ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/398

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވ. އާދަމް ތަޙްސީން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 23 ޑިސެމްބަރު 2024ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 163/VTR/2021ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 163/VTR/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ދޭ ލިވިންގ އެލަވަންސް ނުދިނުމަކީ ޤާނޫނުއަސާސީގެ 37 (ށ) އާއި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފު ތަފާތުކުރުމެއްތޯ؛ އަދި ޓްރައިބިއުނަލުން 37 (ށ) ތަޠުބީޤުކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި މާނަކުރުމުގެ ޤާނޫނުގެ 3 (ނ) އާ ޚިލާފުތޯ، އަދި އިކުއިޓީއަށް ރިޢާޔަތްނުކުރުމުގެ ނުކުތާ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައުޟޫޢު އެއްގޮތް ނިންމުންތަކެއް ޤާނޫނީ އެއް ނުކުތާތަކެއްގެ މައްޗަށް އިސްތިއުނާފުކުރެވިފައިވާނަމަ، ސުޕްރީމް ކޯޓުގެ 2018/SC-A/31 ޤަޟިއްޔާގެ އުޞޫލާއި ހައިކޯޓުގެ "މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު" އަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާތައް އެއް ބެންޗަކުން އެކުއެކީގައި ބަލައި އެއް ނިންމުމެއްގެ ގޮތުގައި ލިޔެވިދާނެއެވެ.

HN2 ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން، ތަފާތުކުރުމުގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރާކަން ނުވަތަ ތަފާތު ގެނައީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކުރުމުގެ ޒިންމާ އޮތީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ.

HN3 އެއް މަސައްކަތެއް ކުރާ މުވައްޒަފުންނަށް އުޖޫރަ ދިނުމުގައި ތަފާތުކުރާކަމުގެ ބަހުސަކީ މަސައްކަތްކުރުމުގެ ޙައްޤާ ގުޅޭ ބަހުސަކަށްވާތީ، ކޯޓުން ތަފާތުނުކުރުމާއި (ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ)، މަސައްކަތްކުރުމުގެ ޙައްޤާއި، އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމުގެ ޙައްޤާ (37 ވަނަ މާއްދާ) ގުޅޭ ނައްޞުތަކަށް ބަލަންޖެހެއެވެ. އެއީ 42 ވަނަ މާއްދާގެ އިންޞާފުވެރި ޝަރީޢަތުގެ ޙައްޤު ލިބިދިނުމާއި، 69 ވަނަ މާއްދާއާ އެއްގޮތަށް ޤާނޫނުއަސާސީ މާނަކުރުމެވެ.

HN4 ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން މައްސަލަ ނިންމުމުގައި އެންމެ އިސްކަން ދޭންޖެހެނީ ޤާނޫނުއަސާސީއަށް ކަމުން، އަސާސީ ޙައްޤުތަކާ ގުޅޭ މައްސަލައެއްގައި ދެވަނަ ބާބުގެ މާއްދާއެއް ތަޠުބީޤުކުރުމަކީ، ފަރާތްތަކުން އެ މާއްދާއަށް ޙަވާލާ ނުދިނަސް، 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފު ކަމެއް ނޫނެވެ.

HN5 ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ ކުރާ މަސައްކަތް އެއް ނިސްބަތަކުން ވަޒަންކުރުމުގެ ޙައްޤު އެކަނި ނޫނެވެ؛ އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމުގެ ޙައްޤުވެސް އެ މާއްދާއިން ކަށަވަރުކޮށްދެއެވެ. އެހެންކަމުން އެ މާއްދާ ތަޠުބީޤުކުރުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް މާއްދާއެއް ފުޅާކުރުމެއް ނޫނެވެ.

HN6 މުވައްޒަފަކު ކުރިން މަސައްކަތްކުރި މުއައްސަސާއަށް ހަމައެކަނި ބަލައި އެއް މަސައްކަތެއް ކުރާ މުވައްޒަފުންގެ މެދުގައި އުޖޫރަ ދިނުމުގައި ތަފާތުކުރުމަކީ ޖާއިޒު ސަބަބެއްގެ މައްޗަށް ބިނާކޮށް ކުރާ ތަފާތުކުރުމެއް ނޫނެވެ؛ ދައުލަތުގެ އިދާރާއެއްގެ ހައިސިއްޔަތުން އަސާސީ ޙައްޤުތައް ފޯރުކޮށްދިނުމުގެ ވާޖިބު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ވާޖިބުވެއެވެ.

HN7 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދާއިން ލާޒިމުކުރަނީ ބަދަލުކުރާ މުވައްޒަފަކު ދަށް މަޤާމަކަށް ނުވަތަ ކުޑަ މުސާރައެއް ލިބޭ މަޤާމަކަށް ބަދަލުނުކުރުމެވެ؛ ދެ އިދާރާއަކުން ބަދަލުވި އެއް މަސައްކަތެއް ކުރާ މުވައްޒަފުންނަށް ދެ އޮނިގަނޑަކުން، އަތަށް ލިބޭ އުޖޫރަ ތަފާތުވާގޮތަށް މުސާރައާއި އިނާޔަތްތައް ދިނުން އެ މާއްދާއިން ހުއްދައެއް ނުކުރެއެވެ.

ވަޒީފާއާބެހޭ › ވަޒީފާއާ ބެހޭ

HN8 ތަފާތުކުރުމެއް ވާނަމަ ދައުލަތުގެ ޒިންމާއަކީ އެ ތަފާތު ވަގުތުން ނައްތާލުމެވެ؛ ތަފާތު ނައްތާލަން މަސައްކަތްކުރަމުންދާކަމަށް، ނުވަތަ ޕޭ ހާމަނައިޒްކުރުމަށް މަޝްވަރާކުރަމުންދާކަމަށް ބުނުމަކީ، ނުވަތަ ވަކި މުވައްޒަފުންނަށް އެހެން އެލަވަންސެއް ދިނުމަކީ، ދައުލަތުގެ އިދާރާއަކަށް ޒިންމާއިން ބަރީއަވުމަށް ދެއްކޭނެ ހުއްޖަތެއް ނޫނެވެ.، 50)

HN9 ކޯޓުން މައްސަލަ ބަލައި ފަރުވާ ދޭނީ ޚަޞްމުން ހުށަހަޅާފައިވާ ދާއިރާގެ ތެރެއިންނެވެ؛ ފަރާތްތަކުން އެދުނު ތަފާތު ނައްތާލުމަށް (އެ އެލަވަންސް ނަގައިދިނުމަށް) ފަރުވާ ދިނުމަކީ ސުޕްރީމް ކޯޓުގެ 2013/SC-A/44 ގެ އުޞޫލާ ޚިލާފު ކަމެއް ނޫނެވެ.

HN10 އިސްތިއުނާފުގައި އިކުއިޓީ (equity) އަށް ބިނާކުރާ ފަރާތަކުން، ތަޠުބީޤުކުރަން އެދޭ އިކުއިޓީގެ މަފްހޫމަކީ ކޮބައިކަމާއި، އޭގެ އުންސުރުތަކާއި، އެ އުންސުރުތައް ފުރިހަމަވާ ގޮތް ބުނެދީފައި ނުވާނަމަ، އެ ނުކުތާއަކީ ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ފާޠިމަތު ނިޒްނާ، މަޖުދު ރަޝީދު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަބްދުﷲ ރަޝީދު
ބެންޗު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، އިސް ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 162/VTR/2021 މައްސަލައާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 163/VTR/2021 މައްސަލައާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 168/VTR/2021 މައްސަލަ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ބަޔާންކުރަނިވި މައްސަލަތައް އިސްތިއުނާފުކުރުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (މީގެ ފަހުން "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާތަކެވެ.

2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައިގެ ނިންމުމުގެ އިސްތިއުނާފު ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/396 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ސ. މަރަދޫފޭދޫ، ޑޮލްފިން، ރިފްޢާ ޙަސަން (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "ރިފްޢާ ޙަސަން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތްތައް އެކުއެކީގައި "އިސްތިއުނާފު ރައްދުވާ ފަރާތްތައް") ގެ މައްޗަށެވެ.

3ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 162/VTR/2021 މައްސަލައިގެ ނިންމުމުގެ އިސްތިއުނާފު ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/397 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ […] ޢާރިފާ ކުޑަތުއްތު ޙަސަންފުޅު (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "ޢާރިފާ ކުޑަތުއްތު ޙަސަންފުޅު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތްތައް އެކުއެކީގައި "އިސްތިއުނާފު ރައްދުވާ ފަރާތްތައް") ގެ މައްޗަށެވެ.

4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 163/VTR/2021 މައްސަލައިގެ ނިންމުމުގެ އިސްތިއުނާފު ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/398 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ތ. ވިލުފުށި، މަލަސް، އާދަމް ތަޙުސީން (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "އާދަމް ތަޙުސީން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތްތައް އެކުއެކީގައި "އިސްތިއުނާފު ރައްދުވާ ފަރާތްތައް") ގެ މައްޗަށެވެ.

5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 168/VTR/2021 މައްސަލައިގެ ނިންމުމުގެ އިސްތިއުނާފު ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/399 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ގދ. ގައްދޫ، ސޯނާ، މުޙައްމަދު އަޙްމަދު ސަޢީދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "މުޙައްމަދު އަޙްމަދު ސަޢީދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތްތައް އެކުއެކީގައި "އިސްތިއުނާފު ރައްދުވާ ފަރާތްތައް") ގެ މައްޗަށެވެ.

6HN1ބުނެވިދިޔަ ނިންމުންތަކަކީ މައުޟޫޢު އެއްގޮތް ނިންމުންތަކަކަށްވުމާއި، އަދި މި ނިންމުންތައް އިސްތިއުނާފުކުރެވިފައިވަނީ ޤާނޫނީ އެއް ނުކުތާތަކެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ "މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު" އަށް ރިޢާޔަތްކޮށް، މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއްބެންޗަކުން މި ޤަޟިއްޔާތައް އެކުއެކީގައި ކަމަށްވުމާއެކު، " " " " " " " " " " އެއްނިންމުމެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމަށް ފެންނާތީ އެގޮތުގެމަތިން މި ނިންމުން ލިޔެފައިވަނީއެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

7ޤާނޫނު ނަންބަރު 17/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) (މީގެ ފަހުން "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު") 06 ސެޕްޓެމްބަރ 2015ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާ ގެޒެޓު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންއާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އުވާލެވުނެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެދުމާއެކު، އެ ކޮމިޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހުނު ކަމުގައި އެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

8އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި މަސައްކަތްކުރަމުން ދިޔަ މީހުންނެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ ދަށުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވުޖޫދަށް އައުމަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތްތައް އެ ކޮމިޝަންގެ މުވައްޒަފުންގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

9ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރި މުވައްޒަފުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ލިވިންގ އެލަވަންސްގެ ގޮތުގައި -/4000ރ. (ހަތަރުހާސް ރުފިޔާ) ދިން ނަމަވެސް، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް މި އެލަވަންސް ލިބެމުންނުދާ ކަމުގައި ބުނެ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅިއެވެ.

10ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރިފްޢާ ޙަސަން ހުށަހެޅި ނަންބަރު 161/VTR/2021 މައްސަލައާއި، ޢާރިފާ ކުޑަތުއްތު ޙަސަންފުޅު ހުށަހެޅި ނަންބަރު 162/VTR/2021 މައްސަލައާއި، އާދަމް ތަޙުސީން ހުށަހެޅި ނަންބަރު 163/VTR/2021 މައްސަލައާއި އަދި މުޙައްމަދު އަޙްމަދު ސަޢީދު ހުށަހެޅި ނަންބަރު 168/VTR/2021 މައްސަލައަކީ (އެކުއެކީގައި "މައްސަލަތައް") އިސްތިއުނާފު ރައްދުވާ ފަރާތްތައް ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި މަސައްކަތް ކުރަމުން ދަނިކޮށް، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އުވާލައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވުޖޫދަށް އައުމަށްފަހު، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ލިވިންގ އެލަވަންސްއެއް ދެމުންގެންދާއިރު، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް އެ އެލަވަންސް ލިބެމުން ނުދާކަމަށާއި، އެ މީހަކު ކުރިން ވަކި އިދާރާއެއްގައި މަސައްކަތްކުރުމަކުން އެއްވެސް މުވައްޒަފަކާމެދު ލިވިންގ އެލަވަންސް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅުމަކަށް ޤާނޫނުން ފުރުޞަތު ދީފައިނުވާކަމަށާއި، 06 ސެޕްޓެމްބަރ 2015ގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެދުމާއިއެކު، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އުވިފައިވުމާއިއެކު، އެ ތާރީޚުން ފެށިގެން ލިވިންގ އެލަވަންސް ދިނުމުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ގެންގުޅެފައިވާ ތަފާތުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އެއް އިދާރާއެއްގެ މުވައްޒަފުންގެ މެދުގައި ގެންގުޅެވިދާނެ ތަފާތުކުރުމެއް ނޫންކަމަށާއި، ވުމާއެކު 06 އޮކްޓބަރޯ 2015އިން ފެށިގެން 30 އެޕްރިލް 2021ގެ ނިޔަލަށް ލިވިންގ އެލަވަންސްގެ ގޮތުގައި ނުލިބިވާ -267,354.84 (ދެލައްކަ ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ ފަންސާސްހަތަރު ރުފިޔާ އަށްޑިހަ ހަތަރު ލާރި) ނަގައިދިނުމަށާއި، އަދި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއްނެތި ކުރިއަށް އޮތްތަނުގައިވެސް ލިވިންގ އެލަވަންސް ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

11މި މައްސަލައަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދީފައިވާ ޖަވާބުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް ދެމުން ގެންދިޔަ މުސާރައާއި އިނާޔާތްތަކުގައި ފަރަގު ހުރި ކަމަށާއި، އެހެންނަމަވެސް، އެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގައި މުވައްޒަފުން ކޮމިޝަނަށް ބަދަލުކުރުމުގައި، އެއްވެސް މުވައްޒަފަކު ހުރި މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުކޮށްގެންނުވާނެކަމަށާއި، އަދި އެއްވެސް މުވައްޒަފަކަށް ލިބެމުން އައި މުސާރައަށް ވުރެ ކުޑަ މުސާރައެއް ލިބޭ މަޤާމަކަށް ބަދަލުކޮށްގެންނުވާނެކަމަށް ބަޔާންކޮށްފައި އޮތުމުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމީ މަޤާމާއި މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑެއް ހަމަޖެހެންދެން އެ މުއައްސަސާގައި ބޭނުންކުރި މުސާރައާއި އިނާޔާތްތައް އެގޮތުގައި ދެމެހެއްޓުމަށް ކަމުގައެވެ.

12މީގެ އިތުރަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ޖަވާބުގައި ބުނެފައިވަނީ ދެ އޮނިގަނޑުގައި އިނާޔަތްތަކުގައި ތަފާތުތަކެއް ހުރިއިރު، އެލަވަންސްތައް ދޭ ގޮތް ތަފާތުކަމަށާއި، އެ ތަފާތުތައް ނައްތާލުމަށް ގިނަ ގުނަ މަސައްކަތްތައް ކޮށްފައިވާކަމަށާއި، މިކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވި ސިޓީން ދޭހަކޮށްދޭކަމަށާއި، ދެ އޮނިގަނޑުގައި މުސާރައާއި އިނާޔަތްތަކުގެ ތަފާތުތަކެއް ހުރުމުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފަކަށް އިނާޔަތެއް އުނިނުވާގޮތަށް ދެވޭނެ ހަމައެކަނި ގޮތަކީ މުވައްޒަފަށް ކުރިން ދެމުންގެންދިޔަ އިނާޔަތް އެގޮތުގައި ދެމުން ގެންދިޔުން ކަމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން ވަޒީފާ ދިނުމުގައާއި، އުޖޫރަ ކަނޑައެޅުމިގައާއި، އުޖޫރަ ދިނުމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށާއި، އެހެންކަމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނާ ބުނުމަކީ ޙަޤީޤަތާ ޚިލާފަށް ބުނެފައިވާ ބުނުމެއް ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިވިންގ އެލަވަންސް ދޭނެ އުޞޫލެއް ހަމަނުޖެހި އެ އެލަވަންސް ދިނުމަކީ ޤާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމުގައެވެ.

13ނޭޝަނަލް އިންޓެގްރިޓީގެ ފަރާތުން އެދިފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ނަގައިދިނުމަށް އެދިފައިވާ އެލަވަންސްއަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްއަކަށްނުވާތީއާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކާމެދު ތަފާތެއް ގެންގުޅެފައިވާކަން އެނގެން ނެތުމުންނާއި، މިހާރު އެއް އޮނިގަނޑުން މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުންގެންދާތީ، އެދިފައިވާ ގޮތުގެ މަތިން ޢަމަލުކުރެވެން ނެތް ކަމުގައި ކަނޑައަޅައި ދިނުމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް

14ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެއްދުމަށްފަހު، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ދެމުން ގެންދިޔަ ލިވިންގ އެލަވަންސް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދީފައިނުވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) (މީގެ ފަހުން "ވަޒީފާއާބެހޭ ޤާނޫނު") ގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނެކޭ އެއްގޮތަށް ރިފްޢާ ޙަސަންއަށާއި، ޢާރިފާ ކުޑަތުއްތު ޙަސަންފުޅުއަށާއި، އާދަމް ތަޙްސީނުއަށާއި އަދި މުޙައްމަދު އަޙްމަދު ސަޢީދުއަށް ލިވިންގ އެލަވަންސް ދޭންޖެހޭނެކަމުގައި ކަނޑައަޅައި، 06 އޮކްޓބަރޯ 2015 އިން ފެށިގެން 30 އެޕްރިލް 2021 ގެ ނިޔަލަށް -/4000 (ހަތަރުހާސް ރުފިޔާ) ގެ ނިސްބަތުން ލިވިންގ އެލަވަންސްގެ ގޮތުގައި ރިފްޢާ ޙަސަންއަށާއި، ޢާރިފާ ކުޑަތުއްތު ޙަސަންފުޅުއަށާއި، އާދަމް ތަޙްސީނުއަށާއި އަދި މުޙައްމަދު އަޙްމަދު ސަޢީދުއަށް ނުލިބިވާ -/267,333·33 (ދެލައްކަ ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ ތިރީސް ރުފިޔާ ތިރީސް ތިން ލާރި) އެކީ އެއްފަހަރާ ރިފްޢާ ޙަސަންއަށާއި، ޢާރިފާ ކުޑަތުއްތު ޙަސަންފުޅުއަށާއި، އާދަމް ތަޙްސީނުއަށާއި އަދި މުޙައްމަދު އަޙްމަދު ސަޢީދުއަށް ނަގައިދިނުމަށް އަމުރުކޮށްފައިވެއެވެ.

15މިފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެ ނިންމުމުން އެނގެއެވެ.

15.1. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 63 ވަނަ މާއްދަގެ (ހ) އަދި (ށ) ގެ ދަށުން ކަސްޓްމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް ދެމުންގެންދިޔަ އެލަވަންސްތައް ދިނުމަށް ހުރަހެއް އޮތްކަން އެނގެންނެތްކަން

15.2. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ ތެރެއިން ވަކި ބަޔަކަށް ލިވިންގ އެލަވަންސް ދެމުން ގޮސްފައިވަނީ އެ މުވައްޒަފެއްގެ މަސައްކަތުގެ ބާވަތަށް ރިޢާޔަތްކޮށްގެން ނޫންކަމާއި، ހަމައެކަނި ކުރިން އެ މުވައްޒަފު ވަޒީފާ އަދާކުރި މުއައްސަސާއަށް ރިޢާޔަތްކޮށްގެންކަން އެނގެން އޮތުމުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެއްދުމަށްފަހު، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ދެމުންދިޔަ ލިވިންގ އެލަވަންސް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދީފައިނުވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަން

15.3. ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނެކޭ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިވިންގ އެލަވަންސް ދޭންޖެހޭނެކަން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

16ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައާއި، ނަންބަރު 162/VTR/2021 މައްސަލައާއި، ނަންބަރު 163/VTR/2021 މައްސަލައާއި، އަދި ނަންބަރު 168/VTR/2021 މައްސަލަ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 3 (ތިނެއް) ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

16.1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،

16.2. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

16.3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވަނީ equity (އިކުއިޓީ) ގެ ހަމަތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

17ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާގެ 8 ވަނަ ނަންބަރުގެ (ހ) ގައި ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމާތަކާ ގުޅިގެން ކޯޓުން ފައިސަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވާޤިއާތަކުގެ މައްޗަށް ބިނާކޮށް، ފައިސަލާކުރުމަށް އެދިފައިވާ ކަންތައްތަކަށް ކަމުގައި ބަޔާންކުރާއިރު، މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމިއްލަ އިސްނެގުމަށް ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލާ ޚިލާފަށްކަމުގައެވެ.

18ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ކުރާ މަސައްކަތް ހަމަހަމަކަމާއެކު އުޖޫރަ ލިބުން" ގެ އަސާސީ އުޞޫލުތައް ތަފްޞީލުކޮށް ދެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުންކަން ކަމަށް ބަލަންވާނެކަމާއި، މިގޮތުން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ހަމަހަމަކަމަށް ނުވާ" ޤާނޫނާ ޚިލާފުވާ ތަފާތުކުރުން ވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއިން ތަފްޞީލުކޮށްފައިކަމުގައެވެ.

19މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާނުކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތްކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބަލަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ނުހިމެނޭ ކަންތައްތަކެއް ހިމެނުމަށް މަސައްކަތްކޮށްފައިވާކަމުގައެވެ.

20މުސާރަ ދިނުމުގައި ތަފާތު ދެ އޮނިގަނޑެއް ދެ މުއައްސަސާއިން މާރޖްކުރުމުގެ ކުރިން ނުވަތަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށްދޭ މުސާރައިގެ ވަކި އޮނިގަނޑެއް އެކުލަވާލާފައިވާނަމަ، ދެ މުއައްސަސާގެ މުވައްޒަފުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ ގޮތުގައި ހަމަޖެހިގެންދާއިރު، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ވަޒަންކުރެވި ހަމަހަމަކަމާއެކު އުޖޫރަ ލިބޭނެކަމުގައެވެ. އެހެނަސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލަން ކަނޑައަޅާފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނަށް ޢަމަލުކުރަން ފެށުނު ފަހުންކަމުގައެވެ.

21ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު އެކުލަވާލުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޝްވަރާއަށްފަހު މުސާރައިގެ އޮނިގަނޑު ކަނޑައެޅެންދެން ކޮމިޝަންގެ މުވައްޒަފުން ހުރި މަޤާމުގައި ބެހެއްޓިފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، 01 މެއި 2021 އިން ޢަމަލުކުރެވެން ފެށުނު މުވައްޒަފުންގެ އޮނިގަނޑުގެ ދަށުން މުވައްޒަފުން ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ވަޒަންކުރެވި ހަމަހަމަކަމާއެކު އުޖޫރަ ދެވެން ފެށިފައިވާކަމުގައެވެ.

22ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮމިޝަންގެ މުވައްޒަފުންނަށް ވަކި އޮނިގަނޑެއް ހެދެންދެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި މަސައްކަތްކުރި މުވައްޒަފުންނަށް ދެމުންގެންދިޔަ ދެ އޮނިގަނޑުގެ އިނާޔަތްތައް ތަފާތުކަމާއި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި މަސައްކަތްކުރި މުވައްޒަފުންނަށް މުސާރައިގެ އިތުރުން ނޮން-ޕްރެކްޓިސް އެލަވަންސް، ޓެކްނިކަލް އެލަވަންސް އަދި ޑެއިރު އިރު ލަވަންސް ލިބިފައިވީނަމަވެސް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް ނޮން-ޕްރެކްޓިސް އެލަވަންސާއި ޑެއިލީ އެލަވަންސް ނުލިބޭއިރު، އެ މުވައްޒަފުންނަށް ލިވިންގ އެލަވަންސްއާއި ފޯނު އެލަވަންސް ލިބޭކަމާއި، މިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައިވެސް ފާހަގަކޮށްފައިވާކަމުގައެވެ.

23ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހަމައެކަނި ލިވިންގ އެލަވަންސް ނަގައިދިނުމުން މައްސަލައަށް އިންސާފުވެރި ޙައްލެއްނުލިބޭނެކަމާއި، އެހެނީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި މަސައްކަތްކުރި މުވައްޒަފުންނަށް ނޮން-ޕްރެކްޓިސް އެލަވަންސާއި ޑެއިލީ އެލަވަންސް ލިބިފައިވީނަމަވެސް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް މި އެލަވަންސްތައް ނުލިބޭތީ، މިއީ އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ވަޒަންކުރެވި ހަމަހަމަކަމާއެކު މުވައްޒަފުންގެ މެދުގައި އުޖޫރަ ނުލިބޭކަމާއި، މިއީ އިކުއިޓީ (equity) ގެ ހަމަތަކަށް ރިޢާޔަތްކުރުމެއްނެތި ނިންމާފައިވާ ނިންމުމެއްކަމުގައެވެ.

24އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައާއި، އެ ޓްރައިބިއުނަލްގެ ނަންބަރު 162/VTR/2021 މައްސަލައާއި، އެ ޓްރައިބިއުނަލްގެ ނަންބަރު 163/VTR/2021 މައްސަލައާއި، އަދި އެ ޓްރައިބިއުނަލްގެ ނަންބަރު 168/VTR/2021 މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިވިންގ އެލަވަންސްގެ ގޮތުގައި 06 އޮކްޓބަރޯ 2015 އިން ފެށިގެން 30 އެޕްރިލް 2021ގެ ނިޔަލަށް ފައިސާ ދޭންޖެހޭ ކަމަށް ބަޔާންކޮށް ނިންމާފައިވާ ބައި ބާޠިލުކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

25ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަމުގައި ބަޔާންކުރާއިރު، މި މައްސަލައަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ލިވިންގ އެލަވަންސް ނުދޭތީ އެކަން ޙައްލުކޮށް އެކަމަށް ފަރުވާއެއް ހޯދުމަށް ހުށަހެޅި މައްސަލައަކަށްވާއިރު ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއަށް ރިޢާޔަތްކުރުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާ ޚިލާފުވާނެ ސަބަބެއް ނޫންކަމުގައެވެ.

26ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި މަސައްކަތް ކުރަމުން ދަނިކޮށް، އެތަން އުވާލާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިވިންގ އެލަވަންސް ނުލިބޭތީ، އެ ތަފާތުކުރުން ނައްތާލުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ނިންމުމުގައި ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އަށާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މައްސަލަ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާގއަ ބަޔާންކުރާ އުޞޫލާއި ޚިލާފު ނިންމުމެއް ނޫންކަމުގައެވެ. އެއީ މައްސަލައިގައި ފަރުވާ ދީފައިވަނީ ހުށަހަޅާފައިވާ މައްސަލައަކަށްވާތީ ކަމުގައެވެ.

27ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާގައިވަނީ ޚަޞްމުންގެ ފަރާތުން ފައިސަލާކުރުމަށް އެދިފައިވާ ކަންކަމަށް ފައިސަލާކުރާ ވާހަކަކަމަށްވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލައިގައި އެދިފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ މެދުގައި ލިވިންގ އެލަވަންސް ދިނުމުގައި އޮތް ތަފާތު ނައްތާލާ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިވިންގ އެލަވަންސް ލިބޭނޭ ގޮތް ހެދުމަށް ކަމަށްވާއިރު، އެ މައްސަލަ ނިންމުމުގައި ބަޔާންކޮށްފައިވަނީވެސް އެ ތަފާތު ނައްތާލާ ލިވިންގ އެލަވަންސް ދިނުމަށްކަން ފާހާގަކުރާކަމެވެ.

28ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ގެންގުޅެވިދާނެ ކުޑަވެސް ސަބަބެއް ބަޔާންކޮށްދީފައިނުވާކަމެވެ.

29ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަޒީފާދޭ ފަރާތުން މި މާއްދާގެ (ހ) އާ ޚިލާފުވެއްޖެކަމުގެ ޝަކުވާ ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭނެ ކަމަށް ނުވަތަ ތަފާތެއް ގެނައީ، މި މާއްދާގެ (ހ) އާ ޚިލާފުނުވާ ގޮތުގެ މަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދެވިފައިނުވާތީ، ލިވިންގ އެލަވަންސް ދޫކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މައްޗަށް އަންގާ އަމުރުކޮށްފައިވަނީ ކަމުގައެވެ.

30އިސްތިއުނާފުކުރެވޭ ނިންމުމަށް ބަލާއިރު ސާފުކޮށް ފެންނަން އޮތް ކަމަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިވިންގ އެލަވަންސް ދޫނުކުރާ ސަބަބުކަމުގައެވެ. އެއީ ކުރިން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގައި މަސައްކަތްކުރުންކަމާއި، އެނޫން ސަބަބެއް ދެއްކިފައިނުވާކަމުގައެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި އަދުލުވެރިކަމާއެކު ޝަރީޢަތްކުރުމާއި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ހަމަހަމަކަމާއެކު ކަންކަން ކުރުމަކީ ސާފުކޮށް ކަނޑައެޅިފައިވާ ކަންކަމަށްވާއިރު، އެމީހަކަށް ލިބެންޖެހޭ ޙައްޤެއް ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމުގައެވެ.

31ތިންވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންޖެހުނީ އެ ފަރާތްތަކަށް ލިވިންގ އެލަވަންސް ނުލިބޭތީކަމުގައެވެ. އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށް ލިވިންގ އެލަވަންސް ދޭތީކަމުގައެވެ. ކޮންމެ މުވައްޒަފަކަށްވެސް އެ މުވައްޒަފާމެދު ބޭއިންސާފުން ހަމަހަމަކަމެއްނެތި ކަންކަން ކުރާނަމަ، ޝަރުޢީ މަރުހަލާތަކުން ފަރުވާ ލިބިގަތުމަކީ އޮތް ޙައްޤެއްކަމުގައެވެ.

32HN8ޤާނޫނާއި ޚިލާފަށް ލިވިންގ އެލަވަންސް ދިނުމުގައި ތަފާތުކުރުމެއް ގެންގުޅުމަށްފަހު އެކަމުގެ ދިފާއެއްގެ ގޮތުގައި އެއީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން އޮނިގަނޑު ފާސްކޮށް ނުދިނީކަމަށް ބުނުމަކީ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް އެ ފަރާތަށް ބަރީއަވެވޭނެކަމެއް ނޫންކަމުގައެވެ. ވަޒީފާގެ އޮނިގަނޑު ހާމަނައިޒް ނުކުރެވިގެން މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާކަމުގައެވެ. އެހެންކަމުން، އޮނިގަނޑު ހާމަނައިޒްކުރުމާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއްނޫން ކަމުގައެވެ.

33ވަކި މުވައްޒަފަކަށް ވަކި އެލަވަންސެއް ނުވަތަ އިނާޔަތެއް ދިނުމަކީ ނުވަތަ ނުދިނުމަކީ އެހެން މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމުނުކުރުމަށް އޮތް ހުއްޖަތެއްނޫންކަމުގައެވެ. އަދި އެއީ މި މައުޟޫއުގައި ހިމެނޭ ކަމެއްވެސް ނޫންކަމުގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންކަމުގައިވާ ރިފްޢާ ޙަސަންއަށާއި، ޢާރިފާ ކުޑަތުއްތު ޙަސަންފުޅުއަށާއި، އާދަމް ތަޙްސީނުއަށާއި އަދި މުޙައްމަދު އަޙްމަދު ސަޢީދުއަށް ލިވިންގ އެލަވަންސް ނުލިބިގެން ހުށަހެޅުނު މައްސަލަތަކެއް ކަމުގައެވެ. ވުމާއެކު، މި މައްސަލައިގެ ތެރޭގައި ވަކި މީހަކަށް ނުވަތަ ބަޔަކަށް ވަކި އެލަވަންސެއް ނުދިނުމަކީ ތަފާތުކުރުން ގެންގުޅުމަށް އޮތް ހުއްޖަތެއްނޫންކަމުގައެވެ.

34އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައާއި، އެ ޓްރައިބިއުނަލްގެ ނަންބަރު 162/VTR/2021 މައްސަލައާއި، 168/VTR/2021 މައްސަލައިގެ ނިންމުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތް ކަމަށާއި، އަދި އެ ނިންމުންތަކަކީ ޤާނޫނީ ޝަރުޢީ އެންމެހާ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއްކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

35އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންކަމަށެވެ.

35.1. ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި،

35.2. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްތޯ ނުވަތަ ނޫންތޯ، އަދި

35.3. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވަނީ އިކުއިޓީ (equity) ގެ ހަމަތަކަށް ރިޢާޔަތްކުރުމެއް ނެތިތޯ ނުވަތަ ނޫންތޯއެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ

36މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނަށް ދެމުންދިޔަ ލިވިންގ އެލަވަންސް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދީފައިނުވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމުގައި ކަނޑައަޅާފައިވަނީ، އެކަމަށް އެދިފައިނުވާ ހިނދު ކަމަށްވާތީ، އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.

37ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅި މައްސަލައަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ މެދުގައި ލިވިންގ އެލަވަންސް ދިނުމުގައި ތަފާތުކުރުން ގެންގުޅޭތީ، އެއީ މުވައްޒަފުންގެ މެދުގައި ގެންގުޅެވިދާނެ ތަފާތުކުރުމެއް ނޫންކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައިގަނޑު ޖަދަލަކީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނާއި އެއް ފަދައަކުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް ލިވިންގ އެލަވަންސް ދީފައިނުވުމަކީ ތަފާތުކުރުމެއް ކަމަށް ބުނެ ހުށަހަޅާ ޖަދަލެވެ.

38މި ބަހުސްގެ ތެރެއިން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެ ފަރާތްތަކުން އެދިފައިވާ ފަރުވާއަކީ ލިވިންގ އެލަވަންސް ނުލިބިވާ މުއްދަތަށް ލިވިންގ އެލަވަންސް ނަގައިދިނުމަށެވެ.

39HN2HN3ތަފާތުކޮށްފައިވާކަމަށް ބުނެ، އުފައްދާ ޖަދަލުގެ ތެރެއިން ގެންގުޅެފައިވަނީ ކޮން ބާވަތެއްގެ ތަފާތުކުރުމެއްތޯ ބަލާއިރު، އެއީ އެއް މަސައްކަތެއް ކުރާ މުވައްޒަފުންގެ މެދުގައި އުޖޫރަދިނުމުގައި ތަފާތެއް ގެންގުޅެފައިވާ ކަމުގެ ޖަދަލެވެ. ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ އަސާސްތައް ބަޔާންކުރާއިރު، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައިވަނީ އަސާސީ ޙައްޤުތަކުގެ މައި ބިންގަލެވެ. އެއީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމެވެ. މި އުޞޫލު ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރަނީ އެ ޤާނޫނުގެ 4 ވަނަ މާއްދާގައެވެ. މި މާއްދާގެ (ހ) ގައިވަނީ ވަޒީފާ ދިނުމުގަޔާއި، އުޖޫރަ ކަނޑައެޅުމުގަޔާއި، އުޖޫރަ އިތުރު ކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި، ވަޒީފާގެ ޝަރުޠުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކިކުރުމުގަޔާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، ޢާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ޤާނޫނާއި ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެއްކަމުގައެވެ. ވަޒީފާދޭ ފަރާތުން މިއާ ޚިލާފުވެއްޖެ ކަމުގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭ ކަމަށް ނުވަތަ ތަފާތު ގެނައީ، އެއާ ޚިލާފުނުވާ ގޮތުގެމަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާ ދޭ ފަރާތުގެ ޒިންމާއެއްކަމުގައި މި މައްދާގެ (ރ) ގައި ބަޔާންކުރެއެވެ.

40މި މައްސަލައިގައި ހުށަހެޅިފައިވާ ބަހުސަކީ އެއް މަސައްކަތެއްކުރާ މުވައްޒަފުންގެ މެދުގައި އުޖޫރަ ދިނުމުގައި ތަފާތު ގެންގުޅޭ ކަމުގެ ބަހުސްކަމަށްވާއިރު، މިއީ މަސައްކަތްކުރުމުގެ ޙައްޤާއި ގުޅޭ ބަހުސެކެވެ. ޤާނޫނުއަސާސީގައި އަސާސީ ޙައްޤެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޙައްޤު ބަޔާންކުރެއެވެ. މިގޮތުން މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައި، ހަމަހަމަކަމާއެކު މުޢާމަލާތުކުރެވޭ، ރައްކާތެރި މާޙައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދެއެވެ.

41އެހެންކަމުން، މި މައްސަލައިގެ މައުޟޫއުގެ ތެރެއިން ތަފާތުކުރުމާއި ގުޅޭ ނައްސުތަކަށާއި، މަސައްކަތްކުރުމުގެ ޙައްޤާއި ގުޅޭ ނައްސުތަކަށާއި، އަދި ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމުގެ ޙައްޤާއި ގުޅޭ ނައްސުތަކަށް ބަލަންޖެހެއެވެ. އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިދިނުމެވެ. އަދި އެއީ ޢަދުލުވެރިކަމާއި، ހާމަކަމާ، އިންސާފުން ޝަރީޢަތްކުރުމާއި، އަދި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައިވާ ފަދައިން އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭ ފަދައަކުން ޤާނޫނުއަސާސީގައި ހިމެނޭ މާއްދާތައް މާނަކޮށް ތަރުޖަމާނުކުރުން ކަމުގައިވެސް ބެލެވޭނެއެވެ.

42HN4މީގެ އިތުރުން، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި މައްސަލަ ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ މަސްދަރުތައް ބަޔާންކުރާއިރު، އެންމެ އިސްކަމެއް ދޭންޖެހެނީ ޤާނޫނުއަސާސީއަށް ކަމުން، އަސާސީ ޙައްޤުތަކާއި ގުޅޭ ކަންކަމުގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ މާއްދާއަށް ރިޢާޔަތްކޮށް، އެ މާއްދާ ތަޠުބީޤުކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފު ކަމެއް ކަމުގައި ބެލެވޭނެ ކަމުގައި ނުދެކެމެވެ. ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފުވެފައިވޭތޯ

43HN5HN6މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިވިންގ އެލަވަންސް ދީފައިނުވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމުގައެވެ. އެހެނީ، ކުރިން މުވައްޒަފަކު މަސައްކަތްކުރި މުއައްސަސާއަށް ރިޢާޔަތްކޮށް ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ، މި މާއްދާއާ ޚިލާފު ކަމެއް ކަމުގައި ބުރަވެވޭތީކަމުގައެވެ.

44މިފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާ މާނަކޮށް، އެ މާއްދާ ތަޠުބީޤުކޮށްފައިނުވާކަން އެނގެއެވެ. އެހެންކަމުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ނުހިމެނޭ ކަންތައްތަކެއް ހިމެނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މަސައްކަތްކޮށްފައިވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމުގެ ޤާނޫނީ އެއްވެސް ބުރަދަނެއް އޮތް ކަމުގައި ނުދެކެމެވެ.

45ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ޙަވާލާދީފައިވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އަށް ކަމުގައިވީހިނދު، އެ މާއްދާއަށް ފުޅާ މާނައެއް ދީފައިވޭތޯ ނުވަތަ ނުހިމެނޭ ކަމެއް ހިމެނުމަށް މަސައްކަތްކޮށްފައިވޭތޯ ބަލާއިރު، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި ހަމައެކަނި ބަޔާންކުރަނީ ކުރާ މަސައްކަތް އެއް ނިސްބަތަކުން ވަޒަންކުރުމުގެ ޙައްޤު ލިބިގެންވާކަން އެކަންޏެއްނޫނެވެ. އެއާ އެކުއެކީގައި، އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމުގެ ޙައްޤު ލިބިގެންވާކަންވެސް ބަޔާންކުރެއެވެ.

46"ހަމަހަމަކަން" އަސާސީ ޙައްޤުގެ ރިވެލިން މިނާއިރު، އެއީ ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުންކަން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

47އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފޯމުގައި 01 މެއި 2021 އިން ޢަމަލުކުރެވެން ފެށުނު މުވައްޒަފުންގެ އޮނިގަނޑުގެ ދަށުން މުވައްޒަފުން ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ވަޒަންކުރެވި ހަމަހަމަކަމާއެކު އުޖޫރަ ލިބެން ފެށިފައިވާކަމުގައި ބުނެފައިވާއިރު، މިފަދައިން ބުނާ ބުނުމުންވެސް އެނގިގެންދަނީ، އޭގެ ކުރިއަށް އިސްތިއުނާފުކުރާ ފަރާތުން އެއް އޮނިގަނޑުގެ ދަށުން މުވައްޒަފުން ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކޮށް ހަމަހަމަކަމާއެކު އުޖޫރަ ދީފައިނުވާކަމެވެ.

48މި މައްސަލައިގައި ފެންނަން އޮތް ޙަޤީޤަތަކީ އެއް މަސައްކަތެއް ކުރާ މުވައްޒަފުންނަށް އުޖޫރަ ދިނުމުގައި އިސްތިއުނާފުކުރާ ފަރާތުން ތަފާތުކުރުމެއް ގެންގުޅެފައިވާކަމެވެ. މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު، އެއީ ޖާއިޒު ސަބަބެއްގެ މައްޗަށް ބިނާކޮށް ގެންގުޅެފައިވާ ތަފާތުކުރުމެއްނޫނެވެ. އެހެނީ، ޤާނޫނުއަސާސީގައި ބަޔާންކުރާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައިވާއިރު، މި ޙައްޤުތައް ފޯރުކޮށްދިނުމާއި، ހިމާޔަތްކުރުމާއި އަދި ކުރިއެރުވުމަކީ ދައުލަތުގެ އިދާރާއެއްގެ ހައިސިއްޔަތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ވާޖިބުވާނެކަމެކެވެ. މިކަމަށް އެއްވެސް އިސްތިސްނާއެއް ޤާނޫނަކުން ދެވިފައެއްނުވެއެވެ.

49HN7ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނަށް ބަލާއިރު، ޤާނޫނުން ލާޒިމުކުރަނީ މުވައްޒަފުން ކޮމިޝަނަށް ބަދަލުކުރުމުގައި، އެއްވެސް މުވައްޒަފަކު ހުރި މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުނުކުރުމަށެވެ. އަދި އެއްވެސް މުވައްޒަފަކަށް ލިބެމުންއައި މުސާރައަށްވުރެ ކުޑަ މުސާރައެއް ލިބޭ މަޤާމަކަށް ބަދަލުނުކުރުމަށެވެ. މިފަދައިން އޮތަތީ، ތަފާތުކުރުވަނިވި ގޮތަކަށް ދެ އިދާރާއަކުން ކޮމިޝަނަށް ބަދަލުވި އެއް މަސައްކަތެއްކުރާ މުވައްޒަފުންނަށް ދެ އޮނިގަނޑަކުން އުޖޫރަދިނުމާއި، އަދި އަތަށް ލިބޭ އުޖޫރަ ތަފާތުވާގޮތަށް މުސާރައާއި އިނާޔަތްތައް ދިނުން ހުއްދައެއްނުކުރެއެވެ.

50ކުރާ މަސައްކަތެއް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމަކީ އަސާސީ ޙައްޤެއް ކަމުގައިވާއިރު، އަދި ތަފާތުނުކުރުމަކީ ޤާނޫނުއަސާސީގެ އަސާސީ އެއް އުޞޫލުކަމުގައިވާއިރު، މިފަދަ ތަފާތުކުރުމެއްވާނަމަ، ދައުލަތުގެ ޒިންމާއަކަށްވާނީ އެ ތަފާތު ވަގުތުން ވަގުތަށް ނައްތާލުމެވެ. އެ ތަފާތު ނައްތާލުމަށް މަސައްކަތްކުރާކަމަށް ބުނުމަކީ، އަދި ޕޭ ހާމަނައިޒްކުރުމަށް މަޝްވަރާތަކެއް ކުރަމުންދާކަމަށް ބުނުމަކީ، އަސާސީ ޙައްޤުތައް މީހުންނަށް ފޯރުކޮށްދިނުމަށް ދައުލަތުގެ ޒިންމާ އަދާކުރުމަށް ބަރީއަވުމަށް ދައުލަތުގެ އިދާރާއަކަށް ދެއްކޭނެ ހުއްޖަތެއްނޫނެވެ.

51މިކަންކަމަށް ބަލައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ނުހިމެނޭ ކަންތައްތަކެއް ހިމެނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މަސައްކަތްކޮށްފައިވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމުގެ ޤާނޫނީ އެއްވެސް ބުރަދަނެއް އޮތް ކަމުގައި ނުދެކޭހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ތަޠުބީޤުކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފަށްކަމުގައިވެސް ނުދެކެމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވަނީ equity (އިކުއިޓީ) ގެ ހަމަތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރުމެއް ނެތިތޯ

52HN10އަދާލަތުގެ ހަމަ ނުވަތަ equity ނިސްބަތްވަނީ އިނގިރޭސިވިލާތުގެ ހައިކޯޓު އޮފް ޗާންސަރީގައި ފުރަތަމަ އުފެދިގެން ދިޔަ އުޞޫލަކަށެވެ. މި އުޞޫލު އުފެދި، ތަރައްޤީކުރެވުނީ ކޮމަން ލޯ ނިޒާމުގައިވާ ހަރުކަށި އިޖުރާއަތުތަކަށް ޙައްލެއް ހޯދުމުގެ ބޭނުމުގައެވެ. ނުވަތަ އޭގެ ތެރެއަށް ލުއި ތަރުޖަމާއެއް ގެނައުމުގެ ބޭނުމުގައެވެ. މިސާލަކަށް، އެއްބަސްވުމެއް ގާއިމުކުރުމުގައި، އެސްޓޮޕަލް (estoppel) އަކީ އެއްބަސްވުމުގެ މުޤާބިލާއި ގުޅޭ ގޮތުން އެއިރު ކޮމަން ލޯގައި އޮތް ހަރުކަށި މާނަކުރުންތަކުން އަރައިގަތުމަށް ތަރައްޤީކުރެވުނު އިކުއިޓީގެ މަފްހޫމެވެ. އަދި ޓްރަސްޓްގެ މަފްހޫމުވެސް އުފެދިގެން ދިޔައީ އިކުއިޓީގެ ތެރެއިންނެވެ.

53އިކުއިޓީ ކަމުގައި ޙަވާލާދޭ ދިނުމަކީ އޭގެ އެންމެ އަސާސީ ސިފައިގައި (generic form) އެ މަފްހޫމަށް ޙަވާލާދޭ ދިނުމެވެ. އެއީ އިކުއިޓީގެ ތެރެއިން ތަފާތު ބާވަތްތަކާއި، އަދި ތަފާތު maxim ތައް އުފަންވެ، އެ maxim ތަކަށް ވަކިވަކި ނަންތައް ދެވި، އޭގެ އުޞޫލުތައް ތަޠުބީޤުކުރެވޭނެ ޙާލަތްތައް ޤާނޫނުގެ ތެރެއިން ކަނޑައަޅާފައިވާތީއެވެ.

54މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވަނީ އިކުއިޓީގެ ހަމަތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތްނުކޮށް ކަމުގައެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނެކޭ އެއްގޮތަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ލިވިންގ އެލަވަންސް ދީފައިނުވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމުގައި ނުދެކޭ ކަން އިސްވެ ބަޔާންކުރެއްވިއްޖެއެވެ.

55HN9މައްސަލަ ބަލާނީ ޚަޞްމުން ހުށަހަޅާފައިވާ ދާއިރާގެ ތެރެއިންނެވެ. އަދި ޢާންމު އުޞޫލުން ފަރުވާ ދޭނީވެސް އެ ދާއިރާގެ ތެރެއިންނެވެ. މި މައްސަލަ އުފަންވެފައިވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުނެކޭ އެއްފަދައަކުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނަށް ލިވިންގ އެލަވަންސް ނުލިބޭތީ އެކަމުގެ މައްޗަށެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވަނީ މި ތަފާތު ނައްތާލުމަށެވެ. އަދި އެދިފައިވާ ފަރުވާއަކީ އެ އެލަވަންސް ނުލިބިވާ މުއްދަތަށް އެ އެލަވަންސް ނަގައިދިނުމަށެވެ.

56ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންނާއި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންގެ މެދުގައި ލިވިންގ އެލަވަންސްގެ ތަފާތެއް ހުރިކަން މި މައްސަލައިގައި ދެކެވިފައިވާ ވާހަކަތަކުން ސާފުވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލާފައިވަނީ އެ ތަރަހައިގެ ތެރެއިންނެވެ. އަދި ފަރުވާ ދީފައިވަނީވެސް އެ ދާއިރާގެ ތެރެއިންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުހަލާގައި އިތުރު އެލަވަންސްގެ ވާހަކަތައް ދެކެވުނުނަމަވެސް، މިހާރު އިސްތިއުނާފުކުރާ ފަރާތުން ވާހަކަދައްކާ ބީދައިން އެކަށް ހުށަހަޅައި، އެހެން މުވައްޒަފުންގެ ޙައްޤުގައި ވަކާލާތުކޮށް، އެ މުވައްޒަފުންނަށް ފަރުވާ ހޯދުމަށް ވާހަކަދައްކާފައިވާ ތަން ފެންނާކަށްނެތެވެ. އަދި އޭގެ އިތުރުން، މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އަޑުއެހުންތައް ކުރިއަށް ދިޔައިރު، އިސްތިއުނާފުކުރާ ފަރާތުން އެދުނު ކަމެއް ކަމަށްވެސް އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގެ މަރުހަލާގައި ބުނެފައެއްނުވެއެވެ.

57މި މައްސަލައަށް ތަޠުބީޤުކުރަން އެދެނީ އިކުއިޓީގެ ކޮން މަފްހޫމެއްކަމެއް، އަދި އެ މަފްހޫމް ތަޠުބީޤުކުރުމުގައި ފުރިހަމަވާންޖެހޭ އުންސުރުތަކަކީ ކޮބައިކަމެއް، އަދި އެ އުންސުރުތައް ފުރިހަމަވާގޮތެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައިނުވާއިރު، މި އިސްތިއުނާފީ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތުން މި އެދޭ މޭރުމުން، މި މަރުހަލާގައި ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

58ބަޔާންވެދިޔަ ކަންކަމުގެ އަލީގައި މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައާއި، އެ ޓްރައިބިއުނަލްގެ ނަންބަރު 162/VTR/2021 މައްސަލައާއި، 168/VTR/2021 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

59ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

60ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

61މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން 8 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. 8 މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައާއި، އެ ޓްރައިބިއުނަލްގެ ނަންބަރު 162/VTR/2021 މައްސަލައާއި، 168/VTR/2021 މައްސަލައިގެ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤަޝިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާ
  2. ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު 02/FAM/2021 (27 ޖަނަވަރީ 2021) އުޞޫލު.
  3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައާއި، ނަންބަރު 162/VTR/2021 މައްސަލައާއި، ނަންބަރު 163/VTR/2021 މައްސަލައާއި އަދި ނަންބަރު 168/VTR/2021 މައްސަލައިގެ "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު" ގެ "މައްސަލައިގެ ޚުލާޞާ"
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައާއި، ނަންބަރު 162/VTR/2021 މައްސަލައާއި، ނަންބަރު 163/VTR/2021 މައްސަލައާއި އަދި ނަންބަރު 168/VTR/2021 މައްސަލައިގެ "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު" ގެ ފާހަގަކުރެވުނު ކަންތައްތަކުގެ 3 ވަނަ ނުކުތާ
  5. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 161/VTR/2021 މައްސަލައާއި، ނަންބަރު 162/VTR/2021 މައްސަލައާއި، ނަންބަރު 163/VTR/2021 މައްސަލައާއި އަދި ނަންބަރު 168/VTR/2021 މައްސަލައިގެ "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު" ގެ ފާހަގަކުރެވުނު ކަންތައްތަކުގެ 4 ވަނަ ނުކުތާ
  6. Describing the nature of equity in the case of Dudley v Dudley (1705) Prec Ch 241 at 244; 24 ER 118 at 119 said, "Equity ... qualifies, moderates and reforms the rigour, harshness and edge of law. The office is equity is to support and protect the common law from shifts and crafty contrivances against justice and law. Equity therefore does not use evidence of the law, not crate it, but assists it..."
  7. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާޙުމު އިސްތިއުނާޙުމު ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަ ހ ޤޫޖުރެއްޖޭގެ ފާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
  8. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
  9. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
  10. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ
  • ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
  • ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ)
  • ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ
  • ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އަދި (ރ)
  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 2015/17 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 62 އަދި 63 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 އަދި 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
  • ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތައް ވ. ފުރަނަ ހޯލްޑިންގްސް)
  • ސުޕްރީމް ކޯޓުގެ 2013/SC-A/44
  • ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ FAM/2021/02 (މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު)
  • Dudley v Dudley (1705) Prec Ch 241; 24 ER 118

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ