ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2025] SC 14 · 2025/SC-A/18, 2025/SC-A/19

ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޝަން އާއި އިތުރު 1 ފަރާތް ވ. އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ އާއި އިތުރު 1 ފަރާތް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 އޭޕްރީލް 2025ދަށު ކޯޓު: ހައިކޯޓު 2025/HC-A/17، 2025/HC-A/44ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2025/HC-A/17، 2025/HC-A/44
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ލަންޑަން އާބިޓްރޭޝަނަކާ ގުޅިގެން ހައިކޯޓުން 2025/HC-A/17 ގައި ބޯޓު ފުރުން މަނާކޮށް، 2025/HC-A/44 ގައި ކާގޯ ޙަވާލުކުރުމަށް ނުވަތަ ސެކިއުރިޓީ ބެހެއްޓުމަށް އަމުރުކުރިއެވެ. އެ ދެ ޙުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
އޯޝަން އީއެކްސްއެލް އިން ވިއްކި ތެޔޮ ސަޕްލައިކުރުމަށް ޑީއެސްޖީ ޝިޕިންގގެ ބޯޓެއް ޗާޓަރުކުރިއެވެ. ޚިލާފުތައް ޙައްލުކުރާނީ އިނގިރޭސި ޤާނޫނުގެ ދަށުން ލަންޑަން އާބިޓްރޭޝަނުން ކަމަށް ޗާޓަރ ޕާޓީގައިވެއެވެ. ޚިލާފެއް އުފެދި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށްފަހު، ބޯޓުގައިވާ ކާގޯ ގެއްލިދާނެކަމަށް ބުނެ ހައިކޯޓަށް ވަގުތީ ފިޔަވަޅަށް އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ބޭރުގައި ހިނގަމުންދާ އާބިޓްރޭޝަނަކާ ގުޅިގެން ހައިކޯޓަށް ވަގުތީ ފިޔަވަޅު އެޅުމުގެ އިޚްތިޞާޞް ލިބޭ މިންވަރާއި، އެ ފިޔަވަޅު އަޅާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 އަދި 42 ވަނަ މާއްދާއާއި ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ އުޞޫލުތަކަށް ތަބާވާން ޖެހޭތޯއާއި، ހައިކޯޓުން ނެރުނު ދެ އަމުރު ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ، ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ޣައިރު ޙާޟިރުގައި އަމުރު ނެރުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 އަދި 42 ވަނަ މާއްދާއާ ޚިލާފު ކަމަށާއި، ދާއިމީ ޙައްލެއް ދީ ހައިކޯޓު އިޚްތިޞާޞްގެ ބޭރަށް ދިޔަ ކަމަށާއި، ނެކްސްބިޒް ޝަރުޠުތައް ފުރިހަމަނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ބާރު ލިބެނީ ޓްރައިބިއުނަލަށް ލިބޭ ނިސްބަތަށް ކަމަށާއި، އެ ބާރު ބޭނުންކުރާނީ ހައިކޯޓުގެ ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ އުޞޫލާ އެއްގޮތަށް ކަމުން މަދަނީ އިޖުރާއަތުގެ ގަވާއިދު ނުހިނގާނެ ކަމަށް ކޯޓުން ބުންޏެވެ. ދެވަނަ އަމުރު ބާޠިލުކުރީ ދާއިމީ ޙައްލެއް ދީ، ޢަމަލުކުރަންވީ ގޮތް ސާފުނުވާތީއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

2025/SC-A/18: ބޯޓު ދިވެހިރާއްޖެއިން ފުރުން މަނާކޮށް ބޯޓަށް ބަދަލު ނުގެނައުމަށް އެންގި ހައިކޯޓުގެ 2025/HC-A/17 ޤަޟިއްޔާގެ ޙުކުމް ޤާއިމްކުރި. 2025/SC-A/19: ބޯޓުގައިވާ ފިއުލް އޮއިލް ޙަވާލުކުރުމަށް ނުވަތަ ހަވާލުނުކުރެވޭ މިންވަރުގެ އަގު ސެކިއުރިޓީއެއްގެ ގޮތުގައި ބެހެއްޓުމަށް އެންގި ހައިކޯޓުގެ 2025/HC-A/44 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރި؛ މުދާ ޙަވާލުކުރުމަށް އެންގުމުން ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލުކުރާ އުޞޫލުގެ 3 (ނ) އާ ޚިލާފަށް ދާއިމީ ޙައްލެއް ފޯރުކޮށްދީ މައުޟޫޢީ މައްސަލައަށް ހިޔަނި އެޅުމުގެ ފުރުޞަތު އޮތުމާއި، ދެ ކަމަކަށް އަމުރުކޮށްފައިވާތީ ޢަމަލުކުރަންވީ ގޮތް ސާފުނުވާތީ. ހައިކޯޓަށް އިޚްތިޞާޞް ނެތްކަމަށާއި، މަދަނީ އިޖުރާއަތުގެ ގަވާއިދާއި ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ އުޞޫލުތަކާ ޚިލާފުވެއްޖެކަމަށާއި، ނެކްސްބިޒް ޝަރުޠުތައް ފުރިހަމަނުވާކަމަށް ހުށަހެޅި ނުކުތާތައް ޤަބޫލުނުކުރި. ޝަރީޢަތުގެ ޚަރަދު ނަގައިނުދެ. ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ހައިކޯޓުން ފިޔަވަޅު އަޅާނަމަ އެންމެ ފުރަތަމަ ބަލަން ޖެހެނީ ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު މައްސަލަ ބަލަމުންދާ ޓްރައިބިއުނަލަށް ލިބިދެވޭތޯއެވެ. މައްސަލަ ބަލާ ޓްރައިބިއުނަލްއަށް އެ ބާރު ލިބިދީފައިވާނަމަ، އެ ބާރު ލިބިދެވޭ ނިސްބަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ވެސް އެ މިންވަރަށް އެ ބާރު ޤާނޫނުން ލިބިދީފައި ވެއެވެ. ޓްރައިބިއުނަލަށް ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ނެތްނަމަ، ދިވެހިރާއްޖޭގެ ހައިކޯޓަކަށްވެސް ވަގުތީ ފިޔަވަޅު އެޅުމުގެ އިޚްތިސާސެއް ނެތެވެ.

HN2 ޓްރައިބިއުނަލަށް ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ޙާލަތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ ފިޔަވަޅު އެޅުމުގައި ތަބާވާންޖެހޭނީ އެ ކޯޓުން ކަނޑައަޅާފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިގޮތުން ތަބާވާންޖެހޭ އުޞޫލަކީ ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭ ގޮތުން ޢަމަލު ކުރާ އުޞޫލާއި އަދި މައްސަލަ ބެލުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ތަބާވާ އާންމު ހަމަތަކެވެ.

HN3 ކޮންޓްރެކްޓެއްގައި ތަޙްކީމު އުޞޫލުން މައްސަލަ ބެލުމުގައި ތަބާވާނީ މިވެނި ގައުމެއްގެ ޤާނޫނަށް ކަމަށް ބަޔާންކޮށްފައި އޮތުމުގެ މުރާދަކީ ޚިލާފު އުފެދިފައިވާ ކޮންޓްރެކްޓުގައި އޮތް ޚުޞޫމާތު ޙައްލުކުރުމުގައި އޮތް ޤާނޫނުގެ ވާހަކަ އެވެ. އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ކޯޓުތަކުން، އެ ޤައުމެއްގެ ޤާނޫނުތަކަށް ތަބާވުން ލާޒިމުކުރާކަމެއް ނޫނެވެ. އަދި އެ ޤައުމެއްގައި ވަގުތީ ފިޔަވަޅު އެޅުމުގައި ތަބާވާ އިޖުރާއާތުތަކަށް ނުވަތަ ޓްރައިބިއުނަލުގެ މައްސަލަ ބެލުމުގެ އުޞޫލުތަކަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭ ކަމެއްވެސް ނޫނެވެ. މިކަން އެނގެނީ، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގެ ނައްސުންނެވެ.

HN4 ވަގުތީ ފިޔަވަޅެއް އެޅުމުގެ ބޭނުމަކީ ހިނގަމުންދާ އާބިޓްރޭޝަނުގެ ޒާތަށް ބަލައި އެކަމުގައި އެހީތެރިވުމެވެ. ނެރޭ އަމުރަކީ ވަގުތީ ފިޔަވަޅެއްކަން ކަށަވަރު ވެފައި އޮތުމާއެކު އެ އަމުރެއްގެ ސަބަބުން ހިނގަމުންދާ އާބިޓްރޭޝަނަށް ހިޔަނި ނޭޅޭކަން އެ އަމުރު ނެރޭ ފަނޑިޔާރުން ކަށަވަރު ކުރަންވާނެއެވެ.

HN5 ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާއި ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަކީ އާންމު އުޞޫލުން މައްސަލަތައް ހިންގުމުގައި ތަބާވާންޖެހޭ ހަމަތައް ބަޔާންކުރާ ދެ މަސްދަރެވެ. އެއްވެސް ހާލެއްގައި ހައިކޯޓުން އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅެއް އެޅުމުގައި ތަބާވާންޖެހޭ އުޞޫލުތަކެއް ނޫނެވެ. އެ ހަމަތަކަށް ތަބާވުމުގެ ނަތީޖާއަކީ އަވަސް މިނެއްގައި ވަގުތީ ފިޔަވަޅެއް އެޅުމަށް ބޭނުންވި ސަބަބުތައް ފިލައިގޮސް ކަމުގެ މުއާމަލާތް ކެނޑުމުގެ ކުރިން ފިޔަވަޅު އެޅުމަށް ބައެއް ޙާލަތްތަކުގައި ދޮރުބަންދު ވުމެވެ.

HN6 ވަގުތީ އަމުރަށް ހުށަހެޅޭ މައްސަލަތަކުގައި ޢަމަލު ކުރާ އާންމު ހަމަތައް ބަޔާންކޮށްފައިވަނީ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައެވެ. ވުމާއެކު، އާބިޓްރޭޝަން މައްސަލަ ތަކުގައިވެސް އެ ޤަޟިއްޔާގައި އެކަށައަޅާފައިވާ އާންމު ހަމަތަކަށް ރިޢާޔަތް ކުރަންވާނެއެވެ. ވަގުތީ އަމުރަކަށް އެދޭ ފަރާތަކުން އޭނާ ވަގުތީ ފަރުވާއެއް އެދޭ ސަބަބުތަކަކީ އޭނާ ބުނާ މަގުން ހުރި ކަންކަން އެކަށީގެންވާ ޔަޤީން ކަށަވަރު ކަމެއް ކޯޓަށް ދިނުން އެ އަމުރަށް އެދި ހުށަހަޅާ ފަރާތަށް ލާޒިމެވެ. ކޯޓުން އަޅާ ވަގުތީ ފިޔަވަޅަކީ، ވަގުތީ ފިޔަވަޅަކަށްވެފައި އެކަމުގެ ސަބަބުން ހިނގަމުންދާ އާބިޓްރޭޝަނަށް ހިޔަނި ނޭޅުމާއި، ކޯޓުން ދެވޭ ފަރުވާއަކީ މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ކޯޓަށް ދެވިދާނެ ފަރުވާއެއްކަން ކޯޓަށް ކަށަވަރު ކުރުމެވެ.

HN7 ވަގުތީ ފިޔަވަޅު އެޅުމަށް ބަލަންޖެހޭ ކަންކަން ކަށަވަރު ކުރުމުގައި އަޑުއެހުމެއް ބޭއްވުމާއި ނުބޭއްވުމަކީ ވެސް ކޯޓަށް އޮތް އިޚްތިޔާރެކެވެ. އަދި ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަކީ ވެސް ކޯޓަށް އޮތް އިޚްތިޔާރެކެވެ. ބަހެއް ހޯދުމަށްޖެހޭ ޙާލަތުގައި، ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުން ނުވަތަ ޙާލަތަށް ބަލައި އަވަސް މިނެއްގައި ބަހެއް ހޯދިދާނެ އެނޫން ވަސީލަތެއް ބޭނުންކުރުމަކީ ވެސް ކޯޓަށް އޮތް އިޚްތިޔާރެކެވެ. މީގެ ތެރޭގައި އީމެއިލް އާއި ފޯނު ކޯލުތަކާއި އަދި މިނޫންވެސް މުވާސަލާތީ ވަސީލަތްތައް ހިމެނެއެވެ.

HN8 އާބިޓްރޭޝަނަށް ތަޠުބީޤުވާ ޤާނޫނުގެ ދަށުން ހިނގަމުންދާ އާބިޓްރޭޝަނެއްގައި މުދާ ހިމާޔަތްކުރުމުގެ އަމުރު ނެރުމުގެ އިޚްތިސާސް ޓްރައިބިއުނަލަށް އޮތްނަމަ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އޮތް ބޯޓެއްގައި ހުރި މުދާ ހިމާޔަތްކުރުމަށް ފިޔަވަޅުތައް އެޅުމުގެ ބާރު އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެން ވެއެވެ. މި ފިޔަވަޅު އެޅުމުގައި ކޯޓުން ނެރޭނެ އަމުރަކީ އުޅަނދު ހިފެހެއްޓުމުގެ އަމުރެއްތޯ ނުވަތަ މުދަލުގެ މުޤާބިލުގައި ސެކިއުރިޓީއެއް ގޮތުގައި ފައިސާ ބެހެއްޓުން ލާޒިމުކުރާ އަމުރެއްތޯ ނުވަތަ މުދާ ތަސައްރަފު ކުރުން މަނާކުރުން ފަދަ އަމުރެއްތޯ ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިފައިއޮތް އިޚްތިޔާރީ ބާރެކެވެ.

HN9 ވަގުތީ ފިޔަވަޅު އެޅުމުގައި ޖަވާބުދާރީވުމަށް ފުރުސަތު ދިނުމާއި އަދި ނުދިނުން އެއީ އެ ބާރު ތަސައްރަފުކުރުމުގައި އޮތް އިޖުރާއީ ސުވާލެކެވެ. އެއީ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން އެ ބާރު އޮތްކަން ނަފީވާ ކަމެއް ނޫނެވެ.

HN10 ވަގުތީ އަމުރެއްގެ ޚުތޫރަތްތެރިކަމާއި އަވަސް ލަސްމިނުގެ މައްޗަށް ރިޢާޔަތްކޮށް ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި މައްސަލަ ކުރިއަށް ގެންގޮސްފިނަމަ، އެ އަމުރުގެ މުއާލަތް ކެނޑި އިންސާފަށް ހުރަސް އެޅި ދާނެކަމަށް ފެންނަ ކޮންމެ ޙާލަތެއްގައި ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަކާއި ނުލައި، ޣައިރު ޙާޟިރުގައި އަމުރު ނެރުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރުންނަށް ލިބިގެންވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާގައި ބުނާ 5 ދުވަހުގެ މުއްދަތެއް ޖަވާބު ދާރީވުމަށް ފުރުޞަތު ދިނުމާއި އަދި 42 ވަނަ މާއްދާގައި ބުނާ އާންމު ހަމަތަކުގެ ދަށުން ލިޔެކިޔުން ފޯރުކޮށް ދިނުމަކީ ޙާލަތަށް ބަލައި އިޚްތިޔާރީ ކަމެކެވެ. ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޣައިރު ޙާޟިރުގައި ޙުކުމް ކުރުމާގުޅޭ އުޞޫލުތަކަކީ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރު ނެރުމުގައި ތަބާވާންޖެހޭ ހަމަތަކެއް ނޫނެވެ.

HN11 ހަޤީގަތް ހޯދުމަށް ފުނަށް ފީނައިގެން ހަޤީގަތްތަކެއް ކަށަވަރު ކުރެވިގެން ނޫނީ ފަހުމު ނުވާނެ ބަހުސެއް އޮތް ހިނދު، ވަގުތީ އަމުރެއްގައި ގޮތެއް ކަނޑައެޅުމުގައި މައުޟޫޢީ މައްސަލައެއްގެ ތެރެއަށް ވަނުމެއް ނޯންނާނެއެވެ.

HN12 ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭ މައްސަލަތަކުގައި ވަގުތީ ފިޔަވަޅު އަޅަނީ އަމުރަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމުގެ މައްޗަށް ބުރަވެ ކޯޓަށް ލިބިފައިވާ "އެކަށީގެންވާ ޔަގީންކަމުގެ" މައްޗަށް ބިނާކޮށެވެ. ވަގުތީ އަމުރު ނެރެނީ އެ އަމުރަކަށް އެދޭ ޙާލަތުގައި ކަން އޮތްގޮތަށް ބަލައި، ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބުރަވެއެވެ.

HN13 ނެރޭ ކޮންމެ އަމުރަކީ އެ އަމުރު ރައްދުވާ ފަރާތުން އިތުރު މާނަކުރުން ތަކެއް ނެތި، ނުވަތަ އެ އަމުރު ތަންފީޒުކުރުމަށް އިތުރު ފަރުވާއެއް ނުވަތަ ތަފްސީލުތަކެއް ނެތި އަވަސް މިނެއްގައި ތަންފީޒުވާން ޖެހޭނެ އަމުރަކަށް ވާންޖެހޭ ހިނދު، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ނެރޭ ވަގުތީ އަމުރުތަކުގައި ވެސް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ.

HN14 އާބިޓްރޭޝަނަކާ ގުޅިގެން ނެރޭ ވަގުތީ ފިޔަވަޅެއްގައި މުދާ ޙަވާލުކުރުމަށް އަންގާފައި އޮތުމުގެ ނަތީޖާއަކީ ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލު ކުރާ އުޞޫލުގެ 3 ވަނަ ނަންބަރުގެ (ނ) ގައި ކަނޑައަޅާފައިވާ ހަމައާ ޚިލާފަށް ދާއިމީ ޙައްލެއް ފޯރުކޮށްދިނުން ކަމަށް ފެންނަ ހިނދު، އެކަމުގެ ސަބަބުން މައުޟޫޢީ މައްސަލައަށް ހިޔަނި އެޅުމުގެ ފުރުސަތު އޮތެވެ. ވަގުތީ ފިޔަވަޅުގައި ދެ ކަމަކަށް އަމުރުކޮށްފައި އޮތުމުގެ ސަބަބުން އެ އަމުރު ރައްދުވާ ފަރާތުން ޢަމަލު ކުރަންޖެހޭ ގޮތް ސާފު ނުވާނަމަ، އެފަދަ އަމުރު ބާތިލު ކުރަންޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޙުސައިން ސިރާޖް، މިޒްނާ އަޙްމަދު، އީމާން މުޙައްމަދު ރަޝީދު، އެސް އެންޑް އޭ ލޯޔަރސް، މެރިޓޯރިއަސް ޗެމްބަރސް ލލޕ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މުޙައްމަދު ޝަފީޢު، މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 14 2025/SC-A/18 2025/SC-A/19 ޝަރީޢަތް ނިމުނުގޮތް ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޝަން އާއި އިތުރު 1 ފަރާތް ވ. އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ އާއި އިތުރު 1 ފަރާތް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން

ނިމުނު ތާރީޚު 06 އެޕްރީލް 2025

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2025/HC-A/17 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/18 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފު ކުރާ ފަރާތް 1. އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ 1. ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޝަން ޤާނޫނީ ވަކީލު: މުޙައްމަދު ޝަފީޢު، މުއިއްޒު އެންޑް ކޯ އެލް.އެލް.ޕީ ޤާނޫނީ ވަކީލު: ޙުސައިން ސިރާޖް، އެސް އެންޑް އޭ ލޯޔަރަސް 2. ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު: މިޒްނާ އަޙްމަދު، އެސް އެންޑް އޭ ލޯޔަރސް 2. ކެންޑުއަރ ޓޭންކަރޒް އެފްޒެޑްއީ ޤާނޫނީ ވަކީލު: އީމާން މުޙައްމަދު ރަޝީދު،

މެރިޓޯރިއަސް ޗެމްބަރސް އެލް.އެލް.ޕީ 2025/HC-A/44 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/19 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފު ކުރާ ފަރާތް އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ 1. ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޝަން ޤާނޫނީ ވަކީލު: މުޙައްމަދު ޝަފީޢު، މުއިއްޒު އެންޑް ކޯ އެލް.އެލް.ޕީ ޤާނޫނީ ވަކީލު: ޙުސައިން ސިރާޖް، އެސް އެންޑް އޭ ލޯޔަރަސް ޤާނޫނީ ވަކީލު: މިޒްނާ އަޙްމަދު، އެސް އެންޑް އޭ ލޯޔަރސް 2. ކެންޑުއަރ ޓޭންކަރޒް އެފްޒެޑްއީ ޤާނޫނީ ވަކީލު: އީމާން މުޙައްމަދު ރަޝީދު،

މެރިޓޯރިއަސް ޗެމްބަރސް އެލް.އެލް.ޕީ

މަދަނީ – އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅު އެޅުން – ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލު ކުރާ އުޞޫލު – ވަގުތީ ފިޔަވަޅު އެޅުމުގެ އިޚްތިސާސް ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރަފް

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާ އާއި ނަންބަރު

2025/HC-A/44 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފީ ދެ މައްސަލަ ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޝަން1 (މީގެ ފަހުން "ޑީއެސްޖީ") އާއި ކެންޑުއަރ ޓޭންކަރޒް އެފްޒެޑްއީ2 (މީގެ ފަހުން "ކެންޑުއަރ ޓޭންކަރޒް") ގެ ފަރާތުން ("އެ ދެ ފަރާތް އެކުއެކީގައި "އިސްތިއުނާފުކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ހުށަހެޅިއެވެ.

2މިއީ:

(ހ) ޑީއެސްޖީ އާއި ކެންޑުއަރ ޓޭންކަރޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ3 (މީގެ ފަހުން "އޯޝަން އީއެކްސްއެލް") އާއި ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް4 (މީގެ ފަހުން "ރާއްޖެ ޝިޕިންގ") ގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2025/SC-A/18 ޤަޟިއްޔާ، އަދި

(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޑީއެސްޖީ އާއި ކެންޑުއަރ ޓޭންކަރޒްގެ ފަރާތުން އޯޝަން އީއެކްސްއެލްގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2025/SC-A/19 ޤަޟިއްޔާ،

އެކުގައި ސުޕްރީމް ކޯޓުގައި ބަލައި، އެ ދެ ޤަޟިއްޔާގައި މި ކޯޓުން ކަނޑައަޅާ ނިޔާއެވެ.

މައްސަލައިގެ ފަސްފަހަތް

3އޯޝަން އީއެކްސްއެލް ކިޔާ ކުންފުންޏަކުން އަލްފާ އެނަޖީ އެފްޒެޑްސީ ނަމަކަށް ކިޔާ ކުންފުންޏަކަށް 3,500 މެޓްރިކް ޓަނުގެ ހައި ސަލްފަރ ފިއުލް އޮއިލް (HSFO Cargo)އަދި 857 މެޓްރިކް ޓަނުގެ މެރިން ގޭސް އޮއިލް (MGO Cargo) ވިއްކުމަށްޓަކައި 25 ސެޕްޓެންބަރު 2024 ގައި އެއްބަސްވުމެއް ވިއެވެ.

4މި އެއްބަސްވުމުގެ ދަށުން ގަނެފައިވާ ތެޔޮ ސަޕްލައި ކޮށްދިނުމަށްޓަކައި އޯޝަން އީއެކްސްއެލް އިން ޑީއެސްޖީ ޝިޕިންގ ގެ ބޯޓެއް ކަމުގައިވާ އެމްޓީ ޑީއެސްޖީ ބޯޓު (މީގެ ފަހުން "ބޯޓު") ޗާޓަރު ކުރުމަށްޓަކައި ޓައިމް ޗާޓަރ ޕާޓީ އެއްގައި (މީގެ ފަހުން "ޗާޓަރ ޕާޓީ") 13 އޮގަސްޓު 2024 ގައި ސޮއިކުރިއެވެ.

5މި ޗާޓަރ ޕާޓީ ބަޔާންކުރާ ގޮތުން، ބޯޓުގެ ކޮމާޝަލް އޮޕަރޭޓަރަކީ ކެންޑުއަރ ޓޭންކަރޒް ކަމާއި ޗާޓަރ ޕާޓީގައި ބަޔާންވެގެންވާ މައިގަނޑު މާއްދާތައް ފިޔަވައި އެހެން ކަންކަމަށް ޢަމަލުކުރެވޭނީ "ޝެލްޓައިމް 4" އާ އެއްގޮތަށް ކަމަށާއި ޝެލްޓައިމް 4 ގެ 46 ވަނަ މާއްދާގައިވާ ގޮތުން އެއްބަސްވުމަށް ތަޠުބީޤުކުރެވޭނީ އިނގިރޭސިވިލާތުގެ ޤާނޫނު ކަމަށާއި، އެއްބަސްވުމުގެ ދަށުން އުފެދޭ ޚިލާފުތައް ހައްލުކުރަންޖެހޭނީ ލަންޑަންގެ އާބިޓްރޭޝަނަށް ހުށަހަޅައިގެން ކަން އެނގެއެވެ.

6މި މައްސަލައިގައި އޮތް ޚިލާފުތައް ބިނާވެފައިވަނީ މުދާ ޙަވާލުކުރުމާއި އަދި އެ މުދަލާ ގުޅިފައިވާ ފައިސާ އާގުޅޭ މައްސަލަތަކެއްކަން ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން ދޭހަ ވެއެވެ. މި ޚުސޫމާތައް ޙައްލެއް ހޯދުމަށް 17 ޑިސެންބަރު 2024 ގައި އޯޝަން އީއެކްސްއެލްގެ ފަރާތުން ލަންޑަން އާބިޓްރޭޝަނަށް ހުށަހެޅިއެވެ.

7ބުނެވުނު އެއްބަސްވުމުގެ ދަށުން މާލޭ ޕޯޓަށް 13 އޮކްޓޫބަރު 2024 ގައި ސަޕްލައިކުރުމަށް ހަމަޖެހިފައިވާ މެރިން ގޭސް އޮއިލް އާ ހަވާލުވާން އޮތީ ފިއުލް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑެވެ. ފިއުލް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑަކީ އަލްފާ އެނަޖީ އެފްޒެޑްސީ އިން މެރިން ގޭސް އޮއިލް ވިއްކި ކުންފުންޏެވެ.

8މެރިން ގޭސް އޮއިލް ޑިސްޗާޖް ކުރުމުގައި ތަޣައްޔަރުކަމެއް ހުރިކަމަށް ބުނެ، ފިއުލް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑުން އެ ތެލާ ހަވާލުވުމަށް އިންކާރުކުރުމާ ގުޅިގެން، އަލްފާ އެނަޖީ އެފްޒެޑްސީއާ ދެމެދު އުފެދުނު ޚިލާފު ސިވިލް ކޯޓަށް ހުށަހަޅައި އެ ކޯޓުން ވަގުތީ އަމުރެއް ނެރެ ބޯޓު ފުރުން ހުއްޓުވި ނަމަވެސް،5 ޑީ.އެސް.ޖީ ޝިޕިންގ އިން USD1,043567.00 ސެކިއުރިޓީއެއްގެ ގޮތުގައި އެ ކޯޓުގައި ބެހެއްޓުމުން ބޯޓު ފުރުން ހުއްޓުވި އަމުރު އެ ކޯޓުން 14 ޖަނަވަރީ 2025 ގައި ވަނީ ބާތިލުކޮށްފައެވެ.6

9އެއަށްފަހު، ބޯޓު ފުރައިފިނަމަ، އޯޝަން އީއެކްސްއެލްގެ ކާގޯ ގެއްލިގެން ދިއުމުގެ އިޙްތިމާލު އޮތްކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ގަބޫލުކުރެވޭތީވެ ބޯޓު ފުރުން މަނާކުރުން ހިމެނޭހެން އަމުރަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ކުންފުނިން އެދުނެވެ. އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2025/HC-A/17 ޤަޟިއްޔާއިންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާ

10ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާ އަކީ ލަންޑަން އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ އިން ޑީއެސްޖީ ޝިޕިންގ، ކެންޑުއަރ ޓޭންކަރޒް، ބޯޓު އެމްޓީ ޑީއެސްޖީ އަދި ރާއްޖެ ޝިޕިންގ މައްޗަށް ރައްދުވާ ގޮތަށް ދައުވާކުރި މައްސަލަ ބެލުނު ޤަޟިއްޔާއެވެ.

11މި ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ ބޯޓު ދިވެހިރާއްޖެއިން ފުރައިގެން ނުދިއުމަށާއި، ބޯޓަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި ބޯޓާ ގުޅިގެން ތިންވަނަ ފަރާތެއްގެ ޙައްޤެއް އުފަންވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ޑީއެސްޖީ ޝިޕިންގ، ކެންޑުއަރ ޓޭންކަރޒް އަދި ރާއްޖެ ޝިޕިންގ މައްޗަށް އަންގައެވެ. މިގޮތަށް އެ ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށްކަން އެނގެއެވެ.

11.1 އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމުގައި އެ ކޯޓުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލު ބަޔާންކުރަނީ، އެ ކޯޓުގެ ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލުކުރާ އުޞޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ކަން.

11.2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން7 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވޭތޯ ބަލަންޖެހޭ އާންމު 03 ޝަރުޠު ފުރިހަމަވާކަން. އަދި އެގޮތުން:

(ހ) ވަގުތީ އަމުރުގެ ފުރަތަމަ ޝަރުޠަށް ބަލާއިރު، އަމުރަށް އެދުނު އޯޝަން އީއެކްސްއެލް އަކީ އާބިޓްރޭޝަންގައި ހިމެނޭ ހަސްމެއް ކަމަށްވުމާއި، އާބިޓްރޭޝަން ފެށިފައިވަނީ އެ ފަރާތުން ޗާޓަރުކޮށްފައިވާ ބޯޓާއި އެ ބޯޓުގައި ހުރި އެ ފަރާތުގެ ކާގޯއާ ގުޅޭގޮތުން ކަމަށްވުމުން އަމުރަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު އެ ފަރާތަށް ލިބިގެންވާކަން.

(ށ) ވަގުތީ އަމުރުގެ ދެވަނަ ޝަރުޠަށް ބަލާއިރު، ބޯޓުގައި ހުރި އޯޝަން އީއެކްސްއެލްގެ ކާގޯ ވިއްކާފައިވީނަމަވެސް، އޭގެ އަގު އެކީ ނުލިބި އަދި ރައްދުނުކުރެވި އޮތުމާއި، މާލޭ ޕޯޓަށް ޑިސްޗާޖްކުރި މެރިން ގޭސް އޮއިލް އިން ފާހަގަވެފައިވާކަމަށް ބުނާ ތަޣައްޔަރުކަމަކީ އޯޝަން އީއެކްސްއިލް ލޯޑުކުރި ކާގޯގައި އޭގެ ޒާތުގައި ހުރި ތަޣައްޔަރުކަމެއް ނޫންކަމަށް ބުނެ ހެކި ހުށަހަޅާފައިވުމާއި، ޗާޓަރ ޕާޓީއާ ބޯޓުގެ ވެރިފަރާތުން ޚިލާފުވެފައިވާކަމަށް އިޙްތިމާލު އުފެދޭ ސަބަބުތަކެއް ހުށަހަޅާފައިވާތީ، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވާ ކަމުގައި ފެންނަން އޮތުން.

(ނ) ވަގުތީ އަމުރުގެ ތިންވަނަ ޝަރުޠަށް ބަލާއިރު، ބޯޓުގައިވާ ކާގޯ ރައްދުނުވެ، އޭގެ ކަންތައް ހައްލުކުރުމަށް ބޯޓުގެ ވެރިފަރާތުން މަސައްކަތްކޮށްފައިނުވާއިރު، ބޯޓު ފުރަން މަސައްކަތްކުރާކަން އެނގޭ ކަމާއި، ބޯޓު ފުރައިގެން ދިއުމުން ނުވަތަ އެއްބަސްވުމާ ޚިލާފަށް ކާގޯގެ ބޭނުން ހިފައިފިނަމަ، ކާގޯގެ އަގާއި ބާވަތަށް ބަލާއިރު، އޯޝަން އީއެކްސްއެލްއަށް އިޢާދަނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ޙަޤީޤީ ނުރައްކަލެއް އޮތްކަމަށް ފެންނަން އޮތްކަން.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާ

12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން އަމުރު ނެރުނު ފަހުން ޙާލަތު ބަދަލުވެފައިވާކަމަށް ބުނެ، ވަގުތީ ފިޔަވަޅެއް އަޅައި ދިނުމަށް އެދި އޯޝަން އީއެކްސްއެލް އިން ޑީއެސްޖީ ޝިޕިންގ، ކެންޑުއަރ ޓޭންކަރޒް އަދި ބޯޓު އެމްޓީ ޑީއެސްޖީއަށް ރައްދުވާ ގޮތަށް ދައުވާކުރި މައްސަލަ ބެލުނު ޤަޟިއްޔާއެވެ.

13މި ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ އޯޝަން އީއެކްސްއެލް އަށް 3,500 މެޓްރިކް ޓަނުގެ ފިއުލް އޮއިލް ހަވާލުކުރުމަށް ނުވަތަ 3,500 މެޓްރިކް ޓަނުގެ ފިއުލް އޮއިލް ހަމައަށް ނެތްނަމަ، ބޯޓުގައި ބާކީހުރި ފިއުލް އޮއިލް ކާގޯ ހަވާލުކުރުމާއެކު، ހަވާލު ނުކުރެވިހުރި ފިއުލް އޮއިލްގެ އަގަށްވާ ފައިސާ ފިއުލް އޮއިލްގެ ކޮންމެ މެޓްރިކް ޓަނަކަށް USD460 ގެ ރޭޓުން ސެކިއުރިޓީއެއްގެ ގޮތުގައި ލަންޑަންގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން،

19 ފެބުރުވަރީ 2025 އިން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި ޑީއެސްޖީ ޝިޕިންގ، ކެންޑުއަރ ޓޭންކަރޒް އާއި ކަމާބެހޭ އެންމެހައި ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެހެއްޓުމަށް އަންގައެވެ.

14މި އަމުރު ނެރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ކަންކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން ބޯޓު ފުރުމާމެދު އަމުރެއް ނެރެ ގޮތެއް ކަނޑައަޅާފައިވަނިކޮށް، ބޯޓުގައި ހުރި މެރިން ގޭސް އޮއިލް މިހާރުވެސް ބޭނުންކުރަމުންދާ ކަމާއި އަދި ކާގޯ އިންޖީނު ބަންކަރު ޓޭންކަށް 8 މެޓްރިކް ޓަނުގެ މެރިން ގޭސް އޮއިލް ދެ ފަހަރެއްގެ މަތިން ބަދަލުކުރާނެ ކަމަށް ބޯޓު މާސްޓަރު ފޮނުވި މެއިލްތަކުން އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން ވަގުތީ އަމުރު ނެރުނު ފަހުން ޙާލަތު ބަދަލުވެފައިވާ ކަމާއި، ބޯޓުގައި ހުރި ކާގޯގެ ކަންތައް އެހެން ގޮތަކަށް ޙައްލުކުރުމަށް އޯޝަން އީއެކްސްއެލް އިން މަސައްކަތްކޮށްފައިވާއިރުވެސް އެކަމަށް ބޯޓުގެ ވެރިފަރާތުން އެއްބާރުލުން ދީފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތުމުން އޯޝަން އީއެކްސްއެލްއަށް އިޢާދަނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ޙަޤީޤީ ނުރައްކަލެއް އޮތްކަމަށް ހައިކޯޓަށް ފެނުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

15އިސްވެ ބަޔާންވެދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ޤަޟިއްޔާގައި8 ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމްތަކެއް ކަމަށް ބުނެ، އެ ދެ ޤަޟިއްޔާވެސް ޑީއެސްޖީ އާއި ކެންޑުއަރ ޓޭންކަރޒްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/18 ޤަޟިއްޔާ އިން ހުށަހަޅާފައިވާ ނުކުތާތައް

16ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޑީއެސްޖީ އާއި ކެންޑުއަރ ޓޭންކަރޒްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާފައި އޮތްނަމަވެސް، އެ ފަރާތްތަކުން އޭގެ ތެރެއިން އެއް ނުކުތާ އަނބުރާ ގެންދިއުމަށް އެދުނުހިނދު،9 އެކަމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގެ 59 ވަނަ މާއްދާގެ ދަށުން ފުރުސަތު ދެވިފައިވާތީވެ، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި މިހާރު ދެމިއޮތީ އެންމެ ނުކުތާއެކެވެ.

17އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާގެ ދަށުން ވަގުތީ އަމުރު ނެރެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތްތަކަށް މައްސަލައިގެ ލިޔެކިޔުންތައް ރައްދުކުރުމެއްނެތި އަދި ވަކީލަކު އައްޔަންކުރުމަށާއި ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުޞަތެއް ދިނުމެއް ނެތިކަމަށްވާތީ، މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ (ށ) އާއި 42 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް10 ޤަޟިއްޔާގައި ޣައިރު ހާޒިރުގައި ޙުކުމް ކުރުމާއި ގުޅިގެން ކަނޑައާޅާފައިވާ އުސޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

18ބަޔާންވެދިޔަ ނުކުތާގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާގެ ދަށުން ނެރެފައިވާ އާބިޓްރޭޝަނާ ގުޅޭ ވަގުތީ އަމުރު ބާޠިލުކޮށްދިނުމަށާއި، އިސްތިއުނާފު ކުރުމަށް ހިނގި ވަކީލު ފީ އިސްތިއުނާފު ރައްދުވާ ފަރާތުން ދޭންޖެހޭނެކަމަށް ކަނޑައެޅުމަށާއި، ވަގުތީ އަމުރާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުގެ ޙައްޤު އިސްތިއުނާފު ކުރާ ފަރާތްތަކަށް ލިބިގެންވާކަން ކަނޑައަޅައި ދިނުމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/19 ޤަޟިއްޔާ އިން ހުށަހަޅާފައިވާ ނުކުތާތައް

19ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޑީއެސްޖީ އާއި ކެންޑުއަރ ޓޭންކަރޒްގެ ފަރާތުން ހުށަހަޅާފައިވަނީ މައިގަނޑު 03 (ތިނެއް) ނުކުތާއެވެ.

19.1 ފުރަތަމަ ނުކުތާ އަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާގެ ދަށުން ވަގުތީ އަމުރު ނެރެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތްތަކަށް މައްސަލައިގެ ލިޔެކިޔުންތައް ރައްދުކުރުމެއްނެތި އަދި ވަކީލަކު އައްޔަންކުރުމަށާއި ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުޞަތެއް ދިނުމެއް ނެތިކަމަށްވާތީ، މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ (ށ) އާއި 42 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް11 ޤަޟިއްޔާގައި ޣައިރު ހާޒިރުގައި ޙުކުމް ކުރުމާއި ގުޅިގެން ކަނޑައާޅާފައިވާ އުސޫލާއި ޚިލާފަށް އަދި އާބިޓްރޭޝަން ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) އާއި އިނގިރޭސިވިލާތުގެ Arbitration Act 1996 ގެ 33 ވަނަ މާއްދާ އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާ.

19.2 ދެވަނަ ނުކުތާ އަކީ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ކޯޓުތަކަށް ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ލިބިގެންވަނީ އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް އެ ބާރު ލިބިދޭ ޙާލަތްތަކުގައި، އެ ބާރު އެ ޓްރައިބިއުނަލްއަށް ލިބިދެވޭ ނިސްބަތަށް ކަމަށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ އެފަދަ ޓްރައިބިއުނަލްއަކަށް ނުވަތަ ކޯޓަކަށްވެސް ނެރެވިދާނެ އަމުރެއް ނޫންކަމުގައިވާތީ އާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ ވަގުތީ ފިޔަވަޅަކީ ދާއިމީ ހައްލެއް ލިބިދޭ ފިޔަވަޅަކަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން ޢަމަލުކޮށްފައިވަނީ އެ ފަރާތަށް ލިބިގެންވާ ބާރުގެ ބޭރުންކަމަށް ބުނެ ހުށަހެޅި ނުކުތާ.

19.3 ތިންވަނަ ނުކުތާ އަކީ ބަހުސްގެ ބޭނުމަށް މި މައްސަލައަކީ އިޖުރާއީ ގޮތުންނާއި އަދި ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނުގެ12 45 ވަނަ މާއްދާގެ (ހ) ގެ ދަށުން ބެލޭނެ މައްސަލައެއް ކަމަށް ބެލިނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން13 ދަށުން ކަނޑައަޅާފައިވާ ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަ ނުވާ ހާލަތުގައިކަމަށް ބުނެ ހުށަހެޅި ނުކުތާ.

20މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާގެ ދަށުން ނެރެފައިވާ އާބިޓްރޭޝަނާ ގުޅޭ ވަގުތީ އަމުރަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައި، އެ އަމުރު ބާޠިލުކޮށްދިނުމަށާއި، އެ ވަގުތީ އަމުރާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އިސްތިއުނާފު ކުރާ ފަރާތްތަކަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ޚުލާސާ

21މަތީގައި ތަފްސީލު ދެވިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ނަޒަރު ކުރާއިރު، މި ދެ އިސްތިއުނާފުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރަނީ މައިގަނޑު ދެ ކަމެކެވެ.

(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރެވޭ ދެ އަމުރު ނެރެފައިވަނީ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނާބުނުމުގެ މައްޗަށެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި އިސްތިއުނާފުގައި އޮތް ދެ އަމުރު ނެރެފައިވަނީ ކަނޑައެޅިފައިވާ އިޖުރާއާތުތަކާ ޚިލާފަށް ކަމަށް ދެކި ފާހަގަކުރާ ކަންކަމުގެ މައްޗަށެވެ.

22އިސްވެ ބުނެވުނު ކަންކަމުގެ މައްޗަށް ވަކިވަކިން ބަލައިލާނަމެވެ.

އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅު އެޅުން

23އިސްތިއުނާފު ކުރާ ފަރާތުން ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމުގައި ވަނީ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާ އާ ޚިލާފުވެފައެވެ. އެހެންކަމުން، އެ ޤާނޫނުގެ 45 ވަނަ މާއްދާގައި ވަގުތީ އަމުރު ނެރުމުގައި އެކަށައަޅާފައިވާ ހަމައަށް ބަލާލުން މުހިންމު ކަމުގައި ދެކެމެވެ. މިގޮތުން، އެންމެ ފުރަތަމަ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާ ތިރީގައި ނަކަލު ކުރަމެވެ.

(ހ) އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭ ޙާލަތުތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވޭ ނިސްބަތަށް، އާބިޓްރޭޝަނުގައި ހިނގަމުންދާ އެ މައްސަލައާ ގުޅޭގޮތުން، ކޯޓުގެ އަމިއްލަ އިސްނެގުމުގައި، އެފަދަ އަމުރު ނެރުމުގެ ބާރު ކޯޓަށްވެސް ހަމަ އެ ނިސްބަތަށް ލިބިގެންވެއެވެ. އެއީ، އެ އާބިޓްރޭޝަން ހިނގަމުންދަނީ ދިވެހިރާއްޖޭން ބޭރުގައި ކަމުގައިވީނަމަވެހެވެ.

(ށ) އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުން ބޭނުންކުރާނީ، ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން އެ ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

24HN1މިހެންކަމުން، އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ހައިކޯޓުން ފިޔަވަޅު އަޅާނަމަ އެންމެ ފުރަތަމަ ބަލަން ޖެހެނީ ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު މައްސަލަ ބަލަމުންދާ ޓްރައިބިއުނަލަށް ލިބިދެވޭތޯއެވެ. އަދި މައްސަލަ ބަލާ ޓްރައިބިއުނަލްއަށް އެ ބާރު ލިބިދީފައިވާނަމަ، އެ ބާރު ލިބިދެވޭ ނިސްބަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ވެސް އެ މިންވަރަށް އެ ބާރު ޤާނޫނުން ލިބިދީފައި ވެއެވެ. އަދި ޤާނޫނުގައި ބަޔާންކުރާ ގޮތުން، ހައިކޯޓަށް ލިބިދެވޭ އެ ބާރު ތަސައްރަފު ކުރުމުގައި ތަބާވާންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލު ކުރާ އުޞޫލުތަކާއި އެއްގޮތަށެވެ.

25އެހެންކަމުން، ސާފުވާންޖެހޭ ފުރަތަމަ ކަމަކީ، މައްސަލަ ބަލާ ޓްރައިބިއުނަލަށް ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު އޮވޭތޯއެވެ. އޮތްކަމުގައިވާނަމަ، ޓްރައިބިއުނަލަށް އެ ބާރު ލިބިފައިވާ ނިސްބަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް އެ ބާރު އެ ނިސްބަތަކުން ވަގުތީ ފިޔަވަޅު އެޅުމުގެ އިޚްތިސާސް ލިބިގެންވާ ކަމަށެވެ. ޓްރައިބިއުނަލަށް ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ނެތްނަމަ، ދިވެހިރާއްޖޭގެ ހައިކޯޓަކަށްވެސް ވަގުތީ ފިޔަވަޅު އެޅުމުގެ އިޚްތިސާސެއް ނެތެވެ.

26HN2ޓްރައިބިއުނަލަށް ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ޙާލަތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ ފިޔަވަޅު އެޅުމުގައި ތަބާވާންޖެހޭނީ އެ ކޯޓުން ކަނޑައަޅާފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިގޮތުން ތަބާވާންޖެހޭ އުޞޫލަކީ ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭ ގޮތުން ޢަމަލު ކުރާ އުޞޫލާއި އަދި މައްސަލަ ބެލުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ތަބާވާ އާންމު ހަމަތަކެވެ.

27ކުރިމަތީގައި، މި އޮތް މައްސަލައަށް ބަލާނަމަ، އާބިޓްރޭޝަން ހިނގަމުންދަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. މައްސަލަ ބަލާ ޓްރައިބިއުނަލަށް ލިބިދީފައިވާ ބާރުތައް ދެނެގަތުމަށްޓަކައި ރުޖޫޢަވާންޖެހޭނީ އިނގިރޭސި ޤާނޫނަށެވެ. އިނގިރޭސި އާބިޓްރޭޝަނުގެ ޤާނޫނުގެ 38 ވަނަ މާއްދާގައި، ޓްރައިބިއުނަލަށް ލިބިދެވޭ ބާރުތަކުގެ ތެރޭގައި މުދާ ހިމާޔަތްކުރުމަށް ނެރޭ އަމުރުތައް ހިމެނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ޔަގީންވާންޖެހޭ ކަމަކީ މައްސަލަ ބަލާ ޓްރައިބިއުނަލަށް މުދާ ހިމާޔަތްކުރުމަށް އަމުރު ކުރުމުގެ ބާރު ލިބިފައިވޭތޯ އެވެ. އެއަށްފަހު، އެނބުރިލާންޖެހެނީ ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދަ އަމުރުތައް ނެރުމުގައި ތަބާވާ ދިވެހިރާއްޖޭގައި އެކަށައެޅިފައިވާ ހަމަތަކުގެ މައްޗަށެވެ.

28HN3ކޮންޓްރެކްޓެއްގައި ތަޙްކީމު އުޞޫލުން މައްސަލަ ބެލުމުގައި ތަބާވާނީ މިވެނި ގައުމެއްގެ ޤާނޫނަށް ކަމަށް ބަޔާންކޮށްފައި އޮތުމުގެ މުރާދަކީ ޚިލާފު އުފެދިފައިވާ ކޮންޓްރެކްޓުގައި އޮތް ޚުޞޫމާތު ޙައްލުކުރުމުގައި އޮތް ޤާނޫނުގެ ވާހަކަ އެވެ. އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ކޯޓުތަކުން، އެ ޤައުމެއްގެ ޤާނޫނުތަކަށް ތަބާވުން ލާޒިމުކުރާކަމެއް ނޫނެވެ. އަދި އެ ޤައުމެއްގައި ވަގުތީ ފިޔަވަޅު އެޅުމުގައި ތަބާވާ އިޖުރާއާތުތަކަށް ނުވަތަ ޓްރައިބިއުނަލުގެ މައްސަލަ ބެލުމުގެ އުޞޫލުތަކަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭ ކަމެއްވެސް ނޫނެވެ. މިކަން އެނގެނީ، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގެ ނައްސުންނެވެ. އަމުރު ނެރުމުގައި ތަބާވާންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ކަމަށް އޮތުމެވެ. އަދި އިތުރަށް މިކަން ކަށަވަރު ވަނީ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ ކޯޓަކީ މުސްތަޤިއްލު ކޯޓަކަށްވާތީވެ އެ ކޯޓެއްގެ މައްސަލަ ބެލުމުގެ އިޖުރާއާތުތަށް ކަނޑައެޅުމުގެ ބާރު އެ ކޯޓަކަށް ލިބިދީފައި އޮންނަ އޮތުމަށެވެ.

29ވަގުތީ ފިޔަވަޅެއް އެޅުމުގައި އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް އިނގިރޭސި ޤާނޫނަށް ޙަވާލާދޭންޖެހޭނީ ޓްރައިބިއުނަލުގެ ބާރު ދެނެގަތުމަށެވެ. ފިޔަވަޅު އަޅައިދޭން އެދޭކަމަކީ ޓްރައިބިއުނަލުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ވާނަމަ، އެ ފިޔަވަޅާ ގުޅިގެން ނެރެންޖެހޭ އަމުރުތައް ނެރުމަކީ ކޯޓަށް އޮތް އިޚްތިޔާރެކެވެ.

30HN4ވަގުތީ ފިޔަވަޅެއް އެޅުމުގެ ބޭނުމަކީ ހިނގަމުންދާ އާބިޓްރޭޝަނުގެ ޒާތަށް ބަލައި އެކަމުގައި އެހީތެރިވުމުވެ. ނެރޭ އަމުރަކީ ވަގުތީ ފިޔަވަޅެއްކަން ކަށަވަރު ވެފައި އޮތުމާއެކު އެ އަމުރެއްގެ ސަބަބުން ހިނގަމުންދާ އާބިޓްރޭޝަނަށް ހިޔަނި ނޭޅޭކަން އެ އަމުރު ނެރޭ ފަނޑިޔާރުން ކަށަވަރު ކުރަންވާނެއެވެ.

އިޖުރާއާތުތައް

31އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ދެވަނަ ކަމަކީ، ހައިކޯޓުން މި ދެ އަމުރު ނެރުމުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިނުވާ ކަމުގެ މައްޗަށެވެ. އަދި އަމުރު ނެރެފައިވަނީ ޣައިރު ހާޟިރުގައި ކަމަށެވެ. އަދި ވަކީލުން އައްޔަންކުރުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށެވެ. މިއާއެކު ފާހަގަކުރާ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާގައި ވަގުތީ އަމުރަށް ޖަވާބުދާރީ ވުމަށް މަދުވެގެން 5 ދުވަސް ލިބިދެވެންޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނަ ހިނދު، އެ ފުރުސަތު އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައި ނުވާކަމަށެވެ. އަދި ގަވާއިދުގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލިޔެކިޔުންވެސް ލިބިފައިނުވާ ކަމަށެވެ. އަދި ޙުކުމް ކޮށްފައިވަނީ ޣައިރު ހާޟިރުގައި ކަމަށްވެފައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް14 ގައި އެކަށައަޅާފައިވާ ޣައިރު ހާޟިރުގައި މައްސަލަ ނިންމުމުގައި ތަބާވާންޖެހޭ ހަމަތަކާ ޚިލާފު ކަމުގައެވެ.

32HN5އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދީފައިވާ ދެ މަސްދަރަކީ އާންމު އުޞޫލުން މައްސަލަތައް ހިންގުމުގައި ތަބާވާންޖެހޭ ހަމަތައް ބަޔާންކުރާ ދެ މަސްދަރެވެ. އެއްވެސް ހާލެއްގައި ހައިކޯޓުން އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅެއް އެޅުމުގައި ތަބާވާންޖެހޭ އުޞޫލުތަކެއް ނޫނެވެ. އެއީ މަދަނީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކުގެ މައްޗަށް ބުރަވެ، ނުވަތަ ޙަވާލާދެވިފައިވާ ގަލްފް ކްރާފްޓް މައްސަލައިގައި ގާއިމުކޮށްފައިވާ އުޞޫލުތަކަށް ތަބާވުމުގެ ނަތީޖާއަކީ އަވަސް މިނެއްގައި ވަގުތީ ފިޔަވަޅެއް އެޅުމަށް ބޭނުންވި ސަބަބުތައް ފިލައިގޮސް ކަމުގެ މުއާމަލާތް ކެނޑުމުގެ ކުރިން ފިޔަވަޅު އެޅުމަށް ބައެއް ޙާލަތްތަކުގައި ދޮރުބަންދު ވުމެވެ.

ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލު ކުރާ އުޞޫލު

33އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ މަޤްސަދަކީ އާބިޓްރޭޝަން މައްސަލަތަކުގައި ވަގުތީ ފިޔަވަޅެއް އެޅުމުގެ ޙާލަތެއް ވުޖޫދުވާއިރު، އަވަސް ޙަލުވި މިނެއްގައި ވަގުތީ ފިޔަވަޅު އަޅައި އާބިޓްރޭޝަނަށް އެހީތެރިކަން ފޯރުކޮށްދީ ތަޙްކީމުގެ އުޞޫލުން މައްސަލަ ހިންގުމަށް ކޯޓުން އެއްބާރުލުން ދިނުމެވެ.

34މި މާއްދާގެ ދަށުން އަމުރު ނެރުމުގައި ތަބާވާންޖެހޭ އިޖުރާއާތުތައް ބަޔާންކޮށްފައިވަނީ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބުނާ ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލު ކުރާ އުޞޫލުގައެވެ.

35މި އުޞޫލު ބިނާވެފައިވަނީ ދެ ކަމެއްގެ މައްޗަށެވެ.15 ފުރަތަމަ ކަމަކީ، އާބިޓްރޭޝަން މައްސަލައަކާއި ގުޅިގެން ވަގުތީ ފިޔަވަޅަށް އެދުމުގެ ޢަމަލު ކުރާނެ އިޖުރާއާތުތައް އެކަށައެޅުމެވެ.16 ދެވަނަ ކަމަކީ، ވަގުތީ ފިޔަވަޅު އެޅުމުގައި ކޯޓުން ޢަމަލު ކުރާނެ ހަމަތައް ބަޔާންކުރުމެވެ.17

36HN6ވަގުތީ ފިޔަވަޅު އެޅުމުގައި އަސާސީ ތިން ކަމެއް ދެމެހެއްޓުމަށް މި އުޞޫލު ލާޒިމްކޮށްފައި ވެއެވެ.18

(ހ) ފުރަތަމަ ކަމަކީ، ބައިނަލްއަޤްވާމީ އާބިޓްރޭޝަންގެ މައްސަލައަކާ ގުޅޭގޮތުން ވަގުތީ ފިޔަވަޅު އެޅުމުގައިވެސް އެ ނޫން މައްސަލަތަކުގައި ވަގުތީ ފިޔަވަޅެއް އަޅަންޖެހޭތޯ ބެލުމުގައި ވަޒަންކުރާ އާންމު ހަމަތަކަށް ކޯޓުން ރިޢާޔަތް ކުރަންޖެހޭނެކަން.

(ށ) ދެވަނަ ކަމަކީ، ވަގުތީ ފިޔަވަޅު އަޅަން އެދޭ ފަރާތުން ވަގުތީ ފިޔަވަޅަށް އެދޭ ސަބަބުތަކާއި ހުށަހަޅާ ކަންކަން އެކަށީގެންވާ ޔަގީން ކަށަވަރު ކަމެއް ކޯޓަށް ދިނުން.

(ނ) ތިންވަނަ ކަމަކީ، އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން އަޅާ ވަގުތީ ފިޔަވަޅަކީ ހިނގަމުންދާ އާބިޓްރޭޝަންގެ މައުޟޫޢީ މައްސަލައަށް އަސަރު ނުކުރާނެ އަދި ކޯޓުން ނެރޭ އަމުރަކީ މައުޟޫޢީ މައްސަލައަށް ގޮތެއް ކަނޑަނޭޅި ކޯޓުން ދެވިދާނެ ފަރުވާއެއްކަން ކޯޓުން ކަށަވަރުކުރުން.

37މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަށް ބަލާއިރު މީގެ ތެރެއިން ފުރަތަމަ ކަމަށް ނަޒަރުކުރާއިރު، ވަގުތީ އަމުރަށް ހުށަހެޅޭ މައްސަލަތަކުގައި ޢަމަލު ކުރާ އާންމު ހަމަތައް ބަޔާންކޮށްފައިވަނީ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން19 މި ޤަޟިއްޔާ ގައެވެ. ވުމާއެކު، އާބިޓްރޭޝަން މައްސަލަ ތަކުގައިވެސް އެ ޤަޟިއްޔާގައި އެކަށައަޅާފައިވާ އާންމު ހަމަތަކަށް ރިޢާޔަތް ކުރަންވާނެއެވެ. ހަމަ މިއާއެކު، ދެވަނައަށް އިޝާރާތްކޮށްފައިވާ ކަމަކީ، ވަގުތީ އަމުރަކަށް އެދޭ ފަރާތަކުން އޭނާ ވަގުތީ ފަރުވާއެއް އެދޭ ސަބަބުތަކަކީ އޭނާ ބުނާ މަގުން ހުރި ކަންކަން އެކަށީގެންވާ ޔަޤީން ކަށަވަރު ކަމެއް ކޯޓަށް ދިނުން އެ އަމުރަށް އެދި ހުށަހަޅާ ފަރާތަށް ލާޒިމެވެ. އަދި މި އުޞޫލުގެ ދަށުން ރިޢާޔަތްކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އިތުރު ދެ ކަމަކީ، ކޯޓުން އަޅާ ވަގުތީ ފިޔަވަޅަކީ، ވަގުތީ ފިޔަވަޅަކަށްވެފައި އެކަމުގެ ސަބަބުން ހިނގަމުންދާ އާބިޓްރޭޝަނަށް ހިޔަނި ނޭޅުމެވެ. ކޯޓުން ދެވޭ ފަރުވާއަކީ، މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ކޯޓަށް ދެވިދާނެ ފަރުވާއެއްކަން ކޯޓަށް ކަށަވަރު ކުރުމެވެ.

38HN7އިސްވެ ބުނެވުނު ކަންކަން ކަށަވަރު ކުރުމުގައި އަޑުއެހުމެއް ބޭއްވުމާއި ނުބޭއްވުމަކީ ވެސް ކޯޓަށް އޮތް އިޚްތިޔާރެކެވެ. އަދި ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަކީ ވެސް ކޯޓަށް އޮތް އިޚްތިޔާރެކެވެ. މިގޮތުން ބަހެއް ހޯދުމަށްޖެހޭ ޙާލަތުގައި، ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުން ނުވަތަ ޙާލަތަށް ބަލައި އަވަސް މިނެއްގައި ބަހެއް ހޯދިދާނެ އެނޫން ވަސީލަތެއް ބޭނުންކުރުމަކީ ވެސް ކޯޓަށް އޮތް އިޚްތިޔާރެކެވެ. މީގެ ތެރޭގައި އީމެއިލް އާއި ފޯނު ކޯލުތަކާއި އަދި މިނޫންވެސް މުވާސަލާތީ ވަސީލަތްތައް ހިމެނެއެވެ.

39އިސްވެ ބުނެވުނު ކަންކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ހިނގަމުންދާ އާބިޓްރޭޝަންގެ މައްސަލަތަކުގައި ވަގުތީ ފިޔަވަޅު އެޅުމުގައި ތަބާވާންޖެހޭ އިޖުރާއާތުތައް ކަމަށް ބަޔާންކޮށްފައިވާ އިޖުރާއާތު ތަކެވެ. ކުރިންވެސް ދެންނެވިފައިވާ ފަދައިން މައްސަލަ ބަލާ ޓްރައިބިއުނަލުން ވަގުތީ ފިޔަވަޅު އެޅުމުގައި ތަބާވާންޖެހޭ ކަމަށް އެފަދަ ޓްރައިބިއުނަލަކުން އެކަށައަޅާފައިވާ ކަންކަމަށް ހައިކޯޓުން ތަބާވާންޖެހޭ ޤާނޫނީ ހަމައެއް ނެތެވެ.

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާގެ އަމުރު

40ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާގެ އަމުރު ބާތިލުކޮށްދިނުމަށް އެދި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާގައި އޮތް ބަހުސަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި އަމުރު ނެރެފައިވަނީ ޖަވާބު ދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމެއްނެތި، އިސްތިއުނާފު ކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ކަމަށެވެ. އެއީ، މި އަމުރުގެ ދަށުން ބޯޓު ފުރުން މަނާކުރުމުގެ އަމުރު ނެރުމުގައި ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަކާނުލައި އިސްތިއުނާފު ކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި މި އަމުރު ނެރެފައި އޮތުމުގެ މައްޗަށް ބިނާވާ ނުކުތާއެކެވެ.

41ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން ރަނގަޅު ނޫންކަމަށް ދެކި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް20 މި ޤަޟިއްޔާގައި އެކަށައަޅާފައިވާ ޣައިރު ހާޟިރުގައި މައްސަލަ ނިންމުމަށް ތަބާވާންޖެހޭ ހަމަތަކާ ޚިލާފު ކަމުގައެވެ. ކުރިންވެސް ދެންނެވިފައިވާ ފަދައިން ބައިނަލްއަޤްވާމީ އާބިޓްރޭޝަންއާގުޅޭ މައްސަލަތަކުގައި ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް21 ގައިވާ ހަމަތަކަށް ތަބާވާންޖެހޭ ސަބަބެއް ނެތްކަން އެނގެއެވެ. ވުމާއެކު، މި އަމުރު ބާތިލުކޮށްދިނުމަށް އެދި ޙަވާލާދެވިފައިވަނީ މިފަދަ އަމުރު ތަކުގައި ޢަމަލު ކުރެވޭ ރަނގަޅު މަސްދަރުތަކަކަށް ނޫނެވެ.

42މި އަމުރަކީ ހިނގަމުންދާ މެރިޓައިމް އާބިޓްރޭޝަނަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމުގެ މަތިން ނެރެފައިވާ އަމުރެކެވެ. މި އަމުރުގައި އެދުނީ އެ ފަރާތުގެ މުދާ އެ ބޯޓުގައި ހުރުމުން އުޅަނދު ހިފެހެއްޓުމުގެ އަމުރަކަށެވެ. މިފަދަ އަމުރަކީ އަމުރުގެ ބާވަތުން އަވަސް މިނެއްގައި ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީވެ ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަކީ، ކޯޓަށް އޮތް އިޚްތިޔާރެކެވެ. އެކަން ނުކުރުމަކުން އަދި ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި، އެ އަމުރު ނެރުމަކުން އެ އަމުރު ސައްޙަނޫންކަމަށް ބުނެވިދާނެ ކަމަކަށް ނުދެކެމެވެ. މި މައްސަލައަށް ބަލައިފިނަމަ، ޙާލަތަށް ބަލައި ޖަވާބުދާރީވުމަށް ފުރުސަތު ފަހިކޮށްދީފައިވާކަން ވެސް އެނގެއެވެ.

43ވުމާއެކު، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލައި، ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން ޢަމަލުކުރާ އުޞޫލާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމުގައި ނިންމާފައިވާ ނިންމުމެއްކަމަށް ފާހަގަ ނުކުރެވެއެވެ. އިސްތިއުނާފު ކުރެވޭ ކޮންމެ މައްސަލައެއްގައި ގޮތެއް ކަނޑައަޅަނީ އިސްތިއުނާފު ކުރެވޭ ކަންކަމުގެ މައްޗަށް ކަމަށްވާއިރު، މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވަނީ އެންމެ ނުކުތާއެކެވެ. މި ނުކުތާގެ ތަރަހައިގެ ތެރެއިން ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

44ކަންމިހެން އޮތްކަމުގައި ވިޔަސް، އަމުރު ނެރުނު ޙާލަތު ބަދަލުވެ އިސްތިއުނާފު ކުރާ ފަރާތަށް މި އަމުރު ރިވިއުކުރަންޖެހޭ ފަދަ ސަބަބެއް ނުވަތަ ބާތިލުކުރަންޖެހޭ ފަދަ އެހެން ސަބަބެއް އޮތްކަމުގައި ދެކޭނަމަ، މި މައްސަލަ ނިމުމަކުން މި އަމުރު ނެރެފައިވާ ކޯޓަށް ހުށަހެޅުމަށް ހުރަހެއް ނެތެވެ.

(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާގެ އަމުރު

45ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާގެ ދަށުން ނެރެފައިވާ އަމުރު ބާތިލުކުރުމަށް އެދި އިސްތިއުނާފު ކުރާ ފަރާތުން ތިން ކަމެއް ފާހަގަކޮށްފައި ވެއެވެ. ފުރަތަމަ ކަމަކީ، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ކުރިމަތީގައި މި އޮތް މައްސަލައިގައި ވަގުތީ ފިޔަވަޅު އެޅުމުގެ އިޚްތިސާސް ހައިކޯޓަށް ލިބިފައިނުވާކަމަށް ދެކި ފާހަގަކުރާ ކަންކަމެވެ. ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި އަމުރު ނެރުމުގައި އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމަށް ފުރުސަތު ދީފައިނުވާކަމަށް ދެކި ފާހަގަކުރާ ކަންކަމެވެ. އަދި ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް މި އަމުރު ނެރުމުގެ އިޚްތިސާސް ލިބިފައިވާކަމަށް ބެލިކަމުގައިވިޔަސް އެ އަމުރު ނެރުމުގައި ނެކްސްބިޒް މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ފުށޫއަރާކަމަށް ދެކި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ކަންކަމުގެ މައްޗަށެވެ. މި ކަންކަމުގެ މައްޗަށް ވަކިވަކިން ބަލާލާނަމެވެ.

ވަގުތީ ފިޔަވަޅު އެޅުމުގެ އިޚްތިސާސް

46މި މައްސަލައިގައި ހިނގަމުންދާ އާބިޓްރޭޝަންގައި ތަޠުބީޤުކުރެވޭ ޤާނޫނަކީ އިނގިރޭސި ޤާނޫނުކަން އެނގެއެވެ.22 އެހެންކަމުން ތަޠުބީޤުކުރެވޭ މައިގަނޑު ޤާނޫނަކީ އިނގިރޭސިވިލާތުގެ އާބިޓްރޭޝަނުގެ ޤާނޫނު 1996 އެވެ. އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ވަގުތީ ފިޔަވަޅު އެޅުމުގެ އިޚްތިސާސް ލިބެނީ އާބިޓްރަލް ޓްރައިބިއުނަލަށް ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ޙާލަތުގައި، އެ ބާރު ޓްރައިބިއުނަލަކަށް ލިބިދޭ ނިސްބަތަކަށް ކަން ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާ ބެލުމުން އެނގެން އޮންނާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުން ޢަމަލުކޮށްފައިވަނީ އެ ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން މި މައްސަލައިގައި ދާއިމީ ޙައްލެއް ލިބޭ ގޮތަށް ކަމަށެވެ.

47އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލުގެ ބާރުތައް ބަޔާންކޮށް ދިނުމަށް ޙަވާލާދީފައިވަނީ އިނގިރޭސިވިލާތުގެ އާބިޓްރޭޝަނުގެ ޤާނޫނު 1996 ގެ 33 ވަނަ މާއްދާ އަށެވެ. މި މާއްދާއާ ޙަވާލާދީ ބުނެފައިވަނީ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ޓްރައިބިއުނަލަށް ލިބެނީ އާބިޓްރޭޝަންގައި ބައިވެރިވާ ފަރާތްތަކަށް ހަމަހަމަކަމާއެކު އެ ފަރާތެއް ތަމްސީލުކޮށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ލިބިދިނުމަށްފަހު ކަމުގައިވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމުގައިވެސް ތަބާވާންޖެހޭނީ އާބިޓްރޭޝަން ޓްރައިބިއުނަލަށް މަތިކޮށްފައިވާ އިދާރީ މިންގަނޑުތަކުގެ މައްޗަށެވެ.23 ނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ މި ކަންކަމަކީ ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ބަރޯސާވެ ޙަވާލާދެވޭ ކަންކަމެއް ނޫނެވެ. އެހެނީ، ކުރިންވެސް ދެންނެވިފައިވާ ފަދައިން ކޮންޓްރެކްޓެއްގައި ތަޙްކީމް އުޞޫލުން މައްސަލައެއް ޙައްލު ކުރުމުގައި ތަބާވާންޖެހޭނީ މިވެނި ގައުމެއްގެ ޤާނޫނެއް ކަމަށް އެކަށައަޅާފައި އޮންނަ އޮތުން، އެ ޤައުމެއްގައި މައްސަލަ ބެލުމުގައި ތަބާވާ އިޖުރާއާތައް ދިވެހިރާއްޖޭގެ ކޯޓުތަކާ ހަމައަށް ނުފޯރާނެއެވެ.

48ކުރިމަތީގައި މި އޮތް މައްސަލައަށް ބަލާނަމަ، އިނގިރޭސި ޤާނޫނަށް ތަބާވެ އާބިޓްރޭޝަން ހިނގަމުންދަނީ ލަންޑަނުގައެވެ. އާބިޓްރަލް ޓްރައިބިއުނަލުން ވަގުތީ ފިޔަވަޅު އެޅުމުގައި ތަބާވާ ހަމަތަކާއި އިޖުރާއަތު ތަކުގެ މައްޗަށް ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ވަގުތީ ފިޔަވަޅު އެޅުމުގައި ނުހިނގާނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ތަބާވާންޖެހޭނީ އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލުކުރާ އުޞޫލަށެވެ.

49ވުމާއެކު، ޓްރައިބިއުނަލުން ވަގުތީ ފިޔަވަޅު އެޅުމުގައި ރައްދުވާ ފަރާތަށް ނުވަތަ އާބިޓްރޭޝަންގައި ބައިވެރިވާ ފަރާތްތަކަށް ޖަވާބުދާރީވުމުގައި އެކަށީގެންވާ ފުރުސަތެއް ދޭކަމަށްދެކި އިނގިރޭސި ޤާނޫނުގެ ނައްސުތަކަށް ޙަވާލާދެވި ފާހަގަކުރާ ކަންކަމަކީ، ކުރިމަތީގައި މި އޮތް މައްސަލައިގެ ތަރަހައިގެ ބޭރު ކަންކަމެވެ. ބަލަންޖެހޭ މުހިއްމު ކަމަކީ ޓްރައިބިއުނަލަށް ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު އޮތްތޯ ނުވަތަ ނޫންތޯއެވެ. އެ ބާރު ތަސައްރަފު ކުރުމުގައި ޓްރައިބިއުނަލުން ތަބާވާ ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި މިންގަނޑުތަކާއި އުޞޫލުތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރުމުގައި ރިޢާޔަތް ކުރަންޖެހޭފަދަ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.

50HN8HN9މި މައްސަލައަށް ބަލާއިރު، އިނގިރޭސި އާބިޓްރޭޝަނުގެ ޤާނޫނުގެ 1996 ގެ 33 ވަނަ މާއްދާގައި އެ ޓްރައިބިއުނަލްގެ އާންމު ޒިންމާތައް ބަޔާންކޮށްފައިވާއިރު، ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ލިބިދޭ އާންމު ބާރުތައް ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 38 ވަނަ މާއްދާގައެވެ. އަދި ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ޓްރައިބިއުނަލަށް އޮތްކަން ބުނެވުނު މާއްދާތަކުން އެނގެން އޮތްއިރު، އިނގިރޭސި އާބިޓްރޭޝަނުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ 4 ވަނަ އަކުރުގައި ހިނގަމުންދާ އާބިޓްރޭޝަނެއްގައި މުދާ ހިމާޔަތްކުރުމުގެ އަމުރު ނެރުމުގެ އިޚްތިސާސް އޮތްކަން އެނގޭތީވެ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އޮތް އިސްތިއުނާފު ކުރާ ފަރާތުގެ ބޯޓެއްގައި ހުރި އިސްތިއުނާފު ރައްދުވާ ފަރާތުގެ މުދާ ހިމާޔަތްކުރުމަށް ފިޔަވަޅުތައް އެޅުމުގެ ބާރު އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެން ވެއެވެ. މި ފިޔަވަޅު އެޅުމުގައި ކޯޓުން ނެރޭނެ އަމުރަކީ އުޅަނދު ހިފެހެއްޓުމުގެ އަމުރެއްތޯ ނުވަތަ މުދަލުގެ މުޤާބިލުގައި ސެކިއުރިޓީއެއް ގޮތުގައި ފައިސާ ބެހެއްޓުން ލާޒިމުކުރާ އަމުރެއްތޯ ނުވަތަ މުދާ ތަސައްރަފު ކުރުން މަނާކުރުން ފަދަ އަމުރެއްތޯ ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިފައިއޮތް އިޚްތިޔާރީ ބާރެކެވެ. އިނގިރޭސި އާބިޓްރޭޝަނުގެ ޤާނޫނަށް ބެލުމުން މައްސަލަ ބަލާ ޓްރައިބިއުނަލްއަށް އެފަދަ ފިޔަވަޅު އެޅުމުގެ ބާރު ލިބޭކަމާމެދު ސުވާލެއް ނެތެވެ. އަދި ދިވެހިރާއްޖޭގޭ ހައިކޯޓުގައި މައްސަލަ ބެލިއިރު އިސްތިއުނާފު ކުރާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީވާކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައިވާއިރު، ޖަވާބުދާރީވުމަށް ފުރުސަތު ދިނުމާއި އަދި ނުދިނުން އެއީ އެ ބާރު ތަސައްރަފުކުރުމުގައި އޮތް އިޖުރާއީ ސުވާލެކެވެ. އެއީ އެ ބާރު އޮތްކަން ނަފީވާ ކަމެއް ނޫނެވެ.

އިޖުރާއަތުތަކާ ޚިލާފުވުން

51ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާގައި އަމުރު ނެރެފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ދެވަނަ ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާ އާއި 42 ވަނަ މާއްދާގައި ބުނާ ފުރުޞަތު ދީފައި ނުވުމާއި ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު24 މި ޤަޟިއްޔާގައި އެކަށައަޅާފައިވާ ޣައިރު ހާޟިރުގައި މައްސަލަ ނިންމުމަށް ތަބާވާންޖެހޭ ހަމަތަކާ ޚިލާފު ކަމުގައެވެ. މިއީ ކުރިން ދެންނެވިފައިވާ ފުރަތަމަ އަމުރު ބާތިލުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތައްކަން ވެސް ފާހަގަކުރަމެވެ.

52މި ރައުޔުގެ 38 ވަނަ ޕެރެގްރާފުގައި އިޝާރާތްކުރެވިފައިވާ ފަދައިން ބައިނަލްއަޤްވާމީ އާބިޓްރޭޝަން އާގުޅޭ މައްސަލަތަކުގައި ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް25 ގައިވާ ހަމަތަކަށް ތަބާވާންޖެހޭ ސަބަބެއް ނެތްކަން އެނގެއެވެ. ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭ މައްސަލަތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޚާއްސަ އުޞޫލެއް އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އެކަށައަޅާފައެވެ. އެ އުޞޫލުގައި ސާފުކޮށް ފެންނަން ނެތް ކަމެއްގައި ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

53HN10ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، ވަގުތީ އަމުރެއްގެ ޚުތޫރަތްތެރިކަމާއި އަވަސް ލަސްމިނުގެ މައްޗަށް ރިޢާޔަތްކޮށް ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި މައްސަލަ ކުރިއަށް ގެންގޮސްފިނަމަ، އެ އަމުރުގެ މުއާލަތް ކެނޑި އިންސާފަށް ހުރަސް އެޅި ދާނެކަމަށް ފެންނަ ކޮންމެ ޙާލަތެއްގައި ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަކާއި ނުލައި، ޣައިރު ޙާޟިރުގައި އަމުރު ނެރުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރުންނަށް ލިބިގެންވެއެވެ. އަދި ހުށަހެޅުނު މައްސަލައިގައި ގޮތެއް ކަނޑައެޅެނީ ޖަވާބުދާރީ ވުމަށް ފުރުސަތު ދީގެންކަމަށް ފެންނަ ހިނދަކު މައްސަލަ ބަލާ ފަނޑިޔާރުންނަށް ގަބޫލު ކުރެވޭ މުއްދަތެއް އަމުރު ރައްދުވާ ފަރާތްތައް ޖަވާބުދާރީވުމަށް ދިނުމަށް ވެސް ހުރަހެއް ނެތެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާގައި ބުނާ 5 ދުވަހުގެ މުއްދަތެއް ޖަވާބު ދާރީވުމަށް ފުރުޞަތު ދިނުމާއި އަދި 42 ވަނަ މާއްދާގައި ބުނާ އާންމު ހަމަތަކުގެ ދަށުން ލިޔެކިޔުން ފޯރުކޮށް ދިނުމަކީ ޙާލަތަށް ބަލައި އިޚްތިޔާރީ ކަމެކެވެ.

54ނަތީޖާއެއްގެ ގޮތުން ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް26 މި ޤަޟިއްޔާގެ 47 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ޣައިރު ޙާޟިރުގައި ޙުކުމް ކުރުމާގުޅޭ އުޞޫލުތަކަކީ އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރު ނެރުމުގައި ތަބާވާންޖެހޭ ހަމަތަކެއް ނޫނެވެ.

55ވުމާއެކު، ހައިކޯޓުގެ 2025/HC-A/44 އަމުރު ބާތިލުކޮށްދިނުމަށް އެދި އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދީފައިވާ އިޖުރާއީ ހަމަތަކަކީ މިފަދަ އަމުރު ތަކުގައި ޢަމަލު ކުރެވޭ ރަނގަޅު މަސްދަރުތަކެއް ނޫނެވެ.

ނެކްސްބިޒް ޤަޟިއްޔާގެ އުޞޫލުތައް

56އިސްތިއުނާފު ކުރާ ފަރާތުން ދެކޭ ގޮތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން މި ވަގުތީ އަމުރު ނެރުމުގައި ނެކްސްބިޒް މައްސަލައިގައި ކަނޑައަޅާފައިވާ ތިން ޝަރުޠު ފުރިހަމަ ވެފައިވާކަން ޔަޤީންކޮށްފައި ނުވެއެވެ. އެ ޝަރުޠު ތަކަކީ، (1) ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށް ވުމާއި، (2) ވަގުތީ އަމުރަށް އެދޭފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެގެން ވުމާއި އަދި (3) ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ ތަދާރުކު ނުކުރޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން ހިމެނެއެވެ. މީގެ ތެރެއިން އިސްތިއުނާފު ރައްދުވާ ފަރާތުން ތައުނުކޮށްފައިވަނީ ދެވަނަ ޝަރުޠާއި އަދި ތިންވަނަ ޝަރުޠުގެ މައްޗަށެވެ.

57HN11މިގޮތުން އިސްތިއުނާފު ކުރާ ފަރާތުން ދެކޭ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައުޟޫޢީ ގޮތުން ހިމާޔަތްކުރަންޖެހޭ ޙައްޤެއް ނެތެވެ. މިހެން ބުނާ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ އެޗްއެސްއެފްއޯ ކާގޯގެ މައްޗަށް އިސްތިއުނާފު ކުރާ ފަރާތުން "ލިއެން" އެއް އުފެދިފައި ވާތީއެވެ. މިކަމުގެ ތަފްސީލެއް އެނގެން ނެތްހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި އަމުރެއް ނެރެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މުދާ ޙިމާޔަތް ކުރުމަށެވެ. މި މުޢާމަލާތުގައި "ލިއެން" އެއް އުފެދިފައިވާ ބަހުސަކީ އެކަމުގެ ހަޤީގަތް ހޯދުމަށް ފުނަށް ފީނައިގެން ހަޤީގަތްތަކެއް ކަށަވަރު ކުރެވިގެން ނޫނީ ފަހުމު ނުވާނެކަމެއް ކަމުގައި ފެންނަ ހިނދު، ވަގުތީ އަމުރެއްގައި ގޮތެއް ކަނޑައެޅުމުގައި މައުޟޫޢީ މައްސަލައެއްގެ ތެރެއަށް ވަނުމެއް ނޯންނަކަން ފާހަގަ ކުރަމެވެ. ވުމާއެކު، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުދާ އެ އުޅަނދުގައި ހުރެ އެ މުދާ ޙިމާޔަތްކުރުމަށް އަމުރަކަށް އެދުމަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާ ޙައްގެއްކަމަށް ދެކެމެވެ.

58އިސްތިއުނާފު ކުރާ ފަރާތުން ދެކޭގޮތުގައި ނެކްސްބިޒް މައްސަލައިގައި ކަނޑައަޅާފައިވާ ތިންވަނަ ޝަރުޠުކަމުގައިވާ ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ތަދާރުކު ނުކުރެވޭނެ ގެއްލުމެއް މި މައްސަލައިގައި ނެތެވެ. މިހެން ބުނާ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި އަމުރަށް އެދުނު ސަބަބަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މުދާ ވިއްކާލުމުގެ ބިރު އޮތްކަމަށް އިޙްތިމާލު އޮތްކަމަށް ދެކި އެކަން ސާބިތުކޮށް ދިނުމަށް ހުށަހަޅާފައިވާ އީމެއިލްތަކަކީ، ބޯޓުގައި ހުރި އެމްޖީއޯ ކާގޯ އާގުޅޭ އީމެއިލް ތަކެކެވެ. މި އީމެއިލް ތަކުން ހިމާޔަތް ކުރުމަށް އެދޭ އެޗްއެސްފްއޯ ކާގޯ ބޭނުން ކުރާކަން އެނގެން ނެތް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މި ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވަނީ އެމްޖީއޯ ކާގޯ ބޭނުން ކުރާކަން އީމެއިލްތަކުން އެނގެން ހުރިއިރު، އެ ބޯޓުގައި ދެން ހުރި އެޗްއެސްއެފްއޯ ކާގޯ ބޭނުން ނުކުރާނެ ކަމުގެ ޔަޤީންކަމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް މި އަމުރު ނެރުނުއިރު ލިބިފައިނުވާ ކަމަށެވެ.

59HN12ވަގުތީ އަމުރު ނެރެނީ އެ އަމުރަކަށް އެދޭ ޙާލަތުގައި ކަން އޮތްގޮތަށް ބަލައި، ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބުރަވެކަމަށް ވެފައި، ކޯޓު އަމުރަކުން ފުރުން މަނާކޮށްފައިވާ އުޅަނދެއްގައި ހުރި މުދާ ބޭނުން ކުރާކަމަށް އެ އަމުރު ނެރުމުގެ މަޤުސަދު ޙާސިލު ނުވާކަމަށް ގަބޫލު ކުރެވޭނަމަ މުދާ ހިމާޔަތްކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ހައިކޯޓަށް ބާރު ލިބިގެންވެއެވެ. އެހެނީ، ފުރަތަމަ އަމުރުގެ މަޤުސަދަކީ ވެސް މުދާ ހިމާޔަތް ކުރުންކަމަށް ވެފައި، އެ އަމުރަށްފަހު އިތުރު އަމުރެއް ނެރެންޖެހުނީ ޙާލަތު ބަދަލު ވުމުގެ ސަބަބުން ފުރަތަމަ އަމުރުގެ މަޤުސަދު ޙާސިލުނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ބުރަވެވިގެންކަން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ބެލުމުން އެނގެން އޮވެއެވެ.

60ކަންމިހެން އޮތްއިރު، ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭ މައްސަލަތަކުގައި ވަގުތީ ފިޔަވަޅު އަޅަނީ އަމުރަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމުގެ މައްޗަށް ބުރަވެ ކޯޓަށް ލިބިފައިވާ "އެކަށީގެންވާ ޔަގީންކަމުގެ" މައްޗަށް ބިނާކޮށް ކަމުގައިވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރު ނެރުމުގައި ނެކްސްބިޒް މައްސަލައިގައި ކަނޑައަޅާފައިވާ ތިންވަނަ ޝަރުޠު ފުރިހަމަނުވާ ކަމަށް ބުނެވިދާނެ ސަބަބެއް ނެތެވެ.

އެހެނިހެން

61HN14ކަންމިހެން އޮތްކަމުގައި ވިޔަސް، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާއިން ނެރެފައިވާ ވަގުތީ ފިޔަވަޅުގައި އިސްތިއުނާފު ރައްދުވާ ފަރާތާ މުދާ ޙަވާލުކުރުމަށް އޮތުމުން ވަގުތީ ފިޔަވަޅަކަށްވުރެ ދާއިމީ ޙައްލެއްގެ ނަތީޖާ އެ އަމުރު ދީލާލާފައި އޮތްކަމަށް ފެނުމުގެ ފުރުސަތު ބޮޑެވެ.

62HN13އަދި މި އަމުރުގައި އޮތް އަނެއް އައިބަކީ، ހައިކޯޓުން އަޅާފައިވާ ފިޔަވަޅުގައި ދެ ކަމަކަށް އަމުރުކޮށްފައި އޮތް ސީޣާއަށް ބަލައި، އެ އަމުރު ރައްދުވާ ފަރާތުން ޢަމަލު ކުރަންވީ ގޮތެއް ސާފުނުވުމެވެ. ނެރޭ ކޮންމެ އަމުރަކީ އެ އަމުރު ރައްދުވާ ފަރާތުން އިތުރު މާނަކުރުން ތަކެއް ނެތި، ނުވަތަ އެ އަމުރު ތަންފީޒުކުރުމަށް އިތުރު ފަރުވާއެއް ނުވަތަ ތަފްސީލުތަކެއް ނެތި އަވަސް މިނެއްގައި ތަންފީޒުވާން ޖެހޭނެ އަމުރަކަށް ވާންޖެހޭ ހިނދު، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ނެރޭ ވަގުތީ އަމުރުތަކުއި ވެސް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ.

63އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާ އިން ނެރެފައިވާ އަމުރުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް މުދާ ޙަވާލުކުރުމަށް އަންގާފައި އޮތުމުގެ ނަތީޖާއަކީ ބައިނަލް އަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލު ކުރާ އުޞޫލުގެ 3 ވަނަ ނަންބަރުގެ (ނ) ގައި ކަނޑައަޅާފައިވާ ހަމައާ ޚިލާފަށް ދާއިމީ ޙައްލެއް ފޯރުކޮށްދިނުން ކަމަށް ފެންނަ ހިނދު އެކަމުގެ ސަބަބުން މައުޟޫޢީ މައްސަލައަށް ހިޔަނި އެޅުމުގެ ފުރުސަތު އޮތްކަމަށް ފެނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަގުތީ ފިޔަވަޅުގައި ދެ ކަމަކަށް އަމުރުކޮށްފައި އޮތުމުގެ ސަބަބުން އެ އަމުރު ރައްދުވާ ފަރާތުން ޢަމަލު ކުރަންޖެހޭ ގޮތް ސާފު ނުވާކަމަށް ފެނެއެވެ. މި ދެ ސަބަބަށްޓަކައި މި އަމުރު ބާތިލު ކުރަންޖެހޭ ކަމަށް ދެކެމެވެ.

64މި ކޯޓުގެ ނަންބަރު 2025/SC-A/18ޤަޟިއްޔާ އާއި ނަންބަރު 2025/SC-A/19 ޤަޟިއްޔާގައި ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އެދިފައި ވީކަމުގައިވިޔަސް މި ދެ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި، ޝަރީޢަތުގެ ޚަރަދު ނަގައިދީފައި ނުވެއެވެ.

ނިންމުން

65މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން ނެރެފައިވާ އަމުރު ބާތިލު ކުރަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް އަހުރެންނަށް ބުރަ ނުވެއެވެ.

66ހަމަ މިއާއެކު މި އިސްތިއުނާފުގައި އޮތް ދެވަނަ އަމުރުކަމުގައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާގެ ޙުކުމުގައި ހުރި އިޖުރާއީ ޢައިބުތަކެއްގެ ސަބަބުން އެ އަމުރު ތަންފީޒުކުރުމަށް ހުރަސްތަކެއް ހުރިކަމަށް ފެންނާތީވެ އެ އަމުރު ބާތިލު ކުރަންޖެހޭކަމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

67މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

68މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން،

(1) މި ކޯޓުގެ ނަންބަރު 2025/SC-A/18 ޤަޟިއްޔާއިން ބެލި ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް،

(2) މި ކޯޓުގެ ނަންބަރު 2025/SC-A/19 ޤަޟިއްޔާއިން ބެލި ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާގެ ޙުކުމް ބާތިލުކޮށް،

މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ފުޓްނޯޓު

  1. ސިވިލް ކޯޓުގެ ނަންބަރު 3440/Cv-C/2024 ޤަޟިއްޔާއިން 21 އޮކްޓޫބަރު 2024 ގައި ނެރުނު ވަގުތީ އަމުރު
  2. ސިވިލް ކޯޓުގެ ނަންބަރު 144-B17/CA/2025/16 ކޯޓު އަމުރު
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ
  4. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 202/SC-A/17 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/44 ޤަޟިއްޔާ
  5. އިސްތިއުނާފުކުރާ ފަރާތްތަކުން އަނބުރާ ގެންގޮސްފައިވަނީ އިސްތިއުނާފީ ދެވަނަ ނުކުތާއެވެ. އެ ނުކުތާގައި ވަނީ އަންނަނިވި ފަދައިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާގެ ނިންމުމަކީ، ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ އެކި ނިންމުންތަކުން ބަލައިގެންފައިވާ ޕްރިވިޓީ އޮފް ކޮންޓްރެކްޓް (Privity of Contract) ގެ މަބްދައުއާ އާބިޓްރޭޝަންގެ ޤާނޫނުގެ 45 ވަނަ މާއްދާ އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ
  7. [2021] SC 16
  8. ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލު ކުރާ އުޞޫލުގެ 1 (ށ).
  9. އބމ، އުޞޫލު 2 ވަނަ އަކުރު
  10. އބމ، އުޞޫލު 3 ވަނަ އަކުރު
  11. އބމ
  12. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ
  13. [2021] SC 16
  14. އބމ
  15. ޝެލްޓައިމް 4 ޓާރމްސްގެ 46 ވަނަ މާއްދާގެ (a)
  16. އބމ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ