ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 72 · 2019/SC-C/37ސުޕްރީމް ކޯޓު · 12 އޮގަސްޓް 2021

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދިވެހި ދައުލަތް)

ސުޕްރީމް ކޯޓު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 އޮގަސްޓް 2021ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-C/37

ޝަރީޢަތް ނިމުނުގޮތް

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދިވެހި ދައުލަތް)

ފަނޑިޔާރުންގެ މަޖިލިސް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

12 އޮގަސްޓް 2021މައްސަލަ ރައްދުވާ ފަރާތް

މައްސަލަ ހުށަހެޅި ފަރާތް

ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދިވެހި ދައުލަތް)ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު، ދޫޑިގަން، އީސްޓްލައިޓް، ޏ. ފުވައްމުލައް

ޤާނޫނީ ވަކީލު: ކައުންސެލް ޖެނެރަލް ފާޠިމަތު ޙަލީމް

ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ

ޤާނޫނީ ވަކީލު: އަޙްމަދު މުޢިއްޒު

ދުސްތޫރީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުން، ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ދިފާޢުވުމުގެ ޙައްޤު، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ)، ޤާނޫނުއަސާސީގެ 274 ގެ (ހ) ގައި ބުނާ ދުސްތޫރީ މައްސަލަތަކުގެ ބާވަތް، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާ، ކޯޓުތަކުގެ އިޚްތިޞާޞް

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙުމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދިވެހި ދައުލަތް)[2021] SC 72

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މއ. ކާމިނީހުޅަނގުގޭ، އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއެކު ރިޔާސީ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ދޫޑިގަން، އީސްޓްލައިޓް، ޏ. ފުވައްމުލައް (މީގެ ފަހުން "ޑރ. ޖަމީލް") އިންތިޚާބުވެފައިވެއެވެ.

2015 ޖޫން 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ޑރ. ޖަމީލް ވަކިކުރުމަށްޓަކައި ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 61 މެންބަރަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅިކަމަށް ޑރ. ޖަމީލްގެ ފަރާތުން ބުނެއެވެ.

ހަމަ އެދުވަހު (30 ޖޫން 2015) ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ބަހުސްގެ 14 (ސާދަ) ދުވަހުގެ ނޯޓިސް ޑރ. ޖަމީލްއަށް ދިންކަމަށް ޑރ. ޖަމީލްގެ ފަރާތުން ބުނެއެވެ.

2015 ޖުލައި 16 ވަނަ ދުވަހު، ބުނެވުނު ނޯޓިހުގެ މުއްދަތު ހަމަވުމަށްފަހު، 2015 ޖުލައި 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. ޖަމީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސް ކުރިއަށް ދާނެކަމަށާއި، އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހާޒިރުވުމަށްއެދި ސިޓީއަކުން ޑރ. ޖަމީލްއަށް އެންގިކަމަށް ޑރ. ޖަމީލްގެ ފަރާތުން ބުނެއެވެ.

2015 ޖުލައި 21 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޑރ. ޖަމީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކުރިއެވެ.

މި މައްސަލައަކީ ޑރ. ޖަމީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފުކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ޑރ. ޖަމީލް ވަކިކޮށްފައިވަނީ ދުސްތޫރީ މިންގަނޑުތަކާއި، މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް ދުނިޔޭގެ ނިޒާމުތަކުގައި ބިންވަޅުނެގިފައިވާ އުސޫލުތަކާއި ނެޗުރަލް ޖަސްޓިސްގެ ހަމަތަކުން ބޭރުންކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޑރ. ޖަމީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު މައިގަނޑު ނުކުތާތައް

މި މައްސަލައިގައި ޑރ. ޖަމީލްގެ ފަރާތުން މައިގަނޑު 3 (ތިނެއް) ނުކުތާ ފާހަގަކޮށްފައިވެއެވެ. އެ ނުކުތާތަކަކީ:

ޑރ. ޖަމީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމު އަދާކުރުމުގައި ނާޤާބިލު ވެފައިވާކަމަށް ބުނެ މަޤާމުން ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (3) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛

ޑރ. ޖަމީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކުރުމަށް ނިންމި ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ރ) ގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަނގަބަހުންނާއި ލިޔުމުން ދިފާޢުވުމަށް ލިބިދީފައިވާ ޙައްޤު ނިގުޅައިގަނެވޭފަދައަކުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި

ޑރ. ޖަމީލް ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކުރުމަށް ނިންމި ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ރ) ގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޤާނޫނީ ވަކީލުން ބޭނުންކޮށް، ޤާނޫނީ ވަކީލުންގެ އެހީތެރިކަމާއެކު ދިފާޢުވުމަށް ލިބިދީފައިވާ ޙައްޤު ނިގުޅައިގަނެވޭ ފަދައަކުން، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.ދައުލަތުން ނެގި އިޖުރާއީ އިއުތިރާޒު

ޑރ. ޖަމީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކާ ގުޅިގެން އެ ނުކުތާތަކުގެ ރައްދުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

ޑރ. ޖަމީލްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-C/37 ގަޒިއްޔާއިން ބަލަމުންދާ މައްސަލައަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްގެ ތެރެއިން ބެލޭނެ މައްސަލައެއް ނޫންކަން؛

ޤާނޫނުއަސާސީ މާނަކުރުމުގައި ދީމިޤްރާޠީ ޤައުމުތަކުގައި ގެންގުޅޭ ތަފާތު އުޞޫލުތަކުގެ ތެރެއިން ޢާއްމުކޮށް ތަޠްބީޤުކުރާ އުޞޫލުތައް ކަމުގައިވާ، ޤާނޫނުއަސާސީގައި ވަކިގޮތަކަށް ލިޔެފައި އޮންނަ އޮތުމުގެ މައްޗަށް ބަލައި (Textualism)، ނުވަތަ އެމާއްދާގައި ބަޔާންކުރާ އަސްލީ މާނަ (Original Meaning) އަށް ބަލައި، ނުވަތަ ޤާނޫނުއަސާސީ ތަރުތީބު (Structuralism) ކޮށްފައިވާ ގޮތަށް ބަލައި، ޤާނޫނުއަސާސީ މާނަކުރަންވާނެކަމަށް ދައުލަތުން ދެކޭކަން.

ރައްޔިތުންގެ މަޖިލީހުގައި ކަމެއްހިނގިގޮތުގެ ޞައްޙަކަން ކޯޓަށް ބެލެވިދާނެތޯ

މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަނޭޅޭނެ މައްސަލައެއްކަމަށްބުނެ ދައުލަތުގެ ފަރާތުން ނަގާ އިޖުރާއީ އިޢުތިރާޒަށް ބަލާއިރު، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައިވަނީ އަންނަނިވި ފަދައިންނެވެ؛

މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި ކޯޓުތަކަށް ބެލެވޭނެ މައްސަލަތަކުގެ ގޮތުގައި ޤާނޫނުއަސާސީގައި އެކަށައަޅާފައިވަނީ، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު ޚިލާފު އުފެދިގެން އެފަދަ މައްސަލައެއް ހުށަހެޅޭ ހާލަތުގައާއި، ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގެ ދަށުން، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރާ ޤަރާރުގެ ނުވަތަ އެ ޤަރާރުން ބައެއްގެ ޞައްޙަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ޤާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި، އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ސުޕްރީމް ކޯޓަށް ހުށަހެޅޭ ހާލަތުގައިކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ނުކުތާއާ ގުޅޭ ގޮތުން ޑރ. ޖަމީލްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އޮންނަނީ ކޮންސްޓިޓިޔުޝަނަލް ސުޕްރިމަސީ (constitutional supremacy) ކަމަށާއި، އެހެންކަމުން ޕާލަމެންޓަރީ ސުޕްރިމަސީ (parliamentary supremacy) އޮންނަ ޤައުމުތަކުގައި ޢަމަލުކުރެވޭ އިޖުރާއަތުތަކާއި އުޞޫލުތަކަށް ދިވެހިރާއްޖޭގައި ތަބާވާން ނުޖެހޭކަމަށެވެ. އަދި ޤާނޫނުއަސާސީގައި 268 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުންވެސް ޤާނޫނުއަސާސީއާ ޚިލާފަށް ކަމެއްކުރުމުގެ ބާރު ލިބިގެންނުވާކަން އެނގެން އޮންނަކަމަށާއި، ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއިން ދައުލަތުގެ އެންމެހައި ފަރާތްތަކުގެ މައްޗަށް މިނިވަންކަމާއި ޙައްޤުތައް ހިމާޔަތްކުރަން ލާޒިމުކުރާއިރު، ޤާނޫނުއަސާސީއާ ޚިލާފަށްކުރާ ކޮންމެ ކަމަކީ ބާޠިލުކަމެއްކަމަށެވެ.

ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛

ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. މި ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ.

ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެކަމަށް ބުނާ ރައްޔިތުންގެ މަޖިލީހަށް އޮތް ބަރުލަމާނީ އިމްތިޔާޒު(prerogative) އަކީ އެއްވެސް އިސްތިސްނާއެއް ނެތި މަޖިލީހަށް ލިބިދެވިފައިވާ އިމްތިޔާޒެއް ނޫންކަން މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތަކުން އެނގެންއޮވެއެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޝީދު އާއި އިތުރު ފަރާތްތަކެއް ވ. ދިވެހި ދައުލަތް (2009) ގަޒިއްޔާގައާއި އަޙްމަދު ޞިއްދީޤް އާއި އިތުރު ފަރާތެއް ވ. ރައްޔިތުންގެ މަޖްލިސް (2013) ގަޒިއްޔާއާއި މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާއާއި މުޙައްމަދު ވަޙީދު އިބްރާހީމް ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާއާއި ވަކި ފަރާތަކަށް ރައްދުނުވާގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/11 ގަޒިއްޔާތަކުން ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ބައެއް ނިންމުންތަކާމެދު ގޮތް ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ. މި ގަޒިއްޔާތަކުގެ ތެރެއިންވެސް އަޣުލަބިއްޔަތު ރައުޔުތަކުގައި ކަނޑައެޅިގެން ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އާ ހަވާލާދީފައިވަނީ މުޙައްމަދު ނަޝީދު އާއި އިތުރު ފަރާތްތަކެއް ވ. ދިވެހި ދައުލަތް (2009) ގަޒިއްޔާގައާއި މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާގައެވެ.

ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ނުބެލޭނެކަމަށް ބަޔާން ކޮށްފައިވާއިރު، ބުނެވުނު ދެ ގަޒިއްޔާގައިވެސް އެފަދަ ކަންކަން މަހުދޫދު ކުރެވިފައިވަނީ ހަމައެކަނި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ހިނގާ ކަންކަމަށްކަން އެ އަކުރުގެ ޞަރީޙަ އިބާރާތުން އެނގެން އޮންނަކަމަށް ފާހަގަ ކޮށްފައިވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ރައްޔިތުންގެ މަޖިލީހުންވެސް ޤާނޫނުއަސާސީއާ ޚިލާފަށް ކަމެއް ކުރާނަމަ، އެ ކަމަކީ ކޯޓުތަކަށް ބެލެވޭނެ މައްސަލަކަމަށާއި، މި ހާލަތަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިސްނާކުރެވިފައިވާ ހާލަތެއްކަމަށް އެ ގަޒިއްޔާތަކުގައި ފާހަގަކޮށްފައިވެއެވެ. މި ވިސްނުމަށް ބާރުދޭ އިބާރާތަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ފެށެމުން "މި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު..." މި އިބާރާތްކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި ފާހަގަކޮށްފައިވެއެވެ.

ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ތެރެއިން ހިނގާ ކަންކަން ކޯޓުތަކަށް ނުބެލޭނެކަމުގެ މިސާލެއް، ސުޕްރީމް ކޯޓު އުފެދުނުތަނާ އިދުހާމް މުޢިއްޒު އަދުނާން ހުށަހެޅި ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-C/01 ގަޒިއްޔާގައިވެއެވެ. އެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމަކީ އެ މަޖިލީހަށް ދަޢުވާ ލިބޭގޮތަށް ދަޢުވާ ކުރެވޭނެކަމެއް ނޫންކަމަށް ކަނޑައަޅާފައިވެއެވެ.

ވުމާއެކު، މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާގޮތަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ކޯޓަކަށް ނުބެލޭނެކަމަށް އޮންނަ އޮތުމަކީ، މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކި ގަޒިއްޔާތަކުން މާނަކުރެވި، އެ ބަހުސާމެދު މިހާރު ގޮތެއް ކަނޑައެޅިފައިވާކަމެކެވެ. މީގެ އިތުރުން، މި ގަޒިއްޔާގެ 14 ވަނަ ޕެރެގްރާގްފައި ފާހަގަކުރި ރައްޔިތުންގެ މަޖިލިސް ޝާމިލްވާ ސުޕްރީމް ކޯޓުގެ އެކި ގަޒިއްޔާތަކުގައިވެސް، ސީދާ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އާ ޙަވާލާ ނުދިން ނަމަވެސް މި ވިސްނުން ގެންގުޅެފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އަކީ އެއްވެސް ހާލެއްގައި ރައްޔިތުންގެ މަޖިލީހުން ހިނގިކަމެއް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ، އެފަދަ ކަމެއް ކޯޓުތަކުން ބެލުމަށް އޮތް ހުރަހެއް ނޫންކަމުގެ ވިސްނުން މި މައްސަލަތަކުގައިވާ ތަފާތުވި ރައުޔުތަކުގައިވެސް ގެންގުޅެފައިވެއެވެ.

އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގައި ކަމެއް ހިނގި ގޮތް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ތުހުމަތުކުރެވޭނަމަ، އެކަމެއްގެ ޞައްޙަކަން ކަނޑައެޅުމަށްޓަކައި ކޯޓަށް ހުށަހެޅިދާނެއެވެ. އެހެނީ، ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިންކަމަށް ބަޔާން ކޮށްފައިވާއިރު، ޤާނޫނުއަސާސީގެ ސިޔާދަތަށް ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއިން އިތުރަށް ބާރު ލިއްބައިދެއެވެ. އަދި މިނޫންވެސް ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުގައިވެސް، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމަށް ތަކުރާރުކޮށް ބާރުއަޅާކަން ފާހަގަ ކުރެވެއެވެ. ޤާނޫނުއަސާސީއިން ދައުލަތުގެ އެއްވެސް ބާރެއް ނުވަތަ އެއްވެސް މިނިވަން މުއައްސަސާއެއް ނުވަތަ އިދާރާއެއްވިޔަސް ޤާނޫނުއަސާސީއަށް ޢަމަލުކުރުމާއި ތަބާވުމުގައި އިސްތިސްނާ ކުރެވިފައިނުވެއެވެ. އަދި ޤާނޫނުއަސާސީގެ އެކި މާއްދާތަކުގެ ޞަރީޙަ އިބާރާތުން، މިއީ ޤާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ވިސްނުންކަންވެސް އެނގެއެވެ.

ސުވާލު އުފެދޭ ކަމަކީ ޤާނޫނުއަސާސީއާ ޚިލާފު ޢަމަލުކަމަށް ބުނެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ހުދޫދު ކަނޑައެޅޭނެ މިންގަނޑެވެ. މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުނު ރައްޔިތުންގެ މަޖިލިސް ޝާމިލްވާ މައްސަލަތަކުގައިވެސް ޚިޔާލު ތަފާތުވެފައިވަނީ މައުޟޫޢީގޮތުން ކޯޓުތަކަށް މައްސަލަ ބެލޭނެ ހާލަތްތަކާމެދުގައެވެ. ރައްޔިތުންގެ މަޖިލީހުންކުރާ ކަމެއް ޤާނޫނުއަސާސީއާ ޚިލާފުވުމާއި، މަޖިލީހުންކުރާ ކަމެއްގެ ސަބަބުން ނިކުމެދާނެކަމަށް ބެލެވޭ ނަތީޖާއެއް ޤާނޫނުއަސާސީއާ ޚިލާފުވުން ފަރަޤުކުރާ ހަނި ރޮނގާމެދުގައެވެ.

ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ހުދޫދު

ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އަކީ ރައްޔިތުންގެ މަޖިލީހުންވެސް ޤާނޫނުއަސާސީއާ ޚިލާފަށް ކަމެއްކޮށްފިނަމަ، އެ މައްސަލައެއް ކޯޓަކުން ބެލުމަށް ހުރަސްއަޅާ ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ހިނގާފައިވާ ބައެއް ކަންކަމާމެދު ސުޕްރީމް ކޯޓުން މީގެ ކުރިން ގޮތް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތިންކަމުގައި ބުނަން އުނދަގުލެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ޢަމަލެއްކޮށްފައި ނުވިނަމަވެސް، ބައެއް ނިންމުންތައް މި ކޯޓުން ރިވިއުކޮށްފައިވަނީ ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދެވިފައިވާ ބާރުތައް ހަނިވާގޮތަށް، މުސްތަޤުބަލުގައި ޤާނޫނުއަސާސީއާ ޚިލާފުވެދާނެ ހާލަތްތަކެއް އުފަންވެދާނެކަމަށް ބަލައި، އެ އިހުތިމާލުތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ.

މި މައްސަލައިގައި ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ދެ ނިންމުން މިސާލަކަށް ނަގާނަމެވެ. ވަކި ފަރާތަކަށް ރައްދުނުވާގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުޕްރީމް ކޯޓުގެ 2017/SC-C/11 ނަންބަރު ގަޒިއްޔާގައިވާ މައްސަލައިގައި، ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަޤާމުން ވަކިކުރެވޭގޮތަށް އޮންނަ އިޖުރާއަތާއި، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމާއި، 154 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރުން މަޤާމުން ވަކިކުރުމާއި، 177 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމާއި، 187 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމާއި، 197 ވަނަ މާއްދާގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމާއި، 207 ވަނަ މާއްދާގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމާއި، 218 ވަނަ މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކުރުން، އަދި 228 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގެ ޞައްޙަކަން ބިނާވެގެންވަނީ އެ ނިންމުމަކާމެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައެޅުމުންކަމަށް އެ ގަޒިއްޔާގައި ބަޔާންކޮށްފައިއޮވެއެވެ.

ބުނެވުނު ގަޒިއްޔާގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަޤާމުތަކުން މީހުން ވަކިކުރުމުގައި މަޖިލީހުން "ޑިޔު ޕްރޮސެސް" ގެންގުޅުމަށް ބާރުއެޅިކަމުގައި ވީނަމަވެސް، އެ ގަޒިއްޔާއިން ކަނޑައަޅާފައިވަނީ މަޖިލީހުން މަޤާމުން ވަކިކުރުމަށް ނިންމާ ކޮންމެ ނިންމުމެއްގެ ޞައްޙަކަން ބިނާވާނީ އެކަމަކާ މެދު ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުން ކަމަށެވެ. މިގޮތަށް މި ކޯޓުން ކަނޑައަޅާފައިވަނީ ވަކި ފަރާތަކަށް ރައްދުނުވާ ގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެއްގައި، ވަކި ހާދިސާއަކާ ގުޅޭ މައުޟޫޢެއްވެސް ނެތިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ދައުލަތުގެ ބާރުތައް ވަކިކުރެވިފައިވާއިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ބިނާވެފައިވަނީ އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމުގެ މަފްހޫމްގެ މައްޗަށެވެ. ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ބަޔާންވެފައިވެއެވެ. ރައްޔިތުންގެ މަޖިލީހަށް ލިބިދެވޭ ބާރުތަކާއި އިޚްތިޔާރުތައް ހަނިކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ޤާނޫނުއަސާސީއިން ދީފައިނުވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް އާއި އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ (2020) ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައިވާ ފަދައިން، ޤާނޫނުއަސާސީގެ ބެލެނިވެރިޔާގެ ނަން ބޭނުންކޮށް، ޤާނޫނުއަސާސީގައި ނެތްކަމެއް ޤާނޫނުއަސާސީއަށް އިތުރުކުރުމަކީ ނުވަތަ ޤާނޫނުއަސާސީގައި ހިމެނޭ މާއްދާއެއްގެ ބާރު ނެތްކަމަށް ބަޔާންކުރުމަކީ ޤާނޫނުއަސާސީގެ ސިޔާދަތާ ޚިލާފުކަމެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ބާރުތަކެއް ދީފައިވެއެވެ. އަދި އެ ބާރުތައް ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ޚިލާފުނުވާ ގޮތެއްގެ މަތިން މަޖިލީހުން ބޭނުންކުރުމުގެ ފުރިހަމަ އިމްތިޔާޒު ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ކަށަވަރުކޮށްދެއެވެ. ކަން މިހެން އޮތްއިރު، ރައްޔިތުންގެ މަޖިލީހުގެ އިޚްތިޔާރީ ބާރުތަކުގެ މައްޗަށް ސުޕްރީމް ކޯޓުގެ ބާރުތައް ހިނގާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާއިރު، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ރައްޔިތުންގެ މަޖިލީހުން މަޤާމުން ދުރުކުރާ އެންމެންގެ މައްސަލަތައް ބަލައި، އެކަމާމެދު ފަހުބަސް ބުނުން އޮތީ ސުޕްރީމް ކޯޓަށްކަމަށް ކަނޑައެޅުމަކީ، ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ނޫންކަމުގައި އަހުރެންދެކެމެވެ. އެހެނީ، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައިވާ ޢާންމު އުޞޫލަކީ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްހަކަން ބެލުމަށް ކޯޓަށް ހުށަނޭޅޭނެކަމެވެ. މި މާއްދާގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ހާލަތްތަކަކީ ޤާނޫނުއަސާސީއާ ޚިލާފަށް ހިނގާ ކަންކަމެވެ. އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅި، އެކަމަކާ ގުޅޭގޮތުން ކޯޓަށް ގޮތް ކަނޑައެޅިދާނެއެވެ. ސުޕްރީމް ކޯޓަށްވެސް ޢަމަލުކުރެވޭނީ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިންނެވެ. ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ނިންމާ ހުރިހާ ނިންމުންތައް ކޯޓަށް ހުށަހަޅަން ޖެހޭކަމަށް ބަޔާންކޮށްފައި ނުވާއިރު، އަދި މި މޭރުމުން ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެއްވެސް ޤާނޫނެއްގައިވެސް ބަޔާންކޮށްފައި ނުވާއިރު، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ރައްޔިތުންގެ މަޖިލީހުން މަޤާމުން ދުރުކުރާ އެންމެންގެ މައްސަލަތައް ބަލައި ގޮތް ކަނޑައެޅުން ލާޒިމު ނުކުރެވޭނެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ނިޔަތަކީ މިފަދަ ހުރިހާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުން ނިންމުމުން، އެ ނިންމުންތަކަކީ ޞައްޙަ އަދި ތަންފީޒު ކުރެވޭނެ ނިންމުން ތަކެއްކަމަށް ހެދުމަށްޓަކައި، އެ ނިންމުންތަކާ މެދު ސުޕްރީމް ކޯޓުން ފަހުބަސް ބުނުމުން މެނުވީ، އެ ނިންމުންތަކަށް ނިހާއީ ސިފައެއް ލިބިފައިނުވުން ކަމުގައިވަނީނަމަ، ޤާނޫނުއަސާސީގައި މިގޮތަށް ޢަމަލު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނާނެއެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ 2017/SC-C/11 ނަންބަރު ގަޒިއްޔާގައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަކީ، ފަހުން ނިންމާ ގަޒިއްޔާތަކުގައި ޢަމަލުކުރުން ރަނގަޅު އުޞޫލުތަކެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ.

ޑރ. ޖަމީލްގެ ފަރާތުން ފާހަގަކުރި ދެވަނަ ގަޒިއްޔާއަކީ ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާއެވެ. މި ގަޒިއްޔާގައި، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އަކީ ރައްޔިތުންގެ މަޖިލީހުގައި ހިނގާ ހުރިހާ ކަންތަކެއް ނުވަތަ އިޚްތިޔާރީ ބާރު ބޭނުންކުރާ ހުރިހާ ކަންތަކެއް ޖުޑީޝަލް ރިވިއު ނުކުރުމަށް އޮތް ޢާންމު ޤާޢިދާއެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި "މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު" މިގޮތަށް އޮތުމުން، ޕާރލިމެންޓަރީ ޕްރޮސީޑިންގައި ހިމެނޭކަމެއްކަމުގައިވިޔަސް އެކަމެއް ޤާނޫނުއަސާސީގެ އެހެން މާއްދާތަކާ ޚިލާފުވާނަމަ، އެ މައްސަލައެއް ކޯޓުތަކަށް ބެލޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ބުނާ "މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު" މި އިބާރާތް އިޝާރާތްކުރަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލަތަކަށްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. އަދި އެ އިބާރާތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންތައްތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާއާއި 258 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައްކަމަށް ބުނެއެވެ.

ޤާނޫނުއަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި ކަމެއް ހިނގާނަމަ ނުވަތަ ކުރާނަމަ، އެކަމެއް ކަމާބެހޭ ކޯޓަށް ހުށަހެޅިދާނެކަމަށް މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާގައި ކަނޑައަޅާފައި އޮތް އޮތުމަށް ޖުމްލަ ގޮތެއްގައި އަހުރެންވެސް ތާއީދުކުރަމެވެ. އަދި ދައުލަތުގެ ފަރާތުން ބަލަމުން މިދާ މައްސަލައިގައި ހުށަހަޅާފައިވާ ފަދައިން، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާ ގެ (ށ) އިން އިސްތިސްނާވާނީ ހަމައެކަނި ޤާނޫނުއަސާސީއިން ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް (original jurisdiction) ލިބިގެންވާ މައްސަލަތައް ބެލުން އެކަނިކަމަށް މާނަކުރަންވެއްޖެނަމަ، ޤާނޫނުއަސާސީގެ ބައެއް އެހެނިހެން މާއްދާތަކާ ޚިލާފުވުމުގެ ފުރުޞަތު އޮންނާނެކަމަށް ޤަބޫލުކުރެވެއެވެ. މިސާލަކަށް، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބުނާ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް އުނިކަން ލިބޭނެފަދަ ޢަމަލެއްކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބޭގޮތަކަށް ޤާނޫނުއަސާސީ މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނެ ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ޤާނޫނުއަސާސީ ކަށަވަރުކޮށްދޭކަމަށް އޮވެއެވެ. ރައްޔިތުންގެ މަޖިލިސްވެސް މިކަމުން އިސްތިސްނާނުވެއެވެ. އެ ހާލަތުގައި ދައުލަތުން މާނަކުރާގޮތަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) މާނަކުރަން ވެއްޖެނަމަ، ފަރުދެއްގެ އަސާސީ ޙައްޤެއް ގެއްލިގެންދާގޮތަށް ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންކަން އެއްވެސް ކޯޓަކަށް ނުބެލޭނެއެވެ. އެކަމަކު މިއީ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާއި 16 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފުކަމެއްކަން އެނގެއެވެ. މުޅި ޤާނޫނުއަސާސީގައި ޤާނޫނުއަސާސީއާ އެއްގޮތަށް ދައުލަތުން ޢަމަލުކުރުން ލާޒިމުކުރާއިރު، ދައުލަތުގެ އެއް ބާރުން ކުރާކަމެއް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ، އެ މައްސަލައެއް އެހެން އެއްވެސް ފަރާތަކަށް ނުބެލޭނެކަމަށް މާނަކުރުމަކީ ޤާނޫނުއަސާސީއާވެސް ޚިލާފު، އަދި ޤާނޫނުއަސާސީއެއް އޮތުމުގެ މަޤުޞަދާވެސް ޚިލާފު ދެކޮޅުނުޖެހޭކަމެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އަކީ ޤާނޫނުއަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި ހިނގާކަމެއް ކޯޓަކަށް ހުށަހެޅުން ހުރަސްއަޅާ މާއްދާއެއް ނޫންކަމަށް ބުނެ ސުޕްރީމް ކޯޓުން މީގެ ކުރިން ގެންގުޅެފައިވާ ވިސްނުން ރަނގަޅު ކަމުގައި ދެކެމެވެ.

އެހެންނަމަވެސް، މި އުޞޫލު މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ތަޠުބީޤުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒުތައް ހަނިވާގޮތަށް، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ބުނަން އުނދަގުލެވެ. އެ ގޮތުން، އެ ގަޒިއްޔާއިން ބަލާފައިވަނީ ރައްޔިތުންގެ މަޖިލީހުން ސިވިލް ސަރވިސް ކޮމިޝަނުގެ އޭރުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު މަޤާމުން ވަކިކުރެވޭނެ ގޮތް ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ނިންމި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީއާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބަދަލުގައި، މައުޟޫޢުއިން ބޭރުން، ޖިނާއީ ޢަދުލުގެ ނިޒާމާ ޙަވާލާދީ، މި މައްސަލައިގެ ނިންމުން މުސްތަޤުބަލުގައި ޑަބަލް ޖެޕަޑީއަކަށް ވުމުގެ އިޙުތިމާލު އޮތްކަމަށް ބުނެ، މައްސަލައާ ގުޅުމެއް ނެތް އެތައް ޤާނޫނީ މަފްހޫމްތަކެއް ތަޠުބީޤުކޮށް މައްސަލަ ނިންމާފައިވެއެވެ. ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީއިން ލިބިދެވިފައިވާ ބާރެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް، ޤާނޫނުއަސާސީއާ ޚިލާފުވި އެއްވެސް ގޮތެއް އެ ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ބުނެދެވިފައިނުވެއެވެ. މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ހަމައަށް، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މަޤާމުން ވަކިކުރުމުގައި ހިނގި އެއްވެސް ކަމެއް ނުވަތަ އިޖުރާއަތެއްގެ ވާހަކަ ދައްކާފައިނުވެއެވެ. އެއާ ޚިލާފަށް މުޅި ގަޒިއްޔާ ބިނާވީ ނުހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. އަދި މައްސަލަ ބެލި ފަނޑިޔާރުންގެ ނަޒަރުގައި ހުރުން އެންމެ އެދެވިގެންވާ އިޖުރާއާތުތަކެއްގެ މައްޗަށެވެ.

މިއީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ރޫޙާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައި އަހުރެން ނުދެކެމެވެ. އެ އަކުރުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ފުރިހަމަ ބަރުލަމާނީ އިމްތިޔާޒު ލިބިދެވިފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީގައި ބަޔާންކުރާ ވަކިކަމަކާ ކަނޑައެޅިގެން ޚިލާފުނުވާހާ ހިނދަކު، މަޖިލީހުގެ ނިންމުންތަކާމެދު ގޮތް ކަނޑައެޅުމުގެ ފުރުޞަތު ކޯޓުތަކަށް ލިބިގެންނުވެއެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައާއި، ވަކި ފަރާތަކަށް ރައްދުނުވާގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުޕްރީމް ކޯޓުގެ 2017/SC-C/11 ނަންބަރު ގަޒިއްޔާގައި، ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތައް ރިވިއުކުރެވޭނެކަމަށް ކަނޑައަޅާފައި ވީނަމަވެސް، އެ މައްސަލަތަކުގައި ގޮތް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫނެވެ.

ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް އޮތް ބަރުލަމާނީ އިމްތިޔާޒުގެ ހުދޫދަކީ ކޮބައިހެއްޔެވެ؟ އެ އަކުރުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކީ އެއްވެސް ކޯޓެއްގައި އެ ނިންމުމަކާ މެދު ޖަދަލު ނުކުރެވޭނެ، އަދި މަޖިލީހަށް ފުރިހަމަ އިމްތިޔާޒު ލިބޭނެ ހާލަތަކީ ކޮބައިހެއްޔެވެ؟

ދުނިޔޭގެ ދީމިޤްރާތީ މުޖްތަމަޢުތަކުގައި ޢަމަލުކުރާގޮތުގެ މިސާލެއްގެ ގޮތުން، މި މައްސަލައިގެ ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ރިޔާސީ ނިޒާމެއް އޮންނަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ގަޒިއްޔާއެއް ކަމުގައިވާ ވޯލްޓަރ ނިކްސަން ވ. ޔުނައިޓެޑް ސްޓޭޓްސް ހުށަހަޅާފައިވެއެވެ. ދައުލަތުގެ ފަރާތުން މި ގަޒިއްޔާ ހުށަހަޅާފައިވަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ނިންމާ ނިންމުންތައް ކޯޓުތަކުން އަލުން ނުބަލާނެކަމުގެ މިސާލު ދެއްކުމުގެ ގޮތުންކަމުގައި ވީނަމަވެސް، މި މައްސަލައަކީ ސެނެޓްއިން މީހަކު އަޒުލުކުރުމަށް ނިންމާ ނިންމުން ކޯޓުތަކަށް ނުބެލޭނެކަމަށް ނެގިދާނެ އެންމެ ރަނގަޅު މިސާލަށް ނުވެދާނެއެވެ. އެގޮތުން، ނިކްސަން ވ. ޔުނައިޓެޑް ސްޓޭޓްސްގެ މައްސަލަ ނިންމާފައިވަނީ އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަމުގައިވީނަމަވެސް، އެ މައްސަލައިގައި ތަފާތު އެތައް ރައުޔެއްވާކަން ފާހަގަކުރެވެއެވެ. އޭގެ ތެރެއިން އަޣުލަބިއްޔަތު ރައުޔުގައި "ޕޮލިޓިކަލް ކުއެސްޗަން ޑޮކްޓްރިން" ތަޠުބީޤުކޮށްފައިވެއެވެ. "ޕޮލިޓިކަލް ކުއެސްޗަން" ނުވަތަ ސިޔާސީ ސުވާލަކީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ، ޤާނޫނީ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ކޯޓަށް ގޮތެއް ކަނޑަނޭޅޭނެ މައްސަލައެވެ. މި ބާވަތުގެ މައްސަލަތަކަށް ހައްލެއް ހޯދައިދެވުމުގެ ޤާބިލުކަން އޮންނާނީ ސިޔާސީ އަނެއް ދެ ބާރުން ކުރެން އެއް ބާރަށް، ނުވަތަ ދެ ބާރުގެވެސް ދަށުގައެވެ. ނިކްސަން ވ. ޔުނައިޓެޑް ސްޓޭޓްސް ގައިވާ މައްސަލައަކީ ކޯޓަށް ނުބެލޭނެ މައްސަލައެއްކަމަށް އަޣުލަބިއްޔަތު ރައުޔުގައި، އެ މައްސަލައަކީ އެމެރިކާގައި ފަނޑިޔާރެއް އަޒުލުކުރުމުގެ މައްސަލައެއްކަމަށް ބުނެ، ފަނޑިޔާރުން އަޒުލުކުރުމުގެ މައްސަލަތައް ކޯޓުތަކުން އަލުން ބެލުމަކީވެސް އެމެރިކާގެ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފުކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. އެހެނީ، ފަނޑިޔާރުން އަޒުލުކުރުމުގެ ބާރު ސެނެޓަށް ދެވިފައިވަނީ ތިން ބާރު ވަކިވެ، އެއް ބާރު އަނެއް ބާރާ ފާރަވެރިވުމުގެ މަފްހޫމްގެ ދަށުންކަމުގައިވާއިރު، ފަނޑިޔާރުން އަޒުލުކުރުމުގެ އިޖުރާއަތާއި ޝަކުލިއްޔާތަށް ކޯޓުތަކުން ބަސްބުނުމަކީ ޗެކްސް އެންޑް ބެލެންސެސް ސިސްޓަމްއާ ޚިލާފުކަމަކަށް ވާނެތީއެވެ.

މި މައްސަލައިގައި ދެން ހުރި ރައުޔުތަކުގައި، އެމެރިކާގެ ޤާނޫނު ހަދާ ބާރުންވެސް ނިންމާ މިފަދަ ނިންމުންތައް ރިވިއުކުރެވޭނެ ހާލަތްތަކެއް ހުންނަންވާނެކަމަށާއި، ރިވިއުކުރުމުގެ ދޮރު އެއްކޮށް ބަންދުވެގެން ގޮސްގެން ނުވާނެކަމަށްބުނެ ޚިޔާލު ފާޅުކޮށްފައިވެއެވެ. ޖަސްޓިސް ވައިޓް (ޖަސްޓިސް ބްލެކްމަން ތާއީދުކޮށްފައި) ގެ ރައުޔުގައި، ނިކްސަން ހުށަހެޅި ހުށަހެޅުމަކީ ކޯޓުތަކުން ޤާނޫނީ ގޮތުން ގޮތެއް ކަނޑައެޅޭނެ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ މައްސަލައިގެ މައުޟޫޢުއަށް އެ ރައުޔުގައި ގޮތް ކަނޑައަޅާފައިވެއެވެ. އެގޮތުން، ސެނެޓްއިން ޢަމަލު ކޮށްފައިވަނީ ރަނގަޅަށްކަމަށް އެ ރައުޔުގައި ބަޔާންކޮށްފައިވެއެވެ.

ބަރުލަމާނީ ނިޒާމެއް އޮންނަ އިނގިރޭސި ވިލާތުގައިވެސް އަދި ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގައިވެސް ޒަމާންވީ ވިސްނުމަކީ ޤާނޫނުހަދާ ބާރުން ނިންމާ ނިންމުންތަކަކީ ކޯޓުތަކަށް ހުށަހެޅި އިތުރަށް އެ ނިންމުންތަކާމެދު ގޮތް ކަނޑައެޅޭނެ ނިންމުންތަކެއް ނޫންކަމުގައިވުމެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލާއެކު، މި ވިސްނުމާ މަޑުމަޑުން ދުރުވާތަން ފެނެއެވެ. އެއީ، ޤާނޫނުހަދާ ބާރުގެ މައްޗަށް ގޮތް ކިޔުމުގެ މަޤުޞަދުގައި ކުރެވޭކަމަކަށްވުރެ އަސާސީ ޙައްޤެއް ނުވަތަ ދުސްތޫރީ ނިޒާމު ހިމާޔަތް ކުރުމުގެ މަޤުޞަދުގައި ކުރެވޭ ކަމެއްކަމަށްވާތީއެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ފާހަގަކުރާ އެއް ކަމަކީ، ޑރ. ޖަމީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުން ވަކިކުރި މައްސަލައަކީ އޭގެ ޒާތުގައި ސިޔާސީ ސުވާލެއް އެކުލެވޭ މައްސަލައަކަށްވެފައި، އެ މައްސަލައާ މެދު ފައިސަލާކުރުމުގެ ފުރުޞަތު ކޯޓުތަކަށް ނޯންނާނެކަމަށް ބުނާ ބުނުމެވެ.

ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ޤާނޫނުއަސާސީއިން ތަންދޭގޮތަށް މެނުވީ އެއްވެސް ކޯޓަކަށް ހުށަހެޅިގެން ނުވާނެއެވެ. މަޖިލީހުން ނިންމާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްނޫން ފަރާތަކަށް ރައްދުވާ ހާލަތުގައި، އެފަދަ ނިންމުމަކާމެދު ހިތްހަމަ ނުޖެހިގެން ކޯޓަށް ހުށަހެޅޭނީ، ޤާނޫނުއަސާސީއާ ޚިލާފަށް އެފަދަ ނިންމުމެއް ނިންމާފައިވާނަމައެވެ. ރައްޔިތުންގެ މަޖިލީހުން ފަރުދަކަށް ރައްދުވާ ގޮތަށް ނިންމާ މިފަދަ ނިންމުންތައް ޤާނޫނުއަސާސީއާ ޚިލާފުވާ މައިގަނޑު ދެގޮތެއް އޮވެއެވެ. ފުރަތަމަ ގޮތަކީ، ޤާނޫނުއަސާސީގައި ބުނާ އިޖުރާއަތަކާ ޚިލާފުވުމެވެ. އަދި ދެވަނަ ގޮތަކީ، ރައްޔިތުންގެ މަޖިލީހުން ޢަމަލުކޮށްފައިވާގޮތުން ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤެއް ގެއްލިގެންދިއުމެވެ. އެހެންކަމުން، މި ބާވަތުގެ މައްސަލަތައް ކޯޓަކުން ބަލައިގަންނަނަމަ، ކޯޓުން ރިޢާޔަތް ކުރަންވާނީ މައްސަލަ ހުށަހަޅާ ފަރާތަކީ އެފަދަ މައްސަލައެއް ހުށަހެޅުމުގެ ހައިސިއްޔަތު އޮތް ފަރާތެއްތޯ އާއި، އަދި އެ ފަރާތުން ހުށަހަޅާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއާ ޚިލާފުވެގެން ހުށަހަޅާ މައްސަލައަކަށްވޭތޯއެވެ. ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި އިޚްތިޔާރުގައިވާ ކަންކަމަށް އެހެން އެއްވެސް ފަރާތަކުން ޖަދަލުކޮށް، އެކަމެއް ބަދަލުކުރުމަށް ފުރުސަތު ނުދިނުމެވެ.

ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ހުށަހެޅޭ މައްސަލައެއްގައި ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލާއިރު ރިޢާޔަތްކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ ޢަމަލެއް ސީދާ ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ގުޅުވާލަދޭ ކަމަކަށެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ހިނގާކަމެއްގެ ސަބަބުން އެކި ނަތީޖާ ނިކުތުމުގެ އިހުތިމާލު އޮތް ހާލަތެއްގައި، ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ނަތީޖާއެއް ނިކުންނާނެކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުމުގެ މައްޗަށެވެ. ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ އަލީގައި، ހަމައެކަނި ޚިޔާލު ތަފާތުވުމެއްގެ މައްޗަށް ބިނާވެގެން ހުށަހަޅާ މައްސަލައެއް ކޯޓުތަކުން ބަލައިގަނެގެން ނުވާނެއެވެ. ނުވަތަ އެ މައްސަލައަކީ އެއީ ކޯޓުތަކަށް ޙައްލެއް ނުދެވޭނެ، ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވެގެންނުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ކަނޑައެޅުމަށް މައްސަލަ ހުށަހެޅޭނީ ވަރަށް އިސްތިސްނާ ހާލަތެއްގައި، މަޖިލީހުން ޢަމަލުކޮށްފައިވަނީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފުވާ ހާލަތްތަކުގައި އެކަންޏެވެ. މިފަދަ ދަޢުވާތައް ބިނާވާންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒަށް ގޮންޖެހުމުގެގޮތުން ކުރެވޭކަމަކަށްވުރެ، ޤާނޫނުއަސާސީއާ ޚިލާފުވެގެން ހުށަހެޅޭ މައްސަލައަކަށްވުމަށެވެ. ސުޕްރީމް ކޯޓުގެ އަޙްމަދު ޞިއްދީޤް އާއި އިތުރު ފަރާތެއް ވ. ރައްޔިތުންގެ މަޖްލިސް (2013) ގަޒިއްޔާގައި ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރައުޔުގައިވާ ފަދައިން "ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ނުވާހާ ހިނދަކު، އެ މަޖިލީހުގެ ހަރަކާތްތަކަށް ނުވަތަ އެ މަޖިލީހުން ކުރާކަމަކަށް ހުރަސް އެޅޭނެ އެއްވެސް ކަމެއްކޮށްގެން ނުވާނެ..." އެވެ.

އެހެންކަމުން، ހުށަހެޅިފައިމިވާ މައްސަލައިގައި ދައުލަތުން ނެގި އިޖުރާއީ އިޢުތިރާޒުގައި، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެކަމަށް އޮންނަ އޮތުން ފާހަގަކުރިނަމަވެސް، މިކަމަކީ އެއްވެސް އިސްތިސްނާއެއްނެތި އޮންނަކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ހުށަހެޅޭ މައްސަލައެއް ކޯޓަކުން ބަލައިގަންނަނަމަ، އެފަދަ މައްސަލައެއް ބަލައިގަންނަންވާނީ މި ގަޒިއްޔާގެ 36 އަދި 37 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާގޮތަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތް ކުރުމާއެކުގައެވެ.

ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާ ކަންކަމަކީ ކޯޓަށް ބެލެވިދާނެ ކަންކަންތޯ

ރައްޔިތުންގެ މަޖިލީހުން ޑރ. ޖަމީލް ނައިބު ރައީސްކަމުގެ މަޤާމުން ވަކިކުރުމާ ގުޅިގެން، ޑރ. ޖަމީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މައިގަނޑު ތިން ނުކުތާއެއްކަމަކު، އެ ނުކުތާތައް ބިނާވަނީ މައިގަނޑު ދެ މައުޟޫޢުއެއްގެ މައްޗަށެވެ. އެއީ؛

ޑރ. ޖަމީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމު އަދާކުރުމުގައި ނާޤާބިލު ވެފައިވާކަމަށް ބުނެ މަޤާމުން ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (3) އާ ޚިލާފަށް ކަމަށް ބުނުން؛ އަދި

ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ރ) ގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަނގަބަހުންނާއި ލިޔުމުން ދިފާޢުވުމަށް ލިބިދީފައިވާ ޙައްޤާއި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ދިފާޢުވުމުގެ ޙައްޤު ގެއްލިފައިވުން.

މި ދެ މައުޟޫޢުއެވެ.

(1) ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (3) އާ ޚިލާފަށް މަޤާމުން ދުރުކުރިކަމަށް ބުނާ ބުނުން

މި ނުކުތާގެ ތަފްޞީލުގައި، ޑރ. ޖަމީލް މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލުވެފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމުންކަމަށާއި، ޤާނޫނުއަސާސީގެ 117 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަސައްކަތް ހަވާލުކުރާ ފަރާތަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނާޤާބިލުކަމަށް ކަނޑައެޅީ، އޭނާއަށް މަސައްކަތް ހަވާލުކުރި ރައީސުލްޖުމްހޫރިއްޔާގެ ބަހެއް މަޖިލީހުން ނުހޯދާކަމަށް ޑރ. ޖަމީލްގެ ފަރާތުން ބުނެފައިވެއެވެ. މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ނާޤާބިލު ފަރާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނާންގާހާ ހިނދަކު، މަޖިލިސް މެންބަރުންގެ އަމިއްލަ އިސްނެގުމަކަށް ޑރ. ޖަމީލް ނާޤާބިލުކަމަށް ކަނޑަނޭޅޭނެކަމަށް ބުނެފައިވެއެވެ. އަދި ވަކި ފަރާތަކަށް ރައްދުނުވާ ގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުޕްރީމް ކޯޓުގެ 2017/SC-C/11 ނަންބަރު ގަޒިއްޔާގައި ޤާނޫނުއަސާސީގައި ބުނާ މަޤާމުތަކަށް އައްޔަންކުރާ މީހުން އެ މަޤާމުތަކުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އެފަރާތްތައް މަޤާމުގައި ދެމިނުހުރެވޭނެ ސަބަބުތައް ސާބިތުވެގެންކަމަށް އެ ގަޒިއްޔާގައި އޮތް އޮތުން ފާހަގަކޮށްފައިވެއެވެ.

ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ވަކިކުރުމުގެ ބާރު ސީދާ އެ މަޖިލިހަށް ލިބިގެންވެއެވެ. ރައްޔިތުންގެ މަޖިލިހަށް ލިބިދެވިފައިވާ މި ބާރު، ހަނިކުރެވިފައިވަނީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (1)، (2) އަދި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ސަބަބުތަކުގެ މައްޗަށެވެ. އެހެންގޮތަކަށް ބުނާނަމަ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ ނައިބު އިސްލާމްދީނުގެ އަޞްލަކާ، ނުވަތަ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ޚިލާފުވެގެން، ނުވަތަ މަޤާމުގައި ހުރެ ކުރަން އެކަށީގެންނުވާ ކަމެއްކޮށްގެން، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނާޤާބިލުކަމަށް ރައްޔިތުންގެ މަޖިލިހަށް ފެންނަނަމަ، މި ދެ ފަރާތްވެސް މަޤާމުން ދުރުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބިގެންވެއެވެ.

ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (1)، (2) އަދި (3) ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ ނައިބު މަޤާމުން ވަކިކުރުމުގެ ހާލަތްތައް އުފަންވާނެ ގޮތުގެ އެއްވެސް އިޖުރާއަތެއް ބަޔާންކޮށްފައިނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވިޔަސް، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ހާލަތެއް އުފަންވެ އެކަމަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން އެފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި ކުރިއަށް ގެންދިއުމާއި، ކަމާ ގުޅުންހުރި އިޖުރާއަތުތައް ކަނޑައެޅުމުގެ ބާރު އޮތީ ސީދާ ރައްޔިތުންގެ މަޖިލިހަށްކަމަށް އަހުރެން ދެކެމެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަހެއް އޮތުން ލާޒިމުކުރުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އެފަދަ ޝަކުވާއެއް ހުށަހެޅުމުން މެނުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ދުރުކުރުމުގެ އިޖުރާއަތުތައް ހިނގައިގަންނަންވާނެކަމަށް ބުނެ ކޯޓުތަކަށް ގޮތް ކަނޑައެޅުމުގެ ފުރުޞަތެއްނެތެވެ. އެހެނީ، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދޭނީ އެފަދަ ކަމެއް އެއީ ޤާނޫނުއަސާސީއާ ޚިލާފަށް ހިނގާފައިވާ ކަމެއްނަމައެވެ. ރައްޔިތުންގެ މަޖިލީހުން އެކި މަޤާމުތަކަށް އައްޔަން ކުރެވިފައިވާ ފަރާތްތައް މަޤާމުން ވަކިކުރުމަށް ޤާނޫނުއަސާސީއިން ބާރު ދެވިފައި އޮތުމުގެ މަޤުޞަދަކީ މަޖިލީހުން ފާރަވެރިވާ ފަރާތްތައް ޖަވާބުދާރީކުރުވައި، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ފުރުޞަތު ދިނުމެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒުގެ ތެރޭގައި ހިމެނޭކަމެކެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަހެއް އޮތުން، ނުވަތަ މަޖިލީހުން ނާޤާބިލުކަމަށް ކަނޑައެޅި މިންގަނޑު ފަދަ ކަންކަމަށް ކޯޓުތަކުން ގޮތެއް ކަނޑަނޭޅޭނެއެވެ. މިއާ ޚިލާފަށް، ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ނައިބު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ނެތި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކޮށްފިނަމަ، އަދި މަޖިލީހުގެ އެ ނިންމުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވެރިކަން ހިންގުމުގެ ބާރުގެ ޚިޔާލު ތަފާތުވެ، އެކަމާމެދު ޚުޞޫމާތެއް އުފެދިއްޖެނަމަ، އަދި އެފަދަ މައްސަލައެއް ވެރިކަން ހިންގާ ބާރުގެ ފަރާތުން ހުށަހަޅައިފިނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (މީގެ ފަހުން "ކޯޓުތަކުގެ ޤާނޫނު") ގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިފައިވާ ދުސްތޫރީ މައްސަލަތައް ބެލެވޭނެ ހާލަތަކަށް ފެތޭނަމަ، އެފަދަ މައްސަލައަކާމެދު ފައިޞަލާކުރުމުގެ ފުރުޞަތު ސުޕްރީމް ކޯޓަށް އޮތްކަން ފާހަގަކުރަމެވެ. ހުށަހެޅިފައިމިވާ މައްސަލައިގައި، ޑރ. ޖަމީލް މަޤާމުން ވަކިކޮށްފައިވަނީ ވެރިކަން ހިންގާ ފަރާތުގެ ރުހުމެއް ނުވަތަ ތާއީދެއް ނެތިކަން އެނގެން ނެތް ހާލަތުގައި، އަދި ވެރިކަން ހިންގާ ފަރާތުން އެފަދަ ޝަކުވާއެއްވެސް ހުށަހަޅާފައިނުވާއިރު، މަޤާމުން ދުރުކުރެވިފައިވާ ފަރުދެއްގެ ހައިސިއްޔަތުން، ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވަނީ އަނެއް ދެ ބާރަށް ހައްލެއް ހޯދައިދެވޭނެ، އަދި ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ކޯޓުތަކަށް ވަކި ގޮތެއް ކަނޑަނޭޅޭނެ (non-justiciable) ކަމެއްގެ މައްޗަށްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެހެން އިބާރާތަކުން ބުނާނަމަ، ޑރ. ޖަމީލްގެ ފަރާތުން ހުށަހެޅި މި ނުކުތާ ބިނާވެފައިވަނީ ސިޔާސީ ސުވާލެއްގެ މައްޗަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒުގެ ބޭރުން، ކޯޓުތަކުން ފައިސަލާ ކުރެވިދާނެ ދުސްތޫރާ ޚިލާފުވެފައިވާ ކަމެއްގެ މައްޗަކަށް ނޫނެވެ.

ކުރިންވެސް ފާހަގަކުރެވުނު ފަދައިން ވަކި ފަރާތަކަށް ރައްދުނުވާގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުޕްރީމް ކޯޓުގެ 2017/SC-C/11 ނަންބަރު ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިންނޫން ކަމުގައި ދެކެމެވެ. ސެޕަރޭޝަން އޮފް ޕަވަރސް، ނުވަތަ ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ މަފްހޫމާ އެއްގޮތަށް ޢަމަލުކުރާނަމަ، ޤާނޫނުއަސާސީގައި ބަޔާންކުރާ އެކި ކަންކަމުގައި ތިން ބާރަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައިވެސް، އިޚްތިޔާރުތަކެއް ލިބިދެވިފައިވާކަން ޤަބޫލުކުރަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުން މި އިޚްތިޔާރުތައް ބޭނުންކުރުމުގައި ޤާނޫނުއަސާސީއާ ޚިލާފުވާ ހާލަތެއްގައި މެނުވީ، ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަކީ ނުވަތަ ހިނގާ ކަންކަމަކީ ކޯޓުތަކަށް އެކަމާމެދު ގޮތް ކަނޑައެޅޭނެ ނިންމުންތައް ނުވަތަ ކަންކަމެއް ނޫނެވެ. މިއީ، އަހުރެންގެ ނަޒަރުގައި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ މަޤުޞަދެވެ. ކޯޓުތަކުން އިސްވެ ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް އެއީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ކޯޓުތަކުގެ ބާރުގެ އިމުގެ ބޭރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ހަނިވާގޮތަށް ޢަމަލުކުރުމެވެ. ރައްޔިތުންގެ މަޖިލީހުން މަޤާމުން ދުރުކުރާ ފަރާތެއް ކޯޓަށް މައްސަލައެއް ހުށަހަޅާނަމަ، އެފަދަ މައްސަލައެއްގެ މައުޟޫޢު ބިނާވާންވާނީ މަޖިލީހުން ޢަމަލުކުރި ގޮތުގެ ސަބަބުން ޤާނޫނުއަސާސީގައިވާ އިޖުރާއަތަކާ ޚިލާފުކަމެއްގެ މައްޗަށް، ނުވަތަ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ފަރުދީ ޙައްޤެއް ގެއްލިގެންދިއުމުގެ މައްޗަށެވެ.

(2) ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ރ) އާއި 53 ވަނަ މާއްދާއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ޢަމަލުކޮށްފައި އޮތުމުގެ ސަބަބުން އަނގަބަހުންނާއި ލިޔުމުން ދިފާޢުވުމަށް ލިބިދީފައިވާ ޙައްޤާއި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ދިފާޢުވުމުގެ ޙައްޤު ގެއްލިފައިވާކަމަށް ބުނާ ބުނުން

ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ރ) ގައި އޮންނަނީ؛

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކާ މެދު މަޖިލީހުގެ ބަޙުޘް ފެށުމުގެ މަދުވެގެން ސާދަ ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގަންވާނެއެވެ. އަދި އެ ބަޙުޘްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެއެވެ. އަދި ޤާނޫނީ ވަކީލުން ބޭނުންކުރުމުގެ ޙައްޤު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެއެވެ.

ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވާ މިނުކުތާއާ ގުޅޭ ގޮތުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ބަހުސްގައި އަނގަބަހުންނާ ލިޔުމުން ދިފާޢުވުމުގެ ޙައްޤު ލިބިފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށްކަމަށް އެ މަޖިލީހުން ނިންމައި، 21 ޖުލައި 2015 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2015 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ޑރ. ޖަމީލް ހާޒިރުވެނެތުމަކީ، ލިޔުމުން ދިފާޢު ހުށަހެޅުމުގެ ޙައްޤު ޑރ. ޖަމީލްގެ ކިބައިން ނިގުޅިގެންފައިވާ ކަމެއްކަމަށެވެ. އަދި ޑރ. ޖަމީލް އެދުވަހުގެ ޖަލްސާއަށް ހާޒިރުވެނެތުމަކީ ޑރ.ޖަމީލްގެ ޤާނޫނީ ވަކީލަށް އޭނާ ތަމްސީލުނުކުރެވޭނެކަމުގެ ވިސްނުންކަމަށެވެ. އަދި މިއީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައި ބުނާ ޤާނޫނީ ވަކީލަކު ހޯދުމުގެ ޙައްޤު ނިގުޅިގެންދާގޮތަށް ކޮށްފައިވާ ޢަމަލެއްކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ނިންމުން ބިނާވަނީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ރ) އާއި 53 ވަނަ މާއްދާއާ ޚިލާފަށް ހިނގާފައިވާ ޢަމަލުތަކެއްގެ މައްޗަށްކަމަށާއި، އަދި އެއީ ޕްރިންސިޕްލްސް އޮފް ނެޗުރަލް ޖަސްޓިސްއާ ޚިލާފަށް، އަދި ޤާނޫނުއަސާސީއިންވެސް ކަށަވަރުކޮށްދޭ އަސާސީ ޙައްޤަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ޑރ. ޖަމީލްގެ ފަރާތުން ބުނެއެވެ.

ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒު ހިމާޔަތްކުރެވިފައިވަނީ ޤާނޫނުއަސާސީގައި އެކަމަށް ތަންދޭ މިންވަރަށެވެ. ފަރުދީ އަސާސީ ޙައްޤެއް ނިގުޅައިގަނެވިގެންދާ މޭރުމަކުން ޢަމަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަކަށްނެތެވެ. ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ރައްޔިތުންގެ މަޖިލީހަށް ހަނިކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިންނެވެ. އެހެން ގޮތަކަށް ބުނާނަމަ، ފަރުދެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއްގައި ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާއި 268 ވަނަ މާއްދާ އިތުރަށް ދަލާލަތު ކޮށްދެއެވެ. އަދި ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން ޤާނޫނުއަސާސީގައި ބުނާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަން ފާހަގަކުރަމެވެ.

އެހެންކަމުން، ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއަކީ، މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތަށް ބަލައި، ރައްޔިތުންގެ މަޖިލީހުން ޢަމަލުކޮށްފައިވަނީ އަސާސީ ޙައްޤަކާ ޚިލާފަށްތޯ ނުވަތަ ނޫންތޯ ކަނޑައަޅައި، ޖުޑީޝަލް ރިވިއުއަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ. ދެން އުފެދޭ ސުވާލަކީ، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް އޮތީ ކޮން ކޯޓަކަށްތޯއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓު

މި މައްސަލައަކީ ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިފައިނުވާ މައްސަލައެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. މި މައްސަލައަކީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބެލެވިދާނެ މައްސަލައެއްކަމަށް ބުނެ ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވަނީ ތިރީގައިވާ މައިގަނޑު 2 ސަބަބެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގައި ފަރަގުކޮށްފައި ނެތުމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށްވެސް ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ލިބިދެވިފައިވުން؛ އަދި

މި މައްސަލައަކީ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ދަށުން ދުސްތޫރީ މައްސަލަ މާނަކޮށްފައިވާ ގޮތުން، ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ މައްސަލައަކަށްވުން.

ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަ

މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ މައްސަލައެއްކަމުން، މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު ސުޕްރީމް ކޯޓަށް ލިބިގެންނުވާކަމަށް ދައުލަތުން ނެގި އިޖުރާއީ ނުކުތާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ޑރ. ޖަމީލްގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވަނީ މި މައްސަލައަކީ މިއީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާ މެދު ޚިލާފެއް އުފެދިގެން ހުށަހަޅާ މައްސަލައެއްކަމަށެވެ.

ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެކަމާ މެދު ޚިލާފު އުފެދޭ ހާލަތްތަކުގައި ސުޕްރީމް ކޯޓަށް ގޮތް ކަނޑައެޅުމުގެ ބާރު ލިބިފައިވާކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކި ކުރާ ހާލަތް އެ މާއްދާގެ ދަށުން ނުހިމެނޭކަމަށް ދައުލަތުން ބުނެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިގެންވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރެވޭ ހާލަތެއްގައި ހުށަހަޅާ މައްސަލަ ބެލުމަށްކަމަށާއި، ޑރ. ޖަމީލް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންނުވާކަމަށް ދައުލަތުން ބުނެއެވެ.

މި ނުކުތާއާ ގުޅިގެން ޑރ. ޖަމީލްގެ ފަރާތުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމާ ބެހޭ ވާހަކަ ބަޔާންކޮށްފައިވާއިރު، މި މާއްދާގެ ދަށުން މި ދެ މަޤާމު ފަރަގުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގައި ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތާ ގުޅޭ އުސޫލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށްވެސް ލިބިދެވެންޖެހޭނެކަމަށް ޤަބޫލުކުރާކަމަށެވެ.

ޑރ. ޖަމީލްގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކި ކުރެވޭނެ ގޮތާއި އިޖުރާއަތު ބަޔާންކޮށްފައި އޮންނައިރު، މި ދެ މަޤާމަށް ތަޠުބީޤުވާ އުސޫލުތަކާއި އިޖުރާއަތުތަކުގައި އެއްވެސް ތަފާތެއްނެތްކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނޭކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނާންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމާ މެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ، އެކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. މިފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާންވާނީ އެ ކޯޓުގައި ހިމެނޭ ހުރިހާ ފަނޑިޔާރުން ތިބެގެންނެވެ. އަދި އެ ގޮތުން އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

ޤާނޫނުއަސާސީގެ 113 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިފައިވާ 3 ބާވަތެއްގެ މައްސަލަ ކަނޑައަޅާފައިވެއެވެ. މި މާއްދާގެ ސާފު އިބާރާތުން، މި މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލަންވާނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން އެކުލެވޭ މަޖިލީހަކުންނެވެ. އެގޮތުން، މި މާއްދާގެ ދަށުން ހުށަހެޅޭނެ މައްސަލަތަކަކީ؛

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލާ މީހެއްގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް އިޢުލާނުކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަނުވާކަމާ މެދު ހުށަހެޅޭ މައްސަލަތައް

ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާ ގުޅޭ މައްސަލަތައް

ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާ މެދު ޚިލާފު އުފެދޭ މައްސަލަތައް

އެހެންކަމުން، މި މާއްދާގެ ސާފު އިބާރާތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް އައްޔަންކުރެވޭ ފަރާތެއް މަޤާމުން ދުރުކޮށްގެން ސީދާ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަނޭޅޭނެއެވެ. މި މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުން މަޤާމުން ވަކިކޮށްގެން ސީދާ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅެން އޮތީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ މެދު އުފެދޭ ޚިލާފުވުންތަކާ ގުޅިގެންނެވެ. ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ ދަށުން، އެއްވެސް އޮޅުމެއްނާރާ ވަރަށް މި ދެ މަޤާމު ވަކިވަކިން ބަޔާންކޮށް، ދެ މަޤާމަށްވެސް އުސޫލުތަކާއި އިޖުރާއަތްތައް ހިނގާނެގޮތް ބަޔާންކޮށްފައިއޮވެއެވެ. ހަމަ އެގޮތަށް، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ހަވާލާދީފައިވަނީ ހަމައެކަނި އެ މަޤާމަށް އިޢުލާނު ކުރެވޭ މީހަކާ އިޝާރާތްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް މީހަކު އިޢުލާނުކުރަނީ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހެއް، ނުވަތަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި މީހެއް ކަމުގައިވާއިރު، ޖުމްލަކޮށް ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާކަންކަން ބިނާވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހަކަށް، ނުވަތަ އެ މަޤާމުގައި ހުރި މީހަކަށް ރައްދުވާގޮތަށްކަމަށް ބެލެވެއެވެ.

ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރެވޭ ހާލަތްތަކުގައި ސީދާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިދާނެކަމަށް އޮވެމެ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިބޭ މަޖިލީހަކުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނެކަމަށް އޮންނަ އޮތުމަކީ، ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާ ދެމެދު އޮތް ޚިލާފުވުމެއް އެއީ ހައްސާސް މައްސަލައެއްކަމަށް ބަލައި، އެފަދަ މައްސަލަތަކަށް އަވަސް ހައްލު ހޯދައިދިނުން ކަމުގައިވެދާނެއެވެ. ކުރިންވެސް ފާހަގަކުރި ފަދައިން، ޤާނޫނުއަސާސީގެ ޞަރީޙަ އިބާރާތުން ބަޔާންކޮށްފައިވާ ކަންކަމަށް އުނިއިތުރު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންނުވެއެވެ.

އެހެންކަމުން، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާ ރައްދުވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި މީހަކަށް ކަމުގައިވާއިރު، ހުށަހެޅިފައިމިވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ މައްސަލައަކީ، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށަށް ފެތޭ މައްސަލައެއް ކަމުގައިނުވާތީ، މި މައްސަލައަކީ އެ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ބަލަން އަޞްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއް ނޫނެވެ.

ދުސްތޫރީ މައްސަލައިގެ ތައުރީފާއި އިޚްތިޞާޞް

ދައުލަތުން ނެގި އިޖުރާއީ އިޢުތިރާޒާ ގުޅިގެން، ހުށަހެޅިފައިމިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ދަށުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލިދާނެ މައްސަލައެއްކަމަށް ޑރ. ޖަމީލްގެ ފަރާތުން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކުގައި، ސުޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލަތަކަކީ ކޮބައިކަމާމެދު ކޮންމެވެސްވަރެއްގެ އޮޅުންތަކެއް އަރާފައިވާކަން ފާހަގަކުރަމެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޝީދު އާއި އިތުރު ފަރާތްތަކެއް ވ. ދިވެހި ދައުލަތް (2009) ގަޒިއްޔާއަކީ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ އިންތިޚާބު ބާއްވަންޖެހޭ ތާރީޚަށް ތައްޔާރުނުވެ ޗުއްޓީއަށް ގޮސްފައިވާތީ، ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިފައިވާކަމަށް މި ކޯޓުން ކަނޑައެޅިއިރު، ކޯޓުތަކުގެ ޤާނޫނު އަދި ވުޖޫދުނުވެއެވެ. އެހެންނަމަވެސް، އޭގެ ފަހުން ނިންމި އަޙްމަދު ޞިއްދީޤް އާއި އިތުރު ފަރާތެއް ވ. ރައްޔިތުންގެ މަޖްލިސް (2013) ގަޒިއްޔާއާއި މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާއާއި މުޙައްމަދު ވަޙީދު އިބްރާހީމް ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާއާއި ވަކި ފަރާތަކަށް ރައްދުނުވާ ގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/11 ގަޒިއްޔާތަކުގެ މައްސަލަތައް ބަލާފައިވަނީ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުންނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުން ޤާނޫނުއަސާސީއަށާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުކުރެއެވެ. ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގެ ދަށުން ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލިހަށްކަމަށް ބަޔާންކޮށްފައިވެއެވެ. ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން، ޤާނޫނުއަސާސީގައި ބަޔާންކުރާ ބައެއް ކަންކަން ތަފްޞީލުކޮށް، ފާސްކޮށްފައިވާ ކޯޓުތަކުގެ ޤާނޫނަށް، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ދުސްތޫރީ މައްސަލަތައް ނިންމުމުގައި ރިއާޔަތްކޮށްފައިނުވެއެވެ.

މިސާލަކަށް މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (2013) ގަޒިއްޔާގައި މުޙައްމަދު ފަހުމީ ޙަސަން އެ މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ކަމުގައިވާއިރު، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ޢަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް ނޭޅުމުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދެވިފައިނުވެއެވެ. އެ ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ޤާނޫނު މާނަކުރުމުގައްޔާއި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި އޮންނަ އޮތުން ފާހަގަކޮށްފައިވެއެވެ. އަދި ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓުކަމުން، ދައުލަތުގެ އެހެނިހެން ބާރުތައް ޢަމަލުކުރަނީ ޤާނޫނީ އަދި ދުސްތޫރީ އިމުގެ ތެރޭގައިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޞާޞް ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމަށާއި، އަދި ކޯޓަށް ދުސްތޫރީ މައްސަލަތައް ބެލުމުގެ ވިރާސީ އިޚްތިޞާޞް ލިބިގެންވާކަމަށް އެ ގަޒިއްޔާގައި ފާހަގަކޮށް، ކޯޓުތަކުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ސުޕްރީމް ކޯޓުން ނިންމި މުޙައްމަދު ނަޝީދު އާއި އިތުރު ފަރާތްތަކެއް ވ. ދިވެހި ދައުލަތް (2009) ގަޒިއްޔާއާ ހަވާލާދީފައިވެއެވެ.

ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގައި ތިބޭ އެންމެހައި ފަނޑިޔާރުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުން ލާޒިމުވެއެވެ. ޤާނޫނުގައި ވަކި ގޮތަކަށް ޢަމަލުކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައި އޮއްވައި، ޤާނޫނު އެއްފަރާތްކޮށް އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ޢަމަލުކުރުމުގެ ނަތީޖާއަކީ، ކޯޓަށް މައްސަލަ ހުށަހަޅަން އަންނަ ފަރާތްތަކުގެ މެދުގައިވެސް އޮޅުންއަރައި، ޢަމަލުކުރަންވީ ގޮތް ނޭނގި، އެއް ކޯޓުން އަނެއް ކޯޓަށް މައްސަލަ ހިފައިގެންދިއުމެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ބެލިދާނެކަމަށް ކަނޑައަޅާފައިވަނީ ވަކި ބާވަތެއްގެ މައްސަލަތަކެވެ. ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅޭ ދުސްތޫރީ މައްސަލަތަކަށް އަލިއަޅުވާލުމުގެ ކުރިން، ޤާނޫނުއަސާސީގައި ދުސްތޫރީ މައްސަލަތައް މާނަކޮށްފައިވާގޮތް ބަލައިލުން މުހިންމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި؛

"ދުސްތޫރީ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަ ކުރަން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވެތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.

އެހެންކަމުން ދުސްތޫރީ މައްސަލަތަކުގެ ބާވަތްތަކަކީ؛

ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭ މައްސަލަތައް

ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައްދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް

ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް

މީގެ ތެރެއިން، (2) ވަނަ ނަންބަރުގައިވާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ އާއި އެފަދަ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ސާފު އިބާރާތުން އެނގެންއޮވެއެވެ.

އަދި (1) ގައި ބަޔާންކޮށްފައިވާ ޤާނޫނުއަސާސީ މާނަކުރުމުގެ ބާވަތުގެ މައްސަލަތައް ކޮންމެ ކޯޓެއްގައިވިޔަސް ބަލަމުންދާ މައްސަލައެއްގެ ތެރޭގައި ގޮތް ކަނޑައެޅުމުގެ އިޚްތިޞާޞް އެ ކޯޓަކަށް ލިބިގެންވާކަން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) އިން އެނގެއެވެ.

އެއަށްފަހު، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގައި ދުސްތޫރީ މައްސަލަތައް ނިންމުމުގެ ބާރު ބަޔާންކޮށްފައިވާއިރު، އެ މާއްދާ ފެށޭ އިބާރާތުގައި "ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޮންމެ ކޯޓަކަށްމެ، އަންނަނިވި ކަންތައްތަކުގެ ތެރެއިން އެ ކޯޓެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންތައްތައް ކުރުމުގެ ބާރު އެ ކޯޓަކަށް ލިބިގެންވެއެވެ." މިހެން ބަޔާންކޮށް، ދުސްތޫރީ މައްސަލަތަކުގެ ހުރިހާ ބާވަތްތައް ބަޔާންކޮށް، އެކަންކަމާ ގުޅޭގޮތުން ކޯޓުތަކަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް، ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ، އެ ޚިލާފުވާ މިންވަރު ބާޠިލުކަމަށް ކަނޑައެޅުމުގެ ބާރު ކަމާބެހޭ ކޯޓަށް ލިބިގެންވެއެވެ.

އަދި ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން އެއްޗެއް ނުވަތަ ކަމެއް ބާޠިލުކަމަށް ނިންމުމާ ގުޅިގެން އެހެނިހެން އަމުރުތައް ނެރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.

އިސްވެ ޙަވާލާދެވުނު ޤާނޫނުއަސާސީގެ މާއްދާތަކުގެ އަލީގައި، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބުނާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ހަމައެކަނި ހައިކޯޓަށާއި ސުޕްރީމް ކޯޓަށެވެ. އަދި ކޮންމެ ކޯޓަކަށްވެސް ބަލަމުންދާ މައްސަލައެއްގެ ތެރެއިން ޤާނޫނުއަސާސީ މާނަކުރެވިދާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. ސީދާ ޤާނޫނުއަސާސީގައި ދެވިފައިވާ މި އިރުޝާދުތަކުގެ އިތުރުން، ދުސްތޫރީ މައްސަލަތައް ބަހާލެވިފައިވާ ދެންހުރި ބާވަތްތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކާ ގުޅޭ އިތުރު ކަމެއް ޤާނޫނުއަސާސީގައި ބަޔާންވެފައިނުވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚްތިޞާޞް ދެން ތަފްޞީލުކޮށް ބަޔާންކޮށްފައި އޮންނަނީ 21 އޮކްޓޯބަރު 2010 ގައި ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައެވެ.

ދުސްތޫރީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ލިބިދެވިފައިވާގޮތް ކޯޓުތަކުގެ ޤާނޫނުގައި އިތުރަށް ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން، ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ދުސްތޫރީ މައްސަލަތަކުގެ ބާވަތްތަކުގެ ތެރެއިން، ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިފައިވާ މައިގަނޑު ތިން ބާވަތެއް ހިމެނެއެވެ. އެއީ،

އެ މައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން؛ ނުވަތަ

އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލައަކަށްވުން؛ ނުވަތަ

އެ މައްސަލައަކީ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން

މި ތިން ބާވަތެވެ.

ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ހައިކޯޓަށް އަޞްލީ އިޚްތިޞާޞް ލިބޭ މައްސަލަތައް ކޯޓުތަކުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، އަންނަނިވި މައްސަލަތަކަކީ ހައިކޯޓުން ފުރަތަމަ މަރުހަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދެވިފައިވާ މައްސަލަތަކެވެ؛

ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް؛ އަދި

ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް

އެހެންކަމުން، ޤާނޫނުއަސާސީގައި ކަނޑައެޅިގެން ސުޕްރީމް ކޯޓުން ބަލަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކުގެ އިތުރުން، ސުޕްރީމް ކޯޓުގައި ފުރަތަމަ މަރުޙަލާއިން ދުސްތޫރީ މައްސަލައެއް ބަލާނީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ 3 ހާލަތުގެ ތެރެއިން ހާލަތަކަށް ފެތޭ މައްސަލަތަކެވެ. އަދި ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް، ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދަކުން ބައެއްވިޔަސް އެއީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ ހާލަތްތަކުން ކުރެ ހާލަތަކަށް ފެތޭ މައްސަލައެއްނަމަ، އެފަދަ މައްސަލަވެސް ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. އެހެން ނޫންނަމަ، އެ ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރާ ޢާންމު އުޞޫލަކީ، އެފަދަ މައްސަލަތައް އެއީ ފުރަތަމަ މަރުޙަލާގައި ހައިކޯޓަށް ހުށަހެޅިގެންދާ މައްސަލަތަކަށްވުމެވެ. ސުޕްރީމް ކޯޓުން އެ މައްސަލަތަކަށް ގޮތެއް ކަނޑައެޅޭނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރާ ހާލަތްތަކުގައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޝާހް ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް) (2021) ގަޒިއްޔާގައި ދުސްތޫރީ މައްސަލަތަކުގެ ތެރެއިންވެސް ވަކި ބާވަތެއްގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ކޯޓުތަކާބެހޭ ޤާނޫނުގައި އޮންނަ އޮތުމަށް އަލިއަޅުވާލައިފައިވެއެވެ. ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 9 ވަނަ ޕެރެގްރާފްގައި، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ވަކި ބާވަތްތަކެއްގެ ދުސްތޫރީ މައްސަލަތަކެއް ބަލަންޖެހޭނީ ސުޕްރީމް ކޯޓުންކަމަށް ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއް ސަބަބަކީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ދުސްތޫރީ ގޮތުން ހައްސާސީ މައްސަލަތަކުގައި އަވަސް ހައްލެއް ހޯދުންކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ އިތުރު މަރުހަލާއެއްގައި އެ މައްސަލަ ހިނގައި ދިއުމުން ވަގުތު ފާއިތުވެ ލަސްވެ ހިނގައްޖެނަމަ އެކަމުން ނިކުމެދާނެ ނޭދެވޭ ނަތީޖާތަކުން އެއްކިބާވުމުގެ މަޤްޞަދުގައިކަމަށް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނާފަދަ އިސްތިސްނާ ހާލަތެއް މެދުވެރިވެގެން މެނުވީ، ދެން ހުރި ބާވަތްތަކުގެ ދުސްތޫރީ މައްސަލަތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞްގެ ތެރެއިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލޭނެ މައްސަލަތަކެވެ.

ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދުސްތޫރީ މައްސަލައިގެ ތައުރީފްއަށް ބަލާއިރު، ދުސްތޫރީ މައްސަލަތައްކަމަށް ބެލެވޭ މައްސަލަތަކުގެ އެކި ބާވަތްތަކުގެ ތެރެއިން، ހައިކޯޓަށާއި ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިގެންވާކަމަށް ކޯޓުތަކުގެ ޤާނޫނުގައި ކަނޑައަޅާފައިވަނީ މަދު ބާވަތްތަކެއްގެ މައްސަލައެވެ. އެގޮތުން، ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ، އެފަދަ މައްސަލަތައް ހުށަހަޅަންޖެހޭ ކޯޓު ޤާނޫނުގައި ސަރީޙަކޮށް ބަޔާންކޮށްފައިނުވެއެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓާއި ހައިކޯޓުގެ އަޞްލީ އިޚްތިޞާޞްއަށް ބަލާއިރު، ކޮންމެ ކޮންމެ ދުސްތޫރީ މައްސަލައެއް ފުރަތަމަ މަރުހަލާގައި މި ދެ ކޯޓަށް ބެލުމުގެ ބާރު ޤާނޫނުން ލިބިދެވިފައިނުވާކަން އެނގެއެވެ.

ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމް ކޯޓަށާއި ހައިކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލަތައް ބަޔާންކޮށްފައިވާއިރު، އަދި އިސްތިއުނާފީ ކޯޓުތަކުން މައްސަލަ ބެލުމުގެ ނިޒާމު ވަކި ގޮތަކަށް ތަރުތީބުވެފައިވާއިރު، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބުނާ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާ ހާލަތްތަކުގައި، އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލައި، ގޮތެއް ކަނޑައެޅުމުގެ އިޚްތިޞާޞް ލިބިފައިވަނީ ސިވިލް ކޯޓަށްކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެއީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރެއިން 27 ވަނަ ނަންބަރުގެ ދަށުން އެހެނިހެން މަދަނީ މައްސަލަތަކުގެ ތެރޭގައި ހިމެނޭނެތީއެވެ.

ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާއިރު، އެ ޖަދުވަލުގެ (ނ) ގައި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އެ ކޯޓުތަކަށް ލިބިގެންވެއެވެ. އަދި ހަމަ އެފަދައިން، ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 ގެ 27 ވަނަ ނަންބަރުގެ ދަށުން، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހަޅަން ބޭނުންވާ މައްސަލައެއް ސިވިލް ކޯޓަށްވެސް ހުށަހެޅިދާނެކަން ފާހަގަކުރެވެއެވެ. ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވަނީ އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އެއްވެސް ބައެއްގެ ޙައްޤަކަށް، ނުވަތަ މުޖްތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެކަމުން ސީދާ ގޮތެއްގައި އަސަރު ފޯރައިފާނެ ކޮންމެ މީހަކަށް ލިބިގެންވާކަމަށެވެ.

ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބުނާ އިދާރީ ފިޔަވަޅާއި ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބުނާ ދުސްތޫރީ މައްސަލަތަކުގެ ބާވަތްތަކުގެ ތެރެއިން ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރަކާއި އަދި އެފަދަ އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމަކާ ގުޅޭ މައްސަލަތަކާ ދެމެދު އޮތް ތަފާތަކީ ކޮބައިކަން ޤާނޫނުގައި ބަޔާންވެފައިނުވެއެވެ. ނަމަވެސް، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބުނާ ދުސްތޫރީ މައްސަލަތަކުގެ ބާވަތްތަކުގެ ތެރެއިން ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރަކާއި އަދި އެފަދަ އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ބުނާ މައްސަލަތައް، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބުނާ އިދާރީގޮތުން އަޅާ ފިޔަވަޅުތަކުގެ ބާވަތްތަކުގެ ތެރެއަށް ފެތޭނެކަމަށް އަހުރެންނަށް ބުރަވެވެއެވެ. ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގެ ދަށުން މިބާވަތުގެ މައްސަލަތައް ބިނާވަނީ ޤާނޫނުއަސާސީއާ ޚިލާފުވުންކަމަށް ބަޔާންވެފައިވާއިރު، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ އިބާރާތުން، އިދާރީ ގޮތުން އަޅާ ފިޔަވަޅެއް ހަމައެކަނި ޤާނޫނުއަސާސީއާ ޚިލާފުވުމަށްވުރެ ފުޅާ މާނައެއް އެ މާއްދާގެ ދަށުން ހިމެނެއެވެ.

އެހެންކަމުން، ދުސްތޫރީ މައްސަލައެއް ކޯޓަކަށް ހުށަހަޅާއިރު، އެފަދަ މައްސަލައެއް އިބާރާތްކުރެވިފައި އޮންނަ ގޮތަކުން މައްސަލަ ހުށަހަޅާ ކޯޓުގެ އިޚްތިޞާޞް ނުހިނގާ ހާލަތެއްވެސް މެދުވެރިވެދާނެއެވެ. މިސާލަކަށް ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ ނިންމާ ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއްކަމަށް ފެނިގެން، އެ މައްސަލަ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދުސްތޫރީ މައްސަލައެއްގެ ސިފައިގައި މެޖިސްޓްރޭޓް ކޯޓަކަށް ހުށަހަޅައިފިނަމަ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ނޯވެދާނެއެވެ. އެހެންނަމަވެސް، ހަމަ އެ މައްސަލަ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފިނަމަ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް އޮންނާނެއެވެ. ހަމަ އެފަދައިން، ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމެއް ނުވަތަ ކުރާކަމެއްގެ ސަބަބުން ޤާނޫނެއް ނުވަތަ ގަވާއިދެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބެލެވޭނަމަ، އެފަދަ ދަޢުވާއެއް އިބާރާތްކުރާ ގޮތަކުން އެ ދަޢުވާ ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށްވެސް އޮވެދާނެއެވެ.

ވީމާ، ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތަކަށް ފެތޭ މައްސަލައެއްކަމަށް ބެލެވެން ނެތްއިރު، މި މައްސަލައަކީ މިއީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބުނާ ދުސްތޫރީ މައްސަލަތަކުގެ ބާވަތްތަކުގެ ތެރެއިން ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރަކާއި އަދި އެފަދަ އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ބުނާ މައްސަލައެއްކަމަށްވާތީ، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް އޮތީ ސިވިލް ކޯޓަށް ކަމުގައި އަހުރެންދެކެމެވެ.

ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ޑރ. ޖަމީލްގެ ފަރާތުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅައިފިނަމަ، މި ގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި މި މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައެޅިދާނެ މައްސަލައެއްކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، މި ގަޒިއްޔާގައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، މި މައްސަލަ ޑޮކްޓަރ. މުޙައްމަދު ޖަމީލް އަޙްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ، މި ގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، އެ ކޯޓަށް ބެލިދާނެ މައްސަލައެއްކަމަށް ނިންމައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު) ޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ