ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/05ސުޕްރީމް ކޯޓު · 25 ޖުލައި 2019

—

ސުޕްރީމް ކޯޓު
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ޖުލައި 2019ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2016/SC-A/05

ދަޢުވާކުރާ ފަރާތް: އަޙްމަދު އިޙްސާން

ދަޢުވާ ލިބޭ ފަރާތް: ދައުލަތް (މިނިސްޓްރީ އޮފް ހެލްތް)

މައްސަލައިގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 16 ޑިސެންބަރު 2015

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 01 މާރިޗު 2016

ނިމުނު ތާރީޚް: 25 ޖުލައި 2019

މައްސަލަ ނިންމި ގަޑި: 14:51

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2009/HC-A/368

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 29 ޑިސެންބަރު 2009

ނިމުނު ތާރީޚް: 10 ސެޕްޓެންބަރު 2015

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) އެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާގައިވެސް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) އެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ނުކުތާތައް ފާހަގަކުރެވިފައި ވެއެވެ.

މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން ހިނގަމުންދާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލް، ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ 03 އަހަރުގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާ ދިނުމުގެ ގޮތުން ދިން ޖެންޓަމައިސިންއަކީ ކޮންބާވަތެއްގެ ބޭހެއްކަމާއި، އެ ބޭހުގެ ސައިޑް އިފެކްޓްތައް ޑޮކްޓަރ ޕަވަލްއަށް އެނގިހުރެ އެ ބޭސް ޢާއިޝަތު އިޔާން އިޙްސާންއަށް ދިނުމުގައި އިހްމާލުވުމުގެ ސަބަބުން މި ތުއްތު ދަރިފުޅުގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވާތީވެ، ޑޮކްޓަރުގެ އިހްމާލުން ވީގެއްލުމުގެ ބަދަލުގެ ގޮތުގައި 7,119,100/-ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުގެ މައްޗަށް ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ ފަރާތުން މަދަނީ ކޯޓުގައި ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު އެ ޤަޟިއްޔާގައި "........ ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑރ. ޕަވަލް އެ ކުއްޖާއަށް ފަރުވާދިނުމުގައި އިހްމާލުވެ، އެ ކުއްޖާއަށް ޖެންޓަމައިސިން އެންޓިބަޔޮޓިކް ދިނުމުގައި އިހްމާލުވުމުގެ ސަބަބުންކަމަށް ޝަރީޢަތުން ކަނޑައެޅެން ނެތުމާއެކު، މި ދަޢުވާގައި ޢާއިޝަތު އިޔާން އިޙްސާންއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ކިބައިން ހޯދުމަށް އަޙްމަދު އިޙްސާން އެދިފައިވާ 7,119,100/-ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) މިނިސްޓްރީ އޮފް ހެލްތުގެ ކިބައިން އަޙްމަދު އިޙްސާންއަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށް މައްސަލަ ނިންމީއެވެ." މިފަދައިން ކަނޑައަޅައި ޙުކުމްކޮށްފައިވާކަން އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެން އޮވެއެވެ.

މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާގައި މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރްޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.

ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2009/HC-A/368 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛

ޢާއިޝަތު އިޔާން އިޙްސާން 14 ޖުލައި 2007 ވަނަ ދުވަހު ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ބަލިމީހެއްގެ ގޮތުގައި ރަޖިސްޓްރީވުމުން އޭނާއަށް ފަރުވާތެރިވުމުގެ ޒިންމާ އެ ހޮސްޕިޓަލުގެ މައްޗަށް އޮތްކަން އެނގޭކަމަށް ކަނޑައެޅުމަށްފަހު، އޭނާއަށް ޖެންޓަމައިސިން ދީފައިވަނީ އެ ބޭސް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމާއި އެ ބޭސް ދިނުމުގައި އިހްމާލުވެފައި ނުވާކަން މި މައްސަލައިގައި ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތުމުން، ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ އޭނާއަށް ފަރުވާކުރި ޑޮކްޓަރުންގެ އިހްމާލުންކަމަށް ޝަރްޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތުން ކަނޑައެޅެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާ ބެލި ފަނޑިޔާރުން ނިންމާފައިވަނީ ބަދަލު ގެނެވިފައިވާ ހޮސްޕިޓަލުގެ ރިކޯޑްތަކަށާއި ޙަޤީޤަތާ ޚިލާފަށް ޝަރީޢަތަށް ދީފައިވާ ހެކިބަހަށް ބިނާކޮށް ކަމުގައިވުމުން، އެއީ ޝަރީޢަތްކުރުމުގެ އުޞޫލާއި އިންޞާފުގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ސަބަބާއި،

މި މައްސަލައިގައި ދަޢުވާ ބިނާވެފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމުގައި ބަލާފައިވާ ކަންކަމާއި ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ކަމަށްވީއިރު، އިހްމާލުވީކަމަށް ބެލެވޭ މީހުންގެ ބަހާއި އެ މީހުންގެ ބެލުމުގެ ދަށުގައިވާ ލިޔެކިޔުންތަކަށް ބިނާކޮށް، އެ މީހުން ޢަމަލުކޮށްފައިވާ ގޮތަކީ ޙަޤީޤަތްކަމަށް ޝަރީޢަތުން ބަލާފައިވަނީ ޝަރީޢަތްކުރުމުގެ އުޞޫލާއި އިންޞާފުގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ސަބަބާއި،

ޢާއިޝަތު އިޔާން އިޙްސާންއަށް ޖެންޓަމައިސިން ދިނުމަށްފަހުގައި އޭނާގެ އިވުން ގެއްލިފައިވަނީ އޭނާގެ ހަށިގަނޑުގައި ހުރި ޚާއްޞިއްޔަތެއްގެ ސަބަބުންކަމަށް ޝަރީޢަތަށް ބުރަވެވޭކަމަށް ނިންމާފައިވަނީ ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވުމާއި އޭނާއަށް ޖެންޓަމައިސިން ދިންދިނުން ފިޔަވައި އިތުރު އެއްވެސް ޓެސްޓެއް އަދި އެނޫން ހެއްކެއް ނެތި ކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ސަބަބާއި،

މި ސަބަބުތައްކަން އެނގެން އޮންނައިރު، މި ސަބަބުތަކާމެދު އިލްތިމާސްކުރާ ފަރާތުންނާއި އިލްތިމާސް ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލައިގައި ހިމެނޭ ވަޤާއިޢުތަކަށާއި، އެ ވަޤާއިޢުތަކުގެ މައްޗަށް ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާގައި ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ: މި މައްސަލަ އިލްތިމާސްކުރާ ގދ. ފަރެސް، ހަނދުވަރީގޭ އަޙްމަދު އިޙްސާންގެ ފަރާތުން ދައުލަތު (މިނިސްޓްރީ އޮފް ހެލްތު) ގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުން ގެންދާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ޕަވަލް، އަޙްމަދު އިޙްސާންގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން (ޙާދިޘާ ހިނގިއިރު 3 އަހަރު) ބަލައި ފަރުވާދިނުމުގެ ގޮތުން ދިން ޖެންޓަމައިސިން (Gentamicin) އަކީ ކޮންބާވަތެއްގެ ބޭހެއްކަމާއި، އެ ބޭހުގެ ސައިޑް އިފެކްޓްތައް ޑޮކްޓަރ ޕަވަލްއަށް އެނގިހުރެމެ އެ ބޭސް ޢާއިޝަތު އިޔާން އިޙްސާންއަށް ދިނުމުގައި އިހްމާލުވުމުގެ ސަބަބުން އެ ކުއްޖާގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވާކަމަށް ބުނެ، ޑޮކްޓަރުގެ އިހްމާލުން ވީގެއްލުމުގެ ބަދަލުގެ ގޮތުގައި 7,119,100/-ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) ހޯދައި ދިނުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮންނައިރު، މި ދަޢުވާއަށް މި މައްސަލައިގައި އިލްތިމާސް ރައްދުވާ ދައުލަތު (މިނިސްޓްރީ އޮފް ހެލްތު) ގެ ފަރާތުން އިންކާރުކޮށްފައިވާ ކަމާއި، އެގޮތުން އަޙްމަދު އިޙްސާންގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާ ދިނުމުގައި ޑރ. ޕަވަލް އިހްމާލުވެފައި ނުވާކަމަށާއި، އަދި ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ ޑޮކްޓަރުގެ އިހްމާލުން ނޫންކަމަށާއި، އެހެންކަމުން ބުނެވުނު ދަޢުވާގައި އަޙްމަދު އިޙްސާންގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ބަދަލަކީ މިނިސްޓްރީ އޮފް ހެލްތުން އަޙްމަދު އިޙްސާންއަށް ދޭންޖެހޭނެ ބަދަލެއް ނޫންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ: އަޙްމަދު އިޙްސާންގެ ދަރިފުޅު، ޢާއިޝަތު އިޔާން އިޙްސާންގެ ދެ ކަންފަތުގެ އެތެރެ މުޅިން ވިރި ދެ ކަންފަތް އެއްކޮށް ބީރުވެފައިވަނީ އެ ކުއްޖާ ބަލައި ފަރުވާދިން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލްގެ އިހްމާލުންކަމަށް ބުނެ އަޙްމަދު އިޙްސާންގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ ތެރޭގައި، ޢާއިޝަތު އިޔާން އިޙްސާންގެ އަތް އޮޕަރޭޝަން ކުރަން ނުޖެހޭކަމެއްގައި އޮޕަރޭޝަން ކުރުމާއި އަދި އޮޕަރޭޝަންކުރީ ކުއްޖާގެ އަތުގެ ތެރޭގައި ދޮސްހުރިކަމަށް ޑޮކްޓަރަށް ހީވެގެންކަމަށްވެފައި އޮޕަރޭޝަންކުރުމުން ކުއްޖާގެ އަތުގައި ދޮސްނެތްކަން ޑޮކްޓަރަށް އެނގުނުކަމާއި، އޮޕަރޭޝަންކުރުމުގެ ކުރިން އެ އަތުގައި ދޮސް ނުހުންނާނެކަން ޑޮކްޓަރަށް ނޭނގުނީ ބަލަންވާވަރަށް ނުބެލުމުންކަމާއި، ޖެންޓަމައިސިންއަކީ މެނިންޖައިޓިސްފަދަ ބޮޑެތި ސީރިއަސް އިންފެކްޝަންތަކަށް ދޭން ހުއްދަކުރެވިފައިވާ އެންޓިބަޔޮޓިކަކަށްވާއިރު އެފަދަ ސީރިއަސް ނޫންކަމަކަށް ޖެންޓަމައިސިން އިންޖެކްޝަން ދިނުމާއި، 03 އަހަރުގެ ކުއްޖަކަށް ދޭންޖެހޭ މިންވަރަށްވުރެ ޑޮކްޓަރު ދިން ޖެންޓަމައިސިންގެ އިންޖެކްޝަންގެ ޑޯޒްމަތިވުމާއި، ކުއްޖާގެ ބަރުދަން ނުބަލައި ޖެންޓަމައިސިން އިންޖެކްޝަން ދިނުމާއި، އަދި ޖެންޓަމައިސިން އިންޖެކްޝަން ދިނުމަށްފަހު ސިރަމް ކޮންސެންޓްރޭޝަން ލެވެލް ބަލާފައިނުވުމާއި، މި ވަޤާއިޢުތައް ޝާމިލުވެގެންވާކަން މަދަނީ ކޯޓަށް އަޙްމަދު އިޙްސާންގެ ފަރާތުން ހުށަހެޅި ޙަވާލާދެވުނު ދަޢުވާގެ ދަޢުވާ ހުށަހަޅާ ފޯމަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ: އަޙްމަދު އިޙްސާންގެ ދަރިފުޅު، ޢާއިޝަތު އިޔާން އިޙްސާން (އެއިރުގެ 3 އަހަރު) ހުންއަންނާތީ 05 ޖުލައި 2007 ވަނަ ދުވަހު މާތޮޑާ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރަށް ދައްކައި، ފަރުވާ ދެމުން ދަނިކޮށް އޭގެ 03 (ތިނެއް) ދުވަސް ފަހުން ޢާއިޝަތު އިޔާން އިޙްސާންގެ ވާއަތު އަތް ދުޅަވާން ފެށުމުން ޑޮކްޓަރާ މަޝްވަރާކުރުމުން އެއީ އާދައިގެ ވައިރަލް ފީވަރއެއް (ހުމެއް) ކަމަށް ބުނިކަމަށާއި ނަމަވެސް އަތުގެ ދުޅަވުން ރަނގަޅު ނުވާތީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށް ޑޮކްޓަރު އިރުޝާދުދިނުމުން، 14 ޖުލައި 2007 ވަނަ ދުވަހު ޢާއިޝަތު އިޔާން އިޙްސާން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އެ ހޮސްޕިޓަލުން އެންމެ ފުރަތަމަ ބެލީ އޯ.ޕީ.ޑީ ގައި އިން ޑޮކްޓަރ ގޯޕަން ކަމަށާއި، ޑޮކްޓަރު ބެލުމަށްފަހު ވަގުތުން އެޑްމިޓްކުރިކަމަށާއި، އެއިރު ޢާއިޝަތު އިޔާން އިޙްސާނު ގައި 38.8 (ތިރީސް އަށެއް ޕޮއިންޓް އަށެއް) ޑިގްރީ ސެލްސިއަސްއަށް ހުން ހުރިކަމަށާއި، އެއިރު އޭނާ ހުން އަންނަތާ 10 ދުވަސް އަދި ވާއަތު އަތް ދުޅަވެ ތަދުވާތާ 06 ދުވަސްވެފައިވާކަމަށާއި، ކުއްޖާއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ، ޑރ. ޕަވަލް އަށާއި، ކޮންސަލްޓެންޓް ސަރޖަން ޑރ. ޕްރަސާދު ރެޑީއަށް ދެއްކުމަށް ލިޔެވިފައިވާކަން ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ14 ޖުލައި 2007 ވަނަ ދުވަހު ޑޮކްޓަރ ގޯޕަން ލިޔެ ސޮއިކޮށްފައިވާ ޕްރިސްކްރިޕްޝަންއަށް ބެލުމުން އެނގޭ ކަމަށާއި، އޭގެ ފަހުން އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ، ޑރ. ޕަވަލް ބޮބްކޯ، ޢާއިޝަތު އިޔާން އިޙްސާން ބެލި ބެލުމުން، އެ ކުއްޖާގެ ވާއަތު އަތް ދުޅަވެ އަތުގެ އިނގިލިތައް ހިސާބަކަށް ލެނބިފައި ހުރި ކަމަށާއި، އެތަން ހުރީ ރަތްވެފައިކަމަށާއި، އަދި ފިތާލީމާ ތަދު ހުރިކަމަށާއި، އެހެންކަމުން ޢާއިޝަތު އިޔާން އިޙްސާންގެ ލޭގެ ޓެސްޓް ހެދިއިރު، ވައިޓް ބްލަޑް ސެލްސް އާދަޔާ ޚިލާފަށް ގިނަވެފައި ހުރި ކަމަށާއި، އޭގެ ތެރެއިންވެސް "ނިއުޓްރޮފިލް" އެވެކިޔާ ބާވަތުގެ ސެލް (ބެކްޓީރިއާއިން ޖެހޭ އިންފެކްޝަންތަކާ ހަނގުރާމަކުރާ ބާވަތް) ގެ ޕަސަންޓޭޖް އާދައިގެ މިންވަރަށް ވުރެ މަތިކަމަށް ދެއްކިކަމަށާއި، ލޭގެ ޓެސްޓް ނަތީޖާއިން ދައްކުވައިދެނީ (ލިއުކޮސައިޓޯސިސް ވިތް ނިއުޓްރޮފީލިއާ) ބެކްޓީރިއާއިން ޖެހޭ އިންފެކްޝަނެއް ހުރިކަމަށް ކަމަށާއި، އެ ހުރިހާ ކަންތައްތަކަށް ބަލައި ވާއަތުގެ ހަމުގެ އެތެރޭގެ ފަށަލަތަކުގައި ދޮސް (އެބްސެސް) ހުރިކަމަށް ޑރ. ޕަވަލްއަށް ޝައްކު ކުރެވުނު ކަމަށާއި، އަދި ޑރ. ޕްރަސާދު ރެޑީ (ކޮންސަލްޓެންޓް ސަރޖަން) އަށް ޢާއިޝަތު އިޔާން އިޙްސާން ދެއްކުމަށް ލަފާދިން ކަމަށާއި، ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދޭނެ ގޮތާއިމެދު ޑރ. ޕަވަލް އަދި ޑރ. ޕްރަސާދު މަޝްވަރާ ކުރި ކަމަށާއި، މިގޮތުން އެ ކުއްޖާގެ ހުރިކަމަށް ބެލެވިދާނެ އެހެން އިންފެކްޝަންތަކަށް މިގޮތުން "ފްލެގްމޯނާ" (ހަމުގެ އަޑީގައިވާ ފަށަލަ ދުޅަވުން)، އަދި "އޮސްޓިއޮމައިލިޓިސް" (ކަށީގެ ނުވަތަ ބޯން މެރޯގެ އިންފެކްޝަނެއް) އަށާއި، "ސެޕްޓިސީމިއާ" (ލޭގެ ތެރެއަށް ޖަރާސީމު ފެތުރިގެން ދިއުން) ގެ ނުރައްކަލަށްވެސް ނަޒަރުކުރެވުނު ކަމަށާއި، އަދި މިގޮތުން "އޮސްޓިއޮމައިލިޓިސް" ނެތްތޯ ޔަޤީންކުރުމުގެ ގޮތުން ކުއްޖާގެ އަތުގެ އެކްސްރޭ ނެގުނުކަމަށާއި، އެކްސްރޭ ނަގައި ބެލިއިރު އެއްވެސް މައްސަލައެއް ހުރިކަމަށް ނުދައްކާ ކަމަށާއި، ނަމަވެސް ކުއްޖާގެ ހެދި ޓެސްޓުތަކުންނާއި ބެލިބެލުމުން ބެކްޓީރިއާއިން ޖެހޭ އިންފެކްޝަނެއް ހުރިކަމަށް ދެއްކުމުން، ގްރާމް ޕޮސިޓިވް އަދި ގްރާމް ނެގެޓިވް ބެކްޓީރިއާއަށް ފަރުވާކުރެވޭ އެންޓިބަޔޮޓިކް ދޭން ޑރ. ޕަވަލް ނިންމިކަމަށާއި، އޭގެ އިތުރުން، 14 ޖުލައި 2007 ވަނަ ދުވަހު އިރުއޮއްސުނުއިރު އެ ކުއްޖާ ހޭނައްތައިގެން އިންސިޝަން އެންޑް ޑްރެއިނޭޖް "އައި އެންޑް ޑީ" ހެދުމަށްޓަކައި އޮޕަރޭޝަން ކުރެވުނުކަމަށާއި، އޮޕަރޭޝަން ކުރީ ޑރ. ޕްރަސާދު ރެޑީކަމަށާއި، އޮޕަރޭޝަންގައި ކުއްޖާގެ އަތުން ލޭ ކުލައިގެ ދިޔައެއް ނެގުނު ނަމަވެސް ދޮސް ހުރިކަމަށް ފާހަގަނުކުރެވޭ ކަމަށާއި، 17 ޖުލައި 2007 ވަނަ ދުވަހު ހެނދުނު ވޯޑު ރައުންޑުގައި ކުއްޖާއަށް އަޑުއިވުމުގައި މައްސަލައެއް އުޅޭކަމުގެ ޝަކުވާ ލިބުމުން "އޮޓޮސްކޯޕް" ބޭނުންކޮށްގެން ޑރ. ޕަވަލް ކުއްޖާގެ ކަންފަތް ބެލިއިރު، ކަންފަތުގައި މަޑުހުރިކަން ފާހަގަކުރެވުމުން ކަންފަތަށް އަޅާ ބޭސް "ވެކްސޯލްވް" ޕްރިސްކްރައިބް ކުރިކަމަށާއި، އޭރު ކުއްޖާ އަޑަށް ރިއެކްޓްކުރާކަމަށާއި، "އޮބްވިއަސް ޑެފްނެސް" އެއް (ކަނޑައެޅިގެން އެނގެން ހުރި ބީރުކަމެއް) ނެތްކަމަށާއި، ނަމަވެސް އަޑުއިވުމުގެ މައްސަލައެއް އުޅޭކަމުގެ ޝަކުވާ ލިބުމުން ވަގުތުން ޖެންޓަމައިސިން ދިނުން ހުއްޓާލެވުނުކަމަށާއި، އެފަރުވާތައް ދިނުމުންވެސް ކުއްޖާގެ ހުމާއި، ވާއަތުގެ ދުޅަ އާއި ތަދު ރަނގަޅު ނުވުމުން އަތުގެ އަޑީގައި "ޑީޕް ސިޓަޑް" ދޮސްގަނެފައި ހުރިތޯ ބެލުމަށް 18 ޖުލައި 2007 ގައި "އިންސިޝަން އެންޑް ޑްރެއިނޭޖް" (އަތުގެ އޮޕްރޭޝަނެއް) ކުރެވުނު ކަމަށާއި، އެ އޮޕަރޭޝަނަށްފަހު ކުއްޖާގެ ހުން ތިރިވެ، ވާއަތުގެ ތަދު މަޑުވެ ދުޅަ ތިރިވެ ކުއްޖާގެ ހާލަތު ރަނގަޅުވާން ފެށިކަމަށާއި، ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލެވުނީ 23 ޖުލައި 2007 ވަނަ ދުވަހު ކަމަށާއި، ކުއްޖާ ދޫކޮށްލުމުގެ ކުރިން ވާއަތުގެ "ސެލިއުލައިޓިސް" (ބެކްޓީރިއާއިން ޖެހޭ އިންފެކްޝަނެއްގެ ސަބަބުން ހަމުގެ އަޑީގައިވާ ފަށަލަ، "ޓިޝޫ" ދުޅަވުން) އެއީ ކުއްޖާގެ ބަލިކަމަށް ބުނެދެވުނު ކަމަށާއި، އަދި އެބައްޔަށް އިތުރަށް ދޭންވާ ބޭހާއި ބޭސް ދޭނެ ގޮތް ލިޔެފައި ދެވުނުކަމަށާއި، އަދި އެ ބޭސް ބޭނުންކުރުމަށާއި، ވާއަތުގައި ފިނި ބޮނޑިތާން ކުރުމަށާއި ވާއަތުގެ އިނގިލިތަކުން ހަރަކާތްކުރުމަށް އިރުޝާދުދީ، އަދި އެ ކުއްޖާގެ އަޑުއިވުމުގެ މައްސަލަ ކަރުން މަތީގެ ޙާއްޞަ ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދު ދެވިފައިވާކަމަށް ބުނެ ދަށުކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިސްތަކުގައި ދައުލަތުގެ ފަރާތުން ވާހަކަދައްކާފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ މަޙްޟަރު ބަޔާންތަކުން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ: ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާއިން ތާއީދުކޮށްފައިވާ މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 523/MC/2008 ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމުގައި ރިޢާޔަތްކޮށްފައިވާ މައިގަނޑު ކަންކަމަށް ބަލާއިރު، މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން ހިނގަމުންދާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރި ޑޮކްޓަރ ޕަވަލް، އަޙްމަދު އިޙްސާންގެ ތިން އަހަރުގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާދިނުމުގެ ގޮތުން "ޖެންޓަމައިސިން" ދިންކަމަށާއި، އެ ބޭސް ދިނުމުގައި ކުއްޖާގެ ބަރުދަން ރެކޯޑް ކޮށްފައިވާކަމަށް ކުއްޖާގެ ރެކޯޑް ޝީޓުތަކުގައިވާ ލިޔުންތަކުން އެނގެން އޮތްކަމަށާއި، ހޮސްޕިޓަލުން ކުއްޖާއަށް ފަރުވާދެވުނު ގޮތުގެ ލިޔުންތަކަށް ބަދަލުގެނެސްފައިވާކަމަށް ބެލެވޭކަމަށް އަޙްމަދު އިޙްސާންގެ ފަރާތުން ބުނާ ބުނުމަކީ އެކަން އެގޮތަށް ހިނގާފައިވާކަން ޘާބިތުކޮށްދޭ ކާފީ ހެކި ނެތި ބުނާބުނުމެއްކަމަށް ޝަރީޢަތުން ދެކޭކަމަށާއި، ކުއްޖާއަށް "ޖެންޓަމައިސިން" ދިންދިނުމަކީ ޑޮކްޓަރީގޮތުން މައްސަލައެއް ނޫންކަމަށް ކުއްޖާއަށް ފަރުވާދިން ޑޮކްޓަރުންނާއި، ޝަރީޢަތަށް ހުށަހެޅުނު ޚަބީރުންގެ ރިޕޯޓުތަކާއި ބަޔާންތަކުން އެނގެން އޮތްކަމަށާއި، އެ ފިޔަވަޅަކީ އެ ޙާލަތުގައި ޑޮކްޓަރުން އެޅުން އެކަށޭނެ ފިޔަވަޅެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ކަމަށާއި، އަދި މިއީ ޢާންމުގޮތެއްގައި މިޙާލަތުގައި އެހެން ޑޮކްޓަރުންވެސް ޢަމަލުކުރާނެ ގޮތް ކަމަށާއި، މިކަމުގައި މި ކުއްޖާއަށް ފަރުވާދިން ޑޮކްޓަރުން އިހްމާލުވެފައިވާކަމަށް ބެލެވެން ނެތްކަމަށާއި، "ޖެންޓަމައިސިން" އަކީ އެބޭހުގެ ސައިޑް އިފެކްޓުގެ ސަބަބުން ކަންފަތުގެ އިވުމަށް އަސަރުކުރާ ބޭހެއްކަމަށްވިޔަސް މައްސަލައިގެ ޙާލަތަށް ބަލާއިރު، ބޭހުގެ ސައިޑް އިފެކްޓް ބުނެނުދިނުމަކީ ޑޮކްޓަރުންގެ އިހްމާލެއް އޮތްކަމެއްކަމަށް ޝަރީޢަތުން ނުދެކޭކަމަށާއި ކުއްޖާއަށް ބޭސް ދީފައިވާ ޑޯޒް އާއި މުއްދަތަށް ބަލާއިރުވެސް ޑޮކްޓަރުގެ އިހްމާލެއް އޮތްކަމަށް ބެލެވެން ނެތްކަމަށާއި ކޮންމެ ބޭހަކީވެސް ސައިޑް އިފެކްޓް އެކުލެވިގެންވާ ބޭހެއްކަމުން ބޭސްދޭން ކަނޑައަޅާފައިވާ މިންވަރަށް ބޭސްދިންކަމުގައިވިޔަސް އެކި މީހުންނަށް ބޭހުގެ އަސަރުކުރާނީ އެކި މިންވަރަށްކަމަށް ޑޮކްޓަރީގޮތުން ސާބިތުވާކަމަށާއި، "ޖެންޓަމައިސިން" ގެ ސަބަބުން ކަންފަތުގެ އަޑުއިވުމަށް އަސަރުކުރާ މީހުންގެ 17% އާއި 50% އަކީ ވަކި ޚާއްޞަ ޖީނެއް އެ މީހުންގެ ހަށިގަނޑުގައި ހުރުމުން އަސަރުކުރާ މީހުން ކަމުގައި ލިޔުންތަކުންނާއި ޚަބީރުންގެ ބަހުން އެނގޭކަމަށާއި ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ އެ ބޭހުގެ ސަބަބުން ކަމަށްވާނަމަ، އެކަމަކީ ކުއްޖާގެ ހަށިގަނޑުގައިވާ ޚާއްޞިއްޔަތެއްގެ ސަބަބުން ވެފައިވާ ކަމެއްކަމަށް ޝަރީޢަތަށް ބުރަވެވޭކަމަށާއި، "ޖެންޓަމައިސިން" ދިނުމުން ކޮށްފާނެ އަސަރު ބެލެވޭ ޓެސްޓް ރާއްޖޭގައި ކުރެވެން ނެތްހިނދު އެއީ ކުއްޖާއަށް ފަރުވާދިން ޑޮކްޓަރުގެ އިހްމާލެއް ކަމަށް ބެލެވެން ނެތްކަމަށާއި، ކުއްޖާގެ ޠަބީޢީ އަޑުއިވުން ގެއްލިފައިވާކަމަށް ބުރަވެވޭކަމަށާއި، ނަމަވެސް ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިން ޑޮކްޓަރ ޕަވަލް އެ ކުއްޖާއަށް "ޖެންޓަމައިސިން" ދީ ފަރުވާދީފައިވަނީ ކުއްޖާގެ ބަރުދަން ބަލާ އެކަށީގެންވާ މިންވަރު ޑޯޒެއް އެކަށޭނެ މުއްދަތަކަށް ކަމަށްވެފައި އަދި މެޑިކަލް ނެގްލިޖަންސް ސާބިތުކުރުމަށް ބަލާ އެއް ޓެސްޓްކަމަށްވާ ބޯލަމް ޓެސްޓަށް ބަލާއިރުވެސް ޢާއިޝަތު އިޔާން އިޙްސާންގެ އިވުން ގެއްލިފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރ ޕަވަލް އެ ކުއްޖާއަށް ފަރުވާދިނުމުގައި އިހްމާލުވުމުންކަމަށް ޝަރީޢަތުން ކަނޑައެޅެން ނެތްކަމަށާއި، މިކަންކަމަށް ރިޢާޔަތްކޮށް މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 523/MC/2008 ޤަޟިއްޔާއިން ބެލުނު ދަޢުވާގައި ޢާއިޝަތު އިޔާން އިޙްސާންއަށް ލިބުނު ގެއްލުމުގެ ބަދަލު މިނިސްޓްރީ އޮފް ހެލްތުގެ ކިބައިން އަޙްމަދު އިޙްސާންއަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަން އެނގެން އޮންނައޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ: މި މައްސަލައާ ގުޅިގެން ޑރ. ޝިރިނިވާސަން ނިތިން އާއި ޑރ. ޢާއިޝަތު ޢަލީގެ ފަރާތުން ޢާއިޝަތު އިޔާން އިޙްސާންގެ މެޑިކަލް ރެކޯޑްތަކަށް ބަލައި ތައްޔާރުކޮށްފައިވާ އެކްސްޕާޓް ރިޕޯޓްތައް މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުނުކަމާއި، އެ އެކްސްޕާޓް ރިޕޯޓްތަކުގައި ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމުގައި ދީފައިވާ އެންޓިބަޔޮޓިކެއްކަމުގައިވާ "ޖެންޓަމައިސިން" އާ ގުޅިގެން ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ޖެންޓަމައިސިންއަކީ އެމައިނޯ ގްލައިކޮސައިޑް ގްރޫޕްގައި ހިމެނޭ އެންޓިބަޔޮޓިކެއްކަމަށާއި، ގިނައިން މިބާވަތް ބޭނުންކުރެވެނީ ގުޅިފައިވާ އިންފެކްޝަންތަކަށާއި ގްރާމް ނެގެޓިވް ބެކްޓީރިއަލް އިންފެކްޝަނަށް ކަމަށާއި، މިބާވަތުގެ އެންޓިބަޔޮޓިކަށް ބަރޯސާވެވޭ ސަބަބަކީ، މަންފާކުރަނިވި އެންޓިބަޔޮޓިކެއްގެ އިތުރުން ޚަރަދުގެ ގޮތުން އެކަށީގެންވުމާއި ފަސޭހައިން ލިބުމާއި އަދި ބެކްޓީރިއާ ނެތިކޮށްލާ ޒާތުގެ އެންޓިބަޔޮޓިކަކަށް ވާތީކަމަށާއި، ޖެންޓަމައިސިންގެ އެތައް ބައިވަރު ރަނގަޅު ސިފަތަކެއް އެކުލެވުމާއެކުވެސް، ބޭނުންކުރަންވާނީ ވަރަށް ފަރުވާތެރިކަމާއި އިތުބާރު ބޮޑު ނިންމުމެއްގެ މައްޗަށް ކަމަށާއި، ސަބަބަކީ، ޖެންޓަމައިސިންގެ ވިހައިގެ އަސަރު ނުހަނު ސީރިއަސް ވާނެތީއާއި އަދި ނަތީޖާއެއްގެ ގޮތުން އެނބުރި ރުޖޫޢަވުމެއް ނެތް ގެއްލުމެއް ލިބިދާނެތީ ކަމަށާއި، ބަލި މީހާއަށް ދެވޭ ބޭހުގެ މިންވަރު ކަނޑައެޅެނީ ބަލި މީހާގެ ބަރުދަނާ އެއްވަރަށް ކަމަށްވުމުން، ބަލި މީހާގެ ބަރުދަން ރަނގަޅަށް ބަލާ ރެކޯޑްކުރަން ވާނެކަމަށާއި، ނަމަވެސް ލިބިފައިވާ ލިޔެކިޔުންތަކުގައި ހަށިގަނޑުގެ ބަރުދަނުގެ ވާހަކަ ހިމަނާފައިނުވާ ކަމަށާއި، މިހެންކަމުން މަތީ މިންވަރުގެ ޑޯޒްތައް ދެވުން އެކަށީގެންވާ ކަމަށާއި، މިއީ ކުއްޖާ ބީރުވުމުގެ ސަބަބެއް ކަމަށްވުން އެކަށީގެންވާ ކަމަށާއި، އެހެންކަމުން ދޭންޖެހޭ މިންވަރަށްވުރެ ގިނައިން ބޭސް ދެވިދާނެކަމުގައި ވާނަމަ، އެ ބޭހުން ލިބޭނެ ފަރުވާއާއި ލިބިދާނެ ގެއްލުމަކާ ދޭތެރޭ އޮންނަ ޔަޤީންކަން ވަރަށް ކުޑަކަމަށާއި، މި ސަބަބަށްޓަކައި ބަލި މީހާއަށް ލިބިދާނެ ގެއްލުމެއްގެ އަސަރުތައް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެކަމަށް އިޝާރާތްކުރެވުނު ޑރ. ޝިރިނިވާސަން ނިތިންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމާއި، މީގެ އިތުރުން، ޖެންޓަމައިސިންއަކީ އެމައިނޯ ގްލައިކޮސައިޑް ގްރޫޕްގައި ހިމެނޭ އެންޓިބަޔޮޓިކެއްކަމަށާއި، ގްރާމް ނެގެޓިވް ބެކްޓީރިޔާ (ވަކި ޚާއްޞަ ވައްތަރެއްގެ ޖަރާސީމެއް) ގެ ސަބަބުންޖެހޭ އިންފެކްޝަންތަކަށް ދެވޭ ބޭހެއް ކަމަށާއި، ޢާންމުކޮށް ސީރިއަސް އިންފެކްޝަންތަކަށް އެމޮކްސިސިލިން އާއިލާގެ އެންޓިބައޮޓިކްއާ އެއްކޮށް ދެވޭކަމަށާއި، މިގޮތުން ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކަށާއި ކުޑަކަމުދާ ނިޒާމަށް ދިމާވާ އިންފެކްޝަންތަކަށާއި ގަދަ ހުމަށާއި (ބެކްޓެރީމިއާ އަށާއި) ފާރުކޮޅެއްގެ ސަބަބުން ވިހަވާ ވިހަވުންތަކަށް އަދި މަސްގަނޑަށް ނުވަތަ ކަށީގެ އިންފެކްޝަންތަކަށްވެސް ބޭނުންކޮށް އުޅޭކަމަށާއި، ޢާންމު ގޮތެއްގައި ޖެންޓަމައިސިން ދެނީ ބަރުދަނަށް ބަލާފަ، ބަރުދަނުގެ ކޮންމެ ކިލޯއަކަށް 3 އާއި 5 މިލިގްރާމްއާ ދެމެދުގެ މިންވަރަކަށް ދުވާލެއްގެ މައްޗަށް ޖެހޭވަރު ބަލައި، އެ މިންވަރު 3 ބަޔަށް ބަހާލައިގެން 8 ގަޑިން 8 ގަޑިން ކަމަށާއި، ޢާންމު ގޮތެއްގައި 7 ދުވަހާއި 10 ދުވަހުގެ މުއްދަތަކަށް ދީ އުޅޭކަމަށާއި، ޖެންޓަމައިސިންގެ ފާހަގަކޮށްލެވޭ ނޭދެވޭ އަސަރު (ސައިޑް އިފެކްޓް) ގެ ތެރޭގައި ކިޑްނީއަށް އަސަރުކުރުން، ކަންފަތުގެ އަޑުއިވުން ދަށަށް ދިއުން، ބޯ އެނބުރުން، މަސްގަނޑުގެ ބާރު ދެރަވުން ހިމެނޭ ކަމަށާއި، ޖެންޓަމައިސިން ދޭއިރު ވިސްނަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެއިން ލިބޭނެ ގެއްލުމަކަށްވުރެ ފައިދާ ބޮޑުވާނެތޯ، ކިޑްނީ މައްސަލައެއް ނުވަތަ ކަންފަތުގެ މައްސަލައެއް އުޅޭތޯ އަދި ދެވޭ ޑޯޒްއާއި މުއްދަތު ހިމެނޭކަމަށާއި، ޖެންޓަމައިސިން ދިނުމުގެ ސަބަބުން ކަންފަތަށް ކުރާ އަސަރުގެ ތެރޭގައި އަޑުއިވުން ދަށަށް ދިއުން އަދި ބެލެންސް ހިފަހައްޓަން އުނދަގޫވެ ބޯ އެނބުރުން ހިމެނޭކަމަށާއި އެއީ، ކަންފަތުގެ އެންމެ އެތެރޭގެ ބައިގައި ހިމެނޭ އަޑުއިވުމުގެ ސިގްނަލްތައް ސިކުނޑިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދޭ ބަޔަށް އަސަރުކުރުމުގެ ސަބަބުން ކަމަށާއި، އަޑުއިވުމުގެ މައްސަލަ ދިމާވަނީ ޖެންޓަމައިސިން ދެވޭ މީހުންގެ 5% - 10% އާއި ދެމެދުގެ ޢަދަދަކަށް ކަމަށާއި ޢާންމު ގޮތެއްގައި އަސަރުކުރަނީ ހައި ފްރިކްއެންސީގެ އަޑުތަކަށް ކަމަށާއި، ދިގު މުއްދަތަކަށް ބޭސްދެވޭ މީހުން ފިޔަވައި އެހެން މީހުންނަށް ޢާންމު ގޮތެއްގައި އަޑުއިވުމުގެ މައްސަލަ ދިމާނުވާ ކަމަށާއި، ޢާންމުކޮށް ދެވޭ ޑޯޒަށް ނުވަތަ އެއް ހަފްތާއަށްވުރެ ކުރު މުއްދަތަކަށް ޖެންޓަމައިސިން ދީގެން ކަންފަތަށް އަސަރުކުރުމަކީ ވަރަށް ނާދިރުކަމެއް ކަމަށާއި، އަދި ދުނިޔޭގެ އެކި ހިސާބުތަކުން ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ޖެންޓަމައިސިން ދިނުމުގެ ސަބަބުން ކަންފަތުގެ އަޑުއިވުން ދަށަށް ދިއުމަކީ ވަރަށް މަދުންނޫނީ ދިމާނުވާ ކަމެއް ކަމަށާއި، ކަމާބެހޭ ހޯދުންތަކުން ދައްކާ ގޮތުގައި، ޖެންޓަމައިސިންގެ ސަބަބުން ކަންފަތުގެ އަޑުއިވުމަށް އަސަރުކުރާ މީހުންގެ %17 މީހުންނަކީ ވަކި ޚާއްޞަ ޖީންއެއް އެ މީހުންގެ ހަށިގަނޑުގައި އެކުލެވޭ މީހުން ކަމަށާއި، މިއީ މަންމަގެ ފަރާތުން ދަރިފުޅަށް ވާރުތަވާ ޖީންއެއް ކަމަށާއި، ބައެއް ލިޔުންތަކުން ދައްކާ ގޮތުގައި މި ޢަދަދު %50 އަށް އަރާ ކަމަށާއި، މިފަދަ މީހުންނަށް އެންމެ ޑޯޒްއަކުންވެސް އަދި ޖެންޓަމައިސިން ދޭންވާ ޑޯޒްގައި ދެވުނަސް ކަންފަތުގެ އަޑުއިވުމަށް ދާއިމީ ބަދަލެއް އަންނަކަމަށާއި، ޖެންޓަމައިސިން ދޭއިރު، ލޭގައި ޖެންޓަމައިސިންގެ އަސަރު ހުންނަވަރު ޓެސްޓްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ވަރަށް ގިނަ ލިޔުންތަކުގައި ހުންނަކަމަށާއި، މި ޓެސްޓް ޢާންމު ގޮތެއްގައި ކޮށް އުޅެނީ 3 ވަނަ ޑޯޒްގެ ފަހުން އަދި ކޮންމެ 4 ދުވަހަކުން އެއް ދުވަހު ކަމަށާއި، އެކަމަކު ބައެއް ޙާލަތްތަކުގައި، މިގޮތަށް ޓެސްޓްކުރި ކަމުގައިވިޔަސް ބޭހުގެ މިންވަރު ލޭގައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރު ނުވިޔަސް ކަންފަތަށް އަސަރުކުރާ ކަމަށާއި، ދޭ އެންމެ ޑޯޒަކުންވެސް އަޑުއިވުމަށް އަސަރުކޮށްފާނެކަމަށް ލިޔުންތަކުން ދައްކާ ކަމަށާއި، އަދި ބޭސްދީ ނިމުމަށްފަހު އެތަކެއް ދުވަހެއް ފަހުންވެސް ކަންފަތުގެ އަޑުއިވުމަށް ބަދަލު އަންނަކަމަށް ފާހަގަކުރެވޭ ކަމަށާއި، އަޑުއިވުމުގެ ޙިއްޘު އެއްކޮށް ގެއްލިއްޖެނަމަ، ރަނގަޅު ކުރެވޭނީ އެކަމަށް ޚާއްޞަ އޮޕަރޭޝަނެއްކަމަށްވާ ކޮކްލިއަރ އިމްޕްލާންޓް ސާރޖަރީ ހަދައިގެން ކަމަށް ޑރ. ޢާއިޝަތު ޢަލީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނައިރު، މި ދެ ރިޕޯޓަށް އެއްކޮށް ބެލުމުން އިސްތިޚްލާޞްކުރެވޭ ކަންކަމުގެ ތެރޭގައި، ޖެންޓަމައިސިން އަކީ އެ ބޭހުން ފަރުވާދިނުމުގައި ޑޮކްޓަރު ރިޢާޔަތްކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތަކާ ޚިލާފަށް ފަރުވާދިނުމުގެ ސަބަބުން ކަންފަތް ބީރުވުންފަދަ ބަލިމީހާގެ ޞިއްޙަތަށް އިޢާދަނުކުރެވޭނޭ ގެއްލުމެއް މެދުވެރިވެދާނެ ސީރިއަސް ސައިޑް އިފެކްޓްތަކެއް ހިމެނޭ އެންޓިބަޔޮޓިކަކަށް ވާތީ، އެ ބޭސް ދޭންޖެހޭ މިންވަރާއި މުއްދަތު ކަނޑައަޅަންވާނީ އަބަދުވެސް ފަރުވާތެރިކަމާއި ޢިނާޔަތްތެރިކަމާއެކު ބަލިމީހާގެ ޢުމުރާއި ބަރުދަނަށް ރިޢާޔަތްކޮށްގެން، އެ ބޭހުން ފަރުވާދިނުމުން ލިބިދާނެ ގެއްލުމަކަށްވުރެ ފައިދާ ބޮޑުވާނެތޯ ވަޒަންކުރުމަށްފަހު ކަމާއި، މީގެއިތުރުން، ޖެންޓަމައިސިންގެ ސަބަބުން ކަންފަތުގެ އަޑުއިވުމަށް އަސަރުކުރާ މީހުންގެ 17% މީހުންނަކީ ވަކި ޚާއްޞަ ޖީންއެއް އެ މީހުންގެ ހަށިގަނޑުގައި އެކުލެވޭ މީހުން ކަމާއި، މިފަދަ މީހުންނަށް އެންމެ ޑޯޒްއަކުންވެސް އަދި ޖެންޓަމައިސިން ދޭންވާ ޑޯޒްގައި ދެވުނަސް ކަންފަތުގެ އަޑުއިވުމަށް ދާއިމީ ބަދަލެއް އަންނަކަމާއި، އަދި ޖެންޓަމައިސިން ދޭއިރު، ލޭގައި ޖެންޓަމައިސިންގެ އަސަރު ހުންނަ މިންވަރު ޓެސްޓްކުރުމަކީ ކުރަންޖެހޭ ކަމެއްކަމާއި، މިކަންތައްތައް ޝާމިލުވެގެންވާކަން އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ: ހޮސްޕިޓަލްތަކުގަޔާއި ބޭސްފަރުވާދޭ މަރްކަޒުތަކުގައި ފަރުވާދޭން ތިބޭ ޑޮކްޓަރުންގެ މަސައްކަތްތަކަށް ޝަރްޢިއްޔަތުލިބޭ ޤާނޫނީ އަސާސަކީ އެ ޑޮކްޓަރުންނަކީ ކަމާބެހޭ ތަޢުލީމީ ކޮލިފިކޭޝަން ފުރިހަމަކޮށްފައި ތިބޭ ބަޔަކަށްވުމުގެ އިތުރުން ޑޮކްޓަރީ މަސައްކަތްކުރުމުގެ ހުއްދަ ދައުލަތުގެ ކަމާބެހޭ އިދާރާއިން ލިބިގެން މަސައްކަތްކުރާ ބަޔަކަށްވުން ކަމާއި، މިގޮތުގެމަތިން މަސައްކަތްކުރާ ޑޮކްޓަރުން ބަލިމީހުން ބަލައި ފަރުވާދިނުމުގައި މެޑިކަލް ޕްރޮފެޝަންގައި އިސްތިޤުރާރުވެ ޘާބިތުވެފައިވާ ޢިލްމީ މަބާދިއުތަކާއި އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ފަރުވާދިނުމަކީ އެ މީހުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމާއި، އެއާޚިލާފަށް ޑޮކްޓަރަކު ފަރުވާދިނުމުގެ ސަބަބުން ބަލިމީހާއަށް ލިބޭ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު އެ ޑޮކްޓަރަކު ނުވަތަ އެ ޑޮކްޓަރު ތަބާވާ އިދާރާއަކުން، މަދަނީ މަސްއޫލިއްޔަތުގެ ޢާންމު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އުފުލަންވާނެކަމާއި، މި މަސްއޫލިއްޔަތަކީ "ތަޤްޞީރީ މަސްއޫލިއްޔަތު" (omissive liability) އެއްކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ މެޑިކަލް ޕްރޮފެޝަން ޕްރެކްޓިސްކުރުމާބެހޭ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން "ގުޑް މެޑިކަލް ޕްރެކްޓިސް: އަ ކޯޑް އޮފް ކޮންޑަކްޓް ފޮރ ޑޮކްޓަރސް އިން މޯލްޑިވްސް" މި ސުރުޚީގެ ދަށުގައި ޢާއްމުކޮށްފައިވާ ލިއުމުގައި ޑޮކްޓަރަކު އެންމެ މުހިއްމުކަމެއް ދޭންވާނީ ބަލިމީހާއަށް ދޭންޖެހޭ ޞިއްޙީ ފަރުވާއެއް ފޯރުކޮށްދިނުމަށް ކަމަށާއި، އެގޮތުން ބަލިމީހާގެ ބައްޔާ ގުޅޭ އެންމެހައި މަޢުލޫމާތު ދެނެގަތުމާއި ބަލި ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެންމެހައި ތަޙްލީލުތައް ހަދައި އެކަށީގެންވާ ފަރުވާގެ ޕްލޭންއެއް އެކުލަވާލުމާއި، ބަލިމީހާގެ ފައިދާއަށްޓަކައި، ބަލިމީހާގެ ފަރުވާއާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެހެން ޑޮކްޓަރެއްގެ ލަފާ ބޭނުންވާނަމަ އެފަދަ އެހީ ހޯދުން ނުވަތަ އެ ޑޮކްޓަރަކަށް ރިފަރކުރުން އެއީ ޑޮކްޓަރުންކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ބަޔާންކޮށްފައިވާކަމާއި، މީގެއިތުރުން، ބަލިމީހާގެ މަޢުލޫމާތު (ޕޭޝަންޓް ރެކޯޑްސް) އެންމެ ފުރިހަމަގޮތުގައި ބެލެހެއްޓުމާއި، ބަލިމީހާގެ ފަރުވާއާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި ބަލިމީހާއަށް އެންމެ ފައިދާހުރި ގޮތާއި، އެ ފަރުވާއިން ލިބިދާނެ ގެއްލުން ވަޒަންކޮށް އެ ވަގުތަށް އެންމެ އެކަށީގެންވާ ފަރުވާދިނުން ހިމެނޭކަމަށް ފާހަގަކޮށްފައިވާކަމާ، އަދި ހަމަ ބުނެވުނު ކައުންސިލުން ޢާއްމުކޮށްފައިވާ "ރެގިއުލޭޝަންސް، ގައިޑްލައިންސް އެންޑް ރޫލް އޮފް ޕްރޮސީޖަރ" ގައި ޑޮކްޓަރުންގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރު، ބަލިމީހާއަށް ފަރުވާދިނުމުގައި ޑޮކްޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކޮށް ބަލިމީހާއަށް ދޭންޖެހޭ ފަރުވާއާ ގުޅިގެން ނިންމާ ނިންމުންތައް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، މީގެ އިތުރުން ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ބ) ގައި ޚިދުމަތް ލިބިގަންނަ ފަރާތަށްދޭ ޚިދުމަތަކީ ޤައުމީ އަދި ފަންނީ މިންގަނޑުތަކާއި، ސާބިތު ހެކިތަކުގެ މައްޗަށް ބިނާކޮށް އެންމެ އެކަށީގެންވާ ޚިދުމަތެއްކަން ޚިދުމަތްދޭ ފަރާތުން ކަށަވަރުކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ އެ ދާއިރާގެ ސިޔާސަތުތަކާއި ސުލޫކީ މިންގަނޑުތަކަށް ތަބާވެ އިޙްތިރާމްކުރާ ބަޔަކަށް ވާންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 27 ވަނަ މާއްދާގައި ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތުގެ މާޙައުލުގައާއި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލުތަކުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއެކު އެ ޚިދުމަތެއް ފޯރުކޮށްދިނުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ޤަޞްދުގައި ނުވަތަ އެނގިހުރެ، ޚިދުމަތް ލިބިގަންނަ ފަރާތަކަށް ގެއްލުމެއް ލިބިދާނެފަދަ ޢަމަލެއް ނުކުރުމަށް ނުވަތަ އެފަދަ ޢަމަލެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހްމާލުނުވުން ފަދަ ކަންކަން ހިމެނޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) އާއި ދެ ޤާނޫނަކީ މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 523/MC/2008 ޤަޟިއްޔާ އެ ކޯޓުން ބެލިއިރު ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި ނުހިމެނޭ ދެ ޤާނޫނުކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިޒަމާނުގެ ކުރިއަރާފައިވާ ދައުލަތްތަކުގައި އިސްތިޤުރާރުވެފައިވާ މެޑިކަލް ޕްރޮފެޝަންއާބެހޭ ޢާންމު އުޞޫލުތަކާއި މިންގަޑުތަކަކީ މިބާވަތުގެ މައްސަލަތައް ބަލައި ފައިޞަލާކުރުމުގައި ތަޠްބީޤުކުރަންވާނެ އުޞޫލުތަކާއި މިންގަނޑުތައްކަން އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަ ކަމަކީ: ބަލިމީހުން ބަލައި ފަރުވާދިނުމުގައި މެޑިކަލް ޕްރޮފެޝަންގައި އިސްތިޤުރާރުވެފައިވާ އުޞޫލުތަކާއި ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއެކު ފަރުވާދިނުމަކީ ފަރުވާދޭ ޑޮކްޓަރުގެ މައްޗަށް ވާޖިބުވެގެންވާ އިލްތިޒާމެއްކަން އެނގެން އޮންނައިރު، އެ އިލްތިޒާމާ ޚިލާފުވުމުގެ ސަބަބުން ބަލިމީހާއަށް ލިބޭ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު އެ ޑޮކްޓަރަކު ނުވަތަ އެ ޑޮކްޓަރު ތަބާވާ އިދާރާއަކުން، މަދަނީ މަސްއޫލިއްޔަތުގެ ޢާންމު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އުފުލަންވާނެކަން އެނގެން އޮންނައިރު، މިފަދަ މަސްއޫލިއްޔަތަކީ ތިން ރުކުނެއް ނުވަތަ އުންޞުރެއް ފުރިހަމަވުމުން އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމާއި؛ ފުރަތަމަ ރުކުނަކީ ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ ބަލިމީހާއަށް ފަރުވާދިނުމުގައި ކުރެވޭ ގޯސް ތަޞައްރުފު (malpractice) ކަމާއި، ދެވަނަ ރުކުނަކީ ބަލިމީހާއަށް ގެއްލުން (damage) ލިބުން ކަމާއި، ތިންވަނަ ރުކުނަކީ ބަލިމީހާއަށް ލިބުނު ގެއްލުމާއި ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ގޯސް ތަޞައްރުފާ ދެމެދު ސަބަބީ ގުޅުމެއް (عِلاَقَة سَبَبِيَة/ causal relation) އޮތުން، ނުވަތަ ބަލިމީހާއަށް ލިބުނު ގެއްލުމަކީ ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ފަންނީ ކުށެއްގެ ނަތީޖާއެއްގެ ގޮތުން ލިބުނު ގެއްލުމަކަށްވުންކަން އެނގެން އޮންނައިރު، މަދަނީ މަސްއޫލިއްޔަތުގެ މި ޢާންމު އުޞޫލުގެ އަލީގައި ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ 03 އަހަރުގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން ހިނގަމުންދާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރި ޑޮކްޓަރ ޕަވަލް، ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާ ދިނުމުގެ ގޮތުން "ޖެންޓަމައިސިން" ދިނުމުގައި އިހްމާލުވުމުގެ ސަބަބުންތޯ، މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާއާ ގުޅިގެން މިމައްސަލައިގައި ހުށަހެޅިފައިވާ ބަޔާންވެދިޔަ އެންމެހައި ވަޤާއިޢުތަކާއި ލިޔުންތަކާއި ބަޔާންތަކަށް ރިޢާޔަތްކޮށް ބަލާއިރު،

14 ޖުލައި 2007 ވަނަ ދުވަހު ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ، ޑރ. ޕަވަލް، ޢާއިޝަތު އިޔާން އިޙްސާން ބެލި ބެލުމުން، އެ ކުއްޖާގެ ވާއަތު އަތް ދުޅަވެ އަތުގެ އިނގިލިތައް ހިސާބަކަށް ލެނބިފައި ހުރިކަމާއި، އެތަން ހުރީ ރަތްވެފައިކަމާއި، އަދި ފިތާލީމާ ތަދު ހުރިކަމާއި، މި ސަބަބުތަކަށްޓަކައި ޢާއިޝަތު އިޔާން އިޙްސާންގެ ލޭގެ ޓެސްޓް ހެދިއިރު، ލޭގެ ޓެސްޓް ނަތީޖާއިން (ލިއުކޮސައިޓޯސިސް ވިތް ނިއުޓްރޮފީލިއާ) ބެކްޓީރިއާއިން ޖެހޭ އިންފެކްޝަނެއް ހުރިކަމަށް ދެއްކުމުން، ގްރާމް ޕޮސިޓިވް އަދި ގްރާމް ނެގެޓިވް ބެކްޓީރިއާއަށް ފަރުވާކުރެވޭ އެންޓިބަޔޮޓިކެއްކަމަށްވާ "ޖެންޓަމައިސިން" ދޭން ޑރ. ޕަވަލް ނިންމިކަން މި މައްސަލައިގައި ހުށަހެޅިފައިވާ ޕްރިސްކްރިޕްޝަންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، އިޝާރާތްކުރެވުނު ލޭގެ ޓެސްޓް ނަތީޖާއަށް ބަލައި ވާއަތުގެ ހަމުގެ އެތެރޭގެ ފަށަލަތަކުގައި ދޮސް (އެބްސެސް) ހުރިކަމަށް ޑރ. ޕަވަލްއަށް ޝައްކު ކުރެވުމުން ޑރ. ޕްރަސާދު (ކޮންސަލްޓެންޓް ސަރޖަން) އަށް ޢާއިޝަތު އިޔާން އިޙްސާން ދެއްކުމަށް ލަފާދިންކަމާއި، އަދި14 ޖުލައި 2007 ވަނަ ދުވަހު އިރުއޮއްސުނުއިރު އެ ކުއްޖާ ހޭނައްތައިގެން އިންސިޝަން އެންޑް ޑްރެއިނޭޖް "އައި އެންޑް ޑީ" ހެދުމަށްޓަކައި އޮޕަރޭޝަން ކުރެވުނުކަމާއި، އޮޕަރޭޝަން ކުރީ ޑރ. ޕްރަސާދު ކަމާއި، އޮޕަރޭޝަންގައި ކުއްޖާގެ އަތުން ލޭ ކުލައިގެ ދިޔައެއް ނެގުނު ނަމަވެސް ދޮސް ހުރިކަމަށް ފާހަގަނުކުރެވޭ ކަމާއި، ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމާ ގުޅޭގޮތުން ޑރ. ޕަވަލްއާއި ޑރ. ޕްރަސާދު ކުރި މަޝްވަރާތަކުގައި އެ ކުއްޖާގައި "ފްލެގްމޯނާ"، އޮސްޓިއޯމައިލިޓިސް"، "ސެޕްޓިސީމިއާ" ފަދަ އެހެން އިންފެކްޝަންތައް ހުރެދާނެކަމުގެ އިޙްތިމާލާމެދު ޝައްކުކުރެވުނުކަމުގައި ވީނަމަވެސް އެކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ މައިކްރޯބަޔޮލޮޖިކަލް އިންވެސްޓިގޭޝަންތަކެއް ހަދާފައިވާކަން އެނގެން ނެތްކަމާއި، އަދި އިޝާރާތްކުރެވުނު އޮޕަރޭޝަންގައި ކުއްޖާގެ އަތުން ނެގުނުކަމަށް ބުނާ ލޭ ކުލައިގެ ދިޔައިންވެސް މައިކްރޯބަޔޮލޮޖިކަލް އިންވެސްޓިގޭޝަން ހަދާފައިވާކަން އެނގެން ނެތްކަމާއި، މިފަދަ ޓެސްޓްތަކަކީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެއިރު ހެދެން ނެތް ޓެސްޓްތަކެއްކަމަށް ވާނަމަ އެ ޓެސްޓްތައް ހެދޭ ފެންވަރުގެ އެހެން ހޮސްޕިޓަލަކަށް އެ ޓެސްޓްތައް ހެދުމަށް ރިފަރކޮށްފައިވާކަންވެސް އެނގެން ނެތްކަމާއި، އެހެންކަމުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާދިން ޑޮކްޓަރު އެ ކުއްޖާގެ ބަލި ޑައިގްނޮސްކުރުމުގައި ޕްރެކްޓިސްކުރެވޭ ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަން އެނގެން އޮތުމުގެ އިތުރުން، ޖެންޓަމައިސިން ފަދަ ސީރިއަސް ސައިޑް އިފެކްޓްތަކެއް އެކުލެވޭ ބޭހަކުން ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމަށް ޑރ. ޕަވަލް ނިންމައި، އެ ބޭހުން އެ ކުއްޖާއަށް ފަރުވާދޭން ފަށާފައިވަނީ، އެ ބޭހުން ފަރުވާދިނުމުގައި ކުއްޖާއަށް ލިބިދާނެ ގެއްލުމަށްވުރެ ލިބިދާނެ ފައިދާ ބޮޑުވާނެތޯ ބަލައި ވަޒަންކޮށް އަދި އެ ބޭހުން ލިބިދާނެ ގެއްލުމުގެ އަސަރުތައް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންކަން އެނގެން ނެތްކަމާއި،

ބަލިމީހާ ޑައިގްނޮސްކުރުމަށްފަހު އޭނާ ގައިގައިވާ ބައްޔާބެހޭގޮތުން ދޭންޖެހޭ މުހިއްމު މަޢުލޫމާތު އޭނާއަށް ފޯރުކޮށްދިނުމާއި އަދި އޭނާއަށް ދެވޭ ބޭހުގައި ސީރިއަސް ސައިޑް އިފެކްޓްތަކެއް ވާނަމަ އެކަން އޭނާއަށް އެންގުމާއި، ބަލިމީހާއަށް ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި އެ ބޭސް ދޭންޖެހޭގޮތުގެ ތަފްޞީލު (ދޭންޖެހޭ މިންވަރާއި ގަޑިއާއި މުއްދަތު ފަދަ މަޢުލޫމާތު) ހިމެނުމަކީ ބަލިމީހާއަށް ފަރުވާދޭ ޑޮކްޓަރުގެ އިލްތިޒާމުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމުގައި ވީނަމަވެސް، ޑޮކްޓަރ ޕަވަލް، އަޙްމަދު އިޙްސާންގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާދިނުމުގެ ގޮތުން "ޖެންޓަމައިސިން" ފަދަ ސީރިއަސް ސައިޑް އިފެކްޓްސް ހިމެނޭ އެންޓިބަޔޮޓިކެއް ދީފައިވާއިރު، އެއާގުޅޭ އެއްވެސް މަޢުލޫމާތެއް ޢާއިޝަތު އިޔާން އިޙްސާންގެ ބެލެނިވެރިއަކަށް ދީފައިނުވާކަމާއި، އަދި އެ ބޭސް ލިޔެދީފައިވާ ބޭސް ސިޓީތަކުގައި އެ ބޭސް ދޭންޖެހޭ ގޮތުގެ އެއްވެސް ތަފްޞީލެއް ހިމަނާފައިނުވާކަން ބުނެވުނު ބޭސް ސިޓީތަކަށް ބެލުމުން އެނގެން އޮންނަކަމާއި،

ޢާއިޝަތު އިޔާން އިޙްސާންއަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިން ޑޮކްޓަރު އޭނާއަށް ޖެންޓަމައިސިން ދީފައިވަނީ އެ ބޭސް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށާއި އެ ބޭސް ދިނުމުގައި އިހްމާލުވެފައި ނުވާކަން ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތުމުން، ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ އިހްމާލުންކަމަށް ޝަރްޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާގައި ނިންމާފައި އޮންނަ އޮތުމަށް ބަލާއިރު، ބުނެވުނު ޖެންޓަމައިސިން އިންޖެކްޝަން ޢާއިޝަތު އިޔާން އިޙްސާންއަށް ދީފައިވަނީ އެ ކުއްޖާގެ ބަރުދަން ރެކޯޑްކުރުމަކާ ނުލައި އަދި އެ ޢުމުރުގެ ކުއްޖަކަށް ދިނުން ހުއްދަވެގެންވާ މިންވަރަށް ވުރެ މަތީ ޑޯޒްތަކެއް ކަމަށް މި މައްސަލައިގައި ދަޢުވާކުރާ އަޙްމަދު އިޙްސާން މަދަނީ ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ޢާއިޝަތު އިޔާން އިޙްސާންގެ ރެގިއުލަރ ޕްރިސްކްރިޕްޝަންގައިވެސް، އަދި އެހެނިހެން ބޭސް ލިޔެފައިވާ ޕްރިސްކްރިޕްޝަންސްތަކުގައިވެސް ކުއްޖާގެ ޢުމުރު ރެކޯޑް ކޮށްފައިނުވާކަން އެނގެން އޮންނަކަމާއި، އަދި މި މައްސަލައިގައި މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެކްސްޕާޓް އޮޕިނިއަން ދީފައިވާ ޑރ. ޝިރިނިވާސަން ނިތިންގެ ރިޕޯޓުގައި އޭނާއަށް ލިބިފައިވާ ކަމާބެހޭ ލިޔެކިޔުންތަކުގައި ކުއްޖާގެ ހަށިގަނޑުގެ ބަރުދަނުގެ ވާހަކަ ހިމަނާފައި ނެތުމުން މަތީ މިންވަރުގެ ޑޯޒްތައް ދެވުން އެކަށީގެންވާ ކަމަށާއި، މިއީ ކުއްޖާ ބީރުވުމުގެ ސަބަބެއް ކަމަށްވުން އެކަށީގެންވާކަމެއް ކަމަށް ބަޔާންކޮށްފައިވާކަމާއި، މީގެ އިތުރުން ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިން ޑޮކްޓަރު އޭނާއަށް ޖެންޓަމައިސިން ދީފައިވަނީ އެ ބޭސް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށާއި އެ ބޭސް ދިނުމުގައި އިހްމާލުވެފައި ނުވާކަމަށް ބުނެ، އެކަން ޘާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގައި ފާޅުކަން ބޮޑު ފުށޫއެރުންތަކެއް ވާކަމާއި، މިގޮތުން ބަލާއިރު، ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިން ޑރ. ޕަވަލް ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ކުއްޖާގެ މަންމަ ކުއްޖާގެ ކަންފަތް ބެދޭކަމަށް ބުނެފައިވަނީ 17 ޖުލައި 2007 ގައި ކަމަށާއި އަދި ހަމަ އެ ދުވަހު ޖެންޓަމައިސިން ދިނުން ހުއްޓާލުމަށް ޑރ. ޕްރަސާދް އިރުޝާދު ދިންކަމަށް ބުނެފައިވާއިރު،ޑރ. ޕްރަސާދްގެ ބަޔާނުގައި ބުނެފައިވަނީ ކުއްޖާގެ މަންމަ ޝަކުވާ ކޮށްފައިވަނީ 20 ޖުލައި 2007 ގައި ކަމަށާއި އެހިސާބުން ފެށިގެން ވަގުތުން ޖެންޓަމައިސިން ދިނުން ހުއްޓާލީކަމަށާއި، އަދި ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިން ނަރުހުންގެ ތެރޭގައި ހިމެނޭ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ވޯރޑް ސިސްޓަރ ޒިމްނާ ރަޝީދު މަދަނީ ކޯޓުގެ ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި ފުރަތަމަ ބުނެފައިވަނީ ހަނދާންވާ ގޮތުން ކުއްޖާގެ އަޑު އިވުމުގެ މައްސަލަތަކެއްވާކަމުގެ ޝަކުވާތަކެއް ކުއްޖާގެ ޢާއިލާގެ ފަރާތުން ކޮށްފައިވަނީ ކުއްޖާއަށް ފަރުވާދޭން ފެށިތާ 3 ދުވަސް ފަހުންކަމަށާއި، އެދުވަހު ހެނދުނު އަޅުގަނޑާއި ޑޮކްޓަރ ކުއްޖާ ޗެކްކޮށްލާން ދިއުމުން، ކުއްޖާގެ ޢާއިލާގެ މީހުން ކުއްޖާގެ އެއް ކަންފަތަށް އަޑުނީވޭހެން ހީވާކަމުގައި ބުނެފައިވާކަމަށާއި، މިގޮތަށް ބުނުމާއެކު ޑޮކްޓަރ ކުއްޖާގެ ކަންފަތް ވަގުތުން ޗެކްކުރިކަމަށާއި، އަދި ޖެންޓަމައިސިން ދިނުން ހުއްޓާލުމަށް ޑޮކްޓަރު އެންގިކަމަށާއި، އަދި ހަމަ އެ ބަޔާނުގައި އޭގެ އަނެއް ދުވަހު ޢާއިޝަތު އިޔާން އިޙްސާންގެ ބެލެނިވެރިން ކުއްޖާ ގޮވައިގެން މާލެއަށް ދާން ބޭނުންވުމުން ކުއްޖާ ހޮސްޕިޓަލުން ޑިސްޗަރޖް ކުރީކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، ބަޔާންވެދިޔަ ފުށޫއެރުންތައް އެކުލެވިގެންވާ ހެކިބަހުގެ މައްޗަށް ބިނާކޮށް، ޢާއިޝަތު އިޔާން އިޙްސާންއަށް ޖެންޓަމައިސިން އިންޖެކްޝަން ދެވިފައިވަނީ 14 ޖުލައި 2007 އާއި 17 ޖުލައި 2007 އާ ދެމެދު ކަމަށް ދައުލަތުން ބުނާބުނުން ޝަރްޢީ އަދި ޤާނޫނީ ހަމަތަކުން ޘާބިތުވާން ނެތްކަމާއި، މީގެ އިތުރުން، ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާ ހޯދުމަށްޓަކައި 14 ޖުލައި 2007 ގައި ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދިއުމުން ޑރ. ޕަވަލް ދަރިފުޅު ބެލުމަށްފަހު ވަގުތުން އެޑްމިޓްކުރަން އަންގައި ދަރިފުޅަށް ބޭނުންވާ ބޭސް ލިޔެދިންކަމަށާއި، މިގޮތުން ޑރ. ޕަވަލް ލިޔެދީފައިވާ އެއް ބޭހަކީ ޖެންޓަމައިސިން ކިޔާ އެންޓިބަޔޮޓިކް ކަމަށާއި، ޕްރިސްކްރިޕްޝަންގައިވާ ގޮތަށް އެވަގުތު ހޯދައިގެން ދިޔައީ 80 މިލިގްރާމްގެ 2 ވަޔަލްކަމަށާއި، ދަރިފުޅު އެޑްމިޓްކުރުމަށްފަހު ހަމައެދުވަހުގެ އިރުއޮއްސޭހާއިރު ދެވަނަ ފަހަރަށް ޖެންޓަމައިސިން ޕްރިސްކްރައިބް ކޮށްފައިވާކަމަށާއި، އެފަހަރުވެސް 80 މިލިގްރާމްގެ 2 ވަޔަލް އަޙްމަދު އިޙްސާން ގަނެގެންގޮސް ނަރުހުންނާއި ޙަވާލުކުރިކަމަށާއި، 15 ޖުލައި 2007 ގައި 3 ވަނަ ފަހަރަށް ޖެންޓަމައިސިން ޕްރިސްކްރައިބް ކޮށްފައިވާކަމަށާއި، މިފަހަރު 80 މިލިގްރާމްގެ 1 ވަޔަލް މުޅިއެކު 400 މިލިގްރާމް އަޙްމަދު އިޙްސާން ގަނެގެންގޮސް ނަރުހުންނާ ޙަވާލުކޮށްފައިވާކަމަށާއި، 17 ޖުލައި 2007 ގައި ޖެންޓަމައިސިން ދިނުން ހުއްޓާލިކަމަށާއި، އެހާތަނަށް ދީފައިވަނީ 30 މިލިގްރާމްގެ 7 ޑޯޒްކަމަށް ދަޢުވާލިބޭ ދައުލަތުގެ ފަރާތުން ބުނާއިރު، އެ 7 ޑޯޒް ދިނުމުން ބާކީވާ 190 މިލިގްރާމްއަށް ވީގޮތް އެފަރާތުން ސާބިތުކޮށްދީފައިނުވާ ކަމަށާއި، ދަޢުވާލިބޭ ފަރާތުން ހުށަހެޅި ހެއްކެއް ކަމުގައިވާ ޚަދީޖާ ޔޫސުފް (ގދ. ތިނަދޫ ހޮސްޕިޓަލްގެ ސްޓާފް ނަރސް ގްރޭޑް 1) ގެ ބަޔާނުގައިވާ ގޮތުގައި އިތުރުވާ ބޭސް ބެލެނިވެރިންނާ ޙަވާލުކުރާ ކަމަށާއި، ނަމަވެސް ޖެންޓަމައިސިންގެ ބާކީވި އެއްވެސް މިންވަރެއް އަޙްމަދު އިޙްސާންއާ ޙަވާލުކޮށްފައިނުވާ ކަމަށާއި، އަދި ޖެންޓަމައިސިންގެ ބާކީވި 190 މިލިގްރާމްއަށް ހޮސްޕިޓަލްގެ ފަރާތުން ހެދި ގޮތެއް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް އަޙްމަދު އިޙްސާންގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުން އެނގެން އޮންނައިރު، އެކަމަށް ދައުލަތުގެ ފަރާތުންވެސް އިންކާރުކޮށްފައި ނުވާކަމާއި، މީގެ އިތުރުން، ޢާއިޝަތު އިޔާން އިޙްސާންއަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިން ގޮތުގެ ރެކޯޑުތަކަށް ބަދަލު ގެނެސްފައިވޭތޯ ކަށަވަރުކުރުމަށްޓަކައި އެ ލިޔުންތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމުން އެ ސަރވިސްގެ ފޮރެންސިކް ސަރވިސް ޑިރެކްޓަރޭޓްގެ ފިޒިކަލް އެވިޑެންސް ޔުނިޓުން ތަޙުލީލުކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓަށާއި އެ ލިޔުންތައް ތަޙުލީލުކުރި ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދީފައިވާ ހެކިބަހުގެ މައްޗަށް ބަލާއިރު، އެ ލިޔުންތަކަށް ބަދަލު ގެނެވިފައިވާކަން ސާބިތުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2009/HC-A/368 ޤަޟިއްޔާ ބެލި ފަނޑިޔާރުން ފާހަގަކުރި ނުކުތާތަކުގެ ތެރެއިން 4 ވަނަ ނަންބަރުގެ (ކ) ގައި ބަޔާންކޮށްފައިވާކަމާއި، ބުނެވުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެ ރިޕޯޓުގެ 1 ގެ (ހ) ގައި ޢާއިޝަތު އިޔާން އިޙްސާން ނަންމަތީގައި ފުރާފައިވާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ރެގިއުލަރ ޕްރިސްކްރިޕްޝަންގެ ދެ ތަނެއްގައި ޓިޕެކްސް ޖަހާފައިވާ ކަމަށާއި، ޓިޕެކްސް ޖަހާފައިވަނީ ތާރީޚެއް ލިޔެފައިވާ ތަނެއްގަޔާއި، އަދި އިނގިރޭސިން "ގިވަން" (Given) މިހެން ޖަހާފައި އޮތް ތަނެއްގައި ކަމަށާއި، އަދި އެ ރިޕޯޓުގެ 1 ގެ (ށ) ގައި "ނަރސަސް ނޯޓްސް" ގައި "ޢާއިޝަތު އިޔާން" މިހެން އިނގިރޭސިން ލިޔެފައިވަނީ އޭގެކުރިން "އައިމިނަތު ފަރިޔާލު" މިހެން ޖަހާފައިވަނިކޮށް ޓިޕެކްސް ޖެހުމަށްފަހުގައި ކަމަށާއި އަދި ބެޑް ނަންބަރު މިހެން އޮންނަ ތަނުގައި "SW02" މިހެން ޖަހާފައިވަނީ އޭގެ ކުރިން "PVT2" މިހެން ލިޔެފައިވަނިކޮށް ޓިޕެކްސް ޖެހުމަށްފަހުގައި ކަމަށާއި، އަދި އެ ރިޕޯޓުގެ 1 ގެ (ރ) ގައިވާ ޑިސްޗާޖް ކާޑުގެ ކޮޕީއެއްކަމަށް ބުނާ ލިޔުމާއި ޑިސްޗާޖް ކާޑުގެ އޮރިޖިނަލްކަމަށް ބުނާ، މި ދެ ލިޔުން، މި ދޭތީގައި ޑޮކްޓަރު ފުރާފައިވާކަމަށް ބެލެވޭ ޑައިގްނޯސިސްއިން ފެށިގެން ގޮސް އޭގެ ތިރީގައިވާ ލިޔުންތައް V.S.C 6000 ބޭނުންކޮށްގެން ސުޕަ އިމްޕޯސްކުރުމުން ހުރިހާ އެއްޗެއް ބަރާބަރަށް ދިމާވާކަމަށާއި، އޭގެ މާނައަކީ އެ ދެ ލިޔުމުގެ ކޮޕީއަކީ އޭގެ އަޞްލުން ނެގިފައިވާ ކޮޕީ ކަމަށާއި، އިންޕޭޝަންޓް ފޯލްޑަރގައި ފައިލް ނަންބަރު 584 ގައިވާ އަތުލިޔުމަކީ، ދެ މީހެއްގެ ލިޔުންކަމަށް ފާހަގަކުރެވޭ ކަމާއި، އެއީ ދެ ޑޮކްޓަރެއްގެ ލިޔުމެއް އޭގައިވާތީ އެގޮތަށް އައިޑެންޓިފައި ކުރެވިފައިވާތީ ކަމާއި، އިންޕޭޝަންޓް ރެކޯޑަކީ ކޮޕީއެއްކަމަށް ނުފެންނަކަމަށާއި، އެ ލިޔުމުގައި އަޞްލެއްކަމަށް ފާހަގަކުރެވޭ ވަރަށް ގިނަ ފީޗާސްތަކެއް ފާހަގަކުރެވޭ ކަމާއި، އަދި އެ ރިޕޯޓުގެ 7 ގެ (1) ގެ (އ) ގައި އިންޕޭޝަންޓް ރެކޯޑްގައި ކަޅުކުލައިގެ ޤަލަމަކުން އިނގިރޭސިން "stop" މިހެން ލިޔެފައިވާ އަތުލިޔުމާއި އަދި ނޫކުލައިގެ ޤަލަމަކުން 15 ޖުލައި 2007 މިހެން ތާރީޚް ޖަހައި ލިޔެފައިވާ އަތުލިޔުމަކީ އިންޕޭޝަންޓް ރެކޯޑުގައި ލިޔެފައިވާ އެންމެހާ ތަކެތީގެ ފަހުން ލިޔެފައިވާ ތަކެތިތޯ ނުވަތަ ނޫންތޯ މިހާރު ބޭނުންކުރެވޭ ވަޞީލަތްތަކުގެ އަލީގައި ހޯދިފައިނުވާ ކަމަށާއި، އަދި އެ ރިޕޯޓުގެ 8 ގެ (1) ގެ (ވ) ގައި އިންޕޭޝަންޓް ރެކޯޑްސްގައި ލިޔެފައިވާ އެންމެހައި ލިޔުންތަކުގެ ތެރެއިން ކުރިން ނުވަތަ ފަހުން ލިޔެފައިވަނީ ކޮން ލިޔުމެއްތޯ، މިހާރު އަތުގައި ހުރި ވަސީލަތްތަކުގެ އެހީގައި ހޯދިފައިނުވާކަމަށް އިޝާރާތްކުރެވުނު ފޮރެންސިކް ރިޕޯޓުގައި ބުނެފައިވާކަން އެނގެން އޮންނައިރު، ހޮސްޕިޓަލުގައި ހުރި ޢާއިޝަތު އިޔާން އިޙްސާންގެ ރެކޯޑު ޝީޓްތަކަށް ބަދަލު ގެނެވިފައިވާކަން ފޮރެންސިކް ތަޙުލީލުތަކުން ސާބިތުވެފައިވާއިރު، އަދި އޭގެ "މިޞްދާޤިއްޔަތު" (credibility) ގެއްލި، އޭގެ ޞައްޙަކަމާމެދު ޝައްކު އުފެދިފައިވާ ރެކޯޑު ޝީޓުތަކެއްގެ މައްޗަށް ބިނާކޮށް، އަދި އެފަދަ ރެކޯޑް ޝީޓުތަކުގައި ބަޔާންވެގެންވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ތައްޔާރުކޮށްފައިވާ އެކްސްޕާޓް އޮޕިނިއަންގެ މައްޗަށް ބިނާކޮށް، ޢާއިޝަތު އިޔާން އިޙްސާންއަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިން ޑޮކްޓަރު އޭނާއަށް ޖެންޓަމައިސިން ދީފައިވަނީ އެ ބޭސް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށާއި އެ ބޭސް ދިނުމުގައި އެ ޑޮކްޓަރު އިހްމާލުވެފައި ނުވާކަން މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ބެލެވެން ނެތްކަމާއި،

ޢާއިޝަތު އިޔާން އިޙްސާންއަށް ޖެންޓަމައިސިން ދިނުމަށްފަހުގައި އޭނާގެ އިވުން ގެއްލިފައިވަނީ އޭނާގެ ހަށިގަނޑުގައި ހުރި ޚާއްޞިއްޔަތެއްގެ ސަބަބުންކަމަށް ޝަރީޢަތަށް ބުރަވެވޭކަމަށް މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނައޮތުމަށް ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާއިން ތާއީދުކޮށްފައިވަނީ އެކަން ކަށަވަރުކުރުމަށްޓަކައި ހުށަހެޅުނު އެއްވެސް ޓެސްޓެއް އަދި އެނޫންވެސް ހެއްކެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަން އެނގެން އޮންނައިރު، އެކަން ކަށަވަރުކުރުމަށް ކަމާބެހޭ ލެބޯޓްރީއަކުން ކޮށްފައިވާ ޓެސްޓެއްގެ ރިޕޯޓް ޑޮކިއުމެންޓަރީ އެވިޑެންސް އެއްގެ ގޮތުގައި މި ކޯޓުގައި 18 އޮގަސްޓް 2016 ގައި ބޭއްވުނު އަޑުއެހުމުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ކަމާއި، ބުނެވުނު ރިޕޯޓަކީ ޢާއިޝަތު އިޔާން އިޙްސާންގެ "ޖީން ޓެސްޓިން ފޯ ޖެންޓަމައިސިން ސެންސިޓިވިޓީ" ރިޕޯޓް ކަމާއި، އެއީ ސްރީލަންކާގެ ކްރީޑެންސް ޖެނޯމިކްސް ކިޔާ ލެބޯޓްރީއަކުން ޓެސްޓްކޮށް، ދީފައިވާ ޑޮކިއުމެންޓެއް ކަމާއި، މި ޑޮކިއުމަންޓްގެ 3 ވަނަ ޞަފްޙާގައި އަޙްމަދު އިޙްސާންއަށް އެޑްރެސްކޮށް ބަޔާންކޮށްފައިވަނީ، މިއީ އަޙްމަދު އިޙްސާންގެ ދަރިފުޅުގެ ޑީއެންއޭ ޓެސްޓްކޮށް ހަދާފައިވާ ސަމަރީއެއް ކަމަށާއި، މި ޑޮކިއުމަންޓާއެކު ޓެސްޓް ކުރުމަށް ބޭނުންކުރެވުނު ސައިންޓިފިކް ޕޭޕަރުތަކާއި އަދި ޓެސްޓްގެ ނަތީޖާ އެއްއުރަކޮށްފައިވާނެ ކަމަށާއި، މި ނަތީޖާ ބިނާވެފައިވަނީ ވަކި ޚާއްޞަ ޖީންއެއްގެ ސަބަބުން ޖެންޓަމައިސިން ބޭނުންކުރުމުން ކުރާ އަސަރުތަކުގެ މައްޗަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށްކަމާއި، މި ރިޕޯޓުގައި އިސްތިޚްލާޞްކޮށްފައިވާ ނަތީޖާއަކީ މި ރިޕޯޓުގައި ޑީއެންއޭ ޓެސްޓްކުރެވުނު ފަރާތުގެ ހަށިގަނޑުގައި ޖެންޓަމައިސިންގެ ނުވަތަ އެ ގްރޫޕުގެ / އެބާވަތުގެ ބޭސްތަކުން ކުރާ އަސަރެއްގެ ސަބަބުން އިވުން ގެއްލިގެންދާ ފަދަ ޚާއްޞިއްޔަތެއް ނެތްކަމަށްކަން، ބުނެވުނު "ޖީން ޓެސްޓިން ފޯ ޖެންޓަމައިސިން ސެންސިޓިވިޓީ" (Gene testing for Gentamycin Sensitivity) ރިޕޯޓަށް ބެލުމުން އެނގެން އޮންނައިރު، ބުނެވުނު ޓެސްޓްގެ ނަތީޖާއިން ޢާއިޝަތު އިޔާން އިޙްސާންއަށް ޖެންޓަމައިސިން ދިނުމަށްފަހުގައި އޭނާގެ އިވުން ގެއްލިފައިވަނީ އޭނާގެ ހަށިގަނޑުގައި ހުރި ޚާއްޞިއްޔަތެއްގެ ސަބަބުންކަން ނަފީވެގެންދާކަމާއި، އެހެންކަމުން، ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް އެޑްމިޓްކުރެވުނުއިރު، ކަންފަތުގެ އިވުމުގައި އެއްވެސް މިންވަރެއްގެ މައްސަލައެއް ހުރިކަން ރެކޯޑްކުރެވިފައި ނުވާ ޢާއިޝަތު އިޔާން އިޙްސާންއަށް އެ ހޮސްޕިޓަލުގައި ޖެންޓަމައިސިން ދިނުމަށްފަހުގައި އޭނާގެ އިވުން ގެއްލިފައިވަނީ އޭނާއަށް ޖެންޓަމައިސިން ދިންދިނުން ފިޔަވައި އިތުރު އެއްވެސް ސަބަބެއް މެދުވެރިވެގެންކަން ދައުލަތަށް ޘާބިތުކޮށްދެވިފައި ނުވާއިރު، މި މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ހެކިތަކާއި ޤަރީނާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ އެންމެހައި ވަޤާއިޢުތަކަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދިން ޑޮކްޓަރު އޭނާއަށް "ޖެންޓަމައިސިން" ދިނުމުގައި ތަބާވާންޖެހޭ ފަންނީ މިންގަނޑުތަކާއި އުޞޫލުތަކާ ޚިލާފަށް އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަމާއި ޢިނާޔަތްތެރިކަން ބެހެއްޓުމަކާ ނުލައި، އޭނާގެ މަޤާމުފަދަ މަޤާމެއްގައި ހުރެ ޚިދުމަތްދޭ އެހެން ޑޮކްޓަރަކު ޢަމަލުކޮށްފާނެ ކަމަށް ޤަބޫލުކުރެވޭ ޕްރޮފެޝަނަލް މިންގަނޑުތަކާ ޚިލާފަށްކަން އެނގެން އޮންނާތީ، ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދިން ޑރ. ޕަވަލް، ޢާއިޝަތު އިޔާން އިޙްސާންއަށް "ޖެންޓަމައިސިން" ދިނުމުގައި އިހްމާލުވުމުގެ ސަބަބުންކަން ޝަރީޢަތަށް ޘާބިތުވާން އޮންނަކަން ޘާބިތުކުރުމުގެ މިންގަނޑުތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނަކަމެވެ.

(އ) އަށްވަނަ ކަމަކީ: ޢާއިޝަތު އިޔާން އިޙްސާން 14 ޖުލައި 2007 ދުވަހު މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން ހިނގަމުންދާ، ގދ. ތިނަދޫ ރީޖަނަލް ޙޮސްޕިޓަލަށް ގެނެސް ބަލިމީހެއްގެ ގޮތުގައި ރަޖިސްޓްރީވުމުން އޭނާއަށް ފަރުވާދިނުމުގެ ޤާނޫނީ ޒިންމާ އެ ހޮސްޕިޓަލުގެ މައްޗަށް އޮތްކަމީ ޚިލާފެއް އޮތްކަމެއް ނޫންކަމުގައިވާއިރު، އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރ ޕަވަލް ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމުގެ ގޮތުން އޭނާއަށް ޖެންޓަމައިސިން ދިނުމުގައި އިހްމާލުވެފައިވާކަން އިސްވެ ބަޔާންވެދިޔަ އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް ޝަރީޢަތަށް ޘާބިތުވާން އޮންނާތީ، އެ އިހްމާލުގެ ސަބަބުން ޢާއިޝަތު އިޔާން އިޙްސާންގެ އަޑުއިވުމުގެ ޙިއްޘު އެއްކޮށް ގެއްލިފައިވާތީ އެ ގެއްލުމުގެ ބަދަލަކީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް އެ އިދާރާއެއްގެ އޮތޯރިޓީގެ ދަށުން ހިނގާ މިނިސްޓްރީ އޮފް ހެލްތުން ޢާއިޝަތު އިޔާން އިޙްސާނަށް ދައްކަންޖެހޭ ބަދަލެއްކަން މަދަނީ މަސްއޫލިއްޔަތުގެ ޢާންމު މަބްދައުތަކާއި، ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނައިރު، މިފަދަ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ ޙަޤީޤަތުގައި މަދަނީ ޤާނޫނުގައި އިސްތިޤުރާރުވެފައިވާ ތަޤްޞީރީ މަސްއޫލިއްޔަތާގުޅޭ އަޙްކާމުތަކުގެ އިތުރުން މާތް ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވާ "لا ضَرر ولا ضِرار" މި ނައްޞުންކަމާއި، މި ނައްޞަކީ ޙަޤީޤަތުގައި، މުޠްލަޤުގޮތަކަށް ހުރިހާ ސިފައެއްގައި ގެއްލުން މަނާކުރުމަށް ބާރުއަޅާ، އިސްލާމީ ފިޤްހުގައި އިސްތިޤްރާރުވެފައިވާ ޢާންމު ފިޤްހީ ޤާޢިދާއެއްކަމާއި، މި ޤާޢިދާއަށް ރިޢާޔަތްކޮށް ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިފައިވާ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނޭ މަޞްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށްވެގެން ނުވާނެކަން އެނގެން އޮންނައިރު، ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވާތީވެ، ޑޮކްޓަރުގެ އިހްމާލުންވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އަޙްމަދު އިޙްސާންގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި ހޯދުމަށް އެދިފައިވާ ބަދަލުގެ ޖުމްލަ ޢަދަދަކީ 7,119,100/-ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) ކަމާއި، މި ޢަދަދަށް ވާޞިލުވެފައިވަނީ، ދެ ކަންފަތް އޮޕަރޭޝަންކޮށް ކޮކްލިއަރ އިމްޕްލާންޓް ހަރުކުރުމާއި ހަރުކުރުމަށްފަހު ރިހެބިލިޓޭޓްކުރުމުގެ ޚަރަދުގެ ގޮތުގައި 719,600/-ރ. (ހަތްލައްކަ ނަވާރަހާސް ހަސަތޭކަ ރުފިޔާ) އާއި، ކުއްޖާ ދުނިޔޭގައި ހުރިހައި ދުވަހަކު ކޮންމެ 6 މަހަކުން ކޮކްލިއަރ އިމްޕްލާންޓް ސަރވިސްކުރުމަށާއި، ބެޓެރި ލެއްވުމަށާއި ސްޕެއަރ ޕާޓްސް ލެއްވުމަށް ކޮންމެ ފަހަރަކަށް USD1000/- ގެ މަގުން 35 އަހަރު ދުވަހަށް 899,500/-ރ. (އަށް ލައްކަ ނުވަދިހަ ނުވަހާސް ފަސްސަތޭކަ ރުފިޔާ) އާއި، މިހާތަނަށް މިކަމަށް ހިނގާފައިވާ ޚަރަދަށް 300,000/-ރ. (ތިންލައްކަ ރުފިޔާ) އާއި، އޮޕަރޭޝަންކޮށް ދެ ކަންފަތުގައި ކޮކްލިއަރ އިމްޕްލާންޓް ހަރުކުރުމަށް ރާއްޖެއިން ބޭރުގައި ތިބުމުގެ ޚަރަދުގެ ގޮތުގައި 200,000/-ރ. (ދެލައްކަ ރުފިޔާ) އާއި، ކުއްޖާ ޢުމުރު ދުވަހަށް ނުކުޅެދޭ މީހަކަށް ވުމުން އޭނާއަށް މުސްތަޤުބަލުގައި ދިރިއުޅުމަށްޓަކައި ކުރެވޭނެ މަސައްކަތަކުން މަޙްރޫމްވެފައިވާތީ ލިބޭނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 3,000,000/-ރ. (ތިން މިލިއަން ރުފިޔާ) އާއި، ކުއްޖާއަށް ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,000,000/-ރ. (ދެ މިލިއަން ރުފިޔާ) އާއި އެކު ޖުމްލަ 7,119,100/-ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) އާއި، މިގޮތުގެމަތިން ހިސާބުކޮށްގެންކަމާއި، މި ހިސާބުތައް ޘާބިތުކޮށްދިނުމުގެ ގޮތުން މި މައްސަލައިގައި ދަޢުވާކުރާ އަޙްމަދު އިޙްސާންގެ ފަރާތުން ކަމާބެހޭ ފަރާތްތަކުން ދީފައިވާ އެސްޓިމޭޓްތަކާއި ލިޔުންތައް ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، މި މައްސަލައިގައި ދަޢުވާކުރާ އަޙްމަދު އިޙްސާންގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ބަދަލަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ "މަޢުޤޫލު" (reasonable) ބަދަލެއްކަން އެނގެން އޮންނަކަމެވެ.

(ވ) ނުވަވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 523/MC/2008 ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 2009/HC-A/368 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ނޫންކަން އެނގެން އޮންނާތީ އެ ދެ ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭކަން އެނގެން އޮންނަކަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި ދެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައެޅުމާއެކު،

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުން ގެންދާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ޕަވަލް، ގދ. ފަރެސް، ހަނދުވަރީގޭ އަޙްމަދު އިޙްސާންގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން (ޙާދިޘާ ހިނގިއިރު 3 އަހަރު) ބަލައި ފަރުވާދިނުމުގެ ގޮތުން "ޖެންޓަމައިސިން" ދިނުމުގައި، އިހްމާލުވެފައިވާކަމާއި، އެ އިހްމާލުގެ ސަބަބުން ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން އެއްކޮށް ގެއްލިފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް ޘާބިތުވެފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތު (ދައުލަތު) ގެ ކިބައިން ނަގައިދިނުމަށް މަދަނީ ކޯޓުގެ ނަންބަރު 523/MC/2008 ޤަޟިއްޔާގައި ގދ. ފަރެސް، ހަނދުވަރީގޭ އަޙްމަދު އިޙްސާންގެ ފަރާތުން އެދިފައިވާ 7,119,100/-ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) އަކީ ދައުލަތުގެ ފަރާތުން ގދ. ފަރެސް، ހަނދުވަރީގޭ އަޙްމަދު އިޙްސާންއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ