ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 09 · 2026/SC-C/01

އިބްރާހީމް ޝިޔާމް، އައިކު އަޙްމަދު ޢީސާ ވ. ދިވެހި ދައުލަތް (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި އެޓަރނީ ޖެނެރަލްގެ އޮފީސް)، އިލެކްޝަންސް ކޮމިޝަން

ސުޕްރީމް ކޯޓުޤަރާރުގައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފު…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 31 މާރިޗު 2026ބާވަތް: ދުސްތޫރީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މިއީ ދަށު ކޯޓެއްގައި ނުބަލައި، ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. މި މައްސަލައިގައި ހައިކޯޓުގެ ނިންމުމެއް މުރާޖަޢާ ނުކުރެއެވެ.
ވާޤިޢާ
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވައި، ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވައެވެ. ބިލު ތަޞްދީޤު ކުރުމުގެ ކުރިން 2026 އެޕްރީލް 4 ގައި ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ 2026/2 ޤަރާރު ނެރުނީ، މުޅި ބިލު ތަޞްދީޤުކުރުމަށް ފެނޭތޯ އަހާ ސުވާލާއެކުގައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ 2026/2 ޤަރާރުގައި ހިމަނާފައިވާ، މުޅި ބިލު ތަޞްދީޤު ކުރެއްވުމަށް ފެނޭތޯ އަހާ ސުވާލަކީ، ބިލުން ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވާކަން ސުވާލުގައި ސާފުކޮށް ނުހިމެނުނު ނަމަވެސް، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފު ސުވާލެއްތޯ؟ އަދި އިލެކްޝަންސް ކޮމިޝަނަކީ މިފަދަ މައްސަލައެއްގައި ހިމެނެންޖެހޭ ޚަޞްމެއްތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
ހުށަހެޅި ފަރާތުން ބުނީ ސުވާލުން މަޖިލީހުގެ ދައުރު ކުރުވާކަން ވަންހަނާކުރާތީ، ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފު ސުވާލެއް ކަމަށެވެ. ދައުލަތުން ބުނީ މުޅި ބިލަށް ވޯޓަށް އަހަންޖެހޭ ކަމަށާއި ސުވާލުގެ އުޞޫލު ވޯޓު ނެގުމުގެ ޤާނޫނުގައިވާ ކަމަށެވެ. ކޮމިޝަނުން ބުނީ ކޮމިޝަނަކީ ޚަޞްމެއް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ ދަށުން ވޯޓު ހިންގާތީ ކޮމިޝަން ޚަޞްމެއްގެ ގޮތުގައި ހިމެނުން ބޭނުންތެރިއެވެ. ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ސުވާލު ފަރުމާކުރާނެ ގޮތެއް ނެތުމާއެކު، ވޯޓު ނެގުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އިން ގިނަ ކަންކަން ހިމެނުން ހުއްދަކުރެއެވެ. ދައުރު ކުރުވުމަކީ އިންތިޚާބުތައް އެކުގައި ބޭއްވުމުގެ ޔަޤީނީ ނަތީޖާއެވެ.

ނިންމުން

ޤަރާރުގައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފު…

ޤަރާރުގައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފު ސުވާލެއްކަމަށާއި 2026 އެޕްރީލް 4 ގެ ޢާންމު ވޯޓު ބާއްވައިގެން ނުވާނެކަމަށް ކަނޑައަޅާނެ ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅައިފި؛ މައްސަލަ ހުށަހެޅި ފަރާތުން އެދުނު ކަނޑައެޅުން ބަލައިނުގަނެވުނު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ރާވައި ހިންގައި ބަލަހައްޓާ ދުސްތޫރީ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނާއެވެ. ޚިޔާލު ހޯދުމުގެ ސުވާލު ފަރުމާކުރުމަކީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ނޫން ނަމަވެސް، އެ ސުވާލު ތަންފީޛީ މަރުޙަލާއަށް ގެންގޮސް ޢަމަލީ ސިފަ ގެނައުމަކީ ކޮމިޝަނުގެ ދުސްތޫރީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސުވާލުގެ ދުސްތޫރީ ޞައްޙަކަމާ ބެހޭ މައްސަލައެއްގައި ކޯޓުން ނެރޭ އަމުރެއްގެ ޤާނޫނީ ނަތީޖާ ސީދާގޮތުން ގުޅިފައިވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތާ ކަމަށްވާތީ، މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ހިމެނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

HN2 ދުސްތޫރީ ގޮތުން ޙައްސާސް މައްސަލަތަކުގައި އަވަސް ޙައްލެއް ހޯދުމަކީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ވަކި ބާވަތްތަކެއްގެ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުން ބަލަންޖެހޭ އެއް ސަބަބެވެ. ޚިޔާލު ހޯދުމުގެ ވޯޓުގެ ތާރީޚު ގާތްވެ ޢަމަލީ ތައްޔާރީތައް ކުރިއަށްދާ ދަނޑިވަޅެއްގައި ހުށަހަޅާ، ވޯޓުގެ ސުވާލުގެ ދުސްތޫރީ ޞައްޙަކަމާ ބެހޭ މައްސަލައަކީ އަވަސް މިނެއްގައި ގޮތެއް ކަނޑައަޅަންޖެހޭ، ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ކަމުގައިވާތީ، އެއީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލައެކެވެ.

HN3 ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގައި އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެތީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ފާސްކޮށްފައިވާ ބިލުގައި ހިމެނޭ އެއްކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭގޮތަށް ޚިޔާލު ހޯދުމުގެ ސުވާލު ފަރުމާ ކުރުމަކީ ޤާނޫނު ހުއްދަކޮށްފައިވާ ކަމެކެވެ.

HN4 ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ލާޒިމުކުރި ނަމަވެސް، އެ ވޯޓުގައި ހިމަނަންޖެހޭ ސުވާލު ބައްޓަންކުރާނެ ވަކި ޚާއްޞަ އިޖުރާއާތެއް ނުވަތަ އުޞޫލެއް އެ މާއްދާއިން ކަނޑައަޅާފައެއް ނުވެއެވެ. އަދި ސުވާލުގައި އިޞްލާޙާ ގުޅުންހުރި ތަފްޞީލީ ބަޔާންތަކާއި އިތުރު މަޢުލޫމާތު ހިމެނުން މަނާކުރާ ޞަރީޙަ ނައްޞެއްވެސް ނެތެވެ. ކަމެއް މަނާކުރާ ޞަރީޙަ ނައްޞެއް ނެތް ޙާލަތްތަކުގައި ޤާނޫނުއަސާސީ މާނަކުރަންވާނީ އޭގެ ލަފުޒީ މާނައިގެ ހަނި ދާއިރާއަށްވުރެ ފުޅާކޮށް، އޭގެ މަޤްޞަދަށާއި ޢަމަލީ ނަތީޖާއަށް ރިޢާޔަތްކޮށްގެންނެވެ.

HN5 ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ހުށަހެޅޭ ސުވާލުގެ ދުސްތޫރީ ޞައްޙަކަން ވަޒަންކުރަންވާނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އަސާސްތަކާއި ގެނެވޭ އިޞްލާޙުގެ މައުޟޫޢީ ބަހާތަކާ ދެމެދު އޮތް ގުޅުމަށް ރިޢާޔަތްކޮށްގެންނެވެ. އިޞްލާޙަކުން އުފަންކުރުވާ ޢަމަލީ ނަތީޖާއަކީ އެ އިޞްލާޙުގެ މައުޟޫޢާ ވަކިނުކުރެވޭނެ ލާޒިމީ ނަތީޖާއެކެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމުގެ ނަތީޖާއެއްގެ ގޮތުގައި ހިނގަމުންދާ މަޖިލީހުގެ ދައުރުން ބައެއް އުނިވުމަކީ އެ ބަދަލުގެ ޔަޤީނީ ނަތީޖާއެއް ކަމުގައިވާތީ، އެ ނަތީޖާ ވަކިން ސުވާލުގައި ނުހިމެނުމުން ސުވާލު ޚިލާފެއް ނުވެއެވެ.

HN6 ބިލުގައި ޞަރީޙަކޮށް ހިމެނޭ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުޞަތު ނުލިބޭގޮތަށް ސުވާލު ފަރުމާކޮށް ހަނިކުރުމަކީ، ޤާނޫނުއަސާސީން ކަނޑައަޅާފައި ނުވާ އިތުރު ހުރަހެއް ދުސްތޫރީ ނިޒާމުގެ ތެރެއަށް ތަޢާރަފު ކުރުމެވެ.

HN7 ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައިވާ މާއްދާއަކަށް އިޞްލާޙު ގެނައުމަށް ހިމަނައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް ތަޞްދީޤުކުރަންވާނީ މުޅި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އަހައި، އަޣުލަބިއްޔަތުން "އާއެކެވެ" ބުނާ ޙާލަތުގައި އެކަނި ކަމުގައިވާތީ، މުޅި ބިލު ތަޞްދީޤު ކުރަން ފެނޭތޯ ސުވާލުކުރުމަކީ އެ މާއްދާއާ ޚިލާފަށް ކުރެވޭ ސުވާލެއް ނޫނެވެ. އަދި ޚިޔާލު ހޯދުމަށް ފަރުމާކުރާ ސުވާލުގައި 262 ވަނަ މާއްދާގެ (ށ) ގައިވާ މާއްދާ އެކަނި ހިމަނަން ޖެހޭކަމަށް އެ މާއްދާގައި ބަޔާންކޮށްފައެއް ނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަލީ ޙުސައިން، ލެގްޒަވީ ޗެމްބަރސް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޙައްވާ ސަނާ، ޢަލީ ޝުހައިލް މުޙައްމަދު، ޝިއުތު މުޙައްމަދު ވަޙީދު
ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
ޢާލިޔާ ޙަނީފް
ބެންޗު
ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް، ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު
ރިޔާސަތު
ޢަބްދުލްޣަނީ މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް، ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2026] SC 09 2026/SC-C/01 ޝަރީޢަތް ނިމުނުގޮތް އިބްރާހީމް ޝިޔާމް އަދި އައިކް އަޙްމަދު ޢީސާ ވ. ދިވެހި ދައުލަތް (ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް އަދި އެޓަރނީ ޖެނެރަލްގެ އޮފީސް) އަދި އިލެކްޝަންސް ކޮމިޝަން ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޙުސައިން ޝަހީދު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ނިމުނު ތާރީޚު 31 މާރޗް 2026 މައްސަލަ ހުށަހެޅި ފަރާތް 1. އިބްރާހީމް ޝިޔާމް، ގ. ފުންފަޅު، މާލެ 2. އައިކު އަޙްމަދު ޢީސާ، ގ. ސައްލިގެ، މާލެ ޤާނޫނީ ވަކީލު: ޢަލީ ޙުސައިން، ލެގްޒަވީ ޗެމްބަރސް މައްސަލަ ރައްދުވާ ފަރާތް ދިވެހި ދައުލަތް (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި އެޓަރނީ ޖެނެރަލްގެ އޮފީސް) ޤާނޫނީ ވަކީލު: 1. އެސިސްޓެންޓް ޗީފް ކައުންސެލް ޙައްވާ ސަނާ، 2. އެސިސްޓެންޓް ޗީފް ކައުންސެލް ޢަލީ ޝުހައިލް މުޙައްމަދު 3. ސީނިއަރ ސްޓޭޓް އެޓަރނީ، ޝިއުތު މުޙައްމަދު ވަޙީދު އިލެކްޝަންސް ކޮމިޝަން ޑިރެކްޓަރ އަލްއުސްތާޛާ ޢާލިޔާ ޙަނީފް ދުސްތޫރީ މައްސަލަ – ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުން – ރައްޔިތުންގެ ޢާންމު ޚިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު – ރައްޔިތުންގެ މަޖިލީހުގެ ޢުމުރު – ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު – ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް - ހިނގަމުންދާ މަޖިލީހުގެ ޢުމުރު ކުރުވުން - ޤާނޫނުއަސާސީގެ 79 ވަނަ މާއްދާ - ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) - ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި 8 ވަނަ މާއްދާ بِسْمِ اللَّهِ الرَّحْمٰنِ الرَّحِيمِ އިބްރާހީމް ޝިޔާމް، އައިކު އަޙްމަދު ޢީސާ ވ. ދިވެހި ދައުލަތް (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި އެޓަރނީ ޖެނެރަލްގެ އޮފީސް) އަދި އިލެކްޝަންސް ކޮމިޝަން) [2026] SC 09

އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރުއާއި އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ އިޢުލާނުގައި "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ [ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ފަދައިން ކޮށްފައިވާ ސުވާލަކީ ޤާނޫނުއަސާސީއަށް ގެނެވޭ ޙަޤީޤީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށާއި، މި ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުން ބޭރު ސުވާލެއްކަމަށް ބުނެ، ގ. ފުންފަޅު، މާލެ، އިބްރާހީމް ޝިޔާމް އާއި ގ. ސައްލިގެ، މާލެ އައިކު އަޙްމަދު ޢީސާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި އިލެކްޝަންސް ކޮމިޝަނަށާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ.

2މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ހަވާލާ ދެވިފައިވާ ޤަރާރުގައާއި އިލެކްޝަންސް ކޮމިޝަން އިން ޢާންމުކޮށްފައިވާ އިޢުލާނުގައިވާ އިންތިޚާބުގެ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫންކަމަށް ބުނެ، އެ ސުވާލުގެ މައްޗަށް ބިނާކޮށް، 2026 އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ބާއްވައިގެން ނުވާނެކަމަށް ކަނޑައަޅައި ދިނުމަށެވެ.

މައްސަލަ ހުށަހެޅި ފަރާތުގެ ނުކުތާތައް

3މައްސަލަ ހުށަހެޅި ފަރާތްތަކުން ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަންވާނީ އެ މާއްދާގެ (ށ) ގައި ލިސްޓުކޮށްފައިވާ މާއްދާތަކަށް ގެންނަ ބަދަލަކާމެދު ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ބެލުމަށް ކަމަށެވެ. ނަމަވެސް 2026 އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ކަނޑައެޅިފައިވާ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ސުވާލު ފަރުމާކޮށްފައި އޮތީ ޤާނޫނުއަސާސީއަށް ގެނެވޭ ޙަޤީޤީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ކަމަށެވެ. އަދި އެއީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. މި ނުކުތާގެ ތަފްސީލުގައި އެފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

3.1 ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ އެއްވެސް މާއްދާއަކަށް ގެންނަ އިޞްލާޙެއް ތަޞްދީޤު ކުރަންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްކަން ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއިން ސާފުވާކަން؛

3.2 [ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ] ބިލުގެ 4 ވަނަ މާއްދާގެ (ށ) ގައި އޮތް ގޮތުން، މިހާރު 5 އަހަރުގެ ދައުރަކަށް އިންތިޚާބު ކުރެވިފައިވާ މަޖިލީހުގެ ޢުމުރު ހަމަވުމުގެ ކުރިން އެ މަޖިލިސް އުވާލެވޭނެ ކަމާއި، އެ ބިލުގެ 3 ވަނަ މާއްދާއިން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ނ) އަށް ގެންނަ ބަދަލު އޮތް ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭނެ މީލާދީ ތާރީޚެއް ވެސް ކަނޑައަޅައި ބަޔާންކުރާ ކަމާއި، އަދި އެ ބިލުގެ 1 ވަނަ މާއްދާއިން ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގެ (ނ) އަށް ގެންނަ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ ރިޔާސީ އިންތިޚާބާ އެކުގައި ކަމަށް ބަޔާންކޮށްފައިވާކަން؛

3.3 ބަޔާންކުރެވުނު ބަދަލުތައް އެގޮތަށް ހުރިނަމަވެސް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޤަރާރުގައްޔާއި، އިލެކްޝަންސް ކޮމިޝަނުން ޢާންމު ކޮށްފައިވާ އިޢުލާނުގައި އިންތިޚާބުގައި ކުރާ ސުވާލަކީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ [ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިހެން އޮތުމުން އެ ބިލުން ގެންނަ ބަދަލުކަމަށް ރައްޔިތުންނަށް ދެކަމެއް ދައްކުވައިދޭ ކަމާއި، އެއީ؛ (1) ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާކަމާއި، (2) އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުސޫލު ބަޔާންކުރާ ކަން؛

3.4 ބުނެވުނު ސުވާލު ފަރުމާކޮށްފައިވަނީ ބިލުން ގެންނަ ޙަޤީޤީ ބަދަލުތައް ރައްޔިތުންނަށް އޮޅޭ ގޮތަށް އަދި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ވެސް ޚިލާފަށް ކަމަށާއި، އެ މާއްދާ އޮތްގޮތުން ރައްޔިތުންނާ ސުވާލުކުރަންވާނީ ބިލު ތަޞްދީޤުކުރުމަށް ފެނޭތޯ ނޫން ކަމާއި، އެއާ ޚިލާފަށް ސުވާލުކުރަންވާނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ ކަން؛

3.5 ބިލު އޮތްގޮތަށް ތަޞްދީޤު ކުރުމާމެދު ފެންނަ ގޮތަކީ ކޮބައިތޯ ބެލުމާއި، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލަކަށް ރައްޔިތުން ރުހޭތޯ ބެލުމާ އެއީ މުޅިން ވަކި ދެ ކަމެއް ކަން؛

3.6 މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލާކަންވެސް ރައްޔިތުންނަށް ވަންހަނާވާ ގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ސުވާލެއް ނޫންކަން؛

3.7 އެހެންކަމުން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބެލުމުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވާ، ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަން؛

ދައުލަތުގެ ފަރާތުން ދެކޭގޮތް

4ހުށަހެޅިފައިވާ މައްސަލައިގެ ޖަވާބުގައި ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ (އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް) ފަރާތުން މައިގަނޑު ގޮތެއްގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

4.1 ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ޢިބާރާތުގައި "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރަންވާނީ" މިފަދައިން އޮތުމުންނާއި، "ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލުވީއެވެ." މިފަދައިން އޮތުމުން ޤާނޫނުއަސާސީގެ އެ މާއްދާގައި ބަޔާންކުރާ މާއްދާއަކަށް އިޞްލާޙު ގެނައުމަށް ހިމަނައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަޞްދީޤު ކުރަންވާނީ މުޅި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހައިގެންކަމަށް ދޭހަވާތީ، އިޞްލާޙާމެދު ފެންނަ ނުފެންނަ ވޯޓަކަށް އަހަންވާނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ލިސްޓްކޮށްފައިވާ ވަކި މާއްދާއަކަށް ކަމަށް، މައްސަލަ ހުށަހެޅި ފަރާތުން އުފެއްދި ބަހުސަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ނުރަނގަޅު މާނަކުރުމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ހިމަނާފައިވާ ސުވާލުގައި މުޅި ބިލު ތަޞްދީޤު ކުރުމަށް ފެނޭތޯ އެހުމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނޫންކަން؛

4.2 ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަކީ، ސުވާލުގެ ޢިބާރާތް އޮންނަންވީގޮތް ނުވަތަ ސުވާލު ފަރުމާކޮށް ރައްޔިތުންގެ ކުރިމައްޗަށް ވޯޓަށް ހުށަހެޅުމަށް އޮންނަ އިޖުރާއަތު ނުވަތަ އުޞޫލު ބަޔާންކުރާ މާއްދާއެއް ނޫންކަން؛

4.3 ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގައި ކަމާއި، ޤާނޫނުއަސާސީގެ 79 ވަނަ މާއްދާއަށް އިޞްލާޙެއް ގެންނަ ޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރަންޖެހޭ ގޮތާއި، ޤަރާރުގައި ހިމަނަންޖެހޭ ކަންކަން، ބުނެވުނު ޤާނޫނުގެ 7 ވަނަ މާއްދާ އާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން؛

4.4 ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ރައްޔިތުން އެއްބަސްވޭތޯ ސުވާލުކުރުމަކީ، މުޅި އިޞްލާޙުގެ ތެރެއިން އެންމެ ނަތީޖާއެއް ވަކިކޮށްގެން ކުރެވޭ ސުވާލަކަށް ވާތީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން މިއީ ކުރެވޭނެ ސުވާލެއް ނޫންކަމާއި، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ހިމެނޭ އިޞްލާޙުތައް ޤާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ލާޒިމު ކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ހިމަނާފައިވާ ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ފަރުމާކޮށްފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން؛ މިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދެކޭގޮތް

5ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މައިގަނޑު ގޮތެއްގައި އަންނަނިވި ކަންކަން ފާހަގަކޮށްފައި ވެއެވެ.

5.1 ހުށަހެޅިފައިވާ މައްސަލައިގެ އަޞްލު ބިނާވެފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ނެރެފައިވާ ޤަރާރުގެ މައްޗަށް ކަމަށްވާތީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް އެދުނު ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ސުވާލަށް ބަދަލު ގެނައުމަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ އިޚްތިޔާރެއްކަމަށް ނުވާތީ، މިމައްސަލައިގެ ޚަޞްމެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ހިމެނުމުގެ ޤާނޫނީ ހަމައެއް ނެތްކަމަށްބުނެ، އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެކަން ފާހަގަކޮށްފައިވެއެވެ. އަދި ހުށަހެޅިފައިވާ މައްސަލައާމެދު މައުޟޫޢީ ގޮތުން އަންނަނިވި ކަންކަން އެކޮމިޝަނުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

5.2 ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި، އެ ޤާނޫނުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގައިވާ ގޮތުގެ މަތިން ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްދިނުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނަށްކަން؛

5.3 ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގައި ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްޓަކައި އެ ޤާނޫނުގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމެއް ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި އެފަރާތުން ހުށަހަޅާ ސުވާލުގެ ފުރިހަމަ ޢިބާރާތް، އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާކަން؛

5.4 ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޤަރާރު، 2026 ފެބްރުވަރީ 16 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމާ ގުޅިގެން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ޚިޔާލު ހޯދުމަށް އެދި ހުށަހަޅާފައިވާ ސުވާލު އިލެކްޝަންސް ކޮމިޝަން އިން 2026 ފެބްރުވަރީ 17 ވަނަ ދުވަހު ޢާންމުކޮށް އިޢުލާނު ކޮށްފައިވާކަން؛ އަދި

5.5 ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސުވާލު ޢާންމުކޮށް އިޢުލާނު ކޮށްފައި ވަނީ ސުވާލުގެ ޢިބާރާތަށް ބަދަލެއް ނުގެނެސް، ސުވާލު ހުށަހަޅާފައިވާ ފުރިހަމަ ޢިބާރާތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު އާ އެއްގޮތަށްކަން؛ މިއެވެ.

އިޖުރާއީ އިޢުތިރާޟް

6މި މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ހިމެނުމުގެ ޤާނޫނީ ހަމައެއް ނެތްކަމަށް ބުނެ އެ ކޮމިޝަންގެ ފަރާތުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އަދި އެކޮމިޝަނުގެ ފަރާތުން މައުޟޫޢީ ގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އެކަންތައްތަކަކީވެސް އެ ކޮމިޝަނުން ފާހަގަކުރި އިޖުރާއީ އިޢުތިރާޟުގެ ދިފާޢުގައި ފާހަގަކޮށްފައިވާ ކަންތައްތަކެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެހެނީ ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢު ބިނާވެފައި އޮތީ ހަވާލާ ދެވިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ހިމަނާފައިވާ ސުވާލުގެ ޞައްޙަ ކަމާމެދު މައްސަލަ ހުށަހެޅި ފަރާތުން އުފައްދާ ބަހުސުގެ މައްޗަށެވެ. ނަމަވެސް އެ ބަހުސާ ގުޅިގެން އެ ކޮމިޝަނުގެ ފަރާތުން މައުޟޫޢީ ނުކުތާއެއް ފާހަގަކޮށްފައެއް ނުވެއެވެ. އެހެންކަމުން މި މައްސަލައިގެ މައުޟޫޢާ މެދު ބަހުސް ކުރުމުގެ ކުރިން، މި މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ހިމެނުމާމެދު ގޮތެއް ކަނޑައަޅަންޖެހޭކަމަށް އަހުރެން ދެކެމެވެ. އެގޮތުން،

7HN1ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާ ގޮތަށް ބަލައިލުން މުހިންމުކަމުގައި ދެކެމެވެ. އެ މާއްދާގެ (ހ) އަށް ބަލާއިރު، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ރާވައި، ހިންގައި، ބަލަހައްޓައި އަދި އެ ކަންކަމަށް މަގުފަހިކުރުމުގެ އެންމެހައި ދުސްތޫރީ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނާކަން އެނގެއެވެ. ހަމައެހެންމެ، ވޯޓުލުމުގެ ކަންކަން ހިނގަނީ އިންޞާފުވެރިކަމާއި މިނިވަންކަމާއެކު، ބިރުދެއްކުމާއި ނުރަނގަޅު ނުފޫޒާއި ކޮރަޕްޝަނުން އެއްކިބާވެފައިވާ މާޙައުލެއްގައިކަން ކަށަވަރުކުރުމުގެ ބާރާއި އިޚްތިޞާޞް ލިބިގެންވަނީވެސް ހަމަ އެ ކޮމިޝަނަށެވެ. އަދި ވޯޓު ނެގުމުގެ މަރުޙަލާގެ އެންމެހައި އިޖުރާއީ އަދި ޢަމަލީ ފިޔަވަޅުތައް ތަރުތީބުވެގެން އަންނަނީ އެ ކޮމިޝަނުގެ ނިންމުންތަކުގެ މައްޗަށް ބިނާވެގެންނެވެ. އަދި މިހުރިހާ މަސްއޫލިއްޔަތުތަކާއި ބާރުތައް އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުކުރުމަށްޓަކައި އެމާއްދާގެ ދެންހުރި އަކުރުތަކުން އިތުރު ޒިންމާތަކެއް އެކޮމިޝަނުގެ މައްޗަށް ދުސްތޫރީގޮތުން ލާޒިމު ކޮށްފައި ވެއެވެ.

8ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ސުވާލު އިޢުލާނު ކުރުމާއި، އެކަން އިންތިޒާމުކޮށް ހިންގުމާއި، މުޅި އިންތިޚާބީ މަރުޙަލާގެ ސައްޙަކަން ކަށަވަރުކަމާއެކު ކަނޑައަޅައި، ނަތީޖާ އިޢުލާނުކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތު ތަކަކީ، އެފަދަ އިންތިޚާބަކަށް ޙަޤީޤީ ޤާނޫނީ ސިފަ ގެނައުމަށްޓަކައި ބޭނުންވާ މައިގަނޑު އަސާސެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސުވާލު ފަރުމާކުރުމުގެ މަސްއޫލިއްޔަތަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމުގައި ނުވިނަމަވެސް، އެ ސުވާލާ ގުޅޭގޮތުން އެ ކޮމިޝަނުން އިޖުރާއީ ފިޔަވަޅުތަކެއް އަޅައި، އެ ސުވާލު ތަންފީޛީ މަރުޙަލާއަށް ގެންގޮސް، އެ ސުވާލަށް ޢަމަލީ ސިފަ ގެނައުމަކީ، އެ ކޮމިޝަނުގެ ދުސްތޫރީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ، އަދި ޚިޔާލު ހޯދުމުގެ ވޯޓުގެ މަރުޙަލާއާ ވަކިނުކުރެވޭނެ ދުސްތޫރީ ގާތް ގުޅުމެއް އޮތް ކަންތައްތަކެއް ކަން ސާފުކޮށް އެނގެއެވެ.

9މައްސަލަ ހުށަހެޅި ފަރާތުން މައިގަނޑު ގޮތެއްގައި އުފައްދާ ސުވާލަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ހިމެނޭ ސުވާލުގެ ދުސްތޫރީ އަދި ޤާނޫނީ ޞައްޙަކަމާ މެދުގައެވެ. އެހެންކަމުން މި މައްސަލައިގައި ކޯޓުން ކަނޑައަޅާ ކަނޑައެޅުމެއް ނުވަތަ ނެރޭ އަމުރެއްގެ ޤާނޫނީ ނަތީޖާ ސީދާގޮތުން ގުޅިފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތާ އެވެ. އިލެކްޝަންސް ކޮމިޝަނަކީ ހަމައެކަނި ތަންފީޒީ ގޮތުން މެދުވެރިއެއްގެ ދައުރު އަދާކުރާ އިދާރާއެއް ނޫނެވެ.

10އެހެންކަމުން ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާތަކާ ދެމެދު އުފެދިފައިވާ ސީދާ އަދި ލާޒިމީ ގުޅުމަށް ރިޢާޔަތް ކުރާއިރު، މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި އެ ކޮމިޝަން ހިމެނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި އަހުރެނަށް ފެނެއެވެ.

އިޚްތިޞާޞް

11މި މައްސަލައަކީ، ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާ ޤައުމުގެ ޢާންމު މަސްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ. އެގޮތުން އެފަރާތުން 3 (ތިނެއް) ސަބަބު ފާހަގަކޮށްފައި ވެއެވެ. އެއީ؛

11.1- ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ދިވެހިރާއްޖޭގެ އިންތިޚާބީ އޮނިގަނޑު ދާއިމަށް ބަދަލުކޮށްލާނޭ އިޞްލާޙެކެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގައި އިންތިޚާބުތައް ބާއްވާ ގޮތަށާއި، ސިޔާސީ ޕާޓީގެ އިންތިޒާމުތަކަށް ވެސް ބަދަލު އަންނައިރު، މިފަދަ ކޮންމެ ބަދަލެއްގެ އަސަރު ރައްދުވަނީ ދިވެހި ރައްޔިތުންނަށްކަން؛

11.2- ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ 4 ވަނަ މާއްދާއިން، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރެއެވެ. މިއީ ރައްޔިތުން އިންތިޚާބުކޮށްފައިތިބި މަންދޫބުން، އެ ރައްޔިތުން ތަމްސީލުކުރާ މުއްދަތަށް ގެނެވޭ ބަދަލަކަށްވާތީ، މިއީ ޤައުމުގެ ހުރިހައި ރައްޔިތުންނާ ގުޅުންހުރި މައްސަލައެއްކަން؛ އަދި

11.3- ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް ރިޢާޔަތްކުރެވިގެން ނޫންގޮތަކަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނަގައިފިނަމަ، އެކަމަކީ އޭގެ ސަބަބުން އުފެދިގެން ހިނގައިދާނޭ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ޢާންމު ހަމަޖެހުމަށް އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެކެވެ. މިސަބަބަށްޓަކައި، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަޞްލީ އިޚުތިޞާޞް އޮތް ދުސްތޫރީ މައްސަލައެއްކަން؛ މިއެވެ.

12ވީމާ، މި މައްސަލައިގެ މައުޟޫޢާ މެދު ގޮތެއް ކަނޑައެޅުމުގެކުރިން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާ ޤައުމުގެ ޢާންމު މަޞްލަޙަތު ހިމެނޭ ދުސްތޫރީ މައްސަލައަށް ފެތޭ މައްސަލައެއްތޯ ބަލާލާނަމެވެ.

13HN2ޤާނޫނުއަސާސީ އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި "ޢާންމު މަޞްލަޙަތު" މި ލަފުޒު އެކި މާއްދާތަކުގައި ބޭނުންކޮށްފައި ވީނަމަވެސް، މި ލަފުޒުގެ ސާފު ސީދާ މާނަކުރުމެއް ޤާނޫނުއަސާސީ އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ބައެއް ޤަޟިއްޔާތަކުގައި "ޢާންމު މަޞްލަޙަތު" ތަފްޞީލީ ގޮތުން މާނަކޮށްފައި ނުވިނަމަވެސް މި މައުޟޫޢުގައި މީގެ ކުރިން ބަޙުޘްކުރެވި ނިންމުންތަކެއް ނިންމާފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޝާހް ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް) [2019/SC-C/89] ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ

"ބައެއް ފަރާތްތަކުން އާންމު މަސްލަހަތު މާނަކޮށްފައިވަނީ އެއީ ރައްޔިތު އެންމެންގެ މަންފާ ހިމެނޭ ކަންކަމާއި ރައްޔިތު އެންމެންގެ ހިއްސާ އެކުލެވޭ ކަންކަމުގެ ތެރެއިން ދައުލަތުން ހިމާޔަތްދީ ރައްކާތެރިކޮށްދޭންޖެހޭ ކަންކަންކަމުގެ ގޮތުގައެވެ. އެހެން ބައެއް ފަރާތްތަކުން އާންމު މަސްލަހަތު މާނަކޮށްފައިވަނީ އެކަމަކީ މުޅި ޖަމާއަތަށް އެންމެ ރަނގަޅު އެންމެ ލާބަ ހުރި ގޮތް ކަމުގައެވެ. މި މާނަކުރުން ތަކަށް ބަލާއިރު އެނގެން އޮތް ކަމަކީ އާންމު މަސްލަހަތު، މި މަފްހޫމަކީ ޣައިރުމައުލޫއީ މަފްހޫމެއް ކަމެވެ. ގާނޫނު ހަދާފަރާތުން، ގާނޫނެއްގައި މި މަފްހޫމު ބޭނުންކޮށްފައިވާ ނަމަ، އޭގެ ނަތީޖާއަކީ ސަރުކާރު ހިންގާ ފަރާތަށާއި ޝަރުއީ ކޯޓުތަކަށް އެ މަފްހޫމު މާނަކުރުމުގެ އިޚްތިޔާރު ހުޅުވިގެން ދިއުމެވެ." މިފަދައިންނެވެ.

14އަދި ހަމަ ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވުނު [2019/SC-C/89] ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ

"ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ވަކި ބާވަތްތަކެއްގެ ދުސްތޫރީ މައްސަލަތަކެއް ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއް ސަބަބަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ ދުސްތޫރީ ގޮތުން ޙައްސާސީ މައްސަލަތަކުގައި އަވަސް ޙައްލެއް ހޯދުމެވެ. އިތުރު މަރުޙަލާއެއްގައި އެ މައްސަލަ ހިނގައި ދިއުމުން ވަގުތު ފާއިތުވެ ލަސްވެ ހިނގައްޖެ ނަމަ އެކަމުން ނިކުމެދާނެ ނޭދެވޭ ނަތީޖާތަކުން އެއްކިބާވުމެވެ." މިފަދައިންނެވެ.

އަދި މި އުޞޫލު ސުޕްރީމް ކޯޓުގެ ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދިވެހި ދައުލަތް) ޤަޟިއްޔާ [2019/SC-C/37] ޤަޟިއްޔާގައި ދަމަހައްޓާފައިވެއެވެ.

15މި މައްސަލަ މި ކޯޓަށް ހުށަހެޅިފައިވަނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚު ގާތްވެ، އެކަމުގެ ޢަމަލީ ތައްޔާރީތައް ބާރުދުވެލީގައި ކުރިއަށްދާ ދަނޑިވަޅެއް ކަމަށްވެފައި، މިމައްސަލައިގެ ޠަބީޢަތަށް ބަލައި މި މައްސަލައަކީ އަވަސް މިނެއްގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ފެނެއެވެ.

16އެހެންކަމުން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް މައްސަލަ ބެލުމުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވާ، ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ މައްސަލައެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލު

17މި މައްސަލައިގައި ޚަޞްމުންގެ ފަރާތުން ހުށަހެޅި މައުޟޫޢީ ހުށަހެޅުންތަކަށް ބަލާއިރު މިކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ؛ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެނެވުނު 8 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤު ކުރުމުގެ އިޖުރާއާތުގެ ތެރެއިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޤަރާރުގެ ޖަދުވަލު 2 ގައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ފަރުމާކޮށްފައިވާ ސުވާލު ކަމުގައިވާ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ [ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލަކީ، ޤާނޫނުއަސާސީ އާ ޚިލާފަށް ފަރުމާކޮށްފައިވާ ސުވާލެއްތޯ، ނުވަތަ ނޫންތޯ، ކަނޑައެޅުމެވެ.

18މި ސުވާލު ފަރުމާކޮށްފައިވާ ގޮތުން، އެ ބިލުން ގެންނަ ބަދަލުގެ ގޮތުގައި ދެކަމެއް ރައްޔިތުންނަށް ދައްކުވައިދޭ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކުރެއެވެ. އެއީ،

(1) ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާކަން؛

(2) އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުސޫލު ބަޔާންކުރާކަން؛ މިއެވެ.

ހަމައެއާއެކު މި ސުވާލަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށް، މައްސަލަ ހުށަހެޅި ފަރާތުން ބުނާ ސަބަބަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ، އެސުވާލުގައި އަހާފައި ނުވާތީ ކަމަށް އެ ފަރާތުން ބުނެއެވެ.

19މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފު ސުވާލެއްކަމަށް ބަޔާންކޮށް، މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރި ސަބަބުތަކަށާއި ދައުލަތުގެ ދިފާޢުތަކަށް ރިޢާޔަތްކުރާއިރު، އަންނަނިވި ކަންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

20ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމުގެ އިޚްތިޔާރު ލިބިގެންވާ ޙާލަތްތަކާއި، ލާޒިމުވާ ޙާލަތްތަކާއި، އެފަދަ ޙާލަތްތަކުގައި ޢަމަލުކުރަންޖެހޭ އިޖުރާއީ އުޞޫލުތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވިކަމުގައި ވިޔަސް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު ގައި އެ ދެ ޙާލަތާއި ގުޅޭ އިޖުރާއީ އުޞޫލުތައް ބަޔާންވެގެން ވެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ އިޚްތިޔާރު ލިބިގެންވާ ޙާލަތްތައް ބަޔާންވެގެންވަނީ އެ ޤާނޫނުގެ 4 ވަނަ މާއްދާގައެވެ. އެ މާއްދާގެ؛

(ހ) ގައި "ޤައުމީ މުހިންމު މައްސަލައެއް ނިންމުމުގައި، އެކަމަކީ ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންކަމުގައި، ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް މި ޤާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެއެވެ." އަދި،

(ށ) ގައި "ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކާ ގުޅުންހުރި ނުވަތަ ވަކި ސަރަޙައްދަކަށް ނިސްބަތްވާ ރައްޔިތުންނާ ގުޅުންހުރި މުހިންމު މައްސަލައެއް ނިންމުމުގައި، އެކަމަކީ ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންކަމުގައި، އެ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް މި ޤާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

21ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ޙާލަތްތައް ބަޔާންވެގެންވަނީ އެ ޤާނޫނުގެ 5 ވަނަ މާއްދާގައެވެ. އެގޮތުން އެ މާއްދާގެ؛

(ހ) ގައި، " ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް، ނުވަތަ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ)، ނުވަތަ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ، ނުވަތަ ޤާނޫނުއަސާސީގެ 108 ވަނަ މާއްދާ، ނުވަތަ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)، ނުވަތަ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ޙާލަތުގައި، އެ ބިލު ތަޞްދީޤުކުރުމުގެ ކުރިން، އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި، މިޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައި ވެއެވެ.

22HN3ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އަށް އިޚްތިޔާރު ލިބިގެންވާ ޙާލަތްތަކުގައާއި ލާޒިމުވާ ޙާލަތްތަކުގައި އެކަން ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ޤަރާރަކުން ކަމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާއިރު، މި މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގައި، އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިދީފައި ވާކަން، މި މާއްދާގެ (ނ) އަށް ބެލުމުން ސާފުކޮން އެނގެން އޮވެއެވެ.

23ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގައި ހިމެނުން ލާޒިމުކަންކަން ބަޔާންކޮށްފައިވަނީ ބަޔާން ކުރެވުނު ޤާނޫނުގެ 8 ވަނަ މާއްދާގައެވެ. އެގޮތުން އެ މާއްދާގެ؛

(ހ) ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ ޢިބާރާތް؛

(ށ) އެ މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު؛

(ނ) ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު؛ މިފަދައިން ބަޔާންކުރެއެވެ.

24ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ތަޞްދީޤުކުރުމާ ގުޅޭ މާއްދާއެވެ. އެ މާއްދާގެ؛

(ހ) ގައި، " ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤު ކުރުމުންނެވެ." އަދި އެ މާއްދާގެ،

(ށ) ގައި، "މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް، މި ޤާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ. އެ އިޞްލާޙެއް ގެނައުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލްވީއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

25HN4ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ހުށަހަޅާ ސުވާލު، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ޚިލާފު ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނާ ސަބަބަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ، އެސުވާލުގައި އަހާފައި ނުވާތީ އެވެ. ނަމަވެސް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެއްގައި، ރައްޔިތުންނާ ކުރެވޭ ސުވާލު ފަރުމާކުރުމާ ގުޅޭ ތަފުސީލީ އިޖުރާއާތު، އަދި އެފަދަ އެއްވެސް ކަމެއް ބަޔާންކުރާ މާއްދާއެއް ނޫނެވެ.

26ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިޚްތިޔާރު ލިބިފައިވާ ޙާލަތްތަކުގައާއި ލާޒިމުވާ ޙާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރަންވީގޮތް ބަޔާންކޮށްފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައެވެ. އެގޮތުން އެ މާއްދާގެ (ނ) ގައި، "މި މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގައި، އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެ އެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމުން، ޚިޔާލު ހޯދުމަށް ހުށަހަޅާ ސުވާލުގައި، ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ފާސްކޮށްފައިވާ ބިލުގައި ހިމެނޭ އެއްކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭގޮތަށް ސުވާލު ފަރުމާ ކުރުމަކީ، މަތީގައި ބަޔާންކުރެވުނު ޤާނޫނީ ނައްޞު ހުއްދަ ކޮށްފައިވާ ކަމެއްކަން އެނގެއެވެ.

27ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ލާޒިމުކުރި ކަމުގައިވިޔަސް، އެ ވޯޓެއްގައި ހިމަނަންޖެހޭ ސުވާލު ބައްޓަންކުރާނެ ވަކި ޚާއްޞަ އިޖުރާއާތެއް ނުވަތަ އުޞޫލެއް ޤާނޫނުއަސާސީގެ ނައްޞުން ފެންނާކަށް ނެތެވެ. މީގެއިތުރުން، ވޯޓަށް ހުށަހެޅޭ ސުވާލުގައި، އެ އިޞްލާޙަކާ ގުޅުންހުރި ތަފްޞީލީ ބަޔާންތަކާއި އިތުރު މަޢުލޫމާތު ހިމެނުން މަނާކުރާ ޞަރީޙަ ނައްޞެއްވެސް ނެތެވެ. ކަމެއް މަނާކުރާ ޞަރީޙަ ނައްޞެއް ނެތް ޙާލަތްތަކުގައި، ޤާނޫނުއަސާސީ މާނަކުރަންވާނީ އޭގެ ލަފުޒީ މާނައިގެ ހަނި ދާއިރާއަށްވުރެ ފުޅާކޮށް، އޭގެ މަޤްޞަދަށާއި ޢަމަލީ ނަތީޖާއަށް ރިޢާޔަތްކޮށްގެން ކަމުގައި އަހުރެން ދެކެމެވެ.

28HN5ޤާނޫނުއަސާސީ އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށާއި އެ ބިލުގެ ބަހުސް ގައި ކޮމެޓީ މަރުޙަލާގައާއި މަޖިލީހުގެ ތަޅުމުގައި މެންބަރުން ކޮށްފައިވާ ބަހުސަށް ބަލާއިރު، އެ ބިލު ފަރުމާކޮށް ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ވަގުތެއްގައި ބޭއްވުންކަމާއި، އެ ބިލުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ މުއްދަތުން ބައެއް އުނިކުރުން ނޫންކަން ސާފުކޮށް އެނގެއެވެ. އަދި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބައެއް އުނިވެގެންދަނީ، އެ ބިލުގެ މައިގަނޑު މަޤްޞަދު ޙާޞިލުކުރެވެން އަންނަނީ، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބައެއް އުނިކޮށްގެން ކަމުގައި ވާތީއެވެ. އަދި އެފަދައިން އެމުއްދަތު ކުރުކުރުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ މެންބަރުންގެ ތަނަވަސް އަޣްލަބިއްޔަތުންނެވެ.

29HN7ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް އަދި އަސްޢަދު ޝަރީފު ވ. ޔައުޤޫބު ޢަބްދުﷲ ޤަޟިއްޔާގައި

"ގާނޫނުއަސާސީގެ މާއްދާއެއް ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ރުޖޫއަވާންޖެހޭނީ އެ މާއްދާގައިވާ އިބާރާތަށެވެ. އެ އިބާރާތެއް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް މާނަކުރެވޭނަމަ، ނުވަތަ އެއިބާރާތެއްގައި ބުނާއެއްޗެއް އޮޅުން އަރާނަމަ އެ މާއްދާއެއްގެ ނުވަތަ އެ އިބާރާތެއްގެ މާނަ ދެނެގަންނަން އެންމެ ރަނގަޅު މަގަކީ ގާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަގްސަދަށް ރުޖޫއަވުމެވެ. ގާނޫނުއަސާސީ މާނަކުރުމުގައި ގާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަގްސަދަށް ފަނޑިޔާރު ރިއާޔަތްކުރި ނަމަވެސް އެއީ ގާނޫނުއަސާސީ ގެ މާއްދާއެއް މާނަކުރުމުގައި ރިއާޔަތްކުރަންޖެހޭ ހަމައެކަނި ވަސީލަތްކަމަށް ބެލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ބައެއް ފަހަރު ނުވެ ހިނގައިދާނެ އެވެ. އޭގެ އިތުރުން، ގާނޫނުތައް މާނަކުރުމަށްޓަކައި އާއްމުކޮށް ބޭނުންކުރާ ހަމަތަކަށްވެސް ރިއާޔަތްކުރަން ވާނެއެވެ. ގާނޫނުއަސާސީ މާނަކުރުމުގައި، ގާނޫނުއަސާސީގެ ސިޔާދަތު ދަމަހައްޓައި، ގާނޫނުއަސާސީގެ މައިގަނޑު އެއް ސިފަކަމުގައިވާ ވެރިކަމުގެ ބާރުތައް ވަކިވެފައި އޮންނަ އޮތުން ދެމެހެއްޓުމަށާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމަށް ފަނޑިޔާރުން އިސްކަން ދޭންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

29HN7ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރުމުގެ ކުރިން ޢަމަލުކުރުން ލާޒިމް އުޞޫލެކެވެ. އެ އުޞޫލަކީ އެ މާއްދާގައި ބަޔާންވެފައިވާ ވަކި މާއްދާތަކަކަށް އިޞްލާޙު ގެނައުމަށް ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުގެ ކުރިން ޢާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެ ބިލަކަށް ރުހުން ހޯދުމެވެ. މި މާއްދާ އޮތްގޮތުން، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ފާސްކުރާ ބިލެއްގައި، މި މާއްދާ ގައި ލިސްޓްކޮށްފައިވާ ވަކި މާއްދާއެއް ނުވަތަ މާއްދާތަކެއް ހިމެނޭނަމަ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާ ކުރާ ސުވާލުގައި ހިމަނަންވާނީ، ހަމައެކަނި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މާއްދާއެއް އެކަނިކަން ނުވަތަ ނޫންކަން ބުނެވުނު މާއްދާގައި ބަޔާންކޮށްފައި ނެތެވެ.

30ހުށަހެޅިފައިވާ މައްސަލައިގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ހުށަހެޅޭ ސުވާލުގެ ދުސްތޫރީ ޞައްޙަކަން ވަޒަންކުރަންވާނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އަސާސްތަކާއި، ގެނެވޭ އިޞްލާޙުގެ މައުޟޫޢީ ބަހާތަކާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމުގައި ދެކެމެވެ. ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙަކުން އުފަންކުރުވާ ޢަމަލީ ނަތީޖާއަކީ، އެ އިޞްލާޙެއްގެ މައުޟޫޢާ ވަކި ނުކުރެވޭނެ ލާޒިމީ ނަތީޖާ އެކެވެ.

31ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކީގައި ބޭއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ބަޔާންކުރުމުގެ އުޞޫލު، ޙަވާލާ ދެވުނު ޤަރާރުގައި ބަޔާންކޮށްފައިވާކަން މައްސަލަ ހުށަހެޅި ފަރާތުންވެސް ޤަބޫލުކުރެއެވެ. އެހެންކަމުން އޭގެ ސަބަބުން ނުކުންނަ ނަތީޖާ ކަމުގައިވާ، މިހާރު އޮތް މަޖިލީހުގެ ދައުރުން ބައެއް އުނިވެގެން ދާނެކަމީ، އެ ބަދަލުގެ ތެރެއިން އަންނާނެ ޔަޤީނީ ނަތީޖާއެކެވެ.

32HN6ރައްޔިތުންގެ މަޖިލީހުގެ ދައުރު ބަޔާންކުރާ މާއްދާއަށް ގެނެވޭ ބަދަލަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ގެނެވޭ ބަދަލުގެ ނަތީޖާ ކަމުގައިވާތީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުން ފަދަ އިޖުރާއީ ބަދަލުތައް ބިލުގައި ސަރީޙަކޮށް ހިމެނިފައިވާއިރު، އެ ދެ ކަމާ ގުޅޭގޮތުން ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ނުލިބޭގޮތަށް، ސުވާލު ފަރުމާކޮށް އެކަން ހަނިކުރުމަކީ، ޤާނޫނުއަސާސީން ކަނޑައަޅާފައި ނުވާ އިތުރު ހުރަހެއް ދުސްތޫރީ ނިޒާމުގެ ތެރެއަށް ތަޢާރަފު ކުރުމެވެ.

33އެހެންކަމުން ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ޢިބާރާތުގައި "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރަންވާނީ" މިފަދައިން އޮތުމުންނާއި "ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލުވީއެވެ." މިފަދައިން އޮތުމުން ޤާނޫނުއަސާސީގެ އެ މާއްދާގައި ބަޔާންކުރާ މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އިޞްލާޙު ގެނައުމަށް ހިމަނައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް ތަޞްދީޤުކުރަންވާނީ މުޅި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އަހައި، އެ ސުވާލަށް ރައްޔިތުންގެ އަޣުލަބިއްޔަތުން "އާއެކެވެ" ބުނާ ޙާލަތުގައި އެކަނި ކަމުގައިވާތީ، މުޅި ބިލް ތަޞްދީޤު ކުރަން ފެނޭތޯ ސުވާލުކުރުމަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ކުރެވޭ ސުވާލެއްކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް އަހުރެންނަކަށް ނުފެނުނެވެ.

ނިންމަން ފެންނަގޮތް

34އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން،

1. ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ހިމެނޭ އިޞްލާޙުތައް ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށްޓަކައި، ޤާނޫނު ނަންބަރު 15/2025 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގައިވާ ހަމަތަކުގެމަތިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/2 ޤަރާރުގައި ހިމަނާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފު ސުވާލެއްކަމަށް ކަނޑައަޅާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި،

2. 4 އެޕްރީލް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ބާއްވައިގެން ނުވާނެކަމަށް ކަނޑައަޅާނެ ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

35މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

36މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

37މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

38މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ހިމެނޭ އިޞްލާޙުތައް ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށްޓަކައި، ޤާނޫނު ނަންބަރު 15/2025 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/2 ޤަރާރުގައި ހިމަނާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ޚިލާފު ސުވާލެއްކަމަށް ކަނޑައަޅާނެ ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅައި، 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ބާއްވައިގެން ނުވާނެކަމަށް ކަނޑައަޅާނެ ޤާނޫނީ އަސާސެއް ނެތްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިން

ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)

މުޙައްމަދު އިބްރާހީމް

ޙުސައިން ޝަހީދު

ޢަބްދުﷲ ޙަމީދު

ފުޓްނޯޓު

  1. ޤަރާރުގެ ނަންބަރު 2026/2 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު)
  2. އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2026/121 އިޢުލާން
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A0153867
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A335574
  5. ޤާނޫނު ނަންބަރު 15/2025
  6. އބމ
  7. ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ރ)، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) އާއި 17 ވަނަ މާއްދާގެ (ށ) އަދި 45 ވަނަ މާއްދާގެ (ށ)
  8. [2021] SC 49 ޤަޟިއްޔާ ނިމުނު ގޮތުގެ ޕެރެގްރާފު 16
  9. އބމ ގެ ޝަރީޢަތް ނިމުނުގޮތުގެ 19 ވަނަ ޕެރެގްރާފު
  10. [2021] SC 72 ގެ ޝަރީޢަތް ނިމުނު ގޮތުގެ 74 ވަނަ ޕެރެގްރާފު
  11. ޤާނޫނު ނަންބަރު 22/2010
  12. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78,79 ޤަޟިއްޔާ ގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޕެރެގުރާފު 56
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ