—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/10
ދަޢުވާކުރާ ފަރާތް: އިބްރާހީމް ލަޠީފް
ދަޢުވާ ލިބޭ ފަރާތް: އާމިނަތު ޝާހިދާ
މައްސަލައިގެ ބާވަތް: ބަދަލު ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 09 މެއި 2012
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 މެއި 2012
ނިމުނު ތާރީޚް: 14 އޭޕްރިލް 2016
މައްސަލަ ނިންމި ގަޑި: 17:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިޢުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/340
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް:01 ޑިސެމްބަރ 2009
ނިމުނު ތާރީޚް: 29 ޑިސެމްބަރ 2011
މައްސަލައިގެ ޙުލާޞާ
މި މައްސަލައަކީ، މއ. އޮޅިތެރިގެ، އާމިނަތު ޝާހިދާ އޭނާގެ ބައްޕަ މއ. އޮޅިތެރިގޭ އަލްމަރްޙޫމް އަޙްމަދު ރަޝާދުގެ ފަރާތުން، ސ. ފޭދޫ އަޅިވިލާގޭ ޢަލީ ޙަސަންމަނިކުފާނަށް ދައްކަންޖެހިފައިވާ 900,000/- (ނުވަލައްކަ ރުފިޔާ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 40/HC-A/87 ޤަޟިއްޔާގެ ޙުކުމުގައިވާ ގޮތުގެމަތިން، 07 އޭޕްރިލް 2004 ގައި އެ ފައިސާ މަދަނީ ކޯޓަށް ދައްކައި ޚަލާޞްކޮށްފައިވާ ކަމަށާއި، މަދަނީ ކޯޓުގެ ނަންބަރު 2004/MC/537 ޤަޟިއްޔާގައިވާ ގޮތަށް 07 އޭޕްރިލް 2004 މި ތާރީޚުން ފެށިގެން 15 ދުވަސް ހަމަވާ ތާރީޚް ކަމުގައިވާ 22 އޭޕްރިލް 2004 މި ދުވަހުގެ ފަހުން އިތުރު އެންމެ ދުވަހަކުވެސް އެ ޙުކުމުގެ ދަށުން، މއ. އޮޅިތެރިގޭގައި ތިބުމުގެ ޙައްޤެއް އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން ތިބި އެއްވެސް ބަޔަކަށް ލިބިގެން ނުވާތީ، އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން ތިބި އިބްރާހީމް ލަޠީފްއާއި، އެހެން މީހުން އެ ގެއިން ނުނިކުމެވާ ކޮންމެ ދުވަހަކީ އަލްމަރްޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ލިބޭ ގެއްލުމެއްކަމަށް އާމިނަތު ޝާހިދާގެ ފަރާތުން ބުނެ، އެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 04 ސެޕްޓެމްބަރ 2004 އަށްވާ 177,333/33ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ / ތެއްތިރީސް ލާރި) އާއި އޭގެ ފަހަށްވެސް ނުނިކުމެވާ ދުވަސްތަކެއްގެ ފައިސާ ސ. ފޭދޫ އަޅިވިލާގޭ އިބްރާހީމް ލަޠީފުގެ ފަރާތުން ހޯދުމަށް އާމިނަތު ޝާހިދާގެ ފަރާތުން ދަޢުވާކުރުމުން، މަދަނީ ކޯޓުގެ ނަންބަރު 2004/MC/1558 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، އިބްރާހީމް ލަޠީފުއާއި އިބްރާހީމް ލަޠީފުގެ ފަރާތުން ތިބިބަޔަކު މއ. އޮޅިތެރިގޭގައި ތިބުމުގެ ޙައްޤު ނެތި ތިބި، 22 އޭޕްރިލް 2004 އިން 17 ޖޫން 2007 މި ދުވަހަށްވާ 37 (ތިރީސް ހަތެއް) މަހާއި، 25 (ފަންސަވީސް) ދުވަހަށް މަހަކު 40,000/- (ސާޅީސްހާސް ރުފިޔާ) މަގުން ކުލީގެ ގޮތުގައި ލިބެންވާ 1,513,333/33ރ. (ފަނަރަ ލައްކަ ތޭރަހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ/ ތެއްތިރީސް ލާރި) އަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އިބްރާހީމް ލަޠީފުގެ އަތުން އަލްމަރްޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ލިބެންވާ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި ދަޢުވާލިބޭ އިބްރާހީމް ލަޠީފުގެ އަތުން އަލްމަރްޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ދޭންވާކަމަށް ކަނޑައަޅާފައިވާ އެ ފައިސާ ދިނުމަށްޓަކައި 26 އޯގަސްޓް 2009، މި ދުވަހުން ފެށިގެން 21 (އެކާވީސް) މަސްދުވަހުގެ ތެރޭގައި އެ މަހަކު ޖެހޭވަރު ދައްކަމުންގޮސް މަދަނީ ކޯޓަށް ދައްކައި ޚަލާޞްކުރުމަށް، ދަޢުވާލިބޭ ސ. ފޭދޫ އަޅިވިލާގޭ އިބްރާހީމް ލަޠީފަށް އަންގައި ޙުކުމްކުރުމުން، އެ ޤަޟިއްޔާ އިބްރާހީމް ލަޠީފް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ނަންބަރު 340/HC-A/2009 ޤަޟިއްޔާގައި މަދަނީ ކޯޓުގެ ނަންބަރު 2004/MC/1558 ޤަޟިއްޔާގައި މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމް ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅައި އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އިބްރާހީމް ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، މި ކޯޓުގެ ނަންބަރު 10/SC-A/2012 ޤަޟިއްޔާއިން ބެލި މައްސަލައެވެ.
ފާހަގަކުރެވުނު ނުކުތާތައް
މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ 2004/MC/1558 ނަންބަރު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި ހައިކޯޓުގެ ނަންބަރު 340/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި މި މައްސަލައިގައި ހިމެނޭ ވަޤާއިޢުތަކަށާއި، ކަމާގުޅުންހުރި ޤާނޫނު ތަކަށާއި، ޤާނޫނީ އަދި ޝަރްޢީ މަބާދީތަކާއި އުޞޫލުތަކަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހައިކޯޓުގެ ނަންބަރު 340/HC-A/2009 ޤަޟިއްޔާގެ ޙުކުމް ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ، އިބްރާހީމް ލަޠީފުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވާކެމެވެ.
އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން މއ. އޮޅިތެރިގޭގައި ތިބި ބަޔަކު ދައްކަންޖެހޭކަމަށް ބުނާ ފައިސާ ދައްކަން އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ވާރިޘުންގެ ތެރެއިން އިބްރާހީމް ލަޠީފުގެ މައްޗަށް އެކަނި ޙުކުމް ކުރައްވާފައިވާކަމަށް ފާހަގަކުރި ނުކުތާ.
ޢަދާލަތުގެ ހަމަތަކާއި އުޞޫލުތަކަށް ރިޢާޔަތްކުރެވިފައި ނުވާކަމަށް ފާހަގަކުރި ނުކުތާ.
މއ. އޮޅިތެރިގޭގެ ޢިމާރާތާއި ބިން ވިއްކަން އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނާއި އަލްމަރްޙޫމް އަޙްމަދު ރަޝާދުއާއި ދެމެދު ކުރެވުނު މުޢާމަލާތުގެ ތެރެއިން އަލްމަރްޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ޙައްޤުނޫން (unjust enrichment) ލިބިފައިވާކަމަށް ފާހަގަކުރި ނުކުތާ.
މއ. އޮޅިތެރިގެ ވިއްކަން އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނާއި، އަލްމަރްޙޫމް މުޙައްމަދު ރަޝާދުއާއި ދެމެދު ވެފައިވާ އެއްބަސްވުން ރޫޅާލަން މެދުވެރިވި ސަބަބަކީ ދިވެހި ދައުލަތްކަމާއި، ދައުލަތުން ޢަމަލުކުޅަ ގޮތުގެ ސަބަބުން އިޖުތިމާޢީ ޢަދުލު ގެއްލިފައިވާކަމާއި، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދިނުމަށް ދައުލަތުން އިސްނަގައިގެން މައްސަލާގެ ތެރެއަށް ވަދެފައިވާކަމާއި، އެގޮތުން އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ވާރިޘުން މއ. އޮޅިތެރިގެ ދޫކޮށްފައިވަނީ އެ ގޯތީގެ ބަދަލުގައި ގޯއްޗެއް ދައުލަތުން ދޭން ހުށަހެޅުމުންކަމާއި، މިގޮތުން މާލޭ ވިލިގިނލިން އަލްމަރްޙޫމު ޢަލީ ޙަސަންމަނިކުފާނުގެ ވާރިޘުންނަށް ދައުލަތުން ދޫކުރި ގޯތީގައި ދިރިއުޅެވޭވަރު ކުރެވެންދެން އެހެން ތަނެއްގައި އުޅުމަށް ބޭނުންވާ ކުލި ދައުލަތުން ހަމަޖައްސައިދިނުމާއެކު އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ވާރިޘުން މއ. އޮޅިތެރިގެއިން ނުކުމެފައިވާ ކަމާއި، މައްސަލަ ޙައްލުވިގޮތަކީ އެއީކަން އެނގެން އޮތްހިނދު ދަށުކޯޓުން އެކަމުގެ މައްޗަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ފާހަގަކުރި ނުކުތާ.
(ށ) ދެވަނަ ކަމަކީ، މި މައްސަލާގައި ޖަވާބުދެމުން، މި މައްސަލައަކީ އިޖްރާއީގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމުގައި ނުދެކޭކަމަށް އާމިނަތު ޝާހިދާގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ، އިބްރާހީމް ލަޠީފް އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކަށް ބެލުމަށްފަހު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލުމުގެ ހުއްދަ ދިނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާތީ، އިޖްރާއީގޮތުން މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ނުގެންދެވެންވާ ސަބަބަބެއް ނެތްކަމަށް ކަނޑައަޅައި އެ ނުކުތާއަށް މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފައިޞަލާކުރެވިފައި ވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، މއ. އޮޅިތެރިގޭ އާމިނަތު ޝާހިދާގެ ފަރާތުން ސ. ފޭދޫ އަޅިވިލާގޭ އިބްރާހީމް ލަޠީފުގެ މައްޗަށް މަދަނީ ކޯޓަށް ހުށަހަޅާފައިވަނީ ސ. ފޭދޫ އަޅިވިލާގޭ އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން މއ. އޮޅިތެރިގޭގައި ތިބި ބައެއްގެ އަތުން މއ. އޮޅިތެރިގޭ އަލްމަރްޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއްކަމަށް ވުމުން، މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގެ އަޞްލަކީ މއ. އޮޅިތެރިގޭ އަލްމަރްޙޫމް މުޙައްމަދު ރަޝާދާއި ސ. ފޭދޫ އަޅިވިލާގޭ އަލްމަރްހޫމް ޢަލީ ޙަސަންމަނިކުފާނާ ދެމެދު، މއ. އޮޅިތެރިގޭ އަލްމަރްޙޫމް މުޙައްމަދު ރަޝާދުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މއ. އޮޅިތެރިގޭ ދެކުނުބައި، އެބައިގައި ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، އެބައިގެ ބިމާއި ގުޅިފައިވާ ރުއްގަހާއެކު، ޢަލީ ޙަސަންމަނިކުފާނަށް ލިބިދިނުމާއި، އަދި އޭގެ މުޤާބިލުގައި ޢަލީ ޙަސަންމަނިކުފާނު ދައްކާފައިވާ 70,000/- (ހަތްދިހަހާސް ރުފިޔާ) އަކީ، އެކެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްދީފައިވާ ބިމުގައި ހުންނަ އެ މީހެއްގެ ޢިމާރާތް އަނެކަކަކަށް ވިއްކޭގޮތް ސަރުކާރުން ހަމަޖައްސައިފިނަމަ އެ ވަގުތެއްގައި، މި ލިޔުމުގައި ބަޔާންކުރި ބިމުގައިވާ އެންމެހައި ޢިމާރާތްތަކަކީ ޢަލީ ޙަސަންމަނިކުފާނާއި، ޢަލީ ޙަސަންމަނިކުފާނުގެ ތަރިކައިގެ ވާރިޘުންނަށް، މި 70,000/- (ހަތްދިހަހާސް ރުފިޔާ) ގެ އަގަށް ވިއްކި ހަމަޖެހެންވާނެކަމަށް، އެ ދެ ފަރާތުގެ މެދުގައި އެގްރީމަންޓްކުރެވި، އެ އެގްރީމަންޓްގެ ދަށުން، އެ ދެ ފަރާތުގެ މެދުގައި އުފެދިފައިވާ ޙައްޤުތަކަކާއި، ވާޖިބުތަކަކާ ގުޅިފައިވާ މައްސަލަކަމާއި، އެ މައްސަލާގައި މުޙައްމަދު ރަޝާދު ނިޔައުވުމުގެ ކުރީގައި، އެ ދެ ފަރާތުގެ މެދުގައި މި މުޢާމަލާތާ ގުޅިގެން ޚިލާފެއް ނެތްކަމާއި، ކޮންޓްރެކްޓްގައި ހިމެނޭ ދެ ފަރާތުންކުރެ ފަރާތެއް ނިޔާވުމަކީ ޤާނޫނީގޮތުން، ކޮންމެ ކޮންޓްރެކްޓެއްވެސް ނިމުމަކަށް އަންނަ ސަބަބަކަށްވެފައި، އަދި މިގޮތުން އެއްފަރާތް ނިޔާވުމުގެ ސަބަބުން ކޮންޓްރެކްޓެއް ނިމުމަކަށް އަތުވެއްޖެނަމަ، ތަރިކައެއްގެ ގޮތުގައި ވާރުތަވެރިންނަށް ވާރުތަވެވޭ ޢައިނީ ޙައްޤެއް ފަދަ ޙައްޤެއް އޮތްނަމަ، އެ ޙައްޤެއް ވާރުތަވާނެކަމާއި، އިސްލާމީ ޝަރީޢަތުގައިވާ ގޮތުން، ކޮންޓްރެކްޓެއްގެ ސަބަބުންވިޔަސް އަދި އެނޫން ސަބަބަކުންވިޔަސް ވާރުތަވެރިންނަށް ތަރިކައިގެ ގޮތުގައި ވާރުތަ މުދަލުން ލިބޭނީ ނިޔާވި މުވައްރިޘުގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްނަމަ ދަރަނި ނުވަތަ ވަޞިއްޔަތް ޚަލާސްކޮށް ނިމި ބާކީ ހުރި އެއްޗެއްކަން އެނގެން އޮންނަ އޮތުމުގެ އިތުރަށް، މއ. އޮޅިތެރިގޭ ގޯތީގައި ގެއެއް އަޅައި އެ ގޭގައި ދިރިއުޅުމާ ބެހޭގޮތުން މުޙައްމަދު ރަޝާދު އާއި ޢަލީ ޙަސަންމަނިކުފާނާއި ދެމެދު ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން، މއ. އޮޅިތެރިގޭ ގޯތީގައި ޢިމާރާތް އަޅާފައިހުރި ބައި ޢަލީ ޙަސަންމަނިކުފާނުގެ ނަމުގައި ރަޖިސްޓަރީ ބަދަލުކުރުމަށް މާލޭ މުނިސިޕަލްޓީއިން އިޢުތިރާޟު ކޮށްފައިވުމާއެކު، ކޯޓު ނަންބަރު 4 ގެ ނަންބަރު 85/JC-4/119 ޤަޟިއްޔާގެ ޙުކުމުގައި، ޢަމަލުކުރެވޭ ޤާނޫނާ ޤަވާއިދާ އެއްގޮތަށް ކުރެވިފައިވާ އެގްރީމެންޓެއް ނޫންކަމަށް، ބަޔާންކޮށްފައި އޮތްނަމަވެސް، އެ ކޯޓުގެ އެ ޙުކުމާއި އެ ޙުކުމަށް ތާއީދުކުރި ހައިކޯޓުގެ ނަންބަރު 142/HC-A/94 ޤަޟިއްޔާގެ ޙުކުމުގައި، ތަރިކައިގެ އުޞޫލުން ވާރުތަވެރިންނަށް ބަންޑާރަ ގޯތި ބައިކުރުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުން އަންނަ ޢާންމު އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ޢަލީ ޙަސަންމަނިކުފާނު އަޅާފައި ހުރި ޢިމާރާތް ހުރިބައި މުޙައްމަދު ރަޝާދުގެ ވާރިޘުންނަށް ލިބިދެވޭނީ މުޙައްމަދު ރަޝާދުއާއި ޢަލީ ޙަސަންމަނިކުފާނުއާ ދެމެދު ކުރެވިފައިވާ އެގްރީމެންޓުން، ޢަލީ ޙަސަންމަނިކުފާނަށް ލިބޭ ޙައްޤުތަކަށް މާލީ ބަދަލުތަކެއް ދިނުމަށްފަހުގައި ކަން އެނގެން އޮތުމާއި، މި މައްސަލާގައި ކޯޓު ނަންބަރު 4 ގެ ނަންބަރު 85/JC-4/119 ޤަޟިއްޔާއާއި އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ޙުކުމްކުރި އެ ކޯޓުގެ ނަންބަރު 142/HC-A/94 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 40/HC-A/87 ޤަޟިއްޔާއާއި މި އެންމެހައި ޤަޟިއްޔާތަކުގައި ޢަލީ ޙަސަންމަނިކުފާނަށް ޙައްޤުވާ ޙައްޤުތަކެއް ކަނޑައަޅާފައި އޮތްގޮތުގެ މައްޗަށް ބަލާއިރު، މުޙައްމަދު ރަޝާދާއި ޢަލީ ޙަސަންމަނިކުފާނާއި ދެމެދު ވެފައިވާ އެގްރީމެންޓަކީ އަޞްލުން ބާޠިލު ކޮންޓްރެކްޓެއް ކަމަށް ކަނޑައެޅިފައި ވާކަމަށް ބެލެވެން ނެތްކަމާއި، މިހެނީ، އަޞްލުން ބާޠިލު ކޮންޓްރެކްޓަކީ އެއްގޮތަކަށްވެސް އޭގެ ވުޖޫދެއްނެތް ކޮންޓްރެކްޓެއް ފަދަ ކޮންޓްރެކްޓް ކަމާއި އަދި ބާޠިލު ކޮންޓްރެކްޓަކީ އޭގެ މައްޗަށް ތަރައްތުބުވާ ޙައްޤެއް ނުވަތަ އިލްތިޒާމެއް ފަދަ ނަތީޖާއެއް ނެތް ކޮންޓްރެކްޓްކަން އެނގެން އޮންނަ ކަމާއި ނަމަވެސް ކޮންޓްރެކްޓެއް ކަމުގައި ނުފުދޭ މާއްދީ ވާޤިޢާއެއްގެ މައްޗަށް ތަރައްތުބުވުން ހުއްދަވާ ނަތީޖާތަކެއް ހުންނަ މުޢާމަލާތްތަކާއި، މުޢާމަލާތުކުރުމުގައި މީހުން ހިތްހަމަޖެހި އިޠްމިއުނާން ވެފައިވާ އަދި ފެންނަފެނުމުގައި އިސްތިޤްރާރުވެފައިވާ އަދި ތެދުނިޔަތާއެކު ވެފައިވާ މުޢާމަލާތުތަކަށް އިސްތިޤްރާރުކަން ލިބުމަށްޓަކައި ރިޢާޔަތްކުރުން ލާޒިމްވާކަމެއްގެ ގޮތުގައި އެފަދަ މުޢާމަލާތުތަކަށް ޞައްޙަ ޢަޤްދެކޭ އެއްފަދައިން ޤާނޫނީ ޙިމާޔަތް ލިބިދިނުމުގެ އުޞޫލަކީ ތަފާތު ޤާނޫނީ ނިޒާމުތަކުގައްޔާއި އިސްލާމީ ޝަރީޢަތުގައި އިސްތިޤްރާރު ވެފައިވާ އުޞޫލުތަކެއްކަމާއި ނަމަވެސް މި މައްސަލާގައި މިފަދަ ޙާލަތްތަކެއްގެ މައްޗަށް ބުނެވިދިޔަ ޤަޟިއްޔާތަކުގައި ސާބިތުކޮށް ތަކްޔީފު ކުރެވިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޢަލީ ޙަސަންމަނިކުފާނު އާއި މއ. އޮޅިތެރިގޭ މުޙައްމަދު ރަޝާދު އާއި ދެމެދު ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން ޢަލީ ޙަސަންމަނިކުފާނަށް ލިބިފައިވާ ޙައްޤުތަކުގެ ތެރެއިން، ޢަލީ ޙަސަންމަނިކުފާނަށް މއ. އޮޅިތެރިގޭ ގޯތީގައި އޭނާ އަޅާފައިވާ ޢިމާރާތްތަކާއި ވަޅުފަދަތަނާއެކު އޮޅިތެރިގޭގެ އެބައި މުޙައްމަދު ރަޝާދުގެ ވާރިޘުންނަށް ލިބިދެވޭނީ ދައުލަތުގެ އިދާރީ ނިންމުމާއި ކޯޓުގެ ނިންމުމުގެ ސަބަބުން ޢަލީ ޙަސަންމަނިކުފާނަށް އުނިވެފައިވާކަމަށް ރިޢާޔަތްކުރެވިފައިވާ ޙައްޤުތަކުގެ ބަދަލެއްގެ ގޮތުގައި، ކޯޓުން ކަނޑައެޅި ބަދަލު މުޙައްމަދު ރަޝާދުގެ ވާރުތަވެރިން ދެއްކުމުންކަން އިސްވެ ބަޔާންވެދިޔަ ކޯޓު ނަންބަރު 4 ގެ ނަންބަރު 119/JC-4/85 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 94/HC-A/142 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 87/HC-A/40 ޤަޟިއްޔާއިން އެނގެން އޮންނަ އޮތުމުގެ މައްޗަށާއި، މާލޭގައި ހުންނަ މީސްމީހުންގެ އަމިއްލަ ގޯއްޗާއި ބިމާއި، މީސްމީހުންނާ ޙަވާލުކުރެވިފައި ހުންނަ ބަންޑާރަ ގޯއްޗާއި ބިމާއި މިފަދަ ތަންތަނުގައި ގޯތި ދޫކުރެވިފައިވާ ފަރާތަށް ލިބިދެވޭ ޙައްޤުތަކެއް އެހެން ފަރާތަކަށް ބަދަލުކުރުމުގެ މުޢާމަލާތުތަކާ ގުޅިގެން، އެ ތަންތަނުގެ ރަޖިސްޓަރީ ބަދަލުކުރުމާ ގުޅޭގޮތުން މާލޭގެ ކަމާބެހޭ އިދާރާއަށް / މާލޭ މުނިސިޕަލްޓީއަށް ހުށަހެޅޭ މައްސަލަތަކުގައި އެ އިދާރާއަށް ޤާނޫނީގޮތުން ލިބޭ އިޚްތިޔާރީ ބާރުގެމަތިން އެ އިދާރާއިން ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން ބައެއް ނިންމުންތަކުގެ މައްޗަށް ބަލާއިރު، ބުނެވިދިޔަ ފަދަ މުޢާމާލާތުތަކާ ގުޅިގެން ގޯތި ނުވަތަ ގޯތީގެ ބައެއް ޙަވާލުކުރުމާމެދު އިޢުތިރާޟް ކުރުމަކާނުލައި، ރަޖިސްޓަރީ ބަދަލުކޮށް ދެއްވާފައިވާ ނިންމުންތަކެއް ހުރިކަމާއި އަނެއްބައި މުޢާމަލާތުތަކާ ގުޅިގެން، ރަޖިސްޓަރީ ބަދަލުކުރުމާމެދު އިޢުތިރާޟްކޮށް ރަޖިސްޓަރީ ބަދަލު ނުކުރުމަށް ނިންމާފައިވާ ނިންމުންތަކެއް ހުރިކަމާއި، މި ނިންމުންތައް ބިނާވެފައިވަނީ އެ އިދާރާއަށް ޤާނޫނީގޮތުން ލިބިފައިވާ އިޚްތިޔާރީ ބާރުތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށްވެފައި، އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނާއި، އަލްމަރްޙޫމް މުޙައްމަދު ރަޝާދާއި ދެމެދު ކުރެވުނު އެގްރީމަންޓްގެ ދަށުން، މއ. އޮޅިތެރިގޭގައި ޢަލީ ޙަސަންމަނިކުފާނު ގެ އަޅާފައިވާ ބައި އޭނާގެ ނަމުގައި ރަޖިސްޓަރީކޮށް ދިނުމަށް، ދައުލަތުގެ ކަމާބެހޭ އިދާރާއިން، އިޢުތިރާޟްކުރުމުގެ ސަބަބުން ޢަލީ ޙަސަންމަނިކުފާނަށް ރަޖިސްޓަރީ ބަދަލުކުރުމަށް ހުރަސްއެޅިފައި އޮތުމާއި، ޢަލީ ޙަސަންމަނިކުފާނަށް އެ އެގްރީމެންޓުން ތަރައްތުބުވެފައިވާ ޙައްޤުތަކުގެ މައްޗަށް ރިޢާޔަތްކުރެވި އެ ޢިމާރާތަށް ޝަރީޢަތުން ކަނޑައަޅާފައިވާ ގޮތުގެމަތިން އަގުދައްކައިގެން މެނުވީ، އެ ގޯތީގެ އެބައި މުޙައްމަދު ރަޝާދުގެ ވާރިޘުންނާ ޙަވާލުނުކުރެވޭ ގޮތަށް ޙުކުމް އޮތުމާއި، ދައުލަތުގެ ފަރާތުން ބަދަލުގެ ގޮތުގައި ޢަލީ ޙަސަންމަނިކުފާނުގެ ވާރިޘުންނަށް މާލޭ ވިލިގިނލިން ބިމެއް ދޫކޮށްފައިވާކަމާއި އަދި އެތަން ޢިމާރާތްކުރާ މުއްދަތަށް ތަނެއް ހިފުމުގެގޮތުން ކުލި ހަމަޖައްސައި ދިނުން ބަދަލުގެ ތެރޭގައި ހިމެނިފައި އޮތްއޮތުމާއި މިކަންކަމުގެ މައްޗަށް ބަލާއިރު، ދައުލަތުން މި މައްސަލާގައި ޢަމަލުކޮށްފައިވާ ގޮތަކީ، ޢާންމު މަންފަޢަތަށްޓަކައި ޢަދަލުވެރި ބަދަލެއް ލިބިދީ، މިލްކުވެރިކަމުގެ ޙައްޤު ނެގުމުގެ ޤާޢިދާގެ މައްޗަށް ޢަމަލުކުރުންކަމާއި، ޢަލީ ޙަސަންމަނިކުފާނަށް އެ އެގްރީމަންޓްގެ ދަށުން ލިބެމުން އައި ޙައްޤުތަކަކީ އެއަށް ޤާނޫނީ ޙިމާޔަތް ދެވިފައިވާ ޙައްޤުތަކެއްކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2004/MC/1558 ޤަޟިއްޔާގައި ބަލައި ނިންމާފައިވާ އަދި ހައިކޯޓުގެ ނަންބަރު 340/HC-A/2009 ޤަޟިއްޔާއިން އެ ނިންމުމަށް ތާއީދުކޮށްފައިވާ މި މައްސަލައަކީ، މއ. އޮޅިތެރިގޭ އާމިނަތު ޝާހިދާ، އޭނާގެ ބައްޕަ މއ. އޮޅިތެރިގޭ އަލްމަރްޙޫމް އަޙްމަދު ރަޝާދުގެ ފަރާތުން ސ. ފޭދޫ އަޅިވިލާގޭ ޢަލީ ޙަސަންމަނިކުފާނަށް ދައްކަންޖެހިފައިވާ 900,000/- (ނުވަލައްކަ ރުފިޔާ)، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 40HC-A//87 ޤަޟިއްޔާގެ ޙުކުމުގައިވާ ގޮތުގެމަތިން، 07 އޭޕްރިލް 2004 ގައި އެ ފައިސާ މަދަނީ ކޯޓަށް ދައްކައި ޚަލާޞްކޮށްފައިވާ ކަމަށާއި، މަދަނީ ކޯޓުގެ ނަންބަރު 2004/MC/537 ޤަޟިއްޔާގައިވާ ގޮތަށް 07 އޭޕްރިލް 2004 މި ތާރީޚުން ފެށިގެން 15 ދުވަސް ހަމަވާ ތާރީޚް ކަމުގައިވާ 22 އޭޕްރިލް 2004 މި ދުވަހުގެ ފަހުން އިތުރު އެންމެ ދުވަހަކުވެސް އެ ޙުކުމުގެ ދަށުން، މއ. އޮޅިތެރިގޭގައި ތިބުމުގެ ޙައްޤެއް އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން ތިބި އެއްވެސް ބަޔަކަށް ލިބިގެން ނުވާކަމަށާއި، އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން ތިބި އިބްރާހީމް ލަޠީފްއާއި، އެހެން މީހުން އެގެއިން ނުނިކުމެވާ ކޮންމެ ދުވަހަކީ އަލްމަރްޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ލިބޭ ގެއްލުމެއްކަމަށް އާމިނަތު ޝާހިދާގެ ފަރާތުން ބުނެ، އެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 04 ސެޕްޓެމްބަރ 2004 އަށްވާ 177,333/33ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ / ތެއްތިރީސް ލާރި) އާއި އޭގެ ފަހަށްވެސް ނުނިކުމެވާ ދުވަސްތަކެއްގެ ފައިސާ، ސ. ފޭދޫ އަޅިވިލާގޭ އިބްރާހީމް ލަޠީފުގެ ފަރާތުން ހޯދުމަށް، އާމިނަތު ޝާހިދާގެ ފަރާތުން ދަޢުވާކުރި މައްސަލަކަމަށް ވާއިރު، ގެއްލުމުގެ ބަދަލު ހޯދަން ކުރާ ކޮންމެ ދަޢުވާއެއްގައިވެސް އަންނަނިވި ކަންތައްތައް ފުރިހަމަވެފައިވުން ޝަރުޠުވާކަން އެނގެން އޮންނައޮތުމެވެ.
(ހ) ބަދަލު ހޯދަން ދަޢުވާކުރާ ފަރާތަށް ބަދަލު ޙައްޤުވަނީ، ލިބުނު ގެއްލުމާ މަސްއޫލުވާ ފަރާތުގެ މައްޗަށް އޮތް، ކޮން ޤާނޫނީ މަސްއޫލިއްޔަތަކާ ޚިލާފުވުމުން ލިބިފައިވާ ކޮން ގެއްލުމެއްގެ ބަދަލުކަމާއި އަދި އެ ޤާނޫނީ މަސްއޫލިއްޔަތަކީ މަދަނީ މަސްއޫލިއްޔަތެއްކަން ނުވަތަ ޖިނާއީ މަސްއޫލިއްޔަތެއްކަން ނުވަތަ އިދާރީ މަސްއޫލިއްޔަތެއްކަން އަދި މަދަނީ މަސްއޫލިއްޔަތެއްނަމަ އެއީ ޢަޤްދީ މަސްއޫލިއްޔަތެއްކަން (Contractual responsibility) ނުވަތަ ތަޤްޞީރީ މަސްއޫލިއްޔަތެއްކަން(Delictual responsibility) ދަޢުވާގައި ކަނޑައަޅައި ސާބިތުކުރަން ވާނެކަމާއި، އެގޮތުން، "ޚަޠައު" އެއް ނުވަތަ ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ ތަޤްޞީރީ މަސްއޫލިއްޔަތުގެ ޢާންމު ޤާޢިދާއަކީ ގެއްލުމެއް މެދުވެރިކުރާ ކޮންމެ "ޚަޠައު" އަކީ ބަދަލުދޭންޖެހޭ "ޚަޠައު" އެއް ކަމަށް ލެޓިން ކޮޑިފިކޭޝަންތަކުގައި އޮންނަ ޢާންމު ޤާޢިދާކަމާއި އަދި އިސްލާމީ ޝަރީޢަތުގައި "ލާ ޟަރަރަ ވަލާ ލިޟާރަ" "ވައްޟަރަރު ޔުޒާލު" "ޟަމާނުލް މުތްލަފާތި" ފަދަ ޝަރްޢީ އަޞްލުތަކުގެ މައްޗަށް ބިނާވެފައިވާ ޤާޢިދާ ކަމުގައިވާ، ގެއްލުން މެދުވެރިކުރާ ފަރާތް ގެއްލުމާ ޟާމިން ވާންޖެހޭނެކަމަށް އޮންނަ ޤާޢިދާކަމާއި، އިނގިރޭސި ޓޯރޓްސްގެ ޤާނޫނުތަކުގައި ތަފްޞީލުކޮށް ޓޯރޓްސްގެ އެޕްލިކޭޝަންތައް ބަޔާންކުރިކަމުގައި ވިޔަސް، އިނގިރޭސި ޓޯރޓްސްގެ ޙާލަތުތަކުގެ މައްޗަށް ބަލާއިރު، ޓޯރޓްސްގެ ރުކުންތައް ކަނޑައެޅުމުގައި، ބުނެވިދިޔަ އެހެނިހެން ޤާނޫނީ ނިޒާމުތަކާއި އަސާސީ ތަފާތުތަކެއް ނުހުންނަކަން އެނގެން އޮންނަކަމާއި އެގޮތުން، ތަޤްޞީރީ މަސްއޫލިއްޔަތުގެ އަސާސީ ރުކުންތަކަކީ، 1. ޝަރްޢިއްޔަތެއް ނެތް ޢަމަލު (ޚަޠައު / Fault)، 2. ގެއްލުން (ޟަރަރު / Damage)، 3. ކުރި "ޚަޠައު" ގެ ޢަމަލާއި ލިބުނު ގެއްލުމާ ދެމެދު ގުޅިފައިވާ ސަބަބީ ގުޅުން (Causal link)އާ ތިން ރުކުންކަމާއި މި ރުކުންތަކުގެ ތެރެއިން "ޚަޠައު" އަކީ ލިބުނު ގެއްލުމާ މަސްއޫލުވާ ފަރާތުގެ ޝަރްޢިއްޔަތެއް ނެތް ޢަމަލުކަމަށް ވެފައި، ގެއްލުމާ މަސްއޫލުވާ ފަރާތް "ޚަޠައު" ގެ ޢަމަލެއް ކުރިކަމާއި "ޚަޠައު" ގެ އެ ޢަމަލުގެ ސަބަބުން ގެއްލުން ލިބުނުކަމާއި، ގެއްލުން ލިބުނީ ގެއްލުމާ މަސްއޫލުވާ ފަރާތުގެ ޢަމަލުގެ ސަބަބުންކަމާއި، މި ތިން ރުކުން ސާބިތުވުމަކާ ނުލައި ތަޤްޞީރީ މަސްއޫލިއްޔަތެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ދަޢުވާ ސާބިތުނުކުރެވޭ ކަމާއި، މި ތިން ރުކުން ސާބިތުވުމުން ބަދަލު ލިބުމުގެ ޙައްޤު ފެށެނީ ގެއްލުން ލިބުނު ފަރާތަށް ގެއްލުން ލިބުނުކަން ސާބިތުވާ ވަޤުތުން ފެށިގެންކަމާއި، ބަދަލުގެ މިންވަރު އަގުކުރެވެނީ ނަގުދު ފައިސާއިން ކަމަށްވާނަމަ، ފުރަތަމަ އަގުކުރަންވާނީ ލިބިފައިވާ ސީދާ ގެއްލުމުގެ މިންވަރުކަމާއި ސީދާ ގެއްލުމުގައި ހިމެނެނީ ގެއްލުންވި ފަރާތަށް ލިބުނު ގެއްލުމާއި (Damnum emergens)، ގެއްލުނު ނަފްޢު ނުވަތަ އާމްދަނީ (lucrum cessans) ކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ތަޤްޞީރީ މަސްއޫލިއްޔަތުގެ މައްސަލަތަކުގައި ގެއްލުން ލިބުނުފަރާތް އެއީ ޠަބީޢީ މީހެއްކަމުގައި ވިޔަސް ނުވަތަ ޤާނޫނީ އެނޫން ޝަޚްޞެއް ކަމުގައިވިޔަސް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތަކީ ގެއްލުން ލިބުނު ފަރާތްކަމުގައި ވާންވާނެ ކަމާއި އަދި ދަޢުވާލިބޭ ފަރާތަކީ ގެއްލުމާ މަސްއޫލުވާ ޝަޚްޞްކަމުގައި ވާންވާނެކަމާއި، އަދި ދަޢުވާއަކީ ދަޢުވާލިބޭ ފަރާތުގެ "ޚަޠައު" ގެ ޢަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާކަމުގައި ވާންވާނެ ކަމާއި، އަދި ތަރިކައިގެ މައްސަލައެއް ފަދަ ދަޢުވާކުރުމުގެ ޙައްޤު އޮތް ގިނަ ފަރާތްތަކެއް ހިމެނޭ މައްސަލައެއްގައި، އެކަކު އިސްނަގައިގެން ދަޢުވާ ހުށަހެޅި ކަމުގައިވިޔަސް ދެންތިބި ފަރާތްތަކުގެ ބަސް ހޯދައިގެން ކޯޓުން މައްސަލަ ކުރިއަށް ގެންދަންވާނެ ކަމާއި، ކުޑަކުއްޖަކަށް ވުމުން، ނުވަތަ ޙަޖްރުކުރެވިފައިވުން ފަދަ ދަޢުވާކުރުމާއި ދަޢުވާލިބުމުގެ އަހްލިއްޔަތު ނެތިގެންދާ ޙާލަތްތަކުގައި، އެފަދަ ފަރާތްތަކުގެ ބަދަލުގައި ޝަރްޢީ ބަލަދުވެރިޔާ (ވަލިއްޔުލް އަމްރު) އަށް ބަދަލުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބުމުގެ ޙައްޤު ލިބިދޭ އިސްތިސްނާ ޙާލަތްތައް ފިޔަވައި، ދަޢުވާ ކުރަންވާނީ ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތްކަމާއި، ދަޢުވާއެއްގައި އެއްވެސް ފަރާތެއްގެ ބަދަލުގައި ކޯޓަށް ހާޒިރުވެ، ޝަރީޢަތުގެ މަޖިލީހުގައި އެއްވެސް ފަރާތަކަށް އަނެއް ފަރާތެއް ތަމްޘީލުކުރެވޭނީ ކަނޑައެޅިފައިވާ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން، ޕަވަރ އޮފް އެޓަރނީ (ތައުކީލު) އެއްގެ ދަށުން އެ ފަރާތެއް ތަމްޘީލުކުރުމުގެ ހުއްދަ ކޯޓުން ދީގެންކަމާއި، މި އިޖްރާއާތު ފުރިހަމަ ކުރުމަކާނުލައި، އެއްވެސް ފަރާތަކަށް އަނެއްފަރާތެއް ކޯޓުގައި ތަމްޘީލު ނުކުރެވޭނެ ކަމާއި، މި އެންމެހައި ކަންތައްތަކަކީ ޝަކްލީ ((Formality އަދި އިޖުރާއީ ގޮތުންނާއި މައުޟޫޢީ ގޮތުން ދަޢުވާ ޞައްހަވުމުގެ އަސާސީ ޝަރްޠުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމާއި، ލިބުނު ގެއްލުމާ މަސްއޫލުވާ ގިނަ ބަޔަކު ހިމެނޭ މައްސަލައެއްގައި، ހުރިހައި ފަރާތްތައް ޒިންމާވާ ބަދަލުގެ ޖުމުލަ ޢަދަދު ދެއްކުމަށް އެ ކަމުގައި ޖާމިންވެ ޒިންމާވެގެން ނެތް ފަރާތެއްގެ މައްޗަށް އެ ފަރާތުގެ ނުޤަބޫލުގައި ޙުކުމް ކުރެވިގެން ނުވާނެކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު1558/MC/2004 ޤަޟިއްޔާގައި އާމިނަތު ޝާހިދާ ކޮށްފައިވާ ދަޢުވާއަކީ އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން މއ. އޮޅިތެރިގޭގައި ތިބި ބައެއްގެ އަތުން ބަދަލު ހޯދުމުގެ ދަޢުވާކަމަށް ވާއިރު، މަސްއޫލިއްޔަތުގެ ދަޢުވާއަކީ އިބްރާހީމް ލަޠީފުގެ މައްޗަށް ބަޔާންވެދިޔަ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅިފައިވާ ދަޢުވާއަކަށްވެފައި ނުވުމާއި، އާމިނަތު ޝާހިދާ ދަޢުވާ ކޮށްފައިވަނީ އޭނާގެ ބައްޕަގެ ވާރިޘުންގެ ފަރާތުންކަމަށް އޮތްއިރު، އާމިނަތު ޝާހިދާ ނޫން އެހެން މީހަކު މި ދަޢުވާ ކުރުމުގައި ދަޢުވާގެ ޝަކްލިއްޔާތާއި (Formalities) އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ބައިވެރިވެފައިވާ ދަޢުވާއެއް ނޫންކަން ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި، ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން މއ. އޮޅިތެރިގޭގައި ތިބި އޭނާގެ ތަރިކައިގެ ވާރިޘުންގެ ތެރޭގައި ހިމެނެނީ، އިބްރާހީމް ލަޠީފް އެކަނި ނޫންކަމާއި އަދި މިގޮތަށް ދަޢުވާ ހުށަހެޅިފައިވުމުން، ދަޢުވާގެ ސަބަބާއި ދަޢުވާގެ މައުޟޫއާއި ދަޢުވާ ލިބޭފަރާތާއި ދިމާނުވުމުގެ ސަބަބުން ދަޢުވާގެ ޝަކްލިއްޔާތާއި އިޖްރާއާތު ފުރިހަމަވެފައިވާ ދަޢުވާއެއްކަމުގައި އެ ދަޢުވާ ބެލެވެން ނެތުމާއި، މަދަނީ ކޯޓުގެ ނަންބަރު 1558/MC/2004 ޤަޟިއްޔާއިން ބަލައި ނިންމި މައްސަލައިގެ ދަޢުވާގައި، ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން ތިބި ބައެއްގެ ފަރާތުން ހޯދަން ބޭނުންވާ ބަދަލަކީ އިބްރާހީމް ލަޠީފުގެ އަތުން ހޯދަން ބޭނުންވާ ބަދަލެއްކަމަށް އޮތީ ޤާނޫނީ އަދި ޝަރްޢީ ކޮން އަސާސެއްގެ މައްޗަށްކަން ސާބިތުކުރުމެއްނެތި ބަދަލުގެ ޖުމުލަ ޢަދަދުކަމަށް ޢަދަދެއް ކަނޑައަޅައި، އެ ޢަދަދަކީ ޢަލީ ޙަސަންމަނިކުފާނުގެ ދެ ވާރިޘުންގެ ތެރެއިން، އެއް ވާރިޘަކު ކަމުގައިވާ އިބްރާހީމް ލަޠީފް ދައްކަންޖެހޭ ޢަދަދު ކަމުގައި ނިންމާފައިވަނީ ދަޢުވާގެ ރުކުންތަކާއި ތަޤްޞީރީ މަސްއޫލިއްޔަތުގެ ރުކުންތަކާއި ލިބުނުގެއްލުމުގެ ޢުންޞުރުތައް ކަނޑައަޅަންޖެހޭ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުމަކާ ނުލައިކަން އެނގެން އޮންނަ އޮތުމެވެ.
(ކ) ހަތްވަނަ ކަމަކީ، ތަޤްޞީރީ މަސްއޫލިއްޔަތުގެ މައްސަލަތަކުގައި ޙުކުމް ކުރާއިރު، ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަން ކުރުމަކީ ވަޤާއިޢު Facts)) ވަޒަންކުރުމުގެ ތެރޭގައި ހިމެނޭ އަދި މައްސަލަ ބަލާ ފަނޑިޔާރު (ޤާޟީ) ގެ އިޚްތިޔާރީ ބާރުގެ ތެރޭގައި ހިމެނޭކަމެއްކަމާއި، ނަމަވެސް ބަދަލުގެ ހިސާބުގެ ތެރެއަށް ވަންނަ ގެއްލުމުގެ ޢުންޞުރުތައް ކަނޑައެޅުމަކީ ޝަރްޢީ އަދި ޤާނޫނީގޮތުން ޙުކުމުގެ ޞައްޙަކަން އެ އަސާސްތަކެއްގެ މައްޗަށް ބިނާވާ އަސާސްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމާއި، އެހެންކަމުން ދަޢުވާގައި ހިމެނޭ ޑޮކިޔުމަންޓްތަކާއި ލިޔުންތަކާއި ހެކިތަކާއި ދަލީލުތަކާއި ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް، ލިބުނު ގެއްލުން އެ ޢުންޞުރުތަކެއްގެ މައްޗަށް އެކުލެވިގެންވާ ޢުންޞުރުތައް ކަނޑައަޅަން ވާނެކަމާއި، އަދި ޙުކުމް ބިނާކުރި ސަބަބުތަކުގެ ތެރޭގައި މި ކަންކަން ބަޔާންކުރަންވާނެ ކަމާއި، ލިބިދެވޭ ބަދަލުގެ މިންވަރަކީ ގެއްލުމުގެ މިންވަރަށްވުރެ ކުޑަނޫން އަދި ލިބުނު ގެއްލުމަށް ވުރެ ބޮޑުނޫން (Compensation is neither less nor greater than the loss) ބަދަލުގެ މިންވަރެއްކަން އެނގޭގޮތަށް ސަބަބާއެކު ބަޔާންކުރަން ވާނެކަމާއި، ބަދަލު ހޯދަން އެދޭ ފަރާތުން އެދިފައިވާ މިންވަރަށްވުރެ މައްޗަށް ބަދަލުގެ މިންވަރު ކަނޑައެޅުމަކީ ދަޢުވާކުރާ ފަރާތުން ދަޢުވާގައި އެދިފައިނުވާ ކަމަކަށް ޙުކުމް ކުރުންކަމަށް ވާނެކަމާއި، އަދި ލިބުނު ގެއްލުމުގެ ޢުންޞުރުތައް ކަނޑަނާޅައި ހަމައެކަނި އަގުކުރާ ކޮމިޓީއެއް ފަދަ ފަރާތެއްގެ އަގުކުރުމުގެ މައްޗަށް ނުވަތަ އެނޫންވެސް ފަނޑިޔާރު ބަރޯސާކުރި މިންގަޑެއްގެ މައްޗަށް ބަދަލުގެ މިންވަރު ކަނޑައަޅައި، ޖުމުލަ ބަދަލުގެ މިންވަރު ބަޔާންކޮށް ޙުކުމްކުރުމަކީ، ޙުކުމް ޤާނޫނީ ގޮތުން ޢައިބުވާ ބާވަތުގެ ކަންތައްތަކެއްކަން އެނގެން އޮންނަ އޮތުމެވެ.
(އ) އަށްވަނަ ކަމަކީ، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާތަކުގައި ކޯޓު މެދުވެރިވެގެން ބަދަލު ލިބިދެވޭ ގޮތް (Judicial remedies) ތަކުގެ މައްޗަށް ބަލާއިރު، އަންނަނިވި ގޮތްތަކަކީ (Forms of compensation) ބަދަލު ހަމަޖެއްސުމަށް ކޯޓުތަކުން ކަނޑައަޅާ ގޮތްތައްކަން އެނގެން އޮންނަ އޮތުމެވެ.
ލިބުނު ގެއްލުން އިޞްލާޙު ކުރުމަށާއި ގެއްލުމެއް ލިބުމުގެ ކުރީގެ ޙާލަތަށް ގެނައުމަށް ގެއްލުމާ ޒިންމާވާ ފަރާތުގެ މައްޗަށް ތަންފީޒު ޢައިނީގެ އަމުރެއް ނުވަތަ ޙުކުމެއް ކުރުން.
ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އަދި އެކަމުގެ އިޞްލާހެއްގެ ގޮތުން ވަކިކަމެއް ކުރުމަށް ގެއްލުމުގެ ޒިންމާވާ ފަރާތުގެ މައްޗަށް ކޯޓުން ޙުކުމް ކަނޑައެޅުން ނުވަތަ އަމުރު ނެރުން.
ނަގުދު ފައިސާއިން ބަދަލު ލިބިދިނުން.
އިސްވެ ބަޔާންކުރެވުނު ފުރަތަމަ ނަންބަރާއި ދެވަނަ ނަންބަރުގައިވާ ގޮތުގެމަތިން ހަމަޖައްސާ ބަދަލު (Compensation in kind or specific performance) އަކީ ލިބުނު ގެއްލުމާ އެކަށީގެންވާ ކާފީ ބަދަލެއްކަމަށް ކަނޑައެޅިދާނެ ކަމާއި ނަމަވެސް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދެވޭ އެންމެ ޢާންމުގޮތަކީ ނަގުދު ފައިސާ (Compensation in money) އިން ބަދަލު ލިބިދިނުމަށް ކަނޑައެޅުން ކަމާއި މިގޮތުން، މާއްދީ ގެއްލުމާއި މަޢުނަވީ ގެއްލުމާއި ދެ ގެއްލުމުގެ ބަދަލުވެސް ނަގުދު ފައިސާއިން އަގުކުރެވިދާނެ ކަމާއި، ބަދަލު ނަގައި ދިނުމުގެ މި ގޮތްތަކަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކުގައި އިސްތިޤްރާރުވެފައިވާ އުޞޫލުތަކެއް ކަމާއި، މިގޮތުން އަގުކުރުމުގައި ގެއްލުމެއް ލިބިފައިވަނީ އަދި އާމްދަނީއެއް ނުވަތަ މަންފާއެއް ގެއްލިފައިވަނީ ގެއްލުން މެދުވެރިކުރި ފަރާތުގެ ޚަޠައުގެ ނަތީޖާއިންކަން ސާބިތުވާން ޖެހޭކަން އެނގެން އޮންނަ އޮތުމެވެ.
(ވ) ނުވަވަނަ ކަމަކީ، ކޯޓު ނަންބަރު 4 ގެ ނަންބަރު 85JC-4//119 ޤަޟިއްޔާއާއި އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ޙުކުމް ކުރި އެ ކޯޓުގެ ނަންބަރު 94/HC-A/142 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 40HC-A//87 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން، އެ ޤަޟިއްޔާތަކުގައި މި ދެ ފަރާތުގެ މެދުގައި އުފެދުނު މައްސަލަތަކުގެ ތެރޭގައި، ޢަލީ ޙަސަންމަނިކުފާނަށް މުޙައްމަދު ރަޝާދުގެ ވާރިޘުންގެ ފަރާތުން ދިނުމަށް ޝަރީޢަތުން ކަނޑައަޅާފައިވާ މާލީ ބަދަލު ލިބިދިނުމުގެ އިލްތިޒާމް 07 އޭޕްރިލް 2004 ގައި ނިމިފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 7/1985 ސާބިތު ދަރަނީގެ ޗިޓުން އެނގެން އޮތުމާއި އަދި، އިބްރާހީމް ލަޠީފާއި އެގޭ ޠާހިރާ ޢަލީމަނިކުފާނުގެ މައްޗަށް ދަޢުވާ ލިބޭގޮތަށް ހުށަހެޅުނު މަދަނީ ކޯޓުގެ ނަންބަރު 2004//MC537 ޤަޟިއްޔާގެ ޙުކުމުގައި "މއ. އޮޅިތެރިގޭގައި ތިބި ޢަލީ ޙަސަންމަނިކުފާނުގެ ދަރި އިބްރާހީމް ލަޠީފާއި އިބްރާހީމް ލަޠީފުގެ ފަރާތުން އެގޭގައި ތިބި އެންމެހައި މީހުން 10 ޖޫން 2004 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި މއ. އޮޅިތެރިގެއިން ނުކުތުމަށާއި، މއ. އޮޅިތެރިގޭގައި އިބްރާހީމް ލަޠީފްއާއި، އިބްރާހީމް ލަޠީފުގެ ފަރާތުން ތިބި އެންމެހައި މީހުންގެ މުދަލާއި ތަކެތި އެ މުއްދަތުގެ ތެރޭގައި މއ. އޮޅިތެރިގެއިން ނެރެ، އެތަން އަޙްމަދު ރަޝާދުގެ ވާރިޘުންނާ ޙަވާލުކުރުމަށް" އަންގައި ޙުކުމްކުރުމުން، އިބްރާހީމް ލަޠީފުގެ ފަރާތުން އެ ޙުކުމް އިސްތިއުނާފު ކުރިކަމާއި ހައިކޯޓުގެ ނަންބަރު 2004/HC-A/88 ޤަޟިއްޔާގައި އެ ޙުކުމަށް ތާއީދުކޮށްފައިވާ ކަމާއި، މަދަނީ ކޯޓުގެ ނަންބަރު 537/MC/2004 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ޢަމަލުނުކޮށްގެން، 04 (ހަތަރެއް) މަސް ދުވަހުގެ މުއްދަތަށް އިބްރާހީމް ލަޠީފް އަރުވާލުމަށް ޙުކުމްކޮށް، މަދަނީ ކޯޓުގެ ނަންބަރު 537/MC/2004 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އިބްރާހީމް ލަޠީފުގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 1557/MC/2004 ޤަޟިއްޔާގައި އަމުރުކޮށްފައިވާ ކަމާއި، ޙުކުމް ތަންފީޒުކުރުމާ ބެހޭގޮތުން އުފެދުނު މައްސަލަތަކާ ގުޅިގެން، ވ. އީދިގަލިގެ (425 ނަންބަރ) އެވެކިޔާ ގޯއްޗަކީ އިޖްތިމާޢީ ޢަދާލަތު ނުލިބުމުގެ ސަބަބުން ގޯތި ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް ބަދަލު ދިނުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްއިން ފޮނުވި އެ މިނިސްޓްރީގެ ނަންބަރު 53/2007/99/-C138 (26 އެޕްރީލް 2007) ސިޓީއާ ގުޅިގެން، ސ. ފޭދޫ އަޅިވިލާގޭ އިބްރާހީމް ލަޠީފާއި، މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު، ޠާހިރާ ޢަލީމަނިކުފާނަށް 20 މެއި 2007 ގައި މާލޭ މުނިސިޕަލްޓީއިން 1400 (ސާދަ ސަތޭކަ) އަކަފޫޓު ބަންޑާރަ ގޯއްޗެއް ދިނުމަށް ހަމަޖައްސައި، އެ ގޯތި 13 އޯގަސްޓް 2007 ގައި ފުރަތަމަ ރަޖިސްޓަރީ ހަދާދީފައިވާ ކަމާއި، އަދި އެ ގޯތީގައި އުޅެވެންދެން ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކުލި ދައުލަތުން ހަމަޖެއްސިކަން މި މައްސަލާގައި ހިމެނޭ ލިޔެކިޔުންތަކުން އެނގޭކަމާއި، 18 މެއި 2008 ގައި ނިންމާފައިވާ މަދަނީ ކޯޓުގެ ނަންބަރު 74/MC/2005 ޤަޟިއްޔާގައި ހައިކޯޓުގެ ނަންބަރު 87/HC-A/40 ޤަޟިއްޔާގެ ޙުކުމް ތަންފީޛުވެ ނިމިފައިވާކަމަށް ކަނޑައަޅާފައިވާކަމާއި، އިބްރާހީމް ލަޠީފުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް މަދަނީ ކޯޓަށް ހުށަހަޅައިގެން އެ ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 1558/MC/2004 ޤަޟިއްޔާގެ މި މައްސަލަ އާމިނަތު ޝާހިދާ މަދަނީ ކޯޓަށް ހުށަހަޅާފައިވަނީ، އާމިނަތު ޝާހިދާ 11 ޖެނުއަރީ 2005 ގައި މަދަނީ ކޯޓަށް ހުށަހަޅާފައިވާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގައި، މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 74/MC/2005 ޤަޟިއްޔާއިން ޙުކުމް ކުރުމުގެ ކުރީގައި ކަމާއި، މަދަނީ ކޯޓުގެ ނަންބަރު 1558/MC/2004 ޤަޟިއްޔާގައި ހޯދަން އެދޭ ބަދަލުގެ ގޮތުގައި އާމިނަތު ޝާހިދާ ހުށަހަޅާފައިވާ ޢަދަދަކީ 04 ސެޕްޓެމްބަރ 2004 އަށްވާ 177,333/33ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިން ސަތޭކަ ތެއްތިރީސް ރުފިޔާ / ތެއްތިރީސް ލާރި) އާއި، އަދި އޭގެ ފަހުންވެސް ނުނިކުމެވާ ދުވަސްތަކަށްވާ ފައިސާކަން އެނގެން އޮންނަ އޮތުމުގެ އިތުރަށް، ހައިކޯޓުގެ ނަންބަރު 40HC-A//87 ޤަޟިއްޔާގައި ޢަލީ ޙަސަންމަނިކުފާނުގެ އަތުން މއ. އޮޅިތެރިގޭގައި ކޮށްފައިވާ ޢިމާރާތަށް ޚަރަދުވެފައިވަނީ 970,000/- )ނުވަލައްކަ ހަތްދިހަހާސް ރުފިޔާ) ކަމަށާއި 29 ޑިސެމްބަރ 1987 ގެ ނިޔަލަށް މި މުޢާމަލާތް ދެމިއޮތް 86 މަސް ދުވަހުގެ ތެރޭގައި ޢަލީ ޙަސަން މަނިކުފާނަށް ލިބިލައްވާފައިވާ މަންފާގެ މިންވަރަކީ 970,000/- )ނުވަލައްކަ ހަތްދިހަހާސް ރުފިޔާ (އިން 86,000/- (އަށްޑިހަ ހަހާސް ރުފިޔާ) ކެނޑުމުން ބާކީ އޮންނަ 884,000/- (އަށްލައްކަ އަށްޑިހަ ހަތަރުހާސް ރުފިޔާ) އަކީ 29 ޑިސެމްބަރ 1987 ގެ ނިޔަލަށް، މި މުޢާމަލާތުގެ ސަބަބުން ޢަލީ ޙަސަންމަނިކުފާނަށް އަޙްމަދު ރަޝާދު ދޭންޖެހޭ މިންވަރުކަމަށާއި، މި 884,000/- (އަށްލައްކަ އަށްޑިހަ ހަތަރު ހާސް ރުފިޔާ) ޢަލީ ޙަސަންމަނިކުފާނަށް އަޙްމަދު ރަޝާދު ދިނުމުން ފައިސާ ދޭތާ 15 ދުވަހުގެ ތެރޭގައި ޢަލީ ޙަސަންމަނިކުފާނާއި އެ ޢިމާރާތުގައި އޭނާ ބައިތިއްބާފައިވާ މީހުން އެ ޢިމާރާތުން ނުކުތުމަށާއި 29 ޑިސެމްބަރ 1987 ދުވަހަށް ފަހު މިކަން ހަމަނުޖެހި އޮވެ، އިތުރުވާ ކޮންމެ މަހަކަށް އަޙްމަދު ރަޝާދު ދޭންޖެހޭ ފައިސާއިން 1000/- (އެއްހާސް ރުފިޔާ) ކެނޑޭނެކަމަށް ކޮށްފައިވާ ޙުކުމުގެ މައްޗަށް ބެލުމުން، ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން އެގޭގައި ތިބި ތިބުމުގެ މަންފާގެ މިންވަރު އަގުކޮށްފައިވާ މިންވަރަކީ މަހަކަށް ) 1000/-އެއްހާސް ރުފިޔާ( ގެ ޢަދަދުންކަން އެނގެން އޮތްއިރު،40,000/- )ސާޅީސް ހާސް ރުފިޔާ( ގެ ރޭޓުން 1,513,333/33ރ. (ފަނަރަ ލައްކަ ތޭރަހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ / ތެއްތިރީސް ލާރި) ކަމަށް މަދަނީ ކޯޓުގެ ނަންބަރު 1558/MC/2004 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، މައްސަލައިގައި ކަންހިނގާފައިވާ ގޮތްތަކުގެ ޙަޤީޤަތްތަކާއި މައްސަލައިގެ ހިމެނޭ ލިޔުންތަކަށާއި ހެކިތަކާއި ދަލީލުތަކާއި ވަޤާއިޢުތަކާއި މި މައްސަލައާ ގުޅިފައިވާ އެހެނިހެން ޤަޟިއްޔާތަކުގެ ނިންމުންތަކާއި، މި އެންމެހައި އަސާސްތަކާއި ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ބަދަލުގެ ހިސާބުގެ ތެރެއަށް ވަންނަ ގެއްލުންތަކުގެ އުންޞުރުތައް ކަނޑައަޅައިގެން ނޫންކަމާއި، އަދި ގެއްލުމާ މަސްއޫލުވާ ފަރާތުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާގެ އުޞޫލާ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން، ދަޢުވާގެ ރުކުންތައް ކަނޑައަޅައިގެން ނޫންކަން ފާހަގަކުރެވޭކަމެވެ.
ޙުކުމް:
އިސްވެދިޔަ ސަބަބުތައް އެހެން ހުރުމުން، ތަޤްޞީރީ މަސްއޫލިއްޔަތުގެ ދަޢުވާއެއްގެ ސަބަބު ކަމުގައި ވާންވާނީ ދަޢުވާ ލިބޭފަރާތުން، ދަޢުވާކުރާ ފަރާތުގެ މަޝްރޫޢު މަޞްލަޙަތަކާ ޚިލާފަށް ދަޢުވާލިބޭ ފަރާތް ކޮށްފައިވާ ޝަރްޢިއްޔަތެއް ނެތް ޢަމަލުކަމާއި ދަޢުވާގެ މައުޟޫޢުކަމުގައި ވާންވާނީ ދަޢުވާލިބޭ ފަރާތުގެ ޝަރްޢިއްޔަތެއް ނެތް ޢަމަލުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބުނު ގެއްލުމަށް ބަދަލު ހޯދުންކަމާއި ޤަސްދުގައި ނުވަތަ އިހްމާލުން ކުރި ޢަމަލަކުން މެދުވެރިވި ގެއްލުމެއް ނެތި ތަޤްޞީރީ މަސްއޫލިއްޔަތެއް ނޯންނާނެ ކަމާއި އަދި މިފަދަ ގެއްލުމެއްގެ ބަދަލު ދިނުމުގެ މައްސަލައެއް ނުއުފެދޭނެތީ އާއި ލިބުނު ގެއްލުމާ މަސްއޫލުވާ ގިނަ ބަޔަކު ހިމެނޭކަމަށް އޮތް މައްސަލައެއްގައި ހުރިހައި ފަރާތްތައް ޒިންމާވާ ބަދަލުގެ ޖުމުލަ ޢަދަދާ ޝަރްޢީ ހަމަތަކުގެ މަތިން ޒިންމާވެ ޖާމިނުވެގެން ނެތް ފަރާތެއް ޒިންމާ ނުކުރެވޭނެތީ އާއި، މަދަނީ ކޯޓުގެ ނަންބަރު1558/MC/2004 ޤަޟިއްޔާގައި އާމިނަތު ޝާހިދާ ކޮށްފައިވާ ދަޢުވާއަކީ ސ.ފޭދޫ އަޅިވިލާގޭ އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން މއ. އޮޅިތެރިގޭގައި ތިބި ސ. ފޭދޫ އަޅިވިލާގޭ އިބްރާހީމް ލަޠީފް އާއި އެހެން މީހުން އެ ގެއިން ނުނިކުމެވާ ކޮންމެ ދުވަހަކަށް، އަލްމަރްޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ގެއްލުން ލިބުނުކަމަށް ބުނެ، އިބްރާހީމް ލަޠީފުގެ އަތުން ބަދަލު ހޯދުމުގެ ދަޢުވާ ކަމަށްވާއިރު، މި ދަޢުވާ އިބްރާހީމް ލަޠީފުގެ މައްޗަށް ކޮށްފައިވަނީ ގެއްލުމާ މަސްއޫލުވާ ފަރާތުގެ މައްޗަށް މަސްއޫލިއްޔަތުގެ ދަޢުވާކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަމަށްވާތީ އާއި، އާމިނަތު ޝާހިދާ ދަޢުވާ ކޮށްފައިވަނީ އޭނާގެ ބައްޕަގެ ވާރިޘުންގެ ފަރާތުން ކަމަށް އޮތްއިރު، އާމިނަތު ޝާހިދާ ނޫން އެހެން މީހަކު މި ދަޢުވާކުރުމުގައި ދަޢުވާގެ ޝަކްލިއްޔާތާއި އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ބައިވެރިވެފައިވާ ދަޢުވާއެއް ނޫންކަން ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭތީއާއި، ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން މއ. އޮޅިތެރިގޭގައި ތިބި އޭނާގެ ތަރިކައިގެ ވާރިޘުންގެ ތެރޭގައި ހިމެނެނީ އިބްރާހީމް ލަޠީފް އެކަނި ނޫންކަމާއި އަދި މިގޮތަށް ދަޢުވާ ހުށަހެޅިފައިވުމުން ދަޢުވާގެ ސަބަބާއި ދަޢުވާގެ މައުޟޫޢާއި ދަޢުވާ ލިބޭފަރާތާއި ދިމާނުވުމުގެ ސަބަބުން ދަޢުވާގެ ޝަކްލިއްޔާތާއި އިޖްރާއާތު ފުރިހަމަވެފައިވާ ދަޢުވާއެއްކަމުގައި ބެލެވެން ނެތަތީ އާއި މަދަނީ ކޯޓުގެ ނަންބަރު 1558/MC/2004 ޤަޟިއްޔާއިން ބަލައި ނިންމި މައްސަލައިގެ ދަޢުވާގައި، ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން ތިބި ބައެއްގެ ފަރާތުން ހޯދަން ބޭނުންވާ ބަދަލަކީ އިބްރާހީމް ލަޠީފުގެ އަތުން ހޯދަން ބޭނުންވާ ބަދަލެއްކަމަށް އޮތީ، ޤާނޫނީ އަދި ޝަރްޢީ ޞައްޙަ އަސާސެއްގެ މައްޗަށްކަން ސާބިތުކުރެވިފައި ނުވާތީ އާއި، ބަދަލުގެ ޖުމުލަ ޢަދަދުކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ ޢަލީ ޙަސަންމަނިކުފާނުގެ ދެ ވާރިޘުންގެ ތެރެއިން، އެއް ވާރިޘަކު ކަމުގައިވާ އިބްރާހީމް ލަޠީފް ދައްކަންޖެހޭ ޢަދަދު ކަމުގައި ނިންމާފައިވަނީ ދަޢުވާގެ ރުކުންތަކާއި ތަޤްޞީރީ މަސްއޫލިއްޔަތުގެ ރުކުންތަކާއި، ބަދަލުގެ ހިސާބުގެ ތެރެއަށް ވަންނަ ގެއްލުމުގެ ޢުންޞުރުތައް ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުމަކާ ނުލައި ކަމުގައިވާތީ މަދަނީ ކޯޓުގެ ނަންބަރު1558/MC/2004 ޤަޟިއްޔާއާއި އެ ޤަޟިއްޔާއަށް ތާއީދުކޮށް ޙުކުމްކުރި ހައިކޯޓުގެ ނަންބަރު 340/HC-A/2009 ޤަޟިއްޔާއާއި ދެ ޤަޟިއްޔާއަކީ ބާޠިލު ދެ ޤަޟިއްޔާކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.