ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-A/31ސުޕްރީމް ކޯޓު · 8 އޮކްޓޫބަރު 2020

—

ސުޕްރީމް ކޯޓު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 އޮކްޓޫބަރު 2020ބާވަތް: ކޯޓު އަމުރު

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2019/SC-A/31

އިސްތިއުނާފު ކުރާ ފަރާތް:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

އިސްތިއުނާފު ރައްދުވާ ފަރާތް:

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

މައްސަލައިގެ ބާވަތް:

ކޯޓު އަމުރު

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

01 އޭޕްރިލް 2019ރަޖިސްޓްރީ ކުރެވުނު ތާރީޚު:

03 އޭޕްރިލް 2019ނިމުނު ތާރީޚު:

08 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2019/HC-A/26

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

10 ޖަނަވަރީ 2019ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

31 މާރޗް 2019

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މި ގަޒިއްޔާގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/26 ގަޒިއްޔާގެ ހުކުމުގައި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 72 ވަނަ މާއްދާ އާއި 73 ވަނަ މާއްދާ މާނަކޮށް އެ މާއްދާތައް އެ ގަޒިއްޔާގައި ތަތުބީގު ކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 08 (އަށެއް) އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން 13 ޑިސެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 08 (އަށެއް) އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ހޯދަން ބޭނުންވާ ސަބަބެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަޔާންކޮށްފައިވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ މއ. ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުންހުރި ފައިސާ ނުހިފަހައްޓައިފިނަމަ އެ ފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީ އާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެ ކަމުގެ ފުރުސަތު އޮތްކަމަށް ތަހުގީގަށް ފެންނާތީ ކަމަށެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 08 (އަށެއް) ބޭންކް އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ހޯދުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް 5 ކުށަކަށް ތުހުމަތުކޮށްފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގައި ބަޔާން ކުރާ ދެ ކުށާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާގައި ބަޔާން ކުރާ ދެ ކުށާއި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކުރާ އެއް ކުށެވެ.

މަތީގައި މި ބަޔާންކުރި ކުށްކުށުގެ ތަހުގީގަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިފައިވާ ހެކީގެ ގޮތުގައި ކޯޓުގެ އަމުރަށް އެދޭ ފޯމާއެކު ހުށަހަޅާފައިވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބޭންކް އެކައުންޓުތަކުގެ ސްޓޭޓްމަންޓުތަކުގެ ކޮޕީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހިނގަމުން އަންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް 5 ނޮވެމްބަރު 2018 ގައި ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެވެ.

އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ހޯދުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި އެ އަމުރު ހޯދަން އެދި ހުށަހަޅާފައިވާ ސަބަބާއި، އެ ފޯމާއެކު ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވިގެން ތަހުގީގުކުރެވޭ މައިގަނޑު ކުށަކީ މަނީ ލޯންޑަރިންގގެ ކުށްކަން ސާފުކޮށް އެނގެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ 08 (އަށެއް) އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ހޯދުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައިވާ މައުލޫމާތަށް ބިނާކޮށް ކްރިމިނަލް ކޯޓުން އެ އެކައުންޓްތައް ފްރީޒްކުރުމަށް އެ ކޯޓުގެ ނަންބަރު 45-J/ACA/2018/17 ކޯޓު އަމުރު 13 ޑިސެމްބަރު 2018 ގައި ނެރެފައިވެއެވެ.

މަތީގައި ބަޔާންކުރެވުނު ނަންބަރު 45-J/ACA/2018/17 ކޯޓު އަމުރުން، މޯލްޑިވްސް އިސްލާމިކް ބޭންކްގައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ 08 (އަށެއް) އެކައުންޓް ފްރީޒްކުރުމަށް އަމުރުކޮށްފައިވަނީ 13 ޑިސެމްބަރު 2018 އިން 12 މާޗް 2019 ގެ ނިޔަލަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 45-J/ACA/2018/17 އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލު ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 45-J/ACA/2018/17 އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކުރީ އަންނަނިވި ސަބަބުތަކަށްޓަކައި ކަމަށް ހައިކޯޓުގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގައި ބަޔާންކޮށްފައިވެއެވެ.

(ހ)ކްރިމިނަލް ކޯޓުން ނެރެފައިވާ އެކައުންޓް ފްރީޒްކުރުމުގެ އަމުރު ހައިކޯޓުން ބާތިލުކުރި ސަބަބެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 72 ވަނަ މާއްދާއާއި 73 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވާތީ ކަމަށެވެ. މި ނުކުތާގެ ތަފްސީލު ދެމުން ހައިކޯޓުގެ ނިޔާގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރަކަށް އެދެވޭނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން ބޭންކް އެކައުންޓް މޮނިޓަރ ކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑުކުށެއް ފާހަގަވާ ކަމަށްވާނަމަ ކަމުގައިކަން އެ ގާނޫނުގެ 73 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށާއި، މި މައްސަލައިގައި ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 08 އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 5 ނޮވެމްބަރު 2018 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވި ނަންބަރު98-FIU/171/2018/73 ސިޓީއާ ގުޅިގެން ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސިޓީއަށް ބަލާއިރު އެ ސިޓީގައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް 10 ޖޫން 2018 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ އާދަޔާ ޚިލާފު މުއާމަލާތެއް ފާހަގަކުރެވިފައި ވުމުން، އެ މުއާމަލާތް ހިންގުމުގެ ހައިސިއްޔަތާއި ބޭނުމާއި މެދު ސުވާލު އުފެދޭތީ މި ކަންތައްތައް އިތުރަށް ބަލައި ތަހުގީގުކުރުން މުހިންމު ކަމުގެ ވާހަކަތައް ކަމަށް ވާއިރު، މިގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 8 އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައި ވަނީ 13 ޑިސެމްބަރު 2018 ދުވަހު ކަމާއި، އަދި ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ 13 ޑިސެމްބަރު 2018 ވަނަ ދުވަހުކަން އެނގެން އޮތުމުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސިޓީ ލިބުނު ތާރީޚާއި އެކައުންޓް ފްރީޒްކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ތާރީޚާ ދެމެދު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ވާފަދަ މޮނިޓަރިންގ އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިއޮވެމެ، ދައުލަތުގެ ފަރާތުން އެފަދަ އަމުރަކަށް އެދިފައި ނެތުން.

(ށ)ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ކަމަށް ދައުލަތުގެ ފަރާތުން ބުނި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ކަމަށް ހައިކޯޓަށް ނުފެންނަކަން. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ކަމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި ބުނާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގައި ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ބުނާފަދަ ތަހްގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައުލޫމާތު ހޯދާފައިވާ ކަމުގެ ލިޔުމެއް އަމުރު ހޯދުމުގެ ފޯމާއެކު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ނެތްކަން.

(ނ)މި އަމުރު ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ، 5 ނޮވެމްބަރު 2018 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވި ނަންބަރު 98-FIU/171/2018/73 ސިޓީއާ ގުޅިގެން ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސިޓީއަށް ބަލާއިރު އެ ސިޓީގައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް 10 ޖޫން 2018 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ އާދަޔާ ޚިލާފު މުއާމަލާތެއް ފާހަގަކުރެވިފައި ވުމުން، އެ މުއާމަލާތް ހިންގުމުގެ ހައިސިއްޔަތާއި ބޭނުމާއި މެދު ސުވާލު އުފެދޭތީ މި ކަންތައްތައް އިތުރަށް ބަލައި ތަހުގީގުކުރުން މުހިންމު ކަމުގެ ވާހަކަތައް ކަމަށް ވާއިރު، މި ސިޓީގައިވާ މުއާމަލާތާއި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 08 އެކައުންޓާއި ގުޅުވައިދެނީ ކިހިނެތްކަން މި 8 އެކައުންޓް ފްރީޒްކުރުމަށް ހުށަހެޅި ހެކި ގަރީނާއަށް ބެލުމުން އެނގެން ނެތްކަން.

އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތައް

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 08 އެކައުންޓް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ފްރީޒްކުރުމުގެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށާއި، އެ އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފަސް ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނު އަކީ އެ ގާނޫނުގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމާއި ފައިސާ ނުވަތަ މުދަލުން މުއާމަލާތުކުރުން ހުއްޓުވުމާއި ހިފެހެއްޓުމުގެ ބާރު ލިބިދޭ ގާނޫނަކަށްވާއިރު އެކަމަށް ރިއާޔަތްކޮށްފައި ނެތުން.

(ށ)ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ ގެ (ބ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ޖިނާއީ ކުށްތައް ތަހްގީގުކުރުމުގެ ބާރު ލިބިގެންވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިގެން ކަސްޓަމަރުންގެ އެކައުންޓުގެ މައުލޫމާތު ހޯދުމަށް ގާނޫނުލްއުގޫބާތުގެ 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ މޮނިޓަރިންގ އަމުރެއް ހޯދުން ލާޒިމުނުކުރާ ކަމަށާއި، އެ ހާލަތުގައި ކޯޓު އަމުރެއް އޮތުން ލާޒިމުކުރާ ކަމަށް ބަލައިގެން އެގޮތަށް ގާނޫނުލްއުގޫބާތުގެ 72 ވަނަ މާއްދާ މާނަކުރާނަމަ ބޭންކިންގއާބެހޭ ގާނޫނުން ކަސްޓަމަރުންގެ އެކައުންޓުތަކާއި މުއާމަލާތްތައް މޮނިޓަރކުރުމަށް ދީފައިވާ ބާރު ހަނިވެގެންދާކަން.

(ނ)ހައިކޯޓުގެ ހުކުމުގައި ބުނެފައިވާ ފަދައިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުންޓުގައިވާ ފައިސާ ފްރީޒްކުރުމުގެ އަމުރަކަށް އެދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން ބޭންކް އެކައުންޓު މޮނިޓަރކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާނަމަ ކަމުގައި މާނަކުރުމަކީ އެ ގާނޫނުގެ 72 ވަނަ މާއްދާއާއި 73 ވަނަ މާއްދާގެ އެއް މުރާދު ކަމަށާއި، ދެވަނަ މުރާދަކަށްވާނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް މޮނިޓަރކުރުމުގެ ބާރު ދީފައިވާއިރު، އެ ބާރުގެ ބޭނުންކުރާ ހާލަތުގައި ލިބޭ މައުލޫމާތު (އެސްޓީއާރ ފަދަ) އެ ލިބެނީ މޮނިޓަރކުރުމުގެ ތެރެއިން ކަމަށްވާތީ، އެ ހާލަތުގައި އިތުރު މޮނިޓަރކުރުމުގެ އަމުރަކާ ނުލައި އެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރަކަށް އެދެވިދާނެކަން.

(ރ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސިޓީއާއި އެކައުންޓު ފްރީޒްކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާ ދެމެދު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައިވާ ފަދަ މޮނިޓަރިންގ އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެންގޮސްފައިވާ ކަމަށް ހައިކޯޓުގެ ނިޔާގައި ބަޔާންކޮށްފައިވާ އިރު، އެފަދަ އަމުރެއް ހޯދުން އިސްތިސްނާކުރާ ހާލަތެއް އެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި އޮތުމުން އެ މާއްދާގެ ދަށުން ލިބޭ މައުލޫމާތުގެ އަލީގައި ފާހަގަވާ ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިގެން އެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުންޓް ފްރީޒްކުރުމަށްޓަކައި އެފަދަ މޮނިޓަރިންގގެ އަމުރަކަށް އެދެންޖެހޭ ކަމަށް ނުފެންނަކަން.

(ބ) ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ހޯދާ މައުލޫމާތަކާ ގުޅިގެން ބަލާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަކުރެވިއްޖެ ނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުންޓުގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ހުށަހަޅާއިރު، ވަކިބާވަތެއްގެ ހެކި ހުށަހެޅުން ލާޒިމުނުވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައުލޫމާތު ހޯދުމަށްޓަކައި ބޭންކަށް ހުށަހަޅާފައިވާ ލިޔުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ނެތުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ބުނާ އިޖުރާއަތު ދައުލަތުގެ ފަރާތުން ފުރިހަމަކޮށްފައިނުވާ ކަމަށް ބެލެވޭނެ ކަމަށް ނުފެނުން.

ކޯޓު އަމުރު ނެރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދާއިރާ

ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 212 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކިކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅައި ދީފައިވާ ހާލަތުގައި ފިޔަވައި، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ތިރީގައި މިވާ ކަންކަމުގައި އަމަލުކުރާނީ އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށެވެ.

(ހ)ކޯޓު އަމުރު ހޯދުމާއި އެ އަމުރު ނެރުމާއި އަދި އެ އަމުރު ތަންފީޒުކުރުމުގައި.

(ށ)މީހުން ހުއްޓުވުމާއި ހިފެހެއްޓުމާއި ހިފައި ހައްޔަރުކުރުމާއި ބަންދުކުރުމުގައި.

(ނ)ޖިނާއީ މައްސަލަ ތަހުގީގުކުރުމުގައި.

(ރ)ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި.

(ބ)ޖިނާއީ މައްސަލަތަކުގައި ޝަރީއަތްކުރުމުގައި.

(ޅ)ޖިނާއީ މައްސަލަތަކުގެ ހުކުމް ތަންފީޒުކުރުމުގައި.

(ކ)އެ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު ޖިނާއީ އިޖުރާއަތާ ގުޅޭ ކަންކަމުގައި.

މަތީގައި މި ބުނެވިދިޔަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) އިން އެނގެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ޖިނާއީ އިޖުރާއަތުގެ ޚާއްސަ އިޖުރާއަތުތަކާއި އުސޫލުތަކެއް ކަނޑައަޅާފައިވާ ހާލަތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ތަހުގީގީ އިދާރާތަކުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް އާއި ކޯޓުތަކުން އަމަލުކުރާނީ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން ކަމެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު އަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއް ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަނީ ލޯންޑްރިންގގެ ކުށަކާ ގުޅޭކަމަށް ތުހުމަތުކުރެވޭ ހާލަތުގައި ފައިސާ ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުމާ ގުޅޭގޮތުން ނުވަތަ ބޭންކް އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް ތަހުގީގީ އިދާރާއަކުން އެދޭނަމަ އެދެންވާނީ، އަދި ކޯޓުން އެފަދަ އަމުރުތައް ނެރެންވާނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ގެ 51 ވަނަ މާއްދާގެ ދަށުން އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ގެ 51 ވަނަ މާއްދާގެ ދަށުން ނެރޭ ފްރީޒްކުރުމުގެ އަމުރެއްގެ ދަށުން ހިފެހެއްޓޭ މުދާ ހިފެހެއްޓުމާބެހޭ އުސޫލުތަކާއި އެ ގޮތުން ހިފެހެއްޓޭ މުދަލާއި ފައިސާއާ މެދު އަމަލުކުރާނެ ގޮތްތައް އެ މާއްދާގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި އެގޮތުން ނެރެވޭ ކޯޓުއަމުރުތައް ނިމުމަކަށް އަންނާނެ ގޮތާއި އެފަދަ އަމުރުތަކަށް އިއުތިރާޒުކޮށް އެ އަމުރު ބާތިލުކުރުމަށް އެ މުދަލުގެ ނުވަތަ ފައިސާގެ މައްޗަށް މަސްލަހަތު އޮތް ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެ ކަމާއި، އެ ގޮތަށް ވަގުތީ ގޮތުން ހިފެހެއްޓޭ މުދަލާއި ފައިސާ ބަލަހައްޓާނެ ފަރާތްތަކާއި އެ ތަކެތި ބަލަހައްޓާނޭ އުސޫލުތައް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ނެރުން

ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ އަށްވަނަ ބާބުގައި ބަޔާންކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތަށް ފަހިވާނޭ، އަދި ތަހުގީގުކުރުމުގެ މަގްސަދު ހާސިލުކުރުމަށް މަގުފަހިވާނޭ އެކިއެކި ބާވަތުގެ އަމުރުތައް ހޯދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިފައިވާ ބާރުތަކެވެ. އެގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެ ބާބުގައިވާ މާއްދާތަކުގެ ދަށުން ލިބިފައިވާ ބާރުތަކުގެ ތެރޭގައި 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭންކް އެކައުންޓް މޮނިޓަރކުރުމުގެ އަމުރު ހޯދުމާއި 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހެއްގެ ބޭންކް އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމުގެ އަމުރު (އެކައުންޓް ފްރީޒްކުރުމުގެ އަމުރު) ހޯދުމަށް ލިބިދީފައިވާ ބާރު ހިމެނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ބޭނުމަކީ؛ (1) ޖިނާއީ ކުށެއްކޮށްގެން ހޯދާ މުދާ (އޭގެ ތެރޭގައި ފައިސާވެސް ހިމެނޭ) ދައުލަތަށް ނެގުން ލާޒިމުކޮށްފައިވާ ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހާއާއި، (2) އެފަދަ ކުށަކުން ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި މަންފާ ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭ މީހާއާއި، (3) ޖިނާއީ ބޮޑު ކުށެއްގެ އަމަލަކުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ ކަމަށް ތުހުމަތުކުރެވޭ މީހާގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ބޭންކްތަކުން ހޯދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހުއްދަކޮށް، އެކަން ކުރުމުގެ ބާރު އެ ފަރާތްތަކަށް ދިނުމެވެ.

ބުނެވިދިޔަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދަ މީހެއްގެ އެކައުންޓްގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދެ ގޮތަކަށް ހޯދިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ގޮތަކީ ކޯޓު އަމުރެއް މެދުވެރިކޮށް އެފަދަ މީހެއްގެ ބޭންކް އެކައުންޓްގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހޯދުމެވެ. ދެވަނަ ގޮތަކީ ކޯޓު އަމުރެއް ހޯދުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖިނާއީ ކުށް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ސީދާ ބޭންކްތަކަށް ލިޔެގެން އެފަދަ މީހެއްގެ ބޭންކް އެކައުންޓްގެ މައުލޫމާތު ހޯދުމެވެ. ކޯޓު އަމުރު ހޯދުމުގެ ބަދަލުގައި ޖިނާއީ ކުށް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ބޭންކަށް ލިޔެގެން އެފަދަ މައުލޫމާތު ހޯދުމަށް ފުރުސަތު ދީފައިވަނީ ތަހުގީގުކުރުމުގެ ރާސްތާ ކުރުކުރުމުގެ ބޭނުމުގައެވެ. އެހެންކަމުން، ޖިނާއީ ކުށް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް މި ބުނި ދެ ގޮތުންކުރެ ގޮތަކަށް ހޯދާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން މީހެއްގެ ބޭންކް އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދި ހުށަހެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އިން ހުއްދަ ދީފައިވެއެވެ. ވީމާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން މީހެއްގެ ބޭންކް އެކައުންޓް ފްރީޒްކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މޮނިޓަރިން އަމުރެއް އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މޮނިޓަރިން އަމުރު ހޯދުމުގެ ބަދަލުގައި ޖިނާއީ ކުށް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސީދާ ބޭންކަށް ލިޔެގެން ހޯދާ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން މީހެއްގެ ބޭންކް އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދުމުގެ ބާރު ޖިނާއީ ކުށް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތްތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން މީހެއްގެ ބޭންކް އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދި ހުށަހެޅުމުގެ ކުރިން އެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކައުންޓްގެ މައުލޫމާތު ހޯދުން ލާޒިމުކޮށްފައިވަނީ އެކަށީގެންވާ ހެއްކެއްނެތި އާބިޓްރަރީކޮށް މީހެއްގެ އެކައުންޓް ފްރީޒްކުރުމަށް ފުރުސަތު ނުދިނުމުގެ މަގްސަދުގައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ބޭނުމަކީ އެފަދަ އަމުރެއް ހޯދުމަށް އެދި ޖިނާއީ ކުށް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތްތަކުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފަނޑިޔާރުގެ ކުރިމައްޗަށް ދާއިރު ހުސްއަތާ ގޮސް އެފަދަ އަމުރެއް ހޯދުމަށް ޖާގަ ނުދިނުމަށާއި އެކައުންޓް ފްރީޒްކުރުމާބެހޭ ގޮތުން ފަނޑިޔާރު ގޮތެއް ނިންމާއިރު ފަނޑިޔާރު ނިންމާ ނިންމުން ބިނާކުރާނޭ އެކަށީގެންވާ ހެކި ފަނޑިޔާރުގެ ކުރިމަތީގައި ހުރެގެން ނޫނީ އެފަދަ ހަރުކަށި އަމުރެއް ނެރުމަށް ޖާގަ ނުދިނުމަށެވެ. އެހެންކަމުން އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ހޯދަންދާއިރު، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެއްކަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން ހޯދާފައިހުރި ހެކިތޯ ނުވަތަ އެއީ އެ މާއްދާގެ (ބ) ގެ ދަށުން ހޯދާ ހެކިތޯ ބަލައި ފަރަގުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ މަގްސަދެއް ނޫނެވެ. އެ މާއްދާގެ މަގްސަދަކީ ކޯޓު އަމުރެއް ހޯދަންދާއިރު އެކައުންޓާބެހޭ މައުލޫމާތު ކޯޓު އަމުރަށް އެދޭ ފަރާތުން ހޯދާފައިވުމާއި އެ މައުލޫމާތު ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުމެވެ. އެ މަގްސަދު ހާސިލުވާ ގޮތަށް އޮތްނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

މަނީ ލޯންޑްރިންގ ގާނޫނުގެ ދަށުން އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ނެރުން

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ބުނެފައިވަނީ އެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ދައުލަތަށް ނެގިދާނެ ފައިސާ ނުވަތަ މުދަލާމެދު ވަގުތީ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. އެފަދަ ވަގުތީ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން އެ ފައިސާއެއް ނުވަތަ މުދާ ވަކި މުއްދަތަކަށް ހިފެހެއްޓުމާއި، އެއިން މުއާމަލާތްކުރުން ހުއްޓުވުން ހިމެނެއެވެ. މިގޮތަށް މި މާއްދާގައި ބުނެފައި އޮތުމުން، މި މާއްދާގެ ދަށުން ބޭންކް އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ހޯދުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެދެވިދާނެކަން އެނގެއެވެ. ނަމަވެސް މިފަދަ އަމުރެއް ހޯދުމަށް، މި މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ޝަރުތަކީ ފްރީޒްކުރަން އެދޭ ބޭންކް އެކައުންޓްގައިވާ ފައިސާ އަކީ އެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ދައުލަތަށް ނެގިދާނެ ފައިސާއެއް ކަމަށް ވުމެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާ ބުނާގޮތުން މަނީ ލޯންޑްރިންގގެ ކުށަކާ ނުވަތަ މަނީ ލޯންޑްރިންގގެ ކުށަކާ ގުޅިފައިވާ ކުށަކާ ނުވަތަ ޓެރަރިޒަމްއަށް ފައިނޭންސް ކުރުމުގެ ކުށަކާ ގުޅިގެން ނުވަތަ އެއިން ކުށެއް ކުރަން އުޅުމާ ގުޅިގެން ތިރީގައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގިދާނެ ކަމަށެވެ.

މަނީ ލޯންޑްރިންގގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާ ނުވަތަ މުދާ.

މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ.

ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށް ކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާއާއި މުދާ.

ކުށް ކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ ފައިސާ ނުވަތަ މުދާ.

ކުށް ކުރުމަށް ބޭނުންކުރި މުދަލެއް.

ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ.

ކުށް ކޮށްގެން ހޯދާ މުދަލަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބޭ މުދާ. އޭގެ ތެރޭގައި އެ އެއްޗަކުން ލިބޭ އާމްދަނީއާއި ފައިދާއާއި އެހެނިހެން މަންފާ ހިމެނެއެވެ.

މިގޮތުން ވަގުތީ ގޮތުން ހިފެހެއްޓިފައިވާ ފައިސާ އާއި މުދާ ހިފެހެއްޓުމަށް ނެރެފައިވާ އަމުރު، މަނީ ލޯންޑްރިންގގެ ކުށުގެ ނުވަތަ މަނީ ލޯންޑްރިންގގެ ކުށަކާ ގުޅިފައިވާ ކުށުގެ ނުވަތަ ޓެރަރިޒަމްއަށް ފައިނޭންސް ކުރުމުގެ ކުށުގެ ނުވަތަ އެއިން ކުށެއް ކުރަން އުޅުމާ ގުޅޭ ކުށުގެ އަސްލު މައްސަލަ ޝަރީއަތުން ނިންމުމާ ހަމައަށް ކޯޓުން އެ ފްރީޒިން އޯޑަރު ދަމަހައްޓާފައިވާނަމަ، އެ ފައިސާ ނުވަތަ އެ މުދަލާ މެދު އެ މައްސަލައިގެ އަސްލު ޝަރީއަތް ނިންމާއިރު މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އެ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމާމެދު އެ ގަޒިއްޔާގެ ހުކުމުގައި ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި އެފަދަ މައްސަލަތަކުގައި ދައުވާ ކުރާއިރު، އެ މައްސަލަ ޝަރީއަތުން ބަލައި ހުކުމް ކުރާއިރު އެފަދަ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށް ދައުވާ ކުރާ ފަރާތުން ކޯޓުގައި އެދެންވާނެއެވެ.

ފްރީޒިންގ އަމުރަކަށް އެދިހުށަހެޅުން

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ ފަރާތަކުން މުދާ ނުވަތަ ފައިސާ ހިފެހެއްޓުމަށްޓަކައި ފްރީޒްކުރުމުގެ އަމުރަކަށް ނުވަތަ ހިފެހެއްޓުމުގެ އަމުރަކަށް އެދޭއިރު ފުރިހަމަކުރުން ލާޒިމުވާ ކަންތައްތަކެއް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. ފުރަތަމަ ކަމަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ބުނެފައިވާގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ފްރީޒްކުރުމުގެ އަމުރަކަށް ނުވަތަ ހިފެހެއްޓުމުގެ އަމުރަކަށް އެދި ހުށަހެޅޭނީ އެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ދައުލަތަށް ނެގިދާނެ ފައިސާ އާއި މުދާ ކަމުގައިވުމެވެ. އެ މުދާ ނުވަތަ ފައިސާއަކީ ދައުލަތަށް ނެގިދާނެ މުދާ ނުވަތަ ފައިސާކަން އެ މަރުހަލާގައި ސާބިތުކޮށް ދިނުމަކީ ލާޒިމުކަމެއް ނޫނެވެ. އެ މުދާ ނުވަތަ ފައިސާއަކީ ދައުލަތަށް ނެގިދާނެ މުދާކަމަށް ނުވަތަ ދައުލަތަށް ނެގިދާނެ ފައިސާ ކަމަށް ގަބޫލުކުރެވިދާނޭ ސަބަބެއް ނުވަތަ ސަބަބުތަކެއް ފަނޑިޔާރަށް ހުށަހެޅުމުން ފުދޭނެއެވެ. ދެވަނަ ކަމަކީ، އެ ފައިސާއަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ދައުލަތަށް ނެގިދާނެ މުދާ ނުވަތަ ފައިސާ ކަމުގައި ގަބޫލުކުރެވޭ ސަބަބުތަކެއް ހުރި ނަމަ އެ މުދާ ބަޔާންކުރަން އެނގުމާއި، އެއީ ފައިސާ ކަމުގައިވާނަމަ ނެގިދާނެ ފައިސާގެ މިންވަރު ކަމަށް އަންދާޒާކުރެވޭ އަދަދެއް ފަނޑިޔާރަށް ހުށަހަޅާ ހުށަހެޅުމުގައި ބަޔާންކުރުމެވެ. އެކައުންޓުގައި ހުރި ފައިސާގެ އަދަދަކީ ކުށަކާ ގުޅިފައިވާ ކަމަށް އަންދާޒާކުރެވޭ ފައިސާގެ އަދަދަށްވުރެ ބޮޑު އަދަދެއް ނަމަ، ފްރީޒްކުރާނީ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ކުށާގުޅިފައިވާ ކަމަށް އަންދާޒާކުރެވޭ އަދަދަށްވާ ފައިސާއެވެ. އަދި ފްރީޒްކުރަން އެދޭ ވަކި ބޭންކް އެކައުންޓެއްގައި ހުރި ހުރިހާ ފައިސާއަކީ ނުވަތަ މީހެއްގެ ނަމުގައި ހުރި، ހުރިހާ ބޭންކް އެކައުންޓުތަކުގައި ހުރި އެންމެހާ ފައިސާއަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ނުވަތަ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިފައިވާ ފައިސާ ކަމުގައި ތުހުމަތު ކުރެވޭނަމަ، އެގޮތަށް ގަބޫލުކުރެވޭ ސަބަބު ފަނޑިޔާރަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ބޭންކް އެކައުންޓެއް ފްރީޒްކުރުމުގެ އޯޑަރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެދޭއިރު އިސްވެ ދިޔަ ޕްރެގްރާފުގައި ބަޔާންކޮށްފައިވާ އާއްމު ހަމަތަކާ އެއްގޮތަށް ކަންކުރުމުގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދެ ގޮތުންކުރެ ގޮތަކަށް އެކައުންޓާބެހޭ ގޮތުން ހޯދާފައިވާ މައުލޫމާތު ފަނޑިޔާރަށް ހުށަހަޅަންވާނެއެވެ.

މަތީގައި ބަޔާންކުރެވުނު ގޮތަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓުގެ އަމުރަށް އެދޭއިރު، އެ އަމުރަށް އެދެނީ ކޮން ގާނޫނެއްގެ ދަށުން ކަން އަމުރަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ. އަދި ފަނޑިޔާރު ނެރޭ އަމުރުގައި؛ (1) އެ އަމުރެއް ނެރެނީ ކޮން ގާނޫނެއްގެ ދަށުންކަމާއި، (2) އެ އަމުރެއް ނެރެން ކަމާބެހޭ ގާނޫނުގައި ފުރިހަމަ ކުރުމަށް ލާޒިމުކުރާ ކަންކަން ފަނޑިޔާރުގެ ނަޒަރުގައި ފުރިހަމަވާ ގޮތާއި، (3) އަމުރު ނުދިނުމަށް ފަނޑިޔާރު ނިންމި ނަމަވެސް އަމުރު ނުދޭ ސަބަބު ބަޔާންކުރަންވާނެއެވެ. އަދި އަމުރު ދެމިއޮންނާނެ މުއްދަތު ވެސް އަމުރުގައި ބަޔާންކުރަންވާނެއެވެ.

މަތީގައި ބަޔާންކުރި ގާނޫނީ ހަމަތައް މި މައްސަލައަށް ތަތުބީގުކުރުން

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން 13 ޑިސެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 08 (އަށެއް) އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ހޯދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ މއ. ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުންހުރި ފައިސާ ނުހިފަހައްޓައިފި ނަމަ އެ ފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީ އާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް ފެންނާތީ ކަމަށެވެ.

ކޯޓުގެ އަމުރަކަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ކުށްކުށުގެ ތަހުގީގަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިފައިވާ ހެކީގެ ގޮތުގައި އެ ފޯމާއެކު ހުށަހަޅާފައިވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބޭންކް އެކައުންޓުތަކުގެ ސްޓޭޓްމަންޓުތަކުގެ ކޮޕީއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް 5 ނޮވެމްބަރު 2018 ގައި ފޮނުވި ސިޓީއެއްގެ ކޮޕީއެވެ.

ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 08 އެކައުންޓު ފްރީޒްކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 5 ނޮވެމްބަރު 2018 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވި ނަންބަރު 98-FIU/171/2018/73 ސިޓީއާ ގުޅިގެން ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާ އިރު، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސިޓީއަށް ބަލާއިރު އެ ސިޓީގައި ބަޔާންކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް 10 ޖޫން 2018 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ އާދަޔާ ޚިލާފު މުއާމަލާތެއް ފާހަގަކުރެވިފައި ވުމުން، އެ މުއާމަލާތް ހިންގުމުގެ ހައިސިއްޔަތާއި ބޭނުމާއި މެދު ސުވާލު އުފެދޭތީ މި ކަންތައްތައް އިތުރަށް ބަލައި ތަހުގީގުކުރުން މުހިންމު ކަމުގައެވެ. ވީމާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން 13 ޑިސެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާ އެކު ހުށަހެޅި ލިޔުމުން އެ އަމުރު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ ތަހުގީގަކާ ގުޅިގެން ފްރީޒްކުރުމުގެ އަމުރަކަށް އެދި ހުށަހެޅި ތަހުގީގުގެ ފޯކަސްއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް 10 ޖޫން 2018 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ މުއާމަލާތެއް ކަން ސާފުކޮށް އެނގެއެވެ. ނަމަވެސް ސުވާލު އުފެދިފައިވާ ފައިސާ ޖަމާކުރެވުނު އެކައުންޓުކަމުގައިވާ، ބޭންކް އޮފް މޯލްޑިވްސްގައިވާ އެސްކްރޯ އެކައުންޓު ފްރީޒްކުރުމުގެ އަމުރަކަށް އެދުމުގެ ބަދަލުގައި، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުވާފައިވާ 8 އެކައުންޓް ފްރީޒްކުރަން ހުށަހެޅިއިރު އެ 8 އެކައުންޓުގައިވާ ފައިސާއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް 10 ޖޫން 2018 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅެނީ ކިހިނެތް ކަމެއް ނުވަތަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ފައިސާގެ ޚިޔާނާތުގެ ފައިސާއާއި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓުގައިވާ ފައިސާއާ ގުޅުމެއް އޮތްކަން ނުވަތަ ނޫންކަން ފުލުހުންގެ ފަރާތުން ހައިކޯޓުގައާއި މި ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބަޔާންކޮށްފައެއް ނުވެއެވެ. ވީމާ މި ސަބަބުތަކަށްޓަކައި، މޯލްޑިވްސް އިސްލާމިކް ބޭންކްގައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ 08 (އަށެއް) އެކައުންޓް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ނަންބަރު 45-J/ACA/2018/17 ކޯޓު އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް އަހުރެންނަށް ނުފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމުން:

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/26 ގަޒިއްޔާގެ ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވާސިލުވުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަމްބަރު 2016/12) ގެ 72 ވަނަ މާއްދާއާއި 73 ވަނަ މާއްދާ މާނަކޮށް އެ މާއްދާތައް އެ ގަޒިއްޔާގައި ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުވާފައިވާ 8 އެކައުންޓް ފްރީޒްކުރަން ހުށަހެޅިއިރު އެ 8 އެކައުންޓުގައިވާ ފައިސާއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް، 10 ޖޫން 2018 ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅެނީ ކިހިނެތް ކަމެއް ނުވަތަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގެ ފައިސާއާއި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓުގައިވާ ފައިސާއާ ގުޅުމެއް އޮތްކަން ބަޔާންކޮށްފައި ނުވާތީ، މޯލްޑިވްސް އިސްލާމިކް ބޭންކްގައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ 08 (އަށެއް) އެކައުންޓް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ނަންބަރު 45-J/ACA/2018/17 ކޯޓު އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/26 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ