ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 55 · 2020/SC-A/98ސުޕްރީމް ކޯޓު · 15 ސެޕްޓެމްބަރު 2022

މުޙައްމަދު ވަޙީދު ވ. ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 ސެޕްޓެމްބަރު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މުޙައްމަދު ވަޙީދު ވ. ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/423 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލަ އެވެ. މި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ މުޙައްމަދު ވަޙީދު އެވެ. އަދި އިސްތިއުނާފު ރައްދުވަނީ، ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-240/2005) އަށެވެ.

މައްސަލައިގެ ފަސްފަހަތް

"ސާރިއާ" ދޯންޏަކީ މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެކެވެ. އެ އުޅަނދު 01 ޑިސެމްބަރ 2014 އިން ފެށިގެން 01 ޑިސެމްބަރ 2015 ގެ ނިޔަލަށް ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީގައި އިންޝުއަރެންސް ކޮށްފައިވެއެވެ. މި އިންޝުއަރެންސްގެ ޕޮލިސީ ނަންބަރަކީ MLAU14SH000061 އެވެ.

އިންޝުއަރެންސްގެ މުއްދަތުގައި، 2015 ޖުލައި 17 ވަނަ ދުވަހުގެރޭ ސާރިޔާ ދޯނި ސ. މަރަދޫ ބަނދަރުގައި އަޅާފައި އޮއްވައި، އެ ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. މި ހާދިސާގައި ދޯނި އަނދައި، ދޯންޏަށާއި ދޯނީގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ސާރިއާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޙައްމަދު ވަޙީދު 26 ޖުލައި 2015 ގައި "މެރިން ހަލް ކްލެއިމް ފޯމު" ސިލިންކޯ އިންޝުއަރެންސަށް ހުށަހެޅިއެވެ. ނަމަވެސް ހަތަރު ސަބަބެއް ބަޔާން ކުރުމަށްފަހު، އެ ކްލެއިމް ފޯމު ބަލައިގަނެވެން ނެތްކަން 12 ޖުލައި 2016 ގައި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން މުޙައްމަދު ވަޙީދަށް އަންގާފައިވެއެވެ.

ސިވިލް ކޯޓުގައި ދަޢުވާ ކުރުން

ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން މުޙައްމަދު ވަޙީދު ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމުން އެ ކުންފުންޏާ ދެކޮޅަށް މުޙައްމަދު ވަޙީދު ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2391/Cv-C/2016 ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި މުޙައްމަދު ވަޙީދު އެދިފައިވަނީ ސާރިއާ ދޯންޏަކީ ސިލިންކޯ އިންޝުއަރެންސްގައި އިންޝުއަރ ކޮށްފައިވާ އުޅަނދެއް ކަމަށާއި، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ދޯނި އަނދައިގެން ގޮސްފައިވުމުން އިންޝުއަރެންސް ޕޮލިސީއާ އެއްގޮތަށް މުޙައްމަދު ވަޙީދަށް ބަދަލުގެ ގޮތުގައި ލިބެންޖެހޭ1,350,000.00 (އެއްމިލިޔަން ތިން ލައްކަ ފަންސާސްހާސް) ރުފިޔާ ދިނުމަށް އިންޝުއަރެންސް ކުންފުނިން ދެ ކޮޅު ހަދަމުންދާތީވެ އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ނަގައި ދިނުމަށެވެ.

ސިލިންކޯ އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއަށް އެ ކުންފުނިން އިންކާރު ކޮށްފައިވެއެވެ. އަދި އެ ކުންފުނީގެ ފަރާތުން އިންޝުއަރެންސް ކްލެއިމް ބަލައި ނުގަތުމަށް ނިންމާފައިވާ ސަބަބުތައް ދިފާޢުކޮށް، އެކަންކަން ޝަރީޢަތަށް ސާފުކޮށް ދީފައިވެއެވެ. އެ ގޮތުން ސާރިއާ ދޯނީގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓުންނާއި، އިންޑިޕެންޑެންޓް ސަރވޭއަރ މޯލްޑިވްސްގެ ހޯދުންތަކުން އެ ދޯނީގައި ގަސްދުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ބެލެވޭ ކަމުގައި ބަޔާންކޮށްފައިވާކަން ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން މި ހާދިސާ ހިނގިއިރު، އިންޝުއަރެންސް ޕޮލިސީއާ އެއްގޮތަށް ރޭގަނޑުގެ ވަގުތުތަކުގައި ދޯނި ބެލެހެއްޓުމަށް މީހަކު ނެތްކަމާއި، ޕޮލިސީއާ ޚިލާފަށް ދޯނީގެ އިންޖީނު ބަދަލުކޮށްފައިވާ ކަމަށާއި، އަދި ދޯނި ބެލެހެއްޓުމަށް އެހެން ފަރާތަކާ ޙަވާލު ކޮށްފައި ވަނީވެސް ޕޮލިސީއާ ޚިލާފަށް ކަން އެ ކުންފުނިން ކޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ޙުކުމަށް ވާސިލު ވުމުގައި ސިވިލް ކޯޓުން އަންނަނިވި ދެ ކަމަށް ބުރަވެފައި ވެއެވެ.

ފުރަތަމަ ކަމަކީ، މި މައްސަލައިގައި ހުށަހެޅުނު ސާރިއާ ދޯނީގައި އަލިފާން ރޯވި ހާދިސާ ބަލައި ތަޙްޤީޤު ކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރު ކޮށްފައިވާ ރިޕޯޓަށް ބަލާއިރު، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ވަކި ސަބަބެއް ތަޙްޤީޤަށް ސާފުވެފައި ނުވާ ކަމަށާއި، މި ހާދިސާއަކީ އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދުގެ ކަންކަމާ ހަވާލުވެހުރި ފަރާތަކުން ގަސްދުގައި ކޮށްފައިވާ ކަމެއްކަން ޝަރީޢަތަށް ސާބިތުވާ ކަލިމައެ އެ ރިޕޯޓުގައި ބަޔާންވެފައި ނުވާކަމެވެ.

ދެވަނަ ކަމަކީ، އިންޝުއަރެންސް ޕޮލިސީގެ ވޮރަންޓީގެ 04 ވަނަ ނަންބަރުގައި އިރު އޮއްސި ރޭނގަޑު 07 އިން ހެނދުނު 06 އާ ދެމެދު މަދުވެގެން އެކަކު އެ އުޅަނދު ބެލެހެއްޓުމަށް ހުންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އުޅަނދު ބެލެހެއްޓުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު ޙަވާލުވެހުރި ފަރާތުން އުޅަނދުގައި އެއްވެސް މީހަކު ބަހައްޓާފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައި ނުވާ ކަމުގައެވެ.

މި ކަންކަން ފާހަގަ ކުރުމަށްފަހު، އިންޝުއަރެންސް ޕޮލިސީގައިވާ ފަދައިން އުޅަނދު ބެލެހެއްޓުމަށް މީހަކު ނެތުމަކީ އެ ޕޮލިސީއާ ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމުގައި ކަނޑައަޅައި، މުޙައްމަދު ވަޙީދު ހޯދުމަށް އެދިފައިވާ ފައިސާއަކީ އިންޝުއަރެންސް ޕޮލިސީގެ ދަށުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމުގައި ކަނޑައަޅައި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމި ގޮތް

ސިވިލް ކޯޓުން މުޙައްމަދު ވަޙީދާ ދެކޮޅަށް މައްސަލަ ނިމުމުން އެ މައްސަލަ މުޙައްމަދު ވަޙީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި މުޙައްމަދު ވަޙީދު ހައިކޯޓުގައި ފާހަގަ ކޮށްފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.

ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގައިވާ ހާދިސާ ހިނގިއިރު، އިންޝުއަރެންސް ޕޮލިސީއާ އެއްގޮތަށް ދޯނި ބެލެހެއްޓުމަށް ބަޔަކު ތިބިކަން ސާބިތު ކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި ހެކިން ހާޒިރު ނުކޮށް އެ ކޯޓުން މައްސަލަ ނިންމާފައިވާ ކަމުގައި ބުނެ ފާހަގަކުރި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި ބައެއް ލިޔުންތަކަށާއި ބަޔާންތަކަށް އެ ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ހައިކޯޓުގައި މި މައްސަލައާ ގުޅިގެން ތިން އަޑުއެހުމެއް ބޭއްވިފައިވެއެވެ. އެ އަޑުއެހުން ތަކުގެ ތެރެއިން 19 ޖެނުއަރީ 2020 ގައި ބޭއްވުނު އަޑުއެހުމުގެ މަޙްޟަރު ބަޔާންތަކަށް ބަލާއިރު، މުޙައްމަދު ވަޙީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓަށް ހާޒިރު ކޮށްފައި ނުވާ ހެކިން ހައިކޯޓަށް ހާޒިރު ކުރުމަށް ނިންމައި ދެ ދުވަހުގެ ތެރޭގައި ހެކިންގެ މައުލޫމާތު ކޯޓާ ހިއްސާކުރުމަށް ޝަރީޢަތުން އެދިފައިވެއެވެ. އަދި އެ މައުލޫމާތު ކޯޓާ ހިއްސާކުރާނެ ކަމުގައްޔާއި، ހެކިންގެ ހެކިބަސް ނެގުމަށްފަހު މައްސަލަ ނިންމައި ދިނުމަށް މުޙައްމަދު ވަޙީދުގެ ފަރާތުން އެދިފައިވެއެވެ. އަދި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ވެސް އެ ހެކިންގެ ހެކިބަސް ނެގުމަށްފަހު، އެ ހެކިބަހާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދިފައިވެއެވެ.

ހެކިންގެ މަޢުލޫމާތު ކޯޓާ ހިއްސާ ކުރުމަށް މުޙައްމަދު ވަޙީދަށް ޝަރީޢަތުން ދިން ދެ ދުވަހުގެ މުއްދަތުގައި ހެކިންގެ އެ މަޢުލޫމާތު މުޙައްމަދު ވަޙީދުގެ ފަރާތުން ކޯޓާ ހިއްސާ ކުރެވިފައި ނުވެއެވެ. މިކަން މި މޭރުމުން ބަޔާންކުރުމަށްފަހު، ސިވިލް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް 02 ފެބްރުއަރީ 2020 ގައި މި މައްސަލަ އެ ކޯޓުން ނިންމާފައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

މުޙައްމަދު ވަޙީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމި ގޮތާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ނުކުތާތަކެވެ.

ފުރަތަމަ ނުކުތާއަކީ ސާރިއާ ދޯނީގައި އަލިފާނުގެ ހާދިސާ ހިނގިއިރު، އެ ދޯނި ބެލެހެއްޓުމަށްޓަކައި ދޯނި ކައިރީގައި ޑިއުޓީ ކުރި ދެ ހެކިންގެ މަޢުލޫމާތު ހައިކޯޓަށް ފޮނުވި ނަމަވެސް އެ ހެކިން ހާޒިރު ކުރުމެއް ނެތި، އެ ކޯޓުން މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ މައްސަލައިގައި ކަނޑައަޅާފައިވާ، މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންނަށް ލިބިގެންވާ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ޙައްޤު ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ޝަރީޢަތުން ޚަޞްމުންނަށް ލިބެންވާނެ ކަމަށް އޮންނަ އުސޫލާ ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ހައިކޯޓުން މި މައްސަލަ ނިންމުމުގައި މައްސަލައިގައި ކަން ހިނގާފައިވާ ގޮތާބެހޭ ގޮތުން ޝަރީޢަތަށް ހުށަހެޅި ބައެއް ލިޔުންތަކަށާއި ބަޔާންތަކަށް މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމަށާއި، ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން އެއްވެސް ހެއްކެއް ދެއްކުމެއްނެތި ދައްކާފައިވާ ވާހަކަތަކަށް މައްސަލަ ނިންމުމުގައި ހައިކޯޓުން ރިޢާޔަތް ކޮށްފައިވާ ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާ ހުށަހަޅަމުން މިއީ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ މައްސަލައިގައިވާ ކަމާބެހޭ އުސޫލުތަކާއި، ހައިކޯޓުގެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ރިޟްވާން ނިޡާމް ޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ (ހ) ގެ 09 ވަނަ ނަންބަރާ ޚިލާފަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމުގައި މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

ތިންވަނަ ނުކުތާއަކީ، މި މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް ބަލާއިރު، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކުރުމުގައި އެ ކޯޓުން ގެންގުޅެފައިވާ މިންގަނޑަކީ ޖިނާއީ ކުށްތައް ސާބިތު ކުރުމުގެ މިންގަނޑުކަން ދޭހަވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އަދި މިއީ ހައިކޯޓުގެ ރީތި ރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މުޢާޒު މައްސަލައިގައި އެ ކޯޓުން ބަޔާންކޮށްފައިވާ ސާބިތު ކުރުމުގެ ހަމަތަކާއި، އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

މި ކަންކަން ފާހަގަ ކުރުމަށްފަހު، މުޙައްމަދު ވަޙީދުގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށްފަހު، މި މައްސަލައިގައި ނަގައިދިނުމަށް ސިވިލް ކޯޓުގައި އެދިފައިވާ ފައިސާ ޝަރީޢަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދެއްކުމަށް ސިލިންކޯ އިންޝުއަރެންސްގެ މައްޗަށް އަންގައި މައްސަލަ ނިންމައި ދިނުމަށެވެ. ނުވަތަ މި މައްސަލައިގައި ހައިކޯޓުން ހާޒިރުކޮށްފައި ނުވާ ހެކިން އަލުން ހާޒިރުކޮށް ހެކިބަސް ނެގުމަށްޓަކައި މައްސަލަ ހައިކޯޓަށް މައްސަލަ ތަހްވީލު ކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން އަންނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

މުޙައްމަދު ވަޙީދުގެ ފަރާތުން ހާޒިރުކުރުމަށް ބޭނުންވި ހެކިން ހާޒިރު ކުރުމަށްޓަކައި، ހެކިންގެ މަޢުލޫމާތު ދެ ދުވަހުގެ ތެރޭގައި ހައިކޯޓާ ހިއްސާ ކުރުމަށް 19 ޖެނުއަރީ 2020 ގައި އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން އެދުނު ކަމަށާއި ނަމަވެސް އެ މަޢުލޫމާތު ކޯޓުން އެދުނު ގޮތަށް މުޙައްމަދު ވަޙީދު ކޯޓާ ހިއްސާކޮށްފައި ނުވެއެވެ. މިކަން ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަމަށާއި، އެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބަލާނެ ޖާގައެއް ނެތްކަން ސިލިންކޯ އިންޝުއަރެންސްގެ ފަރަތުން ފާހަގަ ކޮށްފައިވެއެވެ.

ހައިކޯޓުން މި މައްސަލަ ނިންމުމުގައި މައްސަލައިގައި ކަންހިނގާފައިވާ ގޮތާބެހޭ ގޮތުން ޝަރީޢަތަށް ހުށަހެޅި ބައެއް ލިޔުންތަކަށާއި ބަޔާންތަކަށް މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމަށާއި، ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން އެއްވެސް ހެއްކެއް ދެއްކުމެއްނެތި ދައްކާފައިވާ ވާހަކަތަކަށް މައްސަލަ ނިންމުމުގައި ހައިކޯޓުން ރިޢާޔަތް ކޮށްފައިވާ ކަމުގައި މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަކުރާ ނުކުތާއަކީ ޙަޤީޤަތެއް އެކުލެވިފައިވާ ވާހަކަ އެއް ނޫންކަމުގައި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ފާހަގަ ކުރެއެވެ. މި ގޮތުން މި މައްސަލައިގައި ހުށަހެޅިފައިވާ މެރިން ހަލް ކްލެއިމް ފޯމާއި، އިންވޮއިސް ތަކާއި، ފުލުހުންގެ ރިޕޯޓާއި، ޑެމޭޖް ސަރވޭ ރިޕޯޓާއި، އިންޝުއަރެންސް ޕޮލިސީފަދަ ޝަރީޢަތަށް ހުށަހެޅުނު ހުރިހާ ހެކިތަކަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިވާކަން ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ހެކި ވަޒަންކޮށްފައިވަނީ މަދަނީ މިންގަނޑުން ކަން މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމުން އެނގޭ ކަމަށާއި، ޖިނާއީ ކުށް ސާބިތުވާ މިންގަނޑުން އެއްވެސް ކަމެއް މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާކަން އެ ކޯޓުގެ ނިންމުމުން ދޭހަ ނުވާކަން ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

މި ކަންކަން ފާހަގަ ކުރުމަށްފަހު، ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި އެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމައި ދިނުމަށެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

މި މައްސަލައިގައި ޝަރީޢަތުން އެންމެ ފުރަތަމަ ގޮތެއް ނިންމަންޖެހޭ ކަމަކީ، ދެ ދުވަހުގެ ތެރޭގައި ހެކިންގެ މަޢުލޫމާތު ކޯޓާ ހިއްސާކުރުމަށް މުހައްމަދު ވަޙީދަށް ހައިކޯޓުން އެންގި އެންގުމާ އެއްގޮތަށް ހެކިންގެ މަޢުލޫމާތު ހުށަނޭޅި އޮތް އޮތުމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނާ ޚިލާފު ވެފައިވާކަން ނުވަތަ ނޫންކަމެވެ. އެއަށްފަހު، މި މައްސަލައިގައި އެ ކޯޓަށް ހުށަހެޅުނު ހެކިތަކަށް ރިޢާޔަތް ކޮށްފައިވާ މިންވަރާއި، ހެކި ވަޒަންކުރުމުގައި އެ ކޯޓުން ގެންގުޅެފައިވާ މިންގަނޑަކީ ކޮބައިކަމާމެދު ގޮތެއް ކަނޑައަޅާނަމެވެ.

ހެކިންގެ މަޢުލޫމާތު ހިއްސާ ނުކުރެވުން

އިސްތިއުނާފީ ފުރަތަމަ ނުކުތާގައި މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި މައްސަލައިގައި ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވި ހެކިންގެ މަޢުލޫމާތު ސިވިލް ކޯޓާ ހިއްސާ ކުރިކަމުގައެވެ. އަދި އެ މަޢުލޫމާތު އެ ފަދައިން ހައިކޯޓާ ވެސް ހިއްސާކުރި ކަމުގައެވެ. އަދި އެ ހެކިންގެ ހެކިބަހުގެ މުހިންމުކަމާމެދު ހައިކޯޓުގައި ތަފުސީލުކޮށް ވާހަކަ ދައްކާފައިވާނެ ކަމުގައެވެ. އަދި މި މައްސަލައިގައި ހައިކޯޓުގައި ބޭއްވުނު އެންމެ ފަހު އަޑުއެހުމުގައި (19 ޖެނުއަރީ 2020 ގެ އަޑުއެހުމުގައި) ޝަރީޢަތުން ހެކިންގެ އަދާހަމަ މަޢުލޫމާތު ކޯޓާ ހިއްސާ ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ދިން ކަމުގައެވެ. ނަމަވެސް އެ މަޢުލޫމާތު އެ ކޯޓާ ހިއްސާ ކުރެވުނީ 29 ޖެނުއަރީ 2020 ގައި ކަމުގައެވެ. ކަންމިހެން އޮތް ނަމަވެސް، ދެ ދުވަހުގެ ތެރޭގައި ހެކިންގެ މަޢުލޫމާތު ކޯޓާ ހިއްސާ ކުރެވިފައި ނުވާ ނުވުމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތް ކަމުގައި ކަނޑައަޅައި މައްސަލަ ނިންމުމަކީ ބޭއިންސާފެއް ކަމުގައެވެ.

މީގެ އިތުރަށް މި މައްސަލަ ހައިކޯޓަށް ހުށަހެޅުނު ފަހުން މައްސަލަ އެ ކޯޓުގައި ކުރިއަށް ދިޔަ ގޮތަށް ބަލާއިރު، ހެކިންގެ މަޢުލޫމާތު ހިއްސާކުރުމަށް ދިން މުއްދަތާއި، އެ މުއްދަތުގައި އެ މަޢުލޫމާތު ހިއްސާ ނުކުރެވުނު ނުކުރެވުމުގެ މައްޗަށް މައްސަލަ ނިންމުމަކީ ބޭއިންސާފު އިތުރަށް ހާމަވާ ކަމެއް ކަމުގައި މުޙައްމަދު ވަޙީދުގެ ފަރާތުން ބުނެފައިވެއެވެ.

ހެކިން ހާޒިރު ކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުގައިވާ އުސޫލުތަކަށް ބަލާއިރު، ކަމެއް ސާބިތު ކުރުމުގެ ޙައްޤަކީ ޚަޞްމުންނަށް ލިބިގެންވާ ޙައްޤެއް ކަމާއި، ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަޞްމުންނަށް ފަހިކޮށް ދޭންވާނެ ކަމަށް އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ މައްސަލައިގައި ކަނޑައަޅާފައި ވެއެވެ. އަދި ޚަޞްމުން ހާޒިރު ކޮށްދިނުމަށް އެދޭ ހެކިން ހާޒިރު ނުކުރުމަށް ޝަރީޢަތުން ނިންމާ ހާލަތްތަކުގައި އެކަމުގެ ސަބަބު ތަފުސީލުކޮށް ބަޔާން ކުރަންޖެހޭނެ ކަމުގައި ސުޕްރީމް ކޯޓުގެ ތަފާތު އެކިއެކި މައްސަލަތަކުގައި ބަޔާންވެފައި އެބަހުއްޓެވެ. މީގެ ތެރޭގައި ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ މައްސަލައާއި، މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު 4 ފަރާތެއް [2021] SC 102 މައްސަލަ ފާހަގަ ކުރަމެވެ.

ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަ ކުރާ ހެކި ޝަރީޢަތަށް ހުށަހެޅުމަށް ދެވޭ ފުރުސަތަކީ ހަމަހަމަ ކަމާއެކު ޚަޞްމުންނަށް ދެވޭ، އަދި އެ ހެކި ހުށަހެޅުމަށް އެކަށޭނެ ފުރުސަތެއް ކަމުގައި ވާންވާނެއެވެ. އަދި އެ ފަދައިން އެރުވޭ ފުރުސަތުތަކުގައި ހެކި ހުށަނޭޅިއްޖެ ނަމަ، އެކަމުގެ ސަބަބުތަކުގެ މައްޗަށް ރިޢާޔަތް ކުރެވެން ޖެހޭނެއެވެ. އެހެނީ، ފަނޑިޔާރުން މަސައްކަތަކީ އިންސާފު ޤާއިމު ކުރުމެވެ. ޚަޞްމުންނަށް ޝަރީޢަތުގެ މަޖިލީހުގައި އެރުވޭ ފުރުސަތުތަކާ އެއްގޮތަށް ޢަމަލު ނުކުރެވޭ ހާލަތުގައި، ފަނޑިޔާރު ނިންމާ ނިންމުމެއްގެ ސަބަބުން ހުށަހެޅިފައިވާ މައްސަލައިގައި އިންސާފު ޤާއިމުވާކަން ނުވަތަ ނޫންކަމާމެދު ސުވާލު ކުރެވެން ވާނެއެވެ. މުޅި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި، މައްސަލައަށް ހޭދަވެފައިވާ މުއްދަތާއި، ޚަޞްމުންގެ ޝަކުވާތަކާއި، އެކަންކަމަށް ޤާނޫނީ އިމުގެ ތެރެއިން ދެވޭނެ ފަރުވާއަކީ ކޮބައިކަން ވަޒަންކޮށް ތަސައްވަރު ކުރެވެން ވާނެއެވެ. އެހެނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ ތަސައްވުރު ކުރާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤުގެ އެންމެ މުހިންމު އެއް އުސޫލަތަކަކީ އިންސާފުން ޝަރީޢަތް ކުރެވުމެވެ. އަދި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ކުރެވުމެވެ. މި އުޞޫލުތަކަކީ، އިންސާފު ހޯދަން އަންނަ ފަރާތްތަކަށް ފަނޑިޔާރުން ޢަމަލު ކުރަނީ އިންސާފުންކަން ދޭހަކޮށްދިނުމަށް ފަނޑިޔާރު ތަބާވާންޖެހޭ އެންމެ އަސާސީ މިންގަޑެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 27 ފެބްރުއަރީ 2017 ގައި މުޙައްމަދު ވަޙީދުގެ ފަރާތުން ސާރިއާ ދޯނީގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެ ދޯނި ކައިރީގައި ޑިއުޓީއަށް ތިބި ދެމީހުންނަކީ ކޮބައިކަމާއި، އެ ދެމީހުން ޑިއުޓީއަށް ތިބިކަން ސާބިތު ކޮށްދިނުމަށް ހެކިންގެ ގޮތުގައި ދެ މީހެއްގެ ނަން ހުށަހަޅާފައިވެއެވެ. މި ތާރީޚުގައި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ވެސް އެ ކުންފުނީގެ ފަރާތުން ސާބިތު ކުރުމަށް ބޭނުންވާ ހެކި ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ، މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހެޅި ޝަފަހީ ހެކިން ހާޒިރު ނުކޮށެވެ. ހާޒިރު ނުކުރި ސަބަބެއް ވެސް އެ ކޯޓުން ބަޔާން ކޮށްފައިނުވެއެވެ. މީގެ އިތުރަށް އެ ކޯޓުގެ ޙުކުމުގައި ބަޔާން ކޮށްފައިވަނީ، އަލިފާނުގެ ހާދިސާ ހިނގައިދިޔައިރު، "އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދާ ހަވާލުވެ ހުރި ފަރާތުން އުޅަނދުގައި އެއްވެސް މީހަކު ބަހައްޓާފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދަޢުވާ ކުރާ ފަރާތުން ހުށަހަޅާފައި ނުވާ" ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަ ކޮށްފައިވާ މައިގަނޑު ކަމަކީ، އޭނާގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރު ނުކޮށް މައްސަލަ ނިންމާފައިވުމާއި، އެކަމުގެ ސަބަބު ވެސް ސިވިލް ކޯޓުން ބަޔާންކޮށްފައި ނުވާ ނުވުމެވެ.

ސިވިލް ކޯޓުން މައްސަލަ ނިމުމުން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށް، މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ވެފައިވަނީ 2017 އޮކްޓޯބަރ 01 ވަނަ ދުވަހުގައެވެ. މި މައްސަލައިގައި ހައިކޯޓުން އަޑުއެހުމެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ، 2019 އޭޕްރިލް 25 ވަނަ ދުވަހުގައެވެ. އަދި މި މައްސަލައިގައި މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހެޅުމަށް ބޭނުންވާ "ހެކިންގެ މިހާރުގެ ވަނަވަރު" ދެ ދުވަހުގެ ތެރޭގައި ހައިކޯޓާ ހިއްސާ ކުރުމަށް ޝަރީޢަތުން އެދިފައިވަނީ 2020 ޖެނުއަރީ 19 ވަނަ ދުވަހުގައެވެ. މި ދުވަހުގައި މިހެކިން ހާޒިރުކޮށް، މިހެކިންގެ ހެކިބަހާމެދު ވާހަކަ ދައްކަން ބޭނުންވާކަން ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ވެސް ހައިކޯޓުގައި ހާމަކޮށްފައިވެއެވެ.

އަހުރެންވެސް އެއްބަހެވެ. ދެ ދުވަހުގެ މުއްދަތުގައި މުޙައްމަދު ވަޙީދުގެ ފަރާތުން ޝަރީޢަތުން ބޭނުންވި މަޢުލޫމާތު ކޯޓާ ހިއްސާ ކޮށްފައިނުވެއެވެ. އެ މަޢުލޫމާތު ކޯޓާ ހިއްސާކޮށްފައިވަނީ 2020 ޖެނުއަރީ 29 ވަނަ ދުވަހުގައެވެ. އެއަށް ފަހު، "މުޙައްމަދު ވަޙީދުގެ ފަރާތުން ހެކިންގެ ވަނަވަރު ދިވެހިރާއްޖޭގެ ހައިކޯޓަށް ސާފުކޮށް ދީފައި ނުވާތީ" ވެ، އެކަން ފާހަގަކޮށް މައްސަލަ ނިންމާފައިވަނީ ޖެހިގެން އައި ފެބްރުއަރީ މަހު 02 ވަނަ ދުވަހުގައެވެ. އެއިރު މައްސަލައިގެ މަޙްޟަރު ބަޔާންތައް ޚަޞްމުން ކިޔައި ސޮއިކޮށް އިނގިލީގެ ނިޝާންޖަހައި ނިމިފައި ވެސް ނުވެއެވެ.

މުޅި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރި ފަހުން 01 އަހަރާއި 06 މަހާއި 25 ދުވަސް ފަހުން އަޑުއެހުންތައް ފަށައި، އަޑު އެހުންތައް 09 މަސް ދުވަހަށް ދިގު ދެމިގެން ދިއުމަށްފަހު، މުޙައްމަދު ވަޙީދުގެ ފަރާތުން ހާޒިރު ކުރުމަށް ބޭނުންވި ހެކިން ހާޒިރު ކުރުމަށް ނިންމައި، އެ ހެކިން ހާޒިރުކޮށް ދިނުމަށް މައްސަލައިގެ ދެ ފަރާތުންމެ އެދޭ ހާލު، "ހެކިންގެ މިހާރުގެ ވަނަވަރު" މަޢުލޫމާތު ދެ ދުވަހުގެ ތެރޭގައި ނުލިބުނު ނުލިބުމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިންސާފުން ޝަރީޢަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ.

މިއާ ޚިލާފަށް، ހެކިންގެ އަދާހަމަ ވަނަވަރު ހުށަހެޅުމަށް ހައިކޯޓުން އެންގި ދުވަހު، އެ މުއްދަތުގައި އެ ވަނަވަރު ހުށަނާޅައިފިނަމަ، އެއިގެ ނަތީޖާ ޝަރީޢަތުން ސާފުކޮށް ދީފައި އޮތްނަމަ، ނުވަތަ މައްސަލަ ނިންމުމުގެ ކުރިން ޝަރީޢަތުން އެންގި މުއްދަތުގައި އެ މައުލޫމާތު ޝަރީޢަތާ ހިއްސާނުކުރެވުނު މަޤުބޫލު ސަބަބެއް ނެތްކަން ހައިކޯޓުން ކަށަވަރު ކުރިނަމަ، ނުވަތަ ޝަރީޢަތަށް ގޮންޖެހުމަށް ނުވަތަ މައްސަލަ ދިގު ދެންމުމުގެ ނިޔަތުގައި ގަސްދުގައި އެ މަޢުލޫމާތު ހުށަހެޅުން ލަސްވިކަމަށް ބެލެވޭނެ ސަބަބުތަކެއް ހައިކޯޓުގެ ނިންމުމުން ފެންނަން އޮތްނަމަ މި ނުކުތާގައި އަހުރެންގެ ރައުޔު ތަފާތުވީހެވެ.

ހެކިތަކަށް ރިޢާޔަތް ކުރިކަން ނުވަތަ ނޫންކަމާއި ހެކި ވަޒަންކުރި މިންގަނޑު

އިސްތިއުނާފީ ދެވަނަ ނުކުތާގައި މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި މައްސަލަ ނިންމުމުގައި ހައިކޯޓުން ޝަރީޢަތަށް ހުށަހެޅި ބައެއް ލިޔުންތަކަށާއި، ބަޔާންތަކަށް ރިޢާޔަތް ކޮށްފައި ނުވާކަމަށެވެ. މި ނުކުތާއާ ގުޅިގެން އިތުރަށް މުޙައްމަދު ވަޙީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން އެއްވެސް ހެއްކެއް ދެއްކުމެއްނެތި ދައްކާފައިވާ ވާހަކަތަކަށް މައްސަލަ ނިންމުމުގައި ހައިކޯޓުން ރިޢާޔަތް ކޮށްފައިވާ ކަމުގައި ބުނެފައިވެއެވެ. އަދި އިސްތިއުނާފީ ތިންވަނަ ނުކުތާގައި މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި މައްސަލައިގައި ހުށަހެޅުނު ހެކިތައް އެ ކޯޓުން ވަޒަންކޮށްފައިވަނީ ޖިނާއީ ކުށްތައް ސާބިތު ކުރުމުގެ މިންގަނޑުން ކަމަށެވެ.

ޖުމުލަ ގޮތެއްގައި ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތަށް، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެގެންނެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާއަށް ތަފުސީލުކޮށް ބަލާއިރު، މި މައްސަލަ ނިންމަމުން ހައިކޯޓުން ޖުމުލަ ފާހަގަ ކޮށްފައިވަނީ ހަތަރު ނުކުތާއެކެވެ. ނުވަތަ ދެ ފަރާތުގެ ހުށަހެޅުންތަކަށް ބަލައި ޝަރީޢަތަށް ފާހަގަ ކުރި ކަންކަމުގެ އަދަދަކީ ހަތަރެކެވެ. މި ކަންކަން ތިރީގައި މިވަނީއެވެ.

ފުރަތަމަ ފާހަގަ ވެފައިވަނީ މުޙައްމަދު ވަޙީދުގެ ފަރާތުން މި މައްސަލައިގައި ފައިސާ ހޯދުމަށް ދަޢުވާ ކުރިކަމާއި، އިންޝުއަރެންސް ޕޮލިސީގެ ދަށުން އެ ފައިސާ ނަގައިދެވޭނެތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމިކަމެވެ.

ދެވަނަ އަށް ފާހަގަވީ، އިންޝުއަރެންސް ޕޮލިސީގައިވާ ވޮރެންޓީތަކުގެ ތެރޭގައި ރޭގަނޑު 07 އިން ފެށިގެން ހެނދުނު 06 އާ ހަމައަށް ދޯނި ބެހެލެއްޓުމަށްޓަކައި ދޯނީގައި މީހަކު ހުންނަންޖެހޭނެ ކަމަށް ބަޔާން ވެފައިވާކަމެވެ.

ތިންވަނައަށް ފާހަގަވީ، މައްސަލައިގައި ހުށަހެޅިފައިވާ ފުލުހުންގެ ރިޕޯޓާއި، ފުލުހުންގެ ތަޙްޤީޤުގެ ހޯދުންތަކުން ދޯނީގައި ރޯކޮށްފައިވަނީ މީހަކު ނުވަތަ ބަޔަކު ގަސްދުގައިކަން އެނގެން ނެތްކަމެވެ.

ހަތަރުވަނައަށް ފާހަގަވީ، ހައިކޯޓަށް ހެކިން ހާޒިރުކުރުމަށް ހެކިންގެ އަދާހަމަ ވަނަވަރު ހުށަހެޅުމަށް ދިން ފުރުސަތުގައި އެ މައުލޫމާތު ސާފުކޮށްދީފައި ނުވުމުން، ދޯނި ބެލެހެއްޓުމަށް ޑިއުޓީގައި މީހަކު ހުރިކަން ސާބިތު ނުކުރެވުނުކަމެވެ.

މި ކަންކަމަށް ބަލާއިރު، ހެކިންގެ މައުލޫމާތު ހިއްސާ ނުކުރެވުމުން ދޯނި ބެލެހެއްޓުމަށް ޑިއުޓީގައި މީހަކު ހުރިކަން ސާބިތުނުވިކަމަށް ހައިކޯޓުން ނިންމި ނިންމުން ފިޔަވައި މުޙައްމަދު ވަޙީދުއާ ދެކޮޅަށް އެއްވެސް ނިންމުމެއް ހައިކޯޓުން ނިންމާފައިނުވެއެވެ. އަދި ހެއްކެއް ނެތި، ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ހަމައެކަނި ބުނާ ބުނުމަކަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތް ކޮށްފައިވާތަނެއް އެ ނިންމުމުން ފާހަގަ ވެފައިނުވެއެވެ.

އަދި އިސްތިއުނާފީ ތިންވަނަ ނުކުތާއަށް ބަލާއިރު، ހެކި ވަޒަންކުރުމުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ހައިކޯޓުން ހެކި ވަޒަން ކޮށްފައިވާކަން އެ ކޯޓުގެ ނިންމުމުން ފާހަގަ ނުވެއެވެ. އިންޝުއަރެންސްގެ މައްސަލަތަކުގައި، އިންޝުއަރެންސް ޕޮލިސީ އާއި، މައްސަލައާ ގުޅުންހުރި ތަޙްޤީޤީ ހޯދުންތަކާއި، އެ މައްސަލަތަކުގެ ޠަބީޢަތުން ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތް ކުރުމަކީ ޖިނާއީ މިންގަނޑުން މައްސަލައިގެ ހެކި ވަޒަންކުރުން ކަމުގައި އަހުރެން ނުދެކެމެވެ.

ކަންމިހެން އޮތުމުން، އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައިވާ ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެ ދެ ނުކުތާގައި ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

އަހުރެންގެ މި ރައުޔުގައި ތަފުސީލު ކުރި ކަންކަމުގެ އަލީގައި، މުޙައްމަދު ވަޙީދުގެ ފަރާތުން ހެކިންގެ ވަނަވަރު ހައިކޯޓަށް ސާފުކޮށްދީފައިނުވާތީ، އަލިފާނުގެ ހާދިސާ ހިނގިއިރު، ދޯނި ބެހެލެއްޓުމަށްޓަކައި ޑިއުޓީގައި އެއްވެސް މީހަކު ހުރިކަން ސާބިތު ކޮށްދެވިފައިނުވާކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މުޙައްމަދު ވަޙީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޝަފަހީ ދެ ހެކިން ހައިކޯޓަށް ހާޒިރުކޮށް އެ ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގެ ދަށުން މި މައްސަލަ އެ ކޯޓަށް ތަޙްވީލު ކުރުމަށް ކަނޑައަޅަން ފެނެއެވެ.

އަދި މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއާއި ތިންވަނަ ނުކުތާގެ މައްޗަށް ބިނާކޮށް ނިންމަންޖެހޭ ނިންމުމެއް ނެތްކަމުގައި ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެމަތިން ހުރުމުން،

މުޙައްމަދު ވަޙީދުގެ ފަރާތުން ހެކިންގެ ވަނަވަރު ހައިކޯޓަށް ސާފުކޮށްދީފައިނުވާތީ، އަލިފާނުގެ ހާދިސާ ހިނގިއިރު، ދޯނި ބެހެލެއްޓުމަށްޓަކައި ޑިއުޓީގައި އެއްވެސް މީހަކު ހުރިކަން ސާބިތު ކޮށްދެވިފައި ނުވާކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މުޙައްމަދު ވަޙީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޝަފަހީ ދެ ހެކިން ހައިކޯޓަށް ހާޒިރުކޮށް އެ ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހައިކޯޓަށް ތަޙްވީލު ކުރުމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއާއި ތިންވަނަ ނުކުތާގެ މައްޗަށް ބިނާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ނެތްކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ