މުސްތަފާ މުޙައްމަދުދީދީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2020/SC-A/91
ޝަރީޢަތް ނިމުނުގޮތް
މުޞްޠަފާ މުޙައްމަދުދީދީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު
02 ފެބްރުއަރީ 2022އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2019/HC-A/388
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މުސްތަފާ މުޙައްމަދުދީދީ، (ދ.ރ. އަންގައިދޭ ކާޑު ނަންބަރު
ޤާނޫނީ ވަކީލު:
ޤާނޫނީ ވަކީލު:
ޕަބްލިކް ޕްރޮސިކިއުޓަރ އިބްރާހީމް ނާޞިޙް،
ޕަބްލިކް ޕްރޮސިކިއުޓަރ ފަރަހަނާޒް މުޙައްމަދުދީދީ
ނޫރުއްސަލާމް އަބޫބަކުރު
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ، ޤާނޫނުއަސާސީގެ 60 ވަނަ މާއްދާ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ، މަކަރާއި ހީލަތްހެދުން، ޚިޔާނާތްތެރިވުން، ތަޙުޤީޤު ފުރިހަމަނުވާކަމަށް ބުނެ ދަޢުވާ ބާޠިލުކުރުން، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުން، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން މައްސަލަ ބަލައިގަނެފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަން، އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުން، ޑަބަލް ޖެޕަރޑީ، ބްލޮކްބަރގަރ ޓެސްޓާއި (Blockburger test) ކޮލެޓަރަލް އެސްޓޮޕެލް (collateral estoppel)، ތަފާތުކުރުން
މުޞްޠަފާ މުޙައްމަދުދީދީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
ހ. އެކްސެލް، މުޞްޠަފާ މުޙައްމަދުދީދީ (ދ. ރ. އަންގައިދޭ ކާޑު ނަންބަރު އަލްފަތުހު ހައްޖު އެންޑް ޢުމުރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑު (މީގެ ފަހުން "އަލްފަތުހު ހައްޖު އެންޑް ޢުމުރާ ގުރޫޕް") ގެ މެނޭޖިންގ ޑައިރެކްޓަރުގެ ގޮތުގައި ހުރެ އެ ކުންފުންޏަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ދޫކޮށްފައިވާ ކޯޓާގެ އިތުރަށް، އެ އަހަރު މީހުން ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު، ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސާދީފައިނުވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް") މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާއާއި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގައި ޙުކުމްކުރީ އެ ގަޒިއްޔާއިން ބެލި މަކަރާއި ހީލަތް ހެދުމުގެ ކުށް މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. އަދި އެ ޙުކުމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 631/Cr-C/2015 ގަޒިއްޔާއިން ބެލުނު ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާވެސް ބާޠިލުކަމަށެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާއާއި ނަންބަރު 631/Cr-C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. މި ދެ މައްސަލަ ހައިކޯޓުގައި ބެލީ އެ ކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާއިންނެވެ. ހައިކޯޓުގެ ގަޒިއްޔާގައި ޙުކުމްކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމުގެ އެ ބަޔަށް ތާއީދުކޮށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ނަންބަރު 631/Cr-C/2015 ގަޒިއްޔާ ބާޠިލުކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، އެ ގަޒިއްޔާ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރިއެވެ.
މިއީ ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން އެ މައްސަލައާމެދު ނިންމި ގޮތެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް
މި ހާދިސާއާ ގުޅިގެން މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ހުށަހެޅުނު ދެ ދަޢުވާއެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިއައެވެ. އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 746/ކރކ/2015/1869 ދަޢުވާ ފޯމުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 747/ކރކ/2015/1869 ދަޢުވާ ފޯމުން އުފުލުނު ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ. މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާ ބަލައިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގައެވެ. އަދި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 631/Cr-C/2015 ގަޒިއްޔާގައެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގައި މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުނުވާކަމަށް އޮތް އޮތުމަށް ހައިކޯޓުންވެސް ތާއީދުކޮށްފައިވާއިރު، އެ މައުލޫއުއާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ސުޕްރީމް ކޯޓުގައި ސުވާލު އުފައްދާފައިނުވެއެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލައާ ގުޅިގެން އަލިއަޅުވާލާނީ، މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިފައިވާ މައްސަލައާ ސީދާ ގުޅުންހުރި ނުކުތާތަކަށެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާ ބެލުނު ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގައި ޙުކުމްކުރީ އެކުށް މުޞްތަފާ މުޙައްމަދުދީދީގެ މައްޗަށް ސާބިތުނުވާކަމަށެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވެފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ އާއި މި ދަޢުވާއަކީ ފުރިހަމަނުވާ ތަހުޤީޤެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދަޢުވާއެއްކަމަށް ފާހަގަކޮށެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 631/Cr-C/2015 ގަޒިއްޔާއިން ބަލަމުންދާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާވެސް ބިނާވެފައިވަނީ އެއް ތަޙުޤީޤެއްގެ މައްޗަށްކަމަށް ފާހަގަކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގައި ޙުކުމްކުރުމާއެކު، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއަކީ ބާޠިލުވެފައިވާ ތަޙުޤީޤެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކަށްވާނެތީ، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އުފުލުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 747/ކރކ/2015/1869 ދަޢުވާ ފޯމު ބާޠިލުކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގައި ޙުކުމްކުރިއެވެ. އެ ޙުކުމް ބިނާވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.
(ހ) މައްސަލައިގައި ހުށަހެޅުނު ކިތާބީ ހެކިތަކަށް ބަލާއިރު، ބަޔަކު މީހުންނަށް އޮޅުވާލުމުގެ ގޮތުން، މުޞްޠަފާ މުޙައްމަދުދީދީ އަމިއްލަ ހައިސިއްޔަތުން ވަކި ޢަމަލެއް ކޮށްފައިވާކަން ނުވަތަ ޙައްޖަށް ގެންދިއުމަށް ކުންފުނިން ނެގި ފައިސާއާމެދު ކުންފުނިން ނިންމާފައިވާ ގޮތަކާ ޚިލާފަށް ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކުރުމަށް ކުންފުނީގެ މުވައްޒަފަކަށް އިރުޝާދުދީފައިވާކަންވެސް އެނގެން ނެތް ހިނދު، އަލްފަތުހު ހައްޖު އެންޑް ޢުމުރާ ގުރޫޕްގައި ބާކީ ތިބި ޑައިރެކްޓަރުންނާއި ކުންފުނީގެ އެކި މުވައްޒަފުން ފިޔަވައި، ހަމައެކަނި މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ތުހުމަތުކޮށްގެން ތަހުޤީޤު ހިންގައި، ހަމައެކަނި މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ދަޢުވާކޮށްފައި އޮންނަ އޮތުމާއި، އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީގެ އެހެން މުވައްޒަފުންނާ ސުވާލުކޮށް ތަޙުޤީޤުކޮށްފައިނުވުމަކީ ޖިނާއީ ތަޙުޤީޤެއް ފުރިހަމަކޮށްފައި ނުވާކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ސަބަބެއްގެ އިތުރުން، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ޙައްޤާ ޚިލާފުވާ ކަމެއްކަން.
(ށ) ދައުލަތުން ހުށަހެޅި އަލްފަތުހު ހައްޖު އެންޑް ޢުމުރާ ގުރޫޕްގެ ޙާޖީންގެ ދަތުރާއި ގުޅޭ ކަންކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ތައްޔާރުކޮށްފައިވާ އަލްފަތުހު ޙައްޖު އެންޑް ޢުމުރާ ގުރޫޕުން 1435 ވަނަ އަހަރު ޙައްޖަށް ގެންދިއުމަށްޓަކައި ވިސާ ލިބިފައިވާ މީހުން ހައްޖަށް ގެންދިއުމުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހުމަށް މެދުވެރިވި ސަބަބާއި، އެމީހުން ޙައްޖަށް ފޮނުވުމަށްޓަކައި މަސައްކަތްކުރެވުނު ގޮތުގެ ޚުލާޞާ ރިޕޯޓުގައި، މައްސަލައިގެ ހާދިސާއާ ގުޅޭ އަސާސީ ކަންތައްތަކެއް ފާހަގަކޮށްފައިވާއިރު، އެއިން އެއްވެސް ރިޕޯޓެއް ތައްޔާރުކޮށް ލިޔުނު ފަރާތަކީ ކޮން ފަރާތެއްކަން އެ ރިޕޯޓުތަކުން އެނގެން ނެތަތީ، އެ ރިޕޯޓުތަކާއި ގުޅިގެން ސުވާލުކުރުމުގެ ފުރުޞަތު މުޞްޠަފާ މުޙައްމަދުދީދީއަށް ލިބިގެންނުދާނެ ގޮތަކަށް އެ ރިޕޯޓުތަކަށް ޝަރީޢަތުން ބުރަވެވިދާނެ ހަމައެއްނެތުމާއި، މި އެންމެހައި ކަންކަމަށް ބެލިއިރު، މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޖިނާއީ ތަޙުޤީޤެއް އެކަށީގެންވާ ގޮތެއްގައި ކުރެވިފައިނުވާ، ފުރިހަމަނޫން ތަޙުޤީޤެއްގެ މައްޗަށްކަން.
(ނ) މަކަރާއި ހީލަތާ ގުޅޭ ދަޢުވާއާ ގުޅިފައިވާ ތަޙުޤީޤުގެ މައްޗަށް ބިނާކޮށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާއިރު، މި ދެ ދަޢުވާ ދައުލަތުން ބިނާކޮށްފައިވަނީ އެއް ތަޙުޤީޤެއްގެ މައްޗަށް ކަމަށްވުމާއި، މި ދެ ދަޢުވާ ބިނާކޮށްފައިވާ ތަޙްޤީޤަކީ އެކަށީގެންވާ ތަޙްޤީޤެއްކަމަށް ޝަރީޢަތަށް ނުފެންނަކަން.
މި ސަބަބުތަކުގެ މައްޗަށް ބުރަވެ ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގައި ޙުކުމްކުރީ، މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ކޮށްފައިވާ ދެދަޢުވާ ބިނާކޮށްފައިވާ ތަޙުޤީޤަކީ ފުރިހަމަ ނޫން ޤާނޫނީ ގޮތުން ބާޠިލު ތަޙުޤީޤެއްކަމަށް ކަނޑައަޅައި، މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ދައުލަތުން ކުރި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް، މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ހުށަހެޅުނު ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގެ ޙުކުމުން ކަނޑައެޅި ނިޔާގެ ބާރުން ބާޠިލު ދަޢުވާއަކަށްވީ ހިނދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 747/ކރކ/2015/1869 ދަޢުވާ ފޯމު ބާޠިލުކޮށެވެ. އެހެންގޮތަކަށް ބުނާނަމަ، ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާއިން އެ ކޯޓުގެ ނަންބަރު 631/Cr-C/2015 ގަޒިއްޔާގައި ހުށަހެޅި ދަޢުވާ ފޯމު ބާޠިލުކުރީއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާއާއި ނަންބަރު 631/Cr-C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގައި ކުރި ޙުކުމުގެ އެ ބަޔަށް ތާއީދުކޮށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ނަންބަރު 631/Cr-C/2015 ގަޒިއްޔާ ބާޠިލުކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، އެ ގަޒިއްޔާ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރިއެވެ. ހައިކޯޓުން މި ޙުކުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) މި މައްސަލައަކީ އިސްތިއުނާފުކުރުމަށް އޮތް މުއްދަތު ފަހަނައަޅައިދިއުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެއްކަމަށް ބުނެ މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ހުށަހެޅި ނުކުތާއާ ގުޅިގެން، މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުގެ ހުއްދައަށް އެދުމުން، ހުށަހެޅި ސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ބަލައި 27 ފެބްރުއަރީ 2019 ގައި ހުއްދަ ދީފައިވާކަން އެނގެން އޮންނަކަމަށާއި، މި ހުއްދައިގެ ދަށުން އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމުގައި ލަސްތަކެއް ވެފައިވީނަމަވެސް، މި ގޮތަށް ހުއްދަދޭ މައްސަލަ ހުށަހެޅުމަށް ވަކި މުއްދަތެއް ބަޔާންކުރާ އުޞޫލެއް އޭރުގައި ނޯންނަކަމާއި، އަދި ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ހައިކޯޓުންވެސް އަންގާފައިނުވާއިރު، މިއީ ހައިކޯޓުން ކުރިން ޢަމަލުކުރަމުން އައި ގޮތްކަމަށް ވުމުން، މި މައްސަލަ ހައިކޯޓުގައި ބަލައި ހިންގެން ނެތް ޤާނޫނީ ސަބަބެއް ނެތްކަން.
(ށ) މައްސަލައެއްގެ ތަޙުޤީޤު ހިންގި ހިންގުމުގައި ޤާނޫނުގައި ބުނާ ގޮތާއި އެއްގޮތަށް އަދި އިޖުރާއަތުތަކާއި ޚިލާފުވުމެއް ނުވާ ގޮތުން، ވަކި މީހަކާއި ސުވާލު ނުކުރެވި އޮތުމަކީ ނުވަތަ ވަކި ލިޔުމެއް ތަޙުޤީޤު ތެރެއިން ނުބެލި އޮތުމަކީ އެކަމުގެ މައްޗަށް ބަލައި މުޅި ތަޙްޤީޤަކީ ބާޠިލު ތަޙްޤީޤެއް ކަމުގައި ކަނޑައަޅައި އަދި އެކަމުގެ މައްޗަށް ބަލައި މުޅި ދަޢުވާއަކީވެސް ބާޠިލު ދަޢުވާއެއްކަމަށް ކަނޑައެޅިދާނެ ސަބަބެއްކަމަށް ނުފެންނަކަން.
(ނ) މި މައްސަލައިގައި އަލްފަތުހު ޖަމާޢަތުގައި ބާކީ ތިބި ޑައިރެކްޓަރުންނާއި ކުންފުނީގެ އެކި މުވައްޒަފުން ފިޔަވައި، ހަމައެކަނި މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ދަޢުވާކޮށްފައި އޮތުމަކީ މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ހިންގުނު ތަޙުޤީޤު ބާޠިލުވާންޖެހޭ ސަބަބެއްނޫންކަމާއި، އަދި އެއީ އެކަމުގެ މައްޗަށް ބަލައި މައްސަލައިގައި މުޅި ދަޢުވާވެސް ބާޠިލުވާންޖެހޭ ސަބަބެއްކަމަށް ނުބެލެވޭކަން.
(ރ) މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އުންސުރުތައް ސާބިތުނުވާތީ މި ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިމުމުގައި ގޯހެއް ނެތްކަން.
(ބ) ޚިޔާނާތުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ބާޠިލުވެފައިވާ ތަޙުޤީޤެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ކޯޓުން ކުރިއަށް ގެންދިއުން ޞައްޙަވެގެން ނުވާނެތީކަމަށް ބުނެކަމާއި، ޚިޔާނާތުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުން މައުލޫއީގޮތުން ބަލާފައިނުވާކަމާއި، ތަޙުޤީޤު ބާޠިލުވެފައިވާކަމަށް ބަލައި ކްރިމިނަލް ކޯޓުގެ ނަންބަރު 631/Cr-C/2015 ގަޒިއްޔާގެ ދަޢުވާ ފޯމު ބާޠިލުކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ބެލެވެން ނެތްކަން.
މި ސަބަބުތަކުގެ މައްޗަށް ހައިކޯޓުން ޙުކުމްކުރީ މަކަރާއި ހީލަތުގެ އުންސުރުތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ އެބަޔަށް ތާއީދުކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގެ ޙުކުމުގެ ބާރުން ކްރިމިނަލް ކޯޓުގެ ނަންބަރު 631/Cr-C/2015 ގަޒިއްޔާ ބާޠިލުކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން މައިގަނޑު 03 (ތިނެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
10.1 އަމިއްލަ ބާރު ނުފޯރާ ޙާލަތެއް މެދުވެރިވުމަކީ އިސްތިއުނާފު މުއްދަތު ގުނުން ހުއްޓިދާފަދަ ސަބަބެއްގެ ބަދަލުގައި، މުއްދަތު އެކީ ނެތިގެންދާނެ ސަބަބެއްގެ ގޮތުގައި ކަނޑައަޅައި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ(، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 7 ވަނަ މާއްދާއާ ޚިލާފަށް މާނަކޮށްފައިވުމާއި، މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޒިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާއާއި، ސުޕްރީމް ކޯޓުގެ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް ގަޒިއްޔާއާއި، ސުޕްރީމް ކޯޓުގެ ފާޠިމަތު ވ. އާމިނަތު ޙުސައިން ގަޒިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
10.2 މައްސަލައިގެ ތަޙުޤީޤާއި ދަޢުވާކުރުމުގައި މުޞްޠަފާ މުޙައްމަދުދީދީއާ މެދު ތަފާތު ގޮތްތަކަކަށް ޢަމަލުކޮށްފައިވާއިރު، އެކަމަށް ޝަރީޢަތުން ރިޢާޔަތްނުކޮށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި، 220 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
10.3 މަކަރާއި ހީލަތުގެ ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކުރުމަށްފަހު އެކުށުގެ ދަޢުވާ އުފުލުނު ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އަލުން ބަލަން ޖެހޭނެކަމަށް ކަނޑައަޅައި، ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މައްސަލަ ބަލައިގަތުމުގައި ހައިކޯޓުން ޢަމަލުކޮށްފައިވާ ގޮތްކްރިމިނަލް ކޯޓުގެ ނަންބަރު 630,631/Cr-C/2015 ގަޒިއްޔާގައި ޙުކުމްކުރީ 9 އޮކްޓޫބަރު 2018 ގައެވެ. އެއިރު ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރާނަމަ، އެ މައްސަލަ ނިމޭ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެއެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގެ ނަންބަރު 630,631/Cr-C/2015 ގަޒިއްޔާގެ ރިޕޯޓު ލިބިފައިނުވާތީ، އެ މައްސަލައަކީ މައްސަލައިގެ ބާވަތުން ދަށު ކޯޓުގެ ޙުކުމް އެ މައްޗަށް ކަނޑައެޅިގެން ދިޔަ ތަފްޞީލީ ސަބަބުތައް އެނގިގެން މެނުވީ، އިސްތިއުނާފީ ނުކުތާތައް ބިނާކުރަންވީ ގޮތް ދެނެގަނެވިދާނެ ބާވަތުގެ މައްސަލައަކަށް ނުވާތީ، މައްސަލައިގެ ރިޕޯޓު ލިބުމުން އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 17 އޮކްޓޫބަރު 2018 ގައި ހައިކޯޓުގައި އެދުނުކަން ފާހަގަކުރެވެއެވެ.
އަދި މި ސިޓީއާ ޙަވާލާދީ 13 ޖަނަވަރީ 2019 ދުވަހު، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިވާކަމަށް ބުނެ، މައްސަލައިގެ އިސްތިއުނާފު ފޯމު ކޯޓަށް ހުށަހަޅައި، އިސްތިއުނާފީ މަރުޙަލާ ކުރިއަށް ގެންގޮސްދިނުމަށް 27 ޖަނަވަރީ 2019 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ސިޓީ ފޮނުވާފައިވެއެވެ.
27 ފެބްރުވަރީ 2019 ގައި ހައިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީގައިވަނީ އަންނަނިވި ފަދައިންނެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 630,631/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވެފައިވާތީ، އެމައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިކޯޓަށް ފޮނުއްވި ސިޓީ އާއި ގުޅިގެން ދަންނަވަމެވެ. އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހެޅިފައިނުވާކަމަށް ބަޔާންކޮށްފައިވާ ސަބަބަކީ މަޤްބޫލު ސަބަބެއްކަމަށް ފެންނާތީ، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްވެ ދެންނެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދެއްވުމަށް މިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ވާހަކަ ދެންނެވީމެވެ.
އެހެންކަމުން، ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރުމުގެ ހުއްދައަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދުނުއިރު، އިސްތިއުނާފުކުރުމުގެ ފޯމު އެ އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ހައިކޯޓުން ދީފައިވާ ޖަވާބުގައި އިތުރު ކަންތައްތަކެއް ފުރިހަމަކުރުމަށް ނުވަތަ މިނޫންވެސް އެހެން އިރުޝާދެއް ދީފައިނުވާކަން ފާހަގަކުރެވެއެވެ.
އެއަށްފަހު 25 ޖޫން 2019 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ފޮނުވާފައިވާ ސިޓީގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 630,631/Cr-C/2015 ގަޒިއްޔާގައިވާ މައްސަލައަކީ
... ޙައްޖަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ މަކަރާ ޙީލަތުން ގިނަ ޢަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާތީއާއި، މިމައްސަލާގައި ގެއްލުންވި ފަރާތްތަކުގެ ތެރޭގައި އެއްވެސް ގޮތަކުން ބަދަލު ލިބިދެވިފައިނުވާ އެތައް ބައެއް ތިބިއިރު، އެ ފަރާތްތަކުގެ މަސްލަހަތު މި މައްސަލައިގައި ހިމެނިގެންވާތީއާއި، މި މައްސަލައަކީ މުޖްތަމަޢުގެ މަސްލަޙަތު އޭގެ ނިހާޔަތަށް އެކުލެވިގެންވާ މައްސަލައަކަށްވާތީ، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް އަވަސްކޮށްދެއްވައި މައްސަލަ ނިންމަވާދެއްވު [...]
މަށް އެދިފައިވެއެވެ.
މި ސިޓީގެ ނަތީޖާއަކަށްވެގެން ދިޔައީ، 14 ޖުލައި 2019 ގައި އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީވެގެން ދިޔުމެވެ. އަދި ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ ލިޔުމުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 630,631/Cr-C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ތާރީޚަކީ 27 ޖޫން 2019 ކަމަށް ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ ޤާނޫނާ ޚިލާފަށްތޯ ބަލާއިރު، ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތު ރައުޔަކީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކަކީ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ސީދާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ހައިކޯޓުގެ ފަނޑިޔާރުން ހުއްދަދީގެން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުގައިވާތީ، މި މައްސަލަ އިސްތިއުނާފުކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ އާ ޚިލާފުނުވާކަމަށެވެ. ނަމަވެސް، މި މައްސަލަ އިސްތިއުނާފުކުރުމަށް ހުއްދަ ދިން ތާރީޚަކީ 27 ފެބްރުއަރީ 2019 ކަމުގައިވާއިރު، އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅި ތާރީޚަކީ 27 ޖޫން 2019 ކަމަށާއި، އެހެންކަމުން މައްސަލަ ހުށަހެޅުމަށް ހައިކޯޓުން ހުއްދަދިން ތާރީޚާއި މައްސަލައިގެ ފޯމު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި ތާރީޚާ ދެމެދު އެކަށީގެންނުވާ ދިގު މުއްދަތުތަކެއް ހިނގާގޮސްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް އިސްތިއުނާކުރުމުގެ ހުއްދަދޭ މައްސަލަތަކުގެ އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ބަޔާންކުރާ އުޞޫލެއް 2019 ޑިސެމްބަރު 1 ގެ ކުރިއާ ހަމައަށް ނޯންނަކަމަށާއި، އަދި ވަކި މުއްދަތެއްގެ ތެރޭގައި ފޯމު ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހައިކޯޓުން އަންގާފައިވެސް ނުވާކަމަށެވެ. އަދި 2019 ޑިސެމްބަރު 1 ގެ ކުރިން ހައިކޯޓުން ޢަމަލުކުރަމުން އައި ގޮތަކީ، އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ފަނޑިޔާރުން ދިނުމަށްފަހު އޭގެ ފަހުން ކޮންމެ ތާރީޚެއްގައި މައްސަލަ ހުށަހެޅި ކަމުގައިވިޔަސް މައްސަލަ ބަލައިގަންނަމުން އައުންކަމުގައިވާތީ، މިއީ ހައިކޯޓުން ޢަމަލުކުރަމުން ދިޔަ ގޮތްކަމަށްވެފައި، އަދި އެފަދައިން ހުށަހަޅާ މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތެއް ޤާނޫނަކުން ނުވަތަ ގަވާއިދަކުން ބަޔާންކޮށްފައި ނެތުމުން، މައްސަލައިގެ ފޯމު ހައިކޯޓަށް ހުށަހެޅުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލަސްތަކެއް ވެފައިވުމަކީ މި މައްސަލަ ހައިކޯޓުގައި ބަލައި ހިންގެން ނެތް ޤާނޫނީ ސަބަބެއް ކަމުގައި ނުފެންނަކަމަށެވެ.
ތަފާތުވި ރައުޔުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ބ) އަދި (ރ) އަށާއި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރެވިގެން ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކަކީ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ސީދާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ދިމާވެފައިވާ ޙާލަތުއްޟަރޫރާ ނުވަތަ ޑޮކްޓްރިން އޮފް ނެސެސިޓީ (doctrine of necessity) އަށް ރިޢާޔަތްކުރެވިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ހުއްދަ ދޭ މައްސަލަތައްކަމަށެވެ. ނަމަވެސް އިސްވެ ބުނެވުނު ޙާލަތުއްޟަރޫރާގެ ދަށުން ހުއްދަކުރެވޭ ކަންކަން ބޭނުންކުރުމުގައި ހައްދުފަހަނައަޅައި ދިއުން ހުއްދަވެގެން ނުވާކަމަށާއި، އަދި ޟަރޫރަތުގެ ޙާލަތު ނެތި ދިއުމަށްފަހު، އެޙާލަތުގައި ހުއްދަކުރި ކަންކަން ހުއްދަވެ ދެމިއެއް ނޯންނާނެކަމަށާއި، އެހެންކަމުން، 13 ޖަނަވަރީ 2019 ގައި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމުން، ރިޕޯޓު ލިބުނުތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުއްދައަށް އެދި ހުށަހެޅުމުން 27 ފެބްރުވަރީ 2019 ގައި ހުއްދަ ދިން ހިސާބުން ފެށިގެން ޟަރޫރަތުގެ ޙާލަތު ގެއްލި ޢާންމު ޙާލަތަށް ބަދަލުވެގެންދިޔައީ ކަމަށާއި، އެހެންކަމުން ދެން ބަލަންޖެހޭނީ 27 ފެބްރުއަރީ 2019 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހުށަހަޅާފައިވޭތޯ ކަމަށާއި، ނަމަވެސް އިސްތިއުނާފު ފޯމު ހުށަހަޅާފައިވަނީ 27 ޖޫން 2019 ގައިކަން އެނގެން އޮތުމުން، މައްސަލަ ހުށަހެޅުމަށް ހައިކޯޓުން ހުއްދަ ދިން ތާރީޚާއި މައްސަލައިގެ ފޯމު ހައިކޯޓަށް ހުށަހެޅި ތާރީޚާ ދެމެދު އެކަށީގެންނުވާ ދިގު މުއްދަތުތަކެއް ފާއިތުވެ ގޮސްފައިވާކަމަށެވެ.
މައްސަލަ ހައިކޯޓަށް ބަލައިގެންފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަން
ހައިކޯޓުގައި މި މައްސަލަ ހިންގާފައިވަނީ އިޖުރާއީ ގޮތުން ރަނގަޅަށް ނޫންކަމަށް ބުނެ މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ހައިކޯޓު ގަވާއިދު ގެ 29 ވަނަ މާއްދާގެ (ނ) މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 7 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. އަދި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ބައެއް ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާވެސް ޚިލާފުކަމަށް ބުނެފައިވެއެވެ. އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބި ލަސްވުމަކީ އަމިއްލަ ބާރު ނުފޯރާ ސަބަބެއް ނޫންކަމަށާއި، ރިޕޯޓު ލިބުން ލަސްވުމަކީ އެ ރިޕޯޓު ލިބުނު ތާރީޚުން ފެށިގެންވެސް 10 (ދިހައެއް) ދުވަހަށް ވުރެ މާގިނަ ދުވަސްވާފަހުން މައްސަލަ އިސްތިއުނާފަށް ހުށަހެޅުން ހުއްދަވާނެ އަސާސެއް ނޫންކަމަށާއި، އަމިއްލަ ބާރު ނުފޯރާ ކަމެއް މެދުވެރިވުމަކީ މުއްދަތު ގުނުން ހުއްޓޭ ސަބަބަކަށް ވިޔަސް މުއްދަތު ނެތިގެންދާ ސަބަބެއް ނޫންކަމަށެވެ.
މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ 27 ފެބްރުވަރީ 2019 ގައި ހައިކޯޓުގެ ފަނޑިޔާރުން އިސްތިއުނާފުކުރުމުގެ ހުއްދަ ދީފައިވީނަމަވެސް، މައްސަލައިގެ އިސްތިއުނާފު ފޯމު ހުށަހެޅުމުގައި ލަސްތަކެއް ވެފައިވަނީ އިދާރީގޮތުން އަރާފައިވާ އޮޅުމެއްގެ ސަބަބުންކަމަށާއި، ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭ ގޮތް ބަޔާންކޮށްފައިނުވާކަމަށާއި، އަދި ބަދަލުކުރެވިފައިވާ ލިޔުންތަކުގައިވެސް ކަންކުރަންވީގޮތް ޞަރީޙަކޮށް ސާފުވާގޮތަށް ބަޔާންކޮށްފައިނުވާކަމަށާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާއަކީ އިސްތިއުނާފުކުރުމުގެ ޙައްޤު ހަނިކުރާ މާއްދާއެއް ނޫންކަމަށާއި، އަދި މިއީ ދުސްތޫރީ ޙައްޤަކާއި ގުޅިފައިވާ ކަމެއްކަމުގައިވާތީ، ޤާނޫނު މާނަ ކުރެވެންވާނީ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމައިން ކަމަށާއި، މި މައްސަލަ ނިންމުމުގައި ފަނޑިޔާރުން ޤާނޫނު މާނަކޮށްފައިވަނީ އެންމެ ޢަދުލުވެރިގޮތަށް ކަމަށް ދެކޭކަމަށެވެ.
ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ހައިކޯޓު މަރުހަލާ ދެބަޔަކަށް ބަހާލާނަމެވެ. އެއީ ފުރަތަމަ ކަމަކަށް 10 ދުވަހުގެ މުއްދަތު ފާއިތުވުމުގެ ފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މަރުހަލާއާއި، ދެވަނަ ކަމަކަށް، އިސްތިއުނާފު ކުރުމުގެ ހުއްދަ ލިބުމުން، އިސްތިއުނާފު ފޯމު ހުށަހެޅި މަރުހަލާއެވެ.
(ހ) 10 ދުވަހުގެ މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދުން
މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 630,631/Cr-C/2015 ގަޒިއްޔާގައި ޙުކުމްކުރިތާ ހަވަނަ ދުވަހު އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އޭރުވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިފައިނުވާތީ، އެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން، އެ މައްސަލަ އިސްތިއުނާފުކުރަން ގަސްތުކުރާ ވާހަކަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް އަންގާފައިވެއެވެ. އަދި ކްރިމިނަލް ކޯޓުން އެ ރިޕޯޓު ލިބުނުތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އެދިފައިވެއެވެ.
އެހެންގޮތަކަށް ބުނާނަމަ، ހައިކޯޓަށް އިސްތިއުނާފަށް މައްސަލައެއް ހުށަހެޅުމަށް އޮންނަ މުއްދަތަކީ އެ މައްސަލައެއްގައި ޙުކުމްކުރާތާ 10 ދުވަހުގެ ތެރޭގައި ކަމުގައިވާއިރު، އެ މުއްދަތަށްފަހު އިސްތިއުނާފުކުރާނަމަ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ޚާއްޞަ ހުއްދައަކަށް އެދެންޖެހެއެވެ. ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި އޮންނަނީ؛
މި މާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާ ފަދަ މަޤުބޫލު ސަބަބެއް ހުށަހަޅައިފިނަމަ، އެކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/01 ރޫލިންގ ގެ ދަށުން އިސްތިއުނާފު ކުރުމަށް އޮތް މުއްދަތު 10 ދުވަހަށް ބަދަލުވުމުން، އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބި އަދި މި ނޫންވެސް އެތައް އެހެން ސަބަބުތަކާ ހުރެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ދޮރު ބަންދުވުމުން، އޭގެ އެތައް މައްސަލަތަކެއް މައްސަލައިގެ ޚަސްމުން ސުޕްރީމް ކޯޓުގައިވެސް އިސްތިއުނާފުކޮށްފައިވެއެވެ.
އަމިއްލަ ބާރު ނުފޯރާ ފަދަ މަޤުބޫލު ސަބަބުތަކުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުން ހިމެނިފައިވާކަން މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ފާޠިމަތު ވ. އާމިނަތު ޙުސައިން ގަޒިއްޔާއާއި ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާފަދަ މައްސަލަތަކުގައި ކަނޑައަޅާފައިވެއެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނެތުމުގެ ސަބަބުން، ކްރިމިނަލް ކޯޓުން ޙުކުމްކުރިތާ 6 ވަނައަށް ވީ ދުވަހު، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމުން އިސްތިއުނާފު ކުރަން ގަސްތުކުރާ ވާހަކަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ވަނީ އަންގާފައެވެ. އަދި އެ ރިޕޯޓު އެ އޮފީހަށް ލިބިފައިވަނީ 13 ޖަނަވަރީ 2019 ގައި ކަމަށް އެ އޮފީހުން ބުނެފައިވާއިރު، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދިފައިވަނީ 27 ޖަނަވަރީ 2019 ގައެވެ. މިއީ އެ ރިޕޯޓު ލިބުނުކަމަށް ބުނާ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތުގެ ތެރެއެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 630,631/Cr-C/2015 ގަޒިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބި ލަސްވުމަކީ މައްސަލަ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި މައްސަލަ ހުށަނޭޅުމުގެ މަޤުބޫލު ސަބަބެއްކަމުގައިވާތީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީވެސް ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. ހައިކޯޓު ފަނޑިޔާރުންގެ މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައިވަނީ އެ އޮފީހުން އެ މައްސަލަ ހުށަހެޅިތާ 1 މަސް ވީފަހުން، 27 ފެބްރުއަރީ 2019 ގައެވެ.
ވުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 630,631/Cr-C/2015 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނެތުމުން، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އޮތް މުއްދަތު ފަހަނައަޅައި ދިއުމުގެ ފަހުން، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދި ހައިކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންނެވެ.
ބުނެވުނު ހުއްދައަށް އެދުނުއިރު، މައްސަލައިގެ އިސްތިއުނާފު ފޯމުވެސް ހުށަހެޅުނުކަމަށް ލިޔެކިއުންތަކުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ދެން އުފެދޭ ސުވާލަކީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އެ ކޯޓުން ހުއްދަ ދިނުމުން، ދެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯއެވެ.
(ށ) އިސްތިއުނާފުކުރުމުގެ ހުއްދަ ލިބުމުން އިސްތިއުނާފު ފޯމު ހުށަހެޅުން
އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދިންއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލައިގެ އިސްތިއުނާފު ފޯމުވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މައްސަލަ ރަޖިސްޓްރީކުރުމަށްޓަކައި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވެއެވެ. މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްދިނުމަށް އެދި އެ އޮފީހުން ސިޓީއެއް ފޮނުވީ 25 ޖޫން 2019 ގައެވެ. އަދި 14 ޖުލައި 2019 ގައި ހައިކޯޓަށް އެ މައްސަލަ ބަލައިގެންފައިވާކަން އެ ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންގިއިރު، އެ މައްސަލަ އެ އޮފީހުން ހުށަހެޅި ތާރީޚުކަމަށް ބަޔާންކޮށްފައިވަނީ 27 ޖޫން 2019 ކަމަށެވެ.
އިސްތިއުނާފުކުރާ މުޞްތަފާ މުޙައްމަދުދީދީގެ ފަރާތުންވެސް ސުވާލު އުފައްދަނީ މިކަމާމެދުގައެވެ. އެއީ، އެކަށީގެންވާ މުއްދަތެއް ފަހަނައަޅައި ދިއުމުގެ ފަހުން މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަނޭޅޭނެކަމަށް ބުނެއެވެ.
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ؛
ވަކިކަމެއް ކުރުމަށް ޤާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި ބޭކާރު ލަސްވުންތައް ނުހިމެނޭ ގޮތެއްގަ [...]
ކަމަށެވެ.
މި މާއްދާ މާނަކުރުމުގައި އަސާސީ ޙައްޤަކަށް އުނިވާފަދައަކުން މި މާއްދާ މާނަ ނުކުރެވޭނެކަމަށް ދައުލަތުގެ ފަރާތުން ބުނެއެވެ. ދައުލަތުން އިޝާރާތްކުރަނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބުނާ އިސްތިއުނާފުކުރުމުގެ ޙައްޤަށެވެ. ނަމަވެސް ޤާނޫނުއަސާސީގައި ބުނާ އިސްތިއުނާފުކުރުމުގެ ޙައްޤަކީ އެއްވެސް ހިފެހެއްޓުމެއް ނުވަތަ ގައިދުކުރުމެއް ނެތި އޮންނަ ޙައްޤެއް ނޫނެވެ. އެހެނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުން (އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި މިނޫންވެސް އެކި ޤާނޫނުތަކުގެ ދަށުން) އިސްތިއުނާފުކުރުމުގެ މުއްދަތު މަހުދޫދުކުރެވިފައިވާއިރު، މި ހިފެހެއްޓުމަކީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން ހުޅުވިގެންވާ ދީމިޤްރާތީ މުޖަތަމަޢުތަކުގައިވެސް ޢަމަލުކުރާގޮތާ ޚިލާފުކަމެއްކަމަށް ނުވާތީއެވެ.
ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދަ ދިނުމަށްފަހު ދެން ޢަމަލުކުރަންވާ ގޮތުގެ އެއްވެސް އިރުޝާދެއް އެއްވެސް ޤާނޫނެއްގައި އަދި ގަވާއިދެއްގައި ލިޔެވިފައި ނުވާއިރު، އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުއްދަ ދެވިފައިވާކަން ހައިކޯޓުން އެންގިއިރު، ދެން ޢަމަލުކުރަންޖެހޭ ގޮތުގެ އެއްވެސް އިރުޝާދެއް އެ ކޯޓުންވެސް ދީފައިނުވެއެވެ. މިހިސާބުން ފާހަގަކޮށްލަންޖެހެނީ މައްސަލައިގެ އިސްތިއުނާފު ފޯމު 27 ޖަނަވަރީ 2019 ގައި ހުށަހަޅާފައިވާކަމެވެ.
ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް އިސްތިއުނާކުރުމުގެ ހުއްދަދޭ މައްސަލަތަކުގެ އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ބަޔާންކުރާ އުޞޫލެއް 1 ޑިސެންބަރު 2019 ގެ ކުރިން ނޯވެއެވެ. އަދި އެ ތާރީޚުގެ ކުރިން ހައިކޯޓުން ޢަމަލުކުރަމުން އައި ގޮތަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ފަނޑިޔާރުން ދިނުމަށްފަހު އޭގެ ފަހުން ކޮންމެ ތާރީޚެއްގައި މައްސަލަ ހުށަހެޅި ކަމުގައިވިޔަސް މައްސަލަ ބަލައިގަންނަމުން ދިއުންކަމަށް ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ކަންހިނގާ ދިޔަ ގޮތަށް ރިޢާޔަތްކުރާއިރު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) މި މައްސަލައިގައިވާ ހާލަތަށް ތަޠުބީޤުކުރެވިދާނެކަމަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދުނުއިރު، މައްސަލައިގެ އިސްތިއުނާފު ފޯމުވެސް ތައްޔާރުކޮށް ހުށަހަޅާފައިވާތީއެވެ. އަދި އެ މައްސަލައިގައި ދެން ކުރިއަށް ދާންވީ ގޮތުގެ ވަކި އިރުޝާދެއް އެއްވެސް ޤާނޫނަކުން ނުވަތަ ގަވާއިދަކުންވެސް އަދި ހައިކޯޓުންވެސް ދީފައިނުވާތީ، މިއީ ހަޤީޤަތުގައިވެސް އަރާފައި އޮތް އިދާރީ އޮޅުމެއްކަމަށް ޤަބޫލުކުރެވޭތީއެވެ. އެހެންގޮތަކަށް ބުނާނަމަ، މި މައްސަލައިގައި އިސްތިއުނާފު ފޯމު ތައްޔާރުކޮށް 27 ޖަނަވަރީ 2019 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ލަސްތަކެއް ވެފައިވަނީ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކުރުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތެއް އެއްވެސް ތަނެއްގައި ބަޔާންކޮށްފައި ނެތުމުންނެވެ. އެހެންކަމުން، މައްސަލައިގެ އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށްޓަކައި ބޭކާރު ލަސްވުންތަކެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދައަށް އެދުނުއިރު، މި މައްސަލައިގެ އިސްތިއުނާފު ފޯމު ހުށަނާޅައި އެ ފޯމު އެތައް މަހެއް ފަހުން ހުށަހެޅިނަމަ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގެ ދަށުން ބޭކާރު ލަސްވުންތަކެއް ހިނގާފައިވާކަން ބެލުމުގެ ފުރުސަތު އޮންނާނެކަމަށް އަހުރެންނަށް ބުރަވެވެއެވެ.
އެހެންކަމުން ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި މި މައްސަލައިގެ އިދާރީ ކަންކަން ފުރިހަމަކުރުމަށްޓަކައި ވަގުތުތަކެއް ފާއިތުވެފައިވީނަމަވެސް، މި މައްސަލައަކީ ބަލައިގަނެ ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ( މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އާ ޚިލާފުވާ ގޮތުގެ މަތިންކަމަށް އަހުރެން ނުދެކެމެވެ.
ހައިކޯޓުން މައްސަލަ ބަލައިގަނެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިތުރަށް ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޠިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާއަށް ރިއާޔަތްކުރާއިރު، ފަނޑިޔާރުންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރަކު ހުރިހާ ވަގުތެއްގައިވެސް އޭނާގެ މުސްތަޤިއްލުކަމާއި ޢަދުލުވެރިކަމާއި، ވަކިފަރާތަކަށް ނުޖެހޭކަމުގެ އިތުބާރު ހިފަހައްޓަންވާނެކަމަށެވެ. މި މާއްދާއާ ހުށަހެޅިފައިމިވާ މައްސަލަ ހައިކޯޓުން ބަލައިގަނެ ހިންގުމާ އޮތް ގުޅުމަކީ ކޮބައިކަން މުޞްޠަފާ މުޙައްމަދުދީދީއަށް ބުނެދެވިފައިނުވެއެވެ. ހަމަ އެފަދައިން، އަޙްމަދު ނާޠިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައިވާ ހާލަތްތަކާއި މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ތަފާތެވެ. އެ ގަޒިއްޔާއަކީ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލައެއް ބަލައިގަތުމާބެހޭ ގޮތުން ގޮތް ކަނޑައަޅާފައިވާ ގަޒިއްޔާއަކަށްވާއިރު، ހުށަހެޅިފައިމިވާ މައްސަލައިގައި ޚުޞޫމާތް އުފެދިފައިވަނީ ކޯޓުތަކުގެ ޤާނޫނުގައި ހައިކޯޓަށް މައްސަލައެއް ހުށަހެޅުމަށް އޮތް މުއްދަތާގުޅޭ މާއްދާ، އެއިރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަމިއްލަ އިސްނެގުމަކަށް ބާޠިލުކަމަށް ކަނޑައެޅުމުން، ކުރު މުއްދަތެއްގެ ތެރޭގައި ކޯޓުތަކުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުނުކުރެވުމުގެ ސަބަބުން އުފަންވެގެން އުޅޭ މައްސަލައެކެވެ.
އެހެންކަމުން، ހައިކޯޓުން މި މައްސަލަ ބަލައިގަނެ ހިންގާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް މުޞްޠަފާ މުޙައްމަދުދީދީއަށް ދެއްކިފައިނުވެއެވެ.
އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުން
މަކަރާއި ހީލަތުގެ ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކުރުމަށްފަހު އެކުށުގެ ދަޢުވާ އުފުލުނު ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އަލުން ބަލަންޖެހޭކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއްކަމަށް، ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާ އިސްތިއުނާފު ކުރަމުން މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން އިތުރަށް ބުނެފައިވެއެވެ. އެގޮތުން، މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް މަކަރާއި ހީލަތުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއިރު، އަދި އެ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު، މަކަރާއި ހީލަތުގެ ކުށުގެ ޢަމަލުން ފުރިހަމަވެފައިވާ އެހެން ކުށެއްގެ ދަޢުވާއެއް ހައިކޯޓުން އަލުން ބަލަން ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއްކަމަށް މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ބުނެފައިވެއެވެ.
މި ނުކުތާގެ ޖަވާބުގައި، ދައުލަތުގެ ފަރާތުން ބުނެފައިވަނީ މަކަރާއި ހީލަތުގެ ދަޢުވާއާއި ޚިޔާނާތުގެ ދަޢުވާއަކީ މުޅިން ތަފާތު ދެ ދަޢުވާކަމަށާއި އަދި އެ ދެ ކުށުގެ އުންސުރުތައްވެސް ތަފާތުކަމަށެވެ. އަދި ޚިޔާނާތުގެ ދަޢުވާ ކްރިމިނަލް ކޯޓުން ބާޠިލުކުރިއިރު، އެ ކޯޓުން ބޭނުންކޮށްފައިވަނީ ރެސް ޖުޑިކާޓާގެ މަބްދައުކަމަށާއި، އެ މަބްދައުގެ ދަށުން، މި މައްސަލައިގައި ހުށަހެޅިފައިވާ ތަޙްޤީޤު ރިޕޯޓަކީ ބާޠިލު ރިޕޯޓެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާކަމަށެވެ. ނަމަވެސް ހައިކޯޓުން އެ ތަޙްޤީޤަކީ ބާޠިލު ތަޙްޤީޤެއް ނޫންކަމަށް ނިންމުމުން، ކުރިން ބާޠިލުކުރި ދަޢުވާ އޭގެ އަސްލު މަޙައްލަށް ރުޖޫޢަވާނެކަމަށާއި، އެހެންކަމުން މި މައްސަލައިގައި ޚިޔާނާތުގެ ދަޢުވާ އަލުން ބެލުމަށް މި މައްސަލަ ހައިކޯޓުން ދަށު ކޯޓަށް ތަހުވީލުކުރިކުރުމަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާއާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށް ދައުލަތުގެ ފަރާތުން އިތުރަށް ބުނެފައިވެއެވެ.
ޑަބަލް ޖެޕަރޑީގެ ގާއިދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނިފައިވާ ޙައްޤެއް ކަމުގައިވާއިރު، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން އެ ޙައްޤު މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށް ރިޢާޔަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެއް ކުށަކަށް ދެފަހަރު އަދަބު ނުދިނުމުގެ ގާއިދާއަކީ ޔޫރޮޕުގެ އެތައް ޤައުމެއްގައި އެތައް ގަރުނެއްވާންދެން ބަލައިގަންނަމުންއައި މަފްހޫމެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މި މަފްހޫމް މާނަކޮށް ތަޠުބީޤުކޮށްފައިވަނީ އެކި ގޮތްގޮތަށެވެ. އެއީ އެ ބައެއްގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ސިޔާސަތުތަކަށް ފެތޭގޮތަށެވެ.
އިނގިރޭސި ވިލާތުގައި ޑަބަލް ޖެޕަރޑީގެ ގާއިދާއާ ހަވާލާދީ ނިންމާފައިވާ މައްސަލައެއް އެންމެ ފުރަތަމަ ރިކޯޑުކުރެވިފައިވަނީ 1201 ވަނަ އަހަރުގައެވެ. އެއަށްފަހު ކޮމަން ލޯގެ ދަށުން މި ގާއިދާ އައީ ތަރައްޤީވަމުންނެވެ. އެހެންނަމަވެސް، 1993 ގައި ބަސް ސްޓޮޕެއްގައި މަޑުކޮށްލައިގެން ހުރި ސްޓީވަން ލޯރެންސްއަށް ނަސްލީ ގޮތުން ދިން ހަމަލާއަކުން އޭނާ ގަތުލުކުރި މައްސަލައަށްފަހު، ޑަބަލް ޖެޕަރޑީއާ ގުޅޭ އިނގިރޭސި ސިޔާސަތަށް އިންގިލާބީ ބަދަލެއް ގެނެވުނެވެ. ސްޓީވަން ލޯރެންސްގެ ގާތިލުންގެ މައްޗަށް ދައުލަތުންކުރި ދަޢުވާތަކުންވެސް އަދި ސްޓީވަން ލޯރެންސްގެ މައިންބަފައިންގެ ފަރާތުން އަމިއްލަ ގޮތުން ކުރި ޖިނާއީ ދަޢުވާތަކުންވެސް އެކަށީގެންވާ ހެކި ނެތިގެން މުއްތަހަމުންގެ މައްޗަށް ކުށް ސާބިތެއްނުވިއެވެ. މި މައްސަލައާ ގުޅިގެން އިނގިރޭސި ދައުލަތުގެ އިދާރާތަކަށް އާންމު ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ދަނޑިވަޅެއްގައި، ދަ ސްޓީވަން ލޯރެންސް އިންކުއަޔަރީ ފެށިއެވެ. އަދި އެ އިންކުއަޔަރީ ރިޕޯޓުގައި ކުށް ސާބިތުނުވާ އެކި މީހުން ކޯޓު މަރުހަލާ ނިމުމުން، ކުށަށް އިއުތިރާފުވެފައިވާ މައްސަލަތަކުގައާއި، ކުށްކުރިކަން ސާބިތުކޮށްދެވޭނެ ހެކި ފަހުން ލިބިފައިވާ ހާލަތްތަކުގައި، ޑަބަލް ޖެޕަރޑީގެ ގާއިދާގެ ދަށުން އެ ފަރާތްތަކުގެ މައްޗަށް އަދަބު ދިނުމުގެ ދޮރު ބަންދުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
1999 ގައި ނެރުނު މި ރިޕޯޓުގައި ފާހަގަކުރި ކަންކަމަށްފަހު، ޑަބަލް ޖެޕަރޑީއާ ގުޅޭ އިނގިރޭސި ސިޔާސަތަށް އިންގިލާބީ ބަދަލެއް އައީ 2003 ވަނަ އަހަރުގެ ކްރިމިނަލް ޖަސްޓިސް އެކްޓްގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން ކުރިން ބޮޑެތި ކުށްތައް ކޮށްގެން ދަޢުވާ އުފުލިފައިވާ އެކަމަކު، ކުށް ސާބިތުނުވާ މީހުންނަށް، އެ މީހުންގެ މައްސަލައާ ގުޅިގެން ކުރިން ލިބިފައިނުވާ ވަރުގަދަ އައު ހެކި ފަހުން ލިބިފައިވާނަމަ، އަދި އެ މައްސަލައަކީ ޢާންމު މަސްލަހަތަށްޓަކައި އަލުން ދަޢުވާކުރަންޖެހޭ މައްސަލައެއްކަމަށް ފެނިއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ދަޢުވާ އެ މީހެއްގެ މައްޗަށް އުފުލުމަށް މަގުފަހިކޮށްދެއެވެ. 2012 ޖެނުއަރީގައި، ސްޓީވަން ލޯރެންސްގެ ގާތީލުންކަމަށް ތުހުމަތުކުރެވުނު މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ޒަމާނީ ފޮރެންސިކް ތަހުލީލުގެ އެހީއާއެކު ހުށަހެޅުނު އައު ހެކިން، ކުށް ސާބިތުވެފައިވެއެވެ.
މިއާ ޚިލާފަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ޢަމަލުކުރާ ގޮތް ތަފާތެވެ. އެމެރިކާ ޤާނޫނުއަސާސީގެ ފިފްތް އެމެންޑްމެންޓްގައި އެއް ކުށަކަށް ދެފަހަރު ދަޢުވާ އުފުލުން މަނާކުރެއެވެ. އެމެރިކާގައި ޑަބަލް ޖެޕަރޑީގެ ހާލަތެއް އުފަންވުމާ ގުޅޭ އެތައް ބައިވަރު އުސޫލުތަކެއް ޤާއިމުވެފައިވެއެވެ. މިސާލަކަށް ނުފޫޒުން އެއްކިބާވެފައިވާ ޖޫރީއަކުން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅައިފިނަމަ، އެ މައްސަލައާ ގުޅޭ އިތުރު ދަޢުވާތަކެއް ދައުލަތުން އުފުލުމުގެ ފުރުސަތު ބޮޑުތަނުން ހަނިވެގެންދެއެވެ. ހަމަ އެފަދައިން "ޑުއަލް ސޮވެރިނިޓީ" (dual sovereignty) ގެ މަފްހޫމަށް ބަލާއިރު، އެއް ސްޓޭޓަކުން އެއް ކުށަކަށް ދެ ދަޢުވާ ނުއުފުލޭނެއެވެ. އެހެންނަމަވެސް، އެހެން ސްޓޭޓަކުން ނުވަތަ ފެޑެރަލް ޤާނޫނުތަކުގެ ދަށުން ހަމަ އެއް ދަޢުވާއެއް ދެވަނަ ފަހަރަށް އުފުލުމަށް އެމެރިކާގެ ޤާނޫނުއަސާސީ ހުރަހެއްނާޅައެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައިވާ ނުކުތާތަކުގެ އަލީގައި، އެމެރިކާގައި ޑަބަލް ޖެޕަރޑީއާ ގުޅޭ ދެ މައިގަނޑު އުސޫލަކަށް ރިއާޔަތްކޮށްލާނަމެވެ. އެއީ ބްލޮކްބަރގަރ ޓެސްޓާއި(Blockburger test) ކޮލެޓަރަލް އެސްޓޮޕެލް (collateral estoppel) އެވެ.
ދެފަހަރު އެއް ދަޢުވާއެއް ކޮށްފައިވޭތޯ ބެލުމުގައި އެމެރިކާ ކޯޓުތަކުން ރިޢާޔަތްކުރަނީ އެމެރިކާގެ ސުޕްރީމް ކޯޓުގެ "ބްލޮކްބަރގަރ ޓެސްޓް" އަށެވެ. މި ޓެސްޓުގައި މީހެއްގެ މައްޗަށް އެއް ފަހަރު ދަޢުވާކުރުމަށްފަހު، އޭގެ ފަހުން ހަމަ އެ ހެކިތައް ބޭނުންކޮށްގެން އެ މީހާގެ މައްޗަށް ކުރިން ކުރެވުނު ދަޢުވާއަށްވުރެ ބޮޑު ކުށަކަށް ނުވަތަ ކުޑަ ކުށަކަށް އިތުރު ދަޢުވާތަކެއް ނުއުފުލޭނެއެވެ. އެ ހާލަތުގައި ބަލަންޖެހޭނީ ދެ ކުށް ސާބިތު ކުރުމަށް ފުރިހަމަވާންޖެހޭ އުންސުރުތަކަށެވެ. އެގޮތުން، ދެ ކުށުގައިވެސް ފުރިހަމަވާންޖެހޭ އުންސުރުތަކުގެ ތެރެއިން މަދުވެގެން އެއް އުންސުރަކީ އަނެއް ކުށުގައި ހިމެނިފައިނުވާ އުންސުރަކަށްވާންވާނެއެވެ. އެއް ކުށެއްގައި ހިމެނިފައިވާ ހުރިހާ އުންސުރަކީ ހަމަ އަނެއް ކުށުގައިވެސް ހިމެނިފައިވާ އުންސުރުތަކުގެ ތެރޭގައި ހިމެނޭ އުންސުރުނަމަ، އެއީ އެއް ކުށެއްކަމަށް ބެލެވިދާނެއެވެ. މިސާލަކަށް ބިރު ދެއްކުމުގެ ކުށާއި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ބިރު ދެއްކުމުގެ ކުށަށް ބަލާނަމަ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމުގެ ކުށުގައި ބިރު ދެއްކުމުގެ ކުށުގެ ހުރިހާ އުންސުރުތަކެއް ފުރިހަމަވާނެއެވެ. އެހެންކަމުން، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމުގެ ކުށް ސާބިތުވެފައިވާ ހާލަތެއްގައި، ފަހުން ހަމަ އެ މައްސަލައިގައި ކުށް ސާބިތުކުރުމަށް ބޭނުންކޮށްފައިވާ ހެކި ބޭނުންކޮށްގެން ހަމަ އެ މީހާގެ މައްޗަށް ބިރު ދެއްކުމުގެ ދަޢުވާ އުފުލުން، ޑަބަލް ޖެޕަރޑީގެ ގާއިދާގެ ދަށުން މަނާވެގެންދާނެއެވެ. ހަމަ އެފަދައިން، ބިރު ދެއްކުމުގެ ކުށް ސާބިތުނުވާކަމަށް ކޯޓުން ކަނޑައަޅާފަހުން، ހަމަ އެ ވާގިއާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމުގެ ދަޢުވާ ފަހުން އުފުލުމަކީ ދެކޮޅުޖެހޭ ކަމަކަށްނުވާނެއެވެ. އެމެރިކާގައި މި އުސޫލު ތަޠުބީޤުކުރެވެނީ ފަހުން ކުރާ ދަޢުވާތަކަށެވެ. އެއް ފަހަރާ އުފުލާ އެތައް ބައިވަރު ދަޢުވާތަކެއް މި ހާލަތުގައި ނުހިމެނެއެވެ.
ކްރިމިނަލް ކޮލެޓަރަލް އެސްޓޮޕަލްއަކީ ޖިނާއީ މައްސަލައެއްގެ ވާގިއާއެއް ކުރިންކޮށްފައިވާ ޙުކުމަކުން ކަށަވަރުވެ، އެ ޙުކުމް ނިހާއީވުމަށްފަހު، ފަހުން ކުރެވޭ ދަޢުވާއަކުން ހަމަ އެ ވާގިއާ އާމެދު އިތުރަށް ބަހުސްކުރުން ހުއްޓުވާ ގާއިދާއެވެ. މި އުސޫލު ކަނޑައެޅިގެންދިޔަ އެމެރިކާގެ އޭޝް ވ. ސްވެންސަން ގަޒިއްޔާގައި، މީހެއްގެ ގެއެއްގެ ބޭސްމަންޓުގައި ހަ ފިރިހެނުން ޕޯކަރ ކުޅެން ތިއްބައި، މޫނު ނިވާކޮށްގެން ތިބި ތިން ހަތަރު މީހުން ޝޮޓްގަންއަކާއި ފިސްތޯލަތަކެއް ހިފައިގެން އެގޭ ތެރެއަށްވަދެ، ޕޯކަރ ކުޅެން ތިބި މީހުންގެ އަތުން ފައިސާއާއި އެހެނިހެން މުދާ ވަގަށް ގެންދިޔައެވެ. މި މައްސަލައާ ގުޅިގެން ބޮބް އޭޝްގެ މައްޗަށް ޖިނާއީ ހަ ދަޢުވާ އުފުލުނެވެ. އެއީ ޕޯކަރ ކުޅެންތިބި ހަ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އަތުން ވައްކަންކުރި ކަމުގެ ދަޢުވާ ވަކިވަކިން އުފުލުމުންނެވެ. އޭޝްގެ މައްޗަށް އެންމެ ފުރަތަމަ އުފުލުނު ދަޢުވާގައި އޭނާއާ ދެކޮޅަށް ހެކި ނެތިގެން އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅުނެވެ. ނަމަވެސް އޭނާއާ ދެކޮޅަށް އުފުލުނު ދެވަނަ ދަޢުވާގައި ޕްރޮސިކިއުޝަނުންވެސް ހުރީ ކުރީ މައްސަލައިގެ އަލީގައި ދެވަނަ މައްސަލައަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ކުރީ މައްސަލައިގައި އޭޝްއާ ދެކޮޅަށް ހުށަހެޅުނު ހެކިންގެ ހެކިބަސް ދެވަނަ މައްސަލައިގައި ތަންކޮޅެއް ވަރުގަދައެވެ. ނަތީޖާއެއްގެ ގޮތުން އޭޝްގެ މައްޗަށް ދެވަނަ މައްސަލައިގައި ކުށް ސާބިތުވިއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ކުރިން ބެލި މައްސަލައިގައި ވައްކަންކުރި މީހުންގެ ތެރޭގައި އޭޝް ހިމެނޭކަމުގެ އެކަށީގެންވާ ޝައްކުތަކެއް އެންމެ ފުރަތަމަ މައްސަލަ ބެލި ޖޫރީއިން ކަނޑައަޅާފައިވާއިރު، އަދި އެ ގަޒިއްޔާގައިވާ ޙުކުމަކީ ނިހާއީވެ ދެމިއޮތް ޙުކުމެއް ކަމުގައިވާއިރު، ދެވަނަ ފަހަރަށް ހަމަ އެ ނުކުތާއާ ގުޅޭ ގޮތުން އެހެން ގަޒިއްޔާއެއްގައި ގޮތެއް ކަނޑަނޭޅޭނެކަމަށެވެ.
ދުނިޔޭގެ ހުޅުވިގެންވާ އެކި ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޑަބަލް ޖެޕަރޑީގެ ގާއިދާއާ ގުޅިގެން ޢަމަލުކުރާ އެކި އުސޫލުތައް ޤާއިމްކުރެވިފައިވާއިރު، ދިވެހިރާއްޖޭގައި މި ގާއިދާއާ ގުޅިގެން ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އެންމެ އަސާސީ ކަންކަމަށް އަލިއަޅުވާލުން މުހިންމުކަމުގައި ދެކެމެވެ.
ދިވެހިރާއްޖޭގައި އެއް ކުށަކަށް ދެފަހަރު އަދަބު ނުދިނުން
ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ
(ހ) ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ. އަދި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލުގެ ތެރޭގައި މައްސަލަ އިސްތިއުނާފުކުރުމެއް ނުހިމެނެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ ދަށުން އެއް ކުށަކަށް ދެފަހަރު އަދަބު ނުދިނުން ނުވަތަ ޑަބަލް ޖެޕަރޑީގެ ގާއިދާއާ ބެހޭ ގޮތުން ކަނޑައަޅާފައިވާ ބައެއް އަސާސީ ކަންކަން ފާހަގަކޮށްލާނަމެވެ.
(ހ) އިސްތިއުނާފީ މަރުހަލާއިން ކުށް ސާބިތުވުން
ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ށ) ގައި މައްސަލަ އިސްއިތުނާފުކުރުން އެ މާއްދާގެ (ހ) ގައި ނުހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ދަށު ކޯޓުން ކުށް ސާބިތުނުވާ ހާލަތުގައި، އެ ނިންމުން ޤާނޫނަކާ ޚިލާފުވާނަމަ، އެ ނިންމުން އިސްތިއުނާފުކުރުމުން އިސްތިއުނާފީ މަރުހަލާ ކޯޓަކުން ކުށެއް ސާބިތުވާކަމަށް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހުއްދަކުރާކަމެކެވެ.
(ށ) ދެވަނަ ފަހަރު
ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގެ އިބާރާތުން ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވާކަމަށް ޙުކުމްކުރިނަމަވެސް ނުވަތަ ސާބިތުނުވާކަމަށް ޙުކުމްކުރިނަމަވެސް "ދެވަނަ ފަހަރަށް" ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މި މާއްދާގެ ސާފު އިބާރާތުން ދޭހަވަނީ މި މާއްދާއިން އިޝާރާތްކުރަނީ ވަކި ވަކިން އުފުލޭ ދަޢުވާތަކަށް ކަމެވެ. އަދި ޚާއްޞަކޮށް އެއް މައްސަލަ ނިމޭ ފަހުން ހަމަ އެ މައްސަލައިގައި ހިމެނޭ ހާދިސާއާ ގުޅިގެން ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަށް އުފުލުމަށެވެ. މި މާއްދާގެ ތެރޭގައި އެއް ހާދިސާއަކާ ގުޅިގެން އެކެއްގެ މައްޗަށް އެއްފަހަރާ އުފުލާ ތަފާތުއެކި ދަޢުވާތައް ނުހިމެނެއެވެ.
(ނ) "ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ"
ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަކި ހާދިސާއަކާ ގުޅިގެން މީހެއްގެ މައްޗަށް ކުރިން ކުރެވުނު ދަޢުވާއެއް ދެވަނަ ފަހަރަށް އެ މީހެއްގެ މައްޗަށް ނުއުފުލޭނެއެވެ. އެއީ އެ މީހެއްގެ މައްޗަށް ކުރިން ކުރެވުނު ދަޢުވާއިން ކުށް ސާބިތުވިޔަސް އަދި ނުވިޔަސްވެސްމެއެވެ.
ހަމަ އެފަދައިން ކުރިން ކުރެވުނު ދަޢުވާގައިވާ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާވެސް ހަމަ އެ މީހެއްގެ މައްޗަށް އުފުލުން ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) މަނާކުރެއެވެ. އެއް ކުށެއްގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ޢަމަލު ކަނޑައެޅުމުގައި ބަލަންޖެހޭނީ ދެ ކުށް ސާބިތު ކުރުމަށް ފުރިހަމަވާންޖެހޭ އުންސުރުތަކަށެވެ. އެގޮތުން، ދެ ކުށުގައިވެސް ފުރިހަމަވާންޖެހޭ އުންސުރުތަކުގެ ތެރެއިން މަދުވެގެން އެއް އުންސުރަކީ އަނެއް ކުށުގައި ހިމެނިފައިނުވާ އުންސުރަކަށްވާންވާނެއެވެ. އެއް ކުށެއްގައި ހިމެނިފައިވާ ހުރިހާ އުންސުރަކީ ހަމަ އަނެއް ކުށުގައިވެސް ހިމެނިފައިވާ އުންސުރުތަކުގެ ތެރޭގައި ހިމެނޭ އުންސުރުނަމަ، އެއީ އެއް ކުށެއްކަމަށް ބެލެވިދާނެއެވެ.
ޑަބަލް ޖެޕަރޑީގެ ހާލަތެއް މި މައްސަލައިގައި ހިނގާފައިވޭތޯ
މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ބުނަނީ މަކަރާއި ހީލަތުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއިރު، އަދި އެ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ ދަޢުވާ ކްރިމިނަލް ކޯޓުން ބަލަންޖެހޭނެކަމަށް ހައިކޯޓުން ޙުކުމްކުރުމަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 630,631/Cr-C/2015 ގަޒިއްޔާގައި މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ދަޢުވާކޮށްފައިވަނީ ކުރީގެ ޤާނޫނުލްޤުޤޫބާތުގެ ޗެޕްޓަރ 4 ގެ ދަށުންނެވެ. އެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ރ) ގައި މަކަރާއި ހީލަތް މާނަކޮށްފައިވެއެވެ. އެގޮތުން، މަކަރާއި ހީލަތަކީ
...ޓެކުމަކަށް ނުހިމެނޭ ގޮތުން އަނެކާއަށް ހަގީގަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭގޮތަށް ކުރާ ކޮންމެ ކަމެކެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާގައި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އުންސުރުތަކަށް ރިއާޔަތްކޮށް އެ ކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވެއެވެ. އަދި މި ނިންމުމަށް ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުން ތާއީދުކޮށްފައިވެއެވެ. ނަމަވެސް ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޚިޔާނާތުގެ އުންސުރުތަކާބެހޭ ގޮތުން ކްރިމިނަލް ކޯޓުގެ ރިޕޯޓުން ގޮތެއް ކަނޑައަޅާފައިނުވެއެވެ.
ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި
ޚިޔާނާތަކީ، ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ހަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ބޭނުންކުރުން، ނުވަތަ އެ އެއްޗަކަށް ބަދަލު ގެނައުން، ނުވަތަ ނައްތާލުން، ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ގެންގުޅުމެވެ.
ވުމާއެކު މަކަރާއި ހީލަތް ހެދުމުގެ މާނައަށާއި ޚިޔާނާތުގެ މާނައަށް ބަލާއިރު، ދެ ކުށުގައިވެސް އެކުލެވިގެންވަނީ އެއްވެސް ފުށުއެރުމެއް ނެތި މުޅިން ތަފާތު އުންސުރުތަކެކެވެ. މީގެ އިތުރުން މި ދެ ކުށާ ގުޅިގެން ރިއާޔަތް ކުރާނެ މައްސަލައިގެ ވާގިއާތައްވެސް ތަފާތުވުން އެކަށީގެންވެއެވެ.
ޤާނޫނުއަސާސީގެ 60 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤުކުރާނަމަ، އެންމެ ފުރަތަމަ ދަޢުވާ އުފުލުމަށްފަހު، ދެވަނަ ފަހަރަށް ހަމަ އެ ދަޢުވާ ނުވަތަ ކުރީ ދަޢުވާގެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ދަޢުވާއެއް އޮންނަންޖެހެއެވެ.
މި މައްސަލައިގައި މަކަރާއި ހީލަތްހެދުމުގެ ދަޢުވާއާއި ޚިޔާނާތުގެ ދަޢުވާ މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ކުރެވުނީ އެއްކޮށެވެ. ފުރަތަމަ އެއް ދަޢުވާކޮށްފައި ކުށް ސާބިތުނުވުމުން ދެވަނަ ދަޢުވާއެއް އުފުލީއަކީ ނޫނެވެ. އަދި މިހާރު ޚުޞޫމާތެއް އުފެދިފައިމިވަނީ ދަށު ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އިސްތިއުނާފީ މަރުހަލާގައެވެ. މީގެ އިތުރުން، ދެ ކުށުގައިވެސް ސާބިތުކުރަންޖެހޭ އުންސުރުތަކާއި ވާގިއާތަކަކީ އެއްވެސް ފުށުއެރުމެއް ނެތި ތަފާތު ކަންތައްތަކެކެވެ. ވުމާއެކު، ޤާނޫނުއަސާސީގެ 60 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައިވާކަމަށް އަހުރެން ނުދެކެމެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 630/Cr-C/2015 ގަޒިއްޔާއިން މަކަރާއި ހީލަތުގެ މައްސަލަބެލި އިރު، އެ ދަޢުވާ އެ މައްޗަށް ބިނާކޮށްފައިވާ ތަޙްޤީޤަކީ ފުރިހަމަ ނޫން ބާޠިލު ތަޙްޤީޤެއްކަމަށް އެ ގަޒިއްޔާގައި ކަނޑައަޅައިފައިވެއެވެ. އަދި އެ ކޯޓުގެ ނަންބަރު 631/Cr-C/2015 ގަޒިއްޔާގައި އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާއަކީ މަކަރާއި ހީލަތުގެ ދަޢުވާ އުފުލުނު ގަޒިއްޔާގެ ޙުކުމުން ކަނޑައެޅި ނިޔާގެ ބާރުން ބާޠިލު ދަޢުވާއެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި، މައްސަލައެއްގެ ތަޙްޤީޤު ހިންގި ހިންގުމުގައި ޤާނޫނުގައި ބުނާ ގޮތާއި އެއްގޮތަށް އަދި އިޖުރާއަތުތަކާއި ޚިލާފުވުމެއް ނުވާ ގޮތުން، ވަކި މީހަކާއި ސުވާލު ނުކުރެވި އޮތުމަކީ ނުވަތަ ވަކި ލިޔުމެއް ތަޙްޤީޤުގެ ތެރެއިން ނުބެލި އޮތުމަކީ އެކަމުގެ މައްޗަށް ބަލައި މުޅި ތަޙްޤީޤަކީ ބާތިލު ތަޙްޤީޤެއްކަމަށް ކަނޑައަޅައި، އަދި އެކަމުގެ މައްޗަށް ބަލައި، މުޅި ދަޢުވާއަކީވެސް ބާޠިލު ދަޢުވާއެއްކަމަށް ކަނޑައެޅިދާނެ ސަބަބެއްނޫންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކޯޓުގެ ޒިންމާއަކީ ހުށަހެޅިފައިވާ ލިޔުންތަކާއި ހެކިތަކަށް ބަލައި މައްސަލައާ މެދު ގޮތެއް ނިންމުންކަމަށް އިތުރަށް ބަޔާންކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބެލިއިރު ތަޙްޤީޤުގައި އެއިރުގެ އިސްލާމިކް މިނިސްޓަރުގެ ބަހާއި، އެއިރުގެ އިސްލާމިކް މިނިސްޓްރަށް މުޞްޠަފާ މުޙައްމަދުދީދީ ފޮނުވި ސިޓީގައި ބަޔާންކުރާ މުވައްޒަފުންނާ ސުވާލުކޮށް ތަޙްޤީޤަށް ބަޔާން ނަގައިފައި ނެތުމާއި، އަލް-ފަތުހު ހައްޖު އެންޑް ޢުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ ދެން ތިބި ޑައިރެކްޓަރުންނާއި ކުންފުނީގެ މުވައްޒަފުންގެ ބަޔާން ނެތުމުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤު ބާޠިލުކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ހައިކޯޓުން އިތުރަށް ކަނޑައަޅާފައިވެއެވެ. ސަބަބަކީ އެފަދަ ތަޙްޤީޤެއް ކުރުމުގައި އިޖުރާއަތު ހިމެނޭ ގޮތަށް ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ފެންނަން ނެތްނަމަ، އެފަދަ ތަޙްޤީޤެއް ބާޠިލުކަމަށް ކަނޑައެޅުމަކީ ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމަކަށް ނުވުމެވެ. އަދި ހަމަ އެފަދައިން އެތައް ބަޔަކު ޝާމިލުވާ މައްސަލައެއްގައި އެހެން ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްފައި ނުވުމަކީ، ދަޢުވާ އުފުލިފައިވާ ފަރާތުގެ މުޅި ދަޢުވާ ގޯސްވާންޖެހޭނެ ހުއްޖަތެއް ނޫންކަމަށް ހައިކޯޓުން އިތުރަށް ކަނޑައަޅާފައިވެއެވެ. މިކަންކަމުގެ މައްޗަށް ބުރަވެ ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ކަނޑައަޅާފައިވަނީ މުޞްޠަފާ މުޙައްމަދުދީދީގެ މައްސަލައިގައި ކޮށްފައިވާ ތަޙްޤީޤަކީ ބާޠިލު ތަޙްޤީޤެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށެވެ.
ނަތީޖާއެއްގެ ގޮތުން، މި މައްސަލައިގައި ކޮލަޓެރަލް އެސްޓޮޕަލްގެ ހާލަތެއް މެދުވެރިވެފައިނުވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ކުރިން ކުރި ޙުކުމުގައި ތަޙްޤީޤަކީ ބާޠިލު ތަޙްޤީޤެއްކަމަށް ކަނޑައެޅި ކަނޑައެޅުން އިސްތިއުނާފީ މަރުހަލާގައި (އެއީ ހައިކޯޓުގައި) ބާޠިލުކޮށްފައިވުމުން، މި މައްސަލައިގައި ކޮށްފައިވާ ތަޙްޤީޤަށް، ފަހުން ބަލަމުންދާ ޚިޔާނާތުގެ މައްސަލައިގައި ރިއާޔަތްކުރުމުގެ ހުރަހެއްނެތެވެ.
އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުއަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން މުޞްޠަފާ މުޙައްމަދުދީދީއަށް ސުޕްރީމް ކޯޓުގައި ދެއްކިފައިނުވެއެވެ.
ތަފާތުކުރާކަމަށް ބުނާ ބުނުން
މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މި މައްސަލައިގެ ތަހްޤީޤުކުރުމާއި ދަޢުވާކުރުމުގައި މުޞްޠަފާ މުޙައްމަދުދީދީއާ މެދު ތަފާތުކުރުންތަކެއް ގެންގުޅެފައިވާކަމަށާއި، އަދި ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 17، 20 އަދި 220 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކުރާ އަސާސީ ޙައްޤުތައް އެއްވެސް ގޮތަކުން ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރަނީ ޤާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެއްކަމަށެވެ. ޤާނޫނުއަސާސީގެ 220 ވަނަ މާއްދާ ހަވާލާދެނީ ވަކި ފަރާތަކަށް ބުރަނުވާ ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ.
މި ނުކުތާއާ ގުޅިގެން މުޞްޠަފާ މުޙައްމަދުދީދީގެ މައިގަނޑު ޝަކުވާއަކީ މި މައްސަލައިގެ ތަޙުޤީޤު ހިންގުނު އިރު، އެއިރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޑެޕިޔުޓީ މިނިސްޓަރު ޑރ. ޢާއިޝަތު މުނީޒާގެ ބަޔާންތައް ތަޙުޤީޤަށް ނަގާފައިނުވުމެވެ. މައްސަލައިގެ އަސާސާ ގުޅުހުންހުރި ފަރާތްތަކުގެ ބަޔާނެއް ނެތްނަމަ، ޢާންމު އުސޫލަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެފަދަ ފަރާތްތަކުގެ ބަހެއް ހޯދުމަށް ތަޙުޤީޤުކުރާ ފަރާތްތަކަށް އެންގުން ކަމުގައިވާއިރު، މި މައްސަލައިގައި އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އަންގާފައިނުވުމެވެ. އަދި މި މައްސަލައިގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ރިޕޯޓެއް ހުށަޅާފައިވާއިރު، އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ކޮން ފަރާތަކުންކަން އެނގެން ނެތްއިރު، އެކަންވެސް އިސްލާހުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަންގާފައިނުވާކަމަށެވެ. އަދި މިބާވަތުގެ އެހެނިހެން މައްސަލަތަކުގައިވެސް ޢާންމުގޮތެއްގައި ދައުލަތުން އުފުލަނީ އެންމެ ދަޢުވާއެއްކަމަށް މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ބުނެފައިވެއެވެ.
މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ހުށަހެޅި މި ނުކުތާގައި ދައްކާފައިވާ ވާހަކަތަކާއި އަދި ދައުލަތުގެ ފަރާތުން މި ނުކުތާގެ ޖަވާބުގައި ދައްކާފައިހުރި ވާހަކަތަކަކީ ސީދާ މައްސަލައިގެ މައުލޫއުއާ ގުޅުންހުރި ވާހަކަތަކެއް ކަމުން، މި މައްސަލައިގައި ފައިސަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން މި ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމަކީ މި މަރުހަލާގައި އެންމެ ރަނގަޅުގޮތް ކަމުގައި އަހުރެން ނުދެކެމެވެ.
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާގެ އަޣުލަބިއްޔަތުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ އެކަށީގެންވާ ޤާނޫނީ ސަބަބުތަކެއް މުޞްޠަފާ މުޙައްމަދުދީދީއަށް ހުށަހެޅިފައިނުވެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ހ. އެކްސެލް މުޞްޠަފާ މުޙައްމަދުދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/388 ގަޒިއްޔާ އިސްތިއުނާފުކުރަން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.