ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު މާލިކު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޙުކުމް އިއްވުން
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 38 2022/SC-A/71 ޝަރީޢަތް ނިމުނުގޮތް ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު މާލިކު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 03 އޮކްޓޫބަރު 2023 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2022/HC-A/25 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މުޙައްމަދު މާލިކު، ދޯޅަނބުގެ، ހއ. ކެލާ ޖުޑީޝަލް ސަރވިސް ކޮމިޝަން ޤާނޫނީ ވަކީލު: ޙުސްނީ މުބާރިކް،
އެމިކަސް ކިއުރިއޭ އެލް.އެލް.ޕީ ވަކީލް: ފަތުޙުﷲ އިސްމާޢީލް،
ސީ.ޓީ.އެލް ސްޓްރެޓެޖީސް
ވަޒީފާއާބެހޭ – ވަޒީފާއިން ވަކިކުރުން – އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރުން ފިހުރިސްތު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް 1
ތަޢާރަފް 1
ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ 1
ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމިގޮތް 4
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް 5
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް 8
އިސްތިއުނާފު ކުރުމުގެ އޮޅިގަނޑު ގިރާކުރުން 8
އުޞޫލު ތަޠުބީޤުކުރުން 10
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 12
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 13
ޙުކުމް 13
` ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު މާލިކު [2023] SC 38 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) ތަޢާރަފް
1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/25 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ދެކި އެ ޤަޟިއްޔާ ޖުޑީޝަލް ސަރވިސް ކޮމިޝަން (މީގެ ފަހުން "ޖުޑީޝަލް ސަރވިސް ކޮމިޝަން" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން، ހއ. ކެލާ، ދޯޅަނބުގެ، މުޙައްމަދު މާލިކު، މީގެ ފަހުން "މުޙައްމަދު މާލިކު" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/71 ޤަޟިއްޔާ އިންނެވެ.
2. މި އިސްތިއުނާފުގައި އޮތީ އިޖުރާއީ ސުވާލެކެވެ. މި ސުވާލު ބިނާވަނީ އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައި ގަނެފައި ނުވާތީވެ އެކަމުގެ މައްޗަށެވެ.
ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ
3. މުޙައްމަދު މާލިކު 15 ޑިސެންބަރު 2013 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދިޔައީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކޯޓު މާސްޓަރގެ މަގާމު ގައެވެ.
4. މުޙައްމަދު މާލިކު މި ވަޒީފާ އަދާކުރަމުން ދިޔައިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ މުވައްޒަފަކާ މެދު ޖިސްމާނީ ޖިންސީ ފުރައްސާރައިގެ ޢަމަލެއް 25 ސެޕްޓެންބަރު 2019 ގައި ހިންގި ކަމަށް ބުނެ އެ މުވައްޒަފުގެ ފަރާތުން އެ މައްސަލަ ބަލައިދިނުމަށް އެދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ1 ދަށުން އެ ކޯޓުގައި އެކުލަވާލާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް
26 ސެޕްޓެންބަރު 2019 ގައި ހުށަހެޅިއެވެ.
5. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް ހުށަހެޅުނު ޝަކުވާ ތަޙްޤީޤުކޮށް ވަކި ގޮތަކަށް ނިމެންދެން ކޯޓަށް ނުކުތުން މަނާކޮށް 08 އޮކްޓޫބަރު 2019 ގައި މުޙައްމަދު މާލިކު އަށް ލިޔުމުން އަންގާފައި ވެއެވެ.2
6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ފަދައިން ތަޙްޤީޤު ކުރުމުގައި ޖިނާއީ ކުށްތައް ފަދައިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާފަދަ ހެއްކާއި ޤަރީނާ ނެތް ކަމުގައި ވިޔަސް އެ ޢަމަލު ހިންގިކަމަށް ބޮޑަށް ބުރަވެވޭފަދަ ހެއްކާއި ޤަރީނާ ހުރުމުން، ޖިންސީ ފުރައްސާރައިގެ ޢަމަލެއް ހިންގިކަމަށް ސާބިތުވާތީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 22 ވަނަ މައްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މުޙައްމަދު މާލިކު އަށް އެފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެ ލިޔުމުން އިންޒާރު ދިނުމަށެވެ.3
7. އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން މުޙައްމަދު މާލިކު އަށް ލިޔުމުން އިންޒާރުދީ އެފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް 22 އޮކްޓޫބަރު 2019 ގައި އޭނާ އަށް އެންގުނެވެ.4
8. މުޙައްމަދު މާލިކު އަށް އެޅިފައިވާ ފިޔަވަޅު ތަކާއި އެ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކޮށްފައިވާ އިޖުރާއަތުތަކާއި ނިންމުން ތަކަކީ ޤާނޫނީ ގޮތުން ބާޠިލު ނިންމުން ތަކެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި މުޙައްމަދު މާލިކުގެ ފަރާތުން 08 ޑިސެންބަރު 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައި ވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 274/VTR/2019 މައްސަލަ އިންނެވެ. މި މައްސަލަ ނިމިފައި ވަނީ މުޙައްމަދު މާލިކާ އެއް ކޮޅަށެވެ. އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގާފައި ނުވާ ކަމަށް ބުރަވެވޭތީވެ، އޭނާގެ މައްޗަށް އެޅުނު ފިޔަވަޅުތައް ބާޠިލު ކޮށްފައި ވެއެވެ.5 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި ނިންމުން އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވެއެވެ.
9. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 274/VTR/2019 މައްސަލަ ހިނގަމުން ދަނިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މުޙައްމަދު މާލިކުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ދެވަނަ ފަހަރަށް ބަލަން ފަށައި، 23 އޮކްޓޫބަރު 2019 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަކިގޮތަކަށް އަންގަންދެން ވަޒީފާ އަށް ނުކުތުން މުޙައްމަދު މާލިކަށް މަނާ ކުރިއެވެ.6
10. އެއަށްފަހު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައްސަލަ ބެލުމަށްފަހު، މުޙައްމަދު މާލިކުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގިކަން ސާބިތުވާ ކަމަށް ނިންމައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 216 ވަނަ މާއްދާގެ (ރ) އަދި، އެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ 17 އަދި 18 ވަނަ ނަންބަރާއި، 213 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރަށް ރިއާޔަތްކޮށް، އަދި އެ ގަވާއިދުގެ 93 ވަނަ މާއްދާ އާ ޙަވާލާދީ މުޙައްމަދު މާލިކު ވަޒީފާއިން ވަކިކޮށްފައި ވާކަން މުޙައްމަދު މާލިކު އަށް އެންގިއެވެ.7
11. މުޙައްމަދު މާލިކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ދެވަނަ މައްސަލަ އެއް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް އޭނާ ހުށަހެޅިއެވެ. މި މައްސަލަ އަށް އެ ޓްރައިބިއުނަލް އިން ދީފައިވާ ނަންބަރަކީ 111/VTR/2020 އެވެ. މިއީ، ކުރިމަތީ ގައި މި އޮތް މައްސަލައިގައި ދަށު މަރުޙަލާގެ ނިންމުމެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމިގޮތް
12. މުޙައްމަދު މާލިކު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އާ ޚިލާފަށް ކަމަށް ކަނޑައަޅައި، މުޙައްމަދު މާލިކު އަދާކުރަމުންދިޔަ ވަޒީފާ އިއާދަކޮށް ދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށް އަމުރުކުރާ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި ޢިނާޔަތްތައް ލިބިދިނުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަން އަށް ރައްދުވާ ގޮތަށް މުޙައްމަދު މާލިކުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅިއެވެ.
13. ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މި މައްސަލަ ނިންމުމުގައި ބަޔާންކޮށްފައި ވަނީ، މުޙައްމަދު މާލިކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫއީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް ބުރަވެވެން ނެތަތީ، މުޙައްމަދު މާލިކު ވަޒީފާއިން ވަކިކުރި ކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް އެއްވެސް ސަބަބެއް ނެތި ކަމަށެވެ. އަދި މުޙައްމަދު މާލިކު އަދާކުރަމުން ދިޔަ މަޤާމަށް ނުވަތަ އެ ފެންވަރުގެ މަޤާމަކަށް އެ ފަރާތް އަނބުރާ ރުޖޫޢަ ކުރުމަށާއި، މުޙައްމަދު މާލިކު އަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށާއި، މުޙައްމަދު މާލިކު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އެ ފަރާތް ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރަ އާއި ޢިނާޔަތްތަކަށްވާ ފައިސާ 11 އޮގަސްޓު 2021 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި މުޙައްމަދު މާލިކު އަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ލިޔުމުން އެންގުމަށް ނިންމައެވެ.
14. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި ނިންމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
15. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 111/VTR/2020 މައްސަލައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2022/HC-A/25 ޤަޟިއްޔާ އިންނެވެ.
16. ދިވެހިރާއްޖޭގެ ހައިކޯޓަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ހުށަހެޅި އިސްތިއުނާފީ ނުކުތާ އަކީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މުވައްޒަފަށް ޙައްޤުތަކެއް ލިބިދީފައިވުމަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން މުވައްޒަފަށް ލިބިދީފައިވާ ޙައްޤުތަކަށް އުނިކަމެއް އަންނަ ކަމެއް ކަމުގައި ޤާނޫނުގައި ކަނޑައަޅާފައިނުވާ ކަމާއި، އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް އެހެން ހުރި ކަމުގައިވިޔަސް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގައި ހުރި އިޖުރާއަތުތަކަށް ޤާނޫނު ވުޖޫދުވާ ހިސާބުން ޢަމަލު ނުކުރެވޭނެކަން ޤާނޫނުގައި ބަޔާންކޮށްފައި ނުވާއިރު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން މުޙައްމަދު މާލިކުގެ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ނުބެލޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ. މިކަމުގެ ތަފުސީލުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އިން އަންނަނިވި ކަންކަމަށް އިޝާރާތް ކޮށްފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާ އާއި 26 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، އެ މައްސަލަ އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ނުބެލޭނެ މައްސަލައެއް ކަމުގައި ކަނޑައަޅައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމުގައި ކަނޑައަޅާފައި ވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ތަޞްދީޤު ކުރެވުނުއިރު، އެހެން ޤާނޫނު ތަކާއި ގަވާއިދު ތަކުގައި ބަޔާންކޮށްފައިވާ، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި ގުޅުންހުރި އިޖުރާއަތުތައް ބާޠިލުވެގެން ދާނެކަން އަދި މުވައްޒަފުންނަށާއި ވަޒީފާދޭ ފަރާތަށް ލިބިދީފައިވާ ޙައްޤުތައް ނެތިގެންދާނެކަން ޤާނޫނުގައި ކަނޑައަޅާފައި ނުވާއިރު، އެ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތިކަން.
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ތަޙްޤީޤުކޮށްފައި ވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން ކަމާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މުވައްޒަފަށް ޙައްޤުތަކެއް ލިބިދީފައި ވުމަކީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން މުވައްޒަފަށް ލިބިދީފައިވާ ޙައްޤުތަކަށް އުނިކަމެއް އަންނަ ކަމެއް ކަމުގައި ނުދެކޭ ކަމަށާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް އެހެން ހުރި ކަމުގައިވިޔަސް، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގައި ހުރި އިޖުރާއަތުތަކަށް ޤާނޫނު ވުޖޫދުވާ ހިސާބުން ޢަމަލުނުކުރެވޭނެ ކަން ދޭހަވާފަދަ އެއްވެސް މާއްދާ އެއް އެ ޤާނޫނުގައި ނުވާއިރު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގައި ހުރި އިޖުރާއަތުތަކަށް ޢަމަލު ނުކުރެވެންވީ ސަބަބެއް އޮތް ކަމަށްވެސް ނުދެކޭ ކަން.
17. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައެވެ. މި ނަތީޖާ އަށް ވާސިލުވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.
(ހ) އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާ އަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ނިންމުން ގޯސްވި ޤާނޫނީ އަދި ޝަރުޢީ އުޞޫލަކީ ކޮބައިކަން އިސްތިއުނާފު ކުރާ ފަރާތަށް ބުނެދެވިފައި ވާކަން އެނގެން ނެތް ކަމާއި އަދި އިސްތިއުނާފީ ފޯމުގައި ވެސް އަދި ޝަރީޢަތުގެ އަޑުއެހުމުގައި ވެސް އިސްތިއުނާފުކުރާ ފަރާތަށް އެ ފަރާތުން އުފައްދަން މަސައްކަތްކުރި ބަހުސް ޤާނޫނީ ޙުއްޖަތްތަކާއެކު ސާފުކޮށްދެވިފައި ނުވާކަން.
(ށ) ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގައި ހުރި އިޖުރާއަތުތަކަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ވުޖޫދުވާ ހިސާބުން ޢަމަލުނުކުރެވޭނެ ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާއިރު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ނުބެލޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީ ނަމަވެސް، އެކަމުގައި އޮތް ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާކަން.
(ނ) ޤާނޫނީ މަސްދަރުތަކަށް ބަލާއިރު، ޤާނޫނަކީ ގަވާއިދަށް ވުރެ ތަރުތީބުގެ ގޮތުން އިސްކަންދެވޭ މަސްދަރަކަށްވީ ނަމަވެސް، ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ގޮތުގައި ހުއްޓައި، މި ޙާލަތުގައި ގަވާއިދަށް އިސްކަންދޭންޖެހޭ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމުގައި، އެ ހަމައަށް ވާސިލުވާ ޤާނޫނީ ޙުއްޖަތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނެތަތީ، މި އިސްތިއުނާފީ ދަޢުވާ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ މިންގަނޑަށް ވާސިލުވެފައި އޮތް ކަމަށް ބެލެވޭނެ ހަމައެއް ނެތަތީ، އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަން.
18. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމާ ވިދިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް
19. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/25 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ މިންގަނޑަށް ވާޞިލުވެފައި އޮތް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް8 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމުގައެވެ.
20. މުޙައްމަދު މާލިކުގެ ފަރާތުން މި މައްސަލައި ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތް ކަމުގައެވެ.
އިސްތިއުނާފު ކުރުމުގެ އޮޅިގަނޑު ގިރާކުރުން
21. ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި އިސްތިއުނާފު ހުށަހަޅަމުން ފާހަގަކޮށްފައި ވަނީ އިސްތިއުނާފީ އެންމެ ނުކުތާ އެކެވެ.
22. މިގޮތުން ފާހަގަ ކުރާ ކަމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އެ ކޯޓަށް ބަލައިގަނެފައި ނުވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް9 މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފަށް ކަމަށެވެ.
23. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ10 43 ވަނަ މާއްދާގައި ބުނާ ގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލަތައް ނުވަތަ ޓްރައިބިއުނަލް އަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނީ މައިގަނޑު ދެ ޙާލަތެއް މެދުވެރިވެފައި އޮތް ނަމައެވެ. އެއީ؛
(ހ) އިސްތިއުނާފު ކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ގަބޫލުކުރެވޭ ސަބަބު ތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން އަދި،
(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އިޖުރާއީ އައިބެއްގެ ސަބަބުން ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.11
މިއެވެ.
24. މަތީގައި ބަޔާންކޮށްފައިވާ ދެޙާލަތު އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް12 މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ތަފުސީލު ކޮށްދީ ބަޔާންކޮށްދީފައިވަނީ އަންނަނިވި ފަދައިންނެވެ.
"... މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ..."
25. ވުމާއެކު، އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމުގެ އޮޅިގަނޑު ގިރާކުރެވޭނީ މައްސަލަ އެއްގައި އޮތް ޤާނޫނީ ބަހުސުގެ މައްޗަށް ބިނާކޮށެވެ. އިސްތިއުނާފު ކުރެވޭ މައްސަލަ އެއްގައި އޮތް ޤާނޫނީ ނުކުތާ ތަފުސީލު ތަކާއެކު ހުށަހަޅައި އިސްތިއުނާފެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަންނަންޖެހޭ ސަބަބުތައް ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ޙަވާލާދެވި ސާފުކޮށް ދިނުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާ އެކެވެ.
26. އިސްތިއުނާފު ކުރުމުގެ ހުއްދަ ކޯޓުން ދޭން ވާނީ، ހަމައެކަނި އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަ ދިނުމުގެ އޮޅިގަނޑު ގިރާކުރެވޭ މައްސަލަ ތަކުގައި އެކަންޏެވެ. އިސްތިއުނާފު ކުރުމަށް އިސްތިއުނާފީ ކޯޓުގެ ހުއްދަ ހޯދަން އޮންނަ އޮތުމަކީ، އަދުލު އިންސާފު ގާއިމުކުރަން ލިބިފައިވާ މަދު ވަސީލަތްތައް، މެރިޓެއް ނެތް މައްސަލަތައް ބަލައި އިސްރާފުވެގެން ނުދާނޭގޮތް ހެދުމުގެ ބޭނުމުގައި ޤާނޫނުން ހަމަޖައްސާފައި އޮންނަ އޮތުމެކެވެ.13
އުޞޫލު ތަޠުބީޤުކުރުން
27. އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ޚުލާސާ އަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މުވައްޒަފަށް ޙައްޤުތަކެއް ލިބިދީފައި ވުމަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން މުވައްޒަފަށް ލިބިދީފައިވާ ޙައްޤުތަކަށް އުނިކަމެއް އަންނަ ކަމެއް ކަމުގައި ޤާނޫނުގައި ކަނޑައަޅާފައިނުވާ ކަމާއި، އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް އެހެން ހުރިކަމުގައި ވިޔަސް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގައި ހުރި އިޖުރާއަތުތަކަށް ޤާނޫނު ވުޖޫދުވާ ހިސާބުން ޢަމަލު ނުކުރެވޭނެކަން ޤާނޫނުގައި ބަޔާންކޮށްފައި ނުވާތީ، އާންމު ސުލޫކީ ޝަކުވާ އެއްގެ ގޮތުގައި، މުވައްޒަފުންނަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ޢަމަލުތަކުގައި ފިޔަވަޅު އެޅުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް އޮންނާނެ ކަމުގައެވެ.
28. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނެއް14 ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ތަކާއި އުޞޫލުތައް ހެދުމުގެ ބާރު އެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ދީފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށެވެ. ޤާނޫނަކުން ވަކި ފަރާތަކަށް ގަވާއިދު ހެދުމުގެ ބާރުދީފައި ވާނަމަ، އެ ނޫން ފަރާތަކުން އެ ބާރު ބޭނުންކޮށް ގަވާއިދު ހެދުމުގެ އިޚްތިޔާރެއް ނޯންނާނެ އެވެ.
29. ނަތީޖާއެއްގެ ގޮތުން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 216 ވަނަ މާއްދާ ގައި ގޯނާކުރުމުގެ ވައްތަރުތައް ބަޔާންކުރާއިރު މުވައްޒަފުންނަށް ޖިންސީ ގޯނާކުރުން ހިމެނި އެ ގަވާއިދުގެ 217 ވަނަ މާއްދާ ގައި ޖިންސީ ގޯނާކުރުން މާނަ ކޮށްދީ، އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ގަވާއިދުގެ ދަށުން މުވައްޒަފުންނަށް ދީފައި އޮތް ކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހުން ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމާގުޅޭ ޚާއްސަ ޤާނޫނެއް ހަދައި ޢަމަލު ކުރަން ފެށުމާއެކު އެ ޤާނޫނު ތަންފީޒުކުރުމަށް ހުރަހަކަށްވާ ގޮތަށް ހުރި ކުރިން ޢަމަލު ކުރަމުން ދިޔަ އެހެނިހެން އުޞޫލުތައް ނިމުމަކަށް އަންނާނެކަން އެނގޭ ހިނދު، މި ޢާންމު ހަމަޔާ ޚިލާފަށް ޤާނޫނީ ގޮތުން ދެކޮޅުޖެހޭ ބަހުސެއް އުފަންވުމަކީ ވަރަށް ނާދިރު ކަމެކެވެ.
30. ކަން މިހެން އޮތުމުން، އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ އާއި އަދި އެ ނުކުތާ ހުށަހަޅަމުން ތަފުސީލެއް، ޤާނޫނީ ދަލީލެއް ނުވަތަ ބުރުހާނެއް ނެތި ދައްކާފައިވާ ވާހަކަ ތަކަށް ބަލައި، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފަދައިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް އަންގާނެ ތަނެއް އޮތް ކަމަށް އަހުރެންނަށް އިޤްތިނާޢު ނުވެއެވެ.
31. އިސްވެ ބުނެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ސަބަބެއް ފާހަގަ ކުރެވިފައި ނުވެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
32. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އަދި އިތުރަށް އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
33. މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު މާލިކުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު އެންމެ ފުރަތަމަ ތަޙްޤީޤުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޤާއިމުވެފައި އޮންނަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އިންނެވެ. ޝަކުވާ އެ ކޮމިޓީ އަށް ހުށަހެޅީ މުޙައްމަދު މާލިކުގެ ފަރާތުން ފުރައްސާރައިގެ ޝިކާރައަކަށް ވީކަމަށް ބުނާ މުވައްޒަފެވެ. މި މައްސަލަ ތަޙްޤީޤު ކުރުމަށްފަހު އެ ކޮމިޓީއިން ނިންމީ ޖިންސީ ފުރައްސާކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މުޙައްމަދު މާލިކު ޖިންސީ ފުރައްސާކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގާފައިވާ ކަމަށް ފެންނަ ކަމަށް ކަނޑައަޅައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް މުޙައްމަދު މާލިކު އަށް ނަސޭޙަތްދީ ލިޔުމުން އިންޒާރު ދިނުމަށެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު މާލިކުގެ މައްޗަށް އެޅި ފިޔަވަޅުތައް ބާޠިލުކޮށް ދިނުމަށް އެދި ޖިންސީ ފުރައްސާކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް އޭނާ ހުށަހެޅިއެވެ. މި މައްސަލަ ޓްރައިބިއުނަލްއިން ބަލައި ނިމިފައި ވަނީ މުޙައްމަދު މާލިކު އާ އެއްކޮޅަށެވެ. ޓްރައިބިއުނަލްގެ މި ނިންމުން އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވާތީ، މުޙައްމަދު މާލިކުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައާއި ގޯނާކުރުމުގެ ތުހުމަތު ތަކުން އޭނާ ބަރީއަވެފައިވާ ކަމުގެ ނިހާއީ ނިންމުމެއް އެބައޮތެވެ.
34. އިސްވެ ބުނެވުނު މައްސަލަ ޓްރައިބިއުނަލް ގައި ކުރިއަށް ދަނިކޮށް، ފުރައްސާރައިގެ ޝިކާރައަކަށް ވީކަމަށް ބުނާ މުވައްޒަފު، ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮންނަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ޝަކުވާ، މުޙައްމަދު މާލިކު އާ ދެކޮޅަށް ދެވަނަ ފަހަރަކަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ހުށަހެޅިއެވެ. މި މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލާފައި ވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން ޢާންމު ސުލޫކީ މައްސަލައެއްގެ ގޮތުގައި ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމާފައި ވަނީ، ކުރެވުނު ޝަކުވާގެ މައްޗަށް ބިނާކޮށް މުޙައްމަދު މާލިކު ވަޒީފާއިން ވަކިކުރުމަށެވެ. އެ ޑިޕާޓްމަންޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު މާލިކު މި މައްސަލަ ވެސް ފަހުން ޓްރައިބިއުނަލް އަށް ހުށަހެޅިއެވެ. ކުރިމަތީގައި މި އޮތީ، އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުން ބަލައި ނުގަތް މައްސަލަ އެވެ.
35. މުޙައްމަދު މާލިކުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ތުހުމަތު ތަކުން އޭނާ ބަރީއަވެފައިވާ ކަމަށް ނިހާއީ ނިންމުމެއް އޮއްވައި، އެ ނިންމުމަށް ބަދަލު އަންނާނެ ފަދައިން އެއްވެސް މައްސަލައެއް ކުރިއަށް ގެންދިއުމަކީ ރެސްޖުޑިކާޓާގެ އުޞޫލު މަނާކުރާ ކަމެކެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
36. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތަށް ހުރުމާއެކު، މި މައްސަލަ އިސްތިއުނާފު ކުރަމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 2022/HC-A/25ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު މުޙައްމަދު އިބްރާހީމް ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
1 ޤާނޫނު ނަންބަރު 16/2014
2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ކޯޓު/އިދާރާއަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން ނަންބަރު 95-A/(VS)2019/01 (08 އޮކްޓޫބަރު 2019)
3 ދިވެހިރާއްޖޭގެ ހައިކޯޓުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނަންބަރު 03/2019 (15 އޮކްޓޫބަރު 2019)
4ދިވެހިރާއްޖޭގެ ހައިކޯޓުގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ، ލިޔުމުންދޭ އިންޒާރު ނަންބަރު
(OTHR)95-A/INDIV/2019/509 (22 އޮކްޓޫބަރު 2019)
5 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 274/VTR/2019 މައްސަލަ
6 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-A/INDIV/2018/510 (23 އޮކްޓޫބަރު 2019) ސިޓީ
7 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު (2)DJA/2020/40 (04 މާރިޗު 2020) ޗިޓު އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (WV)-95-A/INDIV/2020/4 (04 މާރިޗު 2020) ޗިޓު
8 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ޤަޟިއްޔާ
9 އބމ
10 ޤާނޫނު ނަންބަރު 2010/22
11 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި އިޖުރާއީ އައިބުގެ ގޮތުގައި ހިމެނެނީ އަންނަނިވި ކަންކަމެވެ.
(ހ) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން.
(ށ) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިޔަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން.
(ނ) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.
(ރ) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން.
12 ފުޓް ނޯޓު 8
13 އބމ
14 ފުޓްނޯޓު 1
2022/SC-A/71 [2023] SC 38
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.