ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/73

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވ. ފާޠިމަތު ޒަޢީމާ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 23 ޑިސެމްބަރު 2024ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 126/VTR/2021ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 126/VTR/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުރީގެ ދެ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންގެ ތެރެއިން ހަމައެކަނި އެއް ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ލިވިންގ އެލަވަންސް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި ޤާނޫނުއަސާސީއާ ޚިލާފު ތަފާތުކުރުމެއްތޯ؛ ޓްރައިބިއުނަލުން ހެކި ލިޔެކިޔުމަށް ރިޢާޔަތްކޮށްފައިވޭތޯ؛ އަދި އެލަވަންސް ދޭންޖެހޭ މުއްދަތު ފެށޭ ތާރީޚު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 66 ވަނަ މާއްދާއާ ޚިލާފުތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ތަފާތުނުކުރުމުގެ އުޞޫލަކީ ވަޒީފާއާބެހޭ ޤާނޫނުގެ އަސާސީ އުޞޫލެއްކަމަށާއި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައިވެސް ބަޔާންކުރާ އަސާސީ އުޞޫލެކެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުޖޫރަ ކަނޑައެޅުމާއި އިތުރުކުރުމުގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމަކީ މަނާކަމެކެވެ. މިކަމުގެ ޝަކުވާއެއް ޞައްޙަކަމަށް ފެނިއްޖެނަމަ އަސާސީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަމުރު ނެރުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

HN2 ތަފާތުކުރުމުގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭކަން ނުވަތަ ތަފާތު ގެނައީ ޤާނޫނާ ޚިލާފުނުވާ، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ (ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ)).

HN3 ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެކެވެ. މި ޙައްޤު ހިމާޔަތްކުރުމަކީ ދައުލަތުގެ އިދާރާއެއްގެ ހައިސިއްޔަތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ވާޖިބުވާ ކަމެކެވެ.

HN4 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރަނީ މުވައްޒަފުން ދަށް މަޤާމަކަށް ނުވަތަ ކުޑަ މުސާރައެއް ލިބޭ މަޤާމަކަށް ބަދަލުނުކުރުމެވެ. އެ މާއްދާއިން، ދެ އިދާރާއަކުން ބަދަލުވި، އެއް މަސައްކަތެއް ކުރާ މުވައްޒަފުންނަށް ދެ އޮނިގަނޑަކުން ތަފާތު އުޖޫރަ ދިނުން ހުއްދައެއް ނުކުރެއެވެ.

HN5 ތަފާތުކުރުމެއް އޮތްނަމަ ދައުލަތުގެ ޒިންމާއަކީ އެ ތަފާތު ވަގުތުން ނައްތާލުމެވެ. ތަފާތު ނައްތާލުމަށް މަސައްކަތްކުރަމުންދާކަމަށް ނުވަތަ މުސާރަ ހާމަނައިޒްކުރުމަށް މަޝްވަރާކުރަމުންދާކަމަށް ބުނުމަކީ، ނުވަތަ މިނިސްޓްރީ އޮފް ފިނޭންސުން އޮނިގަނޑު ފާސްނުކުރުމަކީ، އަސާސީ ޙައްޤު ފޯރުކޮށްދިނުމުގެ ޒިންމާއިން ބަރީއަވުމަށް ދައުލަތުގެ އިދާރާއަކަށް ދެއްކޭނެ ހުއްޖަތެއް ނޫނެވެ.

HN6 ދަށު ކޯޓުން ހެކިތަކަށް ނުވަތަ ލިޔެކިޔުންތަކަށް ނުވަތަ ދިފާޢަށް ރިޢާޔަތްނުކުރިކަމަށް ހަމައެކަނި ބުނުމަކުން ނުފުދެއެވެ. ރިޢާޔަތްކުރަންވީ ކޮން ހެއްކަކަށް ނުވަތަ ލިޔުމަކަށްކަމާއި، އެއަށް ނަޒަރުކުރިނަމަ ނަތީޖާ ބަދަލުވާނެ ގޮތާއި، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނެދޭންވާނެއެވެ.

HN7 ތަފާތުކުރުމުގެ މައްޗަށް ބިނާކޮށް ދޭންޖެހޭ އެލަވަންސް ހިސާބުކުރަން ފަށާނީ ތަފާތުކުރުން ފެށުނު ތާރީޚުން، މި މައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނަށް ޢަމަލުކުރަން ފެށި ތާރީޚު (6 އޮކްޓޯބަރު 2015) އިން ފެށިގެންނެވެ. އެ ތާރީޚުގެ ކުރިން މުވައްޒަފުން ކޮމިޝަނަށް ބަދަލުވެފައި ނުވާތީ، އޭގެ ކުރީގެ މުއްދަތަކަށް އެ ބިނާގައި އެލަވަންސެއް ނޯންނާނެއެވެ؛ ހިސާބު ފަށާނީ އެ ތާރީޚުން ކަމަށް އޮޅުމެއް ނެތުމުން ޓްރައިބިއުނަލްގެ ނިންމުމަކީ 66 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަބްދުﷲ ރަޝީދު
ބެންޗު
ޙުޒައިފާ މުޙައްމަދު، ޙުސައިން ޝަހީދު (އިސްފަނޑިޔާރު)، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (މީގެ ފަހުން "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މާލެ […] ފާޠިމަތު ޒަޢީމާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "ފާޠިމަތު ޒަޢީމާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3ޤާނޫނު ނަންބަރު 17/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) (މީގެ ފަހުން "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު") 06 ސެޕްޓެމްބަރ 2015ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާ ގެޒެޓު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންއާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އުވާލެވުނެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެދުމާއެކު، އެ ކޮމިޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހުނު ކަމުގައި އެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

4ފާތިމަތު ޒަޢީމާއަކީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި މަސައްކަތްކުރަމުން ދިޔަ މީހަކެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ ދަށުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވުޖޫދަށް އައުމަށްފަހު، ފާޠިމަތު ޒަޢީމާ އެ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

5ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރި މުވައްޒަފުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ލިވިންގ އެލަވަންސްގެ ގޮތުގައި -4000ރ. (ހަތަރުހާސް ރުފިޔާ) ދިން ނަމަވެސް، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރި މުވައްޒަފުންނަށް މި އެލަވަންސް ލިބެމުންނުދާ ކަމުގައި ބުނެ އެ މައްސަލަ ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ފާޠިމަތު ޒަޢީމާ ހުށަހެޅިއެވެ.

6ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ރައްދުވާގޮތަށް ފާޠިމަތު ޒަޢީމާ ހުށަހެޅި މައްސަލައަކީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ލިވިންގ އެލަވަންސްއެއް ދެމުންގެންދާއިރު ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް އެ އެލަވަންސް ލިބެމުން ނުދާކަމަށާއި، އެ މީހަކު ކުރިން ވަކި އިދާރާއެއްގައި މަސައްކަތްކުރުމަކުން އެއްވެސް މުވައްޒަފަކާމެދު މުސާރައާއި ޢިނާޔަތްތައް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅުމަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނުން ފުރުޞަތު ދީފައިނުވާކަމަށާއި، އެއީ އެއްވެސް ހާލެއްގައި އެމީހަކަށް ލިބެންޖެހޭ އިނާޔަތްތައް ދިނުމުގައި ބައެއް އުނިކުރެވޭނެ ސަބަބެއްކަމަކަށް ފާޠިމަތު ޒަޢީމާއަށް ޤަބޫލުނުކުރެވޭކަމަށާއި، އަދި އެކަން އެގޮތަށް ކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ބަޔާންކޮށް، ފާޠިމަތު ޒަޢީމާއަށް 06 ސެޕްޓެމްބަރު 2015 އިން ފެށިގެން އެހާތަނަށް ލިބިފައިނުވާ ލިވިންގ އެލަވަންސްއަށްވާ ފައިސާ ނަގައިދިނުމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ލިވިންގ އެލަވަންސް މަހުންމަހަށް ދެމުން ގެންދިޔުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

7މި މައްސަލައަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދީފައިވާ ޖަވާބުގައި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލެވި، މި ދެ ކޮމިޝަންގެ މުވައްޒަފުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރުމުގައި މައިގަނޑު އަސާސަކަށް ބަލާފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ އަސާސްކަމަށާއި، އެއީ މުވައްޒަފުން ބަދަލުކުރުމުގައި އެއްވެސް މުވައްޒަފަކު ހުރި މަޤާމަށް ވުރެ ދަށް މަޤާމަކަށް ބަދަލުނުކުރުމާއި، އަދި އެއްވެސް މުވައްޒަފަކަށް ލިބެމުން އައި މުސާރައަށްވުރެ ކުޑަ މުސާރައެއް ލިބޭ މަޤާމަކަށް ބަދަލުނުކުރުންކަމާއި، އެގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުން ބަދަލުވެފައިވަނީ އެ މުވައްޒަފުންނަށް ކުރިންވެސް ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކާއެކު ކުރިންވެސް އަދާކުރަމުންދިޔަ މަޤާމުތަކަށްކަމަށާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން މުސާރަ ދެމުން ގޮސްފައިވަނީ ތަފާތު ދެ އޮނިގަނޑެއްގެ ދަށުންކަމަށްވާއިރު، މި ދެ އޮނިގަނޑުގައި ތަފާތުތަކެއް ހުރުމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ހާމަނައިޒް ކުރެވިފައިވާ އޮނިގަނޑަކަށް މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެދުމާއެކު ކުރަން ފެށިފައިވާކަމަށާއި، މިގޮތުން މުސާރައިގެ އޮނިގަނޑު ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފަޔަކަށް ފޮނުވާފައިވާކަމަށާއި، މި ސިޓީގެ ޖަވާބުގައި ދައުލަތުގެ މުސާރަތައް ހާމަނައިޒްކުރުމުގެ މަސައްކަތް ނޭޝަނަލް ޕޭ ކޮމިޝަނުން ކުރަމުންދާތީ، ކޮމިޝަންގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ނުގެނެސް، ކުރިއަށް ދިޔުމަށް އެ މިނިސްޓްރީއިން ލަފާ ދީފައިވާކަމަށާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ލިވިންގ އެލަވަންސް ދެނީ އެ އޮނިގަނޑުގައި އެ އެލަވަންސް ހިމަނާފައިވާތީކަމަށާއި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް އެ އެލަވަންސް ނުދެނީ އެ އޮނިގަނޑުގައި އެ އެލަވަންސް ހިމަނާފައިނުވާތީކަމަށާއި، އެހެންކަމުން، މުސާރަ ހާމަނައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު ދެމުންގެންދާ މުސާރައާއި އެލަވަންސް ދިނުމުގެ އުޞޫލަށް ބަދަލުގެނައުމަށް އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް

8ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނެކޭ އެއްގޮތަށް ފާޠިމަތު ޒަޢީމާއަށް ލިވިންގ އެލަވަންސް ދޭންޖެހޭނެކަމުގައި ކަނޑައަޅައި، 06 ސެޕްޓެމްބަރު 2015 އިން ފެށިގެން 30 އެޕްރިލް 2021 ގެ ނިޔަލަށް ލިވިންގ އެލަވަންސްގެ ގޮތުގައި ފާޠިމަތު ޒަޢީމާއަށް އެހާތަނަށް ލިބިފައިނުވާ ފައިސާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފާޠިމަތު ޒަޢީމާއަށް ދޭންޖެހޭނެކަމުގައި ކަނޑައަޅައި، މި ފައިސާ 30 ޑިސެމްބަރ 2021 އިން ފެށިގެން ރަސްމީ ބަންދު ނޫން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ފާޠިމަތު ޒަޢީމާއަށް އެކީ އެއްފަހަރާ ދިނުމަށް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

9މިފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެ ނިންމުމުން އެނގެއެވެ.

9.1. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދަގެ (ހ) އަދި (ށ) އިން ކަސްޓްމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް ދެމުންގެންދިޔަ އެލަވަންސްތައް ދިނުމަށް ހުރައެއް އޮތްކަން އެނގެންނެތްކަން

9.2. ކުރިން ވަކި އިދާރާއެއްގައި މަސައްކަތްކުރި ކުރުމަށް އެކަނި ރިޢާޔަތްކޮށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެތަނުގެ މުވައްޒަފުންނަށް ލިވިންގ އެލަވަންސް ދިނުމުގައި ތަފާތުކުރެވިދާނެކަމަށް ބުރަނުވެވޭކަން

9.3. ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނެކޭ އެއްގޮތަށް ފާޠިމަތު ޒަޢީމާއަށް ލިވިންގ އެލަވަންސް ދޭންޖެހޭނެކަން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލަ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 3 (ތިނެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

10.1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލަ ނިންމާފައިވަނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ހެކިތަކަށް އަދި ވަށައިގެންވާ އެންމެހައި ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކޮށްގެން ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،

10.2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާތަކާ ގުޅިގެން ދިފާޢުގައި ހުށަހަޅާފައިވާ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

10.3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލަ ނިންމުމުގައި ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު)ގެ 66 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި މުވައްޒަފުން ކޮމިޝަނަށް ބަދަލުކުރުމުގައި މުވައްޒަފަކު ހުރި މަޤާމަށް ވުރެ ދަށް މަޤާމަކަށް ބަދަލުކޮށްގެން ނުވާނެކަމަށާއި، އަދި އެއްވެސް މުވައްޒަފަކަށް ލިބެމުން އައި މުސާރައަށް ވުރެ ކުޑަ މުސާރައެއް ލިބޭ މަޤާމަކަށް ބަދަލުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮތުމުން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރެވިފައިވަނީ، މި ޤާނޫނުގެ 63 ވަނަ މާއްދާގެ އަސާސްގެ މަތިންކަމަށާއި، އެހެނަސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.

12ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން މުވައްޒަފުންނަށް މުސާރައާއި ޢިނާޔާތްތައް ދެމުން ގޮސްފައިވަނީ ދެ އޮނިގަނޑެއްގެ ދަށުންކަމަށްވާތީ، މި ދެ ކޮމިޝަނުން މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތް ދިނުމުގައި ތަފާތުތަކެއް ހުރި ކަމަށާއި، މި ދެ ތަފާތު އޮނިގަނޑު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބޭނުންކުރަން ޖެހުނީ އެއިރު މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދޭނެ އޮނިގަނޑެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ނެތުމުންކަމުގައެވެ.

13ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 18 ވަނަ މައްދާގެ (ނ) ގައި މުސާރައިގެ އޮނިގަނޑު އެކުލަވާލާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޝްވަރާގެ މަތިން ކަމުގައި ބަޔާންކޮށްފައިވާއިރު، މިކަން ކުރުމަށް މި މިނިސްޓްރީއާއި މަޝްވަރާކޮށްފައިވާކަމާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުސާރައާއި ޢިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލެވި ތަންފީޒުކުރަން ފެށިފައިވަނީ 1 މެއި 2021ގައި ކަމާއި، މިކަން ސާބިތުކޮށްދޭ ލިޔުންތައް ހުށަހެޅިނަމަވެސް، އެއަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވާކަމަށް ޤަބޫލުނުކުރާކަމުގައެވެ.

14ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެތަނުގެ މުވައްޒަފުންނަށް މުސާރައާއި ޢިނާޔާތްތައް ދެމުން ގޮސްފައިވާކަމަށާއި، މިފަދައިން މުސާރަ ދިނުމަށް ބޭނުންކޮށްފައިވަނީ ކުރީގެ ދެ ކޮމިޝަންގެ އޮނިގަނޑުކަމަށާއި، މި ދެ އޮނިގަނޑުގައިވެސް ތަފާތުތަކެއް ހުރި އިރު، މުވައްޒަފުން އެއް މުއައްސަސާއަށް ބަދަލުކުރުމުން، އެއް މުއައްސަސާއެއްގައި ދެމުން އައި އެލަވަންސްތައް އަނެއް މުއައްސަސާއެއްގައި މަސައްކަތްކުރި މުވައްޒަފުންނަށް ދެވެން ފަށައިފިނަމަ، ތަފާތު ނަންނަމުގައި ދެވެމުން އައިސްފައިވާ އިނާޔަތްތައް، ހުރިހާ މުވައްޒަފުންނަށް ދޭންޖެހޭނެކަމަށާއި، ނަމަވެސް މިއީ "ރީޒަނަބަލް ޕަރރސަންގެ" ވިސްނުމުން ވިސްނާއިރު ޤަބޫލުކުރެވޭ ކަމެއް ނޫންކަމުގައެވެ.

15މިފަދައިން މެދުވެރިވި ސަބަބަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ލިވިންގ އެލަވަންސް ލިބެމުން އައިސްފައިވާތީކަމަށާއި، އެހެނަސް، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިވިންގ އެލަވަންސް ދޭންޖެހޭނެ ޤާނޫނީ ހުއްޖަތެއް ނެތްކަމުގައެވެ. މި ދެ އޮނިގަނޑުގައި ތަފާތުތަކެއް ހުރި ނަމަވެސް، އެ ތަފާތުތަކަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ގެނައި ތަފާތުތަކެއް ނޫންކަމުގައެވެ.

16މި މައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ތަފާތުކޮށް ކަންކަން ކޮށްފައިނުވާނެކަމަށް ސާބިތުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅާފައިވަނިކޮށް، މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ މެދުގައި ތަފާތުކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ކަމާ ބެހޭ ލިޔެކިޔުންތަކަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ކަމުގައެވެ.

17ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތަށް ވަޒީފާ ދިނުމުގަޔާއި، އުޖޫރަ ކަނޑައެޅުމުގަޔާއި، އުޖޫރަ އިތުރުކުރުމުގައި، އިސްތިއުނާފުކުރާ ފަރާތުން ވަކި ތަފާތުކުރުންތަކެއް ގެންގުޅެފައިނުވާކަމަށް ބަޔާންކޮށް ތިން ކަމެއް ފާހަގަކޮށް ހުށަހަޅާފައިވާއިރު، އެކަންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.

18އެގޮތުން، ވަޒީފާ ދިނުމުގައި ތަފާތު ނުކުރާކަމަށާއި، އެ މުވައްޒަފަކީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ވަޒީފާއަށް ނަގާފައިވާ މުވައްޒަފެއްކަމަށާއި، މި ފަރާތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަށް ވަޒީފާ ދިނުމަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ކޮށްފައިވާ ކަމަކަށްނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތާއެކު މި ކޮމިޝަނަށް ބަދަލުވި އެހެން މުވައްޒަފުންނާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވަޒީފާ ހަމަޖެއްސުމުގައި އިސްތިއުނާފުކުރާ ފަރާތުން "ތަފާތު ކުރުން" ގެންގުޅެފައިނުވާނެކަމުގައެވެ.

19އުޖޫރަ ކަނޑައެޅުމުގައި ތަފާތު ނުކުރާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ވަޒީފާ ދީގެން ވަޒީފާއަށް ނެގި މުވައްޒަފަކަށްވާތީ، އެ ފަރާތަށް އުޖޫރަ ކަނޑައަޅާފައިވަނީވެސް ކަސްޓްމްސް އިންޓެގްރިޓީ ކޮމިޝަނުންކަމަށާއި، އެ ފަރާތަށް އުޖޫރަ ހަމަޖެއްސުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ކަމަކަށްނުވާތީ، އުޖޫރަ ދިނުމުގައި "ތަފާތުކުރުން" ގެންގުޅެފައިނުވާކަމުގައެވެ.

20އުޖޫރަ އިތުރުކުރުމުގައިވެސް ތަފާތު ނުކުރާކަމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ އަސާސްގެ މައްޗަށް އެއްވެސް މުވައްޒަފަކު ހުރި މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުނުވާނެ ގޮތަށާއި، އަދި އެއްވެސް މުވައްޒަފަކަށް ލިބެމުން އައި މުސާރައަށްވުރެ ކުޑަ މުސާރައެއް ލިބޭ މަޤާމަކަށް ބަދަލުނުވާނެ ގޮތުގެ މަތިން ޢަމަލުކޮށްފައިވާކަމަށާއި، ހުރިހާ މުވައްޒަފުން އެކުލެވޭ އޮނިގަނޑަށް ބަދަލުވެވެންދެން، އިސްތިއުނާފު ރައްދުވާ ފަރާތަށް މުސާރަ އިތުރުކުރުމަށް އެ ފަރާތް ނިސްބަތްވާ އޮނިގަނޑުގައި ހުރި ކަންކަން ދަމަހައްޓާފައިވާނެކަމުގައެވެ.

21ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނަކީ 6 ސެޕްޓެމްބަރު 2015ގައި ތަސްދީޤުކުރެވުނު ޤާނޫނެއް ނަމަވެސް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 6 އޮކްޓޯބަރު 2015ގައި ކަމަށްވާއިރު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެދިފައިވަނީ 6 އޮކްޓޯބަރު 2015ގައި ކަމުގައެވެ. އަދި ކުރީގެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުން ބަދަލުކުރެވިފައިވަނީ 6 އޮކްޓބަރޯ 2015އިން ފެށިގެން ކަމުގައެވެ.

22އެހެންކަމުން، ޤާނުނަށް ޢަމަލުކުރަން ފެށުމުގެ ކުރިއަށްވާގޮތަށާއި، މި ކޮމިޝަންގެ އުފެދުމުގެ ކުރިއަށްވާގޮތަށާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތް މުވައްޒަފެއްގެ ގޮތުގައި ހަމަޖެހުނު ތާރީޚުގެ ކުރިއަށް، 6 ސެޕްޓެމްބަރ 2015އިން ފެށިގެން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިވިންގ އެލަވަންސް ދޭންޖެހޭކަމަށް ބަލަންޖެހޭ ޤާނޫނީ ހަމައެއް އޮތް ކަމަށް ޤަބޫލުނުކުރާކަމުގައެވެ.

23އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ނޫންކަމަށް ކަނޑައަޅައި، މައްސަލައިގެ ނިންމުން ބާޠިލުކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

24ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ލިވިންގ އެލަވަންސް އެއް އިދާރާއެއްގައި މަސައްކަތްކުރާ ވަކި ބަޔަކަށް މީގެ ކުރިން ވަކި މުއައްސަސާއެއްގައި މަސައްކަތް ކޮށްފައި އޮތުމުގެ ސަބަބުން ދީ އަދި މީގެ ކުރިން ވަކި މުއައްސަސާއެއްގައި މަސައްކަތް ކުރުމަކީ ލިވިންގ އެލަވަންސް ދިނުމުން އެއްވެސް މުވައްޒަފަކު މަހްރޫމު ކުރެވޭނެ ކަމެއް ނޫންކަމަށާއި، ހަމައެއާއެކު މުވައްޒަފުންގެ މެދުގައި ލިވިންގ އެލަވަންސް ދިނުމުގައި ހުރި ތަފާތު ނައްތާލުމަށް މަސައްކަތްކުރަމުންދާކަށާއި، އެއީ މުވައްޒަފުންގެ މެދުގައި ހުރި ތަފާތެއްކަން މި މައްސަލައިގައި ޓްރައިބިއުނަލަށް މައްސަލަ ފޯމާއެކު ހުށަހެޅި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަންބަރު -462 ADHR/INDIV/2020/06 (24 ޖޫން 2020) މުވައްޒަފުންނަށް ފޮނުވާ ސިޓީގެ ޖަވާބުގައި އެ ކޮމިޝަނުންވެސް ފާހަގަކޮށްފައިވާކަމުގައެވެ.

25މުވައްޒަފުންގެ މުސާރައާއި އުޖޫރަދޭނެ އޮނިގަނޑުތައް އެކުލަވާލުމާއި ތަންފީޒުކުރުމާއި މުވައްޒަފުންގެ މެދުގައި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމާއި، މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތައް ދިނުމުގައި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ކުރުމަކަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ތަން ނުދޭ ކަމަށާއި، އަދި ޤާނޫނާ ޚިލާފަށް ލިވިންގ އެލަވަންސް ދިނުމުގައި ތަފާތުކުރުމަށްފަހު، އެކަމުގެ ދިފާޢެއްގެ ގޮތުގައި އެއީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން އޮނިގަނޑު ފާސްކޮށް ނުދިނީކަމަށް ބުނެ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމުން އިސްތިއުނާފުކުރާ ފަރާތަށް އެކަމުން ބަރީއަވެވޭނެ ކަމަށް ނުދެކޭކަމުގައެވެ.

26ވަޒީފާގެ އޮނިގަނޑު އެކުލަވާލުމާއި، ފާސްކުރުމާއި، ތަންފީޒުކުރުމަކީ ވަޒީފާދޭ ފަރާތުން ކުރަންޖެހޭ ކަމަކަށްވާއިރު، ވަކި މުވައްޒަފަކަށް ވަކި އެލަވަންސެއް ނުވަތަ އިނާޔަތެއް ދިނުމަކީ ނުވަތަ ނުދިނުމަކީ އެހެން މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްނުކުރުމަށް އޮތް ހުއްޖަތެއްނޫންކަމުގައެވެ.

27ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި އަދުލުވެރިކަމާއެކު ޝަރީޢަތްކުރުމާއި، 17 ވަނަ މާއްދާގައި ހާމަކަމާއެކު ކަންކަން ކުރުމަކީ ސާފުކޮށް ކަނޑައެޅިފައިވާކަމަކަށްވާއިރު، އެ މީހަކަށް ލިބެންޖެހޭ ޙައްޤެއް ނުލިބޭނަމަ، އެ ހައްޤެއް ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމުގައެވެ.

28އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްނުކުރީ ކޮން ލިޔުމަކަށްކަން އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިނުވާކަމުގައެވެ.

29ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އުވިފައިވާ ތަނަކަށް މުވައްޒަފަކު ނިސްބަތްކޮށް އެ މުވައްޒަފުންނަށް ލިވިންގ އެލަވަންސް ދޫކުރުން ހުއްޓުވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށާއި، މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެއް އޮވެގެން ނައްތާލުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅިކަމަށް އިސްތިއުނާފު ފޯމުގެ 2.1

(ށ) ގައި ބަޔާންކޮށްފައިވާއިރު، ނެތް ތަފާތެއް ނައްތާލަން މަސައްކަތްކުރަންޖެހޭނެ ސަބަބެއް ނެތް ކަމަށާއި، އަދި ތަފާތެއް އޮވެގެން ތަފާތު ނައްތާލުމަށް މިނިސްޓްރީއަށް ހުށަހެޅިއިރު އެ ތަފާތު ނެތްކަމަށް އިސްތިއުނާފު ފޯމުގެ ބައެއް ތަންތަނުގައި ބަޔާންކުރާތީ، އިސްތިއުނާފުކުރާ ފަރާތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާކަމުގައެވެ.

30ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި އުޖޫރަ ކަނޑައެޅުމުގައާއި، އުޖޫރު އިތުރުކުރުމުގައި، ވަޒީފާގެ ޝަރުޠުތައް އަދާކުރާނެ ގޮތް ކަނޑައެޅުމަގަޔާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި މުވައްޒަފުންގެ މެދުގައި ތަފާތު ނުކުރެވޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ކުރިން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި ވަޒީފާ އަދާކުރީތީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިވިންގ އެލަވަންސް ނުދިނުމަކީ، އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފުވުން ކަމުގައެވެ.

31ތަފާތު ނުކުރެވޭ ކަމަށް ނުވަތަ ތަފާތު ގެނައީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފުނުވާ ގޮތެއްގެ މަތިންކަން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަމުގައެވެ.

32ތިންވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ 6 ސެޕްޓެމްބަރ 2015އިން ފެށިގެން 30 އެޕްރިލް 2021ގެ ނިޔަލަށް ލިވިންގ އެލަވަންސް ދޭންޖެހޭ މިންވަރު ހިސާބުކޮށް އެ މިންވަރު ދިނުމަށެވެ. އެއްވެސް ޙާލެއްގައި ނިންމާފައިވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް އެލަވަންސް ދޫނުކުރާ މުއްދަތަކަށް ނުވަތަ އެ މުވައްޒަފުންނަށް ލިވިންގ އެލަވަންސް ދެމުންދާގޮތާ ތަފާތުގޮތަކަށް އެލަވަންސް ދޫކުރުމަކަށްނޫން ކަމުގައެވެ.

33ލިވިންގ އެލަވަންސް ދޫކުރަންޖެހޭ ގޮތް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި އޮޅުންނާރާވަރަށް ސާފުކޮށްދީފައިވަކަމުގައި ދެކޭ ކަމުގައެވެ.

34އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތް ކަމަށާއި، އަދި އެ ނިންމުމަކީ ޤާނޫނާ ޝަރުޢީ އެންމެހާ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

35މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 ނިންމުން ނިންމާފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 66 ވަނަ މާއްދާއާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުން ނިންމާފައިވަނީ އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްގެންތޯ ނުވަތަ ނޫންތޯއެވެ. އެ ކަންކަމަކީ:

1. މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި،

2. ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި،

3. ހެކިތަކާއި،

4. ވަށައިގެންވާ އެންމެހައި ކަންކަމާއި،

5. ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ފާހަގަކުރި ނުކުތާއާއި ގުޅިގެން ދިފާއުގައި ހުށަހަޅާފައިވާ ކަންކަމެވެ. މައްސަލަ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުން

36މި މައްސަލައިގައި ވަޒީފާއާބޭހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ހެކިތަކަށާއި، ވަށައިގެންވާ އެންމެހާ ކަންކަމަށާއި އަދި ދިފާޢުގައި ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްނުކޮށް ކަމުގައި އިސްތިއުނާފުކުރާ ކުރުމަށް ބަލާއިރު، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަކީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ ދަށުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެއްދުމާއިއެކު، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލެވި، މި ދެ ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ ގޮތުގައި ހަމަޖެހިގެން ދިޔުމެވެ.

37މިފަދައިން މުވައްޒަފުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރުމުގައި، އެއްވެސް މުވައްޒަފަކު ހުރި މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުކޮށްގެންނުވާނެކަމަށާއި، އަދި އެއްވެސް މުވައްޒަފަކަށް ލިބެމުންއައި މުސާރައަށް ވުރެ ކުޑަ މުސާރައެއް ލިބޭ މަޤާމަކަށް ބަދަލުކޮށްގެންނުވާނެކަމުގައި މި ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ) ބަޔާންކުރާއިރު، އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރަރަރީގެ މަޝްވަރާއާއެކު ކަނޑައެޅުމަށް ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) އިން ލާޒިމުކުރިނަމަވެސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވުޖޫދުވިއިރު، އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅިފައިނުވާތީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުކުރި މުވައްޒަފުންނަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އޮތް މުސާރައިގެ އޮނިގަނޑާއި އެއްގޮތަށް، އަދި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުކުރި މުވައްޒަފުންނަށް ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި އޮތް މުސާރައިގެ އޮނިގަނޑާއި އެއްގޮތަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ނިންމީއެވެ. ނަތީޖާއަކަށްވީ، މިފަދައިން މުސާރައާއި އިނާޔަތްތައް ދިނުމުގައި، އެއް މަސައްކަތެއް ކުރާ އެއް މަޤާމެއްގެ މުވައްޒަފުންނަށް އިނާޔަތްތައް ތަފާތުވުމެވެ. މިގޮތުން މި މައްސަލައިގައި ބަހުސްކުރެވޭ ލިވިންގ އެލަވަންސް ލިބިގެންދިޔައީ ހަމައެކަނި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުކުރެވުނު މުވައްޒަފުންނަށެވެ.

38ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް ނިސްބަތްވާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގައި ހުރި ތަފާތުތައް ނައްތާލައި، ހާމަނައިޒް ކުރެވިފައިވާ އޮނިގަނޑަކަށް ހިޖުރަކުރުމުގެ މަސައްކަތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށްދާތީ، މިހާރު ދެމުންގެންދާ މުސާރައާއި އިނާޔަތްތައް ދިނުމުގެ އޫޞުލަށް ބަދަލުގެނައުމަށް އަންގާނެތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

39މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެއްގޮތްކުރުމަށްޓަކައި ތަފާތު މަސައްކަތްތައް ކޮށްފައިވާކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކެވެ.

40މިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ 7.6 ވަނަ ނުކުތާގައި ބަޔާންކޮށް، އެ ލިޔެކިޔުންތައް ތަފްޞީލުކޮށްފައިވެއެވެ. މި ލިޔެކިޔުންތަކުންވެސް އެނގޭ އެއް ޙަޤީޤަތަކީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގައި ތަފާތުތަކެއް ހުރި ކަމާއި، އަދި އެއް މަޤާމެއްގައި ތިބި މުވައްޒަފުންގެ މެދުގައި އިނާޔަތްތަކުގެ ތަފާތެއްވާކަން ޚުދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ޤަބޫލުކުރާކަމެވެ. އެހެނަސް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލައަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ހުށަހެޅި މައްސަލަ ކަމުގައިވާއިރު، މި މައްސަލައިގެ ތެރެއިން ބަލަންޖެހޭނީ ވަޒީފާގެ މާހައުލުގައި މިފަދަ ތަފާތުކުރުމެއް އޮތްތޯ ނުވަތަ ނޫންތޯއެވެ. މިއީ މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށާއި، ހެކިތަކަށާއި، ވަށައިގެންވާ އެންމެހާ ކަންތައްތަކަށާއި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އިސްތިއުނާފުކުރާ ފަރާތުން ރައްދުގައި ނުވަތަ އެ ފަރާތުން ބުނާ ގޮތުންނަމަ ދިފާޢުގައި ހުށަހަޅާފައިވާ ކަންކަމުން ބަލަންޖެހޭ ޙަޤީޤަތްވެސްމެއެވެ.

41HN1މިގޮތުން ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ އަސާސީ އެއް އުޞޫލަކީ ތަފާތުނުކުރުމުގެ އުޞޫލެވެ. އަދި އަސާސީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ލިބިދޭ ޙައްޤަކަށް އުނިކަމެއް ލިބޭ ޢަމަލެއް ހިންގައިފިނަމަ، އެ އުނިކަން ލިބޭ ކަމަށް ދެކޭ ފަރާތުން އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ. އަދި އެއީ ޞައްޙަ ޝަކުވާއެއްކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އަސާސީ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ނެރެންޖެހޭ އަމުރެއް ނެރުމުގެ ބާރު ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

42HN2ތަފާތުނުކުރުމުގެ އުޞޫލަކީ، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ ގައިވެސް އަސާސީ އުޞޫލެއްގެ ގޮތުގައި ނުވަތަ core protection rights ގެ ގޮތުގައި ބަޔާންކުރާ އުޞޫލެކެވެ. މި އުޞޫލު ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރަނީ އެ ޤާނޫނުގެ 4 ވަނަ މާއްދާގައެވެ. މި މާއްދާގެ (ހ) ގައިވަނީ ވަޒީފާ ދިނުމުގަޔާއި، އުޖޫރަ ކަނޑަ އެޅުމުގަޔާއި، އުޖޫރަ އިތުރު ކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި، ވަޒީފާގެ ޝަރުޠުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކިކުރުމުގަފާ ދިނުމުގަޔާފާ 6 ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައިވަނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަނަކަން، އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއް ނުވާނެކަމުގައެވެ. އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، ޢާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ޤާނޫނާއި ޚިލާފުނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެއްކަމުގައެވެ. ވަޒީފާދޭ ފަރާތުން މިއާ ޚިލާފުވެއްޖެ ކަމުގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭ ކަމަށް ނުވަތަ ތަފާތު ގެނައީ، އެއާ ޚިލާފުނުވާ ގޮތުގެމަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާ ދޭ ފަރާތުގެ ޒިންމާއެއްކަމުގައި މި މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.

43HN3ޤާނޫނުއަސާސީގައި އަސާސީ ޙައްޤެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޙައްޤު ބަޔާންކުރެއެވެ. މިގޮތުން މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައި، ހަމަހަމަކަމާއެކު މުޢާމަލާތުކުރެވޭ، ރައްކާތެރި މާޙައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދެއެވެ.

44ޤާނޫނުއަސާސީގައި ބަޔާންކުރާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައިވާއިރު، މި ޙައްޤުތައް ފޯރުކޮށްދިނުމާއި، ހިމާޔަތްކުރުމާއި އަދި ކުރިއެރުވުމަކީ ދައުލަތުގެ އިދާރާއެއްގެ ހައިސިއްޔަތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ވާޖިބުވާނެކަމެކެވެ. މިކަމަށް އެއްވެސް އިސްތިސްނާއެއް ޤާނޫނަކުން ދެވިފައެއްނުވެއެވެ.

45HN4ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނަށް ބަލާއިރު، މި ޤާނޫނުން ލާޒިމުކުރައީ ޖުފަލައަލުން ކޮމިޝަނަށް ބަދަލުކުރުމުގައި، އެއްވެސް މުވައްޒަފަކު ހުރި މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުނުކުރުމަށެވެ. އަދި އެއްވެސް މުވައްޒަފަކަށް ލިބެމުންއައި މުސާރައަށްވުރެ ކުޑަ މުސާރައެއް ލިބޭ މަޤާމަކަށް ބަދަލުނުކުރުމަށެވެ. މިފަދައިން އޮތަތީ، ތަފާތުކުރުވަނިވި ގޮތަކަށް ދެ އިދާރާއަކުން ކޮމިޝަނަށް ބަދަލުވި އެއް މަސައްކަތެއްކުރާ މުވައްޒަފުންނަށް ދެ އޮނިގަނޑަކުން އުޖޫރަދިނުމާއި، އަދި އަތަށް ލިބޭ އުޖޫރަ ތަފާތުވާގޮތަށް މުސާރައާއި އިނާޔަތްތައް ދިނުން ހުއްދައެއްނުކުރެއެވެ.

46HN5ކުރާ މަސައްކަތެއް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމަކީ އަސާސީ ޙައްޤެއް ކަމުގައިވާއިރު، އަދި ތަފާތުނުކުރުމަކީ ޤާނޫނުއަސާސީގެ އަސާސީ އެއް އުޞޫލުކަމުގައިވާއިރު، މިފަދަ ތަފާތުކުރުމެއްވާނަމަ، ދައުލަތުގެ ޒިންމާއަކަށްވާނީ އެ ތަފާތު ވަގުތުން ވަގުތަށް ނައްތާލުމެވެ. އެ ތަފާތު ނައްތާލުމަށް މަސައްކަތްކުރާކަމަށް ބުނުމަކީ، އަދި ޕޭ ހާމަނައިޒްކުރުމަށް މަޝްވަރާތަކެއް ކުރަމުންދާކަމަށް ބުނުމަކީ، އަސާސީ ޙައްޤުތައް މީހުންނަށް ފޯރުކޮށްދިނުމަށް ދައުލަތުގެ ޒިންމާ އަދާކުރުމަށް ބަރީއަވުމަށް ދައުލަތުގެ އިދާރާއަކަށް ދެއްކޭނެ ހުއްޖަތެއްނޫނެވެ.

47HN6ހަމަ މިއާއެކު، މައްސަލަ ނިންމުމުގައި ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައިނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން ނުފުދޭނެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމުގައި ބަރޯސާވާ ހަޤީޤަތްތައް އިސްތިއުނާފުކުރާ ފަރާތުން ބުނެދިނުމާއިއެކު، އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނެދޭންވާނެއެވެ.

48ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ހެއްކަށާއި އަދި ދިފާޢުގައި ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވެއެވ. އެހެނަސް، ރިޢާޔަތްކުރަންވީ ކޮން ހެއްކަކަށްކަމެއް ނުވަތަ ކޮން ލިޔުކަމަކަށްކަމެއް، އަދި ވަކި ލިޔުމަކަށް ނުވަތަ ހެއްކަކަށް ނަޒަރުކުރިނަމަ، ވަގީ ވަގީ ފާރީޕީ ޓްރައިބިއުނަލުން ވާސިލުވި ނަތީޖާ ބަދަލުވާނެ، ނުވަތަ ފުރޮޅިގެންދާނެ ވަކި ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދީފައެއްނުވެއެވެ. އަދި އެކަމުގައި އުފެދޭ ޤާނޫނީ ބަހުސެއްވެސް ބުނެދީފައެއްނުވެއެވެ. މި މައްސަލައިގައި ފެންނަން އޮތީ އުޖޫރަ ދިނުމުގައި ތަފާތު ގެންގުޅެފައިވާކަމެވެ. އަދި ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން އުޖޫރަ ދީފައިނުވާކަމެވެ. މިފަދަ ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ހުށަހަޅާ ޝަކުވާތަކުގައި، ތަފާތުނުކުރާކަމަށް ނުވަތަ ތަފާތުކުރީ ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފުނުވާ ގޮތެއްގެ މަތިންކަމަށް ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމުގައިވާއިރު، މި ޒިންމާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން އަދާކޮށްފައިވާކަމުގައި ނުދެކެމެވެ.

49އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިވިންގ އެލަވަންސް ދީފައިނުވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، މައްސަލައިގައި ކަން ހިނގާފައިވާގޮތަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ހެކިތަކަށާއި، ވަށައިގެންވާ އެންމެހާ ކަންކަމަށާއި، އަދި އިސްތިއުނާފުކުރާ ފަރާތުން ދިފާޢުގައި ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްނުކޮށްކަމުގައި ބެލެވޭނެ އަސާސެއް އޮތް ކަމުގައި ނުދެކެމެވެ. މައްސަލަ ނިންމާފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 66 ވަނަ މާއްދާއާއި ޚިލާފަށްތޯ ނުވަތަ ނޫންތޯ ބެލުން

50HN7ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 66 ވަނަ މާއްދާގައިވަނީ، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރާތާ 1 (އެކެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންކަމުގައެވެ. މި ޤާނޫނު ތަޞްދީޤުކުރެވި ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 6 ސެޕްޓެމްބަރު 2015ގައި ކަމުން، މި ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 6 އޮކްޓބަރޯ 2015ގައެވެ. އެއާ މެދު އެއްވެސް ބަހުސެއް ނެތެވެ.

51މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ޖަދަލަކީ، މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 6 އޮކްޓބަރޯ 2015ގައި ކަމަށްވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިއިރު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިވިންގ އެލަވަންސް ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވަނީ 6 ސެޕްޓެމްބަރު 2015އިން ފެށިގެން ކަމުގައި ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކުރާތީ، ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ ތާރީޚަކުން ފެށިގެން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެދުމުގެ ކުރިއަށް އަދި މުވައްޒަފުން ހަމަޖެހުމުގެ ކުރިއަށް ލިވިންގ އެލަވަންސް ދޭންޖެހޭކަމަށް ބަލަންޖެހޭ ޤާނޫނީ ހަމައެއް ނެތްކަމުގައެވެ.

52ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ދެ ކަމެކެވެ. އެއީ؛

1. ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނެކޭ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިވިންގ އެލަވަންސް ދޭންޖެހޭކަމާއި،

2. 6 ސެޕްޓެމްބަރ 2015އިން ފެށިގެން 30 އެޕްރިލް 2021ގެ ނިޔަލަށް ލިވިންގ އެލަވަންސްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް މިހާތަނަށް ލިބިފައިނުވާ ފައިސާ އެ ފަރާތަށް ދޭންޖެހޭކަމެވެ.

53މި މުއްދަތު ގުނަން ފަށާނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވެ، ތަފާތު އުޞޫލަކުން މި އިނާޔަތް ދެވެން ފެށި މުއްދަތުން ފެށިގެންނެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނަށް ބެލުމުން، އެ މުއްދަތު ފެށުނީ ޤާނޫނަށް ޢަމަލުކުރަން ފެށުމާއިއެކު، 6 އޮކްޓބަރޯ 2015ގައިކަން އެނގެއެވެ. އެހެނީ، މި މައްސަލައިގައި ލިވިންގ އެލަވަންސް ދިނުމުގައި ތަފާތުކުރިކުރުން ފެށިގެންދިޔައީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި ދެ ކޮމިޝަންގެ މުވައްޒަފުން ބަދަލުވެ، ޤާނޫނަށް ޢަމަލުކުރަން ފެށި ތާރީޚުން ފެށިގެން ކަމުގައިވާތީއެވެ. އެ ތާރީޚާއިމެދު އެއްވެސް އޮޅުމެއްނެތެވެ. އެ ތާރީޚުގެ ކުރިއަކަށް ތަފާތުކުރުމުގެ މައްޗަށް ބިނާކޮށް، ދޭނެ އެލަވަންސެއް ނޯންނާނެއެވެ. އެއީ އެ ތާރީޚުގެ ކުރިއަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވެފައިނުވާތީއެވެ. އެހެންކަމުން، 6 ސެޕްޓެމްބަރ 2015އިން ފެށިގެން 30 އެޕްރިލް 2021ގެ ނިޔަލަށް ލިވިންގ އެލަވަންސްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ މިންވަރު ހިސާބުކުރާނީ 6 އޮކްޓޯބަރު 2015 އިން ފެށިގެން ކަމާމެދު އެއްވެސް އޮޅުމެންނެތަތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި ނިންމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 66 ވަނަ މާއްދާއާ ޚިލާފު ކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

54ބަޔާންވެދިޔަ ކަންކަމުގެ އަލީގައި މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

55ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

56ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން7

57މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން8 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.9 މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ.10 އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.11 7 ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. 8 މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. 9 މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ) 10 މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ) 11 މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ) ޢުކުމް ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލައިގެ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤަޝިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލައިގެ "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު" ގެ "މައްސަލައިގެ ޚުލާޞާ"
  2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލައިގެ "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު" ގެ މައްސަލައިގެ ފާހަގަކުރެވުނު ކަންކަމުގެ 4 ވަނަ ނުކުތާއާއި 5 ވަނަ ނުކުތާ
  3. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ނ) އަދި މި ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ)
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 126/VTR/2020 މައްސަލައިގެ "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު" ގެ މައްސަލައިގެ ފާހަގަކުރެވުނު ކަންކަމުގެ
  5. ވަނަ ނުކުތާ މިގޮތުން ނޭޝަނަލް އިންގެޓްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެއް ހަމަކޮށް، މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުނުކަން އެ ކޮމިޝަންގެ ނަންބަރު 462/12/2015/16 (9 ޑިސެމްބަރ 2015) ސިޓީއާއި، އެ ކޮމިޝަންގެ ނަންބަރު 462/12/2016/11 (21 ޖަނަވަރީ 2016) ސިޓީއާއި، އެ ކޮމިޝަންގެ ނަންބަރު 462/13/2016/21 (22 ފެބްރުއަރީ 2016) ސިޓީން އެނގޭކަމާއި، ކޮމިޝަންގެ ސްޓްރަކްޗަރ ބަދަލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އެ ކޮމިޝަނުން ނަންބަރު 462- ADHR/13/2019/19 (3 ޖުލައި 2019) ސިޓީ ފޮނުވިކަމާއި، އެ ކޮމިޝަނުން ނޭޝަނަލް ޕޭ ކޮމިޝަނަށް ނަންބަރު 478ANPC/462/2019/3 (20 އޮގަސްޓް 2019) ސިޓީ ފޮނުވިކަން އެނގެއެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 17/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ނ)، 62 ވަނަ މާއްދާ، 63 ވަނަ މާއްދާގެ (ހ) އަދި (ށ)، 66 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އަދި (ރ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު ބަޔާންކުރުމުގައި)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ