ޓްރޭޑަރސް ހޮޓެލް މާލެ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/380، TAT-CA-B/2016/005
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓެކްސް އެޕީލް ޓްރައިބިއުނަލުން (TAT-CA-B/2016/005)، ހޮޓެލް ހުރި ބިމާ ގުޅިގެން ދައްކާފައިވާ ފައިސާއާ ބެހޭ ނިންމުން ފިޔަވައި، މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ނިންމިއެވެ. ހައިކޯޓުން (2019/HC-A/380) ފަނޑިޔާރުންގެ އިއްތިފާޤުން ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- 30 ސެޕްޓެމްބަރު 2010 ގައި މާލެ ހޮޓެލް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ޓްރޭޑަރސް ހޮޓެލް މާލެ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު ސޭލް އެންޑް ޕަރޗޭސް އެގްރީމަންޓެއްގެ ދަށުން ޓްރޭޑަރސް ހޮޓެލުން ހޮޓެލުގެ މުދާ ގަތެވެ. ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށީ 18 ޖުލައި 2011 ގައެވެ. 2011 އާއި 2012 ގެ މުއްދަތަށް މީރާއިން ކުރި އޮޑިޓުގެ ރިޕޯޓުގައި (31 ޑިސެމްބަރު 2015)، ޓްރޭޑަރސް ހޮޓެލުގެ ފޮތްތަކުގައިވާ ގަތް އަގުގެ ބަދަލުގައި މުދާ ވިއްކި ފަރާތުގެ ފޮތްތަކުގައިވާ ރިޓްން ޑައުން ވެލިއުއަށް ބަލައި ކެޕިޓަލް އެލަވަންސް އަލުން ހިސާބުކޮށް، އިތުރު ޓެކްސް ދައްކަންޖެހޭ ކަމަށް ކަނޑައެޅިއެވެ. ޓްރޭޑަރސް ހޮޓެލުން ހުށަހެޅި އިޢުތިރާޟު މީރާއިން ރައްދުކުރިއެވެ (220-OA/2016/4).
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތެއްގެ "މުދާ ގަތް އަގު" ގެ ގޮތުގައި ރެކޯޑުކޮށްފައިވާ އަގު ބަދަލުކޮށް، މުދާ ވިއްކި ފަރާތުގެ ފޮތްތަކުގައިވާ ރިޓްން ޑައުން ވެލިއުއަށް ބަލައި ކެޕިޓަލް އެލަވަންސް ހިސާބުކުރުމުގެ ބާރު، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބިގެންވޭތޯ؛ އަދި ޓެކްސް ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތްތަކަށް އައި.އެފް.އާރް.އެސް މިންގަނޑު ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޓްރޭޑަރސް ހޮޓެލުން 5 ނުކުތާއެއް ހުށަހަޅައި ބުނީ، ޓެކްސް ޤާނޫނު ނުހިނގާ މުއްދަތެއްގައި ކޮށްފައިވާ މުޢާމަލާތެއްގެ ގަތް އަގު ބަދަލުކުރުމުގެ ބާރު ބީ.ޕީ.ޓީ ޤަވާޢިދުގެ 46 ވަނަ މާއްދާއިން މީރާއަށް ނުދޭ ކަމަށާއި، އެކަމަކީ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރުން ކަމަށާއި، ކުންފުންޏާބެހޭ ޤަވާޢިދުގައި ވަކި ބައިނަލްއަޤްވާމީ މިންގަނޑެއް ކަނޑައަޅާފައި ނުވާއިރު އައި.އެފް.އާރް.އެސް ލާޒިމުކުރުމަކީ ޤާނޫނު ފުޅާކޮށް މާނަކުރުން ކަމަށެވެ. މީރާއިން ބުނީ، ގަތް އަގަކީ އެކައުންޓިންގ ހަމަތަކާ އެއްގޮތަށް ހިސާބުކުރާ އަގު ކަމަށާއި، ގަނެފައިވަނީ ވިޔަފާރިއެއް (ބިޒްނަސް ކޮމްބިނޭޝަނެއް) ކަމުން އައި.އެފް.އާރް.އެސް 3 ގެ މިންގަނޑުން ހިސާބުކުރަންޖެހޭ ކަމަށާއި، މިއީ ޤާނޫނު ރަޖުޢީކޮށް ހިންގުމެއް ނޫން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައެޅީ، ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅަނީ ޓެކުހާބެހޭ ޤާނޫނުން ކަމަށާއި، ޤާނޫނުގައި ހިމެނިފައި ނުވާ އެކައުންޓިންގ ސްޓޭންޑަރޑަކުން ޓެކުހުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށެވެ. ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރެވޭނީ ޤާނޫނުގައި އެކަން ސާފުކޮށް ބަޔާންކޮށްފައިވާ ހާލަތުގައި އެކަނި ކަމަށާއި، ޤަވާޢިދަކުން ޤާނޫނުގައި ނެތް ޓެކުހުގެ އިލްތިޒާމެއް މަތިނުކުރެވޭނެ ކަމަށެވެ. ގަތް އަގު އެނގެން އޮތުމުން 46 ވަނަ މާއްދާގެ ދަށުން އަންދާޒާކުރުމުގެ ނުވަތަ އަގު ބަދަލުކުރުމުގެ ބާރު މީރާއަށް ނުލިބޭ ކަމަށާއި، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒުން ޚިލާފުވާ ކަމަށް އަންގާފައި ނުވާ ކުންފުނިތައް ޢަމަލުކޮށްފައިވަނީ ޤާނޫނުގައިވާ ގޮތަށް ކަމަށް ބަލަންޖެހޭ ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނިންމުން ބާޠިލުކުރިއެވެ. ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ޙުސައިން ޝަހީދުގެ ޚިލާފު ރައުޔުގައި ހައިކޯޓުގެ ނިންމުން ދެމެހެއްޓުމަށް ފެނިވަޑައިގެންފައިވެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު (އަޣްލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބައިނަލްއަޤްވާމީގޮތުން އެކަށައެޅިފައިވާ ޓެކުހާއި ބެހޭ އާންމު އުސޫލުތަކަށް ބެލުމުން، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރަކީ ޓެކްސް ދައްކަންޖެހޭ މުއްދަތުގައި އަމަލުކުރެވޭ ޓެކުހާބެހޭ ޤާނޫނަކުން ކަނޑައަޅާ އެއްޗެއް ކަމުގައިވާއިރު، އެއާ ޚިލާފަށް، މާލީ ހިސާބުތައް ހެދުމުގައި ގެންގުޅޭ އެކައުންޓިންގ ސްޓޭންޑަރޑް (accounting standard) ތަކަކީ ފައިދާއާއި ގެއްލުން ދެނެގަތުމުގެ ވަޞީލަތެއް ކަމާއި، އެކައުންޓިންގ ސްޓޭންޑަރޑްތަކަކީ ޤާނޫނުގެ ތެރޭގައި ހިމެނިފައި ނުވާނަމަ، އޭގެ ޒާތުން ޓެކުހުގެ ނަތީޖާއަށް އުނިއިތުރު ގެންނަ އެއްޗެއް ނޫންކަމީ ޓެކުހާ ގުޅިގެން އިސްތިޤުރާރުވެފައިވާ އުޞޫލެކެވެ.
HN2 އެހެންނަމަވެސް، އޭގެ ކުރިއަށް ހިނގާދިޔަ މުއްދަތުގައި، މާލީ ހިސާބުތައް ހެދުމުގައި ގެންގުޅެންޖެހޭ ވަކި އެކައުންޓިންގ ސްޓޭންޑަރޑްއެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވާތީ، އިސްވެ ބަޔާންކުރެވުނު ފަދައިން، ބީ.ޕީ.ޓީ ޤާނޫނުގެ ހުދޫދުގެ ތެރެއިން އެހެން ކަނޑައެޅުމުގެ ކުރިއަށް ކުންފުނިތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭނީ ވަކި ބައިނަލްއަޤްވާމީ މިންގަނޑެއް ބޭނުންކޮށްގެން ކަމުގައި ބަޔާންކުރުމަކީ، ޤާނޫނުން އެފަދަ މިންގަނޑެއް ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެ ކަމުގައި ޞަރީޚަބަހުން ބަޔާންކޮށްފައި ނުވާ ޙާލަތުގައި، ޤާނޫނީ އިމުގެ ތެރެއިން ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެހެނީ، ޤާނޫނަށް ރަޖުޢީކޮށް ޢަމަލުކުރެވޭނީ ޤާނޫނުގައި އެފަދައިން ސާފުކޮށް ބަޔާންކޮށްފައިވާ ހާލަތުގައި އެކަނި ކަމުގައިވާތީއެވެ.
HN3 ރައްޔިތުންގެ މަޖިލީހަކުން ހަދާ ޤާނޫނެއްގައި އުފަންކޮށްފައި ނުވާ ޓެކުހާގުޅޭ މައުޟޫޢީ އިލްތިޒާމެއެއް (substantive liability) އެފަދަ ޤާނޫނެއްގެ ދަށުން އެކުލަވާލެވޭ ޤަވާޢިދެއްގެ ޒަރިއްޔާއިން މަތިނުކުރެވޭނެކަމާއި؛ ޤާނޫނެއްގެ ދަށުން އެކުލަވާލެވޭ ޤަވާޢިދެއް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަކުން ހަދާ ޤާނޫނެއްގައި ބަޔާންކުރާ ކަންކަމަށް އުނި އިތުރު ނުގެނެވޭނެކަމާއި؛ ޤާނޫނެއްގެ ދަށުން އެކުލަވާލެވޭ ޤަވާޢިދަކީ އެ ގަވާޢިދު އެ މައްޗަށް ބިނާވާ ޤާނޫނުގައި ބަޔާންކޮށްފައިވާ ހުދޫދުން ބޭރުވާނަމަ، އެ މިންވަރަށް، ޤާނޫނާއި ޚިލާފު (ultra vires) ޤަވާޢިދަކަށް ވެގެންވާނެތީއާއި؛ އާންމު އުޞޫލުން، ޓެކުހާބެހޭ ޤާނޫނުތަކުގައި ޤާނޫނުހަދާ މަޖިލީހުން ޞަރީޚަ ބަހުން ހިމަނާފައިނުވާ ކަންކަން މާނަކުރުމުގެ ތެރެއިން ކޯޓުތަކުން އިފްތިރާޟު ނުކުރާނެކަން؛ މިއީ އާންމު އުސޫލުތަކެވެ.
HN4 ކަން މިހެން އޮތްއިރު، މުދަލުގެ އަގު ދެނެގަތުމަށްޓަކައި އެ މާއްދާގައި ހަވާލާދޭފަދަ އަންދާޒާއެއް ކަނޑައަޅަންޖެހެނީ އެ އަގު އެނގެން ނެތް ޙާލަތުގައި ކަމުގައި ވެފައި، ޓްރޭޑަރސް ހޮޓެލްއިން ގަތް މުދަލުގެ އަގު އެނގެން އޮތުމުން، މިއީ އެފަދަ އަންދާޒާއެއް ކުރަންޖެހޭ ޙާލަތެއް ނޫންކަން، އަދި އެ މާއްދާގެ ދަށުން މުދަލުގެ އަގަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ޤާނޫނީގޮތުން މީރާއަށް ލިބިގެންވާ ޙާލަތެއް ނޫންކަން އެނގެއެވެ. އަދި ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހަރުމުދަލެއް ހުރިނަމަ، އެ މުދަލެއްގެ އަގު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައިވަނީ ބީ.ޕީ.ޓީ ޤަވާޢިދުގެ 46 ވަނަ މާއްދާގައި ކަމުގައިވުމުން، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުންކުރެ ގޮތެއްގެ ބޭރުން، މުދަލުގެ އަގު ކަނޑައެޅުމަކީ ޤާނޫނީ އިމުގެ ބޭރުން ކުރެވޭ ކަމެއްކަމުގައި ބުރަވެވެއެވެ.
HN5 އެހެންކަމުން، ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުން މީރާއަށް ލިބޭ ބާރުގެ ތެރެއިން ކުރާ އޮޑިޓެއްގައިވެސް މުދަލުގެ އަގަކީ ކޮބައިކަން ބަލަންޖެހޭނީ ބީ.ޕީ.ޓީ ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިންނެވެ. ޓެކުހާބެހޭ ކަންކަން ތަޢާރުފްވުމަށްފަހު، ޓެކުހުގެ ބޭނުމަށްޓަކައި ހިސާބުތައް ތައްޔާރުކުރަންޖެހޭ މިންގަނޑު މީރާއިން ކަނޑައެޅުމުގެ ހައިސިއްޔަތު މީރާއަށް ޤާނޫނުން ލިބިދީފައިވާނަމަވެސް، ޓެކުހާބެހޭ ޤާނޫނުތަކުގައި އެ ޤާނޫނުތައް ރަޖުޢީކޮށް ހިނގާނެ ކަމަށް ސާފުކޮށް އަދި ޞަރީޚަކޮށް ބަޔާންކޮށްފައި ނުވާ ހިނދު، އަދި ޓެކުހުގެ ބޭނުމަށްޓަކައި ކުރިން ކޮށް ނިމިފައިވާ މުޢާމަލާތްތަކުގެ މައްޗަށް ހިސާބު ބެލެހެއްޓުމުގެ ވަކި މިންގަނޑެއް ތަޠުބީޤުކުރަން ޖެހޭނެކަމުގައި ޤާނޫނުގައި ބަޔާންކޮށްފައި ނުވާ ޙާލު، ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތްތަކަކަށް މީރާއިން އެދޭ ހިސާބުކުރުމުގެ ވަކި މިންގަނޑެއް ތަޠުބީޤުކުރަންޖެހޭނެ ކަމުގައި މީރާއަށް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ. އެއީ، މީރާއަށް ޤާނޫނުން ލިބިދީފައިނުވާ ބާރެއް ބޭނުންކުރުން ކަމުގައި މެނުވީ ނުވާނެއެވެ.
HN6 ކުންފުންޏާބެހޭ ޤާނޫނުގެ ހުދޫދުގެ ތެރެއިން، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިބިދޭ ބާރުގެ ދަށުން، އެ ޤާނޫނުގައި ހިސާބު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ގޮތާއި ޚިލާފުވެފައިވާ ކަމަށް ކުންފުންޏަކަށް ރަޖިސްޓްރާރ އަންގާފައިނުވާނަމަ، އެފަދަ ކުންފުންޏަކުން ޢަމަލުކޮށްފައިވަނީ ޤާނޫނުގައިވާ ގޮތަށް ކަމުގައި ބަލަންޖެހެއެވެ. ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އޮތް ނިޒާމުގައި އުނިކަމެއް ހުރިނަމަ، އެ އުނިކަމެއް ފޫބެއްދުމަކީ ޓެކުހާގުޅޭ ޤާނޫނުތައް ވަޞީލަތެއްގެ ގޮތުގައި ބޭނުންކޮށްގެން، މީރާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢާއިޝަތު ހައިފާ، އެސް.އެޗް.ސީ ލޯޔަރސް، އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަރްޔަމް ޔާޝާ
- ބެންޗު
- ޙުސައިން ޝަހީދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ޙުސައިން ޝަހީދު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/380 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޓްރޭޑަރސް ހޮޓެލް މާލެ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޓްރޭޑަރސް ހޮޓެލް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") އެވެ.
ފަސްފަހަތް
230 ސެޕްޓެމްބަރު 2010 ގައި މާލެ ހޮޓެލް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ޓްރޭޑަރސް ހޮޓެލްއާ ދެމެދު ސޭލް އެންޑް ޕަރޗޭސް އެގްރިމަންޓެއް ކުރެވުނެވެ. މި މުޢާމަލާތް ކުރިއިރު، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނު އަދި ވުޖޫދުނުވެއެވެ. ވިޔަފާރި ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 18 ޖުލައި 2011 ގައެވެ.
318 ޖުލައި 2011 އިން ފެށިގެން 31 ޑިސެމްބަރު 2012 ގެ ނިޔަލަށް ޓެކްސް ބިނާކުރާ ފައިދާ ހިސާބުކޮށްފައިވަނީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އާއި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަން ބެލުމަށް މީރާއިން ޓްރޭޑަރސް ހޮޓެލް އޮޑިޓެއްކުރިއެވެ.
4ބުނެވުނު އޮޑިޓަށްފަހު މީރާއިން ނޯޓިސް އޮފް ޓެކްސް އެސެސްމަންޓާއެކު ފޮނުވާފައިވާ "ބިޒްނަސް ޕްރޮފިޓް ޓެކްސް އޮޑިޓް ރިޕޯޓް" (31 ޑިސެމްބަރު 2015) ގައި 30 ސެޕްޓެމްބަރު 2010 ގައި ޓްރޭޑަރސް ހޮޓެލްއާއި މާލޭ ހޮޓެލް އެސޯސިއެޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހިންގާފައިވާ މުޢާމަލާތުން ކެޕިޓަލް އެލަވަންސް ހިސާބުކުރަންޖެހޭނީ މާލޭ ހޮޓެލް އެސޯސިއެޓްސްގެ ފޮތްތަކުގައިވާ ރިޓްން ޑައުން ވެލިއު އިން ހިސާބުކޮށްކަމަށް ބުނެ އިސްލާޙުކުރިއެވެ. އަދި މި އޮޑިޓާ ގުޅިގެން އިތުރަށް ޓެކްސް ދައްކަންޖެހޭކަމަށް މީރާއިން ކަނޑައެޅިއެވެ.
5މީރާގެ ޓެކްސް އެސެސްމަންޓަށް ޓްރޭޑަރސް ހޮޓެލްގެ ފަރާތުން އިއުތިރާޒުކޮށް "ނޯޓިސް އޮފް އޮބްޖެކްޝަން" ހުށަހެޅިއެވެ. އަދި މީރާގެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތްކަމުގައި މީރާއިން ނިންމައި، މީރާގެ ނަންބަރު 220-OA/2016/4 "އޮބްޖެކްޝަން ރިވިއު ރިޕޯޓް" އިން އެކަން އެންގިއެވެ.
6މީރާގެ މި ނިންމުމަށް އިއުތިރާޒުކޮށް، ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާއާ ޙަވާލާދީ ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލީ އެ ޓްރައިބިއުނަލުގެ ނަންބަރު TAT-CA-B/2016/005 މައްސަލައިގައެވެ.
ޓްރައިބިއުނަލްގެ ނިންމުން
7ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޓްރޭޑަރސް ހޮޓެލްގެ ފަރާތުން މައްސަލަ ހުށަހެޅުމުން، އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޓްރޭޑަރސް ހޮޓެލް ހުރި ބިމާ ގުޅިގެން ދައްކާފައިވާ ފައިސާއާ ގުޅޭގޮތުން މީރާއިން ނިންމާފައިވާ ނިންމުން ފިޔަވައި، މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓުގައިވާ ކަންތައްތަކަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ. މިގޮތަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
7.1. މި މައްސަލައާ ގުޅިގެން މީރާއިން ފޮނުވާފައިވާ އޮޑިޓް ރިޕޯޓަށް ބެލުމުން، ޓްރޭޑަރސް ހޮޓެލްގެ އޮޑިޓެއް މީރާއިން ކޮށްފައިވަނީ 18 ޖުލައި 2011 އިން 31 ޑިސެމްބަރު 2012 އާ ދެމެދު ހިނގި މުއްދަތަކަށްކަމަށްވެފައި، އެ މުއްދަތަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން ހިނގި މުއްދަތެއްކަން އެނގޭކަމާއި، 30 ސެޕްޓެމްބަރު 2010 ގައި ޓްރޭޑަރސް ހޮޓެލްއާއި މާލޭ ހޮޓެލް އެސޯސިއޭޓްސްއާ ދެމެދު ހިނގި މުޢާމަލާތުގެ ޓެކްސް އިމްޕްލިކޭޝަނަކީ އެހިނދުން އެހިނދަށް ނިމިފައިވާ ކަމެއް ނޫންކަމާއި، އޭގެ ސަބަބުން އުފަންވެފައިވާ ކެޕިޓަލް އެލަވަންސަކީ ޓެކްސް ނެގުމުގެ ފަހުން ހިނގާ އަހަރުތަކުގެ އަހަރީ ހިސާބުތަކުގައި ހިމެނެމުންދާ އެއްޗެއްކަމުން، ޓެކްސް ނެގޭ އަހަރެއްގެ ތެރޭގައި ހިމެނޭ މުޢާމަލާތަކުން ޓެކްސް ނަގަންޖެހޭ ގޮތް ކަނޑައެޅުމަކީ، ޓެކުހުގެ ބޭނުމަށްޓަކައި ކުރަންޖެހޭނެކަމެއްކަމާއި، ޓެކްސް ޤާނޫނު އައުމުގެ ކުރިން ހުރި ހަރުމުދަލުން ކެޕިޓަލް އެލަވަންސް ދިނުމަށްޓަކައި އެ މުދާ އަގުކުރާނެގޮތް ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު ގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުން، ކުރިން ގަނެފައިވާ މުދަލެއް އަގުކޮށް، ޓެކްސް ނެގޭ އަހަރުތަކަށް ކެޕިޓަލް އެލަވަންސް ކަނޑައެޅުމަކީ ޤާނޫނު ރެޓްރޯސްޕެކްޓިވްކޮށް އެޕްލައިކުރުން ނޫންކަން.
7.2. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 66 ވަނަ މާއްދާގައި ބުނާ ހިސާބުތައް ހަދައި ބަލަހައްޓަންވާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފައްތައިގެންކަމަށް ކުންފުންޏާބެހޭ އާއްމު ޤަވާޢިދުގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގައި ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން އެ ޤަވާޢިދު ގައިވާ ގޮތުގެ މަތިން ހިސާބުތައް ތައްޔާރުކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެ ޤަވާޢިދުގެ 8 ވަނަ މާއްދާގައި، އެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކުރަންވާނީ އައި.އެފް.އާރް.އެސް ނުވަތަ އެމް.އައި.އާރް.އޭ އިން ޤަބޫލުކުރާ ބައިނަލްއަޤްވާމީގޮތުން ޤަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހިސާބު ތައްޔާރުކުރުމުގެ "އެކްރޫއަލް ބޭސިސް ބޭނުންކޮށްގެން" ކަމަށް ބަޔާންކޮށްފައިވާތީ، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން ތައްޔާރުކުރަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަންޖެހޭނީ އައި.އެފް.އާރް.އެސް ނުވަތަ މީރާއިން ޤަބޫލުކުރާ ބައިނަލްއަޤުވާމީގޮތުން ޤަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑެއްކަން އެނގޭކަމާއި، އެގޮތުން މުދަލެއް ގަންނަ ކަމުގައިވާނަމަ އެ މުޢާމަލާތް ރެކޯޑްކުރަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަރޑްސް (އައި.އޭ.އެސް) 16 ގެ މިންގަނޑަށްކަމާއި، އެހެންނަމަވެސް، ވިޔަފާރިއެއް ގަންނަ ކަމުގައިވާނަމަ، އެ މުޢާމަލާތް ބަލަހައްޓަންވާނީ އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަރޑްސް (އައި.އެފް.އާރް.އެސް) 3 އާ އެއްގޮތްވާގޮތުގެ މަތިން ކަން ޞަރީޙަ އިބާރާތުން ބަޔާންކޮށްފައިވާކަން.
7.3. ޓްރޭޑަރސް ހޮޓެލްއިން ވެފައިވާ "ސޭލްސް އެންޑް ޕާރޗޭސް އެގްރިމަންޓް-މާލެ ހޮޓެލްސް" ގެ އެއްބަސްވުމާ އަދި އެހެނިހެން ލިޔެކިޔުންތަކަށް ބަލާއިރު، ވިއްކާ ފަރާތުން ވިޔަފާރި ވިއްކުމުގެ ކުރިން ސަޕްލަޔަރުންނާއި، އެކިއެކި ވިޔަފާރިތަކާ ހަދާފައިވާ އެއްބަސްވުން ޓްރޭޑަރސް ހޮޓެލްއަށް ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވުމާއި، ޓްރޭޑަރސް ހޮޓެލްއިން ބިމާއި، ޢިމާރާތާއި ގުޅިގެން އުފެދިފައިވާ އެންމެހައި ޙައްޤުތަކާއި، ޓައިޓަލްއާ އިންޓަރެސްޓާއި، ހަރުކޮށްފައިވާ މުދަލާއި، މާލެ ހޮޓެލްގެ ފޮތްތަކާ، ރެކޯޑްސްތަކާއި، ވިޔަފާރި ލައިސަންސްއާއި، ސްޓޮކް ގަނެފައިވާހިނދު، ޓްރޭޑަރސް ހޮޓެލްއިން ސޭލްސް އެންޑް ޕާރޗޭސް އެގްރިމަންޓުގެ ދަށުން 30 ސެޕްޓެމްބަރު 2010 ގައި ކޮށްފައިވާ ގަނެވިއްކުމުގެ މުޢާމަލާތަކީ ވިޔަފާރިއެއް ގަތުމަށް ކޮށްފައިވާ މުޢާމަލާތެއްކަން.
7.4. މި މައްސަލައިގައި ކޮށްފައިވާ މުޢާމަލާތަކީ އައި.އެފް.އާރް.އެސް 3 (ބިޒްނަސް ކޮމްބިނޭޝަންސް) ގައި ކަނޑައަޅާފައިވާ އަސާސީ 3 ޝަރުޠު (input, process, output) ފުރިހަމަވާ މުޢާމަލާތެއްކަމާއި، ޓްރޭޑަރސް ހޮޓެލްއަކީ އެ ފަރާތް ހިމެނޭ ކުންފުނީގެ ބެލެނިވެރި ގްރޫޕްގެ އަމިއްލަ ސިސްޓަމްތަކާއި ޕްރޮސެސްތަކެއް ގެންގުޅޭ ފަރާތެއްކަމުން، އެ ސިސްޓަމްތަކާއި ޕްރޮސެސްތައް ބޭނުންކޮށްގެން އައުޓްޕުޓެއް ނެރެވޭނެ ފަރާތަކަށްވާނަމަ، ޕްރޮސެސް ގަނެފައި ނުވިނަމަވެސް، މި މުޢާމަލާތް ހިސާބުކުރަންޖެހޭނީ އައި.އެފް.އާރް.އެސް 3 ގެ މިންގަނޑުން ބިޒްނަސް ކޮމްބިނޭޝަންއެއްގެ ގޮތުގައިކަން.
7.5. ޓްރޭޑަރސް ހޮޓެލްގެ ފަރާތުން އެއްބަސްވުމުގެ ދަށުން ގަނެފައިވަނީ ލިސްޓްކުރެވިފައިވާ އެސެޓްތަކެއްކަމަށް ބަޔާންކުރިނަމަވެސް، ޓްރޭޑަރސް ހޮޓެލްގެ ފަރާތުންވެސް ހަވާލާދޭ ވެލުއޭޝަން ރިޕޯޓުގެ "އެޕޯޝަންމަންޓް އޮފް ވެލިއު" އަށް ބެލުމުން އެސެޓްތަކުގެ އަގުގެ ގޮތުގައި ރިޕޯޓުގައި ހުށަހަޅާފައިވާ އަގަކީ އެސެޓްތަކުގެ އަސްލު އަގު ނޫންކަމާއި، އެއީ ގަނެފައިވާ ވިޔަފާރި އަގުކުރުމުން އައި ޖުމްލަ ޢަދަދު ވަކި "އެސެޓް ކްލާސް" ތަކަކަށް ބަހާލުމުން އަންނަ ޢަދަދުކަން ފާހަގަކުރެވޭކަމަށާއި، އަދި ވެލުއޭޝަންގައިވާ އަގުކުރުމަކީ ވިޔަފާރީގެ އަންދާޒާކުރެވޭ އާމްދަނީ އަށް ބަލައިގެން ހެދިފައިވާ ވެލުއޭޝަނެއްކަމުން، މި މުޢާމަލާތުގައި ޓްރޭޑަރސް ހޮޓަލުން ދައްކާފައިވާ އަގަކީ ވަކިވަކި އެސެޓްތަކެއްގެ އަގު ކަމުގައި ކަނޑައެޅޭނެ ޖާގައެއް ނެތުމުންނާއި، މި މުޢާމަލާތުގައި ރެކޯޑުތަކާއި ފޮތްތަކާއެކު ގަނެފައިވާ މުޢާމަލާތެއްކަމުން، އެ ވިޔަފާރީގައި ބޭނުންކުރެވޭ އަގު ކުރެވޭ މުދާ ޓްރޭޑަރސް ހޮޓަލަށް ނަގުލުވެފައިވަނީ އެ ފޮތްތަކުގައިވާ އަގުތަކުގައިކަން އެނގޭކަމާއި، އަދި އިތުރަށް ދައްކާފައިވާ ފައިސާއަކީ ގުޑްވިލް (އެކްވަޔަރޑް ގުޑްވިލް) ކަމުގައި ބަލައި، އައި.އެފް.އާރް.އެސް 3 ގެ ފުރަތަމަ ޕްރިންސިޕަލްގެ ދަށުން ގުޑްވިލް ވަކިކުރަންވާނެކަން.
8ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށް ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުގައި އެ މައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 2019/HC-A/380 މައްސަލައިގައެވެ.
ހައިކޯޓުގެ ނިންމުން
9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/380 ޤަޟިއްޔާގައި ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަށް، އެ މައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށެވެ. ހައިކޯޓުން މިގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
9.1. ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ކުންފުނިތަކުގެ ހިސާބުތައް ތައްޔާރުކުރުމުގައި ބައިނަލްއަޤްވާމީ މިންގަނޑަށް ތަބާވާންޖެހޭކަން ކުންފުންޏާބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) އާއި ކުންފުންޏާބެހޭ ޤަވާޢިދު ގެ 14 ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގޭކަން.
9.2. މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ ދަށުން ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ގަނެފައިވަނީ ހަމައެކަނި މުދާ ނުވަތަ ބިޒްނަސް އެސެޓްތަކެއް ނޫންކަމާއި، މުދާތަކާއި، ބިމާއި، ޢިމާރާތާގުޅޭ ޙައްޤުތަކާއި، ވިޔަފާރީގެ ހައްޤާއި، އެހެނިހެން މަންފާތަކާއެކު ގިނަ އިޚްތިޔާރުތަކެއް ނުވަތަ ކޮންޓްރޯލް ލިބިދީފައިވާކަމާއި، އެހެންކަމުން، ޓްރޭޑަރސް ހޮޓެލްއިން ގަނެފައިވަނީ ހަމައެކަނި މުދާތަކެއް ނުވަތަ ބިޒްނަސް އެސެޓްތަކެއްކަމަށް އެ ފަރާތުން ބުނި ނަމަވެސް، ޙަޤީޤީ މުޢާމަލާތަށް ބަލާއިރު، އެ ފަރާތުން ގަނެފައިވަނީ ވިޔަފާރިއެއްކަން.
9.3. މި މައްސަލައިގައި ހިމެނެނީ ވިޔަފާރި ގަތުމުގެ މުޢާމަލާތެއްކަން އެނގޭއިރު، މި މުޢާމަލާތާ ބެހޭ ހިސާބުތައް ބަލަހައްޓަންޖެހޭ މިންގަނޑަކީ އައި.އެފް.އާރް.އެސް 3 ގައިވާ "ބިޒްނަސް ކޮމްބިނޭޝަން" ގެ މިންގަނޑުކަމާއި، ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ހިސާބުތައް ތައްޔާރުކޮށްފައިވާ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަރޑް (އައި.އޭ.އެސް) އަކީ "property, plant and equipment" އާ ގުޅޭ ހިސާބުތައް ތައްޔާރުކުރަންޖެހޭ މިންގަނޑުކަމާއި، އެއީ ވިޔަފާރި ގަތުމާގުޅޭ މުޢާމަލާތުގެ ހިސާބު ބަލަހައްޓަންޖެހޭ މިންގަނޑު ނޫންކަން.
9.4. ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިންވެސް، ކުންފުނިތަކުގެ ހިސާބުތައް ބަލަހައްޓަންޖެހެނީ ބައިނަލްއަޤްވާމީ މިންގަނޑުންކަމާއި، ޓްރޭޑަރސް ހޮޓެލްއިން ކޮށްފައިވާ މުޢާމަލާތަކީ ވިޔަފާރިއެއް ގަތުމުގެ މުޢާމަލާތެއްކަމުން، އެ މުޢާމަލާތުގެ ހިސާބުތައް ބަލަހައްޓަންޖެހޭ މިންގަނޑަކީ އައި.އެފް.އާރް.އެސް 3 ގެ މިންގަނޑުކަން އެނގޭތީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން މިގޮތަށް ކަނޑައަޅާފައިވުމަކީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު ރަޖުޢީކޮށް ތަޠުބީޤުކުރުންކަމަށް ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނާ ބުނުން ޤާނޫނީގޮތުން ސައްހަނޫންކަން.
9.5. ޓްރޭޑަރސް ހޮޓެލްގެ ވެލުއޭޝަން ރިޕޯޓަށް ބެލުމުން އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ތަކެތީގެ އަސްލު އަގުނޫންކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން އަގު އެންމެ ޞައްޙަކޮށް ބެލޭނެ ގޮތަކީ މާލެ ހޮޓެލް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފޮތްތަކުގައި ވިއްކި އަގުކަމަށް ރެކޯޑްކޮށްފައިވާގޮތަށް ބަލައިގެންކަމަށް ބުރަވެވޭކަމަށާއި، ގުޑްވިލް ވަކިކުރުމަކީ އައި.އެފް.އާރް.އެސް 3 ގައި ބަޔާންކޮށްފައިވާ ކަމެއްކަމުން، އެ މިންގަނޑަށް ބަލައިގެން އެކަން ކަނޑައެޅުމަކީ ޤާނޫނީ އުޞޫލާ ޚިލާފުކަމެއްކަމަށް ނުދެކޭކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
10ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި އެ ނިންމުން އިސްތިއުނާފުކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގައި އަންނަނިވި 5 (ފަހެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
10.1. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާގައި ބަޔާންކުރާ ޤާނޫނީ ސަބަބުތައް ޓެކްސް ނެގުމާބެހޭ ޤާނޫނުތަކަށް ރިޢާޔަތްކޮށް ރަނގަޅުނުވާ ސަބަބު ބަޔާންކުރުމެއްނެތި، ޓެކްސްގެ ޤާނޫނީ ނިޒާމުން ބޭރުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ފެންނަ ޤާނޫނީ ސުވާލުތަކެއްގެ މައްޗަށް ޝަރީޢަތްކޮށް ޙުކުމްކޮށްފައިވާތީ، އޭގެ ނަތީޖާއެއްގެ ގޮތުން ޓްރޭޑަރސް ހޮޓެލްގެ ފަރާތުން އިތުރަށް ޓެކްސް ދައްކަންޖެހިފައިވާތީ، އެއީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
10.2. ވިޔަފާރިން ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން، 2010 ވަނަ އަހަރު ހިންގާފައިވާ ގަނެވިއްކުމުގެ މުޢާމަލާތް އަގުކޮށްފައިވާގޮތް، އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ އަހަރުތަކުގެ ޓްރޭޑަރސް ހޮޓެލްގެ ފޮތްތަކުގައި އެސެޓްގެ އަގު ކަމުގައި ރެކޯޑްކޮށްފައި އޮތް އަގު ބަދަލުވާގޮތަށް، ވިއްކި ފަރާތުގެ ފޮތްތަކުގައި އޮތް ރިޓްން ޑައުން ވެލިއުއިން ގަތް މުދަލުގެ ކެޕިޓަލް އެލަވަންސް ހިސާބުކޮށް، 18 ޖުލައި 2011 އިން ފެށިގެން 31 ޑިސެމްބަރު 2012 ގެ ނިޔަލަށް ހިނގި ޓެކްސް މުއްދަތުގެ އޮޑިޓް ކުރުމަށްފަހު، މީރާއިން ނިންމި ނިންމުމަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު ގެ 46 ވަނަ މާއްދާއާ ޚިލާފުކަމެއް ނޫންކަމަށް ކަނޑައަޅައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއްނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު ގެ 46 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
10.3. ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިންވެސް ކުންފުންޏާބެހޭ އާއްމު ޤަވާޢިދު ގެ ދަށުން ކުންފުނީގެ މާލީ ހިސާބުތައް ބަލަހައްޓަންޖެހޭނީ ބައިނަލްއަޤްވާމީ މިންގަނޑުންކަމާއި، ޓްރޭޑަރސް ހޮޓެލްއިން ކޮށްފައިވާ ގަނެވިއްކުމުގެ މުޢާމަލާތަކީ ވިޔަފާރިއެއްގެ މުޢާމަލާތެއްކަމުން، އެ މުޢާމަލާތް ހިސާބު ބަލަހައްޓަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑަކީ އައި.އެފް.އާރް.އެސް 3 ގެ މިންގަނޑުކަމާއި، އެހެންކަމުން، އެފަދައިން ޓެކްސް އެޕީލް ޓްރައިބިއުނަލުން ކަނޑައަޅާފައިވުމަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ވިޔަފާރީގެ ފައިދާއިން ޓެކްސްނެގުމުގެ ޤަވާޢިދު ރަޖުޢީކޮށް ތަޠުބީޤުކުރުންކަމަށް ޓްރޭޑރަސް ހޮޓެލްއިން ބުނާ ބުނުން ޞައްޙަ ނޫންކަމުގައި" ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްތިޤްރާރުވެ ބަލައިގަނެފައިވާ "ރަޖްޢީ" ކޮށް ޤާނޫނު ތަޠުބީޤު ނުކުރުމުގެ މަބްދައާވެސް ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
10.4. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ޙުކުމުގައި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ކުންފުނިތަކުގެ މާލީ ހިސާބުތައް ބެލެހެއްޓުން ލާޒިމުވާ "ބައިނަލްއަޤުވާމީ މިންގަނޑުން" ކަމުގައި ކަނޑައަޅައި، އެ އިޝާރާތްކުރާ ބައިނަލްއަޤުވާމީ މިންގަނޑަކީ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑް ކަމުގައި ޙުކުމުގެ 11 ވަނަ ޕެރެގްރާފްއިން ފެށިގެން 15 ވަނަ ޕެރެގްރާފަށް އާ ހަމައަށް ހުރި ޕެރެގްރާފްތަކުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) އަދި ކުންފުންޏާބެހޭ އާއްމު ޤަވާޢިދު ގެ 14 ވަނަ މާއްދާގެ (ށ) ގައި އޮތް މާނައަށްވުރެ ފުޅާކޮށް ޤާނޫނުގައި ނެތް ކަމެއް އޮތް ކަމެއްކަމުގައި ބަލައިގެން ނިންމާފައިވާ ނިންމުމެއްކަމުގައި ބުނެ ހުށަހެޅި ނުކުތާ.
10.5. ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ކޮށް ނިންމާފައިވާ މުޢާމަލާތުގެ އަގު ސޭލް އެންޑް ޕަރޗޭސް އެގްރީމަންޓްގައި ބަޔާންކޮށްފައި ވަނިކޮށް، އަދި ބީ.ޕީ.ޓީ ޤަވާޢިދު ގެ 46 ވަނަ މާއްދާގެ (ހ) ގައި މުދަލުގެ އަގު ކަނޑައަޅާގޮތް ބަޔާންކޮށްފައި ވަނިކޮށް، ވެލުއޭޝަން ރިޕޯޓުގައި ބަޔާންކޮށްފައިވަނީ މުދަލުގެ އަސްލު އަގު ނޫން ކަމުގައި ކަނޑައަޅައި، މުދަލުގެ ގަތް ސައްހަ އަގު ދެނެގަނެވޭނީ މުދާ ވިއްކި ފަރާތްތަކުގެ ފޮތްތަކުގައިވާ އަގަށް ބަލައިގެން ކަމުގައާއި، މުޢާމަލާތުގެ ތެރޭގައި މުދާ ވިއްކި ފަރާތުގެ ފޮތްތައް ހިމަނާފައިވާ ކަމުގައި ބަޔާންކޮށްފައިވާނަމަވެސް، އެ ތަކެތި މުޢާމަލާތުގެ ތެރޭގައި ނުހިމެނޭ ކަމުގައާއި، އައި.އެފް.އާރް.އެސް 3 ގެ މިންގަނޑުގެ ތެރެއިން މުދާ ވިއްކި ފަރާތްތަކުގެ ފޮތްތަކުގައިވާ އަގު ބެލުމުގެ ފުރުސަތު އޮތުމުން އެ މިންގަނޑުން މުޢާމަލާތް ރެކޯޑުކުރުމަކީ ޤާނޫނީ އުޞޫލާއި ޚިލާފުކަމެއް ކަމުގައި ނުދެކޭ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އެއްވެސް ޤާނޫނީ އުޞޫލެއްގެ މައްޗަށް ބިނާކޮށް ނޫންކަމުގައި ވުމުގެ އިތުރުން، އައި.އެފް.އާރް.އެސް 3 ގެ މިންގަނޑާއި ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ނުކުތާ.
ދެފަރާތުން ދައްކާފައިވާ ވާހަކަ
11އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ޓްރޭޑަރސް ހޮޓެލްއިން އުފައްދާ ޤާނޫނީ ސުވާލަކީ ޓެކްސް ޤާނޫނު ނުހިނގާ މުއްދަތެއްގައި ހިނގާފައި އޮތް މުޢާމަލާތެއްގެ ދަށުން ގަނެވުނު މުދަލެއްގެ އަގު ބަދަލުވާގޮތަށް މީރާއަށް ޓެކްސް ހިސާބުކުރެވިދާނެތޯ އުފައްދާ ސުވާލުކަމަށާއި، މި މައްސަލައިގައި ހައިކޯޓުން ޖަވާބުދިނުމުގައި ޓްރޭޑަރސް ހޮޓެލްއިން އުފައްދާފައިވާ ޤާނޫނީ ބަހުސަށް އެކަށީގެންވާ ޖަވާބެއްދީފައިނުވާކަމަށެވެ.
12މިނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ މި މައްސަލައިގައި ހައިކޯޓުން އުފައްދާފައިވާ ސުވާލުތަކަކީ މި މައްސަލައިގެ ތެރެއިން ޖަވާބު ހޯދުން މުހިއްމު ސުވާލުތަކެއްކަމަށް ދެކޭކަމަށާއި، އެ ސުވާލުތަކަށް ޖަވާދިނުމުގައި މައްސަލައިގެ ނިންމުމަށް ވާސިލުވެފައިވަނީ ރަނގަޅަށް ކަމަށް ދެކޭކަމަށެވެ.
13ދެވަނަ ނުކުތާއާ ގުޅިގެން، ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނެފައިވަނީ، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު ގެ 46 ވަނަ މާއްދާގެ ދަށުން ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތަކާ ގުޅިގެން ޓެކްސް ޕޭޔަރެއްގެ މާލީ ހިސާބުތަކުގައި އެ މުދަލުގެ އަގުގެ ގޮތުގައި ރެކޯޑްކޮށްފައިވާ އަގު ބަދަލުކުރުމުގެ ބާރު ލިބިގެންނުވާކަމަށާއި، އެ މާއްދާގައި އިޝާރާތްކުރަނީ "މުދާ ގަތް" އަގަށް ކަމަށާއި، އަގު ބަދަލު ކުރުމުގެ ވާހަކައެއް އެ މާއްދާގައި ބަޔާންވެގެން ނުވާކަމަށެވެ. އަދި ޤާނޫނު ވުޖޫދުވުމުގެ ކުރިން ކުރެވިފައި ހުރި ގަނެވިއްކުމުގެ މުޢާމަލާތްތައް ރެކޯޑް ކުރުމުގައި އެޕްލައި ކުރި އެކައުންޓިންގ ސްޓޭންޑަޑް ބަދަލުކުރުމުގެ ބާރު އެ މާއްދާއިން ދީފައިނުވާ ކަމަށެވެ.
14މިނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ "ގަތް އަގު" ޓްރޭޑަރސް ހޮޓެލްގެ ފަރާތުން މާނަކުރަނީ އެކައުންޓިންގ ހަމަތަކާ ފުށުއަރާ ބީދައަކުން ކަމަށާއި، މުދާ ގަތް އަގަކީ އެކައުންޓިންގ ހަމަތަކާ އެއްގޮތަށް ހިސާބުކޮށްފައިވާ މުދާ ގަތް އަގުކަމަށާއި، މީރާއިން ޤާނޫނަށް ޢަމަލުކުރުމުގެ ކުރިން ހިނގާ ގޮސްފައިވާ މުޢާމަލާތާގުޅޭ ހަރުމުދާ އަގުކޮށްފައިވާކަމަށް ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނި ނަމަވެސް، މީރާއިން ހަމައެކަނި ކޮށްފައިވާ ކަމަކީ އެ މުޢާމަލާތް ހިސާބުކޮށްފައިވާ ގޮތަކީ އެކައުންޓިންގ ހަމަތަކާ އެއްގޮތަށްނޫންކަމުން، އެކަމަށް ކަނޑައެޅިފައިވާ އުޞޫލާއެއްގޮތަށް އެ މުދާތަކުގެ އަގު ބެލުމަށްފަހު، އެ އަގާ އެއްހަމައަކުން އެކަށޭނަ ކެޕިޓަލް އެލަވަންސް ހިސާބުކުރުން ކަމަށާއި، މުދަލުގެ އަގު ޞައްޙަ ނޫން ގޮތުގައި ހިސާބުކޮށްފައި އޮވެއްޖެނަމަ، އޭގެ ސަބަބުން ހިސާބުކުރެވޭ ކެޕިޓަލް އެލަވަންސް ޞައްޙަނުވާނެކަމަށް މީރާއިން ބުނެއެވެ.
15އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނެފައިވަނީ މީރާގެ އެއްވެސް ނިންމުމެއްގެ ނަތީޖާއަކީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރީގެ މުއްދަތެއްގެ ހިސާބުތަކަށް ބަދަލު އައުން ނުވަތަ ކުރިން ގަނެފައިވާ މުދަލެއްގެ އަގު ބަދަލުކުރަން ޖެހުން ކަމުގައިވާނަމަ، އެއީ "ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުކުރުން މަނާކުރާ މަބްދައު" އާ ޚިލާފު ނިންމުމެއް ކަމަށާއި، 2010 ވަނަ އަހަރުގެ މުޢާމަލާތެއް ރެކޯޑްކޮށްފައި އޮތް އަގު ބަދަލުކުރަން ހައިކޯޓުން ނިންމުމުގެ ނަތީޖާއަކީ ރެޓްރޯސްޕެކްޓިވްކޮށް މުދާ ގަތް އަގު ބަދަލުވުމާއި، 2010 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ހިސާބުތަކަށް ބަދަލު ގެނެސް އިސްލާޙްކުރަންޖެހުން ކަމަށާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައިވާ ކަމެއް، ކުރީގެ އަހަރުތަކުގެ މައްޗަށް ހިނގައިގެން ދިއުންކަމަށް ބުނެފައިވެއެވެ.
16މިނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ ޚުޞޫމަތު އުފެދިފައިވާ މައްސަލައިގައި ހިމެނޭ މުޢާމަލާތް "ބައިނަލްއަޤުވާމީ" މިންގަނޑުން ހިސާބުކުރުމުގެ ޒިންމާ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިންވެސް ޓްރޭޑަރސް ހޮޓެލްއަށް އޮތްކަމަށާއި، ކެޕިޓަލް އެލަވަންސް ހިސާބުކުރުމަށް އެ މުޢާމަލާތް ހިސާބުތަކުގައި ހިމަނާފައިވާ ގޮތަކީ އެކައުންޓިންގގެ ހަމަތަކާ އެއް މިންގަނޑުން ހިސާބުކޮށްފައިވާ ހިސާބުކުރުމެއްތޯ ދެނެގަންނަންޖެހޭކަމަށާއި، އެއީ އެ މުޢާމަލާތުގެ އަސަރު ޓެކްސް ނެގޭ މުއްދަތުތަކަށް ކުރަމުންދާނެތީކަމަށާއި، މިއީ ޓެކުހުގެ ޤާނޫނެއް އެފަރާތުގެ މައްޗަށް ރަޖުޢީ ގޮތެއްގައި ހިންގާފައިވާ ޙާލަތެއް ނޫންކަމަށް މީރާއިން ބުނެފައިވެއެވެ.
17އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނެފައިވަނީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ޢަމަލުކުރަންޖެހޭ ބައިނަލްއަޤުވާމީ ވަކި މިންގަނޑެއް ކުންފުންޏާބެހޭ އާއްމު ޤަވާޢިދު ގައި ބަޔާންކޮށްފައިނުވާއިރު، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ޢަމަލުކުރަންޖެހޭ ބައިނަލްއަޤުވާމީ މިންގަނޑަކީ އައި.އެފް.އާރް.އެސް މިންގަނޑުކަމަށް ކަނޑައެޅިގެން ދިއުމަކީ ކުންފުންޏާބެހޭ އާއްމު ޤަވާޢިދުގެ 14 ވަނަ މާއްދާގެ (ށ) ގައި އޮތް އެއްޗަކަށް ވުރެ ފުޅާވެގެންދިއުން ކަމަށެވެ.
18މިނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުން ހިސާބުކުރުމަކީ، އެ މިންގަނޑެއް ބޭނުންކުރަންޖެހޭ ހުދޫދުތަކާއި ޝަރުޠުތަކާއެކު މުނާސަބު ހާލަތުގައި އެ ސްޓެންޑަޑެއް ބޭނުންކުރުންކަމަށާއި، މި މައްސަލައިގައި ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ގަނެފައިވަނީ ބިޒްނަސް ކޮމްބިނޭޝަން ނުވަތަ ވިޔަފާރިއެއްކަމުގައިވާތީ، މި މުޢާމަލާތް ހިސާބުކުރަންޖެހޭނީ އައި.އެފް.އާރް.އެސް ގައި ބަޔާންކުރާ މިންގަނޑުންކަމަށެވެ. އަދި އެ މިންގަނޑު ހިސާބުކުރުމަކީ ކުންފުންޏާބެހޭ އާއްމު ޤަވާޢިދުގެ 14 ވަނަ މާއްދާގެ (ށ) ގައި ނުހިމެނޭކަމެއް ހިމަނައިގެން މާނަކުރުންކަމަށް ނުބެލެވޭނެކަމަށެވެ.
19އިސްތިއުނާފީ ފަސްވަނަ ނުކުތާއާ ގުޅިގެން ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނެފައިވަނީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ހިސާބުތައް ތައްޔާރުކުރަން ބޭނުންކުރާނީ މުދާ ގަތް އަގުކަމަށް ސަރީޙަ އިބާރާތުން ބަޔާންކޮށްފައިވާތީ، އެހެންގޮތަކަށް މުދާ ގަތް އަގު ކަނޑައަޅަން ނުޖެހޭކަމަށާއި، ވެލުއޭޝަން ރިޕޯޓަށް ބަލައިގެން ނުވަތަ ވިއްކި ފަރާތުގެ ފޮތްތަކަށް ބަލައިގެން އަގު ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ. އަދި ހައިކޯޓުން މުދާ ގަތް އަގަކީ ވިއްކި ފަރާތުގެ ފޮތްތަކުގައި، އޮތް އަގުކަމަށް ކަނޑައަޅާފައިވަނީ އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްނޫންކަމަށެވެ.
20މިނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ތައްޔާރުކޮށްފައިވާ ވެލުއޭޝަން ރިޕޯޓުގައި ހިމަނާފައިވާ ޢަދަދުތަކަކީ ޞައްޙަ މަގުން ހިސާބުކޮށް އެ މުދާތަކަށް ޖެހޭ ޢަދަދުކަމުގައި ދެނެގަނެވެންނެތްކަމަށާއި، އެ ފަރާތުން ކެޕިޓަލް އެލަވަންސް ހިސާބުކޮށްފައިވަނީ ޞައްޙަ ހިސާބުކުރުމުގެ މައްޗަށް ކަމުގައި ނުވުމުން، މީރާއިން މި މުޢާމަލާތް ހިސާބުކުރަންޖެހޭ މިންގަނޑުން ހިސާބުކޮށް، އެސެޓްތަކުގެ އަގު ދެނެގަނެ ކެޕިޓަލް އެލަވަންސް ދީފައިވަނީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.
މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާ
21މި މައްސަލައިގައި މައިގަނޑުގޮތެއްގައި ގޮތެއް ކަނޑަޅަންޖެހޭ ކަމަކީ، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތެއްގެ "މުދާ ގަތް އަގު" ގެ ގޮތުގައި ރެކޯޑްކޮށްފައިވާ އަގު ބަދަލުކުރުމުގެ ބާރު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއަށް ލިބިގެންނުވާކަމަށް ބުނެ އުފައްދާ ސުވާލަށްކަމަށް ދެކެމެވެ.
ޙުޞޫމާތް އުފެދުނު ހިސާބު
22މި މައްސަލަ އިސްތިއުނާފުކުރަމުން ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނެފައިވަނީ، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގެ ދަށުން ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތަކާ ގުޅިގެން ޓެކްސް ޕޭޔަރެއްގެ މާލީ ހިސާބުތަކުގައި މުދަލުގެ އަގުގެ ގޮތުގައި ރެކޯޑްކޮށްފައިވާ އަގު ބަދަލުކުރުމުގެ ބާރު ލިބިގެންނުވާކަމަށާއި، އެ މާއްދާގައި އިޝާރާތްކުރަނީ "މުދާ ގަތް" އަގަށް ކަމަށާއި، އަގު ބަދަލު ކުރުމުގެ ވާހަކައެއް އެ މާއްދާގައި ބަޔާންވެގެން ނުވާކަމަށެވެ. އަދި ޤާނޫނު ވުޖޫދުވުމުގެ ކުރިން ކުރެވިފައި ހުރި ގަނެވިއްކުމުގެ މުޢާމަލާތްތައް ރެކޯޑް ކުރުމުގައި އެޕްލައި ކުރި އެކައުންޓިންގ ސްޓޭންޑަޑް ބަދަލުކުރުމުގެ ބާރު އެ މާއްދާއިން މީރާއަށް ދީފައިނުވާކަމަށް ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނެއެވެ.
23މި ޚުޞޫމަތަކީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޓްރޭޑަރސް ހޮޓެލުން ކޮށްފައިވާ މުޢާމަލާތަކަށް ކެޕިޓަލް އެލަވަންސް ހިސާބުކުރުމުގައި، ޓްރޭޑަރސް ހޮޓެލުގެ މާލީ ހިސާބުތަކުގައި މުދަލުގެ އަގުގެ ގޮތުގައި ރެކޯޑްކޮށްފައިވާ ޢަދަދު މީރާއިން ބަދަލުކުރި ކަމަށް ބުނެ އުފެދުނު ޚުޞޫމާތެކެވެ. ޓްރޭޑަރސް ހޮޓެލުން ބުނެފައިވަނީ އެސެޓްތައް ގަތް އިރު އެތަކެތި އަގު ކޮށްފައިވާކަމަށާއި، އެތަކެތި ގަތް އަގަކީ އެތަކެތީގެ މާކެޓް ވެލިއުކަން "ސޭލްސް- އެންޑް ޕާޗޭސް އެގްރިމަންޓް-މާލެ" އިން އެނގޭކަމަށެވެ. މިގޮތަށް އަގު އެނގެން އޮއްވާ ވިއްކިފަރާތުގެ ފޮތްތަކުގައިވާ 'ރިޓްން ޑައުން ވެލިއު' އިން ކެޕިޓަލް އެލަވަންސް ހިސާބުކުރުން، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާއާ ޚިލާފުކަމަށެވެ.
24މީރާއިން ބުނަނީ "ގަތް އަގު" ޓްރޭޑަރސް ހޮޓެލްގެ ފަރާތުން މާނަކުރަނީ އެކައުންޓިންގ ހަމަތަކާ ފުށުއަރާ ބީދައަކުން ކަމަށާއި، މުދާ ގަތް އަގަކީ އެކައުންޓިންގ ހަމަތަކާ އެއްގޮތަށް ހިސާބުކޮށްފައިވާ މުދާ ގަތް އަގުކަމަށާއި، މީރާއިން ޤާނޫނަށް ޢަމަލުކުރުމުގެ ކުރިން ހިނގާ ގޮސްފައިވާ މުޢާމަލާތާގުޅޭ ހަރުމުދާ އަގުކޮށްފައިވާކަމަށް ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ބުނި ނަމަވެސް، މީރާއިން ހަމައެކަނި ކޮށްފައިވާ ކަމަކީ އެ މުޢާމަލާތް ހިސާބުކޮށްފައިވާ ގޮތަކީ އެކައުންޓިންގ ހަމަތަކާ އެއްގޮތަށްނޫންކަމުން، އެކަމަށް ކަނޑައެޅިފައިވާ އުޞޫލާއެއްގޮތަށް އެ މުދާތަކުގެ އަގު ބެލުމަށްފަހު، އެ އަގާ އެއްހަމައަކުން އެކަށޭނަ ކެޕިޓަލް އެލަވަންސް ހިސާބުކުރުން ކަމަށާއި، މުދަލުގެ އަގު ޞައްޙަ ނޫން ގޮތުގައި ހިސާބުކޮށްފައި އޮވެއްޖެނަމަ، އޭގެ ސަބަބުން ހިސާބުކުރެވޭ ކެޕިޓަލް އެލަވަންސް ޞައްޙަނުވާނެކަމަށް މީރާއިން ބުނެއެވެ.
25އެހެންކަމުން، ފުރަތަމަ އުފެދޭ ސުވާލަކީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތެއްގެ އަގު ބަދަލުކުރުމުގެ ބާރު މީރާއަށް ލިބިދޭ ކަމާމެދު އުފެދޭ ސުވާލެވެ. އެހެންގޮތަކަށް ބުނާނަމަ، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އައުމުގެ ކުރިން 2010 ގައި ޓްރޭޑަރސް ހޮޓެލުން ކޮށްފައިވާ ގަނެވިއްކުމުގެ މުޢާމަލާތުގެ ހިސާބު، ފޮތްތަކުގައި ރެކޯޑްކޮށްފައިވާ އަގުގެ ބަދަލުގައި ވިއްކިފަރާތުގެ ފޮތްތަކުގައި ރެކޯޑްކޮށްފައިވާ އަގުން މީރާއަށް ކެޕިޓަލް އެލަވަންސް ހިސާބު ކުރެވިދާނެ ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދިނުމުގައި ކެޕިޓަލް އެލަވަންސާ ގުޅޭ ގޮތުން ޤާނޫނާއި ޤަވާޢިދު ގައި ބުނަނީ ކީކޭތޯ ބަލާލާނަމެވެ.
ހިސާބުތައް ބަދަލުކުރުމުގެ ބާރު މީރާއަށް ލިބިގެންނުވާކަމަށް ބުނާ ބުނުން
26ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ޓެކްސް ބިނާކުރެވޭ ފައިދާއިން، ޤަވާޢިދު ތަކުގައި ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ ހަތަރު ވަނަ ބާބު އައިސްފައިވަނީ ކެޕިޓަލް އެލަވަންސާ ގުޅޭގޮތުންނެވެ. އެ ޤަވާޢިދުގެ 38 ވަނަ މާއްދާގެ (ހ) ގައި އެ ބާބުގެ ބޭނުމަށް "ކެޕިޓަލް އެލަވަންސް" އަކީ، ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ކެޕިޓަލް ޚަރަދަކާ ގުޅިގެން ދެވޭ ކެޕިޓަލް އެލަވަންސް ކަމަށް ބަޔާންކުރެއެވެ. އަދި އެ ޤަވާޢިދުގެ 46 ވަނަ މާއްދާގައި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އަތުގައި ހުރި ހަރު މުދަލުގެ އަގު ކަނޑައަޅާނެގޮތް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
(ހ) ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ހަރުމުދަލެއްގެ އަގު ކަނޑައަޅާނީ، އެ މުދާ ގަތް ދުވަހުން ފެށިގެން ޤާނޫނަށް ޢަމަލުކުރަންފަށާ ދުވަހާ ހަމައަށް އެ މުދާ ބޭނުންކުރެވުނު ކޮންމެ އަހަރަކަށް ނުވަތަ އަހަރަކުން ބަޔަކަށް، އެ މުދާ ގަތް އަގާއި މި ޤަވާޢިދު ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ މުދަލެއްގެ ކެޕިޓަލް އެލަވަންސް ރޭޓާއި ގުނަކުރުމުން އަންނަ ޢަދަދު، އެ މުދާ ގަތް އަގުން އުނިކޮށްގެންނެވެ.
27އެ ޤަވާޢިދުގެ 50 ވަނަ މާއްދާގައި ބުނަނީ، އެ ބާބުގެ ދަށުން ދެވޭ ކެޕިޓަލް އެލަވަންސް، މުދާ ގަތް އަގާއި އެ މާއްދާގައިވާ ތާވަލުގައި އެ މުދަލެއް ނިސްބަތްވާ ކެޓަގަރީއަށް ކަނޑައަޅާފައިވާ ރޭޓާއި ގުނަކޮށްގެން ހިސާބުކުރުމަށްފަހު، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރަންވާނެކަމަށެވެ.
28ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާއަށް ބެލުމުން މި މާއްދާއަކީ މާޒީއަށް ހިނގާގޮތަށް ފަރުމާ ކުރެވިފައިވާ މާއްދާއެއްކަން އެނގެއެވެ. މާނައަކީ، ޓެކުހުގެ ނިޒާމު އައުމުގެ ކުރީގެ މުޢާމަލާތްތަކުންވެސް ކެޕިޓަލް އެލަވަންސް ނެގުން ހުއްދަކުރެއެވެ. ނަމަވެސް، ކެޕިޓަލް އެލަވަންސް ނަގަނީ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ކުރިއަށް އޮތް މުއްދަތަށެވެ. އަދި އެ މާއްދާގައި ކެޕިޓަލް އެލަވަންސް ހިސާބު ކުރަންވީ ގޮތް ބަޔާންކޮށްފައިވެއެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އަތުގައި ހުރި ހަރު މުދަލުގެ އަގު ކަނޑައަޅާނީ "މުދާ ގަތް އަގު" އަށް ބިނާކޮށެވެ. އަދި މުދާ ގަތް އަގު އެނގެންނެތްނަމަ، އެ ޢަދަދުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެ ކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކުރެއެވެ. ޓެކުހުގެ ނިޒާމު އައުމުގެ ކުރީގެ މުޢާމަލާތަކުން ކެޕިޓަލް އެލަވަންސް ނެގޭނެކަމަށް އޮތް އޮތުމަށް ޓްރޭޑަރސް ހޮޓެލުން އިއުތިރާޒެއް ނުކުރެއެވެ. ޚިލާފު އުފެދިފައިވަނީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގައި ކެޕިޓަލް އެލަވަންސް ހިސާބުކުރެވެނީ މުދާ ގަތް އަގަށް ބަލައިގެންކަމަށް ބަޔާންކޮށްފައިވާތީ، މުދާ ގަތް އަގު މީރާއިން ބަލާފައިވާ ގޮތާމެދުއެވެ.
29ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގައި ހިސާބުތައް ތައްޔާރުކުރަންވާނީ އެ ޤަވާޢިދު ގައިވާ ގޮތުގެ މަތިންކަމަށް ބަޔާންކުރެއެވެ. އަދި އެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ނ) ގައި، އެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކުރަންވާނީ އައި.އެފް.އާރް.އެސް ނުވަތަ މީރާއިން ގަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް، ހިސާބު ތައްޔާރުކުރުމުގެ "އެކްރޫއަލް ބޭސިސް" ބޭނުންކޮށްގެންކަމަށް ބަޔާންކޮށްފައިވެއެވެ.
30މުދާ ގަތް އަގު ދެނެގަނެވޭނީ އެ މުޢާމަލާތެއް ރެކޯޑުކޮށްފައިވާ މާލީ ހިސާބުތަކުންނެވެ. މާލީ ހިސާބުތަކުން އެ މުދަލެއް ނުވަތަ މުޢާމަލާތެއް ރެކޯޑްކޮށްފައިވާ ގޮތް ދެނެގަނެވެއެވެ. މީރާއިން ދެކޭގޮތުގައި ގަނެފައިވަނީ ވިޔަފާރިއެއްނަމަ، ކެޕިޓަލް އެލަވަންސް ދެވެންވާނީ ގުޑްވިލް ވަކިކޮށް ގަނެފައިވާ ހަރުމުދަލުގެ އަގުން ހިސާބުކޮށްގެންނެވެ. މި މައްސަލައިގައި މުދާ ގަތް އަގު ކަމަށް ޓްރޭޑަރސްގެ ފޮތްތަކުގައި ރެކޯޑްކޮށްފައިވާ "މުދާ ގަތް އަގު" ރަނގަޅު ނޫންކަމަށް މީރާއިން ބުނާ ސަބަބަކީ ޓްރޭޑަރސްއިން މި މުޢާމަލާތް ހިސާބުކުރުމުގައި ތަޠުބީޤުކޮށްފައިވާ މިންގަނޑު ގޯސްވުމެވެ. މީރާއިން ބުނާގޮތަށް، ގަނެފައިވާ ވިޔަފާރިއެއް، އެސެޓެއްގެ ގޮތުގައި ހިސާބުކޮށްފައިވާ ނަމަ، އެ މުޢާމަލާތުގެ އަސްލު ޠަބީޢަތެއް މާލީ ހިސާބުތަކަކުން ދައްކުވައިނުދޭނެއެވެ.
31ކުރިންވެސް ފާހަގަކުރެވުނު ގޮތަށް، ޓެކްސް ނަގަންޖެހޭ ގޮތް ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު ގައި ބަޔާންކުރެވިފައިވެއެވެ. ވުމާއެކު، ޓެކުހުގެ ޤާނޫނަށް އަމަލުކުރަން ފެށިއިރު ހުރި ހަރުމުދަލުން ކެޕިޓަލް އެލަވަންސް ދިނުމަށް އެ މުދާ އަގުކުރާނެ ގޮތް، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާތީއާއި، ކެޕިޓަލް އެލަވަންސް ދެވެނީ މުދާ ގަތް އަގަށް ބަލައިގެންކަމުގައި ވެފައި، ޓެކުހަކީ ޤާނޫނުގައިވާ ގޮތުގެ މަތިން މެނުވީ ނަގައިގެން ނުވާނެ އެއްޗެއްކަމަށްވާއިރު، ކެޕިޓަލް އެލަވަންސް ހިސާބުކުރަން ވާނީ ޤާނޫނުގައި ބުނާ ގޮތަށްކަމާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޓެކްސް ނެގޭ ފައިސާ ހިސާބުކުރުމުގައި، އެއްވެސް އުނިކަމެއް ގެނެވޭނީ އެ ޤާނޫނު ހުއްދަކުރާގޮތަށެވެ.
32ހުށަހެޅިފައިމިވާ މައްސަލައިގައި މީރާގެ ފަރާތުން ޓްރޭޑަރސް ހޮޓަލުގެ ވެލުއޭޝަން ރިޕޯޓަށް ބަލާފައިނުވަނީ، އެ ރިޕޯޓުގައި "This is a theoretical exercise and the value apportioned do not represent the value of components". މިފަދައިން ބަޔާންކޮށްފައިވާތީ، އެއީ ތަކެތީގެ އަސްލު އަގު ނޫންކަމުގައި ވުމުންކަމަށް މީރާއިން ބުނެއެވެ. ހައިކޯޓުން ނިންމާފައިވަނީ މި ޙާލަތުގައި އަގު، އެންމެ ޞައްޙަކޮށް ބެލޭނެ ގޮތަކީ، މާލޭ ހޮޓެލްސް އެސޯސިއޭޓްސްގެ ފޮތްތަކުގައިވާ ވިއްކި އަގު، ރެކޯޑްކޮށްފައިވާ ގޮތް ބަލައިގެންކަމަށެވެ. ތަކެތީގެ އަސްލު އަގު، ވިއްކިފަރާތުގެ ފޮތްތަކުގައިވާ "ރިޓްން ޑައުން ވެލިއު" އިން ނެގިދާނެތޯ ބަލާއިރު، މީރާއިން މި ގޮތަށް ގަތް އަގު ބަލާފައިވަނީ ޓްރޭޑަރސް ހޯޓެލްއިން ވެލުއޭޝަން ރިޕޯޓުގައި ހިމަނާފައިވާ ޢަދަދުތަކަކީ ޞައްޙަ ޢަދަދު ނޫންކަމަށް ވުމާއި، ވިއްކިފަރާތުގެ ފޮތްތަކުގައިވާ "ރިޓްން ޑައުން ވެލިއުއަކީ، ޓްރޭޑަރސް ހޮޓެލްއިން އޮޑިޓް މަރުހަލާގައި ހުށަހެޅި ފިކްސްޑް އެސެޓް ރަޖިސްޓަރގައި ބަޔާންކޮށްފައިވާ އަގު ކަމާއި، އަދި މި މުޢާމަލާތުގައި މުދާ ގަތް އަގުގެ ގޮތުގައި ފެންނަންއޮތީ، މި އަގުކަމަށް ވާތީކަމަށް މީރާއިން ބުނެއެވެ.
33އެހެންކަމުން، ޓެކުހުގެ ބޭނުމަށް، އައި.އެފް.އާރް.އެސް މިންގަނޑުން ގުޑްވިލް ވަކިކުރަންޖެހޭތީ، އަދި މުޢާމަލާތުގެ އަސަރު ޓެކުހުގެ މުއްދަތުތަކަށް ފޯރާނެތީވެ، މުދާ ގަތް އަގު ދެނެގަތުމުގައި މީރާއިން ވިއްކި ފަރާތުގެ ފޮތްތަކުގައިވާ "ރިޓްންޑައުން" ވެލިއުއަށް ރިޢާޔަތްކުރި ކުރުން، އަދި މި އަގަކީ ޓްރޭޑަރސް ހޮޓެލްގެ ފިކްސްޑް އެސެޓް ރަޖިސްޓަރގައި ބަޔާންކޮށްފައިވާ އަގު ކަމުގައިވީއިރު، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު ގެ 46 ވަނަ މާއްދާއާ ޚިލާފުކަމަށް ނުދެކެމެވެ. އަދި ޓެކުހުގެ ޤާނޫނުގެ ކުރިން ގަނެފައިވާ މުދަލެއް ގަތް އަގު ބަލައި، ކެޕިޓަލް އެލަވަންސް ހިސާބުކުރުމަކީ، ޤާނޫނު މާޒީއަށް ހިންގުން ނޫންކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކުރަމެވެ.
34ޓްރޭޑަރސް ހޮޓެލްގެ ފަރާތުން، ޓެކުހުގެ ނިޒާމު އައުމުގެ ކުރިން ޤާނޫނުގައިވާ ގޮތަށް މުޢާމަލާތް ރެކޯޑްކޮށްފައިވާ ކަމަށް ބުނެ ވާހަކަ ދައްކާފައިވާތީ، ބަހުސްގެ ބޭނުމަށް ޓެކުހުގެ ނިޒާމު އައުމުގެ ކުރިން ޤާނޫނު އޮތް ގޮތާއި، މާލީ ހިސާބުތައް ތައްޔާރުކުރަމުން އޭރު އައި ގޮތް ތިރީގައި ބަޔާންކުރަމެވެ.
ޓެކުހުގެ ނިޒާމުގެ ކުރިން ކުންފުނިތަކުގެ ހިސާބު
35ޓެކުހުގެ ނިޒާމް އައުމުގެ ކުރިންވެސް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކުންފުނިތަކުގެ ހިސާބުތަކާއި ޚަރަދުތަކުގެ ތަފުޞީލު ބެލެހެއްޓުމަށް ކުންފުނިތަކަށް ލާޒިމްކުރެއެވެ. އޭރު އަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ކުންފުނިތަކުގެ ހިސާބުތައް ބަލަހައްޓަންޖެހޭނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފައްތައިގެން ނުވަތަ އޮޑިޓް އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން ކަމަށް ކުންފުންޏާބެހޭ ޢާއްމު ޤަވާޢިދު ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
36އާންމު މާނައިގައި "ބައިނަލްއަޤުވާމީ އެކައުންޓިންގ މިންގަނޑު" އަކީ، ދޭއް ނުވަތަ އެއަށްވުރެ ގިނަ ޤައުމުތަކުން ބޭނުންކުރާ އެކައުންޓިންގ މިންގަނޑުތައްކަމަށް ބެލި ނަމަވެސް، އާންމު ގޮތެއްގައި މި ލަފުޒު ބޭނުން ކުރަނީ އިންޓަނޭޝަނަލް އެކައުންޓިން ސްޓޭންޑަރޑްސް ބޯޑް (އައި.އޭ.އެސް.ބީ) އިން ނެރެފައިވާ ސްޓޭންޑަޑްތަކާއި، މާނަކުރުން (interpretations) ތަކަށެވެ.
37ބައިނަލްއަޤުވާމީ މިންގަނޑުން ހިސާބުތައް ބެލެހެއްޓުމުގައި ޕްރޮޕަޓީ، ޕްލާންޓް އަދި އިކްއިޕްމަންޓް ގަތުމުގެ މުޢާމަލާތަކާއި ވިޔަފާރިއަކުން އެހެން ވިޔަފާރިއެއް ގަނެ އެކުއަޔަރ ކުރުމުގެ މުޢާމަލާތެއް ރެކޯޑްކުރުމުގައި ބޭނުންކުރަންޖެހޭ އެކައުންޓިންގ ސްޓޭންޑަޑް ފަރަޤުކުރެއެވެ. ޓެކުހުގެ ނިޒާމު އައުމުގެ ކުރިން ކުންފުނިތަކުގެ ހިސާބު ހަދައި ބެލެހެއްޓުމުގައި ބޭނުންކުރަމުން އައިސްފައިވާ ބައިނަލްއަޤުވާމީ މިންގަނޑުތަކަކީ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަޑްސް (އައި.އެފް.އާރް.އެސް) އަދި އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑް ފޯރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސް (އައި.އެފް.އާރް.އެސް ފޯރ އެސް.އެމްއީސް) އެވެ.
38ޕްރޮޕަޓީ ޕްލާންޓް ނުވަތަ އިކުއިޕްމަންޓް ގަތުމުގެ މުޢާމަލާތެއް ރެކޯޑްކުރުމުގައި، އައި.އެފް.އާރް.އެސްއާ އެއްގޮތަށް ހިސާބުތައް ރެކޯޑްކުރާ ކުންފުންޏެއްނަމަ ބޭނުންކުރަންޖެހޭ އެކައުންޓިންގ ސްޓޭންޑަރޑް އަކީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 16 "ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކްއިޕްމަންޓް" އެވެ. އަދި އައި.އެފް.އާރް.އެސްއާ އެއްގޮތަށް ހިސާބުތައް ރެކޯޑްކުރާ ކުންފުންޏަކުން ވިޔަފާރިއެއް ގަނެ ނުވަތަ އެކުއަޔަރ ކުރުމުގެ މުޢާމަލާތެއް ރެކޯޑްކުރުމަށް، ބޭނުންކުރަންޖެހޭ އެކައުންޓިންގ ސްޓޭންޑަޑަކީ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑް 3 (އައި.އެފް.އާރް. 3) "ބިޒްނަސް ކޮމްބިނޭޝަން" އެވެ.
39ވުމާއެކު، 2011 ގައި ޓެކްސްގެ ނިޒާމު ވުޖޫދުވުމުގެ ކުރިންވެސް ކުންފުނިތަކުގެ ހިސާބުތައް ބަލަހައްޓަންޖެހޭނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފައްތައިގެންކަން އެނގޭއިރު، ތަޠުބީޤުކުރަންޖެހެނީ ބައިނަލް އަޤުވާމީ ކޮން މިންގަނޑެއްކަން ދެނެގަނެވެނީ މުޢާމަލާތުގެ ޠަބީޢަތަށް ބަލައިގެންނެވެ. މުޢާމަލާތުގެ ޠަބީޢަތަކީ، ކުންފުންޏަކުން ވިޔަފާރިއެއް ގަތުން ކަމުގައިވާނަމަ، ހިސާބުތައް ރެކޯޑްކުރުމުގައި ތަޠުބީޤުކުރަންޖެހޭ އެކައުންޓިންގ ސްޓޭންޑަޑަކީ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑް 3 (އައި.އެފް.އާރް. 3) "ބިޒްނަސް ކޮމްބިނޭޝަން" ކަން އެނގެއެވެ. މާނައަކީ މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް، ވިޔަފާރިއެއް ގަތުމުގެ މުޢާމަލާތެއްނަމަ ޓެކުހުގެ ނިޒާމު އައުމުގެ ކުރިންވެސް އެ މުޢާމަލާތެއް ރެކޯޑްކުރަންޖެހެނީ ވިޔަފާރިއެއްގޮތުގައެވެ. ސަބަބަކީ ޕްރޮޕަޓީ ޕްލާންޓް ނުވަތަ އިކުއިޕްމަންޓް ގަތުމުގެ މުޢާމަލާތަކާއި ވިޔަފާރިއެއް ގަނެ ނުވަތަ އެކުއަޔަރ ކުރުމުގެ މުޢާމަލާތެއް ރެކޯޑްކުރުމުގައި އިސްވެ ފާހަގަކުރެވުނުގޮތަށް އެކައުންޓިންގ ސްޓެންޑަޑް ތަކުގައި ފަރަޤުތަކެއް ހުރުމެވެ.
40މާލެ ހޮޓެލް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ޓްރޭޑަރސް ހޮޓެލްއާ ދެމެދު ވެފައިވާ ސޭލްސް އެންޑް ޕަރޗޭސް އެގްރިމަންޓް-މާލެ އަށް ބަލާއިރު، އެގްރިމަންޓްގެ ދަށުން ގަނެފައިވާ ބިޒްނަސް އެސެޓްސްއާއި، އެގްރިމަންޓްގައި ބިޒްނަސް އެސެޓްސް، ބިޒްނަސް، ބިޒްނަސް އެގްރިމަންޓްސް، ތައުރީފުކޮށްފައިވާ ގޮތަށާއި، ރިސްކް އެންޑް ޓައިޓަލް ފަދަ ކަންކަމަށް ބެލުމުން މިއީ އައި.އެފް.އާރް.އެސް 3 ގައި ބަޔާންކޮށްފައިވާ މިންގަނޑުން ވިޔަފާރިއެއް ގަތުމަށް ވެފައިވާ އެއްބަސްވުމެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
41ކުރިމަތީގައި މިއޮތް މައްސަލާގައި "މުދާ ގަތް އަގު" އަކީ އެ މުޢާމަލާތަކަށް އެންމެ އެކަށީގެންވާ މިންގަނޑުން ކޮށްފައިވާ ހިސާބަކުން ނެގޭ އަދަދެއްކަމަށްވުން މުހިއްމުވާ ސަބަބަކީ، މުދަލެއް ގަތްނަމަ، ފޮތްތަކުގައި ހިސާބުކުރަންޖެހޭ ގޮތާއި، ވިޔަފާރިއެއް ގަންނަ ހާލަތުގައި ފޮތްތަކުގައި ހިސާބުކުރަންޖެހޭ ގޮތް ތަފާތުވުމެވެ. ވިޔަފާރިއެއް ގަންނަ ހާލަތުގައި ހިސާބުކުރަންޖެހޭ ގޮތަކީ ގަނެފައިވާ ވަކިވަކި އެސެޓްތަކުގެ ޖުމްލަ އަގު ވަކިކޮށް ބާކީ ގުޑްވިލްގެ ގޮތުގައި ހިމެނުމެވެ. އަދި ގަނެފައިވާ ވަކިވަކި އެސެޓްތަކުގެ އަގުން ކެޕިޓަލް އެލަވަންސް ހިސާބުކުރުމެވެ. ކެޕިޓަލް އެލަވަންސަކީ ކެޕިޓަލް ޚަރަދަކާއި ގުޅިގެން ދެވޭ އެލަވަންސެއްކަމުގައިވާއިރު، އެއީ ވިޔަފާރިއެއް ގަތުމަށް ކުރާ ޖުމްލަ ޚަރަދަކުން ދެވޭނެ އެލަވަންސެއްނޫނެވެ. އަދި ކެޕިޓަލް އެލަވަންސާއި އެކަމާ ގުޅުންހުރި އިލްތިޒާމްތަކަކީ މުދާ ގަތް އަގުގެ މައްޗަށް ތަރުތީބުވެގެން އަންނަ ކަންކަން ކަމުގައިވެއެވެ.
42އެހެންކަމުން، ޓެކުހުގެ ނިޒާމު ވުޖޫދުވުމުގެ ކުރިންވެސް، ޤާނޫނުގައި ހިސާބުތައް ބެލެހެއްޓުމަށް ވަކި މިންގަނޑެއް ކަނޑައެޅިފައިވާކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ ކުންފުންޏާބެހޭ ޢާއްމު ޤަވާޢިދު ގެ 14 ވަނަ މާއްދާގައިވާ މާނައަށްވުރެ ފުޅާ މާނައެއްދިނުން، ނުވަތަ ރަޖުޢީކޮށް، މާއްދާގައި ނުހިމެނޭ ކަމެއް ހިމަނައިގެން ކޮށްފައިވާ މާނަކުރުމެއްކަމަށް އަހުރެންނަށް ނުބެލެވެއެވެ.
43އެހެންކަމުން، މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/380 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
44މި މައްސަލައިގައި ހިމެނޭ ޖަދަލު ވުޖޫދުވެފައިވަނީ މިހާރު އުވާލާފައިވާ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) (މީގެ ފަހުން "ބީ.ޕީ.ޓީ ޤާނޫނު") އަށް އަމަލުކުރަން ފެށުމަށްފަހު، އެކި ފަރާތްތަކުން ޓެކްސް ބިނާކުރާ ފައިދާ ހިސާބުކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") ގެ ފަރާތުން ޓްރޭޑަރސް ހޮޓެލް މާލެ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޓްރޭޑަރސް ހޮޓެލް") އޮޑިޓްކުރުމަށް ނިންމައި، އެ ނިންމުމުން ނިކުތް ނަތީޖާއަކާއި ގުޅިގެންނެވެ. މީރާގެ ބަޔާންކުރެވުނު ނިންމުން އަދި އޭގެ ނަތީޖާއަކީ ބީ.ޕީ.ޓީ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓްރޭޑަރސް ހޮޓެލްއާއި މާލެ ހޮޓެލް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މާލެ ހޮޓެލް") އާދެމެދު 30 ސެޕްޓެންބަރު 2010 ވަނަ ދުވަހު ސޭލް އެންޑް ޕަރޗޭސް އެގްރީމަންޓެއް މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތަކާއި ގުޅޭ ނިންމުމެކެވެ. އެ ނިންމުމާގުޅޭ މައިގަނޑު ޚުޞޫމާތަކީ ބުނެވުނު މުޢާމަލާތް މެދުވެރިކޮށް ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ގަތް މުދަލުގެ އަގެވެ.
45މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި، އިސްތިއުނާފީ ހުށަހެޅުންތަކާއި، އެއިގެ ރައްދުގައި ދެކެވުނު ވާހަކަތައް ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔުގައި ޚުލާސާގޮތެއްގައި ހިމަނާފައިވާތީ، އަހުރެން އެބައިތައް ތަކުރާރުކުރާން ނެތީމެވެ.
46އަހުރެންގެ ރައުޔު ބަޔާންކުރުމުގެ ކުރިން، މި ޚުޞޫމާތުގައި އަލިއަޅުވާލާފައިވާ ބައެއް ކަންކަމާއި ގުޅޭ ޤާނޫނީ އުޞޫލެއް ބަޔާންކުރުން މުހިންމުކަމުގައި ދެކެމެވެ.
47HN1ބައިނަލްއަޤްވާމީގޮތުން އެކަށައެޅިފައިވާ ޓެކުހާއި ބެހޭ އާންމު އުސޫލުތަކަށް ބެލުމުން، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރަކީ ޓެކްސް ދައްކަންޖެހޭ މުއްދަތުގައި އަމަލުކުރެވޭ ޓެކުހާބެހޭ ޤާނޫނަކުން ކަނޑައަޅާ އެއްޗެއް ކަމުގައިވާއިރު، އެއާ ޚިލާފަށް، މާލީ ހިސާބުތައް ހެދުމުގައި ގެންގުޅޭ އެކައުންޓިންގ ސްޓޭންޑަރޑް (accounting standard) ތަކަކީ ފައިދާއާއި ގެއްލުން ދެނެގަތުމުގެ ވަޞީލަތެއް ކަމާއި، އެކައުންޓިންގ ސްޓޭންޑަރޑްތަކަކީ ޤާނޫނުގެ ތެރޭގައި ހިމެނިފައި ނުވާނަމަ، އޭގެ ޒާތުން ޓެކުހުގެ ނަތީޖާއަށް އުނިއިތުރު ގެންނަ އެއްޗެއް ނޫންކަމީ ޓެކުހާ ގުޅިގެން އިސްތިޤުރާރުވެފައިވާ އުޞޫލެކެވެ. މާނައަކީ ޓެކުހާގުޅޭ ޤާނޫނުތަކާއި ހިސާބުތައް ހަދާ ބެލެހެއްޓުމަށް ގެންގުޅޭ އެކައުންޓިންގ ސްޓޭންޑަރޑް ތަކަކީ އެއް ހަމައެއްގައިވާ، އެއް އުސޫލުތަކެއް އެ މައްޗަށް ތަޠުބީޤުކުރެވޭ ކަންކަން ނޫންކަމެވެ. އަދި ފަރުދުންނާއި ކުންފުނިތަކާއި މުއައްސަސާތަކުން އެފަރާތްތަކުގެ މާލީ ހިސާބު ބެލެހެއްޓުމުގައި، އަމަލުކުރަންޖެހޭނީ އެއިރެއްގައި އަމަލުކުރެވެމުންދާ ޤާނޫނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައިވާނަމަ، އެގޮތަކަށް ކަމެވެ.
48އެހެންކަމުން، ދިވެހިރާއްޖޭގައި ކުންފުނިތަކުން މާލީ ހިސާބުތައް ހެދުމުގައި ގެންގުޅެންޖެހޭ މިންގަނޑާއި ގުޅިގެން ޤާނޫނުގައި ހުރި ކަންކަމަށް ބަލާންޖެހެއެވެ.
49ޓްރޭޑަރސް ހޮޓެލްއާއި މާލެ ހޮޓެލް އާދެމެދު 30 ސެޕްޓެންބަރު 2010 ވަނަ ދުވަހު ސޭލް އެންޑް ޕަރޗޭސް އެގްރީމަންޓެއް މެދުވެރިކޮށް މުޢާމަލާތް ކުރިއިރު، ކުންފުނިތަކުގެ ހިސާބު ބެލެހެއްޓުމާއި އޮޑިޓްކުރުމުގެ އިރުޝާދެއް ދީފައިވަނީ (މިހާރު އުވާލާފައިވާ) ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގައެވެ. އެގޮތުން، އެ ޤާނޫނުގެ 66 ވަނަ މާއްދާގައި، ކުންފުނީގެ އަހަރީ ހިސާބާއި އަހަރީ ރިޕޯޓު ތައްޔާރުކުރުމަށްފަހު ކުންފުނީގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހަޅާންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި (މިހާރު އުވާލާފައިވާ) ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައި އޮތް ކުންފުންޏާބެހޭ ޢާންމު ޤަވާޢިދުގެ 14 ވަނަ މާއްދާގެ (ށ) ގައި، ޤާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ ހިސާބުތައް ހަދައި ބަލަހައްޓަންޖެހޭނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފައްތައިގެން ކަމުގައި ބަޔާންކޮށްފައި އޮވެއެވެ.
50މާލީ ހިސާބު ބެލެހެއްޓުމުގެ ބައިނަލްއަޤްވާމީ މިންގަނޑު ނުވަތަ އެކައުންޓިންގ ސްޓޭންޑަރޑްތަކަށް ބަލާއިރު، 2010 ވަނަ އަހަރުގެ ތެރޭގައި ބޭނުންކުރެވެމުން ދިޔަ މިންގަނޑުތަކުގެ ތެރޭގައި "އައި.އެފް.އާރް.އެސް"، އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަރޑްސް (ނުވަތަ "އައި.އޭ.އެސް") އަދި ޖެނެރަލް އެކްސެޕްޓަޑް އެކައުންޓިންގ ޕްރިންސިޕަލްސް (ނުވަތަ "ޖީ.އޭ.އޭ.ޕީ") ފަދަ އުސޫލުތައް ހިމެނެއެވެ.
51މާލީ ހިސާބުތައް އެކުލަވާލުމާ ގުޅޭގޮތުން ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނިތަކަށް އޭރު ދީފައިވާ އިރުޝާދުގެ ތެރޭގައި ކުންފުނީގެ ހިސާބުތައް ހަދައި ބަލަހައްޓަންޖެހޭނެ ވަކި ބައިނަލްއަޤްވާމީ މިންގަނޑަކަށް ހަވާލާދީފައި ނުވާތީ، އެކި ކުންފުނިތަކުގެ ހިސާބުތައް ބަލަހައްޓަމުން ދިޔައީ އެކި މިންގަނޑުތައް ބޭނުންކޮށްގެނެވެ.
52އެއަށްފަހު، ޖެނުއަރީ 2011 ގައި ބީ.ޕީ.ޓީ ޤާނޫނު ވުޖޫދަށް އައިސް، އޭގެ 6 (ހައެއް) މަސްފަހުން އެޤާނޫނަށް ޢަމަލުކުރަން ފެށި، 18 އޮގަސްޓް 2011 ދުވަހު އެ ޤާނޫނުގެ ދަށުން އެކުލަވާލި، ޤަވާޢިދު ނަންބަރު 2011/R-35 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު) (މީގެ ފަހުން "ބީ.ޕީ.ޓީ ޤަވާޢިދު") އާންމު ކުރުމާއެކު، ބީ.ޕީ.ޓީ ޤާނޫނުގެ ބޭނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ހުރިހާ ހިސާބުތައް ތައްޔާރުކުރަންޖެހޭނީ އައި.އެފް.އާރް.އެސް ނުވަތަ މީރާ އިން ޤަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް، ހިސާބު ތައްޔާރުކުރުމުގެ "އެކްރޫއަލް ބޭސިސް" ބޭނުންކޮށްގެން ކަމުގައި ކަނޑައެޅިގެން ދިޔައެވެ. އަދި އެ ތާރީޚަށްފަހު، އަމިއްލަ ފަރުދުންނާއި (ކުންފުނިތައް ހިމެނޭ ފަދައިން) ޤާނޫނީ ޝަޚްސުތަކުން މާލީ ހިސާބުތައް ތައްޔާރު ކުރަންޖެހެނީ އެ މިންގަނޑުންނެވެ.
53HN2އެހެންނަމަވެސް، އޭގެ ކުރިއަށް ހިނގާދިޔަ މުއްދަތުގައި، މާލީ ހިސާބުތައް ހެދުމުގައި ގެންގުޅެންޖެހޭ ވަކި އެކައުންޓިންގ ސްޓޭންޑަރޑްއެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވާތީ، އިސްވެ ބަޔާންކުރެވުނު ފަދައިން، ބީ.ޕީ.ޓީ ޤާނޫނުގެ ހުދޫދުގެ ތެރެއިން އެހެން ކަނޑައެޅުމުގެ ކުރިއަށް ކުންފުނިތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭނީ ވަކި ބައިނަލްއަޤްވާމީ މިންގަނޑެއް ބޭނުންކޮށްގެން ކަމުގައި ބަޔާންކުރުމަކީ، ޤާނޫނުން އެފަދަ މިންގަނޑެއް ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެ ކަމުގައި ޞަރީޚަބަހުން ބަޔާންކޮށްފައި ނުވާ ޙާލަތުގައި، ޤާނޫނީ އިމުގެ ތެރެއިން ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެހެނީ، ޤާނޫނަށް ރަޖުޢީކޮށް ޢަމަލުކުރެވޭނީ ޤާނޫނުގައި އެފަދައިން ސާފުކޮށް ބަޔާންކޮށްފައިވާ ހާލަތުގައި އެކަނި ކަމުގައިވާތީއެވެ.
54މި މައްސަލައިގައި ޖަދަލުކުރެވޭ ޚުޞޫމާތް އުފަންވެފައިވަނީ ޓެކުހުގެ ނިޒާމު އައުމުގެ ކުރިން ކޮށް ނިމިފައިވާ މުޢާމަލާތެއްގެ މައްޗަށް ކަމުގައިވާ ނަމަވެސް، ބީ.ޕީ.ޓީ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ ޤާނޫނުގެ ދަށުން ކެޕިޓަލް އެލަވަންސް އުނިކުރުމަށް ހުއްދަކުރާތީ، ބީ.ޕީ.ޓީ ޤަވާޢިދުގެ 46 ވަނަ މާއްދާއާއި 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހަރު މުދަލަކަށް ހުރިނަމަ ދެވޭ ކެޕިޓަލް އެލަވަންސް ހިސާބުކުރާ ގޮތާއި ގުޅުވައެވެ. ކެޕިޓަލް އެލަވަންސް ހިސާބުކުރާ ގޮތާއި މި ޚުޞޫމާތް ގުޅެނީ ބީ.ޕީ.ޓީ ޤާނޫނުގެ ދަށުން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބީ.ޕީ.ޓީ ޤަވާޢިދުގެ ދަށުން ކެޕިޓަލް ޚަރަދަކާ ގުޅިގެން ދެވޭ ކެޕިޓަލް އެލަވަންސް އުނިކުރުމަކީ، ކުރިން ގަނެފައިވާ މުދަލުގެ މައްޗަށްވެސް ހިނގާ ކަމަކަށް ވާތީއެވެ. އެހެން ގޮތަކަށް ބުނާނަމަ، ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ގަތް ހަރުމުދަލާ ގުޅުވާ، ޤާނޫނަށް އަމަލުކުރަން ފެށުމަށް ފަހުގައި ޓެކްސް ހިސާބު ކުރާއިރު، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަށް އަސަރުކުރާތީ (tax implications) އެވެ.
55ދިވެހިރާއްޖެއަށް ޓެކުހުގެ ނިޒާމު ތަޢާރަފުކުރެވި، ބީ.ޕީ.ޓީ ޤާނޫނަށް އަމަލުކުރަންފަށައި، ބީ.ޕީ.ޓީ ޤަވާޢިދު އެކުލަވާލިއިރު، އެ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ހ) ގައި "ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ހަރުމުދަލެއްގެ އަގު ކަނޑައަޅާނީ، އެ މުދާ ގަތް ދުވަހުން ފެށިގެން ޤާނޫނަށް ޢަމަލުކުރަންފަށާ ދުވަހާ ހަމައަށް އެ މުދާ ބޭނުންކުރެވުނު ކޮންމެ އަހަރަކަށް ނުވަތަ އަހަރަކުން ބަޔަކަށް، އެ މުދާ ގަތް އަގާއި މި ޤަވާޢިދު ގެ 50 ވަނަ މާއްދާގައި Maxwell v Murphy (1957) 96 CLR 261 (UK); Wainwright v Home Office [2002] QB 1334 (UK); Wilson v Secretary of State for Trade and Industry [2003] UKHL 40 (UK) ބަޔާންކޮށްފައިވާ އެ މުދަލެއްގެ ކެޕިޓަލް އެލަވަންސް ރޭޓާއި ގުނަކުރުމުން އަންނަ ޢަދަދު، އެ މުދާ ގަތް އަގުން އުނިކޮށްގެން" ކަމުގައި ބަޔާންކޮށްފައި އޮވެއެވެ. އަދި އެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، މުދާ ގަތް އަގު އެނގެން ނެތްނަމަ އެ ޢަދަދުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެ ކަމުގައާއި، މުދާ ބޭނުންކޮށްފައިވާ މުއްދަތު އެނގެން ނެތްނަމަ އެ މުއްދަތުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެ ކަމުގައި ބަޔާންކުރުމަށްފަހު، އަންދާޒާކޮށްގެން މުދާ ގަތް އަގު ނުވަތަ މުދާ ބޭނުންކޮށްފައިވާ މުއްދަތު ކަނޑައަޅާފައިވާނަމަ، ކޮށްފައިވާ އަންދާޒާއަށް ބަދަލުގެނައުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވެއެވެ.
56އެހެންކަމުން، ޓެކުހުގެ ޤާނޫނުގެ ނަޒަރިއްޔާތުން، ބީ.ޕީ.ޓީ ޤަވާޢިދުގެ 46 ވަނަ މާއްދާއިން އެކަށައަޅާފައިވަނީ ޓެކުހުގެ ޤާނޫނުތައް ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތްތައް އައު ޓެކުހުގެ ނިޒާމުގެ ތެރެއަށް އެކަށީގެންވާ ފަސޭހަކަމާއެކު ބަދަލުކުރުމަށް ބޭނުންވާފަދަ ޓްރާންސިޝަނަލް މާއްދާއެއް (transitional provision) ކަމުގައި ބަލައިގެން ކުރިއަށް ދެވިދާނެތޯ ބަލާއިރު، އެ މާއްދާއަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުގައި ހިމަނާފައިވާ ބައެއް ކަމުގައި ނުވާތީ، އެ ކަމުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނެއެވެ.
57HN3އެހެނީ، ރައްޔިތުންގެ މަޖިލީހަކުން ހަދާ ޤާނޫނެއްގައި އުފަންކޮށްފައި ނުވާ ޓެކުހާގުޅޭ މައުޟޫޢީ އިލްތިޒާމެއެއް (substantive liability) އެފަދަ ޤާނޫނެއްގެ ދަށުން އެކުލަވާލެވޭ ޤަވާޢިދެއްގެ ޒަރިއްޔާއިން މަތިނުކުރެވޭނެކަމާއި؛ ޤާނޫނެއްގެ ދަށުން އެކުލަވާލެވޭ ޤަވާޢިދެއް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަކުން ހަދާ ޤާނޫނެއްގައި ބަޔާންކުރާ ކަންކަމަށް އުނި އިތުރު ނުގެނެވޭނެކަމާއި؛ ޤާނޫނެއްގެ ދަށުން އެކުލަވާލެވޭ ޤަވާޢިދަކީ އެ ގަވާޢިދު އެ މައްޗަށް ބިނާވާ ޤާނޫނުގައި ބަޔާންކޮށްފައިވާ ހުދޫދުން ބޭރުވާނަމަ، އެ މިންވަރަށް، ޤާނޫނާއި ޚިލާފު (ultra vires) ޤަވާޢިދަކަށް ވެގެންވާނެތީއާއި؛ އާންމު އުޞޫލުން، ޓެކުހާބެހޭ ޤާނޫނުތަކުގައި ޤާނޫނުހަދާ މަޖިލީހުން ޞަރީޚަ ބަހުން ހިމަނާފައިނުވާ ކަންކަން މާނަކުރުމުގެ ތެރެއިން ކޯޓުތަކުން އިފްތިރާޟު ނުކުރާނެކަން؛ މިއީ އާންމު އުސޫލުތަކެވެ. އަދި މި އުސޫލުތަކަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ދަންނަ، އެ މައްޗަށް ނިޒާމު ބައްޓަންކޮށްފައިވާ އުސޫލުތަކެއްކަން ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި؛ 94 ވަނަ މާއްދާ އާއި؛ 271 ވަނަ މާއްދާ އާއި؛ 274 ވަނަ މާއްދާ އިން އެނގެއެވެ.
58އެހެންކަމުން، މި ޚުޞޫމާތާއި ގުޅޭ ބީ.ޕީ.ޓީ ޤަވާޢިދުގެ ކެޕިޓަލް އެލަވަންސްއާ ގުޅޭ މާއްދާތަކަކީ، އިސްވެ ބަޔާންކުރެވުނު އުސޫލުތަކުގެ އަލީގައި، އެ މައްޗަށް ޢަމަލުކުރެވިދާނެ ޓްރާންސިޝަނަލް މާއްދާތަކެއްތޯ ބަލާއިރު، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާއަކީ އެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ މިންވަރުން އުނިކުރެވިދާނެ ޢަދަދުތައް ބަޔާންކުރާ މާއްދާއެވެ. އަދި އެ މާއްދާގެ (ރ) އަށް ބެލުމުން، އެ އަކުރުގައި ބަޔާންކޮށްފައިވާ ޚަރަދުތަކާ އެލަވަންސްތަކަކީ މީރާ އިން ހަދާ ގަވާއިދެއްގެ ދަށުން، ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުން އުނިކުރެވިދާނެ ބައިތަކެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ބީ.ޕީ.ޓީ. ޤާނޫނު އެކުލަވާލުމުގައި ޤާނޫނުހަދާ މަޖިލީހުގެ ނިޔަތަކީ ވަކި ޙާލަތްތަކެއްގައި ޓެކުހުން އުނިކުރެވިދާނެ ޢަދަދުތައް ހުރުން ކަމުގައި ވުމުގެ އިތުރުން، މަޖިލީހުގެ ނިޔަތަކީ ވަކި ބާވަތްތަކެއްގެ ޚަރަދުތަކާ އެލަވަންސްތަކަކީ މީރާއިން ހަދާ ޤަވާޢިދެއްގެ ދަށުން އުނިކުރެވޭނެ ޢަދަދުތަކަކަށް ހެދުންކަން ސާފެވެ.
59ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ބޭނުމަށްޓަކައި، މީރާއިން ހަދާ ޤަވާޢިދަކީ ޓެކުހާގުޅޭ މައުޟޫޢީ އިލްތިޒާމެއެއް އުފަންކުރުވާ ޤަވާޢިދެއް ކަމުގައި ނުވާނަމަ، އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރެއިން ޤަވާޢިދު އެކުލަވައިލައިފިނަމަ، ވަކި ޙާލަތްތަކެއްގައި ޓެކުހުން އުނިކުރެވިދާނެ ޢަދަދުތައް ބަޔާންކޮށް މީރާއިން އެކުލަވާލާ ޤަވާޢިދަކީ ޤާނޫނު ހަދާ މަޖިލީހަކުން އެކުލަވާލި ޤާނޫނެއްގައި ބަޔާންކުރާ ކަންކަމަށް އުނި އިތުރުގެނުވާ ޙާލަތެއް ކަމުގައި ނުބެލެވޭނެއެވެ.
60އެހެންކަމުން، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި، ޤަވާޢިދުތަކުން ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް، ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެކަމަށް ބަޔާންކޮށްފައިވާތީ، މި މައްސަލައިގެ ބޭނުމަށްޓަކައި ބީ.ޕީ.ޓީ ޤަވާޢިދަކީ ޤާނޫނުގެ ހުދޫދުގެ ތެރެއިން އެކުލަވާލާފައިވާ ޤަވާޢިދެއް ކަމުގައި ބަލައި، ކުރިއަށް ދާނަމެވެ.
61ކުރިންވެސް ބަޔާންކުރި ފަދައިން، ޚުޞޫމާތް އެ މުޢާމަލާތެއްގެ ތެރެއިން އުފަންވެފައިވަނީ ބީ.ޕީ.ޓީ ޤާނޫނު ފާސްކުރުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތަކާއި ގުޅިގެން، މުދަލުގެ އަގަކީ ކޮބައިކަމާމެދު ޚިޔާލު ތަފާތުވުމާއި ގުޅިގެންނެވެ.
62ބީ.ޕީ.ޓީ ޤަވާޢިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ހަރުމުދަލެއްގެ އަގު ކަނޑައަޅާނީ، އެ މުދާ ގަތް ދުވަހުން ފެށިގެން ޤާނޫނަށް ޢަމަލުކުރަންފަށާ ދުވަހާ ހަމައަށް އެ މުދާ ބޭނުންކުރެވުނު ކޮންމެ އަހަރަކަށް ނުވަތަ އަހަރަކުން ބަޔަކަށް، އެ މުދާ ގަތް އަގާއި އެ ޤަވާޢިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ މުދަލެއްގެ ކެޕިޓަލް އެލަވަންސް ރޭޓާއި ގުނަކުރުމުން އަންނަ ޢަދަދު، އެ މުދާ ގަތް އަގުން އުނިކޮށްގެންނެވެ. އަދި ބީ.ޕީ.ޓީ ޤަވާޢިދުގެ 47 ވަނަ މާއްދާގައިވާ ގޮތުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ހަރުމުދަލަކަށް ދެވޭ ކެޕިޓަލް އެލަވަންސް ހިސާބުކުރާނީ އެ މުދާ ގަތް އަގާއި މި ޤަވާޢިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ މުދަލެއްގެ ކެޕިޓަލް އެލަވަންސް ރޭޓާއި ގުނަކޮށްގެންނެވެ.
63އެހެންކަމުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުގެ ކުރިން ހުރި މުދަލެއް ގަތް އަގަކީ ބީ.ޕީ.ޓީ ޤާނޫނުގެ ބޭނުމަށްޓަކައި މުހިންމު އެއްޗެކެވެ. ސުވާލަކީ ޓްރޭޑަރސް ހޮޓެލްއާއި މާލެ ހޮޓެލް އާދެމެދު 30 ސެޕްޓެންބަރު 2010 ވަނަ ދުވަހު ކުރި މުޢާމަލާތުން ޓްރޭޑަރސް ހޮޓެލް ގަތް މުދަލުގެ އަގަކީ ކޮބައިކަމެވެ.
64ކުރިން ފާހަގަކޮށްފައިވާ ފަދައިން، ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކުންފުނިތަކުގެ ހިސާބު ބެލެހެއްޓުމާއި އޮޑިޓްކުރުމުގެ އިރުޝާދެއް ދީފައިވަނީ (މިހާރު އުވާލާފައިވާ) ކުންފުންޏާބެހޭ ޤާނޫނުގެ ދަށުންނެވެ. އަދި އެ ޤާނޫނުގެ ދަށުން އެކުލަވާލެވުނު ޤަވާޢިދުގައި ލާޒިމުކޮށްފައިވަނީ، ވަކި މިންގަނޑެއް ބަޔާންކުރުމެއް ނެތި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފައްތައިގެން ކުންފުނީގެ އަހަރީ ހިސާބު ތައްޔާރުކުރުމަށެވެ. އެހެންކަމުން، އޭރު ޢަމަލުކުރަމުންދިޔަ އުސޫލުތަކުގެ ދަށުން، ވަކި ބައިނަލްއަޤްވާމީ މިންގަނޑަކަށް ހިސާބު ތައްޔާރުކުރަންޖެހޭ ޙާލަތެއް މެދުވެރި ނުވެއެވެ.
65ސުވާލަކީ 30 ސެޕްޓެންބަރު 2010 ވަނަ ދުވަހު ކުރި މުޢާމަލާތުން ޓްރޭޑަރސް ހޮޓެލް ގަތް މުދަލުގެ އަގަކީ އެ މުޢާމަލާތާބެހޭ ލިޔެކިޔުމުގައިވާ އަގުކަން ނުވަތަ ނޫންކަމެވެ.
66HN4ބީ.ޕީ.ޓީ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ނ) ގައި، މުދާ ގަތް އަގު އެނގެން ނެތްނަމަ އެ ޢަދަދުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެ ކަމުގައި ބަޔާންކޮށް، އެ މާއްދާގެ (ބ) ގައި އެފަދައިން ކޮށްފައިވާ އަންދާޒާއަށް ބަދަލުގެނައުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވެއެވެ. ކަން މިހެން އޮތްއިރު، މުދަލުގެ އަގު ދެނެގަތުމަށްޓަކައި އެ މާއްދާގައި ހަވާލާދޭފަދަ އަންދާޒާއެއް ކަނޑައަޅަންޖެހެނީ އެ އަގު އެނގެން ނެތް ޙާލަތުގައި ކަމުގައި ވެފައި، ޓްރޭޑަރސް ހޮޓެލްއިން ގަތް މުދަލުގެ އަގު އެނގެން އޮތުމުން، މިއީ އެފަދަ އަންދާޒާއެއް ކުރަންޖެހޭ ޙާލަތެއް ނޫންކަން، އަދި އެ މާއްދާގެ ދަށުން މުދަލުގެ އަގަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ޤާނޫނީގޮތުން މީރާއަށް ލިބިގެންވާ ޙާލަތެއް ނޫންކަން އެނގެއެވެ. އަދި ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހަރުމުދަލެއް ހުރިނަމަ، އެ މުދަލެއްގެ އަގު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައިވަނީ ބީ.ޕީ.ޓީ ޤަވާޢިދުގެ 46 ވަނަ މާއްދާގައި ކަމުގައިވުމުން، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުންކުރެ ގޮތެއްގެ ބޭރުން، މުދަލުގެ އަގު ކަނޑައެޅުމަކީ ޤާނޫނީ އިމުގެ ބޭރުން ކުރެވޭ ކަމެއްކަމުގައި ބުރަވެވެއެވެ.
67އެހެންކަމުން، ދެން އުފެދޭ ސުވާލަކީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު) އިން އޮޑިޓްކުރުމަށް މީރާއަށް ލިބިފައިވާ ބާރުގެ ދަށުން، ޓްރޭޑަރސް ހޮޓެލްގެ ފަރާތުން ޓެކްސް ބިނާކުރާ ފައިދާ ހިސާބުކޮށްފައިވަނީ ބީ.ޕީ.ޓީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިންކަން ބެލުމަށް މީރާއިން ޓްރޭޑަރސް ހޮޓެލް އޮޑިޓްކުރުމަށްފަހު އެކުލަވާލި "ބިޒްނަސް ޕްރޮފިޓް އޮޑިޓް ރިޕޯޓް" ގައި، މާލެ ހޮޓެލްގެ ކިބައިން ޓްރޭޑަރސް ހޮޓެލްއިން ގަނެފައިވާ 'ވިޔަފާރި އެސެޓް' ގަތުމުގެ މުޢާމަލާތް ރިކޯޑުކުރުމުގައި ކެޕިޓަލް އެލަވަންސް ހިސާބުކޮށްފައިވަނީ އެކުއިސިޝަން ކޯސްޓް (acquisition cost) ނުވަތަ މުދާ ގަތް އަގުގައި ކަމުގައާއި، އެއާ ޚިލާފަށް ކެޕިޓަލް އެލަވަންސް ހިސާބުކުރަންޖެހޭނީ އެ މުދާ ވިއްކިއިރު މާލެ ހޮޓެލްގެ ފޮތްތަކުގައި ބަޔާންކޮށްފައިވާ އެ މުދަލުގެ ރިޓްން ޑައުން ވެލިއު (written down value) އިން ކަމުގައި ބަޔާންކުރުމަކީ ބީ.ޕީ.ޓީ ޤާނޫނާއި ޤަވާޢިދާ ފުށުއަރާ ނިންމުމެއްތޯ އޮތް ސުވާލެވެ.
68HN5ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން، ބީ.ޕީ.ޓީ ޤާނޫނާއި ޤަވާޢިދަށް ބެލުމުން ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު އަތުގައި ހުރި ހަރުމުދަލެއްގެ އަގު ކަނޑައަޅާގޮތް ސާފުކޮށް ބަޔާންކޮށްފައި އެބަވެއެވެ. އެހެންކަމުން، ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުން މީރާއަށް ލިބޭ ބާރުގެ ތެރެއިން ކުރާ އޮޑިޓެއްގައިވެސް މުދަލުގެ އަގަކީ ކޮބައިކަން ބަލަންޖެހޭނީ ބީ.ޕީ.ޓީ ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިންނެވެ. ޓެކުހާބެހޭ ކަންކަން ތަޢާރުފްވުމަށްފަހު، ޓެކުހުގެ ބޭނުމަށްޓަކައި ހިސާބުތައް ތައްޔާރުކުރަންޖެހޭ މިންގަނޑު މީރާއިން ކަނޑައެޅުމުގެ ހައިސިއްޔަތު މީރާއަށް ޤާނޫނުން ލިބިދީފައިވާނަމަވެސް، ޓެކުހާބެހޭ ޤާނޫނުތަކުގައި އެ ޤާނޫނުތައް ރަޖުޢީކޮށް ހިނގާނެ ކަމަށް ސާފުކޮށް އަދި ޞަރީޚަކޮށް ބަޔާންކޮށްފައި ނުވާ ހިނދު، އަދި ޓެކުހުގެ ބޭނުމަށްޓަކައި ކުރިން ކޮށް ނިމިފައިވާ މުޢާމަލާތްތަކުގެ މައްޗަށް ހިސާބު ބެލެހެއްޓުމުގެ ވަކި މިންގަނޑެއް ތަޠުބީޤުކުރަން ޖެހޭނެކަމުގައި ޤާނޫނުގައި ބަޔާންކޮށްފައި ނުވާ ޙާލު، ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތްތަކަކަށް މީރާއިން އެދޭ ހިސާބުކުރުމުގެ ވަކި މިންގަނޑެއް ތަޠުބީޤުކުރަންޖެހޭނެ ކަމުގައި މީރާއަށް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ. އެއީ، މީރާއަށް ޤާނޫނުން ލިބިދީފައިނުވާ ބާރެއް ބޭނުންކުރުން ކަމުގައި މެނުވީ ނުވާނެއެވެ.
69މިކަމުގައި އިތުރަށް ސާފުކޮށްދޭންޖެހޭ ކަމަކީ ކެޕިޓަލް އެލަވަންސަކީ ކުރިއަށް ހިނގާ، ޓެކްސް ދައްކާ ފަރާތަށް ދައްކަންޖެހޭ ޓެކުހުން އުނިކުރެވެން އޮންނަ ޢަދަދަކަށް ވާތީ، ބީ.ޕީ.ޓީ ޤާނޫނު ވުޖޫދުވުމަށްފަހު ހިނގާ މުއްދަތުތަކުގައި ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަށް އަސަރުކުރާތީ، ޤާނޫނުގައި އެކަމުގެ މައްޗަށް އޮތީ ކޮން ގޮތެއްކަމެވެ.
70HN6މީރާއިން ބުނާ ގޮތުގައި، މިކަމުގެ ހައްލަކީ މީރާއިން އެދޭގޮތަށް ހިސާބުތައް ބަލަހައްޓަންޖެހެނީ އައި.އެފް.އާރް.އެސް 3 ގެ މިންގަނޑުންކަން ކަނޑައަޅައި، މުދަލުގެ އަގު ކަނޑައެޅުމެވެ. އެހެންނަމަވެސް، މުޢާމަލާތް ހިނގިއިރު އެއީ ވުޖޫދުގައި އޮތް، އަދި ކުންފުނިތަކުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު އިރުޝާދެއް ނޫނެވެ. ޓްރޭޑަރސް ހޮޓެލްގެ ފަރާތުން މުދާ ގަތްއިރު ހިސާބު ބެލެހެއްޓުމަށް ޤާނޫނުން ލާޒިމުކޮށްފައިވަނީ (އުވާލާފައިވާ) ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިންނެވެ. އެހެންކަމުން، ކުންފުންޏާބެހޭ ޤާނޫނުގެ ހުދޫދުގެ ތެރެއިން، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިބިދޭ ބާރުގެ ދަށުން، އެ ޤާނޫނުގައި ހިސާބު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ގޮތާއި ޚިލާފުވެފައިވާ ކަމަށް ކުންފުންޏަކަށް ރަޖިސްޓްރާރ އަންގާފައިނުވާނަމަ، އެފަދަ ކުންފުންޏަކުން ޢަމަލުކޮށްފައިވަނީ ޤާނޫނުގައިވާ ގޮތަށް ކަމުގައި ބަލަންޖެހެއެވެ. ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އޮތް ނިޒާމުގައި އުނިކަމެއް ހުރިނަމަ، އެ އުނިކަމެއް ފޫބެއްދުމަކީ ޓެކުހާގުޅޭ ޤާނޫނުތައް ވަޞީލަތެއްގެ ގޮތުގައި ބޭނުންކޮށްގެން، މީރާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
71އިސްވެ ބަޔާންކޮށްފައިވާ ކަންކަން އެފަދައިން ހުރުމުން:
(ހ) ބީ.ޕީ.ޓީ ޤާނޫނުގެ ބޭނުމަށްޓަކައި، ޓްރޭޑަރސް ހޮޓެލް އާއި މާލެ ހޮޓެލްއާދެމެދު 30 ސެޕްޓެންބަރު 2010 ވަނަ ދުވަހު ވެފައިވާ ސޭލް އެންޑް ޕަރޗޭސް އެގްރީމަންޓު މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތަކާއި ގުޅިގެން ޓްރޭޑަރސް ހޮޓެލްއިން ލިބިގަތް މުދަލުގެ އަގު ދެނެގަންނަންޖެހޭނީ މީރާއިން ހުށަހަޅާފައިވާ ފަދައިން މުދާ ވިއްކި ފަރާތުގެ ފޮތްތަކުގައި އޮތް ރިޓްން ޑައުން ވެލިއުއަށް ބަލައިގެން ނޫންކަމުގައާއި، އެ އަގު ދެނެގަންނަންޖެހޭނީ ބީ.ޕީ.ޓީ ޤަވާޢިދުގެ 46 މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ގަތް އަގަށް ބަލައިގެން ކަމުގައާއި؛
(ށ) ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކުންފުނީގެ މާލީ ހިސާބު ބަލަހައްޓަންޖެހެނީ ކުންފުންޏާބެހޭ ޤާނޫނުގެ ނިޒާމުގެ ތެރެއިން ކަމުގައިވެފައި، ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، ޓެކުހުގެ ބޭނުމަށްޓަކައި ހިސާބު ބަލަހައްޓަންޖެހޭ ވަކި މިންގަނޑެއް ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިނުވާތީ، ބީ.ޕީ.ޓީ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތަކާއި ގުޅޭ ހިސާބު ބަލަހައްޓަންޖެހޭނީ ވަކި މިންގަނޑަކުންކަން ބަޔާންކުރުމަކީ ޤާނޫނުން އެކަން ފަހިކޮށްދީފައިނުވާހާ ހިނދަކު، ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރުން ކަމުގައާއި؛
(ނ) މުޢާމަލާތްކުރިއިރު ޢަމަލުކުރަމުންދިޔަ ކުންފުންޏާބެހޭ ޤާނޫނުގެ ނިޒާމުގެ ތެރެއިން ކުންފުނީގެ މާލީ ހިސާބު ބަލަހައްޓަންޖެހެނީ ބައިނަލްއަޤްވާމީ މިންގަނޑުން ކަމުގައި ބަޔާންކޮށް، ކަމާގުޅޭ ޤާނޫނާއި ޤަވާޢިދުގައި އެއީ ވަކި ބައިނަލްއަޤްވާމީ މިންގަނޑެއްކަން ކަނޑައަޅާފައިނުވާއިރު، ކުންފުންޏާބެހޭ ޤާނޫނުގައި ހަވާލާދީފައިވާ ބައިނަލްއަޤްވާމީ މިންގަނޑަކީ އައި.އެފް.އާރް.އެސް މިންގަނޑު ކަމުގައި ކަނޑައެޅުމަކީ ކުންފުންޏާބެހޭ ޤާނޫނާއި ކުންފުންޏާބެހޭ ޢާންމު ޤަވާޢިދު މާނަކުރުމުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި ބަޔާންކޮށްފައި ނެތް ކަމެއް އެއީ އޮތްކަމެއް ކަމުގައި ބަލައިގެން، ޤާނޫނުގައި ބަޔާންކޮށްފައިވާ ވަރަށް ވުރެ ފުޅާކޮށް ޤާނޫނު މާނަކުރުން ކަމުގައި؛
ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/380 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
72މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން،
(1) ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ބޭނުމަށްޓަކައި، ޓްރޭޑަރސް ހޮޓެލް މާލެ ޕްރައިވެޓް ލިމިޓެޑް އާއި މާލެ ހޮޓެލް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާދެމެދު 30 ސެޕްޓެންބަރު 2010 ވަނަ ދުވަހު ވެފައިވާ ސޭލް އެންޑް ޕަރޗޭސް އެގްރީމަންޓު މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތަކާއި ގުޅިގެން ޓްރޭޑަރސް ހޮޓެލް މާލެ ޕްރައިވެޓް ލިމިޓެޑްއިން ލިބިގަތް މުދަލުގެ އަގު ދެނެގަންނަންޖެހޭނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހުށަހަޅާފައިވާ ފަދައިން މުދާ ވިއްކި ފަރާތުގެ ފޮތްތަކުގައި އޮތް ރިޓްން ޑައުން ވެލިއުއަށް ބަލައިގެން ނޫންކަމުގައާއި، އެ އަގު ދެނެގަންނަންޖެހޭނީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ގަތް އަގަށް ބަލައިގެން ކަމުގައާއި؛
(2) ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކުންފުނީގެ މާލީ ހިސާބު ބަލަހައްޓަންޖެހެނީ ކުންފުންޏާބެހޭ ޤާނޫނުގެ ނިޒާމުގެ ތެރެއިން ކަމުގައިވެފައި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، ޓެކުހުގެ ބޭނުމަށްޓަކައި ހިސާބު ބަލަހައްޓަންޖެހޭ ވަކި މިންގަނޑެއް ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިނުވާތީ، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތަކާއި ގުޅޭ ހިސާބު ބަލަހައްޓަންޖެހޭނީ ވަކި މިންގަނޑަކުންކަން ބަޔާންކުރުމަކީ ޤާނޫނުން އެކަން ފަހިކޮށްދީފައިނުވާހާ ހިނދަކު، ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރުން ކަމުގައާއި؛
(3) މުޢާމަލާތްކުރިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ނިޒާމުގެ ތެރެއިން ކުންފުނީގެ މާލީ ހިސާބު ބަލަހައްޓަންޖެހެނީ ބައިނަލްއަޤްވާމީ މިންގަނޑުންކަމުގައި ބަޔާންކޮށް، ކަމާގުޅޭ ޤާނޫނާއި ޤަވާޢިދުގައި އެއީ ވަކި ބައިނަލްއަޤްވާމީ މިންގަނޑެއްކަން ކަނޑައަޅާފައިނުވާއިރު، ކުންފުންޏާބެހޭ ޤާނޫނުގައި ހަވާލާދީފައިވާ ބައިނަލްއަޤްވާމީ މިންގަނޑަކީ އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަރޑްސް (އައި.އެފް.އާރް.އެސް) މިންގަނޑު ކަމުގައި ކަނޑައެޅުމަކީ ކުންފުންޏާބެހޭ ޤާނޫނާއި ކުންފުންޏާބެހޭ ޢާންމު ޤަވާޢިދު މާނަކުރުމުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި ބަޔާންކޮށްފައި ނެތް ކަމެއް އެއީ އޮތްކަމެއް ކަމުގައި ބަލައިގެން، ޤާނޫނުގައި ބަޔާންކޮށްފައިވާ ވަރަށް ވުރެ ފުޅާކޮށް ޤާނޫނު މާނަކުރުން ކަމުގައި؛
ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/380 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު
ޙުސައިން ޝަހީދު (ރިޔާސަތު)
މުޙައްމަދު އިބްރާހީމް
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު C-0622/2010
- ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) މިހާރު ވަނީ އުވައިލެވިފައެވެ. އަދި އެ ޤާނޫނުގެ ދަށުން ހިނގަމުން އައި ޓެކުހުގެ ނިޒާމު، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ޢަމަލުކުރަން 17 ޑިސެމްބަރު 2019 ގައި ފެށުމާއެކު އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ބަދަލުވެފައިވެއެވެ. (ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 78 އަދި 85 ވަނަ މާއްދާ)
- މި ޤާނޫނުގެ 41 ވަނަ މާއްދާގައި މި ޤާނޫނަށް ޢަމަލުކުރަންފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން، މީލާދީ 6 (ހައެއް) މަސް ދުވަސް ފަހުންކަމަށް ބަޔާންކޮށްފައިވެއެވެ. މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 18 ޖަނަވަރީ 2011 ގައެވެ. އެހެންކަމުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ދުވަހުން ފެށިގެން، މީލާދީ 6 (ހައެއް) މަސް ފުރިހަމަވެފައިވަނީ 18 ޖުލައި 2011 ގައެވެ.
- ޤާނޫނު ނަންބަރު 5/2011
- ގަވާޢިދު ނަންބަރު 2011/R-35
- މީރާގެ ނަންބަރު 1002905/NOTA-BPT/CBAS/2015/07 "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" (31 ޑިސެމްބަރު 2015)
- ނޯޓިސް އޮފް އޮބްޖެކްޝަން 903 ފޯމާއި އެ ފޯމާއެކުގައިވާ 21 ޖެނުއަރީ 2016 ގެ ސިޓީ
- މީރާގެ ނަންބަރު Ref No: 1002905/ORR-BPT/OS/2016/04 ސިޓީ
- ޤާނޫނު ނަންބަރު 3/2010
- ޓްރޭޑަރސް ހޮޓަލާއި މާލޭ ހޮޓެލް އެސޯސިއޭޓްސްއާ ދެމެދު ވެފައިވާ "ސޭލް އެންޑް ޕާރޗޭސް އެގްރީމަންޓް-މާލެ ހޮޓެލް" ގެ ދަށުން ހިންގާފައިވަނީ ބިން ވިއްކުމުގެ މުޢާމަލާތެއްކަމަށް ބަޔާންކޮށް މީރާއިން ނިންމާފައިވާ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ޓްރޭޑަރސް ހޮޓެލްގެ ފަރާތުން އިސްތިއުނާފުކުރުމުން އެ ނިންމުން ބަދަލުކޮށް، އެއީ ލީސްހޯލްޑް ރައިޓްސް ހޯދުމަށް ދައްކާފައިވާ ފައިސާއެއްކަމަށް މި މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވެއެވެ. މި ނުކުތާއަކީ އިސްތިއުނާފީ މަރުހަލާގައި ބަހުސްކުރެވޭ ނުކުތާއެއް ކަމުގައި ނުވާތީ، މި ނުކުތާއާ ގުޅިގެން ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމުގެ ތަފުސީލަކަށް މި ރިޕޯޓުގައި ގޮސްފައިނުވާނެއެވެ. މި ނުކުތާއާމެދު ޓްރައިބިއުނަލުން ނިންމިގޮތުގެ ތަފުސީލު ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު TAT-CA-B/2016/005 މައްސަލައިގެ މެންބަރުންގެ ރައުޔުގެ ހަވަނަ އަދި ހަތްވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ.
- ޤާނޫނު ނަންބަރު 10/96
- މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޖަވާބު ފޯމުގެ 6.2 ގައި ދައްކާފައިވާ ވާހަކަ
- މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޖަވާބު ފޯމުގެ 6.2 ގައި ދައްކާފައިވާ ވާހަކަ
- ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ރ) ގެ (2)
- އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 14 ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/37 ޤަޟިއްޔާގައި، ޓެކުހުގެ ނިޒާމު އައުމުގެ ކުރިން ގަނެފައިވާ އޭޑީކޭ ބިލްޑިންގ އާއި އޭޑީކޭ ޓަވަރުގެ އަގު އެނގޭނޭ ލިޔުންތައް ދައުލަތުގެ އިދާރާތަކަށް އޭޑީކޭ ފަރާތުން ހުށަހަޅާފައިވާތީ، އެކަށީގެންވާ އަންދާޒާއެއް ހަދައި އެތަންތަނުގެ އަގު ކަނޑައަޅަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) ގައި، ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނެގުމަކީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ ދައުލަތަށް ނުކުރެވޭނެ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
- ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) "އެ ކުންފުންޏެއްގެ ޓެކްސް ނެގޭ ފައިދާއަކަށްވާނީ، މި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ހިސާބުކުރެވިގެން އަދި އެ ފައިދާއިން މި ޤާނޫނު ހުއްދަކުރާ ގޮތަށް މެނުވީ އެހެން އެއްވެސް ޢަދަދެއް އުނިކުރުމަކާނުލައި، އެ އަހަރެއްގައި އެ ކުންފުންޏަށް ލިބިފައިވާ ފައިދާގެ ޖުމްލަ ޢަދަދެވެ. އަދި އެ ފައިދާ ލިބުނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ކަމުގައިވިޔަސް އަދި އެ ފައިދާ ރާއްޖެއަށް ލިބިފައި ނުވަތަ ފޮނުވިފައި ނުވި ނަމަވެސް، އެ ފައިދާއިން ޓެކްސް ނެގޭނެއެވެ."
- ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ، ރިޓްންޑައުން ވެލިއުކަމަށް ބުނެފައިވަނީ، ހަރު މުދަލެއް ގަތުމަށް ހިނގި ޚަރަދާއި، ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެ މުދަލުގެ އަގުގެ ގޮތުގައި މި ގަވާއިދުގެ 46 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރެވޭ ޢަދަދާއި، މި ދެ ޢަދަދުން ކުރެ ކުޑަ ޢަދަދަކުން، ކުރީގެ ހިސާބުކުރާ މުއްދަތު ތަކުގައި ކެޕިޓަލް އެލަވަންސްގެ ގޮތުގައި އުނިކުރެވި ފައިވާ ޢަދަދުތަކުގެ ޖުމްލަ ޢަދަދު އުނިކުރުމުން އަންނަ ޢަދަދަށެވެ.
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު). މި ޤާނޫނު ވަނީ 01 ޖެނުއަރީ 2024 ގައި އުވާލެވިފައެވެ.
- ކުންފުނިތަކުގެ ހިސާބުތައް ބަލަހައްޓަންޖެހޭ ވަކި މިންގަނޑެއް އެއިރު އޮޑިޓް އޮފީހުން ކަނޑައަޅާފައިނުވެއެވެ.
- އިންޓަނޭޝަނަލް އެކައުންޓިން ސްޓޭންޑަރޑްސް ބޯޑް (އައިއޭއެސްބީ) ގެ ނަމަށް ބަދަލުވުމުގެ ކުރިން، ނަމަކީ އިންޓަނޭޝަނަލް އެކައުންޓިން ސްޓޭންޑަރޑްސް ކޮމިޓީ (އައި.އޭ.އެސް.ސީ) އެވެ. އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަޑްސް (އައި.އެފް.އާރް.އެސް) އާއި އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް (އައި.އޭ.އެސް) އަކީ، އިންޓަނޭޝަނަލް އެކައުންޓިން ސްޓޭންޑަރޑްސް ބޯޑް (އައި.އޭ.އެސް.ބީ) އިން ނެރެފައިވާ މިންގަނޑުތަކެކެވެ.
- ICAEW | Researching international accounting standards
- IFRS - IFRS 3 Business Combinations
- Ibid
- މާލެ ހޮޓެލް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ޓްރޭޑަރސް ހޮޓެލްއާ ދެމެދު ވެފައިވާ ސޭލްސް އެންޑް ޕަރޗޭސް އެގްރީމަންޓް-މާލެ، އެއްބަސްވުމުގެ ރިސައިޓަލް، ޑެފިނިޝަންސް އެންޑް އިންޓަރޕްރިޓޭޝަން (1 ވަނަ މާއްދާ) 1. Definitions and Interpretation Business – the business of operation of the Hotel (which is currently carried on by the Vendor through the Hotel Management Agreement). Business Agreements- the contracts or agreements relation to the business entered into by the Vendor or on the Vendor’s behalf, (other than the Accommodation Contracts). Business Assents- (a) the Vendor’s right, title and interest in the Land under the Hotel Lease and the Hotel Leases; (b) the Vendor’s right, title and interest in the building on the land under the Hotel Lease; (c) the Vendor’s right, title and interest in the other Leases and the Assigned residential Leases; (d) all of the right, title and interest of the Vendor under or arising out of the Assigned Business Agreements and Assigned Accommodation Contracts, subject to the terms of this Agreement; (e) Fixtures, Fittings and Equipment; (f) the books and Records; (g) Stock; (i) the Business (but excluding the hotel Management Agreement which will be terminated on or prior to Completion at the vendor’s own cost and expense); (j) 2 passenger vans, 1 service van and 1 refrigerated truck (k) telephone and facsimile services used by the business which are owned by the Vendor; (l) all other assets used in the conduct of the business and all other assets which the Vendor agrees to assign to the Purchaser under, and subject to the terms of this Agreement; and (m)the benefit of any unexpired construction or development warranties in respect of any works to the Building or Fixtures, Fittings and Equipment as listed in Schedule 9, other than the Exclusions.
- އބމ ގެ 9 ވަނަ މާއްދާ 9 Risk and Title Subject to the provisions of this Agreement, risk and Title in respect of the business and the business Assets will pass to the purchaser on Completion.
- އައި.އެފް.އާރ.އެސް 3 ބިޒްނަސް ކޮމްބިނޭޝަންސްގައި، ބިޒްނަސްއެއްގައި (1) އިންޕުޓް، (2) ޕްރޮސެސް އަދި (3) އައުޓް ޕުޓް... 3 ޝަރުޠު ފުރިހަމަވާންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
- ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު
- ގަވާޢިދު ނަންބަރު 2011/R-35 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގަވާޢިދު) ގެ 38 ވަނަ މާއްދާގެ (ހ) ގައި އެ ގަވާއިދުގެ 4 ވަނަ ބާބުގެ ބޭނުމަށް ކެޕިޓަލް އެލަވަންސަކީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ރ) ގެ (2) ގައި ބުނާ ކެޕިޓަލް ޚަރަދަކުން ދެވޭ އެލަވަންސްއެއްކަމަށް ބަޔާންކޮށްފައިވެއެވެ.
- Thor Power Tool Co. v. Commissioner, 439 U.S. 522 (U.S.); Odeon Associated Theatres Ltd v Jones [1972] 1 All ER 681; HMRC v William Grant & Sons Distillers Ltd [2007] UKHL 15 (UK); CIT v Vatika Township (P.) Ltd. (2014) 367 ITR 466 (India)
- ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާ
- ޤަވާޢިދު ނަންބަރު 2011/R-35 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު) ގެ 4 ވަނަ މާއްދާ އަދި 8 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާދަމް ނާޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ( ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/20 ޤަޟިއްޔާ) އާއި މުޙައްމަދު ޞަބާޙް ވ. ޢާއިޝަތު ނަފީސާ (ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/97 ޤަޟިއްޔާ) އާއި ޢަބްދުލްޣަފޫރު ހާމިދު ވ. މޫސާ ފަތުޙީ (2018/SC-A/25) އަދި މި ނޫންވެސް މައްސަލަތައް Maxwell v Murphy (1957) 96 CLR 261 (UK); Wainwright v Home Office [2002] QB 1334 (UK); Wilson v Secretary of State for Trade and Industry [2003] UKHL 40 (UK)
- ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ނ)
- ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ރ)
- ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ބ)
- Bimal Chandra Banerjee v State of Madhya Pradesh (1970) 2 SCC 467 (India)؛ Attorney-General v Wilts United Dairies Ltd [1921] 37 TLR 884 (UK); Gwalior Rayon Silk Manufacturing Co Ltd v Assistant Commissioner of Sales Tax (1974) 4 SCC 98 (India)
- Commissioner of Income Tax v Taj Mahal Hotel (1971) 82 ITR 44 (SC) (India); Commissioner of Income Tax v S. Chenniappa Mudaliar (1969) 74 ITR 41 (SC) (India)
- Commissioners of Customs and Excise v Cure & Deeley Ltd [1962] 1 QB 340 (UK); R v Inland Revenue Commissioners, ex parte Rossminster Ltd [1980] AC 952 (UK); R (Public Law Project) v Lord Chancellor [2016] UKSC 39 (UK)
- Cape Brandy Syndicate v IRC [1921] 1 KB 64 (UK)
- ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވަނީ: (ހ) ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ރައްޔިތުން އެ މައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ޢާންމުންނަށް ލިބޭން ހުންނާނޭ ގޮތަކަށް އިންތިޒާމުކޮށް، ޢާންމުކޮށް ޝާޢިޢުކުރާންވާނެއެވެ. (ށ) ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދެއްގެ ދަށުންވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ އެ ޤަވާޢިދަކީ ޢާންމުކޮށް ޝާޢިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނޭ އަދަބު ސާފުކޮށް ބަޔާންކޮށްފައި އޮވެގެންނެވެ.
- ޤާނޫނުއަސާސީގެ 94 ގައި ބަޔާންކޮށްފައިވަނީ: ކަނޑައެޅޭ ވަކި ކަމެއް ކުރުމަށްޓަކައި، އެކިއެކި އަމުރުތައް ނެރުމާއި ޤަވާޢިދު ހެދުމާއި އެނޫންވެސް ޤާނޫނީ ބާރު އެކުލެވިގެންވާ އަމުރުތައް ނެރުމުގެ ބާރު ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް ޤާނޫނެއްގެ ދަށުން ދިނުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. މީގެތެރޭގައި، އަންނަނިވި ކަންތައްތައްވެސް ހިމެނެއެވެ. (ހ) ޤާނޫނަކަށް ޢަމަލުކުރާން ފަށާނޭ ނުވަތަ ޢަމަލުކުރުން ހުއްޓައިލާނޭ ތާރީޚެއް ކަނޑައެޅުން. (ށ) ވަކި ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ހިންގޭނީ ވަކި ބައެއްގެ މައްޗަށްކަން ނުވަތަ ވަކި ސަރަޙައްދަކަށްކަން ކަނޑައެޅުން.
- ޤާނޫނުއަސާސީގެ 271 ގައި ބަޔާންކޮށްފައިވަނީ: ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކީ ޤާނޫނުން ބާރު ލިބިފައިވާ، އަދި ޤާނޫނީ ބާރާއެކު ތަންފީޛުކުރެވޭނޭ އެއްޗެކެވެ. އަދި ރައްޔިތުން އެ މައްޗަށް ޢަމަލުކުރާންޖެހޭ އެންމެހައި ޤަވާޢިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ޤަވާޢިދުތައް ހެދުމުގެ ބާރު ލިބިގެން ހަދާ ޤަވާޢިދުތަކަކަށް ވާންވާނެއެވެ.
- ޤާނޫނުއަސާސީގެ 274 ގައި "ޤާނޫނު" މާނަކުރުމުގައި ބަޔާންކޮށްފައިވަނީ: "ޤާނޫނު" ކަމުގައި ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށްފައިވާ ޤާނޫނުތަކާއި، އެއީމެ ޤާނޫނުތަކުން ބާރުލިބިގެން، އެ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ޤަވާޢިދުތަކަށެވެ.
- ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 101 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައި އޮތް ކުންފުންޏާބެހޭ ޢާންމު ޤަވާޢިދުގެ 14 ވަނަ މާއްދާގެ (ށ). ބަޔާންކުރެވުނު ކުންފުނީގެ އަހަރީ ހިސާބަކީ ކޮންމެ ކުންފުންޏަކުންވެސް، އެ ކުންފުންޏެއްގެ ހުއްދަ ކޮށްފައިވާ ރައުސުމާލާއި، އެކަށައަޅާފައިވާ ޙިއްޞާތަކުން އުފެދިފައިވާ ރައުސުމާލާއި، ޙިއްޞާގެ އަގުން ލިބިފައިވާ ރައުސުމާލާއި، އެ ކުންފުންޏެއްގެ މުދަލާއި، ދަރަންޏާއި، އެ މުދަލާއި ދަރަންޏާ ގުޅޭގޮތުން ޢާންމު ގޮތެއްގައި އެނގެންވާނެ ކަންތައްތަކާއި، އެ ކުންފުންޏެއްގެ ނުއުފުލޭ މުދަލުގެ އަގު ކުރިގޮތުގެ ތަފްޞީލު ހިމަނަންޖެހޭ ހިސާބެކެވެ (ކުންފުންޏާބެހޭ ޤާނޫނުގެ 67 ވަނަ މާއްދާ). އަދި ކުންފުނީގެ އަހަރީ ހިސާބަކީ ކުންފުނީގެ އަހަރީ ރިޕޯޓާއެކު ޑިރެކްޓަރުންގެ ބޯޑުން ފާސްކުރުމަށްފަހު، ކުންފުންޏާބެހޭ ޤާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކުރާ އޮޑިޓް ރިޕޯޓާއެކު ކުންފުނީގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކެކެވެ (ކުންފުންޏާބެހޭ ޤާނޫނުގެ 68 ވަނަ މާއްދާ). އަދި ކުންފުނީގެ އަހަރީ ޢާންމު ޖަލްސާ ބާއްވާ ތާރީޚުންފެށިގެން 15 ދުވަހުގެ ތެރޭގައި، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން އެ ޖަލްސާއަށް ހުށަހެޅި ކުންފުނީގެ އަހަރީ ހިސާބާއި، ކުންފުނީގެ އަހަރީ ރިޕޯޓާއި، ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންކުރާ އޮޑިޓް ރިޕޯޓު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަންޖެހެއެވެ (ކުންފުންޏާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ)). ޤާނޫނުގައިވާ ފަދައިން އެ ލިޔެކިޔުންތައް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަނުއަޅައިފިނަމަ، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ކުށްވެރިވާނެ ކަމުގައި ޤާނޫނުން ކަނޑައަޅައި، ޖޫރިމަނާގެ ޢަދަދުތަކެއް ހިމަނާފައިވެއެވެ (ކުންފުންޏާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގެ (ށ)). މީގެ އިތުރުން، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާ ލިޔުމަކީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އޮތް ލިޔުމެއް ނޫންކަމަށް، ނުވަތަ އެ ލިޔުމެއް ފުރިހަމަ ވެފައިނުވާކަމަށް، ނުވަތަ އެ ލިޔުމެއްގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ބަޔާންކޮށްފައިވާ ކަމަށް، ނުވަތަ ކުށެއް ވާކަމަށް، ނުވަތަ އެ ލިޔުމެއް ކިޔަން ނޭނގޭނަމަ، އެފަދަ ލިޔުމެއް ޤަބޫލުނުކުރުމުގެ އިޚްތިޔާރު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިދީ، އެފަދަ ލިޔުމެއް ބަލައިގަތުމަށް ފަހުގައިވެސް އެ ލިޔުމެއް ބަދަލުކުރުމަށް، ނުވަތަ އަލުން ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ޤާނޫނުން ލިބިދީފައިވެއެވެ (ކުންފުންޏާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގެ (ނ)). ކުންފުންޏާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން އެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް، ދެންހުރި އަކުރުތަކުގެ ނަންބަރު ތަރުތީބުކުރުމާ ގުޅިގެން، ބަޔާންކުރެވުނު އިސްލާޙަށްފަހު މި އަކުރު، އެ މާއްދާގެ (ރ) އަށް ބަދަލުވެގެން ދިޔަނަމަވެސް، މުޢާމަލާތް ކުރިއިރު އެކަން ބަޔާންކޮށްފައި އޮތީ އެ މާއްދާގެ (ނ) ގައެވެ.
- ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ކުރިން ހިނގާފައިވާ މުޢާމަލާތްތަކުގެ މައްޗަށް ހިނގާނެ މިންގަނޑު ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުންނެވެ. އެހެންކަމުން، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިބިދޭ ބާރުގެ ދަށުން، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފުވެފައިވާކަމަށް ކުންފުންޏަކަށް އަންގާފައިނުވާނަމަ، އެފަދަ ކުންފުންޏަކުން ޢަމަލުކޮށްފައިވާނީ ޤާނޫނުގައިވާ ގޮތަށްކަމުގައި ބަލަންޖެހެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤަވާޢިދު ނަންބަރު 2011/R-35 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދު) ގެ 46 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61، 94، 271 އަދި 274 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
- ▶ ވީޑިއޯ 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޝަރީޢަތުގެ އަޑުއެހުން 5
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.