުން، އެ ލިޔުމަށް ބަރޯސާވެ ޕްރޮގްރާމްގެ ކިޔެވުން ފަށައި ފުރިހަމަކުރި ފަރާތަކަށް، އެ ޕްރޮގްރާމްގެ ސަނަދު ވެލިޑޭޓްކޮށްނުދިނުމަށް އެ އޮތޯރިޓީން ނިންމި ނިންމުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއްގެ ބަދަލު ލިބިދޭންޖެހެއެވެ.
HN8 މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޕްރޮގްރާމް ޤަބޫލުކުރާކަމުގެ ލިޔުމެއް ހޯދުމަކާނުލައި ޕްރޮގްރާމްގެ ކިޔެވުން ފަށައި، އެ ޕްރޮގްރާމާގުޅޭ މައްސަލަތަކެއް ފާހަގަކުރެވިގެން އޮތޯރިޓީން އޭގެ ކަންތައްތައް ބަލަމުން ދިޔަކަމާއި ޕްރޮގްރާމް ރެކޮގްނިޝަން ދޫކުރުން ހުއްޓާލިކަން އާންމުކޮށް އަންގާފައިވާއިރު ކިޔެވުން ކުރިއަށް ގެންދިޔަ ފަރާތްތަކުން ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އެ ފަރާތްތަކުގެ އަމިއްލަ ރިސްކުގައެވެ. އެފަދަ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އަންގަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
HN9 ސަނަދުތައް ވެލިޑޭޓްކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ބައި ހައިކޯޓުން ބަލާފައިނުވާ ޙާލަތެއްގައި، ސަނަދު ވެލިޑޭޓްކުރަން ހައިކޯޓުން އަންގާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާނަމަ، ގެއްލުމުގެ މިންވަރު ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން އަލުން ބެލުމަށް މައްސަލަ ތަޙުވީލުކުރެވިދާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ލޫޠު މުޙައްމަދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ފަރީދު، އެސް އެންޑް އާރ ލީގަލް ކޮންސަލްޓަންޓްސް
- އިސްތިއުނާފުކުރި ފަރާތް ތަމްސީލުކުރީ
- އަޙްމަދު އަޙުސަން (ޑިރެކްޓަރ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ)
- ބެންޗު
- ޙުސައިން ޝަހީދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
[2025]SC 21
2024/SC-A/41
ޝަރީޢަތް ނިމުނުގޮތް
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ދިވެހި ދައުލަތް) ވ. ޝަމްޢޫން އާދަމް އަދި އިތުރު 2 ފަރާތް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސައިން ޝަހީދު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ނިމުނު ތާރީޚު
26 އޮކްޓޯބަރ 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2023/HC-A/152
އިސްތިއުނާފުކުރާ ފަރާތް
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ދިވެހި ދައުލަތް)
ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް އެޓަރނީ ލޫޠު މުޙައްމަދު
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ފަރާތުން ޑިރެކްޓަރ އަޙްމަދު އަޙުސަން
އިސްތިއުނާފު ރައްދުވާ ފަރާތް
1ޝަމްޢޫން އާދަމް، ޓްވައިލައިޓް، ގދ. ތިނަދޫ (އައިޑީ ކާޑު ނަންބަރު A067892)
2ނިޢުމާ މުޙައްމަދު، މަނާމް، ނ. ވެލިދޫ (އައިޑީކާޑު ނަންބަރު A072553)
3ފާޠިމަތު މުމްތާޒް، މ. ސިނައެކަތަ، މާލެ (އައިޑީކާޑު ނަންބަރު A021400)
ޤާނޫނީ ވަކީލު: މުޙައްމަދު ފަރީދު، އެސް އެންޑް އާރ ލީގަލް ކޮންސަލްޓަންޓްސް
އިދާރީ ނިންމުން - ސަނަދު ވެލިޑޭޓްނުކުރުން - ދަށު މަރުޙަލާގައި ނުދައްކާ ވާހަކަ ސުޕްރީމް ކޯޓަށް ހުށަހެޅުން - މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތު - ގެއްލުމުގެ ބަދަލު
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ދިވެހި ދައުލަތް) ވ. ޝަމްޢޫން އާދަމް އަދި އިތުރު 2 ފަރާތް [2025] SC 21
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރަޢުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/152 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (މީގެ ފަހުން ދިވެހި ދައުލަތް") ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ގދ. ތިނަދޫ، ޓްވައިލައިޓް، ޝަމްޢޫން އާދަމް (އައިޑީ ކާޑު ނަންބަރު A067892)، ނ. ވެލިދޫ، މަނާމް، ނިޢުމާ މުޙައްމަދު (އައިޑީ ކާޑު ނަންބަރު A072553) އަދި މ. ސިނައެކަތަ، ފާޠިމަތު މުމްތާޒް (އައިޑީ ކާޑު ނަންބަރު A021400) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް") އަށެވެ.
މައްސަލައިގެ ފަސްފަހަތް
2ފިލިޕިންސްގެ އޯލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖު ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެއިމްސް ކޮލެޖް") ގައި ހިންގަމުންދާ ޑޮކްޓަރ އޮފް ފިލޯސަފީ (މެނޭޖްމަންޓް) ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްތޯ ބެލުމަށް ޝަމްޢޫން އާދަމްގެ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހެޅިއެވެ. މި ހުށަހެޅުމާ ގުޅިގެން ބުނެވުނު ޕީ.އެޗް.ޑީ ޕްރޮގްރާމަކީ އެ އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމަށް ބަޔާންކޮށް "ރެކޮގްނިޝަން އޮފް އަ ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ލިޔުން 28 ސެޕްޓެމްބަރު 2016 ގައި ޝަމްޢޫން އާދަމަށް ދޫކޮށްފައިވެއެވެ.
3ޝަމްޢޫން އާދަމާއި އަދި މި މައްސަލައިގައި ދެން ހިމެނޭ އިސްތިއުނާފު ރައްދުވާ ފަރާތްތައް އެއިމްސް ކޮލެޖުގައި ކިޔަވަމުން ދަނިކޮށް، 18 ޖެނުއަރީ 2018 ގައި ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން (UGC) އިން ސްރީލަންކާގެ އެއިމްސް ކޮލެޖް އެކްރެޑިޓްނުކުރާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް އެންގިއެވެ. އަދި 05 މާރިޗު 2018 ގައި ޕިލިޕީންގެ އޯލްޑަރސްގޭޓް ކޮލެޖުގެ ޕީ.އެޗް.ޑީ ޕްރޮގްރާމަކީ ފިލިޕީންސްގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރާ ރަސްމީ އިދާރާ ކަމުގައިވާ ފިލިޕީންސްގެ ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން (CHED) އިން ޤަބޫލުކުރާ ޕްރޮގްރާމެއް ނޫންކަމަށް ފިލިޕީންސްގެ ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން (CHED) އިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރީޓިއަށް އެންގިއެވެ.
422 ފެބްރުއަރީ 2018 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސަރކިއުލަރއިން ފިލިޕީންސްގެ އޯލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުން ހިންގަމުންދާ ޕީ.އެޗް.ޑީ ޕްރޮގްރާމާބެހޭ ބައެއް ކަންކަން އެ އޮތޯރިޓީން ބަލަމުންދާތީ، އެ ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރާ "އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރެކޮގްނިޝަން" ލިޔުން ދޫކުރުން 2018 ޖަނަވަރީ މަހުން ފެށިގެން ހުއްޓާލާފައިވާކަމަށާއި، އެ ޕްރޮގްރާމްގައި އެއްވެސް ދިވެހި ދަރިވަރަކު ކިޔަވަމުން ގެންދާނަމަ، 15 މާރިޗް 2018 ގެ 2:00ގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އެންގުމަށް އިޢުލާންކުރިއެވެ.
5މި އިޢުލާނާ ގުޅިގެން ޝަމްޢޫން އާދަމާއި ފާޠިމަތު މުމްތާޒް އަދި ނިޢުމާ މުޙައްމަދުގެ ފަރާތުން މި ކޯހުގައި ކިޔަވަމުންދާކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އެންގިއެވެ.
6އަދި 29 މާރިޗް 2018 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އިންޓަރނަލް ޕެނަލްގެ "ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ޕީ.އެޗް.ޑީ އަށް ކިޔަވަމުންދާ ދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދު މި އޮތޯރިޓީގެ ނިންމުން" ފާސްކޮށްފައިވެއެވެ. އެ ނިންމުމުގައި، 2018 ވަނަ އަހަރުގެ ޖެނުއަރީގެ ކުރިން މި ޕްރޮގްރާމަށް އެންރޯލްވެ ރަޖިސްޓްރީވެފައިވާ ދަރިވަރުން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އެ އޮތޯރިޓީއަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންގެ ސަނަދު ވެލިޑޭޓްކޮށްދޭނެކަމަށް ނިންމިއެވެ. އަދި މިކަން ޢާންމުކޮށް އަންގާ 29 މާރިޗު 2018 ގައި އިޢުލާންކޮށްފައިވެއެވެ.
7ސެޓްފިކެޓް ވެލިޑޭޓް ކޮށްދޭނެ ކަމަށް ބަޔާންކޮށްފައިވާތީ، މި މައްސަލައިގައި ހިމެނޭ ފަރާތްތައް ޕްރޮގްރާމްގެ ކިޔެވުން ކުރިއަށް ގެންގޮސް ކިޔެވުން ނިންމިކަމަށް އެ ފަރާތްތަކުން ބުނެއެވެ. ޝަމްޢޫން އާދަމް ކޯސް ނިންމީ 15 ޑިސެމްބަރު 2019 ގައެވެ. ދެން ތިބި ފަރާތްތައް ކޯސް ނިންމީ 25 ނޮވެމްބަރު 2020 ގައެވެ.
8މި ފަރާތްތައް ކޯސް ނިންމި ފަހުން، 24 މާރިޗު 2021 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސަރކިއުލަރގައި ފިލިޕިންސްގެ އޯލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންދާ ޕީ.އެޗް.ޑީ ޕްރޮގްރާމް ޤަބޫލު ނުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ 2021 ގެ 6 ވަނަ ބައްދަލުވުމުގައި ނިންމާފައިވާތީ، އެކަން އަންގައި ޢާންމުކޮށް އިޢުލާންކުރިއެވެ.
9އަދި 24 މާރިޗް 2021 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޝަމްޢޫން އާދަމްއަށް ފޮނުވި ސިޓީގައި ޝަމްޢޫން އާދަމްއަށް "އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރެކޮގްނިޝަން" ލިޔުން 28 ސެޕްޓެމްބަރު 2016 ގައި ދޫކޮށްފައިވީނަމަވެސް، ފަހުން އެ ޕްރޮގްރާމާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ފިލިޕީންސްގެ މަތީ ތަޢުލީމު ކޮލިޓީ އެޝުއަރެންސްގެ ކަންކަން ބަލަހައްޓާ މައި އިދާރާ ކަމުގައިވާ "ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން" (ޗެޑް) އިން ފިލިޕީންސްގެ އޯލްޑާރސްގޭޓް ކޮލެޖަށް ޑޮކްޓޯރަލް ލެވެލްގެ އެއްވެސް ޕްރޮގްރާމެއް ހިންގަން ހުއްދަ ދީފައިނުވާކަމަށާއި، އަދި އޯލްޑަރސްގޭޓްގެ ޑޮކްޓަރ އޮފް ފިލޯސޮފީ ޕްރޮގްރާމަކީ ޗެޑް އިން ޤަބޫލުކުރާ ޕްރޮގްރާމެއްނޫންކަމަށާއި، އަދި އެއާއެކު ޑޮކްޓޯރަލް ލެވެލްގެ މި ޕްރޮގްރާމަށް ކިޔަވައިދޭ ސްރީލަންކާގެ އެއިމްސް ކޮލެޖަކީ ޔުނިވަރސިޓީއަކަށް ނުވާތީ އަދި ޔުނިވަރސިޓީގެ ދަރަޖަ ލިބިފައިވާ ތަނަކަށް ނުވުމަކީވެސް މި ޕްރޮގްރާމް ޤަބޫލުނުކުރުމަށް ނިންމި މައިގަނޑު ސަބަބުކަމުގައި ބުނެފައިވެއެވެ.
10މި ސިޓީއާ ގުޅިގެން 28 މާރިޗް 2021 ގައި ޝަމްޢޫން އާދަމްގެ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ގަވަރނިންގ ބޯޑާ ބައްދަލުވުގެ ފުރުޞަތަކަށް އެދުނެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ 29 އެޕްރީމް 2021 ސިޓީގައި ގަވަރނިންގ ބޯޑުގެ 12ވަނަ ބައްދަލުވުމުގައި މި މައްސަލައާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު ދީފައިވާކަމަށާއި، އެ ދުވަހު ގަވަރނިންގ ބޯޑުގެ އިއްތިފާޤުން ނިންމާފައިވަނީ ފިލިޕީންސްގެ އޯލްޑަރސްގޭޓް ކޮލެޖުގެ ޕީ.އެޗް.ޑީ ޕްރޮގްރާމަކީ ފިލިޕީންސްގެ "ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން" (ޗެޑް) އިން ޤަބޫލުކުރާ ޕްރޮގްރާމެއް ކަމުގެ ޞައްޙަ ލިޔުން ދަރިވަރުން ހުށަހެޅުމާއެކު، އެ ޕްރޮގްރާމް ޤަބޫލުކުރާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ލިޔުންދީފައިވާ ދަރިވަރުން މި ސަނަދު ޙާޞިލްކޮށް ސަނަދުގެ ފެންވަރު ބެލުމަށް ހުށަހެޅުމުން، ސަނަދު ޤަބޫލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމިކަމަށް ބުނެފައިވެއެވެ.
11ކޯސް ފުރިހަމަކުރިކަމުގެ ސަނަދު ވެލިޑޭޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޝަމްޢޫން އާދަމްއާއި ނިޢުމާ މުޙައްމަދު އާއި ފާޠިމަތު މުމްތާޒް ހުށަހެޅިއެވެ. ނަމަވެސް، ފިލިޕީންސްގެ އޯލްޑަރސްގޭޓް ކޮލެޖުގެ ޕީ.އެޗް.ޑީ ޕްރޮގްރާމަކީ ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން (CHED) އިން ޤަބޫލުކުރާ ޕްރޮގްރާމެއް ކަމުގެ ލިޔުން ހުށަހެޅުމަށާއި، ލިޔުން ހުށަހެޅުމުން ސަނަދުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން 30 ޖޫން 2021 ގައި އެންގިއެވެ. އަދި މި ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުނުކުރާ ޕްރޮގްރާމެއްކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ 2021 ވަނަ އަހަރުގެ 05ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށް 19 ސެޕްޓެމްބަރު 2021 ގައި މި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެންގިއެވެ. މިގޮތަށް އެޑްވައިޒަރީ ބޯޑުން ނިންމި ސަބަބުތަކުގެ ތެރޭގައި،
(1) ފިލިޕީންސްގެ "ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން" (ޗެޑް) އިން އޯލްޑަރސްގޭޓް ކޮލެޖުން އެވޯޑްކޮށްފައިވާ މި ޑޮކްޓޯރަލް ޑިގްރީއަކީ ޤަބޫލުކުރާ ޕްރޮގްރާމެއް ނޫންކަމަށް ލިޔުމުން އަންގާފައިވާކަން؛
(2) މި ޕްރޮގްރާމަށް ކިޔަވައިދީފައިވާ ސްރީލަންކާގެ އެއިމްސް ކޮލެޖަކީ ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނުން އެކްރެޑިޓްކޮށްފައިވާ މަރުކަޒެއް ނޫންކަމަށް އެ އޮތޯރިޓީއަށް އަންގާފައިވުން؛
(3) މި ޕްރޮގްރާމަކީ ފިލިޕީންސްގެ މަތީ ތަޢުލީމުގެ ކޮލިޓީ އެޝުއަރެންސްގެ ކަންކަން ބަލަހައްޓާ މައި އިދާރާ ކަމުގައިވާ "ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން" (ޗެޑް) އިން މިހާރު ޤަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ޞައްޙަ ލިޔުން ހުށަހެޅުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ފުރުޞަތު ދިނުމުން އެ ލިޔުން ހުށަހަޅާފައިނުވުން؛
(4) އަދި 15 ޖުލައި 2021 ގައި އެ "ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން" (ޗެޑް) އިން ފޮނުވާފައިވާ އީމެއިލްގައި ޑިސްޓެންސް އެޑިއުކޭޝަން ނުވަތަ ޓްރާންސްނެޝަނަލް އެޑިއުކޭޝަން ޕްރޮގްރާމް ހިންގުން ނުވަތަ ފިލިޕީންސްއިން ބޭރުގެ ބަޔަކާ ޕާޓްނަރޝިޕް ހެދުމުގެ ހުއްދަ އޯލްޑަރސްގޭޓް ކޮލެޖަށް ދީފައިނުވާކަމަށް ބުނެފައިވާކަން؛
(5) ސަނަދު ޤަބޫލު ނުކުރާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ 5ވަނަ ބައްދަލުވުމުން ނިންމިއިރު، އޭގެ ކުރިން އެ އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ 6ވަނަ ބައްދަލުވުމުން އެ ޕްރޮގްރާމަކީ ޤަބޫލުނުކުރެވޭ ޕްރޮގްރާމެއްކަމަށް ނިންމާފައިވާކަމާއި، އެ ނިންމުމާ އެއްގޮތަށް އިޢުލާނުކޮށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އަންގާފައިވާކަމާއި، މި ސަބަބުތައް ހިމެނެއެވެ.
12މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ 2021 ވަނަ އަހަރުގެ 05ވަނަ ބައްދަލުވުމުގައި ނިންމި ބުނެވުނު ނިންމުން ބާޠިލުކޮށްދިނުމަށް އެދި ޝަމްޢޫން އާދަމާއި ނިޢުމާ މުޙައްމަދު އާއި ފާޠިމަތު މުމްތާޒްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 3973/Cv-C/2021 ޤަޟިއްޔާގައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
13ޝަމްޢޫން އާދަމްއާއި ނިޢުމާ މުޙައްމަދު އާއި ފާޠިމަތު މުމްތާޒްގެ ފަރާތުން ސިވިލް ކޯޓު ނަންބަރު 3973/Cv-C/2021 ޤަޟިއްޔާގައި އެދިފައިވަނީ އެ ފަރާތްތަކުގެ ޕީ.އެޗް.ޑީ ސަނަދު ޤަބޫލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މައްޗަށް އަމުރުކޮށްދީ، އެފަދައިން އަމުރުކޮށްދެވެން ނެތްނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އިދާރީ ނިންމުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. ސިވިލް ކޯޓުން އެ މައްސަލައިގައި ނިންމާފައިވަނީ މި ފަރާތްތަކުގެ ޕީ.އެޗް.ޑީ ސަނަދުތައް އެކްރެޑިޓްކުރަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އަމުރުކުރާނެ ތަނެއް ނެތްކަމަށާއި، ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ މިންވަރަށް ގެއްލުންވެފައިވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށެވެ. މިގޮތަށް ސިވިލް ކޯޓުން ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
13.1 01 ނޮވެމްބަރު 2010 ގައި ފާސްކޮށްފައިވާ "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" ގެ ދަށުން އަދި 28 އެޕްރީލް 2021 ގައި ގެޒެޓްކޮށް ޢަމަލުކުރަން ފަށާފައިވާ "ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނެ ގޮތުގެ އުޞޫލު" ގެ ދަށުންވެސް އެ ސަނަދުތަކުގައި ޕީ.އެޗް.ޑީގެ ފެންވަރު ހުރިކަމަށް ޝަރީޢަތުގެ ފަރާތުން އަންގާނެތަނެއް ނެތްކަން؛
13.2 މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން 2018 ޖަނަވަރީގެ ކުރިން އެ ޕްރޮގްރާމަށް އެންރޯލްވެ ރަޖިސްޓްރީވެފައިވާ ދަރިވަރުން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ސެޓްފިކެޓްތައް އެ އޮތޯރިޓީއަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުތުހަމަވާ ދަރިވަރުންގެ ސަނަދު އެ އޮތޯރިޓީން ވެލިޑޭޓްކޮށްދޭނެކަމަށް ބުނެފައިވާތީ، 2018 ޖަނަވަރީ މަހުގެ ފަހުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކިޔެވުން ކުރިއަށް ގެންދަންޖެހޭނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭތޯ ބެލުމަށް ފަހުގައިކަމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދީފައިވާ ޔަޤީންކަމުގެ މައްޗަށް ބުރަވެ ތިބެ 2018 ޖެނުއަރީ މަހާ ހަމައަށް ކޮށްފައިވާ ޚަރަދާއި އެފަރާތްތަކުގެ އަތުން ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޒިންމާވާންޖެހޭކަން؛
13.3 މި ދަޢުވާއާއެކު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ލިޔުންތަކުން (އެއިމްސް ކޮލެޖަށް ފައިސާ ބަލައިގަނެފައި ދޫކޮށްފައިވާ އިންވޮއިސްތަކުގައި ފައިސާ ބަލައިގަތް ފަރާތުގެ ސޮޔާއި ސްޓޭމްޕް ނެތުމާއި، ކެއުމަށާއި ދަތުރު ފަތުރަށް ޚަރަދުވިކަމަށް ބުނެ ހުށަހަޅާފައިވާ ލިސްޓުގައި އެއިން ކަމަކަށް ފައިސާ ޚަރަދުވި ކަމުގެ އިންވޮއިސް ހުށަހަޅާފައިނުވާކަމާއި، އަދި ދެން ހުރި ބިލުތަކަކީ 2018 ޖަނަވަރީގެ ފަހުގެ ބިލުތަކެއް ކަމާއި އަދި ގެއްލުމުގެ ބަދަލު ހިސާބުކޮށްފައިވަނީ ކިހިނެތްކަން އެނގެން ނެތުމުން) އެ މިންވަރަށް ގެއްލުން ވެފައިވާކަން ސާބިތުކޮށްދެވިފައިނުވާކަން؛
14ޝަމްޢޫން އާދަމާއި، ނިޢުމާ މުޙައްމަދު އާއި ފާޠިމަތު މުމްތާޒްގެ ފަރާތުން ސިވިލް ކޯޓު ނަންބަރު 3973/Cv-C/2021 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
15ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/152 ޤަޟިއްޔާގައި ނިންމާފައިވަނީ ޝަމްޢޫން އާދަމްއަށާއި، ނިޢުމާ މުޙައްމަދު އަށާއި، ފާޠިމަތު މުމްތާޒަށް ފިލިޕީންސްގެ އޯލްޑަރސްގޭޓް ކޮލެޖުން ދޫކޮށްފައިވާ ޑޮކްޓަރ އޮފް ފިލޯސަފީ (އެޑިއުކޭޝަން) ސަނަދު ޤަބޫލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މައްޗަށް އަންގައެވެ. ހައިކޯޓުން މިގޮތަށް ނިންމީ އަންނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
15.1 ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުނުކުރުމުގެ މަބުދައު principle of non-retroactivity of the law ގެ ދަށުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކުރި ފަހުން، 10 މާރޗް 2021 ގައި ފާސްކޮށް، އަދި 28 މާރޗް 2021 ގައި ޢަމަލުކުރަން ފަށާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނެ އުޞޫލަށް ބިނާކޮށް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ސަނަދު ގަބޫލުކުރަން ނުފެންނަކަމަށް ނުނިންމޭނެކަން؛
15.2 ދަށު ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ސަނަދުގައި، އޭރު ޢަމަލުކުރަމުން ދިޔަ 01 ނޮވެމްބަރު 2010 ގައި ފާސްކޮށްފައިވާ "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" ގައި ބަޔާންކުރާ ފެންވަރު ހުރިކަމަށް އަންގާނެ ތަނެއް ނެތްކަމަށް ބަޔާންކުރި ނަމަވެސް، މި އުޞޫލުގެ 12ވަނަ މާއްދާ ތަޠުބީޤުކޮށްފައިވާ ގޮތް ސާފުނުވާކަން؛
15.3 މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ "ރިކޮގްނިޝަން އޮފް ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އަދި ޕްރޮގްރާމް" ލިޔުމުން، ޑޮކްޓަރ އޮފް ފިލޯސޮފީ (މެނޭޖްމެންޓް) ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ޕްރޮގްރާމެއްކަމާއި، އެ ފަރާތްތަކުން ކޯހަށް ވަނުމުގެ ޝަރުޠު ފުރިހަމަވާކަމާއި، އަދި މި ޕްރޮގްރާމަކީ މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކްގެ މިނިމަމް ކްރައިޓީރިއާއަށް ފެތޭ ޕްރޮގްރާމެއްކަމާއި، މީގެ އިތުރުން ސްރީލަންކާގެ އެއިމްސް ކޮލެޖް ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާއި އެވަރޑިން ބޮޑީކަމުގައިވާ ފިލިޕީންސްގެ އޯލްޑަރސްގޭޓް ކޮލެޖަކީ "Recognised" ދަރަޖަދީފައިވާ ތަންތަން ކަމަށް އެ ފޯމުގައި ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން މި ލިޔުން ދޫކޮށްފައިވަނީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލުގައިވާ ޝަރުޠުތައް ފުރިހަމަވާތީކަން؛
15.4 މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ 29 މާރިޗް 2018 ގެ އުޞޫލުގައި މި ޕްރޮގްރާމަށް ރެކޮގްނިޝަން ދިނުން ހުއްޓާލައި، 2018 ޖަނަވަރީގެ ކުރިން އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ސަނަދުތައް ގަވާއިދަށް ފެތޭނަމަ، ވެލިޑޭޓްކޮށްދޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، މި އުޞޫލުގައިވާ ޝަރުޠުތައް އިސްތިއުނާފުރައްދުވާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާކަމަށާއި، އެހެންކަމުން، މި ކަމުގެ ނަތީޖާއަކަށްވާން ވާނީ މި އުޞޫލުގައިވާ ފަދައިން ސަނަދުތައް ޑޮކްޓޯރަލް ލެވެލްގައި ވެލިޑޭޓްކޮށްދިނުންކަން؛
15.5 ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ސަނަދު ވެލިޑޭޓްކުރުމަށް ހުށަހެޅުމުން، އެ ޕްރޮގްރާމަކީ ފިލިޕީންސްގެ ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަނުން ގަބޫލުކުރާ ޕްރޮގްރާމެއްކަމުގެ ޞައްޙަ ލިޔުން ހުށަހެޅުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އަންގައި، އިތުރު ޝަރުތެއް ތަޢާރަފުކުރުމަކީ ކުރެވޭނެކަމެއްނޫންކަން؛
15.6 މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލަންވާވަރަށް ނުބަލައި ލިޔުން ދޫކުރިކަމަށް ދަށު ކޯޓުން ފާހަގަކޮށްފައިވަނީ ޑރ. އަބްދުލް ޙަންނާނު ވަޙީދުގެ ބަހަށް ބަރޯސާވެގެންކަމުގައި ބެލެވޭކަމަށާއި، މި މައްސަލައިގައި ޝަރީޢަތުގެ އަމިއްލަ އިސްނެގުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލް ޙަންނާނު ވަޙީދު ހާޒިރުކޮށްފައިވާ ހިނދު، މައްސަލައިގެ ޚަޞްމުންނަށް މި ފަރާތާ ސުވާލުކޮށް، ބަސް ބުނުމުގެ ފުރުސަތުދީފައި ނުވާތީ ދަށު ކޯޓުން ޢަމަލުކޮށްފައިވަނީ އެންމެ އިންސާފުވެރިގޮތަށްކަމަށް ނުދެކޭކަން؛
15.7 މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ސަނަދު ގަބޫލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އަމުރުކުރަން ޖެހޭކަމުގައި ދެކޭތީ، މި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދޭނެ ތަނެއް އޮތްކަމުގައި ނުދެކޭކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
16ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/152 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ފަރާތުން އަންނަނިވި 02 (ދޭއް) ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
16.1 ކޯހުގެ ސަނަދު ވެލިޑޭޓްކުރުމަށް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 116ވަނަ މާއްދާއާ ޙަވާލާދީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އުފެއްދެވި މަޤްޞަދާއި، އެ އޮތޯރިޓީއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި އެ އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކާ އަދި، މި ދެންނެވި ކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގެ 6ވަނަ މާއްދާ އަދި 7ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
16.2 ކޯހުގެ ސަނަދު ވެލިޑޭޓްކޮށްދިނުމަށް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އަންގާފައިވަނީ، ދައުލަތުގެ އިދާރާއަކުން ނިންމި ނިންމުމުގެ ޤާނޫނީ ހައިސިއްޔަތާ މެދުގައި ގޮތެއް ކަނޑައެޅުމަށް އެދި ޤާނޫނުއަސާސީގެ 43ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބެއްލެވުމެއްނެތި، އަދި، އެ އިދާރީ ފިޔަވަޅު ބާޠިލުކުރުމުގެ ސަބަބުން ނުކުންނާނެ ނަތީޖާއަށް ފުރިހަމައަށް ރިޢާޔަތް ކުރުމެއްނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ.
މި މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަ
17މި މައްސަލަ އިސްތިއުނާފުކުރަމުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނެފައިވަނީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފުރިހަމަކުރި ޕީ.އެޗް.ޑީ ޕްރޮގްރާމަކީ ފިލިޕީންސްގެ މަތީ ތަޢުލީމު ފެންވަރު ކަށަވަރުކުރާ ރަސްމީ އިދާރާކަމުގައިވާ ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން އިން ބަލައިގަންނަ ޕްރޮގްރާމެއް ނޫންކަމަށާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކުރި ސްރީލަންކާގެ އެއިމްސް ކޮލެޖަކީ، ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނުން ޕީ.އެޗް.ޑީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ތަނެއްކަމަށް ނުވާއިރު، 2010 ގައި ޢަމަލުކުރަން ފެށި "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" ގެ 12ވަނަ މާއްދާގައި ޢިބާރާތުގެ ލަފުޒީ މާނައަށް ބަލައިގެން ސަނަދު ވެލިޑޭޓްކޮށްދިނުމަކީ ސަނަދު ފެންވަރު ބެލުމުގެ މަޤުސަދު ނޫންކަމަށެވެ.
18ދިމާވާ މިފަދަ ކަމެއްގެ ނަތީޖާއަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާގެ މަޞްލަޙަތުތައް ރައްކާކޮށް، އެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކަމާގުޅުންހުރި ޤާނޫނުތަކުން ޙިމާޔަތްކުރާ މަޞްލަޙަތުތަކަށް އެއްވެސް ވަރަކަށް ބެލުމެއްނެތި، މިގޮތަށް މިކަން ހިނގާފައިވާކަމަށް ހަމައެކަނި ބަލައި ސަނަދު ވެލިޑޭޓްކޮށްދިނުން ނޫންކަމަށާއި، މިފަދަ މައްސަލަތަކުގައި ޙައްލަކަށްވާންވާނީ ގެއްލުން ސާބިތުކުރުމަށް އޮންނަ އުޞޫލުތަކުގެ ތެރެއިން ގެއްލުން ސާބިތުވޭތޯ ބެލުމަށްފަހު، ގެއްލުން ސާބިތުވާނަމަ، އެ ގެއްލުމަކަށް ބަދަލު ނަގައިދިނުންކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
19މީގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ ރެކޮގްނިޝަން ދޫކޮށްފައިވަނީ އޭރު އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށްކަން 29 މާރިޗް 2018 ގެ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ "ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ޕީ.އެޗް.ޑީ.އަށް ކިޔަވަމުންދާ ދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދު މި އޮތޯރިޓީގެ ނިންމުން" އިން އެނގޭކަމަށާއި، މި މައްސަލައިގައި ސިވިލް ކޯޓުން ޝަރީޢަތުގެ އިސްނެގުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލް ޙަންނާނު ވަޙީދު ހާޒިރުކޮށް، އޭނާގެ ހެކިބަސް ނަގައި، މައްސަލައިގެ އެއްވެސް ޚަޞްމަކަށް ޢަބްދުލްހަންނާނުއާ ސުވާލުކުރުމުގެ ފުރުސަތު ނުދީ، އެ ހެކިބަހަށް ބުރަދަންދީ މައްސަލަ ނިންމާފައިވަނީ ޝަރީޢަތް ހިންގުމުގެ އިޖުރާއަތާ ޚިލާފަށް ކަމަށެވެ.
20މީގެ އިތުރުން، ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ރިޢާޔަތްކުރަންޖެހޭނެކަމަށް ފާހަގަކުރާ ކަންކަމަކީ ސިވިލް ކޯޓުގެ މަރުޙަލާގައިވެސް އަދި ހައިކޯޓުގެ މަރުޙަލާގައިވެސް ފާހަގަކޮށްފައިވާ ކަންކަން ނޫންކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާއަށް ބަލާއިރު ދަށު އެއްވެސް މަރުޙަލާއެއްގައި އެ ނުކުތާއަކާ ގުޅިގެން ވާހަކަ ދައްކާފައިނުވާ ނުކުތާއަކާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަށް ނުފެންނަކަމަށް އިސްތިއުނާފު ރައްދުވާފަރާތްތަކުން ބުނެއެވެ.
ދަށު މަރުޙަލާގައި ނުދައްކާ އައު ވާހަކަ ސުޕްރީމް ކޯޓަށް ހުށަހެޅުން
21HN1ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވާ ގޮތުން ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނީ މައިގަނޑު ދެ ޙާލަތެއްގައެވެ. އެއީ؛
(ހ) އެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ އަދި
(ށ) ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އެ ޤާނޫނުގައި ބަޔާންކުރާ ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.
22ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16ވަނަ މާއްދާގައިވާ އާންމު އުޞޫލަކީ އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުޙަލާތަކުގައިވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަހުސަކަށްވުންކަމަށާއި، ދަށު މަރުޙަލާތަކުގައި ހުށަހެޅި ދިފާޢުތަކާއި ޤާނޫނީ ބަހުސްތަކާ ތަފާތު އައު ނުކުތާއެއް ހުށަހެޅެންވާނީ ވަރަށް އިސްތިސްނާ ޙާލަތެއްގައިކަމަށް ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެ ޤަޟިއްޔާގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ބަޔާންކޮށްފައިވަނީ؛
(1) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ
(2) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމަ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަތުމުގައި ހުރަހެއް އޮތްކަމަކަށް " ނުދެކޭ ކަމަށެވެ.
23ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރަމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި އިސްތިއުނާފީ ދެ ނުކުތާ ގައި ބުނެފައިވަނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އުފެއްދެވި މަޤްޞަދާއި، އެ އޮތޯރިޓީއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި އެ އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކާއި އަދި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 6ވަނަ މާއްދާ އަދި 7ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށާއި، ހައިކޯޓުން މައްސަލަ ނިންމުމުގައި އިދާރީ ފިޔަވަޅު ބާޠިލުކުރުމުގެ ސަބަބުން ނުކުންނާނެ ނަތީޖާއަށް ފުރިހަމައަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
24މި ނުކުތާތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާފަރާތްތަކުން ބުނެފައިވަނީ މި ކަންކަމަކީ ދައުލަތުން ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ފާހަގަކޮށްފައިވާކަންކަން ނޫންކަމަށާއި، މި މައްސަލައިގައި އިސްތިއުނާފުކުރުމުގެ އޮޅިގަނޑު ގިރާކުރާކަމަށް ނުދެކޭކަމަށެވެ.
25އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކުރާގޮތަށް މިކަންކަމަކީ ދިވެހި ދައުލަތުން ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމެއްނޫނެވެ. ސިވިލް ކޯޓުގައި ދިވެހި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ޝަރީޢަތަށް ފެންނަ އެންމެ ޢަދުލުވެރިގޮތަކަށް މައްސަލަ ނިންމައިދިނުމަށާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ދިވެހި ދައުލަތުން ޖަވާބުދީފައިވަނީ ހަމަ މިރޭމުންނެވެ. އަދި މިކަންކަން ދަށު މަރުޙަލާގައި ފާހަގަނުކުރާކަމަށް ދިވެހި ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުން މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައްކާ ވާހަކަތަކަކީ ދަށު މަރުޙަލާތަކުގައި ދިވެހި ދައުލަތުގެ ފަރާތުން އެއްވެސް ވަރަކަށް ބަހުސްކޮށްފައިވާ ކަންކަމެއްނޫނެވެ. ދިވެހި ދައުލަތުން މި މައްސަލައިގައި ދަށު މަރުޙަލާތަކުގައި ވަކާލާތުކޮށްފައިވާ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައުލަތުން މިހާރު ހުށަހަޅާ އައު ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫންކަމަށާއި ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ މަސްއޫލިއްޔަތާމެދު އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވާހަކަދައްކާފައިވެއެވެ.
26ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކުރާ ބަންޑާރަނައިބަކީ ސަރުކާރަށް ޤާނޫނީ ލަފަޔާއި މަޝްވަރާދޭ ފަރާތެވެ. ކޯޓުތަކަށް ހާޒިރުވެ ދައުލަތް ތަމްސީލުކުރުމަކީ ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ދިވެހި ދައުލަތުގެ މަޞްލަޙަތެއް ނުވަތަ އާންމު މަޞްލަޙަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެނަމަ، އެއީ މަދަނީ މައްސަލަތަކުގެ ތެރެއިން ބަންޑާރަނައިބު ޝާމިލުނުވާ މައްސަލައެއްކަމުގައި ވިޔަސް، ކޯޓުގެ ހުއްދައާއެކު، ވާހަކަދެއްކުމުގެ ޙައްޤު ބަންޑާރަނައިބަށް ލިބިގެންވެއެވެ. ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާޢުކުރުމަށް މަސައްކަތްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންކަމެވެ.
27ބުނެވުނު މާއްދާއަށް ބެލުމުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ބަންޑާރަނައިބަށް މަތިކޮށްފައިވާ ޒިންމާ ނުހަނު ބޮޑެވެ. މައްސަލައެއްގައި ދައުލަތް ތަމްސީލުކުރުމަށް ބަންޑާރަނައިބުގެ ފަރާތުން ހާޒިރުވެ ވާހަކަދައްކާއިރު، ދައުލަތުގެ ސްޓޭންޑެއް އޮންނަންވާނެއެވެ. އޮންނަންޖެހޭނެއެވެ. މި މައްސަލައިގައިވާގޮތަށް ދަށު މަރުޙަލާތަކުގައި މައްސަލައިގައި ކަންވެފައި އޮތީ މިވެނިގޮތަކަށޭ ބުނެ، ފަނޑިޔާރަށް ފެންނަ ގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދުމަށްފަހު، ފަނޑިޔާރަށް ފެންނަ ޢަދުލުވެރިގޮތަކަށް ޙުކުމްކުރުމުން، އިސްތިއުނާފީ މަރުޙަލާއަށް އައިސް އެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ކޯޓުތައް ތަރުތީބުވެފައިވާ ގޮތާއި، އެ ޤާނޫނުގެ 16ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭނެ ޙާލަތްތަކަށް ބެލިނަމަވެސް، އެކަން މިހާރު ހަމަޖެހިފައިއޮތް އުޞޫލު ނޫންކަން ސާފެވެ. ދައުލަތުން ވަކި ސްޓޭންޑެއް ނަގާނަމަ ދަށު މަރުޙަލާތަކުގައި އެ ގޮތަށް ވަކާލާތުކުރެވި ހަރުދަނާ ބަހުސެއް ކުރެވެންވާނެއެވެ.
28HN2ކަންމިހެން ހުރިނަމަވެސް، ހުށަހެޅިފައިވާ މި މައްސަލައަށް ބަލާއިރު، ދިވެހި ދައުލަތުން ފާހަގަކުރާ ކަންކަމަކީ ދަށު އެއްވެސް މަރުޙަލާއެއްގައި ފާހަގަކޮށްފައިނުވާ ކަމެއް ކަމުގައިވީނަމަވެސް، ދައުލަތުން ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާގައިވެސް ބުނަނީ ސަނަދުތައް ވެލިޑޭޓްކޮށްދޭން ނިންމުމުގެ ސަބަބުން ޤާނޫނުން ތަޢުލީމު ސްޓޭންޑަޑައިޒްކުރުމަށްޓަކައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަޤުޞަދު ގެއްލިގެންދާކަމަށެވެ. ދައުލަތުން ބަލަންވާވަރަށް ނުބަލައި ދޫކުރެވިފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް ސަނަދު ވެލިޑޭޓްކޮށްދިނުމަށް ނިންމުމުގެ ނަތީޖާއަކީ ޤާނޫނުން ޙިމާޔަތްކުރާ މަޞްލަޙަތުތަކަށް އުނިކަމެއް އަންނަގޮތަށް މާނަ ނުކުރެވޭނެކަމަށް ދިވެހި ދައުލަތުން ބުނެއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ މި މައްސަލައިގައި ދިވެހި ދައުލަތުން ވަކާލާތުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް ދެކެމެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގެ ނިންމުން އައިސްފައިވާގޮތުގެ ސަބަބުން، މި މައްސަލައަކީ އާންމު މަޞްލަޙަތު ހިމެނޭ މައްސަލައަކަށްވެފައި، ޢަދުލު އިންސާފު ޤާއިމްކުރުމަށްޓަކައި ކޮންމެހެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ކަމުގައި އަހުރެން ދެކެމެވެ. ދިވެހި ދައުލަތުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ޖަވާބު ދިނުމުގައި ރިޢާޔަތްކުރާނީ ދަށު މަރުޙަލާގައިވެސް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ. އަދި އިތުރު ވާޤިޢާތަކެއް ކަށަވަރުކުރަން މި ނުކުތާތަކަށް ގޮތް ކަނޑައެޅުމުގައި ނުޖެހޭކަން ފާހަގަކުރަމެވެ.
ސަނަދުތައް ވެލިޑޭޓްކުރަން އެންގީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނާ ބުނުން
29އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ސަނަދު ވެލިޑޭޓްކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ "ރެކޮގްނިޝަން އޮފް އަ ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ލިޔުން ދޫކޮށްފައިވަނީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލުތަކުގައިވާ ޝަރުތުތައް ފުރިހަމަވާތީކަމަށް ބަލައިގެން، އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ 29 މާރިޗް 2018 ގައި ފާސްކޮށްފައިވާ އުޞޫލުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ސަނަދުތައް ލެވެލް 10 (ޑޮކްޓޯރަލް ލެވެލްގައި) ވެލިޑޭޓްކޮށްދޭނެކަމަށް ބުނެފައިވާތީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ކިބައިގައި އެ ޝަރުތުތައް ފުރިހަމަވާކަމަށް ބަޔާންކޮށެވެ.
30ކުރިންވެސް ފާހަގަކޮށްފައިވާނެ ފަދައިން، މި މައްސަލައިގެ ދަށު މަރުޙަލާތަކުގައި ފަނޑިޔާރަށް ފެންނަ ޢަދުލުވެރިގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދުމުގެ އިތުރަށް، ގެއްލުމުގެ ބަދަލަށް އިންކާރުކުރުން ފިޔަވައި ވަކި ޕޮޒިޝަނެއް ދިވެހި ދައުލަތުން ނަގާފައިވާތަނެއް ނުފެނެއެވެ. މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ "ރެކޮގްނިޝަން އޮފް އަ ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ލިޔުން ދޫކޮށްފައިވީނަމަވެސް، އެ ލިޔުން ދޫކުރި ފަހުން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މި ޕްރޮގްރާމާބެހޭ މަޢުލޫމާތު ސާފުކުރުމުން ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން (UGC) އިން ސްރީލަންކާގެ އެއިމްސް ކޮލެޖް އެކްރެޑިޓްނުކުރާކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އަންގާފައިވާކަމާއި، އަދި ޕިލިޕީންގެ އޯލްޑަރސްގޭޓް ކޮލެޖުގެ ޕީ.އެޗް.ޑީ ޕްރޮގްރާމަކީ ފިލިޕީންސްގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރާ ރަސްމީ އިދާރާ ކަމުގައިވާ ފިލިޕީންސްގެ ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން (CHED) އިން ޤަބޫލުކުރާ ޕްރޮގްރާމެއް ނޫންކަމަށް ފިލިޕީންސްގެ ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން (CHED) އިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީއަށް އަންގާފައިވާކަން މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކުން އެނގެއެވެ. މިކަން މިހެން އޮތްކަން އެނގޭހިނދު، އަނެއްކާވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އިންޓަރނަލް ޕެނަލްގެ "ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ޕީ.އެޗް.ޑީ އަށް ކިޔަވަމުންދާ ދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދު މި އޮތޯރިޓީގެ ނިންމުން" ގައި، 2018 ވަނަ އަހަރުގެ ޖެނުއަރީގެ ކުރިން މި ޕްރޮގްރާމަށް އެންރޯލްވެ ރަޖިސްޓްރީވެފައިވާ ދަރިވަރުން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އެ އޮތޯރިޓީއަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުޠު ހަމަވާ ދަރިވަރުންގެ ސަނަދު ވެލިޑޭޓްކޮށްދޭން ނިންމިއެވެ. ހައިކޯޓުން ނިންމާފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މި ގޮތަށް ނިންމާފައިވާތީ، އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ކިބައިގައި އެ ނިންމުމުގައިވާ ޝަރުޠުތައް ފުރިހަމަވާތީ، ސަނަދުތައް ވެލިޑޭޓް ކޮށްދޭންޖެހޭކަމަށެވެ. ސުވާލަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީއަށް މިގޮތަށް ލިޔުން ދޫކުރެވިދާނެ ހެއްޔެވެ. އަދި މިގޮތަށް ލިޔުން ދޫކުރެވިފައިވީތީ އެގޮތަށް ޢަމަލުކުރަންޖެހޭ ހެއްޔެވެ.
31HN4ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ރެގިއުލޭޓްކޮށް، މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމުގެ މަސައްކަތްކޮށް އިތުރަށް ތަރައްޤީކުރުމުގެ ބޭނުމުގައި މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ނަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ބަދަލުކޮށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސިއެވެ. އެ އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވާލުމާއި، އިޞްލާޙުކުރުމާއި އެ އޮނިގަނޑު ތަންފީޒުކުރުމާއި، ރާއްޖޭގައި އެކި ފަރާތްތަކުން ހިންގާ މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކުގެ ތެރެއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރުތަކަށް ފެތޭގޮތަށް ފަރުމާކުރާ ކޯސްތައް ފަރުމާކުރެވިފައިވަނީ އެކަށީގެންވާ ފެންވަރަކަށްތޯ ބަލައި ފާސްކޮށް، އެ ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމާއި، މިކަމާގުޅޭ އެންމެހާ ކަންކަން ރާވައި ހިންގުމާއި، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުތަކުގެ ފެންވަރުތަކަށް ފެތޭގޮތަށް ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމަށްފަހު އެ ކޯސްތައް ހިންގަނީ ހުއްދަދީފައިވާ ފެންވަރަށްތޯ ބަލައި ސުޕްވައިޒްކުރުމުގެ އޮނިގަނޑެއް ރާވައި ހިންގުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ހާސިލުކޮށްގެން ފެންވަރު ބެލުމަށް ހުށަހަޅާ ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމަށް ބޭނުންކުރާނެ އޮނިގަނޑެއް އެކުލަވާލުމާއި ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދާ މަރުކަޒުތަކާގުޅޭ މަޢުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްދިނުމާއި މި ނޫންވެސް ތަޢުލީމުގެ ދާއިރާ ހަރުދަނާކުރުމުގެ އެކި މަސައްކަތް ހިމެނެއެވެ.
32އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ މި ސަނަދުތަކުގައި އުޞޫލުގައި ބަޔާންކުރާ ޝަރުޠުހުރިކަމަށް އަންގާނެ ތަނެއްނެތްކަމަށް ދަށުކޯޓުން ނިންމުމުގައި "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" ގެ 12ވަނަ މާއްދާއާ ހަވާލާދީފައިވީނަމަވެސް އެ މާއްދާ ތަޠުބީޤުވާގޮތް ސާފުނުވާކަމަށެވެ.
33HN3މި ޙުޞޫމާތް އުފެދުނު އިރު ޢަމަލުކުރަމުން އައި "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" ގެ 12ވަނަ މާއްދާގައި އެކި ޤައުމުތަކުގައިވާ މަތީ ތަޢުލީމުގެ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮޓޯރިޓީން ޤަބޫލުކުރާ ކިޔަވައިދޭ މަރުކަޒުތައް ކަނޑައަޅާނީ، ހަމަޖައްސާ އުޞޫލުތަކުގެ މަތިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މެނޭޖްމަންޓުންކަމަށާއި، މިގޮތަށް ކަނޑައެޅުމުގައި ބަލާނެ އުޞޫލުތަކަކީ؛ (1) އެ މަރުކަޒަކީ އެ ޤައުމެއްގެ ސަރުކާރުގެ މަތީ ތަޢުލީމާއި ތަމްރީން ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުން. (2) އެ މަރުކަޒަކީ އެ ޤައުމެއްގެ ސަރުކާރުގެ ނުވަތަ ސަރުކާރު ޤަބޫލުކުރާ އެކްރެޑިޓޭޝަން އޮތޯރިޓީއަކުން އެކްރެޑިޓްކުރާ ނުވަތަ ޤަބޫލުކުރާ ތަނަކަށްވާންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
34ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދިވެހި ދައުލަތުން ބުނެފައިވަނީ އެ މާއްދާގައިވާ ލަފުޒީ މާނައަށް ބަލައިގެން މާނަކުރެވިދާނެކަމަށް ނުދެކޭކަމަށާއި، އެ މާއްދާގައިވާ ޢިބާރާތުގެ ލަފުޒީ މާނަކުރުމަށްދާނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހަމައެކަނި ބަލަންޖެހޭ ކަމަކީ އެ މަރުކަޒަކީ އެ ޤައުމެއްގެ ސަރުކާރުގެ މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓްރީވެފައިވާ ތަނެއްތޯ ނުވަތަ ސަރުކާރު ޤަބޫލުކުރާ އެކްރެޑިޓޭޝަން އޮތޯރިޓީއަކުން ޤަބޫލުކުރާ ތަނެއްކަން އެކަނި ކަމަށާއި، މަތީ ތަޢުލީމުދޭ މަރުކަޒެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަކީ ހުރިހާ ލެވެލެއްގެ ޕްރޮގްރާމެއް ހިންގުމަށް ދެވޭ ހުއްދައެއް ނޫންކަމަށާއި، އެކި ލެވެލްގެ ކޯސްތައް ހިންގުމަށް ހުއްދަ ދެވެނީ ވަކި މިންގަނޑުތަކެއް ފުރިހަމަވެފައިވޭތޯ ބެލުމަށްފަހު ކަމަށެވެ.
35ކުރިންވެސް ފާހަގަކުރެވިފައިވާނެ ފަދައިން މިކަންކަމަކީ ދިވެހި ދައުލަތުން ދަށު އެއްވެސް މަރުޙަލާއެއްގައި ފާހަގަކޮށްފައިވާކަންކަމެއް ނޫނެވެ. ނަމަވެސް، ދިވެހި ދައުލަތުން ފާހަގަކުރާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވާލުމާއި، އެ އޮނިގަނޑު ތަންފީޒުކުރުމާއި، ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާތައް ފަރުމާކުރެވިފައިވަނީ އެކަށީގެންވާ ފެންވަރަކަށްތޯ ބަލައި ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމާއި، ކޯސްތައް ހިންގަނީ ހުއްދަދީފައިވާ ފެންވަރަށްތޯ ބަލައި އެކަންކަން ސުޕަވައިޒްކުރުން ހިމެނެއެވެ. އޭރު ޢަމަލުކުރަމުން އައި "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" ގެ 12ވަނަ މާއްދާގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މަރުކަޒު ކަނޑައަޅާނީ، އެ މަރުކަޒަކީ އެ ޤައުމެއްގެ ސަރުކާރުގެ މަތީ ތަޢުލީމާއި ތަމްރީން ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުމާއި ސަރުކާރު ޤަބޫލުކުރާ އެކްރެޑިޓޭޝަން އޮތޯރިޓީއަކުން އެކްރެޑިޓްކުރާ ތަނަކަށްވާ ނަމައެވެ. މި މާއްދާގެ ލަފުޒީ ޢިބާރާތުން ބަޔާންކޮށްފައިވަނީ މަރުކަޒުއެކަނިއެވެ. ނަމަވެސް އެ މަރުކަޒަކީ މަތީ ތަޢުލީމާއި ތަމްރީން ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުމާއި ނުވަތަ މަރުކަޒަކީ އެކްރެޑިޓޭޝަން އޮތޯރިޓީއަކުން އެކްރެޑިޓްކުރާ ތަނަކަށްވުމަކީ އެ މަރުކަޒަކުން ހިންގާ ހުރިހާ ޕްރޮގްރާމެއް ބަލައިގަނެވިދާނެ ކަމެއްކަމަށް ނުދެކެމެވެ. މިކަމަށް ބާރު ދެނީ އެ އުޞޫލުގެ 14ވަނަ މާއްދާގައި، ވަކި މަރުކަޒެއްގެ ސަނަދެއް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިއު.އެފް) ގެ މިންގަނޑަށް ނުފެތުނުކަމުގައިވިޔަސް، އެ މަރުކަޒެއް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާހާ ހިނދަކު އެ މަރުކަޒަކުން ދޫކުރާ އެމް.އެން.ކިއު.އެފް އަށް ފެތޭ ސަނަދުތައް އެ ފެތޭ ލެވެލްއަކަށް ފެންވަރު ބެލޭނެކަމަށް ބަޔާންކޮށްފައިވާތީއެވެ. މި މާއްދާއަށް ބެލުމުން، ސަނަދުތަކުގެ އޮނިގަނޑުގައި އެކި ފެންވަރުގެ ޕްރޮގްރާމްތައް ހިމެނޭކަމާއި، ކޮންމެ ޕްރޮގްރާމެއްވެސް ރެކޮގްނައިޒް ކުރެވެނީ އެ ޕްރޮގްރާމެއްގެ ފެންވަރު ވަޒަންކުރުމަށްފަހުކަން އެނގެއެވެ. އަދި ކޮންމެ ޕްރޮގްރާމެއްގައި ވަކި ފެންވަރުތަކެއް ހުންނަންޖެހޭކަމާއި، އެކި ފެންވަރުތަކުގެ ޕްރޮގްރާމްތައް ހިންގަނީ ހުއްދަ ދީފައިވާ ފެންވަރަށްތޯ ބަލައި ސުޕަވައިޒްކުރުމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމުގައިވާއިރު، ޕްރޮގްރާމްތަކުގައި އެ ފެންވަރު ނެތްނަމަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އެ ޕްރޮގްރާމެއް ރެކޮގްނައިޒް ނުކުރެވޭނެކަން މި އުޞޫލަށް ބެލުމުން ސާފެވެ.
3616 މެއި 2021 ގައި ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ގެ ދަށުންވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަޤްޞަދުގެ ތެރޭގައި މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ޚިދުމަތްތަކުގެ ފެންވަރު ވަޒަންކޮށް، ޤައުމީ އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ސަނަދުތަކުގެ ފެންވަރު ހިފެހެއްޓުން ހިމެނެއެވެ. އަދި އެ ޤާނޫނުގެ 7ވަނަ މާއްދާގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރޭގައި ކުރިންވެސް ހިމެނޭކަން ފާހަގަކުރެވެއެވެ. އަދި 28 މާރިޗް 2021 ގައި ޢަމަލުކުރަން ފެށި، ރާއްޖޭއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނެ ގޮތުގެ އުޞޫލުގެ 4ވަނަ މާއްދާގެ (ރ) ގައި ޑޮކްޓޯރަލް ޑިގްރީ ސަނަދުގެ ފެންވަރު ބެލުމުގައި މިހާރުވެސް ބަލަމުން އަންނަ ތިރީގައިވާ ކަންކަން ބަލާނެކަމަށް ބަޔާންކުރުމަށްފަހު، ޑޮކްޓޯރަލް ޑިގްރީއަށް ކިޔަވައިދޭ ނުވަތަ އެވޯޑްކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކަށްވުމާއި، އެ ގައުމެއްގެ ރަސްމީ ފަރާތަކުން ޔުނިވަރސިޓީއެއްގެ ދަރަޖަދީފައިވުން ނުވަތަ ޑޮކްޓޯރަލް ޑިގްރީ އެވޯޑްކުރުމަށް އެ ޤައުމެއްގެ މަތީ ތަޢުލީމު ޒިންމާވާ އިދާރާއަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
37HN52021 ގައި ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި ރާއްޖޭއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނެ ގޮތުގެ އުޞޫލު (2021) މި މައްސަލައިގައިވާ ހާދިސާއަށް ތަޠުބީޤުނުކުރެވޭނެ ކަމަށް ބެލިނަމަވެސް، މި ޤާނޫނު އައުމުގެ ކުރިންވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް (އެޕްރޫވަލް، އެކްރެޑިޓޭޝަން އަދި އޮޑިޓިންގ) އެކުލަވާލައި މި ކަންކަމާބެހޭ ސިޔާސަތުތައް ހަދައި ހިންގުން ހިމެނެއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކުރި އެއިމްސް ކޮލެޖަކީ ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނުން އެކްރެޑިޓްކުރާ ތަނެއް ނޫނެވެ. އަދި ފިލިޕީންސްގެ އޯލްޑަރސްގޭޓް ކޮލެޖަށް ޑޮކްޓޯރަލް ލެވެލްގެ އެއްވެސް ޕްރޮގްރާމެއް ހިންގަން ހުއްދަ ދީފައިނުވާކަމާއި، އަދި އޯލްޑަރސްގޭޓް ކޮލެޖްގެ ޑޮކްޓަރ އޮފް ފިލޯސޮފީ ޕްރޮގްރާމަކީ ފިލިޕީންސްގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރާ ރަސްމީ އިދާރާކަމުގައިވާ ކައުންސިލް އޮން ހަޔަރ އެޑިއުކޭޝަނުން ޤަބޫލުކުރާ ޕްރޮގްރާމެއް ނޫންކަމުގައިވާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ޕްރޮގްރާމް ރެކޮގްނިޝަން ލިޔުން ޝަމްޢޫން އާދަމްއަށް ދޫކޮށްފައިވަނީ ބަލަންވާރަށް ނުބަލާކަން ޤަބޫލުކުރެވެއެވެ. އަދި އޭގެ ފަހުން 29 މާރިޗް 2018 ގައި އެއިމްސް ކޮލެޖުގައި ޕީ.އެޗް.ޑީ ކިޔަވާ ދަރިވަރުންގެ ސަނަދު ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ ބަލައިގަތުމަށް ނިންމާފައިވަނީވެސް އެކަށީގެންވާ ބެލުންތަކަށް ބެލުމެއްނެތިކަން ފާހަގަކުރަމެވެ. ވުމާއެކު، ޕްރޮގްރާމް ރެކޮގްނިޝަން ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނިންމުމަކީ ބަލަންވާވަރަށް ނުބަލާ ދޫކޮށްފައިވާ ލިޔުމެއް އަދި ނިންމުމެއް ކަމުގައިވާއިރު، އެ ނިންމުން އޭރު ޢަމަލުކުރަމުން ދިޔަ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލާ ޚިލާފުކަމުގައި ދެކެމެވެ. އަދި އެ ލިޔުމަށް ނުވަތަ ނިންމުމަށް ރިޢާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކޮށް ހުށަހަޅާފައިވާ ސަނަދު ވެލިޑޭޓް ކުރެވިދާނެކަމަށް އަހުރެން ނުދެކެމެވެ.
38ސިވިލް ކޯޓުން މި މައްސަލައިގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލަންވާވަރަށް ނުބަލައި ދޫކޮށްފައިވާ ލިޔުމެއްކަމަށް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓަށް ހާޒިރުކުރެވުނު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލްޙަންނާން ވަޙީދުގެ ބަހަށް ބަރޯސާވެގެން ކަމަށާއި، އެފަރާތަކީ ސިވިލް ކޯޓުން ޝަރީޢަތުގެ އަމިއްލަ އިސްނެގުމަށް ހާޒިރުކޮށްފައިވާ ފަރާތެއްކަމަށާއި، އެ ފަރާތުން ދައްކާފައިވާ ވާހަކައާ ގުޅޭގޮތުން މައްސަލައިގެ ޚަޞްމުންނަށް ބަސްބުނުމުގެ ފުރުޞަތު ދީފައިނުވަނީ ޢަދުލުވެރިކޮށްކަމުގައި ނުފެންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައިވެއެވެ.
39މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުންވެސް ބުނެފައިވަނީ ސިވިލް ކޯޓުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގެޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލްޙަންނާން ވަޙީދު ޝަރީޢަތުގެ އިސްނެގުމަށް މަޖިލިހަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ބަސްބުނުމުގެ ފުރުޞަތު ދޭންޖެހޭކަމަށް ބަޔާންކުރާ އުޞޫލާ ޚިލާފަށްކަމަށެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނިންމުމުގައިވެސް ފާހަގަކޮށްފައިވާގޮތަށް ސިވިލް ކޯޓުން މި މައްސަލައިގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލްޙަންނާން ވަޙީދުއާ ސުވާލުކޮށް މުނާޤަޝާކުރުމުގެ ފުރުސަތު ދީފައިނުވެއެވެ. ޢަބްދުލްޙަންނާނު ވަޙީދުގެ ބަހަށް ރިޢާޔަތް ނުކުރިނަމަވެސް، މި ޤަޟިއްޔާގެ 35ވަނަ ޕެރެގްރާފުން 38ވަނަ ޕެރެގްރާފަށް ފާހަގަކޮށްފައިވާ ސަބަބުތަކަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ސަނަދު ވެލިޑޭޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އަންގާފައިވަނީ ސިވިލް ކޯޓުން ފާހަގަކޮށްފައިވާގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަޤުޞަދާއި މަސްއޫލިއްޔަތުތަކާ ފުށުއަރާގޮތަށް ކަމަށް ދެކެމެވެ.
40HN6އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކުރާގޮތަށް، މި މައްސަލައިގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ލިޔުން ދޫކޮށްފައިވާތީ، މި ލިޔުމާ އެއްގޮތަށް ސަނަދުތައް ވެލިޑޭޓްކޮށްދޭންޖެހޭކަމަށް ބުނާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ވެސް ޢަމަލުކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން އެފަރާތާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާ އެއްގޮތަށެވެ. އެހެންކަމުން، ޤާނޫނީ އިމުން ބޭރުން ލިޔުމެއް ފޮނުވިފައިވީތީ، އެ ލިޔުމާ އެއްގޮތަށް ޢަމަލުކުރަންޖެހޭކަމަށް އެންގިދާނެކަމަށް ނުދެކެމެވެ. އަދި މި މައްސަލައަކީ މުޖުތަމަޢުގެ އާންމު މަޞްލަޙަތު އެކުލެވިގެންވާ މައްސަލައަކަށްވާއިރު، އެގޮތަށް އެންގުމަކީ މި މައްސަލައިން ދެވިދާނެ ޢަދުލުވެރި ޙައްލެއްކަމުގައިވެސް ނުދެކެމެވެ.
ގެއްލުމުގެ ބަދަލު
41HN7HN8އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މި މައްސަލައިގައި ސަނަދު ވެލިޑޭޓްކޮށް ނުދިނުމަށް ނިންމާ ޙާލަތުގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވެއެވެ. މި މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، ޕީ.އެޗް.ޑީ ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމަށް ބަޔާންކޮށް "ރެކޮގްނިޝަން އޮފް އަ ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ލިޔުން ދޫކޮށްފައިވަނީ ޝަމްޢޫން އާދަމަށް އެކަންޏެވެ. މި މައްސަލައިގައި ދެން ތިބި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެ ލިޔުން ހޯދުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގައި އެދިފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ޝަމްޢޫން އާދަމްގެ ފަރާތުން މި ޕްރޮގްރާމްގެ ކިޔެވުން ފަށާފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެ ޕްރޮގްރާމަކީ ބަލައިގަންނަ ޕްރޮގްރާމެއްކަމަށް ލިޔުމުން ދޫކުރުމުން އެއަށް ބަރޯސާވެގެންނެވެ. މި މައްސަލައިގައި ދެން ތިބި އިސްތިއުނާފު ރައްދުވާ ފަރާތަކުން ކޯސް ފަށާފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޕްރޮގްރާމް ޤަބޫލުކުރާކަމުގެ ލިޔުމެއް ލިބިގެނެއްނޫނެވެ. އަދި ނިޢުމާ މުޙައްމަދުއާއި ފާޠިމަތު މުމްތާޒް ފުރިހަމަކުރި ޕްރޮގްރާމަކީ ޝަމްޢޫން އާދަމް ފުރިހަމަކުރި ޕީ.އެޗް.ޑީ (މެނޭޖްމަންޓް) ޕްރޮފްރާމްއާ ޚިލާފަށް ޕީ.އެޗް.ޑީ (އެޑިއުކޭޝަން) ކަން މި ފަރާތްތަކުން މި މައްސަލައިގައި ހުށަހަޅާފައިވާ ސެޓްފިކެޓްތަކުން ފާހަގަކުރެވެއެވެ.
42އެހެންކަމުން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލިޔުމަށް ބަރޯސާވެ ޕްރޮގްރާމް ފުރިހަމަކުރުމުން، އެ ޕްރޮގްރާމްގެ ސަނަދު ވެލިޑޭޓްކޮށްނުދިނުމަށް އެ އޮތޯރިޓީން ނިންމި ނިންމުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއްގެ ބަދަލު ޝަމްޢޫން އާދަމަށް ލިބިދޭންޖެހޭކަމަށް ޤަބޫލުކުރަމެވެ. ނަމަވެސް، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ނިޢުމާ މުޙައްމަދުއާއި ފާޠިމަތު މުމްތާޒްގެ ފަރާތުން މި ކޯސް ފަށާފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޕީ.އެޗް.ޑީ (އެޑިއުކޭޝަން) ޕްރޮގްރާމް ޤަބޫލުކުރާކަމުގެ ލިޔުމެއް ހޯދުމަށްފަހު ކަމުގައި ނުވެފައި، އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މި ޕްރޮގްރާމާގުޅޭ މައްސަލަތަކެއް ފާހަގަކުރެވިގެން، އެ ޕްރޮގްރާމްގެ ކަންތައްތައް އެ އޮތޯރިޓީން ބަލަމުން ދިޔަކަމާއި، ޕްރޮގްރާމް ރެކޮގްނިޝަން ދޫކުރުން ހުއްޓާލިކަން އާންމުކޮށް އަންގާފައިވާއިރު، ނިޢުމާ މުޙައްމަދުއާއި ފާޠިމަތު މުމްތާޒް މި ޕްރޮގްރާމުގައި ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އެފަރާތްތަކުގެ އަމިއްލަ ރިސްކުގައިކަމަށް ޤަބޫލުކުރެވޭކަމާއި، މި ސަބަބުތަކަށް ބަލާއިރު، ނިޢުމާ މުޙައްމަދުއާއި ފާޠިމަތު މުމްތާޒްއަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އަންގަންޖެހޭ ޤާނޫނީ ސަބަބެއް އެފަރާތްތަކަށް ބުނެދެވިފައިނުވެއެވެ.
43މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ލިޔުންތަކުން (އެއިމްސް ކޮލެޖަށް ފައިސާ ބަލައިގަނެ ދޫކޮށްފައިވާ އިންވޮއިސްތަކުގައި ފައިސާ ބަލައިގަތް ފަރާތުގެ ސޮޔާއި ސްޓޭމްޕް ނެތުމާއި، ކެއުމަށާއި ދަތުރުފަތުރަށް ޚަރަދުވި ކަމަށް ބުނެ ހުށަހަޅާފައިވާ ލިސްޓުގައި އެއިންކަމަކަށް ފައިސާ ޚަރަދުކުރި ކަމުގެ އިންވޮއިސް ހުށަހަޅާފައި ނުވާކަމާއި، އަދި ދެން ހުރި ބިލުތަކަކީ 2018 ޖަނަވަރީގެ ފަހުގެ ބިލުތަކެއްކަމާއި، އަދި ގެއްލުމުގެ ބަދަލު ހިސާބުކޮށްފައިވަނީ ކިހިނެތްކަން އެނގެންނެތުމުން) ދަޢުވާކުރާ ފަރާތްތަކަށް އެ މިންވަރަށް ގެއްލުން ވެފައިވާކަން ސާބިތުކޮށްދެވިފައިނުވާކަމަށެވެ.
44HN9ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ސަނަދު ޤަބޫލުކުރުމަށް ފެންނާތީ، ސިވިލް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭނެތަނެއް ނެތްކަމަށެވެ. އެހެންކަމުން، ސަނަދުތައް ވެލިޑޭޓް ކުރުމަށް ފެންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން ގެއްލުމުގެ ބަދަލުގެ ބައި ބަލާފައިނުވެއެވެ. ނަމަވެސް، އިސްވެ ބަޔާންކުރެވުނުގޮތަށް، ސަނަދުތައް ވެލިޑޭޓްކޮށްދިނުމަށް ހައިކޯޓުން އަންގާފައިވަނީ ޤާނޫނާއެއްގޮތަށް ނޫންކަމުން، ޝަމްޢޫން އާދަމަށް ލިބިފައިވާ ގެއްލުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލަންޖެހޭކަމަށް ދެކެމެވެ.
45އެހެންކަމުން، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/152 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 3973/Cv-C/2021 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޕީ.އެޗް.ޑީ ސަނަދުތައް އެކްރެޑިޓްކުރަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކުރަން އަހުރެންނަށް ފެނެއެވެ. އަދި ޝަމްޢޫން އާދަމަށް ލިބިފައިވާ ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ތަޙުވީލުކުރަންޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
46މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
47މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު،
(1) އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/152 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް،
(2) މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ނ. ވެލިދޫ، މަނާމް، ނިޢުމާ މުޙައްމަދު (އައިޑީކާޑު ނަންބަރު A072553) އަދި މ. ސިނައެކަތަ، ފާޠިމަތު މުމްތާޒް (އައިޑީކާޑު ނަންބަރު A021400) ޕީ.އެޗް.ޑީ ޕްރޮގްރާމް ފަށައި ނިންމާފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ރެކޮގްނިޝަން އޮފް އަ ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ލިޔުން ހޯދައިގެންކަމުގައި ނުވާތީ، އެ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދޭންޖެހޭތަނެއް ނެތްކަމަށް ކަނޑައަޅައި،
(3) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގދ. ތިނަދޫ ޓްވައިލައިޓް، ޝަމްޢޫން އާދަމަށް (އައިޑީކާޑު ނަންބަރު A067892) ދޫކޮށްފައިވާ "ރެކޮގްނިޝަން އޮފް އަ ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ލިއުމަށް ބަރޯސާވެ ޕީ.އެޗް.ޑީ ޕްރޮގްރާމް ފުރިހަމަކޮށް، އެ ޕްރޮގްރާމްގެ ސަނަދު ވެލިޑޭޓްކޮށްދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހެޅުމުން، ސަނަދު ވެލިޑޭޓްކޮށް ނުދިނުމަށް އެ އޮތޯރިޓީން ނިންމި ނިންމުމުގެ ސަބަބުން ގދ. ތިނަދޫ ޓްވައިލައިޓް، ޝަމްޢޫން އާދަމަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއްގެ ބަދަލު ޝަމްޢޫން އާދަމަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅައި، ލިބިފައިވާ ގެއްލުމެއްވާނަމަ ގެއްލުމުގެ މިންވަރު ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބެލުމަށްޓަކައި މި މައްސަލަ އެ ކޯޓަށް ތަޙުވީލުކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- "އެޕްލިކޭޝަން ފޯމް ފޯރ އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަން" ފޯމު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވަނީ ޝަމްޢޫން އާދަމްގެ ފަރާތުން އެކަނިއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފާޠިމަތު މުމްތާޒުއާއި ނިޢުމާ މުޙައްމަދުގެ ފަރާތުން މި ފޯމު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިނުވެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ރެފަރެންސް ނަންބަރު 218/FR/2016/699 "ރެކޮގްނިޝަން އޮފް އަ ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް"
- ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަންއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓިއަށް ފޮނުވާފައިވާ އީމެއިލް
- ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަން(CHED) ގެ 05 މާރިޗް 2018 ގެ އީމެއިލް
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/CIR/2018/4 ސަރކިއުލަރ
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އިންޓަރނަލް ޕެނަލްއިން ނިންމާ ފާސްކޮށްފައިވާ އުޞޫލު "ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ޕީ.އެޗް.ޑީ އަށް ކިޔަވަމުންދާ ދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދު މި އޮތޯރިޓީގެ ނިންމުން" 29 މާރިޗް 2018
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ 29 މާރިޗް 2018 ގެ "ކަމާބެހޭ ފަރާތްތަކަށް" ނަމުގައިވާ ލިޔުން
- މި މައްސަލައިގައި ހިމެނޭ ފަރާތްތައް ސިވިލް ކޯޓަށް ހުށަހެޅި އިދާރީ މައްސަލަތައް ހުށަހަޅާ ފޯމުގެ 8.2 ނުކުތާ
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/CIR/2021/2 ސަރކިއުލަރ
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/MIS/2021/208 ސިޓީ
- 28 މާރިޗް 2021 ގައި ޝަމްޢޫން އާދަމްގެ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ފޮނުވާފައިވާ ސިޓީ
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/MIS/2021/282 ސިޓީ
- ޝަމްޢޫމް އާދަމް އާއި ނިޢުމާ މުޙައްމަދު ސެޓްފިކެޓް ވެލިޑޭޓްކުރުމަށް ހުށަހަޅާފައިވަނީ 18 އެޕްރީލް 2021 ގައެވެ. އަދި ފާޠިމަތު މުމްތާޒްގެ ފަރާތުން ހުށަހަޅާފައިވަނީ 18 ޖޫން 2021 ގައިކަމަށް އެ ފަރާތްތަކުން ހުށަހެޅި ފޯމުތަކުގައި ވެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/2021/NV-53,54,55 "ސަނަދުގެ ފެންވަރު ބެލުމަށް އިތުރަށް މަޢުލޫމާތު ބޭނުންވާކަން އަންގާ ފޯމު (2) (30 ޖޫން 2021)
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/2021/NV-77 "އެދިވަޑައިގެންފައިވާ ފެންވަރަށް، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށުން ސަނަދު ޤަބޫލު ނުކުރެވޭތީ އެކަން ދަންނަވާ ފޯރމް (1)
- ޤާނޫނު ނަންބަރު 7/2021
- ފުޓް ނޯޓު 6
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 22/2010
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ [2021] SC 75
- އބމ ގެ ޕެރެގްރާފު 10
- ދައުލަތުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ދެ ނުކުތާއާއި އެ ދެ ނުކުތާއާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަ މި ރިޕޯޓުގެ 16ވަނަ ނުކުތާއިން ފެށިގެން 20ވަނަ ނުކުތައާ ހަމައަށް ބަޔާންކުރެވިފައިވާނެއެވެ.
- އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވަކީލު، މުޙައްމަދު ފަރީދު 22 ޖެނުއަރީ 2025 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ދައްކާފައިވާ ވާހަކަ، ސަފުހާ 3 ން 7 އަށް ދައްކާފައިވާ ވާހަކަ
- ސިވިލް ކޯޓުގެ ނަންބަރު 3973/Cv-C/2021 ޤަޟިއްޔާގައި ދިވެހި ދައުލަތުގެ ފަރާތުން ހުށަހަޅާ ޚުލާޞާ ބަޔާން (01 އޮގަސްޓް 2022)
- އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޟިއްޔާގައި ދިވެހި ދައުލަތުން ހުށަހެޅި "އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމު"
- ދައުލަތުގެ ވަކީލު، ލޫޠު މުހައްމަދު، 16 ޖެނުއަރީ 2025 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ، ސަފުހާ 17
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)
- އބމ ގެ (ރ)
- އބމ ގެ (ބ)
- ފުޓްނޯޓު 3
- ފުޓްނޯޓު 4
- ފުޓްނޯޓު 5 އަދި 6
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2010/33 ދެންނެވުން (20 މެއި 2010) ("މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު" ގެ ނަން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" ގެ ނަމަށް ބަދަލުކުރައްވައި، އެ އޮތޯރިޓީ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވުން) މި ދެންނެވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން "މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު"ގެ ނަން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" ގެ ނަމަށް ބަދަލުކޮށް އެ އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވިކަމަށްވެއެވެ.
- އބމ
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" (01 ނޮވެމްބަރު 2010 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ 108 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ އުޞޫލު)
- ޤާނޫނު ނަންބަރު 7/2021
- އބމ ގެ 6 ވަނަ މާއްދާ
- ފުޓްނޯޓު 33 ގައިވާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ [2021] SC 98
- އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2023/HC-A/152 ޤަޟިއްޔާ ރިޕޯޓުގެ 69 ވަނަ ސަފުހާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 16ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 18ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ)
- ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2021) ގެ 6ވަނަ މާއްދާ އަދި 7ވަނަ މާއްދާ
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު (2010) ގެ 12ވަނަ މާއްދާ އަދި 14ވަނަ މާއްދާ
- ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނެ ގޮތުގެ އުޞޫލު (2021) ގެ 4ވަނަ މާއްދާގެ (ރ)
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2010/33 ދެންނެވުން (20 މެއި 2010)
- 2019/SC-A/57
- 2020/SC-A/44
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޙުކުމް އިއްވުން
- ▶ ޙުކުމް އިއްވުން
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.