ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވ. އަޙްމަދު ޙަސަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 159/VTR/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރުމަކީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް ކުރި އަންފެއަރ ޑިސްމިސަލް އެއްކަމަށް ކަނޑައަޅައި، 29 (ހ) (1) ގެ ދަށުން އެއް ރޭންކެއްގެ މަޤާމަކަށް ރުޖޫޢަކޮށް، ވަކިކުރި ދުވަހުން ފެށިގެން އުޖޫރަ ނަގައިދިނުމަށް (ކުރިން ދިން 13,569.86 ރ. އުނިކޮށް) ނިންމި.
- ވާޤިޢާ
- 2015 އިން ފެށިގެން ޓެކްނީޝަނެއްގެ ގޮތުގައި ދާއިމީ ވަޒީފާއެއްގައި ހުރި މުވައްޒަފަކު، 55 އަހަރުވުމުން ކުންފުނީގެ ރިޓަޔަރމަންޓް ގަވާއިދުގެ 3 ވަނަ މާއްދާގެ (ވ) ގެ ދަށުން 17 އޭޕްރީލް 2019 ގައި ރިޓަޔަރކޮށް، ނޯޓިސްގެ މުސާރައާއި އިނާޔަތް ދީ ވަޒީފާއިން ވަކިކުރި.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުނީގެ ރިޓަޔަރމަންޓް ގަވާއިދުގެ ދަށުން 55 އަހަރުވި މުވައްޒަފަކު ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅީ ވަޒީފާގެ އެއްބަސްވުމާއި ކުންފުނީގެ މުވައްޒަފުންގެ ގަވާއިދާއި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ ގަވާއިދާއި އެއްބަސްވުމުގެ ދަށުން 55 އަހަރުވުމުން ރިޓަޔަރކުރުމުގެ އިޚްތިޔާރު ލިބޭކަމަށާއި، އެސެސްމެންޓެއް ހަދާ ނޯޓިސް ދީ، ރިޓަޔަރމަންޓް ޕެކޭޖް ދީފައިވާ ކަމަށް. މުވައްޒަފުގެ ފަރާތުން ބުނީ އެސެސްމެންޓަށް ހެއްކެއް ނެތްކަމަށާއި، ބަހެއް ހޯދާފައިނުވާ ކަމަށް.
- ކޯޓުގެ ސަބަބުތައް
- ރިޓަޔަރކުރުމުގެ އިޚްތިޔާރު ލިބިދެނީ ފެންވަރު ބެލުމަށްފަހު ކަމަށް ގަވާއިދުގައި ޝަރުޠުކޮށްފައިވާއިރު، ފެންވަރު ބެލިކަމާއި މެނޭޖްމަންޓުން ނިންމިކަން ލިޔުމުން ނުވަތަ ހެކިން ސާބިތުނުކުރެވޭތީއާއި، އިޞްލާޙީ ފިޔަވަޅެއް އަޅާފައިނުވާތީއާއި، މުވައްޒަފުގެ ބަހެއް ނުނަގާތީ، ޓްރައިބިއުނަލުގެ ނިންމުން ޞައްޙަ ކަމަށް ކަނޑައެޅި.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ އިޚްތިޔާރު ޤާނޫނުގައިވާ ހަމަތަކަށް ގައިދުކުރުމެވެ؛ އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފުން ވަޒީފާއިން ވަކިކުރުން މަނާކުރުމަކީ މި ޤާނޫނުން ދަމަހައްޓާ ހަމައެކެވެ.
HN2 މުވައްޒަފަކު ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެވެ. އެ ސަބަބުތަކުގެ ދޮގުތެދު ސާބިތުކުރަންވާނީ މަދަނީ މައްސަލަތަކުގައި ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުންނެވެ.
HN3 މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މައުޟޫޢީ ޢަދުލުވެރިކަމާއި (އެކަށީގެންވާ ސަބަބެއް އޮތުން) އިޖުރާއީ ޢަދުލުވެރިކަން (ތުހުމަތުގެ މަޢުލޫމާތު ދީ ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން) ޤާއިމުކުރުމަށްފަހުގައެވެ.
HN4 ވަކިކުރުމަކީ ރިޓަޔަރމަންޓް ނުވަތަ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ކުރާ ވަކިކުރުމެއް ކަމުގައިވިޔަސް، އެ ކަން ކުރީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށް، ޤާނޫނާއި ވަޒީފާދޭ ފަރާތުގެ ގަވާއިދުތަކާއި ވަޒީފާގެ އެއްބަސްވުމުން ލިބިދޭ އިޚްތިޔާރުގެ ތެރެއިންތޯ ބަލަންޖެހެއެވެ.
HN5 ގަވާއިދުގައި 55 އަހަރުވި މުވައްޒަފުން ރިޓަޔަރކުރުމުގެ އިޚްތިޔާރު ލިބިދެނީ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކަމަށް ޝަރުޠުކޮށްފައިވާނަމަ، ރިޓަޔަރކުރުމަށް މެނޭޖްމަންޓުން ނިންމިކަމާއި ފެންވަރު ވަޒަންކުރިކަން ލިޔުމުން ނުވަތަ ހެކިން ސާބިތުކުރަންޖެހެއެވެ؛ އެކަން ސާބިތުނުކުރެވޭނަމަ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައެއް ނުވެއެވެ. އަދި އުމުރާއި ޞިއްޙީ ޙާލަތުގެ ސަބަބުން މަސްޢޫލިއްޔަތު އަދާނުކުރެވޭތޯއާއި، ނިންމުމަކީ ހެޔޮނިޔަތުގައި ނިންމި ނިންމުމެއްތޯ ބަލަންޖެހެއެވެ.
HN6 ރިޓަޔަރކުރުމަށް މެނޭޖްމަންޓަށް ފެނުމާއި ފެންވަރު ވަޒަންކުރުން މުވައްޒަފާ ހިއްސާކޮށް، ޖަވާބުދާރީވުމުގެ ފުރުޞަތު ދީ، އެންމެ ކުޑަމިނުން މުވައްޒަފުގެ ބަހެއް ނަގަންވާނެއެވެ؛ އެކަން ނުކޮށް ވަކިކުރުމަކީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް ކުރި ވަކިކުރުމެކެވެ.
HN7 (ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ އިތުރު ނުކުތާ، ފަނޑިޔާރު ޙުސައިން މަޒީދު ތާއީދުކުރައްވާފައި) ކުންފުނީގެ ގަވާއިދުން 55 އަހަރުވުމުން ވަކިކުރުމުގެ އިޚްތިޔާރު ލިބިދޭ ޙާލަތުގައި ބަލަންޖެހެނީ އެ އިޚްތިޔާރު ބޭނުންކޮށްފައިވަނީ ގަވާއިދުގައިވާ އުޞޫލުން ތޯއެވެ: އެކަން ފެންނަންވާނީ ކުންފުންޏަށް ކަމުން ކުންފުނީގެ އިޖުރާއަތާ އެއްގޮތަށް ނިންމި ނިންމުމެއް އޮންނަންވާނެއެވެ؛ އަދި ރިޓަޔަރކުރުމުގެ ބޭނުމަށް ފެންވަރު ބަލާފައި އޮންނަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2021/HC-A/202
އިސްތިއުނާފުކުރި ފަރާތް: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
އިސްތިއުނާފު ރައްދުވި ފަރާތް: އަޙްމަދު ޙަސަން އަތަމާގެ / ނ.މިލަދޫ
މައްސަލައިގެ ބާވަތް:ވަޒީފާއާބެހޭ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު ޙުސައިން މަޒީދު
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 24 ޛުލްހިއްޖާ 1442 04 ޖުލައި 2021 -----------------------------------------------------------------------------------------------------
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 159/VTR/2019
ނިންމި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 14 ޖުލައި 2019 ނިމުނު ތާރީޚް: 09 މާރިޗު 2021
ވަޒީފާއާބެހޭ- މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުން- ވަޒީފާގައި މުސްކުޅިކަމުގައި ކުންފުނީގެ މުވައްޒަފުންގެ ގަވާއިދަށް ޢަމަލުކޮށްފައިވޭތޯ ބެލުން.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރުފު
1ނ. މިލަދޫ އަތަމާގެ އަޙްމަދު ޙަސަން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: (A053175 (މީގެ ފަހުން "އަޙްމަދު ޙަސަން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު: C-0462/2012) (މީގެ ފަހުން "ފެނަކަ ކޯޕަރޭޝަން ލިމިޓެޑް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ކުންފުނި") ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގާ ގަވާއިދު 2015 އާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އަޙްމަދު ޙަސަންގެ ވަޒީފާ ދާއިމީވެފައިވާކަމަށާއި އެ ޤާނޫނުގެ 21 ވަނަ މާއްދާ ނުވަތަ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މެނުވީ އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގެ ބާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އަޙްމަދު ޙަސަންގެ ވަޒީފާ މެދުކެނޑިފައި ނުވާ ކަމަށާއި އަދި އެ ފަރާތަކީ އެއްވެސް އިރެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމަށް ނުބެލުމަށް އަމުރުކޮށްދިނުމަށާއި، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރިކަމަށް ނިންމާފައިވާ ކަމަށް ބުނެފައިވާ ތާރީޚުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަށް ލިބިދިނުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރި ކަމަށް ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އަޙްމަދު ޙަސަންގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް 14 ޖުލައި 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަޙްމަދު ޙަސަންގެ ފަރާތުން މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ޓްރައިބިއުނަލުން ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2019 މައްސަލައިގެ ގޮތުގައެވެ.
2މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2019 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އަޙްމަދު ޙަސަންއެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
326 އޭޕްރީލް 2015 އިން ފެށިގެން އަޙްމަދު ޙަސަން ވަޒީފާއަދާކުރަމުން ދިޔައީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގައެވެ. އެތަނުގެ ނ.މިލަދޫ ބްރާންޗްގެ 'ޓެކްނީޝަން' މަޤާމުގައި އަޙްމަދު ޙަސަން ވަޒީފާ އަދާކުރަމުން ދަނިކޮށް، 17 އެޕްރީލް 2019 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދު 2015ގެ ޗެޕްޓަރ 5 (ރިޓަޔަރމެންޓް ގަވާއިދު) (މީގެ ފަހުން "ރިޓަޔަރމަންޓް ގަވާއިދު") ގެ 3 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތީން ވަޒީފާއިން ރިޓަޔަރ ކުރެވި، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ ބާބުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ މުއްދަތަށްވާ މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމަށްފަހު ވަޒީފާއިން ވަކިކޮށްފައިވެއެވެ.
4އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއާބެހޭ ޤާނޫނު ގައިވާ ގޮތުގެމަތިން އަޙްމަދު ޙަސަންގެ ވަޒީފާ ދާއިމީވެފައި ވާކަމަށާއި އެ ޤާނޫނުގެ 21 ވަނަ މާއްދާ ނުވަތަ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މެނުވީ އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގެ ބާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި ދިނުމަށާއި، އަޙްމަދު ޙަސަންގެ ވަޒީފާ މެދުކެނޑިފައި ނުވާކަމަށާއި އަދި އެ ފަރާތަކީ އެއްވެސް އިރެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމަށް ނުބެލުމަށް އަމުރުކޮށްދިނުމަށާއި، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރިކަމަށް ނިންމާފައިވާ ކަމަށް ބުނެފައިވާ ތާރީޚުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ޤަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރި ކަމަށް ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އަޙްމަދު ޙަސަންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް:
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2019 މައްސަލައަށް ބެލިއިރު އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ،
"ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި މައްސަލަބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އަޙްމަދު ޙަސަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގާ ގަވާއިދު 2015 އާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން އަޙްމަދު ޙަސަންގެ ވަޒީފާ ދާއިމީވެފައި ވާކަމަށާއި އެ ޤާނޫނުގެ 21 ވަނަ މާއްދާ ނުވަތަ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މެނުވީ އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގެ ބާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށާއި، އަޙްމަދު ޙަސަންގެ ވަޒީފާ މެދުކެނޑިފައި ނުވާކަމަށާއި އަދި އެ ފަރާތަކީ އެއްވެސްއިރެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމަށް ނުބެލުމަށް އަމުރުކޮށްދިނުމަށާއި، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރިކަމަށް ނިންމާފައިވާކަމަށް ބުނެފައިވާ ތާރީޚުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަށް ލިބިދިނުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ޤަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރިކަމަށް ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަށް ރައްދުވާ ގޮތަށް 14 ޖުލައި 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި،
އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައިނުވާކަމަށް ކަނޑައަޅައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން އަޙްމަދު ޙަސަން ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު، އަންފެއަރ ޑިސްމިސަން (unfair dismissal) އެއްކަމުގައި ކަނޑައަޅައި
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފަށް ލިބޭ ޤާނޫނީ ޙައްލުތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/555 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، އިސްވެ ފާހަގަ ކުރެވުނު ފަދައިން އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިނުވާތީ، ޤާނޫނު ނަންބަރ 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އަޙްމަދު ޙަސަން އަދާކުރަމުން ދިޔަ މަޤާމާ މުސާރައާއި ޢިނާޔަތުގެ ގޮތުން އެއް ރޭންކެއްގެ މަޤާމަކަށް އެފަރާތް އެނބުރާ ރުޖޫޢަކުރުމަށާއި، އަޙްމަދު ޙަސަންއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި،
އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޓެކްނީޝަނެއްގެ ވަޒީފާގައި އަޙްމަދު ޙަސަން ހުރިނަމަ އެ ފަރާތަށް ޙައްޤުވާނޭ އުޖޫރާ ނަގައިދިނުމަށް ކަނޑައަޅައި، އެހެންނަމަވެސް އަޙްމަދު ޙަސަންއަށް ނުޙައްޤު މަންފާ (unjust enrichment) އެއް ލިބުމުގެ ފުރުޞަތު ނަފީކުރުމުގެ މަޤްޞަދުގައި، އިސްވެ ބަޔާންކުރެވުނު އުޖޫރައަށްވާ ފައިސާގެ ޖުމުލައިގެ ތެރެއިން އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރި އިރު އެފާރަތަށް ދީފައިވާ 13,569/86ރ. (ތޭރަ ހާސް ފަސް ސަތޭކަ ފަސްދޮޅަސް ނުވައެއް ރުފިޔާ އަށްޑިހަ ހައެއް ލާރި) އުނިކުރުމަށް ކަނޑައަޅައި، އިސްވެ ބަޔާންކޮށްފައިވާ އުނިކުރުންތަކަށް ފަހު، އަޙްމަދު ޙަސަންއަށް ޙައްޤުވާ ޢަދަދުތަކުގެ ޖުމުލަ އަށްވާ ފައިސާއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އަޙްމަދު ޙަސަންއަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި،
އިސްވެ ބަޔާންކޮށްފައިވާ އެންމެހައި ކަންކަން މިއަދު (09 މާރިޗު 2021) އިން ފެނިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛުކުރުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަންގައި ޢަމުރުކޮށް، މި މައްސަލަ ނިންމައިފީމެވެ."
މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2019 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 2 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަންޤާއިމްކުރެވިފައިނުވާކަމަށް ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދާއި، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއާއި ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައި ނުވާކަމަށް ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
7ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި އަޙްމަދު ޙަސަންއާ ދެމެދު ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، މި އެއްބަސްވުމުގެ 20 ވަނަ މާއްދާގެ 20.1 ނަންބަރުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުވައްޒަފު ވަޒީފާއިން މުސްކުޅިކޮށް، ވަކިކުރެވޭނެކަމަށާއި، އަދި މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޓަޔަރމަންޓް ޕެކޭޖް ދެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދު 2015ގެ ޗެޕްޓަރ 5 (ރިޓަޔަރމެންޓް ގަވާއިދު)ގެ ދަށުން އެ ބާބުގެ (ރިޓަޔަރކުރުން) 3 ވަނަ މާއްދާގައި "ކުންފުނީގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުންގެ ތެރެއިން 55 އަހަރު ވެފައިވާ މުވައްޒަފުން ރިޓަޔަރކުރުމަށް ކުންފުނީގެ މެނޭޖްމަންޓަށް ފެނިއްޖެ ހިނދެއްގައި އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި ރިޓަޔަރކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ. އަދި މި ދެންނެވި އުޞޫލުން ރިޓަޔަރކުރެވޭ މުވައްޒަފުންގެވެސް ރިޓަޔަރމެންޓް ޕެކޭޖާއި އެއްގޮތަށް އިނާޔަތްތައް ލިބިދެވޭނެއެވެ" މިފަދައިން ބަޔާންކުރާއިރު، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރެވުނު އިރު އުމުރުން 55 އަހަރުވެފައިވާކަމަށާއި، މިއީ ކުންފުނީގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުވައްޒަފަކު ރިޓަޔަރކުރެވޭނެކަމަށް ބަޔާންކުރާ އުމުރުކަމަށްވާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޢަމަލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދާއި ދެ ފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި އެއްގޮތަކަށްކަމުގައި ދެކޭ ކަމަށެވެ.
8އިސްތިއުނާފީ ދެވަނަ ނުކުތާ ތަފްޞީލުކުރަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ "މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ނެތުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އެކަންކަމާއި ގުޅިގެން ވާހަކަދައްކައި، މައްސަލަ ހުށަހެޅި ފަރާތުގެ ބަހެއް ހޯދާފައި ނެތަތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން (procedural fairness) ގާއިމުކުރެވިފައިވާކަމުގައި ބުރަނުވެވުނެވެ." މިފަދައިން ކަމަށްވާއިރު، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގެ ކުރިން އެސެސްމެންޓެއް ހަދާފައިވާނެކަމަށާއި، މި އެސެސްމެންޓަށް ބިނާކޮށް އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމަށް ނިންމާ، އެ ފަރާތަށް ނޯޓިސް ފޮނުވާފައިވާނެކަމަށެވެ. މީގެ އިތުރުން އަޙްމަދު ޙަސަންއަށް ރިޓަޔަރމެންޓް ޕެކޭޖްގައިވާ ގޮތަށް އިނާޔަތްތައްވެސް ދެވިފައިވާތީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދާއި އެއްގޮތަށް ޢަމަލުކޮށްފައިވާކަމުގައި ދެކޭ ކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވެއެވެ.
9ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2019 މައްސަލައިގައި ވަޒީފާއިން އަޙްމަދު ޙަސަން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމަކާއި ނުލައި ކަމަށް ނިންމަވާފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މުވައްޒަފުންގެ ގަވާއިދާއި ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ކަނޑައަޅައި، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މުވައްޒަފުންގެ ގަވާއިދާއި އެއްގޮތަށް ކަމަށް ކަނޑައެޅުމަށެވެ.
އިސްތިއުނާފީ ނުކުތާތަކަށް އަޙްމަދު ޙަސަންގެ ފަރާތުން ދީފައިވާ ރައްދު
10އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އަޙްމަދު ޙަސަންގެ ފަރާތުން ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދުގައި މުވައްޒަފަކަށް ރިޓަޔަރމަންޓް ޕެކޭޖް ދެވޭނީ ކުންފުނިން ނިންމައިގެންކަން އެނގޭއިރު، މިފަދަ އެއްވެސް ނިންމުމެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނިންމާފައިނުވާކަން އެނގެއެވެ. އަދި މިފަދަ އެއްވެސް ނިންމުމެއްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޝަރީޢަތަށް ހުށަހަޅާފައިނުވާކަން އެނގެއެވެ.
11ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގައި އުމުރުން 55 އަހަރު ވުމުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ރިޓަޔަރމަންޓް އެ މުވައްޒަފުގެ ރުހުންނެތި އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހަދާފައިވާ އެސެސްމެންޓްގައި ބަޔާންކުރާ ކަންކަމާމެދު މުވައްޒަފުގެ ބަހެއް އެއްވެސް މަރުހަލާގައި ހޯދާފައިނުވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސާބިތުވެފައިވާކަމުގައި އަޙްމަދު ޙަސަންގެ ފަރާތުން ބުނެފައިވެއެވެ.
12ވަޒީފާއަދާކުރާ ފަރާތްތައް މުސްކުޅިކުރާނެ އުމުރެއް ނުވަތަ އެކަމުގައި ޢަމަލުކުރާނެ ވަކި ޢާންމު ޤާނޫނީ އިޖުރާއަތެއް ބަޔާންކޮށްފައި ނެތްއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 2007/5)ގެ 49 ވަނަ މާއްދާގައި، އުމުރުން 65 އަހަރުވުމުން، ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެކަމާއި، އަދި އުމުރުން 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަންއަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/8)ގައި އަސާސީ ޕެންޝަން ލިބޭ އުމުރަކީ 65 އަހަރު ކަމަށް ބަޔާންކޮށްފައިވާތީ، 65 އަހަރަކީ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމަށް އެކަށީގެންވާ އުމުރުކަމުގައި އަޙްމަދު ޙަސަންގެ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން، 65 އަހަރުނުވާ އުމުރުން ދުވަސްވެފައިވާ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، އެ މުވައްޒަފު އުމުރުން ދުވަސްވުމުގެ ސަބަބުން ވަޒީފާގެ މަސްޢޫލިއްޔަތު އަދާނުކުރެވުމާއި، މަސައްކަތަށް ފަރުވާކުޑަވާތީ، އެ ސަބަބަށްޓަކައި ވަޒީފާދޭ ފަރާތުން ހެޔޮ ނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް ވާނަމަ ކަމުގައި އަޙްމަދު ޙަސަންގެ ފަރާތުން ބުނެފައިވެއެވެ.
13ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ފެނިއްޖެނަމަ، އުމުރުން 55 އަހަރުވެފައިވާ މުވައްޒަފުން ރިޓަޔަރކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖްމަންޓަށް ފެނިއްޖެނަމަ، އެ މުވައްޒަފުގެ މަސައްކަތު ފެންވަރު ބަލައި ރިޓަޔަރކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވީނަމަވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެކުލަވާލާފައިވާ އެސެސްމެންޓް ރިޕޯޓުގައި ހުރި ކަންތައްތައް ސާބިތުކޮށްދިނުމުގެ ބޭނުމަށް އެއްވެސް ހެއްކެއް ޤަރީނާއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިނުވާތީ، އެ ރިޕޯޓުގައިވާ ކަންކަން ޙަޤީޤަތުގައިވެސް މެދުވެރިވެފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސާބިތުކޮށްދެވިފައިނުވާކަމުގައި އަޙްމަދު ޙަސަންގެ ފަރާތުން ބުނެފައިވެއެވެ.
14އަޙްމަދު ޙަސަންގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންކަމުގައި ކަނޑައަޅާ، އިސްވެ ބުނެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއްނެތްކަމަށް ކަނޑައަޅާ ޙުކުމްކޮށް ދިނުމަށެވެ.
ވަޒީފާއިން ވަކިކުރުމުގައި ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް
15HN1މަސައްކަތްކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤަކަށްވާހިނދު، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ މައިގަނޑު މަގުޞަދަކީ ވަޒީފާއާ ގުޅޭ އުޞޫލުތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ބަޔާންކޮށް، އެ ޙައްޤުތައް ހިމާޔަތްކުރުމެވެ. މި ޤާނޫނަކީ މި ޤާނޫނުން އިސްތިސްނާކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް ހިނގާ ތަޠުބީޤުކުރެވޭނެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު އެއް މަގުސަދަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، މި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ވަޒީފާދޭ ފަރާތަށް ލިބިފައިވާ އިޚްތިޔާރު ޤާނޫނުގައި ބަޔާންކޮށްފައިވާ އިޚްތިޔާރު ގައިދުކުރުމެވެ. މިގޮތުން ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅުއެޅުމާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކާއި އިޖުރާއަތުތައް ބަޔާންކުރެއެވެ. އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފުން ވަޒީފާއިން ވަކިކުރުން މަނާކުރުމަކީ މި ޤާނޫނުން ދަމަހައްޓާ އެއް ހަމައެވެ.
16މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރުކުރުމަށް މި ޤާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖުރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ. މިގޮތުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސްދެވޭ ފަދަ ޙާލަތެއް މެދުވެރިވެ، ވަޒީފާއިން ވަކިކުރާނަމަ، ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތާއި އެއް ހަމައަކުން ނޯޓިސް ދޭންވާނެއެވެ. މުވައްޒަފެއްގެ އަޚްލާޤު އެކަށީގެންނުވުމާއިއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައި ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވިދާނެއެވެ. މިފަދައިން ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތު އަޚްލާޤު އެކަށީގެން ނުވާ ކަމުގައި ބަލައި، ނޯޓިސް ދިނުމަކާ ނުލައި، ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ. އެއީ:
ވަޒީފާގައި އިތުރަށް ބެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން؛
ޚިޔާނާތެއް ވެފައިވުން، މިއެވެ.
17HN2މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް، ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މިކަން ވަޒީފާއާގުޅޭ އާންމު ކަންކަން ތަންޒީމުކުރަމުން އަންނަ އ.ދ ގެ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ 9 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (a)ގައި ބަޔާންކުރެއެވެ. މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ، މި ބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުންނެވެ.
މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން
18HN3މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭކަމެއްކަން ކަށަވަރުކުރަންވާނެއެވެ. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 1966) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އަމަލުކުރަންޖެހޭ އަދުލުވެރި ހަމަތައް ބަޔާންކުރެއެވެ. މިގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި (substantive fairness) އިޖުރާއީ އަދުލުވެރިކަން (procedural fairness) ގާއިމުކުރެވިފައި އޮންނަންވާނެކަން ކަނޑައަޅައި، ބަޔާންކުރެއެވެ. މި އުޞޫލަކީ ވަޒީފައާބެހޭ ޤާނޫނު ގައިވެސް އެކުލަވާލާފައިވާ އުޞޫލެކެވެ. ވީމާ، މި ޤާނޫނު ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށް ފަހުގައެވެ.
19މައުޟޫއީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކުރެވި ވަޒީފާއިން ވަކިކުރުމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ)އަށް ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ، ނުވަތަ އެ މުވައްޒަފެއް ވަޒީފާއަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެ މުވައްޒަފެއްގެ ކިބައިގައި ނެތުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުނު އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއްކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއްވެފައިވާނަމަ، ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމަކީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ.
20އިޖުރާއީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ އަދުލުވެރި އިޖުރާއަތަކަށްވުމެވެ. މީގެ ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކަށް ދިނުމާއި، އެ ކަންކަމަށް ޖަބާވުދާރީވުމުގެ ފުރުޞަތު ހިމެނެއެވެ.
21HN4މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި، އެއީ ރިޓަޔަރމަންޓްގެ ޙާލަތު މެދުވެރިވެގެން ކަމުގައިވީނަމަވެސް، ނުވަތަ ރިޑަންޑަންސީގެ ޙާލަތު މެދުވެރިގެން ކަމުގައިވީނަމަވެސް، މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ (ނުވަތަ ވަޒީފާއިން މުސްކުޅިކޮށްފައިވަނީ ނުވަތަ ވަޒީފާއިން ރިޑަންޑަންޓްކޮށްފައިވަނީ) މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށް ފަހުގައިތޯ ބަލަންޖެހޭނެއެވެ. މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ ބެލުމުގައި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ (ނުވަތަ ވަޒީފާއިން މުސްކުޅިކޮށްފައިވަނީ ނުވަތަ ވަޒީފާއިން ރިޑަންޑަންޓްކޮށްފައިވަނީ) ވަޒީފާއާބެހޭ ޤާނޫނުއާއި ވަޒީފާދޭ ފަރާތުން އެކަށައަޅާފައިވާ މުވައްފަޒުންނާއި ގުޅޭ ގަވާއިދުތަކާއި، ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތަށް ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިންތޯ ބަލަންޖެހޭނެކަމުގައި ދެކެމެވެ.
މައުޟޫއީ އަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ
22އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމުގައި އަޙްމަދު ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ރިޓަޔަރމެންޓްގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން ވަޒީފާއިން ރިޓަޔަރކުރެވި، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ މުއްދަތަށްވާ މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމަށް ފަހުގައިކަން ބަޔާންކުރެއެވެ. ރިޓަޔަރމެންޓްގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ވ) ގައި މިކަމާ ގުޅޭ ގޮތުން ބަޔާންކުރަނީ ކުންފުނީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން އުމުރުން 55 އަހަރުވެފައިވާ މުވައްޒަފުން ރިޓަޔަރކުރުމަށް ކުންފުނީގެ މެނޭޖްމަންޓަށް ފެނިއްޖެ ހިނދެއްގައި އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި ރިޓަޔަރކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވާކަމާއި، މިގޮތުން ރިޓަޔަރކުރެވޭ މުވައްޒަފުންނަށް ރިޓަޔަރމެންޓް ޕެކޭޖާއި އެއްގޮތަށް އިނާޔަތްތައް ލިބިދެވޭނެކަމާއި އަދި ރިޓަޔަރކުރުމުގެ ކުރިން ރިޓަޔަރކުރެވޭ މުވައްޒަފުންނަށް 01 (އެކެއް) މަސްދުވަހުގެ ނޯޓިސްދޭންވާނެކަމަށެވެ.
23އަޙްމަދު ޙަސަންގެ ވަޒީފާގެ ބަޔާނުގައި އަޙްމަދު ޙަސަންގެ މަޤާމަކީ ޓެކްނީޝަންގެ މަޤާމެއްކަމާއި، މަސައްކަތް އާންމުކޮށް ކުރަންޖެހެނީ ނ.މިލަދޫގައިކަމާއި، އަދި މި ބަޔާނުގައި އަޙްމަދު ޙަސަންގެ ވަޒީފާގެ މަސްޢޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރު، މި ވަޒީފާގެ ބަޔާނުގައި 26 އެޕްރިލް 2015 ގައި އަޙްމަދު ޙަސަން ސޮއިކޮށްފައިވެއެވެ. ވަޒީފާގެ ޕްރޮބޭޝަންގައި ގެންގުޅެން ފެށިކަން އަންގާ ލިޔުމަށް ބަލާއިރު، އަޙްމަދު ޙަސަން ވަޒީފާއަށް ނިކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 (ތިނެއް) މަސްދުވަސް ބެލެވޭނީ ޕްރޮބޭޝަންގެ މުއްދަތުގެ ގޮތުގައި ކަމަށާއި، މި މުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރާއި، އަޚްލާޤަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭކަން ބަޔާންކުރެއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި އަޙްމަދު ޙަސަންއާ ދެމެދު ބަދެވިފައިވާ ވަޒީފާގެ އެއްބަސްވުމެއްވެއެވެ. މި އެއްބަސްވުމުގައި އަޙްމަދު ޙަސަންއަށް ވަޒީފާ ދެވިފައިވަނީ 26 އެޕްރިލް 2015ގައިކަމާއި، ވަޒިފާއަދާކުރަނީ ޓެކްނީޝަންގެ ގޮތުގައި ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރޕްލާންޓް ޑިއުޓީ ޑިވިޝަން/ޑިޕާރޓްމަންޓްގައިކަމާއި، އަދި މިއީ ދާއިމީ ވަޒީފާއެއްކަން އެނގެން އޮވެއެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ގަވާއިދުތަކާއި ޚިލާފުވެއްޖެނަމަ، ނުވަތަ މަސައްކަތުގެ އަޚްލާޤު ނުހިފަހައްޓައިފިނަމަ، މުވައްޒަފުންގެ ގަވާއިދާއި އެއްގޮތަށް އިސްލާހީ ފިޔަވަޅުއެޅޭނެކަމުގައި ބަޔާންކުރެއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުވައްޒަފު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެކަމާއި، މި ޙާލަތުގައި މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޓަޔަރމެންޓް ޕެކޭޖް ދެވޭނެކަމުގައި ބަޔާންކުރެއެވެ.
24ވަޒީފާއާބެހޭ ޤާނޫނުގައި ވަޒީފާއިން މުސްކުޅި ކުރަންޖެހޭ އުމުރެއް ބަޔާނެއްނުކުރެއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި އަޙްމަދު ޙަސަންއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން މުސްކުޅިކުރުމާއި (ރިޓަޔަރމަންޓް) ގުޅޭ ގޮތުން ޙަވާލާދީފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ގަވާއިދާއި އެއްގޮތަށް ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭކަން ބަޔާންކުރެއެވެ. އިސްވެ ބަޔާންކުރަނިވި ފަދައިން ރިޓަޔަރމަންޓާއި ގުޅޭ އުޞޫލު ބަޔާންކުރަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދު 2015 ގެ ޗެޕްޓަރ 5 (ރިޓަޔަރމަންޓް ގަވާއިދު) ގައެވެ.
25މި ގަވާއިދުގައި އާންމު އުޞޫލެއްގެ ގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާގައި ގެންގުޅޭނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މުވައްޒަފުންކަމާއި އާންމު އުޞޫލެއްގެ ގޮތުން އުމުރުން 65 އަހަރު ހަވަވުމުން ވަޒީފާއިން މުސްކުޅިކޮށް ރިޓަޔަރކުރެވޭނެކަމާއި، އުމުރުން 65 އަހަރުވެ މުވައްޒަފު ރިޓަޔަރކުރަންޖެހޭކަން 3 (ތިނެއް) މަސްކުރިން ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓުން މުވައްޒަފަށް އަންގަންވާނެކަން ބަޔާންކުރެއެވެ. އުމުރުން 65 އަހަރުވެފައިވީނަމަވެސް ކުންފުނީގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހުންގެ މަސައްކަތުގެ ޤާބިލުކަމާއި ހުނަރުވެރިކަމަށް ބަލައި، އެ މީހުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުން މީހުން ކުންފުނިން ކަނޑައަޅާ ވަކި މުއްދަތަށް ރިޓަޔަރކުރުން ލަސްކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމުގައި މި ގަވާއިދުގައި ބަޔާންކުރެއެވެ. އުމުރުން 55 އަހަރުވެ ރިޓަޔަރކުރަން ބޭނުންވާ މުވައްޒަފުންނަށް ރިޓަޔަރކުރެވޭނެކަމާއި، މިގޮތުން ރިޓަޔަރކުރަން ބޭނުންވާނަމަ، އެކަން ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓަށް ލިޔުމުން އަންގަންވާނެކަން މި ގަވާއިދުގައި ބަޔާންކުރެއެވެ. އުމުރުން 55 އަހަރުވެފައިވާ މުވައްޒަފުން ރިޓަޔަރކުރުމަށް ކުންފުންޏަށް ފެނިއްޖެނަމަ، އެ މުވައްޒަފެއްގެ މަސައްކަތު ފެންވަރު ބަލައި، ރިޓަޔަރކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވާކަމާއި، އަދި މިގޮތުން ރިޓަޔަރކުރެވޭ މުވައްޒަފުންނަށް ރިޓަޔަރމެންޓް ޕެކޭޖް ދޭންވާނެކަމާއި، އަދި ރިޓަޔަރކުރުމުގެ ކުރިން ދޭންޖެހޭ 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ދެވޭނެކަން ބަޔާންކުރެއެވެ.
26HN5އަޙްމަދު ޙަސަނަށް އުމުރުން 55 އަހަރުވެފައިވާއިރު، މިއީ ރިޓަޔަރމަންޓް ގަވާއިދުގެ 3 ވަނަ މާއްދާގެ (ވ)ގެ ދަށުން ކުންފުނިން ބޭނުންވެ ރިޓަޔަރކުރުވުމުގެ އިޚްތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިދެވޭ އުމުރުކަން އެނގެއެވެ. އެހެނަސް، އެ މާއްދާގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ރިޓަޔަރކުރުމުގެ އިޚްތިޔާރު ލިބިދެނީ އެ މުވައްޒަފެއްގެ ފެންވަރު ބެލުމަށް ފަހު ގައި ކަން އެ މާއްދާގައި ޝަރުޠުކޮށްފައިވެއެވެ. އަޙްމަދު ޙަސަންގެ ފެންވަރު ބެލުމަށް އެސެސްމެންޓެއް ހަދާފައިވާކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވީނަމަވެސް، މި އެސެސްމެންޓް ލިޔުމަށް ތިރިކުރެވިފައިނުވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހާމަކޮށްފައިވެއެވެ.
27ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބޭނުންވެ 55 އަހަރުވެފައިވާ މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމަށްފަހު ރިޓަޔަރކުރުމުގެ އިޚްތިޔާރު އާންމު ގޮތެއްގައި ދެވެނީ މުވައްޒަފުގެ އުމުރުގެ ގޮތުން، ނުވަތަ ޞިއްޙީ ޙާލަތު ހުރިގޮތުން މުވައްޒަފު އަދާކުރަންޖެހޭ ވަޒީފާގެ މަސްޢޫލިއްޔަތު ފުރިހަމައަށް ނުވަތަ ޤަބޫލުކުރެވޭ ފެންވަރެއްގައި އަދާކުރުމަށް ނުކުޅެދޭ ޙާލަތުގައެވެ. މިފަދައިން މި ފާހަގަކުރަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދުގައި 65 އަހަރުވެފައިވާ މުވައްޒަފަކީ ކުންފުނީގައި ގިނަ ދުވަސްވެ، ޤާބިލުކަމާއި ހުނަރުވެރިކަމަށާއި، ކުންފުންޏަށް އެ މީހާގެ ޚިދުމަތް ބޭނުންތެރި މިންވަރަށް ބަލައި، ރިޓަޔަރމެންޓުގެ މުއްދަތު އިތުރުކުރުމަށް ގަވާއިދު ތަންދޭތީއެވެ. އެހެންކަމުން، ރިޓަޔަރމަންޓް ގަވާއިދުގެ 3 ވަނަ މާއްދާގެ (ވ)ގެ ދަށުން އުމުރުން 55 އަހަރުވެ، ރިޓަޔަރކުރުމަށް މެނޭޖްމެންޓަށް ފެނިއްޖެނަމަ، މުވައްޒަފުގެ ވަޒީފާގެ ފެންވަރު ބެލުމުގައި މުވައްޒަފަކު ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރާ ގޮތާއި، އެ މުވައްޒަފުގެ ޤާބިލުކަމާއި، ހުނަރުވެރިކަމަށް ބަލަންވާނެކަން ރިޓަޔަރމެންޓް ގަވާއިދުގައި ބަޔާންކުރާ މާއްދާތަކުގެ ނައްސުން ދޭހަވެއެވެ.
28ވަޒީފާގެ ރިޓަޔަރމެންޓާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އަޙްމަދު ޙަސަން ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން ހަދަންޖެހޭ އެސެސްމެންޓު ލިޔުމުން ހަދާފައިނުވާނެކަމާއި، އެ އެސެސްމެންޓް ލިޔުމުން އޮތުން ލާޒިމުނުވާކަމާއި، ނ.މަނަދޫ ބްރާންޗްގެ (އަޙްމަދު ޙަސަން ވަޒީފާއަދާކުރަމުން ދިޔަ ބްރާންޗްގެ) މީހުންނާއި ވާހަކަދައްކައި މަޝްވަރާކުރުމަށްފަހު، އަޙްމަދު ޙަސަންގެ މަސައްކަތުގެ ފެންވަރާއި އަޙްމަދު ޙަސަން ނާގާބިލުކަމަށް ފެންނާތީ ވަޒީފާއިން މުސްކުޅިކުރުމަށް ނިންމާފައިވާކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވީނަމަވެސް، މިއިން އެއްވެސް ކަމަކީ ލިޔުމުން ނުވަތަ ރިކޯޑުން ފެންނަން ހުރި ކަންތައްތަކެއް ނޫނެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި މުވައްޒަފުން ތަބާވާންޖެހޭ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ، އިޞްލާޙީ ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިދެވެއެވެ. އަޙްމަދު ޙަސަންގެ ވަޒީފާގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުވެއްޖެނަމަ ނުވަތަ މަސައްކަތުގެ އަޚްލާޤު ނުހިފަހައްޓައިފިނަމަ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތަށް މުވައްޒަފަކާމެދު އިޞްލާޙީ ފިޔަވަޅު އަޅާނެކަމުގައި ބަޔާންކުރެއެވެ.
29މުވައްޒަފުން ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި ކުންފުނީގެ ގަވާއިދުތަކާއި އިޖުރާއަތަށް ޢަމަލުކުރަމުންނުދާނަމަ ނުވަތަ މަސައްކަތް ކުޅައުމުގައި ފަރުވާކުޑަވެފައިވާނަމަ ނުވަތަ މަސައްކަތުގެ އަޚްލާޤު ހިފެހެއްޓުމަށް ފަރުވާތެރިވެފައިނުވާނަމަ ވަޒީފާއާބެހޭ ޤާނޫނުގެ 19 މާއްދާގައި ބަޔާންކުރާ އިޞްލާހީ ފިޔަވަޅެއް ނުވަތަ ކުންފުނީގެ ގަވާއިދުގެ ތެރެއިން އިޞްލާޙީ ފިޔަވަޅެއް އެޅިފައި އޮންނަންވާނެއެވެ. އަޙްމަދު ޙަސަންއާ މެދު މިފަދަ ފިޔަވަޅެއް އަޅާފައިވާކަން އެނގޭކަށްނެތެވެ. މުވައްޒަފުގެ އުމުރަށް ބަލައި، ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށް މުވައްޒަފު ނުކުޅެދޭނަމަ، އެކަން ސާފުކޮށް ބެލުމަށްފަހު، އަދި އެފަދަ ޙާލަތްތައް ބަޔާންކޮށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ގަވާއިދާއި އެއްގޮތަށް މުވައްޒަފު ވަޒީފާއިން މުސްކުޅިކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރިޓަޔަރމަންޓް ގަވާއިދު ޖާގަދެއެވެ. އެހެނަސް، މިފަދައިން މުސްކުޅިކުރެވޭ ޙާލަތުގައި މުވައްޒަފު ވަޒީފާއިން މުސްކުޅިކުރަންޖެހޭ ޙާލަތެއް މެދުވެރިފައިވޭތޯ، އެހެނީ، މުވައްޒަފުގެ އުމުރުގެ ގޮތުން ނުވަތަ ޞިއްޙީ ޙާލަތުގެ ގޮތުން ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށް ނުކުޅެވިފައިވޭތޯއާއި، މުވައްޒަފު ވަޒީފާއިން މުސްކުޅިކުރުމަށް ވަޒީފާދޭ ފަރާތުން ނިންމާ ނިންމުމަކީ އެއްވެސް ނުނިޔަތެއްނެތި ހެޔޮ ނިޔަތުގައި ނިންމާފައިވާ ނިންމުމެއްތޯއާއި އަދި އެކަން ކުޅައުމުގައި އަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ ބަލަންޖެހޭނެއެވެ.
30އަޙްމަދު ޙަސަންގެ ވަޒީފާގެ ރިކޯޑަށް ބަލާއިރު، އަޙްމަދު ޙަސަންގެ މަސައްކަތުގެ ފެންވަރު ދަށްކަމަށް ނުވަތަ ފަރުވާކުޑަކަމަށް ނުވަތަ ނާގާބިލުކަމަށް ފާހަގަކޮށް، އަޙްމަދު ޙަސަންއާ މެދު އިޞްލާޙީ ފިޔަވަޅެއް އަޅާފައިވާކަން އެނގެންނެތްކަމާއި، ހުށަހެޅިފައިވާ ޙާޟިރީ ރިޕޯޓުތަކަށް ބަލާއިރު، ވަޒީފާއަށް ޙާޟިރުވުމުގައި ފަރުވާކުޑަކޮށްފައިނުވާކަން އެނގެއެވެ. މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަންވާނީ މެނޭޖްމަންޓަށް ފެނިއްޖެ ހިނދެއްގައި، އެ މުވައްޒަފުގެ ވަޒީފާގެ ފެންވަރު ބެލުމަށްފަހުގައިކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރިޓަޔަރމެންޓް ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އަޙްމަދު ޙަސަން މުސްކުޅިކުރުމަށް މެނޭޖްމެންޓުން ނިންމިކަން އެނގޭ ލިޔުމެއް ނެތެވެ. އަދި އެއާ ވިދިގެން އަންނަންޖެހޭ އަޙްމަދު ޙަސަންގެ ފެންވަރު ބަލައި ވަޒަންކޮށްފައިވާކަން ސާބިތުކުރުމުގެ ބޭނުމުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއްނުވެއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހަމައެކަނި ހުށަހަޅާފައިވާ ލިޔުމަކީ ވަޒީފާއިން ވަކިކުރި ލިޔުމެވެ. މި ލިޔުމުންވެސް އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނިންމި ނިންމުމާއި، އަދި އެ ނިންމުމާއިއެކު އަޙްމަދު ޙަސަންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށްފައިވާކަށް އެނގޭކަށްނެތެވެ.
31އެހެންކަމުން، ރިޓަޔަރމަންޓް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އަޙްމަދު ޙަސަންގެ މަސައްކަތުގެ ފެންވަރު ބަލާފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސާބިތުކޮށްދީފައިނުވާތީ، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ހުއްދަކުރާފަދަ އެކަށީގެންވާ ސަބަބެއް އޮވެމެ، ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުގައިކަމަށް ބުރަނުވެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާއިދުކުރަމެވެ.
އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ
32HN6އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އަދުލުވެރި ނިންމުމަކަށް ވާސިލުވުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތުތައް ފުރިހަމަކުރުމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަކުން ނިންމުމުގައި، އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، އެންމެ ކުޑަމިނުން އަންނަނިވި ގޮތުގެ މަތިން ޢަމަލުކޮށްފައިވާނަމައެވެ. އެގޮތުން؛
އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ނޫންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު) ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް އަންގައި، އެކަންކަމާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އެމުވައްޒަފަކަށް ދިނުމަށްފަހު؛
އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން އެމުވައްޒަފަކަށް އެންގުމަށްފަހު؛
އެކަންކަން ރަނގަޅުކުރުމަށް އެމުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި، އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮތްކަން އެމުވައްޒަފަކަށް އެނގުމަށްފަހު؛
އެމުވައްޒަފަކު ރަނގަޅުކުރަންޖެހޭކަމަށް ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް އެންގުނު ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެ ކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް އެމުވައްޒަފަކަށް ދިނުމަށްފަހު؛
އެމުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެމުވައްޒަފަކާމެދު އަޅާނެ ފިޔަވަޅެއް ނިންމުމަށްފަހު؛
އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން.
33ވަޒީފާއިން މުސްކުޅިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާތު ރިޓަޔަރމަނޓް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަވަނީ މުވައްޒަފު މުސްކުޅިކުރުމަށް މެނޭޖްމަންޓަށް ފެންނަ ފެނުމާއި، މުވައްޒަފުގެ ވަޒީފާގެ ފެންވަރު ބެލުމެވެ. މުވައްޒަފު ވަޒީފާއިން މުސްކުޅިކުރުމަށް ކުންފުނީގެ މެނޭޖްމަންޓަށް ފެންނަ ޙާލަތުގައި، އަދި ފެންވަރު ވަޒަންކުރާ ޙާލަތުގައި، މިކަން އޮންނަންވާނީ މުވައްޒަފާއި ހިއްސާކުރެވިފައެވެ. އަދި މިކަމަށް ޖަބާވުދާރީވުމުގެ ފުރުޞަތު މުވައްޒަފަށް ލިބިދެވެންވާނެއެވެ. އެންމެ ކުޑަމިނުން މިކަމާ ގުޅޭ ގޮތުން މުވައްޒަފުގެ ބަހެއް ނެގިފައި އޮންނަންވާނެއެވެ. މި މައްސަލާގައި މިފަދަ ފުރުޞަތެއް އަޙްމަދު ޙަސަންއަށް ދެވިފައެއްނުވެއެވެ. އަދި ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން އަޙްމަދު ޙަސަންގެ ބަހެއް ހޯދާފައެއްނެތެވެ.
34އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2019 ނިންމުމުގައި އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި އަޙްމަދު ޙަސަންއާ ދެމެދު ވެފައިވާ ވަޒީފައާބެހޭ އެއްބަސްވުމާއި، ރިޓަޔަރމަންޓް ގަވާއިދާއި ޚިލާފަށްކަމުގައި ނުދެކެމެވެ.
މުޙައްމަދު ނިޔާޒްގެ ރައުޔު
35ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ނިންމުމަށް ތާއީދު ކުރުމާއިއެކު ތިރީގައިވާ ކަންކަން އަހުރެން ފާހަގަ ކުރަމެވެ.
36HN7މިމައްސަލައާއި ގުޅިގެން އަހުރެން ބެލި ބެލުމުން، ފާހަގަ ކުރެވުނު ކަމަކީ، މިމައްސަލައަކީ، ވަޒީފާއާބެހޭ ޢާންމު އުޞޫލުން، މައުޟޫއީ ޢަދުލުވެރިކަމާއި އަދި އިޖުރާއީ ޢަދުލުވެރިކަން ހިނގައިދިޔަ ގޮތް ބެލުމާއި ގުޅިފައިވާ މައްސަލައެއް ނޫންކަމެވެ. މިމައްސަލައަކީ، ހަމައެކަނި، ކުންފުނީގެ ޤަވާއިދުގެ ދަށުން ލިބިދޭ އިޚްތިޔާރެއްގެ ބޭނުން ކޮށްފައި އޮތް ގޮތް ބަލަންޖެހޭ މައްސަލައެކެވެ.
37ސަބަބަކީ، ކުންފުނީގެ ޙަވާލާދޭ ޤަވާއިދާއި އަދި އެކުންފުންޏާ އަޙްމަދު ޙަސަން އާ ދެމެދު އޮތް ވަޒީފާގެ އެއްބަސްވުން ބަޔާން ކުރާ ގޮތުން، މުވައްޒަފެއްގެ ޢުމުރުން 55 އަހަރު ވުމުން، އެމުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިދީފައިވާތީ އެވެ. ވީމާ، ޢާންމު އުޞޫލާއި ޚިލާފަށް މިމައްސަލައިގެ މައުޟޫއު، ޢުމުރުން 55 އަހަރުވުމުން މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ ބޭނުންކުރި ގޮތުގެ ދާއިރާއަށްވުރެ ފުޅާކޮށް ގެންދިއުމަކީ، އެޤަވާޢިދާއި އަދި ވަޒީފާގެ އެއްބަސްވުމުގައި އެފަދަ މާއްދާއެއް އޮތުމުގެ ބޭނުން ކެނޑޭނެ ކަމެކެވެ. އެހެންކަމުން، މިމައްސަލައިގައި، ބަލަންޖެހެނީ، ކުންފުންޏަށް ލިބިދީފައިވާ އިޚްތިޔާރު ބޭނުންކޮށްފައިވަނީ ޤަވާޢިދުގައި ބަޔާން ކުރާ އުޞޫލުން ތޯއެވެ؟
38މިގޮތުން ފުރަތަމަ ކަމަކީ، އުމުރުން 55 އަހަރުވެފައިވާ މުވައްޒަފުން ރިޓަޔަރކުރަންޖެހޭ ކަން ފެންނަންޖެހެނީ ކުންފުންޏަށެވެ. އެތަނުގެ އެހެން މުވައްޒަފަކަށް ނޫނެވެ. އެހެންކަމުން، ކުންފުނީގެ ނިންމުމެއް ނިންމަންޖެހޭ އިޖުރާއަތާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް އެކަމުގައި އޮންނަންޖެހޭނެއެވެ. އެފަދަ ނިންމުމެއް ނެތްކަން އެނގެއެވެ.
39ދެވަނަ ކަމަކީ، ކުންފުންޏަށް ފެންނަ ފެނުން ބިނާކުރަންޖެހޭނީ، އެޤަވާއިދުގައި ބަޔާން ކުރާ އަސާސްތަކުގެ ތެރެއިންނެވެ. އެކަން ބެލުމުގެ ގޮތުން ކުރަންޖެހޭ ކަމަކީ، އެ މުވައްޒަފެއްގެ ފެންވަރު ބެލުމެވެ. ޢުމުރުން 55 އަހަރުވެގެން، މުވައްޒަފަކު، ރިޓަޔަރ ކުރުމުގެ ބޭނުމަށްޓަކައި އެމުވައްޒަފެއްގެ ފެންވަރު ބަލާފައި އޮންނަންޖެހެއެވެ. އެހެންބޭނުމަކަށް އެމުވައްޒަފެއްގެ ފެންވަރު ބެލުން އެއީ ރިޓަޔަރ ކުރުމަށް ބެލިބެލުމެއް ކަމުގައި ނުވާނެއެވެ. ނަމަވެސް ކުންފުނީގެ ފަރާތުން އެކަން ކޮށްފައިވާކަން އެނގޭކަށް ނެތެވެ.
40ވީމާ، މުވައްޒަފުގެ ޢުމުރުން 55 ފަހަރުވެގެން، އޭނާ ވަޒީފާއިން ވަކިކުރުމަށްޓަކައި، ކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ ބޭނުން ހިފުމުގެ ގޮތުން، ކުންފުނިން ކުރަންޖެހޭ އެންމެ އަސާސީ ކަންކަން ކޮށްފައެއް ނެތެވެ. މިޙާލަތުގައި، އެމުވައްޒަފު މަޤާމުން ވަކިކުރެވެނީ، ޢުރުމުން 55 އަހަރުވެގެން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކުންފުންޏަށް ލިބިދޭ އިޚްތިޔާރާ އެއްގޮތަށް ކަމަށް ކަނޑައެއް ނޭޅެއެވެ.
41މިސަބަބުތަކަށްޓަކައި މިމައްސަލައިގެ ރިޔާސަތުގެ ނިންމުމަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
42ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރުމާއިއެކު، ފަނޑިޔާރު މުޙައްމަދު ނިޔާޒު ފާހަގަކުރައްވާފައިވާ ކަންކަމަށްވެސް ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
43މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2019 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު: C-0462/2012)ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2019 މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)
- އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ 4 ވަނަ، 7 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ (2) ގެ (a)
- ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166)
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ގަވާއިދު 2015 ގެ ޗެޕްޓަރ 5 (ރިޓަޔަރމަންޓް ގަވާއިދު) ގެ 3 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)، (އ)، (ވ)
- ވަޒީފާގެ އެއްބަސްވުމުގެ 16.1 އަދި 20.1 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާގެ (ހ) އަދި (ރ)
- 2014/SC-A/27
- 2014/SC-A/30
- 2018/SC-A/49
- 2014/SC-A/08
- 2019/SC-A/68
- 2011/HC-A/134
- 2010/HC-A/24
- 2016/HC-A/555
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.