ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2018/HC-A/51، 576/Cv-C/2017
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޝަރޫ ލޯންޗުގެ ދަޢުވާ ސިވިލް ކޯޓުގެ 576/Cv-C/2017 ޤަޟިއްޔާގައި ބަލަމުން ދަނިކޮށް، ޝަރޫ ލޯންޗު އެދުމުން، ދަޢުވާ ފޯމު އިޞްލާޙުކޮށް އަލުން ހުށަހަޅައިފިނަމަ ބެލޭ ގޮތަށް ދަޢުވާ ފޯމު ބާޠިލުކޮށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ. އެމް.ސީ.ބީ އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2018/HC-A/51 ޤަޟިއްޔާގައި މިއީ ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެއް ކަމަށް ބުނެ ސިވިލް ކޯޓުގެ ނިންމުން ބާޠިލުކުރިއެވެ. ޝަރޫ ލޯންޗު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ޝަރޫ ލޯންޗުން ދޫކުރި ޗެކްތަކަށް އެމް.ސީ.ބީއިން ބޭންކް ގެރެންޓީ ދީ އޮނަރ ކުރާނެ ކަމަށް އެއްބަސްވެފައިވާ ކަމަށް ބުނެ، ޗެކްތަކަށް ފައިސާ ދޫކުރުމާއި ގެއްލުމުގެ ބަދަލަށް އެދި ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އަޑުއެހުންތައް ނިމި ޙުކުމްކުރުމަށް ތާވަލުކުރިފަހުން ޝަރޫ ލޯންޗުން އިތުރު ލިޔެކިޔުން ހުށަހެޅިއެވެ. ދެން 28 ސެޕްޓެމްބަރު 2017 ގައި، ދަޢުވާ ފޯމު އިޞްލާޙުކޮށް އަލުން ހުށަހެޅުމުގެ ފުރުޞަތާއެކު ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މައްސަލައިގެ އަޑުއެހުންތައް ނިމި ޙުކުމްކުރަން ތާވަލުކޮށްފައިވަނިކޮށް، އަލުން ހުށަހެޅުމުގެ ފުރުޞަތާއެކު ދަޢުވާ އަނބުރާ ގެންދަން ދަޢުވާކުރާ ފަރާތުން އެދުމަކީ އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެއްތޯ؛ އަދި އެކަމަށް ދަށު ކޯޓުން ދިން ހުއްދަ ހައިކޯޓުން ބާޠިލުކުރީ ޤާނޫނާ އެއްގޮތަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޝަރޫ ލޯންޗު ބުނީ، ހައިކޯޓުން ނިންމީ އިސްތިއުނާފުގައި ނަގާފައި ނުވާ ނުކުތާއެއްގެ މައްޗަށް ކަމަށާއި، ޤާނޫނު ނަންބަރު 81/78 ގެ 2 ވަނަ މާއްދާގައިވާ ދަޢުވާ ދޫކޮށްލާ ޙާލަތެއް ވުޖޫދުވެފައި ނުވާ ކަމަށާއި، ފަނޑިޔާރުގެ ތަޤްދީރީ ނިންމުމަކަށް ބަދަލު ގެނައީ ޤާނޫނީ އަސާސެއް ނެތި ކަމަށެވެ. އެމް.ސީ.ބީ ބުނީ، ޙުކުމްކުރަން އޮތް ދުވަހު ދަޢުވާ ބާޠިލުކުރުމަށް އެދުމަކީ އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެއް ކަމަށާއި، އެއީ ޤާނޫނު ނަންބަރު 81/78 ގެ 2 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2015/SC-SJ/08 އަމުރާ ޚިލާފު ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ދަޢުވާ އަނބުރާ ގެންދިޔުމަކީ ދަޢުވާކުރާ ފަރާތުގެ ޙައްޤެއް ކަމަށާއި، އަލުން ހުށަނާޅާ ގޮތަށް އަނބުރާ ގެންދިޔުމުގެ މުޠުލަޤު ޙައްޤު ޙުކުމްކުރުމާ ހަމައަށް އޮންނަ ކަމަށާއި، އަލުން ހުށަހެޅޭ ގޮތަށް އަނބުރާ ގެންދިޔުމަށް ކޯޓުގެ ހުއްދަ ބޭނުންވަނީ ދަޢުވާ ރައްދުވާ ފަރާތުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކަމަށެވެ. މި މައްސަލައަކީ ކުރިން ހުށަހެޅުނު މައްސަލައެއް ނޫންކަމުން، ހަމައެކަނި އަލުން ހުށަހެޅުމުގެ ފުރުޞަތަށް އެދުމަކީ އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެއް ނޫނެވެ. ޝަރޫ ލޯންޗު ދަޢުވާ ދޫކޮށްލީ ކަމަށް ބެލެވޭނެ ތަނެއް ނެތުމާއި، ހައިކޯޓުގެ ނިންމުމުގެ ނަތީޖާއަކީ މައުޟޫޢަށް ގޮތެއް ނުނިމި ދޮރު ބަންދުވުން ކަމަށްވާތީ، ހައިކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ މައްސަލައެއްގައި، އެ މައްސަލައިގެ ދަޢުވާ ވެރިޔަކީ ދަޢުވާކުރާ ފަރާތެވެ. އެފަރާތުން ބޭނުން ވަގުތަކު އެ ދަޢުވާގެ ބައެއް ނުވަތަ އެ ދަޢުވާ އެއްކޮށް އަނބުރާ ގެންދެވިދާނެއެވެ. އަލުން ހުށަހަޅާނެކަން ދޭހަވާފަދަ ވާހަކައެއް ބަޔާން ނުކޮށް، ޝަރީޢަތް ހިނގަމުން ދަނިކޮށް މައްސަލަ އަނބުރާ ގެންދާ ޙާލަތުގައި އެ ދަޢުވާ އެއްކޮށް ދޫކޮށްލީ ކަމަށް ބެލެވެއެވެ.
HN2 ދެވަނަ ގޮތަކީ އަލުން ހުށަހަޅާނެކަން ބަޔާންކޮށް ދަޢުވާ އަނބުރާގެންދިޔުމެވެ. މަދަނީ މައްސަލަތަކުގައި ޢަމަލީ ގޮތުން ކަންކަން ދާގޮތަށް ބަލާއިރު، ޝަރީޢަތް ފެށުމަށްފަހު މިގޮތަށް މައްސަލަ އަނބުރާ ގެންދެވޭނީ ކޯޓުގެ ހުއްދަޔާއެކުއެވެ. މިގޮތަށް މައްސަލަ ބާޠިލު ކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން އެދުމުން، ހުށަހެޅޭ ސަބަބުތަކަށް ބަލައި، ޝަރީޢަތުން މައްސަލައިގެ ދަޢުވާ ފޯމް ބާޠިލުކުރެއެވެ.
HN3 މަދަނީ މައްސަލަތަކުގައި ދަޢުވާ އަނބުރާ ގެންދިޔުމަކީ ދަޢުވާކުރާ ފަރާތަށް ލިބިގެންވާ ޙައްޤެކެވެ. ދަޢުވާކުރާ ފަރާތުން ދަޢުވާ ކުރިއަށް ގެންދަން ބޭނުން ނުވާނަމަ، އެ ދަޢުވާގެ ޝަރީޢަތް ކުރިއަށް ގެންދިޔުމަކީ ކޯޓަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަލުން ހުށަނާޅާ ގޮތަށް ދަޢުވާ އަނބުރާ ގެންދިޔުމުގެ މުޠުލަޤު ޙައްޤު މައްސަލައިގެ ހުކުމް ކުރުމާ ހަމަޔަށް ވެސް ދަޢުވާކުރާ ފަރާތަށް އަބަދުވެސް އޮންނާނެއެވެ. ޤައިދުތަކެއް އަންނަނީ އަލުން ހުށަހަޅާ ގޮތަށް އަނބުރާ ގެންދިޔުމުގައެވެ. ކޯޓުގެ ހުއްދަޔާއެކު އެކަން ކުރެވޭ ގޮތަށް އޮންނަނީ ދަޢުވާ ރައްދުވާ ފަރާތުގެ ޙައްޤުތައް ހިމާޔަތް ކުރުމަށެވެ. ޢަދުލު އިންސާފަށް ހުރަސް އެޅުނަ ނުދިނުމަށެވެ. މައްސަލަ އަނބުރާ ގެންދެވޭ ގޮތަށް އޮންނަ އިޖުރާއާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުމަށެވެ.
HN4 އިޖުރާއަތަކީ ކަންކުރާ މަގެވެ. އެކަމެއް ކުރުމަށް ކަނޑައެޅިފައިވާ ގޮތެވެ. އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ އިޖުރާއަތަށް ޢަމަލު ކުރުމުގައި އިންސާފުން އެއްކިބައިވުމެވެ. އެކަމުގައި އެކަށީގެން ނުވާގޮތަށް ޢަމަލު ކުރުމެވެ. އިދިކޮޅު ފަރާތަށް ބޭއިންސާފު ލިބޭ ގޮތަށް ޢަމަލުކުރުމެވެ.
HN5 ޝަރޫ ލޯންޗުގެ ފަރާތުން އެގޮތަށް އެދުނު ނަމަވެސް އެކަމުގައި ގޮތެއް ނިންމާނީ ފަނޑިޔާރެވެ. މައްސަލައިގެ އަޑުއެހުން ނިމިފައިވަނިކޮށް އަލުން ހުށަހެޅުމުގެ ހައްޤު އޮންނަ ގޮތަށް ދަޢުވާ އަނބުރާ ގެންދަން ޝަރޫ ލޯންޗުގެ ފަރާތުން އެދުމުން، ޝަރީޢަތުން އެ ފުރުސަތު ޝަރޫ ލޯންޗަށް ދީފައިވާއިރު، މިމައްސަލައަކީ މީގެ ކުރިން ކޯޓަށް ހުށަހެޅުނު މައްސަލައަކަށް ނުވެފައި، ޝަރޫ ލޯންޗުގެ ފަރާތުން ހަމައެކަނި ކުރިކަމަކީ އަލުން ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ދަޢުވާ އަނބުރާ ގެންދަން އެދުން ކަމަށްވާއިރު، މިޙާލަތުގައި ޝަރޫ ލޯންޗުގެ ފަރާތުން އިޖުރާއަތުގެ ބޭނުން ނަހަމަގޮތުގައި ހިފީ ކަމަށް ބެލެވޭނެ ތަނެއް ނެތެވެ.
HN6 ދަޢުވާ އިސްލާހުކޮށްފައި އަލުން ހުށަހެޅުމުގެ ޙައްޤު އޮންނަ ގޮތަށް މައްސަލައެއް ބާޠިލު ކޮށްދިނުމަށް ދަޢުވާ ކުރާ ފަރާތުން އެދުމުން، އެ އެދުނުގޮތަށް އެކަން ނިންމުމާއި، އެ އެދުނު ފަދައިން މައްސަލަ ނިންމައިދެވެން ނެތްކަމަށް ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤުދީރީ ބާރެކެވެ. ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރުގެ ދަށުން އެއްގޮތަށްވުރެ ގިނަ ގޮތްތަކެއް އިޚްތިޔާރު ކުރުމަށް ޖާގަ އޮންނަ ޙާލަތުގައި، އޭގެ ތެރެއިން ވަކިގޮތެއް ފަނޑިޔާރު އިޚްތިޔާރުކޮށް ނިންމާ ނިންމުމަކީ އުޞޫލެއްގެ ގޮތުން އިސްތިއުނާފު ކުރެވޭނެ ކަމެއް ކަމަށް ނުވިނަމަވެސް، އެ ނިންމުމުގައި ސާފުކޮށް ފެންނަން އޮތް ގޯހެއް އޮތްނަމަ، އެނިންމުން އިސްތިއުނާފު ކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި
ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/51 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-550/2008) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޝަރޫ ލޯންޗް" ކަމަށް ބުނެފައިވާ ކުންފުނި) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-0528/2010) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އެމް.ސީ.ބީ" ކަމަށް ބުނެފައިވާ ކުންފުނި) އެވެ.
2ޝަރޫ ލޯންޗުގެ ފަރާތުން އެމް.ސީ.ބީގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ، ޝަރޫ ލޯންޗާއި އެމް.ސީ.ބީއާ ދެމެދު ކުރެވިފައި އޮތް އެރޭންޖްމަންޓެއްގެ ދަށުން ޝަރޫ ލޯންޗްގެ ފަރާތުން އެކި ފަރާތްތަކަށް ދޫކުރި ކަމަށް ބުނާ ޗެކްތަކަކަށް އެމް.ސީ.ބީގެ ފަރާތުން ބޭންކް ގެރެންޓީ ދީ އެމް.ސީ.ބީ އިން އޮނަރ ކުރާނެ ކަމަށް އެއްބަސްވެފައިވާ ކަމަށް ބުނެ، އެފަދައިން އެމް.ސީ.ބީއިން ޢަމަލު ކޮށްފައި ނުވާތީ އާއި، އެ ޗެކްތަކަށް ފައިސާ ދޫކުރުމަށް އެމް.ސީ.ބީއިން އިންކާރު ކުރާ ކަމަށް ބުނެ، ގެރެންޓީ ދީފައިވާ އެންމެހައި ޗެކްތަކަށް ފައިސާ ދޫކުރުމަށާއި، ކޯޓަށް މައްސަލަ ހުށަހެޅުމަށް ޤާނޫނީ މަސައްކަތުގެ ފީގެ ގޮތުގައި ޚަރަދުވި ކަމަށް ބުނާ ފައިސާ ހޯދުމަށާއި، ކުންފުނީގެ ނަމަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް އެދި ހުށަހެޅި ދަޢުވާއެކެވެ. އެހެންނަމަވެސް، ސިވިލް ކޯޓުން އެ މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިން، އެ ހިނދަށް މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ، ދަޢުވާ ފޯމު ބާޠިލުކޮށް ދިނުމަށް ޝަރޫ ލޯންޗުގެ ފަރާތުން އެދުމުން، ދަޢުވާ ފޯމު އިޞްލާޙުކޮށް އަލުން ހުށަހަޅައިފިނަމަ، އެ މައްސަލަ އަލުން ބެލޭ ގޮތަށް މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
سވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔަގޮތް
3ޝަރޫ ލޯންޗުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ 31 ޖަނަވަރީ 2017 ގައެވެ. އެ މައްސަލަ ސިވިލް ކޯޓުން ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 576/Cv-C/2017 ޤަޝިއްޔާއިންނެވެ.
4މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީވުމަށް ފަހު، ސިވިލް ކޯޓުގެ ޑިސްޕީއުޓް ރިޒޮލިއުޝަން ޑިވިރަނަށް ފޮނުވުނެވެ. އެ ޑިވިޜަންގައި 09 ފެބުރުވަރީ 2017 ގައި އެ މައްސަލަ ހިންގާފައިވެއެވެ. އެހެންނަމަވެސް، ސުލްޙަވެރި ޙައްލެއް ހޯދޭނެ ކަމަށް ނުފެންނާތީ، ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް އެ ޑިވިޜަނުން އެ މައްސަލަ ޝަރީޢަތަށް ފޮނުވާފައިވެއެވެ.
5ޝަރީޢަތަށް މައްސަލަ ދިޔުމަށްފަހު މައްސަލައިގެ އަޑުއެހުމެއް އެންމެ ފުރަތަމަ ސިވިލް ކޯޓުގައި ބޭއްވުނީ 13 މާރިޗު 2017 ގައެވެ. ޝަރޫ ލޯންޗުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ކޯޓުގެ ވަގުތު ނަގާލުމުގެ ގޮތުން ހުށަހަޅާފައިވާ، ޤާނޫނީ އެއްވެސް ބުރަދަނެއް އަދި އަސާސެއް ނެތް މައްސަލައެއް ކަމަށާއި، އެ މައްސަލައަކީ ކޯޓުގައި ހިންގައިގެން ވާނެ މައްސަލައެއް ކަމަށް ނުފެންނަ ކަމަށް ބުނެ، މި އަޑުއެހުމުގައި އެމް.ސީ.ބީގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނަގާފައިވެއެވެ.
6މައްސަލައިގެ ދެވަނަ އަޑުއެހުމެއް ބޭއްވުނީ 20 މާރިޗު 2017 ގައެވެ. އެމް.ސީ.ބީގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއަށް ޝަރޫ ލޯންޗުގެ ފަރާތުން މި އަޑުއެހުމުގައި ޖަވާބުދާރީ ވެފައިވެއެވެ. އަދި، ދެން އޮންނަ އަޑުއެހުމެއްގައި އިޖުރާއީ ނުކުތާއާމެދު ގޮތެއް ނިންމާނެ ކަމަށް މައްސަލައިގައި ހިމެނޭ ދެ ފަރާތަށް މި އަޑުއެހުމުގައި އަންގާފައިވެއެވެ.
7މައްސަލައިގެ މައުޟޫޢުގައި ދެ ފަރާތުން ވާހަކަ ދެއްކުމެއްނެތި، އެމް.ސީ.ބީގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއަށް ގޮތެއް ނުނިންމޭނެ ކަމަށް 27 މާރިޗު 2017 ގައި ބޭއްވުނު މައްސަލައިގެ ތިންވަނަ އަޑުއެހުމުގައި ސިވިލް ކޯޓުން ނިންމާފައިވެއެވެ. އަދި، ދެން އޮންނަ އަޑުއެހުމެއްގައި މައްސަލައިގައި މައުޟޫޢީ ގޮތުން ޖަވާބުދާރީވުމަށް އެމް.ބީ.ސީއަށް މި އަޑުއެހުމުގައި ޝަރީޢަތުން އަންގާފައިވެއެވެ.
8ޝަރީޢަތުގެ އެންގުމާ އެއްގޮތަށް 31 މޭ 2017 ގައި ބޭއްވުނު މައްސަލައިގެ ހަތަރުވަނަ އަޑުއެހުމުގައި އެމް.ސީ.ބީގެ ފަރާތުން މައްސަލައިގެ މައުޟޫޢަށް ޖަވާބުދާރީ ވެފައިވެއެވެ. އަދި މި އަޑުއެހުން ނިންމާލިއިރު، ޝަރޫ ލޯންޗުގެ ފަރާތުން އެމް.ސީ.ބީގެ ޖަވާބާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައިވާކަން ލިޔެކިޔުންތަކުން އެނގެން ނެތެވެ.
9މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލު ކުރެވިފައި ވަނީ 19 ޖޫން 2017 އަށެވެ. އެހެންނަމަވެސް، ޝަރޫ ލޯންޗުގެ ފަރާތުން އެދުނު އެދުމަކާ ގުޅިގެން މި އަޑުއެހުން ކެންސަލް ކުރެވިފައިވެއެވެ.
10އެއަށްފަހު، 05 ޖުލައި 2017 ގައި މައްސަލައިގައި އަޑުއެހުމެއް ތަވާލުކުރުމުން ވެސް މައްސަލަ ހިންގިފައިނުވެއެވެ. އަދި، އެމް.ސީ.ބީގެ ފަރާތުން ހުށަހެޅި ބަޔާނަށް އިތުރު ބަޔާނެއް ހުށަހަޅަން ބޭނުންނުވާ ކަމަށް ޝަރޫ ލޯންޗުގެ ފަރާތުން ބުނެފައިވެއެވެ. އަދި، 17 ޖުލައި 2017 އަޑުއެހުމުގައި ދެން އޮންނާނީ ޚުލާޞާ ބަޔާން ހުށަހެޅުން ކަމަށް ދެ ފަރާތަށް އަންގާފައިވެއެވެ. 24 ޖުލައި 2017 ގައި ދެ ފަރާތުން ޚުލާޞާ ބަޔާން ހުށަހަޅާފައިވެއެވ.
11އޭގެ ފަހުން، ޙުކުމްކުރުމަށްޓަކައި 27 އޮގަސްޓު 2017 ގެ 10:00 އަށް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ދެ ފަރާތަށް ސިވިލް ކޯޓުން ހާޒިރުވުމުގެ އަމުރު ފޮނުވާފައިވެއެވެ. އެހެންނަމަވެސް، ޝަރޫ ލޯންޗު ތަމްސީލުކުރާ ފަރާތުގެ ބަލި ޙާލަތު ހުރިގޮތުން، އެ އަޑުއެހުން ކެންސަލްކޮށް ދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވެއެވެ. އަދި މައްސަލައާއި ގުޅޭ އިތުރު ކަންތައްތަކެއް ހޯދިފައިވާ ކަމަށް ބުނެ އިތުރު އަޑުއެހުމެއް ތާވާލުކޮށްދިނުމަށް ވެސް އެސިޓީގައި އެދިފައިވެއެވެ.
12އަދި، މައްސަލައާ ގުޅޭ އިތުރު ލިޔުންތަކެއް ލިބިފައިވާ ކަމަށް ބުނެ އެ ލިޔުންތަކާއެކު އިތުރު އެހެން ސިޓީއެއް ޝަރޫ ލޯންޗުގެ ފަރާތުން ސިވިލް ކޯޓަށް ފޮނުވާފައިވެއެވެ.
13މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން ބޭއްވިފައިވަނީ 24 ސެޕްޓެންބަރު 2017 ގައި އެވެ. މައްސަލައިގެ އަޑުއެހުންތައް ނިމުނު ފަހުން ޝަރޫ ލޯންޗުގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ޖަވާބުދާރީވުމަށް އެ އަޑުއެހުމުގައި އެމް.ސީ.ބީއަށް ކޯޓުން އަންގާފައިވެއެވެ. މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ ކަމަށް އިޢުލާން ކޮށްފައިވަނިކޮށް، އަދި ކުރިން މައްސަލައިގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ޝަރޫ ލޯންޗަށް ލިބި، އެ ފުރުޞަތު ދޫކޮށްލުމަށްފަހު، އައު ހެކި ހުށަހެޅުމުގެ ފުރުޞަތު ޝަރޫ ލޯންޗަށް ލިބޭނެކަމަށް ޤަބޫލުނުކުރާ ކަމަށާއި، ޝަރޫ ލޯންޗުގެ ފަރާތުން ހުށަހެޅި ލިޔުންތަކަކީ ފަހުން ލިބިފައިވާ ލިޔުންތަކެއް ކަމަށް ޝަރޫ ލޯންޗުގެ ފަރާތުން ބުނިނަމަވެސް، އެ ލިޔުންތަކަކީ އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު ވެސް ހުރި ލިޔުންތަކެއް ކަމުގައި ވާތީ، 27 އޮގަސްޓު 2017 ގައި ޝަރޫ ލޯންޗުގެ ފަރާތުން ހުށަހެޅި ސިޓީއާއި ލިޔުންތަކަކީ ޝަރީޢަތަށް ބަލައިގަނެވެން ނެތް ލިޔުންތަކެއް ކަމެއް ކަނޑައަޅައި ދިނުމަށް އެދި އެމް.ސީ.ބީގެ ފަރާތުން ދެވަނަ އިޖުރާއީ ނުކުތާއެއް މި އަޑުއެހުމުގައި ނަގާފައިވެއެވެ. އެމް.ސީ.ބީގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވުމަށް ފުރުޞަތެއް ދިނުމަށާއި، އިތުރު އަޑުއެހުމެއް އެހެން ދުވަހަކަށް ތަވާލުކޮށްދިނުމަށް ޝަރޫ ލޯންޗުގެ ފަރާތުން އެދުމުން، އެ ފުރުޞަތު ދިނުމަށް ޝަރީޢަތުން ނިންމާފައިވެއެވެ.
14އޭގެ ފަހުން، 28 ސެޕްޓެންބަރު 2017 އަށް އަޑުއެހުމެއް ތާވާލުކުރެވުނެވެ. އެހެންނަމަވެސް، އެ ހިނދަށް ދަޢުވާ ކުރިއަށް ގެންދަން ބޭނުންނުވާތީ، ދަޢުވާ ފޯމު އަލުން އިޞްލާޙުކޮށް އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނަ ގޮތަށް ދަޢުވާ ފޯމު ބާޠިލުކޮށް ދިނުމަށް އެދި އެ ދުވަހު ޝަރޫ ލޯންޗުގެ ފަރާތުން، ސިވިލް ކޯޓަށް ސިޓީ ފޮނުވާފައި ވެއެވެ.
15ޝަރޫ ލޯންޗުގެ ފަރާތުން ފޮނިވި ސިޓީއާ ޙަވާލާދީ، މައްސަލައިގެ ދަޢުވާ ފޯމު އިޞްލާޙުކޮށް އަލުން ހުށަހަޅައިފިނަމަ، އެ މައްސަލަ ބެލޭގޮތަށް، މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ. އަދި، ސިވިލް ކޯޓުގެ އެނިންމުން އެމް.ސީ.ބީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
16އެމް.ސީ.ބީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2018/HC-A/51 ޤަޟިއްޔާ އިންނެވެ.
17މައްސަލަ ނިންމަމުން ހައިކޯޓުން ބުނެފައިވަނީ، "މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މިއީ ޢަދުލު އިންސާފުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ގޮތުން ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެން އޮތަތީ، ސިވިލް ކޯޓުން މި ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި، އެމް.ސީ.ބީގެ މައްޗަށް ޝަރޫ ލޯންޗްގެ ފަރާތުން ކުޅަ ދަޢުވާގެ ދަޢުވާ ފޯމު އިޞްލާޙްކޮށްގެން އަލުން ހުށަހަޅައިފިނަމަ ބެލޭގޮތަށް ދަޢުވާ ފޯމު ބާޠިލްކޮށްފައި އޮތްއޮތުން ބާތިލުކޮށް، އެގޮތުގެ މަތީން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ." މިހެންނެވެ.
18ހައިކޯޓުން މި ނިންމުމަށް ވާސިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.
18.1. ޝަރޫ ލޯންޗްގެ ފަރާތުން މައްސަލައިގެ ދަޢުވާ ފޯމް ބާތިލުކުރުމަށް ކޯޓުގައި އެދުނީ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނިކޮށްކަން އެނގެން އޮތްއިރު، މި މައްސަލަ ބާތިލުކުރުމަށް އެދެނީ ދަޢުވާ އިސްލާޙުކޮށް އަލުން ހުށަހެޅުމުގެ ބޭނުމުގައި ކަމަށް ޝަރޫ ލޯންޗު ގެ ފަރާތުން ބުނެފައި ވީނަމަވެސް، ދަޢުވާފޯމުން އިސްލާޙު ކުރަން ބޭނުންވަނީ ކޮންކަމެއްކަން އަދި އެއީ ކޮން ސަބަބެއް މެދުވެރިގެން އިސްލާޙުކުރަން ބޭނުންވާ ކަމެއްކަން މި މައްސަލަ ދަށުކޯޓުގައި ބެއްލެވި ފަނޑިޔާރުގެ ސަމާލުކަމަށް މި މައްސަލައިގެ އެއްވެސް މަރުޙަލާއެއްގައި ޝަރޫ ލޯންޗުގެ ފަރާތުން ގެނެސްފައިވާކަން އެނގެން ނެތްކަން.
18.2. މި މައްސަލައަކީ، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގެ ކުރިން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަންގައި މައްސަލަ ހިންގާ ސުލްޙަވެރި ޙައްލެއް ނައުމުން ޝަރީޢަތަށް ފޮނުވުނު މައްސަލައެއްކަމާއި، މައްސަލައިގެ އަޑުއެހުންތައް ފެށުމުން ދަޢުވާގެ މައުސޫއުއަށް އެމް.ސީ.ބީގެ ފަރާތުން ޖަވާބުދާރީވެ އެފަރާތުން ބަޔާނެއް ހުށަހެޅިކަމާއި އެ ބަޔާނާ ގުޅިގެން އެއްވެސް ކަމެއް ޝަރޫ ލޯންޗުގެ ފަރާތުން އޭރު ފާހަގަކޮށްފައި ނެތްކަން.
18.3. މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން އިޢުލާނު ކުރިފަހުންވެސް ޝަރޫ ލޯންޗުގެ ފަރާތުން އެދިގެން އައު ފުރުސަތެއް ދެވި އިތުރު އަޑުއެހުމެއް ބޭއްވުނުއިރުވެސް ދަޢުވާފޯމްގެ އިސްލާޙާގުޅޭ ގޮތުން އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނެތްކަން.
18.4. މިހެންކަމުން، މި މައްސަލައިގައި ކަންހިނގާފައިވާ ކަމަށް ބުނެވުނު ގޮތުގެ މައްޗަށް ބެލުމުން މި މައްސަލައިގެ ދަޢުވާ ފޯމު އިސްލާޙުކޮށް އަލުން ކޯޓަށް ހުށަހެޅުމުގެ ހުއްދަ ޝަރޫ ލޯންޗަށް ދިނުމަކީ ނަހަމަ ގޮތުގައި ކޯޓުގެ ބޭނުން ހިފުމަށް ފުރުސަތު ދިނުންކަމުގައި ނޫނީ ނުވާނެކަމާއި އެފަދަ ފުރުސަތެއް ލިބޭގޮތަށް ކަންކުރުމަކީ މި މައްސަލައިގައި ދަޢުވާ ލިބުނު އެމް.ސީ.ބީގެ ޙައްޤުގައި ޢަދުލުވެރި އަދި އިންސާފުވެރިގޮތެއް ނޫންކަމެވެ.
19ހައިކޯޓުގެ ނިންމުން ޝަރޫ ލޯންޗުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
20ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ފެންނަ ނުކުތާތަކުގެ ގޮތުގައި ޝަރޫ ލޯންޗުގެ ފަރާތުން އަންނަނިވި ނުކުތާތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވ.
20.1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާއި، ހައިކޯޓުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވުން.
20.2 ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި، ޝަރީޢަތްކުރުމާއި ބެހޭ ޤަވާޢިދު 6 ގެ 18 ވަނަ މާއްދާގައި ބުނާފަދަ ޙާލަތެއް ވުޖޫދުވެފައި ނެތި ނިންމާފައިވާ ނިންމުމެއް ކަމުގައިވުން.
20.3 ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރުގައި ބުނާފަދަ ޙާލަތެއް ވުޖޫދުވެފައިނެތި ނިންމާފައިވާ ނިންމުމެއް ކަމުގައިވުމާއި، އަދި އެއަމުރު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުވުން.
20.4 މައްސަލައިގެ ނިންމުމަށް ވާސިލްވުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ބ) އާއި، އަދި 48 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ، އެމާއްދާތައް ތަޠުބީޤުކުރަން މަސައްކަތް ކޮށްފައިވަނީ އެ މާއްދާ ތަޠުބީޤު ކުރަންޖެހޭ މަޙައްލުން ބޭރުގައި ކަމަށްވުން.
20.5. މައްސަލައިގެ ނިންމުމަށް ވާސިލުވުމަށްޓަކައި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 91 ވަނަ މާއްދާއަށް ޤިޔާސްކޮށްފައިވާއިރު، މަދަނީ މައްސަލައެއްގެ އިޖުރާއީ ކަމަކަށް، ޖިނާއީ އިޖުރާއާތެއް ޤިޔާސްކުރުމަކީ ޖާއިޒްކަމެއް ކަމުގައި ނުވުން.
20.6. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަމްބަރ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވުން.
20.7. މައްސަލަ އަނބުރާ ގެންދިޔުމަށްފަހު އަލުން އެމައްސަލަ ހުށަހެޅުމާއިގުޅޭ ގޮތުން ރާއްޖޭގައި އެތަށްޒަމާނެއްވަންދެން ޢާންމުކޮށް ޢަމަލު ކުރެވެމުން އައިގޮތަށް ރިޢާޔަތްކޮށްފައި ނުވުން.
20.8. ދިވެހިރާއްޖޭގެ ޖުމްހޫރިޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ނަގަހައްޓަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތް ކޮށްފައި ނުވުން.
20.9. ދަށުކޯޓުން ބެލި މައްސަލައިގައި ދަޢުވާ އިސްލާޙުކޮށްފައި އަލުން ހުށަހެޅޭގޮތަށް ދަޢުވާ ފޯމް ބާޠިލްކޮށް ދިނުމަށް އެދުނު އެދުމާ ގުޅިގެން ދަށު ކޯޓުން އެގޮތަށް ނިންމުމުން ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާގެ ޙުދޫދުން ބޭރުވެ، މުޅި ދަޢުވާއަކީ ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހުށަހަޅާފައިވާ ދަޢުވާއެއް ކަމަށްބުނެ، ދަށު ކޯޓުގެ ނިންމުން ބާޠިލު ކުރުމަކީ އިންތިހާއަށް ބޭއިންސާފު ނަތީޖާއެއް ނުކުންނަ ކަމެއް ކަމުގައިވުން.
20.10. ފަނޑިޔާރަށް ލިބިފައިވާ ތަޤުދީރީ ބާރުގެ ދަށުން އެއްގޮތަށްވުރެ ގިނަ ގޮތްތަކެއް އިޚްތިޔާރު ކުރުމަށް ޖާގަ އޮންނަ ޙާލަތުގައި އޭގެ ތެރެއިން ވަކިގޮތެއް ފަނޑިޔާރު އިޚްތިޔާރުކޮށް ނިންމާ ނިންމުމަކީ އުސޫލެއްގެ ގޮތުން އިސްތިއުނާފު ނުކުރެވޭނެ ކަމެއް ކަމަށްވާއިރު، އަދި ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފަކީ ތަޤުދީރީ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި ގުޅޭ އިސްތިއުނާފެއް ކަމަށް ނުވާއިރު، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެނެސްފައިވުން. 4 ޤާނޫނު ނަންބަރު 12/2016 5 ޤާނޫނު ނަންބަރު 13/2010 ހައިކޯޓަށް ހުށަހަޅާފައި ނުވާ ނުކުތާއަކަށް ގޮތެއް ނިންމާފައިވާ ކަމަށް ބުނެފައިވުން
21ޝަރޫ ލޯންޗުގެ ފަރާތުން ބުނެފައިވަނީ، ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ބުނެ، ދަޢުވާ ފޯމު އިސްލާހުކޮށްގެން އަލުން ހުށަހަޅައިފިނަމަ ބެލޭގޮތަށް ދަށު ކޯޓުން ދަޢުވާ ފޯމު ބާޠިލްކޮށްފައި އޮތްއޮތުން ހައިކޯޓުން ބާޠިލް ކޮށްފައިވަނީ، އިސްތިއުނާފު ކޮށްފައި ނުވާ ނުކުތާއެއްގެ މައްޗަށް ކަމަށެވެ.
22އެމް.ސީ.ބީ އިން ހައިކޯޓަށް ހުށަހެޅި ހަމައެކަނި ނުކުތާއަކީ، ޝަރޫ ލޯންޗްއިން އެމް.ސީ.ބީގެ މައްޗަށް ހުށަހަޅައިގެން ސިވިލް ކޯޓުގެ ނަންބަރު 576/Cv-C/2017 ޤަޟިއްޔާއިން ބެލި މައްސަލައިގެ އަޑުއެހުންތައް ނިމި، ޙުކުމްކުރަން އޮތް ދުވަސް ކަމަށްވާ 28 ސެޕްޓެމްބަރ 2017 ގައި، އެ މައްސަލައިގެ ދަޢުވާފޯމް އިސްލާޙުކޮށްގެން އަލުން ހުށަހެޅުމުގެ ފުރުސަތު ލިބޭގޮތަށް ދަޢުވާ ފޯމް ބާޠިލު ކޮށްދިނުމަށް އެދި، ޝަރޫ ލޯންޗުން ފޮނުވި ސިޓީއަކާ ހަވާލާދީ، އެ މައްސަލައިގެ ދަޢުވާފޯމް އިސްލާޙުކޮށްގެން އަލުން ހުށަހަޅައިފި ނަމަ ބެލޭ ގޮތަށް، އެ ދަޢުވާ ބާޠިލްކުރައްވައި، ޙުކުމް ކުރެއްވުން، ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާ އާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރާ ޚިލާފަށްކަމަށް ޤަބޫލު ކުރެވޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.
23ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާ އާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންވެގެން ވަނީ "ޤަޟިއްޔާއެއްގައި ދަޢުވާކުރާ ފަރާތުން ދަޢުވާ ދޫކޮށްލައިފިނަމަ، އަލުން އެ ދަޢުވާއެއް ނުއުފުލޭނެއެވެ." މިހެންނެވެ.
24އެމް.ސީ.ބީ އިން ހައިކޯޓަށް ހުށަހެޅި ނުކުތާގައި ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރަކީ، ސުޕްރީމް ކޯޓަށް ރިވިއުއަށް ހުށަހެޅި، މިހާރު ހިނގަމުންދާ މައްސަލައެކެވެ. ސުޕްރީމް ކޯޓުން އެ އަމުރު ނެރުމުގެ ބޭނުމަކީ ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުން ނުވަތަ ކަނޑައެޅިފައި އޮންނަ އިޖުރާއާތުގެ ބޭނުން ނަހަމަގޮތުގައި ހިފުން ހުއްޓުވުންކަން އެ އަމުރުން އެގެން އެބައޮތެވެ. އެމް.ސީ.ބީ އިން އެ އަމުރާއި ހަވާލާދީފައި ވަނީ އެ ސަބަބާހުރެކަން އެފަރާތުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެގެއެވެ.
25އެމް.ސީ.ބީ އިން ހައިކޯޓަށް ހުށަހެޅި ނުކުތާގައި އިސްވެ ބުނެވިދިޔަ ގޮތަށް ބަޔާންވެގެން ވުމާއި، އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ގުޅޭގޮތުން އެމް.ސީ.ބީގެ ފަރާތުން ހައިކޯޓުގައި ވާހަކަ ދައްކާފައި ވާއިރު، ހައިކޯޓަށް ހުށަހެޅިފައި ނުވާ ނުކުތާއަކަށް ހައިކޯޓުން ގޮތެއް ނިންމީ ކަމަށް ބެލެވޭނެ ތަނެއް ނެތްކަން ފާހަގަކުރެވެއެވެ.
ދަޢުވާ އަނބުރާ ގެންދިޔުން
26HN1މަދަނީ މައްސަލައެއްގައި، އެ މައްސަލައިގެ ދަޢުވާ ވެރިޔަކީ ދަޢުވާކުރާ ފަރާތެވެ. އެފަރާތުން ބޭނުން ވަގުތަކު އެ ދަޢުވާގެ ބައެއް ނުވަތަ އެ ދަޢުވާ އެއްކޮށް އަނބުރާ ގެންދެވިދާނެއެވެ. ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލު ކުރަމުން އައިސްފައިވާ ގޮތަށް ބަލާއިރު، ދެ ގޮތަކަށް ދަޢުވާ އަނބުރާ ގެންދެއެވެ. ފުރަތަމަ ގޮތަކީ، އަލުން ހުށަނާޅާ ގޮތަށް މައްސަލަ އަނބުރާ ގެންދިޔުމެވެ. އަލުން ހުށަހަޅާނެކަން ދޭހަވާފަދަ ވާހަކައެއް ބަޔާން ނުކޮށް، ޝަރީޢަތް ހިނގަމުން ދަނިކޮށް މައްސަލަ އަނބުރާ ގެންދާ ޙާލަތުގައި އެ ދަޢުވާ އެއްކޮށް ދޫކޮށްލީ ކަމަށް ބެލެވެއެވެ. ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާ އާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ޤަޟިއްޔާއެއްގައި ދަޢުވާކުރާ ފަރާތުން ދަޢުވާ ދޫކޮށްލައިފިނަމަ، އަލުން އެދަޢުވާއެއް ނުއުފުލޭނެ ކަމަށެވެ.
27HN2ދެވަނަ ގޮތަކީ އަލުން ހުށަހަޅާނެކަން ބަޔާންކޮށް ދަޢުވާ އަނބުރާގެންދިޔުމެވެ. ދަޢުވާކުރާ ފަރާތުން ޝަރީޢަތުގައި ދޭބަޔާނަކުން ނުވަތަ ކޯޓަށް ފޮނުވާ ސިޓީއަކުން މިކަމަށް އެދެވެއެވެ. މި ކަމުގައި ޢަމަލު ކުރާނެ ލިޔެވިފައިވާ އުސޫލެއް މިހާތަނަށް ނެތެވެ. މަދަނީ މައްސަލަތަކުގައި ޢަމަލީ ގޮތުން ކަންކަން ދާގޮތަށް ބަލާއިރު، ޝަރީޢަތް ފެށުމަށްފަހު މިގޮތަށް މައްސަލަ އަނބުރާ ގެންދެވޭނީ ކޯޓުގެ ހުއްދަޔާއެކުއެވެ. މިގޮތަށް މައްސަލަ ބާޠިލު ކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން އެދުމުން، ހުށަހެޅޭ ސަބަބުތަކަށް ބަލައި، ޝަރީޢަތުން މައްސަލައިގެ ދަޢުވާ ފޯމް ބާޠިލުކުރެއެވެ.
28ދަޢުވާ އަނބުރާ ގެންދިޔުމާއި އެކަމުގައި ޢަމަލު ކުރާނެ އިޖުރާއާތު 2022 ވަނަ އަހަރުގެ ޖޫން މަހުގައި ރާއްޖޭގައި ޢަމަލުކުރަން ފަށާގޮތަށް އޮތް މަދަނީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ. މިމައްސަލައިގައި އެ ޤާނޫނު ތަޠުބީޤު ނުކުރެވުނު ނަމަވެސް، ކަން އޮތްގޮތް ބަލާލުމުގެ ގޮތުން އެ ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކަށް ބަލާލާނަމެވެ. މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 252 ވަނަ މާއްދާގައި ދަޢުވާ އަނބުރާ ގެނައުމުގެ ޙައްޤު ބަޔާންކުރަމުން އެ މާއްދާގައިވަނީ:
(ހ) ދަޢުވާކުރާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، އެފަރާތުން ކޮށްފައިވާ ދަޢުވާ އެކުގައި ނުވަތަ އެދަޢުވާއިން ބައެއް އަނބުރާ ގެންދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އަންނަނިވި ޙާލަތްތަކުގައި ދަޢުވާ ނުވަތަ ދަޢުވާގެ ބައެއް އަނބުރާ ގެނައުމަށްޓަކައި ކޯޓުގެ ހުއްދައެއް ހޯދަންވާނެއެވެ. (1) އެ ދަޢުވާއާ ގުޅިގެން ވަގުތީ އަމުރެއް ނެރެފައިވުން؛ (2) އެ ދަޢުވާއާ ގުޅިގެން ދަޢުވާގެ ޚަޞްމަކު ވަކި ކަމަކަށް ކޯޓުގައި އެއްބަސްވެފައިވުން؛ (3) ދަޢުވާ އަނބުރާ ގެންނަން ބޭނުންވާ ތާރީޚުގެ ކުރިއަށް އޮތް 1 (އެކެއް) މަސްދުވަހުގެ މުއްދަތުގައި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭވުމަށް ކަނޑައަޅާފައިވުން.
29ދަޢުވާ އަނބުރާ ގެނައުމަށް އެދޭނަމަ، އެކަމަށް އެދި ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އެ ހުށަހެޅުން އެހެން ޚަޞްމުންނަށް ކޯޓުން ފޯރުކޮށް ދޭންވާނެކަމަށް އެ ޤާނޫނުގެ 253 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. ދަޢުވާ އަނބުރާ ގެނައުމަށް ކޯޓުގެ ހުއްދަ ބޭނުން ނުވާ ޙާލަތުގައި އެކަމަށް އެދި ދަޢުވާކުރާ ހުށަހަޅާ ހުށަހެޅުން ދަޢުވާލިބޭ ފަރާތަށް ލިބޭ ތާރީޚުގައި ދަޢުވާ އަނބުރާ ގެނައީ ކަމުގައި ބެލެވޭނެ ކަމަށް އެ ޤާނޫނުގެ 255 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވެއެވެ. ދަޢުވާ އަނބުރާ ގެނައުމަށްފަހު އަލުން ހުށަހަޅާއިރު އެކަމަށްޓަކައި ކޯޓުގެ ހުއްދަ ހޯދަންޖެހޭ ދެ ޙާލަތެއް އެ ޤާނޫނުގެ 257 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އެ ދެ ޙާލަތަކީ؛ (1) ދަޢުވާ އަނބުރާ ގެނައީ ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ޖަވާބުދާރީ ވުމަށް ފަހުގައި ކަމަށްވުން؛ (2) އަލުން ހުށަހަޅަން ބޭނުންވާ ދަޢުވާ އެމައްޗަށް ބިނާވެފައިވާ ވާޤިޢާތަކާއި އަނބުރާ ގެނައި ދަޢުވާ ބިނާވެފައިވާ ވާޤިޢާތައް އެއްގޮތްވުން ނުވަތަ ދެ ދަޢުވާގެ ވާޤިޢާތަކަކީ ދާދި އެއްގޮތް ވާޤިޢާތަކަކަށްވުން.
30ދަޢުވާ އަނބުރާ ގެންދިޔުމުގައި އެހެން ޤައުމުތަކުގައި ޢަމަލު ކުރާ ގޮތަށް ބަލާލާނަމެވެ. އިނގިރޭސި ވިލާތުގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، މައްސަލަ އަނބުރާ ގެންދިޔުމުގެ ޙައްޤު ޙުކުމް ކުރުމާ ހަމަޔަށް ކޮންމެ ވަގުތެއްގައި ވެސް ދަޢުވާކުރާ ފަރާތަށް އޮވެއެވެ. ރާއްޖޭގެ މަދަނީ އިޖުރާއާތުގައި ވާފަދައިން، މައްސަލާގެ ބައެއް ނުވަތަ މުޅި ދަޢުވާ އަނބުރާ ގެންދިޔުމުގައި ކޯޓުގެ ހުއްދަލިބިގެން އެކަން ކުރެވޭނެ ޙާލަތްތަކެއް އިނގިރޭސިވިލާތުގެ "ދަ ސިވިލް ޕްރޮސީޖަރ ރޫލްސް 1998" ގެ 38.2 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. ކްއީންސްލޭންޑްގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، ދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން ހުށަހަޅާ ފުރަތަމަ ބަޔާނަށްފަހު ކޯޓުގެ ހުއްދަޔާއެކު ނުވަތަ ދަޢުވާލިބޭ ފަރާތުގެ ރުހުމާއެކު ދަޢުވާ އަނބުރާ ގެންދިޔުމުގެ އިޚްތިޔާރު ދަޢުވާކުރާ ފަރާތަށް ލިބިގެންވާ ކަމަށް ކްއީންސްލޭންޑްގެ "ޔުނިފޯމް ސިވިލް ޕްރޮސީޖަރ ރޫލްސް 1999" ގެ 304 ގެ (2) ވަނަ ނަމްބަރުގައި ބަޔާންވެގެންވެއެވެ.
31HN3މަދަނީ މައްސަލަތަކުގައި ދަޢުވާ އަނބުރާ ގެންދިޔުމަކީ ދަޢުވާކުރާ ފަރާތަށް ލިބިގެންވާ ޙައްޤެކެވެ. ދަޢުވާކުރާ ފަރާތުން ދަޢުވާ ކުރިއަށް ގެންދަން ބޭނުން ނުވާނަމަ، އެ ދަޢުވާގެ ޝަރީޢަތް ކުރިއަށް ގެންދިޔުމަކީ ކޯޓަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަލުން ހުށަނާޅާ ގޮތަށް ދަޢުވާ އަނބުރާ ގެންދިޔުމުގެ މުޠުލަޤު ޙައްޤު މައްސަލައިގެ ހުކުމް ކުރުމާ ހަމަޔަށް ވެސް ދަޢުވާކުރާ ފަރާތަށް އަބަދުވެސް އޮންނާނެއެވެ. ޤައިދުތަކެއް އަންނަނީ އަލުން ހުށަހަޅާ ގޮތަށް އަނބުރާ ގެންދިޔުމުގައެވެ. ކޯޓުގެ ހުއްދަޔާއެކު އެކަން ކުރެވޭ ގޮތަށް އޮންނަނީ ދަޢުވާ ރައްދުވާ ފަރާތުގެ ޙައްޤުތައް ހިމާޔަތް ކުރުމަށެވެ. ޢަދުލު އިންސާފަށް ހުރަސް އެޅުނަ ނުދިނުމަށެވެ. މައްސަލަ އަނބުރާ ގެންދެވޭ ގޮތަށް އޮންނަ އިޖުރާއާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުމަށެވެ. އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން (Abuse of Process)
32HN4އިޖުރާއަތަކީ ކަންކުރާ މަގެވެ. އެކަމެއް ކުރުމަށް ކަނޑައެޅިފައިވާ ގޮތެވެ. މައްސަލަ އަނބުރާ ގެންދިޔުމުގެ އިޖުރާއަތަކީ މައްސަލަ އަނބުރާ ގެންދިޔުމުގައި ޢަމަލު ކުރަންޖެހޭ ކަމަށް ކަމާއިބެހޭ އުސޫލުގައި ކަނޑައަޅާފައިވާ ގޮތެވެ. މިގޮތުން އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ އިޖުރާއަތަށް ޢަމަލު ކުރުމުގައި އިންސާފުން އެއްކިބައިވުމެވެ. އެކަމުގައި އެކަށީގެން ނުވާގޮތަށް ޢަމަލު ކުރުމެވެ. އިދިކޮޅު ފަރާތަށް ބޭއިންސާފު ލިބޭ ގޮތަށް ޢަމަލުކުރުމެވެ.
33HN5މި މައްސަލައިގައި ދަށު ކޯޓުގައި ޝަރީޢަތުގެ އަޑުއެހުން ނިމިގެން ޙުކުމްކުރަން ތާވަލް ކޮށްފައިވަނިކޮށް، އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ދަޢުވާ އަނބުރާ ގެންދަން ފުރުސަތު ދިނުމަށް ޝަރޫ ލޯންޗުގެ ފަރާތުން ޝަރީޢަތުގައި އެދުނެވެ. ޝަރޫ ލޯންޗުގެ ފަރާތުން އެދުނު ގޮތަށް އަލުން ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ދަޢުވާ އަނބުރާ ގެންދަން އެފަރާތަށް ޝަރީޢަތުން ފުރުސަތު ދިނެވެ. ޝަރޫ ލޯންޗުގެ ފަރާތުން އެގޮތަށް އެދުނު ނަމަވެސް އެކަމުގައި ގޮތެއް ނިންމާނީ ފަނޑިޔާރެވެ. މިމައްސަލައަކީ މީގެ ކުރިން ކޯޓަށް ހުށަހެޅުނު މައްސަލައަކަށް ނުވެފައި، ޝަރޫ ލޯންޗުގެ ފަރާތުން ހަމައެކަނި ކުރިކަމަކީ އަލުން ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ދަޢުވާ އަނބުރާ ގެންދަން އެފަރާތުން އެދުން ކަމަށްވާއިރު، މިޙާލަތުގައި ޝަރޫ ލޯންޗުގެ ފަރާތުން އިޖުރާއަތުގެ ބޭނުން ނަހަމަގޮތުގައި ހިފީ ކަމަށް ބެލެވޭނެ ތަނެއް ނެތްކަން ފާހަގަކުރެވެއެވެ.
34HN6ދަޢުވާ އިސްލާހުކޮށްފައި އަލުން ހުށަހެޅުމުގެ ޙައްޤު އޮންނަ ގޮތަށް މައްސަލައެއް ބާޠިލު ކޮށްދިނުމަށް ދަޢުވާ ކުރާ ފަރާތުން އެދުމުން، އެ އެދުނުގޮތަށް އެކަން ނިންމުމާއި، އެ އެދުނު ފަދައިން މައްސަލަ ނިންމައިދެވެން ނެތްކަމަށް ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤުދީރީ ބާރެކެވެ. ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރުގެ ދަށުން އެއްގޮތަށްވުރެ ގިނަ ގޮތްތަކެއް އިޚްތިޔާރު ކުރުމަށް ޖާގަ އޮންނަ ޙާލަތުގައި، އޭގެ ތެރެއިން ވަކިގޮތެއް ފަނޑިޔާރު އިޚްތިޔާރުކޮށް ނިންމާ ނިންމުމަކީ އުޞޫލެއްގެ ގޮތުން އިސްތިއުނާފު ކުރެވޭނެ ކަމެއް ކަމަށް ނުވިނަމަވެސް، އެ ނިންމުމުގައި ސާފުކޮށް ފެންނަން އޮތް ގޯހެއް އޮތްނަމަ، އެނިންމުން އިސްތިއުނާފު ކުރެވޭނެއެވެ.
35ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރުގެ ދަށުން ފަނޑިޔާރު ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ބުނެ އެމް.ސީ.ބީ އިން ހައިކޯޓަށް ހުށަހަޅާފައި ނުވާކަމަށާއި، އެކަމަކީ އެމް.ސީ.ބީ އިން ހައިކޯޓަށް ހުށަހެޅި ނުކުތާގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށް ޝަރޫ ލޯންޗުގެ ފަރާތުން ބުނެފައިވެއެވެ. އެމް.ސީ.ބީ އިން ހައިކޯޓަށް ހުށަހެޅި ނުކުތާގައި ބުނެފައިވަނީ ދަށުކޯޓުގެ ނިންމުން، ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރާ ޚިލާފު ކަމަށެވެ.
36ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ ދަޢުވާކުރާ ފަރާތުން ދަޢުވާ ދޫކޮށްލައިފިނަމަ، އަލުން އެ ދަޢުވާއެއް ނުއުފުލޭނެ ކަމަށެވެ. މި މައްސަލައިގައި ޝަރޫ ލޯންޗުގެ ފަރާތުން މައްސަލަ ދޫކޮށްލީ ކަމަށް ބެލެވޭނެ ތަނެއް ނެތްކަން ފާހަގަ ކުރެވެއެވެ. މި ރައުޔުގެ 24 ވަނަ ޕެރެގެރާފުގައި ބަޔާންވެގެންވާ ފަދައިން، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/08 ކޯޓު އަމުރާއި އެމް.ސީ.ބީ އިން ޙަވާލާދީފައިވަނީ އިޖުރާއާތުގެ ބޭނުން ނަހަމަގޮތުގައި ހިފިކަން ބަޔާންކުރަންކަމަށް އެފަރާތުން ބުނެފައިވާއިރު، މިރައުޔުގެ 33 ވަނަ ޕެރެގެރާފުގައި ބަޔާންވެގެންވާ ފަދައިން، ޝަރޫ ލޯންޗުގެ ފަރާތުން ކުރި ޢަމަލަކީ އިޖުރާއާތުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ޢަމަލެއް ކަމަށް އެޙާލަތުގައި ބެލެވޭނެ ތަނެއް ނެތްކަން ފާހަގަކުރެވެއެވެ. މި ދެކަމުގެ އިތުރުން އިތުރު ކަމެއް އެމް.ސީ.ބީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާގައި ހިމެނިފައި ނުވެއެވެ. މިގޮތުން ހައިކޯޓުން ބަލާފައިވާ ނުކުތާއަކީ ތަޤްދީރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ޙާލަތެއް އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާއަކަށް ނުވާތީ އެއީ މިކޯޓުން ގޮތެއް ނިންމޭނޭ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.
އެހެނިހެން ކަންކަން
37ސިވިލް ކޯޓުގެ ނަންބަރު 576/Cv-C/2017 ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މިއީ ޢަދުލު އިންސާފުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ގޮތުން ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެން އޮތްކަމަށް ހައިކޯޓުގެ ޙުކުމުގައި ބަޔާންވެގެން ވެއެވެ. މިވާހަކައަކީ މައްސަލައިގެ ނިންމުމަށް ވާސިލުވުމަށްޓަކައި ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމާއި ތަޢާރުޟްވާ ވާހަކައެކެވެ. މިމައްސަލައަކީ މީގެކުރިން ހުށަހެޅުނު މައްސަލައަކަށް ނުވެފައި، ޝަރީޢަތުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އެގޮތަށް ބެލެވޭނެ ޙާލަތެއް ނެތްކަން ފާހަގަކުރެވެއެވެ.
38އަލުން ހުށަހެޅޭ ގޮތަށް ދަޢުވާފޯމް ބާޠިލު ކޮށްދިނުމަށް ޝަރޫ ލޯންޗުގެ ފަރާތުން އެދުމުން، ދަށު ކޯޓުން ވަނީ އެފަރާތުން އެދުނު ފަދައިން އަލުން ހުށަހެޅުމުގެ ފުރުސަތު ލިބޭގޮތަށް ދަޢުވާ ފޯމް ބާޠިލުކޮށްފައެވެ. ދަށު ކޯޓުގެ އެނިންމުން ހައިކޯޓުން ވަނީ ބާޠިލުކޮށްފައެވެ. ޝަރޫ ލޯންޗުގެ ފަރާތުން ހުށަހެޅި މައްސަލަގެ މައުޟޫޢަށް ގޮތެއް ނިމިފައި ނުވާއިރު، ހައިކޯޓުގެ ނިންމުމުގެ ނަތީޖާއަކީ އެ މައްސަލަ އަލުން ހުށަހެޅުމުގެ ދޮރު އެއްކޮށް ބަންދުވެ، މައްސަލައިގެ މައުޟޫޢަށް ގޮތެއް ނުނިމި އޮތުމެވެ. މިއީ ޝަރޫ ލޯންޗަށް ގެންލިގެންދާ ވަރަށް ބޮޑު ހަގެއް ކަމަށާއި އެއީ އެފަރާތަށް ލިބިގެންދާ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އެފަރާތުން ބުނެފައިވެއެވެ.
39މައްސަލައިގެ ނިންމުމަށް ވާސިލުވުމަށްޓަކައި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 91 ވަނަ މާއްދާއަށް ޤިޔާސްކޮށްފައިވާ ކަމަށް ޝަރޫ ލޯންޗުގެ ފަރާތުން ބުނެފައިވާއިރު، އެމާއްދާގައި ބަޔާންވެގެންވަނީ ޖިނާއީ މައްސަލަތަކުގައި މައްސަލަ އަނބުރާ ގެންދާ އިޖުރާއާތު ކަމާއި، ހައިކޯޓުން އެމާއްދާގެ ވާހަކަ ބަޔާންކޮށްފައިވަނީ މިސާލެއްގެ ގޮތުގައިކަން ދޭހަވާކަމާއި، ހުއްޖަތެއްގެ ގޮތުގައި ބޭނުންކުރި ކަމަށް ބެލެވޭނެ ތަނެއް ނެތްކަމެވެ.
ނިންމުން
40ސިވިލް ކޯޓުގެ ނަންބަރު 576/Cv-C/2017 ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގެ އަޑުއެހުން ނިމިފައިވަނިކޮށް އަލުން ހުށަހެޅުމުގެ ހައްޤު އޮންނަ ގޮތަށް ދަޢުވާ އަނބުރާ ގެންދަން ޝަރޫ ލޯންޗުގެ ފަރާތުން އެދުމުން، ޝަރީޢަތުން އެ ފުރުސަތު ޝަރޫ ލޯންޗަށް ދީފައިވާއިރު، މިމައްސަލައަކީ މީގެ ކުރިން ކޯޓަށް ހުށަހެޅުނު މައްސަލައަކަށް ނުވެފައި، ޝަރޫ ލޯންޗުގެ ފަރާތުން ހަމައެކަނި ކުރިކަމަކީ އަލުން ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ދަޢުވާ އަނބުރާ ގެންދަން އެދުން ކަމަށްވާއިރު، މިޙާލަތުގައި ޝަރޫ ލޯންޗުގެ ފަރާތުން އިޖުރާއަތުގެ ބޭނުން ނަހަމަގޮތުގައި ހިފީ ކަމަށް ބެލެވޭނެ ތަނެއް ނެތެވެ.
41ކަން މިހެން އޮތްއިރު، ހައިކޯޓުގެ ނިންމުމުގެ ނަތީޖާއަކީ މައްސަލައިގެ މައުޟޫޢަށް ގޮތެއް ނިންމޭނެ ދޮރު ބަންދުވުން ކަމަށްވެފައި، އެއީ އިންސާފުވެރި ގޮތެއް ކަމަށް ނުވާތީ، މި މައްސަލަ އަލުން ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޝަރޫ ލޯންޗަށް ލިބެންޖެހެއެވެ. މިގޮތުން ހައިކޯޓުގެ ނަންބަރު 2018/HC-A/51 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަން ޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
42މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
43މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/51 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ނުވާތީ، ހައިކޯޓުގެ ނަންބަރު 2018/HC-A/51 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ބާޠިލުކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 81/78
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 81/78
- ޤާނޫނު ނަންބަރު 81/78
- ޤާނޫނު ނަންބަރު 81/78
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 32/2021
- https://www.legislation.gov.uk/uksi/1998/3132/contents/made
- https://www.legislation.qld.gov.au/view/pdf/inforce/current/sl-1999-0111
- (General Electric Co. v. Joiner, 522 U.S. 136 (1997))
- ޤާނޫނު ނަންބަރު 81/78
- ޤާނޫނު ނަންބަރު 81/78
- ޤާނޫނު ނަންބަރު 12/2016
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 81/78 (ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- General Electric Co. v. Joiner, 522 U.S. 136 (1997)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.