ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2010/SC-A/24ސުޕްރީމް ކޯޓު · 7 ސެޕްޓެމްބަރު 2010

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 7 ސެޕްޓެމްބަރު 2010ބާވަތް: އިސްތިއުނާފީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2010/SC-A/24

ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަޢުވާ ލިބޭ ފަރާތް: އާދަމް ޙަސަން

މައްސަލައިގެ ބާވަތް: އިސްތިއުނާފު މައްސަލަ

މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 19 އޯގަސްޓް 2010

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 7 ސެޕްޓެމްބަރ 2010:

ނިމުނު ތާރީޚް: 13 އޯގަސްޓް 2012

މައްސަލަ ނިންމި ގަޑި:11:40

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2010/HC-A/87

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 19 އޭޕްރީލް 2010

ނިމުނު ތާރީޚް: 20 ޖޫން 2010

މައްސަލައިގެޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ރަނގަޅުނޫން ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ރަނގަޅުނޫން ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށްބަލާއިރު އެޤަޟިއްޔާއަކީ، ޖިނާއީކޯޓުގެ ނަންބަރު 1069/JC/2009 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އާދަމް ޙަސަންގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، ޖިނާއީކޯޓުގެ އިސްވެޙަވާލާދެވުނު ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެޤަޟިއްޔާއަކީ، އާދަމް ޙަސަން ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދަޢުވާކުރުމުން އެކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި، ޖިނާއީކޯޓުގެ އިސްވެ ޙަވާލާދެވުނު ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އާދަމް ޙަސަންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ، އާދަމް ޙަސަން 10 ފެބްރުއަރީ 2009 ދުވަހުގެ 15:25 އެހާކަންހާއިރު،ނ. ވެލިދޫ ޖަންބުގޭގައި މީނާ ދިރިއުޅޭ ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ ބޭކަލުންނަށް ލިބުމާ ގުޅިގެން ފުލުހުންގެ ބޭކަލުން މީނާ ދިރިއުޅޭ ކޮޓަރިއަށް ދުރުވިއިރު މީނާ އެވަގުތު ގޭގައި ނެތުމުން މީނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ޙާޟިރުގައި މީނާ ދިރިއުޅޭ ކޮޓަރި ބަލާފާސްކުރެއްވިއިރު، އެކޮޓަރި ތެރޭގައިހުރި ޑްރެސިންގ ޓޭބަލްގެ ތިރީ ވަތްގަނޑެއްގެ ތެރެއިން ފެނުނު ރިހިކުލައިގެ މައްޗެއް ޖަހާފައިވާ ދަޅެއްގެ ތެރޭގައި އޮތް 80 ސެލޯފިންކޮޅުގައި 5.2075 ގްރާމް ކެނަބިސްހުރިކަމަށާއި، އެކޮޓަރި ތެރޭގައިއޮތް ކެމަލް ލައިޓް ސިނގިރެޓް ފޮއްޓެއްގެ ތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅެއްގައި 8.0689 ގްރާމް ކެނަބިސްހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، މީނާގެ ކުޑަކަމުދާތަކެތި ނަގައި ތަޙްލީލްކުރިއިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާތީ، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން އާދަމް ޙަސަންގެ މައްޗަށް ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވައެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، އަދި އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، އާދަމް ޙަސަންގެ މައްޗަށް ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި މިދަޢުވާތައްކަމާއި، ޖިނާއީކޯޓުގެ ޙަވާލާދެވުނު ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ އާދަމް ޙަސަން ދިރިއުޅޭ ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް 10 ފެބުރުއަރީ 2009 ވަނަ ދުވަހުގެ 15:25 ހާއިރު ފުލުހުންނަށްލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އެކޮޓަރިއަށްގޮސް މީނާގެ ބޭބެގެ ޙާޟިރުގައި މިކޮޓަރި ބަލާފާސްކުރިއިރު، އެކޮޓަރި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ސެލޯފިންކޮޅުތަކެއް ފެނިފައިވާކަމަށް ހެކިންގެ ހެކިބަހުން އެނގެންއޮތްކަމަށާއި، މިސެލޯފިންކޮޅުތަކާއި މީނާގެ ކުޑަކަމުދާތަކެތި ތަޙްލީލުކުރިއިރު، ސެލޯފިންކޮޅުތަކުގައި އެއްގުރާމަށްވުރެ ގިނަ ކެނަބިސްހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގެން އޮންނާތީކަމަށާއި، މީނާގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަން އެތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގެންއޮންނާތީކަމަށާއި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުގެ މައްޗަށް ބިނާކުރައްވައިގެންކަމަށް ވިދާޅުވެ، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 04 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދެއްވައި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުންނާއި، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔާފާރިކުރުމަށްޓަކައި އަތުގައިބެހެއްޓުމުގެ ކުށުން އާދަމް ޙަސަން ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށް މީނާގެ މައްޗަށް ޝަރީޢަތަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ މިކުށުގެ އުޤޫބާތެއްގެގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 04 ވަނަ މާއްދާގެ (ހ)ގެ ދަށުން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އާދަމް ޙަސަން ޖަލަށްލުމަށާއި މީނާގެ މައްޗަށް ސާބިތުވި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ޢުޤޫބާތެއްގެގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 02 ވަނަ މާއްދާގެ (ރ) ގެ ދަށުން އާދަމް ޙަސަން އުމުރަށް ޖަލަށްލުމަށް ޙުކުމްކުރައްވާފަކަން ޖިނާއީކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87 ގެޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ކޮޓަރިއެއްގެ ތެރެއިން ފެނުނުކަމަށްބުނާ މަސްތުވާ ތަކެއްޗަކީ އާދަމް ޙަސަންގެ ތަކެތިކަން ޝަރީއަތަށް ސާބިތުވާކަމަށް ޖިނާއީކޯޓުގެ ނަންބަރު1069/JC/2009 ޤަޟިއްޔާގައި ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅުއްވައި، އާދަމް ޙަސަން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ) ގެ ދަށުން 05 އަހަރު ދުވަހުގެ މުއްދަތަށް ނ. ވެލިދޫ ޖަންބުގެ އާދަމް ޙަސަން ޖަލަށްލުމަށް ޖިނާއީ ކޯޓުގެ ނަންބަރު 1069/JC/2009 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު ކުރައްވާފަކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87 ގެ ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހަތަރު ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން:

ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން އާދަމް ޙަސަންގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔާފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 1069/JC/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައެޅުއްވި ޤަޟިއްޔާގައި މިމައްސަލައިގެ ތަޙްޤީޤުގައި އާދަމް ޙަސަނެކޭ އެއްފަދައިން ކޮންމެހެން ތުހުމަތު ކުރެވެންޖެހޭ ނ. ވެލިދޫ ޖަންބުމާގެ އިބްރާހިމް ޙަސަނާ ސުވާލުކޮށްފައިނުވާކަމަށާއި، އިބްރާހިމް ޙަސަނަކީ އެތަޙްޤީޤުގައި ހެކިވެރިއެއްގެ ގޮތުގައި ބަލައި، ކުރިއަށް ގެންގޮސްފައިވާތީއާއި، މިތަޙްޤީޤަކީ މިފަދަ އެހެން ޙާދިޘާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންކުރާ ތަޙްޤީޤުތަކާ ޚިލާފަށް ތަޙްޤީޤަށް ކޮންމެހެން ލާޒިމްވާ އުޞޫލީ ކަންތައްތަކެއް ފުރިހަމަކުރެވެން އޮތްޙާލުގައިވެސް އެކަންތައްތައް ފުރިހަމަނުކޮށްދޫކޮށްލާފައިވާ ތަޙްޤީޤެއްކަމުގައިވާތީއާއި، އާދަމް ޙަސަން ދިރިއުޅޭ ނ. ވެލިދޫ ޖަންބުގެ ކޮޓަރިއަކީ، އާދަމް ޙަސަންއަށް ޚާއްސަކުރެވިފައިވާ ކޮޓަރިއެއްނޫން ކަމަށާއި، މިކޮޓަރީގެ ތެރެއިން މަސްތުވާތަކެތި ފެނުނު ޑްރެސިންގ ޓޭބަލްގެ ވަތްގަނޑަކީވެސް އާދަމް ޙަސަނުގެ ބާރުގެ ދަށުގައިވާތަނަކަށްނުވާތީ، އަދި އެތަކެތި ފެނުމުގެ ސަބަބުން އާދަމް ޙަސަނެކޭ އެއްވަރަކަށް ޙިއްސާކޮށްގެން އެކޮޓަރި ބޭނުންކުރާ އިބްރާހިމް ޙަސަނުގެ ކުޑަކަމުދާ ތަކެތި ހޯދައި، އެތަކެތި ތަޙްލީލުކުރެވިފައިނުވާތީ، އެތަޙްޤީޤުގެ މައްޗަށް ބިނާކޮށް އެތަކެއްޗަކީ، އާދަމް ޙަސަންގެ ތަކެތިކަމަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުވާކަމަށް ނިންމާފައިވާއިރު، އާދަމް ޙަސަނެކޭ އެއްފަދައިން ތުހުމަތުކުރެވޭ އިބްރާހިމް ޙަސަނުގެ މައްޗަށް ތަޙްޤީޤުނުކުރުންއެއީ އާދަމް ޙަސަންގެ މައްޗަށް ކުށް ސާބިތުކުރުމަށް އޮތް ސަބަބެއްކަމަށް ބައްލަވައި މައްސަލަ ނިންމަވާފައި ވާކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އަދި ޖިނާއީކޯޓުގައިވެސް ނ. ވެލިދޫ ޖަންބުމާގެ އާދަމް ޙަސަން ދިރިއުޅޭ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާމެދު ޙިއްޞާވާނެ ނުވަތަ ތުހުމަތު ކުރެވޭނެ އިތުރު ފަރާތެއް ހުށަހަޅާފައިނުވާއިރު އާދަމް ޙަސަންއާދެކޮޅަށް އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އެއްވެސް ޒާތީ ތަޢައްޞުބެއްނެތި ދީފައިވާ ހެކިބަހަކީ، ވަރުގަދަ ހެކިބަހަކަށްވާއިރު، ހައިކޯޓުން މައްސަލަ ނިންމެވިއިރު، މިކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވުންކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، މިމައްސަލަ ދަށުކޯޓުން ނިންމެވިއިރު، ނ. ވެލިދޫ ޖަންބުމާގޭގައި އާދަމް ޙަސަން ދިރިއުޅޭ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ، އާދަމް ޙަސަންގެ ތަކެތިކަމަށް ބަޔާންކޮށްދިނުމުގެ ގޮތުން އާދަމް ޙަސަނުގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާތީ ރިޢާޔަތްކުރައްވާ މައްސަލަނިންމަވާފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުންވެސް މައްސަލަ ނިންމެވިއިރު، އާދަމް ޙަސަންގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، އޭނާގެ ކުޑަކަމުދާތަކެތި ޕޮޒިޓިވްވެފައިވާތީ ކަމަށްވެފައި، އާދަމް ޙަސަން ދިރިއުޅޭ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާ ގުޅޭނެ އެކަށޭނެ ސަބަބެއްކަމަށް އޭނާގެ ކުޑަ ކަމުދާތަކެތި ޕޮސިޓިވްވެފައިވުން ވީހިނދުކަމަށް މިކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވުންކަމަށް ބުނެފާހަގަކޮށްފައިވާ ސަބަބެކެވެ.

ހަތަރުވަނަ ސަބަބަކީ، ޝަރުޢީ އަދި ޤާނޫނީ ޢުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވުންކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެކެވެ.

5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87ގެޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ، ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފްވާގޮތަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށާއި، މިމައްސަލައާގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މިމައްސަލައާގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ބަޔާންތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި އަދި ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ޖިނާއީ ކޯޓުގެ ނަންބަރު 1069/JC/2009 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

ހ- ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށް، ބަލައިދިނުމަށް އެދިފައިވަނީ ކޮޓަރިއެއްގެ ތެރެއިން ފެނުނުކަމަށް ބުނާ މަސްތުވާއެއްޗަކީ އާދަމް ޙަސަންގެ ތަކެތިކަން ޝަރީޢަތަށް ސާބިތުވާކަމަށް ޖިނާއީ ކޯޓުގެ ނަންބަރު1069/JC/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާ ކުރައްވާފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅުއްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2010/HC-A/87 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާ އިލްތިމާސްކުރުމުގެ ހުއްދައަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނަންބަރު 2010/SC-L/46 ގެ ފޯމަށާއި އަދި މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެންއޮންނަ އޮތުމެވެ.

ށ- ދެވަނަކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 1069/JC/2009 ގެޤަޟިއްޔާގައި ނ. ވެލިދޫ ޖަންބުގެ އާދަމް ޙަސަންގެ މައްޗަށް ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފުލިފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާމެދު އާދަމް ޙަސަން ތަޙްޤީޤުގައާއި ޝަރީޢަތުގައި ކޮށްފައިވަނީ އިންކާރުކަން މައްސަލައާ ގުޅިގެން އޭނާގެ ފަރާތުން ޝަރީޢަތަށާއި ތަޙްޤިޤަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމެވެ.

ނ- ތިންވަނަކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 1069/JC/2009 ގެޤަޟިއްޔާގައި އާދަމް ޙަސަންގެ މައްޗަށް ޤާނޫނުގެ ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ އާދަމް ޙަސަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރަންޖެހުނު ސަބަބެއްކަމަށް ޖިނާއީ ކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަޢުވާ ޞީޣާގަ އާއި އަދި މިމައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުގައި ބުނެފައިވަނީ 10 ފެބްރުއަރީ 2009 ވަނަ ދުވަހުގެ 15:25 އެހާކަންހާއިރު ނ. ވެލިދޫ ޖަންބުގޭގައި އާދަމް ޙަސަން ދިރިއުޅޭ ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ ބޭކަލުންނަށް ލިބުމާ ގުޅިގެން ފުލުހުންގެ ބޭކަލުން މީނާ ދިރިއުޅޭ ކޮޓަރިއަށް ދުރުވިއިރު، މީނާ އެވަގުތު ގޭގައި ނެތުމުން މީނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ޙާޟިރުގައި މީނާ ދިރިއުޅޭ ކޮޓަރިބަލާ ފާސްކުރިއިރު އެކޮޓަރި ތެރޭގައި ހުރި ޑްރެސިންގ ޓޭބަލެއްގެ ތިރީ ވައްގަނޑެއްގެ ތެރެއިން ފެނުނު ރިހިކުލައިގެ މައްޗެއް ޖަހާފައިވާ ދަޅެއްގެ ތެރޭގައި އޮތް 80 ސެލޯފިން ކޮޅުގައި 5.2075 ގްރާމް ކެނަބިސް ހުރުމާއި، އަދި އެކޮޓަރި ތެރޭގައި އޮތް ކެމަލް ލައިޓް ސިނގިރެޓް ފޮއްޓެއްގެ ތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅެއްގައި 8.0689 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާފައިވުމާއި، އަދި އާދަމް ޙަސަންގެ ކުޑަކަމުދާތަކެތި ނަގައި ތަޙްލީލްކުރިއިރު، ކެނަބިސްއަށް ޕޮޒިޓިވްވެފައިވުމާއި، މިތިން ސަބަބުކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮތުމެވެ.

ރ- ހަތަރުވަނަކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 1069/JC/2009 ގެޤަޟިއްޔާގައި އާދަމް ޙަސަންގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި ނ. ވެލިދޫ ޖަންބުގޭގައި އާދަމް ޙަސަން ދިރިއުޅޭ ކޮޓަރިން 10 ފެބްރުއަރީ 2009 ވަނަ ދުވަހު ފެނުނުކަމަށް ބުނާ މަސްތުވާތަކެތި ތަޙްލީލްކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު (2009/02/23) FSD (D) –DR/2009/00415 ގެ ލެބޯޓްރީ ތަޙްލީލް ރިޕޯޓަށް ބަލާއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތެޔޮ ފާޑުގެ އެއްޗެއް އެތެރޭގައި ހުރި 01 ދަޅު ކެމެރާ ފިލްމުގައިވާ ތަކެތި ތަޙްލީލުކުރިއިރު، އެތަކެތީގައި 8.0689 ގްރާމް ކެނަބިސް ހުރިކަމަށާއި، އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކަޅުކުލައިގެ ތެޔޮ ފާޑުގެ އެއްޗެއް ހުރި 80 ސެލޯފިންކޮޅު ތަޙްލީލުކުރިއިރު އޭގައި 5.2075 ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލްގެ ނަތީޖާއިން ދައްކާކަމަށް އެރިޕޯޓުން އެނގެން އޮތުމަކީ، ހަމައެކަނި އެރިޕޯޓުގެ މައްޗަށް ބަލައިގެން އެތަކެތި އެއީ އާދަމް ޙަސަން އަތުން ނުވަތަ ހަމައެކަނި އާދަމް ޙަސަން ބޭނުންކުރާ ތަނަކުން ނުވަތަ އެއްޗަކުން ފެނިފައިވާ ތަކެތިކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުވާކަމަށް ބެލެވޭނެ ލިޔުމެއްނޫންކަމާއި، އެހެނީ އެރިޕޯޓުގެ ދަށުން ތަޙްލީލް ކުރެވުނު ތަކެތި އެއީ އާދަމް ޙަސަންގެ އަތުން ފެނިފައިވާ ތަކެތިކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އުޞޫލުގެ މަތިން ސާބިތުވުމަށްޓަކައި އެތަކެއްޗާއި އޭނާއާ ހުރިގުޅުމަކީ ކޮބައިކަމާ މިގޮތުން އެތަކެތި އެއީ އާދަމް ޙަސަންގެ އަތުން ނުވަތަ ހަމައެކަނި އޭނާގެ ޙިޔާޒަތުގެ ނުވަތަ ކޮންޓްރޯލުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެނުނު ތަކެތިކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނެކަން އެނގެން އޮންނަކަމެވެ.

ބ- ފަސްވަނަކަމަކީ، ޖިނާއީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަޢުވާގައި ބުނާ މަސްތުވާތަކެތި އެކޮޓަރިއަކުން ފެނުނުކަމަށް ބުނާ ނ. ވެލިދޫ ޖަންބުގޭގައި ހުރި ކޮޓަރި ފުލުހުން 10 ފެބްރުއަރީ 2009 ދުވަހު، ބަލާ ފާސްކޮށްފައިވަނީ އާދަމް ޙަސަންގެ ޣައިރު ޙާޟިރުގައިކަން ދައުލަތުގެ ބަހުންނާއި އާދަމް ޙަސަންގެ ބަހުން އެނގެން އޮތްއިރު، އާދަމް ޙަސަންއަށް ފުލުހުން އެތަކެތި ދައްކާފައިވަނީ އެދުވަހު، އާދަމް ޙަސަން އެރަށު ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެތަނުންކަން އާދަމް ޙަސަންގެ ބަޔާންތަކުން އެނގެން އޮންނައިރު، އެކޮޓަރި ޕޮލިހުން ބަލާ ފާސްކޮށްފައިވަނީ އާދަމް ޙަސަންގެ ޣައިރު ޙާޟިރުގައިކަން އާދަމް ޙަސަންގެ ބޭބެ ނ. ވެލިދޫ ޖަންބުގޭ އިބްރާހިމް ޙަސަނުގެ ބަހުންނާއި، އެދުވަހު އެކޮޓަރި ބަލައި، ފާސްކުރިކަމަށް ބުނާ ފުލުހުންގެ ބޭކަލުން މިމައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކުންވެސް އެނގެންއޮންނަކަމެވެ.

ޅ- ހަވަނަކަމަކީ، ޖިނާއީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަޢުވާގައި ބުނާ، މަސްތުވާތަކެތި އެކޮޓަރިއަކުން ފެނުނުކަމަށް ބުނާ ނ. ވެލިދޫ ޖަންބުގޭގައި ހުރި ކޮޓަރި، ފުލުހުން 10 ފެބްރުއަރީ 2009 ދުވަހު، ބަލާ ފާސްކުރުމަށްޓަކައި ނ. ވެލިދޫ ޖަންބުގެއަށް ގޮސްފައިވަނީ އާދަމް ޙަސަނާ އެއްބަނޑު އެއްބަފާ، އާދަމް ޙަސަންގެ ބޭބެ ނ. ވެލިދޫ ޖަންބުގެ އިބްރާހިމް ޙަސަން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނަށް ފޯނުން ގުޅައި، ކުރި ރިޕޯޓަކާ ގުޅިގެންކަން މިމައްސަލައާ ގުޅިގެން ނ. ވެލިދޫ ޖަންބުގެ އިބްރާހިމް ޙަސަންގެ ބަހުންނާއި އަދި އެދުވަހު، އެގެ ބަލާ ފާސްކުރުމަށް ދިޔަކަމަށްބުނާ ފުލުހުންގެ ދެބޭކަލުން ކަމުގައިވާ މުޙައްމަދު ޢަލީ އާއި ޢަބްދުﷲ މުޖުތަބާ މިމައްސަލައާ ގުޅިގެން ދީފައިވާ ބަޔާންތަކުން އެނގެންއޮންނައިރު، އެދުވަހު، ފުލުހުން ނ. ވެލިދޫ ޖަންބުގެއިން ބަލާ ފާސްކުރިކަމަށްބުނާ ކޮޓަރީގައި ދިރިއުޅެނީ ހަމައެކަނި އާދަމް ޙަސަން ނޫންކަމާއި، އަދި އެކޮޓަރީގައި އާދަމް ޙަސަންއާއެކު އާދަމް ޙަސަންގެ ބޭބެ އިބްރާހިމް ޙަސަންވެސް ދިރިއުޅޭކަން މިދެފަރާތުގެ ބަހުން އެނގެން އޮންނައިރު، ބުނެވުނު ކޮޓަރި ބުނެވުނު ދުވަހު، ފުލުހުން ބަލާ ފާސްކޮށްފައިވަނީ އާދަމް ޙަސަންގެ ޣައިރު ޙާޟިރުގައިކަން އާދަމް ޙަސަނާއި ދައުލަތުގެ ބަހުންނާއި އަދި އާދަމް ޙަސަންގެ ބޭބެ އިބްރާހިމް ޙަސަންގެ ބަޔާންތަކުން އެނގެންއޮންނައިރު، ފުލުހުންގެ ބޭކަލުން އެދުވަހު، އެކޮޓަރިން ފެނުނުކަމަށްބުނާ މަސްތުވާތަކެތި އާދަމް ޙަސަނަށް ދައްކާފައިވަނީ، އެދުވަހުގެ ހަވީރުގެ ވަގުތެއްގައި އާދަމް ޙަސަން އެ ރަށުގެ ޕޮލިސް ސްޓޭޝަނަށް ހާޟިރުކޮށް، އެތަނުން ކަން އާދަމް ޙަސަންގެ ބަޔާންތަކުން އެނގެން އޮންނައިރު، އެކޮޓަރިން ފެނުނުކަމަށް ބުނާ މަސްތުވާތަކެތި އެކޮޓަރިން ފުލުހުން ނެރުމުގެ ކުރިން އެތަކެތި އެއީ އާދަމް ޙަސަންގެ ތަކެތިތޯ ސުވާލުކުރުމަށްޓަކައި އެކޮޓަރި ފުލުހުން ބަލާ ފާސްކުރި ވަގުތު އާދަމް ހަސަން އެތަނަށް ގެނައުމަށް ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން މިމައްސަލައިގެ ޝަރީޢަތަށް ލިބިފައިވާ ބަޔާންތަކުން އެނގެންނެތްކަމެވެ.

ކ- ހަތްވަނަކަމަކީ، ޖިނާއީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަޢުވާގައި ބުނާ މަސްތުވާތަކެތި އެކޮޓަރިއަކުން ފެނުނުކަމަށްބުނާ ނ. ވެލިދޫ ޖަންބުގޭގައި ހުރި ކޮޓަރިއަކީ އެއްވެސް ގޮތަކަށް ބަންދުކުރެވިފައިވާ ކޮޓަރިއެއްނޫން ކަމާއި، އަދި އެކޮޓަރިން ފެނުނުކަމަށް ބުނާ މަސްތުވާތަކެތި އެތަނުގައި ހުރިކަމަށްބުނާ، ޑްރެސިންގ ޓޭބަލްގެ ތިރީ ވަތްގަނޑަކީ ތަޅުނުލާ ހުރި ވަތްގަނޑެއްކަމާއި، އަދި އެކޮޓަރިން ފެނުނުކަމަށްބުނާ މަސްތުވާތަކެތި އެތަނެއްގައި ހުރިކަމަށްބުނާ ޑްރެސިންގ ޓޭބަލަކީ، ހަމައެކަނި އާދަމް ޙަސަން ބޭނުންކުރުމަށް ޚާއްޞަކުރެވިފައިވާ ޑްރެސިންގ ޓޭބަލެއްނޫންކަމާއި، އަދި އެކޮޓަރިން ފެނުނުކަމަށްބުނާ މަސްތުވާތަކެއްޗަކީ، އާދަމް ޙަސަން ގެންގުޅޭ ނުވަތަ އާދަމް ޙަސަންގެ ތަކެތިކަމަށް އެކޮޓަރީގައި އާދަމް ހަސަނެކޭ އެއްފަދައިން ދިރިއުޅޭ، އާދަމް ޙަސަންގެ ބޭބެ އިބްރާޙިމް ޙަސަން މިމައްސަލައާއި ގުޅިގެން ތަޙުޤީޤަށާއި ޝަރީޢަތަށް ދީފައިވާ އެއްވެސް ބަޔާނެއްގައި ބުނެފައިނުވާކަމާއި މިކަންކަން އާދަމް ޙަސަންގެ ބޭބެ ، އިބްރާޙިމް ޙަސަން މިމައްސަލައާއި ގުޅިގެން ތަޙުޤީޤަށާއި ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމެވެ.

އ- އަށްވަނަކަމަކީ، ޖިނާއީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަޢުވާގައި ބުނާ މަސްތުވާތަކެތި، އެކޮޓަރިއަކުން ފެނުނުކަމަށްބުނާ ނ. ވެލިދޫ ޖަންބުގޭގައި ހުރި ކޮޓަރިއަކީ، ހަމައެކަނި އެ ކޮޓަރީގައި އާދަމް ޙަސަން ދިރިއުޅޭ ކޮޓަރިއެއް ނޫންކަމަށްވެފައި، މިމައްސަލައިގައި ހެކިންގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކޮށް ބަޔާން ނަގާފައިވާ މީހުންގެ ހެކިބަހުގެ ބަޔާންތަކަށް ބަލާއިރު ޖިނާއީ ކޯޓުގެބުނެވުނު ދަޢުވާގައި ބުނާ މަސްތުވާތަކެތި ފެނިފައިވަނީ، ބުނެވުނު ކޮޓަރީގައިހުރި، ހަމައެކަނި އާދަމް ޙަސަންއަށް ޚާއްޞަކުރެވިފައިވާ ތަނަކުން ނުވަތަ ހަމައެކަނި އާދަމް ޙަސަން ބޭނުންކުރާ އެއްޗެއްގެ ތެރެއިން ނުވަތަ އެތަކެއްޗަކީ އާދަމް ޙަސަން ގެންގުޅޭ ނުވަތަ އާދަމް ޙަސަން އެތަކެތީގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް ނުވަތަ ބާރުވެރިކަމެއް އޮތް ތަކެތިކަން ނުވަތަ އެތަކެއްޗަކީ އާދަމް ޙަސަންގެ ތަކެތިކަން ނުވަތަ އާދަމް ޙަސަންގެ ޙިޔާޒަތުގެ ދަށުގައިވާ ތަކެތިކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވުމަށް ހެކި ލިބޭފަދަ ހެކިބަހެއް ދެވިފައިނުވާކަން އެބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

ވ- ނުވަވަނަކަމަކީ، ޖިނާއީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި އާދަމް ޙަސަންގެ މައްޗަށް ދަޢުވާ އުފުލިފައިވަނީ އޭރު ޢަމަލުކުރެވެމުންދިޔަ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު)ގެ ދަށުން ކަމަށްވެފައި، އެޤަޟިއްޔާގައި އޭނާގެ މައްޗަށް އުފުލިފައިވަނީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި މި ދެދަޢުވާކަމަށްވެފައި، އަދި މީގެ ތެރެއިން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް އެޤާނޫނުގައި ކަނޑައެޅިފައިވަނީ އެޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ކަމަށްވެފައި އަދިމީހަކު، އެކުށް ކޮށްފިކަމަށް ބަލަންޖެހޭ މިންގަނޑު ކަނޑައެޅިފައިވަނީ އެޤާނޫނުގެ 2 ވަނަމާއްދާގެ (ށ) ގައިކަމަށްވާއިރު، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް ބަލަންޖެހެނީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެއްގުރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަކަން އެޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގެން އޮތުމުންނާއި،އަދި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށް ކަނޑައެޅިފައިވަނީ އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ކަމަށްވުމުންނާއި އަދި މިދެކުށަށް ބުނެވުނު ޤާނޫނުގައި ކަނޑައެޅިފައިވަނީ މުޅިން ތަފާތު ދެ އުޤޫބާތްކަން ބުނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) އިންނާއި އަދި އެޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) އިން ރަނގަޅަށް އެނގެން އޮތުމުން މިއީ އެޤާނޫނުގައި ބަޔާންކޮށްފައިވާ މުޅިން ތަފާތު ދެކުށްކަންސާފުކޮށް އެނގެން އޮންނައިރު، އެޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި "މަސްތުވާއެއްޗެއް މީހަކު ބޭނުން ކޮށްފައިވާކަން، ނުވަތަ ބޭނުންކޮށްފައިވާ މަސްތުވާއެއްޗެއްގެ ބާވަތް، ނުވަތަ މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓިފިކް އުސޫލުގެމަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު، މިއިން ކަމެއް ބެލުމަށްފަހު، އެކަމާބެހޭ ގޮތުން ޝަރީޢަތުގެ މަޖިލީހުގައި ދޭބަޔާނަކީ، އެކަމެއް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެކެވެ." މިފަދައިން ބަޔާންކުރުމަށްފަހު، މިއަކުރުގައި މިބުނާ ގޮތުގެމަތިން ޝަރީޢަތުގެ މަޖިލީހަށް މީހަކުދޭ ބަޔާން އެއީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއް ނުވަތަ ޤަރީނާއެއްކަމަށްވިއަސް އެމާއްދާގެ އެއަކުރުގައި ނުވަތަ އެޤާނޫނުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނުވުމުން މިމައްސަލައާއިގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އާދަމް ޙަސަންގެ ޔޫރިން ތަޙުލީލް ކުރެވުނު ލެބޯޓަރީ ތަޙުލީލް ރިޕޯޓަކީ ހަމައެކަނި އެ ރިޕޯޓުގެ މައްޗަށް ބަލައި، ޖިނާއީ ކޯޓުގެ އިސްވެ ޙަވާލާދެވުނު ޤަޟިއްޔާގައި އާދަމް ޙަސަންގެ މައްޗަށް މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުލަތުގެ ފަރާތުން ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އުޞޫލުގެ މަތިން ސާބިތުކުރުމަށްޓަކައި ހެއްކެއް ނުވަތަ ޤަރީނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ފަދަ ރިޕޯޓެއް ކަމުގައި ބެލެވެން ނެތްކަމެވެ.

މ- ދިހަވަނަކަމަކީ ޖިނާއީ ކޯޓުގެ ނަންބަރު 1069/JC/2009 ގެޤަޟިއްޔާގައި އާދަމް ޙަސަންގެމައްޗަށް ދައުލަތުގެ ފަރާތުންކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ ދެދަޢުވާގެ ތެރެއިން މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުކޮށްފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ ބޭކަލުންނަށް ލިބުމާގުޅިގެން ފުލުހުންގެ ބޭކަލުން އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިކުރުމުން، އެ ކޮޓަރި ތެރޭގައި ހުރި ޑްރެސިންގ ޓޭބަލެއްގެ ތިރީ ވަތްގަނޑެއްގެ ތެރެއިން ފެނުނު ރިހި ކުލައިގެ މައްޗެއް ޖަހާފައިވާ ދަޅެއްގެ ތެރޭގައި އޮތް 80 ސެލޯފިންކޮޅުގައި 5.2075 ގްރާމް ކެނަބިސް ފެނިފައިވާތީއާއި، އެ ކޮޓަރި ތެރޭގައި އޮތް ކެމަލް ލައިޓް ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައިއޮތް ފިލްމް ހުސްކުރި ދަޅެއްގައި 8.0689 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، މީނާގެ ކުޑަކަމުދާތަކެތި ނަގައި ތަޙްލީލް ކުރެއްވިއިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާތީ މި އެންމެހައި މާއްދީ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި މައްސަލަ ބެލި ފަނޑިޔާރަށް އޭނާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާކަމަށް ޤަބޫލުކުރެވިފައިވާތީކަމާ އަދި މިކުށް ސާބިތުކޮށްފައިވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށާއި ކޯޓަށް ހުށަހެޅޭ ހެކިތަކާބެހޭ ޢާންމު އުޞޫލުގެ ދަށުން ކަން އެނގެން އޮންނައިރު،ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި "މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އެއްގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ ވިޔަފާރިކުރުމައްޓަކައި އަތުގައި ބެހެއްޓީ ކަމަށެވެ." މިފަދައިން އޮތުމުން މިއީ ސްޓްރިކްޓް ލައެބިލިޓީ ނުވަތަ ޤާނޫނީ މުޠްލަޤު ޤަރީނާއިން މިމާއްދާގެ މިއަކުރުގައި ބަޔާންވެގެންވާ ހަމައިގެ މަތިން ނޫނީ ސާބިތުނުވާ ކުށެއްކަން އެނގޭކަމާއި މިމާއްދާގެ މިއަކުރުގައި މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރެއްޖެނަމަ ކަމަށް އޮތުމުން މިމާއްދާގެ މި އަކުރުގައިވާ ކުށް ސާބިތުކުރުމުގެ ޝަރްޠު ފުރިހަމަވަނީ މުއްތަހަމުގެ ޙިޔާޒަތުގައި މަސްތުވާއެއްޗެއް ހުރިކަން ސާބިތުވުމުން ކަމާއި ޙިޔާޒަތުގައި އޮތްކަން ސާބިތުވަނީ މުއްތަހަމުގެ މާއްދީ ކޮންޓްރޯލްދަށުގައި މަސްތުވާއެއްޗެއް އޮތްކަން ސާބިތުވުމުންކަން އެނގޭއިރު، މިމައްސަލާގައި ފެނިފައިވާ މަސްތުވާތަކެތި ފެނިފައިވާ ކޮޓަރިއަކީ މުއްތަހަމު އެކަނި ވަދެ އުޅޭ ކޮޓަރިއަކަށް ނުވާތީ އާއި އަދި އެތަކެއްޗަކީ އާދަމް ޙަސަންގެ ތަކެތިކަމަށް އާދަމް ޙަސަންގެ ބޭބެ އިބްރާހިމް ޙަސަން (ކުށުގެ ރިޕޯޓްކުރި މީހާ) ވެސް ބުނެފައި ނުވުމުން އެތަކެއްޗަކީ އާދަމް ޙަސަން ގެ މާއްދީ ކޮންޓްރޯލުގައި އޮތް އެއް އެއްޗެއްކަން ސާބިތުކުރެވޭނީ އިތުރު ހެކިތަކާއި އިތުރުހެއްކާ ޤަރީނާލިބިގެންކަން އެނގޭތީ އާދަމް ޙަސަންގެ ކުޑަކަމުދާތަކެތީގެ ތަޙްލީލުން ކެނަބިސްއަށް ޕޮޒިޓިވްވުމަކީ އާދަމް ޙަސަން ދިރިއުޅޭ ކޮޓަރިބަލައި ފާސްކުރިއިރު ފެނިފައިވާ މަސްތުވާތަކެއްޗަކީ އާދަމް ޙަސަންގެ ހިޔާޒަތުގައި ވާއެއްޗެއްކަން ސާބިތުކުރެވޭ ވަރުގެ ކާފީ ހެއްކެއްކަމަށް ނުބެލެވޭތީ ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ޤާނޫނީ ޤަރީނާ އެމާއްދާގެ އެއަކުރުގައިވާގޮތުގެ މަތިން ސާބިތުވެފައި ވާކަމަށް ބެލެވެން ނެތްކަން އެނގެން އޮންނަ އޮތުމެވެ.

ފ- އެގާރަވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އިސްވެ ބަޔާންކުރެވިދިޔަ ގޮތުގެމަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވަނީ ނ. ވެލިދޫ ޖަންބުގޭ ކޮޓަރިއެއްގެ ތެރެއިން ފެނުނުކަމަށް ބުނާ މަސްތުވާ ތަކެއްޗަކީ އާދަމް ޙަސަންގެ ތަކެތިކަން ޝަރީޢަތަށް ސާބިތުވާކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 1069/JC/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާ ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅުއްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ ބެހޭ ބަޔަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވުމެވެ.

ޙުކުމް:

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ނ. ވެލިދޫ ޖަންބުގެ ކޮޓަރިއެއްގެތެރެއިން ފެނުނުކަމަށް ބުނާ މަސްތުވާތަކެއްޗަކީ ނ. ވެލިދޫ ޖަންބުގެ އާދަމް ޙަސަންގެ ތަކެތިކަން ޝަރީޢަތަށް ސާބިތުވާކަމަށް ޖިނާއީކޯޓުގެ ނަންބަރު 1069/JC/2009 ޤަޟިއްޔާގައި ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅުއްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2010/HC-A/87 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87 ގެ ގަޟިއްޔާގައި ކުރައްވާފައިވާ މި ބަޔާންކުރެވިދިޔަ ޙުކުމާ ބެހޭ ބައި ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ