ޓަރމަކްސް ކޮންސްޓްރަކްޝަން ޕްރަައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-G/2020/028
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމީ، މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. މީރާއިން މައުލޫމާތު ހޯދުމަށް އެދުމުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީއާއި ޓްރީ ޓޮޕްގެ ލިޔުމަކީ އެކަށީގެންވާ ހެއްކެއް ނޫންކަމަށް ބަލާފައިވަނީ ރަނގަޅަށް ކަމަށެވެ.
- ވާޤިޢާ
- ޓަރމަކްސް ކޮންސްޓްރަކްޝަނާއި ޓްރީ ޓޮޕް ހެލްތާ ދެމެދު ވެފައިވާ ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓުގެ އަގުގެ މެޓީރިއަލް ބަޔަށް ޖީ.އެސް.ޓީ ދައްކާފައިނުވާކަމަށް މީރާގެ އޮޑިޓުން ކަނޑައަޅައި އިތުރަށް ޖީ.އެސް.ޓީ ދެއްކުމަށް އެންގިއެވެ. މެޓީރިއަލް އިމްޕޯޓްކޮށްފައިވަނީ ޓްރީ ޓޮޕުން ކަމަށް ބުނެ ޓަރމަކްސްއިން ޓްރީ ޓޮޕްގެ ސިޓީއެއް ހުށަހެޅި ނަމަވެސް، އިއުތިރާޒު މަރުޙަލާގައިވެސް މީރާއިން އޮޑިޓުގެ ނިންމުން ޤާއިމުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޮންޓްރެކްޓުގެ މެޓީރިއަލް ބަޔަށް ޖީ.އެސް.ޓީ ދެއްކުމަށް މީރާއިން އެންގުން ރަނގަޅުކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމުމުގައި ޤާނޫނީ ގޯހެއް ހަދާފައިވޭތޯ؛ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ތިންވަނަ ފަރާތަކުން މައުލޫމާތު ހޯދުމަކީ މީރާއަށް ލާޒިމު ކަމެއްތޯ، އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 50 ވަނަ މާއްދާގެ (ރ) ގެ ދަށުން އައު ހެކި ބަލައިގަތުމަކީ ޓްރައިބިއުނަލަށް ލާޒިމު ކަމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ، ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތް ކަށަވަރުނުކޮށް ހަމައެކަނި ކޮންޓްރެކްޓަށް ބިނާކޮށް ޓެކްސް އެންގުމަކީ G36 ރޫލިންގ، ޤާނޫނުއަސާސީގެ 42، 61 އަދި 97 ވަނަ މާއްދާއާ ޚިލާފު ކަމަށާއި، މީރާއިން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 32 ވަނަ މާއްދާގެ ބާރު ބޭނުންކޮށް ތިންވަނަ ފަރާތުން/ކަސްޓަމްސް ޕޯޓަލުން ކަށަވަރުކުރަން ޖެހޭނެކަމަށާއި، ޓްރައިބިއުނަލުން އިސްލާހާއި އައު ހެކި ހުށަހެޅުމުގެ އެދުމާމެދު ގޮތެއް ނުނިންމާ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) ގެ ފުރުސަތު ނުދިން ކަމަށެވެ. މީރާއިން ބުނީ، ޓެކްސް ދައްކާ ފަރާތުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން އެއްބާރުލުން ނުދީ، ލިޔުމުން ހަދާފައިވާ ކޮންޓްރެކްޓު ނަފީވާވަރުގެ ހެއްކެއް ހުށަނާޅާ ހުރުމުން ކޮންޓްރެކްޓަށް ބިނާކޮށް އޮޑިޓް ނިންމުން ރަނގަޅު ކަމަށާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ބާރާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) އަކީ އިޚްތިޔާރީ ބާރުތައް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޓްރައިބިއުނަލުން ދެފަރާތުގެ ވާހަކަތަކަށް ރިޢާޔަތްކޮށް، މުދާ އިމްޕޯޓްކުރާ ފަރާތުން ޖީ.އެސް.ޓީ ދައްކަންޖެހޭނެކަމަށް ނިންމުމުގައި ހަދާފައިވާ ޤާނޫނީ ގޯހެއް ސާފުކޮށް ބުނެދެވިފައިނުވާކަމަށާއި، ތިންވަނަ ފަރާތުން މައުލޫމާތު ހޯދުމަކީ މީރާގެ އިޚްތިޔާރެއްކަމަށާއި، ކޮންޓްރެކްޓު ނަފީކުރުމަށް ހުށަހެޅި ލިޔުމަކީ އޮޑިޓަށް ފުދޭ ލިޔުމެއް ނޫންކަމަށާއި، އެކަމާ ގުޅޭ ތަފްސީލީ ލިޔުންތައް ހުށަހަޅަންޖެހެނީ ޓެކްސް ދައްކާ ފަރާތުން ކަމަށް ކޯޓުން ނިންމިއެވެ. އަދި ޓްރައިބިއުނަލުން އިސްލާހުގައިވާ ކަންކަމާމެދު ގޮތް ނިންމާފައިވާތީއާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) ގެ ދަށުން އައު ހެކި ބަލައިގަތުން ލާޒިމު ނޫންތީއާއި، އޮޑިޓު މަރުޙަލާގައި ހުށަހެޅުމުގެ ފުރުސަތު ލިބި ހުށަނާޅާ ހުރި ހެކިތަކަކީ އައު ހެކި ނޫންތީ، ޓްރައިބިއުނަލުގެ ނިންމުމުގައި ގޯހެއް ނުވާކަމަށް ކޯޓުން ނިންމިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މުދާ އިމްޕޯޓް ކުރާ ފަރާތުން މުދަލަށް ޖީ.އެސް.ޓީ ދައްކަންޖެހޭނެކަމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމުގައި ހަދާފައިވާ ޤާނޫނީ ގޯހެއް އިސްތިއުނާފީ ނުކުތާތަކުގައި ސާފުކޮށް ބަޔާންކޮށްދެވިފައިނުވާނަމަ، ޓްރައިބިއުނަލްގެ ނިންމުމުގައި ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުދެކެވޭނެއެވެ.
HN2 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ތިންވަނަ ފަރާތަކުން މައުލޫމާތު ހޯދުމަކީ މީރާއަށް ލިބޭ އިޚްތިޔާރެކެވެ.
HN3 މީރާއިން އޮޑިޓުގައި ބަލާނީ މީރާއަށް ލިބެން ހުރި ޑޮކިއުމަންޓްތަކަށް ކަމަށްވާއިރު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ނަފީކުރުމަށް ހުށަހެޅި ލިޔުމަކީ އޮޑިޓުގައި ބޭނުންކުރުމަށް ފުދޭ ލިޔުމެއް ނޫނެވެ.
HN4 މުޢާމަލާތަކީ ޓެކްސް ދައްކާ ފަރާތާއި ތިންވަނަ ފަރާތަކާ ދެމެދު ކޮށްފައިވާ މުޢާމަލާތެއް ކަމަށްވާއިރު، ޓެކްސް ދައްކާ ފަރާތުން އެއްބަސްވުމުގައި ބަޔާންކުރާ މުދާ ރާއްޖެއަށް އެތެރެކޮށްފައިނުވާކަމަށް ބުނާނަމަ، އެކަމާ ގުޅޭ ތަފްސީލީ ލިޔުންތައް ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭނެއެވެ.
HN5 ޓެކްސް ދައްކާ ފަރާތުން ހުށަހެޅި އިސްލާހު ބަލައިގަނެފައިވާކަން ނުވަތަ ނޫންކަން ޓްރައިބިއުނަލުން ސާފުކޮށް ބަޔާންކުރަންވާނެއެވެ. އެހެންނަމަވެސް، އެ އިސްލާހުގައި ހުށަހަޅާފައިވާ ކަންކަމާމެދު ޓްރައިބިއުނަލުން ގޮތް ކަނޑައަޅާފައިވާނަމަ، އެއީ ޓެކްސް ދައްކާ ފަރާތުގެ ޙައްޤަކަށް އުނިކަމެއް އަންނަ ކަމެއް ނޫނެވެ.
HN6 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) އިން، މީރާއަށް އިއުތިރާޒުކުރި މަރުޙަލާގައި ހުށަހަޅާފައިނުވާ އައު ހެއްކާއި އައު ދިފާޢުތައް ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިޚްތިޔާރު މައްސަލައިގެ ދެ ޚަސްމުންނަށް ލިބިދީފައިވެއެވެ. އެހެންނަމަވެސް، ޚަސްމުން މިފަދައިން ހުށަހަޅާ ހެކިތައް ބަލައިގަތުމަކީ ޓްރައިބިއުނަލަށް ލާޒިމް ކަމެއް ކަމަށް މި ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައިނުވެއެވެ.
HN7 މައްސަލަ ނިންމުމުގެ ކުރިން އައު ހެކި ބަލައިގަތުމާމެދު ގޮތެއް ނިންމާފައިނުވި ނަމަވެސް، އައު ހެކި ބަލައިނުގަތުމަށް ޓްރައިބިއުނަލުން ނިންމާފައިވާކަން ޓްރައިބިއުނަލްގެ ނިންމުމުން އެނގެން އޮތުމުން، އެ ނިންމުން މައްސަލަ ނިންމުމުގައި ބަޔާންކުރުމުގައި ޓްރައިބިއުނަލުން ގޯހެއް ހަދާފައިނުވެއެވެ.
HN8 ޓެކްސް އެޕީލް ޓްރައިބިއުނަލް ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) އަކީ، އޮޑިޓް މަރުޙަލާގައި ޓެކްސް ދައްކާ ފަރާތަށް ހުށަހެޅުމުގެ ފުރުސަތު އޮވެ، އެ ފުރުސަތުގެ ބޭނުން ނުހިފާ، އެ ހެކި އިއުތިރާޒު މަރުހަލާގައި ހުށަހެޅުމުގެ ފުރުސަތު މީރާއިން ނުދިނުމުން، ބޭނުން ހިފޭނެ މާއްދާއެއް ނޫނެވެ. އެއީ، މި ޙާލަތުގައި، ޓެކްސް ދައްކާ ފަރާތުން ހުށަހެޅުމަށް އެދެނީ އައު ހެކި ކަމަށް ގަބޫލުނުކުރެވޭތީއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހީމް މުނައްވަރު، މުނައްވަރު އެންޑް ކޯ އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަރްޔަމް ޔާޝާ، މުޖީބާ މުޙައްމަދު
- ބެންޗު
- ޙަސަން ޝަފީޢު (ރިޔާސަތު)، ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/028 ނިންމުން އިސްތިއުނާފުކުރުމަށް އެދި ޓަރމަކްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޓަރމަކްސް ކޮންސްޓްރަކްޝަން")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މީރާ") އެވެ.
ކަން ހިނގާފައިވާގޮތް
205 އޮކްޓޯބަރު 2015 އިން 31 މާރިޗް 2018 ގެ ނިޔަލަށް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ހިސާބުކޮށް ދައުލަތަށް ހަމައަށް ދައްކާފައިވޭތޯ ބެލުމަށް މީރާގެ ނަންބަރު 1057315/NOTA-GGST/MDC/2020/01 (08 ޖަނަވަރީ 2020) "ނޯޓިސް އޮފް އެސެސްމަންޓް" އަދި މީރާގެ ނަންބަރު CDB-CN/GST/2017/299 (08 ޖަނަވަރީ 2020) "ގުޑްސް އެންޑް ސާރވިސަސް ޓެކްސް އޮޑިޓް ރިޕޯޓް" މީރާއިން، ޓަރމަކްސް ކޮންސްޓްރަކްޝަން އަށް ފޮނުވާފައިވެއެވެ.
3މީރާއިން ފޮނުވި އޮޑިޓް ރިޕޯޓުގައި ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ޖީ.އެސް.ޓީގެ ގޮތުގައި ދެއްކުމަށް އަންގާފައިވާ ފައިސާއަކީ އެފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބަޔާންކޮށް، 19 ފެބުރުވަރީ 2020 ގައި ޓަރމަކްސް ކޮންސްޓްރަކްޝަންއިން މީރާގައި އިއުތިރާޒުކޮށްފައިވެއެވެ. މީރާގެ ނަންބަރު 220-OA/2020/026 "އޮބްޖެކްޝަން ރިވިއު ރިޕޯޓު" އިން 17 ޖޫން 2020 ގައި އޮބްޖެކްޝަން ރިވިއު ރިޕޯޓުގެ އެނެކްސްޗަރ 1.2 ގައި އިސްލާހުކޮށްފައިވާ ކަންކަން ފިޔަވައި މީރާގެ އޮޑިޓުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައި ޓަރމަކްސް ކޮންސްޓްރަކްޝަންއަށް އަންގާފައިވެއެވެ.
4މީރާގެ ނަންބަރު 220-OA/2020/026 ނިންމުން ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/028 މައްސަލައިގައި ބަލާފައިވެއެވެ.
5މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/028 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އިސްތިއުނާފަށް ހުށަހެޅި ނުކުތާތައް
6ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅި ނުކުތާތަކަކީ:
6.1. ޖީ.އެސް.ޓީ ނެގުމަށް ކަނޑައެޅިފައިވާ ޢާންމު އުޞޫލުތަކާއި، އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމުގައި މީރާއިން ޢަމަލުކުރާ އުޞޫލާ ޚިލާފަށް ހަމައެކަނި ކޮންޓްރެކްޓަށް ބިނާކޮށް ޖީ.އެސް.ޓީ ދެއްކުމަށް އަންގާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
6.2. ޖީ.އެސް.ޓީ ދައްކަންޖެހޭކަމަށް މީރާއިން އަންގާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
6.3. އިއުތިރާޒު މަރުޙަލާގައި "ވެރިފައިޑް" ކަމަށް އޮބްޖެކްޝަން ރިވިއު ރިޕޯޓުގައި ބަޔާންކޮށްފައިވާ މުޢާމަލާތްތައް ފިޔަވައި އިސްތިއުނާފުކުރާ ފަރާތުގެ ބޭންކް ކްރެޑިޓްތަކަށް ބިނާކޮށް ޓެކްސް ދައްކަންޖެހޭކަމަށް އޮޑިޓު މަރުޙަލާގައި ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން
7ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލައި މީރާގެ ނަންބަރު 220-OA/2020/026 "އޮބްޖެކްޝަން ރިވިއު ރިޕޯޓް" ގައި މީރާއިން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކަނޑައަޅާފައިވެއެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
8ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
8.1. ކޮންޓްރެކްޓްގެ ދަށުން މެޓީރިއަލް ބައި ފުރިހަމަކޮށްފައިވަނީ ޓަރމަކްސްއިން ނޫންކަން އޮޑިޓް މަރުޙަލާގައި މީރާގެ ސަމާލުކަމަށް ގެނެސް، މެޓީރިއަލް ބައި ފުރިހަމަކޮށްފައިވާ ފަރާތްކަމަށްވާ ޓްރީ ޓޮޕްއިން އެފަރާތުން މެޓީރިއަލް ބައި ފުރިހަމަކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ލިޔުމެއް އޮޑިޓް މަރުހަލާގައި ޓަރމަކްސްއިން މީރާގެ އޮޑިޓަށް ފޯރުކޮށްދީފައިވާކަން މައްސަލައާ ގުޅިގެން ދެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުންނާއި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތް ނަމަވެސް، މެޓީރިއަލްއަށް ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތް ކަށަވަރުކުރުމެއް ނެތި ޖީ.އެސް.ޓީ ޤާނޫނުގެ 40 ވަނަ މާއްދާއިން ކޮމިޝަނަރ އަށް ލިބޭ އިޚްތިޔާރެއްގެ ދަށުންކަމަށް ބުނެ "ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލު" އާއި "އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމުގައި މީރާއިން ޢަމަލުކުރާ އުޞޫލު" އާއި ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއާ ޚިލާފަށް އިތުރަށް ޖީ.އެސް.ޓީ ދެއްކުމަށް މީރާއިން ޓަރމަކްސްއަށް އަންގާފައިވަނީ ރަނގަޅަށްކަމަށް ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަކީ، ޓްރައިބިއުނަލްގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމެއްނެތި، ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 74 ވަނަ މާއްދާގެ (ހ) އާއި 81 ވަނަ މާއްދާގެ (ހ) އާއި 7 ވަނަ މާއްދާ އާއި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ ރައުޔުގެ 38 ވަނަ ޕެރެގްރާފްގައިވާ އެޑްވަސޭރިއަލް ނިޒާމާއި ގުޅޭ އުޞޫލާއި އަދި އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި 33 ވަނަ ޕެރެގްރާފުން 36 ގެ ނިޔަލަށް ފާހަގަކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވަ އިންސާފުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤަށް ހުރަސް އެޅޭގޮތަށް އަދި ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
8.2. ޖީ.އެސް.ޓީ ޤާނޫނުގެ 2، 3 އަދި 12 ވަނަ މާއްދާއާ ގުޅުވައިގެން ޓަރމަކްސް އިން ޓްރައިބިއުނަލަށް ހުށަހެޅި ނުކުތާ ނުވަތަ "ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލު" އާ ގުޅިގެން ޓްރައިބިއުނަލުން އެއްވެސް ގޮތެއް ކަނޑައަޅާފައި ނުވަނީ ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 74 ވަނަ މާއްދާގެ (ހ) އާއި 81 ވަނަ މާއްދާގެ (ހ) އާއި 7 ވަނަ މާއްދާއާއި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރުގެ ރައުޔުގެ 38 ވަނަ ޕެރެގްރާފުގައިވާ އެޑްވަސޭރިއަލް ނިޒާމާއި ގުޅިގެން ކަނޑައަޅުއްވާފައިވާ އުޞޫލާއި، އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ5 ޤަޟިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 38 ވަނަ 5 ޕެރެގްރާފުގައިވާ އުޞޫލާއި އަދި އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 33 ވަނަ ޕެރެގްރާފުން 36 ގެ ނިޔަލަށް ފާހަގަކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރިކަމާއިއެކު ޝަރީޢަތްކުރުމުގެ ޙައްޤަށް ހުރަސް އެޅޭގޮތަށް އަދި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
8.3. ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަށަވަރުކުރުމަށް މީރާއިން ކުރާ އޮޑިޓްތަކުގައި ތިންވަނަ ފަރާތެއްގެ އަތުން ލިޔެކިޔުން ހޯދުމަށް އޮންނަ ބާރުގެ ބޭނުން މީރާއިން ކޮށްފައިވާ ގޮތަށް ބެލުމެއްނެތި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ތިންވަނަ ފަރާތެއްގެ އަތުން އޮޑިޓަށް ލިޔެކިޔުން ހޯދުމަކީ މީރާއަށް ލިބޭ އިޚްތިޔާރެއްކަމަށް ބަލައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ މަންފާ ހަމައެކަނި މީރާއަށް ފަހިވާގޮތަށް މާނަކޮށް، މީރާއިން ކުރާ އޮޑިޓްތަކުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ބާރު ބޭނުންކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި، ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 74 ވަނަ މާއްދާގެ (ހ) އާއި 81 ވަނަ މާއްދާގެ (ހ) އާއި 7 ވަނަ މާއްދާ އާއި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިއާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރުގެ ރައުޔުގެ 38 ވަނަ ޕެރެގްރާފްގައިވާ އެޑްވަސޭރިއަލް ނިޒާމާއި ގުޅިގެން ކަނޑައަޅުއްވާފައިވާ އުޞޫލާއި އަދި އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 33 ވަނަ ޕެރެގްރާފުން 36 ގެ ނިޔަލަށް ފާހަގަކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤަށް ހުރަސްއެޅޭ ގޮތަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
8.4. އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ޓަރމަކްސްއިން އެދޭގޮތް އިޞްލާހުކޮށްދިނުމަށް ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ވަކި ގޮތެއް ޓްރައިބިއުނަލުން ނިންމާފައިނުވަނީ ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 75 ވަނަ މާއްދާގެ (ހ) އާއި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިއާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރުގެ ރައުޔުގެ 38 ވަނަ ޕެރެގްރާފުގައިވާ އެޑްވަސޭރިއަލް ނިޒާމާއި ގުޅިގެން ކަނޑައަޅުއްވާފައިވާ އުޞޫލާއި އަދި އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 33 ވަނަ ޕެރެގްރާފުން 36 ގެ ނިޔަލަށް ފާހަގަކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރިކަމާއި އެކު ޝަރީޢަތްކުރުމުގެ ޙައްޤާއި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
8.5. ޓްރީޓޮޕްގެ ލިޔުމަކީ ކޮންޓްރެކްޓްގައިވާ މެޓީރިއަލްއާ ގުޅިގެން ކޮންޓްރެކްޓްގެ ބައިވެރިން ޢަމަލުކޮށްފައިވާ ގޮތް އިތުރަށް ބަލައި މެޓީރިއަލް ބަޔަށް ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތް ކަށަވަރުކުރުމަށް އޮޑިޓް މަރުޙަލާގައި މީރާއިން މަސައްކަތްކުރަންޖެހޭ ފަދަ "އެކަށީގެންވާ" ލިޔުމެއް ނޫންކަމަށާއި، އެ ލިޔުމަށް ބަލައިގެން މީރާއިން އިތުރަށް ކަންކަން ބަލަންވެއްޖެނަމަ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) އަދި (ޅ) ގެ ދަށުން ލިޔެކިޔުން ބެލެހެއްޓުމަށް ޓެކްސް ދައްކާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާ މީރާގެ މައްޗަށް ފުރޮޅިގެންދާނެކަމަށް ބުނެ މީރާއިން ފާހަގަކުރި ކަންކަމާއި ގުޅިގެން ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ރަނގަޅުނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
8.6. ބޭންކް ކްރެޑިޓްސްތަކާއި ގުޅިގެން އިއުތިރާޒު މަރުޙަލާގައި މީރާއަށް ފޯރުކޮށްދީފައިވާ ބޭންކް ސްޓޭޓްމަންޓްތަކުގެ ތަފްސީލީ ލިޔުން ޓްރައިބިއުނަލަށް ހުށަހެޅުމަށް ފުރުސަތު ދިނުމަށް ޓަރމަކްސްއިން ޓްރައިބިއުނަލުގައި އެދުމުން އެ ފުރުސަތު ޓަރމަކްސްއަށް ލިބޭކަން ނުވަތަ ނޫންކަންވެސް އެންގުމެއް ނެތި މައްސަލަ ނިންމާފައިވަނީ ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 50 ވަނަ މާއްދާގެ (ރ) ގެ ދަށުން އިއުތިރާޒު މަރުޙަލާގައި މީރާއަށް ހުށަހަޅާފައިނުވާ އައު ހެއްކާއި ދިފާއު ހުށަހެޅުމުގެ ފުރުސަތު ޓަރމަކްސްއަށް ލިބިފައިވާކަން އެނގެން އޮތް އޮތުމަށް ރިއާޔަތްކުރުމެއްނެތި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި 4 ވަނަ މާއްދާގައި ޙައްލު ހޯދުމުގައި ޢަމަލުކުރުމަށް އޮންނަ އުޞޫލާއި، 15 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން
ފުރަތަމަ ނުކުތާއާ ގުޅޭ
9ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ.
9.1. ޓްރައިބިއުނަލަށް ހުށަހެޅި މައިގަނޑު އެއް ނުކުތާއަކީ ކޮންޓްރެކްޓާ ގުޅިގެން އޮޑިޓް މަރުޙަލާ އަދި އިއުތިރާޒު މަރުޙަލާގައި މީރާއިން ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ނުކުތާއެއް ކަމާއި އެ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާއަކީ؛
9.1.1 ކޮންޓްރެކްޓްގައި "މެޓީރިއަލް" ބަޔަކާއި "ސިވިލް (ލޭބަރ) ވޯކްސް" ބައެއް އޮންނައިރު، ޓަރމަކްސްއިން ފުރިހަމަކޮށްފައިވަނީ ހަމައެކަނި "ސިވިލް (ލޭބަރ) ވޯކްސް" ބަޔަށްވާ މަސައްކަތް ކަމުގައިވާތީ އެ ބަޔަށްވާ ޖީ.އެސް.ޓީ މީރާއަށް ދައްކާފައިވާކަން.
9.1.2 މެޓީރިއަލް ބައި ފުރިހަމަކޮށްފައިވަނީ ޓަރމަކްސްއިން ނޫންކަން އޮޑިޓް ނިންމުމުގެ ކުރިން މީރާއަށް އަންގާފައި ވީނަމަވެސް، އަދި އިއުތިރާޒު މަރުޙަލާގައި މީރާގެ އޮޑިޓުގެ ނިންމުން އެއްކޮށް ނުވަތަ އޮޑިޓުގެ ނިންމުމުން ބައެއް ބަދަލުކުރުމުގެ ޤާނޫނީ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 36 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބިފައި އޮތް ނަމަވެސް، އިއުތިރާޒު މަރުޙަލާގައިވެސް ޓަރމަކްސްއިން ހަމަ ޙަޤީޤަތުގައިވެސް މެޓީރިއަލް ބަޔަށް އިތުރަށް ޖީ.އެސް.ޓީ ދައްކަންޖެހޭތޯ ކަށަވަރުކުރުމަށް އެއްވެސް މަސައްކަތެއް ކުރުމެއްނެތި، ދައުލަތަށް އިތުރަށް ޓެކްސް ނެގުމުގެ ބޭނުމަށް ކޮމިޝަނަރއަށް ޖީ.އެސް.ޓީ ޤާނޫނުގެ 40 ވަނަ މާއްދާއިން ލިބޭ އިޚްތިޔާރު ބޭނުންކޮށްފައިވާކަން.
9.1.3 އިތުރަށް ޖީ.އެސް.ޓީ ދެއްކުމަށް މީރާއިން ޓަރމަކްސްއަށް އަންގާފައިވަނީ ހަމައެކަނި ކޮންޓްރެކްޓަށް ބަލައިގެން، ކޮންޓްރެކްޓްގެ ބައިވެރިން ޢަމަލުކޮށްފައިވާ ގޮތް ރަނގަޅަށް ބެލުމެއްނެތިކަން އޮޑިޓް ރިޕޯޓުން އެނގެން އޮންނަކަން.
9.1.4 ޖީ.އެސް.ޓީ ޤާނޫނުގެ 2، 3 އަދި 12 ވަނަ މާއްދާގެ ދަށުން ޖީ.އެސް.ޓީ ނެގުމަށް ކަނޑައެޅިފައިވާ ޢާންމު އުޞޫލުތަކާއި ޚިލާފަށް މީރާއިން ޖީ.އެސް.ޓީގެ ޢަދަދު ކަނޑައަޅައި އިތުރަށް ޓެކްސް ދެއްކުމަށް ޓަރމަކްސްއަށް އަންގާފައިވާކަން.
9.1.5 ޓެކްސް ރޫލިންގ ނަންބަރު G36) TR-2016/G36 ޓެކެސް ރޫލިންގ) ގެ ދަށުން މީރާއިން އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމުގައި ޢަމަލުކުރަމުންދާ އުޞޫލާ ޚިލާފަށް މީރާއިން ޖީ.އެސް.ޓީގެ ޢަދަދު ކަނޑައަޅައި އިތުރަށް ޓެކްސް ދެއްކުމަށް ޓަރމަކްސްއަށް އަންގާފައިވަނީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާއާއި ޚިލާފަށް "އިންސާފުވެރިކަމާއެކު ޢަމަލުކުރާނެ ކަމުގެ އުއްމީދު" ނެތިގެންދާގޮތަށްކަން.
9.1.6 ޖީ.އެސް.ޓީ ޤާނޫނުގެ 40 ވަނަ މާއްދާގައިވާ އިޚްތިޔާރީ ބާރަކީ، ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއާއި "ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލު" އާ ޚިލާފަށް ޢަމަލުކުރުމަށްފަހު ދައުލަތަށް އިތުރަށް ޓެކްސް ހޯދުމަށް ބޭނުންކުރެވިދާނެ ހަތިޔާރެއް ނޫންކަން.
9.1.7 މީރާގެ ނިންމުމަކީ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއާ ޚިލާފަށް ދައުލަތަށް އިތުރަށް ޓެކްސް ނެގުން އިސްކޮށް ނިންމާފައިވާ ޤާނޫނާ ޚިލާފު ނިންމުމެއްކަން.
9.2. ޓްރައިބިއުނަލްގައި ފާހަގަކުރި ނުކުތާތަކާއި ދެފަރާތުން ދެއްކި ވާހަކަތަކާ ހުށަހެޅި ލިޔުންތަކުން ފާހަގަވާ ކަންކަމާއި، ޓްރައިބިއުނަލްގެ މެންބަރުންގެ ރައުޔާއި ނިންމުން ރަނގަޅު ނޫންކަމަށް ޓަރމަކްސްއިން ދެކޭ ސަބަބުތަކުގެ ތަފްސީލްގެ ގޮތުގައި ތިރީގައިވާ ކަންކަން ޓަރމަކްސް އިން ފާހަގަކޮށްފައިވެއެވެ.
9.2.1 ކޮންޓްރެކްޓްގައިވާ މެޓީރިއަލް ބައި ފުރިހަމަކޮށްފައިވަނީ ޓަރމަކްސްއިން ކަމުގައިނުވާތީ އެ ބަޔަށް ޖީ.އެސް.ޓީ ދައްކަންނުޖެހޭނެކަން މީރާގެ ސަމާލުކަމަށް އޮޑިޓް މަރުޙަލާގައި ގެނެސްފައިވާކަން ޓްރައިބިއުނަލްގެ އަޑުއެހުމުގައި ފާހަގަކޮށްފައިވާކަން.
9.2.2 ޓަރމަކްސްއިން މެޓީރިއަލް އިމްޕޯޓްކޮށްފައިނުވާކަން ނުވަތަ ކޮންޓްރެކްޓްގައިވާ މެޓީރިއަލް ބައި ފުރިހަމަކޮށްފައިވަނީ ޓްރީޓޮޕްއިން ކަން ޓްރައިބިއުނަލްގެ އަޑުއެހުމުގައި ފާހަގަކޮށްފައިވާނެކަން.
9.2.3 ޓްރީޓޮޕް ގެ ނަންބަރު TTH-2019-TUR-43 ލިޔުމަށް ބަލާއިރު، ކޮންޓްރެކްޓްގެ ދަށުން ޓްރީޓޮޕްއިން މެޓީރިއަލް އިމްޕޯޓް ކޮށްފައިވާކަމަށް އެފަރާތުގެ ބުނެފައިވާކަން އެނގެން އޮތްއިރު، އޮޑިޓް މަރުޙަލާގައި ޓަރމަކްސްއިން މެޓީރިއަލް އިމްޕޯޓްކޮށްފައި ނުވާކަން މީރާއަށް އަންގާފައިވަނިކޮށް އަދި އެކަން ކަށަވަރުކުރުމަށް އެއްވެސް ކަމެއް ކުރުމެއްނެތި އިތުރަށް ޖީ.އެސް.ޓީ ދެއްކުމަށް ޓަރމަކްސްއިން އެންގީ، ހަމައެކަނި ކޮންޓްރެކްޓަށް ބަލައިގެންކަން.
9.2.4 އޮޑިޓް މަރުޙަލާގައި މެޓީރިއަލް ފޯރުކޮށްދީފައިވަނީ ޓަކްމަކްސްއިން ނޫންކަން މީރާގެ އޮޑިޓްގެ ސަމާލުކަމަށް ގެނެސްފައިވާކަން ގުޑްސް އެންޑް ސަރވިސަސް އޮޑިޓް ރިޕޯޓު ނަންބަރު CBD-CN/GST/2017/299 އޮޑިޓް ރިޕޯޓުން ސާބިތުވާން އެބައޮތްކަން.
9.3. ޓެކްސް އެޕީލް ޓްރައިބިއުލްގެ ގަވާއިދު 2021 ގެ 81 ވަނަ މާއްދާގެ (ހ)، 74 ވަނަ މާއްދާގެ (ހ) އަދި 7 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް އަދި އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާތަކުގައިވާ އުޞޫލުތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، ޓްރައިބިއުނަލްގެ މެންބަރުންގެ ނިންމުން ބިނާވާންޖެހޭނީ މައްސަލައާ ގުޅިގެން ޓްރައިބިއުނަލަށް ދެފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަން އޮތް ޙަޤީޤަތްތަކުގެ މައްޗަށްކަން ސާފު ކަމާއި، އެ ނޫން ގޮތަކަށް މައްސަލަ ބެލުމުގެ ނަތީޖާއަކަށްވާނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤާ ޚިލާފަށް ނިންމާފައިވާ ނިންމުމަކަށް ޓްރައިބިއުނަލްގެ ނިންމުން ވުން ކަން އެނގޭކަމަށް ޓަރމަކްސްއިން ފާހަގަކޮށްފައިވެއެވެ.
9.4. މީރާގެ އޮޑިޓްގެ، "ކޮމެންޓް" އަދި "މީރާސް ރެސްޕޮންސް" އަށް ބެލުމުން، ޓަރމަކްސްއިން އޮޑިޓް މަރުޙަލާގައި މެޓީރިއަލް އިމްޕޯޓްކޮށްފައިނުވާކަން މީރާގެ އޮޑިޓަރުންނަށް އަންގާފައިވާކަން އެނގޭކަމާއި، މިކަން އިތުރަށް ބަލައިދިނުމަށް ޓަރމަކްސްއިން އެދިފައިވާކަންވެސް އެނގޭ ކަމާއި، މީގެ އިތުރުން، ޓްރީ ޓޮޕްއިން މިކަން ސާފުކުރުމުން އިމްޕޯޓް މުދަލާ ގުޅޭ ކަންކަން މީރާގެ އޮޑިޓަށް ސާފުވެގެންދާނެ ކަމަށް ދެކޭކަމަށް ޓަރމަކްސްއިން ބުނެފައިވާކަން އެނގޭކަމަށް ފާހަގަކޮށްފައިވެއެވެ.
9.5. ޓްރީޓޮޕް ލިޔުމުގައި "major material" ނުވަތަ "މައިގަނޑު ތަކެތި" އޮތުމުގެ ސަބަބުން އެ ލިޔުން އެކަށީގެން ނުވާކަމަށް ބަލައި އޮޑިޓް މަރުޙަލާގައި އިތުރަށް ޓެކްސް ދެއްކުމަށް ޓަރމަކްސްއަށް އެންގުމަށް މީރާއަށް މަޖުބޫރުވީކަމަށް ޓްރައިބިއުނަލްގައި ވަކާލާތުކޮށްފައި ވީނަމަވެސް، އޮޑިޓް މަރުޙަލާގައި މެޓީރިއަލް އިމްޕޯޓްކޮށްފައިވާ ފަރާތް އޮޑިޓްގައި ދެނެގަނެވެން ނެތީ ޓްރީ ޓޮޕްގެ ލިޔުމުގައި "major material" އޮތުމުގެ ސަބަބުން އެ ލިޔުން އެކަށީގެންވާ ލިޔުމަކަށް ނުވާތީކަމަށް އޮޑިޓް މަރުޙަލާގައި މީރާއިން ޓަރމަކްސްއަށް އަންގާފައިނުވާކަމަށް ޓަރމަކްސްއިން ފާހަގަކޮށްފައިވެއެވެ.
9.6. އޮޑިޓް ރިޕޯޓުގައިވާ ކޮމެންޓަށް ބެލުމުން މެޓީރިއަލް އިމްޕޯޓްކޮށްފައިވަނީ ޓަރމަކްސްއިން ނޫންކަމަށް ޓަރމަކްސްއިން ބުނެފައިވާކަން އެނގޭކަމާއި، އެކަން ޓްރީ ޓޮޕްގެ ކިބައިން އިތުރަށް ބެލުމަށް މީރާގެ ކިބައިން އެދިފައިވާކަން އެނގޭކަމާއި، 31 ޑިސެންބަރު 2019 ގެ އީމެއިލްއަށް ބެލުމުން ޓްރީ ޓޮޕްއިން މެޓީރިއަލް ފޯރުކޮށްދީފައި އޮތްކަމަށް އެފަރާތުން ބުނާކަން އެ އީމެއިލްއާއެކު ހުށަހެޅި ޓްރީޓޮޕްގެ ލިޔުމުން މީރާއަށް އަންގާފައިވާކަން އެނގެން އޮންނަކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަންއިން ފާހަގަކޮށްފައިވެއެވެ.
9.7. 31 ޑިސެންބަރު 2019 ގެ ފަހުން މީރާއިން މި އޮޑިޓާ ގުޅިގެން ކޮށްފައި އޮތް ކަމެއް މައްސަލައިގެ ތެރެއިން ފެންނަން ނެތްކަމާއި، މީރާއިން ބުނާ ގޮތަށް އޮޑިޓް ނިންމުމަށް ވަގުތު ކައިރިވެފައި އޮތްކަމަށް ބަލައިގެން އަވަސް އަރުވާލައިގެން އޮޑިޓް ނިންމަންޖެހޭ ސަބަބެއް ނެތްކަމާއި، ސަބަބަކީ އޮޑިޓެއް ނިންމުމަށް ޤާނޫނީ ގޮތުން ވަކި މުއްދަތެއް ކަނޑައެޅިފައިނުވާތީ ނުވަތަ އެފަދަ ޤާނޫނީ ސަބަބެއް އޮތްކަމަށް ޓްރައިބިއުނަލްގައި ބުނެ އަވަސް އަރުވާލައިގެން އޮޑިޓް ނިންމުމަށް މީރާއަށް މަޖުބޫރުވާ ޙާލަތެއް އޮތްކަމަށް ޓްރައިބިއުނަލްގައި މީރާއިން ބުނެފައިވެސް ނުވާކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަން އިން ފާހަގަކޮށްފައިވެއެވެ.
9.8. 8 ޖަނަވަރީ 2020 ގައި މީރާއިން އޮޑިޓް ނިންމާފައިވާކަމާއި، މެޓީރިއަލް ބަޔަށް އެއްކޮށް ޖީ.އެސް.ޓީ ދެއްކުމަށް މީރާއިން ޓަރމަކްސްއަށް އަންގާފައި އޮތްކަމާއި، އޭގެ ފަހުން ދެން ފެންނަން އޮތީ މީރާގެ އޮޑިޓުގެ ނިންމުން ރަނގަޅުނޫންކަމަށް ދެކި 19 ފެބުރުވަރީ 2020 ގައި ޓަރމަކްސްއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން މީރާގެ އޮޑިޓުގެ ނިންމުމަށް އިއުތިރާޒުކޮށް އަދި އިއުތިރާޒުކުރި މައްސަލަ ބަލައި މީރާއިން ނިންމުން ނިންމާފައިވަނީ 17 ޖޫން 2020 ގައި ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
9.9. ޓްރައިބިއުނަލްގެ މެންބަރު އަޙްމަދު އަޝްރަފްގެ ރައުޔުގެ 17 ވަނަ ނަންބަރުގައި "މެޓީރިއަލް ކޮސްޓްގެ ޚަރަދުކުރީ އިސްތިއުނާފުކުރާ ފަރާތުން ނޫންކަން ސާބިތުކޮށްދިނުމަށް، އޮޑިޓް މަރުހަލާގައި ތަކުރާރުކޮށް މީރާއިން އެދިފައިވާކަން މީރާގެ އޮޑިޓް ރިޕޯޓާއި މީރާގެ ބަހުންނާއި އިސްތިއުނާފުކުރާ ފަރާތަށް ފޮނުވާފައިވާ އީމެއިލްގެ ފަސްފަހަތް ބެލުމުން އެނގެން އޮވެއެވެ." މިފަދައިން ނިންމާފައިވާ ނިންމުމަކީ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތްކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫންކަން ސާފުކޮށް އެނގޭކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަން އިން ފާހަގަކޮށްފައިވެއެވެ.
9.10. މީރާއިން ޓްރައިބިއުނަލްގައި ވަކާލާތުކޮށްފައިވާ ގޮތަށް، ޓްރީ ޓޮޕްގެ ލިޔުމަކީ "އެކަށީގެންވާ" ލިޔުމެއް ނޫންކަމަށް ޓްރައިބިއުނަލުން ނިންމާފައި އޮތް އޮތުމުގައި ޓްރީ ޓޮޕްގެ ލިޔުމުގައި އޮތް "major" "materials ގެ ތަރުޖަމާއެއްގެ ގޮތުގައި އަޣުލަބިއްޔަތު ރައުޔު ދެއްވި ޓްރައިބިއުނަލްގެ މެންބަރު އަޙްމަދު އަޝްރަފް ނަގާފައިވާ ތަރުޖަމާއަކީ "ބައެއް ތަކެތި" ނަމަވެސް، "major materials" ގެ މާނައަކީ "މައިގަނޑު ތަކެތި" ކަމާއި، މި ތަރުޖަމާ މުހިންމުވާ ސަބަބަކީ މި މައްސަލައިގައި ޓްރީ ޓޮޕްއިން މެޓީރިއަލް ފޯރުކޮށްދިންކަން އެންގި ލިޔުމުގައި އޮތް ގޮތް އެއްފަރާތްކޮށް މީރާއިން އެ ލިޔުމުގައިވާ ކަންކަން އިތުރަށް ބެލުމެއްނެތި ޖީ.އެސް.ޓީ ދެއްކުމަށް ޓަރމަކްސްއަށް އަންގާފައިވާތީއާއި "ބައެއް ތަކެތި" މި ތަރުޖަމާއަކީ މީރާއިން ޓްރައިބިއުނަލްގައި ބޭނުންކޮށްފައިވާ ތަރުޖަމާއަކަށްވާތީކަމަށް ޓަރމަކްސްއިން ފާހަގަކޮށްފައިވެއެވެ.
9.11. ބަހުސްގެ ބޭނުމަށް، ޓްރީ ޓޮޕްގެ ލިޔުމާއި ގުޅިގެން މީރާއިން އެއްވެސް ބެލުމެއް ބަލަންނުޖެހޭކަމަށް ބަލާ ހާލަތުގައިވެސް ކޮންޓްރެކްޓްގައިވާ "މައިގަނޑު ތަކެތި" އާ ގުޅިގެން ޓަރމަކްސްއިން ޖީ.އެސް.ޓީ ދައްކަން ނުޖެހޭކަން ޓްރީ ޓޮޕްގެ ބަހުން މީރާއަށް އޮޑިޓް މަރުޙަލާގައި އެނގިފައި އޮތްކަމުގައި ބަލަންޖެހޭކަމާއި، "ބައެއް ތަކެތި" ކަމަށް މީރާއިން ދިފާއު ބައްޓަންކޮށް އެ ދިފާއަށް ފަހިވާގޮތަށް މެންބަރު ގޮތް ކަނޑައެޅުމުގައި "major materials" ގެ ތަރުޖަމާ މީރާއިން ބޭނުންކޮށްފައިވާ ގޮތަށް "ބައެއް ތަކެތި" މިފަދައިން ބޭނުންކޮށް، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ފެންނަން އޮތް ޙަޤީޤަތްތައް އެއްފަރާތްކޮށް ނުރަނގަޅު ތަރުޖަމާއެއްގެ މައްޗަށް ބިނާކޮށް ގޮތް ކަނޑައަޅާފައިވާކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަން އިން ފާހަގަކޮށްފައިވެއެވެ.
9.12. އިސްވެ ބަޔާންކުރެވުނު ގޮތަށް މާނަކޮށްފިނަމަ، ބަހުސްގެ ބޭނުމަށް މީރާއިން ފާހަގަކޮށްފައިވާ ގޮތަށް ބަލައި، އޮޑިޓް މަރުހަލާގައި "ބައެއް ތަކެތި" އަށް ޓަރމަކްސްއިން ޖީ.އެސް.ޓީ ދައްކަންނުޖެހޭކަމަށް މީރާއަށްވެސް ގަބޫލުކުރެވެން އޮތް ހާލަތެއްގައި "އެންމެހައި މެޓީރިއަލް" އަށް ޖީ.އެސް.ޓީ ދެއްކުމަށް މީރާއިން ޓަރމަކްސްއަށް އެންގި އެންގުން ރަނގަޅު ކަމަށް ޓްރައިބިއުނަލްގެ މެންބަރަށް ނިންމުނީ ކަމަށް ޓަރމަކްސްއިން ފާހަގަކޮށްފައިވެއެވެ.
9.13. ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގެ 73 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމުގައި މީރާއިން ޢަމަލުކުރާ އުޞޫލު ފެންނަން އޮތީ G36 ޓެކްސް ރޫލިންގގައި ކަމާއި، G36 ޓެކްސް ރޫލިންގ ގެ ދަށުން ޓެކްސް ދެއްކުން ލާޒިމުވަނީ މުދާ އިމްޕޯޓްކުރާ ފަރާތަށް ކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަން އިން ފާހަގަކޮށްފައިވެއެވެ.
9.14. މުދާ އިމްޕޯޓްކުރާ ފަރާތް ކަށަވަރުކުރުމަކީ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު މީރާއަށް ކުރެވޭނެ ކަމެއްކަން އެނގެން އޮތް ނަމަވެސް އަދި އެއީ މިފަދަ މައްސަލަތަކުގައި މީރާއިން ޒަމާނުއްސުރެ ޢަމަލުކުރަމުން އައިސްފައިވާ ގޮތްކަން އެނގެން އޮތްނަމަވެސް އެކަން އެއްފަރާތް ކޮށް މައްސަލަ ނިންމާފައިވާކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަންއިން ފާހަގަކޮށްފައިވެއެވެ.
9.15. G36 ޓެކްސް ރޫލިންގ ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޓަރމަކްސްއިން އަދާކުރަންޖެހޭ އިލްތިޒާމެއް ކޮންޓްރެކްޓަކަށް ބިނާކޮށް ޓަރމަކްސްގެ މައްޗަށް މަތިވާ ގޮތަށް ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާކަން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަމުން އެނގެން އޮންނާތީ، ޓްރައިބިއުނަލްގެ ނިންމުމުގެ ނަތީޖާއަކަށް ވެގެންދާނީ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ޓެކްސް ދެއްކުމަށް ޓަރމަކްސްގެ މައްޗަށް ލާޒިމުކުރުވުން ކަމަށްވާތީއާއި އެ ނިންމުމުގެ ސަބަބުން G36 ޓެކްސް ރޫލިންގ ގެ މަންފާ ޓަރމަކްސްއަށް ނުލިބުން ކަމުގައިވާތީ، ޓްރައިބިއުނަލްގެ ނިންމުމަކީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ދެވަނަ ނުކުތާއާ ގުޅޭ
10ދެވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ.
10.1. "ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލު" އާ ޚިލާފަށް "އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމުގައި މީރާއިން ޢަމަލުކުރާ އުޞޫލު" އާ ގުޅިގެން ޓަރމަކްސްއިން ފާހަގަކޮށްފައިވާ ނުކުތާތައް ބިނާވާ ޤާނޫނީ ބިނާއަކީ މީރާއިން އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމުގައި ޢަމަލުކުރަމުންދާ G36 ޓެކްސް ރޫލިންގ ގައިވާ ގޮތާއި ޚިލާފަށް މީރާއިން ޢަމަލުކޮށްފައި އޮތުމަކީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާއާ ޚިލާފަށް މީރާއިން ކޮށްފައިވާ ކަމެއް ކަމަށާއި، މީގެ ނަތީޖާއަކަށް ވެގެންދަނީ "އިންސާފުވެރިކަމާއެކު ޢަމަލުކުރާނެ ކަމުގެ އުއްމީދު" (Doctrine of Legitimate Expectation) ނެތިގެންދިއުންކަން.
10.2. ހަވާލާދެވުނު ދެ އުޞޫލަށް ވަކި ގޮތެއް ކަނޑައެޅުމަށް ފަހުގައި މެނުވީ ޖީ.އެސް.ޓީ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ކޮމިޝަނަރ އަށް ލިބޭ އިޚްތިޔާރެއް ނަމަވެސް ބޭނުންކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ނުނިންމޭނެކަމާއި އަދި މި ދެ އުޞޫލާ ޚިލާފަށް ޢަމަލުކުރުމަށްފަހު، އިތުރަށް ޖީ.އެސް.ޓީ ދެއްކުމަށް މީރާއިން އެންގި އެންގުމަކީ ޖީ.އެސް.ޓީ ޤާނޫނުގެ 40 ވަނަ މާއްދާގެ ހިމާޔަތް ހޯދައިގެން މީރާގެ ނިންމުން ނުވަތަ ކޮމިޝަނަރއަށް ލިބިފައިވާ އިޚްތިޔާރު ދިފާޢުކުރުމަށް ބޭނުންކުރެވިދާނެ ހަތިޔާރެއްގެ ގޮތުގައި ޖީ.އެސް.ޓީ ޤާނޫނުގެ 40 ވަނަ މާއްދާ ބޭނުން ނުކުރެވޭނެކަން.
10.3. މީރާގެ ޢަމަލުތައް ހުރިގޮތުން ޖީ.އެސް.ޓީ ދެއްކުމަށް މީރާއިން އެންގި އެންގުމަކީ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއާ ޚިލާފަށް އިތުރަށް ޓެކްސް ދެއްކުމަށް މީރާއިން އަންގާފައިވާ އެންގުމަކަށްވާނެ ކަން.
10.4. ޖީ.އެސް.ޓީ ނެގުމުގެ އާންމު އުސޫލާ ގުޅިގެން ޓަރމަކްސްއިން ފާހަގަކުރި ކަންކަން ސާފުނުވާކަމަށް ނުވަތަ އޮޅުންއަރާކަމަށް ނުވަތަ އެކަންކަން އޮޅުންފިލުވައި ދިނުމަށް މައްސަލަ ބެލި މެންބަރުން އެދިފައިނުވާކަން.
10.5. ބުނެވުނު ދެ އުޞޫލާ ގުޅިގެން ފާހަގަކުރަން ހުރި ކަންކަން ތަފްސީލުކޮށް ސާފުކޮށްދީފައިވާނެކަން، އަދި މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 13 ވަނަ ނަންބަރަށް ބެލުމުން، "ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލު" އަކީ ޓަރމަކްސްއިން ހުށަހަޅާފައިވާ ނުކުތާއެއްކަން މައްސަލަ ބެލި 3 މެންބަރުންނަށްވެސް އެނގޭކަން ސާފުކަން.
10.6. މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި "ފުރަތަމަ ސަބަބު" އަށް ގޮތެއް ކަނޑައެޅުމާއި ގުޅިގެން ޓްރައިބިއުނަލްގެ މެންބަރު އަޙްމަދު އަޝްރަފްގެ ރައުޔުގެ 5 ވަނަ ނަންބަރުން 20 ވަނަ ނަންބަރުގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަމުގައި ޖީ.އެސް.ޓީ ޤާނޫނުގެ 2، 3 އަދި 12 ވަނަ މާއްދާއަށް އެއްވެސް ވަރަކަށް ހަވާލާދީފައި ނުވާއިރު، އެ މާއްދާތަކަށް ރިޢާޔަތްކޮށް "ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލު" އާ ގުޅިގެން އެއްވެސް ނިންމުމެއް ނިންމާފައިނުވާކަން.
10.7. "ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލު" އާ ގުޅިގެން ޤާނޫނީ އެއްވެސް ނިންމުމެއް ނިންމުމެއް ނެތި އެ އުޞޫލާއި ގުޅިގެން ޓަރމަކްސްއިން ހަވާލާދީފައިވާ ނިންމުންތަކަށް ރިޢާޔަތްކުރަންޖެހޭ ކަމަށް ނުފެންނަކަމަށް މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 47 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި، މީރާއިން އެފަދަ ދިފާއެއް ނަގާފައިނުވާކަން. އަދި، މިކަމާގުޅިގެން ޓަރމަކްސްއަށް ރައްދު ދިނުމުގެ ފުރުސަތު ލިބިފައިނުވާކަން.
10.8. ޓްރައިބިއުނަލްގެ ނިންމުމުގައި "ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލު" އާ ގުޅިގެން ގޮތެއް ކަނޑައަޅާފައިނުވަނީ، ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 74 ވަނަ މާއްދާގައި ޓްރައިބިއުނަލަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ނުކުތާއާއި ގުޅިގެން ގޮތް ނިންމުމުގައި ޢަމަލުކުރަންޖެހޭ ގޮތާ ޚިލާފަށްކަމާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ޓަރމަކްސްއަށް ކަށަވަރުކޮށްދީފައިވާ އިންސާފުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށްކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 35 ވަނަ ޕެރެގްރާފުގައި ކަނޑައަޅުއްވާފައިވާ އުޞޫލު ތަޠުބީޤުކުރާއިރު، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ޓަރމަކްސްއަށް ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށްކަން.
ތިންވަނަ ނުކުތާއާގުޅޭ
11ތިންވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ.
11.1. ޓްރައިބިއުނަލްގެ މެންބަރު އަޙްމަދު އަޝްރަފްގެ ރަޢުޔުގައި ފާހަގަކޮށްފައިވާ ކަންކަމަށް ޖުމްލަ ގޮތެއްގައި ބެލުމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާގެ ދިފާޢު ބައްޓަންކުރުމުން އެކަމުގެ ރައްދެއްގެ ގޮތުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގައިވާ ގޮތަށް މީރާއިން ޢަމަލުކޮށްފައި ނުވާކަމަށް ބުނެ ޓަރމަކްސްއިން އެ ރައްދުގެ މައްޗަށް ބިނާކޮށް މީރާގެ އޮޑިޓްގެ ނިންމުން ހަމައެކަނި އެ ސަބަބުތަކަށްޓަކައި ގޯސްވާކަމަށް ޓަރމަކްސްއިން ބުނާ ފަދައަކުން ދޭހަކޮށް އެމައްޗަށް ބިނާކޮށް ޓްރައިބިއުނަލްއިން ގޮތް ކަނޑައަޅާފައިވާކަން.
11.2. ޓަރމަކްސްއިން ހުށަހެޅި 1 ވަނަ ބަޔާނުގެ 1.81 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 33 ވަނަ މާއްދާއާއި 36 ވަނަ މާއްދާގައި މީރާއަށް ދީފައިވާ ޤާނޫނީ ބާރުތަކުން މިސާލު ނަގައިގެން ޓަރމަކްސްއިން ފާހަގަކޮށްފައިވާ ކަންކަމަކީ މީރާގެ ޖަވާބު ހުށަހަޅާ ފޯމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާ މީރާއިން ތަތުބީގުކޮށްފައިވާ ގޮތުން މީރާގެ އޮޑިޓުގެ ނިންމުމަކީ ހަމައެކަނި ޓެކްސް ދައްކާ ފަރާތުގެ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ކުރާ ކަމެއްކަމުގައި ދޭހަވާތީ އެފަދައިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ މާނަ ހަނިނުކުރެވޭނެކަމަށް ދެކި ފާހަގަކޮށްފައިވާ ނުކުތާތަކެއްކަން.
11.3. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކުރާ އޮޑިޓުތަކަކީ ހަމައެކަނި ޓެކްސް ދައްކާ ފަރާތުގެ ލިޔެކިޔުންތަކަށް އެކަނި ބިނާކޮށް މީރާއިން އިތުރު ކަމެއް ކުރަން ނުޖެހޭ ގޮތަށް މާނަކުރެވިދާނެ މާއްދާއެއް ނޫންކަން ފާހަގަކޮށް ޓަރމަކްސްއިން ހުށަހެޅި 1 ވަނަ ބަޔާނުގެ 1.8.2 އިން 1.8.4 އަށް ކަންކަން ފާހަގަކޮށްފައިވާނެ ކަން.
11.4. މީރާއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ޢަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ޓަރމަކްސްއިން ޓްރައިބިއުނަލްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި، އެ މާއްދާގެ ދަށުން މެޓީރިއަލް އިމްޕޯޓްކޮށްފައިވަނީ ޓަރމަކްސްއިން ނޫންކަން ބެލުމަށް މައިގަނޑު 2 ކަމެއް މީރާއިން ކޮށްފައިނުވާކަމަށް ބުނެ އެކަންކަން ޓްރައިބިއުނަލްގައި ފާހަގަކޮށްފައިވާނެކަން. އެއީ؛ އޮޑިޓް ރިޕޯޓަށް ޓަރމަކްސްއިން ކޮށްފައިވާ ކޮމެންޓާއި ގުޅިގެން ޓްރީ ޓޮޕްގެ ކިބައިން އެކަން ސާފުކުރުމަށް ނުވަތަ މައުލޫމާތު ހޯދުމަށް Third Party Document Request އެއް މީރާއިން ފޮނުވާފައިނުވުމާއި، އަދި މެޓީރިއަލް އިމްޕޯޓްކޮށްފައިވާކަން ކަށަވަރުކުރުމަށް ކަސްޓަމްސް ޕޯޓަލް ބެލުމަކީ މީރާއިން ކުރާ އޮޑިޓްތަކުގައި ޢާންމު އުޞޫލުން ކުރާ ކަމެއް ކަމުގައި ވީނަމަވެސް އެފަދައިން މި އޮޑިޓުގައި ޢަމަލުކުރުމުގެ ބަދަލުގައި އިތުރަށް ޖީ.އެސް.ޓީ ނެގުމަށް އިޚްތިޔާރުކޮށްފައިވުންކަން.
11.5. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާއަށް ބެލުމުން، މީރާއިން ކުރަމުންދާ އޮޑިޓަކާއި ގުޅިގެން ނުވަތަ އޮޑިޓްކުރުމަށް އޮޑިޓް ނޯޓިސް ފޮނުވާފައިވާ ހާލަތުގައި އެ އޮޑިޓާ ގުޅިގެން މީރާއަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމަށް އެހެން ތިންވަނަ ފަރާތަކަށް އެންގުމުގެ ބާރު މީރާއަށް ލިބޭކަމާއި، ލިޔެކިޔުން ހޯދުމަށްޓަކައި މި މާއްދާގެ ދަށުން މީރާއިން ތިންވަނަ ފަރާތަކަށް އަންގާ އެންގުމެއް ވެގެން މިދަނީ މީރާގެ އޮޑިޓަކަށް ނުވަތަ ތަހުޤީޤަކަށް ބޭނުންވާ ލިޔެކިޔުން އެހެން ތިންވަނަ ފަރާތެއްގެ ކިބައިން ހޯދުމަށް އަޅާ ފުރަތަމަ ފިޔަވަޅަށްކަން.
11.6. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ނޯޓިސްއެއް ފޮނުވުމުގެ ބާރު ނުވަތަ އިޚްތިޔާރު މީރާއަށް ބޭނުންކުރެވޭނީ ޓެކްސް ކަނޑައެޅުމަށް ނުވަތަ ނެގުމަށް ބޮޑު އުނިކަމެއް ލިބިދާނެކަމެއް ކަމަށް މީރާއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ހެކިތަކެއް ލިބިފައިވާނަމަކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (2) އަށް ބެލުމުން އެނގޭ ކަމާއި، އެ ނޫންނަމަ އެފަދަ ނޯޓިހެއް ފޮނުވައިގެން ނުވާނެކަމަށް އެ އަކުރުގައި އޮންނަކަން.
11.7. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ފޮނުވާ ނޯޓިސްއަކާއި ގުޅިގެން މީރާއިން ހޯދުމަށް އެދޭ ލިޔެކިޔުމެއް ގަސްދުގައި އޮޅުވާލުން، ފޮރުވުން، ނައްތާލުން ނުވަތަ ހަލާކުކޮށްލުން ފަދަ ކަމެއްކުރުމަކީ ނުވަތަ އެފަދަ ކަމަކަށް ހުއްދަދޭ ފަރާތެއް ކުއްވެރިވާނެކަމަށް ބަޔާންކޮށްފައި އޮންނައިރު، އެފަދަ މީހަކަށް އެ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން 250,000ރ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ގޭ ބަންދަށްލުން ނުވަތަ ޖަލަށްލުންފަދަ އަދަބުތައް ކަނޑައެޅިފައިވާކަން.
11.8. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ އިސްވެ ފާހަގަކުރި މާއްދާތައް އެކުގައި ކިޔުމުން ފެންނަން އޮތް ޙަޤީޤަތަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ތިންވަނަ ފަރާތެއްގެ އަތުން ލިޔެކިޔުން ހޯދުމަށް މީރާއިން އަންގާ ޙާލަތުގައި އެ ބާރު މީރާއިން ބޭނުންކުރަންވާނީ ވަކި ޙާލަތްތަކެއްގައި ކަމާއި، އަދި އެ ނޯޓިސްގައި ލިޔެކިޔުން ފޯރުކޮށްދިނުމަށް މީރާއިން އެދިފައިވާ ގޮތަށް ފޯރުކޮށްދީފައި ނުވާނަމަ އެކަމަކީ އަދަބު ކަނޑައެޅިގެންވާ ކުށެއްކަން.
11.9. މި މައްސަލައިގައި، 25 ސެޕްޓެންބަރު 2019 ގައި މީރާއިން ޓްރީ ޓޮޕްއަށް Third Party Document Request Notice އެއް ފޮނުވާފައިވާކަމާއި، މާނައަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ނޯޓިސް ފޮނުވުމަށް ނުވަތަ އެ ބާރުގެ ބޭނުން ކުރުމަށް މީރާއިން މި މައްސަލައިގައި އިޚްތިޔާރު ކޮށްފައިވާކަން އެނގޭކަން.
11.10. އެހެންކަމަށްވާނަމަ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (2) ގެ ދަށުން ބަލަން މިޖެހެނީ ޓެކްސް ކަނޑައެޅުމަށް ނުވަތަ ނެގުމަށް ބޮޑު އުނިކަމެއް ލިބިދާނެކަމެއް ކަމަށް މީރާއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ހެކިތަކެއް ލިބިފައިވާތީ ޓްރީ ޓޮޕްއަށް އެ ނޯޓިސް ފޮނުވާފައިވާކަމަށާއި، ނަމަވެސް އެފަދަ ކަމެއް މީރާއިން ޓްރައިބިއުނަލްގައި ބުނެދީފައި ނުވާކަމާއި އަދި އެފަދަ ކަމެއް އޮތްކަން މެންބަރު ސާފުކޮށްފައިނުވާކަން.
11.11. ޓްރީ ޓޮޕްއިން ލިޔެކިޔުން ނުފޮނުވުމުން، މީރާއިން އެޅި ފިޔަވަޅެއްވެސް އެނގެން ނެތްއިރު، ޓްރީ ޓޮޕްއިން ކޮންޓްރެކްޓްގެ ދަށުން ފުރިހަމަކޮށްފައިވާ މެޓީރިއަލް ބަޔަށް ޓެކްސް ދެއްކުމަށް ޓަރމަކްސްއަށް އެންގި އެންގުން ރަނގަޅުކަމަށް މެންބަރު ނިންމާފައިވާކަން.
12އެހެންކަމުން، ޓްރައިބިއުނަލްއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ މަންފާ ހަމައެކަނ މީރާއަށް ފަހިވާގޮތަށް މާނަކޮށް މި މައްސަލަ ނިންމާފައިވަނީ މީރާއިން ކުރާ އޮޑިޓްތަކުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ބާރު ބޭނުންކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި މިންތަކަށް ރިޢާޔަތް ކުރުމެއް ނެތިކަން އެނގޭކަމަށް ޓަރމަކްސްއިން ފާހަގަކޮށްފައިވެއެވެ.
12.1. ކަސްޓަމްސް ޕޯޓަލް ބެލުމަކީ މީރާއަށް ފަސޭހަކަމެއްކަން އަދި އެކަން މީރާއިން އޮޑިޓް މަރުޙަލާގައި މަސައްކަތްކުރިނަމަ މެޓީރިއަލްއަށް ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތް ސާފުވެގެންދާނެކަން.
12.2. ޓަރމަކްސްގެ ކިބައިން ލިޔެކިޔުން ހޯދުމަށް މީރާއިން އެދުމުން މީރާއަށް ލިބުނީ ސިޓީއެއްކަމަށްވާތީ، "އެހެނިހެން ލިޔެކިޔުންތަކަށް" ރިޢާޔަތްކުރި ކަމަށް ޓްރައިބިއުނަލުން ފާހަގަކުރިއިރު، އެއީ ކޮން ލިޔުމެއްކަން ނޭނގޭކަމާއި، މީރާއިން ޓެކްސް ދެއްކުމަށް އެންގީ ހަމައެކަނި ކޮންޓްރެކްޓަށް ބަލައިގެން އެކަނިކަން އޮޑިޓް ރިޕޯޓުން އެނގެ އޮތުމުން، މީރާއިން އޮޑިޓުގައި އިތުރަށް މަސައްކަތެއް ކޮށް "އެހެނިހެން ލިޔެކިޔުން" ތަކަކަށް ރިޢާޔަތްކުރިކަމަށާއި މީރާގެ ނިންމުން ރަނގަޅު ކަމަށް ބުނުމަކީ، ފެންނަން އޮތް ގޮތް ނޫންކަން.
ހަތަރުވަނަ ނުކުތާއާ ގުޅޭ
13ހަތަރުވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ.
13.1. ޓަރމަކްސްގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައިވާގޮތަށް ބަދަލު ގެނެސް، އިތުރު 2 ކަންތައް ހިމެނުމަށް އެދިފައިވީނަމަވެސް، މިފަދަ އިސްލާހެއް ހުށަހަޅާފައިވާކަންވެސް މައްސަލަ ނިންމިގޮތުން އެނގެން ނެތްކަން.
13.2. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 75 ވަނަ މާއްދާގައި، ޓްރައިބިއުނަލަށް ބަލައިގެންފައިވާ މައްސަލައެއް އިޞްލާހުކުރުމަށް ނުވަތަ ބަދަލު ގެނައުމަށް ހުށަހަޅައިފިނަމަ ރިޢާޠަތްކުރަންވީކަންކަން ބަޔާންކޮށްފައިވާކަމާއި، މި މާއްދާއަށް 29 ސެޕްޓެންބަރު 2022 ގައި އިޞްލާހު އައިސްފައިވާކަމާއި، އެ މާއްދާއަށް ބެލުމުން، ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއް އިޞްލާހުކުރުމަށް ނުވަތަ ބަދަލު ގެނައުމަށް ހުށަހެޅިދާނެކަން އެނގޭކަން.
13.3. ޓަރމަކްސްއިން ގެނެސްދިނުމަށް އެދިފައިވާ އިޞްލާހާ ގުޅިގެން ވަކި ގޮތެއް ކަނޑައަޅާފައިނުވާތީ އެއީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 56 ވަނަ މާއްދާއާ ޚިލާފަށް ޓަރމަކްސްއަށް ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤާއި އެ އިޞްލާހާ ގުޅިގެން ޓްރައިބިއުނަލުން ވަކި ގޮތެއް ކަނޑައަޅާފައި ނުވުމުން އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްއެޅޭ ކަމެއް ކަން.
ފަސްވަނަ ނުކުތާއާ ގުޅޭ
14ފަސްވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ.
14.1. ޓެކްސް އޮތޯރިޓީގެ ހައިސިއްޔަތުން ޓެކްސް ދައްކާ ފަރާތެއް ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލުގެ ތަފްސީލު ބެލުމަކީ ކަސްޓަމްސްގެ ޕޯޓަލް މެދުވެރުކޮށް މީރާއިން ކުރާ އޮޑިޓުތަކުގައި ޢާންމު ގޮތެއްގައި ކުރާ ކަމެއް ކަމުގައި ވީނަމަވެސް، މި މައްސަލައިގައި ކޮންޓްރެކްޓްގެ ދަށުން މެޓީރިއަލް އިމްޕޯޓް ކޮށްފައިވަނީ ޓަރމަކްސްއިން ނޫންކަމަށް މީރާއަށް ޤަބޫލުކުރެވޭނެ ފަދަ ލިޔުމެއް އޮޑިޓް މަރުޙަލާފައި މީރާއަށް ލިބިފައި އޮތް ނަމަވެސް، ޓަރމަކްސްއިން ކޮންޓްރެކްޓުގެ ދަށުން މެޓީރިއަލް އިމްޕޯޓްކޮށްފައި ނުވާކަން ކަސްޓަމްސްގެ ޕޯޓަލްއިން ކަށަވަރުކުރުމެއްނެތި، ޖީ.އެސް.ޓީ ދައްކަންނުޖެހޭ ފަރާތަކަށް ޖީ.އެސް.ޓީ ދެއްކުމަށް އަންގާފައިވާކަން.
14.2. އޮޑިޓް ނިންމުމަށްފަހު ޓަރމަކްސްއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރުމުން ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 36 ވަނަ މާއްދާގެ ދަށުން އޮޑިޓުގެ ނިންމުން އެއްކޮށް ނުވަތަ އެއިން ބައެއް ބަދަލުކުރުމުގެ ޤާނޫނީ ބާރު މީރާއަށް ލިބިފައި ވީނަމަވެސް، އިއުތިރާޒު މަރުޙަލާގައި ކޮންޓްރެކްޓްގެ ދަށުން ޓަރމަކްސްއިން މެޓީރިއަލް އިމްޕޯޓްކޮށްފައި ނުވާކަން ކަށަވަރުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރުމެއްނެތި، ޓަރމަކްސްއިން ޖީ.އެސް.ޓީ ދައްކަންނުޖެހޭ މުއާމަލާތަކުން ޖީ.އެސް.ޓީ ދެއްކުމަށް މީރާއަށް އަންގާފައިވުން.
14.3. މީގެ އިތުރުން، ކޮންޓްރެކްޓްގެ ބައިވެރިން ޢަމަލުކޮށްފައިވާ ގޮތް އިތުރަށް ބެލުމަށް މަސައްކަތްކުރުމެއްނެތި ޓްރީ ޓޮޕްގެ ލިޔުމަކީ މީރާއަށް "އެކަށީގެންވާ" ލިޔުމެއް ނޫންކަމަށް ބުނެ އިތުރަށް ޓެކްސް ދެއްކުމަށް މީރާއިން ނިންމާފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކޮންޓްރެކްޓްގައިވާ ކަންކަން ކުރުމަށް ލިޔެއް ދީފައި އޮތްކަން އެނގޭނެ ޙާލަތެއް މެދުވެރިވެފައި އޮއްވާކަން.
14.4. ކޮންޓްރެކްޓްގައި ދެފަރާތުން އަދާކުރަންޖެހޭ ޒިންމާއެއް ދޫކޮށްނުލެވޭނެކަން ބަޔާންކުރާ މާއްދާއެއް -non) (waiver clause އަދި ކޮންޓްރެކްޓާއި ގުޅިގެން ކުރެވޭ ހުރިހާ މުޢާމަލާތެއް ލިޔުމުން ކުރުމަށް ކޮންޓްރެކްޓްގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ މާއްދާއެއް (written amendment clause) ހިމެނިފައިނުވާތީ، މިހާލަތުގައި ކޮންޓްރެކްޓްގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ކޮންޓްރެކްޓްގެ ބައިވެރިންނަށް ޢަމަލުކުރުމަކަށް ޤާނޫނީ ގޮތުން ހުރަހެއް ނޯންނާނެ ކަމުގައިކަން.
14.5. ކޮންޓްރެކްޓަށް ބަލައިގެން ޓެކްސް ކުރުމާއި ގުޅިގެން އެހެން ބައެއް ދިމިގްރާ މުޖުތަމައު ތަކުގައި އަމަލުކުރާ ގޮތަށް ބަލާ ފާހަގަކޮށްފައިވާ، އެއްބަސްވުމުގެ ބައިވެރިން އެއްބަސްވާ ގޮތރއްގެ މަތިން އެއްބަސްވުމަށް ޢަމަލުކުރުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެކަމަށާއި، އަދި ކޮންޓްރެކްޓަށް ބަލައިގެން ޓެކްސް ކުރުމަށް މީރާއިން ނިންމާ ޙާލަތުގައިވެސް ކޮންޓްރެކްޓްގެ ބައިވެރިން ދައްކާ ވާހަކަތަކަށް ބަލައި ޓެކްސް ދައްކަން އެންގުނީ ރަނގަޅު ޓެކްސް ދައްކާ ފަރާތަށްކަން ކަށަވަރުކޮށްގެން މެނުވީ ޓެކްސް ދައްކަން އެންގިގެން ނުވާނެކަން.
14.6. ޓްރައިބިއުނަލްގެ މެންބަރު އަޙްމަދު އަޝްރަފް، ކޮމަންލޯ ދެ މައްސަލައަށް ބަލައި ގޮތެއް ނިންމަން ނުޖެހޭކަމަށް ބުނެފައިވަނީ، މީރާއިން އެފަދަ ދިފާއެއް ނަގާފައިނުވަނީސް ކަމަށާއި، އަދި މި މައްސަލައާ ގުޅިގެން ޓަރމަކްސް އާ ސުވާލުކުރުމެއް ނެތި ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ކަމަށާއި، މިއީ، އިސްމާއީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ފަނޑިޔާރު އޒ. އަޒްމިރާލްދާ ޒާހިރު ފާހަގަކޮށްފައިވާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަން.
14.7. މީރާއިން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާއާ ގުޅުވާ ފާހަގަކުރި ކަންކަމާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، އެ ނިންމުމަކީ A2 ޓެކްސް ރޫލިންގ ގައިވާ އުޞޫލުގެ މައްޗަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 50 ވަނަ މާއްދގެ (ރ) އިސްކޮށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) މަސްހުނިކުރުވައިގެން ވާސިލްވެފައިވާ ނިންމުމެއްކަން.
14.8. މީރާގެ އޮޑިޓަކީ ކޯޓަކަށް ލިޔެކިޔުން ހުށަހަޅާ ކަންކަން ސާބިތުކުރުމަށް އޮންނަ އުޞޫލުން ކަން ކުރަން އޮންނަ މަރުޙަލާއެއް ނޫންކަމާއި، އޭގޭ ބަދަލުގައި އޮޑިޓުގެ ބޭނުމަކީ އިތުރަށް ދެއްކުމަށް މީރާއިން އެ އަންގާ ޓެކުހަކީ ސައްޙަ އަދަދެއްކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްގެން މެނުވީ ޓެކްސް ދެއްކުމަށް އެންގޭ ފަދައަކުން ކުރެވިދާނެ ކަމެއް ނޫންކަމަށް ޓަރމަކސްއިން ޓްރައިބިއުނަލްގައި ފާހަގަކޮށްފައިވާނެކަމާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) އަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ ބާބު "އޮޑިޓްކުރުމުގެ ބާރު" މި ބާބުގައި އޮތް މައްދާއެއް ކަމުން، ހަމައެކަނި ކޮންޓްރެކްޓަށް ބަލައި ޓެކްސް ދެއްކުމަށް އަންގާފައި އޮތް އޮތުމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައިވާ ގޮތަށް ލިޔެކިޔުން ފޯރުކޮށްދީފައި ނުވާކަމަށް ބަލައި މީރާއަށް އިތުރަށް ޖީ.އެސް.ޓީ ދެއްކުމަށް ލިބޭ ގޭޓް ފާހެއް ކަމަށް ބެލޭނެ ހަމައެއް ނޯންނާނެކަން.
14.9. މީރާއަށް އޮޑިޓްގައި ލިބިފައިވާ ބާރުތަކަކީ ހުރިހާ އޮޑިޓްތަކަށް އެއް ހަމައަކުން ބޭނުންކުރަންޖެހޭ ބާރުތަކެއް ނޫންކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 31، 32، 33 އަދި 36 ވަނަ މާއްދާތަކުގައި މި ބާރުތައް ބޭނުންކުރުމުގެ ހުދޫދުތަކާއި އިޚްތިޔާރު ބޭނުންކުރަންޖެހޭ އޮތް ބަޔާންކޮށްފައިވާ އޮންނަ ގޮތުން އެނގޭކަން.
14.10. މީރާއިން ކުރާ އޮޑިޓެއްގެ ނަތީޖާއަކީ އިތުރަށް ޓެކްސް ދެއްކުން ކަމަށްވާނަމަ ނުވަތަ 25 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޓެކްސް ދައްކާ ފަރާތުން މީރާއަށް ދައްކަންޖެހުން ކަމަށްވާނަމަ މީރާއިން މި ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލުމަށް މަސައްކަތް ކުރުމެއްނެތި ހަމައެކަނި ލިޔެކިޔުން ފޯރުކޮށްދީފައި ނުވާކަމަށް ބަލައި މީރާގެ ނިންމުން މުޠުލަގުކޮށް ރަނގަޅުވާނެ ފަދައިން ނިންމިދާނެކަމަށް ނުދެކޭކަން.
14.11. ޓްރީޓޮޕްގެ ލިޔުމަކީ އެކަށީގެންވާ ލިޔުމަކަށް ނުވާތީ، މީރާއިން ކޮށްފައިވާ ކަމެއް ފެންނަން ނެތްކަމާއި، ޓަރމަކްސްއިން މެޓީރިއަލް އިމްޕޯޓް ކޮށްފައި ނުވާ މުދާތައް އިމްޕޯޓް ކޮށްފައި ނުވާކަން ސާބިތުކުރެވޭނެ މިންވަރަށް ލިޔުން ހުށަހަޅާފައިވާނެކަން.
14.12. ޓަރމަކްސްއިން ފޮނުވި މެއިލްގައި، ޓްރީ ޓޮޕްގެ ލިޔުމާ ގުޅިގެން އިތުރު ކަމެއް ސާފުކުރުމަށް ބޭނުންވާނަމަ ޓަރމަކްސްއަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށާއި، ދެ މަޢުލޫމާތަކީ މީރާއިން ޓަރމަކްސްއަށް އީމެއިލްކުރުމުން ޓްރީ ޓޮޕްއަށް އެކަން އަންގައިގެން ކުރެވޭނެ ކަމެއް ކަމަށް ޓަރމަކްސްއަށް ގަބޫލުކުރެވޭތީކަން.
14.13. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި މެޓީރިއަލްއާ ގުޅިގެން ޢަމަލުކޮށްފައި އޮތްގޮތް އެނގެން އޮތް އޮތުމަށް މީރާއިން ކުރާ އޮޑިޓެއްގައި ބަލަން ނުޖެހޭ ސަބަބެއް ނުވަތަ ޓްރީ ޓޮޕް އިން މެޓީރިއަލް އިމްޕޯޓްކޮށްފައިނުވާކަމަށް އެއްވެސް އިރެއްގައި ބުނެފައި ނުވާއިރު މެޓީރިއަލް ފޯރުކޮށްދިނީ ޓަރމަކްސްއިން ކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއް ނުވަތަ މީރާއިން އަމިއްލައަށް ކޮންޓްރެކްޓްގެ ބައިވެރިން ދައްކާ ވާހަކަތައް އެއްފަރާތްކޮށް ޓްރމަކްސްއިން މެޓީރިއަލްއަށް އިތުރަށް ޖީ.އެސް.ޓީ ދެއްކުމަށް އެންގޭނެ ޤާނޫނީ ސަބަބެއް ބަޔާންކޮށްދީފައިނުވާކަން.
14.14. މީރާއިން ހަވާލާދިން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާ މި މައްސަލައަށް ތަތުބީގުކޮށްދޭންވީ ގޮތެއް މީރާއިން ޓްރައިބިއުނަލްގައި ބުނެދީފައިނުވާކަމާއި، ޓްރައިބިއުނަލް ނިންމުމުގައިވެސް މި މާއްދާ މި މައްސަލައަށް ތަތުބިގުވާގޮތް ބަޔާންކޮށްފައިނުވާކަން.
ހަވަނަ އިސްތިއުނާފީ ނުކުތާއާ ގުޅޭ
15ހަވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ.
15.1. ބޭންކް ކްރެޑިޓްތަކަށް ބިނާކޮށް ޓެކްސް ދައްކަންޖެހޭކަމަށް އޮޑިޓު މަރުޙަލާގައި މީރާއިން ނިންމި ނިންމުމާ ގުޅިގެން އިއުތިރާޒު މަރުހަލާގައި މީރާއިން ނިންމި ނިންމުމާ ގުޅިގެން އިއުތިރާޒު މަރުހަލާގައި މީރާއިން A2 ޓެކްސް ރޫލިންގ ގެ 3 ވަނަ ނަންބަރަށް ހަވާލާދީ އޮޑިޓް މަރުހަލާއަށް ހުށަހަޅާފައިނުވާ ލިޔެކިޔުންތައް އިއުތިރާޒު މަރުހަލާގައި ހުށަނޭޅޭނެކަމަށް ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ބުނެވިދިޔަ 2 ވަނަ އިސްލާހު ގެނެސްފައިވާ ތާރީޚުގެ 9 މަސް ފަހުން ކަމުން، A2 ޓެކްސް ރޫލިންގއަށް ހަމަ ހަޤީޤަތުގައިވެސް ޢަމަލުކުރެވިދާނެތޯ މިއީ އުފެދޭ ސުވާލެއްކަން ފާހަގަކޮށް އެކަމާއި ގުޅޭ ތަފްސީލީ ލިޔެކިޔުންތައް ހުށަހެޅުމަށް ޓަރމަކްސްއަށް ފުރުސަތު ދިނުމަށާއި، މި ފުރުސަތު ދިނުމަށް އެދިފައިވަނީ ސަބަބު ބަޔާންކޮށްފައިވާއިރު، މި ނުކުތާއާ ގުޅިގެން ލިޔުމުން ދެފަރާތުން ހުށަހަޅާފައިވާ ބަޔާންތައް ހުށަހަޅާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 އަށް ޢަމަލުކުރަން ފެށުމުގެ ކުރިންކަން.
15.2. ޓަރމަކސްއިން އިސްތިއުނާފުކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައި ދެ ފަރާތުން ބަޔާންތައް ބަދަލުކޮށް ނިމުނު ތާރީޚުކަމަށްވާ 11 ޖަނަވަރީ 2021 އާ ހަމައަށް ވުޖޫދުގައި އޮތީ ގަވާއިދު ނަންބަރު 2012/R-25 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު) ކަމާއި، ގަވާއިދު ނަންބަރު 2012/R- 75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) އަށް ޢަމަލުކުރަން ފަށާފައިވަނީ 26 މޭ 2021 ގައިކަމުގައިވާތީކަން.
15.3. ކުރިން ޢަމަލުކުރަމުންދިޔަ ގަވާއިދާ ޚިލާފަށް، ފަހުން ޢަމަލުކުރަންފެށި ގަވާއިދުގައި، އިއުތިރާޒު މަރުހަލާގައި ހުށަހަޅާފައިނުވާ އައު ހެއްކާއި ދިފާއު ހުށާހެޅޭނެ މަގު ފަހިކޮށްދީފައިވާކަމާއި، އަދި، ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް، ބޭންކް ސްޓޭޓްމަންޓްތަކާއި ގުޅޭ ތަފްސީލީ ލިޔުން ހުށަހެޅުމަށް ފުރުސަތު ދިނުމަށް ޓަރމަކްސްއިން އެދިފައިވާނެކަމާއި، ލިޔެކިޔުން ހުށަހެޅުމަށް ވަކި މުއްދަތެއް ނުދެއްވާ، ހެކި ހުށަހެޅުމަށް އެދުނު އެދުމާ ގުޅިގެން ވަކި ގޮތެއް ޓަރމަކސްއަށް އަންގާފައިނުވާކަން.
15.4. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 50 ވަނަ މާއްދާގެ (ރ) ގެ ދަށުން އިއުތިރާޒު މަރުޙަލާގައި މީރާއަށް ހުށަހަޅާފައިނުވާ ލިޔެކިޔުންތައް ޓްރައިބިއުނަލަށް ހުށަހެޅުމަކަށް ހުރަހެއް ނެތްކަމާއި، އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް ކަމާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 އަކީ ޓްރައިބިއުނަލުން ބަލާ މައްސަލަތަކުގައި ޢަމަލުކުރުމަށް ހަދާފައި އޮތް ގަވާއިދަކަށްވެފައި، އިއުތިރާޒު މަރުހަލާފައި މީރާއިން ޢަމަލުކުރާ ގޮތް ޓްރައިބިއުނަލުން އިސްކުރަންޖެހޭ ޤާނޫނީ ހަމައެއް ނެތްކަމަށާއި އަދި އެފަދަ ސަބަބެއް މީރާއަށް ބުނެދެވިފައިނުވާކަން.
15.5. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 50 ވަނަ މާއްދާގެ (ރ) އިން ޓްރައިބިއުނަލަށް އައު ހެކި ހުށަހެޅުމަށް އޮތް ބާރަކީ އެ މާއްދާގައި ބުނެފައިވާ ގޮތަށްވުރެ މާނަ ހަނިކޮށް ނުވަތަ އެ ބާރު ނުލިބޭ ގޮތަށް ޓްރައިބިއުނަލަށް ނިންމުމެއް ނިންމިދާނެ ކަމެއް ކަމުގައި ނުދެކޭކަމާއި، ސަބަބަކީ އެފަދައިން މާނަކުރުމަށް ޓްރައިބިއުނަލަށްވެސް ބާރު ނޯންނާނެތީކަން.
15.6. A2 ރޫލިންގއަށް ޢަމަލުކުރަންޖެހޭނެކަމަށް ބުނެ މީރާއިން ފާހަގަކުރި މައްސަލަތަކުގައި، އެފަދައިން ނިންމާފައިނުވާކަމާއި، މި މައްސަލައަށް ބަލާއިރު، މީރާއިން އޮޑިޓުގައި ނިންމި ނިންމުން އިއުތިރާޒު މަރުހަލާފައި ބަދަލުކޮށްފައިވުމުން މިއީ އައި އޮޑިޓެއްކަމަށް ބަލަންޖެހޭކަން.
15.7. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ޙައްލު ހޯދައިދުމުގެ އުސޫލާ ގުޅިގެން އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލަށް ބަލާއިރުވެސް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 50 ވަނަ މާއްދާގެ (ރ) އަކީ ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ އިއުތިރާޒު މަރުޙަލާގައި ހުށަހެޅުމަށް ފުރުސަތު ލިބިފައިނުވާ ލިޔެކިޔުންތައް ޓްރައިބިއުނަލަށް ހުށަހެޅުމަށް ފުރުސަތު ލިބިފައިނުވާ ލިޔެކިޔުންތައް ޓްރައިބިއުނަލަށް ހުށަހެޅުމަށް ފުރުސަތު ލިބޭ ގޮތަށް، އަދި އެ މަންފާ މީރާއަށްވެސް އެއް ހަމައަކުން ލިބޭ ގޮތަށް އޮތް ސާފު މާއްދާއެއްކަން އެނގެން އޮތްއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 އިން ފޫބެއްދުމަށް މަސައްކަތްކޮށްފައިވަނީ ގަވާއިދު ނަންބަރު 2012/R-25 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު) ގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން އަޑުއެހުމުގައި ލިޔެކިޔުން ހުށަހެޅުމާއި ގުޅިގެން ކުރިން ޢަމަލުކުރަމުން އައިސްފައިވާ އުޞޫލު އެއްކޮށް ބަދަލުކުރުންކަން ވަރަށް ސާފުކޮށް އެނގެން އޮންނާތީ މީރާއިން ބުނާ ގޮތަށް ނިޒާމަށް ބުރޫއަރާކަމަށް ބަލައި ޓްރައިބިއުނަލުން A2 ޓެކްސް ރޫލިންގއަށް ޢަމަލުކުރަންޖެހޭ ގޮތަށް މައްސަލަ ނިންމަންޖެހޭ ސަބަބެއް ނެތްކަން.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
16އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/028 މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މީރާއިން އިތުރަށް ދެއްކުމަށް ޓަރމަކްސްއަށް އަންގާފައިވާ ފައިސާއަކީ ޓަރމަކްސްއިން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން
17މި އިސްތިއުނާފުގައި ޝަރީޢަތުން ހައްލު ހޯދައިދޭންޖެހޭ 2 ޚުސޫމާތެއް އޮތްކަމަށް މީރާއިން ދެކޭކަމަށާއި، ފުރަތަމަ ޚުސޫމާތަކީ، މީރާގެ ޤާނޫނީ ޒިންމާ އަދާކުރުމުގެ ތެރެއިން، މީރާއިން ކުރިއަށް ގެންދާ އޮޑިޓުތަކުގައި ޓެކުހާ ގުޅުންހުރި ޤާނޫނާއި ގަވާއިދުތަކުގައި ލާޒިމްކޮށްފައިވާ ފަދައިން ޓެކްސް ދައްކާ ފަރާތްތަކުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ނުދީ، އެފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާއިން ބަރީޢަވެފައިވާ ހާލަތުގައި މީރާއަށް ލިބިފައިހުރި ޤާނޫނީ ގޮތުން ބުރަދަންދެވޭ މަޞްދަރުތަކުގެ އަލީގައި އޮޑިޓު ނިންމާފައިވާ ނިންމުމާމެދުގައިކަމަށާއި، ދެވަނަ ޚުސޫމާތަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މި މައްސަލަ ކުރިއަށް ދަނިކޮށް އެ ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ވުޖޫދުވުމުން، އެ ގަވާއިދުގެ 50 ވަނަ މާއްދާގެ ދަށުން އޮޑިޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިނުވާ އައު ހެކި ހުށަހެޅުމުގެ ފުރުޞަތު އެފަރާތަށް ދިނުމާއި، ޓެކްސް އެޕީލް ޓްރައިބިއުނަލުން ޓެކްސް ދައްކާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަކީ ލާޒިމް ކަމެއްތޯކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ.
18އިސްވެ ބުނެވުނު ކަންކަމަށް ޝަރީޢަތުން ހައްލު ލިބުމުން މި މައްސަލައިގެ ޚުސޫމާތަށް ހައްލެއް ލިބިގެންދާނެ ކަމަށް މީރާއިން ފާހަގަކޮށް، މި މައްސަލައިގައި ޓަރމަކްސް ކޮންސްޓްރަކްޝަން އިން ހުށަހަޅާފައިވާ 6 (ހައެއް) އިސްތިއުނާފީ ނުކުތާއަށް މީރާއިން ޖަވާބު ހުށަހަޅާފައިވެއެވެ. ތިރީގައި ބަޔާން މިކުރަނީ އެ ޖަވާބުގެ ޚުލާސާއެވެ.
ފުރަތަމަ ނުކުތާއާގުޅޭ
19ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން މީރާއިން ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ.
19.1. ޚުސޫމާތު އުފެދިފައިވާ މުޢާމަލާތަކީ، ކޮންޓްރެކްޓާ ހަމައިން އުފެދިގެން އައިސްފައިވާ މުޢާމަލާތަކަށްވާއިރު، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ފުރިހަމަކޮށްފައިނުވާކަމަށް ތަކުރާރުކޮށް ބަޔާންކުރާ "މެޓީރިއަލްސް ވޯކްސް" ޓަރމަކްސް ކޮންސްޓްރަކްޝަންއާ ހަވާލުކުރެވިފައިވަނީ މަސައްކަތް ހަވާލުކުރި ޓްރީ ޓޮޕް ހެލްތް އަދި މަސައްކަތާ ހަވާލުވި ޓަރމަކްސް ކޮންސްޓްރަކްޝަން އާ ދެމެދު މަސައްކަތާ ގުޅުންހުރި މުހިއްމު ކަންކަމާއި، މަސައްކަތަށް ކަނޑައެޅިފައިވާ އަގަކީ ކޮބައިކަމާއި، މިފަދަ މުހިއްމު މަޢުލޫމާތު އެއްކަރުދާސްކުރެވި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލައި ޤާނޫނީ ގޮތުން ބަނދެވިގެންކަން އަދި މި މަސައްކަތަށް ޖީ.އެސް.ޓީ ދައްކަންޖެހޭނަމަ އެ ޢަދަދު ހިސާބުކުރުމަށް އެންމެ ބުރަދަންދެވޭނެ އެއް މަސްދަރަކީ ދެފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުންކަން؛
19.2. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ އަލީގައި ޓެކްސް ދައްކާ ފަރާތުގެ ލިޔެކިޔުންތަކަކީ މީރާގެ އޮޑިޓުގައި ރިޢާޔަތްކުރެވިދާނެ މަސްދަރެއްކަން އެނގޭއިރު، ޓަރމަކްސް ކޮންސްޓްރަކްޝަންއިން ކުރިއަށް ގެންދިޔަ މަސައްކަތާ ގުޅިގެން އެއްބަސްވުމެއް އެކުލަވާލާފައި އޮތްކަމަކީ ޚިލާފެއް އޮތް ކަމަކަށް ނުވާއިރު، ޓަރމަކްސްއިން ޚިލާފު އުފައްދާފައިވަނީ ކޮންޓްރެކްޓަށް ބުރަދަންދީ އެ ކޮންޓްރެކެޓުގައި އެއްބަސްވެފައި އޮތް ބީދައިން "މެޓީރިއަލްސް" ކޮމްޕޮނެންޓަށް ޖީ.އެސް.ޓީ ދެއްކުމަށް އޮޑިޓުން ނިންމާފައިވާތީ އެކަމާ ގުޅިގެން ކަމުން، ދެން އުފެދޭ ސުވާލަކީ، ކޮންޓްރެކްޓާ އެއްގޮތަށް މަސައްކަތް ފުރިހަމަކޮށްފައިނުވާކަމަށް (މެޓީރިއަލްސް އިމްޕޯޓްކޮށްފައިނުވާކަމަށް) ބަޔާންކޮށް ހަވާލާދޭ "ޓްރީ ޓޮޕް ގެ ލިޔުމަކީ" މި މައްސަލައިގައި ކޮންޓްރެކްޓް ނަފީކުރާފަދަ ހެއްކެއްތޯ ކަމާއި، އެ ލިޔުމަށް ބަރޯސާވެ އެ މުޢާމަލާތުން ޓެކްސް ދެއްކުމުން ބަރީޢަވެގެންދާނެފަދަ ހެއްކެއްތޯ ކަން؛
19.3. މެޓީރިއަލްސް އާ ގުޅުންހުރި މަސައްކަތް ފުރިހަމަކޮށްފައިނުވާކަމަށް، އެފަރާތުން ބަޔާންކުރުމާ ގުޅިގެން، އެކަން ސާބިތުވާނެ ލިޔެކިޔުންތައް މީރާއާ ހިއްސާކޮށްދިނުމަށް މީރާގެ ފަރާތުން އެދިފައިވާނެކަމާއި، ކޮންޓްރެކްޓަށް ގެނެވުނު އިޞްލާހުގައިވެސް މެޓީރިއަލްސްއާ ގުޅުންހުރި މަސައްކަތް ފުރިހަމަކުރާނީ ޓަރމަކްސް ކޮންސްޓްރަކްޝަންއިން ކަމަށް އޮންނާތީ، އެ ނޫންގޮތަކަށް ސާބިތުވެގެން މެނުވީ އެ މަސައްކަތް ފުރިހަމަކޮށްފައިވަނީ ޓަރމަކްސް ކޮންސްޓްރަކްޝަންއިން ކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭކަން؛
19.4. މީރާއިން މީރާގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އޮޑިޓު ކުރިއަށް ދިޔައިރު މަސައްކަތްކޮށް، އޮޑިޓަށް ބޭނުންވާނެ ލިޔެކިޔުންތައް ހޯދުމަށް މަސައްކަތްކޮށްފައިވާނެކަން ސާބިތުވާނެ ލިޔެކިޔުންތައް މި މައްސަލަ އާ ގުޅިގެން ޓްރައިބިއުނަލަށްވެސް ހުށަހަޅާފައިވާނެކަން؛
19.5. އޮޑިޓު، ނިންމުމާ ގާތްވެފައި ވަނިކޮށް އިސްތިއުނާފުކުރާ ފަރާތުން ހަވާލާދޭ "ޓްރީ ޓޮޕް ލިޔުން" މީރާއާ ހިއްސާކޮށްފައިވާތީ، އެ ލިޔުމަށް މީރާއިން ރިޢާޔަތްކޮށްފައިވާނެ ކަމަށާއި، އެހެންނަމަވެސް، އެ ލިޔުމަކީ ދެފަރާތުގެ ދެމެދުގައި ހެދިފައިވާ ކޮންޓްރެކްޓު ނަފީވާވަރުގެ ހެއްކެއް ކަމުގައިނުވާތީ، އެކަންވެސް މީރާގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ ސަމާލުކަމަށް ގެނެސް އިތުރު ލިޔެކިޔުންތައް މީރާއާ ހިއްސާކޮށްދިނުމަށް އެދިފައިވީނަމަވެސް، ޓްރީޓޮޕްގެ ލިޔުން ފިޔަވައި އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަށް ބާރުދޭ އިތުރު ލިޔުމެއް ނުވަތަ އެހެންވެސް ހެއްކެއް ހިއްސާކޮށްފައިނުވާކަން.
19.6. ޓްރީޓޮޕްގެ ސިޓީގައިވާ އިބާރާތަކީ އެ އިބާރާތަށް ބަލައި އެ ސިޓީއަށް ރިޢާޔަތްކޮށް މެޓީރިއަލްސް އާ ގުޅުންހުރި އަދަދުން ޓަރމަކްސް އިން ޓެކްސް ދައްކަން ނުޖެހޭކަމަށް ބަލައި، އެ މިންވަރަށް ބުރަދަން ދެވިގެންދާނެ މަސްދަރެއް ނޫންކަން ސަބަބުވެރި އިންސާނެއްގެ ނަޒަރުން ވިސްނާލި ކަމުގައިވިޔަސް ޤަބޫލުކުރެވޭކަމާއި، ޚުސޫމާތުގައިވާ ކޮންޓްރެކްޓް އެކުލަވާލިފަހުން، ކޮންޓްރެކްޓަށް ލިޔުމުން އިސްލާހެއް ގެނެސްފައިވާއިރު، ކޮންޓްރެކްޓް އޭގެ މައްޗަށް ބިނާވާ ދެ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް ކަމުގައިވާ މެޓީރިއަލްސް އާ ގުޅުންހުރި މަސައްކަތް، މި މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތް ފުރިހަމަކޮށްފައިނުވާކަމަށް ބަޔާންކުރާއިރު، އެހާ ބޮޑު ފައިސާގެ ޢަދަދެއް ކަނޑައެޅިފައިވާ މަސައްކަތެއް މަސައްކަތް ހަވާލުކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމަށް އެއްވެސް އިސްލާހެއް ނުގެނެސް އަނގަބަހުން ބުނެލާ ބުނެލުމަކުން ބަދަލުކޮށްފާނރކަމީ ޤަބޫލުކުރަން ދަތި ކަމެއް ކަން.
19.7. އެއްބަސްވުމުގެ c) (v) 14.1) އަށް ބަލާއިރު، ޓްރީޓޮޕުން މުދާ އިމްޕޯޓް ކުރެވިދާނެކަން އެނގެން އޮންނަކަމާއި، އެފަދަ ހާލަތެއްގައި އެ އުނިކުރުން "މަންތްލީ ޕްރޮގްރެސް ސެޓްފިކެޓް" އިން ފެންނަން އޮންނަންޖެހޭކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ އުނިކުރުންތައް ފެންނަން ނެތްކަން.
19.8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނަޝީދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި މަދަނީ މުޢާމަލާތްތައް ސާބިތުކުރުމުގެ ވަޞީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަޞީލަތަކީ ކިތާބީ މުސްތަނަދު ކަމަށް ބަޔާންވެގެންވާއިރު، ބުރަދަން ދޭންޖެހޭނީ އެ ނޫން ގޮތަކަށް ސާބިތުވަންދެން ކޮންޓްރެކްޓަށް ކަމާއި، ހަވާލާދެވުނު ޤަޟިއްޔާގެ އަލީގައި ކޮންޓްރެކްޓަކީ މީރާގެ އޮޑިޓު ނިންމުމުގައި ރިޢާޔަތްކުރެވޭނެ ހަރުދަނާ ވަޞީލަތެއްކަން ސާބިތުވާކަން.
19.9. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާގެ (ޅ) އަށް ބަލާއިރު، އޮޑިޓާ ގުޅިގެން މީރާއަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް މީރާއިން ބޭނުންވެއްޖެ ޙާލަތުގައި ޓެކްސް ދައްކާ ފަރާތުން މީރާއަށް އެއްބާރުލުން ދިނުމަކީ ޓެކްސް ދައްކާ ފަރާތުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއްކަން. ނަމަވެސް، ޓަރމަކްސް އިން ވަނީ މި ޒިންމާ އަދާކުރުމުން އެއްކިބާވެފައިކަން.
19.10. މެޓީރިއަލްސް އާ ގުޅުންހުރި މަސައްކަތް ޓަރމަކްސްއިން ފުރިހަމަކޮށްފައިނުވާކަމަށް ބަޔާންކުރި ހިސާބުން، އެކަން ސާބިތުކުރުމަށް ބޭނުންވާނެ ލިޔެކިޔުން މީރާއާ ހިއްސާކޮށްދިނުމަށް އެދި އެ ފުރުސަތު ދީފައިވާނެކަމަށައި، ލިޔުންތައް ހޯދަން މީރާއިން މަސައްކަތްވެސް ކޮށްފައިވާނެކަމާއި، އޮޑިޓު މަރުހަލާގައި ލިބިފައިވާ ލިޔުންތައް ވަޒަންކޮށް، މެޓީރިއަލްސްއާ ގުޅުންހުރި މަސައްކަތް ސާބިތުކުރުމަށް އިތުރު ލިޔެކިޔުން ހުށަހެޅުމަށް ފުރުޞަތު ދީފައިވީ ނަމަވެސް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާގެ އަލީގައި ޓަރމަކްސްއިން ދޭން ޖެހޭ އެއްބާރުލުން މި މައްސަލައިގައި ލިބިފައިނުވުމާއި، އޮޑިޓު ކުރިއަށް ގެންދިޔައިރު، އެ ހިނދަށް މީރާއަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ކޮންޓްރެކްޓުގައި ބަޔާންކުރާ މެޓީރިއަލްސް އާ ގުޅުންހުރި މަސައްކަތް ފުރިހަމަކޮށްފައިވަނީ ޓަރމަކްސްއިން ނޫންކަން ސާބިތުވެފައިނުވާތީ، އެ މަސައްކަތަށް ޖީ.އެސް.ޓީ ދައްކަންޖެހޭކަމަށް މީރާއިން ކަނޑައަޅައި އޮޑިޓް ނިންމީ ރަނގަޅަށް ކަމުގައި ދެކޭކަން.
19.11. އޮޑިޓު ކުރިއަށް ދިޔައިރު، މަސައްކަތާ ގުޅިގެން އެކުލަވާލާފައިވާ އެގްރީމެންޓުގައި ބަޔާންކުރާ ޖުމްލަ އަދަދާއި ޓަރމަކްސްއިން އެ މުއްދަތަށް ޖީ.އެސް.ޓީ ގެ ގޮތުގައި ދައްކަންޖެހޭކަމަށް ބަޔާންކޮށްފައިވާ ޢަދަދުގެ ފަރަޤު ދެނެގަނެވުމުން، އެކަމާ ގުޅުންހުރި ތަފްސީލުތައް އޮޑިޓަށް ހިއްސާކޮށްދިނުމަށް މީރާއިން އެދިފައިވާނެކަން.
19.12. ޓަރމަކްސްއިން މީރާއާ ހިއްސާކޮށްފައިވަނީ ހަމައެކަނި އެފަރާތުގެ ބޭންކު ސްޓޭޓްމަންޓުތައް ކަމަށްވާއިރު، ޚުސޫމާތު އުފެދިފައިވާ ޚަރަދާ ގުޅިގެން މީރާއާ ހިއްސާކޮށް ދިނުމަށް އެދިފައިވާ ލިޔެކިޔުންތައް ހޯދުމާއި އެ ޚަރަދާ ގުޅުންހުރި މައުލޫމާތު ސާފުކުރުމުގެ ގޮތުން ތަކުރާރުކޮށް އެތަކެއް ފަހަރެއްގެ މަތިން މީރާގެ އޮޑިޓަރުން ޓަރމަކްސްއަށް ފޯނުގެ ޛަރީއާއިން މުޢާމަލާތްކޮށް، އީމެއިލް ކޮށްފައިވާނެކަމީ ޓަރމަކްސް ކޮންސްޓްރަކްޝަންއިން ދެބަސްވާނެކަމެއް ނޫންކަން. އޭގެ ފަހުން މީރާއާ ޓަރމަކްސް ކޮންސްޓްރަކްޝަންއާ އެކު ބައްދަލުވުމެއް ބާއްވާ، މީރާއިން އެދޭ ޑޮކިއުމަންޓްތައް ހިއްސާކުރާނެ ކަމަށް ބުނިނަމަވެސް، ލިޔުން ހިއްސާކޮށްފައިނުވާތީ، މީރާގެ އޮޑިޓުން "ޑޮކިއުމަންޓް ރިކުއެސްޓް ނޯޓިސް" އެއް ފޮނުވާފައިވީނަމަވެސް، 30 (ތިރީސް) ދުވަސް ފާއިތުވި އިރުވެސް، ޓަރމަކްސް ކޮންސްޓްރަކްޝަންއިން ލިޔެކިޔުންތައް ހިއްސާކޮށްފައިނުވާކަން. މީރާއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ލިޔެކިޔުން ހޯދުމުގެ ނޯޓިސް އެއް (Third Party document request notice) ޓްރީ ޓޮޕް ހެލްތަށް ފޮނުވާފައިވީނަމަވެސް، މީރާގެ އޮޑިޓަރުންނަށް ނޯޓިސްގެ ޒަރީއާއިންވެސް އެންމެ އެދެވޭގޮތެއްގައި އެއްބާރުލުން ލިބިފައިނުވާތީ، ޓަރމަކްސް ކޮންސްޓްރަކްޝަންއާއެކު ބައްދަލުވުމެއް ބާއްވާފައިވާނެކަމާއި، އެ ބައްދަލުވުމުގައިވެސް، ލިޔެކިޔުންތައް ހަފްތާއެއްގެ ތެރޭގައި މީރާއާ ހިއްސާކުރާނެކަމަށް ބަޔާންކޮށްފައިވާތީ، އޮޑިޓަށް ބޭނުންވާ ލިޔެކިޔުންތަކުގެ ތަފްސީލް ބަޔާންކޮށް މީރާއިން އީމެއިލް ކުރުމުންވެސް އެންމެ އެދެވޭގޮތެއްގައި، ޓަރމަކްސް ކޮންސްޓްރަކްޝަންއިން އެއްބާރުލުންދީ، މީރާއިން އެދިފައިވާ ހުރިހާ ޑޮކިއުމަންޓްތައް ހިއްސާކޮށްދީފައި ނުވާތީ ޑްރާފްޓް އޮޑިޓް ރިޕޯޓު މީރާއިން ފޮނުވާފައިވާނެކަން. 19 ނޮވެންބަރު 2019 ގައިވެސް ބައްދަލުވުމެއް ބޭއްވުމަށްފަހު، ލިޔެކިޔުން ހުށަހެޅުމުގެ ފުރުސަތު ދީފައިވީނަމަވެސް، ޓަރމަކްސް ކޮންސްޓްރަކްޝަންއިން ޖަވާބުދީފައިނުވާތީ، އެ ހިނދަށް ލިބިފައިހުރި ލިޔެކިޔުންތަކަށް ބިނާކޮށް، މީރާއިން އޮޑިޓް ނިންމާފައިވަނީ، މީރާގެ ޤާނޫނީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެންކަން.
19.13. މެޓީރިއަލްސްއާ ގުޅުންހުރި މަސައްކަތް ފުރިހަމަކޮށްފައިވަނީ ކޮން ފަރާތަކުންކަން މީރާއިން ކަށަވަރުނުކޮށް އަވަސް އަރުވާލައިގެން އޮޑިޓު ނިންމަންޖެހޭ ސަބަބެއް ނެތް ކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަން އިން ބަޔާންކޮށްފައިވާއިރު، ކަން ހިނގާފައިވާ ގޮތް ބެލުމުން ފެންނަން އޮތް ޙަޤީޤަތަކީ މި މައްސަލައިގައި ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދީފައިނުވާތަން ކަން.
19.14. ޓްރައިބިއުނަލުން ”major materials“ ވަކިގޮތަކަށް ތަރުޖަމާކޮށްފައި އޮތުމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް އަސަރުކުރާނެކަމަށް މީރާއިން ނުދެކޭކަމާއި، މީރާގެ އޮޑިޓުގައިވެސް ކޮންޓްރެކްޓުގައިވާ ޖުމްލަ ޢަދަދަށް ޖީ.އެސް.ޓީ ދެއްކުމަށް ޓަރމަކްސް ކޮންސްޓްރަކްޝަންއަށް އަންގާފައިވާނީ، ޓްރީޓޮޕްއިން މެޓީރިއަލްސް އާ ގުޅުންހުރި މަސައްކަތާ ގުޅިގެން ”major materials” އިމްޕޯޓްކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ލިޔުމަކީ ކޮންޓްރެކްޓް ނަފީކުރާ ލިޔުމަކަށް ނުވާތީކަން.
19.15. ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އިމްޕޯޓްކުރާ ފަރާތް ކަށަވަރުކުރުމަކީ މީރާއަށް ލިބިގެންވާ އިޚްތިޔާރެއްކަމާއި، މީރާއިން ކުރިއަށް ގެންދާ އޮޑިޓުތަކުގައި މީރާއަށް އެއްބާރުލުން ދިނުމަކީ ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާއެއްކަން.
19.16. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/71 (މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަލާއިރު، މީރާއިން ކުރާ އޮޑިޓެއްގައި ނިންމާ ނިންމުމަކީ ރަނގަޅު ނޫން ނިންމުމެއް ކަމަށް ޓެކްސް ދައްކާ ފަރާތްތަކުން ބުނާ ބުނުން ސާބިތުކުރުމަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ޒިންމާއެއްކަން.
ދެވަނަ ނުކުތާއާގުޅޭ
20އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ތިރީގައިވާ ކަންކަން މީރާއިން ފާހަގަކޮށްފައިވެއެވެ.
20.1. ޓްރައިބިއުނަލްގެ މެންބަރުންގެ ރައުޔުގެ ދަށުން ފުރަތަމަ ސަބަބުގެ ދަށުން "ތިންވަނަކަމަކީ، ޚުޞޫމާތާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ ދައުވާއަކީ ޖީ.އެސް.ޓީ ނެގުމަށް ކަނޑައެޅިފައިވާ އާންމު އުސޫލުތަކާއި އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމުގައި މީރާއިން ޢަމަލުކުރާ އުޞޫލާއި ޚިލާފަށް...." މިފަދައިން ބަޔާންކޮށްފައި އޮތުމުން، ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލުތަކާ ގުޅިގެން މެންބަރުން ބަލާފައިވާކަން ނުހަނު ސާފުކަމާއި، މި އުޞޫލާ ގުޅިގެން ޓަރމަކްސް ކޮންސްޓްރަކްޝަންއިން ހަވާލާދީފައިވަނީ ޖީ.އެސް.ޓީ ޤާނޫނުގެ މާއްދާތަކެއްގެ އިތުރުން، ކޮމަންލޯ ދެ ޤަޟިއްޔާއަކަށާއި، މި މައްސަލައާ ގުޅިގެން ޓްރައިބިއުނަލްގެ 19 ވަނަ ފިޤުރާގައި، "ޖީ.އެސް.ޓީ ޤާނޫނާއި ޖީ.އެސް.ޓީ ގަވާއިދާއި އަދި މީރާގެ G36 ރޫލިންގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ޖީ.އެސް.ޓީ ދައްކަންޖެހޭކަމަށް މީރާއިން ކަނޑައަޅާފައިވާއިރު، އެނޫން ގޮތަކަށް ސާބިތުވަންދެން އެއްބަސްވުމުގެ ދެ ބައިވެރިން އެއްބަސްވިކަމުގައިވިޔަސް، އެއީ ކޮންޓްރެކްޓުގެ ބައިވެރިން ޤާނޫނީ ޒިންމާއިން ބަރީޢަވެވޭނެ ކަމެއް ނޫނެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމުން، މެންބަރުންގެ ރައުޔަށް ވާޞިލްވެފައިވަނީ، ޓަރމަކްސް ކޮންސްޓްރަކްޝަންއިން ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލުތަކާ ގުޅިގެން ހަވާލާދީފައިވާ ޖީ.އެސް.ޓީ ޤާނޫނުގެ މާއްދާތައް ވަޒަންކުރުމަށްފަހުގައިކަން އެނގޭކަން؛
20.2. ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލުތަކާ ގުޅިގެން ހަވާލާދީފައިވާ ކޮމަން ލޯ 2 ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލު، މި މައްސަލައަށް ތަޠުބީޤު ކުރެވޭނެކަމަށް ނުފެންނަކަމަށް އަޣުލަބިއްޔަތު ރައުޔުގައި ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލުތަކާ ގުޅިގެން ގޮތެއް ނިންމުމަށް ފަހުގައިކަމާއި، މި މައްސަލައިގައި ހިމެނޭ ކޮންޓްރެކްޓާ ގުޅިގެން އުފެދޭ ޚުސޫމާތުތަކާމެދު ޢަމަލުކުރަންޖެހޭނީ ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިންކަން އެ ކޮންޓްރެކްޓްގެ ސަބް ކްލޯސް
1.4. އަށް ބެލުމުން އެނގޭކަމާއި މިކަން މީރާއިން ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމުގައި ފާހަގަކޮށްފައިވާނެކަން؛
20.3. ކޮމަންލޯގެ ޤަޟިއްޔާތަކާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުން ނިންމާފައިވަނީ A2 ރޫލިންގއާ ގުޅިގެން ނޫންކަން ޓްރައިބިއުނަލްގެ ނިންމުމުގެ 47 ވަނަ ފިޤުރާއިން އެނގޭކަން؛
ތިންވަނަ ނުކުތާއާ ގުޅޭ
21އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ތިރީގައިވާ ކަންކަން މީރާއިން ފާހަގަކޮށްފައިވެއެވެ.
21.1. މި މައްސަލަ ޓްރައިބިއުނަލް މަރުޙަލާގައި ކުރިއަށްދިޔައިރު، އެއްވެސް އިރެއްގައި މީރާއިން ކުރާ އޮޑިޓަކީ ހަމައެކަނި ޓެކްސް ދައްކާ ފަރާތުގެ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ކުރާކަމެއްކަމުގައި ފާހަގަކޮށް އެ ބީދައިން ޢަމަލުކޮށްފައިނުވާއިރު، މި ނުކުތާއާ ގުޅިގެން ޓްރައިބިއުނަލްގެ އަޣުލަބިއްޔަތު ރައުޔަށް ނަޒަރުކުރާއިރު، ޓްރައިބިއުނަލުންވެސް އެފަދައިން ނިންމާފައިނުވާކަން އެނގޭކަމާއި، ޓްރައިބިއުނަލުން ބަޔާންކޮށްފައިވަނީ، "ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޢަދަދެއް ކަނޑައެޅުމުގައި އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި ލިސްޓްކޮށްފައިވާ ކަންތައްތަކަށް ރިއާޔަތް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާތީ، ޤާނޫނާއި ގަވާއިދުގެ އިސްވެދިޔަ މާއްދާތަކުން އެނގޭ އެއްކަމަކީ ތިންވަނަ ފަރާތަކުން މައުލޫމާތު ހޯދުމަކީ މީރާގެ އިޚްތިޔާރުގައިވާ ކަމެއްކަމެވެ." މިފަދައިންކަން؛
21.2. ޓްރައިބިއުނަލުންވެސް ބަޔާންކޮށްފައިވާ ފަދައިން މީރާއިންވެސް މި މައްސަލައިގައި ބަޔާންކޮށްދީފައިވާނީ، މީރާއިން ކުރިއަށް ގެންދާ އޮޑިޓުތަކުގައި އެންމެ ބުރަދަން ދެވޭނީ ޓެކްސް ދައްކާ ފަރާތްތަކުގެ ލިޔެކިޔުންތަކުގެ މައްޗަށްކަމާއި، އެކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ އިބާރާތް ކުރުމުންވެސް ސާފުވާން އޮތް ކަން؛
21.3. މީރާއިން އޮޑިޓުކުރުމުގައި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ޓެކްސް ދައްކާ ފަރާތް ނޫން އެހެން ފަރާތެއްގެ ތަނަކަށްވަދެ މައުލޫމާތު ހޯދުމުގެ ބާރާއި އެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ތިންވަނަ ފަރާތެއްގެ އަތުން މައުލޫމާތު ހޯދުމުގެ ބާރު ބޭނުންކުރުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް އެ ބާރުތަކަކީ މީރާއަށް ޤާނޫނާއި ގަވާއިދުގެ އަލީގައި ލިބިގެންވާ އިޚްތިޔާރީ ބާރުތަކެއްކަމުގައި ފާހަގަކޮށްފައިވާނެކަން؛
21.4. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ޢިބާރާތް ކުރުމަށް ބަލާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ވަރަށް ސާފުކަމާއި، ޤާނޫނު ނަންބަރު 3/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ބެލުމުން، އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ޢިބާރާތުގައި އޮތީ "އެންގިދާނެ" އެ ޢިބާރާތްކުރުން ކަމުން، އެ މާއްދާގައި ބަޔާންކޮށްފައިވާ ތިންވަނަ ފަރާތެއް މެދުވެރުކޮށް ލިޔެކިޔުން ހޯދުމުގެ ބާރަކީ މީރާއަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަން އެނގޭއިރު، ޓްރައިބިއުނަލުންވެސް މި މާއްދާ މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އުޞޫލާ އެއްގޮތަށްކަން؛
21.5. ބަހުސްގެ ބޭނުމަށް، ޓަރމަކްސް ކޮންސްޓްރަކްޝަންއިން ބަޔާންކުރާ ފަދައިން އެ ބާރަކީ މުޠުލަޤަށް މީރާއިން ކޮންމެހެން ބޭނުންކުރަންޖެހޭ ބާރެއްކަމުގައި ބެލިކަމުގައިވިޔަސް، ޚުސޫމާތު އުފެދިފައިވާ މި މައްސަލައިގައި މީރާއިން އެ ބާރު ބޭނުންކޮށްފައިވާނެކަމަށާއި، މެޓީރިއަލްސް އާ ގުޅުންހުރި މަސައްކަތް ފުރިހަމަކޮށްފައިވަނީ ޓަރމަކްސް ކޮންސްޓްރަކްޝަން އިން ނޫންކަމުގައި އެފަރާތުން ބަޔާންކުރުމުން، މީރާއިން އޮޑިޓު މުއްދަތުގައި ޓްރީ ޓޮޕްއަށް އޮޑިޓާ ގުޅިގެން ލިޔެކިޔުން ހިއްސާކޮށްދިނުމަށް އެދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ނޯޓިސް ފޮނުވާފައިވާނެކަން؛
21.6. އޮޑިޓު މުއްދަތުގައި ލިބިފައިވާ ލިޔެކިޔުންތައް ވަޒަންކޮށް ޑްރާފްޓް އޮޑިޓް ރިޕޯޓު އިސްތިއުނާފުކުރާ ފަރާތަށް ފޮނުވުމުން، އޭގެ ފަހު މުއްދަތެއްގައި ޓްރީ ޓޮޕް ލިޔުން މީރާއާ ހިއްސާކޮށްފައިވާއިރު، އެ ލިޔުމަކީ އޮޑިޓުގެ ނިންމުން ބަދަލުކުރުމަށް އެކަށީގެންވާ ލިޔުމެއް ނޫންކަމަށްވާތީ، އެކަންވެސް މީރާއިން ޓަރމަކްސް ކޮންސްޓްރަކްޝަންއަށް އަންގައި އެކަން ސާބިތުކުރުމަށް އެކަށޭނަ ލިޔެކިޔުން މީރާއާ ހިއްސާކޮށްދިނުމަށް އެދިފައިވީ ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުންވެސް އަދި ޓްރީ ޓޮޕްއިންވެސް އިތުރު ލިޔުމެއް މީރާއާ ހިއްސާކޮށްފައިނުވާކަން؛
21.7. އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޚްތިޔާރު މީރާއަށް ބޭނުންކުރެވޭނީ، ޓެކްސް ކަނޑައެޅުމަށް ނުވަތަ ނެގުމަށް ބޮޑު އުނިކަމެއް ލިބިދާނެކަމަށް މީރާއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ހެކިތަކެއް ބެލުމުންކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން އެނގޭކަމާއި، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ލިބޭ އިޚްތިޔާރީ ބާރު ބޭނުން ކުރަންވާނީ ކޮންމެހެން މުނާސަބު ހާލަތެއްގައި އެކަނި ކަމުގައި ބަލަންޖެހޭ ކަން. އެގޮތުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބޭ ބާރު ބޭނުންކުރާ ޙާލަތުގައި އެކަމުގެ ސަބަބުން ދެ ނަތީޖާއެއް ނިކުންނަކަމާއި، ފުރަތަމަ ނަތީޖާއަކީ އެ ލިޔުން ފޮނުވާ ފަރާތުގެ އަތުން އެ ލިޔުން ލިބުންކަމާއި، އަދި ދެވަނަ ނަތީޖާ އަކީ އެ ލިޔުން ފޯރުކޯށް ނުދިނުމުގެ ސަބަބުން ޤާނޫނުގައިވާ އަދަބުގެ ތެރެއަށް ނޯޓިސް ފޮނުވި ފަރާތް ހުށަހެޅިގެން ދިޔުން ކަމުގައިކަން. މިގޮތުން، އެކަމަށް ކަނޑައެޅިގެންވާ އަދަބު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެން ވާކަމާއި، އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންވެގެންވާ ބާރު މީރާއިން ބޭނުންކުރާނީ ވަކި ޙާލަތެއްގައިކަން. އަދި ޚުސޫމާތު އުފެދިފައިވާ މި މައްސަލައިގައި މީރާއިން ޓްރީ ޓޮޕް އަށް ނޯޓިސް ފޮނުވައި އެ ބާރު ބޭނުންކުރުމަށް އިޚްތިޔާރު ކޮށްފައިވާތީ ޓެކްސް ކަނޑައެޅުމަށް ނުވަތަ ނެގުމަށް ބޮޑު އުނިކަމެއް ލިބިދާނެކަމެއް ކަމަށް މީރާއަށް އެކަށީގެންވާ ހެކިތަކެއް ލިބިފައިވާތީ އެ ނޯޓިސް ފޮނުވާފައިވާކަމުގައި ބަލަންޖެހޭކަން؛
21.8. ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުންވެސް ދެބަސްނުވާނެ ފަދައިން މެންބަރު އަޝްރަފްގެ ރައުޔުގައި ފާހަގަކޮށްފައިވަނީ، ޓްރީ ޓޮޕްގެ ލިޔުން އެކަނި ލިބިފައިވާތީ (އެއަށް ބާރުދޭ އިތުރު ލިޔުމެއް ލިބިފައި ނުވާތީ) އެހެނިހެން ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް މީރާގެ އޮޑިޓުގެ ޢަދަދު ކަނޑައަޅާފައިވާ ކަމުގައިކަމާއި، ހަމައެފަދައިން މީރާއިންވެސް މި މައްސަލައިގެ އެންމެ ފުރަތަމަ މަރުޙަލާއިން ފެށިގެން މި މަރުޙަލާއާ ހަމައަށް ބަޔާންކުރަމުން މި ގެންދަނީ ޓްރީ ޓޮޕް އިން މެޓީރިއަލްސް އާ ގުޅުންހުރި މަސައްކަތް ފުރިހަމަކޮށްފައި ވާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ލިޔުމަކީ އެކަށީގެންވާ ލިޔުމެއް ކަމުގައި ނުވާތީ، އޮޑިޓަށް ލިބިފައިވާ އެހެނިހެން ލިޔެކިޔުންތަކަށް ބިނާކޮށް އޮޑިޓު ނިންމާފައިވާ ކަމުގައިކަން؛
ހަތަރުވަނަ ނުކުތާއާ ގުޅޭ
22އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާ ގުޅިގެން ތިރީގައިވާ ކަންކަން މީރާއިން ފާހަގަކޮށްފައިވެއެވެ.
22.1. ޓަރމަކްސް ކޮންސްޓްރަކްޝަން އިން ފާހަގަކުރި ފަދައިން، އެފަރާތުން ހުށަހެޅި އިސްލާހާ ގުޅިގެން އެ އިސްލާހު ބަލައިގަންނަކަން ނުވަތަ ނޫންކަން މައްސަލައިގެ އަޑުއެހުން ކުރިއަށް ދިޔައިރުވެސް އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ވަކިގޮތެއް ނިންމާފައިނުވާކަމާއި، މައްސަލަ ނުވަތަ ޖަވާބު އިސްލާހުކުރުމާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 75 ވަނަ މާއްދާގެ (ހ) ގެ އަލީގައި ބަލާއިރު، މައްސަލަ ނުވަތަ ޖަވާބު އިޞްލާހު ކުރުމަށް ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ގޮތެއް ނިންމުމުގެ އިޚްތިޔާރީ ބާރު ޓްރައިބިއުނަލަށް ލިބިގެންވާކަން ސަރީހަ އިބާރާތުން ބަޔާންކޮށްފައި އޮންނަކަމާއި، ހަމައެހެންމެ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 އަދި އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަށް ނަޒަރުކުރާއިރު، މިފަދައިން އިސްލާހުކުރުމަށް ހުށަހެޅުމުން އެ އިސްލާހު ބަލައިގަތުމަކީ ޓްރައިބިއުލަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައި ބަޔާންކޮށްފައިވާކަން؛
22.2. މި މައްސަލައާ ގުޅިގެން ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމުގައި އެދޭގޮތުގެ ބަޔަށް އިތުރުކޮށް ދިނުމަށް އެދިފައިވާ 2 ނުކުތާ އާ ގުޅިގެން ގޮތެއް ނިންމާ ޙައްލު ހޯދައިދީފައިވާކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަން. އެގޮތުން، ޓަރމަކްސްގެ ފަރާތުން އެދޭގޮތަށް ފުރަތަމަ އިތުރުކޮށްދިނުމަށް އެދިފައިވާ ނުކުތާއަކީ ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލުތަކާ އަދި އިމްޕޯޓު މުދަލުން ޖީ.އެސް.ޓީ ނެގުމުގެ އުޞޫލާ ގުޅިގެން ފާހަގަކޮށްފައިވާ ނުކުތާއެއް ކަމަށްވާއިރު، އެ ނުކުތާއާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުމުގައި ނިންމުމެއް ނިންމާ މައްސަލައަށް އެ އުޞޫލުތައް ތަޠުބީޤުކޮށްފައިވާކަން ސާފުކަން. އަދި އެދޭގޮތުގެ ބަޔަށް އިތުރުކޮށްދިނުމަށް އެދުނު ދެވަނަ ނުކުތާއަށް ބަލާއިރު، އެ ނުކުތާގައި ފާހަގަކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާއާ ގުޅިގެން އަދި އެ ނުކުތާގައި ފާހަގަކޮށްފައިވާ ވަކިވަކި ކަންކަމާ ގުޅިގެންވެސް ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތައް ތަޠުބީޤުކޮށް ޓްރައިބިއުނަލްގެ ރައުޔަށް ވާޞިލްވެފައި ވާކަން އެނގޭކަން؛
22.3. ޓަރމަކްސް ކޮންސްޓްރަކްޝަންއިން ހުށަހެޅި އިސްލާހުތަކާ ގުޅިގެން ގޮތެއް ނިންމާފައި ނުވުމުން، އިސްތިއުނާފު ކުރުމުގެ ހައްޤަށް ހުރަސް އެޅޭ ކަމަށް ބަޔާންކޮށްފައިވާއިރު، މި ޙައްޤުތައް ގެއްލޭގޮތެއް ނުވަތަ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދީފައިނުވާކަން؛
22.4. ޓްރައިބިއުނަލްގެ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤާއި އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްއެޅިގެން ނުދާކަން. އޭގެ އެންމެ ބޮޑު ހެއްކަކީ ހައިކޯޓަށް އިސްތިއުނާފު ކޮށް ބަލަމުންމިދާ ޤަޟިއްޔާކަން. ޓަރމަކްސް ކޮންސްޓްރަކްޝަން އިން އެދޭގޮތުގައި އިތުރުކޮށްދިނުމަށް އެދިފައި ހުރި ނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް އެދި ހުށަހެޅި ފޯމުގައި އިސްތިއުނާފީ ނުކުތާތަކެއް ހިމަނާފައިވާކަމާއި، އެފަދައިން ހިމެނުނު ސަބަބަކީ ޓްރައިބިއުނަލުން ވަކިން އެ އިސްލާޙުތައް ބަލައިގަތުމާ ގުޅިގެން ގޮތެއްނިންމާފައި ނުވި ނަމަވެސް، މައްސަލައިގެ ތެރެއިން އެދޭގޮތަށް އިތުރުކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދުނު ކަންކަމާ ގުޅިގެން ހައްލު ހޯދައިދީފައިވާތީކަން؛
ފަސްވަނަ ނުކުތާއާ ގުޅޭ
23އިސްތިއުނާފީ ފަސްވަނަ ނުކުތާއާ ގުޅިގެން ތިރީގައިވާ ކަންކަން މީރާއިން ފާހަގަކޮށްފައިވެއެވެ.
23.1. އިސްތިއުނާފު ފަސްވަނަ ނުކުތާގައި، ޓްރީ ޓޮޕުން މީރާއަށް ފޯރުކޮށްދިން ލިޔުމަކީ މުޢާމަލާތުގެ މެޓީރިއަލް އިމްޕޯޓްކުރީ އިސްތިއުނާފުކުރާ ފަރާތުން ނޫންކަން ސާބިތުކުރުމަށް އެކަށީގެންވާ ލިޔުމެއް ނޫންކަމަށާއި، އެލިޔުމަށް ބަރޯސާވެ އިތުރަށް ކަންކަން މީރާއިން ބެލުމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) އާ (ޅ) ގެ ދަށުން ލިޔެކިޔުން ބެލެހެއްޓުމަށް ޓެކްސް ދައްކާ ފަރާތްތަކަށް އޮންނަ ޒިންމާ މީރާގެ މައްޗަށް ފުރޮޅިގެން ދިޔުންކަމަށް ބުނެ މީރާއިން ހުށަހެޅި ނުކުތާއާ ގުޅިގެން ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ބުނި ނަމަވެސް، ރަނގަޅު ނުވި ޤާނޫނީ އަސާސެއް ނުވަތަ ޓްރައިބިއުނަލްގެ ނިންމުމުގައި މިކަމާ ގުޅިގެން އޮތް އައިބެއް ސާފުކޮށްދީފައި ނުވާތީ، މި ނުކުތާގައި ޤާނޫނީ ބަހުސެއް އޮތް ކަމުގައި މީރާއިން ނުދެކޭކަން؛
23.2. އިސްތިއުނާފު ނުކުތާގެ ތަފްސީލުގައި ބަޔާންކޮށްފައިވަނީ އިސްތިއުނާފު ނުކުތާއާ ނުގުޅޭ ދުރު ވާހަކަތަކެއްކަމާއި، ތަފްސީލުގައި ހިމަނާފައިވާ ނުކުތާތައް، "ރަނގަޅު ނުވުން" އާ ގުޅެނީ ކިހިނެއްކަމެއް ސާފުނުވާކަން؛
23.3. އެހެންކަމުން މި އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަން؛
23.4. އިސްތިއުނާފު ފޯމުގެ 7.5.1 ނަންބަރުން 7.5.5 އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަކީ ޖުމްލަގޮތެއްގައި ޓްރައިބިއުނަލް މަރުހަލާގައި އެފަރާތުގެ ބަހުސް އޮތް ގޮތަށް ކަން؛ އަދި، ކޮންޓްރެކްޓަށް ގެނެވޭ މިފަދަ އިސްލާހުތައް ލިޔުމުން އޮތުން ލާޒިމް ނޫންކަމުގެ މައްޗަށް ބިނާކޮށް ”mutual understanding“ އަކުން މެޓީރިއަލްސް އާ ގުޅުންހުރި މަސައްކަތް އިސްތިއުނާފުކުރާ ފަރާތުން ފުރިހަމަކޮށްފައި ނުވާކަމަށް ބަޔާންކޮށްފައިވާއިރު، ކޮންޓްރެކްޓު އެކުލަވާލި ފަހުން ކޮންޓްރެކްޓަށް އިސްލާހެއް ގެނެވިފައިވާއިރު އެ އިސްލާހު ލިޔުމުން ގެނެވިފައިވާ ސަބަބަށް ބަލާއިރު، އެ އިސްލާހުގެ އަލީގައި މެޓިރިއަލްސްއާ ގުޅުންހުރި މަސައްކަތް ފުރިހަމަ ކުރާނީ އިސްތިއުނާފުކުރާ ފަރާތުންކަން އެނގެން އޮންނައިރު، އެ އިސްލާހު ގެނައި އިރުވެސް އަނގަބަހުން ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެވިގެން އެއްބަސްވުން އިސްލާހު ކުރެވުނީސްކަމާއި، ނަމަވެސް، މީގެ ކުރިން އެފަދައިން އިސްލާހެއް ގެނެވިފައިވާއިރު، ކޮންޓްރެކްޓު އެ މައްޗަށް ބިނާވާ އެއް އަސާސް ކަމުގައިވާ މެޓީރިއަލްއާ ގުޅުންހުރި މަސައްކަތް އިސްތިއުނާފުކުރާ ފަރާތުން ފުރިހަމަ ނުކުރާކަމަށް މިހާރު އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، އެ މަސައްކަތުގެ ޒާތާއި އަގަށް ބަލާއިރު، އެއީ އަނގަބަހުން އިސްލާހުކޮށްގެން ދޫކޮށްލާނެކަމެއް ކަން ގަބޫލުކުރަން ދަތިކަން؛
23.5. ބަހުސްގެ ބޭނުމަށް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް މުދާ އިމްޕޯޓް ކުރާ ފަރާތް ބެލުމަކީ މީރާއިން ކުރާ އޮޑިޓުގައި ކޮންމެހެން ކުރަންޖެހޭ ލާޒިމް ކަމެއް ކަމަށް ބެލި ނަމަވެސް، މި މައްސަލައިގައި މީރާގެ އޮޑިޓު އެންމެ އެކަށޭނަ ގޮތުގައި ނިންމުމަކީ އިސްތިއުނާފުކުރާ ފަރާތުގެ އެއްބާރުލުމާ ނުލައި މުސްތަހީލު ކަމެއްކަމާއި، ކަސްޓަމްސް ޕޯޓަލް އިން މީރާއަށް ދެނެގަނެވޭނީ މުދާ އިމްޕޯޓް ކޮށްފައިވަނީ ކޮން ފަރާތެއްކަމާއި، ކަސްޓަމްސް ޕޯޓަލްއިން ހުސޫމާތު އުފެދިފައިވާ ޕްރޮޖެކްޓުގެ ބޭނުމަށް އިމްޕޯޓްކޮށްފައިވަނީ ކޮން ކޮން މެޓީރިއަލް އެއްކަމާއި އެ މެޓީރިއަލްސް ގެ އަގު ދެނެއެއް ނުގަނެވޭނެކަމާއި، ނަމަވެސް، އެ މައުލޫމާތަކީ އިސްތިއުނާފުކުރާ ފަރާތް އަދި ޓްރީ ޓޮޕް އަށް ފަސޭހައިން ދެނެގަނެވޭނެ މައުލޫމާތު ކަމުގައިވާއިރު، އެފަރާތުގެ އެއްބާރުލުން ނުލިބި މީރާއަށް އެކަނި ކަށަވަރު ކުރެވޭނެ ގޮތް ނޯންނާނެކަމާއި، އަދި، އިސްތިއުނާފުކުރާ ފަރާތުން ތަކުރާރުކޮށް ހަވާލާދޭ ޓްރީ ޓޮޕްގެ ލިޔުމަކީ މެޓީރިއަލް އާ ގުޅުންހުރި މަސައްކަތުގެ ބަޔަށް އޮޑިޓުގެ ނިންމުން ބަދަލުކުރުމަށް އެކަށީގެންވާ ލިޔުމެއް ނޫންކަން. އެކަން، މީރާއިން އިސްތިއުނާފުކުރާ ފަރާތުގެ ސަމާލުކަމަށް ގެނެސް އެކަން ސާބިތުވާނެ ލިޔެކިޔުންތައް މީރާއާ ހިއްސާކޮށްދިނުމަށް އެދި އެ ފުރުސަތު ދީފައިވާނެކަން؛
23.6. ޓްރީ ޓޮޕުން، އިތުރު ހެއްކެއްގެ މައްޗަށް ބިނާނުކޮށް ހަމައެކަނި ކޮންޓްރެކްޓާ ގުޅިގެން major materials” އިމްޕޯޓްކޮށްފައިވާކަމަށް ބުނެފައިވާއިރު، އެ މެޓީރިއަލްސްގެ ތަފްސީލެއް، އަގެއް، އެއީ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ޖުމްލަ އަގަށްވާ މެޓީރިއަލްސް ކަމެއް ކޮންޓްރެކްޓުގައި ކަނޑައެޅިފައިވާ އަގުގެ އެއްބަޔަށްވާ މެޓީރިއަލްސް ކަމެއް، މެޓީރިއަލްސް އާ ގުޅިގެން ސްކޯޕަކީ ކޮބައިކަމެއް، މިފަދަ އެއްވެސް ތަފުސީލެއް ހިމަނާފައިނުވާކަން އަދި ދެފަރާތް ދެމެދުގައި ހެދިފައިވާ ކޮންޓްރެކްޓް ފުރިހަމަކޮށްފައި ވާއިރު، އެކަމާ ގުޅިގެން ޓޭކިންގ އޯވަރ ސެޓިފިކެޓުވެސް ދޫކޮށްފައިވާތީ، މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަކީ ކޮންޓްރެކްޓު ނަފީވާ ވަރުގެ ލިޔެކިޔުންތަކެއް ނޫންކަމާއި، އަދި މީރާގެ ނިންމުން ނިންމާފައިވާ ގޮތާއި މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތަކާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިވާތީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަކީ ސުޕްރީމް ކޯޓުން އަޙްމަދު އިސްމާއީލް ވ. ލަޠީފާ ޢަލީ ޙަސަން މައްސަލައިގައި ކަނޑައަޅާފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލެވޭނެ ހަމައެއް ނެތް ކަން؛
23.7. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާއާއި 30 ވަނަ މާއްދާގެ (ރ) ތަޠުބީޤުކޮށްފައިވަނީ ދެފަރާތުގެ ވާހަކަތަކަށް ވަކިން ބެލުމުގެ ބަދަލުގައި ދެ ނުކުތާ މަސްހުނިކޮށް ރަނގަޅަން ނޫންކަމަށް ފާހަގަކޮށްފައިވީނަމަވެސް، އެފަރާތުން ބަޔާންކުރާ ރަނގަޅު ނުވުމަކީ ކޮބައިކަމަށް މި ނުކުތާގެ ދަށުންވެސް ބަޔާންކޮށްފައިނުވާތީ، މީރާއިން ޖަވާބު ދޭންޖެހެނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަން ސާފުނުވާކަން؛
23.8. މީރާއަށް ލިބިފައިވާ އިޚްތިޔާރީ ބާރުތައް ބޭނުން ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އޮންނަ އިރު، އަދި އެ ބާރުތައް ލިބިދީފައިވާ މާއްދާތަކުގެ އަލީގައި މީރާގެ އޮޑިޓުން ކަނޑައަޅާ ޢަދަދު ބޮޑު ނަމަ ނުވަތަ 25 މިލިއަން ޑޮލަރާ ގުޅޭ ޚުސޫމާތަކަށް ވީތީ އެ ބާރުތައް ބޭނުންކުރުން ލާޒިމް ކޮށްފައިނުވާކަމާއި، އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއިން އެފަރާތުން އެއްކިބާވެ، އެފަރާތުން ޤާނޫނުގެ ދަށުން އަދާކުރުން ލާޒިމް އިލްތިޒާމަކުން ބަރީޢަވުމަށްފަހު މީރާއިން ޤާނޫނުން ލިބިދީފައިވާ އިޚްތިޔާރީ ބާރުތަކެއް ބޭނުންކޮށްފައި ނުވާތީ އެކަމަށް ރިޢާޔަތްނުކޮށް ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ނޫންކަމަށް އިސްތިއުނފުކުރާ ފަރާތުން ބަޔާންކޮށްފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަމެއް މީރާއަށް ސާފުނުވާކަން؛
23.9. ޚުސޫމާތު އުފެދިފައިވާ މައްސަލައިގައި ހިމެނޭ ކޮންޓްރެކްޓުގެ އަލީގައި އެ ކޮންޓްރެކްޓާ ގުޅިގެން އުފެދޭ ޚުސޫމާތްތަކުގައި ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ތަޠުބީޤު ކުރެވޭނެކަން އެނގޭތޯ އެ ޤާނޫނުގެ 26 ވަނަ މާއްދާ މީރާއިން އަދި ޓެކްސް އެޕީލް ޓްރައިބިއުނަލުން ތަޠުބީޤުކޮށްފައިވާއިރު، އެކަމަކީ ސުވާލު އުފެއްދޭނެ ކަމެއް ނޫންކަމާއި، ދެން ބަލަންޖެހެނީ އެ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ތޯކަން؛ މިގޮތުން، ޚުސޫމާތު އުފެދިގެން މި އުޅެނީ ކޮންޓްރެކްޓުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކާމެދު ކަމަށްވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި ބަލާއިރު، ކޮންޓްރެކްޓުގައި އިސްތިއުނާފުކުރާ ފަރާތުން އަދާކުރަންޖެހޭކަމަށް ބަޔާންވެގެންވާ އިލްތިޒާމެއް އެ ނޫންގޮތަކަށް ސާބިތުވަންދެން އެ އިލްތިޒާމަށް ޒިންމާ އުފުލުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއްކަން އެ މާއްދާގެ އަލީގައި އެނގެން އޮންނާތީ ޓްރައިބިއުނަލުން މި ޚުސޫމާތާ ގުޅިގެން އެ މާއްދާއަށް ހަވާލާދީ އެ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަންކަން؛
23.10. ކޮންޓްރެކްޓު އެކުލަވާލިފަހުން އެ ކޮންޓްރެކްޓަށް ލިޔުމުން އިސްލާހެއް ގެނެވިފައިވާއިރު، އެ އިސްލާހުގެ އަލީގައިވެސް މެޓީރިއަލްސްއާ ގުޅުންހުރި މަސައްކަތަށް ޒިންމާވާނީ ޓަރމަކްސް ކޮންސްޓްރަކްޝަންއިން ކަމުގައި އޮތްއިރު، އެފަދައިން ލިޔުމުން އިސްލާހެއް ގެނެސްފައި، ކޮންޓްރެކްޓްގެ އެއް މަސްދަރުކަމުގައިވާ 25 މިލިއަން ޑޮލަރަށްވުރެ ބޮޑު އަގެއް ހިމެނޭ ގޮތަށް ކޮންޓްރެކްޓުގެ ދަށުން އިސްތިއުނާފުކުރާ ފަރާތާ ހަވާލުކުރެވިފައިވާ އިލްތިޒާމަކުން، އަނގަބަހުން ވަކި ގޮތަކަށް އެއްބަސްވެ އެފަރާތުން ބަރީޢަކޮށްފައިވާނެ ކަމުގައި ގަބޫލުކުރަން ދަތިކަން؛
23.11. ކޮންޓްރެކްޓު އިސްލާހުކުރަންޖެހޭނީ ލިޔުމުން ކަމުގައި ކޮންޓްރެކްޓުގައި ބަޔާންކުރެވިފައި ނުވި ނަމަވެސް، ލިޔުމުން ކޮންޓްރެކްޓަށް އިސްލާހެއް ގެނެވިފައިވާތީއާއި މިފަދަ ބޮޑު އިލްތިޒާމެއް އަނގަބަހުން ވަކި ގޮތަކަށް އެއްބަސްވެ ނިންމާލެވިފައި ވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާނަމަ، ދަފްއެއް ކުރާނަމަ އެ ދަފްއެއް ސާބިތުކުރުމަކީ ދަފްއު ސާބިތުކުރާ ފަރާތުގެ ޒިންމާއެއްކަމަށް އޮންނަ އުސޫލުގެ ދަށުން ކޮންޓްރެކްޓުގައިވާ ކަންކަން އޮތީ އެ ނޫންގޮތަކަށްކަން ސާބިތުކޮށްދިނުމަކީ ޓަރމަކްސް ކޮންސްޓްރަކްޝަންގެ ޒިންމާއެއްކަން.
ހަވަނަ ނުކުތާއާގުޅޭ
24އިސްތިއުނާފީ ހަވަނަ ނުކުތާއާ ގުޅިގެން ތިރީގައިވާ ކަންކަން މީރާއިން ފާހަގަކޮށްފައިވެއެވެ.
24.1. މީރާއިން ޓެކްސް އެޕީލް ޓްރައިބިއުނަލްގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2 ވަނަ އިސްލާޙު އައުމުން، ޓެކްސް ރޫލިންގތަކަށް ލިބިގެންވާ ގަވާއިދުގެ ދަރަޖަ ހަނިކުރެވުނު ކަމުގައި ވީނަމަވެސް، އެ ރޫލިންގއަކީ މިހާތަނަށް ބާޠިލުކުރެވިފައިވާ ރޫލިންގއެއް ކަމުގައި ނުވާތީ އެ ރޫލިންގއަށް ޢަމަލުކުރުމަކީ މީރާ އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ލާޒިމް ކަމެއްކަން؛ މިގޮތުން، މި މައްސަލައިގައި، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން އިއުތިރާޒު މަރުހަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ އެފަރާތަށް އޮޑިޓު މަރުހަލާގައި ހުށަހެޅުމުގެ ފުރުސަތު ލިބި އެ ލިޔެކިޔުންތައް މީރާއާ ހިއްސާކޮށްދިނުމަށް މީރާއިން އެދިފައިވާ ލިޔެކިޔުންތަކެއްކަމަށްވީ ނަމަވެސް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން މީރާއަށް ދޭންޖެހޭ އެއްބާރުލުން އެފަރާތުން ދީފައިނުވާކަން؛
24.2. މި މައްސަލައިގައި ބަޔާންތައް ބަދަލު ކުރެވުނު ފަހުން، ޓްރައިބިއުނަލްގެ ކުރީގެ ގަވާއިދުގައި އަޑުއެހުމެއްގައި ހުށަހަޅާ ލިޔެކިޔުމާ ގުޅިގެން މީރާގެ ބަހެއް ހޯދުމަށް އޮތް އޮތުން ނިމުމަކަށް އައިސް އެ އުޞޫލު ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 50 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލުކޮށްފައިވާ ކަމާއި، އެ ގަވާއިދު އެކުލަވާލެވުނު ފަހުން އެ ގަވާއިދަށް އިސްލާހެއް ގެނެވުނު ކަމުގައި ވީނަމަވެސް އެ މާއްދާއަށް އިސްލާހު ގެނެސްފައިނުވާތީ، އެ ޙައްޤު ފުޅާކޮށް ބޭއްވުމުގެ މަގްސަދު އޮތްކަމަށްބުނާއިރު، އެ މާއްދާގެ ދަށުން ލިބިފައިވަނީ އިޚްތިޔާރީ ބާރެއްކަން؛
24.3. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަށް ނަޒަރުކުރާއިރު، ޓެކްސް ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތް އެންމެ ފުރަތަމަ މަރުހަލާއިން ޓްރައިބިއުނަލް މަރުޙަލާއާ ހަމައަށް ވަޒަންކޮށް، މީރާގެ އިއުތިރާޒު މަރުހަލާގައި ހުށަހަޅާފައިނުވާ އައު ހެއްކާއި ދިފާއު ހުށަހެޅުމުގެ ފުރުސަތު ޓްރައިބިއުނަލުން ދީ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމުމެއް ނިންމާ ހާލަތުގައި އެކަމުގެ ނަތީޖާއަކީ ކޮބައިކަމާއި އެކަމުގެ ސަބަބުން ޓެކްސް ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތަށް އަސަރުކުރާނެ ކަން ފާހަގަކޮށް އައު ހެކި ބަލައި ނުގަތުމަށް ނިންމާފައިވާކަން ނުހަނު ސާފުވާއިރު، އައު ލިޔެކިޔުންތައް ހުށަހެޅުމަށް ޓްރައިބިއުނަލަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމުމެއް ނިންމާފައިނުވާކަމަށް ބަޔާންކުރި ކުރުމަކީ ޙަޤީޤަތާ ޚިލާފު ނުކުތާއެއްކަން؛
24.4. ޓްރައިބިއުނަލުން ގޮތް ނިންމިއިރު A2 ރޫލިންގ އިސްކޮށްފައިނުވާކަމާއި، މި ނުކުތާއާ ގުޅިގެން ގޮތް ނިންމާފައިވަނީ މީރާއިން އެދިފައިވާގޮތަށް ނޫންކަމާއި، ޓްރައިބިއުނަލް ގަވާއިދު 2021 ގެ 50 ވަނަ މާއްދާގެ ދަށުން އައު ހެއްކާއި ދިފާޢު ބަލައިނުގަތުމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އެކަމުގެ ސަބަބުން ނިކުންނާނެ ނަތީޖާއަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް ފަހު އެންމެ އިންސާފުވެރި ގޮތަކީ އެއީ ކަމަށްވާތީ، ގަވާއިދުގެ އެ މާއްދާ އިސްލާހުކޮށްގެން މެނުވީ އެފަދައިން ނުނިންމޭނެ ކަމުގައި ފާހަގަކޮށްފައިވާއިރު، އެ މައްދާގެ ދަށުން ލިބެނީ އިޚްތިޔާރީ ބާރެއް ކަމާމެދު ޓަރމަކްސް ކޮންސްޓްރަކްޝަނުންވެސް ދެބަސްނުވާކަން؛
24.5. ޓެކްސް އެޕީލް ޓްރައިބިއުނަލް ގަވާއިދުގެ ދަށުން އައު ހެއްކާއި ދިފާޢު ހުށަހެޅުމުގެ ފުރުސަތު ޓަރމަކްސް ކޮންސްޓްރަކްޝަންއަށް ދީފިނަމަ މީރާގެ ނުރަނގަޅު ނިންމުން ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމުގައި ބަޔާންކޮށްފައިވާއިރު، މި ފުރުސަތު ދީފިނަމަ މީރާ ވުޖޫދުވެފައި އޮތުމުގެ މަޤްސަދެއް ނޯންނާނެކަމާއި، މިފަދައިން ޢަމަލުކުރުމަކީ އެ މާއްދާގެ މަޤްސަދުނަމަ މީރާގެ ނިންމުމެއް އޮތުމުގެ މާނައެއްވެސް ނެތްކަމާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މީރާ ވުޖޫދުވުމާއި މަސްއޫލިއްތުތަކެއް ހަވާލުކުރުމުގެ ބޭނުމެއް ނެތްކަން؛
24.6. މީރާއިން ނިންމުމަށް އިއުތިރާޒުކޮށް، އިއުތިރާޒު މަރުހަލާ ނިމި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރެވޭ ހިސާބުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ވަނަ މާއްދާގެ (ރ) އިސްތިއުނާފުކުރާ ފަރާތުން މާނަކުރާގޮތަށް މާނަކުރާ ކަމުގައިވާނަމަ، މީރާއަށް އެއްބާރުލުން ނުދީ މީރާގެ އެދުމުގެ މަތިން ޓެކްސް ދައްކާ ފަރާތްތަކުން މީރާއާ ހިއްސާކޮށްދީފައިނުވާ ލިޔެކިޔުންތައް ފަދަ، ހުށަހެޅުމުގެ ފުރުސަތު ލިބި ހުށަހަޅާފައިނުވާ ލިޔެކިޔުންތައް ޓްރައިބިއުނަލް މަރުހަލާގައި ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދިޔުންކަމާއި މިއީ ހަމަޖެހޭ މާނަކުރުމެއް ނޫންކަން؛
24.7. މީރާއިންވެސް ގަބޫލުކުރާ ގޮތުގައި މީރާގެ އިއުތިރާޒު މަރުހަލާގައި ހުށަހަޅާފައިނުވާ އައު ހެއްކާއި ދިފާޢު ހުށަހެޅުމުގެ ފުރުސަތު އެ މާއްދާގެ އަލީގައި ދީފައި އޮތަސް އެލިޔެކިޔުންތައް ބަލައިގަތުމަކީ ޓްރައިބިއުނަލްގެ އިޚްތިޔާރުގެ ދަށުގައިވާ ކަމެއްކަމަށް ވާއިރު، މި މައްސަލައިގައި ހުށަހެޅި އައު ލިޔުންތަކަކީ އެފަރާތަށް އޮޑިޓު މަރުހަލާގައި ހުށަހެޅުމުގެ ފުރުސަތު ދީ އެފަރާތުން އެ ފުރުސަތުގެ ބޭނުން ހިފާފައިނުވާ ލިޔެކިޔުންތައް ކަމީ އެފަރާތުންވެސް ދެބަސްވާނެކަމެއް ނޫންކަން؛
24.8. އެހެންކަމުން މި މައްސަލައިގައި ވުޖޫދުވެފައިވާ ޙާލަތަށް އެންމެ ފުރިހަމައަށް ރިޢާޔަތްކޮށް، ޓަރމަކްސް ކޮންސްޓްރަކްޝަނުން އެދިފައިވާ ފަދައިން ޓްރައިބިއުނަލަށް ހުށަހެޅުމަށް އެދުނު އައު ހެއްކާއި ދިފާއުތައް ޓްރައިބިއުނަލުން ބަލައިނުގަތުމަށް ނިންމާފައި ނިންމުމަކީ، އެކަމުގެ ސަބަބުން ނިކުންނާނެ ނަތީޖާއަކީ ކޮބައިކަން ފުރިހަމައަށް ވަޒަންކޮށް ނިންމާފައިވާ އިންސާރުވެރި ނިންމުމެއްކަން.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
25ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/028 މައްސަލައިގައި ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމާއި، އެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް މީރާއިން އެދިފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
26މި މައްސަލައަކީ، މީރާއިން ޓަރމަކްސް ކޮންސްޓްރަކްޝަންއަށް ފޮނުވި އޮޑިޓް ރިޕޯޓުގައި ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ދެއްކުމަށް އަންގާފައިވާ ފައިސާއަކީ، އެ ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ މީރާގައި އިއުތިރާޒުކުރުމުން، މީރާގެ ނަންބަރު 220-OA/2020/026 "އޮބްޖެކްޝަން ރިވިއު ރިޕޯޓު" އިން ނިންމި ނިންމުމާ ގުޅޭ މައްސަލައެކެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން ވެސް މީރާގެ ނިންމުން ރަނގަޅު ކަމަށް ނިންމާފައިވާތީ، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން މި ކޯޓުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރިއެވެ.
27މި އިސްތިއުނާފުގައި 6 (ހައެއް) އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ. ފުރަތަމަ 5 (ފަހެއް) އިސްތިއުނާފު ނުކުތާ ބިނާކޮށްފައިވަނީ، ޓަރމަކްސް ކޮންސްޓްރަކްޝަންއާ ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑް (ޓްރީ ޓޮޕް) އާ ދެމެދު ވެފައިވާ "Contract for design and build of Tree Top" އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކޮންޓްރެކްޓް ޕްރައިޒް ގެ ތެރޭގައި ހިމެނޭ "މެޓީރިއަލް" ބަޔަށް ޖީ.އެސް.ޓީ ދެއްކުމަށް މީރާއިން އަންގާފައިވާ އެންގުމާ ގުޅިގެން ކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެހެންކަމުން، މިކަން ހިނގާފައިވާ ގޮތުގެ ތަފްސީލަށް ބަލައިލުން މުހިންމު ކަމަށް ދެކެމެވެ.
28ހަވާލާދެވުނު އެއްބަސްވުމަށް ބަލާއިރު، ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ ގޮތުގައިވާ އަދަދު މައިގަނޑު ދެ ބަޔަކަށް ބަހާފައިވާކަން އެނގެއެވެ. އެއީ، މެޓީރިއަލްގެ އަގާއި ސިވިލް ލޭބަރ ވަރކްސް ކޮސްޓް ކަމަށް ބަޔާންކޮށްފައިވެއެވެ. މީރާގެ އޮޑިޓަށް ފާހަގަވެފައިވަނީ މި އެއްބަސްވުމުގެ މެޓީރިއަލް ބަޔަށް ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ޓެކްސް ދައްކާފައިނުވާކަމަށެވެ. އެހެންކަމުން، އެ ފައިސާއަކީ، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން މީރާއަށް ދައްކަންޖެހޭ ފައިސާ ކަމަށް މީރާގެ އޮޑިޓުން ކަނޑައަޅައި، އެކަން ޓަރމަކްސް ކޮންސްޓްރަކްޝަންއަށް އަންގާފައިވެއެވެ.
29ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން މީރާގެ އޮޑިޓު ރިޕޯޓު ރަނގަޅުނޫންކަމަށް ބުނެ އިއުތިރާޒު ހުށަހެޅިއެވެ. ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މެޓީރިއަލްސްގެ ބައި ފުރިހަމަކުރީ ޓްރީ ޓޮޕުން ކަމަށްވާތީއާއި، މިކަން، އޮޑިޓް މަރުހަލާގައި ހުށަހަޅާފައިވާ ޓްރީ ޓޮޕްގެ ލިޔުމުންވެސް އެނގެން އޮންނާތީ، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން މެޓީރިއަލްސް ބަޔަށް ޓެކްސް ދައްކަންނުޖެހޭނެ ކަމަށެވެ.
30ޓަރމަކްސް ކޮންސްޓްރަކްޝަނުން ހުށަހެޅި އިއުތިރާޒަށް މީރާއިން ގޮތެއް ނިންމާފައިވެއެވެ. މީރާއިން ފާހަގަކޮށްފައިވަނީ، ޓްރީ ޓޮޕްގެ ލިޔުމަކީ ކޮންޓްރެކްޓް ނަފީކުރާ ލިޔުމަކަށް ނުވާތީއާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެވުނުއިރުވެސް، ހަވާލާދެވޭ، މެޓީރިއަލްސް އިމްޕޯޓް ކުރުމުގެ ބައި އިސްލާހު ކޮށްފައިނުވާތީ، މެޓީރިއަލްސް އިމްޕޯޓް ކޮށްފައިވަނީ ޓަރމަކްސް ކޮންސްޓްރަކްޝަންއިން ކަމަށް ބަލަންޖެހޭކަމަށެވެ.
31ޖީ.އެސް.ޓީ ނެގުމަށް ކަނޑައެޅިފައިވާ ޢާންމު އުޞޫލުތަކާއި، އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމުގައި މީރާއިން ޢަމަލުކުރާ އުޞޫލާ ޚިލާފަށް ހަމައެކަނި ކޮންޓްރެކްޓަށް ބިނާކޮށް ޖީ.އެސް.ޓީ ދެއްކުމަށް އަންގާފައިވާތީއާއި މީރާގެ އެ ނިންމުމަކީ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ދެކޭތީ، ޓަރމަކްސް ކޮންސްޓްރަކްޝަނުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
32ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމީ، މީރާގެ ނިންމުމަކީ، ރަނގަޅު ނިންމުމެއް ކަމަށެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންނަށް މީރާގެ ނިންމުމާ އެއްބަސްވެވެނީ، މީރާގެ ފަރާތުން މައުލޫމާތު ހޯދުމަށް އެދުމުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާތީއާއި، ޓްރީޓޮޕްގެ ލިޔުމަކީ އެކަށީގެންވާ ވަރުގެ ހެއްކެއް ނޫންކަމަށް ބަލާފައިވަނީ ރަނގަޅަށް ކަމަށް ފެންނާތީ ކަމަށެވެ.
33ޓަރމަކްސް ކޮންސްޓްރަކްޝަންގެ މައިގަނޑު އެއް ޝަކުވާއަކީ، މީރާއިން އޮޑިޓު މަރުޙަލާގައި ހޯދަންޖެހޭ ލިޔުންތައް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާތީ ކުރާ ޝަކުވާއެއްކަން އެނގެއެވެ. މީރާގެ ފަރާތުން ޓަރމަކްސް ކޮންސްޓްރަކްޝަންއަށް ފޮނުވި ނޯޓިސް އޮފް ޓެކްސް އެސެސްމަންޓްގެ ސެކްޝަން 5ގައި، Taxpayer's comments މި ސުރުހީގެ ދަށުން، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ކޮށްފައިވާ ކޮމެންޓްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، “TreeTop Health Pvt Ltd, imported materials required for the project on their own and hence GST was charged only for the service rendered.
Both Parties have mutually agreed to proceed with the arrangement without changing the contract. However, Treetop Health used to pay on behalf of us for some materials purchased locally and utility bills to which they raise the invoice inclusive of GST.
We believe that a third party confirmation from TREETOP HEALTH PVT LTD can be obtained by MIRA before making any decision related to this Material part of the Contract."
މިފަދައިންނެވެ.
34އިސްވެ ބަޔާންކުރެވުނު ސެކްޝަންގައި، MIRA’s response ގެ ގޮތުގައި ބަޔާންކޮށްފައިވަނީ؛
“MIRA has not received sufficient documents to substantiate the claim made by taxpayer with regard to the revenue determined for the construction project of Tree Top Hospital. Hence, no adjustments have been made to the revenue determined for the construction project of Tree Top Hospital.”
މިފަދައިންނެވެ.
ފުރަތަމަ އަދި ދެވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 74 ވަނަ މާއްދާ؛ 81 ވަނަ މާއްދާގެ (ހ) އަދި 7 ވަނަ މާއްދާ
35ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 74 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ؛ "ޓްރައިބިއުނަލަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލައި ނިންމުމުގައި، މައްސަލަ ބަލާ ބެންޗުގެ ކޮންމެ މެންބަރަކަށް ފެނުނުގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިގޮތުން، މައްސަލައާ ގުޅޭގޮތުން، ފާހަގަކުރެވުނު ނުކުތާތަކާއި، ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައި ގޮތުގެ އަލީގައި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި، މައްސަލަ ބަލާ ބެންޗުގައި ދެފަރާތުންނާއި ހެކިން ދައްކާފައިވާ ވާހަކަތަކާމެދު ދެކޭގޮތާއި، މައްސަލަ ނިންމި ގޮތަށް ވާސިލުވުމުގައި ވިސްނާފައިވާ ކަންތައްތަކާއި، ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގައިދިނުމަށް އަމުރެއް ކުރާނަމަ، ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅުމުގައި ބަލައިފައިވާ ކަންތައްތަކާއި، އެނޫންވެސް އެ މެންބަރަކަށް ފެންނަ މުހިންމު ނުކުތާތައް ބަޔާންކުރާންވާނެއެވެ." މިފަދައިންނެވެ.
36ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ޓްރައިބިއުނަލްގެ ބާރުތައް ތަންފީޒުކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކާއި މީރާގެ ޙައްޤުތަކަށް ޓްރައިބިއުނަލުން ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށެވެ. އަދި އެ ގަވާއިދުގެ 81 ވަނަ މާއްދާގެ (ހ) ގައި، މައްސަލަތައް ނިންމުމުގައި އިންސާފުވެރިކަމާއެކު، ދެ ފަރާތުގެ މަޞްލަހަތާއި، ދެ ފަރާތުގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭނެ ގޮތްތަކަށް، އެ މައްސަލަ ބަލާ ބެންޗުން ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
37އިސްވެ ބަޔާންކުރެވުނު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޓްރައިބިއުނަލުން މައްސަލަ ބެލުމުގައި ޢަމަލުކޮށްފައިވާކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ދެކެނީ، މެޓީރިއަލްއަށް ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތް ކަށަވަރުކުރުމެއް ނެތި ޖީ.އެސް.ޓީ ޤާނޫނުގެ 40 ވަނަ މާއްދާއިން ކޮމިޝަނަރ އަށް ލިބޭ އިޚްތިޔާރުގެ ދަށުން ކަމަށް ބުނެ "ޖީ.އެސް.ޓީ ނެގުމުގެ ޢާންމު އުޞޫލު" އާއި "އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމުގައި މީރާއިން ޢަމަލުކުރާ އުޞޫލު" އާއި ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއާ ޚިލާފަށް އިތުރަށް ޖީ.އެސް.ޓީ ދެއްކުމަށް މީރާއިން ޓަރމަކްސް ކޮންސްޓްރަކްޝަންއަށް އަންގާފައިވަނީ ރަނގަޅަށްކަމަށް ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުމަކީ، ޓްރައިބިއުނަލްގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމެއްނެތި ކަމަށެވެ.
38ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި، މީރާއިން އަމަލުކޮށްފައިވަނީ، އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމަށް މީރާއިން އަމަލުކުރާ އާންމު އުސޫލާ ޚިލާފަށްކަމަށްބުނެ ހުއްޖަތެއްގެ ގޮތުގައި ދައްކާފައިވަނީ މީރާގެ ނަންބަރު TR2016/G36 ޓެކްސް ރޫލިންގ ކަމަށް ބަޔާންކޮށްފައިވެއެވެ. މި ނުކުތާއާ ގުޅިގެން ޓްރައިބިއުނަލުން ބަޔާންކޮށްފައިވަނީ، މި މައްސަލައިގައި ޖީ.އެސް.ޓީ ނަގާފައިވަނީ އިމްޕޯޓް މުދަލުންކަމަށެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ އުޞޫލުތައް ބަޔާންކޮށްފައިވަނީ ޖީ.އެސް.ޓީ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޖީ.އެސް.ޓީ ގަވާއިދުގައި ކަމަށެވެ. އަދި، ޖީ.އެސް.ޓީ ގަވާއިދުގައި އިމްޕޯޓް މުދަލުން ޖީ.އެސް.ޓީ ނެގުމަށް ވަކި ޚާއްސަ އުޞޫލެއް ބަޔާންކޮށްފައި ނުވާކަމަށެވެ. ހަވާލާދެވުނު G36 ރޫލިންގ އާ ގުޅިގެން ޓްރައިބިއުނަލުން އިތުރަށް ފާހަގަކޮށްފައިވަނީ، އެ ޓެކްސް ރޫލިންގ ގެ 4 ވަނަ މާއްދާއަށް ބަލާއިރު، ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކުން ވިއްކުމަށާއި، އުފެއްދުންތެރިކަމުގެ ބޭނުމަށާއި ޕްރޮޖެކްޓްގެ ބޭނުމަށާއި ޕޯސްޓްގެ އަވަސް ޚިދުމަތަށް، އެފަރާތަށް ދޫކޮށްފައިވާ އިމްޕޯޓް ލައިސެންސްގެ ދަށުން އިމްޕޯޓްކޮށްފައިވާ މުދަލެއް އެފަރާތުގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފިނަމަ ނުވަތަ އެހެން ފަރާތަކަށް ވިއްކައިފިނަމަ ނުވަތަ ބަދަލުކޮށްފިނަމަ، އެ މުޢާމަލާތަކުން ޖީ.އެސް.ޓީ ދައްކަންޖެހޭކަމަށާއި، އެހެންކަމުން، ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލަކާއި ގުޅިގެން ޖީ.އެސް.ޓީ ދައްކަންޖެހިއްޖެނަމަ ޖީ.އެސް.ޓީ ދައްކަންޖެހޭނީ މުދާ އިމްޕޯޓްކޮށްފައިވާ ފަރާތުންކަން ސާފުކޮށް އެނގޭކަމަށެވެ.
39HN1ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނާ ބުނުމާ ޚިލާފަށް ޓްރައިބިއުނަލުން ދެފަރާތުގެ ވާހަކަތަކަށް ރިޢާޔަތްކޮށްފައިވާކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި ޓްރައިބިއުނަލްގެ މި ނިންމުމުގައި ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، މުދާ އިމްޕޯޓް ކުރާ ފަރާތުން މުދަލަށް ޖީ.އެސް.ޓީ ދައްކަންޖެހޭނެކަމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމުގައި ހަދާފައިވާ ޤާނޫނީ ގޯހެއް ޓަރމަކްސް ކޮންސްޓްރަކްޝަންއަށް އިސްތިއުނާފީ ނުކުތާތަކުގައި ސާފުކޮށް ބަޔާންކޮށްދެވިފައިނުވާތީއެވެ.
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އަދި 61 ވަނަ މާއްދާގެ (ށ)
40އިސްތިއުނާފީ ދެވަނަ ނުކުތާގައި ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން އުފައްދާފައިވާ ބަހުސަކީ، ޖީ.އެސް.ޓީ ޤާނޫނުގެ 2، 3 އަދި 12 ވަނަ މާއްދާއާ ގުޅިގެން ހުށަހެޅި ކަންކަމާ ގުޅިގެން ޓްރައިބިއުނަލުން ގޮތެއް ނިންމާފައިނުވާކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ. ޓްރައިބިއުނަލުން މި ނުކުތާގައި ގޮތް ނިންމާފައި ނުވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 61 ވަނަ މާއްދާގެ (ށ) އަދި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 74 ވަނަ މާއްދާގެ (ހ) އާއި 81 ވަނަ މާއްދާގެ (ހ) އާއި 7 ވަނަ މާއްދާ އަދި މަތީ މަރުޙަލާގެ ކޯޓުތަކުގެ ބައެއް ނިންމުންތަކާ ޚިލާފަށް ކަމަށް ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
41ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނާ ބުނުމާ ޚިލާފަށް ޓްރައިބިއުނަލްގެ ނިންމުމުގައި، ޖީ.އެސް.ޓީ ޤާނޫނާ ގުޅޭގޮތުން ކަންކަން ފާހަގަކޮށް ގޮތް ނިންމާފައިވާކަން ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ފާހަގަކުރި ކަންކަމުންވެސް އެނގެން އެބައޮތެވެ. އެހެންކަމުން، މި އިސްތިއުނާފީ ނުކުތާގައިވެސް، ޓްރައިބިއުނަލުން ހަދާފައިވާ ގޯހެއް ސާފުކޮށް ބުނެދެވިފައިވާކަމަށް ނުދެކެމެވެ.
އިސްތިއުނާފީ 3 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 32 ވަނަ މާއްދާއާ ގުޅޭ ބަހުސް
42ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައިވަނީ، އޮޑިޓް ރިޕޯޓަށް ޓަރމަކްސް ކޮންސްޓްރަކްޝަނުން ކޮށްފައިވާ ކޮމެންޓާ ގުޅިގެން ޓްރީ ޓޮޕްގެ ކިބައިން އެކަން ސާފުކުރުމަށް ނުވަތަ މައުލޫމާތު ހޯދުމަށް Third Party Document Request އެއް މީރާއިން ފޮނުވާފައިނުވާކަމާއި، މެޓީރިއަލް އިމްޕޯޓްކޮށްފައިވާކަން ކަށަވަރުކުރުމަށް ކަސްޓަމްސް ޕޯޓަލް ބެލުމަކީ މީރާއިން ކުރާ އޮޑިޓްތަކުގައި އާންމު އުސޫލުން ކުރާ ކަމެއް ކަމުގައި ވީނަމަވެސް އެފަދައިން މި އޮޑިޓްތަކުގައި ޢަމަލުކުރުމުގެ ބަދަލުގައި އިތުރަށް ޖީ.އެސް.ޓީ ނެގުމަށް އިޚްތިޔާރު ކޮށްފައިވާކަމަށެވެ.
43މީރާއިން ފާހަގަކޮށްފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ބާރުގެ ބޭނުންކުރުމަކީ މީރާއަށް ލިބޭ އިޚްތިޔާރެއް ކަމަށެވެ.
44HN2ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛
"32. (ހ) މި މާއްދާގައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާ އެންގުން އެފަރާތަކަށް (ޓެކްސް ދައްކާ ފަރާތަށް) ފޮނުވާފައި ވަނިކޮށް، މީރާއިން އެކަމާއިގުޅޭ މަޢުލޫމާތު ހޯދުމުގެ ބޭނުމުގައި އެންގުމަކުން އެމަޢުލޫމާތު އެހެން ފަރާތެއްގެ އަތުން ފޯރުކޮށްދިނުމަށް އެންގިދާނެއެވެ. ނުވަތަ އެއެންގުން ފޮނުވުނު ފަރާތް އިއުތިރާޒު ކުރާނަމަ އެފަރާތުގެ އަތުގައި ހުރި ނުވަތަ އެފަރާތުގެ ބާރުގެ ދަށުގައިވާ ލިޔެކިއުންތައް ބަލާފާސްކުރެވިދާނެއެވެ. އަދި (މީރާއަށް ފެންނަ ޙާލަތެއްގައި) އެފަދަ ލިޔެކިއުންތަކުގައިވާ ނުވަތަ ވެދާނެ މަޢުލޫމާތަކީ މިހާރު ދައްކަންޖެހޭ ޓެކްސްގެ މިންވަރާއި ނުވަތަ މާކުރިން ދައްކަންޖެހިފައިވާ ނުވަތަ ދައްކަންޖެހޭ ޓެކްސް ފަދަ އެހެން ޢަދަދަކާއި ގުޅުންހުރި މަޢުލޫމާތުތަކެއް ކަމަށްވާނަމަ އެމަޢުލޫމާތުތައް މީރާއަށް ފޮނުވުމަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމުގައި އެފަރާތަކުން ޓެކްސް ދައްކަންޖެހޭ މިންވަރާމެދު މީރާއިން ބަލަމުންގެންދާ ފަރާތުގެ ނަން ބަޔާންކުރަންވާނެއެވެ. އަދި ފޮނުވަންޖެހޭ (ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބޭނެގޮތް ހަދާފައިވާ) ލިޔެކިއުންތައް ނުވަތަ ހުށަހަޅަންވާ މަޢުލޫމާތުތައް، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ (އެންގުމުގައިވާ ތާރީޚުގެ ފަހުން 30 ދުވަހަށް ވުރެ ކުރުނޫން) ތެރޭގައި މީރާއަށް ފޮނުވުމަށް އަންގަންވާނެއެވެ. (ނ) މި މާއްދާގެ ދަށުން ހުށަހަޅާ ލިޔެކިއުންތަކުގެ ކޮޕީއެއް ނުވަތަ އެލިޔެކިއުންތަކުން ބޭނުންވާ ބައިތައް މީރާއަށް ނެގިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމެއްގައި، އެ އެންގުން ފޮނުވަންޖެހުނު ސަބަބުތަކުގެ ޚުލާޞާއެއް ހިމަނަންވާނެއެވެ. އަދި ފޮނުވާ އެންގުމުގެ ކޮޕީ އަކާއެކު އެ ސަބަބުތައް ޓެކްސް ދައްކާ ފަރާތަށްވެސް ފޮނުވަންވާނެއެވެ."
މިފަދައިންނެވެ.
45މީރާއިން، 24 Third Party Document Request Notice ސެޕްޓެންބަރު 2019 ގައި ޓްރީޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވެއެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާނީ، 24 އޮކްޓޫބަރު 2019 އަށް ކަމަށް އެ ނޯޓިސްގައި ބަޔާންކޮށްފައިވެއެވެ. އެ ނޯޓިސްގެ Annexure 1 ގައި، ޓްރީ ޓޮޕް ހެލްތްގެ ފަރާތުން ހުށަހަޅަންޖެހޭ ޑޮކިއުމަންޓްގެ ގޮތުގައި މީރާގެ ފަރާތުން ބަޔާންކޮށްފައިވަނީ އަންނިނިވި ޑޮކިއުމަންޓްތަކެވެ.
46ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން 30 ޑިސެންބަރު 2019 ގައި ޓްރީޓޮޕް ހެލްތްގެ ސިޓީއެއް މީރާއަށް ފޮނުވާފައިވެއެވެ. އެ ސިޓީގައި ބަޔާންކޮށްފައިވަނީ، “This Letter is issued to Turmaks Construction Pvt Ltd on their request to clarify the followings related to the Contract for Design and Build of Tree Top Hospital at Hulhumale’.
Tree Top Health Pvt Ltd has imported all the major materials required for the project from other foreign Suppliers and made payment to them directly.
However, no amendments were made to the contract to facilitate this and it is based on mutual understanding by both parties.
Medical Equipment were bought directly by Tree Top Health Pvt Ltd and is not included in the Contract Price.
We, Tree Top Health Pvt Ltd have no objection for this information requested by Turmaks Construction Pvt Ltd to be shared with the Maldives Inland Revenue Authority.”
މިފަދައިންނެވެ.
47HN3HN4މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަހުރެންނަށް ފާހަގަކުރެވެނީ، ޓަރމަކްސް ކޮންސްޓްރަކްޝަނުން ފާހަގަކުރާ ފަދައިން، ޓްރީޓޮޕް ހެލްތްގެ ލިޔުން މީރާއަށް ފޮނުވި ފަހުން، މީރާއިން ޓްރީ ޓޮޕް ހެލްތްގެ ފަރާތުން ލިޔުމެއް ހުށަހެޅުމަށް އަންގާފައިނުވާކަމެވެ. މީރާއިން ފާހަގަކުރާ ފަދައިން ތިންވަނަ ފަރާތަކުން މައުލޫމާތު ހޯދުމަކީ މީރާއަށް ލިބޭ އިޚްތިޔާރެއްކަމަށް އަހުރެންނަށް އެއްބަސްވެވެއެވެ. މީރާއިން އޮޑިޓުގައި ބަލާނީ މީރާއަށް ލިބެން ހުރި ޑޮކިއުމަންޓްތަކަށް ކަމަށްވާއިރު، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ނަފީކުރުމަށް ހުށަހެޅި ޓްރީޓޮޕްގެ ލިޔުމަކީ އޮޑިޓުގައި ބޭނުންކުރުމަށް ފުދޭ ލިޔުމެއް ނޫންކަން އަހުރެންނަށް އެއްބަސްވެވެއެވެ. މި މުޢާމަލާތަކީ ޓަރމަކްސް ކޮންސްޓްރަކްޝަންއާ ޓްރީ ޓޮޕް ހެލްތާ ދެމެދު ކޮށްފައިވާ މުޢާމަލާތެއް ކަމަށްވާއިރު، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ބަޔާންކުރާ މުދާ ރާއްޖެއަށް އެތެރެކޮށްފައިނުވާކަމަށް ބުނާނަމަ، އެކަމާ ގުޅޭ ތަފްސީލީ ލިޔުންތައް ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭނެ ކަމަށް އަހުރެން ދެކެމެވެ.
އިސްތިއުނާފީ 4 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ، ޓަރމަކްސް ކޮންސްޓްރަކްޝަނުން، އެދޭގޮތް އިސްލާހުކޮށްދިނުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ވަކި ގޮތެއް ނިންމާފައި ނުވުން
48އިސްތިއުނާފީ 4 ވަނަ ނުކުތާގައި ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޓްރައިބިއުނަލްގައި އެދިފައިވާ ގޮތް އިސްލާހުކޮށްދިނުމަށް އެދުނު އެދުމާ ގުޅިގެން ގޮތެއް ނިންމާފައިނުވާތީ، އިންސާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤާއި، އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްއެޅިފައިވާކަމަށެވެ.
49މި މައްސަލައާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ބޭއްވުނު އަޑުއެހުމުގައި، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެދޭގޮތަށް އިސްލާހު ގެނައުމަށް އެދޭކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން، ދެ އިސްލާހެއް ގެނެސް ދިނުމަށް އެދޭކަމަށާއި، މީރާގެ ނިންމުމަކީ ޖީ.އެސް.ޓީ ޤާނޫނާ ޚިލާފަށް، މީރާއިން އިމްޕޯޓް މުދަލާ ގުޅިގެން ޖީ.އެސް.ޓީ ނެގުމުގައި ޢަމަލުކުރާގޮތާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ޖީ.އެސް.ޓީ ޤާނޫނުގެ ޓެކްސް ނެގުމާބެހޭ ބާރާއި އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން މަޢުލޫމާތު ތިންވަނަ ފަރާތެއް މެދުވެރިކޮށް ކަސްޓަމްސް ޕޯޓަލް ބެލުމާއި، އެކަންކަން ކުރުމުގެ ބާރު މީރާއަށް ލިބިފައިވީނަމަވެސް، އަދި ހަމައެއާއެއްކޮށް، މިފަދަ މައްސަލަތަކުގައި މީރާއިން އާންމުގޮތެއްގައި ޢަމަލުކުރާ އުސޫލާ ޚިލާފަށް މި މައްސަލައިގައި ޢަމަލުކޮށްފައިވާތީ އެއީ ޤާނޫނުގެ މާއްދާތަކާ ޚިލާފު ކަމެއް ކަމަށް ދެކޭތީ، އެއީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާ 42 ވަނަ މާއްދާއާ ޚިލާފު ޢަމަލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.
50HN5ޓަރމަކްސް ކޮސްޓްރަކްޝަންގެ ފަރާތުން ފާހަގަކުރި ފަދައިން، ޓަރމަކްސް ކޮންސްޓްރަކްޝަންއިން ހުށަހެޅި އިސްލާހު ބަލައިގަނެފައިވާކަން ނުވަތަ ނޫންކަން ޓްރައިބިއުނަލުން ބަޔާންކޮށްފައި ނުވެއެވެ. އަދި، މިފަދަ ކަންކަމާމެދު ނިންމާގޮތް ސާފުކޮށް ބަޔާންކުރަންވާނެކަމަށްވެސް އަހުރެން ދެކެމެވެ. އެހެންނަމަވެސް، އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި އިސްތިއުނާފީ ތިންވަނަ ނުކުތާގައި ފާހަގަކުރި ކަންކަން އެގޮތުގެ މަތިން ޓްރައިބިއުނަލުން ބަޔާންކޮށްފައިވާތީ، ޓަރމަކްސް ކޮންސްޓްރަކްޝަނުން މި ނުކުތާގައި ހުށަހަޅާފައިވާ ކަންކަމާމެދު ޓްރައިބިއުނަލުން ގޮތް ކަނޑައަޅާފައިވާކަމަށް އަހުރެން ދެކެމެވެ. އެހެންކަމުން، އިސްތިއުނާފީ 4 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ، ޓަރމަކްސް ކޮންސްޓްރަކްޝަންގެ ޙައްޤަކަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށް މި ނުކުތާގެ އަލީގައި އަހުރެންނަށް ފާހަގައެއް ނުކުރެވެއެވެ.
އިސްތިއުނާފީ 5 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ، ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) އަދި (ޅ) އާ ގުޅޭ ބަހުސް
51އިސްތިއުނާފީ 5 ވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޓްރީ ޓޮޕްގެ ލިޔުމަކީ ކޮންޓްރެކްޓްގެ ބައިވެރިން ޢަމަލުކޮށްފައިވާ ގޮތް އިތުރަށް ބަލައި މެޓީރިއަލް ބަޔަށް ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތް ކަށަވަރުކުރުމަށް އޮޑިޓް މަރުޙަލާގައި މީރާއިން މަސައްކަތްކުރަންޖެހޭ ފަދަ "އެކަށީގެންވާ" ލިޔުމެއް ނޫންކަމަށާއި، އެ ލިޔުމަށް ބަލައިގެން މީރާއިން އިތުރަށް ކަންކަން ބަލަންވެއްޖެނަމަ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) އަދި (ޅ) ގެ ދަށުން ލިޔެކިޔުން ބެލެހެއްޓުމަށް ޓެކްސް ދައްކާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާ މީރާގެ މައްޗަށް ފުރޮޅިގެންދާނެ ކަމަށް ބުނެ މީރާއިން ފާހަގަކުރި ކަންކަމާއި ގުޅިގެން ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށެވެ.
52ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 26 ވަނަ މާއްދާއާ ގުޅިގެން ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ އެ މާއްދާއަށް ބަލާއިރު، ޓެކްސް ދައްކާ ފަރާތްތަކުން އެފަރާތުގެ މައުލޫމާތުތަކާއި ލިޔެކިޔުންތަކާއި ހިސާބުތައް ބެލެހެއްޓުމަކީ ޓެކްސް ދައްކާ ފަރާތުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަން އެނގޭއިރު މީރާއިން އެދޭ ލިޔެކިޔުންތައް ޓެކްސް ދައްކާ ފަރާތުގައި ހުންނާނެކަމަށް ބަލަންޖެހޭކަމަށެވެ.
53ޓްރައިބިއުނަލްގެ މި ނިންމުމުގައި ހަދާފައިވާ ޤާނޫނީ ގޯހެއް ޓަރމަކްސް ކޮންސްޓްރަކްޝަންއަށް އިސްތިއުނާފީ 5 ވަނަ ނުކުތާގައި ބުނެދެވިފައިވާތީއެއް ނުފެނެއެވެ. ލިޔެކިޔުން ހުށަހެޅުމާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުމާ އެއްބަސްވެވޭ ސަބަބުތައް މީގެކުރިން ބަޔާންކުރެވުނު ނުކުތާތަކުގައި ފާހަގަކޮށްފައިވާތީ މި ނުކުތާގައި މިކޯޓުން އިތުރަށް ގޮތް ކަނޑައަޅަންޖެހޭ ސަބަބެއް އޮތް ކަމަށް އަހުރެން ނުދެކެމެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 50 ވަނަ މާއްދާގެ (ރ) އާ ގުޅިގެން އިސްތިއުނާފީ 6 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ
54އިސްތިއުނާފީ 6 ވަނަ ނުކުތާގައި ޓަރމަކްސް ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ބޭންކް ކްރެޑިޓްސްތަކާ ގުޅިގެން އިއުތިރާޒު މަރުޙަލާގައި މީރާއަށް ފޯރުކޮށްދީފައިވާ ބޭންކް ސްޓޭޓްމަންޓްތަކުގެ ތަފްސީލީ ލިޔުން ޓްރައިބިއުނަލަށް ހުށަހެޅުމަށް ފުރުސަތު ދިނުމަށް އެދުމުން އެ ފުރުސަތު ލިބޭކަން ނުވަތަ ނޫންކަންވެސް އެންގުމެއް ނެތި މައްސަލަ ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 50 ވަނަ މާއްދާގެ (ރ) ގެ ދަށުން އިއުތިރާޒު މަރުހަލާގައި މީރާއަށް ހުށަހަޅާފައިނުވާ އައު ހެއްކާއި ދިފާއު ހުށަހެޅުމުގެ ފުރުސަތު ޓަރމަކްސް ކޮންސްޓްރަކްޝަންއަށް ލިބިފައިވާކަން އެނގެން އޮތް އޮތުމަށް ރިޢާޔަތްކުރުމެއްނެތި ކަމަށެވެ.
55މި އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، އައު ހެކި ބަލައިގަތުމާމެދު ޓްރައިބިއުނަލުން ގޮތެއް ނިންމާފައިވާކަން ޓްރައިބިއުނަލްގެ ނިންމުމުން ފެންނަން އެބައޮތެވެ. އެގޮތުން، ޓްރައިބިއުނަލްގެ ނިންމުމުގެ 37 ވަނަ ނަންބަރުން ފެށިގެން 46 ވަނަ ނަންބަރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޓަރމަކްސް ކޮންސްޓްރަކްޝަނުން ހުށަހެޅި އައު ހެކި ބަލައިނުގަތުމަށް ޓްރައިބިއުނަލުން ނިންމާފައިވާ ސަބަބުތައް ބަޔާންކޮށްފައިވެއެވެ.
56އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ލިޔެކިޔުން ހުށަހެޅުމަށް ވަކި މުއްދަތެއް ޓްރައިބިއުނަލުން ޓަރމަކްސް ކޮންސްޓްރަކްޝަންއަށް ދީފައިނުވާއިރު، ހެކި ހުށަހެޅުމަށް އެދުނު އެދުމާ ގުޅިގެން ވަކި ގޮތެއް އެންގުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، ޓަރމަކްސް ކޮންސްޓްރަކްޝަނުން އެދިފައިވާ ގޮތަށް އައު ހެކި ހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ކަމަށް މައްސަލަ ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021 ގެ 50 ވަނަ މާއްދާގެ (ރ) ގެ ނައްސުން އިއުތިރާޒު މަރުހަލާގައި މީރާއަށް ހުށަހަޅާފައިނުވާ އައު ހެކި ޓްރައިބިއުނަލަށް ހުށަހެޅޭނެކަމަށް އޮންނަ އޮތުން އެއްފަރާތްކޮށް އެ މާއްދާގައިވާ އަކުރުތަކުގައިވާ ކަންކަމަށް ބެލުމެއް ނެތި ކަމަށް ފާހަގަކޮށްފައިވެއެވެ.
57HN6HN7ޓަރމަކްސް ކޮންސްޓްރަކްޝަނުން ފާހަގަކުރި ފަދައިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) އިން، މީރާއަށް އިއުތިރާޒުކުރި މަރުޙަލާގައި ހުށަހަޅާފައިނުވާ އައު ހެއްކާއި އައު ދިފާޢުތައް ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިޚްތިޔާރު މައްސަލައިގެ ދެ ޚަސްމުންނަށް ލިބިދީފައިވާކަން އެނގެއެވެ. އެހެންނަމަވެސް، ޚަސްމުން މިފަދައިން ހުށަހަޅާ ހެކިތައް ބަލައިގަތުމަކީ ޓްރައިބިއުނަލަށް ލާޒިމް ކަމެއް ކަމަށް މި ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައިވާކަމަކަށް ފާހަގައެއް ނުކުރެއެވެ. ޓަރމަކްސް ކޮންސްޓްރަކްޝަންގެ އިސްތިއުނާފީ ނުކުތާގައި ފާހަގަކުރާ އެއް ކަމަކީ، މައްސަލަ ނިންމުމުގެ ކުރިން، އައު ހެކި ބަލައިގަތުމާމެދު ގޮތެއް ނިންމާފައިނުވާކަމަށެވެ. އެހެންނަމަވެސް، އައު ހެކި ބަލައިނުގަތުމަށް ޓްރައިބިއުނަލުން ނިންމާފައިވާކަން ޓްރައިބިއުނަލްގެ ނިންމުމުން އެނގެން އޮތުމުން، ޓްރައިބިއުނަލްގެ އެ ނިންމުން، މައްސަލަ ނިންމުމުގައި ބަޔާންކުރުމުގައި ޓްރައިބިއުނަލުން ގޯހެއް ހަދާފައިވާކަމަށް އަހުރެންނަކަށް ނުފެނެއެވެ.
58HN8ޓްރައިބިއުނަލަށް ޓަރމަކްސް ކޮންސްޓްރަކްޝަނުން އައު ހެއްކެއްގެ ގޮތުގައި ހުށަހަޅަން އެދުނީ، އޮޑިޓް މަރުޙަލާގައި ހުށަހަޅާފައިނުވާ، އިއުތިރާޒު މަރުހަލާގައި ހުށަހެޅުމުން، މީރާއިން ބަލައިގަނެފައިނުވާ ހެއްކެވެ. މީރާއިން އެ ހެކި ބަލައިގަނެފައިނުވަނީ، މީރާގެ A2 ޓެކްސް ރޫލިންގ އާ ހަވާލާދީއެވެ. އެއީ، އޮޑިޓް މަރުހަލާގައި ހުށަހެޅުމުގެ ފުރުސަތު ލިބި ހުށަހަޅާފައިނުވާ ހެކި ކަމަށްވާތީއެވެ. އެހެންކަމުން، އަހުރެންނަށް ގަބޫލުކުރެވެނީ، ޓެކްސް އެޕީލް ޓްރައިބިއުނަލް ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) އަކީ، އޮޑިޓް މަރުޙަލާގައި ޓެކްސް ދައްކާ ފަރާތަށް ހުށަހެޅުމުގެ ފުރުސަތު އޮވެ، އެ ފުރުސަތުގެ ބޭނުން ނުހިފާ، އެ ހެކި އިއުތިރާޒު މަރުހަލާގައި ހުށަހެޅުމުގެ ފުރުސަތު މީރާއިން ނުދިނުމުން، ބޭނުން ހިފޭނެ މާއްދާއެއް ނޫންކަމެވެ. އެއީ، މި ޙާލަތުގައި، ޓެކްސް ދައްކާ ފަރާތުން ހުށަހެޅުމަށް އެ އެދެނީ އައު ހެކި ކަމަށް އަހުރެންނަށް ގަބޫލުނުކުރެވޭތީއެވެ. އެހެންކަމުން، ޓްރައިބިއުނަލްގެ ނިންމުމުގައި އައު ހެކި ހުށަހެޅުމާ ގުޅިގެން ފާހަގަކުރި ނުކުތާތަކުގައި އަހުރެންނަށް ގޯހެއް ފާހަގައެއް ނުކުރެވެއެވެ.
ނިންމަން ފެންނަގޮތް
59އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/028 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތުމުން، އެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރަޢުޔު
60އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރަޢުޔު
61އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
62މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/028 މައްސަލައިގެ ނިންމުން ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފުޓްނޯޓު
- ރަޖިސްޓްރޭޝަން ނަންބަރު C-0545/2015
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/23 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/23 ޤަޟިއްޔާ
- […]
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/23 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/23 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ
- [2021] SC 98
- 2010/SC-A/02
- މީރާގެ ނަންބަރު 1057315/NOTA-GGST/MDC/2020/01 ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް
- ގަވާއިދު ނަންބަރު 2021/R-75
- ޤާނޫނު ނަންބަރު 3/2010 (މީގެ ފަހުން މި ރައުޔުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 3/2010 އަށް ނިސްބަތްކޮށެވެ.)
- ގަވާއިދު ނަންބަރު 2021/R-75
- ގަވާއިދު ނަންބަރު 2021/R-75
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ބ) އަދި (ޅ)
- ގަވާއިދު ނަންބަރު R-75/2021 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 7 ވަނަ މާއްދާ
- ގަވާއިދު ނަންބަރު R-75/2021 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 74 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު R-75/2021 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 75 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު R-75/2021 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 81 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު R-75/2021 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ 50 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާ
- ޖީ.އެސް.ޓީ ޤާނޫނުގެ 40 ވަނަ މާއްދާ
- ޖީ.އެސް.ޓީ ޤާނޫނުގެ 2، 3 އަދި 12 ވަނަ މާއްދާ
- މީރާގެ ޓެކްސް ރޫލިންގ TR2016/G36 (G36 ޓެކްސް ރޫލިންގ)
- މީރާގެ A2 ޓެކްސް ރޫލިންގ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- 2017/SC-A/23 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް)
- 2020/SC-A/44 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- 2020/SC-A/100
- [2021] SC 98
- 2010/SC-A/02 (އަޙްމަދު ނަޝީދު ވ. މުޙައްމަދު މުޞްޠަފާ)
- 2021/SC-A/71 (މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.