ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޔޫސުފް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/578
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެއްފަދަ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ދަށުކޯޓަށް ތަޙުވީލުކޮށް އަނެއް މައްސަލަ ހައިކޯޓުން ފައިޞަލާކުރުމާއި، ހައިކޯޓުން ހެކި އަލުން ވަޒަންކޮށް ދައްކަންޖެހޭ ޢަދަދު ބަދަލުކުރުމާއި، އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިނުގަތުމާއި، ޑިލޭ ޑެމޭޖަސްގެ ރައްދު ދަޢުވާ ބަލައިނުގަތުން ޤާނޫނީ އުޞޫލުތަކާ ޚިލާފުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމު (ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2)) ގެ ބޭނުމަކީ އެއްކަހަލަ މައްސަލަތަކުގައި އެއް ޤާނޫނީ އުޞޫލުތައް ތަޠުބީޤުކުރުމާއި، ކޯޓުތަކުން ޢަމަލުކުރާނެ ގޮތް ރައްޔިތުންނަށް ދުރާލައި އެނގިފައި އޮތުމާއި، ހަމަހަމަކަމާއެކު ޢަމަލުކުރުމެވެ.
HN2 އެއްފަދަ އަނެއް މައްސަލައެއް ހައިކޯޓުން ތަޙުވީލުކޮށް ދަށުކޯޓުގައި ހިނގަމުންދާނަމަ، އެ މައްސަލައަށް އަސަރުކުރާގޮތަށް ދެ މައްސަލައިގެ ހައިކޯޓުގެ ނިންމުން އަޅައިކިޔައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމޭނެއެވެ. ކުރެވޭނީ އިސްތިއުނާފަށް ހުށަހެޅިފައިވާ ކަންކަމަށް ބަލައި ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން ތަޙުވީލުކުރަންޖެހޭނަމަ ތަޙުވީލުކުރުން، ނުވަތަ ހައިކޯޓުން ފައިޞަލާކޮށްފައިވަނީ ރަނގަޅަށްނަމަ ރަނގަޅުކަމަށް ނިންމުމެވެ.
HN3 ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން ހައިކޯޓުން މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރަންޖެހެނީ މައްސަލައިގައި ނުބެލިހުރި ޖައުހަރީ ކަންތައްތަކެއް ހުރިނަމައެވެ. ދަށުކޯޓުގައި ފާހަގަނުކުރާ، އަދި އިސްތިއުނާފުކުރާ ފަރާތަށް ފާހަގަކޮށްދެވިފައިނުވާ ކަމަކީ އެފަދަ ކަމެއް ނޫނެވެ.
HN4 ދަށު މަރުޙަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ހެކި ވަޒަންކުރިގޮތް އިސްތިއުނާފީ ކޯޓަކަށް އަލުން ބަލައި ގޮތެއް ކަނޑައެޅޭނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު (2018/SC-A/49) ގައި ބަޔާންކުރާ ޙާލަތެއްގައެވެ: (ހ) ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކާމެދު ގޮތެއް ކަނޑައަޅާފައި ނެތުން؛ (ށ) ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން؛ (ނ) ހުރިހާ ހެކިތަކަށް ޝާމިލުކޮށް ބަލާއިރު ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހައަކަށްވުން؛ (ރ) ސާބިތުވެފައިވާ ވާޤިޢާތަކަށް ނުބައި ޤާނޫނީ އުޞޫލުތަކެއް ތަޠުބީޤުކޮށްފައިވުން. މިއިން އެއް ޙާލަތެއް މެދުވެރިވުން ފުދެއެވެ.
HN5 ދަށުކޯޓުގެ ނިންމުމުގައި އެއްބަސްވުމަށް ގެނެވުނު އިޞްލާޙުތަކަށް ރިޢާޔަތްކޮށްފައި ނުވާނަމަ، އިންވޮއިސްތަކާއި އެއްބަސްވުމާއި އެއްބަސްވުމުގެ އިޞްލާޙު ބަލައި ހައިކޯޓުން ހެކި އަލުން ވަޒަންކޮށް ދައްކަންޖެހޭ ޢަދަދު ކަނޑައެޅުމުގެ ޖާގަ އޮވެއެވެ.
HN6 ދަޢުވާއަށް ޖުމްލަ ގޮތެއްގައި އިންކާރުކުރުމަކީ ދަޢުވާކުރާ ފަރާތުގެ ހެކިތަކަށް އިންކާރުކުރުމެއް ނޫންކަމާއި، ހެކި ނަފީކުރަންވާނީ ދަށުކޯޓުގައި ހެކީގެ ޞައްޙަކަމަށް ޠަޢުނުކޮށް ނުވަތަ މުގުރާލެވޭ ހެކި ހުށަހަޅައިގެން ކަމާއި، ދަށުކޯޓުގައި ލިބުނު އެ ފުރުޞަތު ބޭނުންނުކޮށް ހައިކޯޓުގައި ދިނުމަކީ އިސްތިއުނާފުގެ ޠަބީޢަތުން ބޭރުވެ އަލުން ޝަރީޢަތްކުރުން ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ފާހަގަކޮށް ދަމަހައްޓާފައިވެއެވެ.
HN7 އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިގަނެވޭނީ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް (2013/SC-A/20) ގައިވާ ފަދައިން ޚާއްޞަ އިސްތިސްނާ ޙާލަތްތަކުގައި، އެ ހެކި (1) ދަށު މަރުޙަލާގައި އެކަށީގެންވާ މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ، (2) މައުޟޫޢަށް އެކަށީގެންވާ ނުފޫޒެއް ފޯރުވާ، (3) ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެކިއަކަށް ވާނަމައެވެ. ދަށުކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު އުފައްދާފައިވާ، އަދި ލިބިފައިނުވާ ހެއްކެއް ނޫން ލިޔުންތަކަކީ އެފަދަ ހެކި ނޫނެވެ.
HN8 ރައްދު ދަޢުވާ ބަލައިގަނެވޭ ނިޒާމެއް ލިޔެވިފައި ނެތް ދުވަސްވަރުވެސް، އަޅައިކަނޑާލެވޭ ޙާލަތެއް އޮވެ ދަޢުވާކުރާ ފަރާތުން އިޢުތިރާޟު ނުކުރާ ޙާލަތުގައި ރައްދު ދަޢުވާ ބަލައިގަނެފައިވެއެވެ. ދަޢުވާކުރި ފަރާތުން އިޢުތިރާޟުކޮށްފައިވާއިރު، އަދި އެއްބަސްވުމުގެ ދަށުން ޑިލޭ ޑެމޭޖަސް ނަގައިދެވޭނީ މުބައްރިރެއްނެތި ލަސްވާ ޙާލަތުގައި ކަމަށްވެފައި ދަޢުވާކުރާ ފަރާތުގެ މުބައްރިރުތައް ނަފީކޮށްފައިނުވާއިރު، ރައްދު ދަޢުވާ ބަލައިނުގަތުމުގެ ސަބަބުން ތަޙުވީލުކުރުމަކުން ނަތީޖާއަށް ބަދަލެއް ނާދެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު
ސަލީމް ތާއީދު ކުރައްވާފައި).....1 ތަޢާރުފު.....1 މައްސަލައިގައި ކަންހިނގާފައިވާ ގޮތް.....1 ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް.....2 ހައިކޯޓުން މައްސަލަ ނިންމިގޮތް.....3 ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް.....4 އެއް ބާވަތެއްގެ ދެ މައްސަލައެއް ދެގޮތަށް ނިންމާފައިވުން.....7 އިސްތިއުނާފު ކޯޓުން ހެކިވަޒަންކުރުން.....10 އިސްތިއުނާފު ކޯޓަށް އައު ހެކިބަލައިގަތުން.....13 ރައްދު ދަޢުވާ ބަލައިނުގަތުން.....15 މައްސަލަ ނިންމަން ފެންނަގޮތް.....16
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު.....16
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު.....16
ޙުކުމް .....17 بِسْمِ الرَّحْمَنِ ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޔޫސުފް [2025] SC 30
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި
ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/578 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ސްކޫބާސްޕާ" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރ. އަލިފުށި، […] މުޙައްމަދު ޔޫސުފް (މީގެ ފަހުން "މުޙައްމަދު ޔޫސުފް" ކަމަށް ބުނެފައިވާ) ފަރާތެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2"ސަފާރީ ޔޮޓް ބިލްޑ އެންޑް ސަޕްލައި ކޮންޓްރެކްޓު" ގެ ނަމުގައި، ސްކޫބާސްޕާ އާއި މުޙައްމަދު ޔޫސުފްއާ ދެމެދު 11 ނޮވެމްބަރު 2009 ގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އަދި 16 އޮކްޓޫބަރު 2010 ގައި އެ އެއްބަސްވުމަށް އިސްލާޙުތަކެއް ގެނެވި "އެޑެންޑަމް" އެއްގައި ސޮއިކުރެވުނެވެ.
3ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ އަގު ލިބިފައި ނުވާކަމަށް ބުނެ، އެ ފައިސާ ހޯދުމަށް މުޙައްމަދު ޔޫސުފްގެ ފަރާތުން ސްކޫބާސްޕާގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
4މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1173/Cv-C/2018 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އެކޯޓުން ކުރި ޙުކުމްގައިވަނީ، US$562,606.62 (ފަސް ލައްކަ ފަސްދޮޅަސްދެ ހާސް ހަ ސަތޭކަ ހަ އެމެރިކާ ޑޮލަރު ފަސްދޮޅަސްދެ ސެކްޓް) އަކީ ސްކޫބާސްޕާގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާތީ، 27 ފެބުރުއަރީ 2019 އިން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށްޖެހޭ ފައިސާގެ ޢަދަދަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ސްކޫބާސްޕާއަށް އަންގާފައެވެ. މިފަދައިން ޙުކުމް ކުރުމުގައި ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
4.1. މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހެޅި އިންވޮއިސް ނަންބަރުތަކާއި، އެ އިންވޮއިސްގެ ތާރީޚާއި، އިންވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދުތަކާއި އޭގެ ސައްޙަކަމާމެދު ސްކޫބާސްޕާ ގެ ފަރާތުން ސުވާލު އުފައްދާފައި ނުވާތީ، އެ އިންވޮއިސްތަކަކީ މި މުޢާމަލާތާ ގުޅިގެން މުޙައްމަދު ޔޫސުފް ގެ ފަރާތުން ސްކޫބާސްޕާ އަށް ފޮނުވި އިންވޮއިސްތަކެއް ކަމަށް ބަލަންޖެހޭކަން؛
4.2. އިންވޮއިސްގެ ޖުމްލަ ޢަދަދުކަމަށްވާ $3,729,890.48 (ތިން މިލިއަން ހަތްލައްކަ ނަވާވީސްހާސް އަށްސަތޭކަ ނުވަދިހަ އެމެރިކާ ޑޮލަރު ސާޅީސްއަށް ސެންޓް) ގެ ތެރެއިން $3,150,127.70 (ތިންމިލިއަން އެއްލައްކަ ފަންސާސްހާސް އެއްސަތޭކަ ހަތާވީސް އެމެރިކާ ޑޮލަރު ހަތްދިހަ ސެންޓް) އަކީ ސްކޫބާސްޕާގެ ފަރާތުން އަދާކޮށްފައިވާ ފައިސާކަން އެނގެން އޮންނާތީ ސްކޫބާސްޕާގެ ފަރާތުން ދައްކަންޖެހި ނުދެއްކި ހުރީ $579,762.78 (ފަސްލައްކަ ހަތްދިހަނުވަހާސް ހަތްސަތޭކަ ފަސްދޮޅަސްދެ އެމެރިކާ ޑޮލަރު ހަތްދިހައަށް ސެންޓް) ކަން؛
4.3. އެހެންނަމަވެސް ރިޓެންޝަން ފައިސާގެ ތެރެއިން 15 ސެޕްޓެންބަރު 2010 ގެ ކުރިން އުނިކުރި ފައިސާއަކީ މުޙައްމަދު ޔޫސުފްއަށް ލިބިނުދެވޭނެ ފައިސާއެއްކަމަށް ދެފަރާތުން އެއްބަސްވެފައިވާތީ، 15 ސެޕްޓެންބަރު 2010 އާ ހަމައަށް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރެވޭ $17,156.16 (ސަތާރަ ހާސް އެއް ސަތޭކަ ފަންސާސްހަ އެމެރިކާ ޑޮލަރު ސޯޅަ ސެންޓް) އުނިކުރުމުން ޖެހޭ $562,606.62 (ފަސްލައްކަ ފަސްދޮޅަސްދެހާސް ހަސަތޭކަ ހަ އެމެރިކާ ޑޮލަރު ފަސްދޮޅަސްދެ ސެންޓް) އަކީ ސްކޫބާސްޕާގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް އަދާކުރަންޖެހި، އަދާނުކޮށްވާ ފައިސާކަން.
5ސިވިލް ކޯޓުގެ މި ނިންމުން ސްކޫބާސްޕާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
6ހައިކޯޓުން މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2019/HC-A/578 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި ހައިކޯޓުން ކުރި ޙުކުމްގައިވަނީ، ސްކޫބާސްޕާ އިން ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ޙުކުމްކުރި ޢަދަދު ރަނގަޅު ނޫން ކަމަށާއި، ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ $390,313.03 (ތިން ލައްކަ ނުވަދިހަހާސް ތިންސަތޭކަ ތޭރަ އެމެރިކާ ޑޮލަރު ތިން ސެންޓް) ކަމަށްވާތީ، މި ފައިސާ 10 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ސްކޫބާސްޕާއަށް އަންގާފައެވެ. މިފަދައިން ޙުކުމްކުރުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމަށެވެ.
6.1. މުޅި ދަޢުވާއަށް ޖުމްލަ ގޮތެއްގައި އިންކާރުކުރުމަކީ ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިތަކަށްވެސް އިންކާރުކުރުން ކަމުގައި ނުބެލެވޭނެ ކަމާއި، ހެކިތަކުގެ މައްޗަށް ތަޢުނުކޮށް، އެ ހެކި މުގުރާލެވޭފަދަ ޤާރީނާ ހުށަހެޅުމުގެ ފުރުޞަތު ދަށުކޯޓުގައި ލިބި އެ ފުރުޞަތުގެ ބޭނުން ނުކޮށް، ހައިކޯޓުގައި އެ ފުރުޞަތު ދިނުމަކީ އިސްތިއުނާފުގެ ތަބީޢަތުން ބޭރުވެ އަލުން ޝަރީޢަތެއް ކުރުން ކަމުގައިވާތީ ސްކޫބާސްޕާ އަށް އެ ފުރުޞަތު ނުދެވޭނެކަން؛
6.2. މުޙައްމަދު ޔޫސުފްގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުމުން، އެދަޢުވާގެ ކައުންޓަރ ކްލެއިމްގެ ގޮތުގައި ޑިލޭ ޑެމޭޖަސް ހޯދުމަށް ހުށަހަޅާފައިވާއިރު، އޭރު ޢަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު، ދަޢުވާއެއްގެ ތެރެއިން ކައުންޓަރ ކްލެއިމްއެއް ކުރިނަމަވެސް ހުށަހެޅިފައިވާ ދަޢުވާގެ ތެރެއިން އެ ކައުންޓަރ ކްލެއިމްގެ ޝަރީޢަތް ހިންގާ ގޮތެއް ކަނޑައަޅާފައި ނެތުމުންނާއި، ޑިލޭ ޑެމޭޖަސްއަށް އެއްބަސްވުމުގެ ދަށުން ދަޢުވާ ކުރުމުގެ އިޚްތިޔާރު ލިބި އެ އިޚްތިޔާރުގެ ދަށުން ދަޢުވާ ކޮށްފައިނުވާކަން؛
6.3. މި ދަޢުވާގައި ޚުޞޫމާތު އޮތީ ކޮމިޝަންގެ ގޮތުގައި އިތުރުކުރި ޕަސެންޓާއި، ރިޓެންޝަންގެ ގޮތުގައި އުނިކުރަންޖެހޭ ޕަސެންޓާމެދު އޮތް ޚިލާފުކަމާއި، އިންވޮއިސްތަކުގައި ބަޔާންކުރާ ސަބްޓޯޓަލް އާމެދު ޚިލާފެއް ނެތްކަމާއި، މިކަންކަމަށް ބަލާއިރު ސްކޫބާސްޕާ އިން ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ޙުކުމްކުރި ޢަދަދު ރަނގަޅެއް ނޫންކަމާއި، ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ $390,313.03 (ތިން ލައްކަ ނުވަދިހަހާސް ތިންސަތޭކަ ތޭރަ އެމެރިކާ ޑޮލަރު ތިން ސެންޓް) ކަން.
7ހައިކޯޓުގެ މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، ސްކޫބާސްޕާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
8ހައިކޯޓުގެ ޙުކުމް ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ފެންނަ ނުކުތާގެ ގޮތުގައި ސްކޫބާސްޕާގެ ފަރާތުން އިސްތިއުނާފީ 8 ނުކުތާ ހުށަހަޅާފައިވެއެވ.
8.1 އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، އެއް ބާވަތެއްގެ މައުޟޫޢެއް ހިމެނިފައިވާ އެއް ޚަޞްމުންތަކެއް ހިމެނިފައިވާ އެއްގޮތް ވާޤިޢާތަކަކާއި ހެކިތަކެއްގެ މައްޗަށް ހިންގުނު ދެ މައްސަލައެއްގެ އަޑުއެހުން އެކުއެކީ ހިންގުމަށްފަހު، ދެ މައްސަލައިގެ ތެރެއިން، ހައިކޯޓުގެ ނަންބަރު 2019/HC-A/220 ޤަޟިއްޔާގައި ކަނޑައެޅުނު ކަންކަމާ ޚިލާފަށް ތަފާތު ގޮތަކަށް ހައިކޯޓުގެ ނަންބަރު 2019/HC-A/578 ޤަޟިއްޔާ ނިމިފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
8.2 އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، ދަށު ކޯޓުގައި ނުބެލި ހުރި ކަންތައްތަކެއް ފަނޑިޔާރުންގެ ބެންޗަށް ފާހަގަވެފައިވާއިރު، އެކަންކަން ބެލުމަށް ދަށު ކޯޓަށް މައްސަލަ ތަޙުވީލު ކުރުމަކާނުލާ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8.3 އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ، ހައިކޯޓުން މައުޟޫޢީގޮތުން މައްސަލަ ބެލުމުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އިޖުރާއަތާ ޚިލާފަށް މައުޟޫޢީ ގޮތުން ހައިކޯޓުން މިމައްސަލަ ބަލައި ނިންމާފައިވަނީ އެމާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8.4 އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައި ވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
8.5. އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ، މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހެޅި އިންވޮއިސްތަކުގައިވާ ޢަދަދަށްވުރެ އިތުރަށް ސްކޫބާސްޕާއިން ފައިސާ ދައްކާފައިވާކަން ސާބިތުކުރުމަށް ހުށަހެޅި ބައެއް ހެކިތަކަށް ރިޢާޔަތް ނުކުރެވޭނެކަމަށް ކަނޑައަޅާފައިވަނީ، ހެއްކާބެހޭ ޤާނޫނު ގެ 2 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8.6. އިސްތިއުނާފީ ހަވަނަ ނުކުތާއަކީ، އިސްތިއުނާފުކުރި ފަރާތުން ދަށު ކޯޓަށް ހުށަހެޅި 30 ނޮވެންބަރު 2014 މިތާރީޚުގެ ލިޔުން ކޯޓަށް ހުށަހެޅުނު ސަބަބުން ބޭރުން، އަދި އިސްތިއުނާފު ރައްދުވި ފަރާތުން އެލިޔުމާމެދު ނެގި ސްޓޭންޑްގެ ބޭރުން އެލިޔުމަށް އެހެން ކިތާބީ ހެކިތަކަށްވުރެ ބޮޑު ބުރަދަނެއްދީ މައްސަލަ ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8.7. އިސްތިއުނާފީ ހަތްވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ކުންފުންޏާއި ގުޅުންހުރި ކުންފުންޏެއް ކަމުގައިވާ ސްކޫބާސްޕާ 2 ޕްރައިވެޓް ލިމިޓެޑް އިން އިތުރަށް ދައްކާފައިވާ ފައިސާއަށް މުޙައްމަދު ޔޫސުފްގެ ފަރާތުން ދަށު ކޯޓުގައި އިންކާރުކޮށްފައި ނުވާއިރު، އޭގެ މަންފާ ސްކޫބާސްޕާއަށް ދިނުމެއްނެތި މައްސަލަ ނިންމަވާފައިވަނީ، އިސްތިއުނާފު މިކުރެވޭ ހައިކޯޓުގެ ނަންބަރު 2019/HC-A/578 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ބައެއް އުސޫލުތަކާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8.8. އިސްތިއުނާފީ އަށްވަނަ ނުކުތާއަކީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ލަސްވާ ޙާލަތުގައި ލިކުއިޑޭޓެޑް ޑެމޭޖަސް ނަގައިދެވޭނެ އުސޫލު ކަނޑައެޅިފައިވާއިރު އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖަސް ހޯދުމަށް އެދި ހުށަހެޅުމުން ދަޢުވާގެ ތެރެއިން ރައްދު ދަޢުވާއެއްގެ ގޮތުގައި ލިކުއިޑޭޓެޑް ޑެމޭޖަސް ހޯދުމަށް ހުށަނޭޅޭނެކަމަށް ދަށު ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައިވަނީ، ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް އަދި ހައިކޯޓުގެ ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެގްޒިމް ބޭންކް މެލޭޝިއާ ގެ އުސޫލުތަކަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އެއް ބާވަތެއްގެ ދެ މައްސަލައެއް ދެ ގޮތަށް ނިންމާފައިވުން
9އިސްތިއުނާފީ ދެ ނުކުތާގައި ސްކޫބާސްޕާގެ ފަރާތުން ވާހަކަ ދައްކާފައިވަނީ މައްސަލަ ދަށުކޯޓަށް ތަޙްވީލު ކުރުމާ ގުޅޭ ގޮތުންނެވެ. މި ގޮތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ސްކޫބާސްޕާގެ ފަރާތުން ފާހަގަކުރަނީ، ހައިކޯޓުގެ ނަންބަރު 2019/HC-A/220 ޤަޟިއްޔާއާއި، އިސްތިއުނާފު ކުރެވިފައި މިވާ އެ ކޯޓުގެ ނަންބަރު 2019/HC-A/578 ޤަޝިއްޔާއަކީ އެއް ބާވަތެއްގެ މައުޟޫޢެއް ހިމެނޭ ދެ މައްސަލައަށް ވެފައި، އެއް މައްސަލަ ދަށުކޯޓަށް ތަޙުވީލުކޮށް، އަނެއް މައްސަލައިގައި ފައިޞަލާކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށްކަމަށެވެ. އިސްތިއުނާފީ ދެވަނަ ނުކުތާގައި ސްކޫބާސްޕާގެ ފަރާތުން ބުނެފައިވަނީ، ދަށު ކޯޓުގައި ނުބެލި ހުރި ކަންތައްތަކެއް ފަނޑިޔާރުންގެ ބެންޗަށް ފާހަގަވެފައިވާއިރު، އެކަންކަން ބެލުމަށް ދަށު ކޯޓަށް މި މައްސަލަ ތަޙުވީލު ކުރުމަކާނުލާ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ
(ނ) އާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމަވާފައިވާ ކަމަށެވެ.
10މި ނުކުތާގެ ރައްދުގައި މުޙައްމަދު ޔޫސުފް ގެ ފަރާތުން ބުނެފައިވަނީ، ހައިކޯޓުގެ ނަންބަރު 2019/HC-A/220 ޤަޟިއްޔާގައި ސިވިލް ކޯޓަށް ތަޙުވީލްކުރުމަށް ޙުކުމްކޮށްފައިވާތީ، އެއީ އެއްފަދަ މައްސަލައެއްގައި ދެގޮތަށް ޢަމަލުކުރީ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި ދީމިޤްރާތީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގެ ޝަރުޢީ ނިޒާމްތަކުގައި، އިސްތިޤްރާރުވެފައިވާ (judicial precedent) އުސޫލުތަކާ ޚިލާފަށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށެވެ.
11ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށް ކަމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމަށް، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވެއެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ، އެ މާއްދާގެ (ހ) ގައިވާ ފަދައިން ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭ ކަންތަކެވެ. އެއީ،
1. މައްސަލައިގައި ހުށަހެޅޭ ހެއްކާއި ޤަރީނާ،
2. މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް، އަދި
3. ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްސުބުން އެއްކިބާވުން، މިއެވެ.
12ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވަނީ "ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ." މިހެންނެވެ.
13HN1ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރަނީ އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމެވެ. އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމަށް ބާރުއަޅާ ސަބަބަކީ، އިންސާފު ޤާއިމުކުރުމަށްޓަކައި ކޯޓުތަކުން އެއްކަހަލަ މައްސަލަތަކުގައި އެއް ޤާނޫނީ އުސޫލުތަކެއް ތަޠުބީޤުކުރުމަށް ބާރު އެޅުމުގެ އިތުރުން، މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރާނެ ގޮތް ޢާންމު ރައްޔިތުންނަށް ދުރާލައި އެނގިފައި އޮތުމާއި، ދެފުށް ފެންނަ ގޮތަކަށް އެންމެންނާ މެދު ހަމަހަމަކަމާއެކު ޢަމަލުކުރުމަށް ބާރުއެޅުމުގެ ބޭނުމުގައެވެ.
14ހައިކޯޓުން ދަށުކޯޓަށް ތަޙުވީލުކުރި ޤަޟިއްޔާކަމުގައިވާ ހައިކޯޓުގެ ނަންބަރު 2019/HC-A/220 ޤަސިއްޔާގައި އިސްތިއުނާފުކުރި ފަރާތަކީ ސްކޫބާސްޕާ 2 ޕްރައިވެޓް ލިމިޓެޑްއެވެ. ސުޕްރީމް ކޯޓުން ބަލަމުންމިދާ ޤަޟިއްޔާ ކަމުގައިވާ ހައިކޯޓުގެ ނަންބަރު 2019/HC-A/578 ޤަސިއްޔާގައި އިސްތިއުނާފުކުރި ފަރާތަކީ ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްއެވެ. މި ދެ ޤަޟިއްޔާގައިވެސް އިސްތިއުނާފު ރައްދުވި ފަރާތަކީ މުޙައްމަދު ޔޫސުފްއެވެ.
15HN2އިސްވެ ބަޔާންވެދިޔަ ދެކުންފުނިން ބަންނަމުންދިޔަ ދެ އުޅަނދުގެ ފައިބަރު މަސައްކަތްކުރި ފަރާތަކީ މުޙައްމަދު ޔޫސުފްއެވެ. މި ދެ އުޅަނދު ބަނުމުގެ މަސައްކަތަކީ ދެ މުޢާމަލާތެކެވެ. ދެ މުޢާމަލާތުގައި އެއްގޮތް ކަންތައްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ދެ މުޢާމަލާތް އެއްގޮތް މިންވަރު ބެލުމަށްޓަކައި، ހައިކޯޓުން ތަޙުވީލުކުރުމުން މިހާރު ދަށުކޯޓުގައި ހިނގަމުންދާ މައްސަލައިގެ ކަންކަން ބަލަންޖެހެއެވެ. އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށްނުވެފައި، އަދި ދަށުކޯޓުގައި ހިނގަމުންދާ މައްސަލައަކަށްވާއިރު، އެމައްސަލައަށް އަސަރު ކުރާގޮތަށް ކަންކަން ދިޔުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ކުރެވޭނެ ކަމަކީ ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް މައްސަލައަކީ، އިސްތިއުނާފަށް ހުށަހެޅިފައިވާ ކަންކަމަށް ބަލައި، ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަށުކޯޓަށް ތަޙުވީލު ކުރަންޖެހޭ މައްސަލައެއް ކަމަށްވަނީނަމަ ތަޙުވީލުކުރުމެވެ. ހަމަ އެގޮތަށް އިސްތިއުނާފަށް ހުށަހެޅިފައިވާ ކަންކަމަށް ބަލައި، ހައިކޯޓުން މައްސަލައިގައި ފައިސަލާކޮށްފައިވަނީ ރަނގަޅަށް ކަމަށްވަނީނަމަ ރަނގަޅު ކަމަށް ނިންމުމެވެ. ދެ މައްސަލައިގެ ހައިކޯޓުގެ ނިންމުން މިޙާލަތުގައި އަޅައިކިޔައި ގޮތެއް ނުނިންމޭނެ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
16HN3އިސްތިއުނާފީ ދެވަނަ ނުކުތާގައި ވާފަދައިން ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން ހައިކޯޓުން މައްސަލަ ދަށުކޯޓަށް ތަޙުވީލު ކުރަންޖެހެނީ މައްސަލައިގައި ނުބެލިހުރި ޖައުހަރީ ކަންތައްތަކެއް ހުރި ނަމައެވެ. ނުބެލިހުރި ކަންތައްތައް ބަޔާންކުރަމުން ސްކޫބާސްޕާގެ ފަރާތުން ފާހަގަކޮށްފައިވަނީ ތަޙުވީލުކުރި ޤަޟިއްޔާގައި ނުބެލިހުރި ކަމަށް ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަންކަމެވެ. ސުޕްރީމް ކޯޓުގެ ކުރިމަތީގައި މިއޮތް މައްސަލައިގައި ނުބެލިއޮތް ޖައުހަރީ ކަމަކީ، މުޙައްމަދު ޔޫސުފްގެ ބޭންކް އެކައުންޓު ސްޓޭޓްމަންޓް ހުށަހަޅާފައި ނުވުމެވެ. މިކަމާ ގުޅިގެން މުޙައްމަދު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ ހުށަހެޅިފައި ނުވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ދެފަރާތުން ސްޓޭޓްމަންޓްތައް ބަލައި ހިސާބުތައް އަޅައިކިޔައި ހަދާފައިވާތީ ކަމަށެވެ. ސްކޫބާސްޕާގެ ފަރާތުން މިކަމަށް ރައްދު ދީފައިނުވެއެވެ. އަދި މިކަމަކީ ސްކޫބާސްޕާގެ ފަރާތުން ދަށުކޯޓުގައި ފާހަގަކުރި ކަމެއްވެސް ނޫނެވެ. މިގޮތުން މި މިމައްސަލައިގައި ދަށުކޯޓުގައި ނުބެލިއޮތް ޖައުހަރީކަމެއް އިސްތިއުނާފު ކުރާ ސްކޫބާސްޕާއަށް ފާހަގަކޮށްދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
އިސްތިއުނާފު ކޯޓުން ހެކިވަޒަންކުރުން
17އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ތިންވަނަ ނުކުތާއާއި ހަތަރުވަނަ ނުކުތާއާއި ފަސްވަނަ ނުކުތާގައި ސްކޫބާސްޕާގެ ފަރާތުން ވާހަކަ ދައްކާފައިވަނީ ހެކިވަޒަން ކުރުމާ ގުޅޭ ގޮތުންނެވެ.
18HN6ދަށުކޯޓުގެ ނިންމުމާއި ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ސްކޫބާސްޕާގެ ފަރާތުން ދަށުކޯޓުގައި ދަޢުވާއަށް އިންކާރުކުރާ ކަމަށް ބުނި ނަމަވެސް މުޙައްމަދު ޔޫސުފްގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ވަކިވަކި ހެކިތަކަށް ޠަޢުނުކޮށް ހެކި ނަފީކުރުމަށް ވާހަކަދައްކާފައި ނުވާކަން ފާހަގަކުރެވެއެވެ. ހައިކޯޓުގެ ބުނުމަކީ އެ ދަޢުވާ ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިތަކަށް ވެސް އިންކާރުކުރުން ކަމަށް ބުރަނުވެވޭ ކަމަށާއި، ދަޢުވާ ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިތައް ނަފީކުރަން ޖެހޭނީ، އެހެކިތަކުގެ ޞައްޙަކަމުގެ މައްޗަށް ތަޢުނުކޮށްގެން ނުވަތަ އެހެކިތައް މުގުރާލެވޭފަދަ އެހެން ހެކި ޤަރީނާތައް ހުށަހަޅައިގެން ކަމަށާއި، ދަށުކޯޓުގައި ސްކޫބާސްޕާއަށް އެކަމަށް ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް ސްކޫބާސްޕާގެ ފަރާތުން އެހެން އެކަން ނުކޮށް، ހައިކޯޓު މަރުޙަލާގައި ހެއްކަށް ތަޢުނުކުރަން ފުރުސަތު ދިނުމަކީ އިސްތިއުނާފުގެ ޠަބީޢަތުން ބޭރުވެ، އަލުން ޝަރީޢަތެއް ކުރުން ކަމަށް ވާނެތީ، އެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
19HN4ދަށު މަރުޙަލާގެ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅުނު ހެކިތައް އެ މަރުޙަލާގައި ވަޒަންކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން އިސްތިއުނާފީ ކޯޓުތަކުން ބަލައި އަލުން ގޮތެއް ކަނޑައެޅޭނެ ޙާލަތްތަކެއް، ސުޕްރީމް ކޯޓުން ކުރިން ބަލާފައިވާ މައްސަލައެއް ކަމަށްވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު މައްސަލައިގައި ކަނޑައަޅާފައިވެއެވެ. އިސްތިއުނާފީ މަރުޙަލާއިން ހެކި އަލުން ވަޒަން ކުރުމުގައި މި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެފައި އޮތުން ފުދެއެވެ. ތިރީގައި މިވަނީ ސުޕްރީމް ކޯޓުން އެ މައްސަލައިގައި އިސްތިއުނާފީ ކޯޓުން އަލުން ހެކި ވަޒަންކުރެވިދާނެ ޙާލަތުތައް ކަމުގައި ބަޔާންކޮށްފައިވާ ޙާލަތްތަކެވެ.
(ހ) މައްސަލައިގައި ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކާމެދު އެ ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތުން.
(ށ) ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން.
(ނ) ޝަރީޢަތްކުރާ ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ކުރިމަތީގައި ހުރި ހުރިހާ ހެކިތަކަށް ޝާމިލުގޮތެއްގައި ބަލާއިރު، ހުށަހެޅިފައިވާ ހެއްކަކުން ނުވަތަ ހެކިތަކުން ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހަތަކެއް ކަމަށް ފެނުން.
(ރ) އެ މައްސަލައިގައި ސާބިތުވެފައިވާ ވާޤިޢާތަކުގެ މައްޗަށް ތަޠުބީޤުކޮށްފައިވަނީ ނުބައި ޤާނޫނީ އުސޫލުތަކެއް ކަމުގައިވުން.
20HN5މިއިން ޙާލަތެއް ވުޖޫދުގައި އޮތްކަން ދެނެގަނެ ގޮތެއް ކަނޑައެޅޭނީ ދަށުކޯޓުން ހެކިވަޒަންކުރިގޮތް ބަލައިގެން ކަމުގައިވާތީ ހައިކޯޓުން ހުށަހެޅިފައިވާ ވަކިވަކި އިންވޮއިސްތައް ބަލައި ދިރާސާކޮށް، އަދި ފައިސާދެއްކުމާއި ރިޓެންޝަން ފައިސާ ކެނޑުމާބެހޭ ގޮތުން ދެފަރާތުން ވެފައިވާ އެއްބަސްވުމާއި އެއްބަސްވުމަށް ގެނެވުނު އެމެންޑްމަންޓްގައި ބަޔާންކުރާ ގޮތަށް ރިޢާޔަތް ކޮށްފައިވާކަން ރިޕޯޓުން އެނގެން އެބައޮތެވެ. އެއްބަސްވުމަށް ގެނެވިފައިވާ ބަދަލުތަކަށް ދަށުކޯޓުގެ ނިންމުމުގައި ރިޢާޔަތް ނުކުރެވި ވާކަން ހައިކޯޓުގެ ނިންމުމުން އެނގެން އޮތްކަން ފާހަގަކުރެވެއެވެ. މިގޮތުން އިސްތިއުނާފީ ކޯޓުން ހެކިވަޒަންކޮށް ގޮތެއް ނިންމަން ޖާގައޮތްކަން ފާހަގަކުރެވެއެވެ.
21އެއްބަސްވުމަށް ބަދަލު ގެނައިފަހުން ހިސާބުހެދުމުގައި އަންނަންޖެހޭ ބަދަލަށް ރިޢާޔަތްކުރެވިފައި ނުވާތީ އެކަންބަލައި ހައިކޯޓުން ރިޢާޔަތްކޮށްފައިވެއެވެ. މިގޮތުން ބެލިއިރު، ސަބް ޓޯޓަލްއާ މެދު ޚިލާފެއް އޮތްކަމަށް ނުފެންނަ ކަމަށާއި، ޚިލާފުއޮތީ ކޮމިޝަންގެ ގޮތުގައި އިތުރު ކުރެވުނު ޕަސެންޓާއި ރިޓެންޝަންގެ ގޮތުގައި އުނިކުރެވުނު ޕަސެންޓާއި މެދުގައިކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ސްކޫބާސްޕާ އިން ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ޙުކުމްކުރި ޢަދަދު ރަނގަޅު ނޫން ކަމަށާއި، ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ $390,313.03 (ތިން ލައްކަ ނުވަދިހަހާސް ތިންސަތޭކަ ތޭރަ އެމެރިކާ ޑޮލަރު ތިން ސެންޓް) ކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
އިސްތިއުނާފު ކޯޓަށް އައު ހެކިބަލައިގަތުން
22އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ހަވަނަ ނުކުތާއާއި ހަތްވަނަ ނުކުތާގައި ސްކޫބާސްޕާގެ ފަރާތުން ވާހަކަ ދައްކާފައިވަނީ އައުހެކި ބަލައިގަތުމާ ގުޅޭ ގޮތުންނެވެ.
23HN7ސްކޫބާސްޕާގެ ފަރާތުން ހައިކޯޓު މަރުޙަލާގައި ހެކިތަކެއް ހުށަހެޅިއެވެ. އިސްތިއުނާފީ މަރުޙަލާގައި އައުހެކި ބަލައިގަތުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ޤަޟިއްޔާއެއް ކަމަށްވާ އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންވެގެންވަނީ، "މައްސަލައާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ އެންމެހައި ކަންކަން އެ މައްސަލައެއްގެ ޝަރީޢަތްތައް ދަށު ކޯޓުގައި ހިނގަމުންދާއިރު ހުށަހަޅަންޖެހޭގޮތަށް ޝަރުޢީ ނިޒާމް ބައްޓަންކުރެވި، އެ މައްސަލައަކާގުޅޭ ތަފާތުއެކި ކަންކަން އެކި މަރުޙަލާތަކުގައި ހުށަހެޅި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާނުލާގޮތަށް ހަމަޖެހިފައި އޮތުމުގެ މައިގަނޑު މަޤުޞަދަކީ، މައްސަލައިގެ އަސްލު މައުޟޫޢު ދަށު މަރުޙަލާގައި ހިނގަމުންދާއިރު އެއީ އެ މައްސަލައިގައި ފައިޞަލާ ކުރަނިވި ޙުކުމެއް ލިބިގެންދާނެގޮތަށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން، މައްސަލައިގައި އުފެދިފައިވާ ޚުޞޫމަތަށް އަވަސްކަމާއެކު ޙައްލެއް ލިބިގެންދާނެގޮތަށް ޝަރުޢީ ނިޒާމް ބައްޓަންވެގެން ދިއުންކަން އެނގޭކަމާއި، އެއް މައުޟޫޢެއްގައި އެކި މަރުޙަލާތަކުގައި ނިމުމެއް ނެތްގޮތެއްގައި ހުށަހެޅުންތައް ހުށަހަޅައި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވައިލެވިގެންދާކަމުގައިވާނަމަ ނަތީޖާއަކަށް ވެގެންދާނީ ދަށު މަރުޙަލާގައި ކުރެވޭ ޝަރީޢަތްތަކުގެ ބޭނުންކެނޑި، އެންމެ ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު ޚަޞްމުންގެ ޢަމަލުތައް ބައްޓަންވެގެން ނުދިއުންކަމާއި، އާންމު އުސޫލަކީ އިސްތިއުނާފީ ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުން ކަމުގައިވީނަމަވެސް، ހައިކޯޓުން ފައިޞަލާކޮށް ނިންމާފައިވާ މައްސަލައެއް އިސްތިއުނާފު ކުރެވިފައިވާ ޙާލަތުގައި، އެ މައްސަލައިގެ ބާވަތަށާއި މައްސަލައަކާ ގުޅިގެން އަލަށް ހުށަހެޅޭ ހުށަހެޅުމުގެ މުހިންމުކަމުގެ މައްޗަށާއި އެ ހުށަހެޅުމުގެ ޞައްޙަކަމާއި އަދި އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ނުދީފިނަމަ ނިކުމެދާނެ ނަތީޖާގެ މައްޗަށް ބަލައި، އައު ހުށަހެޅުންތައް ހުށަހަޅައި އެކަންކަމާމެދު ބަހުސްކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި އިސްތިއުނާފީ މަރުޙަލާގައިވެސް ދެވިދާނެކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ." މިގޮތުން، އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެކިތަކުގައި އަންނަނިވި އުންސުރުތައް ފުރިހަމަވާން ވާނެ ކަމުގައި އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވެއެވެ. 1- އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. 2- އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލުނައި ނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. 3- އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން.
24ސްކޫބާސްޕާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ހެއްކަކީ ދަށުކޯޓުން މައްސަލަ ނިމުނުފަހުން ލިބުނު އާހެއްކެއް ނޫނެވެ. އަދި އެކަމަށްޓަކައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކެއްވެސް ނޫނެވެ. ސްކޫބާސްޕާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ދެ ލިޔުމަކީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިފަހުން އުފެއްދި ދެ ލިޔުންކަން، މި ދެލިޔުމުގެ ތާރީޚުން އެނގޭކަން ފާހަގަކުރެވެއެވެ. ސިވިލް ކޯޓަށް މިމައްސަލަ ހުށަހަޅާފައިވަނީ 12 މާރޗް 2018 ގައެވެ. މި ދެލިޔުން ތައްޔާރު ކޮށްފައިވަނީ 01 ޖުލައި 2018 ގައެވެ. އަދި އެހެންމެ މިދެ ލިޔުމުގައި ސޮއިކޮށްފައިވަނީ ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ކަމަށްވާއިރު، މި ލިޔުން ބަލައިގެންފައިވަނީ ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓެންޓްކަން އެނގެއެވެ. މިކަންކަން ހައިކޯޓުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިހެން ކަންކަން އޮތުމުން ސްކޫބާސްޕާގެ މަސްލަޙަތުގައި މި ދެލިޔުމަކީ ހެއްކެއްގެ ގޮތުގައި ބުރަދަނެއް ދެވިދާނެ ދެލިޔުމެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. ހައިކޯޓުގެ މިނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާގޮތެއް ސްކޫބާސްޕާގެ ފަރާތުން ބުނެދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
ރައްދު ދަޢުވާ ބަލައިނުގަތުން
25އިސްތިއުނާފީ އަށްވަނަ ނުކުތާގައި ސްކޫބާސްޕާގެ ފަރާތުން ބުނެފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ލަސްވާ ޙާލަތުގައި ލިކުއިޑޭޓެޑް ޑެމޭޖަސް ނަގައިދެވޭނެ އުސޫލު ކަނޑައެޅިފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖަސް ހޯދުމަށް އެދި ހުށަހެޅުމުން ދަޢުވާގެ ތެރެއިން ރައްދު ދަޢުވާއެއްގެ ގޮތުގައި ލިކުއިޑޭޓެޑް ޑެމޭޖަސް ހޯދުމަށް ހުށަނޭޅޭނެކަމަށް ދަށު ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައިވަނީ ޢަމަލުކުރަމުންދިޔަ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ.
26HN8ރައްދު ދަޢުވާ ބަލައިގަނެވޭ ނިޒާމެއް ރާއްޖޭގައި މިހާރު ޤާއިމްވެފައި އޮތްނަމަވެސް، ކުރިން އެފަދަ އުޞޫލެއް ލިޔެވިފައި ނެތް ނަމަވެސް، އަޅައިކަނޑާލެވޭ ޙާލަތެއް އޮވެފައި، ދަޢުވާކުރާ ފަރާތުން އިޢުތިރާޒު ނުކުރާ ޙާލަތުގައި ރައްދު ދަޢުވާ ބަލައިގަނެފައިވެއެވެ. މި މައްސަލައިގައި އަޅައިކަނޑާލެވޭ ޙާލަތު އޮތްނަމަވެސް، ސިވިލް ކޯޓުގައި ދަޢުވާކުރި ފަރާތުން އެކަމަށް އިޢްތިރާޒު ކޮށްފައިވެއެވެ.
27ބަޙުސްގެ ބޭނުމަށް، ރައްދު ދަޢުވާ މިޙާލަތުގައި ބަލައިގަނެވިދާނެ ކަމަށް ބެލިނަމަވެސް، ރައްދު ދަޢުވާއެއްގެ ގޮތުގައި ހުށަހެޅީ ޑިލޭ ޑެމޭޖަސް ނަގައިދިނުން ކަމުގައިވާއިރު، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 5.3.3 ވަނަ މާއްދާއަށް 16 އޮކްޓބަރޯ 2010 ގައި ގެނެވުނު އިސްލާޙުގައި ބަޔާންވެގެންވާ ގޮތުން، ޑިލޭ ޑެމޭޖަސް ނަގައިދެވޭނީ "for unexcused late delivery.." (މުބައްރިރެއް ނެތި ލަސްވާ) ޙާލަތުގައި ކަން ފާހަގަކުރެވެއެވެ. މުޙައްމަދު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ މަސައްކަތް ލަސްވެފައިވަނީ މުޙައްމަދު ޔޫސުފްގެ މަސައްކަތަކީ ހަމައެކަނި ފައިބަރުގެ މަސައްކަތަށްވެފައި، އެހެން ފަރާތްތަކުން ކުރަންޖެހޭ ކަންކަން ލަސްވެގެން ދިޔުމުން ކަމަށާއި، މަސައްކަތް ނިމުން ލަސްވެގެން ސްކޫބާސްޕާގެ ފަރާތުން ޝަކުވާއެއް ކޮށްފައި ނުވާކަމަށާއި، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެފަދަ ވާހަކައެއް ދައްކާފައި ނުވާކަމަށެވެ. މިގޮތުން ދެފަރާތް ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ޑިލޭ ޑެމޭޖަސް ނަގައިދެވޭނީ އެއްވެސް މުބައްރިރެއްނެތި ލަސްވާ ޙާލަތުގައި ކަމަށްވެފައި، މުބައްރިރެއްގެ ގޮތުގައި މުޙައްމަދު ޔޫސުފްގެ ފަރާތުން ދައްކާފައިވާ ވާހަކަތައް ސްކޫބާސްޕާގެ ފަރާތުން ނަފީކޮށްފައި ނުވާއިރު، ރައްދު ދަޢުވާ ދަށުކޯޓަށް ބަލައިނުގަތުން ރަނގަޅު ނޫންކަމަށް ބަލައި، އެބައި ބަލައިގަނެގެން ކުރިއަށް ގެންދިޔުމަށް ދަށުކޯޓަށް މައްސަލަ ތަޙުވީލު ކުރުމަކީ ނަތީޖާއަށް ބަދަލެއް އަންނާނެ ކަމެއް ނޫންކަމަށް ބެލުމުގެ ޖާގައޮތްކަންވެސް ފާހަގަކުރެވެއެވެ.
މައްސަލަ ނިންމަން ފެންނަގޮތް
28އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން ހައިކޯޓުގެ ނަމްބަރު 2019/HC-A/578 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބެލެވޭނެ ތަނެއް ނެތެވެ. މިހެން މިކަން އޮތުމުން ހައިކޯޓުގެ އެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
29މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އުކުމް ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން ހައިކޯޓުގެ ނަމްބަރު 2019/HC-A/578 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބެލެވޭނެ ތަނެއް ނެތުމުން، ހައިކޯޓުގެ އެ ނިންމުމަށް ތާއީދުކޮށް، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-919/2006
- ދިވެހި ރައްޔިތެއްކަން އަންގައިދޭ
- ޤާނޫނު ނަންބަރު 13/2010
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 24/76
- [2021] SC 35
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޝިއްޔާ
- 2018/SC-A/49
- 2013/SC-A/20
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (2)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި 46 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާތަކުގައި)
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު (2018/SC-A/49)
- އާމިނަތު ނާޒްލީ ވ. ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (2013/SC-A/20)
- ހައިކޯޓުގެ 2019/HC-A/220 ޤަޟިއްޔާ (ތަޙުވީލުކުރި އެއްފަދަ މައްސަލަ)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.