ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-B12/44

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނާޒިޝް ނާޡިމް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޮކްޓޫބަރު 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-J/MA/2024/2147ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-J/MA/2024/2147
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުމުން، ތުހުމަތުކުރެވޭ ފަރާތްތައް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ، އަދި ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓަށް ވަދެވޭނީ ކޮން ޙާލަތެއްގައިތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލު، ބަންދުން ދޫކުރި ކްރިމިނަލް ކޯޓުގެ އަމުރުތައް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތް ނިންމުމުގައި ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބާރުދޭ ހެކި ހުރިތޯއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުވެދާނެތޯ ބަލަންޖެހޭއިރު، 49 ވަނަ މާއްދާގެ ސަބަބެއް ވުޖޫދުވުން ނުވުމަށްވުރެ ގާތްކަން ބޮޑުކަމަށް ފަނޑިޔާރަށް ޤަބޫލުނުކުރެވޭނަމަ ބަންދުން ދޫކޮށްލުމަށް އަމުރުކުރަންޖެހޭނެއެވެ.

ޕެރ. 29، 32؛ 2020/SC-A/93 އަދި [2024] SC 21މި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN2 ދަށުކޯޓުން ކުށުގެ ކުޑަބޮޑުމިން، ބަންދުގައި ހޭދަކުރި މުއްދަތު، ތުހުމަތުކުރެވޭ ފަރާތުގެ ބައިވެރިވުން، ހާދިސާ ހިނގި ގޮތާއި ފަސްފަހަތް، ކުށުގެ ރެކޯޑާއި އަނިޔާލިބުނު ފަރާތުގެ ބަޔާނަށް ރިޢާޔަތްކޮށް ސަބަބު ބަޔާންކޮށްފައިވާނަމަ، ދައުލަތަށް ފެންނަ ގޮތް ފަނޑިޔާރަށް ޤަބޫލުނުކުރެވުމަކީ އެކަނި އަމުރު ބާޠިލުކުރާނެ ސަބަބެއް ނޫނެވެ.

HN3 ދަށުކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ ނިންމުން ޤާނޫނާ ޚިލާފުވުން، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދުން، ނުވަތަ ނިންމުމަށް އަސަރުކުރާ އިޖުރާއީ ގޯހެއް ހިނގުމުގެ ޙާލަތުގައެވެ؛ އިސްތިއުނާފީ މަރުޙަލާއަކީ ބަންދާމެދު ގޮތެއް ނިންމުމަށް ހޯދޭ ދެވަނަ ފުރުޞަތެއް ނޫނެވެ.

HN4 ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓު ވަދެވޭނީ ނުރަނގަޅު އުޞޫލަކަށް ބިނާކޮށް ނުވަތަ ކަމާނުބެހޭ ކަންކަމަށް ރިޢާޔަތްކޮށް ނިންމުން، ވާޤިޢާތަކުގެ ޙަޤީޤަތް އޮޅުން، މައިގަނޑު ވާޤިޢާއަކަށް ރިޢާޔަތްނުކުރުން، ނުވަތަ އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންޞާފެއް މެދުވެރިވުން ފަދަ މަދު ޙާލަތްތަކުގައެވެ.

ޕެރ. 36–37؛ 2022/SC-A/51 ގެ 15 ވަނަ ޕެރެގްރާފްމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN5 މައުޟޫޢު އެއްގޮތް، އެއް ޤާނޫނީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ އަމުރުތައް ފަނޑިޔާރުންގެ އެއް ބެންޗަކުން އެކުއެކީގައި ބަލައި، އެއް ރިޕޯޓެއްގެ ގޮތުގައި ލިޔެވިދާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުލްމާނިޢު ޙުސައިން، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

މައްސަލައިގެ ތަޢާރުފު:

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2147 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/MA/2024/2149 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/MA/2024/2148 ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ހިލާފަށްކަމަށް ބުނެ އެ އަމުރުތައް އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައި) ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

2އެގޮތުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2147 ކޯޓު އަމުރު އިސްތިއުނާފުކޮށްވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/44 ގަޒީއްޔާގައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ހިތަދޫ، […] މުޙައްމަދު ނާޒިޝް ނާޘިމް އެވެ.

3އަދި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2149 ކޯޓު އަމުރު އިސްތިއުނާފުކޮށްވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/45 ގަޒީއްޔާގައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ހިތަދޫ، […] ޢަލީ އަކުރަމް އެވެ.

4ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2148 ކޯޓު އަމުރު އިސްތިއުނާފުކޮށްވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/46 ގަޒިއްޔާގައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ހިތަދޫ، […] ޙަސަން ޢަލީމް ޒުހުރީ އެވެ.

5HN5ބުނެވުނު ކޯޓު އަމުރުތަކަކީ މައުޟޫޢު އެއްގޮތް ކޯޓު އަމުރުތަކަކަށް ވުމާއި، އަދި މި ކޯޓު އަމުރުތައް އިސްތިއުނާފުކޮށްފައިވަނީ ޤާނުނީ އެއް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން މި 3 (ތިނެއް) ޤަޟިއްޔާ އެކުއެކީގައި ކަމަށް ވުމާއެކު "ޝަރީޢަތްނިމުނުގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:

62024 އޮގަސްޓު 8 ވަނަ ދުވަހު 18:20 ހާއިރު ރަށްދެބައިމަގުގެ ހޮބީސްޓް ފިހާރަކައިރިން ކ. މާލެ ވަޙީދު ސައިކަލުގައި ދުއްވާފައި ދަނިކޮށް، މާލޭގައި ހަރަކާތްތެރިވާ ވޯންޓެޑް ގްރޫޕަށް ނިސްބަތްވާ ހަތަރު މީހަކު ދެސައިކަލެއްގައި އައިސް އަނަސް ވަޙީދުއާއި ދިމާކޮށް އަނަސް ވަޙީދުގެ ހަތަރު އަހަރުގެ ދަރިފުޅު ގޮވައިގެން ސައިކަލުގައި ދިޔައިރު ފަސްފަހަތުން ދުއްވަމުން އައިސް އަނަސް ވަޙީދު ދިރިއުޅޭގެ ކައިރިއަށް މަޑުކުރުމުން އޭނާގެ އަތުގައި އޮތް ޗެކަކާއި، ސައިކަލުގެ ތަޅުދަނޑިއާއި ސައިކަލު އަދި ފޯނު ފޭރިގަނެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތްތައް ކޯޓު އަމުރެއްގެ 7 ދަށުން 10 އޮގަސްޓު 2024 ގައި ހައްޔަރުކޮށްފައިވެއެވެ.

7އެއަށްފަހު، އިސްތިއުނާފު ރައްދުވާފަރާތްތަކުގެ ބަންދު 2 ފަހަރެއްގެ މަތިން އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

8ދައުލަތުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފު ރައްދުވާފަރާތްތަކުގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ 23 ސެޕްޓެންބަރު 2024 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވ.

9އެއަށްފަހު، 24 ސެޕްޓެންބަރު 2024 ގައި ދައުލަތުގެ ފަރާތުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި (6) ވަނަ ނަންބަރަށް ރިޢާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދި 24 ސެޕްޓެންބަރު 2024 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވ. މި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2147 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/MA/2024/2149 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/MA/2024/2148 ކޯޓު އަމުރުން އިސްތިއުނާފު ރައްދުވާފަރާތްތައް ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވެއެވެ.

10ކްރިމިނަލް ކޯޓުގެ މި އަމުރުތަކާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި އަމުރުތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފި ގަޒިއްޔާއެވެ.

އިސްތިއުނާފުކުރެވޭ އަމުރުތަކުގެ ނިންމުން ބިނާވާ ސަބަބު

11ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2147 ކޯޓު އަމުރުގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ނާޒިޝް ނާޠިމް ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވޭ. މި ކުށް ސާބިތުވާ ހާލަތުގައި އަންނާނެ އަދަބުގެ އަސާސީ މިންގަނޑަކީ 01 (އެކެއް) އަހަރާއި، 07 (ހަތެއް) މަހާއި، 06 (ހައެއް) ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގައި މިހާތަނަށް 45 (ސާޅީސް ފަހެއް) ދުވަހު މީނާ ބަންދުގައި ހޭދަކޮށްފައިވޭ. މި މައްސަލައިގައި ވިކްޓިމްގެ އަތުން އަތުލާފައިވާ އެންމެހައި ތަކެތި އެފަރާތަށް އަނބުރާ ރައްދުކުރެވިފައިވާކަން ދެ ފަރާތުން ދެއްކި ވާހަކަތަކުން އެނގޭ. މި މައްސަލައިގެ ޙާދިސާ ހިނގައި ދިޔަ ގޮތަށް ބަލާއިރު، މީނާގެ ބައިވެރިވުން އޮތްގޮތަށް ބަލާއިރު މީނާގެ ބައިވެރިވުން ކުޑަކަމަށް ބެލެވޭ، އަދި އެކަމަށް ރިޢާޔަތްކޮށް މީނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަކަށް ނުފެނޭ. އަދި މީނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްނަމަވެސް، މި ޢަމަލު ހިނގާފައިވާގޮތަށް އަދި ހާދިސާގެ ފަސްފަހަތުގައިވާ ކަންކަމާއި، ވިކްޓިމްގެ ބަޔާނުގައި ހުރި ކަންކަމަށް ރިޢާޔަތްކޮށް މީނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ ޝަރުޠުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ނިންމަމެވެ."

12އަދި އެ އަމުރުގެ އިތުރު ބަޔާނުގެ 1 ވަނަ ނަންބަރުގައި "މިއީ ޖިނާއީ ބޮޑު ކުށެއްކަމަށް ދައުލަތުން ފާހަގަކުރިނަމަވެސް، ހުށަހެޅިފައި ހުރިކަންކަމަށް ބަލާއިރު މިއީ ޖިނާއީ ބޮޑު ކުށެއްކަމަށް ޝަރީޢަތަށް ނުބެލެވޭ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

13ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2149 ކޯޓު އަމުރުގައި އިސްތިއުނާފު ރައްދުވާ ޢަލީ އަކުރަމް ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ. މި ކުށް ސާބިތުވާ ހާލަތުގައި އަންނާނެ އަދަބުގެ އަސާސީ މިންގަނޑަކީ 01 (އެކެއް) އަހަރާއި، 07 (ހަތެއް) މަހާއި، 06 (ހައެއް) ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގައި މިހާތަނަށް 45 (ސާޅީސް ފަހެއް) ދުވަހު މީނާ ބަންދުގައި ހޭދަކޮށްފައިވޭ. މި މައްސަލައިގައި ވިކްޓިމްގެ އަތުން އަތުލާފައިވާ އެންމެހައި ތަކެތި އެފަރާތަށް އަނބުރާ ރައްދުކުރެވިފައިވާކަން ދެ ފަރާތުން ދެއްކި ވާހަކަތަކުން އެނގޭ. މީނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްނަމަވެސް، މި ޢަމަލު ހިނގާފައިވާގޮތަށް އަދި ހާދިސާގެ ފަސްފަހަތުގައިވާ ކަންކަމާއި، ވިކްޓިމްގެ ބަޔާނުގައި ހުރި ކަންކަމަށް ރިޢާޔަތްކޮށް މީނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ ޝަރުޠުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ނިންމަމެވެ."

14އަދި އެ އަމުރުގެ އިތުރު ބަޔާނުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. "1. މީނާއަކީ އާރް.ޑީ.ސީ ގައި ވަޒީފާ އަދާކުރާ މީހެއްކަން އެނގޭނެ ލިޔުމެއް މީނާގެ ފަރާތުން ހުށަހަޅާފައިވޭ.

2. މިއީ ޖިނާއީ ބޮޑު ކުށެއްކަމަށް ދައުލަތުން ފާހަގަކުރިނަމަވެސް، ހުށަހެޅިފައި ހުރިކަންކަމަށް ބަލާއިރު މިއީ ޖިނާއީ ބޮޑު ކުށެއްކަމަށް ޝަރީޢަތަށް ނުބެލެވޭ.

3. މިމައްސަލަގައި $5300 (ފަސްހާސް ތިންސަތޭކަ އެމެރިކާ ޑޮލަރު) ގެ ޗެކެއް އަނިޔާ ލިބުނު ފަރާތުގެ އަތުން ނެގިކަމަށް ބުނާއިރު، އެ ޗެކް އަކީ އަނިޔާ ލިބުނު ފަރާތުން އަމިއްލައަށް މީނާއާއި ޙަވާލުކުރި ޗެކެއްކަމަށާއި، އެ ޗެކް އަނިޔާ ލިބުނު ފަރާތަށް ހަވާލުކޮށްފައިވާ ކަމަށް މީނާގެ ފަރާތުން ބުނެފައިވޭ."

15ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2148 ކޯޓު އަމުރުގައި އިސްތިއުނާފު ރައްދުވާ ޙަސަން ޢަލީ ޒުހުރީ ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ. މި ކުށް ސާބިތުވާ ހާލަތުގައި އަންނާނެ އަދަބުގެ އަސާސީ މިންގަނޑަކީ 01 (އެކެއް) އަހަރާއި، 07 (ހަތެއް) މަހާއި، 06 (ހައެއް) ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގައި މިހާތަނަށް 45 (ސާޅީސް ފަހެއް) ދުވަހު މީނާ ބަންދުގައި ހޭދަކޮށްފައިވާ. މި މައްސަލައިގައި ވިކްޓިމްގެ އަތުން އަތުލާފައިވާ އެންމެހައި ތަކެތި އެފަރާތަށް އަނބުރާ ރައްދުކުރެވިފައިވާކަން ދެ ފަރާތުން ދެއްކި ވާހަކަތަކުން އެނގޭ. މި މައްސަލައިގެ ހާދިސާ ހިނގައި ދިޔަ ގޮތަށް ބަލާއިރު، މީނާގެ ބައިވެރިވުން އޮތްގޮތަށް ބަލާއިރު މީނާގެ ބައިވެރިވުން ކުޑަކަމަށް ބެލެވޭ، އަދި އެކަމަށް ރިޢާޔަތްކޮށް މީނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަކަށް ނުފެނޭ. އަދި މީނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްނަމަވެސް، މި ޢަމަލު ހިނގާފައިވާގޮތަށް އަދި ހާދިސާގެ ފަސްފަހަތުގައިވާ ކަންކަމާއި، ވިކްޓިމްގެ ބަޔާނުގައި ހުރި ކަންކަމަށް ރިޢާޔަތްކޮށް މީނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ ޝަރުޠުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ނިންމަމެވެ."

16އަދި އެ އަމުރުގެ އިތުރު ބަޔާނުގެ 1 ވަނަ ނަންބަރުގައި "މިއީ ޖިނާއީ ބޮޑު ކުށެއްކަމަށް ދައުލަތުން ފާހަގަކުރިނަމަވެސް، ހުށަހެޅިފައި ހުރިކަންކަމަށް ބަލާއިރު މިއީ ޖިނާއީ ބޮޑު ކުށެއްކަމަށް ޝަރީޢަތަށް ނުބެލެވޭ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

އިސްތިއުނާފީ ނުކުތާ

17ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2147 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/MA/2024/2149 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/MA/2024/2148 ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ހިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރުމަށް 01 (އެކެއް) ނުކުތާ ހުށަހަޅައި އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؛

17.1. އިސްތިއުނާފުކުރެވޭ އަމުރުތަކުން އިސްތިއުނާފު ރައްދުވާފަރާތްތައް ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު)ގެ 13 ވަނަ މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

18މި ނުކުތާގެ ތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި، ދެން ބަލަންޖެހެނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ވުޖޫދުވެތޯ ކަމަށާއި، އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތަކެއްކަމަށާއި، މި މައްސަލައިގައި ހުއްދަ ނޫން ގޮތެއްގައި ބާރުފޯރުވާފައިވާ މުދަލުގެ އަގު 100,000ރ އަށްވުރެ ބޮޑު ކަމަށާ ވީމާ މިއީ ޖިނާއީ ބޮޑުކުށެއްކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޖިނާއީ ބޮޑު ކުށެއްކަމަށާއި، މި ހާދިސާ ހިނގާފައިވަނީ ޖަމާޢަތް ހަދައިގެން ކަމަށާއި، ކުށުގައި ބައިވެރިވެފައިވާ ގޮތަށް ބަލާއިރު މުޙައްމަދު ނާޒިޝް ނާޘިމް އަކީ އަނިޔާ ލިބުނު ފަރާތް ގެޔަށް ވަންނަން މައްޗަށް އަރަން އުޅުމުން ނޭރޭނެކަމަށްބުނެ އޭނާ ހުއްޓުވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި، ޢަލީ އަކުރަމްއަކީ މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނުފަރާތް ކަމަށާއި، އަދި ޙަސަން ޢަލީމް ޒުހުރީގެ ދައުރުވެސް ކުޑަކަމަށް ގަބޫލުނުކުރެވޭ ކަމަށާ ސަބަބަކީ މިއީ ގުޅިގެން ހިންގާފައިވާ ކުށަކަށްވާތީ ކަމަށެވެ. ވީމާ، މި ވާގިއާތަކަށް ރިޢާޔަތްކޮށް ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަނޑައަޅާފައިވާ ބޮޑަށް ބުރަވެވޭ މިންގަނޑުން ބަލާއިރު އިސްތިއުނާފު ރައްދުވާފަރާތްތަކުގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާކަމަށް ބެލެވޭ ކަމަށެވެ. ބަންދުން ކުރަންޖެހޭނީ އަދަބަށް ބަލައިގެން ނޫންކަމަށާއި، ބަންދުކުރުމަށް ކަނޑައަޅާނީ މުޖުތަމަޢުގެ ސަލާމަތަށް ބަލާފައިކަމަށެވެ. އަދި ބަދަލުލިބިދޭ ފަރާތައް ތަކެތި ހަވާލުކޮށްފައިވާކަމީ ބަންދުކުރުމަށް ނިންމުމުގައި ބަލަންޖެހޭ ކަމެއް ނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

19އިސްތިއުނާފުކުރެވޭ އަމުރުތަކަކީ ބާޠިލު އަމުރުތަކެއް ކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ދައުލަތުގެ ފަރާތުން، ކްރިމިނަލް ކޯޓުގައި 07 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު، އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި، ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޖަވާބު

20އިސްތިއުނާފު ރައްދުވާފަރާތްތަކުން ޖަވާބުގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ބަދަލުލިބޭ ފަރާތާއެކު ފައިސާގެ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށާއި، މި ހާދިސާއަކީ މަދަނީ މުއާމަލާތެއްގެ ތެރެއިން އުފަންވެފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ގަޒިއްޔާ. ހާދިސާއެއް ކަމަށެވެ. އަދި އަނިޔާލިބުނު ފަރާތް ކަމަށްބުނާ ފަރާތުގެ މައްސަލަތަކެއް ތަހްޤީޤުކުރާކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށާއި، އެހެންކަމުން އެފަރާތުގެ ބަޔާނާމެދު ސުވާލުއުފެދޭ ކަމަށާއި، އެފަދައިން ބުނާބުނުމަށް ފޭރިގަނެފައިވާ ކަމަށް ނުބެލެވޭނެކަމަށެވެ. ސީސީޓީވީ ސްނެޕްޝޮޓްތަކުން ފޭރުނުކަން ފެންނަންނެތްކަމަށާއި، ކުރިން ބަންދުކުރުމަށް ހުށަހެޅިއިރުވެސް އިތުރު ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ. މި މައްސަލައިގައި ސައިކަލަކީ އަނިޔާ ލިބުނުފަރާތްކަމަސް ބުނާފަރާތުން ރުހުމުގައި ދީފައިވާ އެއްޗެއްކަން ތިން ފަރާތުގެ ބަހުން އެނގޭކަމަށާއި، އަދި މައްސަލައިގައި ހިމެނޭ ޗެކުގައި އޮތް އަދަދަކީ ހަޤީޤަތުގައިވެސް އޭގައި އޮތް އަދަދު ކަމާމެދުވެސް ސުވާލު އެފެފެދޭކަމަށެވެ. ޝަރުޠުކޮށް ބަންދުން ދޫކުރުމުން މުޖުތަމަޢުއަށް އޮތް ނުރައްކާ ކުޑަކުރެވޭ ކަމަށާއި، ކުށުގެ ރެކޯޑު އޮތްނަމަވެސް، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު މައްސަލައިގެ ބާވަތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާއޮތްތޯ ބެލުން ހިމެނޭކަމަށެވެ. އަދި ޢަލީ އަކުރަމްއަކީ ވަޒީފާ އަދާކުރާ ފަރާތެއް ކަމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:

21އިސްތިއުނާފުކުރެވޭ އަމުރުތަކުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

22ދައުލަތުގެ މައިގަނޑު ޖަދަލު ބިނާކޮށްފައި ވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެކަމަށްޓަކައި ބަންދުގައި ބައިތިއްބަން ޖެހޭ ބައެއްކަމަށް ދައުލަތުން ދެކޭހިނދު، އެ ފަރާތްތައް ބަންދުން ދޫކޮށްލުމަށް އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރުތަކުގައި ކަނޑައަޅާފައި ވާތީ އެކަމުގެ މައްޗަށެވެ.

23މިގޮތުން ފާހަގަކޮށްފައި ވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ

(ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ހިލާފަށް ކަމަށެވެ.

24ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ހަވާލާދީ ދައުލަތުން ފާހަގަކުރަނީ، މުއްތަހަމު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ބަންދުކުރެވިދާނެކަން އެ މާއްދާއިން އެނގޭ ކަމަށެވެ.

25ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ ދައުލަތުން ފާހަގަކުރަނީ، މުއްތަހަމު ކުށް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭނަމަ، މުއްތަހަމަކީ ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ މީހެއްކަން، ހަވާލާދެވުނު މާއްދާގެ (ށ)ގެ (4) ވަނަ ނަންބަރުން އެނގޭ ކަމަށެވެ.

26ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ

(ށ)އާ ހަވާލާދީ ދައުލަތުން ފާހަގަކުރާކަމަށް އިސްވެ މި ބަޔާންކުރި ކަންކަމަކީ އެކަންކަމުގައި ހިލާފެއް ނުވަތަ ބަހުސެއް ހުރި ކަންކަމެއް ނޫނެވެ.

27ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާ ހަވާލާދީ ދައުލަތުން ފާހަގަކުރަނީ، ބަންދާމެދު ގޮތެއް ނިންމުމުގައި، ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑު މިނާއި، ކުށްކޮށްފައިވާ ހާލަތާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށް ބަލައި ރިއާޔަތްކުރެވޭނެކަން، ހަވާލާދެވުނު މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އިން އެނގޭ ކަމަށެވެ.

28ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)އާ ހަވާލާދީ ދައުލަތުން ފާހަގަކުރަނީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެކަން ކަނޑައެޅުމަށްޓަކައި، ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑާއި، ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށުގެ ތުހުމަތުގައިވާ މީހާގެ ކިބައިން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބުތަކަށާއި، ކުށުގެ އަމަލު ހިނގާފައި ވަނީ ޖަމާއަތް ހަދައިގެންކަން ނުވަތަ ނޫންކަމަށް ބަލަންޖެހޭނެކަން އެ މާއްދާއިން އެނގޭ ކަމަށެވެ.

29HN1ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ހަވާލާދީ ދައުލަތުން ފާހަގަކުރަނީ، ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި، އިސްވެ މި ފާހަގަކުރި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)އާ ގުޅޭ ގޮތުން ދައުލަތުން އެ ފާހަގަކުރާ ކަންކަން ޝަރަހަކޮށްދީފައިވާ ކަމަށެވެ. މި ޝަރަހަ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ ގަޒިއްޔާގައި ހުލާސާކޮށްފައި ވަނީ އަންނިވި ފަދައިންނެވެ. "މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ކޯޓުން ގޮތެއް ނިންމުމުގައި މައިގަނޑު ދެ ސުވާލެއްގެ ޖަވާބު ހޯދަން ޖެހެއެވެ. ފުރަތަމަ ސުވާލަކީ، ފަނޑިޔާރު ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ. ދެވަނަ ސުވާލަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ. ތުހުމަތު ކުރެވުނު ކުށް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަ މުއްތަހަމު ބަންދުގައި ބަހައްޓާނެ ހާލަތެއް ނޯންނާނެއެވެ. އެއާ ޚިލާފަށް، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ނުވަތަ އެ ވަގުތު އެ މިންވަރަށް ހެކި ނެތް ނަމަ އެ ކުށް އެ މީހާ ކުރިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރި ނަމަ، ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި އޮތް ނަމައެވެ. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ބެލުމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ ބޭނުންކުރެވިދާނެއެވެ. ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އިން ފެށިގެން

(ނ) އަށް ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް އޮތްކަން ބުނެދިނުމުގައި އެއިން ކޮންމެ އަކުރެއްގެ ފަހަތުގައި ރިޢާޔަތްކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިތުރު ކަންކަން ވެސް ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހެޅިދާނެއެވެ. މުހިންމު ކަމަކީ، ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ކޯޓަށް ހުށަހަޅާ ހުށަހެޅުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރަށް އެކަމުގެ ތަފުސީލުތައް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތަކުން ހުށަހެޅުމެވެ. މިފަދައިން ހުށަހަޅާ ހުށަހެޅުމަކީ، ބަންދުކުރެވިފައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ވަކި ކުށެއްކަމުގައި ވާތީ، އޭގެ ޒާތުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަމަށް ބެލުމަށްވުރެ، ބަންދުކުރެވިފައިވާ މީހާގެ ކުށުގެ ޢަމަލާއި، އޭނާއާ ދެކޮޅަށް އެ ވަގުތު ލިބިފައިވާ ހެކި، ނުވަތަ މުސްތަޤުބަލުގައި ލިބިދާނެ ހެއްކާއި، އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްނަމަ، އެ ރެކޯޑުތަކާއި، މިފަދަ މިނޫންވެސް ބަންދުކުރެވިފައިވާ މީހާއަށް ނިސްބަތްކުރެވޭ ކަންކަމުގެ މައްޗަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ވުޖޫދުވެދާނެކަމަށް ޤަބޫލުކުރެވޭ ކަންކަމަށް ވާން ޖެހޭނެއެވެ."

30ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާއި، ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާއާ ހަވާލާދީ ދައުލަތުން ފާހަގަކުރާކަމަށް މި އިޝާރާތްކުރި ކަންމަކަމަށް ރިއާޔަތްކޮށް ދައުލަތުން ބަޔާންކުރަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާކޮށްފާނެ ބައެއްކަމަށް ދައުލަތުން ދެކޭ ކަމަށެވެ. ނަމަވެސް ކޯޓުން އެ މީހުން ބަންދުން ދޫކޮށްލީކަމަށެވެ.

31އިސްތިއުނާފުކޮށްފައިވާ އަމުރުތަކަށްބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާކަމަށް އެ އަމުރުތަކުގައި ކަނޑައަޅާފައިވެއެވެ. އެ އަމުރުތަކުގައި އިތުރަށް ކަނޑައަޅާފައި ވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލަން ނިންމާކަމަށެވެ.

32ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަނޑައަޅާފައި ވަނީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ފަނޑިޔާރު ބަލަން ޖެހޭނީ، ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށް ކަމަށާއި، މި ފަދައިން ބަލާބެލުމުގައި އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެކަމަށެވެ. މާނައަކީ، މިފަދައިން ބަލާބެލުމުގައި އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ފަނޑިޔާރަށް ގަބޫލުނުކުރެވޭނަމަ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތްކަމަށް ކަނޑައެއް ނޭޅޭނެއެވެ. އެ ހާލަތުގައި ޖެހޭނީ ބަންދުން ދޫކޮށްލުމަށް އަމުރުކުރާށެވެ.

33HN2އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތްކަމަށް ފަނޑިޔާރަށް ނުފެނުނު ސަބަބު، އެކަށީގެންވާ ތަފުސީލަކާއެކު އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރުތަކުގައި ބަޔާންކޮށްފައިވާއިރު، ތުހުމަތުކުރެވޭ ކުށުގެ ކުޑަބޮޑު މިނާއި، ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށާއި، ތުހުމަތުވާ ފަރާތްތަކުގެ ބައިވެރިވުން ހުރި ގޮތަށާއި، ކުށުގެ ހާދިސާ ހިނގާފައިވާ ގޮތަށާއި، ހާދިސާގެ ފަސްފަހަތަށާއި، ހާދިސާގެ ފަހުން ކަންހިނގާފައިވާ ގޮތަށާއި، ކުށުގެ ރެކޯޑަށާއި، އަނިޔާ ލިބުނުކަމަށް ބުނާ ފަރާތުގެ ބަޔާނަށާއި، މި އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ފަނޑިޔާރަށް ގަބޫލުކުރެވޭ ގޮތް ބަޔާންކޮށްފައިވެއެވެ. މި ކަންކަމަށްބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތައް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް

17. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ. ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާއި، ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒީއްޔާއާގައި، ބަންދާމެދު ގޮތެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަމަށް ބަޔާންވެގެންވާ ވަކި ކަމެއް އެއްކިބާކޮށް އިހުމާލުކޮށްލާފައި ވާތީއެއް ނުފެނެއެވެ. އަދި ފަނޑިޔާރު ރިއާޔަތްނުކޮށް ދޫކޮށްލާފައި ވަނީ ކަނޑައެޅިގެން ކޮން ގާނޫނީ ކަމަކަށްކަން ދައުލަތަށް ބަޔާންކޮށްދެވިފައި ވެސް ނުވެއެވެ. ދައުލަތުގެ ޝަކުވާ ބިނާވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބައިތިއްބަންޖެހޭ ކަމަށް ދައުލަތަށް ފެންނައިރު، އެކަން ފަނޑިޔާރަށް ގަބޫލުކުރެވިފައި ނުވާތީއެވެ. ފަނޑިޔާރަށް ފެންނަ ގޮތް ދައުލަތަށް ގަބޫލު ނުކުރެވޭތީ އެކަމުގެ މައްޗަށެއެވެ.

34HN3އުސޫލެއްގެ ގޮތުން، ދަށު ކޯޓުގެ ހުކުމެއް ނުވަތަ ނިންމުމެއް މި ކޯޓުގައި އިސްތިއުނާފު ކުރެވޭނީ، އިސްތިއުނާފަށް ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާވެފައި ވަނީ ގާނޫނާ ހިލާފަށްކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުމާއި، ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުމާއި، ކޯޓުގެ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނޭ ވަކި ބާވަތްތަކެއްގެ އައިބެއްގެ ސަބަބުން ކޯޓުގެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާތިލު އިޖުރާތެއް ކަމުގައިވުމާއި، މި ހާލަތްތަކުންކުރެ ހާލަތެއްގައެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ. ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)ގެ 43 ވަނަ މާއްދާގެ (ށ) ގައި ވަނީ؛ (1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން (2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުއީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން (3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން (4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)ގެ 43 ވަނަ މާއްދާ.

35ވީމާ، ބަންދާމެދު ދަށު ކޯޓުގެ ފަނޑިޔާރު ނިންމާ ނިންމުމެއް އިސްތިއުނާފަށް ހުށަހަޅަން ވާނީ، ބަންދާމެދު ގޮތެއް ނިންމުމުގައި، ގާނޫނީ ހިލާފެއްވާކަމަށް ނުވަތަ ގާނޫނު ތަތުބީގު ކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ކޯޓުގެ ނިންމުމަށް އަސަރުކުރުވަނިވި އިޖުރާއީ ގޯހެއް ހިނގާފައިވާކަމަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ހަމަ ހަގީގަތުގައި ވެސް ގަބޫލުކުރެވިގެންނެވެ. އެއްވެސް ހާލެއްގައި، އިސްތިއުނާފީ މަރުހަލާއަކީ ބަންދާމެދު ގޮތެއް ނިންމުމަށް ހޯދޭ ދެވަނަ ފުރުސަތެއް ކަމުގައި ދެކިގެނެއް ނޫނެވެ.

36HN4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އ.ހ. ގަޒިއްޔާގައި ބަޔާންކޮށްފައި ވަނީ، އިސްތިއުނާފީ ނުކުތާ ބިނާކޮށްފައި ވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން އެ މައްސަލައެއްގެ ވަށައިގެންވާ ހާލަތުތަކާއި ކަންކަމަށް ރިއާޔަތްކޮށްގެން ދަށު ކޯޓުގެ ފަނޑިޔާރު އިހުތިޔާރުކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްގެ މައްޗަށް ކަމަށްވާނަމަ، ދަށު ކޯޓުގެ ފަނޑިޔާރު އެ އިހުތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ހާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓުން ކުރާނޭ ކަމެއް ނޫން ކަމަށާއި، އެ ފަދަ އިހުތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނަން ވާނީ ހަމައެކަނި އަންނަނިވި ފަދަ ހާލަތެއް އޮތް ނަމަ ކަމަށެވެ.

(ހ) ދަށުކޯޓުގެ ފަނޑިޔާރު ގޮތް ނިންމީ ރަނގަޅު ނޫން އުސޫލަކަށް ބިނާކޮށްގެން ކަމަށް ވުން، ނުވަތަ ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރިގޮތް ނިންމުމުގައި ކަމާނުބެހޭ ކަންކަމަށް ރިޢާޔަތްކޮށްފައިވުން؛

(ނ) ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރިގޮތް ނިންމުމުގައި ރިޢާޔަތްކުރި ވާގިއާތަކުގެ ޙަޤީޤަތް ދަށުކޯޓުގެ ފަނޑިޔާރަށް އޮޅިފައި އޮތުން؛

(ނ) ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި މައިގަނޑު ވާގިއާއަކަށް ނުވަތަ ކަމަކަށް ރިޢާޔަތްކޮށްފައި ނެތުން؛

(ރ) ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވެފައި އޮތުން.

37މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ހިޔާރުކުރި ގޮތުގެ ތެރެއަށް ވަންނަން ޖެހޭފަދަ، އިސްވެ މި ބަޔާކުރިފަދަ ހާލަތެއް އޮތްކަން ދައުލަތަށް ދެއްކިފައި ނުވެއެވެ. އަދި އެފަދަ މޭރުމަކުން އިސްތިއުނާފު ފޯމުގައި އެއްވެސް ކަމެއް ފާހަގަކޮށްފައި ވެސް ނުވެއެވެ.

ނިންމަން ފެންނަ ގޮތް

38ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެމަތިން ހުރުމުން، ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ރިއާޔަތްކޮށް އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރުތައް ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މި ގަޒިއްޔާ ނިންމަން ފެނެއެވެ.

އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

39މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

40މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/2147 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/MA/2024/2149 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/MA/2024/2148 ކޯޓު އަމުރު ބާތިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޝިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ދިރިކ ނަންބަރު
  2. ދިރިކ ނަންބަރު
  3. ދިރިކ ނަންބަރު
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ގަޒިއްޔާ.
  5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ގަޒީއްޔާގެ 13 ވަނަ ނުކުތާގައި.
  6. ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު: 02/FAM/2021 (27 ޖަނަވަރީ 2021) ގައި ފާސްކުރައްވާފައިވާ އުޞޫލު.
  7. ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/HA/2024/488 އަމުރުން މުޙައްމަދު ނާޒިޝް ނާތިމް ހައްޔަރުކުރުމަށް، އެ ކޯޓުގެ ނަންބަރު 145-J/HA/2024/489 އަމުރުން ޢަލީ އަކުރަމް ހައްޔަރުކުރުމަށް އަދި އެ ކޯޓުގެ ނަންބަރު 145-J/HA/2024/486 އަމުރުން ޙަސަން ޢަލީމް ޒުހުރީ ހައްޔަރުކުރުމަށް އަމުރުކޮށްފައި.
  8. ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/1793 އަމުރުން މުޙައްމަދު ނާޒިޝް ނާޡިމް ބަންދުކުރުމަށް، އެ ކޯޓުގެ ނަންބަރު 145-J/MA/2024/1788 އަމުރުން ޢަލީ އަކުރަމް ބަންދުކުރުމަށް އަދި އެ ކޯޓުގެ ނަންބަރު 145-J/MA/2024/1790 އަމުރުން ޙަސަން ޢަލީމް ޒުހުރީ ބަންދުކުރުމަށް އަމުރުކޮށްފައި.
  9. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރިފަރެންސް ނަންބަރު 1061/2024/CRC/267 ދަޢުވާ ހުށަހަޅާ ފޯމު (23 ސެޕްޓެންބަރު 2024)
  10. ގަވާއިދު ނަންބަރު 2021-SC-REG-01. މީގެފަހުން "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ކަމަށް ބުނެފައި.
  11. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރިފަރެންސް ނަންބަރު J1/2024/322 ފޯމާއި، އެ އޮފީހުގެ ނަންބަރު J1/2024/319 ފޯމާއި، އެ ފީހުގެ ނަންބަރު J1/2024/321 ފޯމު.
  12. މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ގާނޫނު" ކަމަށް ބުނެފައި.
  13. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ގަޒިއްޔާ . ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 11 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/44,45,46
  14. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ގަޒިއްޔާ.
  15. SC 21 [2024]
  16. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ގަޒިއްޔާ.
  17. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ގަޒިއްޔާ . ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 16 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/44,45,46
  18. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ގަޒިއްޔާ .
  19. ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނު)ގެ 43 ވަނަ މާއްދާގެ (ށ) ގައި ވަނީ؛ (1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން (2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހ ރަސްއަޅާފަދ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން (3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން (4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން
  20. ގާނޫނު ނަންބަރ 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނު)ގެ 43 ވަނަ މާއްދާ . ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 17 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/44,45,46
  21. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ގަޒީއްޔާގެ 15 ވަނަ ޕެރެގްރާފް.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ