ޙަސަން ޢަލީ އާއި ޢަބްދުއްލަޠީފް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ތަކެތި ހުރިކަން އެނގިހުރެ ޙަވާލުވިކަން ނުވަތަ ވިޔަފާރީގެ ޤަޞްދު ސާބިތުވާވަރުގެ ހެކި ނެތީތީ ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ކުރި އިސްތިއުނާފުގައި ހައިކޯޓުން އެ ޙުކުމް ބާޠިލުކޮށް، ދެމީހުން ޢުމުރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- ބޭރުން ވައިގެ މަގުން ގެނައި މޭވާ ފޮށިތަކެއްގެ ތެރެއިން 3 ފޮށީގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ހުރިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބި، އެ ފޮށިތަކާ ޙަވާލުވެ ކާރަކަށް އެރުވި ދެ މީހުންގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދަޢުވާ ކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މަސްތުވާތަކެތި ހުރި ފޮށިތަކާ ޙަވާލުވިކަމަށްޓަކައި، އެ ތަކެތި ހުރިކަން އެނގިހުރިކަމާއި ވިޔަފާރީގެ ޤަޞްދު ސާބިތުނުވާއިރު، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް އެކަށީގެންވާ ޝައްކެއްނެތި ސާބިތުވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ފޮށިތައް ހޯދަން ގިނަ ފަހަރު ގުޅުމާއި ބިރުދެއްކުމާއި ޝަޚްޞީގޮތުން ޙަވާލުވާން އައުމުން ތަކެތި ހުރިކަން އެނގޭކަމަށް ބެލެވޭނެ ކަމަށެވެ. ދަޢުވާ ލިބުނު ފަރާތްތަކުން ބުނީ އެއީ ގޯވާ ފޮށިތަކެއް ކަމަށް ހީކޮށް ޙަވާލުވީ ކަމަށާއި، ތަކެތި ހުރިކަން ނޭނގޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ބިރުދެއްކިކަން ސާބިތުނުވާކަމާއި، ފޮށިތަކުގައި މަސްތުވާތަކެތި ހުރިކަން އެނގިހުރިކަމަށް ބުނުން ފިޔަވައި ޞައްޙަ ދަލީލެއް ނެތްކަމާއި، ފޮށިތައް ގެނައި ގޮތާ ބެހޭ ޝައްކު ހުރިކަން ކޯޓުން ފާހަގަކުރިއެވެ. އެ ޝައްކުތަކަށް ހައިކޯޓުން ފުރިހަމައަށް ރިޢާޔަތްކުރެވިފައި ނުވާތީ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2011/HC-A/164
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ބާޠިލު؛ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ޤާއިމް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި، "މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެއްގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ، މަސްތުވާތަކެތި ވިޔަފާރީ ކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށެވެ." މިފަދައިން ބަޔާންކޮށްފައިވުމުން، މިއީ އޭގެ ޒާތުގައި ޤާނޫނީ ގޮތުން "މުޠްލަޤު މަސްއޫލިއްޔަތު" އުފުލަންޖެހޭ ބާވަތުގެ ކުށެކެވެ. މިކުށް މީހެއްގެ މައްޗަށް ސާބިތުވެ، ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭކަމަށް ޝަރީޢަތުން ކަނޑައެޅުމުގައި، ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ހަރުދަނާ ޤަރީނާތައް ޤާއިމް ކުރެވެން ޖެހެނީ، އެފަދަ އެއްޗެއް މީހެއްގެ އަތަށް ބަރީޢަ ގޮތެއްގައި އެރުމުގެ އިޙްތިމާލުވެސް އޮންނާތީއެވެ.
ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ހަރުދަނާ ޤަރީނާތަކުގެ މައްޗަށެވެ.
ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި ފަނޑިޔާރުގެ ދައުރަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ މަޤްޞަދު ޙާޞިލުކުރެވޭފަދަ ދައުރަކަށް އިޖްރާއީ ގޮތުން ވާންޖެހޭނެއެވެ؛ ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުގެ ދައުރަކީ އީޖާބީ ދައުރެކެވެ. ޖިނާއީ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ޤާނޫނީ ޤަރީނާ (Presumption of Law) ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުގެ މައްޗަށް ލާޒިމްވެގެން ނުވެއެވެ.
ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި، ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި، ދަލީލުތަކާއި، އެ ހެކިތަކާއި ދަލީލުތަކުން ނެރެވޭ ނަތީޖާތަކުގެ މައްޗަށް ބުރަވެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެންމެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެއެވެ؛ މިއީ "ޤަރީނަތުލް ބަރާއަ" (Presumption of innocence) ގެ ޤާނޫނީ އެއް ޚާއްޞިއްޔަތެވެ. ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުން އިސްތިޚުލާޞް ކުރެވޭ ނަތީޖާއަކީ، ޔަޤީނާ ގާތްކުރެވޭ މިންވަރު ކަމުގައި ނުވާނަމަ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ، މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނެއެވެ.
އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުން ނަފީކުރާ ކޮންމެ ޝައްކެއްވެސް (الشكُّ يُفسَّرُ لصالحِ المتهم) މިޤާޢިދާގެ ދަށަށް ވަންނާނެއެވެ. މިޤާޢިދާގެ މަޤްޞަދަކީ، ޖިނާއީ ކުށް ސާބިތުކުރުމަށް ހުށަހަޅާ ދަލީލުތަކާއި ޤަރީނާތަކުގެ ތެރެއިން، އެކަމެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމަށް ހުރަސްއަޅާ ކޮންމެ ޝައްކެއްވެސް ތުހުމަތު ކުރެވިފައިވާ ފަރާތުގެ މަޞްލަޙަތުގައި ތަފުސީރު ކުރުމެވެ.
ތުހުމަތު ކުރެވިފައިވާ ފަރާތުން އެ ތުހުމަތަށް އިންކާރުކުރާ ޙާލު، އެކުށް ކުރިކަމުގެ މައްޗަށް ދަލީލު ޤާއިމް ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެކެވެ. ދަލީލުތަކުން ނެރެވުނު ނަތީޖާއާމެދު މައްސަލަ ބަލާ ފަނޑިޔާރަށް ޝައްކު އުފެދިފައިވާނަމަ، އެ ޝައްކަކީ ކުށުގެ މާއްދީ ރުކުނާ، ނުވަތަ މަޢުނަވީ ރުކުނާ، ނުވަތަ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއް ކަމުގައި ވިޔަސް، އެޝައްކު ފިލާގޮސް، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު ވެވޭފަދަ ހަރުދަނާ ދަލީލުތައް ޤާއިމް ކުރުމަކީ ދަޢުވާ ކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މަސްތުވާތަކެތި ހުރި ފޮށިތަކާ ޙަވާލުވުމަށް ޝަޚްޞީގޮތުން އައުމުން، އެ ފޮށިތަކުގައި މަސްތުވާތަކެތި ހުރިކަން އެނގޭކަމަށް ބެލެވޭކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވިޔަސް، އެފަދައިން ބުނާ ބުނުން ފިޔަވައި އެކަން ޝަރީޢަތުގެ ޞައްޙަ މަގުން ޝަރީޢަތަށް ސާބިތުކުރެވޭފަދަ ދަލީލެއް ހުށަހަޅާފައި ނުވާނަމަ، އެކަން ސާބިތުނުވެއެވެ؛ ފޮށިތަކުގައި މަސްތުވާތަކެތި ހުރިކަން އެނގިހުރެ، ޝަޚްޞީގޮތުން އެތަކެއްޗާ ޙަވާލުވާން ގޮސް، އެފަދަ ނުރައްކަލެއްގެ ތެރެއަށް އަމިއްލަ ނަފުސު ހުށަހަޅާފާނެ ކަމަށް ބުއްދީގެ ހަމަތަކުން ޤަބޫލު ކުރެވޭނީ، އެކަން ކުރިން އެނގިފައިވާ ކަމުގެ މައްޗަށް ހަރުދަނާ ދަލީލުތަކެއް ނުވަތަ ޤަރީނާތަކެއް ހުރެގެންނެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- 2011/SC-A/34 (ސުޕްރީމް ކޯޓު)
- 2011/SC-A/23 (ސުޕްރީމް ކޯޓު)
ފަނޑިޔާރުން
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޢަބްދުﷲ ޢަރީފް، އާދަމް މުޙައްމަދު ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، އެ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި […]، ޢަބްދުއްލަޠީފު މުޙައްމަދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: ( ގެ ފަރާތުންނާއި މާލޭ މުނިސިޕަލްޓީގެ ޚާއްޞަ […] ([…] ) ޙަސަން ޢަލީ (ދ.ރ ކާޑު ނަންބަރު ( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ދެފަރާތަކީ، […]، ޢަބްދުއްލަޠީފު މުޙައްމަދު (ދ.ރ ކާޑު ނަންބަރު: ( އާއި މާލޭ މުނިސިޕަލްޓީގެ ޚާއްޞަ […] ([…] ) ޙަސަން ޢަލީ (ދ.ރ ކާޑު ނަންބަރު ( އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، […]، ޢަބްދުއްލަޠީފު މުޙައްމަދު އާއި، […] .ޚ […] ޙަސަން ޢަލީ ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ޤާނޫނު ނަންބަރު 77/17 (މަތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާއި ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، […]މުޙައްމަދު އާއި، މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުގެ ނަންބަރު 3033 ޙަސަން ޢަލީގެ މައްޗަށް ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، 14 ޑިސެމްބަރު 2010 ދުވަހުގެ ވަގުތެއްގައި (ގާތްގަނޑަކަށް އެދުވަހުގެ 01:10 ހާއިރު) މާލެ ދެކުނު ފަރާތު ހާބަރު ޓީޖެޓީއަށް ޢަބްދުއްލަޠީފު މުޙައްމަދު އާއި، ޙަސަން ޢަލީ ގޮސް ޙަވާލުވި، މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި، މޭވާ ހުރި 3 ފޮށިގަނޑަކީ، 12 ޑިސެމްބަރު 2010 ދުވަހު ވައިގެމަގުން އިންޑިޔާއިން ދިވެހިރާއްޖެއަށް އެތެރެވި ތަކެތިކަން ހުށަހަޅާފައިވާ ދަޢުވާގެ ސީޣާއިންނާއި، ޙާޟިރުކުރެވުނު އެންމެހާ ފަރާތްތަކުގެ ބަހުން އެނގެން އޮތް ހިނދު، އެ ފޮށިގަނޑުތަކުގައި ހުރި މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެވެފައިވަނީ ޢަބްދުއްލަޠީފް މުޙައްމަދު އާއި، ޙަސަން ޢަލީގެ އެނގުމާއި، ޢިލްމުގެ ތެރެއިންކަން ޝަރީޢަތަށް ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާތީއާއި، ޢަބްދުއްލަޠީފް މުޙައްމަދު އާއި، ޙަސަން ޢަލީގެ ބެލުމުގެ ދަށަށް، ނުވަތަ އެދެމީހުންގެ ޙިޔާޒަތުގެ ދަށަށް އެފޮށިގަނޑުތައް ގޮސްފައިވަނީ ކޮންގޮތަކުންކަން މިމައްސަލާގައި ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކުންނާއި، މިމައްސަލާގައި ޙާޟިރުކުރެވުނު އެންމެހާ ފަރާތްތަކުގެ ބަހުން އެނގެން އޮތްއިރު، ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީގެ ބެލުމުގެ ދަށަށް ނުވަތަ އެދެމީހުންގެ ޙިޔާޒަތުގެ ދަށަށް އެފޮށިގަނޑުތައް ގޮސްފައިވަނީ، އެފޮށިގަނޑުތަކުގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ހުރިކަން އެދެމީހުނަށް އެނގިހުރެކަން ޝަރީއަތަށް ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާތީ އާއި، ޢަބްދުއްލަޠީފު މުޙައްމަދު އާއި، ޙަސަން ޢަލީ އެތިން ފޮށިގަނޑާއި ޙަވާލުވި ނަމަވެސް، އަދި އޭގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ހުރިނަމަވެސް، އިސްވެ ބުނެވުނު ކަންތައްތަކަށް ބަލާއިރު، މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ އެއްވެސް ޤަޞްދެއް ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީގެ އޮތްކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ވަރުގެ ހެކި ޤަރީނާ ނެތުމުން، ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީގެ މައްޗަށް ދައުލަތުން ކުޅަ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް، އެޤަޟިއްޔާ ނިންމަވާފައިވާކަން އެނގެން އޮންނައިރު،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާ އިން އެމައްސަލަ ބެލުމަށްފަހު، ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ޢަބްދުއްލަޠީފް މުޙައްމަދު އާއި ޙަސަން ޢަލީ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކުށުގެ ޢުޤާބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ރ) ގެ ދަށުން، […]، ޢަބްދުއްލަޠީފު މުޙައްމަދު އާއި މާލެ މުނިސްޕަލްޓީގެ ޚާއްޞަ […] ޙަސަން ޢަލީ، ޢުމުރަށް ޖަލަށްލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެޤަޟިއްޔާ ބެލި ފަނޑިޔާރުންގެ ޢިއްތިފާޤުން ޙުކުމްކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ޤަޟިއްޔާގައި ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ ގެ މައްޗަށް، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ކޮށްފައިވާ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާގެ ޞީޣާގަ އާއި ޝަރީޢަތަށް ދީފައިވާ ބަޔާންތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ، 12 ޑިސެމްބަރ 2010 ދުވަހުގެ 19:40 ހާއިރު، ޔޫ.އެލްގެ ނަންބަރ 103 ފްލައިޓުން "އޮރެންޖް ބްލޫމްސް" ގެ ނަންމަތީގައި ދިވެހިރާއްޖެއަށް ގެނައި ފޮށިގަނޑުތަކެއްގެ ތެރެއިން 03 (ތިނެއް) ފޮށިގަނޑެއްގައި މަސްތުވާތަކެތި ހުރިކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސްސަރވިސްއަށް ލިބުމާ ގުޅިގެން، މަސްތުވާތަކެތި ފެނުނު ތިން ފޮށިގަނޑާ ޙަވާލުވަނީ ކޮންފަރާތަކުންތޯ ބެލުމަށްޓަކައި، 14 ޑިސެމްބަރ 2010 ދުވަހުގެ 01:10 (ރޭގަނޑު) ހާއިރު، ހުޅުލެއިން ފުރި "މިރި" ނަމަކަށްކިޔާ ދޯނީގައި މި ފޮށިގަނޑުތައް މާލެ ގެނެސް މާލޭ ހާބަރު ޓީ- ޖެޓީ އަށް ބޭލުމުން، ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ، މި ތިން ފޮށިގަނޑާ ޙަވާލުވެ، މި ތިން ފޮށިގަނޑު ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ ދުއްވާފައި އައި ނަންބަރު އޭބީ1 އޭ - ޕީ 5387 ކާރުގެ ޑިކީއަށް އަރުވާފައިވުމާއި، އެވަގުތު ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ނަންބަރު އޭބީ1 - އޭ ޕީ 5387 ކާރުގެ ޑިކީގައިހުރި ތިން ފޮށިގަނޑު ކަނޑާ ބެލިއިރު، އެ ތިން ފޮށިގަނޑުގެ ތެރެއިން ނަންބަރު 1 ޖަހާފައިވާހުރި ފޮށިގަނޑުން ފެނުނު ދެ ސެލޯފިންގަނޑު ގައި 354.6002 ގްރާމް ޓެޓްރާހައިޑްރޯ ކެނަބިނޯލާއި، 85.2980 ގްރާމް ކެނެބިނޯލް ހުރިކަމަށާއި، ނަންބަރު 2 ޖަހާފައިހުރި ފޮށިގަނޑުގެ ތެރެއިން ފެނުނު ސެލޯފިންގަނޑުގައި 166.7210 ގްރާމް ޓެޓްރާހައިޑްރޯ ކެނަބިނޯލާއި، 51.1862 ގްރާމް ކެނެބިނޯލް ހުރިކަމަށާއި، ނަންބަރު 3 ޖަހާފައިހުރި ފޮށިގަނޑުގެ ތެރެއިން ފެނުނު ދެ ސެލޯފިން ގަނޑުގައި 338.8582 ގްރާމް ޓެޓްރާހައިޑްރޯ ކެނަބިނޯލާއި، 86.7600 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާފައިވާކަމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނުނުތަކަށާއި، އިސްތިއުނާފު ކުރި ފަރާތުންނާއި އިސްތިއުނާފު ރައްދުވި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދައުލަތުން ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީގެ މައްޗަށް، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ސަބަބުތަކަށާއި، ތަފާތު ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ މިޤަޟިއްޔާއާއި ގުޅުންހުރި ޖިނާއީ އުޞޫލުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: […]ޢަބްދުއްލަޠީފު (ދ.ރ.ކާޑު ނަންބަރު: ( ހިންގަމުން އަންނަ ފިހާރައެއް ކަމުގައިވާ "އޮރެންޖެ ބްލޫމްސް" ގެ ނަމުގައި […]، މުޙައްމަދު މުޞްޠަފާ (ދ.ރ.ކާޑު ނަންބަރު: ( އަށް، މުޙައްމަދު މުޞްޠަފާ ގެ ރައްޓެއްސެއް ކަމުގައިވާ "ރާޖޭޝް" (އިންޑިޔާގެ ރައްޔިތެއް) ކިޔާ މީހަކު އިންޑިޔާ އިން އެއަރ ފްރައިޓްކޮށް ދިވެހިރާއްޖެއަށް ފޮނުވާފައިވާ 11 މޭވާ ފޮށިގަނޑުގެ ތެރެއިން، ނަންބަރު 3،2،1 ލިޔެފައިވާ ތިންފޮށިގަނޑުގައި، މޭވާގެ އިތުރުން މަނާކުރެވިފައިވާ މަސްތުވާތަކެތި ހުރުމާއެކު، އެ ތިން ފޮށިގަނޑާ ޙަވާލުވި ކަމަށްބުނާ، ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ ގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކުރަންޖެހުނު ސަބަބުކަމުގައި ދައުލަތުގެ ފަރާތުން ބުނެފައިވާ ސަބަބުތަކަކީ؛
(1) ދަޢުވާގައި ބަޔާންކޮށްފައިވާ 11 ފޮށިގަނޑު (މޭވާ އާއި ތަރުކާރީ) ގެ ތެރެއިން ނަންބަރު 3،2،1 ލިޔެފައިވާ ތިން ފޮށިގަނޑުން މޭވާ އާއެކު މަސްތުވާތަކެތި ފެނިފައިވުމާއި،
(2) އެ ތިން ފޮށިގަނޑަކީ ޢަބްދުއްލަޠީފު މުޙައްމަދުއަށް ފޮނުވި ތިން ފޮށިގަނޑު ކަމަށް އިންޑިއާގެ މޯބައިލް ފޯނު ނަންބަރަކުން ޢަބްދުއްލަޠީފު މުޙައްމަދުގެ ފޯނަށް މެސެޖެއް ފޮނުވާފައި އޮތުމާއި،
(3) އެތަކެތި އިންޑިއާއިން ފޮނުވުމުގައި މެދުވެރިއަކަށްވި "ރާޖޭޝް" ނަމަކަށްކިޔާ މީހާ، މުޙައްމަދު މުޞްޠަފާގެ ފޯނަށް ގުޅާ، އެތިން ފޮށިގަނޑަކީ ލަޠީފު ކިޔާ މީހަކަށް ފޮނުވި ތިން "ގޯވާ" ފޮށިގަނޑު ކަމުގައި ބުނެފައިވުމާއި،
(4) އެތަކެތި ރާއްޖެ އައުމާއެކު އެތަކެތި ހޯދުމުގެ ގޮތުން ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ، މުޙައްމަދު މުޞްޠަފާއަށް އެއްފަހަރަށްވުރެ ގިނަފަހަރު ގުޅާފައިވުމާއި، އެތަކެތި ލިބުން ލަސްވާނަމަ، މުޙައްމަދު މުޞްޠަފާ ދިރިއުޅޭ ގެއަށް މީހުން ފޮނުވައިގެންވެސް އެތަކެތި ހޯދާނެކަމަށް ޢަބްދުއްލަޠީފު މުޙައްމަދުއާއި ޙަސަން ޢަލީގެ ފަރާތުން ބުނެ، މުޙައްމަދު މުޞްޠަފާ އަށް ބިރުދައްކާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ބުނާބުނުމާއި،
(5) އެފޮށިގަނޑުތަކާ ޙަވާލުވުމަށް މާލޭގެ ޓީ-ޖެޓީއަށް އައުމަށް ޢަބްދުއްލަޠީފު މުޙައްމަދަށް، މުޙައްމަދު މުޞްޠަފާ ގުޅާފައި ބުނުމުން، އެތަކެއްޗާ ޙަވާލުވުމަށް ޓީ- ޖެޓީއަށް ސީދާ ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ އައިސް، އެފޮށިގަނޑުތައް މާލެ ގެނައި ދޯނިން މާލޭ ޓީ- ޖެޓީއަށް، ނަންބަރު 3،2،1 ލިޔެފައިވާ 3 ފޮށިގަނޑު ބޭލުމަށްފަހު، މުޙައްމަދު މުޞްޠަފާގެ އަތުން ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ އަތަށް ދިނުމުން އެ 3 ފޮށިގަނޑު ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ ދުއްވާފައި އައި ނަންބަރު އޭބީ1 އޭ- ޕީ 5387 ކާރުގެ ޑިކީތެރެއަށް އެތަކެތި ލާފައިވުމާއި، މި ސަބަބުތައްކަން ފާހަގަކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ: އެޤާނޫނެއްގެ ދަށުން ދައުލަތުން ދަޢުވާ ކޮށްފައިވާ ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި، "މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެއްގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ، މަސްތުވާތަކެތި ވިޔަފާރީ ކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށެވެ." މިފަދައިން ބަޔާންކޮށްފައިވުމުން، މިއީ އޭގެ ޒާތުގައި ޤާނޫނީ ގޮތުން "މުޠްލަޤު މަސްއޫލިއްޔަތު" އުފުލަންޖެހޭ ބާވަތުގެ ކުށެއްކަމާއި، މިކުށް މީހެއްގެ މައްޗަށް ސާބިތުވެ، ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭކަމަށް ޝަރީޢަތުން ކަނޑައަޅެމުގައި، ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ހަރުދަނާ ޤަރީނާތައް ޤާއިމް ކުރެވެން ޖެހެނީ، އެފަދަ އެއްޗެއް މީހެއްގެ އަތަށް ބަރީޢަ ގޮތެއްގައި އެރުމުގެ އިޙްތިމާލުވެސް އޮންނާތީކަމާއި،
12 ޑިސެމްބަރ 2010 ދުވަހުގެ 19:40 ހާއިރު، ޔޫ.އެލްގެ ނަންބަރ 103 ފްލައިޓުން "އެރެންޖް ބްލޫމްސް" ގެ ނަމުގައި […]، މުޙައްމަދު މުޞްޠަފާ އަށް އައިސްފައިވާ11 ފޮށިގަނޑު (މޭވާއާއި ތަރުކާރީ) ގެ ތެރެއިން، ނަންބަރު 3،2،1 ލިޔެފައިވާ ތިން ފޮށިގަނޑުން ފެނިފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވުނު ތަކެއްޗަކީ، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޓެޓްރާހައިޑްރޯ ކެނަބިނޯލާއި، ކެނެބިނޯލްކަން އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާފައިވާތީ، އެތިން ފޮށިގަނޑުން މަނާކުރެވިފައިވާ މަސްތުވާ ތަކެތި ފެނިފައިވާކަމާމެދު ޖަދަލުކުރެވޭނެ ތަނެއް ނެތްކަމާއި، ނަމަވެސް އެތިން ފޮށިގަނޑު މާލޭގެ ޓީ- ޖެޓީއަށް ބޭލުމަށްފަހު، މުޙައްމަދު މުޞްޠަފާ އެތިންފޮށިގަނޑު ނަގާ ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ އަތަށް ދިނުމުން އެތަކެތި އެދެމީހުން ދުއްވާފައި އައި ކާރުގެ ޑިކީތެރެއަށް ލާފައިވަނީ، އޭގައި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ހުރިކަން އެނގިތިބެ ނޫންކަމަށް ޢަބްދުއްލަޠީފު މުޙައްމަދުއާއި ޙަސަން ޢަލީގެ ފަރާތުން ބުނެފައިވާއިރު، ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ، އެ ތިން ފޮށިގަނޑު ބަލާ ދިޔައީ، މުޙައްމަދު މުޞްޠަފާ، ޢަބްދުއްލަޠީފު މުޙައްމަދު އަށް ގުޅާފައި އިންޑިޔާއިން ޢަބްދުއްލަޠީފު މުޙައްމަދުއަށް ފޮނުވާފައިވާ މޭވާ ތިން ފޮށިގަނޑާ ޙަވާލުވާންޓީ- ޖެޓީއަށް އައުމަށް ބުނުމުންކަމަށާއި، އަދި ޙަސަން ޢަލީ ޓީ- ޖެޓީއަށް ދިޔައީ، ޢަބްދުއްލަޠީފު މުޙައްމަދުގެ އެދުމުގެ މަތިން އޭނާއަށް އެފޮށިގަނޑުތައް ގެނެސް ދިނުމުގައި އެހީތެރިވުމަށްކަމަށާއި، ޢަބްދުއްލަޠީފު މުޙައްމަދު ގެ ފަރާތުން ޙަސަން ޢަލީއަށް މަޢުލޫމާތު ލިބިފައިވަނީ، އެއީ ޢަބްދުއްލަޠީފު މުޙައްމަދުއަށް އިންޑިއާއިން ފޮނުވާފައިވާ ގޯވާ (ފޭރު) ފޮށިގަނޑުތަކެއް ކަމަށްބުނެ، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، ދައުލަތުން ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީގެ ފަރާތުން އިންކާރުކޮށްފައިވާކަމެވެ.
(ނ) ތިންވަނަ ކަމަކީ: ބުނެވިދިޔަ މޭވާ ފޮށިގަނޑުތައް އެއަރ ފްރައިޓުގެ މަގުން ރާއްޖެއަށް ފޮނުވި "ރާޖޭޝް" ކިޔާ އިންޑިއާ މީހާއަކީ، މުޙައްމަދު މުޞްޠަފާ އާއި ޢަބްދުއްލަޠީފު މުޙައްމަދު އާއި ދެމީހުންވެސް ދަންނަ މީހެއްކަމާއި، މި ރާޖޭޝް މެދުވެރިކޮށް އިންޑިއާއިން މޭވާ އާއި ތަރުކާރީ ފަދަ ތަކެތި މުޙައްމަދު މުޞްޠަފާ ޢާއްމުކޮށް ގެންނަކަމާއި، މިގޮތުން 12 ޑިސެމްބަރ 2010 ދުވަހުގެ 19:40 ހާއިރު، ޔޫ.އެލްގެ ނަންބަރ 103 ފްލައިޓުން "އޮރެންޖް ބްލޫމްސް" ގެ ނަމުގައި އައިސްފައިވާ 11 ފޮށިގަނޑުގެ ތެރެއިން 3،2،1 ލިޔެފައިވާ ތިންފޮށިގަނޑު ފިޔަވައި، ބާކީ ހުރި ފޮށިތަކަކީ މުޙައްމަދު މުޞްޠަފާ ތަރުކާރީ އާއި މޭވާ އަށް އޯޑަރ ކުރުމުން "ރާޖޭޝް" ފޮނުވާފައިވާ ތަކެތި ކަމާއި، އެތަކެތި ގެނެސްފައިވަނީ ފަހުން ފައިސާ ދައްކާގޮތަށްކަމާއި، އަދި ނަންބަރު 3،2،1 ލިޔެފައިވާ ތިން ފޮށިގަނޑަކީ، މުޙައްމަދު މުޞްޠަފާއަށް މޭވާ އާއި ތަރުކާރީ ފޮނުވިއިރު، މުޙައްމަދު މުޞްޠަފާގެ ޙަވާލުގައި ޢަބްދުއްލަޠީފު މުޙައްމަދުއަށް "ރާޖޭޝް" ފޮނުވާފައިވާ ތިން މޭވާ ފޮށިގަނޑު ކަމާއި، އެތިން ފޮށިގަނޑުގެ އެއަރ ފްރައިޓަށްވާ ފައިސާ ޢަބްދުއްލަޠީފު މުޙައްމަދު ޙަވާލު ކޮށްފައިވަނީ މުޙައްމަދު މުޞްޠަފާއާ ކަމާއި، އެ ތިން މޭވާ ފޮށިގަނޑަކީ ޢަބްދުއްލަޠީފު މުޙައްމަދު ނުވަތަ ޙަސަން ޢަލީގެ ފަރާތުން އޯޑަރ ދިނުމުން "ރާޖޭޝް" ފޮނުވާފައިވާ ތިން ފޮށިގަނޑުކަން އެނގޭނެ އެއްވެސް ގޮތެއް ނެތްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ދައުލަތުގެ ދަޢުވާގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި ހުރި3 ފޮށިގަނޑު ލިބިގަތުމަށް ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ މަސައްކަތް ކޮށްފައިވާ ގޮތުން، އެ 3 ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އެދެމީހުނަށް ކުރިން ސުރެ އެނގިފައިވާކަމަށް ބެލެވޭކަމަށާއި، އަދި އެދެމީހުން އެ ތިން ފޮށިގަނޑާ ޙަވާލުވެފައިވަނީ އޭގައި މަސްތުވާތަކެތި ހުރިކަން އެނގިތިބެކަމަށް ބެލެވޭކަމަށް ބުނެ ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކައިގައި، އެތަކެތި ލިބިގަތުމުގެ ގޮތުން ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީގެ ފަރާތުން މުޙައްމަދު މުޞްޠަފާ އަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ގުޅާފައިވުމާއި، މުޙައްމަދު މުޞްޠަފާގެ ފަރާތުން އެދެމީހުންގެ ފޯނުކޯލުތަކަށް ޖަވާބު ދިނުން ލަސްވުމުން، މުޙައްމަދު މުޞްޠަފާ ދިރިއުޅޭ ތަނަކަށް މީހުން ފޮނުވައިގެންވެސް އެތަކެތި ހޯދާނެކަމަށްބުނެ މުޙައްމަދު މުޞްޠަފާއަށް އިންޒާރުދީ ބިރު ދައްކާފައިވާކަމަށް ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުމަށް ޢަބްދުއްލަޠީފު މުޙައްމަދުއާއި ޙަސަން ޢަލީގެ އިންކާރު ކޮށްފައިވާތީ،
އެނުކުތާއާ ބެހޭގޮތުން މުޙައްމަދު މުޞްޠަފާ އާއި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން، އޭނަ ދިރިއުޅޭ ގެއަށް މީހުން ފޮނުވައިގެންވެސް އެފޮށިގަނޑުތައް ހޯދާނެ ކަމަށް ޢަބްދުއްލަޠީފު މުޙައްމަދު ވެސް އަދި ޙަސަން ޢަލީ ވެސް ބުނެފައި ނުވާކަމަށާއި، އެމީހުން އެތަކެތި ހޯދުމަށް މަސައްކަތްކުރީ އެއީ މޭވާ ފޮށިގަނޑުތަކަކަށްވާތީ، އެތަކެތި ލިބުން ލަސްވާނަމަ މޭވާތައް ޙަލާކުވާނެތީކަމަށް މުޙައްމަދު މުޞްޠަފާ އަށް ޤަބޫލުކުރެވުނު ކަމަށް މުޙައްމަދު މުޞްޠަފާ ބުނެފައިވާ ބުނުމުން، ދަޢުވާގައި ބަޔާންކޮށްފައިވާ 3 ފޮށިގަނޑު ލިބުން ލަސްވާތީ، ޢަބްދުއްލަޠީފު މުޙައްމަދުއާއި ޙަސަން ޢަލީގެ ފަރާތުން މުޙައްމަދު މުޞްޠަފާއަށް ބިރުދައްކާ އިންޒާރުދީ ހަދާފައިނުވާކަމާއި، އެދެމީހުން ފޯނު ކޮށްފައި މުޙައްމަދު މުޞްޠަފާ އާ ދައްކާފައިވާ އެއްވެސް ވާހަކައަކުން، އަދި އެވާހަކައިގެ އެއްވެސް ޢިބާރާތަކުން، ނުވަތަ ބޭނުންކުރި ބަސްމަގާ އެ ބަސްމަގު ގެންގުޅުނު ރާގުން، މުޙައްމަދު މުޞްޠަފާއަށް އެއްވެސް މިންވަރެއްގެ ބިރުވެރިކަމެއް ޖެހިލުންވުމެއް ނުތަނަވަސް ކަމެއްވިޔަސް އިޙުސާސް ވެފައިނުވާކަން މުޙައްމަދު މުޞްޠަފާގެ ބަހުން ސާފުކޮށް އެނގެން އޮންނައިރު، ޢަބްދުއްލަޠީފު މުޙައްމަދުއާއި ޙަސަން ޢަލީގެ ފަރާތުން މުޙައްމަދު މުޞްޠަފާ އަށް ބިރުދެއްކި ކަމަށް ދައުލަތުގެ ފަރާތުން ބުނާ ބުނުން ސާބިތު ކޮށްދިނުމަށްޓަކައި އިތުރު ހެތްކެއް އަދި ޤަރީނާއެއްވިޔަސް ހުށައަޅާފައި ނުވާތީ، ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީގެ ފަރާތުން މުޙައްމަދު މުޞްޠަފާއަށް ބިރު ދެއްކިކަން ޝަރީޢަތަށް ސާބިތުނުވާކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޢަބްދުއްލަޠީފު މުޙައްމަދަށް "ރާޖޭޝް" ފޮނުވާފައިވާ ތިން ފޮށިގަނޑާ ޙަވާލުވުމަށް މާލޭގެ ޓީ-ޖެޓީއަށް އައުމަށް ޢަބްދުއްލަޠީފު މުޙައްމަދުގެ ފޯނަށް މުޙައްމަދު މުޞްޠަފާ ގުޅާފައި ބުނުމުން، އެތަކެއްޗާ ޙަވާލުވުމަށް ޓީ- ޖެޓީއަށް ޢަބްދުއްލަޠީފު މުޙައްމަދުއާއި ޙަސަން ޢަލީ ޝަޚްޞީގޮތުން އައިސްފައިވުމުން، އެފޮށިގަނޑުތަކުގައި މަސްތުވާތަކެތި ހުރިކަން ޢަބްދުއްލަޠީފު މުޙައްމަދުއާއި ޙަސަން ޢަލީއަށް އެނގޭކަމަށް ބެލެވޭކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވިޔަސް، އެފަދައިން ބުނާ ބުނުން ފިޔަވައި އެކަން ޝަރީޢަތުގެ ޞައްޙަ މަގުން ޝަރީޢަތަށް ސާބިތުކުރެވޭފަދަ އެއްވެސް ދަލީލެއް ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ހުށަހަޅާފައި ނުވާކަމާއި،
އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވާ މިބުނުމާމެދު ޢާންމު ވިސްނުމަކުން ވިސްނާލާފިނަމަ، ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީއަށް އެ ތިން ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އެނގޭނަމަ، އެތަކެއްޗާއި ޙަވާލުވުމަށް ސީދާ އެދެމީހުން ހިނގައިދާނެކަމަށް ބުއްދީގެ ހަމަތަކުންވެސް ޤަބޫލު ނުކުރެވޭކަމާއި، އަދި މީގެ އިތުރުން، މިފޮށިގަނޑުތައް މާލެ ގެނައުން ލަސްވެފައިވަނީ ކަސްޓަމްސް އިން ތަކެތި ކްލިއަރ ކުރުމުގައި މައްސަލައެއް ދިމާވެގެންކަމަށް ޢަބްދުއްލަޠީފު މުޙައްމަދުއާއި ޙަސަން ޢަލީ ގާތު، ސީދާ މުޙައްމަދު މުޞްޠަފާ ބުނެފައިވާކަން ޚުދު މުޙައްމަދު މުޞްޠަފާގެ ބަހުން ސާފުކޮށް އެނގެން އޮންނައިރު، ޢަބްދުއްލަޠީފު މުޙައްމަދުއަށް "ރާޖޭޝް" ފޮނުވާފައިވާކަމަށްބުނާ 3 ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން ޢަބްދުއްލަޠީފު މުޙައްމަދަށާއި ޙަސަން ޢަލީއަށް އެނގިފައިވާނަމަ، ޝަޚްޞީގޮތުން އެތަކެއްޗާ ޙަވާލުވާން ޓީ- ޖެޓީއަށް ގޮސް، އެފަދަ ނުރައްކަލެއްގެ ތެރެއަށް އަމިއްލަ ނަފުސު ހުށަހަޅާފާނެ ކަމަށް ބުއްދީގެ ހަމަތަކުން ޤަބޫލު ކުރެވޭނީ، އެ ފޮށިގަނޑުތަކުގައި މަސްތުވާތަކެތި ހުރިކަން ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީއަށް ކުރިން އެނގިފައިވާ ކަމުގެ މައްޗަށް ހަރުދަނާ ދަލީލުތަކެއް ނުވަތަ ޤަރީނާތަކެއް ހުރެގެންކަމާއި،
އަދި އެ ފޮށިގަނޑުތައް މާލެ ގެނައި ދޯނިން މާލޭ ޓީ- ޖެޓީއަށް، ނަންބަރު 3،2،1 ލިޔެފައިވާ 3 ފޮށިގަނޑު ބޭލުމަށްފަހު، މުޙައްމަދު މުޞްޠަފާގެ އަތުން ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ އަތަށް ދިނުމުން އެ 3 ފޮށިގަނޑާ ޙަވާލުވެ ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ ދުއްވާފައި އައި ނަންބަރު އޭބީ1 އޭ- ޕީ 5387 ކާރުގެ ޑިކީތެރެއަށް އެތަކެތި ލާފައިވުމުން، އެތަކެތި އެމީހުންގެ ބެލުމުގެ ދަށަށް ނުވަތަ ޙިޔާޒަތުގެ ދަށަށް ގޮސްފައިވާކަމަށް ބެލެވޭނަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ބުނެފައިވާއިރު،
ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ހަރުދަނާ ޤަރީނާތަކުގެ މައްޗަށް ކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، "އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ، އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންވެފައި އޮންނައޮތުމަށް ބަލާއިރު،
ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި ފަނޑިޔާރުގެ ދައުރަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ މަޤްޞަދު ޙާޞިލުކުރެވޭފަދަ ދައުރަކަށް އިޖްރާއީ ގޮތުން ވާންޖެހޭނެކަމާއި، މިގޮތުން ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުގެ ދައުރަކީ އީޖާބީ ދައުރެއްކަމާއި، ޖިނާއީ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން -ޤާނޫނީ ޤަރީނާ (Presumption of Law) ފިޔަވައި - ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުގެ މައްޗަށް ލާޒިމްވެގެން ނުވާކަމާއި، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި، ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި، ދަލީލުތަކާއި، އެ ހެކިތަކާއި ދަލީލުތަކުން ނެރެވޭ ނަތީޖާތަކުގެ މައްޗަށް ބުރަވެ، ޔަޤީނާ ޤާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެންމެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ އިސްތިޤްރާރު ވެފައިވާ ޖިނާއީ މަބްދައެއްކަމުގައިވާ "ޤަރީނަތުލް ބަރާއަ"(Presumption of innocence) ގެ ޤާނޫނީ އެއް ޚާއްޞިއްޔަތުކަމާއި، ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުން އިސްތިޚުލާޞް ކުރެވޭ ނަތީޖާއަކީ، ޔަޤީނާ ގާތްކުރެވޭ މިންވަރު ކަމުގައި ނުވާނަމަ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ، މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނެކަމާއި، މިކަންކަމަކީ މީގެ ކުރިން ނިންމަވާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 ޤަޟިއްޔާ ފަދަ ޤަޟިއްޔާ ތަކުގައި ބަޔާންވެފައިވާ ޤާނޫނީ އުޞޫލުތަކެއްކަމެވެ.
(ޅ) ހަވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ޤަޟިއްޔާގައި ދަޢުވާ ލިބުނު ދެފަރާތް ކަމުގައިވާ ޢަބްދުއްލަޠީފު މުޙައްމަދުއާއި ޙަސަން ޢަލީ އާއި ދެމީހުންނަކީ އެއްވެސް ބާވަތެއްގެ ކުށުގެ ރެކޯޑެއް އޮތް ބައެއް ނޫންކަން އެނގެން އޮންނަކަމާއި،
ދަޢުވާގައި ބަޔާންކޮށްފައިވާ ހާދިސާ އާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރިވިސްގެ ފަރާތުން ނަގާފައިވާ ތަޙްޤީޤު ބަޔާންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓަށް ހާޒިރުކޮށްފައިވާ އެންމެންގެ ބަޔާންތައް ދިރާސާކޮށް ބެލިއިރު، އިސްވެ މިބުނެވުނު ފޮށިގަނޑުތައް އިންޑިޔާ އިން އެމީހަކަށް ފޮނުވާފައިވާ […]، މުޙައްމަދު މުޞްޠަފާ ގެ ބަޔާނުގައި، އިންޑިއާ އިން މުދާ ފޮނުވި "ރާޖޭޝް" އަކީ އޭގެ 15 ވަރަކަށް އަހަރު ކުރިންސުރެ މުޙައްމަދު މުޞްޠަފާ ދަންނަ މީހެއްކަމާއި، އޭގެ ކުރިން އެތަށް ފަހަރަކު މުޙައްމަދު މުޞްޠަފާ، "ރާޖޭޝް" މެދުވެރިކޮށް އިންޑިޔާ އިން މުދާ ގެނެސްފައިވާކަމާއި، އެއިން އެއްވެސް ފަހަރަކު މުދާ ކްލިއަރ ކުރުމަށްޓަކައި ސީދާ މުޙައްމަދު މުޞްޠަފާ އެއަރޕޯޓަށް ނުވަތަ ކަސްޓަމްސް އަށް ގޮސްފައި ނުވާކަމާއި، ނަމަވެސް ދަޢުވާގައި ބަޔާންކުރެވިފައިވާ ފޮށިގަނޑުތައް އައި ފަހަރު، މުދާ ކްލިއަރ ކުރުމަށްޓަކައި ސީދާ މުޙައްމަދު މުޞްޠަފާ އެއަރ ޕޯޓަށް ގޮސް، "އޮރެންޖް ބްލޫމްސް" ފިހާރާގެ ވެރިފަރާތް ކަމުގައިވާ، […]ގެ ލަފާގެ މަތިން އެތަކެތި ކްލިއަރ ކުރުމަށްޓަކައި، ވަކި ގްރޫޕަކާ މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައި ވާކަމާއި،
އަދި ދަޢުވާގައި ބަޔާންކުރެވިފައިވާ ފޮށިގަނޑުތައް "ރާޖޭޝް" ފޮނުވި ފަހަރުވެސް، އަދި އޭގެ ކުރީގެ ފަހަރު ތަކުގައި ވެސް މުޙައްމަދު މުޞްޠަފާ މުދާ ބޭނުންވުމުން، އެމުދަލަށް އޯޑަރ ކުރުމުގެ ގޮތުން "ރާޖޭޝް" އަށް އެސް.އެމް.އެސް އެއް ފޮނުވަނީ ކަމަށް މުޙައްމަދު މުޞްޠަފާ އޭނާގެ ބަޔާނުގައި ބުނެފައިވާއިރު، ދަޢުވާގައި ބުނެފައިވާ 11 މޭވާ ފޮށިގަނޑު ފޮނުވުމުގެ ކުރިން "ރާޖޭޝް" އަށް މުޙައްމަދު މުޞްޠަފާ އެސް.އެމް.އެސް އެއް ކޮށް އެތަކެއްޗަށް އޯޑަރ ދީފައިވާކަން ސާފުކޮށް އެނގެން އޮތުމާއެކުވެސް، މި މުދާ ރާއްޖެ ގެނައުމުގެ ދެތިން ދުވަސްކުރިން، މުޙައްމަދު މުޞްޠަފާ އިންޑިޔާ އަށް ގޮސް "ރާޖޭޝް" އާއި ބައްދަލު ކޮށްފައިވާކަން މުޙައްމަދު މުޞްޠަފާގެ ފަރާތުން މައްސަލައިގެ ތަޙްޤީގުގައި ބުނެފައި ނުވިނަމަވެސް، މުޙައްމަދު މުޞްޠަފާ އާއި އޭނާގެ އަނބި […]، ޝާދިޔާ އިދުރީސް އާއި ދެމީހުން އިންޑިއާ އަށް ގޮސް، މި މުދާ ފޮނުވި "ރާޖޭޝް" އާ އޭގެ ދެތިން ދުވަސްކުރިން ބައްދަލުކޮށްފައިވާކަން ޝާދިޔާ އިދުރީސް ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާނުން ސާފުކޮށް އެނގެން އޮންނަކަމާއި، ނަމަވެސް އެއީ ކޮން ބޭނުމެއްގައި ކުރި ދަތުރެއްކަން ޝާދިޔާ އިދުރީސް އަށް ބުނެދެވިފައި ނުވާކަމެވެ.
(ކ) ހަތްވަނަ ކަމަކީ: ޖިނާއީ މައްސަލަތަކުގައި ޙުކުމް ބިނާކުރުމުގެ އަސާސަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ، މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ވުން ކަމުގައިވާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުން ނަފީކުރާ ކޮންމެ ޝައްކެއްވެސް ފިޤުހީ އަދި ޤާނޫނީ ޤާޢިދާ އެއް ކަމުގައިވާ (الشكُّ يُفسَّرُ لصالحِ المتهم) މިޤާޢިދާގެ ދަށަށް ވަންނާނެކަމާއި، މިޤާޢިދާގެ މަޤްޞަދަކީ، ޖިނާއީ ކުށް ސާބިތުކުރުމަށް ހުށަހަޅާ ދަލީލުތަކާއި ޤަރީނާތަކުގެ ތެރެއިން، އެކަމެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމަށް ހުރަސްއަޅާ ކޮންމެ ޝައްކެތްވެސް ތުހުމަތު ކުރެވިފައިވާ ފަރާތުގެ މަޞްލަޙަތުގައި ތަފުސީރު ކުރުން ކަމާއި، އެހެނީ ކޮންމެ މީހަކީވެސް (الأصل براءة الذمة) މިޤާޢިދާގެ ދަށުން އެމީހެއްގެ މައްޗަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ކުށެއް ސާބިތުނުވާހާ ހިނދަކު ކުށެއް ނެތް ބަރީއަ މީހެއްކަމުގައި ބެލުމުގެ ޙައްޤު އެމީހަކަށް ލިބިފައިވާ މީހެއް ކަމާއި، އެހެންކަމުން މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ކަނޑައަޅަންވާނީ، އެކަށީގެންވާ ޝައްކެތް ނެތް މިންވަރު ޙާޞިލުވެ، ކުށެއް ކޮށްފިކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު ވުމުން ކަމާއި، އެހެންކަމުން ހުށަހެޅިފައިވާ ދަޢުވާގައި ތުހުމަތު ކުރެވިފައިވާ ފަރާތުން އެ ތުހުމަތަށް އިންކާރުކުރާ ޙާލު، ތުހުމަތު ކުރެވިފައިވާ ފަރާތުން އެކުށް ކުރިކަމުގައި މައްޗަށް ދަލީލު ޤާއިމް ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ހާދިސާ ސިފަކޮށް ދަލީލު ޤާއިމްކުރިގޮތުން މައްސަލަ ބަލާ ފަނޑިޔާރަށް އެދަލީލުތަކުން ނެރެވުނު ނަތީޖާއާމެދު ޝައްކު އުފެދިފައިވާނަމަ، ނުވަތަ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު ވެވިފައި ނުވާނަމަ، އުފެދިފައިވާ ޝައްކަކީ، ކުށުގެ މާއްދީ ރުކުނާ ގުޅޭގޮތުން އެފެދިފައިވާ ޝައްކެތް ކަމުގައި ވިޔަސް، އަދި މަޢުނަވީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއް ކަމުގައި ވިޔަސް، އަދި ކިއެއްތަ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެތް ކަމުގައި ވިޔަސް، އެޝައްކު އެކަށީގެންވާ މިންވަރަށް ފިލާގޮސް، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު ވެވޭފަދަ ހަރުދަނާ ދަލީލުތައް ޤާއިމް ކުރުމަކީ ދަޢުވާ ކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލް ގެ ޤާނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި ވާއިރު، އެފަދަ ހަރުދަނާ ދަލީލުތައް މިދަޢުވާއާއި ގުޅިގެން ހުށަހެޅިފައި ނުވާކަމެވެ.
(އ) އަށްވަނަ ކަމަކީ: އިސްވެ ބަޔާންވެ ދިޔަ ކަންކަން އިސްވެ ބަޔާންކުރެވިދިޔަ ގޮތުގެމަތިން ހުރުމާއެކު، […]މުޙައްމަދު އާއި، މާލެ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގެ ނަންބަރު 3033 ޙަސަންޢަލީގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ޤަޟިއްޔާގައި ދައުލަތުން ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ، އެދެމީހުންގެ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ، ބާޠިލް ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާ ގައި ކަނަޑައަޅައި، ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ ގެ މައްޗަށް، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވަނީ، އެ ދަޢުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ހެއްކާ ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމުގައި އުފެދިފައިވާ ޝައްކުތަކާމެދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ އެންމެހައި ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން ކަމަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، […]، ޢަބްދުއްލަޠީފު މުޙައްމަދު ([…]ޚާއްސަ ދަފްތަރުގެ ނަންބަރު 3033 ޙަސަން ޢަލީގެ (ދ.ރ މައްޗަށް މަނާކުރުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާގައި ކަނޑައަޅައި، ޢަބްދުއްލަޠީފު މުޙައްމަދު ([…](ދ.ރ ޢުމުރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވަނީ، ދަޢުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ހެއްކާ ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމުގައި އުފެދިފައިވާ ޝައްކުތަކާމެދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ އެންމެހައި ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން ކަމަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައެޅުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ޤަޟިއްޔާގައި، މަނާކުރުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށް ޢަބްދުއްލަޠީފު މުޙައްމަދު އާއި ޙަސަން ޢަލީ ގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2015/SC-A/04, 2015/SC-A/03
ދަޢުވާކުރާ ފަރާތް: ޙަސަން ޢަލީ، […] .ޚ.ދ ނަންބަރު 3033، މާލެ،
ޢަބްދުއްލަޠީފް މުޙައްމަދު، ޑެއިލީބްލޫ، ޏ. ފުވައްމުލައް
ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް (ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް)
މައްސަލައިގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 25 ޑިސެމްބަރ 2014
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 ފެބްރުއަރީ 2015
ނިމުނު ތާރީޚް: 12 ސެޕްޓެމްބަރ 2018
މައްސަލަ ނިންމި ގަޑި: 14:46
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/164
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 06 ޖުލައި 2011
ނިމުނު ތާރީޚް: 17 އޮގަސްޓް 2014
މައްސަލައިގެ ޚުލާޞާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.