ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/23ސުޕްރީމް ކޯޓު · 14 އޮކްޓޫބަރު 2020 · މަދަނީ – ބިދޭސީ ކޯޓުގެ ޙުކުމާ ރެސް ޖުޑިކާޓާ؛ ބިދޭސީ ޤާނޫނު ސާބިތުކުރުން

އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
10 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 އޮކްޓޫބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ބޭންކުން ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ދަޢުވާކުރިއިރު، ސިވިލް ކޯޓުން މެލޭޝިޔާގެ ހައިކޯޓުގެ ޙުކުމެއް ހުރިކަމުން މައްސަލަ އަލުން ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ނިންމިއެވެ. ހައިކޯޓުން ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން އެ ނިންމުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
2006 ގައި އެގްޒިމް ބޭންކާއި ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ފެސިލިޓީ އެއްބަސްވުމެއް ހެދި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން ގެރެންޓީ ދިނެވެ. ދޫކުރި US$600,000 އަނބުރާ ނުދެއްކުމުން ބޭންކުން މެލޭޝިޔާގެ ހައިކޯޓުގައި ދަޢުވާކޮށް، ދެ ކުންފުނި ހާޒިރުނުވުމުން ޣައިރު ޙާޟިރުގައި 2011 ގައި ޙުކުމްކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މެލޭޝިޔާގެ ހައިކޯޓުން ޙުކުމްކޮށްފައިވާ ފައިސާއެއް ހޯދުމަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓުގައި ދަޢުވާ ކުރުމަށް ރެސް ޖުޑިކާޓާގެ މަބްދައު ހުރަސްއަޅާތޯ، އަދި އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ މެލޭޝިޔާގެ ޤާނޫނު ދިވެހިރާއްޖޭގެ ކޯޓުތަކުގައި ބޭނުންކުރެވޭނެ ގޮތް.
ޚަޞްމުންގެ ހުށަހެޅުންތައް
ބޭންކުން ބުނީ ފެސިލިޓީ އެއްބަސްވުމުގެ 20.15 ގެ ދަށުން އެހެން ޖޫރިސްޑިކްޝަނެއްގައިވެސް ދަޢުވާކުރުމުގެ ޙައްޤު އޮތްކަމާއި، މެލޭޝިޔާގެ ޙުކުމް ދިވެހިރާއްޖޭގައި ސީދާ ތަންފީޛުކުރެވޭނެ އުސޫލެއް ނެތްކަމަށެވެ. ދެ ކުންފުނިން ބުނީ މެލޭޝިޔާގެ ކޯޓު އިޚްތިޔާރުކުރުމުން ޖޫރިސްޑިކްޝަން ކަނޑައެޅުނުކަމާއި، ރެސް ޖުޑިކާޓާ ހުރަސްއަޅާކަމާއި، މެލޭޝިޔާގެ ޤާނޫނު ދިވެހިރާއްޖޭގައި ނުހިނގާނެކަމަށެވެ.
ކޯޓުގެ ސަބަބުތައް
އެއްބަސްވުމުން ލޯނު ދޫކުރި ފަރާތަށް އިޚްތިޔާރުކުރާ ޖޫރިސްޑިކްޝަނެއްގައި ދަޢުވާކުރުމުގެ ޙައްޤު ލިބިދީފައިވެއެވެ. ދިވެހިރާއްޖޭގައި ބިދޭސީ ޙުކުމެއް ބަލައިގަނެ ތަންފީޛުކުރާނެ އިންތިޒާމެއް ނެތުމުން ރެސް ޖުޑިކާޓާ ހުރަސްއަޅާކަމަށް ނުބެލެވެއެވެ. ދަށު ކޯޓުތަކުން މައުޟޫޢީ ގޮތުން ބެލިފައި ނުވާތީ، ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާ، ފަރާތްތަކަށް ދިވެހި ކޯޓުތަކުގައި މައުޟޫޢު ބެލުވުމުގެ ފުރުސަތު ދެވެއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2014/HC-A/282
ފަހުގެ ތާރީޚު
—

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ ސިވިލް ކޯޓުގެ ޙުކުމްވެސް ބާޠިލު

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ރެސް ޖުޑިކާޓާގެ މައިގަނޑު މާނައަކީ، އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއްގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކީ އިސްތިއުނާފުގެ މަރުހަލާގެ ތެރެއިން އެ ކަމަކާމެދު ދަޢުވާ ކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅި ކަމަކާ ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫން ކަމުގައި ބެލުމެވެ. (ޕެރ. 24)

ޕްރައިވެޓް އިންޓަރނޭޝަނަލް ލޯ (Private International Law) ގެ އުސޫލުތައް ބުނާގޮތުން، އެއް ޖޫރިސްޑިކްޝަނެއްގެ ކޯޓަކުން ޙުކުމެއް ކުރުމަށްފަހު، ހަމަ އެ މައްސަލަ ދެވަނަ ޖޫރިސްޑިކްޝަނެއްގެ ކޯޓުތަކަށް ހުށަހެޅުމުން، ފަހުން މައްސަލަ ހުށަހެޅޭ ކޯޓަށް މައްސަލަ ހުށަހެޅުމާއި، އެ ކޯޓުން އެ މައްސަލަ ބެލުން ރެސް ޖުޑިކާޓާގެ އުސޫލުތައް މަނާކުރާނީ، ފަހުން މައްސަލަ ހުށަހެޅޭ ކޯޓުން، ފުރަތަމަ އެ މައްސަލައިގައި ކަނޑައެޅި ނިޔާއަކީ، އެ ކޯޓުން ބަލައިގަންނަ ނިޔާއެއް (recognized) ކަމުގައިވާނަމައެވެ. (ޕެރ. 26)

HN3މަދަނީ › މަދަނީ – ބިދޭސީ ކޯޓުގެ ޙުކުމާ ރެސް ޖުޑިކާޓާ؛ ބިދޭސީ ޤާނޫނު ސާބިތުކުރުން

އެއް ޖޫރިސްޑިކްޝަނެއްގެ ކޯޓަކުން ކުރާ ޙުކުމެއް އެހެން ޖޫރިސްޑިކްޝަނެއްގެ ކޯޓަކުން ޢާންމު ގޮތެއްގައި ބަލައިގަންނާނީ، އެ ޖޫރިސްޑިކްޝަންގެ ޤާނޫނު އެފަދަ ޙުކުމްތައް ބަލައިގަތުމަށް ހުއްދަ ކުރުމުން ނުވަތަ ދެ ޖޫރިސްޑިކްޝަންގެ ދެމެދުގައި އެ ފަދަ އެއްބަސްވުންތަކެއް (Bilateral Agreement) ނުވަތަ އިންތިޒާމުތަކެއް ހަމަޖެހިފައިވާނަމައެވެ. (ޕެރ. 27)

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި މަދަނީ މައްސަލަތަކުގައި އެހެން ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ބަލައިގަނެ ތަންފީޛު ކުރާނެ އިންތިޒާމެއް ހަމަޖެހިފައި ނުވެއެވެ. (ޕެރ. 28)

އެހެން ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބަލައިގަނެ، އެކަމުގެ މައްޗަށް ހިނގަންޖެހޭ އުސޫލުތައް ހިނގާނެ ޙުކުމެއް ނޫންކަމުން، އެ ޙުކުމުގެ ސަބަބުން އެ މައްސަލަ ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހަޅައި، މައްސަލަ ބެލުމަށް ރެސް ޖުޑިކާޓާގެ މަބްދައު ހުރަސްއަޅާކަމަށް ނުބެލެވޭނެއެވެ. (ޕެރ. 28)

HN6މަދަނީ › މަދަނީ – ބިދޭސީ ކޯޓުގެ ޙުކުމާ ރެސް ޖުޑިކާޓާ؛ ބިދޭސީ ޤާނޫނު ސާބިތުކުރުން

އެއްބަސްވުންތަކުގައި، އެއްބަސްވުމުގެ ބައިވެރިން، އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ޢަމަލުކުރާނެ ޤާނޫނެއް އިޚްތިޔާރު ކުރުމަކީ ޤާނޫނު ނަންބަރު 91/04 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ޤާނޫނު ހުއްދަކުރާ ކަމެކެވެ. (ޕެރ. 31)

އެއްބަސްވުމެއްގައި ބިދޭސީ ޤާނޫނެއް އިޚްތިޔާރު ކުރުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމު ދަންނަ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ފަނޑިޔާރުންނަށް ރިޢާޔަތް ކުރެވިދާނެ ކަމެކެވެ. (ޕެރ. 31)

HN8މަދަނީ › މަދަނީ – ބިދޭސީ ކޯޓުގެ ޙުކުމާ ރެސް ޖުޑިކާޓާ؛ ބިދޭސީ ޤާނޫނު ސާބިތުކުރުން

އެއްބަސްވުމަކާ ގުޅުން ހުރި މައްސަލަތައް ޙައްލު ކުރުމުގައި ބިދޭސީ ޤާނޫނެއް އިޚްތިޔާރު ކުރުން ކޮންޓްރެކްޓާބެހޭ ޤާނޫނު ހުއްދަކުރި ނަމަވެސް، އެ ފަދަ ޤާނޫނެއްގެ ބޭނުންކޮށްގެން ޝަރީޢަތުން މައްސަލަ ހައްލު ކުރާނެ ގޮތުގެ އިޖުރާއަތެއް ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެކަށައެޅިފައި ނުވެއެވެ. (ޕެރ. 32)

HN9މަދަނީ › މަދަނީ – ބިދޭސީ ކޯޓުގެ ޙުކުމާ ރެސް ޖުޑިކާޓާ؛ ބިދޭސީ ޤާނޫނު ސާބިތުކުރުން

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ގިނަ ސިފަތަކެއް އެކުލެވިގެންނެވެ؛ މި ނިޒާމުގެ އެންމެ އަސާސީ އެއް ސިފައަކީ، މައްސަލަ ބަލާ ފަނޑިޔާރަކީ އެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ވާޤިޢާތައް، އެ ވާޤިޢާތައް ހުށަހަޅާ ފަރާތްތަކުން އެކަންކަން ސާބިތު ކުރުމުން އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް މައްސަލަތަކުގައި ގޮތް ކަނޑައަޅަމުން ދިއުމެވެ. (ޕެރ. 38)

ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ބިދޭސީ ޤާނޫނު ތަޠުބީޤު ކުރަންޖެހޭ ހާލަތުގައި، ބިދޭސީ ޤާނޫނު ތަޠުބީޤު ކުރަން އެދޭ ޚަޞްމަކު އެ ޤާނޫނުގައި ކަން އޮތް ގޮތް ޝަރީޢަތަށް ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭނެއެވެ. (ޕެރ. 39)

ބިދޭސީ ޤާނޫނުގައި ކަން އޮތް ގޮތް ސާބިތުކުރުމުގެ ބުރަ އުފުލުމަށް ނުކުޅެދިއްޖެނަމަ، ކުރިއަރާފައިވާ ޖޫރިސްޑިކްޝަންތަކުގައި ޢަމަލުކުރާ އުސޫލުން އެކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކަމާބެހޭ ޤާނޫނު ތަޠުބީޤު ކުރެވޭނެއެވެ. (ޕެރ. 39)

ދަށު މަރުޙަލާގެ ކޯޓުތަކުގައި މައްސަލައިގެ މައުޟޫޢު ބަހުސްކޮށް ގޮތެއް ކަނޑައަޅާފައިނުވާ ޙާލަތުގައި މައްސަލައިގެ މައުޟޫޢަށް ބަލައި، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ކިބައިން އެ ކަންކަމާމެދު އިސްތިއުނާފު ކުރުމަށް އޮތް ޙައްޤު ގެއްލޭނެ ކަމެކެވެ. (ޕެރ. 43)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 91/04 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ރ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
  • ފެސިލިޓީ އެއްބަސްވުން (21 ސެޕްޓެމްބަރ 2006) ގެ 20.15 ވަނަ މާއްދާ (Governing Law and Jurisdiction)
  • 2012/HC-A/305 (ހައިކޯޓު)

ފަނޑިޔާރުން

ބެންޗު
މަޙާޒު ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/282 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދު (މީގެ ފަހުން އެގްޒިމް ބޭންކް ނުވަތަ އިސްތިއުނާފު ކުރާ ފަރާތް މި ގޮތަށް މުޚާޠަބު ކުރެވޭ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާއި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ނުވަތަ އިސްތިއުނާފު ރައްދުވާ ދެ ކުންފުނި މި ގޮތަށް މުޚާޠަބު ކުރެވޭ) އަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

221 ސެޕްޓެމްބަރ 2006 ގައި އެގްޒިމް ބޭންކާއި ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

3މި އެއްބަސްވުމުގެ ދަށުން ދޫކުރާ ފައިސާ ދެއްކުމަށް ގެރެންޓީ ދީފައިވަނީ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި ގެރެންޓީ ދިނުމަށްޓަކައި އެގްޒިމް ބޭންކާއި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކޯޕަރޭޓް ގެރެންޓީ އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވަނީވެސް 21 ސެޕްޓެމްބަރު 2006 ގައެވެ.

4މި ލޯނު އެއްބަސްވުމުގެ ދަށުން އެގްޒިމް ބޭންކުން ދިނުމަށް އެއްބަސްވެފައިވަނީ US$800,000.00 (އަށް ލައްކަ) ޔޫ.އެސް. ޑޮލަރެވެ. އަދި ލޯނު ނެގި ފަރާތުގެ އެދުމުގެ މަތިން ދޫކޮށްފައިވަނީ US$600,000.00 (ހަލައްކަ) ޔޫ.އެސް ޑޮލަރެވެ. ނަމަވެސް މި ދޫކުރި ފައިސާ، އެއްބަސްވުމާ އެއްގޮތަށް ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑުން އެގްޒިމް ބޭންކަށް އަނބުރާ ދައްކާފައި ނުވެއެވެ.

5މި ބުނެވުނު ދެ އެއްބަސްވުމުގެ ތެރެއިން ފެސިލިޓީ އެއްބަސްވުމުގެ 20.15 ގައި، މި އެއްބަސްވުމުގެ މައްޗަށް ހިނގާނީ މެލޭޝިޔާގެ ޤާނޫނުކަމާއި، މެލޭޝިޔާގެ ކޯޓު ނުވަތަ އެހެން ޖޫރިސްޑިކްޝަނެއްގެ އެހެން ކޯޓަކަށްވެސް އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ޙައްލު ކުރުމަށް ހުށަހެޅިދާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި މިއީ އެއްބަސްވުމުގެ ބައިވެރިން އަނބުރާ ނުގެންދާނޭ ކަމެއްކަމުގައި ވެސް މި އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެއެވެ.

6އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މި މުޢާމަލާތާ ގުޅިގެން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އެގްޒިމް ބޭންކްގެ ފަރާތުން އެ މައްސަލަ މެލޭޝިޔާގެ ކުއަލަލަމްޕޫރުގެ ހައިކޯޓުގެ ކޮމާޝަލް ޑިވިޝަނަށް (ސުއިޓް ނަންބަރު D3-22-1477-2008) ހުށަހެޅިއެވެ. މި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތައް އެ ކޯޓަށް ހާޒިރު ނުވުމުން އެ ފަރާތްތަކުގެ ޣައިރު ޙާޟިރުގައި 01 ނޮވެމްބަރ 2011 ގައެވެ.

އިސްތިއުނާފު ކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމި ގޮތް

7އެގްޒިމް ބޭންކްގެ ފަރާތުން މެލޭޝިޔާގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމާފައިވަނީ މި މުޢާމަލާތާ ގުޅިގެން، ދަޢުވާ ލިބޭ ފަރާތްތަކުން، އެގްޒިމް ބޭންކަށް ދައްކަންޖެހޭ ފައިސާ އެގްޒިމް ބޭންކަށް ދެއްކުމަށެވެ. ނަމަވެސް މެލޭޝިޔާގެ ހައިކޯޓުގެ ޙުކުމާ އެއްގޮތަށް، ދަޢުވާ ލިބޭ ފަރާތްތަކުން، މި ފައިސާ ދައްކާފައި ނުވާތީ، އެގްޒިމް ބޭންކްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

8ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1116/CV-C/2013 ޤަޟިއްޔާއިންނެވެ. މި މައްސަލައިގައި ސިވިލް ކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވަނީ "މި ދަޢުވާއަކީ ދަޢުވާގައިވާ މި މުޢާމަލާތުގެ އެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ ކޯޓުގައި ބެލި، ޙުކުމެއް އައިސްފައިވާ މައްސަލައަކަށްވާތީ، މި ލޯނާމެދު މި ފަރާތްތަކުގެ މެދުގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން މި މައްސަލަ އަލުން ބެލުމުގެ އިޚްތިޞާޞް މި ކޯޓަށް ލިބިގެންވާ ކަމަށް ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މި ފަދައިންނެވެ.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް

9އެގްޒިމް ބޭންކާ ދެކޮޅަށް ސިވިލް ކޯޓުން ނިންމި ނިންމުން އެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު2014/HC-A/282 ޤަޟިއްޔާއިންނެވެ.

10ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި "އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލައަކީ، ކޯޓަކުން ފައިސަލާ ކުރަނިވި ޙުކުމެއް ކުރެވިފައިވާ މައްސަލައެއްގައި، އެ މައްސަލައިގެ ތެރޭގައި ކޯޓަށް ހުށަހެޅިފައިވާ ނުވަތަ އެ މައްސަލައިގެ ތެރޭގައި ހުށަހެޅުމުގެ ފުރުސަތު އޮތް ކަންކަމުގެ މައްޗަށް ބިނާކޮށް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އިތުރު ދަޢުވާއެއް ކުރުން މަނާކުރާ މަބްދައުއެއް ކަމަށްވާ "ރެސް ޖުޑިކާޓާ" ގެ ދަށުން އެ މައްސަލައިގައި އެދިފައިވާ ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ފައިސަލާ ކުރަނިވި ޙުކުމެއް ކުރެވޭނެ މައްސަލައެއް ނޫންކަން ފާހަގަކުރެވޭ" ކަމަށް ބަޔާން ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި، އެ ނުކުތާތަކުގެ ރައްދު

11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/282 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެގްޒިމް ބޭންކްގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެ ނުކުތާއެއް ފާހަގަކުރިއެވެ.

11-1 ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގައި ސިވިލް ކޯޓުގައި އެގްޒިމް ބޭންކްގެ ފަރާތުން ދަޢުވާކޮށްފައިވަނީ، 21 ސެޕްޓެމްބަރު 2006 ގައި އެގްޒިމް ބޭންކާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ދެމެދު ވެފައިވާ ފެސިލިޓީ އެއްބަސްވުމުގެ 20.15 ވަނަ މާއްދާގެ ދަށުން އެގްޒިމް ބޭންކަށް ލިބިގެންވާ ޙައްޤުގެ ދަށުން ކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11-2 ދެވަނަ ނުކުތާއަކީ، "ރެސް ޖުޑިކާޓާ" ގެ މަބްދައު މި މައްސަލައިގައި ސިވިލް ކޯޓުންނާއި ހައިކޯޓުން ތަޠުބީޤު ކޮށްފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ފެސިލިޓީ އެއްބަސްވުމާ ގުޅޭ ގޮތުން މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ކުރިން ޙުކުމެއް ކޮށްފައި ނުވާއިރު، އަދި މެލޭޝިޔާގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގައި ސީދާ ތަންފީޒު ކުރެވޭނެ ޤާނޫނީ އުސޫލެއް ކަނޑައެޅިފައި ނުވާއިރު، އެކަމަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ފާހަގަކޮށް ހުށަހެޅި ނުކުތާއެވެ.

12މަތީގައި ބުނެވިދިޔަ ދެ ނުކުތާއަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ރައްދު ދިނުމުގެ ގޮތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ތިން ނުކުތާއެވެ.

12-1 ފުރަތަމަ ނުކުތާއަކީ، އެއްބަސްވުންތަކާ ގުޅޭ މައްސަލަތައް ޙައްލު ކުރުމަށް މެލޭޝިޔާގެ ކޯޓުތަކުގެ އިތުރުން އެހެން ޖޫރިސްޑިކްޝަންތައް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިދީފައިވާއިރު، މި މައްސަލައިގައި އެގްޒިމް ބޭންކްގެ ފަރާތުން މެލޭޝިޔާގެ ކޯޓު އިޚްތިޔާރު ކުރުމުން އެއްބަސްވުމުގައިވާ ގޮތުގެމަތިން މައްސަލަ ކުރިއަށް ގެންދާނެ ޖޫރިސްޑިކްޝަން ކަނޑައެޅުނީ ކަމަށާއި، މިގޮތަށް ކަނޑައެޅުމަށްފަހު، ދިވެހިރާއްޖޭގެ ކޯޓުތަކަށް މި މައްސަލަ ހުށަހެޅި ދާނެކަމަށް ނުފެންނަ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.

12-2 ދެވަނަ ނުކުތާއަކީ، މި އެއްބަސްވުންތަކުގައި، އެއްބަސްވުންތަކުގެ މައްޗަށް ހިނގާނީ މެލޭޝިޔާގެ ޤާނޫނު ކަމުގައި ބުނެފައިވާތީ، ދިވެހިރާއްޖޭގައި މެލޭޝިޔާގެ ޤާނޫނު ނުހިނގާނެ ކަމަށާއި، ދިވެހިރާއްޖޭގެ ކޯޓެއްގައި މެލޭޝިޔާގެ ޤާނޫނުގެ މައްޗަށް ރިޢާޔަތްކޮށް މައްސަލަ ބެލޭނެކަމަށް ނުދެކޭކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.

12-3 ތިންވަނަ ނުކުތާއަކީ، ރެސް ޖުޑިކާޓާގެ އުސޫލުތައް، މި މައްސަލަ ދިވެހިރާއްޖޭގެ ކޯޓުން ކުރިއަށް ގެންދިއުމަށް ހުރަސްއަޅާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2012/HC-A/ 305 ޤަޟިއްޔާގައި ކަނޑަޅާފައިވާ، ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤު ކުރުމުގައި ބަލަންޖެހޭ އެންމެހައި އުންސުރުތައް މި މައްސަލައިގައި ފުރިހަމަވެފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ސިވިލް ކޯޓުގައި ދަޢުވާ އުފުލުމުގެ ޙައްޤު

13މި މައްސަލައިގައި ވާހަކަ ދެކެވޭ ފެސިލިޓީ އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލު ކުރުމުގައި އެކި ޖޫރިސްޑިކްޝަންތަކުގައި ދަޢުވާ ކުރުމާބެހޭ މާއްދާތައް ހިމެނިފައިވަނީ އެ އެއްބަސްވުމުގެ 20.15 ވަނަ މާއްދާގައެވެ. މި މާއްދާގައި އޮތީ އަންނަނިވި ފަދައިންނެވެ.

20.15Governing Law and Jurisdiction

a) This agreement is governed by, and shall be construed in accordance with, the laws of Malaysia.

b) The parties hereto irrevocably agree that the Malaysian courts or any other courts in other jurisdiction shall have jurisdiction to hear and determine any suit, action or proceedings and to settle any disputes, which may arise out of or in connection with this Agreement and the other Financing Documents and, for such purposes, irrevocably submits to the jurisdiction of such courts.

c) The Borrower irrevocably waives any objection which it might now or hereafter have to the Malaysian courts being nominated as the forum to hear and determine any proceedings and to settle any disputes which may arise out of or in connection with any Financing Documents and agrees not to claim that any such court is not a convenient or appropriate forum.

d) The Borrower agrees that the process by which any proceedings referred to in this clause are begun may be served on it by being delivered to SULTANS OF THE SEAS MARINE TAXIS PRIVATE LIMITED, of Ground Floor, Fasmeeru Building, 25, Boduthakurufaanu, Male, Republic of Maldives or by prepaid registered post to its last known address. The appointment and maintenance of any agent for the service of process shall be at the cost of the Borrower. Nothing contained herein shall affect the right of the Lender to serve process in any other manner permitted by law.

e) The Borrower hereby consents generally and irrevocably in respect of any legal proceedings which may arise out of or in connection with this Agreement to the giving of any relief or the issue of any process in connection with such legal proceedings, including the making, enforcement or execution against any property whatsoever of any order or judgement which may be made or given in such legal proceedings.

f) The submission to the jurisdiction of the courts of Malaysia shall not (and shall not be construed so as to) limit the right of the Lender to take legal proceedings against the Borrower in any other jurisdiction whatsoever, nor shall the taking of legal proceedings in any one or more jurisdiction preclude the taking of legal proceedings in any other jurisdiction, whether concurrently or not.

g) To the extent that the Borrower may in any jurisdiction claim for itself or its assets immunity from suit, execution, attachment (whether in aid of execution, before judgement or otherwise) or other legal process and to the extent that in any such jurisdiction there may be attributed to itself or its assets such immunity (whether or not claimed), the Borrower hereby irrevocably agrees not to claim and hereby irrevocably waives such immunity to the full extent permitted by the laws of such jurisdiction.

14މަތީގައި ބަޔާންވެދިޔަ އެއްބަސްވުމުގެ މާއްދާއަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.

14-1 މި އެއްބަސްވުމުގެ މައްޗަށް ހިނގާނީ މެލޭޝިޔާގެ ޤާނޫނުކަމާއި، މި އެއްބަސްވުން މާނަ ކުރަންޖެހޭނީވެސް އެ ޤައުމުގެ ޤާނޫނުގައިވާ ގޮތުގެމަތިންކަން.

14-2 އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތައް ޙައްލު ކުރުމަށްޓަކައި މެލޭޝިޔާގެ ކޯޓުތަކަށާއި، މެލޭޝިޔާ ނޫން އެހެން ޖޫރިސްޑިކްޝަންތަކުގެ ކޯޓުތަކަށް މައްސަލަ ހުށަހެޅޭނެ ކަމަށް އެއްބަސްވުމުގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެއްބަސްވާކަން. އަދި މިއީ ފަހުން އަނބުރާ ނުގެންދެވޭނެ ފަދައިންވާ އެއްބަސްވުމެއްކަން.

14-3 އެއްބަސްވުމާ ގުޅިގެން އެގްޒިމް ބޭންކްގެ ފަރާތުން ޤާނޫނީ ގޮތުން އަޅާ ކޮންމެ ފިޔަވަޅަކަށް ލޯނު ނެގި ފަރާތުން އެއްބަސްވާކަން.

14-4 އެއްބަސްވުމާ ގުޅިގެން މެލޭޝިޔާގެ ކޯޓަކަށް މައްސަލަ ހުށަހެޅުމަކީ ލޯނު ދޫކުރި ފަރާތުން އެހެން ޖޫރިސްޑިކްޝަނެއްގެ އެހެން ކޯޓަކަށް މައްސަލަ ހުށަހެޅުމަށް ހުރަސްއަޅާ ކަމެއް ނޫންކަމާއި، އެއްބަސްވުމާ ގުޅިގެން އެއް ވަގުތެއްގައި އެއް ޖޫރިސްޑިކްޝަނަށްވުރެ ގިނަ ޖޫރިސްޑިކްޝަންތަކުގައި ވަކިވަކިން ނުވަތަ އެކުއެކީގައި މައްސަލަ ކުރިއަށް ގެންދިއުމަށް ލޯނު ދޫކުރި ފަރާތަށް ހުރަސްނޭޅޭނެކަން.

15މަތީގައި ބުނެވިދިޔަ ކަންކަމަށް ބަލާއިރު، ފެސިލިޓީ އެއްބަސްވުމާ ގުޅިގެން ލޯނު ދޫކުރި ފަރާތުން އިޚްތިޔާރު ކުރާ ޖޫރިސްޑިކްޝަނެއްގައި ދަޢުވާ ކުރުމުގެ ޙައްޤު، އެ ފަރާތަށް ލިބިދީފައިވާކަން އެނގެއެވެ. ވުމާއެކު، މެލޭޝިޔާ ކޯޓުތަކަކީ، މި އެއްބަސްވުމާ ގުޅިގެން ހަމައެކަނި މައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް (Exclusive Jurisdiction) ލިބިގެންވާ ކޯޓުތައްކަމުގައި ނުބެލެވޭނެއެވެ. މީގެ އިތުރުން، މެލޭޝިޔާގެ ކޯޓަކަށް މައްސަލަ ހުށަހެޅުމަކީ، އޭގެ ފަހުން އެހެން ޖޫރިސްޑިކްޝަނެއްގެ ކޯޓަކަށް މައްސަލަ ހުށަހެޅުން އެއްބަސްވުން މަނާކުރާ ކަމެއް ނޫންކަންވެސް އެނގެއެވެ.

16ދިވެހިރާއްޖޭގެ ސިވިލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިއުމަށް އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ ހައްޤަށް ހުރަސްއަޅާ ސަބަބަކީ، މި މައްސަލައަކީ، މީގެ ކުރިން ކޯޓަކުން ޙުކުމެއް ކޮށްފައިވާ މައްސަލައެއް ކަމުގައި ވުމުން، އެ ޙުކުމުގައި ކަނޑައެޅުނު ނިޔާގެ ބާރު (Res- Judicata) ދެމި އޮވެ، ދެވަނަ ފަހަރަށް މި މައްސަލަ ދެވަނަ ކޯޓަކަށް ހުށަހަޅައި އެ ކޯޓުން ޙުކުމެއް ކުރުން މަނާވާތީކަން ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމި ގޮތުން އެނގެއެވެ.

ދެ ޖޫރިސްޑިކްޝަނަށް އެއް މައްސަލަ ހުށަހަޅައި ޙައްލު ހޯދުން

17އެގްޒިމް ބޭންކާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކާމެދު ވެފައިވާ ފެސިލިޓީ އެއްބަސްވުމުގެ މާއްދާތަކަށް ބަލާއިރު، އެ މާއްދާތަކުގައި އެއްބަސްވުމާ ގުޅިގެން އެއް ޖޫރިސްޑިކްޝަނަށްވުރެ ގިނަ ޖޫރިސްޑިކްޝަންތަކުގައި އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތަކުގައި ޤާނޫނީ ފިޔަވަޅު އެޅުމާއި، އެ ފިޔަވަޅުތައް ތަންފީޛު ކުރުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާކަން ފާހަގަ ކުރެވެއެވެ.

18އެއްބަސްވުމުގެ ދަށުން އެގްޒިމް ބޭންކްގެ ފަރާތުން އެންމެ ފުރަތަމަ އިސްތިއުނާފު ރައްދުވާ ފަރާތްތަކާމެދު ދަޢުވާ ކޮށްފައިވަނީ މެލޭޝިޔާގައެވެ. މި ދަޢުވާގެ މައުޟޫޢަކީ އެއްބަސްވުމުގެ ދަށުން އެގްޒިމް ބޭންކަށް ލިބެންޖެހޭ އެންމެހައި ފައިސާ ހޯދުމެވެ. މި ދަޢުވާ އުފުލުމުން އިސްތިއުނާފު ރައްދުވާ ފަރާތުން މެލޭޝިޔާގެ ކޯޓަށް ހާޒިރުވެ ދަޢުވާއަށް ޖަވާބުދާރީވެފައި ނުވެއެވެ. ވުމާއެކު އެ މައްސަލައިގައި އެ ފަރާތުގެ ޣައިރު ޙާޟިރުގައި އެގްޒިމް ބޭންކަށް ފައިސާ ދެއްކުމަށް މެލޭޝިޔާގެ ހައިކޯޓުން ނިންމާފައިވެއެވެ.

19މި މައްސަލައިގެ ލިޔެ ކިޔުންތަކަށް ބެލުމުން އެގްޒިމް ބޭންކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ މެލޭޝިޔާގެ ހައިކޯޓުގެ ޙުކުމް ތަންފީޒު ކުރުމަށް ހުށަހެޅި މައްސަލައެއް ނޫންކަން އެނގެއެވެ. އަދި ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވަނީ ކުރިން ބަޔާންކުރި ފަދައިން، މި ލޯނު އެއްބަސްވުމުގެ ދަށުން އެގްޒިމް ބޭންކަށް ލިބެންޖެހޭ އެންމެހައި ފައިސާ ހޯދުމަށެވެ.

20މެލޭޝިޔާއާއި، މެލޭޝިޔާ ނޫން ޖޫރިސްޑިކްޝަންތަކުގައި މި އެއްބަސްވުންތަކާ ގުޅޭ މައްސަލަތައް ޙައްލު ކުރުމަށް މަސައްކަތް ކުރުމުގެ ޙައްޤު އިސްތިއުނާފު ކުރާ ފަރާތަށް ލިބިގެންވީނަމަވެސް، އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ފަދަ، އެއް މައްސަލައެއް ދެ ޖޫރިސްޑިކްޝަނެއްގެ ކޯޓުތަކަށް ވަކިވަކިން ހުށަހަޅައި ހައްލު ހޯދުމާމެދު އެއްބަސްވުމުގައި ވަކި މާއްދާއެއް ބަޔާންވެފައި ނުވެއެވެ.

21މި ހިސާބުން އުފެދޭ ސުވާލަކީ، މި މައްސަލައެކޭ އެއްގޮތަށް، އެއް ފައިސާއެއް ހޯދުމަށް، އެގްޒިމް ބޭންކަށް، އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ދެކޮޅަށް މެލޭޝިޔާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައި، އެ ކޯޓުން އެ ފައިސާ ދެއްކުމަށް ޙުކުމް ކުރުމަށްފަހު، ހަމަ އެ ފައިސާ ހޯދުމަށް، ދިވެހިރާއްޖޭގެ ސިވިލް ކޯޓުގައި އެގްޒިމް ބޭންކަށް ދަޢުވާ ކުރެވިދާނެ ކަން ނުވަތަ ނޫންކަމެވެ. އެނޫން ގޮތަކަށް ބުނާނަމަ، ރެސް ޖުޑިކާޓާ ނުވަތަ ކަނޑައެޅި ނިޔާގެ ބާރުވެރިކަމުން، ސިވިލް ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށް ޤާނޫނީ ގޮތުން ހުރަހެއް އޮތްކަން ނުވަތަ ނޫންކަމެވެ.

ރެސް ޖުޑިކާޓާ (Res Judicata) ނުވަތަ ކަނޑައެޅި ނިޔާގެ ބާރު

22މި މައްސަލައިގައި ސިވިލް ކޯޓުންނާއި، ހައިކޯޓުން ބަޔާންކޮށްފައިވަނީ މި މައްސަލައިގައި މެލޭޝިޔާގެ ހައިކޯޓުން ޙުކުމެއް ކޮށްފައި އޮތުމުން ދެން އިތުރަށް މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ސަބަބަކީ، އެ ފަދައިން ކުރިއަށް ގެންދިއުން ރެސް ޖުޑިކާޓާގެ އުސޫލުތައް މަނާކުރާތީ ކަމަށެވެ.

23މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު2012/HC-A/305 ޤަޟިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤު ކުރުމުގައި ފުރިހަމަވާންޖެހޭ ތިން ޝަރުޠު މި މައްސަލައިގައި ފުރިހަމަވާކަން އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ.

24HN1ރެސް ޖުޑިކާޓާގެ މައިގަނޑު މާނައަކީ، އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއްގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކީ އިސްތިއުނާފުގެ މަރުހަލާގެ ތެރެއިން އެ ކަމަކާމެދު ދަޢުވާ ކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅި ކަމަކާ ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫން ކަމުގައި ބެލުމެވެ.

25ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ އެ ކޯޓުގެ ނަންބަރު 2012/HC-A/305 ޤަޟިއްޔާއާއި، ރެސް ޖުޑިކާޓާގެ އުސޫލުތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، ރެސް ޖުޑިކާޓާގެ އުސޫލުތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި ހިމެނިފައިވަނީ، ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ހިމެނޭ ކޯޓަކުން ކުރިން ނިންމާފައިވާ ނިންމުމެއް ދެވަނަ ފަހަރަށް ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހިމެނޭ ކޯޓަކަށް ހުށަހެޅުމުން ރެސް ޖުޑިކާޓާގެ އުސޫލުތައް ތަޠުބީޤު ކުރުމާގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތަކެކެވެ. ނަމަވެސް މި މައްސަލައިގައި އެންމެ ފުރަތަމަ ނިންމުމެއް ނިންމާފައިވަނީ އެހެން ގައުމެއްގެ ނުވަތަ އެހެން ޖޫރިސްޑިކްޝަނެއްގެ ކޯޓަކުންނެވެ.

26HN2ޕްރައިވެޓް އިންޓަރނޭޝަނަލް ލޯ (Private International Law) ގެ އުސޫލުތައް ބުނާގޮތުން، އެއް ޖޫރިސްޑިކްޝަނެއްގެ ކޯޓަކުން ޙުކުމެއް ކުރުމަށްފަހު، ހަމަ އެ މައްސަލަ ދެވަނަ ޖޫރިސްޑިކްޝަނެއްގެ ކޯޓުތަކަށް ހުށަހެޅުމުން، ފަހުން މައްސަލަ ހުށަހެޅޭ ކޯޓަށް މައްސަލަ ހުށަހެޅުމާއި، އެ ކޯޓުން އެ މައްސަލަ ބެލުން ރެސް ޖުޑިކާޓާގެ އުސޫލުތައް މަނާކުރާނީ، ފަހުން މައްސަލަ ހުށަހެޅޭ ކޯޓުން، ފުރަތަމަ އެ މައްސަލައިގައި ކަނޑައެޅި ނިޔާއަކީ، އެ ކޯޓުން ބަލައިގަންނަ ނިޔާއެއް (recognized) ކަމުގައިވާނަމައެވެ. މި މައްސަލައިގެ މިސާލު ނަގާނަމަ، މެލޭޝިޔާގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަކީ ރާއްޖޭގެ ސިވިލް ކޯޓުން ނުވަތަ ރާއްޖޭގެ ޢަދުލުގެ ނިޒާމު ބަލައިގަންނަ ޙުކުމެއް ކަމުގައި ވާނަމައެވެ.

27HN3އެއް ޖޫރިސްޑިކްޝަނެއްގެ ކޯޓަކުން ކުރާ ޙުކުމެއް އެހެން ޖޫރިސްޑިކްޝަނެއްގެ ކޯޓަކުން ޢާންމު ގޮތެއްގައި ބަލައިގަންނާނީ، އެ ޖޫރިސްޑިކްޝަންގެ ޤާނޫނު އެފަދަ ޙުކުމްތައް ބަލައިގަތުމަށް ހުއްދަ ކުރުމުން ނުވަތަ ދެ ޖޫރިސްޑިކްޝަންގެ ދެމެދުގައި އެ ފަދަ އެއްބަސްވުންތަކެއް (Bilateral Agreement) ނުވަތަ އިންތިޒާމުތަކެއް ހަމަޖެހިފައިވާނަމައެވެ. މިފަދަ އިންތިޒާމުތައް ހަމަޖެހި، އެއް ގައުމެއްގެ ކޯޓުން ކުރާ ޙުކުމް އަނެއް ގައުމުގެ ކޯޓުތަކުން ބަލައިގަތުމުގެ ނަތީޖާތަކުގެ ތެރޭގައި އެ ޙުކުމް ބަލައިގަންނަ ގައުމުގައި އެ ޙުކުމް ތަންފީޛު ކުރެވުމާއި، ކުރިން ބުނެވުނު ރެސް ޖުޑިކާޓާގެ އަސަރު ހިނގުން ހިމެނެއެވެ.

28HN4HN5ބުނެވިދިޔަ އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި މަދަނީ މިފަދަ މައްސަލަތަކުގައި އެހެން ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ބަލައިގަނެ، ތަންފީޛު ކުރާނެ އިންތިޒާމެއް ހަމަޖެހިފައި ނުވެއެވެ. އަދި މިފަދަ އެއްބަސްވުމެއްގައި (Bilateral Agreement) ދިވެހި ދައުލަތުން ސޮއިކޮށް، އެ ފަދަ އެއްބަސްވުމެއް ތަންފީޛު ކުރުމުގެ ތެރެއިން ދެވަނަ ގައުމެއްގެ ޙުކުމް ބަލައިގަނެ، އެ ޙުކުމްތައް ތަންފީޛު ކުރާނެ ގޮތުގެ އިންތިޒާމެއްވެސް ހަމަޖެހިފައި ނުވެއެވެ. ވުމާއެކު، މެލޭޝިޔާގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބަލައިގަނެ، އެކަމުގެ މައްޗަށް ހިނގަންޖެހޭ އުސޫލުތައް ހިނގާނެ ޙުކުމެއް ނޫނެވެ. ކަންމިހެން އޮތުމުން، މި މައްސަލަ ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހަޅައި، މައްސަލަ ބެލުމަށް ރެސް ޖުޑިކާޓާގެ މަބްދައު ހުރަސްއަޅާ ކަމަށް އަހުރެން ނުދެކެމެވެ.

އެއްބަސްވުމުގެ މައްސަލަތައް ޙައްލު ކުރުމުގައި ބިދޭސީ ޤާނޫނު އިޚްތިޔާރު ކުރުން

29ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީ ވަމުން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހަޅައިގެން ކުރިއަށް ނުގެންދެވޭނެ މައްސަލައެއްކަމުގައި ބުނެ ދައްކާ އެއް ހުއްޖަތަކީ، މި މައްސަލައިގައި ވާހަކަދެކެވޭ ފެސިލިޓީ އެއްބަސްވުމުގައި އެ އެއްބަސްވުމުގެ މައްޗަށް ހިނގާނީ މެލޭޝިޔާގެ ޤާނޫނު ކަމުގައި ބަޔާންކޮށްފައި އޮތުމުން، ދިވެހިރާއްޖޭގައި ކޯޓުތަކުން މައްސަލަ ބެލުމުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްދަރުތަކުގެ ތެރޭގައި މެލޭޝިޔާގެ ޤާނޫނު ނުހިމެނޭކަމަށް ބުނެ ދައްކާ ޙުއްޖަތެވެ. ސުވާލަކީ އެއްބަސްވުމެއްގައި ބިދޭސީ ޤާނޫނެއް (Foreign Law) އެ އެއްބަސްވުމުގެ މައްޗަށް ހިނގާނެކަމަށް ބަޔާންކޮށްފައި އޮތުމަކީ، ރާއްޖޭގެ ޤާނޫނީ ނިޒާމު ބަލައިގަންނަ ކަމެއްކަން ނުވަތަ ނޫންކަމެވެ.

30މި މައުޟޫޢުގައި ޤާނޫނު ނަންބަރު 91/04 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، "ކޮންޓްރެކްޓާ ގުޅިގެން އުފެދޭ އެއްވެސް ޚިލާފެއް ހަމަޖެއްސުމަށް ޓަކައި، އެ ކޮންޓްރެކްޓްގައި އޮންނަ އެއްވެސް މާއްދާއަކުން، ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ޤާނޫނެއްގެ ދަށުން ޢަމަލުކުރާން ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ޖެހޭނަމަ އެ މާއްދާއަކީ ޤާނޫނު ހުއްދަކުރާ މާއްދާއެކެވެ." މި ފަދައިންނެވެ.

31HN6HN7ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) އަށް ބެލުމުން، އެއްބަސްވުންތަކުގައި، އެއްބަސްވުމުގެ ބައިވެރިން، އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ޢަމަލުކުރާނެ ޤާނޫނެއް އިޚްތިޔާރު ކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއްކަން އެނގެއެވެ. އަދި މިފަދައިން ޤާނޫނު ހުއްދަކުރުމުން މިއީ، ރާއްޖޭގެ ޤާނޫނީ ނިޒާމު ދަންނަ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ފަނޑިޔާރުންނަށް ރިޢާޔަތް ކުރެވިދާނެ ކަމެއްކަންވެސް އެނގެއެވެ.

32HN8އެއްބަސްވުމަކާ ގުޅުން ހުރި މައްސަލަތައް ޙައްލު ކުރުމުގައި ބިދޭސީ ޤާނޫނެއް އިޚްތިޔާރު ކުރުން ކޮންޓްރެކްޓާބެހޭ ޤާނޫނު ހުއްދަކުރި ނަމަވެސް އެ ފަދަ ޤާނޫނެއްގެ ބޭނުންކޮށްގެން ޝަރީޢަތުން މައްސަލަ ހައްލު ކުރާނެ ގޮތުގެ އިޖުރާއަތެއް ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެކަށައެޅިފައި ނުވެއެވެ.

ބިދޭސީ ޤާނޫނުގެ ބޭނުން ހިފުން

33އެއްބަސްވުމެއް މާނަކުރުމާއި، އެއްބަސްވުމަކާ ގުޅިގެން އުފެދޭ މައްސަލަތައް ޙައްލު ކުރުމުގައި އެއްބަސްވުމުގެ ބައިވެރިން ބިދޭސީ ޤާނޫނެއް އިޚްތިޔާކުރާ ޙާލަތުގައި އެ ފަދަ މައްސަލަތަކުގެ ޝަރީޢަތްތަކުގައި އެ ބިދޭސީ ޤާނޫނުގެ ބޭނުން ހިފުމުގައި ގެންގުޅޭ އުސޫލުތަކެއް ވެއެވެ. މިފަދަ އެންމެ އަސާސީ އެއް އުސޫލަކީ، މައްސަލަ މައުޟޫޢީ ގޮތުން ކުރިއަށް ގެންދިއުމުގައި ފަނޑިޔާރު ބިދޭސީ ޤާނޫނުގެ ބޭނުން ހިފަންޖެހުނު ނަމަވެސް، އެ މައްސަލަތަކުގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި އިޖުރާއީ ވަކި އުސޫލުތަކެއް ޚާއްޞަ ވުމުގެ ބަދަލުގައި އެ ކޯޓުގެ ޢާންމު އިޖުރާއަތުގެ ދަށުން މައްސަލަ ކުރިއަށް ގެންދިއުމެވެ.

34މައްސަލައިގެ މައުޟޫޢަށް ފައިސަލާ ކުރުމުގައި ބިދޭސީ ޤާނޫނަކަށް ޙަވާލާދީގެން ގޮތެއް ނިންމުމަކީ، އޭގެ ޒާތުގައި ފަނޑިޔާރުންނަށް ދަތިކަމަކަށްވާނެއެވެ. ސަބަބަކީ ކޮންމެ ފަނޑިޔާރަކުމެ ބޮޑަށް އަހުލުވެރިވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ގައުމުގެ ޤާނޫނުތަކަށެވެ. މިފަދަ ޙާލަތްތަކުގައި މައްސަލައިގެ މައުޟޫޢަށް ފައިސަލާ ކުރުމުގައި ބިދޭސީ ޤާނޫނު ތަޠުބީޤު ކުރުމަށް އެ ޤާނޫނުގައި ކަން އޮތް ގޮތް ބެލުމަށް މައިގަނޑު ދެ ގޮތަކަށް ޢަމަލުކުރެވެއެވެ.

ބިދޭސީ ޤާނޫނަކީ ދޭސީ ޤާނޫނުފަދަ (Lex Fori)ޤާނޫނެއް ކަމުގައި ބެލުން

35ފުރަތަމަ ގޮތަކީ، ބިދޭސީ ޤާނޫނެއް ތަޠުބީޤު ކުރުމުގައި އެ ޤާނޫނަކީ މައްސަލަ ހުށަހެޅިގެން ކުރިއަށްދާ ގައުމުގެ ޤާނޫނުތަކެކޭ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރު އަމިއްލައަށް އެ ޤާނޫނުގައިވާ ކަންކަމަށް ރިޢާޔަތްކޮށް ހުށަހެޅިފައިވާ މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް އެ ޤާނޫނު ތަޠުބީޤު ކުރަމުން ދިއުމެވެ. މި ގޮތަށް ކުރިއަށް ދިއުމުގައި ބިދޭސީ ޤާނޫނުގައި ކަން އޮތްގޮތް ޝަރީޢަތަށް މައްސަލައިގެ ޚަޞްމުން ސާފުކޮށްދިނުން ލާޒިމެއް ނުވާނެއެވެ. މި އުސޫލަށް ޢަމަލުކުރާ ގައުމުތަކަށް ބަލާއިރު، ޖަރުމަނު ވިލާތާއި، އޮސްޓްރޭލިއާ، ސްވިޒަލެންޑް، އިޓަލީ ވިލާތު ފާހަގަ ކުރެވެއެވެ.

ބިދޭސީ ޤާނޫނަކީ މައްސަލައިގެ ވާޤިޢާއެއް ކަމުގައި ބެލުން

36ބިދޭސީ ޤާނޫނު ތަޠުބީޤު ކުރުމުގައި ފަނޑިޔާރުން ޢަމަލުކުރާ ދެވަނަ ގޮތަކީ، ބިދޭސީ ޤާނޫނުގައި ކަން އޮތް ގޮތް ސާބިތުކުރުމަކީ، އެ ޤާނޫނު ތަޠުބީޤު ކުރުމަށް އެދޭ ފަރާތުން މައްސަލައިގެ ވާޤިޢާއެއް ސާބިތު ކުރުމެކޭ އެއްފަދައިން ބުރަ އުފުލަންޖެހޭ ކަމެއް ކަމުގައި ކަނޑައަޅައިގެން ކުރިއަށް ދިއުމެވެ. މި އުސޫލުން ޝަރީޢަތް ކުރާއިރު، ބިދޭސީ ޤާނޫނުގެ ދެލި ކޮޕީ ހުށަހަޅައިގެންނާއި، ބިދޭސީ ޤާނޫނު ދަންނަ ޚަބީރުންގެ ރައުޔު ހޯދައިގެން ބިދޭސީ ޤާނޫނުގައި ކަން އޮތް ގޮތް ޝަރީޢަތަށް ސާފުކޮށްދޭނީ ބިދޭސީ ޤާނޫނު ތަޠުބީޤުކުރަން އެދޭ ޚަޞްމެވެ. އަދި ވަކި ކަމަކާ ގުޅިގެން ބިދޭސީ ޤާނޫނުގައި ކަން އޮތްގޮތް ސާބިތުކޮށް ނުދެވިއްޖެނަމަ، އެ ކަމުގެ މައްޗަށް ފަނޑިޔާރު ތަޠުބީޤު ކުރާނީ، ޝަރީޢަތް ކުރާ ގައުމުގެ ޤާނޫނެވެ. މި އުސޫލަށް ޢަމަލުކުރާ ގައުމުތަކަށް ބަލާއިރު، ފަރަންސޭސިވިލާތާއި، އިނގިރޭސި ވިލާތާއި، ސްޕެއިންއާއި، ސިންގަޕޫރާއި އިންޑިއާ ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި ބިދޭސީ ޤާނޫނުގައި ކަން އޮތް ގޮތް ސާބިތުކުރުން

37ބިދޭސީ ޤާނޫނުގައި ކަން އޮތް ގޮތް ސާބިތުކުރުމުގައި ޢަމަލުކުރެވޭ މައިގަނޑު ދެ އުސޫލަށް ބަލާއިރު، އެ ދެ އުސޫލު، ދެ އުސޫލަކަށް ކަފިވެފައިވަނީ އެ ދެ އުސޫލު ނިސްބަތް ކުރެވޭ ޖޫރިސްޑިކްޝަންތަކުގެ އަސާސީ ސިފަތަކުގެ މައްޗަށެވެ. މި ގޮތުން ސިވިލް ލޯ ނިޒާމު ނުވަތަ އިންކިއުސިޓޯރިއަލް ނިޒާމުގެ ސިފަތައް ބޮޑަށް ލިބިފައިވާ ނިޒާމުތަކުގައި، ބިދޭސީ ޤާނޫނުގައި ކަން އޮތް ގޮތް ބަލައި އެ ޤާނޫނު ތަޠުބީޤު ކުރުމުގެ ބުރަ އުފުލަމުން ދާނީ މައްސަލަ ބަލާ ފަނޑިޔާރެވެ. މި އުސޫލާ ޚިލާފަށް، ކޮމަން ލޯގެ ނިޒާމު ނުވަތަ އެޑްވަސޭރިއަލް ނިޒާމުގެ ސިފަތައް ބޮޑަށް ލިބިފައިވާ ނިޒާމުތަކުގައި، ބިދޭސީ ޤާނޫނުގައި ކަން އޮތް ގޮތް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ޤާނޫނު އެ މައްސަލައިގައި ތަޠުބީޤު ކުރުމަށް އެދޭ ފަރާތަކުންނެވެ.

38HN9ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޝަރުޢީ ނިޒާމު އެ ޤާނޫނުތަކުގެ މައްޗަށް ތަރުތީބުވެފައިވާ ޤާނޫނުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ގިނަ ސިފަތަކެއް އެކުލެވިގެންނެވެ. މި ނިޒާމުގެ އެންމެ އަސާސީ އެއް ސިފައަކީ، މައްސަލަ ބަލާ ފަނޑިޔާރަކީ އެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ވާޤިޢާތައް، އެ ވާޤިޢާތައް ހުށަހަޅާ ފަރާތްތަކުން އެކަންކަން ސާބިތު ކުރުމުން އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް މައްސަލަތަކުގައި ގޮތް ކަނޑައަޅަމުން ދިއުމެވެ.

39HN10HN11ވުމާއެކު، ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ބިދޭސީ ޤާނޫނު ތަޠުބީޤު ކުރަންޖެހޭ ހާލަތުގައި، ބިދޭސީ ޤާނޫނު ތަޠުބީޤު ކުރަން އެދޭ ޚަޞްމަކު އެ ޤާނޫނުގައި ކަން އޮތް ގޮތް ޝަރީޢަތަށް ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭނެއެވެ. އަދި މި ބުރަ އުފުލުމަށް ނުކުޅެދިއްޖެނަމަ، ކުރިއަރާފައިވާ ޖޫރިސްޑިކްޝަންތަކުގައި ޢަމަލުކުރާ އުސޫލުން އެކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކަމާބެހޭ ޤާނޫނު ތަޠުބީޤު ކުރެވޭނެ ކަމުގައި އަހުރެން ދެކެމެވެ.

40ބިދޭސީ ޤާނޫނުގެ ބޭނުން ޝަރުޢީ މަރުޙަލާތަކުގައި ބޭނުން ހިފުމާބެހޭ އިޖުރާއީ އިންތިޒާމެއް ނެތް ހާލަތެއްގައި، މި ފަދައިން ޢަމަލުކޮށްގެން މެނުވީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއިން އެއްބަސްވުމަކާ ގުޅިގެން އުފެދޭ ޚިލާފެއް ހަމަޖެއްސުމަށް ބައިނަލްއަޤުވާމީ ގޮތުން ޤަބޫލުކުރާ ޤާނޫނެއް އިޚްތިޔާރު ކުރުން ހުއްދަކޮށްފައިވާ ހުއްދަކުރުމުގެ މަޤުޞަދެއް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ހާސިލުވާނެ ކަމަށް ނުފެނެއެވެ.

މައްސަލައިގައި މައުޟޫޢީ ގޮތުން ގޮތެއް ކަނޑައެޅުން

41މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން، މި މައްސަލައިގައި މެލޭޝިޔާގެ ހައިކޯޓުގައި ސާބިތުކޮށްފައިވާ ދަރަންޏަކީ އިސްތިއުނާފު ރައްދުވާ ދެ ކުންފުނިން މިހާރުން މިހާރަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި ދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވެއެވެ.

42އިސްތިއުނާފު ކުރާ ފަރާތުގެ މި ހުށަހެޅުމަށް ބަލާއިރު، ހުށަހެޅިފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން މައުޟޫޢީ ގޮތުން ބަލައި ގޮތެއް ނިންމާފައިވާ މައްސަލައެއް ނޫނެވެ. މި ގޮތުން މެލޭޝިޔާގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ، އިސްތިއުނާފު ރައްދުވާ ދެ ކުންފުނީގެ ޣައިރު ޙާޟިރުގައެވެ. މީގެ އިތުރުން މެލޭޝިޔާގެ ހައިކޯޓުގެ ޙުކުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބަލައިގަންނަ ޙުކުމެއް ނޫނެވެ. އަދި ސިވިލް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވަނީ އެ ކޯޓުގައި ނެގުނު އިޖުރާއީ ނުކުތާއެއްގެ މައްޗަށެވެ.

43HN12ވުމާއެކު، މައުޟޫޢީ ގޮތުން މި މައްސަލައިގައި ދަށު މަރުޙަލާގެ ކޯޓުތަކުގައި ބަހުސްކޮށް ގޮތެއް ކަނޑައަޅާފައިނުވާ ޙާލަތުގައި މި މައްސަލައިގެ މައުޟޫޢަށް ބަލައި، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ކިބައިން އެ ކަންކަމާމެދު އިސްތިއުނާފު ކުރުމަށް އޮތް ޙައްޤު ގެއްލޭނެ ކަމެއްކަމުގައި އަހުރެން ދެކެމެވެ.

44މަތީގައި ބުނެވިދިޔަ ކަންކަން އެ ގޮތަށް ހުރުމާއެކު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް އަހުރެން ނުދެކެމެވެ. އަދި މި މައްސަލައަކީ، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް، މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާ މައްސަލައެއް ކަމުގައިވެސް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

46މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

47މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/282 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ކަމާބެހޭ ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ކަމަށް ނުފެންނާތީވެ، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/282 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްފީމެވެ.

މަތީގައި ބުނެވިދިޔަ ފަދައިން ޙުކުމް ކުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1116/CV-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުވީއެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

ޙުސްނުއްސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ